
އެކުއްޖާ 6
* “އައި…………….” ހައިނާ އެ ވާހަކަ ބުނަން ވެގެން ފެށިއެވެ. *
“އައިމް ޑޭޓިންގ އިކޫ….” ހައިނާ ބުނެލިއެެވެ. “އި.. އިކުވާން.. އިކޫ.. ހީ އާސްކްޑް މީ އައުޓް.. އެންޑް އައި ސެއިޑް ޔެސް..” ހައިނާ ކިޔައިދިނެވެ.
“އޭނ..؟؟؟” ހާސްވެފައިވާ ވަރުން ހައިނާ ބުނި ވާހަކަ ކައިޔަންއަށް އިވުނީ ރަނގަޅަކަށެއް ނޫނެވެ. “ވީ އެއްޗަކީ މީގެ ދެ މަސް ހާ ދުވަސް ކުރިން ވީ ސްޓާޓެޑް.. އިހަކަށް ސިއްރު ކޮއްލައިގެން އުޅެން އަހަރެމެން ދެ މީހުންވެސް ބޭނުންވީ.. ދެން ކުއްލިއަކަށް މިއަދު އިކޫ ބުނީ ހައި ގާތު ކައިޔަން ކައިރީ އެ ވާހަކަ ބުނާށޭ… އިނގޭ ވަރަށް ސަޕްރައިޒް ވާނެކަން… ވަރަށް ގިނަ ދުވަހު އެ ސިއްރު ކޮށްލައިގެން އަހަރެމެން ދެމީހުން މި އުޅުނީ….” ހައިނާ ހުރީ ހިނިތުންވެލި ގޮތަށެވެ.
ވާނުވާ އެނގުމުން ކައިޔަންއަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. ހައިނާ ބުނަން އުޅުނީ އިކުވާން އާއި ހައިނާގެ ވާހަކައެއް ކަން އެނގުމުންނެވެ. ހައިނާ ހިނިތުންވެފައި ހުރި ވަރުން ކައިޔަންއަށް ހެވުނެވެ. އެ ވާހަކަ ބުނެލިގޮތުން ހީވަނީ ހައިނާ އެ ކުޅިވަރު އެ ފެށީ އަލަށް ހެންނެވެ. ހައިނާ އާއި ދޭތެރޭ އިކުވާން ވިސްނާ އުޅޭކަން ކައިޔަންއަށް ވަނީ ފާހަގަ ކުރެވިފައެވެ. ނަމަވެސް އިކުވާން އެވަރުގެ ކަމެއް ކައިޔަންއަށް ސިއްރު ކޮށްލައިގެން ގެންގުޅޭނެކަމަށް ކައިޔަން ހިތަށްވެސް ނާރުވައެވެ. “އޯ ވާވް..!” ކައިޔަން ހީނލިއެވެ. މިރޭ ޔޫޝުއަލްއަށް ގޮސް އިކުވާންއަށް ކުޅި ދައްކާލާނެ ގޮތް ހިތުތެރޭ ރާވަމުންނެވެ.
”ބެސްޓްފްރެންޑްސް އާއި ބެސްޓްފްރެންޑްސް.. ކައި، ރަނޫ، ހައި އަދި އިކޫ، މާ ރަނގަޅެއްނު މިވީގޮތް.. ދޯ ކައިޔަން..؟” ހައިނާ ބުނެލިއެވެ. “ޔެޕް.. ވަރަށް ސަޅި…” ކައިޔަން މާ ނޫންގޮތަކަށް ބުނެލިއެވެ. ހައިނާ ފާޑަކަށް ކައިޔަންގެ މޫނަށް ބަލާލިއެވެ.
އެވާހަކަ ބުނެލާފައި ހައިނާ ދިޔުމުން ކައިޔަން އަނެއްކާ އެކަނިވިއެވެ. ގަޑިއިރުތައް ފާއިތުވެގެން ދިޔައީ ލަސްލަހުންނެވެ. ބެލް ޖެހި އަޑަށް ކައިޔަން ފުންމައިގެން ތެދުވެ ޒިވީންމެން ގެ ކްލާހާއި ދިމާލަށް މިސްރާބު ޖެއްސެވެ. އުޑުމަތި ބަނަވާންފެށިއެވެ. ވައިގައި ތެތް ފިނިކަން ހިފާލައިފިއެވެ. އެ ޖެހިލާ އެންމެ ކުޑަ ރޯޅިން ވެސް ނުލާހިކު ފިނިވެއެވެ.
ޒިވީން ހުރީ ދަބަހުގައި ބައްދާލައިގެންނެވެ. އޭރު ޒިވީން އާއި ޖެހިގެން ފައިހާން ހުއްޓެވެ. ބޭކާރު އަނގަ ތަޅާށެވެ. ޒިވީން ބޮލަށް އުނދަގޫ ވެފައި ހުރިވަރު ބަލާލި ކޮންމެ މީހަކަށް ފާހަގަ ވާނެއެވެ. ”ޒިވީން ކޮން ތަނަކު ތިއުޅުނީ..؟ ހާދަވަރަކަށް ހޯދައިފީމޭ..” ކުއްލިއަކަށް އަލާން އައެވެ. ފައިހާންއާއި އަލާންއާއި ޒިވީންގެ މެދުގައި އެވާ ”ލަވް ޓްރޭންގަލް’ ނިމިގެން ދާގޮތް ބަލާލަން ކައިޔަން މަޑު ކޮއްލިއެވެ.
