
އެކުއްޖާ 4
* “އަވީނާ ދައްތާ..” އެންމެ ފަހުން ކައިޔަންގެ ދުލުން ބޭރުވިއެވެ. *
“ކައި.. ޔަން..” އަވީނާއަށް ބުނެވުނެވެ. ކައިޔަންއަށް ގޮސް އަވީނާގެ ގައިގައި އޮޅުލައިގަނެވުނެވެ. އޭރު އަވީނާގެ ލޮލުންވެސް ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ. ނުރޮއި ހުރި ކަމުގައި ވިޔަސް އަވީނާ ފެނުމުން ކައިޔަން އުފާވެފައިވާ ވަރު އެ މޫނު މަތިން ދައްކުވައިދެއެވެ. “ދޮންބޭ..! ކިހިނެތްވީތަ..؟ އަނެއްކާ ދޮންބެގެ އެކްސް އެއްތަ..؟” ދެންމެ ފެނުނު ބީރައްޓެހި އަންހެން މީހާގެ ގައިގައި އެހާ ގާތްކޮށް ކައިޔަން އޮޅުލައިގަނެގެން ހުރުމުން ޒިވީންއަށް އެހުނެވެ. އަދިވެސް ޒިވީންއަކަށް އަވީނާގެ މޫނެއް ނުފެނެއެވެ.
“ޒިވީ ލޯ ހުޅުވާ ރަނގަޅަށް ބަލާލަބަލަ..!!! އަވީނާދައްތައޭ..!!” ކައިޔަން ބުނެލިއެވެ. ޒިވީންގެ މޫނުމަތީގައި ހީވީ ބޮނޑިއެއް އެޅިހެންނެވެ. “އަސްލުގަވެސްތަ.؟ އެކަމަކު ކަމަކު… މިހާރު ހާދަ ތަފާތޭ…” ކައިޔަން ވެސް ދުރަށް ފޮޅުވާލާފައި އަވީނާގެ ގައިގައި ބައްދާލަމުން ޒިވީންއަށް ބުނެވުނެވެ. ވާނުވާ ނޭނގިފައި ސޯފާގައި އެއްކަލަ ފިރިހެންމީހާ އާއި އަލާން އިނެވެ. ދެ މީހުންގެ މޫނުމަތިންވެސް ވާނުވާ އެނގެން ބޭނުންވެފައި ހުރިވަރު އަންގައިދެއެވެ. “ހޫމް… ވަރަށް ވަރަށް ތަފާތު..! ވަރަށް ހިކިއްޖެ މިހާރު.. އިސްތައްޓެކޭ ތަފާތެއް ނެތް… ދެން ފަޔާއި ހަމައަށް ފޯރާހާ ދިގުކޮށް އޮތް އިސްތަށިގަނޑު ކޮށާލައިފި..” ކައިޔަން ބުނެލިއެވެ.
“ދައްތަ ހަމަ ހައިރާންވެއްޖެ.. ކައިޔަންއަށް ދައްތަ ވަކި ކުރަން އެނގުނީމައި.. ލަހުފާ އައިސް ތިކުދިން ގެންދިޔަ ފަހުން މިހާރު އެވީ ތިންއަހަރު.. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ތިދެކުދިން ހާދަ ބޮޑުވެއްޖެޔޭ.. ދެކުދިން އަދިވެސް ހަމަ އެހާމެ ރީތި.. ކައިޔަންވެސް ބަލާ މިހާރު ދައްތައަށް ވުރެ ދިގު..! ޒިވީ ވެސް މިހާރު ދިގުވެއްޖެ.. ޒިވްގެ ތުއްތު ސިކުނޑިވެސް ބޮޑުވެ ތަނަވަސް ވެއްޖެޔޭ ދޯ…؟ ފުރަތަމަވެސް އެ އަހާލީވިއްޔާ ކައި އޮންބެގެ އެކްސްއެއްހޭ..؟؟” އަވީނާއަށް ބުނެވުނެވެ.
”ދެން އަވީނާ ދައްތާ..! ޒިވް މިހާރު ދޮންބެއާއި ދިމާލަށް ކައި އޮންބެއެކޭ ނުކިޔަމޭ.. އެއީ އެންމެ ޒިވީ ހަތް އަހަރުގައި ކީ އެއްޗެކޭ..” ތުން ވަށްކޮއްލާފައި ޒިވީން އެހެން ބުނެ ބޮޑާ ހާކާލުމުން ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ. ތިން މީހުންވެސް ކުރީގެ ފޮނި ހަނދާންތައް ތެރޭ އިިރުކޮޅެއް ވަންދެން ފީނިއެވެ.
“އަވީނާ ދައްތަ ދިޔަސް އަޅުގަނޑުމެން އަވީނާ ދައްތަ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ…” ޒިވީން ބުނެލިއެވެ. “މިހާރު ކޮބާ ލަހުފާ އާއި މުޖާހިދު..؟ ދައްތަ މިކޮޅަށް އައިކަން އެނގުނީ ކިހިނެތް..؟” އަވީނާ އަށް ސުވާލު ކުރެވުނެވެ.
“އަޅުގަނޑާއި ޒިވް އަދިވެސް ބޭނުމެއްނުވޭ އަނބުރާ މަންމަ ގާތަށް ދާކަށް.. އެހެންވެ އަޅުގަނޑުމެން އެހެރަ ގެއަށް ބަދަލުވީ.. ދެން މިއަދު ވަޒީފާއިން އައިގޮތަށް ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާލެވުނުތަނާ ހެން އަވީނާ ދައްތަ ފެނުނީ.. ކުރިއާއި އަޅާކިޔާއިރު އަވީނާ ދައްތަ ތަފާތުވެފައި ހުއްޓަސް އެއްގޮތް ސިފަތައްވެސް އެބަ ހުރި.. އެހެންވެ އަޅުގަނޑަށް ފެނުނީ ހަމަ އަވީނާ ދައްތަތޯ ބަލާލަން މިރޭ މި އައީ.. އާ އަވައްޓެރިޔާއަށް މަރުހަބާ..!!” ކައިޔަން ކޮތަޅު ދިއްކޮއްލިއެވެ. ޒިވީން ކުޑަކޮށް ކަރުކެހެލިއެވެ.
“އެލަންއަކީ އަވީނާ ދައްތަގެ ދަރިއެއްތަ..؟” ޒިވީން އެއްސެވެ. “ކައިމެން އޭރު ކުޑަ ވީމައި އަސްލު ވީގޮތް ހަގީގަތަކަށް އަވީނާ ދައްތަ ނުކިޔައިދެން…” އަވީނާ ބުނެލިި ޖުމްލައިން ކައިޔަން ހައިރާންވިއެވެ. އަވީނާއަކީ އެހާ ސިއްރުވެރިބަޔެއް ހުރި މީހެއްކަމަށް ކައިޔަންއަށް ފާހަގަވެފައެއް ނެތެެވެ.
