
ދެމީހުން އެކުގައި ގޭތެރެއަށް ވަދެގެން ދިޔައިރު ސޯފާގައި އިށީންގެން ތިބި އެންމެންގެ ނަޒަރުވެސް ހުއްޓިފައި ހުރީ ޔޫހާއަށާއި ޔުނާންއަށެެވެ. ނަމަވެސް އެއިން އެކަކުވެސް އެކަމަށް އަޅާނުލައި ގޮސް ސޯފާގައި އިށީންދެލައި ދެމީހުން ދެމީހުންގެ ނަޒަރު ބައްދަލުކޮށްލައި އެއްމިއްޔަކަނުން މަކަރުވެރި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ.
”ދެން މިދެކުދިންނެއްނު ގުޅުވަންވީ.” ޝާހިދު ބުނެލިއެވެ. އެއާއިއެކު ޔުނާންއާއި ޔޫހާގެ މޫނު މައްޗަށް ރުޅިވެރިކަން ވެރިކުރުވީ އެއްފަހަރާއެވެ. ޒާހިދާއާއި ނަތާޝާ ހިނިގަނޑެއް ޖަހައިލިއެވެ. ޝާހިދުވެސް އެމީހުންނާ އެއްބައިވެލިއެވެ.
މަޑުމައިތިރި ކަމާއިއެކު ސޯފާގައި އިށީންދެލައިގެން އިން އައިލީޝްއަށް ބެލެމުން ދިޔައީ ތަޅުންގަނޑަށެވެ. އިސްއުފުލައި ބަލައިވެސް ނުލައިއެވެ. ލޮލުގައި ކަރުނަތައް ބޮޑިވެފައި ވާއިރު ލޯ ވަނީ ފުސްވެފައިއެވެ. ހިތުގައި އެތައް ވޭނެއް އަޅަމުން ދިޔައެވެ. ލޮލުން ދިލަނަގަމުން ދިޔައީ އެހައިވެސް ބޮޑަށެވެ. އެގެއިން އަވަހަށް ސަލާމަތް ވެވޭނެ އިރަކަށް އޭނާ އިންތިޒާރުކޮށް ދުޢާކުރަމުން ދިޔަ ވަރެއް ބުނަން ވެސް ނޭނގެއެވެ. އޭނާ ހަމައެކަނި ވާހަކަ ދައްކާ އެންމެ ގާތް އެކުވެރިޔާވެސް އަދި ހުރި ހަމައެކަނި ދައްތަ ވެސް މިއަދު ވަނީ އޭނާގެ ހަތުރަކަށް ވެފައިއެވެ. އައިލީޝް އެގޮތުގައި އިންދާ ސިއްސައިގެން ދިޔައީ ނަތާޝާ ޒައިކް އަދި އައިލީޝް ގާތު ބޭރަށް ވާހަކަ ދައްކާލަން ދާން ބުނުމުންނެވެ. ޒައިކްގެ މޫނު މައްޗަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައިރު އައިލީޝް އިނީ ދާހިތް ނުވެ ދެރަވެފައިއެވެ. ނަމަވެސް ޒާހިދާގެ ބޮޑުވެފައިވި ދެލޯ ފެނިފައި އައިލީޝް ޒައިކްގެ ފަހަތުން ދިޔުމަށް ހިނގައިގަތެވެ.
”އައިލީޝް ތީ އަބަދުވެސް ތިހާ މަޑުމައިތިރި ކުއްޖެއްތަ؟ އަހަރެން ތިގެޔަށް ދިޔަ ފުރަތަމަ ދުވަހުވެސް އައިލީޝް ހަމަ ތިހެން.” ޒައިކް އެތަނުގައި ހުރި ބެންޗްގައި އިށީންދެލިއެވެ. އައިލީޝްވެސް މަޑުމަޑުން ހިނގަމުން އައިސް ޒައިކްއާ ތަންކޮޅެއް ދުރުގައި އިށީންދެލިއެވެ. އައިލީޝް އެއްޗެކޭ ނުބުނުމުން ޒައިކްއަށް އިނެވުނީ އައިލީޝްއާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އެސްފިޔަ ޖަހާލަންވެސް ނުކެރިފައިއެވެ.
ކަލުކުލައިގެ ފަން ދިގު އިސްތަށިގަނޑު ވަޔާއި ވިހުރެން ދޫކޮށްލާފައިވާއިރު އެދޮން މޫނުމަތީގައި ވިދުމެއް ހުއްޓެވެ. ނަމަވެސް އެއްވެސް ވަރަކަށް މޫނުގައި މޭކަޕެއް ޖައްސާފައިއެއް ނުވެއެވެ. ކަޅުކަންގަދަ ދިގު އެސްފިޔަތަކުގެ ނިވަލުގައި ވީ ހުދުކުލައިގެ ބޮޑު ދެލޮލުން ހިތާމައިގެ އަސަރުތައް ފައުޅުވަމުން ދިޔައެވެ. ފިނިފެން މަލެއްފަދަ ތުނިތުނި ތުންފަތުގައި އެއްވެސް އުޖާާލާކަމެއް ނެތެވެ. ދޮން މޫނުމަތިން ފެންނަމުން ދަނީ މަޑުމޮޅިކަމާއި މާޔޫސްކަމެވެ. އެހެންނަމަވެސް ސާދަ ވިލޭރޭގެ ހަނދަކާ އައިލީޝް އަޅާކިޔޭކަށް ނެތެވެ. އެޔަށް ވުރެ އައިލީޝް މާ ފުރިހަމައެވެ.
