ޝަހަރު 5ވަނަ ބައި
ހައްޔާމްގެ މިޒާޖު އެންމެ ރަގަޅަށް އެނގޭ އެއްބަޔަކަށް ހަމަގައިމުވެސް އޭނަގެ އެކުވެރިންވާނެއެވެ. ހައްޔާމްގެ އުޅުން ހުންނަ ގޮތުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންވެ އެ އެކުވެރިންވެސް ހައްޔާމްއާ މެދު ކަންބޮޑުވެއެވެ.
” ހާތިބު އެރަށްތަށް އޮންނަނީ ކިހިނެއްތަ؟.. އަހަރެންވެސް އެރަށްތަށް އޮންނަގޮތް ބަލަން ވަރަށް ދާހިތްވޭ..” ރާބިލް ހަތީބު ކުރެން އަހާލިއެވެ. ” ގިނިހިޔާރަށް އަސްލު އެހެންފެންނަ އިރު ހީވަނީ ހުސްފަރުބަދަ ތަކެއް ހުންނަހެން ދޯ.. އެކަމަކު އޭ ވަށައިގެން ހުންނަ ފަރުބަދަ ތަކެއް ދެން ރަށަށް ފޭ ބުމުން އެނގެނީ ރަށުގެ އެކިހިސާބު ތަކުގައި ހުރޭ ކުދިކުދި އެކިކަހަލަ ފަރުބަދަތަށް.. ދެން މެދު އޮންނަނީ ހުސްކޮށް.. ދެން.. ވެލިފަސް ރަށް ދުރުން ފެންނައިރު ހީވަނީ ހުސްކޮށް އޮތް ހަނަފަސްތަނެއް ހެންދޯ.. އެކަމަކު ކައިރިވެ އަދި ރަށަށް ފޭބުމުން އެގެނީ އެއީ ހިރަފުހުން ބަރާވެފައި އޮތް ތަނެއްކަން.. ދެން އެކި ހިސާބުތަކުގައި ކުޑަ ވެލިފުނިތަކެއްހެން ގާތަކެއް ހުރޭ.. އަނެއްހެން ދެރަށްވެސް ވަރަށް ރީތި.. ގިނިހިޔާ ރަށުގެ އަނެއް ފަރާތުގައިވެސް އެބޮތް ރަށެއް.. ބައްޕަ ބުނި އެއީ ބޮޑެތި އާއިލާތަކުން ހަފްލާ، ޕާޓީ ފަދަ ކަންކަން ބޭއްވުމަށް ޚާއްސަ ރަށެކޭ.. ދުރުން ފެންނައިރު ވަރަށް ރީތިކަމަށް ދައްކާ.. ދެން ޓްރެއިނިން މާދަމާ ރޭ ދާނީ ދޮންފަން ރަށަށް.. ބައްޕަ މިރޭ ބްރޭކެއް ނަގަން ބޭނުންވާތީ މަޑު މިކުރީ.. އަސްލު އަހަރެން ބޭނުމެއް ނޫން ބްރޭކެއް..” އެކުވެރިން ހާތިބުގެ ވާހަކަތައް އަޑުއަހަން ޝައުޤުވެރިކަމާއެކު ތިއްބެވެ. ހާތިބު އެރަށްތަކުގެ ވާހަކަ ކިޔައި ދިން އިރު އެކުދިންނަށްވެސް އިޙްސާސް ކުރެވުނީ އެރަށުގައި ތިބެވުނު ހެންނެވެ. ” ހާތިބު ނުބުންޏަސް އެބަ އިނގޭ ބްރޭކެއް ބޭނުންނުވާކަން.. ތީ ކާކުކަން އަހަރެމެންނަކަށް ނުއޮޅޭނެއެއް ނޫ..” ދިފްރީސް ބުންޏެވެ. ނިދާވަގުތު ޖެހެންދެން މުޅި ރަށުތެރޭގައި ވާހަކަ ދައްކާލަމުން ހިނގަހިނގާ އެކުވެރިން ތިއްބެވެ.