“ހަނދާންވޭތަ ދައްތަގެ ފިރިމީހާ އަލީ އަހުމަދުގެ މަތިން..؟ ދައްތައާއި އަލީ އަހުމަދުގެ ކައިވެންޏަށް ފަސް އަހަރު ވީއިރުވެސް ކުއްޖެއް ނުލިބޭ…. ހުރިހާ ޑޮކްޓަރުންވެސް ބުނަނީ ދައްތައަށް ކުއްޖެއް ނުލިބޭނެޔޭ… އެހެންވެ އުންމީދު ކަނޑާލާަފައި ދައްތައާއި އަލީ އަހުމަދު ދެ ކުދިން ބަލަން ފެށީ… އެއީ އަލާންއާއި އަލާންގެ ދައްތަ.. އޭގެ ތިން އަހަރު ފަހުން ސަބަބެއް ވެސް ނުބުނެ އަލީ އަހުމަދު ދައްތަ ވަރި ކޮއްލާފައި ފޮނުވާލީ… ދައްތަ ދެން އައީ މިރަށަށް…. އައި ފަހުން ކައިމެންނާއި ބައްދަަލުވީ… ދައްތަ އޭރު ކައިޔަންއަށް ކިޔާދިން ގޮތުން ނަމަ ދައްތަ ޗުއްޓީ ހޭދަކޮއްލާށެއްނު މިރަަށަށް އައީ..؟ އަލާންމެންގެ ވާހަކައެއްވެސް ނުކިޔައިދެމެންނު..؟ ދެން ނުވަ އަހަރު ވީ ފަހުން ލަހުފާ އައީ ތިކުދިން ބަލާ… އެ ފަހުން އަނެއްކާ ދައްތަ މާލެ އައިފަހުން ފަރުހާންއާއި ދިމާވީ.. ދެމީހުން ކައިވެނި ކުރީވެސް އެކޮޅުގައި.. ދައްތަ އެންމެ ބޭނުންވީ ދެން އަލާންމެންގެ ހާލު ބަލަން.. ފަރުހާންއާއެކީ އެދުވަހު އަލީ އަހުމަދު މެންގެ ގެއަށް ދިޔައިރު އެގެ ފަޅު ކޮށް އޮތީމައި ދައްތަ އަލީ އަހުމަދުގެ ބޮޑުބެއަށް ގުޅާ ވީނުވީ އޮޅުން ފިލުވީ… ދެން އެނގުނީ އަލީ އަހުމަދަކީ ކެންސަރުގެ ޕޭޝަންޓެއްކަން.. އަދި ތިން އަހަރު ކުރިން އޭނަ މަރުވެއްޖެކަން… އެ ދުވަހު ހިތަށް އެރި އެގޭ މީހުންނަށް ދައްތައަށް އަލީ އަހުމަދު މަރުވިކަން އަންގާލީނަމަ އަޒާބު ލިބެނީ ބާއޭވެސް..” އަވީނާ ނޭފަތް ދަމާލިއެވެ.
“އަލާންއާއި އަލާންގެ ދައްތަ ހުރީ ބޮޑުބެ ގާތުގައި.. އެކުދިން ބޭނުންވީ ދައްތައާއެކީ އުޅެން… ދައްތަ ފަރުހާން ގާތު އެކުދިން ބަހައްޓަން އެދުނީމައި ފަރުހާންވެސް އެކަމާއި އެއްބަސްވި..! ހުރިހާ ޑޮކްޓަރުން ދައްތައަށް ކުއްޖެއް ނުލިބޭނޭ ކިޔަކިޔާ އޮއްވާ ދައްތައަށް ކުއްޖެއް ލިބުނީ.. އެއީ ދައްތައާއި ފަރުހާންއަށް ލިބުނު ދަރިފުޅު..” އަވީނާގެ އަޑު ބެދިއްޖެއެވެ.
“އަލާންމެން ގޮވައިގެން މާލޭގައި އުޅެއުޅެފައި ފަރުހާންގެ ކޮމްޕެނީއަށް ބަޔަކު ދުއްތުރާ ކުރަން ފެށީ.. އެހެންވެ އެ ކޮމްޕެނީ ހުއްޓާލާފައި ދައްތަމެން މިކޮޅަށް ބަދަލުވީ…” ތިން އަހަރު ދުވަސް ވަންދެން ސިއްރު ކޮއްގެން އުޅުނު ހަގީގަތް އަވީނާ ހާމަކުރިއެވެ. އަވީނާ ކިޔައިދިން ގޮތުން ނަމަ އަލާންގެ ދައްތައަކީ އެކުއްޖާ ކަން ކައިޔަން ދެނެގަތެވެ. ނަމަވެސް ކަޅި އެއްލަ އެއްލާވެސް އެކުއްޖާގެ ހިލަމެއް އެގޭތެރެއިން ނުވިއެވެ. ކައިޔަން ކުޑަކޮށް މާޔޫސްވިއެވެ. އަސްލު ދެކެން ބޭނުންވި އެކުއްޖާ ނުފެނުމުންނެވެ.
“ދެން ދަނީއޭ..” ކައިޔަން ނުކުންނަން ދިޔައެވެ. ގިނަ ގިނައިން އަންނަން ވާނެޔޭ ބުނެ އަވީނާ ހިނިތުން ވެފައި އަތް ހޫރުވާލިއެވެ. އަލާންއާއި ސަލާން ގަލާން ކޮށް ނިންމާފައި ޒިވީންވެސް ނުކުތެވެ.
