އަހަރެންގެ ހައްގެކެވެ. (4 ވަނަ ބައި)
އަހަރެންގެ އަތުގައި ހިފައިގެން ޝާއިން ހިނގައި ގަތީ އޭނާގެ ކެބިން އަށެވެ. އެއްމެން ކަހަލަގޮތަކަށް ކަޅިޖަހާނުލާ އެމަންޒަރު ބަލަން ތިއްބެވެ.
“ނަޝާ.. އަހަރެން ބޭނުމެއްނޫން ނަޝާއަށް މަޖުބޫރުކޮށްގެން އިންނާކަށް..”ޝާއިންގެ ކެބިން ތެރެއަށް އަށް އަހަރެން ވެއްދުމަށްފަހު ޝާއިން ބުންޏެވެ.
“ސަރ. އަޅުގަނޑު… އަޅުގަނޑު.. ސަރ އެއީ އީތަން ސަމާސާއަކަށް ކުރިކަމެއް.. އޭނަ މެރީ ކޮށްގެން އުޅޭއިރު ހީއެއްނުވޭ..” އަހަރެންނަށް އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ނޭނގިގެން ހުއްޓާލީމެވެ.
“އަދިވެސް ޖަވާބެއް ނުވިސްނޭތަ؟” ޝާއިންގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރުހުރިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
“މާދަން ބުނާނަން” އަހަރެންވެސް ހިތްހަމަނުޖެހުނެވެ.
އިތުރަށް ޝާއިން އެއްޗެކޭބުނުމުގެ ކުރިން އަހަރެން އޭނާގެ ކެބިން އިން ނިކުންނަން ހިގައިގަތީމެވެ. އަހަރެން ހީކުރީ ޝާއިން އަހަރެން ހުއްޓުވާނެކަމަށެވެ. ނަމަވެސް އޭނާ އަހަންނަށް ފުރަގަސްދީގެން ހުރީއެވެ. އަހަރެން އަހަރެންގެ ކެބިންއަށް ދިޔައިރު އީތަންވެސް އޭނާގެ ކެބިންއަށް ވަންނަނީއެވެ.
“އީތަން” އަހަރެން ގޮވާލީމެވެ.
“ނަޝާ.” އީތަން އަހަރެންނާ ހަތަރުކަޅި ހަމަކުރަމުން ވާހަކަ ދެއްކިއެވެ.
“ކޮބާ އާނާ.. ސޮރީ.. އަހަރެން.. ހީއެއް ނުކުރަން އެހެން ވެދާނެކަމަކަށް” އަހަރެން ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެން ހުރެއެވެ.
“އޭނަ ހިގައްޖެ ކާރެއްގަ.. އަހަރެން ގޮވަ ގޮވާ ހުއްޓާ.. ދެން މިގަޑީގަ އޭނައާ ފޭސް ކުރުމަށް ވުރެ ރަނގަޅުވާނީ އެކަނި ދޫކޮށްލިއްޔާ.. ދެން ދެން އެހެންނޫނަސް. އާނާ ރުޅިއަންނާތީއޭ ކިޔާފަ އަހަރެން ކިހިނެތް ނަޝާއާ ވާހަކަ ނުދައްކާ ހުންނާނީ..” އީތަން ހުރީ ވަރަށް ހަމަޖެހިފައެވެ.
އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އީތަންގެ ޓައީއެވެ.
“ހެއި.. މިހާރު އަމިއްލައަށް ޓައީ އަޅަން ދަސްކުރީތަ… އަހަރެން ހީކުރީ ޒިޕްލީ ޓައީއެއް ނޫނީ ދުވަހަކުވެސް ނާޅާނެކަމަށް.. އެހެންނުވާނީ ކައިވެނި ޕާޓީ އަށްވެސް ޓައީގަ ގޮށް ޖަހައިދިނީ އަހަރެން ވިއްޔަ…”އަހަރެން ހަމަޖެހިލަން މަސައްކަތްކުރީމެވެ.
