އެނދުގެ ބެޑްޝީޓް ނަގައި އެއްލާލާފައިވާ އިރު އެނދުމަތީގައި އެންމެ ބާލީހެއްވެސް ނެތެވެ. އަލާމާރީގައި ހުރި ހުރިހާ ހެދުން ތަކެއް އުކާލާފައިވާއިރު ދެން ފެނުނު މަންޒަރުން އައިލީޝްއަށް އެދިމާލަށް ދުއްވައިގަނެވުނެވެ.
އައިލީޝް ބަލާކަށް ނުހުރެ ފޯނު ނަގައި އަވަހަށް ނައިޝަމްއަށް ގުޅާލިއެވެ. އޭރު އައިލީޝްގެ ލޮލުން ދިޔައީ ކަރުނަތައް އިހްތިޔާރެއްނެތި ފައިބަމުންނެވެ. ކުށްވެރިއެއް ކަމުގެ އިހްސާސް ކުރެވެމުން ދިޔަ އައިލީޝްގެ ހިތުގައި ދިޔައީ އެތައް ވޭނެއް އަޅަމުންނެވެ. އެނދުމަތީގައި އިށީންދެލައިގެން އިން އައިލީޝްއަށް ކޮޅަށް ތެދުވެވުނީ އެތަނަށް ނައިޝަމް އައިސް ވަނުމުންނެވެ. ނައިޝަމް ވަނުމާއިއެކު އައިލީޝް ދުވެފައި ގޮސް ނައިޝަމްގެ ގައިގައި ބައްދާލިއެވެ.
”މިގެޔަށް ކޮން ރޯޅިއެއް އަރާފައި މިއޮތީ.” ނައިޝަމް ލާނެތް ރާގަކަށް އެހެން އަހާލި ވަގުތު އައިލީޝްގެ ރުއިމުގެ އަޑު ބާރު ވެގެން ދިޔައެވެ. ނައިޝަމްއަށް ވެގެން އުޅޭ ގޮތް ނޭނގުމާއިއެކު އައިލީޝް ދުުކޮށްލާ އެނދުމަތީގައި ބޭންދިއެވެ. އަދި ނައިޝަމްވެސް އެނދުމަތީގައި އިށީންދެލައި ވެގެން އުޅޭ ގޮތް އޮޅުން ފިލުވޭތޯ ބެލިއެވެ. ”އައިލީޝް. ނުރޮއި ތި ވެގެން އުޅޭ ގޮތެއް ބުނެބަލަ.” ނައިޝަމް އައިލީޝްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. އަދި އައިލީޝްގެ ދަތްދޮޅީގައި ހިފައި މޫނު ހިއްލާލިއެވެ. އެވަގުތު އައިލީޝްގެ ކަރުނުން ފުރިފައިވާ ދެލޯ ނައިޝަމްގެ ލޮލާ ހަމަވިއެވެ.
”ނައިޝަމް. އަހަރެންމީ ކުށްވެރިއެއް. ކުށްވެރިއެއް.” އައިލީޝް އެހެން ބުނެފައި އަނެއްކާވެސް ނައިޝަމްގެ މޭގައި ބޯއަޅައިލައިގެން އޮވެ ރޯން ފެށިއެވެ. އައިލީޝްގެ ކޮންމެ ކަރުނަ ތިއްކެއް ނައިޝަމްގެ ގަމީސް ފޯކުރަމުން ދިޔައީ ނުހަނު ހަކުވި ކަމާއިއެކުއެވެ. ނައިޝަމް އެއްއަތުން އައިލީޝްގެ ކޮނޑުގައި އަތް އަޅާލާ އެނެއް އަތް އައިލީޝްގެ ބުރަކަށީގައި ވަށާލިއެވެ.