”އައްދޭ ޕްރިޓީ ބޯއި.. މިތަނުގައި ކީއްކޮއްލަނީ.؟” ފައިހާން ކެރޭކަން ދައްކާލިއެވެ. “އެއީ ކާކު..؟” އަލާން ސުވާލު ކޮއްލިއެވެ. “ފައިހާން.. މުޅި ދުނިޔެއިން ވެސް އެންމެ ރަނޑުމީހާ.. ޒިވީން އެމީހެއްދެކެ އެންމެ ރުޅި އަންނަމީހާ..” ޒިވީން ފައިހާން ތައާރަފުކޮއްލީ މިހެންނެވެ. “ޒިވީންއާއި ޕްރީޓީ ބޯއިގެ ކޮން ބިޒްނަސް އެއް އޮތީ..؟” ފައިހާން ސުވާލު ކުރިގޮތުން ހީވީ ޒިވީންގެ ބައްޕަ ހެންނެވެ. ”އަހަރެމެން ދެމީހުންނަކީ ވަރަށް ގާތް އެކުވެރިން.. އެނގިއްޖެތަ..؟” ޒިވީން އައިރުޅިން ފައިހާންގެ މޫނުމަތީގައި އިނގިލި ހޫރާލިއެވެ. “ޔެޕް…” އަލާން އެއްބަސްވިއެވެ.
“ކަލެޔާ ޒިވީން..؟ މިވަގުތު ޖޯކު ޖަހަން ނޫޅޭ..” ފައިހާން ގޮތް ދައްކާލިއެވެ. “އޭތް.. ކަލޭ އަނގަ މަޑުން ލައިގެން ހުރެބަލަ… ޒިވީން އިޒް މައި ގާރލްފްރެންޑް… ދެން މިދެމެދަށް ވަންނާކަށް އިތުރު މީހަކަށް ނެތް ޖާގައެއް.. މާފާއެކީ ބުނެލާނީ ދާން އުޅޭށޭ..” އަލާން ހީނލިއެވެ. އޭރު ފައިހާންއާއި ދިމާލަށް އިނގިލި ހޫރާލި ގޮތަށް ޒިވީންވެސް ހުރީ ގަނޑުވެފައެވެ. އެވީގޮތުން އެވަގުތު ޒިވީން ހުރީ އަލާން އެހެން ބުނެފާނެކަމަށް ތައްޔާރުވެގެން ނޫންކަން އެނގިގެން ދިޔައެވެ.
ޒިވީންއަށް ވެފައިހުރި ގޮތުން ކައިޔަންގެ ގާތަށް އައީ ހިންޏެވެ. ކައިޔަންގެ ގާތުގައި ފިސާރި ކެރިގެން އުޅުނަސް އަސްލު ޒިވީން އަކީ ކެރޭ ކުއްޖެއް ނޫންކަން އެނގުމުންނެވެ. ނަމަވެސް ޑްރާމާ ނިމުމުގެ ކުރިން ‘ފަނި’ ނުކުރަންވެގެން ކައިޔަން ހުރި ތަނުގައި ހިނިގަނޑު ހިންދާލައިގެން ހުރީއެވެ. “އޭ މާ އަމުރުވެރި ވެގެން ނޫޅެއްޗެ.. ކަލޭ ހީކުރަނީ އިސްތަށިގަނޑު ދިގުކޮއްފައި އުޅުނީމައި ތިއީ މާ ތާހިރު މީހެއް ކަމައްތަ..؟ ޒިވީންގެ ގާތުން ދުރަށްދާންއުޅޭ.. އެހެންނޫނީ..!!” ފައިހާން މޭފުއްޕާލާފައި އިންޒާރެއްދިނެވެ.
އަލާން ފައިހާންގެ ޔުނީފޯމުގެ ގިރުވާނުގައި ހިފާ ފާރަށް ގަޅުވާލިއެވެ. “ޒިވީންއާއި ބެހެން އުޅެފިއްޔާ ދެން ނިމުނީ..! ދޭ..!!” އަލާން ދެބުމަ ގޮށް ޖަހާލަމުން ބުނެލިއެވެ. އެދެލޮލުން ފެންނަނީ ޖެހިލުން ކުޑަކަމެވެ.
ގާތުގައި ހުރި ޒިވީން ހުރީ އަނގަމަތީގައި އަތްއަޅާލައިގެންނެވެ. މޫނުމަތިން ބިރުގަނެފައިވާ އަސަރުތައް ހުރިއެއް ކަމަކު ހިތުގެ އަޑިން ޒިވީން އެހުރީ ވަރަށް އުފާވެފައެވެ. “ވާއު.. އެއްކަލަ ކުއްޖާ ގަނޑުތާ..؟ މިފަހަރު ޒިވީންއަށް ކޮން އުނދަގުލެއް ކޮއްލަންކަމަށް ނިންމައިގެން ތިހުރީ.؟” ކައިޔަންގެ އަޑުއިވުމުން އެންމެންނަށް އެދިމާލަށް ބަލާލެވުނެވެ. ހަށަން ބަނދެލައިގެން ހުރި ކައިޔަން ފެނިފައި ފައިހާން ބިރުން އަވަހަށް ކްލާހަށް ވަނެވެ.
“ވޯވް ބްރޯ.. ގަދަ އިނގޭ..” އަލާން ހުރަސް ކޮއްލާފައި ދަމުން ކައިޔަން ވައިއަޑުން އަލާންގެ ކަންފަތް ބުޑުގައި ބުނެލިއެވެ. އަލާންގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ކައިޔަން ގެއަށްގޮސް އޮތީ އިރުކޮޅަކު އަރާމު ކޮއްލަން ކަމަށެވެ. އެހެން އޮއްވާ ކައިޔަންއަށް ނިދުނެވެ.
