
~ 10 އަހަރު ފަސް ~
ކަޅު ކުލައިގެ ފަޓްލޫނަކާއިއެކު ހުދު ކުލައިގެ ގަމީހެއްލައި ކަޅު ކުލައިގެ ޓައީއެއް އަޅާފައިވުމުން ނައިޝަމްގެ ފިރިހެންވަންތަކަން އިންތިހާއަށް ހާމަވާން ހުއްޓެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލައި މަތިމަހާއި ތުނބުޅި ރީތި ވަރަކަށް ކޮށާފައި ވުމުން ނައިޝަމްގެ ސްމާޓްކަން އިތުރުވެފައިވެއެވެ. އަތަށް ފައިލް އެތިވަރަކާއި ކަރުދާސް ބޮޑިއެއް ލައިގެން ދިޔައިރު މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ނަމަވެސް ތުންފަތުގައި ލުއި ހިނިތުންވުމެއް އެކުލެވިފައިއެވެ. މަޑު ހިނގުމެއްގައި އެއްޗެހިތައް ހިފައިގެން ނައިޝަމް ވަނީ ބޮޑު ކޮޓަރިއެއް ކަހަލަ ތަނަކަށެވެ. އަދި އެތަނުން އޭނާގެ ކެބިންއަށް ވަދެ އެއްޗެހިތައް މޭޒުމަތީ ބަހައްޓާ ގޮޑީގައި އިށީންދެލައި ބުރަކަށި ދަމައިލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު މޭޒުމަތީގައި އޮތް އޭނާގެ ޒިއޮމި ނައިން ޓީ ޕްރޯ ފޯން ނަގައި ގަޑި ބަލައިލިއެވެ. އެއަށްފަހު އަނެއްކާވެސް މަސައްކަތަށް މަސްއޫލުވެލިއެވެ.
ދޮރުން އަވަސް ފިޔަވަޅުތަކެއްގައި ވަދެގެން އައި ވައްހާބު ފެނި އެތަނުގައި ތިބި އެންމެން އިހްތިރާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވެލިއެވެ. އަދި ހިނިތުންވުމެއް ރައްދުކޮށްލައި ކޮންމެ މީހަކުވެސް އިށީންދެލައެވެ. ނަމަވެސް ނައިޝަމްއަށް އެއިން އެއްވެސް ކަމެއް ރޭކައިނުލައިއެވެ. ވައްހާބު ގޮސް ނައިޝަމްގެ ކެބިން ކުރިމައްޗަށް އަރައި ކަރު ކެހިލުމާއިއެކު މަސައްކަތުގައި އިން ނައިޝަމް ދިޔައީ ސިއްސައިގެންނެވެ. ހަމައެވަގުތު އަވަސްއަވަހަށް ގޮޑިން ތެދުވެލައި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
ވައްހާބަކީ ނައިޝަމް އުޅޭ އޮފީހުގެ އެންމެ އިސްވެރިޔާއެވެ. އަދި އެތަނުގެ ވެރި މީހާވެސްމެއެވެ. ވައްހާބުގެ ދަށުން ޕްރޮސެކިއުޓަރުން މަސައްކަތް ކުރަމުން ދަނީ ނުހަނު ހިތްހަމަ ޖެހިލައިގެން ހުރެއެވެ. ވައްހާބަކީ ހިތްހެޔޮ ރަނގަޅު މީހެކެވެ. ކޮންމެ މީހަކާ ވެސް އެހައި އެކުވެރި މީހެކެވެ.
”ނައިޝަމް.” ނައިޝަމްއަށް ގޮވާލައި ވައްހާބު އޭނާގެ ބޮލުން އައުމަށް އެންގިއެވެ. ނައިޝަމްވެސް ދެކޮޅު ހެދުމެއް ނެތި ވައްހާބުގެ ފަހަތުން އެތަނުން ނުކުމެގެން ދިޔައީ ވައްހާބުގެ ކޮޓަރިއަށެވެ. އަދި ގޮސް ބޮޑު ގޮޑީގައި އިށީންދެލައި ނައިޝަމްއަށް ވެސް އިށީންދުމަށް އެންގިއެވެ. އަރިމަތީގައި ހުރި ގޮޑީގައި އިށީންނަމުން ނައިޝަމް ވައްހާބުގެ މޫނަށް ބަލައިލިއެވެ. އަދި އޭނާގެ ވާހަކަ ފެށިއެވެ.
”ނައިޝަމް މިތަނަށް އައި ފަހުން ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ވަރަށް ފުރިހަމައަށް ދާ ކަމަށް ފާހަގަކުރެވޭ. އެކަމު ހިތްހަމަ ނުޖެހޭ އެންމެ ތަނެއް އިންނަނީ. ނައިޝަމް ކުރީގެ ކޭސްތައް ބަލާ މައްސަލަ. މިތަންތާގަ މަތި އަޅައި ފޮރުވާފައި ހުންނަ ކޭސްތައް ނައިޝަމް ކޮންމެ ފަހަރަކުވެސް ކޮންނަން ފަށަނީ. ނައިޝަމްގެ ޕާޓްނަރުންވެސް މިކަން ވަރަށް ގިނައިން ސާރ އާ ހަމައަށް ގެނެއްސި. އެކުދިން ބޭނުއް ވަނީ މިހާރުގެ ކޭސްތައް ބަލަން. އެކަމު ނައިޝަމްއަކީ ޓީމްގެ އިސްވެރިޔާ. ނައިޝަމް ބޭނުން ކޭހެއް ބަލަން ފެށޭނެ. އަދި ސާރގެ އަމުރާއެކު. މިފަހަރު ސާރ އަމިއްލައަށް ބޭނުން ނައިޝަމްއަށް ކޭހެއް ހަވާލުކުރަން.” ވައްހާބު އޭނާގެ ވާހަކަ ނިންމާލީ ނައިޝަމްއަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެމުންނެވެ.
”ސާރ. އަޅުގަނޑު ތި ކޭސް ބޭނުމެއް ނޫން. ތި ކޭސް އެހެން ޓީމަކަށް ހަވާލު ކުރަން ވީ ނޫންތޯ؟ އަޅުގަނޑުު ވަރަށް ކުރީންސުރެ ރާވާފައި އޮންނާނެ ކޭސްއެއް ފަށަން. އެއީ މީގެ ނުވަ އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލައިފައިވާ އާކިފް ރަޝީދުގެ މައްސަލަ. އަޅުގަނޑު ބޭނުން އާކިފް ރަޝީދަށް އިންސާފު ހޯދައިދޭން. ހުރިހާ ޤާތިލުން ހައްޔަރު ކުރަން. ސާރ މިކަމަށް ދެކޮޅު ނުހައްދަވާނެ ކަމަށް ހީކުރަން.” ނައިޝަމް އޭނާގެ ވާހަކަ ނިންމާލެވުނު އިރު ހުރީ ފެންކަޅިވެފައިއެވެ. ނަމަވެސް އަތް ވަނީ މުއްކަވައި ބާރު ކޮށްލާފައިއެވެ. އޭނާ ކޮންމެ ގޮތެއް ހަދާފައިވެސް އައިލީޝްގެ ބައްޕަ އަދި އޭނާގެ ބޭބެއަށް އިންސާފު ހޯދައިދޭން ބޭނުމެވެ. އެއީ އޭނާ އައިލީޝްއަށް ވެފައި އޮތް ވައުދެކެވެ.
”ނައިޝަމް އަނެއްކާވެސް ތިއުޅެނީ. ކީއްވެގެންތަ މަތިޖަހައި ފޮރުވާފައި ހުންނަ ކޭސްތައް ކޮންނަން ނައިޝަމް ތިހައި ބޭނުންވަނީ. ތި ކޭސްގެ ޤާތިލުން ހޯދުމަކީ ފަސޭހަކަމެއް ނޫން ކަންނޭނގެ. އެ ކޭސްއަށް ނުވަ އަހަރު ވެގެން ދިޔައިރު މަންޒަރު ދުށް މީހުންވެސް ހަނދާން ހުންނާނެ ކަމާމެދު ޝައްކު. ނައިޝަމްއަށް މި ކޭސް ނިންމާ ލެވޭނެތަ؟” ވައްހާބު ކޮށްލީ ނައިޝަމްއާ ސުވާލެކެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ހުރި ރާގުންވެސް ނައިޝަމްދެކެ ހިތްހަމަ ނުޖެހިފައި ހުރި މިންވަރު ހާމަވަމުން ދިޔައެވެ.
”ލައްބަ ސާރ. އަޅުގަނޑު މި ކޭސް ގައި މަރާލެވިފައިވާ ފަރާތަށް އިންސާފު ހޯދާފައި ނޫނީ ނުނިންމާނަން. ކޮންމެ ގޮތެއް ހަދާފައިވެސް ޤާތިލުން ހޯދާނަން. އަޅުގަނޑާއެކު މިކަން ކުރުއްވަން ތައްޔާރަށް އެބަތިބި ފުލުހުންގެ ޓީމެއްވެސް.” ނައިޝަމް އޭނާގެ ޔަގީންކަން ވައްހާބަށް ދިނެވެ.
