އެކުއްޖާ 2
* ”އަޝާން..! އުލްޔާ..! މިހާރު އެތެރެއަށް ވަދޭ..” ލަހުފާ ބާރަކަށް ގޮވާލިއެވެ. ކައިޔަންއާއި ޒިވީން އެއަޑަށް ދިނީ ބީރު ކަންފަތެކެވެ. “އަޅާނުލާ.. އަހަރެމެންނަށް މާފަސޭހައެއްނު.. ލަހުފާގެ އުފަންވާންއޮތް ދަރިޔައްޓަކައި މަޑުކުރޭ.. އެމީހުން ދާތާކަށް ގޮސްގެން އުޅެފާނެ.. މަގުމަތީގައި ނިދާފާނެ.. ޑަސްބިން ތަކުން ކައި އުޅެފާނެ.. ކިސަޑުން ފެން ބޮއިފާނެ.. ފެންވަރާނުލާ ގަދަ އަވީގައި ތެޅިފާނެ.. ނިކަމެތި ކަމުގެތެރޭގައި މަރުވެގެން ގޮސް ކުނިވެދާނެ..” މުޖާހިދު ލަހުފާގެ އަތުގައި ހިފާ ކޮޓަރީގެތެރެ އަށް ވަނެވެ. ބޭރުގައި ޕާކުކޮއްފައިވާ ކަޅުކުލައިގެ ޕްރައިވެޓްކާރަށް ޒިވީން އެރިއެވެ. އެއީ ކައިޔަންގެ ކާރެވެ. ލަގޭޖް ތައް އެތެރެއަށް ވައްދާލާފައި ކައިޔަން ކާރަށް އަރާ ދުއްވާލިއެވެ. ޒިވީން ކައިޔަންގެ އަތުގައި ކޮއްޓާލިއެވެ. ”ހްމްމް ކީކޭ ޒިވީ..؟؟” ކައިޔަން ޒިވީންއާއި ދިމާލަށް ބަލާލިއެވެ. “މީ ކާކު..؟” ޒިވީންގެ އަތުގައި އޮތް ފޮޓޯގަނޑަށް ބަލާލާފައި ކައިޔަންއަށް ހީވީ ފަރުބަދަފަޅިއެއް އޭނާގެ ބޯމައްޗަށް ވައްޓާލި ހެންނެވެ. ދެލޯ ބޮޑު ކޮއްލެވުނުގޮތަށް ކައިޔަންއަށް ޒިވީންގެ އަތުން އެ ފޮޓޯގަނޑު ޖަހައިގަނެވުނެވެ. *
”ދޮންބެ މިހުރިހާ ދުވަހު ޒިވީއަށް ދޮގުހެދީދޯ..؟ ބައްޕަގެ ވާހަކަ އަހާލާއިރަށް ދޮންބެ ބުނާނެ ނޭނގެޔޭ ބައްޕައެއް.. މިއީ ދޮންބެގެ އަލަމާރިން ނެގި ފޮޓޯގަނޑެއް.. މިއީތަ އަހަރެމެންގެ ބައްޕައަކީ…؟” ޒިވީން އެއްސެވެ. “ހޫމް…” ކައިޔަން ހަގީގަތް ހާމަކުރިއެވެ. “އެހެންވެއްޖެނަމަ މިއީ ކާކު..؟” އެހެން ފޮޓޯއެއްނަގާ ދައްކާލަމުން ޒިވީން އެއްސެވެ.
ކައިޔަން އެފޮޓޯއަށް ފުންނަޒަރަކުން ބަލާލިއެވެ. އެއީ އަވީނާ ދިން ފޮޓޯގަނޑެކެވެ. އެއީ އަވީނާގެ ފިރިމީހާގެ ފޮޓޯއެކެވެ.
“ތިއީ އަވީނާދައްތަގެ ފިރިމީހާ..” ކައިޔަން ޖަވާބުދިނެވެ. ކައިޔަން މޫޑު ގެއްލިފައި ހުރުމުން ޒިވީން ތުން ދަމާލާފައި ފޮޓޯގަނޑުތައް ދަބަހަށް ކޮއްޕާލަމުން ހައްޕުކިޔައިގެން ބޭރު ބަލަންފެށިއެވެ. ދުއްވަމުން ގޮސް ކައިޔަން މަޑުކޮއްލީ ރީތިވަރެއްގެ ގެއަކަށެވެ. “އާޗާ.. މިއީތަ އަހަރެމެން ދެން އުޅޭނެ ގެއަކީ…؟” ޒިވީން އެއްސެވެ. “ހޫމް.. ދެން މިހާރު އޮންނާނީ ދޮންބެ އަތުގައި ހުރިވަރުން ތިންމަހުގެ ރެންޓް ދައްކާފައި.. ބާކީ ދޮންބެގެ އަތުގައި އޮތީ ފޯޓީން ތައުސަން.. ދެން ދޮންބެ އާ ޖޮބަކަށް އެޕްލައިކޮއްފިން.. ސްކޫލްގެ އޮފީސް ބަޔަށް.. ދޮންބެގެ ގިނަ ފްރެންޑުންވެސް އެތާ އުޅެނީ.. އެހެންވެ ދެން އެތަނުން ލިބޭ ލާރިން ކަންކަން ހަމަޖެއްސޭނެ…” ކައިޔަން ބުނެލިއެވެ. ވީއުފަލުން ޒިވީން ކައިޔަންގެ ގައިގައި އޮޅުލައިގަތެވެ.
“ހޫމްހޫމް.. ޒިވީގެ މޭކަޕްތައް ދޮންބެގެ ގައިގައި ނުހާކާ އަވަހަށް ފައިބަން އުޅޭ.. އޭރުން އަވަހަށް މިރޭ ނިދާލެވޭނީ.. އަންޕެކް ކުރާނީ މާދަމާ..” ކައިޔަން ބުނެލިއެވެ.
ޒިވީން ކާރުން ފައިބައިގެން އެތެރެއަށް ވަންނަންދިޔައެވެ.
ފުދޭވަރުވެއެވެ. އެގޭގައި ހުރީ ބޭރުގައުމުތަކުގައި ގެތައް ހަދާފައި ހުންނަހެން ހަދާފައެވެ. ތިން ކޮޓަރި ހުރީ މަތީގައެވެ. އެތަނަށް އެރެނީ ސިޑިއަކުންނެވެ. ދެ ކޮަޓަރި ކަނާތް ފަރާތުގައި ހުންނައިރު އަނެއް ކޮޓަރި ހުރީ ވާތް ވަޅީގައެވެ. ދެން ތިރީ ބައިގައި ހުރީ ބަދިގެއަކާއި ކާމޭޒެކެވެ. ސިޓިންރޫމްގައިވެސް ބޮޑު ސޯފާ ސެޓްއަކާއި ކުޑަ މޭޒެއް ބަހައްޓާފައިވެއެވެ. އެ ފަޅުވެފައިވާ ގޭ ތެރެއިން ދިރުމަކަށް ފެންނަން ހުރީ ޓީވީގެ ގާތުގައި ހުރި ބޮޑު މަސްޓޭންކެވެ. ފްރިޖްގެ ގާތުގައި ބެލްކަންޏެއްވެސް ހުއްޓެވެ.
“ނުބުނަމެއްނު މިތަން މިހާ ފުރިހަމަވާނެއެކޭ…” ޒިވީން ހުރީ އަނގައިން ސޮނިވެއްޓޭވަރުވެފައެވެ. ”ވަރަށް ހިތްހެޔޮ ލޭންޑް ލޭޑީއެއް ހުރީ… އޭނަ ފަސްއަހަރަށް ކޯހެއް ހަދަން ފިލިޕީންސްއަށް ފުރާތީ ވަރަށް އަގުހެޔޮކޮށް ދިނީ.. އެމީހާ އުޅުނު ގޮތުން ދޮންބެ ހަނދާންވީ ހަމަ އަވީނާ ދައްތަ މަތިން.. ހުރީ ތިން ކޮޓަރި.. ޒިވީ ބޭނުމިއްޔާ ދޮންބެއާއި ޒިވީ ތިންވަނަ ކޮޓަރި ޝެއާކުރާނީ.. ދެން ހުރި ދެ ކޮޓަރި ޒިވީއަށާއި ދޮންބެއަށް ބަހާލާނީ.” ކައިޔަން ބުނެލިއެވެ. “ނޫން.. ޒިވީއަށް އެއްކޮޓަރިން ފުދޭ… މިހާ ޒަމާނެއް ވަންދެން އެކުކުޅު ހާލީގެ ތެރޭގައި ތެޅިފައި އަމިއްލަވަންތަކަން އިހުސާސްކުރެވުނީ އަދިކިރިޔާއޭ.. ތެދަށް ވެއްޖެއްޔާ އައިމް އިން ޓިއަރސް..” ޒިވީން އަވަސްއަވަހަށް ލޮލަށް ގިނަވެފައިވާ ކަރުނަތައް ފޮހެލިއެވެ. އަދި މައްޗަށް ދުއްވައިގަތީ ކައިޔަންއަށް ވުރެ ކުރިން ކޮޓަރިއެއް އަތުލާށެވެ.
ރަނގަޅަށް ބަލާލާފައި ޒިވީން ނެގީ ވާތްފަޅީގައި ހުރި ކޮޓަރިއެވެ. އެއީ ހިތްގައިމު ކޮޓަރިއެކެވެ. ކުރީގައި މީހުން އުޅެފައިވާކަން ދައްކައިދެނީ ފިރިހެނެއްގެ މުންޑާއި ދެ ގަމީސް އޮތުމުންނެވެ. ޒިވީން އެތަންތެރެ ކުޑަކޮށް ސާފުކޮއްލާފައި މޮޕު ލިއެވެ. މިހާރު ވަކިން ފުރިހަމައެވެ. ރަތް ކުލައިގެ ޑިޒައިނެއް ހުރި ޓައިލްސްތައް ހުރީ ވިދަވިދައެވެ. އެނދުގެ ބެޑްޝީޓާއި ބާލީސްތައް ރަތުން ހުރުމުން އެކޮޓަރީ ގައި އުޅުނީ ރަތް ކުލައަށް ލޯބިކުރާ މީހެއްކަން އަންގައިދެއެވެ. ޒިވީން އެނދުން ބެޑްޝީޓް ނައްޓާ ބާލީސް އުރަތައްވެސް ނައްޓާ ދޮންނަން ލިއެވެ. ދޮވެ ނިމުމުން ހިއްކަން ޖައްސާފައި ޒިވީން އިށީނީ ފޮށި ދޮށުގައެވެ. “ޒިވީ އާދޭ ކާން…” ކައިޔަން ގޮވާލިއެވެ. “ހޫމް..” ޒިވީން އޭރު އަންޕެކް ކުރަނީއެވެ. ކައިޔަން އެހެން ބުންޏެއްކަމަކު ޒިވީންއަށް ނިދޭނީ އަންޕެކްކޮއްފައެވެ.
ފޮއްޓަށް ގިނައިން އެޅިފައިވަނީ ރީތިވާ ސާމާނުތަކާއި ހެދުންތަކެވެ. ޒިވީން ހުރިހާ ހެދުމެއް ކޮނޑުގައި އަޅުވާފައި އެތަނުގައި ހުރި އަލަމާރީގެ ތެރެއަށް ލިއެވެ، މޭކަޕްސާމާނުވެސް ޑްރެސިންގ ޓޭބަލް ގައި އަތުރާފައި ޒިވީން ދުވަމުން ތިރިއަށް އައެވެ. އޭރު ކައިޔަން ކޮފީ ގިރަނީއެވެ. ”ބަލައިގެން ބަލައިގެން.. ސްޓެއަރސް ހުންނަ އިރު ކޮންމެ ދުވަހަކު ތިހެން ފައިބަން ހަދާނަމަ އެއް ދުވަހަކުން އޮންނާނެ ފަތަފޮޅިއެއްހެން ވެއްޓިފައި..” ކޮފީ ތަށި ތުމުގައި ޖައްސާލަމުން ކައިޔަން ބުނެލިއެވެ.
“އޭތް.. އަވީނާ ދައްތަ ނެތަސް އެނގެންވާނެ ކޮފީ ނުބޯން..” ޒިވީން ލޯއަޅާލިއެވެ. “އޭތް ދެން ފާޑުފާޑު ނުވެބަލަ.. ޒިވީއަށްވެސް މިހާރު ތި ސޯޅަ އަހަރުވަނީ.. ކޮފީ ނުބޮވެންޏާ ލައިފްއަކީ ކޮބާތަ..؟” ކައިޔަން އެއްސެވެ. “ކޮފީއާއި ނުލާވެސް ދިރިހުރެވޭނެ ނޫންތަ..؟؟” ޒިވީން ބުނެލާފައި ކުރިމަތީގައި ހުރި މިލްކް ކޮފީތަށިން އެތިފޮދެއް ބޯލިއެވެ. “ހޫމް.. ޒިވީ މާދަން ސްކޫލަށް ވެސް ދާން ޖެހޭނެއްނު..؟ މިއީ ހޮނިހިރު.. އަދި ބުނަންތަ.؟ ދޮންބެއަށް ހެޔޮ ގެއަށް ފްރެންޑުން ގެނަޔަކަސް.. އެކަމަކު ނުދަންނަ މީހެއް އެތެރެއަށް ނުވައްދާތި.. ގޭތެރެ ރަގަޅަށް ލޮކް ކޮށްގެން ހުންނާތި.. ދޮންބެ ގޭގައި ނެތް ވަގުތެއް ގައި ދޮންބެ ބޭނުމެއްނޫން ޒިވީ ގޭތެރެއަށް ވަގެއް ވައްދާލާކަށް… މާދަމާ ދޮންބެ ޑިއުޓީއަށް ދާންވާއިރަށް އެބަޖެހޭ އަދި ތައްޔާރުވެލަން..” ކައިޔަން ބުނެލިއެވެ.
“ކޮން ޑިއުޓީއެއް..؟” ޒިވީން އެއްސެވެ. “ސްކޫލްގެ އޮފީސްބައިން.. ލައިކް ވަރަށް އީޒީ ޖޮބެއް… މަހަކަށް އެއިޓް ތައުސަންޑް ލިބޭ.. ދޮންބެއަށް ޔަގީން އެންމެ ދެމީހުންނަށް އެވަރުން ރަނގަޅަށްވެސް ހަރަދު ކުރެވޭނެކަން.. އެކަމަކު ޒިވް.. ލާރިއަށް ބަލައިގެން އިނގޭ ހަރަދު ކުރަންވާނީ… ޒިވީ ދޮންބެގެ އެއްޗެހިތައް އިސްތިރި ކޮއްދެއްޗޭ އިނގޭ….” ކައިޔަން އެހެން ބުނެލާފައި މައްޗަށް އެރިއެވެ. އަދި ޒިވީން އަންނަން ވާއިރަށް ލަގޭޖް އިން ކަޅު ޖިންސަކާ އަޅި ޓީޝާޓެއް ނެގިއެވެ. ކައިޔަން ކޮޓަރިން ނުކުމެފައި ތިންވަނަ ކޮޓަރިއަށް މިސްރާބު ޖެއްސެވެ. އެއީ ކައިޔަންގެ އޮފީސް މަސައްކަތްތަކަށް ހާއްސަ ކޮޓަރިއަކަށް ހެދިއެވެ. ކޮމްޕިއުޓަރާއި ހުރިހާ އެއްޗެއްވަނީ ތައްޔާރު ކޮއްފައެވެ.
ގަނޑުތަކަކާއި ފައިލްތަކެއް ކަބަޑުތެރެއަށް ކޮއްޕާލަމުން ކައިޔަން ގޮނޑިއަށް ވެއްޓިގަތެވެ. އޭރު ޒިވީން އިސްތިރިކުރަން ހުއްޓެވެ. މާދަމާ ދިޔުމުގެ ކުރިން ނިންމަން ޖެހޭ ދެތިން އެއްޗެއް ނިންމާލުމަށްފަހު އެއްޗެހި ބަދަލުކުރިގޮތަށް ކައިޔަން ވެއްޓިގަތީ އެނދަށެވެ. ޒިވީން އިސްތިރި ކޮށް ނިންމާފައި ނިދަން ގޮސްފިއެވެ.