”އަހަރެންނަށް ބައްޕަ ދިން އެއްޗެއްސަށް ރައްކާތެރިއެއް ނުވެވުނު. ބައްޕަގެ އަމާނާތަށް އަހަރެންނަށް ހިޔާނާތްތެރިވެވިއްޖެ.” އައިލީޝް ކިޔަމުން ދިޔަ އެއްވެސް އެއްޗެއް ނައިޝަމްއަކަށް ނަގައެއް ނުގަނެވުނެވެ.
”އައިލީޝް. ކީކޭތަ ތި ކިޔަނީ؟ އަހަރެންނަކަށް ނޭނގޭ އައިލީޝް ތިކިޔާ އެއްޗެއް. ނިކަން ސާފުކޮށް ބުނެބަލަ.” ނައިޝަމް އެހެން ބުނެލުމާއިއެކު އަނެއްކާވެސް އައިލީޝްގެ ގިސްލުމުގެ އަޑު ބާރުވެގެން ދިޔައެވެ.
”ހުރިހާ ރުފިޔާ. ތަކެއް. ރަޖިސްޓްރީ. ހުރިހާއެއްޗެއް. ގެއްލިއްޖެ.” އައިލީޝް ބުނި ޖުމުލަ ބުރިބުރި ވެގެން އައިނަމަވެސް މިފަހަރު ނައިޝަމްއަށް އެބުނީ ކީކޭކަން ދޭހަވިއެވެ. ހައިރާންވެފައިވާ އަޑަކުން ކީކޭހޭ ނުހަނު ބާރަށް ނައިޝަމްއަށް ބުނެވުނު އިރު އޭނާގެ އަޑު ނުހަނު ބާރުވެގެން ދިޔައެވެ.
”ލުކް އައިލީޝް. ޑޯންޓް ކްރައި. ތިމީހުން ހޯދަން މަސައްކަތް ފަށަން ހިނގާ. ދެން ރުއިން ހުއްޓާލަ.” ނައިޝަމްގެ ލޮލުގައި ފަޅާލާފައި އޮތް ތިޖޫރީ ފެނުމާއިއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އެތާ ކައިރީގައި އޮތް ވޮލެޓެއްވެސް ނައިޝަމްގެ ލޮލުގައި އަޅައިގަތެވެ. ބޮޑެތި ފިޔަވަޅުތައް ނަގަމުން ގޮސް ނައިޝަމް އެ ވޮލެޓް ތަޅުންގަނޑު މަތިން ނެގިއެވެ.
އައިލީޝް އޭނާގެ ދެލޯ އަތުން ފުހެލަމުން އެތަނުން ތެދުވެގެން ނައިޝަމްއާ ދިމާލަށް ހިނގައިގަތެވެ. ހަމަ އެވަގުތުގައި ނައިޝަމްގެ އަތުގައި އޮތް ވޮލެޓް ފެނިފައި އައިލީޝްގެ ދެލޯ ވެސް ބޮޑުވެގެން ދިޔައެވެ. ނައިޝަމް އެކަޅު ވޮލްޓެ ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް ފެނުނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެވެ. އަވަސްވެފައިވާ ހިތަކާއިއެކު އޭގައިވާ ނަން ދެމީހުންވެސް ކިޔާލިއެވެ. ”އިސްމާއިލް ހަސަން.” ދެމީހުންނަން އެއްފަހަރާ ދެމީހުން ދެމީހުންގެ މޫނަށް ބަލައިލެވުނެވެ. އަދި އަނެއްކާވެސް ޔަގީން ކޮށްލުމުގެ ގޮތުން ކާޑަށް ބަލައިލިއެވެ. އޭގައި ވަނީ އިސްމާއިލް ހަސަންގެ ފޮޓޯއެކެވެ. ނައިޝަމްގެ ގައިގައި މިއަދު ލައިގަތް މީހާގެ ފޮޓޯއެވެ.
”އެހެންޏާ މިއީ އެ މާޖިދުގެ ކަމެއް. ޒާހިދާ ބުނެގެން މިގޭ ރަޖިސްޓްރީ އާ ހުރިހާ ފައިސާއެއް އެގެންދީ.” ދެވަނަ ފަހަރަށް ވެސް އައިލީޝްގެ ލޮލުން ކަރުނަ އެތި ފައިބަން ފެށިއެވެ.
