މަންމާ. ތިއައީ ދޯ. އާދޭ އިށީންނަން.” މައުނާ ޒާހިދާއަށް އިޝާރާތް ކޮށް ސޯފާގައި އިށީންނަން ބުނެލިއެވެ. ”މަންމަގެ ދަރިފުޅު ހާދަ ބޮޑުވެއްޖޭ.” ޒާހިދާ ލޯބިން ފުރިފައިވާ ގޮތަކަށް މަައުނާގެ ގައިގައި ބައްދާލިއިރު އޭނާގެ ދެލޯ ކަރުނުން ބަންޑުންވަނީއެވެ.
”މަންމާ. ބައްޕަ ބުނި އަޅުގަނޑުގެ ދައްތައެއް ހުންނަ ވާހަަކަ. ކޮބާ އޭނަ؟” މައުނާ ޒާހިދާގެ ފަހަތް ދެފަރާތުން ބަލައިލަމުން އެހެން އަހައިލީ ޝައުގުވެރިވެފައި އިނެއެވެ. މައުނާ އޭނާގެ މަންމައާ އެތައް ދުވަހެއް ފަހުން ދިމާވުމުން އޭނާގެ ހިތަށް ވަނީ ހަމަޖެހުމެއް ލިބިފައިއެވެ. އުފާވެރިކަމެއް ލިބިފައިއެވެ.
”މާދަން މަންމަ ދަރިފުޅާ ޔޫހާއާ ބައްދަލުކޮށްލަ ދޭނަން. އިނގެ. މިރޭ މަންމަ ޔޫހާއާ ވާހަކަ ދައްކާނަން.” ޒާހިދާ ދިޔައީ މައުނާގެ ބުރަކަށީގައި ފިރުމަމުންނެވެ. އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ ލޯތްބެވެ. އަޅާލުމެވެ. އޯގާތެރިކަމެވެ. މައުނާ އޭނާގެ ބޯ އުފާވެފައި އިނެ ޖަހައިލިއެވެ.
”ހިނގާ ކާން ދާން. މަންމަ އަންނާތީ އަހަރެން ހުންނާނެ ވަރަށް މީރުކޮށް ނޫޑްލްސް ކައްކާފަ.” މައުނާ ސޯފާއިން ތެދުވެފައި ކާގެއާއި ދިމާލަށް ހިނގައިގަތީ ޒާހިދާގެ އަތުގައި ހިފައިލައިގެން ހުރެއެވެ. ޒާހިދާވެސް މަޑުމަޑުން މައުނާގެ ފަހަތުން ދިޔައީ މައުނާ ކައްކާފައި ހުރި އެއްޗެއްގައި ރަހަބަލާ ލާހިތްވެފައި ހުރިލެއް ބޮޑުކަމުންނެވެ. މައުނާ ޒާހިދާއަށް ތައްޓެއް ގެނެސްދީފައި ތައްޓަށް ނޫޑްލްސް އެޅުމާއިއެކު ޒާހިދާ ވަރަށް ލޯބިން މައުނާ އާ ދިމާލަށް ބަލައިލިއެވެ. އަދި އަވަހަށް ސަމުސަލުން އެތިކޮޅެއް ނަގައި ވަރަށް މީރޭ ބުނެލީ ނުހަނު އުފާވެފައި ހުރެއެވެ.
***
އައިލީޝް އާއި ނައިޝަމް ކާގޭގައި ހެނދުނުގެ ސައި ބޮމުން ދިޔައިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ރޭގަނޑު ނުނިދާ މަސައްކަތުގައި އުޅުމުން ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ސައިބޯ ނިންމާލުމަށްފަހު ނައިޝަމް ގޮސް ސޯފާގައި އިށީންދެލީ ބަނޑު ދަމާލުމަށެވެ. ކެވުނުލެއް ގިނަކަމުން އޭނާ ވަނީ ލޮނޑުވެފައިއެވެ. އައިލީޝް ވެސް އައިސް ނައިޝަމްގެ ގާތުގައި އިށީންދެލައި ލިބުނު މައުލޫމާތުތައް ނައިޝަމްއަށް ކިޔައިދޭން ފެށިއެވެ. އައިލީޝްގެ ފަރާތުން ލިބެމުން ދިޔަ އައު މައުލޫމާތުތަކުގެ ސަބަބުން ނައިޝަމްއަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. އަދި މިކަން އަވަހަށް ނިންމާލެވޭނެކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. އާކިފްއަށް އިންސާފު ލިބެން ދެން މާގިނަ ދުވަހެއް ނެތްކަން އިނގުމުން ނައިޝަމްއަށް ލިބިގެން ދިޔަ ހަމަޖެހުން ނުހަނު ބޮޑެވެ.