“ހަޔާތުގެ ޓުވިސްޓެއްދޯ..؟ ޒިވީ ހީވެސް ނުކުރަން މަންމަޔާއެކީގައި އުޅެން ދިޔަ ފަހުން އަވީނާ ދައްތައާއި ދިމާވާނެ ކަމަކަށްވެސް..” ޒިވީން ބުނެލިއެވެ. “ހަޔާތަކީ އަބަދު އަބަދު ގޯސް ކަންކަމާއި ކުރިމަތިލާން ޖެހޭނެ އެއްޗެއް ނޫން.. މާނައަކީ ގޯސް ކަމެއް ވިޔަސް އިރާދަކުރެއްވިއްޔާ އަދި ރަނގަޅު ކަމެއް ވާނެޔޭ..” ކައިޔަން ބުނެލިއެވެ. “އަދިވެސް ދޮންބެ ޒިވީއާއި ދިމާލަށް ޅެންވެރި ކޮއްކޮއޭ ކިޔާ ދިމާކުރާނެ..!! ދޮންބެއެކޭ ޝޭހެކޭ ތަފާތެއް ނެތް..” ޒިވީން ހީނގަތެވެ. “ދެން ދޮންބެ ހުންނަންވީ ތާކިހާއެއް އަޅައިގެންތަ..؟؟ ހުތުރު ކަމެކޭއެއް ނޫން އިނގޭ މި ބުނަނީ.. އެކަމަކު މިފަދަ ސަޅި އިސްތަށިގަނޑެއް އޮއްވާ ދޮންބެ ކީއްކުރަން އެ ފޮރުވަންވީ..؟” ފޮނިވެފައި ހުރެ ކައިޔަން އެއްސެވެ. “ދޮންބެ ދެން ވާނީވެސް މިރަށު މުދިމަށް ކަންނޭނގޭ… ﷲ އަކްބަރުއް ﷲ އަކްބަރު..” ދެކަންފަތުގައި އަތް އަޅާލައިގެން ހުރެ ޒިވީން އެހެން ކިޔާލުމުން މިފަހަރު ކައިޔަންއަށްވެސް ޖެހުނީ ހޭށެވެ. ޒިވީންވެސް އެކުއެކީ ހީނގަތެވެ.
ކައިޔަންގެ ހިތުން އަދިވެސް އެ ޗާލު އިސްތަށިގަނޑު ފިލައިގެންނެއް ނުދެއެވެ. އެކުއްޖާއަކީ ކާކުކަން އަވީނާ ނުބުނުމުން އަހާހާ ހިތްވަރެއް ކައިޔަންއަކަށެއް ނުލިބުނެވެ. އެއިސްތަށިގަނޑުގެ ވެރި ފަރާތަކީ ކާކުކަން ހޯދަން ކައިޔަންގެ ހިތް މޭފަޅާފައި ނުދުއްވައިގަންނަނީވެސް ހަމަކިރިޔަ ކިރިޔާއެވެ. އެވަގުތު ސިކުނޑީގައި ރަނާ ވެސް ނެތް ފަދައެވެ.
ނިދަން އެނދަށް އަރާފައިވެސް ކައިޔަންއަށް ނިދޭގޮތެއްނުވިއެވެ. ފޯނާ ކުޅެކުޅެވެސް ނިންޖެއްނައެވެ. ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. ރަނާގެ ކޯލެކެވެ.
“ހަލޯ..؟” ކައިޔަން ބުނެލިއެވެ. “އޭތް…!! މިރޭވެސް ކައި ނާންނަންތަ ތިހުންނަނީ..؟ ޔޫޝުއަލް ފަށަން އެ އުޅެނީ.. ކައިޔަން ނައިސްގެން މަޑު ކޮށްކޮށް ފައި ވެސް ވާޅު ވެއްޖެޔޭ…” ރަނާ އެހެން ބުނެލުމުން ޔޫޝުއަލްގެ މަތިން ކައިޔަން ހަނދާންވީވެސް ހަމަކިރިޔާއެވެ. އަވަހަށް ގަޔަށް ކުޑަ ފެންކޮޮޅެއް އަޅާލައިގެން ހެދުން ބަދަލުކޮށް އިސްތަށިގަނޑު ރީތިކޮއްލާފައި ކައިޔަން ބޭރަށް ނުކުތެވެ. އޭރު ޒިވީން ހުރީ ސިޓިންރޫމްގެ ތެރޭ ކެމިސްޓްރީ ފޮތް ކިޔަވާށެވެ. “ދޮންބެއަށް އާދެވޭނީ ތަންކޮޅެއް ލަހުން.. ރަނގަޅަށް ދޮރު ތަޅުލައިގެން ނިދާތި..! ދޮންބެ މިދަނީ ތަޅުދަނޑި ހިފައިގެން އިނގޭ..” ކައިޔަން އެހެން ބުނެލާފައި ތަޅުދަނޑި ނެގިއެވެ.
ދިޔުމުގެ ކުރިން ކައިޔަން ފްރިޖުން ފެންފުޅިއެއް ނަގާފައި ތައްޓަކަށް އަޅަން ވެގެން ތަޅުދަނޑި މޭޒުމަތީ ގައި ބޭއްވިއެވެ. ފެން ބޮއި ނިމުމުން ފްރިޖަށް ފެންފުޅި ލާފައި ކައިޔަން ބޭރަށް ނުކުމެ ދޮރު ލެއްޕިއިރު އެދެވެނީ ތަޅުދަނޑި ނުލާކަން ހަނދާނެއްނެތެވެ. ތަޅުދަނޑި އޮތީ މޭޒުމަތީގައެވެ.ކާރަށް އަރާ ބާރު ސްޕީޑެއް ގައި ކައިޔަންއަށް ދުއްވާލެވުނެވެ. އަވަހަށް ދިޔުމަށެވެ.
އަތިރިމައްޗަށް ފޯރުނުއިރު ޔޫޝުއަލް ފަށައިފިއެވެ. ވަރު ނެތްކޮޅަށް ނަލަހެދިގެން ހުރި މީހުން މަދެއް ނޫނެވެ. ކުލަކުލައިގެ ބޮކިތައް ދިއްލާލާފައިވާތީ ޔޫޝުއަލް އިތުރަށް ފުރިހަމަ ކޮއްލަދެއެވެ. ޖަހަމުން ދިޔަ ފޯރިގަދަ މިޔުޒިކަށް އައިސް ހުރި އެންމެންގަނޑު ނަށަމުން ދިޔައެވެ.
ކައިޔަން ކޯކުފުޅިއެއް ނަގައިގެން އިށީނީ ތަންކޮޅެއް ދުރުގައެވެ. އެކުއްޖާއަކީ ކާކުކަން އަހާލާހާ ހިތްވަރެއް ނެތުމުން އަމިއްލަ ފިނޑިކަމަށް ކައިޔަންއަށް މަލާމާތް ކުރެވެނީއެވެ. ޔޫޝުއަލްގެ މަޖާގަނޑު ތެރެއަށް ވަންނަ ހިތް ނުވެގެން އެތާ ގާތުގައި ހުރި ފަޅުގޭގެ ހަލާކު ވެފައިވާ ކުޑަދޮރުގެ ބިއްލޫރި ގަނޑުގެ ތެރެއިން ލާފައި ކައިޔަންއަށް ކުދި ކުދި ގާކޮޅުތައް އެއްލެމުން ދިޔައެވެ. އެކުއްޖާ އަކީ ކާކުކަން ހޯދަން ކައިޔަން ވިސްނި އިރު ސިންޑްރެއްލާ ގެއްލިގެން ހޯދަން މަސައްކަތް ކުރި ޕްރިންސަށް ވުރެ ދެރައެއް ނޫނެވެ.
