
ކުރި އިންތިޒާރު 3
އޭރު ޖިދާ އިނީ ވަރަށް ބޮޑަށް ނިދިއައިސްފައެވެ. އެހެންކަމުން އޮށޯއްތަނާ މާގިނަ އިރެއްނުވެ ނިދިއްޖެއެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ފަތިސްނަމާދަށް ޖިދާ ހޭލިއެވެ. ނަމަވެސް މިއަދު ނަމާދުކޮށްލައިގެން ބޭރަށް ނުކުމެވޭ ގޮތެއް ނުވިއެވެ. އިއްޔެ ބަނަކޮށް އޮތް ގޮތަށް ދަންވަރު ވެހެން ފެށި ވާރޭ އަދިވެސް ހުއްޓައެއް ނުލައެވެ. ކޮފީއެއް ގިރާގެން އައިސް ބެލްކަނީގައި އިން ގޮޑިއެއްގައި ޖިދާ އިށީނެވެ. އަދިވެސް ހިމަފޮދު ވާރޭ ވެހެމުން ދެއެވެ. ކޮފީ ބޯން އިންތާ އިރުކޮޅެއް ނުވެ އުޝާމްގެ ބާއްޖަވެރި ހެދުނަކަށް އެދި މެސެޖެއް އައެވެ. މެސެޖު ފެނުމުން އެންމެ ފުރަތަމަވެސް ލަސަމް މަތިން ހަނދާންވިއެވެ. ރައްޓެހިވެގެން އުޅުނުތާ ކުރީކޮޅު އަބަދުވެސް ލަސަމްގެ މިފަދަ މެސެޖުތައް އާދެއެވެ. ނަމަވެސް މި ފަހުން ލަސަމްގެ އެފަދަ މެސެޖެއް ނުލިބޭތާ ކިތަންމެ ޒަމާނެކެވެ. ޖިދާ މެސެޖެއް ކުރިއަސް ރިޕްލައި އެއް ލިބޭނީވެސް މަދު ފަހަރަކުއެވެ. އުޝާމް ކުރި މެސެޖަށް ރިޕްލައި ކުރާކަށް ޖިދާ ނުއުޅުނެވެ.
ހެނދުނު އޮފީހަށް ދިއުމުގެ ކުރިން ރައިފާއާއެކު ބަދިގޭގެ ކަންކަމުގައި މިއަދު ޖިދާވެސް އުޅުނެވެ. މަދުން ނަމަވެސް ޖިދާ ބަދިގެއަށް ވަދެއެވެ. މަންމަ ނޫޅޭތީ ރައިފާ އެކަނި ހުރިހާކަމެއް ބަލަހައްޓަމުން ގެންދާތީ ރައިފާއަށް އެހީތެރިވެދިނުމަށްޓަކައިވެސްމެއެވެ. އޮފީހަށް ދާގަޑި ޖެހުމުން ތައްޔާރުވެލައިގެން ތިރިއަށް ފޭބިއިރު މިއަދު ބައްޕަވެސް ސައިބޯން އިށީދެ ހުއްޓެވެ. މަންމަގެ ހާދިސާއަށް ފަހު މިއަދު މީ ބައްޕަ ފުރަތަމަ އިސްވެ ސައިބޯން ނުކުތް ދުވަހެވެ. އެހެންކަމުން ޖިދާގެ ހިތް އެކަމާ ވަރަށް އުފާވިއެވެ. މިއަދުވެސް ދެބަފައިން އެއްކޮށް ދާން ނިކުތެވެ. ” މިއަދުވެސް ބައްޕަ ފަހަރެއްގައި ތަންކޮޅެއް ބުރަ ދުވަހަކަށް ވެދާނެ… ބައްޕަޔަށް ނާދެވެންޏާ ދަރިފުޅު ޓެކްސީއެއްގައި ގެއަށް ދާތި… ދަރިފުޅު ނޫޅުނު ވިއްޔާ އަމިއްލައަށް ކާރު ދުއްވަންވެސް… ދަރިފުޅަށް ޑްރައިވަރަކު ހަމަޖައްސާދެންތަ…” ޝަމީލްއަށް ޖިދާ ބަލާ ނުދެވޭ ދުވަސްދުވަހު ޖިދާ ޓެކްސީއެއްގައި އަންނަން ޖެހޭތީ ޝަމީލް އަހާލިއެވެ. ” ނޫނޭ! ބައްޕާ… އެ އޯކޭވާނެ.. ހުރިހާ ދުވަހަކުއެއް ނޫނެއްނޫ.. މަދު ދުވަހަކުއެއް ނޫން ބައްޕައަށް ނާދެވެނީ..” ހީލާފައި ޖިދާ އަވަހަށް އެކަމަށް އިންކާރުކުރިއެވެ.
މިއަދުވެސް ގަޑި ނިމެންވީއިރަށް އުޝާމް ކާރުގައި އައިސް ހުއްޓެވެ. ޖިދާ ބަލަހައްޓައިގެން ހުންނަން ފެށުމުން އުޝާމް ކާރުން ފައިބައިގެން އައިސް ޖިދާ ނާރަންތޯ ތިހުރީ އަހާލިއެވެ. ޖިދާ މަޑުމަޑުން ބޯހޫރާ ލުމަށް ފަހު ކާރަށް އެރިއެވެ. ލިބުނު ހިތްހަމަޖެހުމާއެކު އުޝާމް އަވަހަށް ކާރަށް އަރާ ސްޓާޓްކޮށްލިއެވެ. އުޝާމް ބޭނުންވީ ޖިދާއާއެކު ގިނަ ވަގުތު ހޭދަކޮށްލަން ކަމުން މިއަދު ޚިޔާރުކުރީ ވީހާވެސް ދުރު މަގުތަކުން ދުއްވާފައި ގެއަށް ދެވޭތޯއެވެ. އެކަން އެނގިގެން ޖިދާގެ ގާތަށް ހިނިވެސް އައެވެ. ” ޖިދާގެ މަންމަ ކޮބައިތަ؟.. ޖިދާ މަންމަ ދުއްހަނދާނެއްވެސް މިހާރު ނެތް..” އުޝާމްގެ ސުވާލާއެކު ޖިދާގެ މޫނުމަތިން ފާޅުވީ މާޔޫސްކަމެވެ. ކޮންމެވެސް ބޮޑުކަމެއް ހިނގައިގެން އުޅޭކަން ޔާގީނެވެ. އެހެންކަމުންއިތުރަށް ދެންބުނާނެ އެއްޗެއް އުޝާމްއަކަށް ނޭނގުނެވެ. އުޝާމް އާ ވާހަކަ ދައްކާނަމަ އުޝާމް ކުރާ ސުވާލްތަކަށް އަބަދު ފިލައިގެން ނުއުޅެވޭނެކަން ޖިދާއަށް އެނގެއެވެ. އެހެންކަމުން މަންމަގެ ވާހަކަތައް މަންމަ ވެއްޓުނު ދުވަހުން ފަށައިގެން ކަންތައް ވީގޮތް އުޝާމްއަށް ކިޔައިދިނެވެ. މަންމަގެ ވާހަކަތަކަކީ ޖިދާއަށް ދައްކަން އުނދަގޫ ވާހަކަތަކެކެވެ. އެހެނީ މަންމަގެ ހަނދާންތަކަކީ އެ ސިނކުޑިން ފޮހެވިގެން ދާނޭ ކަމެއް ނޫނެވެ. ގެއަށް ދިޔަ މަގުމަތީ އަނެއްކާވެސް އުޝާމް އެރޭގެ ޑިނަރމަތިން ހަނދާންކޮށްދިނެވެ. އެރޭ ބަލައި އަންނާނެ ކަމަށް ބުނެފައި އަށެއް ޖަހާއިރަށް ތައްޔާރުވުމަށް ބުންޏެވެ.