ހެނދުނުގަޑީގައި ކައިޔަންއަށް ހޭލެވުނީ ޓޮއްޓޮއް ކިޔާފައި އަޑެއް އިވޭތީއެވެ. ކައިޔަން އަޅާނުލީ އެއީ ޒިވީން ކުރާ ކޮންމެވެސް ކަމަކަށްވާނެކަން އެނގޭތީއެވެ. ފެންވަރާލިގޮތަށް ކައިޔަން ޓީޝާޓާއި ޖިންސު ލައިގެން ރީތިވެލިއެވެ. ދަބަހަށް ގަލަމާއި ދެފައިލަކާއި ލެޕްޓޮޕް ލުމަށްފަހު ސެންޓު ބުރުވާލައިގެން ކައިޔަން ނުކުތެވެ. ފޯނު ޖީބަށް ކޮއްޕާލަމުން ކައިޔަންއަށް ބޭރަށް ބަލާލެވުނުތަނާ ވަގުތުން ގާތަށް އައީ ހިންޏެވެ.
“ޒިވީ ކޮން ބޭކާރު މަސައްކަތެއްތަ ތިކުރަނީ..؟” ކައިޔަން އެއްސެވެ. އޭރު ޒިވީން ހުރީ މަރުތޭލެއް ހިފައިގެންނެވެ. އޭރު ސިޑިގާތު ފާރުގައި ފުދޭވަރަކަށް ފޮޓޯފްރޭމްތަކެއް ހަރުކޮއްލާފައިވެއެވެ. “މިއީ ޒިވީމެން އުޅޭ ގެއެއްނު..؟ އެހެންވީމައި ރީތިކޮއްލަނީ.. މިބުނަނީ މިގެ ހަޑިވާހަކައެއްނޫން.. ފަޅުވާހަކަ.. އެހެންވެ..” ޒިވީން މަރުތޭލު ބިންމައްޗަށް ވައްޓާލަމުން ފޮޓޯފްރޭމްއެއް ހަރުކޮއްލިއެވެ. އެފޮޓޯގައިވަނީ ޒިވީންއާއި ކައިޔަންއާއި އަވީނާއެވެ.
“އޯކޭ.. ދެންވެސް ދޭބަލަ ތައްޔާރުވާން.. މިހާރު ހަގަޑި ފަނަރަ ހިނގީ.” ކައިޔަން މަރުތެޔޮ އަތުލަމުން ޒިވީން ފޮނުވާލިއެވެ.
ޒިވީންއައީ ތައްޔާރުވެގެންނެވެ. ހުދުކުލައިގެ ޔުނީފޯމާއެކީގައި ބެގީޖަހާލާފައިވާ ނޫކުލައިގެ ސްކާޓެކެވެ. ނޫކުލައިގެ ޓައީ އައްސަމުން އިސްޓާކީން ލައްވަމުން ޒިވީން އައީ ދެފަރާތަށް ކިރެމުންނެވެ. “ހޫމް.. މިއަދު އިންޓަވަލް ދޮންބެ ކްލާހަށް ފޮނުވައިދޭނަން.. އޯކޭ..؟” ކައިޔަން އެއްސެވެ. “ދޮންބެ ކެންޓީނުން އިނގޭ ގަންނާނީ..” ޒިވީން ދަބަސްކޮނޑުގައި އަޅުވާލައިގެން ނުކުތެވެ.
ދޮރު ރަނގަޅަށް ތަޅުލާފައި ކައިޔަން ކާރަށް އެރިއެވެ. ސްކޫލް ހުންނަނީ ފުދޭވަރަކަށް ދުރުގައެވެ. ކައިޔަން އާދައިގެ ސްޕީޑެއްގައި ކާރު ދުއްވާލާފައި ކައިޔަން ކާރު ގޮސް ޕާކުކުރިއެވެ.
ކައިޔަންއަށް ސްކޫލަށް ވަދެވުމުން ކުރެވުނީ ތަފާތު އިހުސާސެކެވެ. އިކުވާންއާއި ރަނާއާއި ގްރޫޕްއާއެކީ ގައި ސްކޫލްތެރޭ ކުރެވުނު މޮޔަކަންތައްތަކާއި ދޭތެރޭ ވިސްނާލާފައި ކައިޔަންގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
“އޭ ކައީ..!” މާދުރުން ރަނާ އައެވެ. ރަނާ ހުރީ ވަޒީފާއަށް ދާތީ ވަރަށް ރީތިވެލައިގެންނެވެ. ލައިގެން ހުރި އައިސްބްލޫ ޖިންސާއި މެރޫން ކްރޮޕްޓޮޕް ރަނާއާއި ވަރަށް ގުޅެއެވެ. ހެދުމާއި ގުޅޭގޮތަށް ތުންފަތު ގައި ޖައްސާލާފައިވާ މެރޫން ކުލަ ނުހަނު ރީއްޗެވެ. ކޮނޑުގައި އަޅުވާފައިވާ އެންމެ ފަހުގެ ހޭންޑް ބޭގުން ރަނާއަކީ ސްޓައިލިޝް ކުއްޖެއްކަން ދައްކުވާދެއެވެ.