”އެންމެ ރަނގަޅު. އަހަރެން ނައިޝަމްއަށް ދޭނަން ދެ ހަފްތާ. ނައިޝަމްއަށް މިކޭސް ތަހުގީގު ކުރަން ހުއްދަ މިދިނީވެސް އަދި ނައިޝަމް މިކަހަލަ ކޭސްއަކުން ނާކާމިޔާބުވެފައި ނެތީމަ. ސާރ އުންމީދު ކުރަން މިކޭސް ވެސް ނައިޝަމް ފުރިހަމައަށް ނިންމާލާނެ ކަމަށް.” ވައްހާބުގެ ވާހަކައިން ނައިޝަމްގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހަތް އަހަރު ދުވަހުގެ ކޯސް ނިންމާލުމަށްފަހު ނައިޝަމް މިދުވަހަކަށް އިންތިޒާރު ކުރާތާ އެތައް ދުވަހެއް ވީއެވެ. މިވީ ތިން އަހަރުގައި ވެސް އާކިފްގެ މަރުގެ މައްސަލަ ނުބަލައި އޭނާ ހުރީ ވައްހާބުގެ އިތުބާރު ހޯދާށެވެ. އޭނާއަށް މިކަން ކުރެވޭނެ ކަމާއިމެދު ވައްހާބުގެ ހިތަށް ޔަގީންކަން ދިނުމަށެވެ. އެހައި ފަސޭހައިން އެކަން އެވީވެސް މިސަބަބާ ހުރެއެވެ.
އުފާވެރި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ނައިޝަމް އެތަނުން ނުކުމެލައި އަތް މައްޗަށް ހިއްލާލައި ޔެސް އޭ ބުނެލިއެވެ. އަދި ފޯނު ނަގައި ނަަންބަރަކަށް ޑައިލްކޮށްލައި ކަންފަތުގައި ޖަހައިލިއެވެ. ތިން ފަހަރަކު ރިންގުވުމަށްފަހު އެކޮޅުން ފޯނު ނެގުމާއިއެކު ނައިޝަމް ވާހަކަ ދައްކަން ފެށިއެވެ.
”ހެއި. ފްރީތަ މިގަޑީ؟” ނައިޝަމްއެކޭ ކެތްތެރިކަން ކޮޅުންލާފައި ހުރި މީހެކޭ އެއްވެސް ތަފާތެއް ނެތެވެ. ޔަގީނުންވެސް އޭނާ އެއުޅެނީ އެވާޙަކަ އެހެން މީހެއް ގާތު ބުނާށެވެ. އަޑުގައި ހުރި ފޯރިންނާއި މޫނުމަތީގައި ހުރި ކަލަވަރުން އެކަން ވަރަށް ރަނގަޅަށް ފަހުމްވަމުން ދިޔައެވެ.
”އެހެންޏާ އާދެބަ ޕިއްޒާ ހަޓަށް. އޯކޭ.” ނައިޝަމް ފޯނު ކަނޑާލާ ޖީބަށްލިއެވެ. އަދި އޮފީހުން ނުކުމަންނަން ހިނގައިގަތީ ނުހަނު އަވަސް ހިނގުމެއްގައިއެވެ.
***
”ޔޫހާ. ކިތައް ބިސް ތަ މިޔަށް ލާން ޖެހޭނީ. ދެން އާދެބަ މަށަށް ހެލްޕެއް ވެލަން. ޕްލީޒް.” ޒައިކް ބަދިގޭގައި ހުރެގެން ޔޫހާއަށް ގޮވަމުން ދިޔައީ ޔޫހާ އެތަނަށް ނައިސްގެންނެވެ. ޔޫހާ ވަޒީފާއިން އައި ގޮތަށް ޒައިކްމެންގެ ގެޔަށް ދިޔައީ ޒައިކް އޭނާއަށް ކޭކްއެއް އަޅައިދޭ މަތިންނެވެ. ވަރުބަލިކަމާއިއެކު ސޯފާއަށް ޖެހިގަތް ގޮތަށް ޔޫހާ ތަނެއް ގުޑުވައިވެސް ނުލައި އެތަނުގައި އޮތީ ޒައިކް ކޭކް އަޅައި ނިމެންދެން ޓީވީ ބަލާށެވެ. އެދެކުދިންގެ ސަކަރާތް ބަލަން ދުރުގައި ނަތާޝާ ހިނިތުންވެލައިގެން ހުއްޓެވެ.
