އިންތިޒާރު 9
މަލާ ލޫތުއަށް ބަލާލީ ސިހިފައެވެ. އެންމެ މިނިޓެއްވެސް ބޭކާރުކޮށްލަން ބޭނުންނުވެފައި ހުރި ލޫތުގެ ދުލުގައި ތަޅެއް ލެވުނުކަހަލައެވެ. އެހާ ދުވަސްކޮށްލާފައި އެހާ ގާތުން މަލާ ފެނުމުން ބަލަން ހުރެވުނީއެވެ.
އެހެންވިޔަސް މަލާގެ މޫނުމަތިން ފެންނަނީ އިންތިހާއަށް ޚައިރާންކަމެވެ.
“ކޯއްޗެއް ތި ހޯދާލަނީ؟” ކުރެވެމުން ދިޔަ އިހްސާސްތައް ފޮރުވަމުން މަލާ އާދައިގެ ގޮތަކަށް އަހާލުމާއެކު ކައުންޓަރާއި ދިމާލުން ބާރު އަޑެއް އިވިފައި ހަޅޭކުގެ އަޑު އިވުނެވެ. ދެމީހުންގެ ނަޒަރު ކައުންޓަރާއި ދިމާލަށް ހުއްޓުނުއިރު މަލާގެ މުވައްޒަފުންގެ ތެރެއިން އެކަކު ވެއްޓިފައި އޮތްތަން ފެނުނެވެ. ދުވެލާފައި ކަހަލަ ގޮތަކަށް މަލާއަށް އެހިސާބަށް ދެވުނުއިރު ދެތިން ކަސްޓަމަރަކާއި މުވައްޒަފަކު އޭނާއަށް އެހީތެރިވުމުގައި އުޅެއެވެ. މަލާއަކީ އޭނާގެ މުވައްޒަފުންގެ ކަންތައް ވަރަށް ގާތުން ބަލާ ވެރިއެއްކަމުން ހޭނެތިފައި އޮތް އަންހެންކުއްޖާގެ ހާލަތު ވަރަށް އަވަހަށް ދެނެގަތެވެ. ނިކަމެތި އާއިލާއަކަށް ނިސްބަތްވާ އެ އަންހެންކުއްޖާއަކީ ގޭތެރޭގެ ޙަރަދުތައް ބެލެހެއްޓުމަށް ތިން ވަޒީފާއެއް އަދާ ކުރަމުން ދާ ބުރަކޮށް އުޅޭ ކުއްޖެކެވެ. އެތަނުން މީހަކު އެމްބިއުލޭންސްއަށް ގުޅުމުން މާ ގިނަ އިރުތަކެއްނުވެ މޯލްކައިރިއަށް އެމްބިއުލޭންސް އައިއިރު އަންހެންކުއްޖާ ހޭ އަރައިފިއެވެ. އެހެންވީ މާ ބުރަކޮށް އުޅުމުންކަން މަލާގެ ސިކުނޑި ވަގުތުން ދެނެގަތެވެ. އެހެންކަމުން މަލާ ބޭނުންވީ ހޮސްޕިޓަލަށް ގެންގޮސް އޭނާގެ ޙަރަދުގައި ޗެކްއަޕެއް ހަދުވައި އަރާމުކުރުމަށް ވަގުތުދޭންށެވެ.
މަލާ އޭނާގެ މުވައްޒަފު ގާތްކޮށްލައިގެން އެމްބިއުލޭންސްއަށް އެރިއިރު ލޫތު ހުރީ ދުރުގައި ބަލަންށެވެ. އެމްބިއުލޭންސް ގޮސް ލޯ މައްޗަށް ގެއްލުނުއިރު ވެސް އެހުރި ގޮތަށް ހުރެވުނެވެ. މަލާ އަރަބި ބަހުން ކޮށްލި ސުވާލު ބޮލު ތެރޭގައި އެބުރިގަތެވެ. ކޯއްޗެއްތޯ ހޯދަނީ އެ އެހީ ކޮން މާނައެއްގައި ހެއްޔެވެ؟ ފިހާރައަށް ލޫތު އައީ އެއްޗެއް ހޯދާކަށް ނޫނެވެ. މަލާ ހޯދަންށެވެ. ނަމަވެސް މަލާގެ މޫނުމަތިން ފެނުނު ބީރަށްޓެހިކަން ލޫތުގެ ހިތަށް އުދަނގޫކުރިއެވެ. އެހެންނޫނީ ބަލާފަދަ ގާތްގޮތެއް ނެތެވެ. ލޫތުގެ ހިތަށް އެތަކެއް ހިޔާލުތައް އަރައިފައިބަމުން ދިޔައެވެ. މޭގައި ފިރުމާލެވުނީ ބޭއިޚްތިޔާރުގައެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން އެތައް އިރަކު އެތަނުގައި ހުރެވުނެވެ.