“ނޫނޭ މިއަދުވެސް އާނާ އަޅައިދިނީ.. ދެން މެރީ ކުރީމަ ނަޝާ ކައިރިއަށް ޓައީ އަޅަން ނުދެވޭނެދޯ” އީތަން ވާހަކަދައްކާގޮތުން އަހަރެން އެންމެފަހުން އެންމެ ނުކުރަން ހުރި ކަންތައްކުރަން އަހަރެންގެ ހިތް އަހަންނަށް މަޖުބޫރު ކުރުވައިފިއެވެ.
“އަހަރެން ބޭނުން އީތަން ކައިރީ ވާހަކައެއް ބުނަން.. މިރޭ އެއިޓްގަ އާދެވިދާނެތަ އަހަރުމެން ގެއަށް..” އަހަރެން އެންމެ ފަހުން ބުނީމެވެ.
“މައްސަލަ އެއްނޯންނާނެ” އީތަން ހީލަމުން ބުނިނަމަވެސް އެމޫނުމަތިން މާޔޫސް ކަން ފާޅުވޭވޭ ހުއްޓެވެ.
ހަތްގަޑި ބައިވިއިރު އަހަރެން ހުރީ ތައްޔާރުވެގެންނެވެ. ނަމަވެސް ހިތް ނުތަނަވަސް ވަނީ ކުރަން މިއުޅެވެނީ ކިހާވަރެއްގެ ކަމެއްކަން ވިސްނޭތީއެވެ. ބަރާބަރު އަށެއްޖެހި އިރަށް ގޭދޮރުގައި މީހަކު ޓަކިޖަހާލިއެވެ. ލޯމަރާލައި ބޮޑު ނޭވާއެއް އަހަރެން ދޫކޮއްލީ ހަމަޖެހިލުމަށެވެ. އެއަށްފަހު ދޮރު ހުޅުވާލީ ހަމަޔަގީނުންވެސް އައީ އީތަން ކަމަށް ވާތީއެވެ.
“އީތަން އާދޭ..” އަހަރެން އީތަން އަށް ގޭތެރެއަށް ވަންނަށް ތަންދެއްކީމެވެ.
ހިނިތުންވެލުމަށްފަހު އީތަން ގޭތެއަށް ވަދެގެން ދިޔައިރު އީތަންގެ ގައިން ދުވީ އަހަންނަށް އެންމެ މީރުވަސްދުވާ ސެންޓް ވަން ޓޫ ވަންގެ ވަހެވެ. ބޭއިހްތިޔާރުގައި އަހަންނަށް ނޭފަތް ދަމާލެވުނެވެ.
“ހޫމް މަށަށް އިނގޭ ޖެހިއިރުވެސް ނަޝާއަށް ކަމުދާނެކަން މިސެންޓް” އީތަން އަހަރެންގެ އަތުގައި ހިފާލިއެވެ.
“އާދޭ އިށީނަން..” އަހަރެން އީތަންއަށް ސޯފާ ދައްކާލަމުން ބުނީމެވެ.
“ހޫމް ހާދަ މެހްމާންދާރީ ރަނގަޅޭ.. އޭތް ވަރަށް އަވަހަށް ދާން އެބަޖެހޭ.. ވަރަށް ވަރުން މިއަދު އާނާ ހަމަޔަކަށް އެޅުވުނީ… މިއައީވެސް މޯޑް މެންގެއަށޭ ކިޔާފަ.. ނަޝާ ބުނީމަ ނައިސް މަށަކަށް ނުހުރެވޭނެދޯ..” އީތަން ވާހަކަ ދެއްކީ ޓީވީއަށް ބަލަހައްޓައިގެން އިނދެއެވެ.
“އީތަންރުޅި ނާންނައްޗޭ.. ހިތްހަމަނުޖެހުނިއްޔާ މީ ނުދައްކާ ވާހަކައެއް” އަހަރެން ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އަތް ފައި ފިނިވަނީއެވެ. ފައި ތުރުތުރުލާން ފެށުމުން އަވަހަށް އިށީނީމެވެ.