”ނޫން ނުދާނަން. ޒައިކް ބުނީމެއްނު އަހަރެންގެ ހެލްޕަކާ ނުލައި ކޭކް އަޅައި ދޭނަމޭ. ދެން އަވަހަށް ތި އަޅާ ނިންމާލަ ބަލަ. ޒައިކް ތިކަމުގަ އުޅޭ ތާ ވެސް މިހާރު އެއްގަޑީ އިރު ވަނީ.” ޔޫހާ ޓީވީއިން އެންމެ ފަހަރަކުވެސް ނަޒަރު ވަކިކޮށް ނުލައިއެވެ. ތުންފަތުގައި ހިނިތުންވުމެއް އަޅުވައިގެން އޭނާ އެތަނުގައި އިނީ ޒައިކްއަށް ކޭކް އަޅަން ދީގެންނެވެ.
”މީ ހާދަ ލާނެތް ދެކުދިންނޭ. ދަރިފުޅާ ޒައިކް. ތި ޕެކެޓްގަ ހުންނާނޭ އެއްޗެހި އަޅަން ޖެހޭ ވަރު ލިޔެފަ. ނިކަން ކިޔާލަބަލަ. މަންމަ އަބަދުވެސް ބުނަމެއްނު މީހުން އަނގައިން ކަންތައް ނުކޮށް އަމިއްލައަށް ކަމެއް ކޮށްލާށޭ.” ނަތާޝާ ޒައިކްގެ މަސައްކަތަށް ބަލަން ހުރެ ބުނެލިއެވެ. ޔޫހާ އާއި ޒައިކް އުޅޭ ގޮތުން ގިނަ ފަހަރު ނަތާޝާވެސް ހުންނަނީ ބަނޑަށް ހީހީ ހަލާކުވެފައިއެވެ. އެދެކުދިން ކުޑަކުދިންނާ އެއްވެސް ތަފާތެއް ނެތެވެ.
”ދެން މަންމާ. އަޅެ އަލަށް މިކަހަލަ ކަމެއް ކުރާއިރު ވެސް ޔޫހާ އިންނާނި ޓީވީ ބަލަން. ކީއްތަވާނި އަހަރެން މިކަން މިކުރަނީ ރަނގަޅަށް ތޯ ވެސް އައިސް ބަލާލިއްޔާ.” ޒައިކް ކުދި ކިޔާލިއެވެ. ޒައިކްގެ ވާހަކަ ނިމުމާއިއެކު ޔޫހާ އެތަނަށް އައިސް ޒައިކްގެ ގާތު ހުއްޓިއްޖެއެވެ.
”އޯކެއި. މިއައީ. ދެން އަވަހަށް ތިކަން ނިންމަބަލަ. މިހާރު ކާހިތުންވެސް މޮޔަވާވަރު ވަނީ.” ކަބަޑުން ކޭކް ގިރާ އެތި ނަގައިގެން އައިސް ޔޫހާ އޭތި ޒައިކްއަށް ދިއްކޮށްލިއެވެ. އަދި ރަނގަޅަށް ގިރާލަން ބުނެފައި އޭނާގޮސް ކޭކް ފިހާ ޓްރޭގައި ބަޓަރު ހާކަން ފެށިއެވެ. ޒައިކް އެމަންޒަރު ހެވިލާފައި ބަލަން ހުރިއިރު ސޯފާގައި އިށީންދެލައިގެން އިން ނަތާޝާވެސް ދިޔައީ އިރުއިރުކޮލާ އެދިމާލަށް ކަޅި ހިންގަމުންނެވެ. މީގެ ކުރިން މަރުވެފައިވާ އެގެޔަށް ދިރުމެއް ލިބިފައިވުމުން އެހިތަށް ވަނީ ހިތްހަމަޖެހުން ލިބިފައިއެވެ.