”އައިލީޝްއަށް އިނގޭތަ؟ އަހަރެންނަށް އައިލީޝް ފެނުނު ފުރަތަމަ ދުވަހުވެސް އައިލީޝްދެކެ ލޯބިވެވުނު. ފުރަތަމަ ނަޒަރުން އަހަރެންނަށް ލޯބިވެވުނު މީ ފުރަތަމަ ފަހަރު. އައިލީޝްގެ ކޮންމެ ހަރަކާތެއްވެސް އަހަރެންނަށް ވަރަށް ކަމުދޭ.” އައިލީޝް އެއް ބުމަ އަރުވައިލައި ޒައިކް އާ ދިމާލަށް ބަލައިލިއެވެ.
”އެހެންޏާ މިއީ ޒައިކްގެ ބުނުމަށް ކުރެވޭ ކަމެއް ދޯ؟” އައިލީޝްގެ މަޑުމޮޅި އަޑު އިވިފައި ޒައިކްގެ ގަޔަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނު ހެންނެވެ.
”ނޫނޭ. މިއީ މަންމަމެން ކުރުވާ ކަމެއް. އަހަރެން މަންމަ ކައިރިއަކު މިވާހަކައެއް ނުބުނަން. އެކަމު މިވާހަކަ މަންމަދެއްކި ދުވަހު އަހަރެން ދެކޮޅެއް ނުހަަދަން. އައިލީޝްދެކެ ވާ ލޯބިން އެއްބަސްވި. އައިލީޝް ބޭނުމެއް ނުވޭތަ މި ކައިވެނި ކުރާކަށް؟” ޒައިކް ފުން ނޭވާއެއް ދޫކޮށްލައި އައިލީޝްއާ ދިމާލަށް ބަަލައިލީ ޖަވާބެއް ދޭށޭ ބުނާފަދައިންނެވެ.
އައިލީޝް އެސުވާލަށް ޖަވާބު ދިނުމަށް އަނގަ ހުޅުވާލިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ހަނދާންވީ ޒާހިދާގެ މަތިންނެވެ. ޒާހިދާގެ އަނިޔާތަކުގެ މަތިންނެވެ. ނަމަވެސް ކޮންމެ ކަމެއް ވިޔަސް އައިލީޝް އެސުވާލަށް ޖަވާބު ދޭން ނިންމިއެވެ.
ހޫމް. ބޭނުމެއް ނޫން. އަހަރެން ބޭނުމީ ކިޔަވަން.” އައިލީޝް ދުރަށް ކަޅިއުކަން ފެށިއެވެ. ހީވާ ގޮތުން އޭނާ ޒައިކްއާ ދިމާ ބަލައިލަންވެސް ބޭނުމެއް ނޫނެވެ.
”ކައިވެންޏަށްފަހު ވެސް ކިޔެވޭނުން. އަހަރެން ވަރަށް ލޯބިވެއޭ އައިލީޝް ދެކެ.” ޒައިކް އާދޭހުގެ ރާގަކަށް އެހެން ބުނެލިއިރު އެދެލޮލުން ވިދަމުން ދިޔައީ ކަރުނައެވެ.
”އެކަމު އަހަރެން ޒައިކް ދެކެ ލޯތްބެއް ނުވެއޭ. މިއީ ދޮންމަންމަ ރޭވި ރޭވުމެއް. އަހަރެންގެ ބައްޕައަކަށްވެސް މިކަމެއް ނޭނގޭނެ. ޒައިކްގެ މަންމަމެން ގާތު އަހަރެމެން ދިޔުމުން މިވާހަކަ ބުނެދޭތި.” އައިލީޝްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަޑުގައި ތުރުތުރެއް އެކުލެވިފައި ވީއިރު މުޅި މީހާ ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.
ޒައިކްއަކަށް އިތުރަށް ބުނާނެ އެކައްޗެއް ވެސް ނޭނގުނެވެ. އެހިތަށް މީހަކު ކޮޅުފައިން އެރި އެއީ ފުރަތަމަ ފަހަރުކަމުން ހިތުގައި އަޅަމުން ދިޔަ ވޭން އެހައިވެސް ތޫނެވެ. ނަމަވެސް އައިލީޝްގެ ކުރިމަތީގައި އޭނާ އެކަން ދައްކަކާކަށް ބޭނުމެއް ނޫނެވެ. އޭނާ އައިލީޝްގެ ކުރިމަތީގައި ނުރުމަށް ދިޔައީ އެތައް މަސައްކަތެއް ކުރަމުންނެވެ. ހިތުގައި އަޅަމުން ދިޔަ ވޭނާ ދެކޮޅަށް އޭނާ ކޮޅަށް ތެދުވެ ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ. އައިލީޝް އިންތަނުގައި އިށީންދެލައިގެން އިނީ ތަނެއް ގުޑުވައިވެސް ނުލައިއެވެ. ޒާހިދާގެ ފަރާތުން އަންނާނެ ބަސްތަކަކާއި ލިބޭނެ އަނިޔާއެއް ސިފަކޮށްލަންވެސް އޭނާއަށް ނޭނގެއެވެ. އެހެންކަމުން ހިތުގައި ބިރުވެރިކަން އުފެދިފައި ވަނީ އެހައި ބޮޑަށެވެ.