“ދެން… ދޫނީ.. ލާހިކެއްނޫން އަހަރެން ހިތްހަމަނުޖެހޭ ކަހަލަ ވާހަކަ އެއްބުނާކަށް” އީތަން އަހަރެންގެ ދެލޮލަށް ބަލާލިއެވެ.
“އީތަން.. އަހަރެން ބޭނުން އީތަން އާ މެރީކުރަން..” އަހަރެން ހިތްވަރުކޮށްފައި ބުނީމެވެ.
“ކޮންމެ ކަހަލަ ސަމާސާ އެއްވެސް ކޮށްފާނަން ދޯ” އީތަން އިނީ އަދިވެސް ހެވިފައެވެ.
“މީ ސަމާސާއެއް ނޫން.. ހަމަ އަސްލުވެސް އަހަރެން އީތަން ދެކެލޯބިވޭ.. ވަރަށް ބޮޑަށް” އަހަރެން ވާހަކަ ދެއްކީ ސީދާ އީތަންގެ ލޮލަށް ބަލަހައްޓައިގެން އިނދެއެވެ. ދެލޯވަނީ ފެންކަޅިވެފައެވެ.
“ނަޝާ.. މޮޔަވީތަ.. ހައު ކޭން ޔޫ.. އަހަރެން ހީއެއް ނުކުރަން ނަޝާ އަހަރެންނާ ދޭތެރޭ ތިހެން ވިސްނަފާނެ ކަމަކަށް.. އާން ނަވާލް ގާތު އަހަރެން ބުނިން އަހަރެން ނަޝާ ބޭނުމޭ. އެކަމް އެއީ އަހަރެން ސީރިއަސްކޮށް ދެއްކި ވާހަކައެއްނޫން..”އީތަންގެ ހޫނު ބަސްތައް އަހަރެންގެ ހިތް ނޮޅާ ކުދި ކުދި ކުރަމުން ގެންދިޔައެވެ.
“ދެން ކީއްވެ މަށާ ފްލާޓް ކުރީ.. ކީއްވެ މަށަށް ކެއަރ ކުރީ.. ކީއްވެ އެންމެން ކުރިމަތީ މަގޭ ނިތްކުރިއަށް ކިސް ކުރީ” އަހަރެން ޝަކުވާ ކުރީމެވެ.
“ދެން ތިބުނަނީ އެއީ ލޯތްބޭތަ؟ އަހަރެން ހުރިހާ އަންހެން ކުދިންނާވެސް ޓްރީޓް ކުރަނީ އެހެން.. އަހަރެން ނަޝާ ދެކެ ލޯބިވާ ނަމަ އަހަރެން މެރީ ކުރާނީ ނަޝާއާ.. ކާކު ތިހާ ބޭބީކޮށް އުޅޭ މީހަކާ މެރީ ކުރާނީ.. ފުރަތަމަ ބޮޑެތި މީހުން އުޅޭހެން އުޅެން ދަސްކޮށްބަލަ..” ހިތައް އައި ހާ އެއްޗެއް ގޮވާލުމަށްފަހު އީތަން ހިނގައްޖެއެވެ. އަހަރެންނަށް ރޮވުނީއެވެ. އީތަންގެ ފަރާތުން އެފަދަ އެއްޗިހިތަކެއް އަޑުއިވިދާނެކަމަށް ދުވަހަކުވެސް އުއްމީދެއްނުކުރަމެވެ. އެވަގުތު ޓީވީން އަންނަމުންދިޔަ ލަވަ އަހަންނަށް ހިތާހިތުކިޔަންފެށުނެވެ.
“ޝަކުވާ ހިތާކުރީމޭ ނަސީބެއް ނެތުނީމާ
ތަގުދީރުގާއަހަންނަށް މިހެންދިމާވީމާ
ގޮތްހުސްވެގެންދަނީއޭ އެކަނިކޮށްލީމާ
ދެރަވޭ އަދު މަބާކީ ވާންވީމާއާއާއާ”
“އީތަން ބުނީމެއްނު މަށަކަށް ލާހިކެއްނޫނޭ އީތަން ހިތްހަމަނުޖެހޭކަހަލަ އެއްޗެއް ބުނާކަށް އެކަމަކު…” އަހަރެން ހިތާހިތުން ޝަކުވާކުރަން ފެށީމެވެ. އަހަރެން އަދިވެސް އީތަން އާ ވާހަކަ ދައްކަން ބޭނުމެވެ. އެހެންކަމުން އަހަރެން ފޯނުނަގާ އީތަން އަށް ގުޅީމެވެ.
