
ތިންކުދިންވެސް އަވަހަށް ގެއަށްވަދެ ނަމާދު ކޮށްލައިގެން ކާން ނިކުތެވެ. އެކުދިންގެ މަންމަމެން އެކުދިންނަށް މީރުވާނޭހާ ކާއެއްޗެހި ހަދާފައި ހުއްޓެވެ. އަދި ކާން ތިބިއިރު ސްކޫލްގައި ދުވަސްދިޔަގޮތާއިމެދު ވާހަކަ ދެއްކިއެވެ. އެކުދިންގެ މަންމަމެނަކީ ވަރަށް ހިތްހެޔޮ އެކުދިންނާއި ރަހުމަތްތެރި މިޒާޖެއްގެ ބައެއްކަމުން ރާޝިފްއަށް ލާމިއުއާއި ރޭޝަމްގެ އެކްސިޑެންޓްގެ ވާހަކަވެސް ނުދައްކާ ނުހުރެވުނެވެ. ރޭޝަމްއިނީ އެކަމާ ލަދުން ހަލާކުވާވަރުވެފައެވެ. ވާހަކަ ދައްކަމުންގޮސް ފަރީޝާ ނާއިލްއާއި ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ. “ދަރިފުޅާ ނާއިލް. ދަރިފުޅު މިހާރު ބާރަވެސް ނިމެނީ އަދި ހަމަ ކުއްޖަކާ ރައްޓެއްސެއް ނުވަންތަ.. ނޫނީ މަންމަ މެންނަށް ސިއްރުންތަ ތިއުޅެނީ..” މިހެން އެހުމުން ނާއިލް އަނގަޔަށް ލައިލައި އިން ބަތް ސުވާވެސް ވެއްޓުނެވެ. ނަމަވެސް ހަމަޖެހިލައިފައި ޖަވާބުގައި ބުންޏެވެ. “މަންމާ އަދި ކިޔަވާ ނިމިގެން ވަޒީފާއެއް ހޯދާފައެއްނު އެކަހަލަ ކަމަކާއި އުޅޭނީ” މިހެން ބުނިތަނާ ރާޝިފާ ހިނިއައިސްފައި ބުންޏެވެ. “ފަރީޝާ ނާއިލް އެކަހަލަ ކަމަކާ އުޅެންޏާ އަހަރުމެނަށް ނޭނގި ނޯންނާނެ. ނާއިލް އެކަންޏެއް ނޫން ރޭޝަމް އާއި ރާޝިފްއާއި ދެކުދިން ކުރެ ކުއްޖަކު ކިރިޔާވެސް ގޮތެއްހެން ހީވިޔަސް އަހަރުމެނަށް އެނގޭނެ. އެ ތިންކުދިން ނުލާހިކު އެކުވެރި ވިއްޔަ.. އަނެއްކާ އެހެންނޫނަސް އަހަރުމެންގެ ރާޝިފް ހުއްޓާ އެއްވެސް ކަމެއް ނޭނގިއެއް ނުދާނެއެއްނު.. ދޯ ދަރިފުޅާ..” މިހެން ބުނުމުން ހުރިހާ އެންމެން އެއްފަހަރާ ހޭން ފެށިއެވެ.
“މަންމާ ކޮބާތަ ބައްޕަ އާއި ނިޒާރުބެ. އަދިވެސް އޮފީހުން ނާންނަނީތަ؟” ރަމީޒުއާއި ނިޒާރުގެ ހިލަމެއް ނުވުމުން ރޭޝަމް މިހެން އެހިއެވެ. “އާނ ދަރިފުޅާ މިއަދު މާމުހިންމު މިޓިންގ އެއް އޮންނަނީއޭ ބައްޕަ ގުޅާފަ ބުނި” މިގޮތަށް އެކިއެކި ވާހަކައިގައި ތިބެ ކައި ނިންމާލުމަށްފަހު ކޮންމެމީހަކުވެސް ދިޔައީ އެމީހެއްގެ ކޮޓަރިއަށެވެ. ވަރުބަލި ފިލުވާލުމަށެވެ.