އައިލީޝް ގޭތެރެއަށް ވަނުމާއިއެކު ފުރަތަމަވެސް އެރުނީ ޒާހިދާއާއި ޔޫހާގެ ކުރިމައްޗަށެވެ. ދެން ދަނީއޭ ބުނެލުމަށްފަހު ތިން މީހުންވެސް ގޭގެ ބޮޑު ދޮރާށިން ނުކުމެގެން ކާރަށް އެރީ އަނގައިގައި ޒިބު އަޅުވައިގެން ހުރެއެވެ. އެކަކު ވެސް އަނގައަކުން ނުބުނެއެވެ. ނަމަވެސް ޔޫހާއާއި ޒާހިދާގެ ދެލޮލުން ދިޔައީ އައިލީޝް އަނދަމުންނެވެ. ގެޔަށް ވަދެވުމާއިއެކު ސިޑީގެ ހަރުފަތްތައް ގިރާކުރުމަށްފަހު ޔޫހާ އޭނާގެ ކޮޓަރިއަށް ގޮސް ވަނީ ނުހަނު ހަލުވި ކަމާއިއެކުއެވެ. އޭނާގެ ކޮންމެ ހަރަކާތަކުންވެސް ރުޅިއައިސްފާ ހުރިކަމުގެ ނިޝާންތައް ފަންނަމުން ދިޔައެވެ. ޒާހިދާވެސް އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަނުމުން އައިލީޝްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
އައިލީޝް މަޑުމަޑުން ހިނގާލާފައި ގޮސް ޔޫހާގެ ކޮޓަރިއަށް ވަނީ ވެގެން އުޅޭ ގޮތް އޮޅުންފިލުވާށެވެ. ވެގެން އުޅޭ ގޮތް އެއްވެސް ވަރަކަށް އައިލީޝްއަށް ނުވިސްނުމުންނެވެ. ”ޔޫހާ. ކީއްވެ މިހާރު އަހަރެންނާ މާ ރުޅިން ތި އުޅެނީ؟ ތިން ދުވަސް ވަނީ މިހާރު ޔޫހާ އަހަރެންނާ ވާހަކަ ނުދައްކާތާ.” އައިލީޝް ވާހަކަދައްކަން ފެށިއެވެ. ނަމަވެސް ޔޫހާއަށް ކަހައިރުވަކު ދަނބެކޭ ވެސް ހީނުވެއެވެ. އެނދުގައި އޮށޯވެލައިގެން އޮތީ އައިލީޝްއާ ދިމާ ބަލައިވެސް ނުލައިއެވެ. ދެވަނަ ފަހަރަށްވެސް އައިލީޝް ވާހަކަދައްކަން ފެށުމުން ޔޫހާ އޮތްތަނުން ތެދުވެ ބެލްކަންޏާ ދިމާލަށް ހިނގައިގަތެވެ.
”އަހަރެން ބޭނުމެއް ނޫން އައިލީޝްއަކާ ވާހަކަ ދައްކާކަށް. އައިލީޝް އަހަރެންގެ މި ދެލޮލަށް ފެންނާކަށް ވެސް. އަހަރެންގެ ކުރިމައްޗަށް އައިލީޝް ނޭރިއްޔާ ދެން ރަނގަޅީ.” ޔޫހާގެ ރުޅި ފަަޅައިގެން ދިޔައެވެ.
”އެއީ ކީއްވެތަ ޔޫޙާ؟ އަހަރެންނަށް ކޮން ކަމެއް ކުރެވިގެންތަ ޔޫހާ ތިހެން ތިހަދަނީ؟” އައިލީޝްއަށް ހުރިތަނަށް ތިރިވެވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަމުން ދިޔައެވެ.
”ކީއްވެހޭ؟ ބަލަ އައިލީޝްއަކަށް ނުވިސްނޭތަ؟ ނުވިސްނެންޏާ ބުނެދީފާނަން. އަހަރެން އައިލީޝްދެކެ މިހާ ރުޅި އައިސްގެން މިއުޅެނީ، އައިލީޝް އަހަރެންގެ ލޯބިވެރިޔާ ޖަހައިގަތުމުން. އާން. އަހަރެން ޒައިކް ދެކެ ލޯބިވޭ. އެކަމަކު އައިލީޝް އޭނާއާ ކައިވެނި ކުރަން ނިންމީމަ އަހަރެން ކިހިނެއް އައިލީޝް ދެކެ ރުޅި ނައިސް ހުންނާނީ.” ޔޫހާގެ ރުޅި ކޮންޓްރޯލުން ދިޔައެވެ. ރުޅިއައިސް މުޅި މީހާގެ މޫނުވަނީ ރަތްވެފައިއެވެ. ދަތްޕިލާ ވަނީ ފިއްތާ ބާރުކުރެވިފައިއެވެ. ކަރުގައި ހުރި ނާރުތައް ވަނީ ހިލިފައިއެވެ.