”އައިލީޝް. ބަލާބަ. މިކާކުކަން އިނގޭތަ؟ ކޮންމެ ދުވަހަކު ސަތޭކައަށް ވުރެ ގިނަ މެސެޖް ކޮށްފައި ހުރޭ.” ނައިޝަމް އޭނާގެ ފޯނު ހުޅުވާލައި ވައިބާއަށް ވަނެ އެ ޗެޓް އައިލީޝްއަށް ދައްކައިލިއެވެ. އައިލީޝް ނަންބަރަށް ބަލައިލާ އެއީ އޭނާ ދަންނަ ނަންބަރެއް ނޫނޭ ބުނެ ފޯނަށް ނަޒަރު ހިންގައިލީ މިއަދު ލިބުނު ކުރިއެރުންތައް ރައުހާ ވައިބާ ގުރޫޕަށް އަދާހަމަ ކޮށްފައިވާތީއެވެ.
”ކާކުގެ ނަންބަރެއް ތޯ ބަލައިލަން ވީނުން. ކިޔާބަލަ ނަންބަރު.” އައިލީޝް ނައިޝަމްއަށް ބަލައިލަމުން އެހެން ބުނެލީ އެއީ ކާކުތޯ ބަލަން އޭނާގެ ހިތުގައި އުފެދިފައި ހުރި ޝައުގެެއްގެ ސަބަބުންނެވެ. އެއްވެސް މީހަކު އެގޮތަށް ނައިޝަމްއަށް މެސެޖް ކުރާކަށް އައިލީޝް ބޭނުމެއް ނުވެއެވެ. އެގޮތަށް މެސެޖް ކުރިކަން އެނގުނަސް އައިލޝްގެ ހިތުގައި އެމީހަކަށް ޓަކައި ރުޅިގަނޑު ރޯވެއެވެ. ނައިޝަމް އެނަންބަރު ކިޔަމުން ދިޔައިރު އައިލީޝް ދިޔައި އޭނާގެ ފޯނުގައި ނަންބަރު ލިޔަމުންނެވެ.
”އިބްރާހިމް މާޖިދު.” ނަންބަރުގެ ވެރިފަރާތުގެ ނަން އައިލީޝް ކިޔައިލިއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެވެ. ނައިޝަމްވެސް ހައިރާންވެފައި ހުރެ އައިލީޝްއާ ދިމާ ބަލައިލީ އެއީ ހަމަ އެ މާޖިދު ތޯ އަހައިލާ ފަދައަކުންނެވެ.
”އިބްރާޙިމް މާޖިދޭ. އެ މާޖިދުތަ އަނެއްކާ.” އައިލީޝް ދެކޮޑު އަރުވައިލީ ނޭނގޭ ބުނުމުގެ ގޮތުންނެވެ.
”ކީކޭ އިނީ ވައިބާގަ ލިޔެފަ. ދީބަ އަހަރެން ބަލައިލަން.” އައިލީޝް ނައިޝަމްގެ އަތުން ފޯނު ނަގައި އެނަންބަރުގައި ލިޔެފައިވާ ނަމަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. ”މައު މާޖިދު.” އައިލީޝް އެނަން ކިޔާލިއިރު އޭނާގެ ދެލޯ ވަނީ ބޮޑު ވެފައިއެވެ.
”ކިހިނެއްވަނީ މި؟” ނައިޝަމް އެހެން ބުނެލިއިރު އޭނާގެ އަޑުގައި ވަނީ ހައިރާން ކަމެވެ. އެއްވެސް ކަމެއް ނޭނގޭ ފަދައަކުން ނައިޝަމް އެހެން އަހައިލީ އައިލީޝްގެ ބޮޑުވެފައިވާ ދެލޮލަށް ބަލައިލަމުންނެވެ.