ދުވާލުގެ އަލިކަންފިލާ ރޭގަނޑު މެންދަމުގެ ވަގުތެވެ. އެހެންކަމުން އެއްބަޔަކު އުޅެނީ އަނެއްދުވަހަށް އެކިއެކި ތައްޔާރީތަށް ވުމުގައެވެ. އަނެއްބަޔަކު އަވަހަށް ނިދައިފިއެވެ. ބައެއް ގެ ތަކުން ކުޑަކުދިންގެ ރުއިމުގެ އަޑާއި އެކުދިން މަސަލަސް ކުރުމަށް އެކުދިންގެ މައިން އުޅޭ އަޑު އިވެއެވެ. “ރޯސްވިލާ” ގެސްޓް ހައުސް ބޭރުގައި އޭނާގެ ސައިކަލު ޕާކުކޮށްލީ ޒުވާނެކެވެ.ދެން އޭނާ މިސްރާބު ޖެހީ ގެސްޓް ހައުސްގެ ރިސެޕްޝަނާއި ދިމާއަށެވެ.އެތާނގައި އިން ކުއްޖާ ރޫމް އޯކޭ އޭ ބުނުމުން ރީތި ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. ފެންނަ ފެނުމަށް އެއީ އޭނާ އަލަށްދާ ތަނެއްހެނެއް ހިއެއްނުވެއެވެ. އެއަށްފަހު ވަކި ރޫމަކާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެ ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޖަހާލުމުން އެތެރެއިން ދޮރުހުޅުވީ ޒުވާން ރީތި ކުއްޖެކެވެ. ރީތި ދޮން ބައްޓެއް ކަހަލަ ކުއްޖެކެވެ. ބަލާބެލުމަށް އެކަކު އަނެކަކު ދަނެއެވެ. އެއަންހެން ކުއްޖާ ލައިގެން ހުރި ހެދުން ތުނިކަމުން މުޅިގައިގެ ވަނާތައް ފެނެއެވެ. ދެމީހުން ކޮޓަރިއަށްވަދެވުމަށްފަހު ދެން ހީވީ އެއީދެމަފިރިންހެނެވެ. އެކުގައި ދެގަޑިއެއްހާއިރު ހޭދަކޮށްލުމަށްފަހު އެފިރިހެން މީހާ ނިކުތެވެ. އޭނާގެ ސައިކަލަށް އަރާ ސައިކަލު ދުއްވާލިއެވެ.
ފަތިހުގެ ބަންގިއާއި އެކު ގެތަކުން މީހުން ހޭލައިގެން ނަމާދުކުރަން އުޅެންފެށިއެވެ. ފަރީޝާވެސް އަވަހަށް ނަމާދުކޮށްލައިގެން ކުޑަކޮށް ކިޔަވާލަން މަޑުކޮށްލީ ނިޒާރު އަންނަދެނެވެ. ނަމަވެސް އޭނާގެ ހިލަމެއް ނުވުމުން މިސްކިތުން ކޮންމެވެސް މީހަކާއި ދިމާވެ ވާހަކަދައްކަން ހުރީކަމަށް ބަލާފައި ނިކުތީ ކޮފީ ތައްޔާރުކުރާށެވެ. ސައިތައްޔާރުކުރަންފަށަނީ އެންމެން އެކީގައި ކޮފީ ބޮއެ ނިމިގެން ކަމަށްވާތީއެވެ. އޭރު ރާޝިފާވެސް ސިޑިން ފައިބަނީއެވެ. “މިއަދު މާލަހުން ހޭލެވުނީ އެހެންވެ ރަމީޒުވެސް ގޭގަ ނަމާދު ކޮށްލީ.. އަހަރެންވެސް ނަމާދުކޮށް ނިމިގެން މިއައީ” ރާޝިފާ މިހެން ބުނެ ދެމީހުން އެކީ ބަދިގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ފަރީޝާ ބަދިގެއަށްވަދެ ހޮޅިބުރި ޖައްސާލިއެވެ. އެހިނދު އޭނާ ދިޔައީ ސިއްސައިގެންނެވެ. ރާޝިފާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ދެމީހުނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ.