
ޕޭޝިއެންޓް އިސް ޕްރެގްނެންޓް…” ޑަކުޓަރުގެ އެ ޖުމުލައިން ފައިސަލަށް ހައިރާން ކަމެއް ލިބުނަސް މޫނުމަތިން އެކަމެއް ނުދައްކައެވެ. ފައިސަލު ފުންނޭވާއެއް ދޫކޮށްލިއެވެ.
“މީ ވަރަށް ސީރިޔަސް ކޭސްއެއް… ބަލާބެލުމަށް ސުސައިޑިން.. ފައިސަލަށް ވެސް އިނގޭނެ އަހަރެން މިދައްކާ ވާހަކަ.. ނިހާއަކީ ގާނޫނީ ގޮތުން ބަލާނަމަ އަދި ކުޑަ ކުއްޖެ.. ސޯ… އަހަރެން ޖެހޭނެ ކަމާބެހޭ ފަރާތަށް މިމައްސަލަ ގެންދާން..” ޑަކުޓަރު ދައްކަމުން ދިޔަ ވާހަކަ ހުދު ފައިސަލުވެސް ޤަބޫލު ކުރެއެވެ. އެކަމަކު އެހެން ވާކަށް ފައިސަލު ބޭނުމެއް ނޫނެވެ.
“ޑރ. ޖާވިދު.. ޕުލީސް.. ވީ ނީޑްޓު ސޭވް ދަ ޕޭށިއެން.. އަހަރެން ބޭނުމެއް ނޫން އިތުރު މީހަކަށް މިކަން އެނގިގެން ކޭސް އިތުރަށް ސީރިޔަސް ވާކަށް…” ފައިސަލު އާދޭސް ކުރިއެވެ.
“ފައިސަލު.. އައި ކޭން އަންޑަސްޓޭންޑް ދެޓް.. ބަޓް… ފައިސަލަށްވެސް އިނގޭނެ.. އޭނަގެ ހަށިގަނޑެ ތެރެއަށް އެދިޔައީ ވިހައެއްކަން… ﷲ އިރާދަފުޅުން ބޭބީ މިސްކަރޭޖެއް ނުވޭ.. އެކަމު.. ދަރިފުޅުގެ ކިބައިން އައިބުތަކެއް ފެންނާނެ.. އެއީ ވަރަށް ޔަގީންކަމެއް… މީ ވަރަށް ދިމާނުވާ ކޭހެއް.. ” ޖާވިދު މަސައްކަތް ކުރީ ފައިސަލަށް ވިސްނައި ދެވޭތޯއެވެ.
“ނިހާގެ ބަނޑަށް 2 މަހާއި ދުވަސް ކޮޅެއްވެއްޖެ… އެބޯރޝަނަކާ ހަމައަށް ދާން ބޭނުން ވިއެއް ކަމަކު އެފުރުސަތުވެސް ދެން ދާނީ ހަނި ވަމުން… އަހަރެން މިވާހަކަ ސިއްރު ކުރާނަށް.. ފައިސަލަށްޓަކާ…” ޑޮކްޓަރު އެހެން ބުނުމުން ފައިސަލު ހިނިތުންވެލުމަށްފަހު އެތަނުން ދިޔައީއެވެ.
ފައިސަލު ނުކުމެގެން ދިޔައިރުވެސް ތާރާއިނީ އެތާންގައެވެ. ފައިސަލު ފެނުމާއިއެކު ތާރާ ފުންމައިގެން ތެދުވިއެވެ. ފައިސަލު އައިސް ތާރާގެ އަތުގައި ހިފާލިއެވެ. ހަމަޖެހޭގޮތް ދައްކަމުންނެވެ.
“ނިހާ ޕްރެގް ދޯ…!” ފައިސަލަށް އެހެން ބުނެވުނު އިރު ތާރާގެ ދެލޯ ވަނީ ކަރުނައިން ތެމިފައެވެ. ވާހަކަ ދައްކަން އަނގަ ހުޅިވިނަމަވެސް އަޑެއް ނުނިކުތެވެ.