”މިއަދު އަހަރެމެން ހޯދި ހޯދުމުގައި އިނގުނު އެ މާޖިދު ދަރިއެއް ހުންނަކަން. އެހެން ވީމަ އޭނާގެ ދަރިއަށް ކިޔަނީ މައު. މައު.. ކޯއްޗެއް.” އައިލީޝް ކަމެއް ވިސްނަން އިންނަ ފަދައަކުން އެހެން ބުނެލީ އޭނާގެ އެއް އަތް ދަތްދޮޅީގައި ވިއްދައިލަމުންނެވެ.
”މައުނާ. މައުނާ އޭނާއަށް ކިޔަނީ. ދެން ކިހިނެއް ހަދަންވީ.” ދެމީހުން ވެގެން އެތައް ވާހަކައެއް ދެއްކުމަށް ފަހު އެމީހުންގެ މަސައްކަތަށް ދިޔުމަށް ގެއިން ނުކުމެލީ ހުރިހާ ތަނެއް ތަޅުލުމަށްފަހުއެވެ. އެއިރުވެސް ދެމީހުންގެ މޫނުމަތީގައި ވަނީ ހާސްވެފައި ހުރިކަމުގެ ކުލަވަރުތަކެވެ.
***
ރެސްޓޯރެންޓަށް ވަދެގެން އައި ޔޫހާއަށާއި ޒައިކްއަށް ގިނަ ބައެއްގެ ލޯތައް ހުއްޓިފައި ވާއިރު ދެމީހުންގެ މޫނުމަތީގައި ވެސް ވަނީ ނުފިލާފަދަ ހިނިތުންވުމެކެވެ. ދެމީހުން އިށީންދުމަށް ހަދާފައި ހުރި މޭޒެއްގައި ދެމީހުން ވެސް އިށީންދެލީ ނިކަން ހަމަޖެހިފައި ހުރެއެވެ.
”ޔޫހާ. އަހަރެން ސުވާލެއް ކޮށްލަންތަ؟” ޒައިކް މުޅިތަނަށް ނަޒަރު ހިންގައިލަމުން އެހެން އަހައިލީ އަހަން ނާހަން ހުރެފައިއެވެ. ”ތީ ދެން މީހުން އަހާވެސް އެއްޗެއް ނޫނެއްނު. އަވަހަށް ކުރޭ.” ޔޫހާ ހިނިތުންވެލައިގެން ހުރެ ޒައިކްގެ އަތްމަތީގައި އޭނާގެ އަތް ބާއްވައިލަމުން ބުނެލިއެވެ.
”ޔޫހާގެ ބައްޕަ ކޮބާ؟” ޒައިކް ވަރަށް ނޫން ގޮތަކަށް އެހެން އަހައިލީ ޔޫހާގެ މޫނަށް ބަލަން އިނެއެވެ. ލިބޭނެ ޖަވާބެއް އަޑުއަހައިލަން ކެތްމަދުވެފައި އިން ޒައިކްގެ ކަންފަތުގައި ޖެހުނީ ވަރަށް ވެސް ކުރު ޖަވާބެކެވެ. ޔޫހާގެ މަޑުމޮޅި އަޑުން ހަމައެކަނި ނޭނގެ އޭ ބުނެލިއިރު އެ ޖަވާބުން ޒައިކްއަށް އުނދަގޫވެސް ވިއެވެ.
”ނޭނގެ އޭ. އެއީ ކީއްވެ؟ ޔޫހާ ނޫޅެންތަ ޔޫހާގެ ބައްޕަ ހޯދާކަށް. ދިރިހުރިތޯ ވެސް ނެތްތޯވެސް. މަންމަ ކައިރިއަކުވެސް ނާހަންތަ؟” ޒައިކް އެސުވާލުކޮށްލީ ވަރަށް އެނގެން ބޭނުން ވެފައި ހުރެއެވެ. އޭނާގެ މޫނުމަތިންވެސް އެކަމަށް ޝައުގުވެރިވެފައި ހުރި މިންވަރު ފާހަގަވަމުން ދިޔައެވެ. ޔޫހާ އިރުކޮޅަކު އެއްތަނަކަށް ގެއްލިފައި އިނެވެ. ކަމެއް ވިސްނާ ފަދައިން އެތަނަކަށް ބަލަން އިން އިރު ޔޫހާގެ އަތް ދިޔައީ ދެއަތް ދެއަތަށް މޮޑެވެމުންނެވެ. ޔޫހާއަށް ހަމަބިމަށް އާދެވުނީ ޒައިކް އޭނާގެ އަތުގައި ކޮށްޓައިލުމުންނެވެ.