“އީތަން ޕްލީޒް ޖަސްޓް ލިސިން ޓްމީ..” އަހަރެންނަށް ރޮވުނެވެ.
“ތިހުރިހާ ޑްރާމާ އަޑުއަހާކަށް ވަގުތެއް އަހަންނަކަށްނެތް” އީތަން އެހާއަވަހަށް ބަދަލުވެދާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ.
“އީތަން ބުނީމެއްނު އަހަރެން ކޮންމެ ވާހަކައެއް ބުންޏަސް ރުޅިއެއް ނާންނާނަމޭ..” އަހަރެން ރޮމުން ރޮމުން ވާހަކަ ދެއްކީމެވެ.
“ދެން އެހެންވިއަސް މިހާރު މިހުރީ ރުޅިއައިސްފަ.. އަހަންނެއްނޫން ކޮންމެ މީހަކުވެސް ރުޅިއަންނާނެ..” އީތަން ފޯނު ކަނޑާލިއެވެ.
އަހަރެން އަޑުން އަޑުނަގާފައި ރޯން ފެށީމެވެ. ރުޅިވެސް އައެވެ. ހަމައެހިނދުން އަހަރެން ޝާއިން އަށްގުޅީމެވެ. ދެފަހަރަކު ރިންގް ވެލާއިރަށް ޝާއިން ފޯނުނެގިއެވެ.
“ޝާއިން އަހަރެން ބޭނުން ވީ އެންމެ އަވަހަކަށް ޝާއިން އާ މެރީކުރަން” އަހަރެން އަވަސް އަވަހަށް ބުނީމެވެ.
“އަހަރެން ހަމަ ގުޅަނިކޮށް ނަޝާ….” އަހަރެން ބުނިއެއްޗެއް އަޑުއިވުމާއެކު ޝާއިން ހުއްޓާލިއެވެ.
“ޝާއިން އަހަރެން ބޭނުން ވީ އެންމެ އަވަހަކަށް ޝާއިންގެ މީހަކަށް ވާން” އަހަރެން އަނެއްކާވެސް ބުނީމެވެ.
“ނަޝާ.. އަހަންނަށް ހާދަ ހީވެޔޭ ނަޝާ ރޮނީހެން..” ޝާއިން މަޑުމައިތިރިކަމާ އެކު ބުންޏެވެ.
“ނުރޮން.. މަށެއް ނުރޮން… އަދިވެސް އަހަރެން ބުނި ވާހަކައަށް ޖަވާބެއް ނުދެމެއްނު” އަހަރެން ވަރަށް ހިތްވަރު ކޮށްފައި ވާހަކަ ދެއްކީމެވެ.
“އާން އަހަރެން ތައްޔާރު.. ނަޝާ.. އަހަރެން ތައްޔާރު” ޝާއިންގެ އަޑުގައި ހިތްހަމަޖެހުން އެކުވެފައިވާކަން އަހަންނަށް އިހުސާސް ކުރެވުނެވެ.
“ޝާއިން ކަމަކުތަ މަށަށް ގުޅަން އުޅުނީ” ކުއްލިއަކަށް ޝާއިން އެހެން ބުނި ހަނދާން ވުމުން އަހަރެން ބުނީމެވެ.
“ޔާ.. އެއީ.. ކޯސް.. ފުރުން ލަސްވި ވާހަކަ.. އަދިވެސް ކުދިން ހަމަ ނުވާތީ އަންނަ މަހަށް ކޯސް ލަސްވި ވާހަކަ ދެންމެ ގުޅާފަބުނެފި އެމެރިކާގެ އެމްބަސީން” ޝާއިން ވާހަކަ ދައްކަމުން ދިޔައިރު ވަރަށް އުފާވެފައި ހުރިކަން އެނގެއެވެ.
