
އެކުއްޖާ 1
“އާދޭ އަތްލަން.. ޔަގީން ނާތްލެވޭނެކަން…” އަތިރިމަތީގެ ހުދު ދޮންވެލިގަނޑުމަތީގައި ވައިރޯޅިއެއްހާ ބާރަށް ދުވެފައިދަމުން ކައިޔަން ބުނެލިއެވެ. “ކައީ! މަޑު…” ކައިޔަންގެ ފަހަތުން ދުވެފައި އައި ރަނާ ވަރުބަލިވެގެން ދޮންވެލިގަނޑުމައްޗަށް ވެއްޓިގަތެވެ. ފަހަތުން އައި އިކުވާން އިށީނދެގެން އިން ރަނާގެ ގައިގައި ޖެހި އިދިފުށަށް ވެއްޓުނެވެ.
ކައިޔަންއަކީ ސަތާރައަހަރުގެ ކުއްޖެކެވެ. އެންމެންވެސް ކައިޔަން ސިފަކުރަނީ ރަސްކަލެއްގެގޮތުގައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ބިޔަ ހަށިގަނޑާއި ރީތިކަމުންވެސް ކައިޔަންގެ ނަންވަނީ މަޝްހޫރު ވެފައެވެ. ދިގުވެފައިވާ ބުޅި އިސްތަށިގަނޑު ފަންކަމުން ޖެހޭ ކުދި ވައިރޯޅިތަކުންވެސް އިސްތަށިގަނޑު ވިހުރުވާލައެވެ. ކައިޔަން ދާކޮންމެތަނެއްގައި އުޅޭ އެކަކު ވެސް އެއްގޮތަކަށްވެސް ކައިޔަންގެ މަތިން ހަނދާނެއް ނުނެތޭނެއެވެ. އެހާވެސް ކައިޔަން ނުފޫޒު ގަދައެވެ.
ރަނާއަކީ ކައިޔަންގެ ރާނީއެވެ. އެއީ އެންމެންނަށްވެސް އެނގޭ ހަގީގަތެކެވެ. ނަމަވެސް އަދި އެއީ އެކުވެރިންނެވެ. ރަނާއަކީ ދިގު އިސްކޮޅަކާއި ބުޅި އިސްތަށިގަނޑެއް ލިބިފައިވާ ދޮން ކުއްޖެކެވެ. ހުރިހާ ގޮތަކުންވެސް ކައިޔަންއާއި ގުޅެއެވެ. ނަމަވެސް ރަނާއަކީ ވަރަށް ގޮތް ދޫނުކުރާ ވައްތަރު ހުރި ކުއްޖެކެވެ. ރަނާ ކުރާ ކަމެއް ކުރާނީ ފަހަށް ވިސްނާނުލައެވެ. ރަނާ ގޮތެއް ނިންމައިފިނަމަ ދެން އެވީއެވެ. އެހެން އެކަކުގެ ޚިޔާލާއި ފިކުރަކީ ރަނާ ބޭނުންވާ އެއްޗެއްނޫނެވެ. އިކުވާންއަކީ ކައިޔަންގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެން އެ ތިން މީހުންނާއި އެންމެ ގާތްވާނީ ރަނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ހައިނާއެވެ.