”މަންމަ ކައިރީ އެހިޔަސް އެދެވޭ ޖަވާބެއް ނުލިބޭނެ. ދެން އަހަރެން ދޫކޮށްލާފައި ދިޔަ މީހެއް ހޯދަނީ ކީއްކުރަން. މަންމަވެސް ނޭނގޭ މިހާރު ވީތަަނެއް.” އިސްޖައިލައިގެން އިނެ ޔޫހާ ބުނެލިއިރު ޒައިކް އިނީ ޔޫހާއަށް އޭނާގެ ނަޒަރު ހުއްޓާލައިގެންނެވެ. އަދި ދިޔައީ ހިތާހިތުން ޔޫހާގެ ރީތިކަމަށް ތައުރީފު ކުރަމުންނެވެ.
ޔޫހާ އެހެން ބުނެލި ނަމަވެސް ކޮންމެސް ދުވަހަކުން އޭނާގެ ބައްޕަގެ ވާހަކަ ޒާހިދާގެ ގާތުގައި އަހަން ކެތްމަދުވިއެވެ. ޒާހިދާ ފެންނަ އިރަށް އެންމެ ފުރަތަމަވެސް ބައްޕަގެ ވާހަކަ އަހައިލަން ޔޫހާ އުންމީދު ކުރިއެވެ. އެދެވޭ ޖަވާބެއް ނުލިބުނަސް ހެވެވެ. އޭނާ ބޭނުންވީ އެވާހަކަ ބުނުމުން ޒާހިދާގެ މޫނުމައްޗަށް އަރައިނެ ކުލަވަރުތައް ބަލައިލާށެވެ.
***
ކަޅުކުލައިގެ ފޮށްޓެއް ދަމަމުން އެއާޕޯޓްގެ ތެރެއަށް ވަން މާޖިދުގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. މޫނުމަތި އުޖާލާވެފައިވާއިރު ދެލޮލުން ވެސް އެކަން ފެންނަމުން ދިޔައެވެ. އެއާޕޯޓަށް ވަނުމަަށްފަހު އަނެއްކާވެސް ކަންފަތުގައި ފޯނު ޖައްސައިލައިގެން ހުރެ މާޖިދު އެތަނުން ނުކުމަންނަން ހިނގައިގަތެވެ. ބޭރަށް ނުކުމެވުމާއިއެކު އެންމެ ފުރަތަމަވެސް އޭނާއާ ބައްދަލު ކުރީ މޫނުމަތީގައި ކަޅުކުލައިގެ މާސްކެއް އަޅައިފާ ހުރި ދެމީހުންނެވެ. އެދެމީހުންގެ ލޮލުން މަކަރުވެރިކަން ފެންނަމުން ދިޔައިރު އެކަކުގެ އަތުގައި އޮތް ދަބަސް މާޖިދުއަށް ދިއްކޮށްލީ ދެފަރާތް ބަލައިލަމުންނެވެ. މީހަކު ބަލަން ހުރިތޯ ޔަގީން ކުރުމަށެވެ. ނަމަވެސް އެމީހުންނަށް ރޭކައިނުލީ ހަތަރުމީހަކު ފާރަލަމުން ދިޔަކެމެވެ.
”ހަނދާން ކުރާތި. ކަލޭމެން ދެމީހުން އަތުލައިގަތަސް މިކަމުގެ އަޑީގައި ހުރީ އަހަރެން ކަން ނުބުނާތި. ބުނެއްޖާ އަހަރެންގެ ހުރި ނުބައިކަން ދައްކައިލާނަން. ސާފު ވެއްޖެ. މިތަނުން ދެން ދޭ އަވަހަށް. އަހަރެންނަށް ދެން ނުފެންނާތި.” މާޖިދު އޭނާގެ ފޮށި ހުޅުވާލައިފައި އެދަބަސް ފޮށިތެރެއަށް ލައި ޒިބުއަޅުވާލިއެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތެވެ.
