އިންތިޒާރު 10
ކޮއްކޮގެ ރައްޓެއްސަކަށް ހިތް ކިޔައިފިކަން ދުޖާނާ ގާތުގައި ހާމަކުރަން ކެރޭނީވެސް ކިހިނެއްހެއްޔެވެ؟
ލޫތު އޭނާއަށް ހަމަޖެހިފައިވާ ތަނަވަސް ކެބިންގައި އިން އިރު ޚިޔާލުގައިވަނީ މުޅިންވެސް އެހެންކަންކަމެވެ. ދެފަހަރަކު މަލާ އާއި ބައްދަލުވުމުން އުއްމީދުތައް އާލާވެ ހުވަފެންދެކެން ފެށިއްޖެއެވެ. އޭނާ އެކޭ ލޯބި ހޯދަން އުޅޭ “ޓީނޭޖް” ކުއްޖެކޭ ތަފާތެއް ނެތޭ ހިތަށް އެރުމުން ލޫތުއަށް އަމިއްލަ ނަފްސަށް ހީލެވުނެވެ. ދުބާއީ ދޫކޮށް އެންމެ ހިނދުކޮޅަކަށްވެސް ދާން ބޭނުންނުވާތީ ރާއްޖޭގައި އޮތް މީޓިންގއަކަށް ލޫތު އެޓެންޑް ވީ ވީޑިއޯ ކޯލް އަކުންނެވެ. މަލާ އާއި ބައްދަލުވުމަށްފަހު ދުރަށް ދާން ބޭނުންނުވާތީއެވެ. އެގޮތަށް މީޓިންގ ކުރިއަށް ގެންދިޔުމުން އެކި މީހުންގެ ފަރާތުން ލޫތުއަށް ސުވާލު އަމާޒުވިއެވެ. ދުބާއީއަށް ދިރިއުޅުން ބަދަލުކުރީތޯއެވެ. އިތުރު ކައިވެންޏެއް ކުރީތޯއެވެ. ނަމަވެސް ލޫތު އެސުވާލުތަކަށް ޖަވާބެއް ނުދެއެވެ. އޭނަގެ ހިތާމަވެރި ހަޔާތާއި ދިމާވަމުންދާ ކަންތައްތައް އެހެން މީހުނާއި ހިއްސާކުރާހާ ހިތްވަރެއްނެތީއެވެ.
މަލާގެ މައުލޫމާތުތައް ހޯދުމަށް ލޫތު ވަރަށް މަސައްކަތް ކުރިއެވެ. އެެންމެފަހުން މަލާ މެނޭޖަރުކަން ކުރަމުންދާ ފިހާރަޔާ ބެހޭގޮތުން އޮޅުން ފިލުވައިލިއިރު ދުބާއީގެ ނަން މަޝްހޫރު ކުންފުންޏެއްގެ ފިހާރައެއްކަން އެނގުނެވެ. އެހެންކަމުން އެހާ ބޮޑު ކުންފުންޏަކުން ވަކި މުވައްޒަފެއްގެ ޒާތީ މައުލޫމާތު ހޯދުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެއެވެ.
ޖަންނަތު މާ ބޮޑަށް ބޮލުގައި ރިއްސައި ބަލިވާން ފެށުމުން ދުޖާނާ އާއި އެކު ޑަކްޓަރަށް ދައްކަން ދިޔުމުން ޓެސްޓްތަކެއް ހަނދާލާފައި ބުނީ މާ ބޮޑު މައްސަލައެއް ނޫޅޭކަމުގައެވެ. އެކްސިޑެންޓްގައި ހަނދާންނެތިފައިވާ ދުވަސްތައް ހަނދާންކުރުމަށް އަމިއްލަ ނަފްސަށް މަޖުބޫރުނުކުރުމަށް ނަސޭހަތްތެރިވިއެވެ. ހަސްފަތާލުން ގެއަށް އައި މަގުމަތީގައިވެސް ދުޖާނާއަށް ވިސްނެމުން ދިޔައީ ޖަންނަތުގެ ބައްޔާއި މެދުއެވެ. ގަދަކަމުން ހަނދާންތައް ގެނެއުމަށް ޖަންނަތު މަސައްކަތް ކުރަނީ ބާއެވެ؟ އެހެންކަމަށް ވަންޏާ ޖަންނަތުގެ ހާލު ބޮޑުވެދާނެއެވެ. ޖަންނަތު ގޭގައި ހުރެ މާބޮޑަށް ފޫހިވެދާނެތީ އާއިލީ ވިޔަފާރީގައި ބައިވެރިކުރިއެވެ. ނަމަވެސް ދުޖާނާއަށް ބިރު ހީވެއްޖެއެވެ. މިހާރު ބޭނުންވަނީ އަބަދުވެސް އޭނާއަށް ފެންނަ ހިސާބުގައި ޖަންނަތު ހުރުމަށެވެ. އެހެންކަމުން ދުޖާނާ އެދުނީ އެދުވަހަށްފަހު ޖަންނަތު ވަޒީފާއަށް ނުނިކުތުމަށެވެ.