“ކިހިނެތްވީ..؟” ކައިޔަން އެއްސެވެ. “އިއްޔެރޭ ތިގެއަށް ކައި ހޯދަން ދިޔައީމޭ.. ލަހުފާއްތަ ހުރެ ބަހައްޓާފައި ވަރަށް ރުޅިއައިސް ބުނީ އަހަރެން މޮޅިއްޔާ ކައިޔަން ހޯދާށޭ… އަހަރެން ދެން ބުނާނެ އެއްޗެއް ނޭނގިގެން ދިޔައީ.. ހާދަ ކަޑައެއް ވިޔޭ.. މުޖާހިދުބޭ ވެސް ހުރީ ލޯ އަޅާލައިގެން.. އިއްޔެރޭ އަދި އިޝާނަމާދަށްފަހު ޔޫޝުައަލްއެއް ބޭއްވިޔޭ އެނގޭތަ..؟ ކައި ނެތީމަ ޔޫޝުއަލް އޮތީ ފަޅުކޮށް..” ރަނާ ޝަކުވާކޮއްލާފައި ކައިޔަންގެ އަތުގައި އެލިގަތެވެ. ކައިޔަން އަވަހަށް ރަނާގެ އަތުން ސަލާމަތްވިއެވެ. ރަނާ އުޅޭގޮތުން ކައިޔަން ބައެއްފަހަރު ލަދުގަނެއެވެ. ކައިޔަން ކިތަންމެ ސަކަފާޑަކަށް އުޅުނަސް ސިކުނޑި ކޮންމެވެސް ވަރަކަށް ހަރުދަނާކަން ހުރުން އެއީ އޭނަގެ ނަސީބު ކަމުގައި ދެކޭ ބައެއް މީހުންވެސް އުޅެއެވެ. “އާނ.. ރަނާއަށް ނޭނގޭނެ.. ޒިވީ ގޮވައިގެން ކައި އެހެން ގެއަކަށް ބަދަލުވީ.. ލޮކޭޝަން ފޮނުވާނަން އިނގޭ..” ކައިޔަން ބުނެލިއެވެ. “އެހެން ގެއަކަށް ބަދަލު ވިއްޔޭ..؟ އެކީއްވެ..؟” ރަނާއަށް ވަގުތުން ސުވާލު ކުރެވުނެވެ.
“އެއީ އަތިރިމައްޗާއި އެގެޔާ ގާތްވާނެ.. އެހެންނޫނަސް.. މިރޭ ޔޫޝުއަލް ބާއްވާތަ.؟” ޔޫޝުއަލް އަކީ ކައިޔަން ރާވައިގެން އުޅޭ އެއްޗެކެވެ. އެއީ ކޮންމެ ރެއަކުހެން ގާތް އެކުވެރިންނާއެކީ އެމީހުން ބާއްވާ ގެޓް ޓުގެދަރ އެކެވެ. އެތަނުގައި ލަވަ ޖެހުމާއި މަޖާ ކުރުން އޮންނާނެއެވެ. ކިތަންމެ އާދައިގެ ގޮތަކަށް ޔޫޝުއަލް، މިނަން ދުލުން ބޭރު ކޮއްލެވުނަސް އެތަނަށް ދާ މީހަކު އަލުން ދާ ހިތްވާނެއެވެ. އެހާވެސް މަޖާވާނެއެވެ. ޔޫޝުއަލް އަށް މީހުން ގިނަވާ ސަބަބަކީ އެޔެވެ. “ޔޫޝުއަލް މިރޭ ބާއްވަންތަ..؟” އަނެއްކާ ކައިޔަން އެހެންކިޔާ އަވަހަށް މައުޝޫ ބަދަލުކޮއްލީ ރަނާ އެކަމާއި ގުޅޭގޮތުން އިތުރު ސުވާލެއް ކޮއްފާނެތީއެވެ. ރާނީއަށް ވިޔަސް ކައިޔަން އެވާހަކަ ކިޔައިދޭ ހިތެއްނުވިއެވެ. އަމިއްލަ ނަފްސަށްވެސް ބަހައްޓައިގެން ގެންގުޅޭ ކަންކަން އޮންނާނެ ވިއްޔާއެވެ. “ހޫމް މިރޭވެސް ބާއްވާނެ.. އަންނާތި..” ރަނާ ބުނެލިއެވެ. ކައިޔަން ބޯ ޖަހާލާފައި އެނބުރުނެވެ. “މަޑުކޮއްބަލަ.. ކައި މިތަނުގައި ކީއްކުރަނީ މާހެނދުނާ..؟؟ ގައިމުވެސް ތިހާ ތިހާ ރީތި ވެގެންނެއް ޒިވީން ސްކޫލަށް ލާން ކައިއެއް ނާންނާނެ..” ރަނާ ފާޑަކަށް ލޯހަނިކޮއްލަމުން ބުނެލިއެވެ.
“މިތަނުން ކައި ޖޮބް ހޯދައިގެން މިއުޅެނީ… ގައިމުވެސް އިތުރަށް ކިޔަވާ ޚިޔާލެއް އަދި ނެތް.. ރަނޫ ވެސް ތިއުޅެނީ ކޮސްމެޓިކް ފިހާރައެއްގައި ޖޮބްގައެއްނު..؟ ދެން ކައިއަށްވެސް ވަކިން ޖޮބެއް އަދާ ނުކުރެވެނީތަ..؟” ކައިޔަން އެއްސެވެ. “އެހެންނެއް ނުބުނަމެއްނު..؟ ދަނީއޭ.. ފަހުން ގުޅައްޗޭ..” ރަނާ އަތްހޫރުވާލާފައި އެންމެ ގާތަށް އޮތް ގޯޅިން އެޅިއެވެ.