ފަހުދުވަހުގެ ރޭ ދޮންފަން ރަށަށް ދިއުމަށްޓަކައި ވަރުދާންގެ ދަބަފައިން އުދުއްސައިގަތެވެ. ދޮންފަން ރަށް ދުރުން ފެންނަ އިރު ހީވަނި އެރަށަކީ އަބަދުވެސް އިރުއޮތްސުމުން ރަތްވިލާ ލާފަ އޮންނަ ރަށެއްހެންނެވެ. ރަށް ފެންނަނީ ދުރުން އަބަދުވެސް އެކަހަލަ ގޮތަކަށެވެ. ކައިރިއަށް ދާވަރަކަށް ރަށުގެ ތަންތަން ވަކިވާވަރު ވިއެވެ. ރަށުގައި ގިނައިން ހުރީ ރުއްތަކެވެ. ދެން ހުރީ ކަށިކެޔޮގަސްތަކާ ކާނިގަސްތަކާ ވެޔޮހެން ދެމިފައި ހުންނަ ގަސްތަކާ މޫތަކުންއެލުވި ފުރިފައި ހުންނަ ފަދަ ގަސްތަކެވެ. ދެން ކުދި އެކިވައްތަރުގެ ގަސްތަކެވެ. ރަށް އޮރެންޖުކލައެއްގައި ފެންނަމުން ދަނީ ރަށުގެ މަލަމަތީގައި ހެދިފައިވާ އޮރެންޖު ފަތްތަކެއް ހުރި ގަސްތައް ފެންނާތީއެވެ. އެރަށަށް ގޮސް އެހެން ރަށްތަކާ ޚިލާފަށް ވަރުދާމެން ފޭބީ އަތިރި މައްޗަށެވެ. ރީތި ދޮންވެލިގަނޑެއް އޮތް އިރު އިރުއިރު ކޮޅާ އެތަނަށް ބީއްސާލާ ރާޅުގެ އަޑު މެދު ނުކެނޑި ހުރެއެވެ. ދެބަފައިން ފުރަތަމަ އަތިރިމަތީ ޖައްސާލީއެވެ. އިރުކޮޅެއް ނުވެ ހަތީބުއަށް ފެނިގެން ދިޔައީ އޭނަ އެހާވަރަށް އަތިރި މަތީގައި އުޅޭ އިރުވެސް ނުފެންނަ ފަދަ މަންޒަރެކެވެ. މޫދުގެ ވަކި ސަރަހައްދެއް ވިދާ ބަބުޅަން ފެށީއެވެ. ” ދަރިފުޅާ ރަގަޅަށް އެ މަންޒަރު ބަލާބާ.. ދަރިފުޅު އަދި ރަގަޅަށް ބަލައިފިއްޔާ ދަރިފުޅަށް ވިދާ ބެބުޅުން ނޫން އެހެން ކަންތައްވެސް ފެންނާނެ..” ވަރުދާން ބުންޏެވެ. ހާތިބު އޭނާގެ ސިނކުޑިއަށް ބާރުލާފައި ތަންކޮޅެއް ބޮޑަށް ދެލޯ ހުޅުވައިގެން ބަލަން ފެށިއެވެ. އިރުކޮޅަކުން ހާތިބުއަށް ފެންނަން ފެށީ ހާތިބުމެން ފަދައިން ތިބި ބައެކެވެ. ނަމަވެސް އެމީހުން ތިބޭ ގޮތް ހާތިބުމެންނާ ކުޑަކޮށް ތަފާތެވެ. ހަތީބުމެންގެ ކަންފަތް ކުޑަކޮށް ހުންނައިރު އެމީހުންގެ ކަންފަތް ހުންނަނީ ފުޅާކޮށް ދިގުކޮށެވެ. ދަތްތައްވެސް ބޭރަށް ފެންނަ ވަރަށް ދިގެވެ. ކަޅުކަންވެސް އެހާ ގަދައެވެ. ހަށިގަނޑު ހުންނަނީ ވަރަށް ބިޔަކޮށެވެ. ” އެއީ ކަނޑުގައި އުޅޭ އަހަރެމެން ފަދަ ބައެއް.. ކަނޑުގައިވެސް އުޅޭނެ އެތަށް ޤަބީލާއެއްގެ ބައެއް.. އޭގެން ބައެއް ތީ.. އެމީހުން އެއަންނަނީ އަހަރެމެން ފެނުމުން..” އެއީ ކޮންބައެއްކަން ވަރުދާން ހާތިބުއަށް ބުނެދިނެވެ.
