އެގާރަވަނަ މީހާގެ ފޯނުގައި ރިކޯޑަރ ހަރުކުރެވުންތަނާ ޔަނާލްގެ ފޯނަށް މެސެޖްއައީ ދެވަނަ ސެޝަންއަށް އައުމަށެވެ. ފަސް މިނެޓް ތެރޭ މިދަނީ ކަމަށް މެސެޖް ކޮށްލަމުން އަނެއްކާވެސް ދެންތިބި މީހުންގެ ފޯނުގައި ރިކޯޑަރ ހަރުކޮށް ނިންމާފައި ނުކުންނަން އުޅެނިކޮށް މީހަކު ބޭރުން ތަޅުގައި ހިފާލި އަޑަށް އޭނާ ހުއްޓުން އެރިއެވެ. އިރުކޮޅަކުން ތަޅުދަނޑި ފައްޗަކުން ދޮރު ހުޅުވާލާފައި ވަނީ އެތާ މަސައްކަތް ކުރާ މީހެކެވެ.

ޔަނާލް ފެނުމުން އެމީހާ ޔަނާލަށް ބަލާލީ ހައިރާންވެފައެވެ. “މިތާ ކީއްކުރަނީ؟ ކިހިނެއް މިތަނަށް ވަނީ؟” ޝައްކުގެ ނަޒަރަކުން ޔަނާލަށް ބަލާލަމުން އޭނާ އަހާލިއެވެ. ދޭނެ ޖަވާބަކާއިމެދު ވިސްނާލަން ހުއްޓާ އެތަނަށް ވަތީ އައިދަންއެވެ. އެއީ މިތާ މަސައްކަތް ކުރާ އޭޖެންސީ މީހާއެވެ. ޔަނާލާއި އެތަނުގައި މަސައްކަތްކުރާ މީހާ ފެނުމުން އެތަނުގައި ވީގޮތް މީހަކު އޭނާއަށް ކިޔާދޭކަށް ނުޖެހުނެވެ. “އެއީ މިތަނަށް ސެޝަންއެއް ނަގާދޭން އައި ކުއްޖެއް. އޭނާގެ ދަބަސް ނަގަން އަހަރެން އޭނާ މިތަނަށް ވެއްދީ. އަހަރެމެންނަށް އޮޅިގެން އެ ލޮކަރަކަށް ލެވުނީމަ.” އައިދަންގެ އެވާހަކަ އެމީހާ ގަބޫލެއް ނުކުރިއެވެ. “ދެން ކީއްވެ ތަޅުލައިގެން ހުރީ؟” އެމީހާ އެހިއެވެ. “ވަރަށް ބޮޑަށް ސޮރީ. ތަޅަށް ފިތާލެވުނީމަ ތަންޑުލެވުނީ ކަންނޭގެ. އަޅުގަނޑަކަށް ނުވެސް އެނގޭ ތަޅުލެވުނު ކަމެއް.” ޔަނާލް އެހެން ބުނެލުމުން އެމީހާ ވަކި އެއްޗެއް ނުބުނެ ބޯޖަހާލިއެވެ. ނަމަވެސް އޭނާގެ މޫނަށް ބަލާލުމުން އެމީހުންގެ އެވާހަކަ ގަބޫލުނުކުރާކަން އެނގެއެވެ. އައިދަންގެ ފަހަތުން ޔަނާލް ނުކުތެވެ.

“އަޅާނުލާ. އެކަންތައް އޭނާ ހަނދާނެއް ނުހުންނާނެ ފަހުންނެއް. ދެން ޔަނާލް ބުނި މީހުންގެ ފަރާތުން ޝައްކުވާ ކަހަލަ ކަމެއް އުޅެންޏާ މެސެޖެ ކޮށްލާނަން އިނގޭ. ކުރަން އައި ކަންތައް ނިމުންތަ؟” “ހޫމް. ނިމިއްޖެ. ޝުކުރިއްޔާ.” ޔަނާލް ޖަވާބު ދިނުމުން ޔަނާލަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އައިދަން އޭނާގެ މަސައްކަތަށް އެނބުރި ދިޔުމުން ޔަނާލްވެސް އޭނާގެ ސެޝަން ނިންމާލުމަށްފަހު އެތަނުން ދިޔައީއެވެ.

……………………………………..