ޖެހުނު ވަޔަށް ކައިޔަންގެ މުށިކުލަ އަރާފައިވާ ރާޅުބާނި އިސްތަށިކޮޅުތައް ވިހުރުވިގެންދިޔައެވެ. ފުން ނޭވާއެއްލާފައި ކައިޔަން އޮފީސް ބަޔަށް ވަންނަންދިޔައެވެ.
ކައިޔަން އޮފީހަށް ވަނީއްސުރެ އެކަކުގެ ނަޒަރަކުންވެސް ކައިޔަން ދުރެއްނުވެއެވެ. އެމީހަކަށް ހަވާލު ކޮއްފައިވާ މަސައްކަތަކީވެސް ނެތް އެއްޗެއް ފަދައެވެ. އެންމެންގަނޑުގެ ލޯތައް ވަނީ ކައިޔަންއަށް ހުއްޓިފައެވެ. ސްމާޓް ގޮތަކަށް ހިނގާލާފައި ކައިޔަން އޮފީހުގެ އެއްކޮޅުން އަނެއް ކޮޅަށް ދިޔައެވެ. ”އޭތް ކައިޔަން…” ދަންނައަޑެއް ފަހަތުން އިވުމުން ކައިޔަން ބަލާލިއެވެ.
އެއީ ރަނާގެ އެންމެގާތް އެކުވެރިޔާ ހައިނާއެވެ. ”އޭތް ހައީ..” ކައިޔަން އަތް ހޫރުވާލިއެވެ. “ކީއްކުރަން މާ ހެނދުނާ މިތަނަށް އައިސްގެން ތިއުޅެނީ..؟ ޒިވީއަށް ފޯރމްއެއް ނަގަން ބޭނުންވީތަ..؟” ހައިނާ އެއްސެވެ. “ނޫން.. ކައިވެސް މިތަނުން ޖޮބެއް ހޯދީ.. ކައިއަަކަށް ނުދެވޭނެ ރަނާގާތަށް އެ ކޮސްމެޓިކްސް ފިހާރަށް.. އެތަނުން އަރާނީ ތަފާތު ސެންޓުތަކެއް މިކްސްވެފައިވާ ކަހަަލަ ވަހެއް.. އެހެންވެ ވަަރަށް ބޯ އަނބުރާ… ހިތަށް އަރާ ރަަނޫމެން ކިހިނެތްބާވައޭ އެތަނުގައި ކެތްކުރަނީ..” އެ ހުރިހާ ސުވާލެއް ހައިނާ ކުރުމުގެ ކުރިން ކައިޔަން ބުނެލިއެވެ. “އެހެންދޯ..؟ ހައިވެސް އެތަނުގައި މަސައްކަތް ނުކުރީ އެެހެންވެ..” ހައިނާވެސް ކައިޔަންއާއި އެއްބައި ވެލިއެެވެ. “ހައި ކޮން މަސައްކަތެއް ކުރަނީ..؟” އޮޅުން ފިލުވުމުގެ ނިޔަތުގައި ކައިޔަން އަހާލިއެވެ. “ޓެސްޓް ޕޭޕަރތަކާއި ބެހޭ ބައިގައި..” ކުރު ޖަވާބަކުން ހައިނާ ފުއްދާލިއެވެ. “އޯވް..” ކައިޔަން ގަޑި ބަލާލިއެވެ. “އޯހް.. އިއްޔެރޭ ޕާޓީއަށް ނައީ ކީއްވެ..؟ އިކުވާންއާއި ރަނޫވެސް ހުރީ ފޫހިވެފައި.. ފޯރިގަދައެއްވެސް ނޫން..” ހައިނާ ސުވާލުކުރިއެވެ. “ލޯންގް ސްޓޯރީ.. ހެހެ..” ކައިޔަން ހީނލިއެވެ. “އެވާހަކަ ފަހުންދޯ.. އަދި ބުނަން.. ބައިވަރު އިވެންޓުތައް މިއަހަރުވެސް އެބަހުރި ޕްލޭން ކޮއްފައި.. ކައިޔަން ބައިވެރި ވައްޗޭ..” ހައިނާ އަތްހޫރުވާލާފައި ހައިނާއަށް ޚާއްސަކުރެވިފައިވާ ގޮނޑީގައި އިށީނދެ މަސައްކަތްފެށިއެވެ.
ކައިޔަން އިށީނެވެ. އޭނާގެ ގޮނޑީގައެވެ. ހިތްފަސޭހަ ތަނެކެވެ. ކުޑަދޮރުގާތުން ގޮނޑިއެކެވެ. އެއްވެސް މީހަކު ކައިޔަންއާއި އެއްސެކްޝަންއެއްގައި މަސައްކަތެއްނުކުރެއެވެ. އެކަމުގެ ސަބަބުން ކުޑަކޮށް ފޫހިވިނަމަވެސް ކައިޔަން މަސައްކަތައިގެން ކުރިއަށްދިޔައެވެ. ސްލިޕް ކޮޅުތައް ކައިޔަން ލިޔެ ނިންމާލީ ނުހަނު އަވަހަށެވެ. ފަރިތަކަމާއިއެކީ ދިވެހިން ޓައިޕް ކުރަން ކައިޔަންއަށް އެނގުމަކީ ކައިޔަންއަށް ވަޒީފާ ލިބުނު އެއް ސަބަބެވެ.