“ކޮންކަމެއްތަ ކަލޭމެން ދެމީހުން ތިކުރަނީ.؟ މަ އަތްލަން އަންނާށޭ ބުނީމައި ކޮން ސަކަރާތެއްތަ..؟” ދުވެފައި ދަމުން ކައިޔަން ގޮވާލިއެވެ. “ސާބަހޭ.. ދުވަސްގަނޑެއް ކޮއްލާފައި ޕިކްނިކް އާދެވުނީމައި ކައި ވެސް ވެއްޖެވިއްޔާ އަތްލާ ކުޅެން.. ހަތް އަހަރުގެ ކުޑަ ކުދިންނެއް ނޫންވިއްޔާ މީ…” އިކުވާން ތެދުވިއިރު ހީވަނީ ވެލި މާއްޔެއް ހެންނެވެ. “ދެން މަ ކުޅެން ބޭނުމޭ.. ކުރީގެ ހަނދާންތައް އާ ވެއެންނު..؟؟ ދެންވެސް އާދެބަލަ..” ކައިޔަން އެެހެން ބުނެލާފައި ދުރަށް ދުއްވައިގަތެވެ. ވައިރޯޅިއެއްހާ ހަލުވިކޮށް ދުއްވައިގަތް ކައިޔަންއާއި ދިމާލަށް ބަލާާލާފައި އިކުވާން މޫނުގައި ތަތްލަވާފައި ހުރި ވެލިފުށްތައް ކަހާލިއެވެ.
“ދެން ނާތްލެވޭނެ.. އެއަށްވުރެ ވަރުބަލިވެއްޖެ…” ކައިޔަން ފަހާ ދުވެދުވެފައި ރަނާ ދޮންވެލިގަނޑުގައި ދެމިލިއެވެ. އެ ބުޅި އިސްތަށިކޮޅުތައް ޖެހޭވަޔަށް ނިތްމައްޗަށް ވެއްޓެމުންދިޔައެވެ. އިކުވާން ދުއްވައިގަތީ އެމީހުންނާއެކީގައި އަތިރިމައްޗަށް ޕިކްނިކްއަށް އައި ކުދިންކޮޅެއް ގޮވާލުމުންނެވެ.
“ސާބަހޭ… ރަނޫވެސް ހާދަ އަވަަހަކަށް ވަރުބަލިވަނީ..؟” ދުވުން ހުއްޓާލާފައި ކައިޔަން އަހާލިއެވެ. “ކައި ފްލޭޝް ހާ ބާރަށް ދުވަންޏާ އަތުވާނީ ކިހިނެތް..؟” ރަނާ އަހާލިއެވެ. “އޯކޭ.. އެބަ އަންނަން އިނގޭ ހިނގާލާފައި…” ކައިޔަން ހިނގައިގަތީ ދުރަށެވެ. ރަނާ އޮތްގޮތަށް އޮވެ ލޯމަރާލިއެވެ. ކައިޔަންއާއި ދޭތެރޭ ޔަގީންކަން އޮތްވަރުންނެވެ. އެހެން ރީތި އަންހެންކުއްޖެއް ކައިޔަންގެ ލޮލުގައި އަޅައިނުގަންނާނެކަން ރަނާއަށް ޔަގީނެވެ. ރީތިކަމުގެ މިސާލެއް މުށްތެރޭ އޮއްވާ ކައިޔަން އަނބުރާނުލާނެކަން އިނގޭތީއެވެ.
“އާދޭ ދާން.. ބައެއްމީހުންތައް ލަސްވެގެން ތެޅެންފަށައިފި..” އިކުވާން އުސްކޮށް ހުރި ދޮންވެލިފުންޏެއް ގެ މަތީގައި ހުރެ އަޑުގެނެތްތަނަށް ގޮވާލިއެވެ. “ސާބަހޭ ކަލޭނާ… އިކޫ އާދެބަލަ މަ ގެއަށް ލާދޭން..” ރަނާ ކައިޔަންގެ ސަމާލުކަން ހޯދުމައްޓަކައި ބުނެލިއެވެ. “އޯކޭ….” ކައިޔަންގެ ޖަވާބުއައީ ރަނާ ހީކުރި ގޮތަކަށެއްނޫނެވެ. “އޯކޭ.. ރަނޫ އާދޭ..” އިކުވާން ސައިކަލަށް އަރަމުން ބުނެލިއެވެ. ހިތާދެކޮޅަށް ރަނާ އިކުވާންގެ ސައިކަލަށް އެރިއެވެ.
