އެރޭ ލިބުނު ފިނިފެންމާ – 10
މެންދަމުގެ ވަގުތުގަ ނާލީ އަށް ހޭލެވުނީ ފޯން ރިންގުވާ އަޑަށެވެ. ގުޅަނީ ނުޝޫ މަންމަ އެވެ. ޕާޓީއަކަށް ދިޔަ ނަމަވެސް އެންމެ ލަސްވެގެންވެސް ބާރަ ޖެހުމުގެ ކުރިން ގެއަށް އަންނަ ނުޝޫ ދަންވަރު ދޭއްޖެހިއިރުވެސް ގެއަށް ނައިސް ގެންނެވެ. ނުޝޫ މަންމަ އެކޭ އެއްގޮތަށް ނާލީ އަށްވެސް ލިބުނީ ހައިރާން ކަމެވެ. ނުޝޫގެ ރައްޓެހިންގެ ތެރެއިން އެންމެ ގާތްކޮށް އުޅޭ މީހަކީ ނާލީކަން ނުޝޫ އާއިލާ މީހުންނަށް އިނގޭތީއެވެ. ނާލީ ފޯން ބޭއްވުމަށްފަހު ރާއިން އަށް ގޮވާ އެވާހަކަ ބުންޏެވެ. އެހެން ނަމަވެސް ނިދީގެ އަސަރު މާ ގަދައަށް ހުރުމުގެ ސަބަބުން ރާއިން އަނެއްކާވެސް ނިދިއެވެ.
ދެފަހަރު ތިންފަހަރު ގުޅި އިރުވެސް ނުޝޫގެ ފޯނަކަށް ނުގުޅުނެވެ. އެކަމަކު މިވަގުތަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. ކުއްލިއަކަށް އެއްޗެއް ވެއްޓުނު އަޑު ކަހަލަ އަޑެއް އިވިގެން ނާލީ ކުޑަ ކުޑަކޮށް ދޮރުހުޅުވާލާ ތިރި ބަލާލިއެވެ. ނާލީ މެންގެ ކޮޓަރި ހުންނަ ގޮތުން ސިޑިއާ ދިމާލުން ތިރި ބަލާލިއަސް ތިރީގަ ހުންނަ މީހަކަށް ނާލީ އެއް ނުފެންނާނެއެވެ. އަނދިރިކަމުން ކާކުކަން ވަކި ނުވި ނަމަވެސް މިގަޑީ ގެއަށް އެވަނީ ނާފިޒު ކަން ނާލީ އަށް ޔަގީން ކުރެވުނެވެ. އެހެންމީހަކު އެގޮތަށް މިގަޑީ ހޭލާ ނޫޅޭނެކަން ނާލީ އަށް ޔަގީނެވެ. އެކަމާ މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ނާލީ އަނެއްކާވެސް ކޮޓަރިއަށްވަދެ ނުޝޫ އަށް ގުޅޭތޯ އުޅެ ނުގުޅުނެވެ. ނިދަން އުޅުނު ނަމަވެސް އެއްގޮތަކަށްވެސް ނާލީއަށް ނިދޭގޮތެއް ނުވިއެވެ.
ފަހެއްޖެހިތަނުން ފަޒީލާ އައިސް ދޮރުގަ ޖަހާ ގޮވަން ފެށިއެވެ. އެންމެން ދަތުރުދާން ތައްޔާރުވަމުން ދިޔައިރުވެސް ނާލީ ގެ މޫޑު ހުރީ މުޅިން ގޯސްވެފައެވެ. ކާރަށް ގުޅައިގެން ބޭރުގަ މަޑުކޮށްގެން ތިބިއިރުވެސް ފަޒީލާއަށް ސިއްރުން ނާފިޒު ބަލަމުން ދިޔައީ ނާލީ އާ ދިމާލަށެވެ. އެކަން ނާލީ އަށް ފާހަގަ ކުރެވުނު ނަމަވެސް އެހެން މީހަކަށް ފާހަގައެއް ނުކުރެވެއެވެ.