ކައިޔަންއަށް ބްރޭކްގަޑި ލިބުނީ ދިހައެއްޖެހިއިރުއެވެ. އޮފީހުން ނުކުމެ ކައިޔަން ނިންމީ ކްލާސްތައް ގާތުން ލާފައި ކެންޓީނަށް ދާށެވެ. ސްކޫލްގެ ހަނދާންތައް އާވާތީއެވެ.
ކައިޔަން ފުރަތަމަކްލާސް ކުރިމަތިން ދާއިރަށް ކްލާހުގައި ތިބި އެންމެން ހީވީ މޮޔަވިހެންނެވެ. ކައިޔަން ހިނގުން ބާރުކޮއްލިއެވެ. ބައެއްކުދިންތައް ކްލާހުން ނުކުތުމުން ކައިޔަންއަށް މަޖުބޫރުވީ ދުވާށެވެ.
އޭރު ކްލާސްތެރޭގައި ހުރި ޓީޗަރު ކުދިންތައް މައިތިރިކުރެވޭތޯ އުޅުނެވެ. ކައިޔަންއަށް ހަމަޖެހެވުނީ ކެންޓީނަށް ވަދެވުމުންނެވެ. ކައިޔަން ކޮފީތައްޓަކާއި ސޭންޑްވިޗަކަށް އޯޑަރުކޮއްފައި އެކަހެރިކޮށް ހުރި މޭޒެއްގައި އިށީނެވެ. ކެންޓީންގައި މަސައްކަތް ކުރަމުންދިޔަ މީހުންގެ ސަމާލުކަންވެސް ހުއްޓިފައިވަނީ ކައިޔަންއަށެވެ. އެހެން ޓީޗަރުންނާއި ކުދިންއައިސް ދޭއޯޑަރުތައް އެމީހުންގެ ކަންފަތަށް އަޑުނީވޭކަހަލަ އެވެ. ކައިޔަންއަށް ކޮފީއާއި ސޭންޑްވިޗް ގެނެސްދިނުމުން އެހުސްކޮއްލައިގެން ކައިޔަން ނުކުތެވެ. އޭރު ބްރޭކަށް ލިބުނު ކުޑަވަގުތުކޮޅުވެސް ހަމަވެއްޖެއެވެ.
އެގާރަގަޑި ފަންސާސް ހިނގިއިރު ކައިޔަން ހުރިހާ މަސައްކަތެއް ނިންމާލައިފިއެވެ. ކައިޔަން ދަބަސް ހިފައިގެން ނުކުތީ ޒިވީން ބަލާދާށެވެ. ”ޒިވީ..” ކައިޔަން ތަންކޮޅެއް ދުރުގައިހުރެ އަތްހޫރުވާލައިފިއެވެ. ޒިވީން އަވަސްއަވަހަށް ދަބަސް ކޮނޑުގައި އަޅުވާލައިގެން އައީ ދުވެފައެވެ.
”ޒިވީ ހާދަބާރަކަށް ތިއަންނަނީ.؟” ކައިޔަން އެއްސެވެ. “ހޫމް.. އެނގޭތަ.؟ ޒިވީމެންގެ ކްލާހަށް އަލަށް އައި ކުއްޖަކު އައިސްފި. އަލާން ކިޔަނީ.. ސުޕަރ ނައިސް.. މިސް އޭނަ ބޭންދީވެސް ޒިވްގެ ގާތުގައި.. ވަރަށް ހޮޓް.. އެންޑް އޭނަ ޖަހާފައި ހުންނަ ސެންޓުންވެސް ލައިކް ކީކޭތަ ބުނާނީ..؟؟ މައިންޑް އޯޕެން ވޭ.. ވަރަށް ވަރަށް ހޮޓް… ބްލެކް ބްލެކް ދެލޮލާއި މީހުން މޮޔަކޮއްލާ ކަހަލަ ސްމައިލް އެއް.. ހިތް ގުޑާލާ ކަހަލަ އަޑެއް… މިބުނީ ވާހަކަ ދައްކާ ގޮތްވެސް.. ދެން އާހްހް..!!” ޒިވީންއަށް ވާހަކަ ދައްކަމުން ދައްކަމުން ގޮސް ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގޭހާ ހިސާބަށް ދިޔައެވެ. “ދޮންބެ މީ ދިވެހި ޓީޗަރު ކަމަށްވަންޏާ ސިފަ ކުރުމަށް ޒިވީއަށް ދޭނަން ފުލް މާރކްސް.. ޅެންވެރި ކޮއްކޯ.. އެހެންވެގެންތަ ގައިގައި އަލިފާން ރޯވެގެން ދުވާހާ ބާރަށް ދުވެފައި ތި އަންނަނީ..؟؟” ކައިޔަން އެއްސެވެ. ”ނޫނޭ.. އެއްކަލަ ފައިހާންގެ އުނދަގޫގަނޑު ޖެހިގެން މިއުޅެނީ.. އެނގޭނު ފައިހާން.. ދަ އެނޯޔިން ވަން..؟؟” ޒިވީން ތުންއަނބުރާލިއެވެ.