***
ކަނޑު ނޫކުލައިގެ ފަޓްލޫނަކާއިއެކު މަޑު ނޫކުލައިގެ އަތް ކުރު ޕޮލިސް ޔުނީފޯމް ލާފައި ހުރި އައިލީޝް ފެނުމާއިއެކު ނައިޝަމްގެ އަތް ނަގައި ހޫރާލިއެވެ. ބޮލުގައި އަޅާފައި އިން ތޮފި ނަގައި މޭޒުމަތީގައި ބާއްވައިލަމުން އައިލީޝް ގޮޑީގައި އިށީންއިރުވެސް ނައިޝަމްއަށް އިނެވުނީ ކަޅި ޖަހައިވެސް ނުލައި ބަލާށެވެ. އުނަގަނޑާ ހަމައަށް އަންނަ ފަން ދިގު ކަޅު އިސްތަށިގަނޑުގައި ހުޅިއެއް ޖަހައި އިސްތަށިތައް ތަތްކޮށްފައި ހުރުމުގެ ސަބަބުން އައިލީޝްއާ ނުގުޅުނު ނަމަވެސް ޕޮލިސް ޔުނީފޯމުގައި އައިލީޝް ނުހަނު ފުރިހަމަ ކަމަށް ދައްކައެވެ. އައިލީޝް އެތަނުގައި އިށީނެފައި ފުރަތަމަވެސް ބޯލީ ފެންތައްޓެކެވެ. އަދި އެއަށްފަހު ނައިޝަމް ގާތު ތިބުނަން އުޅޭ ވާހަަކައެއް ބުނަން ބުނެލިއެވެ.
”މިއަދުން ފެށިގެން ދެން އުޅެންވީ. ބޭބެގެ މަރުގެ މައްސަލަ ބަލަން.” ނައިޝަމްއަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް އައިލީޝް ހެވިދިލިފައި އޭނާއާ ދިމާލަށް ބަލައިލިއެވެ. އަދި އެތައް ފަހަރު ޝުކުރު އަދާ ކުރިއެވެ.
”ނައިޝަމް. ބައްޕައަށް އިންސާފު ހޯދާ ދީފައި ނޫނީ މިކަން ނުނިންމާތި. ނައިޝަމް އަހަރެންނަށް ވި ވައުދު މަތިން ހަނދާން އެބަހުރި ދޯ.” އައިލީޝް ބުނެލިއެވެ.
ނައިޝަމް އައިލީޝްއަށް ވެސް އޭނާގެ ޔަގީންކަން ދިނެވެ. އަދި އައިލީޝް ގާތު ހާސް ނުވެ މިކަމުގައި އުޅެން ހިނގާށޭ ބުނެލީ ޖޯޝާއެކީއެވެ.
”ހިނގާ ދެން ދާން ސީސީޓީވީ ފުޓެޖްތައް ހޯދަން. އެހައި ފަސޭހައިން ނޭނގޭ ލިބޭނެކަމެއް ވެސް. އެތައް އަހަރެން ވެފައި ހުރީމަ. އެކަމުވެސް ބަލައިލަން ވާނެ. ދެން ދާ މަގުމަތީގަ ވާނެ އައިލީޝް އަތުގައި ހުރި ހޮސްޕިޓަލުގެ ރިކޯޑްސްތައް ދޭން. އަހަރެންނަށް އޭތި ވަރަށް މުހިންމުވާނެ.” ނައިޝަމް ކޮފީތަށި އެއް ނޭވާއިން ދަމާލައި ފެން ތަށި ވެސް ބޯލިއެވެ. އަދި އެއަށްފަހު އެތަނުން ދިޔުމަށް ހިނގައިގަތެވެ. އައިލީޝްވެސް ފަހަތުން އައިސް ނައިޝަމްގެ ކާރަށް އެރީ އައު ޖޯޝަކާއެކުއެވެ. އޭނާއަށް މިއަދު ދުވަހަކުވެސް ނުލިބޭވަރުގެ އުފަލެއް ލިބިގެން ދިޔައެވެ. ނުވަ އަހަރުވަންދެން އިންތިޒާރު ކުރި ދުވަސް އަންނަނީ އޭ ހިތައި އައިލީޝްގެ ހިތް އުފަލުން ނަށައިލިއެވެ.
ބާރު ދުވެއްޔެއްގައި ދުއްވާފައި ގޮސް ނައިޝަމް ކާރު މަޑުކޮށްލީ ނޯތް ޕޯޓް ކެފޭއަށެވެ. ބަނދަރުގައި މީހުން ފުރިފައިވި އިރު ކޮންމެސް ވަރަށް ކެފޭގައިވެސް މީހުން ހޭލަމޭލަވަމުން ދިޔައެވެ. ނައިޝަމް ދިޔަގޮތަށް ގޮސް އެތަނުގެ ވެރިފަރާތާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނެ އެތަނުން މޭޒެއްކައިރީ އިށީންދެލިއެވެ. އައިލީޝްވެސް ނައިޝަމްގެ ފަހަތުން ކުޑަކުއްޖެއް ފަދައިން އުޅުނެވެ. ފަސް ވަރަކަށް މިނެޓް ފަހުން އެތަނަށް މެދު އުމުރުގެ މީހަކު އައިސް ނައިޝަމްމެން އިށީންދެގެން ހުރި މޭޒު ދޮށުގައި އިށީންދެލިއެވެ.