އިޝާން އޭނާއަށް ޖެހުނު 26 އަހަރުގެ މިޒާން ކިޔާ މީހާ ޓްރެކް ކުރުމުގެ ކުރިން ދިޔައީ ފޯނު ހަދާ ތަނުން އެފޯނު ނަގާށެވެ. އެފޯނު ނެގުމަށްފަހު އޭޖެންސީއަށް ލުމަށްފަހު އޭނާ ހިނގައިގަތީ ނަޝްވާމެން ގެއަށެވެ.

އެގެއަށްވަދެ ސަލާމް ގޮވާލުމުން ނަޝްވާ ސަލާމް ބަލައިގަތެވެ. “އޭރު މެސެޖް ކުރީމަ ދޯ ތިއައީ. ދޮންބެ ފޯނު ހަލާކުވެފައި އޮތީމަ މަ ފޯނުން މެސެޖް ކުރީ. އޭނަ ގޭބަންދުގައި ހުރީމަ އޭނާގެ ފްރެންޑަކަށް އޭނާގެ އެއްޗެއް ހަވާލުކޮށްދޭންވެގެންނޯ.” އިޝާން ފެނުމުން ނަޝްވާ ހިނިތން ވެލަމުން ބުނުމުން އިޝާން ބޯޖަހާލިއެވެ. “އެނގޭ. ފަހުން މަށަށް ގުޅާފައިވެސް ބުނި. މިޒާން ކިޔާ މީހަކު ދޯ.” އިޝާން ނަޝްވާ ގައިގައި ބައްދާލަމުން ބުނެލި ގަޑީގައި މިއުވާން އޭނާގެ ކޮޓަރިން ނުކުތެވެ. މިއުވާން ފެނުމާއެކު ދެމީހުން ދުރަށް ޖެހިލިއެވެ.

“އިޝާން. ދެންމެތަ އައީ؟ މިއޮތީ. މީތި ލާބަ މައޭރު ބުނި ގެއަށް.” އިޝާންފެނުމުން މިއުވާން އޭނާގެ އަތަށް ކޮތަޅެއް އެއްލުމަށްފަހު ސޯފާއަށް ވެއްޓިގަތުމުން ނަޝްވާ ދެފަރާތަށް ބޯހޫރާލިއެވެ. އިޝާން ނަޝްވާގެ އަތުގައި ހިފާލަމަށްފަހު އެގެއިން ނުކުމެ ސައިކަލުގައި މިއުވާން ބުނި ގޭގެ ކުރިމަތީގައި ސައިކަލު ޕާކް ކޮށްލުމަށްފަހު އެގޭގެ ދޮރުމަތީގައި ހުއްޓިލާ އެގޭގެ ބެލްއަށް ފިތާލިއެވެ.

އެތެރއިން ބޯދިއްކޮށްލީ މިޒާންކަން އިޝާނަށް އެނގުމުން އަތުގައި އޮތް ކޮތަޅު ދިއްކޮށްލިއެވެ. “މިއުވާން ފޮނުވާގެން ދޯ. ވަދޭ އެތެރެއަށް.” ކޮތަޅުގައި ހިފަމުން މިޒާން ބުނުމުން އިޝާން އެތަނަށް ވަތެވެ. އެއީ ވަރަށް ކުޑަ ކުޑަ ތަންކޮޅެކެވެ. ކުޑަ ބަދިގެއަކާއެކު ކޮޓަރިއަކާއި އެއް ފާހަނާ ހުއްޓެވެ. ބަދިގެއާއ ސިޓިންރޫމް އިނީ އެއްކޮށެވެ. އެތާ އިން ސޯފާގައި އިން ވިހިވަރަކަށް އަހަރުގެ އަންހެން ކުއްޖާ އިނީ ވަޅޯމަސް ކޮށާށެވެ.

އިޝާނަށް ސޯފާގައި އިށީންނަން އިޝާރާތް ކޮށްލަމުން އޭނާ ކާމޭޒު ކައިރިން ޕްލާސްޓިކް ގޮޑިއެއްގައި އިށީނެވެ. އިޝާން ސޯފާގައި އިށީނުމުން މިޒާން އޭނާ ކައިރީ އިށިނދެ ދިން ރެޑްބުލް ދަޅު ކަނޑާލައި ބޯން ފެށިއެވެ. އެކި ވާހަކަ ދައްކަމުން ދިޔައިރު އެކަކަށްވެސް ހިލަމެއްނުވާނެހެން ސޯފާގައި އޮތް އޭނާގެ ފޯނުގައި ރިކޯޑަރ ހަރުކޮށްލިއެވެ. އެތައް އިރަކު އޭނާއާއި ވާހަކަ ދައްކަން އިނދެފައި އިޝާން އެގެއިން ނުކުތްއިރު އަސުރު ނަމާދަށް ބަންގިވެސް ގޮވައިފިއެވެ.

އޭނާ އޭޖެންސީއަށް ދިޔުމުގެ ކުރިން މިސްކިތަށް ވަދެ ނަމާދު ކޮށްލިއެވެ. ނަމާދުކޮށް ނިމިގެން މިސްކިތުން ފައިބަނިކޮށް މިހުރާން ފެނުމުން އޭނާއަށް ހަނާއަޅާލިއެވެ. މިހުރާން އައުމުން ދެމީހުން އިޝާންގެ ސައިކަލުގައި އޭޖެންސީއަށް ދިޔައެވެ.

އެމީހުންގެ އެޕާޓްމެންޓަށް ވަތްއިރު އުޝާއާއި ޔަނާލް އިނީ ފެންވަރިގެން ރީތިވެގެން ނުކުމެ ލެޕްޓޮޕް ހިފައިގެން އެމީހުންގެ މިއަދުގެ ރިޕޯޓު ލިޔާށެވެ. އިރުކޮޅަކުން މިހުރާނާއި އިޝާންވެސް އެމީހުން ކައިރީ ރިޕޯޓް ލިޔަން އިށީނެވެ.

ރިޕޯޓް ލިޔެ ނިމިގެން އެކަކ އަނެކަކުގެ މަސައްކަތްތައް ބަލާލުމަށްފަހު އެންމެންވެސް ތައްޔާރވާން ފެށީ ކްލާސް ތަކަށް ދިޔމަށެވެ. ކްލާހަށް ދިޔުމުގެ ކުރިން އިޝާން އުޝާއަށް މިއުވާންގެ ފޯނު ހަވާލު ކުރިއެވެ. ކްލާސްތައް ނިންމާފައި އުޝާ އިނީ މިއުވާންގެ ފޯނު ބަލާށެވެ. ނަމަވެސް މާޝަލް އާރޓްސް ކްލާހަށްފަހު މީހއެއްކޮށް ވަރުބަލި ވެފައި ވާތީ އޭނާއަށް ނިދުނީއެވެ.

އުޝާއަށް ހޭލެވުނީ ޔަނާލް ގޮވާ އަޑަށެވެ. “އޭ ތެދުވެބަލަ. އަވަހަށް ޕެކްކުރަން ފަށާ.” ޔަނާލް އޭނާގެ ހެދުންތައް ފަތްޖަހާ ދަބަހަކަށް އަޅަން ހުރުމުން އުޝާ އޭނާއަށް ބަލާލީ ހައިރާވެފައި ހުރެއެވެ. “ކޮންތާކަށް ފުރަން ތި ޕެކްކުރަނީ؟” އުޝާ އެހިއެވެ. “ބެންކޮކަށް ދާން. ޝާފިއު ސާރ އެކޮޅުން އަހަރެމެންނާއެކު މަސައްކަތް ކުރާނެ އިތުރު ދެމީހަކު ލިބުނީމަ. އެމީހުންގެ އޭޖެންސީގައި މަސައްކަތް ކުރާ ދެ ދިވެހިން. ހުންނާނެ ތަންވެސް ހަމަޖެހިއްޖެ. އަހަރެމެންގެ އޭޖެންސީ އެހެން ބައެއްވެސް ބެންކޮކަށް ދާން ޖެހޭތީ އެމީހުނާއެކު ފުރީމަ ފަސޭހަވާނެއެއްނު.” ޔަނާލް އެއްނޭވާ އަކަށް ހުރިހާ ވާހަކައެއް ކީއިރު ޕެކްކުރުން ހުއްޓާނުކައެވެ. އުޝާ ގަޑި ބަލާލިއިރު މެންދުރު އެކެއް ޖެހީއެވެ. “ކިހާއިރަކު ފުރަނީ؟” އުޝާ އެދުން ތެދުވެ ފާހާނާއަށް ވަނުމުގެ ކުރިން އަހާލިއެވެ. “އެއްގަނޑި ބައި. ދެންވެސް އަވަސް ކޮށްބަލަ.”