“އިޓްސް އޯކޭ ތާރާ… ބޭބީއަށް އެއްވެސް ކަމެއް ނުވޭ.. މިވާހަކަ ވެސް އެއްވެސް މީހަކަށް ނޭންގޭނެ.. އަހަރެން ޑރ. ޖާވިދާ ވާހަކަ ދައްކައިފިން… ތާރާ ހާސް ނުވޭ…”
ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއްވެސް ތާރާއަކަށް ނޭންގުނެވެ. ކޮންމެ ގޮތެއް ވިޔަސް ޖެހޭނީ ހަޤީގަތާ ކުރިމަތި ލާންށެވެ. ނިހާގެ ބަނޑުގައި އެވަނީ ނަހަލާލު ދަރިއެއް ކަމަކު އެއީވެސް ހަމަ އެއާއިލާގެ ލެޔެވެ. އެހެން ކަމުން ލުއި ހިނތުންވެލުމެއް ވެލައި ތާރާވެސް ހަމަޖެހޭ ގޮތް ދެއްކީއެވެ.
އިރުގެ އަލިކަން ދުނިޔެއާ ޢަލްވަދާއު ކިޔައި ކަޅު އަނދިރި ކަމުން މުޅި ކައުނު ބައްދާލިއެވެ. ހިމޭންވެފައިވާ ގޯތިތެރެއިން ހިނގާފައި އައި ތާރާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އެކަނިވެރިކަމެވެ. ބަފައެއް ހުރިއެއް ކަމަކު އެކަމުގެ އިހުސާސު އެންމެ ކުޑައިރުން ފެށިގެންވެސް ތާރާއަށް ނުވީނަމަވެސް، މިވަގުތަކީ ނިހާއަށް ބައްޕަ ގެ ބޭނުން އެންމެ ބޮޑު ވަގުތޭ ތާރާ ހިތަށްއެރިއެވެ. ބައްޕަ ނިހާމަތިން ހަމަ ހަނދާން ނުވަނީ ހެއްޔެވެ؟
ކޮޓަރީގައި ހުރި ފަރުދާ ކަހާލިއެވެ. ތާރާ އަންނަން ދެން ފައިސަލު ހުރީ ނިހާ ކައިރީގައި މަޑުކޮށްލައިގެންނެވެ. އަދިވެސް ނިހާއަށް ހޭވެރިކަމެއް ނުވެއެވެ. ފައިސަލުގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ދެންވާނެ ގޮތަކާމެދު ވިސްނެނީއެވެ. ނިހާގެ ދަރިފުޅު އުފަންވިޔަސް ނުހަނު ގިނަ ގޮންޖެހުން ތަކާ ކުރިމަތިވާނެއެވެ. އެހާ ޅަ އުމުރުގައި އެބޯރޝަނަކާ ހަމައަށް ދިޔުމަކީވެސް ނުރައްކާ ބޮޑު ކަމެކެވެ.
ނިހާގެ ލޯ މަޑުމަޑުން ތެޅެލިއެވެ. އަދި ކުކުރައިލިއެވެ. ފައިސަލަށް އެތަން ފެނުމާއެކު ނިހާ ގާތަށް ދިޔައެވެ.
“އަހަރެން ސަލާމަތް ކކުރީ… ކާކު…” ނިހާއަށް އެހެން ބުނެވުނީ ވަރަށްވެސް އުނދަގުލުންނެވެ.
“ނިހާ… ހަމަޖެހޭ… ތާރާއަށް ނިހާ ވެއްޓިފަ އޮތް ތަން ފެނިގެން ތާރާ އަހަންނަށް ގޮވީ…” ފައިސަލު ކިޔައިދިނެވެ.