”އައިލީޝް ނުރޮއި. އަހަރެން ހުރިހާ ހިނދަކު އައިލީޝްއަކަށް ދެރައެއް ލިބުނަކަ ނުދޭނަން. އަހަރެން އަބަދުވެސް ބުނަމެއްނު އައިލީޝް އާ އެކު ވާނަމޭ. އައިލީޝްގެ ކޮންމެ ހިތާމައަކާ އުފަލެއްގައި ބައިވެރި ވާނަމޭ. އައިލީޝްގެ ދެލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކެއް ފޮހެލަދޭނަމޭ. ނައު ޕްލީޒް ސްމައިލް.” ނައިޝަމް އައިލީޝްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ އަތުގެ ބޮޑުވާ އިނގިލިން ފޮހެލަދިނެވެ. އަދި އަނެއްކާވެސް އައިލީޝް ގެނެސް އޭނާގެ މޭގައި ބޮޑިކޮށްލިއެވެ.
***
ހަލަފް އާއި ހައްސާން ގެސްޓް ހައުސްގެ ކުރި މައްޗަށް ކާރު މަޑުކޮށްލައި ދެމީހުންވެސް ކާރުން ފޭބިއެވެ. އަތަށް ފޮތަކާއި ގަލަމެއް ލައިގެން ދެމީހުންވެސް ސީސީޓީވީ ކެމެރާއެއް ފެނޭތޯ ވަށައި ހޯދަން ފެށިއެވެ. ނަމަވެސް އޭގެ ކުރިން ދެމީހުންގެ ލޮލުގައި ވެސް އަޅައިގަތީ ފޮއްޓެއް ކާރަށް އަރުވަން ހުރި މާޖިދުއެވެ. ދެމީހުންނަށްވެސް އެންމެ ފުރަތަމަވެސް ބަލައިލެވުނީ އެމީހުންގެ އަތުގައި އޮތް މީހުންގެ ފޮޓޯއަށެވެ. މާޖިދުތޯ ޔަގީން ކުރުމަށެވެ. އެއީ އެމީހުން ހޯދައި މާޖިދުކަން ޔަގީންވުމާއިއެކު ދެމީހުންވެސް ދެމީހުންގެ މޫނާ ދިމާލަށް ބަލައިލާ މާޖިދުއާ ދިމާލަށް ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ދެމީހުންނަށްވެސް މަޑުޖެހެވުނީ މާޖިދު ކާރަށް އަރައި ކާރު ދުއްވާލުމުންނެވެ. ހަލަފްއާއި ހައްސާންވެސް އަވަސް އަވަހަށް ކާރަށް އަރައި އެކާރުގެ ފަހަތުން ނައްޓައިލީ މާޖިދުއަށް ކުޑަކޮށްވެސް ވަހުމެއް ނުވާނެ ފަދައިންނެވެ. އަދި ދެމީހުންވެސް ކާރުގެ ނަންބަރު ހިތުދަސް ކޮށްލިއެވެ.
ވަކި ހިސާބަކަށް ދެވުމާއިއެކު ދެމީހުންނަށް ވެސް އެކާރު އެދަނީ އެއާޕޯޓަށްކަން ޔަގީންވިއެވެ. ”މޭމް. މާޖިދުގެ ކާރު އެބަދޭ އެއާޕޯޓަށް. އަޅުގަނޑުމެން ވެސް މިދަނީ ކާރުގެ ފަަހަތުން.” ހަލަފް ކަންފަތުގައި ފޯނު ޖައްސައިލައިގެން އިނެ އެހެން ބުނެ ކުރިމަތި ބަލައިލިއެވެ. ކާރުބާރު ބޮޑު މަގުތަކުން ދުއްވާފައި ދިޔައިރު ދެމީހުންނަށްވެސް އެކާރުގެ ފަހަތުން ދެވުނީ ހަމަ ކިރިޔާއެވެ. ގެއްލޭ ފަހަރުވެސް މަދެއް ނޫނެވެ.