އުޝާއާއި ޔަނާލް ރީތިވެގެން ދަބަސްތަކާއެކު ނުކުތްއިރު ސިޓިންރޫމުގައި ދޮންތައާއި ދޮންތަބެ ތިބުމުން އެމީހުނާއި ސަލާމްކޮށް ހެދުމަށްފަހު އަވަސްއަރުވާލައިގެން ދިޔައިރު އިޝާން އާއި މިހުރާން މަތިން އެކަކުވެސް ހަނދާނެއް ނެތެވެ.

އެއާރޕޯޓަށް ދިޔައިރު އެމީހުންގެ އިންތިޒާރުގައި ޝާފިއުސާރ ހުއްޓެވެ. “ސާރއަކަށް ނެތް ތިކުދިންނާއެކު މިދަތުރުގައި ބައިވެރިވެވޭކަށް. އެކޮޅުގައި އެއާރޕޯޓުގައި ތިކުދިން ރިސީވް ކުރަން އައިސް ތިބޭނެ ދެފިރިހެން ކުދިންނާއި އަންހެނެއް. އެދެ ފިރިހެން ކުދިންއެއީ ތިކުދިންގެ ޕާރޓްނާސް. އެކުދިންއެއީ ވަރަށް ރަގަޅަށް މިކޮޅުން ޓްރެއިނިން ހަދާގެން އެކޮޅުގައި މިހާރު މަސައްކަތް ކުރާ ބައެއް. ތިކުދިންގެ ކަވާރއަކީ ތިހަތަރު ކުދިންނަކީ އެއްބަނޑުއެއްބަފާ ކުދިން. ތިކުދިންނަށްވުރެ ދެއަހަރު އެމީހުން ބޮޑުވާނެ. އެހެންވީމާ އެއީ ތިދެކުދިންގެ ބޭބެމެން. އެއީ އެއްމާބަނޑު ދެބެން. ޔަނާލްއާއި އުޝާވެސް ތިއީ އެއްމާބަނޑު ދެބެން. ބެންކޮކަށް ތިކުދިންގެ މަންމައާއެކު ބަދަލުވީ. އެކޮޅުގައި އުޝާއަކީ އައިޝަތް ހައިލާ ޔަނާލްއަކީ ފާތިމަތް ނައިރާ. މިއޮތީ ތިކުދިންގެ ފޭކް ޕާސްޕޯޓާއި އައިޑީ ކާޑް. އިތުރު އެއްޗެއް އަހަން އޮތިއްޔާ އެކޮޅަށް ގޮއްސަ ގުޅާލާ. އިރުކޮޅަކުން ފްލައިޓް ނައްޓާލާނެ. އަވަހަށް ދޭ.” ޝާފިއު ސާރ ދެކުދިންގެ އަތަށް އެމީހުންގެ ޕާސްޕޯޓު ލައިދިނެވެ. އެއަށފަހު ދެކުދިންނާއި ސަލާމް ކޮށްލުމަށްފަހު ދިޔައީއެވެ.

އެއާރޕޯޓްއިން ފްލައިޓަށް އަރައި ހަމަޖެހިލުމަށްފަހު ދެމީހުންނަށްވެސް ނިދުނީއެވެ. ފަސް ގަޑިއިރުގެ ފްލައިޓަކަށް ފަހު ބެންކޮކަށް އާދެވުނެވެ. ފްލައިޓުން ފައިބައިގެން ދެމީހުންގެ ދަބަސްތައް ނަގައިގެން ދިޔައިރު ޝާފިއ ސާރ ބުނިހެން އެމީހުން ރިސީވްކުރަން އައިސް ދެ ފިރިހެން ކުދިންނާއި އަންހެނެއް އައިސް ހުއްޓެވެ.

