”އަސްލު ހަގީގަތުގަ ކޮންމެ ގޮތެއް ހަދާފައިވެސް ޔޫހާމެން މަސައްކަތް ކުރަން ޖެހޭނެ އެގޯތިން ބައެއް ހޯދަން. އައިލީޝްއަށް އެކަނި އެޔޮށް ބޮޑުގޭ ކިހިނެއްތަ ލިބޭނީ؟ ގޭ އެކަންޏެއް ނޫން. މުދަލާ ފައިސާވެސް. ޔޫހާއަށް ވެސް ބައެއް ލިބެން ޖެހޭނެ ދޯ؟” ޓެރަސް މަތީގައި ހުރި އަށްޓެއް ކަހަލަ ތަނެއްގައި ޒައިކްއާއި ޔޫހާ ދެފައި ވައްކޮށްލައިގެން އިނީ ކޭކް ކާށެވެ. ދެމީހުންގެ މޫނުމަތިންވެސް މަކަރުވެރިކަން ފެންނަމުން ދިޔައީ އެހައިވެސް ބޮޑަށެވެ.
”ތިބުނީ ރަނގަޅަށް. އެކަމު ހީވޭތަ އެ އައިލީޝްގެ ފަރާތުން މީހަކަށް އެއްޗެއް ލިބޭނެ ހެން. އެޔަށްވުރެ ބޮޑަށް އޭނާ ދައްސޭ. އޭނާގެ މައްޗަށް އެގޯތިއާ މުދަލާއި ފައިސާ ހުރިކަން އެނގުނީމަ އަހަރެމެން އެގެއިން ނެރެ އެއްލާލާނީ ކިހާ ދަހި ވީމަ. ބައްޕަ ނެތް ދުވަސް ދުވަހު އޭނާ ބެލީ މަގޭ މަންމަކަމެއްވެސް އޭނާ ހަނދާނަކު ނެތް ގެއިން ނެރެލިއިރު.” ޔޫހާގެ ހިތުގައި އައިލީޝްއަށް ޓަކައި އުފެދެމުން އައި ނަފްރަތުގެ ހުޅުގަނޑު ދިޔައީ އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުންނެވެ. ޔޫހާގެ މޮޅު ބަސްތަކަށް ޒައިކްވެސް އެހުރީ ހައްލާލާފައިއެވެ.
”މަށަށްވެސް ތި ހަބަރު އިވިފަ ބުނާނެ އެއްޗެއް ނޭނގުނު. ކާންދިން އަތުގައި ވިޔަ ދައިގަނީ. މީހުން ބުނަނީ ހަމަ ރަނގަޅަށް.” ޒައިކް އެހެން ބުނެލިއިރު ޔޫހާގެ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. ދެމީހުން ކޭކް ކައި ނިންމާފައި އެތަނުގައި އެތައް އިރަަކު ވާޙަކަ ދައްކަން ތިބެފައި ޔޫހާ ގެޔަށް ދިޔައީ ދިހައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ.
***
”މޭމް. އަޅުގަނޑުމެންނާއެކު މި ކޭސް ކުރިއަށްގެންދަން ޕްރޮސެކިއުޓަރުންގެ ޓީމެއްވެސް އެބަތިބި. މިއަދު އަޅުގަނޑަށް ޕްރޮސެކިއުޓާ ނައިޝަމް ބައްދަލުކޮށްފައި ބުނި މިއަދުން ފެށިގެން ފަށަން ވީ އޭ. ސީސީޓީވީ ފުޓެޖްވެސް ލިބޭތޯ މިއަދު ދިޔައިން ނޯތް ޕޯޓް ކެފޭއަށް. އެތަނުގެ ވެރިމީހާގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ހީވޭ އެމީހާގެ އަތުގައި އެއެއްޗެހި ހުރިހެން. މިރޭވެސް ދާންކަމަށް މިއުޅެނީ ލިބޭތޯ.” ޕޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ ޗީފް އާމިނަތުއާ އައިލީޝް ވާހަކަދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސާބިތުކަމެވެ. ކޮންމެ ފަދަ ހާލެއްގައިވެސް އެކަން ކުރާނެކަން އެމޫނުމަތިން ހާމަވަމުން ދިޔައެވެ.