ދަތުރު ދިޔަ ނަމަވެސް ނާލީއަކަށް މަޖަލެއް ނުވިއެވެ. ކާން ބޭނުންވާނެ އެއްޗިހި ހިފައިގެން ދިއުމުން ކެއްކުމުގެ މަސައްކަތް ކުރާކަށް ނުޖެހުނެވެ. ނާލީ މެންގެ އިތުރުން ބައިވެރިވީ ހަމައެކަނި ފަޒީލާގެ އޮފީސް ދެ ކަޕްލް އެކެވެ. އެންމެންވެސް ބައިބައިވެގެން ވަކި ވަކިން އެކި ތަންތަނަށް ދިއުމުން ނާލީ އާ ރާއިންވެސް އެކަނިވިއެވެ. ހަގީގަތަށް ބުނަންޔާ ދަތުރު ރޭވީ ނާފިޒު ބޭނުންވެގެންނެވެ. ނާފިޒު ޕްލޭން ކޮށްގެން ހުރިގޮތަށް އެއްވެސް ކަމެއް ނުވިއެވެ. ފަޒީލާ އަބަދު ހުންނަނީ އައްޓަ މަހެއްހެން ތަތްކޮށްލާފައެވެ.
އިރު އެރުމާއެކު ނުޝޫ ގެއްލިގެން ނުޝޫގެ އާއިލާއިން ޕޮލިހަށް ރިޕޯޓް ކުރިއެވެ. ނުޝޫ ދާނެހެން ހީވާ ހުރިހާ ތަނެއް ފާސް ކުރަމުން ދިޔައިރުވެސް ނުޝޫގެ ހަބަރެއް ނުވިއެވެ. ކުއްލިއަކަށް ހަބަރު ފެތުރިގެން ދިޔައީ ހަދަމުން ދިޔަ އިމާރާތެއްގެ ތެރެއިން ގެއްލިގެން ހޯދަމުން ދާ އަންހެން ކުއްޖަކު ވަރަށް އިހާނެތިކޮށް މަރާލާފަ އޮއްވަ ފެނުނު ހަބަރެވެ. އެކުއްޖާ ފެނިފައިވަނީ އެތަނުގެ މަސައްކަތް ކުރަމުންދާ މީހުންނަށެވެ. ލަހެއްފަހެއްނެތި އެހަބަރު ނުޝޫގެ އާއިލާ އާ ހަމައަށް ފޯރިއެވެ. އެކަންވީ އެއާއިލާއަށް ގަބޫލު ކުރަންދަތިވި ހާދިސާ އަކަށެވެ. ޕޮލިހުންގެ ފަރާތުންވެސް އެތައް ސުވާލުތަކެއް ކުރިމަތި އާއިލާ އާ ކުރިމަތި ވިއެވެ. ނުޝޫއާ ޖައްސާލައިގެން އުޅޭ މީހަކު ހުރޭތޯ އާ ރައްޓެހިވެގެން އުޅޭ ކުއްޖަކު ހުރޭތޯ އަހާ އޮޅުންފިލުވަމުން ދިޔައެވެ. އާއިލާގެ ފަރާތުން ޕޮލިހުންނަށް އެނގުނު ގޮތުގަ ނާލީ އަކީ ނުޝޫގެ އެންމެ ގާތް ރަހުމަތްތެރިޔާކަން އޮޅުންފިލިއެވެ. ޕޮލިހުން ނާލީ ގެ ނަންބަރަށް ޑައިލްކޮށްގެން ގުޅޭނެ ގޮތެއް ނުވިއެވެ. ގެއަށް ދިއުމުން އެނގުނު ގޮތުގަ ނާލީ މެންވީ ދަތުރު ގޮހެވެ. އިތުރު މައުލޫމާތު ސާފުކޮށްލުމަށް އަންނާނެ ކަމަށް ބުނެފަ އެމީހުން ދިޔައީ އެވެ.
” ރާއިން. ދީބަ ފޯން . އަހަރެންގެ ފޯން ނިވިފަ އޮތީ ” ނާލީ ނުޝޫއަށް ގުޅާލަންވެގެން ރާއިން ގާތު ބުންޏެވެ. އެވަގުތު ފަޒީލާމެންވެސް އައިސް ނާލީ މެން ތިބިތާ އިށީނެވެ.
” ހޭ ފަޒީ އިނގޭތަ. އެބައުޅޭ ކުއްޖަކު މަރާލައިގެން މާލޭގަ ” އެތަނުން އެކަކު ބުނި އަޑައް ނާލީ ދިޔައީ ސިއްސައިގެންނެވެ. ކީއްވެކަމެއް ނޭނގެއެވެ. ނާލީ ހާސްވާން ފެށިއެވެ. ރާއިން އަށް މަންމަ ގުޅިއެވެ.