”ކިހިނެއްތޯ ވީ؟” އެމީހާ ވަރަށް މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު އައިލީޝް އޭނާއަކީ ފުލުހެއްކަން އަންގައިދޭ ކާޑް އެމީހާއަށް ދައްކާލައި ވާހަކަ ދައްކަން ފެށިއެވެ.
”މީގެ ނުވަ އަހަރު ކުރިން ދަންވަރު މިމަގުގައި މީހަކު އަނިޔާވެރި ގޮތަކަށް މަރާލާފައިވާކަން އިނގޭތޯ؟” އެމީހާ ވަރަށް ވިސްނަން އިނެފައި ބޮލުން އައިލީޝްއަށް ޖަވާބުދިނެވެ. ނަމަވެސް އެމީހާގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމާއި ހާސްކަމެވެ. މޫނުމަތީގައި އުދާސްތައް ހިލެމުން ދިޔައިރު މުޅި މީހާވެސް ދިޔައީ އުދާހުން ތެމި ފޯވަމުންނެވެ.
”މިތަނުގައި މިއިންނެވި ސީސީޓީވީ ކެމެރާ އޭރުވެސް އިނޭތޯ؟ މިބުނީ މީގެ ނުވައަހަރު ކުރިން ވެސް މި ކެމެރާ މިތަނުގައި އިނޭތޯ؟” އައިލީޝްގެ އެސުވާލަށް އެމީހާ ވަރަށް އަވަސްއަވަހަށް ޖަވާބުދިނެވެ. ނަމަވެސް މޫނުމަތިން ފެންނަމުން ދިޔަ ބިރުވެރިކަމެއް ފިލައިގެނެއް ނުދެއެވެ.
”ބޭބެ އަތުގައި އެބަހުރިތޯ ނުވަ އަހަރު ކުރީގެ ފުޓެޖްތައް؟ މިހެން މިއަހާލީ މީހުން ހުރޭ ބަހައްޓާފައި އެކި އަހަރުގެ ފުޓެޖްތައް. އެހެންވެ ބޭބެ އަތުގައިވެސް ހުރިތޯ.” އައިލީޝްއަށް ވާހަކަ ދެކެވެމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. އޭނާގެ ހިތުގައިވެސް ވަނީ ހާސްކަން ވަށާލެވިފައިއެވެ. އެމީހާ ޖަވާބުދޭނެ ބާއޭ އެތައް ފަހަރަކު ހިތަށް އަރަމުން ދިޔައެވެ. އެތައް އިރެއް ވީ އިރުވެސް އެމީހާ އެއްޗެކޭ ބުނަން ގަސްތެއް ނުކުރެއެވެ. އަނގާގައި ޒިބު އަޅުވައިގެން ކަހަލަ ގޮތަކަށް އިސްދަށަށް ޖަހައިލައިގެން އިނީއެވެ.
”ބޭބޭ. އަޅުގަނޑުމެންނަށް މިކަމުގައި އެހީވެދެއްވާ. ބޭބެއަތުގައި އެ އެއްޗެހި ހުރިއްޔާ އަޅުގަނޑުމެންނަށް ހަވާލުކޮށްލަދީ. އެރޭ މިތަނުގައި މަރައިލީ އަޅުގަނޑުގެ ބޭބެ. އައިލީޝްގެ ބައްޕަ. ބޭބެއަށް މިކަމުގައި އެހީއެއް ވެދެވެން އޮތިއްޔާ އަޅުގަނޑުމެންނަށް އެހީ ވެދީ.” ނައިޝަމް އާދޭހުގެ ރާގަކަށް އެމީހައާ ދިމާ ބަލަން އިނެފައި ބުނެލިއެވެ. ނަމަވެސް އެމީހާ އިންތަނުން ތެދުވެގެން ގޮސް އެތެރެއަށް ވަނީ ނައިޝަމްމެން ގޮވަ ގޮވާ އޮއްވައެވެ. ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަމަށް ވުމުން ނައިޝަމްއަށާއި އައިލީޝްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އަދި ކާރަށް އަރައިގެން ގޮސް އެތާ ކައިރީގައި ހުރި އެމްޕީއެލް ޝޮޕަށް ވަދެލީ އެތަނުން އަލިމަގެއް ފެނިދާނެ ކަމަށް އުންމީދުކޮށްގެންނެވެ. ނަމަވެސް އެތަނުން ލިބުނު ހަބަރުން ދެމީހުންގެ ހިތްވެސް ދިޔައީ މާޔޫސް ވެގެންނެވެ. އެތަނުގައި އިން ސީސީޓީވީ ކެމެރާ ލީ މީގެ ތިން އަހަރު ކުރިންކަމަށް އެތަނުގެ އިސްވެރިޔާ ބުނެލިއެވެ. ނަމަވެސް ދެމީހުން ކުރެ އެކަކުވެސް ހިތްވަރު އެލުވާލާކަށް ބޭނުމެއް ނޫނެވެ. އެމީހުން އެތަނުން ދިޔުމަށް ގަސްދުކޮށްފައި ހުރީވެސް ފުޓެޖްތައް ލިބުނީމައިއެވެ.
