މިހިތުންނުފިލާނޭ…(11)
11ވަނަބައި
ނަމަވެސް ޒީނާގެ ހިތެކޭ ހަރު ހިލަގަނޑެކޭ އެއްގޮތެވެ. “ހުއްއް.. އަހަރެން ނޫޅެން ކަލެއާއި އެކު އުޅޭކަށް.. ބަލާބަލަ މީހާ ޖަހާސިފަ.. ދެން ބަލާބަލަ އަހަރެންނަށް އަހަރެން ކަހަލަ ރީތި މީހަކު ކަލެއާއި އެކީ އުޅެން ލަދުގަނޭ.. މިހާރު ހިތަށްއަރާ ކަލެއާ ނީނދެވުނުނަމަ އޭ..ޗީޗީ..” ޒީނާގެ ހަރުކަށި ބަސްތަކުގެ ސަބަބުން ހަސަންގެ ހިތަށް ލިބެމުންދިޔައީ އިތުރު ހިތްދަތި ކަމެކެވެ.ވޭނެކެވެ. ހަސަން ޒީނާ އަށް ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ. ދުނިޔެއަކީ ހާދަހާވާ ކެހިވެރި ތަނެކެވެ. އެއިރު ކުދިންތައް ކޮޓަރީ ދޮރުމަތީގައި ތިއްބެވެ. ރީހާ ހުރީ ވަރަށް ދެރަވެފައެވެ. ކުޑަކުޑަ ޒަހުދަށް މާބޮޑު އެއްޗެއް ނޭނގުނަސް ރީހާއަށް ކަންތައްތައް ކޮންމެވެސް ވަރަކަށް އެނގެއެވެ. ކުދިންގެ ކުރިމަތީގައި ޒުވާބުކުރަން ބޭނުންނުވާތީ ހަސަން އިހަށް މަޑުކޮށްލީއެވެ. އޭނާ ކިތަންމެ ރީތިކޮށް ވާހަކަދެއްކިޔަސް ޒީނާ ވާހަކަދައްކާނީ ޒުވާބުކުރާ ގޮތަށް ކަމަށްވާތީއެވެ. އެހެންކަމުން ކުދިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ހަސަން ކުދިންގެ ގާތަށް ދިޔައެވެ.
އެދުވަހު ހަތަރުދަން ދިޔައިރުވެސް ޒީނާ ހަސަންއާއި އަނގައިން ބުނެނުލި ތާނގައި ހަސަންއަށް ކާނެ އެއްޗެއްވެސް ނުދިނެވެ. ހަސަން ކާންވެގެން ދިޔައިރު ޒީނާ ކުދިންނަށް ކާންދީނިންމާފައި އަދި ޒީނާވެސް ކައިނިންމާފައި ބާކީހުރި ކާއެތިކޮޅުހުރީ ޑަސްބިނަށް އަޅާފައެވެ. ހަސަން ވަރަށް ހިތުގައި ޖެހުނެވެ. ނަމަވެސް ބަނޑުހައިވެފައި ހުރިލަތް ބޮޑުކަމުން ހަސަންދިޔައީ ޒީނާގެ މަންމަމެން ގެއަށެވެ. އެގެއިން ކައިނިމިގެން ޒީނާގެ މަންމައާއި ވާހަކަދައްކަން މަޑުކޮށްލިއެވެ. އަދި ވަރަށް ދެރަވެފައި ޒީނާ އޭނައާއި މެދު ކަންތައް ކުރިގޮތުގެ ވާހަކަ ކިޔާދިނެވެ. ޒީނާގެ މަންމަ ހަސަން އަށް ވަރަށް ހިތްވަރުދިނެވެ. ހަސަން އެނގެއިން ނިކުންނަށް އުޅުނުތަނާ ޒީނާގެ ބޭބެ ޒާން އައިސް ގެއަށްވަނެވެ. އަދި ކޮން ދަތުރެއްތޯ އަހާލިއެވެ. އެހެންކަމުން ހައްވަދައިތަގެވެސް އެދުމާއިއެކު މިހާރު ކަންތައްތައް ވެފައި އޮތްގޮތް ހަސަން ކިޔައިދިނެވެ. “ތިހިސާބަށް ކަންތައްތައް