” ކީކޭ ކީއްކުރަން ޕޮލިހުން އައީ ” ރާއިން ދައްކަމުންދިޔަ ވާހަކައިން ހައްތަހާ ނާލީ ހާސްވަމުން ދިޔައެވެ. ރާއިން ފޯނު ބޭއްވުމަށްފަހު ބުންޏެވެ.
” ނާލީ ހިތްވަރު ކުރާތި. މަރާލާފަ އޮތް އަންހެން ކުއްޖަކީ ނުޝޫ. އެކަމާ ގުޅިގެން ބައެއް މައުލޫމާތު ނާލީ ކައިރިން ސާފުކޮށްލަން ޕޮލިހުން ގެއަށް އައި ވާހަކަ މަންމަ ބުނީ ” ނާލީ އަށް ވަގުތުން ރޮވެން ފެށިއެވެ. ނާފިޒު ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް ހާސްވާން ފެށިއެވެ. ނާލީ ރޯވަރުން އެންމެފަހުން ދަތުރު ކުރުކޮއްލުމަށްފަހު އެންމެން މާލެ އައެވެ. ނާލީ ހަމައަކަށް އެޅުވުމަށް ރާއިން އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ.
މާލެ އާދެވުމާއެކު ފުރަތަމަ ވެސް ނާލީމެން ނުޝޫމެންގެ ގެއަށް ގޮސް ވަނެވެ. އޭރު މޫނު ދެއްކުމުގެ ކަންތައްތައް ކުރިއަށް ދިޔައެވެ. ނުޝޫ ފެނުމާއެކު ނާލީ އަނބުރައިގަނެގެން ވެއްޓުނެވެ.
ހޭއެރި އިރު ނާލީ އަށް އޮވެވުނީ ގޭގައެވެ. ރާއިން ބުނިގޮތުން ވިއްޔާ ނުޝޫ ވަޅުލާ ހުރިހާ ކަމެއް ނިމިއްޖެއެވެ. މުޅި ދުވަސް ފާއިތުވެގެންދިޔައީ ނާލީ އެފަދަ ހާލެއްގަ ވަނިކޮށެވެ. އިރުއޮއްސުނު ވަގުތު ޕޮލިހުން ގެއަށް އައިސް ނާލީގެ ފަރާތުން ބައެއް މައުލޫމާތު ސާފުކުރިއެވެ.
އެންމެން ދިއުމުން ނުޝޫ މަންމަގެ ކޮޓަރިއަށް ދިޔައީ މަންމަ ގެ ހާލު ބަލާލުމަށެވެ. ސިޑި އާ ދިމާލަށް ދިޔަ ވަގުތު ބޭރުން މީހަކު ވާހަކަ ދައްކާހެން ނާލީ އަށް ހީވިއެވެ. އެހެންކަމުން ކުޑަކޮށް ދޮރާ ކައިރިވެލެވުނީ އަޑުއިވެމުން ދިޔަ ވާހަކަ އިންނެވެ.
” އަހަރެން ބުނިންތަ އެއްފަހަރުވެސް އޭނަ މަރާލާށޭ. ނުބުނަމެއްނު. ކަލޭމެންނަށް ދުވަހަކުވެސް ރަނގަޅަށް ކަމެއް ނުކުރެވޭނެ. އެކަމަކު ބުނަން ކަލޭމެން އަތުވިޔަސް އަހަރެންގެ ނަން ތިމީހުންގެ ނަމާ އެއްކޮށް ނުގުޅުވާތި ” ނާފިޒު އެދައްކަނީ އަނެއްކާ ނުޝޫގެ ވާހަކަ ބާވައެވެ. ނާލީގެ ހަތަރެސްފައި ދިޔައީ ފިނިވެގެންނެވެ. ނާފިޒު އަށް ނުފެނި ދާން އުޅެގެން ނާލީ އަތުން ފޯނު ވެއްޓުނެވެ. އެއަޑަށް ނާފިޒު ބަލާލުމާއެކު ވަގުތުން ނާލީ ފެނުނެވެ. ނާލީ ހުރި ބާރަކަށް ފޯނު ނަގައިގެން ދުއްވައިގަތީ ކޮޓަރި އާ ދިމާލަށެވެ. ނާފިޒު އަށް ވަގުތުގެ ގޮތުން ފަހަތުން ދާކަށް ނުވެސް ކެރުނެވެ. ނާލީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ކޮޓަރިއަށް ވަދެވުމުންނެވެ.