“މޭން..!! ހިލަގަނޑެއް ހެން ތިތާ ނުހުރެ އާދެބަލަ.. ރަނޫ އޭނަގެ އާއިލާ ރެސްޓޯރެންޓުން ކާ އެއްޗެހިވެސް ގެނެސްފައި އެބަހުއްޓޭ..!!” އިކުވާން އައިގޮތަށް އައިސް ކައިޔަންގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ. “މިރޭ މާ މޫޑެއްނެތް..” ކައިޔަން ހުރީ އެހާ ޝައުގުވެރި ވެފައި ނޫންކަން އަޑުން އެނގެއެވެ. އެކުއްޖާގެ ތަސްވީރު ކައިޔަންގެ މުޅި ސިކުނޑީގައި އެނބުރޭތީއެވެ. އިކުވާން އެތާ އިށީނެވެ.
“ކޮންމެވެސް ކަމެއް ލައިގަނެފި.. ވަރަށް ބޮޑު ކަމެއް ހެން މޫނަށް ބަލާލާފައި ހީވަނީ. މަގޭގާތު ނުބުނާނަން ތަ..؟” ކުރިއްސުރެ އެންމެ ގާތް އެކުވެރިޔާއަށް ވުމުން އިކުވާން އަށް ވަނީ ކައިޔަން ދަސްވެފައެވެ.
“ނޫނޭ..! އެއްކަމެއްވެސް ނުވޭ.. ޖޮބަށް ދިޔައީމަ ދެން މިއަދު މާ ވަރުބަލީ..!!” ހަގީގަތް ފޮރުވުމައްޓަކައި ކައިޔަން ކުޑަ ދޮގެއް ހަދާލިއެވެ. އެކުއްޖާގެ ވާހަކަ ކައިޔަން އިކުވާންއަށް ކިޔައިދޭން ނުހަނު ބޭނުންވެއެވެ. ނަމަވެސް އެކުއްޖާގެ ވާހަކަ އިކުވާންއަށް ކިތަންމެ ސިއްރުން ކިޔައިދޭން އުޅުނަސް އެ ވާހަކަ ކޮންމެވެސް ގޮތަކުން ރަނާގެ ކަންފަތާއި ހަމައަށް ފޯރާނެކަން އެނގޭތީ ކައިޔަން ބޭނުންވީ އިހަކަށް ސިއްރު ކޮއްލާށެވެ.
“އޯކޭ އެހެންވިއްޔާ..!! މަ މި ދަނީ މަޖާކުރަން.. ބައިވަރު މީހުން އައިސްފި..” އިކުވާން ދުއްވައިގަތެވެ. “ދޭބަލަ ދޭބަލަ.. މަށެއް ނުވެސް ބުނަމެއްނު އައިސް މަގޭ ގާތު އިށީންނާށެކޭ..!!” މޫޑު ގޯސްވެފައިވާ ވަރުން ކައިޔަން ކޯކުފުޅިން އެއް ކޯވަރު ބޯލިއެވެ.
“އޭތް ކަލޭނޭ..!!! މިރެއަކީ މާރަނގަޅު ރެއެއްނޫން. ކޮންމެވެސް މީހެއް މިދިމާލަށް އެބައާދޭ…” މިޔުޒިކްއާއި ހަވާލުވެގެން ހުރި މީހާ ހަޅޭއްލަވައިގަތެވެ.
ޔޫޝުއަލްއަކީ އަތިރިމަތީގައި ކިރިޔާވެސް މީހެއް ނާންނާނެ ހިސާބެއްގައި ބާއްވާ އެއްޗެކެވެ. މީހަކު އައިސްފިއްޔާ އެވާހަކަ މުޅި ރަށުގެ އުތުރުން ދެކުނަށް ފަތުރާލާނެކަން ޔަގީނެވެ. ގިނަ އަންހެން ކުދިން އެތަނަށް އަންނަނީ މައިންބަފައިންނަށް ވަގަށް ކަމުން ފަޅާއަރައިފިއްޔާ ދެން ޔޫޝުއަލްއަށް ނާދެވޭނެ ކަން އެ ކުދިންނަށްވެސް ވިސްނޭތީ އެންމެންވެސް ބޭނުންވަނީ ސިއްރު ކުރާށެވެ. އެހެންކަމުން އައިސް ތިބި އެންމެން ހެން އަވަސްވެގަތީ ފިލާށެވެ. މިޔުޒިކް ހުއްޓާލާ ބޮކިތައް ނިއްވާފައި އެންމެން ދުއްވައިގަތީ އެއްކަލަ ފަޅުގެ ތެރެއަށް ވަންނާށެވެ. އެކުޑަކުޑަ ފަޅުގެގަނޑަށް މީހުން ވަދެވަދެ ވަނީ ތޮއްޖެހިފައެވެ. ޔޫޝުއަލް މަގުބޫލު ކަމުން މީހުން ހަމަ ގިނައީއެވެ. ރަނާއާއި އިކުވާން އެތެރެއަށް ވަނުމުން އެއްކޮށް ތޮއްޖެހިއްޖެއެވެ. އެކަކަށް ވެސް ހިރި ލެވޭކަށް ނެތެވެ.
އެ ތަނުގެ ދޮރުލައްޕާ ތަޅުލުމުން ކައިޔަންއަށް ފިލަން ވަންނާނެ ތަނެއް ނޭނގުނެވެ. ދެން މަ ވައްދާށޭ ކިޔާ ދޮރުގައި ތަަޅައިގަނެފިއްޔާ އަންނަ މީހަކަށް އެ އަޑު އިވޭނެކަން އެނގޭތީ ކައިޔަން އެކަމެއް ނުކުރިއެވެ. ކައިޔަންއަށް ފިލަން ދުއްވައިގަނެވުނީ އެދިމާއަށް ދިޔަ މީހާގެ ގާތަށެވެ.
ދުވަމުން ކައިޔަންއަށް ނުކުމެވުނީ ސީދާ އެމީހެއްގެ ކުރިމައްޗަށެވެ. ދެ މީހުންވެސް ދިޔައީ ދެފަރާތަށް އެއްލިގެންނެވެ. އެކުއްޖާ ސިއްސައިގެން ދިޔަވަރުން ހީވީ ކުޅޭކުޅޭ އެއްޗެއް ހެންނެވެ. ހިމޭން ވައިރޯޅިއެއް ޖެހުނީވެސް ހަމަ އެވަގުތެވެ. އެކުއްޖާގެ ދޫކޮއްލެވިފައިވާ އިސްތަށިގަނޑު އައިސް ކައިޔަންގެ މޫނުމަތީ ގައި ބީހިލިއެވެ. އެއިސްތަށިގަނޑު ވަކިކުރާކަށް ކައިޔަންއަކަށް އުނދަގުލެއްނުވިއެވެ. އިސްތަށިގަނޑުން އެރި މީރުވަހުން ކައިޔަންއަށް ލޯމަރާލެވުނެވެ. ޝައްކެއްވެސް ނެތެވެ. އެއީ ހަމަ އެކުއްޖާއެވެ. އަންތަރީސްވެފައި ހުރެ ކައިޔަންއަށް ހީވީ ހުރެވުނީ ރޮމޭންޓިކް އިނގިރޭސި ފިލްމެއްގައި ހެންނެވެ. ކައިޔަންއަށް މަންޒަރު ތައްވެސް ފެންނަން ފެށީ ހަމަ ސީދާ ސްލޯ މޯޝަން ގައެވެ.