އެދެ ފިރިހެން ކދިންގެ ތެރެއިން ތަންކޮޅެއް ދިގުކޮށް ހުރި ކުއްޖާ ކުރިއަށް ޖެހިލުމަށްފަހު ސަލާމަށް އަތް ދިއްކޮށްލިއެވެ. “ކޮއްކޮމެންނަށް އަދިކިރިޔާދޯ މިކޮޅަށް އާދެވޭވަރުވީ.” ލާނެތްގޮތަކަށް ހީލަމުން އޭނާ އެހެން ބުނެލީ އެއްލޯމަރާލަމުންނެވެ. އޭނާ ހީލުމުން އެއްކޮލަށް އަޑިކޮޅެއް އެޅުނެވެ. ގަދަ މުށިކުލައެއް ޖައްސާފައި ހުރި އިސްތަށިގަނޑާއި މަޑު މުށިކުލައިގެ ކަޅިއެއް ލިބިފައިވެއެވެ. އޭނާ ދިއްކޮށްލި އަތުގައި ޔަނާލް ސަލާމް ކޮށްލިއެވެ. އެމީހުންގެ ކައިރީ ހުރ އަންހެންމީހާ ހިތްހެޔޮ ހިނިތުންވުމަކާއެކު ދެކުދިންގެ ގައިގައި ބައްދާލިއެވެ. އޭނާއަށްވެސް މަޑު މުށިކުލައިގެ ކަޅިއެއް ލިބިފައިވެއެވެ. ކަޅުކުލައިގެ ދިގުހެދުމަކާއެކު ކަޅުކުލައިގެ ޝޯލެއް އަޅއިގެން ހުރިއިރު އުޝާއާއި ޔަނާލަށްވުރެ އޭނާ ކުރެވެ. އެއެންމެންނާއި ތަންކޮޅެއް ދުރުގައި ހުރި ފިރިހެން ކުއްޖާގެ މޫނުން ފެންނަނީ ސީރިއަސް ކަމެވެ. އޭނާ އަނެއް ފިރިހެން ކުއްޖާއާއި ވައްތަރު ގޮތެއް ހުއްޓެވެ. ނަމަވެސް އޭނާއަށް ތުރެ ކުރުވެފައި އޭނާގެ އިސްތަށިގަނޑުގައި ޖައްސާފައިވަނީ ގަދަ މުށިކުލައެކެވެ. އޭނާގެ ލޮލޮުގެ ކަޅިވަނީ ކަޅުކުލައިގައެވެ. ނަމަވެސް މޫނުމަތިން ވައްތަރު ގޮތެއް ހުރުމުން އެމީހުން ނުދަންނަ މީހުނަށް އެއީ އެއްމާބަނޑު މީހުންނޭ ބުނީމަ ގަބޫލު ކުރެވޭނެއެވެ.

އެދެފިރިހެން ކުދިން އައިސް އުޝާމެންއަތުން ދަބަސްތައް އަތުލމަށް ފަހު ޓެކްސީއެއް ހޯދިއެވެ. ޓެކްސީގައި އެމީހުން ގޮސް ހުއްޓުނީ މަޑުނޫކުލަ ލާފައި ހުރި ދިހަ ބުރީގެ ބޮޑު އިމާރާތެއް ކުރިމައްޗަށެވެ. ލިގްޓުގައި އެމީހުން އެރީ ހަތްވަނަ ފްލޯރއަށެވެ.

އެމީހުން ވަތީ ބޮޑު އެޕާރޓްމެންޓަކަށެވެ. ސިޓިންގް ރޫމަކާއި ބަދިގެއާއި ކާގޭގެ އިތުރުން ތިން ކޮޓަރި ހުއްޓެވެ. އުޝާމެންގެ ދަބަސްތައް އެތަނުން އެއްކޮޓަރިއަށް ލާދިނެވެ. “ދެކުދިން ޖެހޭނީ މިކޮޓަރި ޝެއާރ ކޮށްލަން. ފްރެޝް ވެލައިގެން އާދޭ. އަދި ބައިވަރު ކަންތައް ތިކުދިންނަށް ކިޔާދޭން އެބަޖެހޭ.” ޔަނާލްގެ އަތަށް ތަޅުދަނޑިއެއް ލައިދެމުން އެއަންހެން މީހާ ބުނުމަށްފަހު އޭނާ ދިޔައީ ބަދިގެއަށެވެ

46

1 Comment

  1. AR

    May 3, 2020 at 11:11 pm

    varah reethi maashaa allah.. whn next??????? stay safe dear

Comments are closed.