***
ހަލަފް އާއި ހައްސާން އަދި ސާޔާ އާއި ރައުހާ ފާރެއްގެ ނިވަލުގައި ފިލައިގެން ހުރިއިރު ހަތަރު މީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުންމީދެވެ. މިކަމުގައި އިސްކޮށްއުޅުނު ތިން މީހުން އަތުލައިގަނެވެން ދެން މާގިނަ އިރެއް ނެތްކަން އިނގުމާއިއެކު ހަތަރު މީހުންގެ މޫނުމައްޗަށް ވެސް އުފާވެރިކަން ވެރިވިއެވެ. ”ރެޑީތަ؟ އަހަރެމެން މިދަނީ މާޖިދުގެ ފަހަތުން. ތި ދެ މީހުންގޮސް އެދެމީހުން ހައްޔަރު ކުރޭ.” ހަލަފް ތިން މީހުންނަށް އަމުރުކުރުމަށްފަހު އެތަނުން ދިޔުމަށް ހިނގައިގަތެވެ. ސާޔާއާއި ހައްސާންވެސް ހަލަފްއާއި ރައުހާގެ ފަހަތުން ދިޔައީ ބޭރުގައި ތިބި ދެމީހުންނަށް ކަމެއް ރޭކައިވެސް ނުލައި ފަދައަކުންނެވެ.
އާދައިގެ ހެދުމުގައި ސާޔާއާއި ހައްސާން ހުރުމުގެ ސަބަބުން އެދެމީހުންނަށް ވެސް އެއީ ފުލުހުންކަން ރޭކާނުލީ ކަންނޭނގެއެވެ. ސާޔާ އެދެމީހުންގެ ކުރިމައްޗަށް އަރައި އޭނާއަށް ލިބިފައިވާ އެކްޓް ކުރުމުގެ މޮޅު ހުނަރު ހައްސާން އާ އެކީ ޖައްސަން ފެށިއެވެ. ”އާހް.” ސާޔާގެ އަނގައިން މަޑުމަޑު އާހެއް ނުކުތުމާއިއެކު އެދެމީހުން އެއްފަހަރާ ސާޔާއާ ދިމާލަށް ބަލައިލިއެވެ. އެތަނުން އެކަކުގެ ގައިގައި ލައިގަނެފައި ވެއްޓުނުކަމަށް ހަދައި ސާޔާ އޭނާގެ އުނަގަނޑާއި ފައިގައި ފިރުމަންފެށީ ނިކަން މޮޅަށެވެ.
”ބޭބީ. އާރ ޔޫ އޯކޭ؟ ކޮންތާކަށް ތަދުވީ؟” ހައްސާން ނިކަން ލޯބިން ސާޔާގެ އުނަގަނޑުގައި އަތްއަޅުވައިލަމުން ނަގަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ކުރިން އެދެމީހުން ކުރެ އެކަކު ސާޔާގެ ކައިރީގައި އިށީންދެފައި ކޮންތަނަކަށް ތޯ ތަދުވީ ސުވާލުކުރީ ހާސްވެފައި ހުރެއެވެ. ދެމީހުންގެ ނިތްކުރިން އޭރު ދިޔައީ އުދާސްތައް ހިލެމުންނެވެ.
ހައްސާން އިންތަނުން ތެދުވާކަމަށް ހަދައިލާ ނިކަން ހުށިޔާރު ކަމާއިއެކީ އޭނާގެ ކައިރީ ހުރިމީހާގެ ދެއަތް ފަހަތަށް ލައި ބިޑި އަޅުވާލިއެވެ. ބަލާކަށް ނުހުރެ ސާޔާވެސް އޭނާއަށް ލިބިފައި ހުރި ތަޖުރިބާގެ އަލީގައި އޭނާ ކައިރީގައި އިށީންދެގެން އިން މީހާގެ އަތުގައި ހިފާ ފަހަތަށް އަބުރާލައި ބިޑި އަޅުވާލިއެވެ. އަދި އެމީހާއާ ދިމާލަށް ހިނިތުންވުމެއް ރައްދުކޮށްލާފައި ވަރަށް އުފާވެލާފައި ހުރެ ބުނެލިއެވެ. ”ހިންގަވާ އަޅުގަނޑުމެންނާ އެއްކޮށް.” ސާޔާ އޭނާގެ ޖީބުން ކާޑު ނަގައި އެދެމީހުންނަށް ދައްކައިލުމާއިއެކު ދެމީހުންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ބިރުވެރިކަމެވެ.