ކުއްލިއަކަށް ފައިހާން ކްލާހުން ނުކުތެވެ. ފައިހާންއަކީ ރީތި ކުއްޖެކެވެ. ނަމަވެސް ފައިހާން މިޒާޖު ހުންނަ ގޮތުން ޒިވީން ފައިހާންދެކެ އަންނަނީ ރުޅިއެވެ. އެއްޗެކޭ ބުނަންވެސް ނޭވާ އިހުސާސްވާހާ ގާތްވާނެއެވެ. އެއްޗެއް ދޭންވެއްޖެނަމަ ގައިގައި ބީހިނުލާ ނުދޫކުރާނެއެވެ. މިހިރަ މިހިރަ ކަންތަކާ ހުރެ ޒިވީން ހުންނަނީ ހުރެވެންޏާ ފައިހާންއާއި ހަތަރުކަޅި ހަމަ ނުކުރަން ނިންމައިގެންނެވެ.
ފައިހާން އައިސް އަނެއްކާ ޒިވީންއާއި ގާތްވެލާފައި ކުޑަކުޑަ ފިނިފެންމަލެއް ޒިވީންއަށް ދިއްކޮއްލިއެވެ. އެފިނިފެންމާ އަތުލީ ކައިޔަންއެވެ. “ލިސެން.. މީގެފަހުން ޒިވީއަށް އެއްވެސް އުނދަގުލެއް ކޮއްގެންނެއް ނުވާނެ.. ޒިވީން ހިތްހަމަ ނުޖެހެންޏާ ކަލޭ އޭނައާއި ވައި އެޅިގެންވެސް ނުވާނެ.. އެނގިޖެތަ..؟؟؟” ކައިޔަން ފައިހާންގެ އަތުން މާ ނަގާ ދެއަތުން މާ މެދުން ބިންދާލާފައި ފިޔަތައް ފައިހާންގެ ބޮލަށް އަޅާލިއެވެ.
ގަންނާ ކުރެއްވި ބިރުން ފައިހާން ބޯ ފޮޅާލާފައި ވަގުތުން އަނބުރާ ކްލާހަށްވަނެވެ. “ތޭންކްސް ދޮންބޭ.. ލައިފް-ޓައިމްއެއްގެ އުނދަގުލަކުން ތި ސަލާމަތް ކޮށްދިނީ..” ޒިވީން ހީގަތެވެ. “ހޭ އައި ގޮޓް ޔޯ ބެކް.. އަދި ދޮންބެއަށް އެނގޭ ޒިވީ މީހަކު ނަގާނަމަ އެމީހަކު ވާނީ ދޮންބެސް ލައިކްވާނެ ކަހަލަ މީހަކަށްކަން…” ކައިޔަން ހިނިތުންވެލަމުން ސިޑިން ފައިބައިގެންގޮސް ކާރަށް އެރިއެވެ.
ކައިޔަންއަށާއި ޒިވީންއަށް ގެއަށް ފޯރުނުއިރު ކައިޔަންމެންގެ ގޭ ކުރިމަތީގައި ހުރި ގެއަށް ބަޔަކު ބަދަލުވިކަމުގެ ނިޝާން ތައް ފެނެއެވެ. އެގޭގެ ގާތުގައި ޕާކުކޮއްފައި ބޮޑު ޕިކަޕެއް އޮތެވެ. އޭގެން ކޮންމެވެސް ދެމީހަކުވެގެން މުދާތައް ބާލަމުންދިޔައެވެ. “އާ ނެއިބަރސް.. މިރޭ ވާނެ އެމީހުންނަށް ވެލްކަމް ކިޔަންދާން..” ޒިވީން ވަގުތުން ގޮތެއް ނިންމިއެވެ. ކައިޔަން ބޯޖަހާލިއެވެ.
ގެއަށް ވަދެފައި ކައިޔަން ފުރަތަމަވެސް ދިޔައީ ކޮޓަރިއަށެވެ. ޓައީ އަޅުވަން ކައިޔަން ކުޑަދޮރުގެ ގާތަށް ގޮސް ކައިޔަންއަށް ވީގޮތަކުން ކުޑަދޮރުން ބޭރަށް ބަލާލެވުނެވެ. ކުއްލިއަކަށް ކައިޔަންގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ގޭގެ ބޮޑު އުނދޯލީގައި އިށީނދެގެން ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާ ހުރީ ފުރަގަސްދީގެންކަމުން އެކުއްޖާގެ މޫނު ރަނގަޅަކަށެއް ނުފެނެއެވެ. ނަމަވެސް ދިގުކަމުން ބިންމަތީ ގައި ކޭއްތޭވަރުގެ ކަޅު ކުލައިގެ ފަންފަން އިސްތަށިގަނޑެއް އެކުއްޖާއަށް ލިބިފައިވެއެވެ. އެކަޅުކަންގަދަ ފަން އިސްތަށިގަނޑު ކައިޔަންއަށް ކަމުދިޔައެވެ. އެއީ ކާކުތޯ ހޯދަން ކައިޔަންގެ ހިތުގައި ވިންދެއް ޖަހާލީ ކީއްވެގެން ކަމެއް ނޭނގެއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.





2 vana bai ves V salhi…hope for the 3rd part very soon..keep it up yooon?
Varah Reethi.maasha Allah. Kai ah mihaaru efenun girl kuhjaa ah kiyaanii shayaa ingey.plz plz plz shayaa name used.
HAhahahaha…. amilla meehaa comment kohfa
Hahahahaha…..hama hevenii…kuraane kameh netheetha???…amilla vaahaka ah comment kuran
Vv salhi mi prt vx….whn nxt prt..waiting fr nxt prt…
thnx v much Sherher… varah avahah nxt bai ves up kohdheynan 🙂