“އޭނައާހެދި…. ދެރަކަމެއްނުމީ… އަހަރެން ބޭނުމެއް ނޫނޭ ދުނިޔޭގައި އުޅޭކަށް…” ނިހާގެ އަޑުގައިވަނީ ވޭނެވެ. ވާހަކަ ދެއްކެނީވެސް ހަމަ ކިރިޔާއެވެ.
“ނިހާ… ތިހެން ބުނާކަށްނުވާނެ… ނިހާއަށްވެސް އިނގޭނެ އަމިއްލައަށް މަރުވާ މީހާއަށް އޮތް އަޛާބު.. އިނގެ ހުރެ އެފަދަ ބޮޑު ފާފައަކަށް އަރައިގަންނަން ހެޔޮވެސް ނުވާނެ އެއްނު… ” ފައިސަލު މަސައްކަތް ކުރީ ނިހާއަށް ވިސްނައިދެވޭތޯއެވެ. ނިހާ އޮތީއެވެ. އަނގައިން ބަހެއްވެސް ނުބުނެއެވެ.
ނިހާގެ ހިތަށް ވަރަށް ތަދުވެއެވެ. ފައިސަލުވެސް އެބުނީ ދޮގެއް ނޫނެއްނޫން ހެއްޔެވެ؟ ނިހާއަށް އަރައިގަނެވިފައިވަނީ ވަރަށް ވެސް ބޮޑު ފާފައަކަށްށެވެ. އެ ކަމަށް ތައުބާގެ ދޮރު ހުޅުވިފައި ހުރީއިރު އެއަށްވުރެ ބޮޑު ފާފައެއް ކުރަން ނިހާ ހިތަށްވެސް އަރުވައިގެން ނުވާނެއެވެ. ނިހާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ތިއްކަކަފަހު ތިއްކެއް ބާލިސް މައްޗަށް ފައިބަމުން ދިޔައެވެ. އިރު އިރުކޮޅާ ނޭފަތް ދަމައިލައެވެ. ގިސްލުމުގެ އަޑުވެސް އިވެމުން ދިޔައެވެ.
ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ތާރާއެވެ. އަތުގައި ހުރި ތަށިތައް ކައިރީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ. އިސްވެ ނިހާއާ ވާހަކަ ދައްކަން ތާރާ ފަސްޖެހުނެވެ. ދެއަތް ދެއަތަށް މޮޑެ މޮޑެ ހުރީއެވެ. ދެލޯވަނީ ފެންކަޅިވެފައެވެ. ނިހާއަށް ކުރަމުން ދިޔަ އަސަރު ތާރާއަށް ކިތަންމެ ރަނގަޅަކަށްވެސް ފެންނަމުން ދިޔައެވެ.
ތަށީގެ މަތިހުޅުވާލިއެވެ. ސަމުސަލެއް ލުމަށްފަހު ތާރާ ނިހާއާ ދިމާއަށް ދިއްކޮށްލިއެވެ. ނިހާ އަނެއް ފަރާތަށް މޫނު އަނބުރައިލީއެވެ. ތާރާގެ ހިތަށްވަރަށް ތަދުވިއެވެ. ތަށިގެންގޮސް މޭޒުމަތީގައި ބެހެއްޓުމަށްފަހު ތާރާ އެތަނުން ދާން ހިނގައިގަތެވެ. ފައިސަލު ލޮލުގެ އިޝާރާތުން ދިޔުމަށް ބުނުމުންނެވެ. ތާރާ ފައިސަލަށް އިތުބާރު ކުރެއެވެ. ތާރާއަށް ޔަގީނެވެ. ފައިސަލު ނިހާއަށް ކާންދޭނެއެވެ. ވިސްނައިވެސް ދޭނެއެވެ.