***
ފޯނު ކަންފަތުގައި ޖަހައިލައިގެން ހުރެ މަޑު ހިނގުމެއްގައި މާޖިދު ހިނގަމުން ދިޔައިރު އޭނާގެ ފަހަތުން ދެމީހަކު އަންނަކަންވެސް ފަހުމް ނުވާފަދައެވެ. އެހައިވެސް އޮލަ ވާހަކައެއްގައި އޭނާ ދިޔައީ އިސްޖައިލައިގެން ހުރެއެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ފަހަތުން މީހަކު އޭނާގެ ފޯނު ދަމައިގަތުމުންނެވެ. ރުޅި އައިސްފައި ހުރެ ފަހަތަށް އެނބުރިލި މާޖިދުގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ކުރިމަތީގައި ހެވި ދިލިފައި ހުރި ދެމީހަކު ފެނުމުންނެވެ. ހަލަފް އޭނާގެ ކަރުގައި އެލުވާލާފައި އޮތް ކާޑު ރަނގަޅު ފަރާތަށް އަބުރާލައި މާޖިދުގެ ގައިގައި ޖެހޭ ނުޖެހޭ ވަރުގައި ހުއްޓިލައި ވަރަށް ފުން ނަޒަރެއް ދިނެވެ.
”އިބްރާހިމް މާޖިދު ދެއްތޯ؟” ހަލަފް އެސުވާލު ކޮށްލީ މަލާމާތުގެ ރާގަކަށެވެ. މާޖިދު ޖަވާބުދޭން އުޅޭ ފަދައަކުން އޭނާގެ އަނގަ ކުޑަކުޑަކޮށް ހުޅުވާލިއެވެ. އޭގެ ދުވަނަ ސިކުންތުގައި މާޖިދު އޭނާގެ ދެފަޔަށް ބާރުލައި ދުއްވާގަތެވެ. އެކަމަށް ނުވިސްނާ ހުރި ހަލަފަށް ވެސް ލިބުނީ ސިހުމެކެވެ. ނަމަވެސް ރައުހާ މާޖިދުގެ ފަހަތުން އޭނާއަށް ދުވެވުނުހާ ބާރެއްލާފައި ދިޔައީ އަތުލައިގަނުމަށެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ. މާޖިދުއާ އެއްވަރުކޮށްލައި އޭނާގެ ގަމީހުގައި ހިފާ ދަމާލުމާއިއެކު މާޖިދު ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ. ނަމަވެސް ކޮންމެފަދަ އަނިޔާއެއް މާޖިދަށް ލިބުނަސް ހެޔޮކަމަށް ބަލައި އަނެއްކާވެސް މާޖިދުގެ ފަހަތުން ގަމީހުގައި ހިފައި ފާރުގައި ޖައްސާލިއެވެ. ގަދަހެދުމަށް މާޖިދު ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ރައުހާ އޭނާގެ އަތަށް ހަދާލާފައި ހުރި ގޮތުން ހުރިހާކަމެއް ދިޔައީ ނާކާމިޔާބު ވަމުންނެވެ. ހަލަފްވެސް ދުވެފައި އެތަނަށް އައިސް މާޖިދުގެ އަތުގައި ބިޑި އަޅުވާލުމަށްފަހު އޭނާ ގޮވައިގެން ކާރާ ދިމާލަށް ހިނގައިގަތެވެ. ރައުހާ ދިޔައީ މާޖިދު ފޮށި ހިފައިގެންނެވެ.