ކުރިމަތީގައިވާ ދުންފިނިގަނޑުގެ ތެރެއިން ފެންނަނީ މަރިޔަންގެ ދިގު އިސްތަށިގަނޑެވެ. ޖެހެމުންދިޔަ ވަޔަށް މަރިޔަންގެ އިސްތަށިގަނޑު އެގޮތްމިގޮތަށް ކައިޔަންގެ މޫނުގައި ހޭކެމުން ދިޔައެވެ.
”ދޮންބޭ..؟ ދޮންބޭ..؟” ޒާއިންގެ އަޑުވެސް އިވެމުންދިޔައެވެ. ލޯ ހުޅުވާލެވުނީ އިރުކޮޅެއްގެ ފަހުންނެވެ. މަރިޔަންއެއް އެތާކު ނެތެވެ. އިސްތަށިގަނޑެއް މޫނަކު ނުހޭކެއެވެ. ލޯ އުނގުޅާލެވުމާއެކީގައި ވާނުވާ ރޭކާލީ އަދި ކިރިޔާއެވެ. ޒާއިންގެ އަތުގައި އޮތީ ފިހިގަނޑެކެވެ. ޒާއިން ކައިޔަންގެ މޫނުމަތީގައި އެފިހި ގަނޑު ހާކާލީއެވެ. “އައްޗި.. ކުނިކަހާ ފިހިގަނޑު ދޮންބެ މޫނުގައި ހޭކީމަ ކިހިނެތް ވާނީ..؟” ކައިޔަން އެއްސެވެ. “މީ އާފިހި ގަނޑެކޭ.. ދެން ދޮންބޭ…!” ޒާއިން ބޯ ހޫރުވާލިއެވެ.
ކައިޔަން ހިނގައިގަތީ ބޭރަށެވެ. އަތިރިމައްޗަށް ދިޔުމަށެވެ. ފޫހި ވެފައި ހުރުމުގެ ސަބަބުން ސިކުނޑި ތާޒާ ކޮށްލުމުގެ ނިޔަތުގައެވެ. ކައިޔަން އެތަނަށް ދިޔައިރު ހައިނާއާއި އިކުވާން އިށީނދެލައިގެން ހުއްޓެވެ. ހައިނާގެ ލޮލުގައި ކައިޔަން އަޅައިގަތެވެ. ކައިޔަން ތުންފަތް މަތީ ޝަހާދަތް އިނގިލި އަޅާ ދިޔަގޮތަށް ގޮސް އިކުވާންގެ އިސްތަށިގަނޑު ގައި ހިފާ ދަމައިގަތެވެ. “ބަލާ ހުންނަ ލާނެތްކަން… އެ ވަރު ކަމެއް ކޮށްލާއިރު މަގޭ ގާތު ބުނެގެން ނުވެޔޭ ދޯ..؟” ކައިޔަން ބުނެލިއެވެ. “ދެން ދޯ…؟ ރަނޫ އަށްވެސް އަދި ނޭނގޭނެޔޭ..” އިކުވާން ކައިޔަންގެ އިސްތަށިގަނޑުގައި ހިފިއެވެ. ޑަބްލިއު ޑަބްލިއު އީ ގައި އުޅޭ ދެ މީހުންނެކޭ ތަފާތެއް ނެތެވެ. ހައިނާގެ ގާތަށް ހިނިއައެވެ.
“ހޫން ހޫން.. ކޮން ކަމެއް ދެން އޮތީ..؟ ހައިގަނޑޫ..! ޖޮބުން އެއްވެސް މަސައްކަތެއް ނިންމަން ވެފަ ނެތީތަ..؟” ހެއްލާ ޖޯއްޔަކަށް ވެއްޓިގަންނަމުން ކައިޔަން އަހާލިއެވެ. “އުހުމް… މަ މީ ކައިޔަންއެއް ނޫނޭ ފުލުގައި ރޯވީމަ އެކަމެއް ނިންމަން ތެޅިފޮޅިގަންނާކަށް..” ހައިނާ ބުނެލިއެވެ. “ފޮނި އަނގަ..” ކުޑައިރުއްސުރެ ހައިނާއާއި ދިމާލަށް ގޮވާ ނަމުން ކައިޔަން ގޮވާލިއެވެ.
ތިން މީހުން ވެގެން އެކިއެކި ވާހަކަ ދައްކަން ހުއްޓެވެ. “އެބަ އަންނަން އިނގޭ…” އިކުވާން ކުއްލިއަކަށް ތެދުވިއެވެ. “ކޮންތާކަށް..؟” ހައިނާ އަހާލިއެވެ. ނަމަވެސް އިކުވާން ބާރަށް ހިނގާލާފައި ގޮސްފިއެވެ. ފަނަރަވަރަކަށް މިނެޓް ފަހުން ވާރޭ އޮއްސާލައިފިއެވެ. ދެ މީހުން ތެމިލައިގެން ހުއްޓާ އިކުވާން ދުވަމުން އައެވެ. “މިހުރީ. ކަލޭމެންނަށް….” ގެނައި އެކްސްއެލް ދެ ދަޅު ދެމީހުންނަށް އިކުވާން ދިއްކޮއްލިއެވެ. “އެކްސްއެލް…؟ މިއޮތް ފަދަ ފިނި ގަޑީގައި…؟” ދަޅު ކަނޑާލަމުން ހައިނާ ބުނެލިއެވެ. “ދެން ގަތް ފަހުންނޭ ވާރޭ އޮއްސާލީ…” އިކުވާން ދަޅުން ކޯވަރެއް ދަމާލިއެވެ.