ކައިޔަން ލޯހުޅުވާލާފައި ސީދާ އެކުއްޖާގެ މޫނަށް ބަލާލިއެވެ. އެލިބިފައިވާ ބޮޑު ދެލޮލާއި ދިގު އެސްފިޔަ ތަކުގެ ރީތިކަމާއެެވެ. އެކުއްޖާގެ ކަޅި ހުރީ ވަރަށް ”އެސްތެޓިކް” ކުލައެއް ގައެވެ. އެލޮލުގައި ހުރި މުށި ކުލައަކީ ކައިޔަން އިންޓަރނެޓުންވެސް ދެކުނު ކުލައެއް ނޫނެވެ. ޗާލު އަލި މޫނެކެވެ. ބައްޓަން ރީތި ތުންފަތުގެ ފިޔާތޮށިކަން ގަދައެވެ. ކުޑަމިނުން މޫނުމަތި ރީތި ކޮއްލަން މޭކަޕެއް ބޭނުމެއް ނުވެއެވެ. އެއަށް ވުރެ ފުރިހަމައެވެ. ތެދަށް ބުނަންޏާ އެކުއްޖާއަކީ އަންހެންކުދިންގެ އެއްވަނައެވެ.
އެކުއްޖާ ކަޅިޖަހާނުލާ އިރުކޮޅެއްވަންދެން ހުއްޓެވެ. މީރުމީރު ކާއެއްޗަކަށް ބަލަން ހުންނަހެން ކައިޔަން ބަލަން ހުރުމުން އެކުއްޖާ ބިރުގަތްކަމުގެ އަސަރުތައް ފެނިލިއެވެ. އެ ފުން ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. އެކުއްޖާ ތުންފަތުގައި ދަތް އަޅާލިގޮތަށް ދުރު ބަލާލިއެވެ. ކައިޔަންއަށް އަދިވެސް ހުރެވުނީ ހައިރާންވެފައެވެ.
އިރުކޮޅެއް ވަންދެން ހުރެފައި އެކުއްޖާ ބަހެއް ނުބުނެ ބާރުބާރަށް ހިނގައިގަތެވެ. ބިރުގަތް ވަރުން ކެތްނުވީ ކަންނޭނގެއެވެ. އެކުއްޖާ ލޮލު ކޮޅަށް އޮބާލަންދެން ކައިޔަންއަށް އަދި އެވަރަށް ބެލުނެވެ. އެކުއްޖާ ދިޔުމުން އެންމެން އަލުން ނުކުތެވެ. ރަނާ އައިސް ކައިޔަންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. “ހްމްމްމް..” ހުރެވުނު ފިލްމީ ދުނިޔެއިން ކައިޔަންއަށް ބޭރު ވެވުނެވެ.
“ކައި..! އެއީ ކާކު.؟” ރަނާ އެއްސެވެ. ޝައްކުވެފައިވާ ރާގަކަށެވެ. ރަނާގެ ޝައްކު ބަލި ބޮޑުކަމަކީ ކައިޔަންއަށް އެންމެ އުނދަގޫވާ ތަންކޮޅެވެ. ރަނާ ނޫން އެހެން އަންހެން ކުއްޖަކާއި ކައިޔަން އަނގައިން ބުނެލައިފި ނަމަ ދެން އެ ދުވަސް ދިޔައީއެވެ. ދޭތެރެ ދޭތެރެއިން މި ފެތުރޭ ފްލޫ އަށްވުރެ ރަނާގެ ޝައްކު ބަލި މާ ނުރައްކާަތެރި ވާނެކަން ޔަގީނެެވެ.
“ނޭނގެ..” ކައިޔަން ހާމަކުރީ ހަގީގަތެވެ. އެކުއްޖާ އަކީ އަލާންގެ ދައްތަ ކަން ފިޔަވާ އެހެން މައުުލޫމާތެއް ލިބިފައި ނުވާތީއެވެ. “އޯކޭ އޯކޭ… ގަބޫލު ކޮއްފިން..! ދެން ހެޔޮނުވާނެ.. އަންނަންވީނު މަޖާ ކުރަން..؟ ކައި އައުމެކޭ ނައުމެކޭ އެއްގޮތް.. ކައި ނެތީމައި ޔޫޝުއަލްވެސް ފަޅުކަމުން ގަބުރުސްތާނަކަށްވުރެ ކަންތައް ފަލައޭ…” ތުންކޮޅު އޫކޮއްލާފައި ރަނާ އެހެން ބުނުމުން ކައިޔަން ޔޫޝުއަލްގެ މަޖާގަނޑަށް ވަނީ ހިތާއި ދެކޮޅަށެވެ.
މަޖާގަނޑު ނިންމާލަން ޚިޔާލަށް އައީވެސް ގަޑިން އެގާރަގަޑި ބައިވަނި ކޮށެވެ. ކައިޔަން ކާރުގައި ދިޔައީ ރަނާވެސް ގޮވައިގެންނެވެ. ކާރު ތެރޭގައިވެސް ހުއްޓާނުލާ ރަނާ ކޮންމެވެސް އަނގައެއް ތެޅުވިއެވެ. ކީ އެއްޗެހީގެ އެއްބައި މިހާރު ކައިޔަން ހަނދާނެއްވެސް ނެތެވެ. ރަނާ ގެއަށްލާފައި ކައިޔަންވެސް ދިޔައީ ގެއަށެވެ. “ޔާﷲ..!!!!!” ކައިޔަން ތަޅުދަނޑި މަތިން ހަނދާންވީ ޖީބަށް އަތް ކޮއްޕާ ލެވުމުންނެވެ. ޒިވީން މިހާރުު އޮންނާނީ ނިދާފައެވެ. ޒިވީންގެ ހުޝިޔާރުކަމުން އެންމެ ކުޑަދޮރަކުންވެސް ވަދެވޭކަށެއްނެތެވެ. ކައިޔަން ބުނީވެސް ހުރިހާ ދޮރެއް ތަޅުލައިގެން ނިދާށޭ ކަމުން އެންމެ ތަޅެއްވެސް ދޫނުކޮށް ޒިވީން ތަޅުލާފައި ވެއެވެ.