“އޯ.. މާ ރަނގަޅު.. އަހަރެން ބޭނުމީ ޝާއިންގެ ވައިފް އަކަށް ވާން ފުރަތަމަ.. ދެން މިގަޑީގަ ބާއްވަނީ..” އަހަރެން ބުނީމެވެ.
“ތެންކްސް.. އަހަރެން މާދަމާ ނަޝާގެ ދޮންބެއާ ވާހަކަ ދައްކާނަން.. އޯކޭތަ؟” ޝާއިންގެ މަޑުމައިތިރި އަޑުން ބުންޏެވެ.
“އޯކޭ..” އަހަރެން ފޯނު ކަނޑާލީމެވެ.
“އީތަންއަށް ހީވަނީތަ މަށަކަށް އިންނާނެ މީހަކު ނުވާނޭ.. މަގޭ ނަސީބު ކަންނޭނގެ އީތަން މަށާ އިންނަން ނޫޅުނުކަން..” އަހަރެން ހިތާހިތުން އީތަން އަށް ބަވަން ފެށީމެވެ.
އާ ދުވަހަކަށް އިރު އަރައިފިއެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން ދޮންބެވެސް ގޭގައި އުޅެއެވެ. އަހަރެން ޝާއިންގެ ވާހަކަ ބުނެފިނަމަ ދޮންބެ އެއްބަސް ވާނެ ބާވައެވެ؟ އެއްބަސް ނުވެއްޖެއްޔާ ހަދާނީ ކިހިނެއްބާވައެވެ؟ މިކަހަލަ ކިތަންމެ ސުވާލެއް ހިތައް އަރާ ފައިބަމުން ދެއެވެ.
“ކޮއްކޯ.. މިއަދު ކިހިނެއްވެފަ ތިއިންނަނީ ފާޑަކަށް..” ދޮންބެ އައިސް އަހަރެންގެ ކުރިމަށްޗައް އިން ސޯފާގައި އިށީންނަމުން ވާހަކަދެއްކިއެވެ.
“ދޮންބޭ.. އަހަރެން މިއުޅެނީ މީހަކާ އިންނަން.. ހެޔޮތަ..” އަހަރެން އިސްދަށަށްޖަހާލައިގެން އިނދެ ވާހަކަ ދެއްކީމެވެ.
“ހޫމް.. ދޮންބެވެސް މިއުޅެނީ މެރީކުރަން އޯކޭތަ؟” އަހަރެން އުފަލުން ފުރުނެވެ. އަހަންނަށް ފަހަރިއެއް ލިބެން އުޅެނީއެވެ.
“އަސްލުވެސްތަ؟ އަޅެ ދޮންބެ ނުވެސް ބުނޭ.. ކޮންނަމެއް ކިޔާ ކާކާ؟” އަހަރެންގެ ސުވާލުފަތި އަމުނާލީމެވެ.
“ހީހީ.. ނުބުނެއޭ ކިޔައިގެން ވާހަކަ ނުދައްކާ.. ކޮއްކޮވެސް ނުބުނޭ… ބައިދަވޭ.. އޭނައަށް ކިޔަނީ ޝިބާ… އައްޑޫ ކުއްޖެއް.. ދެން ބުނޭ ކޮއްކޮގެ ވާން ތިއުޅޭ ފިރިމީހާ އަށް ކިޔާނަން” ދޮންބެ އަހަރެންގެ އަތުގަ ހިފާލަމުން ބުންޏެވެ.
“އޭނަ އަށް ކިޔަނީ ޝާއިން… ދޮންބެ ހިތް ހަމަނުޖެހިދާނެ.. އެކަމް އަހަރެން ވަރަށް ބޭނުން.. އޭނައަކީ މީހެއްގެ ފިރިއެއް…” އަހަރެން އިސްދަށަށް ޖަހާލަމުން ވާހަކަދެއްކީމެވެ.