”ނޫން ޔޫހާ. އަހަރެން ބޭނުމެއް ނޫން ޒައިކް އަކާ އިންނާކަށް. މިއީ ދައްތަގެ ރޭވުމެއް ކަން ޔޫހާއަށް ހަމަ ރަނގަޅަށް އެނގޭނެ. އަހަރެން ޒައިކްދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ ޔޫހާ. އަހަރެން ދެކެ ތިހައި ރުޅި ނާދޭ.” އައިލީޝްގެ ލޮލުން ވެރެމުން ދިޔަ ކަރުނަތަށް ދިޔައީ ތަޅުންގަނޑު ތެންމަމުންނެވެ.
”ކޮންމެހެން އަހަރެންގެ ކުރިމަތީގައި މޮޅު ޑްރާމާތަކެއް ކުޅޭނެ ކަމެއް ނެތް. ދާން އުޅޭ މިތަނުން. ދާށޭ.” އައިލީޝް އެއީ ޔޫހާ ކޮއްކޮއެއް ކަމަށް ދެކުނު ކުއްޖެއްކަންވެސް މިހާރު ހަނދާނެއް ނެތް ފަދައެވެ. ކޮންމެފަދަ ވަގުތެއްގައިވެސް އައިލީޝްގެ ދިފާއުގައި ނުކުތުމަށް ވައުދުވި ޔޫހާ އެ ވައުދުވެސް އުވާލައިފިއެވެ. އިސްޖަހައިލައިގެން ހުރެ އައިލީޝް ކޮޓަރިން ނުކުމެގެން ދިޔައިރުވެސް ޔޫހާއަށް ހުރެވުނީ ދެއަތް މުއްކަވާ ބާރުކޮއްގެންނެވެ.
ކޮޓަރިން ނުކުމެގެން އައިލީޝް ދުއްވައިގަނެގެން ދިޔައީ ގޭގެ ބޭރުގައި ހުރި ހަޓަށެވެ. އެތަނުގައި އެތައް އިރަކު ރޯން އައިލީޝް އިނެވެ. އެކަނިވެފައިވާ ސާދަވިލޭރޭގެ ހަނދެކޭ އައިލީޝްގެ އެކަނިވެރިކަމެކޭ އެއްވެސް ތަފާތެއް ނެތެވެ. ހިތަށް ލިބިފައިވާ ޒަހަމްތައް އިތުރަށް ފާރުވެ ބޮޑުވަމުން ދިޔައީ އިންތިހާ އަވަހަށެވެ. ދޮންކޮށްފައިވާ ދުނި ތީރުތަކެއް އައިސް އައިލީޝްގެ ހިތަށް ހެރިގެން ދާއިރު އެހިތުގައި އަަޅާ ވޭން ބަޔާން ކުރަންވެސް ދައްޗެވެ. ޒާހިދާގެ ކޮންމެ ބަހެއް އައިލީޝްގެ ހިތް ފޮތިފޮތި ކުރަމުން ދިޔައިރު ޔޫހާގެ ބަސްތަކުން އައިލީޝްގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކުރަމުން ދިޔައެވެ. ހިތުގެ އެންމެ ކުދިކުދި ނާރަށް ދާންދެން ހީވަނީ ބުރިބުރި ވަމުން ދިޔަހެންނެވެ. އައިލީޝް ރޯނެ ވަރަކަށް ރޯލުމަށްފަހު މޫނު ދޮވެލައިގެން ގޮސް ނައިޝަމްގެ ކޮޓަރި ދޮރުމަތީގައި ހުއްޓިލައި ޓަކި ޖަހައިލިއެވެ.
***
”ޝަމްހާ. ނައިޝަމް ވަރަށް ތަފާތު ވާހެން އެބަ ހީވޭ. ޝަމްހާއަކަށް ހިޔެއް ނުވޭތަ؟” އިޝާމް ގިފިލިން ނުކުމެގެން އައިސް ގޭތެރެ ކަހަން ހުރި ޝަމްހާއަށް ބުނެލިއެވެ. އެހެން އެހީ ކީއްވެ ހޭ އަހާލާފަދަ ގޮތަކަށް ޝަމްހާ އިޝާމްގެ މޫނަށް ބަލައިލިއެވެ.
”މިހެން މި ބުނީ މިހާރު އެހައި ވަރަށް ނުވެސް ގުޅައި.” އިޝާމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ގޮސް ގޭތެރޭގައި ހުރި ޖޯލުފަތީގައި އިށީންދެލިއެވެ.
”އަޅެ އިޝާމް އެއް ނޫންތަ އަހަރެން ގާތު ބުނީ އެސޮރުގެ ކަންތަކާ ނުވިސްނާށޭ. މިހާރު އިޝާމްއެއް ނޫންތަ ތި ވިސްނަނީ؟” ޝަމްހާ އޭނާ ކުރަން ހުރި މަސައްކަތް މެދު ކަނޑައިލިއެވެ. ދެމީހުުން އެވާހަކައިގައި އެތައް އިރެއް ވަންދެން ހުރުމަށްފަހު މެދު ކަނޑައިލީ ކާން ދިޔުމަށެވެ.