” އަހަނ! ވަރުދާން ދޯ! ހާދަ ދުވަސްކޮށްލާފައި ދޯ މިދިމާވީ.. މީ ކާކުކަން އެބަ އިނގޭތަ..” އެމީން ދަންނަ ކަމަށް ބުނަމުން ވަރުދާން ބޯޖަހާލިއެވެ. ” އަހަރެމެންނަށް އެންމެ ފަހުން ވަރުދާން ފެނުނުނީ އުމުރުން ފަންސަވީހަކަށް އަހަރު.. އަޑުއެހިން ވަރުދާންގެ ބައްޕަގެ ޚަބަރުވެސް.. ވަރަށް ދެރަވި އެޚަބަރު ލިބުމުން..” އެމީހުންނަކީ ބައްޕަގެ ވަރަށް ގާތް ބައެއްކަން ވަރުދާންއަށް އެނގެއެވެ. ބައްޕަގެ އެންމެ ފަހު ވަގުތުވެސް ބައްޕައަށް ހިތްވަރު ދިނުމުގައި ކެރިގެން ކުރިމަތިލި ބައެކެވެ.
އެއީ މީގެ ތިރީސް އަހަރު ކުރިއެވެ. ވަރުދާންގެ ދައްތަ ނަވްލާ އަބަދުވެސް އުޅެމުން އައީ ބޭރު ތެރޭގައެވެ. ބައްޕަ ދުރަށް ނުދާށޭ ބުންޏަސް ދައްތަ އުޅެމުން އައީ ދައްތަ ބޭނުންވާ ގޮތަކަށެވެ. ބައެއް ދުވަސް ދުވަހު އެއްގޮތަކަށްވެސް ދައްތަ ނުފެނި ހިނގައިދާނެއެވެ. އެންމެ ފަހުން ބައްޕަ އަށް ކެތްނުވެގެން ދައްތަ އުޅޭ ތަނެއް ބެލުމަށް ބައްޕަޔަށް އިޚުލާސްތެރި ބައްޕަގެ ޚާންދާނުގެ މީހުން ފޮނުވިއެވެ. އެމީހުން ދިން ޚަބަރުން ބައްޕަ މޮޔަނުވީވެސް ނަސީބަކުންނެވެ. އެކަމާ ހެދި ދައްތަ ގެއަށް އައުމުން ދައްތަ ގޭގާ ބަންދު ކުރިއެވެ. ދައްތަ ގޭގާ ބަންދު ކުރުމުން އެ ރުޅިގަނޑު ވަރަށް ގިނައިން ގޭގެ ތިބޭ އެއްޗެއްސަށް ބާލަމުން ދިޔައެވެ. އެންމެ ފަހުން ބައްޕައާ ދެކޮޅަށްވެސް ގެއިން ނިކުންނަން ދައްތަ ފައިވިއްދާލީއެވެ.
އެއްދުވަހެއްގެ ރޭގަނޑެވެ. ނަވްލާ އޭނާގެ އެކުވެރި މަލީސާއާ ތާހިރާއާ ދެކުދިންނާ އެއްކޮށް ބޭރުތެރޭ އުޅެމުން ދިޔައެވެ. ނަވްލާއަކީ އަބަދުވެސް އާކަންތައް ފެނި އާކަންތައްތައް ތަޖުރިބާ ކުރަން ބޭނުންވާ މީހެކެވެ. އެރޭ ހިނގަމުންގޮސް ތަންކޮޅެއް ދުރަށް ދެވުނު ދުވަހެކެވެ. ވާބިސް ވަނީ ނަވްލާ ވަރަށް ކުޑައިރު އުދުހުމަށާ އެކިކަހަލަ އުކުޅުތައް ދަސްކޮށްދީފައެވެ. އޭ ވާބިސް އަށް ލިބުނު ފުރަތަމަ ދަރިއަށް ވީމަ ވާބިސް ބޭނުންވީ ނަވްލާ ބޮޑުވާއިރު ހުރިހާ ކަމެއްވެސް އެނގިގެން ހުރިހާ ކަމަކަށްވެސް މޮޅު ކުއްޖަކަށް ވެގެން ބޮޑުވާށެވެ. ނަމަވެސް ވާބިސް ދަސްކޮށްދިން ކަންތަކުގެ ބޭނުން ނަވްލާ ހިފީ ނާޖާއިޒް ގޮތުގައެވެ. ” ނަވްލާ ގެ ބައްޕަ އޮތީ ބުނެފައެއް ނޫ ދުރަށް ނުދާން..” ނަވްލާގެ އެކުވެރި މަލީސާ ބުންޏެވެ. ” މަލީއަށް ވެސް އެނގެއެއްނޫ ބައްޕަމެން ބޭނުމެއް ނުވާނެކަން ދުވަހަކު ގެއިން ބޭރަށް ވެސް ނިކުންނަން.. އެހެން ގޭތެރޭގައި ތިބެގެން އަހަރެމެންނަށް މިއޮތް ބޮޑު ދުނިޔެ ފެންނާނެތަ… ހިނގާބާ މަތިން ބުރެއް އަޅާލަން ދާން..” މަލީސާއާ ތާހިރާ ފުރަތަމަ އެކަމަށް ދެކޮޅު ހެދިއެވެ. ނަމަވެސް ނަވްލާ ދޫނުކޮށް ކިޔާވަރުން އެކުދިން ދާން އެއްބަސްވިއެވެ. ނަވްލާ ވަނީ އެކުދިންނަށް ވެސް އޭނައަށް ބައްޕަ ދަސްކޮށްދިން ކަންތަކުގެ ބައެއް އެއްޗެހި ދަސްކޮށްދީފައެވެ. އެހެންކަމުން އެކުދިން ދެކެނީ ނަވްލާއަކީ ހެޔޮއެދޭ ގާތް އެކުވެރިއެއްގެ ގޮތުގައެވެ. ތިން މީހުންވެސް އުދުއްސާގަތެވެ. ތިންމީހުނަށް ވެސް ރަށާ ވަރަށް ދުރަށް ދެވުނު އިރު ރީތި އެހެނިހެން ރަށްތަށް ފެންނަން ފެށިއެވެ. އެހެން ދަމުންގޮސް އެމީހުނަށް މާރީތި ރަށެއް ފެނުމުން އެތަނުގެ އެންމެ ގަސްތައް ގިނަ ސަރަޙަށް ތިރި ކުރިއެވެ. އެތާގެ އަތިރިމައްޗާ އެންމެ ގާތުގައި ހުރި ކެޔޮގަހެއްގެ އިފަގަނޑެއްގައި ތިންމީހުންވެސް އިށީދެގެން ތިއްބެވެ. ކެޔޮގަހުގައިވާ ހުރިހާ ކެޔޮތަކެއްހެންވަނީ ދޮންވެ ފައްކާވެފައެވެ. އޭގެއިތުރުން ގަހުގައި މާތައްވެސް ވަނި ފޮޅި އޭގެ އެންމެ ފުރިހަމަކަމުގައެވެ. ނަވްލާ އޭގެއިން މަލެއް ބިނދެލައިގެން ވަސްބަލާލިއެވެ. ނޭފަތް ފުރި ބަންޑުންވާހާ މީރުވަސް އެމަލުން އިހުސާސްކުރެވުނެވެ.
އެމީހުންނަށް ތިރި ކުރެވުނު ސަރަޙަށްދަކީ ވަރަށް ގިނަ މީހުން އަތިރިމަތީގައި އަލިފާންގަނޑެއް ރޯކޮށްލައިގެން ތިބި ސަރަހަށްދެކެވެ. ތިންމީހުންވެސް އެމީހުން ކުރަމުން ދިޔަ ކަންތައްތައް ބަލަން ގަހެއްގެ އޮފިގަނޑުގައި އިށީދެލައިގެން ތިއްބެވެ. ” ކޮބާ މަލީ.. މަބުނީމެއްނޫ ނިކުތީމައޭ ތަންތަން ފެންނާނީ.. މީ ދުވަހަކުވެސް އަހަރެމެން ދެކުނު ތަނެއް ނޫން.. އަހަރެމެންނަށް ވުރެ އެތައް ގުނައެއް ރީތި ބައެއް.. މަލީމެނަށް އެނގޭތަ މީ ކޮންބައެއްކަން؟…” މަލީސާއާ ތާހިރާއަށް އެއީ ކޮންބައެއްކަމެއް ނޭނގޭތީ ބޯ ހޫރާލިއެވެ. ” އެއީ ކޮންބައެއްތަ.. ނަވްލާ ތިބުނިހެން ވަރަށް ރީތި ބައެއް..” އެމީހުންގެރީތި ކަމުގެ އަވާގައި ޖެހިފައި ހުރެ ތާހިރާ ބުންޏެވެ. ” އެއީ އިންސާނުންނަކީ..” ނަވްލާ އެއީ އިންސާނުންނޭ ބުނި ތަނުން މަލީސާއާ ތާހިރާއަށް ހީވީ ބިރެއް