ގެނައިހާ އެއްޗެއް ޕެކްކޮއްގެން އެންމެންތައް ގެއާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ. ނުގޮސް ހުރީ ކައިޔަން އެކަންޏެވެ. އިރުއޮއްސޭ މަންޒަރު ދެކެން އެލުވާފައިވާ ޖޯއްޔަކަށް ވެއްޓިގަނެގެން ކައިޔަންއަށް ހުރެވުނީ ކިހާއިރެއް ވަންދެންކަމެއްވެސް ނޭނގުނެވެ. ކައިޔަންއަށް ޚިޔާލީ ދުނިޔެއިން ބޭރުވެވުނީ މަޣުރިބް ނަމާދަށް ބަންގިދޭ އަޑު ކަންފަތުގައި ގުގުމާލުމުންނެވެ.
ކައިޔަންގެ މިސްރާބުހުރީ ވަލުތެރެއާއި ދިމާލަށެވެ. ވަލުތެރެއަކީ ކައިޔަން އެންމެ ކަމުދާ ތަނެވެ. ދޫނި ތައް ގޮވާލަގޮވާލާ އަޑުން ސިކުނޑިއަށް ތާޒާކަން ގެނެސްދެއެވެ. ހަނދުވަރުދޭތަން ބެލުމަކީ ކައިޔަންގެ ގައިގައި ހަރުލާފައިވާ އާދައެކެވެ. ހަނދު އަރާފައި އޮއްސެންދެން ކައިޔަންއަށް ހުރެވޭނެއެވެ. އެއީ އެކަކަށްވެސް ނޭނގޭނެކަމެކެވެ. ކައިޔަން ހަނދުވަރު ބަލަން ދަނީ އެކަކުވެސް ނުދާ ހިސާބަކަށެވެ. އެތަނަށް ދެވޭނީވެސް ވަކި މަގަކުންނެވެ. ކައިޔަންއާއި ހަމައަށް މީހަކު އަންނަން ޚިޔާލު ނުކުރާވަރަށް ކައިޔަން ހުރީ އެތަން ބަދަލުކޮއްލާފައެވެ.
ވަލުތެރޭގެ އެތެރެއަށް ވަދެވެމުންދާވަރަކަށް ކެކްޓަސް އިންދާފައިވާ ބޮޑެތި ޕޮޓްތައް ފެންނަންފެށިއެވެ. ކެކްޓަސްތައްވެސް ވަރަށް ބޮޑެއްޗެވެ. އެ ހުރަސް ކުރަން ގަހެއްގެ ގޮފިގަނޑެއްގައި އެލުވުނުގޮތަށް ކައިޔަން ގޮފިގަނޑު މަތީގައި ހިނގަމުންގޮސް ވަކިހިސާބަކަށް ގޮސް ތިރިއަށް ބަލާލިއެވެ. ކުނި ބުނިން ހަޑިވެފައިވާ އެ ބޮޑު ފެންގަނޑު ކައިޔަންގެ ލޮލުގައި އަޅައިގަތެވެ. އެއީ މުޅި މަގު ބައްދާލާވަރުގެ ދިގު ފެންގަނޑެކެވެ. އޭގެ ތެރޭގައި އެކިކަހަލަ ކުނިބުންޏާއި ތަފާތު ޖަނަވާރުން އުޅޭނެއެވެ. އެ ތަން ހުރަސް ކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހަކަށް ކަން ޔަގީނެވެ. އެ ގޮފިގަނޑާއި ޖެހިގެން ހުރި ގަހު ގައި އެލުވާފައިވާ ވާގަނޑުގައި އެލިގަތް ގޮތަށް ކައިޔަން އެ ފެންގަނޑު ހުރަސްކުރީ މީހަކު ކައިފައި ވައެއްލާހާ ފަސޭހައިންނެވެ. ކުރިމަތީގައި ހުރި ފަލަ ނިކަގަހުގެ މައްޗަށް ކައިޔަންއަށް އެރުނުތަނާ އޭނާގެ މަންޒިލް ލޮލުގައި އަޅައިގަތެވެ. ކުރިމަތީގައިވާ ފަތްތައް އެއްފަރާތްކޮއްލާފައި ނިކަގަހަށްވުރެ ބިޔަ ގާގަނޑެއްގެ މައްޗަށް ކައިޔަން އެރިއެވެ. އެތަނުގެ ވިނަގަނޑުހުރީ ގުރާފެހިކުލައިގައެވެ. ދޫކޮއްލާފައިވާ ދޫނިތައް ލަވަކިޔަމުންދެއެވެ. މަޑުމަޑު ވިނަތައްމަތީގައި ކައިޔަން ދެމިލީ ހަނދުވަރު ދެކިލުމަށެވެ.