”އެންމެ ރަނގަޅު. ވީ ހާ ވެސް އަވަހަކަށް ތި ކޭސް ނިންމާލެވޭތޯ ބަލަން ވާނެ. އައިލީޝްގެ ޓީމް ކުދިންނާއިއެކު މިކަން ވަރަށް ފުރިހަމައަށް އެއްބައިވަންތަ ކަމާއިއެކު ގެންދާނެ ކަމަށް މޭމް އުންމީދު ކުރަން. އަދި އައިލީޝްއަށް މޭމްގެ އެހީތެރިކަން ލިބޭނެ. އުންމީދު އެލުވާ ނުލާތި. ޤާތިލުން ހިފާ ހައްޔަރުކުރުން އޮތީ އައިލީޝްގެ އަތްމަތީގަ. އައިލީޝްގެ ހިތްވަރާއި އަޒުމުން.” ހިތްހެޔޮކަމާއިއެކު އާމިނަތު ބުނި ކޮންމެ ބަހަކުންވެސް އައިލީޝްއަށް އައު އުންމީދުތަކަކާއި ހިތްވަރުތަކެއް ލިބެމުން ދިޔައެވެ. ހިނިތުންވުމެއް ރައްދުކޮށްލައި ސަމާލަށް އައިސް އަދަބުވެރިކަމާއިއެކު އައިލީޝް އެތަނުން ނުކުމެގެން އޭނާގެ ޓީމް ކުދިން ގާތަށް ދިޔައީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްލުމަށެވެ.
އެމީހުންނަށް ހަމަޖެހިފައި އިން ކުޑަކުޑަ ކޮޓަރިއަކަށް ވަދެ އެންމެން އިށީންދުމާއިއެކު އައިލީޝް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ނަޒަރު ހިންގައިލިއެވެ. އެއަށް ފަހު ޕްރޮޖެކްޓާރ ހުޅުވައި ކުރިމަތީގައި އިން ބޯޑަށް އޭތި ސީދާ ކޮށްލިއެވެ.
”މިއީ ދެހާސް ދިހަވަނަ އަހަރު ނޯތް ހާބާރ ކައިރީގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އާކިފް ރަޝީދު. މިއަދުން ފެށިގެން އަޅުގަނޑުމެންގެ ޓީމް ދެން މަސައްކަތް ކުރާނީ މި ކޭސްގެ ޤާތިލުން ހޯދަން. މިރޭ އަޅުގަނޑު ސީސީޓީވީ ފުޓެޖްތައް ގެނެވޭތޯ ބަލާނަން. އެއަށްފަހު ދެން ކުރަން ހުރި ކަންތައް ބަހާލާނަން. އެންމެ ރަނގަޅު.” ޕްރޮޖެކްޓަރުން އާކިފްގެ ވަކި ވަކި ފޮޓޯތައް ފެންނަމުން ދިޔައިރު އައިލީޝް އެންމެ ފަހަރަކުވެސް އެފޮޓޯތަކަށް ބަލައިނުލައިއެވެ. އަދި އަވަސްއަވަހަށް އެ ނިއްވާލީ އޭނާއަށް ރޮވޭ ކަހަލަ އިހްސާސް ކުރެވުމުންނެވެ.
”ޔެސް މޭމް.” ފަސް ކުދިން އެއްފަހަރާ އެހެން ބުނެލިއިރު އެކުދިންގެ އަޑު އެއްއަޑަކަށް އެތަނުގައި ހަރުލާފައި ހުއްޓެވެ. އެމީހުންގެ އެ ބައްދަލުވުން އެހިސާބުން ނިންމާލާ އެކި މީހުން އެކި ތަންތަނަށް ދިޔައީ އެމީހުންގެ މަސައްކަތާއިގެންނެވެ. އައިލީޝް ޕޮލިސް ސްޓޭޝަނުން ނުކުމެގެން އޭނާގެ ގެޔަށް ދިޔައީ ފެން ވަރައި ތާޒާވެލުމަށެވެ. އެރޭ ނުވައެއް ޖަހާއިރު ނައިޝަމްވެސް އަންނާނެތީއާ އެކުއެވެ.