ދުޖާނާގެ ތަނަވަސް ކޮޓަރީގެ ކުޑަދޮރު ކައިރީ ހުއްޓިލައިގެން ހުރިއިރު އަތުގައި ކަޅުކުލައިގެ ކުޑަ ސްކާރފެއް އޮތެވެ. ހިފެހެއްޓުމެއްނެތި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހުއްޓުވަން އޭނާ މަސައްކަތެއް ނުކުރެއެވެ. އެ ސްކާރފަކީ އޭނާގެ ލޯބިވާ ފިރިމީހާ ތުރާބްގެ ހަނދާނެކެވެ. ފަހު ވަގުތު ދުޖާނާގެ އަތުތެރެއަށް އެ ސްކާރފް ލައްވައިދިން އިރު އެ އަލި މޫނުމަތީގައިވީ ހިނިތުންވުމެކެވެ. ކެންސަރު ބަލީގައި ތުރާބް ދުނިޔެ ދޫކުރިއިރު އައްޔާޝްގެ އުމުރުން އެންމެ 17 އަހަރެވެ. ދޮށީ ދަރިފުޅު އައްޔޫބަށް 25 އަހަރެވެ. ތުރާބް ނިޔާވުމަށްފަހު އައްޔޫބު ވިޔަފާރީގެ ކަންތަކާއި ހަވާލުވެ އާއިލާގެ ހުރިހާ ކަމެއްގެ ޒިންމާ އުފުލިއެވެ. އެހެންވިޔަސް ދުޖާނާގެ ހަޔާތަށް އައި ހުސްކަމަށް އެއްވެސް ބަދަލެއް ނައެވެ. ތުރާބްގެ އޯގާތެރިކަމާއި އަޅާލުން ލިބިލިބި ހުރެފައި ގެއްލުމުން ހިތަށް ކުރި އަސަރުތައް ފިލުވާލަން އުނދަގޫވިއެވެ.
ތުރާބް ނިޔާވުމަށްފަހު ދުޖާނާގެ މުޅި ދިރިއުޅުމުގައި ސިއްކަ ޖެހުނުފަދައެވެ. ހިތާމައިގެ ފުންކަނޑަކަށް ވެއްޓި އެކަމުން އަރައިނުގަނެވިގެން އެތަކެއް ދުވަހެއް ވަންދެން ނަފްސާނީ ޑަކްޓަރެއްގެ އެހީވެސް ހޯދިއެވެ. ފަރުވާ ހޯދަން ފެށުމުން ވެސް އެ ހިތާމަތަކުން އަރައިގަނެވުނީ ވަރަށް ދުވަސްފަހުންނެވެ. އަދިވެސް ދޭތެރެއަކުން ތުރާބްގެ ހަނދާންތައް އާވެ ދުޖާނާގެ ހިތް ރޮއްވާލައެވެ. އެހެންނަމަވެސް ޖަންނަތުގެ ސަބަބުން ގޭގެ ދިރުން އާލާވިފަދަ އިހްސާސްއެއް ދުޖާނާއަށް ކުރެވުނެވެ. އެދަރިފުޅު ދެކެ އެހާ ލޯބި ވެވެނީ އެހެންވެ ކަމަށްވެސް ވެދާނެއެވެ. ދުޖާނާގެ އެންމެ ބޮޑު ބިރަކީ އޭނާއަށް ޖަންނަތު ގެއްލިދާނެކަމަށް ހީވާ ހީވުމެވެ.