ކާރުގައި މަޑުކޮށްލައިގެން އިން ސާޔާ އާއި ހައްސާނަށް ހިނިތުންވެވުނީ މާޖިދުގެ އަތުގައި ހިފަލައިގެން އައިސް ކާރަށް އެރި ރައުހާ އާއި ހަލަފް ފެނިފައިއެވެ. ދުވެފައި ހުރުމުގެ ސަބަބުން ދެމީހުންގެ މޫނުމަތިން ވަރުބަލިވެފައި ހުރިކަމުގެ ކުލަވަރުތައް ފެންނަމުން ދިޔައިރު އުދާސް ވެސް ވެފައި ވަނީ އެހައިވެސް ބޮޑަށެވެ. ދެކާރު އެއްފަހަރާ ދުއްވާލިއިރު އެހަތަރު މީހުންގެ ހަރަކާތްތައް ބަލަން ތިބި މީހުންގެ ތައުރީފުގެ ބަސްތައް ދިޔައީ އޮހެމުންނެވެ. އެއްބަޔަކު ދުލުން އެއީ ހަތަރު ހީރޯއިންނޭ ބުނަމުން ދިޔައިރު އެނެއްބަޔަކު ދިޔައީ ސާޔާގެ މޮޅު އެކްޓުގެ ވާހަކަ އެހެން މީހުންގެ ގާތުގައި ދައްކަމުންނެވެ.
***
”ދަރިފުޅާ ޒައިކް. ކޮއްކޮއަށް ގުޅޭ ތޯ މަސައްކަތް ކުރިން ތަ؟” ނަތާޝާ އެހެން ބުނެލީ ކޮޓަރިއަށް ވަންނަން ދިޔަ ޒައިކް އަށެވެ. ޒައިކްގެ މޫނުމައްޗަށް ފޫހިކަން ވެރިވީ ހިނދުކޮޅެއްގެ ތެރޭގައިއެވެ.
”ކީއްކުރަން؟ އަހަރެމެންނަށް ގުޅަން ނޫޅޭ މީހަކު، ގުޅީމަ ފޯނު ނުނަގާ މީހަކަށް ގުޅަނި ކީއްކުރަން. ކޮން ބޭނުމަކު” ޒައިކްގެ ޖަވާބުން ނުހަނު ރުންކުރުވެފައި ސާދާއެވެ. ޒައިކްގެ އެ ބުނުމުން ނަތާޝާގެ ލޮލުން ކަރުނަތައް ފައިބަންނަން ފެށީ އެއްވެސް އިހްތިޔާރަކާއި ނުލައިއެވެ. ނަތާޝާއަށް އެއްޗެކޭ އިތުރަށް ބުނަން ނުކެރޭ ވަރުކޮށްފައި ޒައިކް ކޮޓަރިއަށް ވަދީ އެމައިމީހާއަށް ކުރާނެ އަސަރު އަންދާޒާވެސް ކޮށްނުލެވޭ ހާލުއެވެ. އެމައިމީހާގެ ހިތުގައި އަޅަމުންދާ ވޭން ތަސައްވުރުވެސް ކޮށްނުލެވޭ ހާލުއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Alhuga tha first? V reethi mi part ves . Curiously waiting for the next part. ❤
yay.. ur first aashko. congratulations.. thank u soo much aashkoo.. it means a lot.. and keep waiting
Yey me first dhw… varah reethi mi part vs.. masha allah .. kuda koh kuru hen hyvany… btw varah ufaavey mihaaru varah avahah jehigenn onna bai kiyaalan libeythy .. hope nxt part vs varah avahah kiyaalan libeyne kamah…
nooney mifaharu friendah libuny second. dhn faharakun first hoadhaa lahcheh. thank u soo much friend. it means a lot.. oh dhn huri baithah dhigukohlevey thw nafu balaanan inge. aww glad to read ur comment friend. ya insha allah dhn oii bai vs avahah kiyaalan libeyne.
Yunaan ah v kihineih tha e baeh nugennan tha?
nooney mannu. 15 vana baiga himanaalaifa innaane yunaan ge baeh. ekam kuri ah huri baithakun engigendhaane yunaan ah v kihineh kan vr bodah inge. keep waiting
Masha Allah Vvvvv Vvvvv Vvvv vvvvvvvvvvvvvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvvvvvvvvv reethi mi partvx… Curiously waiting for the nxt part… Lysm sis… ? ? ? ?
thank u sooo much jiminn.. it means a lot. lym
Wowww…mi part vx varah reethi…curiously waiting for the nxt part…sis mi story ge kithah part dhn baakee iny…hama ahaaly ingey…lysm
thank u soo much kairaa. it means a lot. and keep waiting.. nafu akah neyge eyeh bunaakah adhi eh. ekamu nafu ah bunan ingey ehchaky adhi vaahaka nimen noolheykan. hehe. its ok. readers ge hithugai onna ehchehi ehiyas nafuge ehves mahsala eh neii. lym