” ހޭ ދޫނީ ހާދަ ހާސްވެފަ ތިއިންނަނީ ” ކޮޓަރިއަށް ވަންގޮތަށް ވަދެ ރާއިން އެކަން ފާހަގަ ކުރިއެވެ. ނާލީ ރާއިން ގެ ގައިގަ ބައްދާލުމަށްފަހު ބާރަށް ރޯން ފެށިއެވެ. ރާއިން ހީކުރީ ނާލީ ރޮނީ ނުޝޫ މަތިން ހަނދާންވެގެން ކަމަށެވެ.
” ދޫނީ. ދެން ދެރަނުވޭ. ނުޝޫ އަށް ހެޔޮ ދުއާ ކުރުން ނޫން ކަމެއް ދެން ނުކުރެވޭނެއެއްނު” ރާއިން ނާލީ އަށް ވިސްނަދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ނާލީ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
” އަހަރެން މިރޮނީ ނުޝޫ އާ ހެދިއެއްނޫނޭ ރާއިން ” ރާއިންގެ އެދުމުގެ މަތީން ނާލީ ވާހަކަ ދެއްކިއެވެ.
” ރާއިން އަހަރެން އެގެއެއްގަ ދިރިއުޅެމުން އައި ގެއިން ނުކުންނަން މަޖުބޫރު ކުރުވި ނާފިޒު އަކީ އެހެން ދެވަނަ މީހެއްނޫން. ދައްތަގެ ފިރިމީހާ އަހުމަދު ނާފިޒު ” ރާއިން އަށް އަޑު އިވުނު ގޮތް ކަމަށް ހީކޮށް ނާލީގެ ދެކޮނޑުގަ ހިފާ ތަޅުވާލުމަށްފަހު ދެވަނަ ފަހަރަށްވެސް އެހިއެވެ. ނާލީގެ ފަރާތުން ލިބުނީ ހަމައެއްޖަވާބެކެވެ.
ރާއިން އެންމެ ރުޅި ގަދަވީ މިގޭ ތެރެއިންވެސް ނާލީ އާ ދިމާކޮށް ހެދިކަން އެނގުނު ހިނދުއެވެ. އެވަރުން ނުވެގެން ނުޝޫއަށް ދިމާވި ކަންތަކާ ވެސް ނާފިޒު އާ ގުޅުމެއްވާކަމަށް ޝައްކު ކުރެވޭ ކަމަށް ނާލީ ބުނަމުން ދިޔައެވެ. ރާއިން އަށް ޔަގީންވާ އެއްކަމަކީ ނާލީ ދޮގު ނުހަދާނެ ކަމެވެ. ނާލީ ދޮގުހަދައިގެން އެވަރުގެ ވާހަކައެއް ނުދައްކާނެ ކަން ހަމަ ކަށަވަރެވެ. ރާއިން އެއްވެސް ބެލުމެއްނެތި ކޮޓަރިން ނުކުމެގެން ތިރިއަށް ދިޔައެވެ. ނާލީވެސް ފަހަތުން އައީ ރާއިން އަތުންފައިން ގޯހެއް ހަދާފާނެ ތީއެވެ.
ކަންދިމާކުރި ގޮތުން ނާފިޒު އިނީ ސިޓިންގރޫމް ގައެވެ. ރާއިން އެއްވެސް ބެލުމެއްނެތި ނާފިޒު ލައިގެން އިން ޓީޝާޓްގަ ހިފާ ކޮޅަށް ނެގިއެވެ.
ހަމަ އެހިނދުން ރާއިންގެ ކަންފަތްމަތީ އައިނައިތަނެއް ނޭނގި އައި ފަޒީލާ އަތުގަ ހުރި ބާރެއްލާފަ ޖެހިއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


ޔޭ…. މީފަސްޓް.. 🙂 ވަރަށް ވަރަށް ސަޅި… ދެން އޮތް ބައިވެސް މިހާ އިންޓްރެސްޓިން ވާނެ ކަމަށް ހީކުރަން..
ވާހަކަ ވަރަށް ރީތި.
ަްއަސްލުވެސް ވ ރީތި