***
ނޯތް ޕޯޓް ކެފޭގެ ގޮޑިއެއްގައި އިށީންދެލައިގެން އެމީހާ އިން އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ބިރުވެރިކަމާއި ކަންބޮޑުވުމެވެ. ހީވާގޮތުން މިއަދު އައިލީޝްމެން އައިސް ދެއްކި ވާހަކައާ މެދު އޭނާ އަދިވެސް ވިސްނަނީއެވެ.
”އަހަރެން މިކަމުގައި ކިހިނެއް ހަދާނި؟ އެ ވީޑިއޯތައް ދޭނީތަ؟ އެކަމަކު އެ ވީޑިއޯތައް ދީފިޔާ އަހަރެން ދުނިޔޭގައި ހުންނާނެ ކަމާމެދުވެސް ޝައްކު. އެކަމުވެސް އަހަރެންނަށް މިކަހަލަ ހާލެއް ޖެހޭ ދުވަހު އެހީވެދޭން ތިބޭނީވެސް އެމީހުން. އަހަރެން އެ ދޭނަން. އެކުއްޖާގެ ބައްޕައަށް އިންސާފު ހޯދަ ދޭން މަސައްކަތް ކުރާނަން. އަހަރެންނަށް ވެދެވެން އޮތް އެހީއެއް ވެދޭނަން.” އެމީހާ އަމިއްލަ ހިތުގައި އަޒުމެއް ކަނޑައެޅި ފަދައެވެ. މޫނުމަތިން އޭރު ފެންނަން ހުރި ބިރުވެރިކަމާއި މާޔޫސްކަމެއް އެމޫނުމަތިން މިހާރު ފެންނާކަށް ނެތެވެ. އެމޫނުމަތިން މިހާރު ފެންނަން ހުރީ އުޖާލާކަމުގެ ކުލަވަރުތަކެވެ.
އިންތަނުން ތެދުވެ އަވަސް ހިނގުމެއްގައި އޭނާ ހިނގައިގަތީ އެތަނުގައި މަސައްކަތް ކުރާ ކުދިން ގާތު އެބަ އަންނަމޭ ބުނުމަށް ފަހު ގެޔަށް ދިޔުމަށެވެ. ގެޔަށް ވަދެވުމާއިއެކު ދޮރު ލައްޕާލުމަށްފަހު އޭނާ އެންމެ ފުރަތަމަވެސް ގޮސް ހުއްޓިލީ ސިޓިން ރޫމުން ފެންނަން ހުރި ކޮމްޕިއުޓަރާ ދިމާލުގައިއެވެ. އަދި އެ ހުޅުވާލައި ޑެސްކްޓޮޕްގައި އިން ފޯލްޑާ އެއް ހުޅުވާލިއެވެ. އެއާއިއެކު ދެހާސްނުވައަކުން ފެށިގެން ދެހާސް ވިހީގެ އެކިއެކި ފޯލްޑާތައް ފެންނަން ފެށިއެވެ. އެއްކޮށް ލޯޑްވެ ނިމުމާއިއެކު އެތަނުން ދެހާސް ދިހައެއް ޖަހާފައި އިން ފޯލްޑާ ހުޅުވާލިއެވެ. އަދި ވަކިވަކި އެއްޗެހި އަޅުވައި ބަލަން ފެށިއެވެ. އަނެއްކާވެސް އެމީހާގެ މޫނުމަތީގައި ދާތިކިތައް ބަބުޅަން ފެށިއެވެ. މީހާ ބިރުން ރޫރޫ އަޅަން ފެށިއެވެ. ދެހާސް ދިހައެއް ޖަހާފައި އިން ފޯލްޑާ އެއްކޮށް ޕެންޑްރައިވްއަކަށް އެޅުމަށްފަހު އެމީހާ ގޮޑީގައި އިށީނދެލިއެވެ. އަދި މޭގައި އަތްއަޅައި ދެތިން ނޭވާ ފުންކޮށްލިއެވެ. އެހެންނަމަވެސް އެމިހާގެ ބިރުވެރިކަމެއް