ގައިމުވެސް ދެން ކައިޔަން ލަހުފާމެންގެ ގެއަކާއި ވައިވެސް ނޭޅޭނެއެވެ. އަވީނާމެންގެ ގެއަށްދާން ޚިޔާލު ކޮއްފައިވެސް ނުދާން ކައިޔަން ނިންމިއެވެ. ކައިޔަން އެންމެފަހުން ނިދަން އޮށޯތީ އަވީނާމެންގެ ގޭގެ އުނދޯލީގައެވެ. ޔޫޝުއަލް ނިންމާލާފައި އައިއިރު އުނދޯލި ނިވާވާނެހެން ދެތިން މާ އިންދާފައިވާ ޕޮޓްތަކެއް ބަހައްޓާފައިވެއެވެ. އެވަރުން މަގުން ދާ މީހުންގެ ލޮލުގައި ކައިޔަން އަޅައިނުގަންނާނެ ކަމަށް ބަލާފައި ކައިޔަން އުނދޯލީގައި ހަމަޖެހިލިއެވެ.
ކައިޔަންއަށް ހޭލެވުނީ އަވިއެޅިގެން ގަޔަށް ހޫނުވާން ފެށުމުންނެވެ. ކައިޔަން މަޑުކޮއްލީ ގައިގެ އެހެން ތަންތަނަށް ހޫނުވާއިރު މޫނަށް އަވި ނުވާތީއެވެ. މީހެއްގެ ހިޔަނި އެޅޭހެން ހީވާތީ ކައިޔަން ލޯހުޅުވާލިއެވެ. ފެނުނު މަންޒަރުން ކައިޔަންއަށް ވަގުތުން ފުންމައިގެން ތެދުވެވުނެވެ. އެތާ ދިމާ ކުރިމަތީގައި ހުރީ ކުޑަ އަންހެން ކުއްޖެކެވެ. ހެޔޮކޮށްވިއްޔާ އެވާނީ އަވީނާގެ ކުޑަ މަންޖެ އަށެވެ. އެ ކުޑަ ކުއްޖާގެ އުމުރުން ވާނީ ތޭރަ ވަރަކަށް އަހަރު ކަންނޭނގެއެވެ. އެކުއްޖާ ހުރީ އިލޮށިފައްޗެއް ހިފައިގެންނެވެ. ކައިޔަން ތެދުވުމުން އެކުއްޖާ އަޑުގެ ނެތްތަނަށް ވަގެކޭ ކިޔާ ހަޅޭއްލަވައިގަތެވެ.
ކައިޔަންމެންގެ ގޭގެ މައިދޮރު ހުޅުވާފައި ހުރުމުން ޒިވީން ހޭލީކަން ކައިޔަން އެނގުނެެވެ. ހަމަ އަސްލަށް ވެސް ވަގެކޭ ކިޔާ ގޮވުމުން މީހުން އެއްވެދާނެތީ ކައިޔަން ބާރުބާރަށް ގޮސް ގެއަށްވަނެވެ. އޭރު ޒިވީން ތައްޔާރުވެގެން ބޭރަށް ނުކުންނަނީއެވެ. “ދޮންބޭ.. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އެބައޮތް..” ޒިވީންގެ އަޑުގައިވަނީ ކަންބޮޑު ވެފައިހުރުމުގެ ރާގެވެ. “ޒިވީ އަނެއްކާ ގެއަށް ވަގެއް ވައްދާލީތަ..؟” ކައިޔަން އެއްސެވެ. “ނޫން.. އާދެބަލަ އެތެރެއަށް..” ޒިވީން ކައިޔަންގެ އަތުގައި ހިފާ ދަމަމުން އެތެރެއަށް ވަނެވެ. “ހޫމް ކިޔާބަލަ.. ދޮންބެ ރެޑީވާން ދާންވެއްޖެ..” ކައިޔަން ބުނެލިއެވެ.
“އަހަރެމެންގެ ބައްޕަ މަންމަ ދޫކޮއްލާފައި ދިޔައީ ދޮންބެއަށް ފަސް އަހަރުގައެއްނު..؟” ޒިވީން ބުނެލިއެވެ. “ހްމްމް..” ކައިޔަން ބުނެލިއެވެ. “މިއަދު ޒިވީ ހެނދުނު ހޭލާފައި ފެންވަރަންދާން އުޅެނިކޮށް ޒިވީގެ ފޯނަށް މީހަކު ގުޅީ.. އަހަރެމެންގެ ބައްޕަ މަންމަ ދޫކޮއްލާފައި ގޮސް އެހެން އަންހެނަކާއި ކައިވެނިކުރި ވާހަކަ ދޮންބެއަށްވެސް އެނގެއެއްނު..؟” ޒިވީން އަނެއްކާވެސް ހުއްޓާލިއެވެ. ހީވަނީ ބުނަން ބޭނުންވެގެން އުޅޭ ވާހަކަ ވަކި ހިސާބަކުން ކަރުތެރޭ ތާށިވަނީ ހެންނެވެ. “ސާބަހޭ.. ޕޮއިންޓަށް ދޭބަލަ..” ޒިވީން ކަރުކެހެމުން ދާތީ ކައިޔަން ބުނެލިއެވެ.
“ވެލް އެ އަންހެންމީހާ ބައްޕަ ގާތުން ފިލައިގެން ގޮސްފި.. އޭގެ ތިން ރޭ ފަހުން އަހަރެމެންގެ ބައްޕަ އެކްސިޑެންޓެއް ވެގެން މަރުވެއްޖެޔޯ.. އެ އަންހެންމީހާއާއި ބައްޕަގެ ހުރި ހަމައެކަނި ދަރިޔާއި ހަވާލު ވާން އެ އަންހެންމީހާ ބޭނުން ނުވާތީ އެކޮޅުން އެކުއްޖާ ކުޑަކުދިންގެ ހިޔާއަށް ލާން އުޅެފައިވެސް ޒިވީމެންވެސް ހުންނަކަން އެނގޭތީ އެމީހުން ބަލާލަން ބޭނުންވީ ހިޔާއަށް ނުލާ ޒިވީމެންގެ ގާތުގައި އެކުއްޖާއަށް ހުރެވޭތޯ ބަލަން.. ލައިކް ދޮންބެ އާއި ޒިވީއާއި ވާނީ އެކުއްޖާ ހާފް ސިބްލިންގްސް އަށެއްނު..؟ އެހެންވެ. ދެން ޒިވީ ބުނީ ދޮންބެ ގާތު އަހާލާފަޔޭ އެނގޭނީ.. އެ މީހުން ބުނީ އަވަސް ޖަވާބެއް ބޭނުންވެޔޯ.. އެކުއްޖާއަށް މި ގޭގައި ހުރެވޭނަމަ މިއަދު މާލެއިން އެކުއްޖާއާއި ގުޅޭ ހުރިހާ އެއްޗެއް ހިފައިގެން މިކޮޅަށް މާލެއިން ބަޔަކު އަންނާނެޔޯ….” ކަރުކެހެމުން ވެސް ޒިވީން އެކީ ކިޔާދީ ނިންމާލިއެވެ.