“ކީކޭ.. ކޮއްކޮ މޮޔަވީތަ.. މިއޮއް ބޮޑު ދުނިޔޭން މީހެއްގެ ފިރިއެއް ނޫނީ ނުފެނުނީ.. މަށަކަށް ގަބޫލެއް ނުވެވޭނެ..” ދޮންބެ ވާހަކަ ދެއްކީ ފުދޭ ވަރަކަށް ބާރަށެވެ.
“ޕްލީޒް ދޮންބޭ… ޕްލީޒް… ދެކޮޅުނުހަދާ.. އާދޭސް ކުރަން” އަހަންނަށް ރޮވުނެވެ.
“އެކަމަކު ކޮއްކޯ.. ކޮއްކޮ ކިހިނެއް.. އޯކޭ އެކަމަކު ބޭނުން އޭނައާ ވާހަކަ ދައްކާލަން” ދޮންބެ އަހަރެންގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަދެމުން ވާހަކަދެއްކިއެވެ.
“މިއަދު މެންދުރު އަންނަން އަހަރެން ބުނިން” އަހަރެން ބުނީމެވެ.
ޝާއިންއަށް ދައުވަތު އެރުވިފައި ވާތީ އަހަރެން ވަރަށް މީރު ކެއުމެއް ތައްޔާރު ކުރީމެވެ. އެއަށްވުރެ ބޮޑަށް އަހަރެން ރީތިވީމެވެ. ހުކުރު ނަމާދުން މީހުން ފައިބަން ވާއިރަށް ފިނިފެންމަލެއްހާ އަހަރެން ރީތިވީމެވެ. ނަމާދުން ފައިބައިގެން ދޮންބެއައީ ތަންކޮޅެއް ކުރިން ނެވެ.
ޝާއިންއަށް އާދެވުނީ ދޮންބެ ކާން އެރިފަހުންނެވެ. އަހަރެން ދޮންބެއަށް ޝާއިން ތައާރަފްކޮށް ދިނީމެވެ.
“ސޯ.. ޔު ވޯންޓް މެރީ މައި ސިސްޓަރ ރައިޓް” ދޮންބެ ބުންޏެވެ.
“ލައްބަ.. އަޅުގަނޑު ބޭނުން ނަޝާ” ޝާއިން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
“ޝާއިން އަށް ޔަގީންތަ ޝާއިންގެ ދޮށީ އަނބި ނަޝާއަށް އުނދަގޫ ނުކުރާނެ ކަން.. މިކަމާ ގަބޫލު ވާނެކަން..” ދޮންބެ ވާހަކަދެއްކުން ހުރިގޮތުން އަހަރެން ހިތްހަމައެއް ނުޖެހުނެވެ.
“ހަމަ ޔަގީން” ޝާއިން ސާބިތު ކަމާއެކު ބުންޏެވެ.
“ދެން ކޮން އިރަކުން ނިންމަނީ” ދޮންބެ ހިނިތުން ވެލަމުން ބުންޏެވެ.
“ވީ އެންމެ އަވަހަކަށް” ޝާއިން ބުންޏެވެ.
“މިހަފްތާ ތެރޭ އަހަރެން މިއުޅެނީ މެރީ ކުރަން.. އެހެންވީމަ އަހަރެން މި ވިސްނަނީ ދެކައިވެނި އެއްކޮށް ނިންމަން..” ދޮންބެ ނިންމުން ހާމަކުރިއެވެ.