”އެންމެ ރަނގަޅު. އެ ކާރުގެ ފަހަތުން ގޮސް މާޖިދު ހައްޔަރުކުރޭ. އޯކޭ.” ޔެސް މޭމް އޭ ކިޔައި ހަލަފް އޭނާގެ ފޯނު ބާއްވާލައި އެއާޕޯޓަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އެކަންވެސް ކާމިޔާބުވުމާއިއެކު ކާރުގެ ދުވެލި މެކުހަށް ލައި އެއާޕޯޓަށް މިސްރާބު ޖެހިއެވެ.
***
ހުދުކުލައިގެ ޕެންސިލް ސްކާޓަކާއިއެކު މަޑު ފިޔާތޮށި ކުލައިގެ ގަމީސްކޮޅެއް ލައި ބެގީ ކޮށްލާފައި ހުރި ޔޫހާގެ ރީތިކަން އިންތިހާއެވެ. އިސްތަށިގަނޑަށް ރީތި ގޮތެއް ހަދައިލާ ކުދިކުދި އިސްތަށި ކުރިމައްޗަށް ގެނެސްފައިވުމުން ޔޫހާ އިތުރަށް ރީތިކަމަށް ދައްކައެވެ. މޫނުގައި ތިން ލޭޔާ ފައުންޑޭޝަން އުނގުޅާފައިވާއިރު ހަމައެވަރަށް ތުންފަތުގައިވެސް ރަތް ލިޕްސްޓިކެއް ޖައްސާފައިވެއެވެ. ލޮލުގައި މަޑުމަޑު ކޮށް މޭކަޕް ފަވާލާފައިވާއިރު ޔޫހާގެ ރީތިކަން ދެގުނަވެފައިވެއެވެ. ހޮސްޕިޓަލުގެ ރިސެޕްޝަނާ ހަމައަށް ގޮސް ހުއްޓިލިއިރު އެތައް ބައެއްގެ ނަޒަރު ޔޫހާއަށް ހުއްޓިފައި ވީއިރު އޭނާ ދިޔައީ އެކަމާ ބޮޑާވެރިވަމުންނެވެ. ޔޫހާއަކީ އޭނާގެ ރީތި ކަމަށް އަމިއްލައަށް ވެސް ތައުރީފުކޮށް ހަދާ މީހެކެވެ.
”ޔޫހާ. ހާދަ ރީއްޗޭ މިއަދު.” ރިސެޕްޝަނުގައި އިން ކުއްޖާ އެހެން ބުނެލުމާއިއެކު ޔޫހާ އޭނާގެ ބައްތިރީސް ދަތް ފެންނަ ވަރަށް ހީލިއެވެ. އަދި ފޮނި ގޮތަކަށް ތެންކް ޔޫ އޭ ބުނެލައި ކެޓް ވޯކުގައި އޭނާ އިންނަން ޖެހޭ ރޫމަށް ހިނގައިގަތެވެ. އޭރުވެސް އެތައް މީހެއްގެ ނަޒަރު ޔޫހާއަށް ހުއްޓިފައިވެއެވެ.
”ޒައިކް. މިއަދު ވާނެ އަހަރެން ބަލާ އަންނަން އިނގޭ.” ޔޫހާ ތުއި ގޮތަކަށް އެހެން ބުނެލައި އޭނާގެ ޓިއުޓެކްސް ޖައްސާފައިވާ ދިގު ނިޔަފަތިތަކަށް ނަޒަރު ހިންގައިލިއެވެ. އެކޮޅުން ޖަވާބެއް ލިބުމާއިއެކު ޔޫހާ އޭނާގެ ފޯނު މައްޗަށް ހިއްލާލައި ނަފްސީއެއް ނަގައިލިއެވެ. އެމަންޒަރު ދޮރުން ވަތް ޑޮކްޓަރަށް އެންމެ ރަނގަޅަށް ފެނުނެވެ. އަދި ލާނެތް ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުމަށްފަހު ޑޮކްޓަރު އައިސް ގޮޑީގައި އިށީންދެލި އިރުވެސް ޔޫހާ އިނީ ސްނެޕްޗެޓް ހުޅުވައިގެން ނަފްސީ ނަގާށެވެ.