ބަދިގެއަށް ވަދެ ޝަމްހާ ތައްޓަަކަށް ބަތް އަޅައިގެން އައިސް އިށީންދެލީ ލަކުނޑިން ހަދާފައި ހުރި ދިގު ބެންޗެއް ކަހަލަ ގޮޑިއެއްގައިއެވެ. ބަދިގޭގެ ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ ފަގީރުކަމެވެ. އެއް އުނދުނުގެ އުނދުނެއް ލަކުނޑި މޭޒެއް މަތީގައި ހުރިއިރު ކައިރީގައި ހުރި ހަރުން ފެންނަން ހުރީ އެންމެ ދެތިން ތެއްޔެވެ. ތެޅިގަލުން އަޅާވައިވާ އެކުޑަ ބަދިގޭގައި އެއްޗެހި އަޅުވަން މޮހޮރު ޖަހާފައި ހުރިއިރު އެކި އެކި ކޮތަޅު އަޅުވާ އެތަން ވަނީ ފުރިފައިއެވެ. އެއްފަރާތުގައި ދުން ހޮޅިއެއް އިން އިރު އެތާ ތިރީގައި ދަރު އުނދުނެއް ލައި ބޮޑު ތާހެއް އަރުވާފައި އިނެވެ. އަދި މެދުގައި އަށްޓެއް އަޅައި މަހަށް ދިލައަރުވަން ބަހައްޓާފައި ހުއްޓެވެ. ދުން ހޮޅީގެ އެއްފަރާތުގައި ދަރުބޮޑިއެއް ބާއްވާފައި ވެއެވެ. މިހައި ފެންވަރު ޒަމާނެއްގައި މިކަހަލަ ބަދިގެއެއް ތަނަކުން ފެންނަން ހުންނާނީ ހާހަކުން ފަހަރަކުކަން ޔަގީނެވެ. ނަމަވެސް މިކަހަލަ ބަދިގެއެއް ހުއްޓެއް ކަމަކު ޝަމްހާ އެންމެ ފަހަރަކުވެސް ޝަކުވާއެއް ނުކުރެއެވެ. މިގޮތަށް އުޅެން އޭނާއަށް މާ ރަނގަޅީ ކަމަށް ވެސް ވެދާނެއެވެ.
”އިޝާމް. ރޯމަސް ކޮޅު ހުސްވެއްޖެ.” ބަތް ސުވައެއް އަނގައަށް ލަމުން ޝަމްހާ ބުނެލިއެވެ.
”އެހެންނު ވާނީ. އެއްކޮށް މަހަށް ހޫނު ކުރަން ނުބަހައްޓާށޭ ބުނީމަވެސް އެކަން ކޮށްފައި ވިޔަ ތިހުރީ. ދެން ބަލާނަން މާދަން ދޯންޏަކުން މަސްކޮޅެއް ގަނެވޭތޯ. އެވެސް މިހާރު އެހައި އަގުބޮޑު. އަހަރެމެން އަތްފޯރާފަށަކު އެޔެއް ވެސް ނުހުރޭ.” އިޝާމް ބުނެލިއެވެ.
”މަސްކޮޅެއް ނުގަނެ އިޝާމްވެސް މަހަށް ދާން ވީނުން. ގައިމު ރުފިޔާ ލިބޭނުން. މާދަން މީހެއްގެ ދޯނިން މަހަށް ދެވޭތޯ ބަލާ.” ޝަމްހާގެ ހިޔާލާ އެއްކޮޅަށް އިޝާމް ތާއީދު ކުރިއެވެ. އަދި މާދަން މަހަށް ދާން ނިންމިއެވެ.
***
އައިލީޝްގެ ޖަވާބު އިވިފައި ޒައިކްއަކަށް ހަމަޖެހުމެއް ނުލިބުނެވެ. ދުވަހަކުވެސް މިހާވަރަށް ކުއްޖެއް ދެކެ އޭނާ ލޯބިވެފައިއެއް ނުވެއެވެ. ލޯބިވެވުނު ފަހަރުވެސް އޭނާއަށް ލިބުނު ޖަވާބުން ހިތް ކުދިކުދި ވެއްޖެއެވެ. އެއްތަނަކަށް ގެއްލިފައި އެތައް އިރަކު އެނދުގައި އޮށޯވެލައިގެން އޮތް އިރު އެދެލޮލުން ވެއްޓޭ ކޮންމެ ކަރުނައެއް ދިޔައީ ބޯއަޅައިގެން އޮތް ބާލީސް ފޯ ކުރަމުންނެވެ. ހުވަފެނުގައިވެސް މިކަހަލަ ކަމެއް ދިމާވެފައިނުވާ ޒައިކްއަށް ކުރެވެމުން ދިޔަ އިހްސާސްތައް ބަޔާންކުރަންވެސް ދައްޗެވެ.