ފިލައިގެނެއް ނުދެއެވެ. ނޭވާ ކުރުވާން ފެށިއެވެ. އެހެންކަމުން އަވަސް އަވަހަށް އެމީހާ ގޮޑިން ތެދުވެލައިގެން ގޮސް ބަދިގެއަށް ވަދެ ކަބަޑުން ބޭސް ފުޅިއެއް ނެގިއެވެ. އަދި އަތަށް ބޭސް ގުޅައެއްލައި ފެންތައްޓަކާ ނުލައި އެ ދިރުވާލިއެވެ. އިރުކޮޅަކު ހަމައަކަށް އެޅެންދެން މަޑުކުރުމަށްފަހު އެމީހާ ޖީބަށް ޕެންޑްރައިވް ލުމަށްފަހު ގެއިން ނުކުންނަށް ހިނގައިގަތީ އަނެއްކާވެސް ކެފޭއަށް ދިޔުމަށެވެ. ޖީބަށް އަތް ޖަހައިލައިގެން އެކި ތަންތަނަށް ނަޒަރު ހިންގަމުން ދިޔައިރު ބިރުގަނެފައި ހުރި ވަރު އަޅާ ކޮންމެ ފިޔަވަޅަކުން ހާމަވަމުން ދިޔައެވެ.
***
ނައިޝަމް އެނާގެ ޓީމްގެ ތިން ބައިވެރިންނާއި އެކު އެތަނުގައި ހުރި ބޮޑު ސޯފާގައި އިށީންދެލައިގެން އިނީ އާކިފްގެ ކޭސްއާ ބެހޭގޮތުން ވާހަކަ ދައްކާށެވެ. ތިން ކުދިންގެ މޫނުމަތިންވެސް ފޫހިވެފައި ހުރިކަމުގެ ކުލަވަރުތައް ފެންނަމުން ދިޔައިރު ނައިޝަމްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމެވެ. ފަރިތަކަމާއިއެކު އޭނާ ކިޔަން ހުރި އެއްޗެހި ކިޔައި ނިންމާލިއިރު އެއްބައި ކުދިން ތިބީ އަނގަމަތީގައި އަތް އަޅައިގެން ހާ ފުރޭށެވެ.
”އީރަމް ޓީމް ތިނެއް ކައިރިއަށް ގޮސް މިރޭ ބުނައްޗެ މިކޭސްއާ ބެހޭ ހުރިހާ މައުލޫމާތެއް ދޭށޭ. ސާރ ބުނީ އެ ޓީމްއޭ މިކަމުގައި އުޅުނީ. އެހެންވީމަ މި ކޭސްއާ ބެހޭ ހުރިހާ މައުލޫމާތެއް މިތަނަށް މިރޭ ގެންނައްޗެ. އޯކޭ. ދެން ޝިޔާމް. އެކި ތަންތަނުން މިކަމާ ގުޅޭ ޑޮކިއުމެންޓްތައް ހޯދަންވީ. އެއްކަ ފޯލްޑާގައި ހުންނާނެ ކޭސް އާ ގުޅޭ އެކިއެކި ރިޕޯޓްތައް. މާދަމާއަށް އެއެއްޗެހި ޕްރިންޓް ކޮށްލަންވާނެ. އަހަންނާއެކު ނަދީމް ވާނެ ހޮސްޕިޓަލުގެ ރިޕޯޓްތައް ޗެކް ކޮށްލަން. އޯކޭ. މިރެއިން ފެށިގެން ދެން މިކަމާ އުޅެން ވީ. އަހަރެން އުންމީދު ކުރަން އެންމެންގެ ފަރާތުންވެސް އެއްބާރުލުން ލިބޭނެ ކަމަށް.” ނައިޝަމް އޭނާގެ ވާހަކަ ނިންމާލައި ކުދިން ކުރަން ފެށި ޝަކުވާވެސް އަޑު ނާހައި އެތަނުން ނުކުމެގެން ދިޔައީ ނުވައެއް ޖަހަން ތިރީސް މިނެޓަށް ވެފައި ވަނިކޮށެވެ.
***
އިރު އޮއްސިފައިވާ ފަދައިން ޔުނާންގެ މޫނުމަތީގެ ކުލަވަރުތައްވެސް ވަނީ އޮއްސިފައިއެވެ. ދެލޯ ކައިރި ކަޅުވެފައިވާ އިރު ތުންފަތްވެސް ވަނީ ކަޅުވެފައިއެވެ. ތައިލެންޑް ބީޗްގެ ބެންޗެއްގައި އިށީންދެލައިގެން އޭނާ އިރުއޮއްސޭ މަންޒަރު ބަލަމުން ދިޔައިރު އެއްއަތުން ދިޔައީ ސިނގިރޭޓެއް ދަަމަމުންނެވެ. މީހާ ހިކިވެ އަނަރޫފަވެފައިވާ އިރު ލައިފައި ހުރި ގަމީހުން ހީވަނީ ގޯންޏެއް ގަޔަށް މަހާލާފައި ހުރިހެންނެވެ.
އިރު އޮއްސި އޭގެ އަލިކަން މުޅި ދުނިޔެއިން ފަނޑުވަމުން ދިޔައިރުވެސް ޔުނާން އެއިންތާ ތަނެއް ގުޑުވާވެސް ނުލައި އިނީ ފުން ހިޔާލެއްގައިއެވެ. މީހުން އެތި އެތަނުން މަދުވަމުން ގޮސް ޔުނާން އެކަނި އެތާ އިންނަން ޖެހުމުންވެސް އެނާގެ ހިތުގައި ފަސްޖެހުމެއް ނެތެވެ. ފުން ހިޔާލުގެ ކަނޑަށް ގެނބިފައި އިން ޔުނާނަށް ސިހުންގެނުވީ ޖީބުގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ ނަތާޝާކަން އެނގުމާއިއެކު ޔުނާންގެ މޫނު މައްޗަށް ވެރިވީ ފޫހިކަމެވެ. ރުޅިވެރި ކަމެވެ.
ތިން ހަތަރު ފަހަރަށް ނަތާޝާ ގުޅުމުންވެސް ޔުނާން ފޯނު ނާގާ ހިޔާލެއް އެންމެ ފަހަރަކުވެސް ނުކުރެއެވެ. ނަމަވެސް މާ ގިނައިން ގުޅަން ފެށުމުން ފޯނު ނިއްވާލާ ޖީބަށް ލައި އެތަނުން ތެދުވެގެން ހިނގައިގަތީ އަވަސް ހިނގުމެއްގައިއެވެ. އެތަނުގައި އިނެގެން އޭނާއަށް ބޮވުނީ ކިތައް ސިނގިރެޓްކަމެއް ވެސް ބުނާކަށް އޭނާއަކަށް ނޭނގޭނެއެވެ. ބެންޗްގެ ފާ ކައިރީގައި ސިނގިރޭޓް ފުނިޖެހިފައި ހުއްޓެވެ.
***
ސޯފާގައި ދެފައި ދަމައިލައިގެން އޮށޯވެލައިގެން އޮތް އަންހެން ކުއްޖާގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. ޓީވީއިން ޑްރާމާއެއް ބަލަމުން ދިޔައިރު އިރުއިރުކޮޅާ ހިނިގަނޑެއް ޖަހާލައިއެވެ. އިރުކޮޅަކުން އޭނާގެ މޫނު މައްޗަށް ފޫހިކަން ވެރިކުރުވައި އޮތްތަނުން ތެދުވެ ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. ތައްޓަކަށް ފެންއަޅައިގެން އައިސް އަނެއްކާވެސް ސޯފާގައި އިށީންދެލައި ރިމޯޓުން ފިއްތަކަށް އޮބަން ފެށީ މޫނަށް ފޫހިކަން ވެރިކުރުވައިގެން އިނެވެ. ތުންބޮޑުކޮށްލައިގެން ދެލޯ ހަނިކޮށްލައިގެން އިނެއެވެ.
”ދަރިފުޅާ މައުނާ. ކީއްވެފަ ތިއިނީ ތުން އޫކޮށްގެން.” ބޮޑު ދޮރުން ވަދެގެން އައި މާޖިދު ފެނި މައުނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ ހިނދުކޮޅެއްގެ ތެރޭގައިއެވެ. އެތަނުން ތެދުވެ ދުވެފައި ކަހަލަ ގޮތަކަށް ގޮސް މާޖިދުގެ ގައިގައި ބައްދާލީ ދަތްޕިލާ އަތަށް ލައިގެން ހުރެއެވެ.
”ބައްޕާ. އަދި ދޯ ތިއާދެވުނީ. މައު މިހާރު ގޭގަ އެކަނި މިހެން އިންނަތާ ތިން ދުވަސް ވަނީ މި.” މައުނާ ކުޑަކުއްޖެއް ފަދައިން ބޮޑާހާކަން ފެށިއެވެ. މާޖިދުގެ އަމުރާއެކު މައުނާ ގޭގަ އިންނަން ޖެހުމުން އޭނާ މިވީ ތިން ދުވަސް ތެރޭގައި އުޅުނީ ކުރާނެ ކަމެއް ނޭނގިގެންނެވެ.
”ދަރިފުޅު ގާތު ގެއިން ނުނުކުންނާށޭ މިބުނީވެސް ކޮންމެސް ކަމެއް ވީ މަ އޭ. ދަރިފުޅާ މިހާރު ނައިޝަމްގެ ކަންތައް ކިހިނެއް ދަނީ؟ އޭނާއާ ވާހަކަ ދެއްކޭ ގޮތް ވެއްޖެތަ؟” މާޖިދު މައުނާގެ އަތުގައި ހިފާލައިގެން ގޮސް ސޯފާގައި އިށީންދެލައި މައުނާގެ ބޮލުގައި ފިރުމާލިއެވެ.
”ދެން ހަމަ އަބަދުވެސް ވާގޮތަށް. ހީ އިޒް އިގްނޮރިންގް މީ ޑޭޑް. މައު ގުޅިޔަސް ފޯނެއް ނުނަގާ. މެސެޖް ކުރިޔަސް ރިޕްލައިއެއް ނުދޭ. ބައްޕަ ތިހުންނަނީނު މައު ނައިޝަމް ހޯދަން ގޮސްދާނެތީ ގޭގަ ބަންދުކޮށްފަ.” މައުވާ އަނެއްކާވެސް ތުން ދަމައިލާ ބޮޑާ ހާކަން ފެށިއެވެ.