އެރޭ ނުކުންނަން އުޅުމުން ބައްޕަގެ ސުވާލްތައް ކުރިމަތިވިއެވެ. ދުވަހަކުވެސް ރޭގަނޑު ގެއިން ބޭރަށްދާން ނިކުންނަން އާދަވެފައިނެތް ދަރިފުޅު މިރޭ ނިކުންނަން އުޅުމުން ޝަމީލްގެ ހިތުގައި ސުވާލް އުފެދުނީއެވެ. ރައްޓެއްސަކާއެއްކޮށް ނިކުމެލަން ކަމުގައި ޖިދާ ބުންޏެވެ. ލަސްނުވެ ގެއަށް އައުމަށް ބުނެފައި ޝަމީލް ޚަބަރުބަލަން ސޯފާގައި އިށީނެވެ. ދަރިފުޅު އެހެން ނިކުތަސް ޝަމީލްގެ ހިތުގައި އޭނާގެ ދަރިފުޅަށް އިތުބާރު އޮވެއެވެ. ޖިދާ ނިކުތްއިރު އުޝާމް ކާރުގައި އައިސް ހުއްޓެވެ. ދެމީހުން އެއްކޮށް ގޮސްވަނީ މިހާރު އެންމެ ނަން މަޝްހޫރު ލެވެންޑަރ ރެސްޓޯރެންޓަށެވެ. ދެމީހުން ކާއެއްޗެއްސަށް އޯޑަރ ދިނުމަށްފަހު ވާހަކައިގެ ތެރެއިން އަނެއްކާވެސް އުޝާމްއަށް ލަސަމް އާބެހޭ ގޮތުން އަހާލެވުނެވެ. ލަސަމްގެ ވާހަކަ އެއްވެސް މީހަކަށް ކިޔާ ދޭން ބޭނުން ނުވިއަސް ކޮންމެވެސް މީހަކާ ހިއްސާކޮށްލުމުން ސިކުނޑިއަށް ލުއިކަމެއް ލިބިގެންދާނެކަން ޖިދާއަށް އެނގެއެވެ. ލަސަމްގެ ލޯތްބަށްޓަކައި އޭނާގެ އެދުމަށް ޖިދާވަނީ އޭނާގެ ގިނަ ރަޙުމަތްތެރިންނާ ދުރުވެސް ވެފައެވެ. އެހެންކަމުން މިހާރު އެހާގާތްކޮށް ވާހަކަ ދައްކާނޭ ރައްޓެއްސެއްވެސް ޖިދާގެ ނުހުރެއެވެ. އެންމެ ފަހުން ޖިދާ ލަސަމް ކަންތައް ކުރާ ގޮތާ ލަސަމްގެ އުޅުން ހުންނަގޮތާ ހުރިހާއެއްޗެއް އުޝާމްއަށް ކިޔައިދިނެވެ.
ޖިދާ ދެއްކި ވާހަކަތަކުން އުޝާމްގެ ގާތަށް އިންތިހާއަށް ރުޅިއައެވެ. ޖިދާގެ ވާހަކަތަކުގެ ތެރެއިން މިހާރު ލަސަމްއާ ދުރުވާން ބޭނުންވާ ވާހަކަ ބުނުމުން އެކަމުން އުޝާމްގެ ހިތަށް ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ. “ޖިދާ ބޭނުންވަންޏާ އަހަރެން މިހުރީ ޖިދާއަށް ތިކަމުގައި އެހީތެރިވާން ތައްޔާރަށް… އެކަމް ޖިދާ އެފުރުސަތު އަހަންނަށް ދީ ފިއްޔާމު….” ލަސަމް ދެކެ ކިތަންމެ ރުޅިއައިނަމަވެސް ޖިދާ ލަސަމްއާ ދުރުވާން ބޭނުންވާތީ އެކަމަށް އުފާކޮށް އުޝާމް ބުންޏެވެ. ” އެކަމަށް މަސައްކަތް ކުރަމުން މިދަނީ..” ” އަހަރެން މިހުރީ އަދިވެސް ޖިދާގެ އިންތިޒާރުގައި … ބާރަ އަހރުވެއްޖެ.. މަދުތަ…” އުޝާމްގެ ވާހަކަތަކުން ޖިދާ ގާތަށް ހިނި އައެވެ. އުޝާމް އޭނަދެކެވާ ލޯބި ކިތަންމެ ރަގަޅަކަށްވެސް އެމޫނުމަތިން ފެނެއެވެ. ނަމަވެސް ޖިދާގެ ހިތްދެވިފައިވަނީ އެހެން ފަރާތަކަށެވެ. މިހާރު މަސައްކަތް ކުރަމުން އެދަނީ އެފަރާތާ ދުރުވެވޭތޯއެވެ. ނަމަވެސް ޖިދާގެ ހިތަށް އަރަނީ އެފަދަ ލޯތްބެއް އޭނައަށް އެހެންމީހަކު ދެކެ ވެވިދާނެތޯއެވެ.