”އަހަރެން މި ވާހަކަ މަންމަމެންނަށް ކިޔާދޭނީވެސް ކިހިނެއް ހެއްޔެެވެ؟ ކޮން ދުލަކުން ހެއްޔެވެ؟ މިއަދު އަހަރެންނަށް ލިބުނު ހިތާމައަށް ވުރެ ބޮޑަށް އެމީހުން މިކަމާ ހިތާމަ ކުރާނެއެވެ. ދެރަވާނެއެވެ. އައިލީޝްއަކީ ގެވެހި، ހިތްހެޔޮ، ރަނގަޅު މަންމަ ބޭނުންވާ ފަދަ ކުއްޖެކެވެ. ނަމަވެސް މި ނަސީބު އަހަރެންގެ އަތަކު ނުހިފިއެވެ. މަންމަމެން ބޭނުންވި ކަހަލަ ކުއްޖެއް މިގެޔަކަށް ނުގެނެސްދެވުނެވެ. އެހެންނަމަވެސް އަހަރެން އައިލީޝްދެކެ ވީ ހަގީގީ ތެދުވެރި ލޯތްބެވެ. މި ލޯބި މި ހިތުން ފުހެލަން އުނދަގޫވާނެއެވެ. އެޔަށް ވުރެ ބޮޑަށް އައިލީޝްގެ ނަން އައިލީޝްގެ ސޫރަ ވަނީ މިހިތުގައި ބިންވަޅު ނެގިފައިއެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ އަތުން ބީވެ ދިޔައީއެވެ. މަންމަމެން ގާތު ބުނުމުން މިކަން ނުކުރާނެ ކަން އިނގެއެވެ. ނަމަވެސް އަހަރެން އައިލީޝް ބޭނުމެވެ. އިންތިހާއަށް ބޭނުމެވެ. މިއަތުގެ ހިމާޔަތުގެ ދަށަށް ގެންނަން ނުހަނު ބޭނުމެވެ. އަހަރެންގެ މި އުންމީދު މިފަހަރު ނާއުންމީދު ވިޔަސް ހިތްވަރު ކުރާނަމެވެ. އައިލީޝް ލިބެންދެން އިންތިޒާރު ކުރާނަމެވެ. އިންތިޒާރުގައި ހުންނާނަމެވެ.”
***
”އެންމެ ރަނގަޅުތަ އެތެރެއަށް ވަދެލިޔަސް.” ދޮރުގައި ޓަކި ޖަހާލުމާއިއެކު ނައިޝަމް ދޮރު ހުޅުވާލިއެވެ. އަދި އައިލީޝްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯ ހަލުވާލިއެވެ. އެއާއިއެކު އައިލީޝް ކޮޓަރިއަށް ވަދެ އެނދުގައި އިށީންދެލިއެވެ.
”ނައިޝަމް. އަހަރެން މި ކައިވެންޏަށް ދެކޮޅު ހަދާފިން. އަހަރެން މިވާހަކަ ބުނެފިން.” އައިލީޝް އިސްޖައިލައިގެން އިނެ ބުނެލިއެވެ. އެއާއިއެކު ނައިޝަމްއަށް ލިބުނު ސިހުމުގައި ނުހަނު ބާރަށް ކީކޭ ހެއްޔޭ އަހައިލިއެވެ.
”ހެހެ. އަދި ދައްތަމެންނަކަށް ނޭނގޭނެ. އަހަރެން މިވާހަކަ ބުނީ ޒައިކް ގާތު.” އައިލީޝް ބުނެލިއެވެ. ދެންވެސް ނައިޝަމް ހުރީ ސިހުމެއްގައިއެވެ.
”އައިލީޝް. ތިހެން ހަދާކަށް ނުވާނުން. މިހާރުވެސް ދައްތަގެ ފަރާތުން އައިލީޝްއަށް ލިބެމުންދާ އަނިޔާ މަދެއް ނޫނެއްނު. ދެން ކީއްވެ؟” ނައިޝަމްއަށް އައިލީޝްއާ މެދު ހަމްދަރުދީވެގެން ވާހަކަދެއްކުމުން އައިލީޝްގެ ދެމުނަ ގޮށްޖެހިގެން ދިޔައެވެ.
”ނައިޝަމްވެސް ތިހުރީ އަހަރެންނާ އެއްކޮޅަކު ނޫން ދޯ؟ އަހަރެން މި ނިންމުން ނިންމީ ދައްތަގެ އަނިޔާތަކަށް ވިސްނާފައެއް ނޫން. އަހަރެން ޒައިކް ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ. ލޯބި ނުވާ މީހަކާއެކު ކިހިނެއް ޒަވާޖީ ހަޔާތެއް ފަށާނީ. އަހަރެން އަދި ބޭނުމީ ކިޔަވަން. ކިޔަވައިގެން މީހަކާ އިންނަން ބޭނުމީ.” އައިލީޝް އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ.