”އެއީ ކާކު..؟” ހައިނާ އިޝާރާތްކޮއްލި ދިމާލަށް އިކުވާންއާއި ކައިޔަންއަށް ބަލާލެވުނެވެ. ހައިނާގެ އަޑު ހުރިގޮތުން ހީވީ ހަންޑިއެއް ފެނިގެން އުޅުނުހެންނެވެ. ”މަ..ރި..ޔަން..” ކައިޔަންއަށް ހިތާހިތުން ބުނެލެވުނެވެ.
އެތަނުގައި ހުރީ މަރިޔަންއެވެ. ވާރޭގެ ތެރޭގައި ތެމިފޯވެފައެވެ. އެ ރީތި ދެލޯ އެ ހޯދަނީ ހިޔާ ލިބެން އޮތް ތަނެއްކަން ގައިމެވެ. ރަހުމެއް ނެތް ގޮތަކަށް ޖެހޭ ވައިރޯޅިތައް މަރިޔަންގެ އިސްތަށިގަނޑު އެގޮތް މިގޮތަށް ހޫރުވަމުން ދިޔައެވެ. ކައިޔަން ކަޅި ޖަހާނުލާ އެދިމާލަށް ބަލަން ހުރުމުން އިކުވާން ބަލާލީ ލާނެތް ނަޒަރަކުންނެވެ. ”ވާރޭގެ ޕަރީ.. ތެމި ތެމި އެހުރީ..” ކުރީގެ ލަވައެއް އިކުވާން ކިޔާލީ އަޑު ބަދަލު ކޮއްލައިގެންނެވެ. ގިނަ ފިލްމް ތަކާއި ވާހަކަ ތަކުގައިވެސް ބަތަލަށް ބަތަލާ އެފަދަ ސީންއެއްގައި ފެނުމުން ކިޔަނީ އެހެން ކަން އިކުވާން ދަނެއެވެ. ކައިޔަންއަށް ހޭވެރި ކަމެއްވީ ދެނެވެ.
”އެކުއްޖާއަށް ހަމަ ގެއްލިފަ…. އައްދޭ..!! މަ ނުބުނާނަމޭ ރާނީ ގާތު..” އިކުވާންގެ އަޑަށް ސަމާސާ ކަމެއް ވެރިވެގަތެވެ. ”ކީއްވެގެން ތިހެން ތި ބުނަނީ..؟” ކައިޔަން ނޫންކަމަށް ހެދުނެވެ. “އޭތް ކައި.. ކައިއަކީ ކުޑައިރުއްސުރެ މަގޭ އެންމެ ގާތް އެކުވެރިޔާ.. އޮޅުވާލަން ނޫޅޭ… ކައިގެ ތި މޫނުމަތީގައި ލިޔެވިފައި ވަނީ ތި ހަދާ ދޮގަށްވުރެ މާ ސަޅި އެއްޗެއް އިނގޭ..” އިކުވާން ކައިޔަންގެ މޫނުގައި މަޑުމަޑުން ބޮނޑިއެއް އަޅަމުން ބުނެލިއެވެ.
”މިއީ ސަމާސާވަގުތެއް ނޫނޭ އިކޫ..” ކައިޔަން ބުނެލިއެވެ. ”ހަމަ ހަމަ ގެއްލިފައި.. ވާރޭޕަރީއަށް…!!!” އިކުވާން ބުނެލިއެވެ. “ކައިއަށް މިނެޓެއް ދީބަލަ އިކޫ..” ހައިނާއަށް ހުރެވުނީ ހިނިގަނޑު ކޮންޓްރޯލް ކޮއްގެންނެވެ. “އޭތް އިކުވާން..!” ކައިޔަން ލޯއަޅާލިއެވެ. “ހޫން..” އިކުވާން ލާނެތްފާޑަކަށް އެއްލޯ މަރާލަމުން އަނެއް ފަރާތަށް އެނބުރުނެވެ.
“މިދަނީ ދާން އިނގޭ..” ކައިޔަން އަތް ހޫރުވާލިއެވެ. “ވާރޭޕަރީގެ ގާތަށް..؟” ހައިނާ އެހެން ބުނެލުމުން އިކުވާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ”ދެން ހައީ..!” ކައިޔަން އަޑަށް ބާރުލާފައި ބުނެލިއެވެ. “ހޫން.. އުނދަގުލެއް ނުކުރާނަމޭ.. އަހަރެމެން ދެމީހުން ބަސް އަހައިގެން ޖޯލީގައި މީ ނުވާކަމަކަށް ހަދައިގެން އިނދެފާނަމޭ.. ދޯ ހައީ..؟؟” އިކުވާން އިތުރަށް ކޮއްލީ ޖެއްސުމެވެ. ހައިނާ އެއްބަސްވެ ހޭން ފެށުމުން އިކުވާންގެ ލާނެތްކަން އިތުރުވިއެވެ.
“މަ ދާން މިދަނީ ގެއަށް..!” ކައިޔަން ބުނެލިއެވެ. “ހްމްމްމްމްމްމް..” އިކުވާން ލަސްލަހުން ބުނެލިއެވެ. “އިކޫ މަ ގެއަށް ދާކަމަށް އެއްބަސް ވިޔަސް މޫނުމަތީގެ ކުލަވަރާއި އަޑުގައި ހުރި ލާނެތްކަމުން އެބަ އިނގޭ ތިވިސްނަނީ މުޅިން އެހެން ކަމެއް ކަން..” ކައިޔަން އެހެން ބުނެލާފައި ގޮސް ކާރަށް އެރިއެވެ. ތެމިފައި ހުއްޓަކަސް ހެޔޮކަމަށެވެ.
ގެއަށް ދެވުނު އިރަށް އަށެއް ޖެހީއެވެ. ކައިޔަން ގޭތެރެއަށް ވަތްއިރު ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. “ކަރަންޓު ދިޔައީބާ..؟” ކައިޔަންއަށް އެހުނެވެ. “ނޫން..” ޒާއިން ބުނެލިއެވެ. އޭރު ޒާއިންއާއި ޒިވީން ބޮޑު ޕޮޕްކޯން ތައްޓެއް ހިފައިގެން ބިރުވެރި ފިލްމެއް ބަލަން އިނެވެ. “ހުސް ފިލްމް ދޯ ދެ މީހުން ވެސް ބަލަނީ..؟ ޒިވް ފިލާވަޅުތައް ނިންމައްޗޭ.. ޒިވްގެ އާ ބޯއި…………..” ކައިޔަން އެހެން ބުނެލުމުގެ ކުރިން ޒިވީން އައިސް ކައިޔަންގެ ކަންފަތަށް އަނބުރާލިއެވެ. “މި ޖާސޫސީ ޝޭހު ދޮންބެވެސް ދޯ..؟ ހިނގި ހުރިހާ ކަމެއްވެސް ފެނުނުދޯ..؟” ޒިވީން ޕިސްޕިސް ކިޔާލިއެވެ. “ކޮންގްރާ ދޮންތީ…” ޒާއިން އެހެން ބުނެލުމުން ކައިޔަންއަށް ހެވިއްޖެއެވެ. ޒިވީން ތުން އޫ ކޮއްލާފައި ޕޮޕްކޯން ކޮޅެއް ކާލިއެވެ. ”އޯކޭ… އެކަމަކު މާލަސް ނުކޮށް ނިދަން އޮށޯންނާތި..” ކައިޔަން ސިޑިން އެރިއިރު ހަރުފަތްތަކުގައި ކައިޔަންގެ ފިޔަވަޅު އެނގެން ހުއްޓެވެ.
ޖެހިގެން އައި ދުވަހުގައި ކައިޔަން ޒިވީންގެ އެދުމަށް ޒިވީން ސްކޫލަށް ފޮނުވާލީ އަލާންއާއި އެކީގައެވެ. ކައިޔަން ސްކޫލް ކުރިމައްޗަށް އެރިއިރު ހުރިހާ ކުދިންތަކެއް ބޮނޑި ވެގަނެގެން ހުއްޓެވެ. ހީވަނީ ފޮނި މެޓާއެއްގެ މައްޗަށް ޖަމާވެފައި ހުރި ހިނިތަކެއް ހެންނެވެ. ކައިޔަން އަޅާނުލީ އެއީ ނޯޓިސްކަމަށް ހީކޮށްފައެވެ. ގޮނޑީގައި އިށީނދެ ހަމަޖެހިލެވުމާއެކީގައި ކައިޔަންއަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ.
ކޮމްޕިއުޓަރަށް ލޯހުއްޓާލައިގެން ހުއްޓާ ކުރިމައްޗަށް ހިޔަންޏެއް އެޅުމުން ކައިޔަންއަށް ބަލާލެވުނެވެ. އެއީ ޕްރިންސިޕަލްއެވެ. އިހުތިރާމް އަދާކުރުމުގެގޮތުން ކައިޔަން ކޮޅަށް ތެދުވިއެވެ. “ސްކޫލަށް ކައިޔަން އާއި ހައިނާގެ އިތުރަށް އައި އާ މުވައްޒަފަކީ މިއީ. ގައިޑެންސް ކައުންސެލަރ.. މިކުއްޖާ އެކި ކުދިންނަށް އެހީތެރިވެދޭނެ ޕިއަރ ޕްރެޝާ ކަހަލަ ކަންކަމުގަޔާއި އާދައިގެ މައްސަލަތަކުގައިވެސް.. މިއީ ކައިޔަން ގެ އޮފީސް ޕާޓްނަރަކީ.. ކައިޔަންއާއެކީގައި މަސައްކަތްކުރާނީ މިކުއްޖާ..” ޕްރިންސިޕަލް ބުނެލިއެވެ.
ކައިޔަންއަށް ބަލާލެވުނެވެ. ހީކުރެވުނީވެސް ރަނގަޅަށެވެ. އެތަނުގައި ހުރީ މަރިޔަން ނޫން ދެވަނަ މީހެއް ނޫނެވެ. ކައިޔަންގެ ތަލިން ކުޅު ހިކުނެވެ. ކައިޔަންއާއި ދިމާލަށް މަރިޔަން ހިނިތުންވެގެން ހުރި ގޮތް ފެނިފައެވެ. ކައިޔަން ބޭނުންވީ ހަމަ އެވަގުތު މަރިޔަންއާއި ވާހަކަ ދައްކާށެވެ. ކުއްލިއަކަށް އަމިއްލަ ނަފްސަށް ބާރު ދިނީ ކޮން ދިމާއަކުން އައި ހިތްވަރެއް ކަމެއް ނޭނގެއެވެ. މަރިޔަން ސްކޫލަށް ވަޒީފާ އަދާ ކުރަން އެއީ ކައިޔަން ވެސް އެތަނުގައި މަސައްކަތް ކުރަނީ ކަން އެނގި ހުރެ ހެއްޔެވެ.؟ އަނެއްކާ ދެހިތުގައި ލިޔެވިފައިވަނީ އެއް ޖުމްލައެއް ނޫންބާވައެވެ.؟
“މަރިޔަމް..” ޕްރިންސިޕަލް އެހިސާބަށް ބުނެލިތަނާ މަރިޔަން ހީލާފައި އިށީނެވެ. ޕްރިންސިޕަލް ނުކުންނަންދާން ދޮރު ކުރިމައްޗަށް އެރިއެވެ. “މިއަދު ދެމީހުން ދެމީހުން ވާހަކަދައްކާލާ ހެދުމަކީ ސްކޫލަށްވެސް ވަޒީފާއަށްވެސް ވަރަށް މުހިއްމުކަމަކަށް ވާނެ…” ޕްރިންސިޕަލް ކުޑަ ނަސޭހަތެއްދީފައި ދިޔައެވެ. ކައިޔަން ރަނގަޅަށް މަރިޔަންއާއި ދިމާލަށް ބަލާލިއެވެ.
ލައިގެން ހުރި ކްރީމްކުލައިގެ އަތްދިގު ޓީޝާޓާއި ގަދަމުށިކުލައިގެ ސްކިނީ މަރިޔަންއާއި ވަރަށް ގުޅެއެވެ. ސްކިނީގެ ސަބަބުން މަރިޔަންގެ އަންހެންވައްތަ ބައްޓަން ހާމަވެއެވެ. ބޮލުގައި ޖައްސާފައި ހުރި މެއްސެއް ފޮޅާލަން ބޯހޫރުވާހެން ކައިޔަން ބޯހޫރާލިއެވެ. “ކައިޔަން…! ޕުލް ޔޯ ސެލްފް ޓުގެދަރ.. ރަނާ.. ރަނާ.. ރަނާ.. މަރިޔަންއަކީ ހަމައެކަނި އޮފީހުގައި މަސައްކަތްކުރާކުއްޖާ އެކަނި..” ކައިޔަން ހިތާހިތުން އަމިއްލަ ނަފުސަށް އިރުޝާދު ދެމުންދިޔައެވެ.
”ހައި..!” ކައިޔަން ސިއްސައިގެން ދިޔައީ މަރިޔަންގެ ވާހަކަދައްކާލި އަޑަށެވެ. ކޮންފަދަ ރީތިއަޑެއް ހެއްޔެވެ..؟ ކަންފަތަށް ފަސޭހަ އަންހެންވަންތަ އަޑެކެވެ.
“އަޅުގަނޑަށް ކިޔަނީ މަރިޔަން.. ލުކިން ފޯވަރޑް ޓު ވޯކް ވިތް ޔޫ…” ނުލާހިކު ރީތި ހިނިތުންވުމަކާ އެކީގައި ބުނެލިއެވެ. “ކައި.. ކައިޔަން.. ލުކިން.. ފޯ.. ފޯވަރޑް ޓު ވޯކް.. ވިތް ޔޫ… ޓޫ..” ކައިޔަން އަށް ޖުމްލަ ފުރިހަމަ ކޮއްލެވުނީ އަޅައިގަންނަމުންނެވެ.
ކުއްލިއަކަށް ފިރިހެންކުއްޖެއް އައިސްވަނެވެ. ”ކޮންނަމެއް ކިޔަނީ.؟” ހިތްހެޔޮ ހިނިތުންވުމަކާއެކީގައި މަރިޔަން އެއްސެވެ. ”ފައިހާން..” ފައިހާން ބުނެލިއެވެ. ކައިޔަން ލޮލުގެ ކުޑަކޮޅުން ބަލާލިއެވެ.
“އަޅުގަނޑަށް ވަރަށް ޚާއްސަކުއްޖެއް އެބަހުރި.. ޒިވީން ކިޔަނީ.. އެކަމަކު ޒިވީންއާއެކީގައި އުޅޭ ކުއްޖާ އާއިހެދި އަޅުގަނޑަކަށް އެއްކަމެއްވެސް ނުކުރެވޭ.. ކުޑަމިނުން ހަދިޔާއެއްވެސް ނުދެވޭ.. އަޅުގަނޑު ދެން ކީއްކުރާނީ..؟ އަދި ޒިވީންގެ ބޭބެއަކީ ބޮޑު ރޮބޮޓެއް.. ހީވަނީ އަޅުގަނޑު މަރާލަން ޕްރޮގްރާމް ކޮއްފައިވާ ރޮބޮޓެއްހެން..” ފައިހާންގެ އެޖުމްލައިން ކައިޔަންއަށް ހިނިގަނޑު މައިތިރިކުރެވުނީ ކިރިޔާއެވެ.
”ހަމައެހާވެސް ބިރުގަންނަނީތަ..؟” ކައިޔަން އަނެއްފަރާތަށް އެބުރިފައި ފައިހާންއާއި ދިމާލަށް ބަލާލިއެވެ. “ނު.. ނޫ.. ނޫން…” ފައިހާން ތެދުވިއިރުވެސް ދެފައި ތުރުތުރުލައެވެ.