އެތައްއިރެއް ވަންދެން އިނދެ އިނދެފައި ކައިޔަންއަށް ގެއަށްދާން ވިސްނުނީވެސް ދިހައެއްޖެހި ފަހުންނެވެ.
ލަހުފާއަކީ ކައިޔަންއާއި ކައިޔަންގެ ކޮއްކޮ ޒިވީންގެ މަންމައެވެ. ކައިޔަންއަށް ފުރަތަމަ ކީ އަޝާން އެވެ. ކައިޔަންގެ ކޮއްކޮއަށް ފުރަތަމަ ކިޔުނީ އުލްޔާއެވެ. ކައިޔަންމެން ކުޑައިރު ކައިޔަންމެންގެ ބައްޕަ ދިޔުމުން ލަހުފާ އެދެކުދިން ދޫކޮށްލާފައި ދިޔައީއެވެ. ފަސް އަހަރު ވަންދެން އެކުދިން ބެލީ ލަހުފާގެ އުމުރުގެ މީހެކެވެ. އަވީނާ ކިޔާ ހިތްހެޔޮ އަންހެނެކެވެ. ކައިޔަންގެ ނަން ކައިޔަންއަށާއި ޒިވީންގެ ނަން ޒިވީން އަށް ބަދަލުކުރީ އަވީނާއެވެ. އޭގެފަހުން ކައިޔަންގެ އުމުރުން ސާދައަހަރުގައި ލަހުފާ މުއްސަނދި މަހުޖަނަކާއި އެއްވަރުގެ މީހަކާއި ކައިވެނިކޮއްގެން އަލުން ކައިޔަންމެން ގެންނަ ހިތްވިއެވެ. އެހެން ކަމުން ލަހުފާ އައީ ފަހުން ކައިވެނިކުރި މުޖާހިދުއާއެކީގައި އެކުދިން ބަލައެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ. ކައިޔަންމެންގެ ހިތުގައި ލަހުފާގެ ނަންވެސް ނެތެވެ. އެކުދިންގެ މަންމައާއި ބައްޕަ އަކީވެސް އަވީނާއެވެ. އަވީނާގެ ނަސޭހަތުން ކައިޔަންއާއި ޒިވީން ލަހުފާގެގާތަށް އުޅެން ދާން ނިންމީ ވެސް ހިތާދެކޮޅަށެވެ. އޭގެފަހުން އަވީނާވެސް އެރަށުން ދިޔައެވެ.
ލަހުފާއާއެކީގައި އެގެއަށް އަލުން ބަދަލުވުމަށްފަހު މުޖާހިދުގެ ނުފޫޒުން އެދެކުދިންގެ ހަޔާތް ބަރުބާދުވީ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައީ އިންތިހާއަށެވެ. ކައިޔަންލައްވާ ނުހަނު ބުރަ މަސައްކަތް ކުރުވާ ޒިވީންއަށް އެކިކަހަލަ ގޮތަށް އަނިޔާކޮށް މުޖާހިދު ހެދިއެވެ. ލަހުފާ ކައިޔަންއާއި ޒިވީން އާއި ދޭތެރޭ ކަންތައް ކުރި ގޮތުން ކައިޔަންގެ ހިތުން ލަހުފާއަށް ހުސްވާނެ ޖާގައެއްނެތެވެ. ނަމަވެސް މުޖާހިދުގެ އެނާއިންސާފުގެތެރޭގައި އުޅެމުން އައެއްކަމަކު ކައިޔަންއަށާއި ޒިވީންއަށް ކުރިއަށް ގެން ދެވުނީ އެހެން ކުއްޖެއްވެސް ކުރިއަށް ގެންދާނެ ފަދަ ދިރިއުޅުމެކެވެ. އެއީވެސް އަވީނާއާއި ކޮންމެ ވެސް އެއްދުވަހަކުން ބައްދަލުވާނެކަމުގެ އުންމީދުގައެވެ.