”ތިބުނީ މުޅިއަކުން ދޮގު ވާހަކައެއް ނޫން. އަހަރެންނަށް އެހެން ބުނެވުނީ ދައްތަ އައިލީޝްއަށް ކުރަމުންދާ އަނިޔާތައް ބަލަން ކެތް ނުވާތީ. އެކަމު އައިލީޝް ތި ކައިވެނި ކުރަން ބޭނުން ނޫނިއްޔާ ބޭބެއަށް ގުޅަން ވީނުން. އަހަރެންނަށް ބުނެވޭނި މިހެން. ބޭބެއަކަށް ހިޔެއް ނުވޭ އަދި މިކަން އިނގޭ ހެންނެއް. އެހެންވީމަ އައިލީޝް ބޭބެއަށް ގުޅާފަ ބުނޭ މިކަމާ ދެކޮޅު ވާހަކަ.” ނައިޝަމްވެސް ދިޔައީ އެކައިވެނި ހުއްޓުވޭނެ ގޮތަކާއިމެދު ވިސްނަމުންނެވެ. ހަގީގަތުގައި އޭނާ ކިތަންމެ ވަރަކަށް އައިލީޝްދެކެ ވީ ލޯބި ފުހެލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ. އިތުރަށް ދިޔައީ އެލޯބި ކުރިއަރައި ހެދެމުންނެވެ.
ނައިޝަމްގެ އެދުމުގެ މަތިން އައިލީޝް އާކިފްއަށް ގުޅާލިއެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު އާކިފް ނުހަނު އަވަހަށް ފޯނު ނެގުމުން އައިލީޝްގެ މޫނަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެެވެ. ”ބައްޕާ. މަންމަ އުޅެނީ އަޅުގަނޑު މީހަކާ ކައިވެނި ކުރަން. އެކަމު ބައްޕާ. އަޅުގަނޑު ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް. އަޅުގަނޑު ބޭނުމީ ކިޔަވަން.” އައިލީޝް އާދޭހާއިއެކު ބުނެލިއެވެ.
”ދަރިފުޅާ ބައްޕަ ފަހުން ގުޅާނަން. މިގަޑީ މަންމަ އެބަ ގުޅާ. ނުނިދައްޗެ.” އާކިފް ފޯނު ކަނޑައިލުމުން އައިލީޝް ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލާ ނައިޝަމްގެ ކައިރި ބަލައިލިއެވެ. ހަމައެވަގުތު އައިލީޝްގެ ލޮލުގައި އަޅައިގަތި އެނދުމަތީގައި އޮތް ފޮޓޯ ފުރޭމެވެ. މަޑުމަޑުން އައިލީޝްގެ އަތް ފޮޓޯ ފުރޭމަށް ގެންދަން ފެށިއެވެ. މިމަންޒަރު ފެނި ނައިޝަމް ނޫނެކޭ ކިޔައި ފުރޭމާ ދިމާލަށް އޭނާގެ އަތްވެސް ގެންދަން ފެށިއެވެ. އިސާހިތަކު ދެމީހުންނަށް ހިފުނީ އެކަކު އަނެކަކު އަތުގައިއެވެ. އެއާއިއެކު ދެމީހުންގެ ކަޅި ބައްދަލުވެގެން ދިޔައިރު ދެމީހުންގެ ހިތަށްވެސް ދިޔައީ ނޭނގޭ ބާރެއް ، އޮއިވަރެއް އަރަމުންނެވެ.
***
މުނާޖާކޮޑުއަޅައިގެން ތިން މީހުންވެސް ކޮލެޖަށް ދިޔުމަށް ނުކުތް ވަގުތު އެންމެ ފުރަތަމަވެސް އަރަން ޖެހުނީ ޒާހިދާގެ ކުރިމައްޗަށެވެ. ރުޅިއައިސް ރަތްވެފައި ހުރެ އައިލީޝްއާ ދިމާ ބަލަން ފެށުމުން ނައިޝަމް އައިލީޝްގެ ކުރިމައްޗަށް އަރައި އައިލީޝްގެ ދިފާއުގައި ނިކުމިއެވެ. މަންޒަރު ބަލަން ހުރި ޔޫހާގެ ތުންފަތަށް މަސްނޫއީ ހިނިތުންވުމެއް ވެރިގެން ދިޔައެވެ. ހަމައެއާއިއެކު މަކަރުވެރިކަމުގެ ބާންޏެއްވެސް މޫނުމަތީގައި ކުޅެލިއެވެ.
ކަޅުކުލައިގެ ފަޓްލޫނަކާއިއެކު އަޅިކުލައިގެ ގަމީހެއް ލައިގެން ހުރި ނައިޝަމްގެ ހައިބަތު ދިޔައީ ކިތަންމެ ރަނގަޅަކަށްވެސް ދައްކުވައިދެމުންނެވެ. ތުނިކޮށް ފަޅާފައިވާ ތުބުޅިންނާ މަތިމަހުން އޭނާގެ ފިރިހެންވަންތަކަން ދިޔައީ ދެގުނަ ވަމުންނެވެ. ގަމީހުގެ އަތުކުރި އުޅަބޮއްޓާ ހަމައަށް އޮޅާފައިވުމުން އެއަތުގެ ބާރުގަދަކަން ދިޔައީ ފެންނަމުންނެވެ. މޫނުމަތީގައި ލުއި ހިނިތުންވުމެއް ވީއިރު ނައިޝަމް ނުހަނު ފުރިހަމައެވެ. އަންހެން ކުދިންގެ ލޯތައް ނައިޝަމް އަތުލާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ނައިޝަމްގެ ފަހަތުގައި ހުރި އައިލީޝް ދިޔައީ ހިތާހިތުން ނައިޝަމްއަށް ތައުރީފު ކުރަމުންނެވެ.