ދެން އައީ އަހަރެންގެ ހަޔާތައް ބަހާރު މޫސުމެވެ. އަހަރެން ގޮވައިގެ ޝާއިން ބޭރަށް ދެއެވެ. ކައިވެނީގެ ކަންތައް ކުރިއަށްދިޔައީ ހީވެސް ނުކުރާހާ ފުރިހަމައަށެވެ. ނަމަވެސް އަހަރެން ހިތްހަމަނުޖެހޭ ކަމެއް އެބައޮތެވެ. އެއީ ޝާއިން އަހަރެން ގޮވައިގެން ދާ ކޮންމެތާކަށް ވެސް އިމްޝާ ގެންދާކަމެވެ. ހުރިހާ ކަމަކަށް ވެސް އަހަންނަށް ވުރެ ބޮޑަށް އިމްޝާގެ ލަފާ ހޯދައެވެ. އެކަމާ އަހަރެން ޝަކުވާއެއް ނުކުރަމެވެ. ޝާއިންގެ ކަންތައް ހުންނަގޮތުން ގިނަފަހަރު އަހަންނަށް ހީވަނީ އިމްޝާގެ ކައިވެނި ވާން އުޅޭހެންނެވެ. އެކަމަކުވެސް އަހަރެން ޝަކުވާ ނުކުރީ ކައިވެނި ކުރީމަ ރަނގަޅުވާނެކަމަށް ބަލައިފައެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އީތަންގެ ހަބަރެއް ނުވެއެވެ. އަހަރެންނަށް ބައެއްފަހަރު އުނދަގޫވެއެވެ. ބައެއްފަހަރު ގުޅަންވެސް ހިތައް އަރައެވެ. ނަމަވެސް ހަމަ ކެތްކޮށްލައިގެން ހުރީ ދެން ދުވަހަކުވެސް ނުގުޅާނަމޭ ހިތައްއަރުވައިގެންނެވެ.
މިރެއަކީ އަހަރެންގެ ކައިވެނިކުރެވޭ ރެއެވެ. މިރޭ އަހަންނަށް ޝާއިން އަދި ނުވެސް ފެނެއެވެ. ޕާޓީ ކަންކަމުގައި ބިޒީ ކަމަށް ވެދާނެއެވެ. ޕާޓީއަށް އަހަރެން ރެޑީވެނިމުނު ތަނާ ޝާއިން މެން ގޭގައި ގެންގުޅޭ ލަތާ އައިސް އަހަރެންގެ ކޮޓަރިއަށް ވަނެވެ.
“ނަޝާ.. މިރޭ ހާދަ ލޯތްބޭ.. ވަރަށް ރީތި.. މާތްﷲ ނަޝާގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާންދޭ..” ލަތާގެ އޯގާވެރިކަން ފެނި އަހަރެން ހައިރާންވިއެވެ.
“ލަތާ.. ޝާއިންވެސް މިރޭ ވަރަށް ރީތި ދޯ.. “އަހަރެން ބުނީމެވެ.
“އަދި ނުނިކުމޭ ކޮޓަރިން މިއަދު ހަވީރު ސައިވެސް އަހަރެން ގެންގޮސް ދިނީ ކޮޓަރިއަށް” ލަތާ ބުނިއެއްޗަކުން އަހަރެން ހައިރާންވިއެވެ.
“އިމްޝާ ކޮބާ..” އަހަރެން ބުނީމެވެ.
“އޭނަވެސް ނުނިކުމޭ މިއަދު.” ލަތާގެ ޖަވާބުތައް ކުރެވެ.
“ޝާއިން މިއަދު އަހަރެން ކައިރިއަށް ނައިސް އެއްކޮށް އެއުޅުނީ އިމްޝާ އާއެކު ތާ.. އިމްޝާ ބުނިގޮތުން އަހަންނަށް ދެރައެއްނުދޭނެ. ވެދާނެ މިރޭ ޝާއިން އަހަރެން ކައިރިއަށް އަންނާތީ އިމްޝާއާއެކު މިއަދު ވަގުތު ހޭދަ ކޮށްލަނީ ކަންނޭނގެ..” އަހަރެން ހިތާހިތުން ވާހަކަދެއްކީމެވެ.
“ހިނގާދާން މިހާރު އެއޮށް ގަޑިޖެހެނީ” ލަތާ އަހަރެންގެ އަތުގަ ހިފައިގެ ހިނގައިގަތެވެ.