”ސީރިއަސްލީ..؟ އަންހެން ކޮއްކޮއެއްތަ ނޫނީ ފިރިހެންކޮއްކޮއެއްތަ.؟” ކައިޔަން އެއްސެވެ. “ފިރިހެން ކޮއްކޮއެކޯ..” ޒިވީން ބުނެލިއެވެ. ”އައިމް ނޮޓް މޭޑް..!! މާރަނގަޅެއްނު..؟ ކޮއްކޮއެއް.. ގުޅާފައި އެމީހުން ގާތު އޯކޭޔޭ ބުނޭ.. ހާފް ކޮއްކޮއަކަށް ވިޔަސް ދެން ހެވެއްނު..؟ މިހާރު ޒިވީ ކިހާ ޔުނިކްވާނެ..؟ ހަމައެކަނި ފެމެލީގައި ހުރި އަންހެންކުއްޖާ..” ކައިޔަން ހީނލިއެވެ.
ޒިވީން ފުންނޭވާއެއްލާފައި ހީނލިއެވެ. “ކޮންނަމެއްބާ ކިޔާނީ ކޮއްކޮއަށް..؟ ޓަންގު ޓުވިސްޓް ވާ ކަހަލަ ނަމެއް ނުދީފިއްޔާ ވަރަށް ރަނގަޅު..” ޒިވީން އެއްސެވެ. ”ޒިވީ ތިއުޅެނީ ނަންވެސް ނޭނގޭތީ.. ތިއަށްވުރެ ކޮއްކޮ ހުންނާނެ ސިފައެއް ވިސްނާލަންވީނު..؟” ކައިޔަން ބުނެލިއެވެ. “ވިސްނާކަށެއް ނެތްވަގުތެއް.. އަވަހަށް އާދޭ ތައްޔާރުވެގެން.. ޒިވީ ކާރުގައި މަޑުކުރާނަން..” ޒިވީން ބުނެލިއެވެ. ކައިޔަން އަވަސް އަވަހަށް ފެންވަރައިގެން ނޭވީބްލޫ ޓީޝާޓަކާއި ކަޅު ޖިންސެއް ލައިގެން ދަބަސް ހިފައިގެން ނުކުމެ ކާރަށް އަރާ ދުއްވާލިއެވެ.
ސްކޫލަށް ވަދެ ސޮއި ކުރެވުނުއިރު ގަޑިޖެހެން ހުރީ ފަސްމިނެޓެވެ. ކައިޔަން އަވަހަށް މަސައްކަތް ފެށިއެވެ. ގްރޭޑް ތިނަކާއި ހަޔެއްގެ ދެ ތިން ސްލިޕް ލިޔެ ޕްރިންޓް ކުރި ތަނާ މިނެޓެއް ނުވަނީސް މަސައްކަތު މީހެއް އައިސް އެއާއި ހަވާލުވިއެވެ. ބްރޭކްގަޑި ޖެހުމުން ކައިޔަން ކެންޓީނަށް ގޮސްފައި ޒިވީންއަށް އިންޓަވަލް ފޮނުވައިދިނެވެ. އަދި ހޮޓްޑޯގެއް ކައިގެން އަނބުރާ އައެވެ.
“ކައިޔަން..! ބިޒީ ނޫނިއްޔާ މި ޕެންޑްރައިވް ގެންގޮސް ހެލްތު މިސްއަށް ގެންގޮސްދީބަލަ..” ހައިނާ މަޑުން ގޮވާލާފައި ބުނެލިއެވެ. “އޯކޭ..” ކައިޔަން އެދަނބުކުލައިގެ ކުޑަ ޕެންޑްރައިވްގައި ހިފަމުން ކޮމްޕިއުޓަރ ނިއްވާލާފައި ތެދުވެގެން ހިނގައިގަތެވެ. އެހާ ފަސޭހައިން ކައިޔަން އެއްބަސްވީ ސްލިޕްތައް ހަދާ ނިމިގެން ފޫހިވެފައިވާ ވަރުންނެވެ.
ސްކޫލްގެ އެކިއެކި މަގުތަކުން ގޯޅިއަޅަމުން ކުރިއަށް ދިޔަވަރަށް ކައިޔަން ސްކޫލުން ވަކިވިއިރާއި މިހާރާއި ބަލާފައި ހުރި ތަފާތުތައް ފެންނަމުން ދިޔައެވެ. އިލެކްޓްރިކް ބްލޫ ކުލައިން އެ ބޮޑު އިމާރާތު ގައި ކުލަލާ އާކޮށްފައި ހުރުމުން ކުރިއަށްވުރެ ރީތިކަމަށް ދައްކައެވެ. އެންމެ ތުއްތު ތުއްތު ކުދިން ކުޅެން ބޮޑު ޕާރކެއް ހަދާފައިވެއެވެ. ފުޓުބޯޅަ ދަނޑު ގާތުގައި ހުންނަ ކުޑަ ތަންކޮޅުގައި ކުދިން ކުޅެން ހޭންޑްބޯލް ދަނޑެއް ވެސް ހަދާދީފައިވެއެވެ. އިތުރަށް ހިޔާދޭ ބޮޑެތި ގަސްތައްވެސް އިންދާފައިވެއެވެ. އެއްކައިރި ތަކުގައިވެސް މާ ފޮޅޭ ގަސްގަސް އިންދާލާފައި ހުރުމުން ކިތަންމެހާވެސް ރީއްޗެވެ.
އޭރު ކްލާހެއް ޕީއީކުޅެން އައިސްފައިވެއެވެ. ބައެއްފިރިހެން ކުދިންތައް ފޯރީގައި ފުޓުބޯޅަކުޅެމުން ދިޔަ އިރު އަންހެންކުދިންތަކެއް ހޭންޑްބޯލް މެޗެއް ކުޅެމުންދިޔައެވެ. ދެއަންހެންކުދިންނާއި ދެފިރިހެންކުދިން ތަންކޮޅެއް އެކަހެރިކޮށް އިށީނދެލައިގެން އޮލަ ވާހަކައިގައި ޖެހިފައި ހުއްޓެވެ. ހަލަނިކޮށް އުޅުނު ދެ ކުއްޖަކު ފަހަތުން އަންހެން ޓީޗަރެއް ދުވަމުން ގެންދިޔައެވެ.