***
ސާޔާ އާއި ރައުހާ ނޯތް ހާބާރު ވަށައި ބުރުޖަހަމުން ދިޔައީ އެމީހުންނަށް ސީސީޓީވީ ފުޓެޖްއިން ފެނުނު ފަސްމީހުންގެ ތެރެއިން އެކަކުވެސް ފެނޭތޯއެވެ. ނަމަވެސް އެތަނުގައި އެއްގަޑިއިރު ހޭދަވެގެން ދިޔައިރު ވެސް އެމީހުންނަށް އެއިންމީހަކު ފެންނަ ގޮތް ނުވުމުން ދެމީހުންވެސް ކާރަށް އަރައި ޕޮލިސް ސްޓޭޝަނާ ދިމާލަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ކާރަށް އަރަން އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ރައުހާއަށް މަޑުޖެހެވުނީ އޭނާގެ ލޮލުގެ ހިމަކޮޅުން ފެނުނު ސޫރައެއްގެ ސަބަބުންނެވެ. އަވަސް އަވަހަށް ސާޔާއަށް ގޮވައިލާ އަތުގެ އިޝާރާތުން އެމީހާ ދައްކައިލިއެވެ. ނޯޓް ފޮތުގެ އެތެރޭގައި ހުރި ފަސް ފޮޓޯތަކުން ފޮޓޯއެއް ނަގައި ސާޔާ އެފޮޓޯ ރައުހާއަށް ދައްކައިލިއެވެ. ”އެއީ އެމީހާ ސާޔާ. ހިނގަދާން އެމީހަ ކައިރިއަށް.” ރައުހާ އެހެން ބުނެފައި ކާރުގެ ދޮރު ޖަހާއިލިއެވެ. ސާޔާ އައިސް އޭނާއާ ހަމަކޮށްލުމާއިއެކު ދެމީހުންވެސް އެކީގައި އެމީހާ އާ ދިމާލަށް ހިނގައިގަތެވެ.
ހުވާސް ޖަހައިފައި އިން ބޮޑު ބޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ އެމީހާއަށް ރައުހާ ވަރަށް އަދަބުވެރިކަމާއިއެކު ގޮވާއިލިއެވެ. އެއާއިއެކު އެމީހާ ސުވާލުގެ ނަޒަރަކުން އެދެމީހުންނަށް ބަލަމުން އައިސް ދެމީހުންގެ ކުރި މައްޗަށް ހުއްޓިލިއެވެ. ”ބޭބޭ. ހިންގަވާބަ އަޅުގަނޑުމެންނާއެކު. އަޅުގަނޑުމީ ރައުހާ. މިހިރީ ސާޔާ. އަޅުގަނޑުމެން މިއައީ ޕޮލިސް ސްޓޭޝަންގެ ފަރާތުން.” ރައުހާ އޭނާގެ ބޮލުގައި އަޅުވާފައި އޮތް ކާޑް ނަގައި އެމީހާއަށް ދައްކައިލިއެވެ. އެވަގުތު އެމީހާގެ މޫނު މައްޗަށް އަރައިގެން ދިޔައީ ބިރުގަނެފައި ހުރިކަމުގެ ކުލަވަރުތަކެވެ.