”ވޭތުވެ ދިޔަ ދިހަ އަހަރު ތެރޭގަ ނައިޝަމްގެ މަންމަ ޝަމްހާގެ ފަރާތުންވެސް ދަރިފުޅަށް ވަރަށް އެއްޗެހި އެނގުނެއްނު ނައިޝަމްއާ ގުޅޭ. ނުދަންނަ މީހުންނާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫންކަން ވެސް ދަރިފުޅަށް އެނގެއެއްނު. އެކަމު ދަރިފުޅު ޖެހޭބަ ކޮންމެ ގޮތެއް ހަދާފައިވެސް ނައިޝަމްގެ ހިތް އަތުލަން. އޭރުން ބައްޕަމެން ކުރަން އުޅޭ ކަންތައް ކާމިޔާބު ވާނީ. އޭނާ އައިލީޝްއަށް ވަގުތު ދޭ މިންވަރު ކުޑަ ކުރަން ޖެހޭބަ އެދޭތެރެއަށް ވަދެގެން.” މާޖިދު ނުލަފާ ރާގަކަށް އެހެން ބުނެލިއިރު އޭނާގެ އެއް އަތް ވަނީ މުއްކެވިފައިއެވެ. ގަޔަށް ބާރުތަކެއް އަރަމުން ދިޔައިރު މައުނާގެ ބޮލުގައި އިން އޭނާގެ އަތަށް ވެސް ދިޔައީ ބާރުތަކެއް އަރަމުންނެވެ. ނަމަވެސް މައުނާ އޭނާ ކައިރި ބަލައިލުމާއިއެކު އަމިއްލަ ހަށިގަނޑު ހަމައަކަަށް އަޅުވާލީ އެމަންޒަރު މައުނާއަށް ނުދައްކަން ވެގެންނެވެ. ސައުވީސް އަހަރު ފުރިފައި ހުރި މައުނާއަށް މާޖިދުގެ މޫނުމައްޗަށް އަރަމުން ދިޔަ އެއްވެސް ކުލަވަރެއް ދެނެއެއް ނުގަނެވެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ދިޔައީ ނައިޝަމް ހާސިލް ކުރެވޭނޭ ގޮތަކާއިމެދު ވިސްނަމުންނެވެ.
***
ކެފޭއަށް ނައިޝަމް އަދި އައިލީޝް ވަންނަ ތަން ފެނުމާއިއެކު ކައުންޓަރު ކައިރީގައި ހުރި މީހާގެ ހަރަކާތްތައް ހުއްޓުނެވެ. ނަމަވެސް އެމީހާ ދިޔައީ މޫނުމަތިން ހާސްކަން ނުދައްކާ ވޭތޯ ވީހާވެސް ގިނައިން މަސައްކަތް ކުރަމުންނެވެ. ނައިޝަމްމެން ގޮސް ސީދާ ހުއްޓިލީ އެމީހާގެ ކުރިމަތީގައިއެވެ. އެހެންނަމަވެސް އެމީހާ އެތަނުން ނުކުމެގެން އައިސް ގޮޑިއެއްގައި އިށީންނުމާއިއެކު ނައިޝަމްމެންވެސް ގޮސް އެތަނުގައި ހުރި ގޮޑީގައި އިށީންދެލިއެވެ. އެވަގުތަކީ އެތަނުގައި މީހުން މަދު ވަގުތަކަށް ވުމުން ތަނުގައިވަނީ ހަމަހިމޭންކަމެވެ.
”ބޭބެ ރޭގަ ތިކުދިން ދެއްކި ވާހަކައާ މެދު ވަރަށް ވިސްނިން. ބޭބެއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ މީ.” އެމީހާ އައިލީޝްއަށް ޕެންޑްރައިވް ދިނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ. ”މިތަނުގައި ސީސީޓީވީ ކެމެރާ ލީ ދުވަހުން ފެށިގެން ބޭބެ ހުރިހާ ވީޑިއޯތަކެއް ރައްކާކުރަމުން އައީ. އަދި އެއެއްޗެހި ކޮންމެ ރެޔަކު ބަލަން. ނަމަވެސް އެރޭގެ މަންޒަރުތައް ފެނުނީ ތި ވީޑިއޯއަކުން ނޫން. ބޭބެގެ މި ދެލޮލުން.” އެމީހާގެ ލޮލުން ކަރުނަތަށް ރޮނގަކަށް އޮހެގަތެވެ. އައިލީޝްގެ ދެލޯވެސް ވަނީ ކަރުނުން ފުރިފައިއެވެ. ނަމަވެސް އޭނާ އެކަން ހިންދާލައިގެން އެމީހާގެ ވާހަކަތައް އަޑުއަހަން އިނީ ވަރަށް ހިތްވަރުކޮށްގެންނެވެ. ”އެރޭ އެމީހުންނަކަށް ނޭނގޭ ބޭބެ މިތާ އުޅޭ ކަމެއް. ބޭބެވެސް މިތަން ބަންދުކޮށްފަ ހުރިހާ ލައިޓެއް ނިއްވާލާފަ ދާން ނުކުތް ވަގުތު ތި މަންޒަރު ފެނުނީ. ބޭބެ ތިކުދިންނަށް އެހީވާނަން. ބޭބެއަށް ކިޔަނީ އިލްހާމް. މިއީ ބޭބެގެ ނަންބަރު. ބޭބެގެ އެހީއެއް ބޭނުން ވެއްޖާ ގުޅާލަ.” އިލްހާމް އެހެން ބުނެފައި އަނެއްކާވެސް ގޮސް ކައުންޓަރު ކައިރީގައި ހުއްޓިލައި އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ނަމަވެސް އޭނާގެ އަތް ތުރުތުރު އަޅާ ވަރުން އޭނާއަށް މަސައްކަތް ކުރުންވީ އުނދަގޫ ކަމަކަށެވެ.