ކައިޔަން މަގަށް ނުކުމެ މަޑު ހިނގުމެއްގައި ގޮސް ގެއަށްވަނެވެ. އޭރު ފިހިގަނޑެއް ހިފައިގެން ހުރި ލަހުފާއަށް ވަގުތުން ހުއްޓެވުނެވެ. ކައިޔަން ލަހުފާއާއި ދިމާލަށް ބަލާލުމެއްނެތި އެތެރެއަށްވަނެވެ. “އަޝް..” ލަހުފާގެ ގޮވުމަށް އަޅާނުލާ ކައިޔަންގޮސް އެތެރެއަށްވަދެ ކައިޔަން ލަގޭޖަށް ހެދުމާއި އޭނާ އަމިއްލައަށް ގަތް އެއްޗެއްސާއި އަވީނާ ދީފައިވާ ހުރިހާ އެއްޗެއް ޕެކްކޮއްފައި އެތެރޭގައި ހުރި ޒިވީން އަށް ބޯޖަހާލިއެވެ. ކައިޔަން ލަގޭޖު ދަމަމުން ކޮޓަރިން ނުކުތެވެ.
މުޖާހިދު ޑިއުޓީ ނިންމާލާފައި އައީ އެވަގުތެވެ. ލަހުފާގެ އަތުން ފިހިގަނޑު ދޫވެގެން ވެއްޓުނެވެ. މުޖާހިދު ލަހުފާގެ ގައިގައި ހިފޭއްޓިއެވެ. ކައިޔަން ދެބުމަ ގޮށްޖަހާލިއެވެ. “އަވީނާ ދައްތަ އަންނާނެ ކަމަށް މިތަނުގައި ތިން އަހަރު ދުވަސް ވަންދެން ކެތް ކުރެވިއްޖެ… އެކަމަކު ދެނެއް މިތާކު އަހަރެންވެސް އަދި ޒިވީއެއް ނުހުންނާނަން..” ކައިޔަން އެހެން ބުނެލިއިރު ޒިވީން ލަގޭޖް ހިފައިގެން ނުކުމެއްޖެއެވެ. “ޒިވީ ގޮވައިގެން އަހަރެން ދާނީ އެހެން ގެއަކަށް.. މިއީ ބޮޑުރަށެއް.. އެހެންވީމަ އަހަރެމެން ހޯދަން ނާންނާތި… އަޔަސް އަހަރެމެން ދެމީހުން ލަހުފާއާއި މުޖާހިދުގެ ގާތަކަށް އަނބުރާ ނާންނާނަން..” ރުޅިއައިސްފައިވާ ވަރުން ކައިޔަން އަށް ލަހުފާއާއި މުޚާތަބު ކުރެވުނީ މަންމާއޭ ކިޔާފައެއް ނޫނެވެ. ކައިޔަން ލަގޭޖް ހުޅުވާލާފައި އެތެރެ ކުޑަކޮށް ހާވާލިއެވެ. “މުޖާހިދު، މިތަނުގައި ކަލޭގެ ލާރިން ގަނެފައި އޮތް އެއްވެސް އެއްޗެއް ނޯންނާނެ.. ހުންނާނީ ކުރިން އަވީނާ ދައްތަ ދިން އެއްޗެއްސާއި އަހަރެންގެ އަމިއްލަ ލާރިއަށް ގަނެފައި އޮތް އެއްޗެހި..” ކައިޔަން އެހެން ބުނެލަމުން ޖީބުން ކާރުގެ ތަޅުދަނޑި ނަގާފައި ޒިވީން ގޮވައިގެން ބޭރަށް ނުކުތެވެ.