އެތަނުގައި ހުރި ހުރިހާ ތަނަކަށް ވަދެވުނު އިރުވެސް އަލިމަގެއް އެމީހުންނަކަށް ނުފެނުނެވެ. ނަމަވެސް ނޯތް ޕޯޓް ކެފޭގެ އިސްވެރިޔާގެ މޫނުމަތިން ފެނުނު ހާސްކަމާއި ބިރުވެރިކަމުގެ ސަބަބުން އެއެއްޗެހި އޭނާގެ އަތުގައި ހުރިކަމަށް ދެމީހުންނަށްވެސް ނިންމުނެވެ. އަދި އެމީހުންގެ ހަމައެކަނި އުންމީދަކީ ނޯތް ޕޯޓް ކެފޭކަމަށް ނިންމިއެވެ. ނަމަވެސް އިރުއޮއްސެން ގާތްވެފައި ވުމާއިއެކު ދެމިހުންވެސް ގެޔަށް ދިޔުމަށް މިސްރާބު ޖެހީ އެރޭ އަނެއްކާވެސް އެތަނަށް އައުމަށް ނިންމާގެންނެވެ.
***
ޒާހިދާ އާއި މާޖިދު ގޭގެ ބެލްކަނީގައި ހުރި އިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ބުނެދޭން ނޭނގޭފަދަ އިހްސާސްތަކެކެވެ. ބެލްކަނިން ތިރިން ދެމީހުންވެސް ތިރި ބަލަން ހުރިއިރު އެވަގުތު ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ”ޒާހިދާ. އަދިވެސް އެކަން ކުރެވޭ ގޮތެއް ނުވޭ ދޯ. ކަލޭގެ އަތް މައްޗަށް އެގޯތި ރަޖިސްޓްރީ ކުރަން އުޅޭތާ މިހާރު ނުވަ އަހަރު މިވަނީ. ތިކަން ކުރެވޭނެ ބާ. ބަލާބަލަ މިހާރުވެސް އަހަރެމެން އުޅެން ޖެހިފައި އޮތް ތަންކޮޅު. ދެމީހުން ކިހިނެއް މިތަނުގައި އުޅޭނި.” މާޖިދު ރުޅިވެރި ރާގަކަށް ޒާހިދާއަށް ބުނެލިއެވެ. ނަމަވެސް ޒާހިދާ އިސްއުފުލައި ބަލާލަން ވެސް ނޫޅެއެވެ. ދެވަނަ ފަހަރަށްވެސް މާޖިދު އެއްވާހަކައެއް ތަކުރާރުކޮށްލިއެވެ.
”ދެން މަ ކިހިނެއްތަ ހަދަންވީ؟ ކޮންމެ ދުވަހަކު ކޯޓަށް މިދަނީ އެއްޗެހި ހޯދަން. އާކިފްގެ އަށާވީސް އަހަރުވެފައި ހުރި އެ އައިލީޝް އެއީ މާ ވިސްނޭ މީހެއް. އޭނާގެ އަތަކުން މީހަކަށް އެއްޗެއް ނުލިބޭނެ. އަނެއްކޮޅުން އެއަހަނީ އެ ފަގީރު ނައިޝަމް ބުނާ ބަސް. ދެން މަ ކީއްތަ މިކަމުގައި ކުރާނީ. މާޖިދުވެސް އެއްފަހަރުވެސް މިކަމާ އުޅެން ހިނގާބަލަ.” ޒާހިދާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. ނަމަވެސް މާޖިދު ކަހާތާ ހިރުވައިވެސް ނުލައިއެވެ.