ކައިރީގައި ހުރި ހޮޓަލަށް ވަދެ ގޮޑިއެއްގައި ތިން މީހުންވެސް އިށީންދެލިއެވެ. ”ބޭބެ ހާސްނުވޭ. އަޅުގަނޑުމެން ބޭބެ މިތަނަށް މިގެނައީ ހަމައެކަނި ސުވާލުތަކެއް ކުރަން. ބޭބެ ކުރަންވީ ހަމައެކަނި ކަމަކީ ސުވާލުތަކަށް ޖަވާބު ދޭންވީ.” ސާޔާ އޭނާގެ ނޯޓް ފޮތް ހުޅުވާލައި އޭގައި ލިޔަން ހަމަޖެހިލިއެވެ.
”ބޭބެ އަޑު އެހިން ތޯ މީގެ ދެއަހަރު ކުރިން ނޯތް ހާބަރުގައި އަނިޔާވެރި ގޮތަކަށް މަރައިލި މީހެއްގެ ވާހަކަ؟” ރައުހާ އޭނާގެ ނޯޓް ފޮތުގައި ލިޔެފައި ހުރި ސުވާލުތައް ކުރަމުން ދިޔައެވެ. ނަމަވެސް އެމީހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްވެފައި ހުރިކަމުގެ ކުލަތަކެވެ.
”ލައްބަ. ބޭބެ މިކަން މިހާރު އެއްވެސް ވަރަކަށް ފޮރުވާކަށް ބޭނުމެއް ނޫން. އެމީހާ މަރައިލީ ބޭބެ ގެ ކުރިމަތީގައި. އެކަމު މީގެ ކުރިން ބޭބެއަށް މިކަމަށް އެއްބަސް ނުވެވުނީ އެމަންޒަރު ފެނިފައި ބޭބެއަށް މީހަކާ ވާހަކަ ދައްކަން ވެސް އުނދަގޫވީމަ.” އެމީހާ އެއްވެސް ކަމެއް ފޮރުވަން ނޫޅޭ ފަދައެވެ. ހުރިހާ އެއްޗެއް ރައުހާއަށާއި ސާޔާއަށް ކިޔާދީފައި އެދެމީހުންގެ އެދުމުގެ މަތިން އެމީހާ އެތަނުން ނުކުމެގެން ދިޔައީ އަދި ބައްދަލުވާން ވާނެ ކަމަށްވެސް ބުނަމުންނެވެ. ލިބުނު މައުލޫމާތުން ދެމީހުންގެ ހިތަށްވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަދި މާލަސްތަކެއް ނުކޮށް ދެމީހުންވެސް އަވަހަށް ޕޮލިސް ސްޓޭޝަނަށް ދިޔުމަށް ކާރު ދުއްވާލިއެވެ.
***
މަންމާ. ތިއައީ ދޯ. އާދޭ އިށީންނަން.” މައުނާ ޒާހިދާއަށް އިޝާރާތް ކޮށް ސޯފާގައި އިށީންނަން ބުނެލިއެވެ. ”މަންމަގެ ދަރިފުޅު ހާދަ ބޮޑުވެއްޖޭ.” ޒާހިދާ ލޯބިން ފުރިފައިވާ ގޮތަކަށް މަައުނާގެ ގައިގައި ބައްދައިލިއިރު އޭނާގެ ދެލޯ ކަރުނުން ބަންޑުންވަނީއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Wowwww….speechless….varah varah reethi mi bai vx….curiously waiting for the nxt part….lysm….be safe
thank u soo much kairaa. keep waiting. be safe u too.. lym
Yeyyy. Am i first. Kiyaalaafa comment eh kohlaanan
nooney dear. mifaharu second. dhn faharakun first hoadhaalahcheh. hehe
Ohh.. I’m second
ya ur second this time
Masha Allah ❤️ I this part is as nice as other parts ❤️ but Sau ah heevany kuru hen ? but it’s OK… Keep up the Gud work ??
thank u soo much sau. it means a lot.
Varah reethi mi part vs masha allah.. curiously waiting for the next part …
thank u soo much friend. keep waiting
Masha Allah Varah varah reethi mi part ves… Vaahakaige baithah genesdheyleh varah furihama.. Curiously waiting for the nxt part..
thank u soo much jimin. it means a lot