ދިޔައިރު ކީއްވެ މަށަށް އަންގާނުލީ.. ޒީނާ އެއުޅެނީ މޮޔަވެގެން.. ހިނގާ އަހަރެން އޭނައަށް ރަނގަޅަށް ކިޔާދޭނަން..” ޒާން ހުރީ ވަރަށް ރުޅިއައިސްފައެވެ. “ނޫނޭ އެހެން ހަދާނެކަމެއްނެތް. އަހަރެން ބަލާނަށް ޒީނާ ހަމައަކަށް އެޅުވޭތޯ.. ދެން ނުވިއްޔާ ވަރިކުރާނީ ދޯ.. ގަދަކަމަކުން ނޫޅެވޭނެ. އަނެއްކާ ރީހާ އެއީ ބޮޑޫވަމުން އަންނަ ކުއްޖެއް އޭނައަށް އަބަދުވެސް ދެމީހުން ޒުވާބު ކުރާތަން ފެންނަންޏާ ކަމަކުނުދާނެ. އަނެއްކާ އެގޮތަށް ހިލޭމީހެއް ގެއަށް ގެނެސްގެން އުޅެންޏާވެސް އެކުދިންނަށް އަސަރު ތަކެއް ކުރާނެ. އަހަރެން އެ ދެކުދިން ގޮވައިގެން އަހަރެންގެ ރަށަށް ހިނގައިދާނަން. އެއިރަށް އެކަހަލަ މަންޒަރު ތަކެއް އެކުދިންނަކަށް ނުފެންނާނެތާދޯ.. ކިތަންމެ ބުންޏަސް އެއް އަތް ތެޅިޔަސް އަޑެއް ނުކިޔާނެ” ހަސަން ވަރަށް އަސަރާއިއެކު ބުންޏެވެ. “އާން ތީ ހުސް ރަނގަޅު ވާހަކަ.. ކީއްކުރާނީ އަހަރުމެންގެ ޒީނާއަށް ނުވިސްނެނީ.. ހަސަން އަށް ފެންނަ ރަނގަޅު ގޮތެއް ވިސްނާ.. އަހަރުމެންވެސް ދެރަވާނެ ކުދިންނަށް އަސަރެއް ކުރަންޏާ.. ދޯ މަންމާ”
ޒާން އޭނާގެ މަންމައާއި ދިމާއަށް ބަލާލަމުން ބުންޏެވެ. “އާން ދަރިފުޅާ.. ޒީނާގެ ކަންތައްތައް ހުންނަގޮތުން އެއްޗެއް ބުންޏަސް އޭނާ ހަޅޭލަވައިގަންނަނީ.. ކީއްކުރާނީ.. ހަސަން ދަރިފުޅާ ދެން އަވަހަށް ގެއަށްދޭ..”
މާޔޫސްކަމާއިއެކު ނަމަވެސް ހަސަން ގެއާއި ދިމާއަށް މިސްރާބް ޖެހިއެވެ. ކޮޓަރީގެ ދޮރާއި ކައިރިވިއިރު ހަސަން އަށް އިވުނީ ޒީނާ މީހަކާ ފޯނުންވާހަކަ ދައްކާ އަޑެވެ. ޒީނާ ބުނާ އަޑު އިވެއެވެ. ” އާނ ލޯބީ.. އަހަރެން ވަރަށް އަވަހަށް މިނިވަންވާނަން.. ލޯބި ކެއްކޮށްލާ މަދު ދުވަސްކޮޅެއް… އޭނނ ނޫންން އޭނަ ގެންދަންޏާ ގެންދޭ ރީހާ އަހަންނަށް ހެޔޮ. މަގޭ ޒަހުދުއެއް ނުގެންދެވޭނެ. ޒަހުދު އެއީ އަހަރުމެން ދެމީހުންގެ ލޯބީގެ ފުރަތަމަ ނިޝާން، ހަސަން އަކާއި ބެހޭ ކުއްޖެއްނޫން އެއީ” ހަސަން އަށް ހީވީ އޭނަގެ ބޮލުގައި ބޮޑު ގާގަނޑަކުން ޖެހިހެންނެވެ. ޒީނާއަކީ ކޮންފަދަ ނުބައި އަންހެނެއްބާއެވެ.. އޭނައަށް ޒީނާ ހިތުހުރި ގޮތެއް ހަދަނީ އޭނާ ސިފައިން ހުތުރު ވީމާ ހެއްޔެވެ. ކޮންފަދަ ކެހިވެރި ދުނިޔެއެއް ހެއްޔެވެ..