”ޔޫހާ ގަންނުވާވެސް މިކަން ކުރުވަން ވަރަށް މަސައްކަތް ކޮށްފިން. އެކަމު ދެމީހުން ބިޒީކަމުން ދިމާވާވަރެއް ނުވެޔޯ. ޔޫހާ ބުނަނީ މިހެން. އަހަރެން މިބަލަނީ އެއްގޮތެއް ނެތިއްޔާ އެނެއް ގޮތަކުންވެސް މިކަން ކުރެވޭތޯ. އެކަމު މާޖިދު މަށަށް ކުޑަވެސް އެހީއެއް ވާކަށް ނޫޅޭ.” ޒާހިދާއަށް އޭނާގެ ނިތްމަތީގައި އަތް ހިންގައިލެވުނެވެ.
”ބަލަ ޒާހިދާ ބުނި ކަންތައް މީގެ ނުވަ އަހަރުކުރިން މަ ކޮށްފިން. އަދިވެސް އިތުރު ކަންތައްވެސް މަތަ ކުރަންވީ. ޒާހިދާ އެއްފަހަރުވެސް އެއްކަންވެސް ކޮށްބަލަ މަ އެހީއާ ނުލައި.” މާޖިދު ރުންކުރުވެފައި ދިން ޖަވާބުން ޒާހިދާ މާޔޫސްވާ ގޮތްވިއެވެ. އޭނާ ކުރަން އުޅޭ ކަންތައް ކާމިޔާބު ވާން އުޅޭތާގެ ކޮޅުމަތިވެސް ފެންނަން ނެތުމުން ޒާހިދާގެ ނުތަނަވަސްކަމާއި ރުޅިވެރިކަން ގަދަ ވާން ފެށިއެވެ.
***
”އަސްލު ހަގީގަތުގަ ކޮންމެ ގޮތެއް ހަދާފައިވެސް ޔޫހާމެން މަސައްކަތް ކުރަން ޖެހޭނެ އެގޯތިން ބައެއް ހޯދަން. އައިލީޝްއަށް އެކަނި އެޔޮށް ބޮޑުގޭ ކިހިނެއްތަ ލިބޭނީ؟ ގޭ އެކަންޏެއް ނޫން. މުދަލާ ފައިސާވެސް. ޔޫހާއަށް ވެސް ބައެއް ލިބެން ޖެހޭނެ ދޯ؟” ޓެރަސް މަތީގައި ހުރި އަށްޓެއް ކަހަލަ ތަނެއްގައި ޒައިކްއާއި ޔޫހާ ދެފައި ވައްކޮށްލައިގެން އިނީ ކޭކް ކާށެވެ. ދެމީހުންގެ މޫނުމަތިންވެސް މަކަރުވެރިކަން ފެންނަމުން ދިޔައީ އެހައިވެސް ބޮޑަށެވެ.
~ ނުނިމޭ ~
9 Comments!
Comments are closed.
ސަލާމް ހުރިހާ ކުދިންނަށް. މިއޮތީ ވާހަކައިގެ އެގާރަ ވަނަ ބައި އަޕްވެފައި. އުންމީދު ކުރަން މިބައި ހުރިހާ ކުދިންނަށްވެސް ކަމުދާނެ ކަމަށް. ވާހަކައާ މެދު ކިޔުންތެރިންގެ ހިޔާލެއް ނަފޫ ވަރަށް ބޭނުން. ކޮމެންޓްއެއްގެ ޒަރިއްޔާއިން އެކަން ބުނެލަދެއްޗޭ . އަދި ނަފޫއަށް ހެދިފައި ހުރި ކުށްތައްވެސް ބުނެލަ ދެއްޗޭ. ދެން އޮތް ބައިވެސް އަވަހަށް އަޕްކޮށްލަ ދޭނަން. އިންތިޒާރުކޮށްލާ.
ބާއްޖަވެރި ރޭގަނޑަކަށް އެދެން ހުރިހާ ކިޔުންތެރިންނަށްވެސް.
🙂 🙂 🙂
hee vx nukuraa gotheh v.. varah reethi also varah different mi story thi genn dhaa goyy masha allah.. keep it up sis.. curiously waiting for nxt par
thank u so much friend. thank u so much for ur endless support. and ya keep waiting
Speechless…varah varah reethi mi bai vx….curiously waiting for the nxt part….lysm
thank u so much kairaa.. thank u so much for ur endless support.. and ya keep waiting. ly
Maasha Allah Story is awesome nafu…btw where is Yunaan…. Curiously waiting for the next part ???
thank u so much een. next part in yunaan v than ingeyne. balamaa dhw. and ya keep waiting.
Nice keep it up
thank u so much liyaa