އައްޔާޝް ލޫތު އާއި ބައްދަލުކޮށްލާފައި ގެއަށް ވަންއިރު ޖަންނަތު އާއި ލުޢައްޔު ބޮޑު ކޮޓަރީގައި ކުޅޭ ބަޑިތަކެއް ހިފައިގެން އުޅެއެވެ. ހަނގުރާމައެއްގައި އުޅޭފަދައިން ދެމީހުން ކުޅެމުން ދިޔައިރު ޖަންނަތުގެ މޫނުމަތިންވެސް ފެނުނީ ޅަކަމެވެ. އައްޔާޝްވެސް އެމީހުނާއެކު ކުޅުމުގައި ބައިވެރިވިއެވެ. މުޅި ގޭތެރޭގައި ހުނުމުގެ އަޑު ގުގުމައިގެން ދިޔައިރު ދުޖާނާ ދުރުގައި އެ މަންޒަރު ބަލަން ހުއްޓެވެ. ލޯބިން ފުރިގެންވީ ގޮތަކަށް ހިނިތުންވެލިއިރު ލޮލުން ހިލުނު އުފާވެރިކަމުގެ ކަރުނަތައް އަވަހަށް ފުހެލިއެވެ.
ޖަންނަތު ފެންވަރައި ތާޒާ ވެލައިގެން ނުކުތީ ގޭ ފުރަގަހުގައި އޮތް ބަގީޗާއަށެވެ. އެކި ވައްތަރުގެ ރީތި މާ ގަސްތަކުގެ ވަހުން މުޅި ސަރަހައްދުގައި މަޑު މީރުވަހެއް ހަރުލާފައި ހުއްޓެވެ. އެއީ ދުޖާނާގެ ބުރަ މަސައްކަތެކެވެ. ގޯތިތެރެ ރީތި ކުރުމަށްޓަކައި އެކި ވައްތަރުގެ ގަސްތައް އިންދުމަށް ސަމާލުކަމެއް ދެއެެވެ. ކަކުލަށް ވުރެ ތިރިއަށް އޮތް ފްލޯރަލް ހެދުމަކާއި އާދައިގެ ސްކާރފްއަކުން ބޯ ނިވާކޮށްލައިގެން ހުރިއިރު ވެސް ވަރަށް ނަލައެވެ. ގޭތެރޭގައި މިކަހަލަަ ހެދުން އެޅި ކަމުގައިވިޔަސް ބޭރަށް ދިޔުމަށް އޭނަ ލަނީ ކަޅު އަބާޔާތަކެވެ.
ޖަންނަތު ފަތާ ފެންގަނޑު ކައިރީގައި ހުރި ކޮފީ މޭޒެއްގައި އިށީންދެލިއެވެ. އޭރުވެސް ބޮލުގައި ރިހުމެއް ހުއްޓެވެ. މެޔަށް ތަދުވާހެން ހީވެ މޭގައިވެސް ފިރުމާލެވުނެވެ. ދުޖާނާގެ އެދުމާއި ދެކޮޅު ހަދަން ބޭނުންވިޔަސް އެހާ ހިތްވަރެެއް ނެތެވެ. ކައިވެންޏެއް ކުރަން އަދިވެސް ތައްޔާރު ނޫނީ އެވެ.
އުމުރުން ޅައިރު ހިނގާފައިވި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ލިބުނު ގެއްލުމުގައި އޭނާގެ އުމުރުގެ ބޮޑު ބަޔެއް ހަނދާންނެތުނެވެ. ކުޑައިރުގެ އެއްވެސް ހަނދާނެއްނެތެވެ. ފޮޓޯއެއްހާ ހިސާބުވެސް ނެތީއެވެ. މާޒީ ހަނދާންކުރަން އުޅުނަސް ބޮލުގައި ރިއްސައިގަނެއެވެ. ފުރަތަމަ ދުވަސްތަކުގައި ޖަންނަތުއަށް އުޅެން އުނދަގޫވިއެވެ. އާއިލާގެ އެއްވެސް މީހަކު ވަކިކުރަން ނޭނގި އަމިއްލަ ދަރިފުޅުވެސް ނޭނގުނެވެ. އެކްސިޑެންޓްގައި ފިރިމީހާ މަރުވި ވާހަކަ ބުނުމުންވެސް ޖަންނަތުގެ ހިތަށް މާ ބޮޑު އަސަރެއް ނުކުރިއެވެ. އަސަރެއް ކުރާނީ ހަނދާންވެގެން ނޫން ހެއްޔެވެ؟ ނަމަވެސް ކުޑަ ކުޑަ ލުޢައްޔު ފެނުމުން މައިވަންތަ ކުލުނު އުތުރި އަރައިގަތެވެ. އަދި ލުޢައްޔު އަށް މަންމައެއްގެ ލޯބި ފުރިހަމަ އަށް ދިނުމުގެ އަޒުމު ކަނޑައެޅިއެވެ.