ޒާހިދާ އެތަނުން ދިޔުމާއިއެކު ނައިޝަމްއަދި އައިލީޝްވެސް ގެއިން ނުކުންނަން ހިނގައިގަތެވެ. އޭގެ ކުރިން ޔޫހާ ގޮސްފައިވާއިރު ދެމީހުން އެކަނި ދާން ޖެހުމުން އެދެމެދަށް ވެރިވެފައިވަނީ މަރުފަދަ ހިމޭން ކަމެކެވެ. ނަމަވެސް ނައިޝަމް ދިޔައީ އޭނާގެ ހިތުން އައިލީޝްއަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. އެހެންނުވާންވީވެސް ކީއްވެ ހެއްޔެވެ؟ މެރޫން ކުލައިގެ ކަކުލާހަމައަށް އަރާ ޓީޝާޓް ފޮތީގެ އެހެނދުމުގައި އައިލީޝް ކިތަންމެ ހައިވެސް ރީއްޗެވެ. ތިރިން ކަޅުކުލައިގެ ޖިންސެއް ލައި ކަޅު ބޫޓަކަށް އަރާފައި ވުމުން އިތުރަށް ޗާލު ކަމަށް ދައްކައެވެ. އެއްވެސް ގޮތެއް ނުހަދައި ވަޔާ ސަމާސާ ކުރަން ދޫކޮށްލާފައި އޮތް ދިގު އިސްތަށިގަނޑު އިތުރަށް ފުރިހަމަ ކޮށްދެނީ އިސްޓަށިގަނޑަށް އަރައި ގުދުރަތީ ރަން ކުލައަކުންނެވެ. މޫނުގައިވެސް އެއްވެސް މޭކަޕްއެއް ކޮށްފައި ނުވާއިރު ގުދުރަތުގެ ރީތިކަން އައިލީޝްގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ނައިޝަމްގެ އެއްފަރާތުގައި ހުރި ހޫރެއްފަދަ ޕަރީއަށް ކަޅިއެއްލެމުން ދިޔައީ އިހްތިޔާރުން ބޭރުގައިއެވެ. ދެމީހުން ދެމަގަށް އޮބައިލައިގެން ދިޔައިރުވެސް އެކަކު އަނެކަކުގެ ލޯ ދިޔައީ ދެމީހުންނަށް އުކެމުންނެވެ. އެހައިވެސް ވަރުގަދަ ގުޅުމެއް އެދެމެދުގައި އުފެދިއްޖެއެވެ.
***
~ 10 އަހަރު ފަސް ~
~ ނުނިމޭ ~
11 Comments!
Comments are closed.
Wow
Vvvvvvvv reethi mi part
10 aharu fahun kihinehbaa emeehunn ge life hunnanee
curiously waiting
when next
balamaa dhw emyhunge life hunnaane gotheh.. and thanks sama. mirey noony maadhamaa up vaane hen hyvani.. keep waiting
Wowww….varah reethi…waiting for the nxt part…….
thanks kairaa. and keep waiting
salaam all.. vr vr vr vr bodah sorry nafu ah buni dhuvahah nugenes dhevunyma.. ekam edhuvhu submit kurin. ekam vs dhn miothy up vefai. kamudhaane kamah unmeedhu kuran mi bai vs. dhn oii baa vs v haa vs avahakah genes dhevey thr masahkaii kuraanan. keep waiting.
feshigen midhaa ramadan mahuge fahu dhihaige dhuvas thah enme rangalhu gothugai hifey thw masahkaii kuramaa. fahu dhihaige savaabaa dharuma libeythw gadha alhaa masahkaii kuranamaa. hurihaa kiyuntherinnah vs baahja veri dhuvahakah edhen. stay home 🙂 stay safe. 🙂
Adhikiriyaa migothah e dhimaavi
ehen writer ves submit kuraadhuvahu libey hama baeh faharu 6 varakah hrs Las veliyas
mihaa ginadhuvaheh nunagaa
dear 11 may ga vaahaka up vefa dhn gina vaahaka thah aii 13 may gaanu. but edhuvahu vs nafu ge vaahaka eh naadhe. nafu 2 burah admin kairy bunegen 15ga vaahaka up v. and gina faharah vaahaka submit kuraa irah up eh nuvaane.
@kujja … thiba v madhunba mi situn vaahaka kiyany… mee v aanmu kameh…baehfahr eba huri 3 dhuvasves vafa…. alhugadaky mi situn gavaaidhun vaahaka kiya meeheh… adhi liyuntheringe shakuva thahves feney….
dear thibuny hama thedheh. vaahaka avahah upload kuraa faharaa lahun upload kuraa faharaa dhany. lahun upload kuraa faharu hama vr gina dhuvas nagaa. liyuntherinnah hama ekani kureveyne kamaky vaahaka liyefa submit kurun. admin ge aii mathyga onna kameh eyyi vaahaka upload kurun.
cant wait to know what will happen … curiously waiting for the next … nd varah reethi mi part masha allah ..
thanks friend. and keep waiting dear..