އަހަރެންނަށް ދަރުބާރުގެއަށް ވަދެވުނުއިރު ޝާއިން ގާޒީއާ ހެކިންނާއެކު މޭޒުކައިރީއިނެވެ. އަހަރެން ހިނިތުންވެލީމެވެ. ކައިވެނީގެ ކަންތައްނިމި ޕާޓީއަށް އަހަރެން ނިކުތީމެވެ. ރާނީއެއް ފަދައިން ރީތިވެފައި ހުރި ޝިބާ އަހަންނަށް ފެނުނީދެނެވެ. ޝިބާ ވަރަށް ރީއްޗެވެ. ދޮންބެއާ ވަރަށް ގުޅެއެވެ. ޕާޓީގެ ތެރޭގައިވެސް ވަގުތެއްވާއިރަށް ޝާއިން އިމްޝާ ކައިރިއަށް ދެއެވެ. އަހަރެން ހިތްހަމަނުޖެހުނެއްކަމަކު އެކަމެއް ނުދައްކަމެވެ.
ޕާޓީ ނިމި އަހަރެންނަށް ހާއްސަވެފައިވާ ކޮޓަރިއަށް އަހަރެންގެނެސް ދިނީ ލަތާއެވެ. އަހަރެން ކޮޓަރިއަށް ވަނުމުން ލަތާ ހިނގައްޖެއެވެ. ކޮޓަރިއަށް ވަދެވުނުއިރު އަހަރެން ހުރީ ޕާޓީގައި ކޮޅަށްހުރެ ހުރެ ވަރުބަލި ވެފައެވެ. ފެންވަރާލަން ފާހަނާ އަށް ވަތްތަނުން ބިލިގާމަތީގައި ބާއްފައި އޮތް ކަޅު ނައިޓީއަހަންނަށް ފެނުނެވެ. އޭގެ މަތީގައި އޮތް ކުޑަކުޑަ ނޯޓް އަހަރެން ނެގީމެވެ. “ސްޕެޝަލް ޕާރްސަން ފޯރ ސްޕެޝަލް ރީޒަން. ލަވިން ޝާއިން” ނޯޓްގައިވެއެވެ. އަހަރެން ރަކިވިއެވެ. ފެންވަރާލައިގެން އެނައިޓީލައިގެން އަހަރެން ޝާއިންއަށް އިންތިޒާރު ކުރަމުން ބެޑް މަތީ އިށީނދެ އިނީމެވެ. އެގޮތުގައި ބަރާބަރު ތިން ގަޑިއިރު ފާއިތުވެ ހިނގައްޖެއެވެ. ޝާއިންގެ ހަބަރެއް ނުވިއެވެ. އަހަރެން ޝާއިންއަށް ގުޅާލީމެވެ. ޝާއިން ފޯނުނެގީ ތިންވަނަ ފަހަރަށް ގުޅުމުންނެވެ.
“ޝާއިން ކޮންތާކު؟” އަހަރެން އަވަސް އަވަހަށް އެހީމެވެ.
“ޝާއިން ނިދާފަ. ނަޝާ ނުނިދާތަ އަދިވެސް ތިއުޅެނީ” ޝާއިންގެ ފޯނުން ވާހަކަދެއްކީ އިމްޝާއެވެ.
“އުހު. ނިދުނުތަނާ ބިރުވެރި ހުވަފެނެއް ފެނުނީ.. އެހެންވެ ހޭލެވުނީ” އަހަރެން ދޮގު ހެދީމެވެ.
އިމްޝާ ފޯނު ކަނޑާލިއެވެ. އަހަރެންނަށް ރޮވުނީއެވެ. ކައިވެނީގެ ފުރުތަމަރޭވެސް ފިރިމީހާ ދޮށީއަނބި ހިތްހަމަޖައްސަނީއެވެ. އަހަރެން މިޖެހުނީ ރޮވެ ރޮވެ އޮންނާށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


V reethi.. Waiting for the next part 🙂 goodluck
Varah salhi! Wating 4 the nxt part
V v salhi mi vaahaka.anehbaige inthixaaruga ebainin.
vaahaka v reethi .. mi vaahaka kurin up kuryy kon site ehga tha??
V reethi mi vaahaka.
heevany varah avas aruvaigen gendhany hen