ދުވަސްތަކަކަށްފަހު ދުޖާނާ ޢުމްރާ ދަތުރަކަށް ފުރީ ޖަންނަތު ގޮވައިގެންނެވެ. އައްޔާޝް އާއި ލުޢައްޔުގެ ކެއުމުގެ ކަންތައް ހަމަޖައްސާނެގޮތުގެ އިރުޝާދު ނޯކަރުންނަށް ދީފައެވެ. ދަރިން ދޫކޮށްލާފައި ދުޖާނާ ކުރާ ހަމައެކަނި ދަތުރަކީ މިއީ އެވެ. ދެއަހަރުން އެއް އަހަރު ކަހަލަ ގޮތަކަށް އުމްރާ ދަތުރެއް ކޮށްލުމަކީ ދުޖާނާގެ އާދައެކެވެ.
ދުޖާނާގެ ދަރިންގެ ތެރެއިން ރޯޔަލްގައި ދިރިއުޅެނީ ހަމައެކަނި އައްޔާޝް އާއި އާލިޝްއެވެ. ދޮށްޓަށް ހުންނަ އައްޔޫބް އާއި އަޒުރާހް އުޅެނީ ކައިވެނީކޮށްގެން ވަކިން ގެއެއްގައެވެ. އެއީ ތުރާބްގެ ފަރާތުން އެކުދިންނަށް ދިން ކައިވެނީގެ ހަދިޔާއެވެ. ދުރުގައި އުޅުނަސް ހަފްތާގެ ހުކުރު ދުވަހުގައި އެމީހުންގެ އަނބިންނާއި އެކީ “ރޯޔަލް”ގައި ވަގުތު ހޭދަކުރެއެވެ. އެހެންކަމުން ދުޖާނާއާއި ހުރިހާ ދަރިންގެ މެދުގައި އުފެދިފައިވާ ޚާއްސަ ގުޅުމަށް ހީނަރުކަމެއްނާދެއެވެ.
ދުޖާނާ ފުރުމުން ލުޢައްޔުގެ ހުރިހާ ކަމަކާއި ހަވާލުވާން ޖެހުނީ ގޭގައި ކަމެއްނެތިފައި ހުންނަ އައްޔާޝްއަށެވެ. އެހެންކަމުން ލޫތު އާއި އެކު ކޮފީއަކަށް އެރިޔަސް އޭނާ ދަނީ ލުޢައްޔު ގޮވައިގެންނެވެ. ލޫތުވެސް ލިބޭ ހުސްވަގުތުތަކުގައި އެގެއަށް ގިނައިން ދާން ފެށީ ލުޢައްޔުގެވެސް އެދުމާއެކުގައެވެ. ލުޢައްޔު އާއި ލޫތު “ރޯޔަލް”ގެ ޓެރެސްގައި ގޭމް ކުޅުމުގައި ވަޤުތުތައް ހޭދަކުރަން ފެށިއެވެ. ދޭތެރެއަކުން ލުޢައްޔުގެ ފިލާވަޅުތައް ހެދުމުގައިވެސް އެހީވެއެވެ. ކުޑަ ދުވަސްކޮޅެއްގައި ދެމީހުންގެ ގުޅުން ވަރަށް ވަރުގަދަވެ ލޫތުގެ ހިތުގައި ލުޢައްޔުއަށް ފުން ލޯތްބެއް އަށަގަތެވެ. އައްޔާޝްގެ ކަމަކީ ދުޖާނާ އޭނާއަށް ޙިޔާރުކުރި އަންހެންކުދިންގެ ފޮޓޯތައް ބަލައި ފާނޑުކިޔުމެވެ. އޭނާގެ މަންމައަށް އޭނާގެ ޓޭސްޓް ނޭނގޭކަމަށާއި އެކަމަށް މޮޅު ވާނީ ދައްތަކަމުގައި ބުނުމުން