ފައިސަލު ނިހާގެ ބޯކޮޅު ހިއްލާލިއެވެ. އޭރުވެސް ނިހާގެ ލޮލުން ކަރުނަ ނުހިކެއެވެ. ފައިސަލު ނިހާގެ ބޮލުގައި ފިރުމައިލިއެވެ. ވަރަށްވެސް އޯގާތެރިކަމާއެކުގައެވެ. ނިހާއަކީ ތާރާގެ ވެސް ކޮއްކޮކަމުން ފައިސަލުވެސް ދެކުނީ އެއީ ފައިސަލުގެ ވެސް ކޮއްކޮ ކަމަށްށެވެ.
” ކީއްވެ ދައްތަ އަތުން ނުކެއީ… ދައްތަ ކިހާ ލޯބިވޭ ނިހާ ދެކެ.. ދައްތަ އެހުރީ ހެނދުނުއްސުރެ އެއްވެސް އެއްޗެއް ނުކައި… ދައްތަ ހާދަ ވިސްނައޭ ނިހާއާ ދޭތެރޭ…” ސަމުސަލަށް ބަތްކޮޅު ލުމަށްފަހު ފައިސަލު ނިހާއަށް ކާން ދިނެވެ. ނިހާ ގަދައެއް ނުހަދައެވެ. އެކަމަކު އަދިވެސް ހަމަ ރޮނީއެވެ.
“ވަރަށް މީރު ދޯ ދައްތަ ކައްކާ އެއްޗެހި…” ފައިސަލު މަސައްކަތް ކުރީ ނިހާއާ ވާހަކަ ދެއްކުމަށްށެވެ. ގެނެސްފައިވާ ޖޫސްތަށިން ކޯވަރެއް ބޯލުމަށްފަހު ނިހާ ހަމަޖެހިލިއެވެ.
“އަބަދުވެސް ދައްތަ ކައްކާ އެއްޗެހި މީރު…” ނިހާއަށް އެހެން ބުނެވުނީ ބޭއިޙްތިޔާރުގައެވެ.
ފައިސަލު ނިހާއާ ދިމާއަށް ބަލައިލީ ހައިރާންވެހުރެއެވެ. ނިހާގެ ހިތުގައި ތާރާއަށް އޮތް ނަފުރަތުގެ އަލިފާން ގަނޑު ނިވެމުން ދާކަން ފައިސަލަށް ފާހަގަ ކުރެވުނެވެ.
“ދެން ކީއްވެ ނިހާ.. ދައްތައާ ވާހަކަ ނުދައްކަނީ… ކީއްވެ އެހާ ރުޅި އަންނަނީ…” ފައިސަލު މަސައްކަތް ކުރީ އިތުރަށް ނިހާގެ އިޙުސާސްތައް ދެނެގަނެވޭތޯއެވެ.
“ދައްތައާ މާ ކައިރިވާކަށް ނުވާނެ… ދައްތައަށް އެހުރީ ފާޑެއްގެ ބައްޔެއް ޖެހިފަ.. އެހެންވެ ހަންގަނޑު އެވައްތަރަށް ހުންނަނީ… ބައްޕަ ބުނި އެއީ އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ އެއްޗެކޭވެސް… މަންމަވެސް މަރުވީ އެބަލި ޖެހިގެން… ދައްތަވެސް އަދި މަރުވާނެ…” ކެއުމުގެ ސަބަބުން ގައިގައި ޖެހިފައިވާ ވަރާއިއެކު ނިހާއަށް ވާހަކަ ދެއްކޭން ފެށިއެވެ. އަޑުގައިވަނީ ޔަގީންކަމެވެ.
ފައިސަލުގެ ހިތުގެ ނާރުތަ ފިތުނު ކަހަލައެވެ. ނިހާގެ ހިތުގައި ތާރާއާދޭތެރެ އެވަރުގެ ހިޔާލު ތަކެއް ހުރެގެން ވެސް ނުވާނެއެވެ. ކޮންމެއަކަށް ނާޝިދު ވަނީ ނިހާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ސަވާރުވެފައެވެ. ތާރާއާ ދުރު ކުރުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮއްފައެވެ.