ހެލްތުރޫމްގެ ގާތުގައި ޕްރިންސިޕަލްގެ އޮފީސް ހުންނާތީ ކައިޔަން ދިޔައީ ނުލާހިކު މަޑުމައިތިރިކަމާއެކީ ގައެވެ. ކައިޔަން އަކީ ބަސްއަހާ މުވައްޒަފެއްކަން ޕްރިންސިޕަލަށް އަންގާދޭށެވެ. އާ ސްލިޕެއް ލިޔަން ޖެހޭ ކަމުގެ ނޮޓިފިކޭޝަން ފޯނަށް އައުމާއެކީ ލަސްވާތީ ކައިޔަން ބާރަށް ގޯޅިއަށް ލަނބާލަން އުޅުނެވެ. ހެލްތު ރޫމަށް ދާން ގޯޅި އަޅާލި ވަގުތު ކައިޔަންގެ ގައިގައި ކުއްޖަކު ބާރަށް ލައިގަތެވެ. ދެމީހުން ވެސް ގޯޅިއަޅަން އުޅުނީ ނިކަން ބާރަށް ކަމުން އެހާ ބާރަށް ލައިގަތީއެވެ.
ކުރިމަތީގައިވާ ކުއްޖާގެ އަތުން ފައިލެއް ވެއްޓި ގަނޑުތަކެއް ވެރުނެވެ. ކައިޔަންގެ އަތަށް ހައިނާ ދިން ޕެންޑްރައިވްވެސް ވިއްސައިގެން ދިޔައެވެ. ކައިޔަން އެންމެ ގާތުގައި ހުރި ތަނބު ގައި އަތްޖައްސާލާފައި ވެއްޓުމުން ސަލާމަތްވިއެވެ. ނަމަވެސް އެކުއްޖާ އެވެއްޓެން ދަނީއެވެ. ކައިޔަން ވަރަށް ހުޝިޔާރުކަމާ އެކީގައި އެކުއްޖާގެ އުނަގަނޑުގައި އަތްއަޅުވާފައި ވެއްޓުމުން ސަލާމަތް ކޮއްދިނެވެ. އެކުއްޖާއާއި ކައިޔަންގެ ހަތަރުކަޅި ހަމަވީވަގުތު ހީވީ ވަރުގަދަ ކަރަންޓު އޮއިވަރެއް ދެމިގަތް ހެންނެވެ. ކައިޔަންއަށް އަނެއްކާވެސް ފިލްމީ ދުނިޔޭގެ ތެރެއަށް ގެނބިއްޖެއެވެ. ސްލޯ މޯޝަންގައި އެ މަންޒަރު ސިފަވުމުން ކައިޔަންއަށް ހެވުނީއެވެ.
ކައިޔަން ސިހިފައި ހުރި އެކުއްޖާގެ ދެލޮަލަށް ބަލާލިއެވެ. އެ ދެލޯ ފުން ވެފައި ރީއްޗެވެ. މާނަފުން އަދި ދެނެގަންނަން ފަސޭހަ ކުލަވަރެއް ހުރި ދެލޮލެކެވެ. ކައިޔަންއަށް ބަލަން ހުރެވުނެވެ. އެކުއްޖާވެސް ކައިޔަންގެ އަތުން ދެމިގަންނާކަށް ނޫޅެއެވެ. ކައިޔަންގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ.
ކައިޔަންއަށް ހޭވެރިކަމެއްވީ ކުޅެންތިބި ކުދިންތައް އެއްއަޑަކަށް އަތްތިލަބަޑި ޖަހައިގަތް އަޑަށެވެ. ބައެއްކުދިން ފޯރި އަރައިގެން މުޅިތަނުގައި ދުވަންވެސް ފެށިއެވެ. ޓީޗަރުވެސް ހުރީ ހައިރާންވެގެން އެ ދިމާލަށް ކަޅި
ހުއްޓާލައިގެންނެވެ.
އެކުއްޖާގެ އުނަގަނޑުން ދޫކޮއްލަމުން ކައިޔަން އަވަހަށް ފައިލްތެރެއަށް ގަނޑުތައް އަޅާދީފައި ދިއްކޮއްލިއެވެ. އެކުއްޖާ ކައިޔަންގެ ޕެންޑްރައިވް ދިއްކޮއްލިއެވެ. އެކުއްޖާގެ އަތް ކައިޔަންގެ އަތުގައި ކުޑަކޮށް ޖެހުނެވެ. މަޑުމަޑު ފުއްގަނޑަކަށް ދޫނުކުރާނެ އަތްތިލައެކެވެ. ހަމަރަނގަޅަށްވެސް ކައިޔަން ހުރީ އަޖައިބުވެފައެވެ.
ފަނޑު ހިނިތުންވުމަކުން ހިނިތުންވެފައި އެކުއްޖާ ދުރަށް ހިނގައިގަތެވެ. އެއީ އެކުއްޖާ ކައިޔަންއަށް ހީނލި ފުރަތަމަ ފަހަރެވެ. އަނެއްކާ ރޭގެ ހާދިސާގައި ހުރީ ކައިޔަންކަން އެކުއްޖާ ހަނދާންވީ ބާވައެވެ.؟ ކައިޔަން ހެލްތު ރޫމަށް ވަނީ ޕްރިންސިޕަލް ނުކުތުމުންނެވެ.
ހެލްތުމިސްއަށް ޕެންޑްރައިވް ދިނުމަށްފަހުގައި ކައިޔަން ނުކުތްތަނާ ބެލްޖެހިއެވެ. ކައިޔަން ސްކޫލް ވަށާ ކުޑަކޮށް ހިނގާލީ އެކުއްޖާ ދެކިލުމުގެ ނަސީބެއް ލިބޭތޯއެވެ. ނަމަވެސް އޭގެ ފަހުން އެކުއްޖާ ލޮލު ކޮޅަކަށްވެސް ނުފެނުނެވެ. ކައިޔަން ކުޑަކޮށް މާޔޫސްވިއެވެ. ފެނިގެން އަނެއްކާ މިއުޅެނީ ޖިންނިއެއް ނޫންބާވައެވެ. ؟؟؟
= ނުނިމޭ =
6 Comments!
Comments are closed.
Nice.maasha Allah ❤️ waiting next part..lol
E kuhjaa ah kiyaaani shayaa Ingey
Varah reethi Masha Allah and curiously waiting for the next part
thanks yan
will upload sooon 🙂
V reethi..masha allah..
Varah reethi
E kujja aky avleen
I read this story in 5 times