ލޫތު ޝަޢުޤުވެރިވިއެވެ. އައްޔާޝް އަބަދުވެސް ދައްތައަކު ހުންނަ ވާހަކަ ދައްކައެވެ. އަދި ލުޢައްޔު އަކީ އެ ދައްތަގެ ކުއްޖާކަންވެސް ލޫތުއަށް ވަނީ އެނގިފައެވެ. ނަމަވެސް ދުޖާނާގެ އިތުުރުން އެހެން އަންހެނަކު އެގެއިން ލޫތުއަށް ފެނިފައެއް ނުވެއެވެ. އައްޔާޝް ވާނީ ލޫތުގެ ބޮޑުބޭބެއަށް ތާއެވެ. އެހެންވިޔަސް އެދެމީހުންގެ ސިފަތައް ވަރަށް ތަފާތެވެ. ދުޖާނާ އާއި ލުޢައްޔުގެ ވެސް ވައްތަރު ގޮތެއް ނެތެވެ. އެހެންކަމުން ލުޢައްޔު ވައްތަރީ އޭނާގެ ބައްޕައާއި ކަން ޔަޤީނެވެ. ލުޢައްޔުއަށް ދިހަ އަހަރުގައިވެސް ހުންނަނީ ނިކަން ސްމާރޓްކޮށެވެ. ލުޢައްޔު ފެންނަ ކޮންމެ ފަހަރަކު ލޫތުގެ ކުޑައިރުގެ ހަނދާންތައް އޭނާ އާވެއެެވެ.
ލޫތު ދޭތެރެއަކުން ލުޢައްޔު ގޮވައިގެން ބޭރަށްވެސް ގޮސް ހަދަން ފެށިއެވެ. ލުޢައްޔުގެ އެދުމަށް ސުކޫލަށް ލުޢައްޔު ބަލާވެސް ދާންފެށިއެވެ. އައްޔާޝް ހުންނަނީ ލޫތުއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ހުރިހާ ކަމެއް ލޫތު އަތްމައްޗަށް ދޫކޮށްލައިގެނެވެ. ކުޑަކުއްޖަކު ބެލުމަކީ އޭނަ ހީކުރި ވަރަށްވުރެ ބުރަކަމަކަށްވެފައި ލޫތު އަމިއްލައަށް ‘ވޮލަންޓިއަރ’ ކުރުމުން އޭނާއަށްވެސް ފަސޭހަތަކެއްވީމައެވެ. ލުޢައްޔުވެސް ހުންނަނީ އެހާ ހިތްހަމަ ޖެހިގެނެވެ. ލުޢައްޔުގެ ބައެއް ވާހަކަތަކުން ލޫތުއަށް އެނގުނީ ކުޑައިރުއްސުރެވެސް ބައްޕައެއްގެ ލޯބިނުލިބޭ ކުއްޖެއްކަމެވެ. އެކުއްޖާގެ ބައްޕައަކީ ކާކުކަންވެސް ނޭނގެއެވެ. އެވާހަކަތައް އަޑުއިވި ލޫތުއަށް ފުން އަސަރުތަކެއް ކުރުވިއެެވެ. ބޮޑުވަމުން އަންނަ ކުއްޖަކަށް މަންމަގެ ލޯބި ބޭނުންވާ ފަދައިން ބައްޕައެއްގެ ލޯބިވެސް މުހިންމެވެ.
އުމްރާގެ ދަތުރުން އެނބުރި އައިއިރު ޖަންނަތު ހުރީ ނިޤާބު އަޅައި މޫނު ނިވާކޮށްގެނެވެ. އެއީ ދުޖާނާވެސް ބޭނުންވެގެން ޖަންނަތު ޚިޔާރުކުރިގޮތެވެ.