ފެނުނު ހެންނެވެ. ދެކުދިންވެސް ތިބި ތަނުން ފުންމައިގެން ތެދުވުނެވެ. ނަމަވެސް ނަވްލާ ހިތަށް އެއްވެސް އެއްޗެއް އެރިހެނެއް ހީއެއްނުވެއެވެ. ” ނަވްލާގެ ބައްޕަ ބުންޏެއްނޫ އިންސިން އުޅޭ ތަނަކަށް ނައަންނާށޭ.. އެމީހުންނަކީ ވަރަށް ނުރައްކާތެރި ބައެކޭ..” ބިރުން ހުރެ ތާހިރާ ބުންޏެވެ. ” ހަމަޖެހިގެން އިށީދެބާ.. ތިހާ ހާސްވާ އެއްޗެއް ނޫނޭ.. އެމީހުނަކަށް އަހަރެމެން ނުފެންނާނެ.. އަނެއްކޮޅުން ބައްޕަމެން ކިޔައިދިންހާ ބިރުވެރި ބައެއް ވައްތަރެއްވެސް ނުޖަހާ.. އަހަރެމެންނަށް ވުރެ މާ މަޖާކޮށް އުޅެމުން އެދަނީ.. އަހަރެމެން މަޖަލަކަށްވެސް މުޅި ރަށުތެރޭގައި އެނބުރުން ނޫން އެހެން ކަމެއް ނުކުރޭ.. އެކަމަކު ބަލާބާ އެމީހުން ތަފާތުކަން..” ނަވްލާ ވަރަށް ހަމަޖެހިލާފައި އެކުވެރިން ހަމަޖައްސާލުމުގެ ގޮތުން ބުންޏެވެ.
ދޮންވެލިގަނޑުމަތީ ފުޓްބޯޅަ ކުޅެންތިބި ކުދިންގެ އަޑުން މުޅިތަންވަނީ ގުގުމާލައެވެ. އޭގެތެރެއިން ކުއްޖަކު ޖެހިބޯޅައެއް ނަވްލާމެން އިށީދެގެން ތިބި ގަސްކައިރިއަށް އައެވެ. ބޯޅަ ނަގަން އާ ކުއްޖާ ގަހާ ހަމަވުމުން ނަވްލާ އޭނާގެ އަތުގައިވާ މާ ތިރިއަށް ވައްޓާލިއެވެ. ބޯޅަ ނަގަން ލެބުނު ޔާނިއުއަށް އޭނަގެ ގައިގައި ޖެހިފައި ވެއްޓުނު މަލައް ބަލާލެވުނެވެ. ކީއްވެ ކަމެއްނޭނގެއެވެ. އެވަގުތު އެމާނަގާހިތް އޭނާވިއެވެ. ބޯޅަ ނެގުމުގެ ކުރިން އޭނާ އެމާ ނަގާ މަލުގެ ވަސްބަލާލިއެވެ. ” އޭ ޔާނިއު ތިކަހަލަ މަލުގެ ވަސްބަލާކަށް ނުވާނެ.. މަގޭ މަންމަމެންބުނޭ ތިކަހަލަ މަލަކީ ޖިންނިން ގެންގުޅޭ އެއްޗެކޭ..” ޔާނިއުގެ އެކުވެރިއަކު ބުންޏެވެ. ” އެއީ މަންމަމެން ދައްކާ ބޯދާ ވާހަކައެއް.. އެމީހުން އަހަރެމެން ތަންތަނުގައި ތިބޭ އެއްޗެހި ބިނދެހަދާތީ އަހަރެމެން ބިރުގަންނުވަންވެގެން ކިޔާ އެއްޗެއް އެއީ.. ކަލޭ ދުވަހަކުވެސް ދެކުނިންތަ މަލެއް ބިނދެގެން މީހަކު ޖިންނި މޮޔަވިއޭ…” ޔާނިއުބުންޏެވެ. ” މަނުދެކެން.. އެކަމަކު މަ ވަރަށް ގިނައިން އަޑު އަހާވާހަކައެއް..” ޔާނިއުގެއެކުވެރިޔާ ބުންޏެވެ.
(ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



masha allah kudhu….mibai ves hama superb……….and am curious…..what will happen next….cant wait for next episode
??Thanx thithaaaaaa.