“މިއީތަ..؟ ތިބުނާ ރޮބޮޓަކީ..؟” މަރިޔަންއަށް ބުނެވުނެވެ. ގައިޑެންސް ކައުންސެލަރ އަށް ވިޔަސް ފައިހާންގެ މަޖާ ވާހަކަތަކުން މަރިޔަން ވެސް ހުރީ ހޭން ބޭނުންވެފައިކަން އެނގެއެވެ. ”ލަ.. ލައްބަ..” ފައިހާން ބުނެލިއެވެ. ”އަޅުގަނޑު ބުނެލަންއޮތީ ދެން އާއިލާގެ ފަރާތުން އަދި އަންހެންކުއްޖާ ނުގަބޫލިއްޔާ ހަގީގަތުގައި ކުރެ ވޭނެކަމެއް ނެތޭ.. އެކަމަކު އުންމީދަކީ ދެމިހުންނާނެ އެއްޗެއް.. ގޮތްހުސްނުވަންޏާ އުންމީދެއް އޮން ނާނެ.. ދިވެހި ކިޔަވަންތަ..؟ ބުނެއުޅެއެއްނު ކޮންމެ މަހަކަށް ގަލެއްވާނަމަ ކޮންމެ ގަލަކަށް މަހެއްވާނޭ.؟ އެހެންވިއްޔާ ކިހިނެތްތަ އެނގެނީ ފައިހާންގެ ކުރިމަގުގައި ޒިވީން ނުލިބޭނެކަމެއް..؟ ކިހިނެތް އެނގެނީ ފައިހާންދެކެ މާލޯބިވާނެ ކުއްޖެއް ނުލިބޭނެކަމެއް..؟ އުންމީދު ނަގާނުލާ އަދިވެސް އޮތީ ހިތްވަރު.. އޯކޭ..؟ ދެންވެސް އުންމީދު ކަނޑާނުލާ ކްލާހަށް ގޮސް ކިޔަވާ.. ތޭންކްސް އައިސްލަ ދިނީތީ.. އަދި ވެސް ޝެއާކޮއްލަން މައްސަލައެއް ވާހަކައެއް އޮތިއްޔާ އައިސްލައްޗޭ.. ކެތްތެރިކަމާއެކީ އަޑުއަހާނަން.. އަޅުގަނޑުގެ ސަޕޯޓް ފައިހާންއަށް ލިބޭނެ…” މަރިޔަން ހިތްހެޔޮކަމާއެކީގައި ބުނެލިއެވެ. “މިސްއަށްވުރެ ރަގަޅު މީހެއް ނެތް.. ޝުކުރިއްޔާ..” ފައިހާން އުފަލުން ނުކުތެވެ.
“ފުރަތަމަ ކުއްޖާ.. ފައިނަލީ ސަކްސީޑެޑް..” މަރިޔަންގެ އަތުގައި އޮތް ގަނޑުގައި އޮތީ ޗެކްލިސްޓެކެވެ. އެލިސްޓްގެ އެންމެ ކުރީގައި އޮތްބައި މަޑުމަޑުން ކިޔާލާފައި މަރިޔަން ފިޔާތޮށި ގަލަމަކުން އެތާ ހެޔޮ ފާހަގައެއް ޖަހާލިއެވެ.
ދުވަސް ކުރިއަށް ދިޔައީ ކައިޔަންއާއި މަރިޔަންގެ ހަމަހިމޭންކަމާއެކީގައެވެ. އެއްވެސް ވާހަކައެއް ނުދެކެވިއެވެ. ބްރޭކްގަޑި ޖެހުމާއެކީގައި މަރިޔަން ތެދުވިއެވެ. ކައުންސެލިން ރޫމުން ނުކުމެފައި ދެމީހުން ދިޔައީ ދެކޮޅަށްވިޔަސް ދެމީހުންގެ މިސްރާބު ހުރީ ކެންޓީނާއި ދިމާލަށެވެ.
ކައިޔަން ކެންޓީނަށް ވަދެފައި ކަށިން ހިތްވަރު ނެރިގެން މަރިޔަން ހުރި މޭޒާއި ގާތުގައި އިށީނެވެ. ކައިޔަން މަރިޔަންއާއި ވާހަކަ ދެއްކިއެވެ. މަރިޔަންގެ ތައާރަފާއި ކުރާ ހިތްވާ ކަންތައްތަަކަށް ދާންދެން ކައިޔަން އޮޅުން ފިލުވިއެވެ. ދެން ދެ މީހުންވެސް ވާހަކަ ދެއްކީ ސްކޫލާއި އާންމު ކަންކަމާއި ބެހޭގޮތުންނެވެ. ކައިޔަން ވާހަކަ ދެއްކިއިރު މަރިޔަންވެސް ނުހަނު ހަމަޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ. ބައެއްފަހަރު ކައިޔަންއަށް ބުނެވޭ އެއްޗެހިން މަރިޔަން މަޑުމަޑުން ހީލައެވެ. އެހެން ހީލާ ކޮންމެފަހަރަކު ކައިޔަން ކުޑަކޮށް ރަކިވެއެވެ. މަރިޔަންވެސް އަސްލު ހުންނަނީ ރަކިވެފައެވެ. ކައިޔަން ވާހަކަ ދައްކަން ހުރެފައި މަރިޔަންއަށް ބަލާލާ ކޮންމެ ފަހަރަކު މަރިޔަން ތުންފަތުގައި ދަތް އަޅާލާފައި ތިރި ބަލާލައެވެ. އެވަގުތުވެސް އެދެލޮލުގައި ހުންނަނީ ޝައުގުވެރި ކުލަވަރެކެވެ.
ސްކޫލް ނިންމާފައި ކައިޔަން ގެއަށް އައީ ހިތްހަމަޖެހިގެންނެވެ. މަރިޔަންއާއި ބެހޭގޮތުން ކުޑަ މިންވަރެއް ނަމަވެސް އެނގިއްޖެއެވެ. އަދި ކައިޔަން އިތުރަށް މަރިޔަންއާއި ބެހޭގޮތުން ހޯދާނެއެވެ. “ހަނދުވަރު..” ކައިޔަން މިއަދު ރަނާއާއި އިކުވާންމެންނާއެކީގައި ޔޫޝުއަލްއަށް އަތިރިމައްޗަށް ދާހިތެއް ނުވިއެވެ. މަރިޔަންއާއި މާދަމާ ދެން ދައްކާނެ ވާހަކަތައް ވިސްނަން ވެސް އެބަޖެހެއެވެ. މިއަދުވެސް ދައްކާނެ ރަނގަޅު ވާހަކައެއް ނެތިފައި އަނގައިގައި އަތް އަޅައިގެން ހުންނަން ޖެހުނީއެވެ.