ގޭތެރެއަށް ވަދެ ޖަންނަތު ފުރަތަމަވެސް ބޭނުންވީ ދަރިފުޅު ލުޢައްޔު އާއި ބައްދަލުކުރާށެވެ. އެދަރިފުޅާއި ވަކިން ކުރި ފުރަތަމަ ދަތުރަށްވުމުން ޖަންނަތު ހުރީ ހިތްނުތަނަސްވެފައެވެ. އެކި ތަންތަން ހޯދަމުން ގޮސް ޓެރެސްއަށް އެރިއިރު ލުޢައްޔު އާއި ޒުވާނަކު ގޭމް ކުޅެން ތިއްބެވެ. ޒުވާނާ ފުރަގަހުން ފެނުމާއެކުވެސް ޖަންނަތުގެ ހިތް އަވަސްވިއެވެ. އެއީ ކާކުކަން އޭނާގެ ނުކިޔަމަންތެރި ހިތް ދެނެގަތެވެ. އެލެވޭޓަރ ހުޅުވުނު އަޑަށް ޒުވާނާ އެނބުރިލި ވަގުތު ލެއްޕެމުން ދިޔަ އެލެވޭޓަރު ތެރެއަށް ޖަންނަތު އަވަހަށް ދެމިގަތެވެ. އެލެވޭޓާގެ ދޮރު ލެއްޕުނުއިރުވެސް ޖަންނަތު ހުރީ އިސްޖަހާލިގޮތަށެވެ.
ލުޢައްޔު އާއި އެކު ގޭމް ކުޅެންހުރެފައި ލޫތު ފަހަތަށް ބަލާލީ އަޑެއް އިވުމުންނެވެ. ފަހަތަށް ބަލާލިއިރު އެލެވޭޓަރގެ ދޮރު ލެއްޕެމުން ދިޔައިރު ނިޤާބް އަޅައިގެން އަންހެންކުއްޖަކު އެތެރޭގައި ހުރުމުން ލޫތު ޚައިރާންވިއެވެ. ކުޑަކޮށް ވިސްނާލަނިކޮށް އެއީ ލުޢައްޔުގެ މަންމަކަން ޔަޤީންވިއެވެ. އިތުރު އަންހެނަކު އެގޭގައެއް ނޫޅެއެވެ. އެހެންވީމަ ލުޢައްޔުގެ މަންމަ އުޅެނީ ނިޤާބް އަޅައިގެން ތާއެވެ.
ޖަންނަތު ދިރިއުޅޭބަޔަށް އެލެވޭޓަރ ހުއްޓުމާއެކު އަވަސް ހިނގުމެއްގައި އޭނާގެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. އެ ފްލޯރއަކީ ޖަންނަތު އާއި ލުޢައްޔުއަށް އެކަނި ޚާއްސަކޮށްގެން ދުޖާނާގެ ޚާއްސަ ޑިޒައިނަރުން ލައްވާ ފަރުމާކޮށްފައިވާ ފްލޯރއެކެވެ. އެބައިގައިވަނީ ޖަންނަތުއަށް ބޮޑު ކޮޓަރިއަކާއި ލުޢައްޔުގެ “ޓޭސްޓް” އާއި އެއްގޮތަށް ލުޢައްޔުއަށް ޚާއްސަ ކޮޓަރިއަކާއި ގެސްޓް ރޫމްއެކެވެ. ތިން ކޮޓަރި ކުރިމަތީގައިވާ ބޮޑު ހުސްތަނުގައި މުށި ކުލައިގެ ބޯ ދޫލައެއް އަޅާފައި ހުދު ކުލައިގެ ފަސްވަރަކަށް މީހުނަށް އިށީންދެވޭވަރުގެ ސޯފާއެއް ހުއްޓެވެ. ގޭގެ އެހެން ބައިތަކަށް ވުރެ ސާދާކޮށް ފަރުމާކުރެވުފައި ވާއިރުވެސް ޝާހީގޮތްގަނޑު ކެޑިގެން ނުދެއެވެ.
މަލާ އެންމެފަހުން ފެނުނު ދުވަހު ހިނގި ހާދިސާއަށްފަހު މަހެއް ފާއިތުވެގެން ދިޔައިރު ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތުތަށް ލޫތު ހޭދަކުރީ މޯލްގައެވެ. މަލާ އާއި ވާހަކަ ދައްކަން ގަދަ އަޒުމެއްގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