އައިލީޝްއާ ނައިޝަމް އެތަނުން ނުކުމެގެން ދިޔައީ އެމީހާއަށް ފަށްފަށުން ޝުކުރު އަދާ ކުރުމަށްފަހުއެވެ. އެ ސީސީޓީވީ ފުޓެޖްތައް ލިބުމުން ދެމީހުންގެ މޫނަށްވެސް ވަނީ ހިތުންވުމެއް އައިސްފައިއެވެ. ދެމީހުންވެސް ގެޔަށް ގޮސް އެންމެ ފުރަތަމަވެސް ހުޅުވާލީ މޭޒުމަތީގައި އިން ލެޕްޓޮޕެވެ. އަދި އައިލީޝްގެ އަތުގައި އޮތް ޕެންޑްރައިވް ޖަހާލައި ދެމީހުންވެސް ސޯފާގައި އިށީންދެލީ އަވަސްވެފައިވާ ހިތަކާއެކުއެވެ.
ވީޑިއޯ ކިތަންމެ އަނދިރިޔަސް މީހުންގެ މޫނު ފެންނަ ވަރަށް މަންޒަރު ސާފުވާން ހުއްޓެވެ. ”މަޑުކޮށްބަލަ. ޒޫމް ކޮށްލަބަ.” އައިލީޝްއަށް ނުހަނު ބާރަށް އެހެން ބުނެވުނު އިރު އޭނާގެ ދެލޯ ވަނީ ބޮޑުކޮށްލެވިފައިއެވެ. މޫނުމަތީގައި އުދާސްތައް ހިލެމުން ދިޔައީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Varah varah varah reethi masha allah… keep it up sis.. varah salhi thi genn dha goyy hama obi … curiously waiting for the next part.. lysm
thank u soo much friend. lym
Mi part vx hama varah varah reethi…..masha allah….curiously waiting for the nxt part….lysm…stay safe
thank u soo much kairaa. lym and stay safe too
salaam all. unmeedhu kuran mi bai vs kamudhaane kamah. dhn oii baa mirey genes dheynan. insha allah. 🙂 🙂
have a blessed day.
TAKE CARE. STAY HOME. STAY SAFE.
11 VANA BAI KOBAA
nafu upload kohfai innaane. cover pic thiryga Nafu liyelaafa in thanah click kohlyma nafu liyefa huri hurihaa vaahaka eh fennaane. adhi thiryah scroll kohlyma fennaane page number vs.
11 VANA BAI KOBAA
Masha Allah Vvvvv reethi mi partvx…. Curiously waiting for the nxt part.. How many parts are left??? Luv you sis.. Stay home Tc be safe.. ? ?
thank u so much jimin. neyge ehn bunaakah kithah part kameh dhn iny. btw and ya keep waiting. u too stay safe
When will it be uploaded ❤️ Curiously waiting for next❤️❤️
thank u so much saula