އޭގެ ފަހުން ޖަންނަތުގެ ހުރިހާވެސް މީހަކީ ކުޑަކުޑަ ދަރިފުޅު ފަދައެވެ. އެންމެ އިސްކަމެއް ދެވެނީ ދަރިފުޅަށެވެ. އެއަށްފަހު ދުޖާނާއަށެވެ. ދުޖާނާ އޭނާ ދެކެ ވާ ލޯބި ވަންހަނާވެފައެއް ނެތެވެ. ދުޖާނާގެ ފިރިހެން ދަރިން އެކަމާއި ހަސަދަވުމުގެ ބަދަލުގައި އިންތިހާއަށް އުފާވެއެވެ. އެމީހުންގެ ފަރާތުންވެސް ޖަންނަތުއަށް ރައްކާތެރިކަމާއި ލޯބި ލިބެއެވެ.
އެ ހާދިސާއަށް އެހާ ދުވަސްވެފައި ވާއިރު ކައިވެންޏެއް ކުރުމަށް ޖަންނަތުއަށް އެއްބަސް ނުވެވޭ ސަބަބެއް ޚުުދު އޭނައަކަށްވެސް ނޭނގެއެވެ. އެކަމާ އެއްވެސް ވަރަކަށް ގަޔާ ނުވެވެނީއެވެ.
ނަމަވެސް މިހާރު ޖަންނަތުގެ ހިތާއި މީހަކު ކުޅެލައިފިއެވެ. ހިތް ގަޔާވާފަދަ ޒުވާނަކާއި ދިމާވެއްޖެއެވެ. އެ ޒުވާނާ ފެނިލުމުން ޖަންނަތުގެ ހިތް ތެޅިލަނީ އާދަޔާޚިލާފު ބާރަށެވެ. ހިތް އެދެނީ ހިތް ފުރެންދެން އެޒުވާނާއަށް ބަލަން ހުންނަންށެވެ. އެހާ ހިތް ދަމައިގަންނަ ފަދަ ސިފަތަކެއްގެ ޒުވާނަކާއި އަދި ބައްދަލުވެފައެއް ނެތެވެ. ގެއިން ބޭރުންނާއި ގޭތެރެއިންވެސް އެ ޒުވާނާ ފެނިފައިވިއިރު އައްޔާޝްގެ ރަހްމަތްތެރިއެއްކަން އެނގެއެވެ. އިތުރު އެއްވެސް މައުލޫމާތެއް ނޭނގެއެވެ. ބޭރުން ދިމާވި ދުވަސްތަކުގައި އެޒުވާނާ ޖަންނަތުއަށް ބަލާލީ ތަފާތު ނަޒަރަކުންކަން ޔަޤީނެވެ. ގޭތެރެއިން އެޒުވާނާ ފެނުނު ދުވަހު އޭނާއަށް ޖަންނަތުއެއް ނުފެނެއެވެ. އެހެންކަމުން އޭނާއަކީ އައްޔާޝްގެ ދައްތަކަން އެ ޒުވާނާއަށް އެނގިފައިނުވާނެއެވެ.
ކޮއްކޮގެ ރައްޓެއްސަކަށް ހިތް ކިޔައިފިކަން ދުޖާނާ ގާތުގައު ހާމަކުރަން ކެރޭނީވެސް ކިހިނެއްހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Alhuga first dhw. V v reethi mi part ves. Waiting for the next. Lysm
??