“ނިހާ ތިވިސްނަނީ .. ރަނގަޅަކަށް ނޫން… ނިހާއަށް އެނގޭތަ ދުނިޔޭގެ އެކި ހިސާބުތަކުގެ އެކި ކަހަލަ މީހުން އުޅޭކަން… ހަމުގެ ކުލައަކީ ޖެހިފައިވާ ބައްޔެއްގެ ސަބަބުން ވާ ކަމެއް ނޫނެ… ނިހާ ވިސްނާލަބަލަ… މިރަށުގަ ވެސް އުޅޭދޯ އެކި ކުލަކުލައިގެ މީހުން… އެއީ ﷲ އެމީހަކު ހެއްދެވިގޮތް… ނިހާއަށް އެނގޭތަ.. މީހުންގެ ހުންނަ ސިފަތަކަށް މަލާމާތް ކުރާކަށް ނުވާނެ… ކޮންމެ މަޙުލޫގެއްވެސް ދުނިޔެ ފޮނުއްވާފައި ހުންނާނީ އެންމެ ރީތި ސޫރައިގަ…” ފައިސަލު ނިހާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެއް ކަމަކު ނިހާގެ މޫނު މަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. ސުވާލުތަކުން ނިހާގެ ހިތް އުތުރި އަރަނީއެވެ.
“އެކަމު ބައްޕަ ބުނިއެހެން… ދެން ކީއްވެ މަންމަ މަރުވާން ވީ… ” ނިހާ ސުވާލު ކުރިއެވެ.
“ނިހާ މަންމައަކީ އާސްތުމާ ޕޭޝިއެންޓެއް…. ނިހާ މަންމަ މަރުވެގެން ދިޔައީ ލިބެން ވީ ވަރަށް އޮކްސިޖަން ނުލިބިގެން… އަހަރެން އެކަން ޑރ. ޖާވިދު ގާތުން ސާފުވެސް ކޮށްފިން…” ފައިސަލު މަސައްކަތް ކުރީ ހެކި ދައްކައިގެން ނިހާގެ ވިސްނުމާއި ފިކުރު ބަދަލު ކުރާންށެވެ. ތާރާއާ ދޭތެރޭ ނިހާގެ ހިތުގައި ރޯވަމުން ދިޔަ އަލިފާން ނިއްވާލާންށެވެ.
“އެކަމު… ބައްޕަ ކީއްވެ ދޮގު ހެދީ…” މާޔޫސް ވެފައިވާ ރާގެއްގައި ނިހާ އެހެން ބުނި އިރު ނިހާގެ ލޮލުން ކަރުނަ އޮހެނީއެވެ.
“ވެދާނެ ދޯ ބައްޕައަށް ނޭންގުނީ ކަމަށްވެސް… ނިހާ ދެން އެކަމާ ނުވިސްނާ އިނގޭ… މީ ނިހާ އަރާމު ކުރަންވީ ވަގުތު…” ނިހާގެ ބޮލުގައި ފިރުމައިލަމުން ފައިސަލު ހިނިތުންވެލިއެވެ.
ނާޝިދުއާ ދޭތެރޭ ނިހާގެ ހިތުގައި ނަފުރަތު އުފައްދަން ފައިސަލު ބޭނުން ނުވީއެވެ. ނާޝިދު ކަންތައްކޮށްފައި ވަނީ ކިތަންމެ އިންސާނިއްޔަތުކަން ކުޑަކޮށް ނަމަވެސް ފައިސަލު ނިހާއަށް އޮޅުވާލިއެވެ. މިފަދަ ދަނޑިވަޅެއްގައި ނިހާއަށް އެފަދަ ބޮޑު ޝޮކެއް ދޭން ފައިސަލު ބޭނުންނުވަނީއެވެ. ނިހާގެ ބަނޑުގައި އޮތް ދަރިފުޅުގެ ވާހަކަވެސް ފައިސަލު ނުދެއްކީ އެހެންވެއެވެ.
(ނުނިމޭ)