“މިރޭ ހަމަސީދާ ދާނީ މަގޭ ލޯބި ހަނދަށް ބަލަން ވަލަށް..” ކައިޔަން ނިންމިއެވެ.
ވަގުތުތައް ފާއިތުވަމުން ގޮސް އިޝާނަމާދަށް ގޮވައިފިއެވެ. “ދޮންބޭ.. ޒިވީންމެން ދާން މިދަނީ އަވީނާ ދައްތަމެންގެ ގެއަށް.” ޒިވީން ބުނެލިއެވެ. ”ދޮންބެވެސް މިދަނީ ދާން..” ކައިޔަން ބުނެލިއެވެ. “އަވީނާ ދައްތަމެންގެ ގެއަށް..؟” ޒިވީން އެއްސެވެ. “ނޫން.. އެހެން ތަނަކަށް.” ކައިޔަން ބުނެލިއެވެ. ކައިޔަން ހަނދުވަރުދޭ ރޭތަކުގައި ދާތަނެއް އެކަކަށްވެސް ނޭނގޭނެއެވެ. ރަނާއަށްތޯ ޒިވީންވެސް މެއެވެ.
ގެތަޅުލާފައި ކައިޔަން ދުވާ ހިތްވިއެވެ. ވަލާހަމައަށް އާދެވުނީ ދެނެވެ. ކެކްޓަސްތަކާއި ފެންގަނޑު ހުރަސް ކޮއްފައި ކައިޔަންއަށް ގާގަނޑު މައްޗަށް އެރުނުތަނާ ސިއްސައިގެން ދިޔައެވެ. “މި އެންޓްރެސް ރީ ތިންކު ކުރަން އެބަޖެހޭ ކަންނޭނގެ..” ވިނަގަނޑުމަތީގައި އިށީނދެލައިގެން ހުރި މަރިޔަން ބުނެލިއެވެ.
”މަރިޔަން..؟؟؟ މިތާ ކީއްކުރަނީ..؟؟ ނޫން..! ކިހިނެތް މިތަނަށް އައީ..؟” ކައިޔަންގެ ހިތުގައި ފުނިޖެހުނު ސުވާލުތައް ގިނަކަމުން ފުރަތަމައަށް ކުރަންވީ ކޮން ސުވާލެއްކަމާއިދޭތެރޭ ކައިޔަންއަކަށް ވިސްނައެއް ނުލެވުނެވެ. ކައިޔަން ބޭނުންވަނީ ހުރިހާ ސުވާލަކަށް އެއްފަހަރާ މަރިޔަން ޖަވާބު ދޭށެވެ. މަރިޔަން ރައްދުގައި ހީނލިއެވެ.
“`.. ޖިންނި ދުރަށް ދޭ..” ކައިޔަންއަށް ބުނެވުނެވެ. ޔަގީންނުވާތީއެވެ.
މަރިޔަންގެ ހިނިފަޅައިގެން ދިޔައެވެ. އޭނައަކީ އަސްލުވެސް ޖިންނިއެއްކަމަށް ހިތާ ކައިޔަން ބިސްމި ކީމައެވެ. “ސާބަސް.. އަޅުގަނޑު މިއީ ޖިންނިއެއްނޫނޭ.. ކައިޔަންއަށް ދޮގު ހަދައިގެންނެއް ނޫޅެވޭނެ.. ކައިޔަންއަށް ހުރިހާ ހަގީގަތެއް ކިޔައިދޭންވީ ކަންނޭނގެ.. އަދި ޚާއްސަކޮށް ކައިޔަން ތިއީ މަންމައާއި ގާތް މީހަކަށް ވީމައި..” މަރިޔަން ބުނެލިއެވެ. “ހަގީގަތޭ..؟ ކޮން ހަގީގަތެއް..؟” ކައިޔަންއަށް އެހުނެވެ. މަރިޔަން ކައިޔަންގެ ގާތަށް އައިސް އަތުގެ ތެރެއަށް އެއްޗެއް ލައިދިނެވެ.
އެއީ މަރިޔަންގެ އައިޑީކާޑެވެ. “ކައިޔަންއަށް ގަބޫލު ނުކުރެވިދާނެތީ..” މަރިޔަން އެހެން ބުނެލުމުން ކައިޔަން އައިޑީ އަށް ރަނގަޅަށް ބަލާލިއެވެ. “މަރިޔަމް…. އަވްލީން އަލީ..؟” އައިޑީކާޑް ކިޔާލާފައި ކައިޔަންއަށް އެހުނެވެ. އަވްލީން ހިނިތުންވެފައި ބޯ ޖަހާލިއެވެ. “ކުރަން ބޭނުންވާ ސުވާލެއް ކުރޭ..! ޖަވާބު ދޭނަން..” އަނގައޮރި ކޮށްގެން ކައިޔަން ހުންނަން ފެށުމުން އަވްލީން ބުނެލިއެވެ. “އަވްލީންއޭ..؟؟؟؟؟؟؟” ކައިޔަން ހުރީ އޮޅިފައެވެ.
= ނުނިމޭ =