”އަޝާން..! އުލްޔާ..! މިހާރު އެތެރެއަށް ވަދޭ..” ލަހުފާ ބާރަކަށް ގޮވާލިއެވެ. ކައިޔަންއާއި ޒިވީން އެއަޑަށް ދިނީ ބީރު ކަންފަތެކެވެ. “އަޅާނުލާ.. އަހަރެމެންނަށް މާފަސޭހައެއްނު.. ދެން އެ ދެ މީހުން ދިޔައީމައި އަހަރެންގެ މުއްސަނދިކަން އިތުރު ވާނެ.. ކުރިންސުރެ ފަށައިގެން ހުންނާނީ ކައިޔަން އާއި ޒިވީންގެ ކޮޓަރި ފަނަރަ ހާހަށް ކުއްޔަށް ދޭގޮތަށް ނިންމާފައި.. އެ މީހުންގެ ފަހަތުން ލަހުފާ ނުދޭ… ތި ހަށިތެރޭ ލަހުފާގެ އުފަންވާންއޮތް ދަރިޔައްޓަކައި މަޑުކުރޭ.. އެމީހުން ދާތާކަށް ގޮސްގެން އުޅެފާނެ.. މަގުމަތީގައި ނިދާފާނެ.. ޑަސްބިން ތަކުން ކައި އުޅެފާނެ.. ކިސަޑުން ފެން ބޮއިފާނެ.. ފެންވަރާނުލާ ގަދަ އަވީގައި ތެޅިފާނެ.. ނިކަމެތި ކަމުގެތެރޭގައި މަރުވެގެން ގޮސް ކުނިވެދާނެ..” މުޖާހިދު ލަހުފާގެ އަތުގައި ހިފާ ކޮޓަރީގެތެރެ އަށް ވަނެވެ.
ބޭރުގައި ޕާކުކޮއްފައިވާ ކަޅުކުލައިގެ ޕްރައިވެޓްކާރަށް ޒިވީން އެރިއެވެ. އެއީ ކައިޔަންގެ ކާރެވެ. ލަގޭޖް ތައް އެތެރެއަށް ވައްދާލާފައި ކައިޔަން ކާރަށް އަރާ ދުއްވާލިއެވެ. ޒިވީން ކައިޔަންގެ އަތުގައި ކޮއްޓާލިއެވެ.”ކީކޭ ޒިވީ..؟” ކައިޔަން ޒިވީންއާއި ދިމާލަށް ބަލާލިއެވެ. “މީ ކާކު..؟؟” ޒިވީންގެ އަތުގައި އޮތް ފޮޓޯގަނޑަށް ބަލާލާފައި ކައިޔަންއަށް ހީވީ ބޮލަށް ފަރުބަދަ ފަޅިއެއް ވައްޓާލިހެންނެވެ. ދެލޯ ބޮޑު ކޮއްލެވުނުގޮތަށް ކައިޔަންއަށް ޒިވީންގެ އަތުން އެ ފޮޓޯ ޖަހައިގަނެވުނެވެ.
= ނުނިމޭ =
6 Comments!
Comments are closed.
Hello my dear readers.. this is my 1st story in this site.. And I hope you all will love this story… 🙂 and also please share a comment if you liked this.. I’m open to all your comments.. please do tell me how to improve.. love you all the readers.. #BeSafe
– yoon –
Dhiguvefaiva bulhi isthashigandu fan kamun.mibunaa ehcheh dheyha eh nuvi
Varah reethi story maasha allah…ummeedhu kuran medhunukendi genesdheyne kamah…be safe ?
I love the story…when is next part….
Curiously waiting.
insha allah varah avahah up kohdheynan… glad you like this story Naira 🙂
Love the story yoon tigothugaa dey kuriyah❤❤??