ވާހަކައިގައި ތިއްބާ ނުވަގަޑި ބައިވުމުން ޖިދާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އުޝާމް އެކަމާ އިންކާރެއް ނުކުރެއެވެ. ޖިދާ ބޭނުންވިގޮތަށް އުޝާމް ޖިދާ ގެއަށް ލާދޭން ދިޔައެވެ. ޖިދާ ސިޓިންގ ރޫމަށް ވަންއިރު ބައްޕަ ޖިދާގެ އިންތިޒާރުގައި ހުއްޓެވެ. ” ބައްޕަ ކައިފިންތަ؟..” ޖިދާ އަހާލިއެވެ. ” އާނ! ދަރިފުޅު ބޭރަށް ދިޔަގޮތުން ދަރިފުޅު މިރޭ ކާނީ ބޭރުންކަން އެނގޭތީ ބައްޕަ ކައިފިން.. ދަރިފުޅު ކާކާ އެއްކޮށްތަ މިރޭ ބޭރަށް ދިޔައީ.. ބައްޕަ މިހެން މިއެހީ ދަރިފުޅު ލަސަމްއާ ރައްޓެހިވީފަހުން ދަރިފުޅުގެ ރައްޓެހިންނާއެކު ބޭރަށްނުދަންވިއްޔާ….” ޝަމީލްއަށް އޭނާގެ ދަރިފުޅަށް ބަދަލްތަކެއް އަންނަ ކަމަށް ފާހަގަވާތީ އަހާލިއެވެ. ޖިދާއަކީ މައިންބަފައިންކާރީ ދޮގުހަދާ ކުއްޖަކަށް ނުވާތީ ހުރިހާ ވާހަކައެއް ބައްޕައަށް ކިޔައިދިނެވެ. އަދި އުޝާމް އާއިލާވެސް ކިޔައިދިނެވެ. ދަރިފުޅުގެ ވާހަކަތަކުން އުޝާމްއަކީ ކޮންކަހަލަ ކުއްޖެއްކަން އެނގުމުން ޝަމީލް ކަންބޮޑުވާނޭފަދަ ކެމެއް ނެތްކަން އެނގުނެވެ. އަދި ދަރިފުޅުގެ ވާހަކަ ތަކުން އުޝާމް ހަރުދަނާ އުސޫލްތަކެއް ގެންގުޅޭ ކުއްޖެއްކަންވެސް އެނގިއްޖެއެވެ. އެހެންރޭރޭ ތަކެކޭ އެއްފަދައިން މިރޭވެސް ބައްޕަޔާ ވާހަކަ ދައްކަން އިނުމަށްފަހު ޖިދާވަނީ މަންމަގެ ކޮޓަރިއަށެވެ. ޖިދާ އެކޮޓަރިއަށް ވަން މަންޒަރު ބަލަންއިން ،ޝަމީލްގެ ހިތުގައި އެތައް ޝަކުވާއެއްވިއެވެ. ސާޖިދާ އެނބުރި އެމީހުންގެ ދިރިއުޅުން އުޖާލާކޮށްދޭން އަންނާނީ ކޮންދުވަހަކުންބާވައެވެ.
ޖިދާ އެނބުރި އޭނަގެ ކޮޓަރިއަށް ވަންތަނުން ލަސަމް ގުޅިއެވެ. މިރޭ ވެގެންދިޔައީ ޒުވާބު ކުރަން ގުޅި ރެއަކަށެވެ. ލަސަމްގެ ރައްޓެއްސެއްގެ ފަރާތުން ޖިދާ އުޝާމްއާ އެއްކޮށް ރެސްޓޯރަންޓަށް ދިޔަކަން އެނގިގެންނެވެ. އޭނަދެކެ ލޯބިވަންޏާ އުޝާމްއާ ދުރުވުމަށް ބުންޏެވެ. ޖިދާއަށް އެންމެފަހުން އެއްޗެކޭ ނުބުނެ ކެތެއް ނުކުރެވުނެވެ. އެހެންކަމުން ލަސަމް ބުނި ގޮތަށް ހަދައިގެން ލަސަމްދެކެ ލޯބިވުމަކުން ޖިދާއަށް ލިބުނުހާ ވެސް އެއްޗަކީ ހިތްދަތިކަމާ އުމުރުން ދުވަސްތަކެއް ބޭކާރުގޮތުގައި ހޭދަކޮށްލުމެވެ. ލަސަމް ޖިދާއާ އެއްކޮށް ދިރިއުޅުމެއް އުޅެންބޭނުންވާނަމަ މިހާ ގިނަ ދުވަސްތަކެއް ފާއިތު ނުކުރާނެ ކަމުގައި ބުންޏެވެ. ދެން އިތުރަކަށް ލަސަމްއާއެއްކޮށް އުޅެން ބޭނުން ނުވާކަމުގައިވެސް ޖިދާ ބުންޏެވެ. އެހިސާބުން ލަސަމްއަށް އަނެއްކާވެސް ގޯސްވީ ޖިދާއެވެ. ލަސަމް ދެކޭ ގޮތުގައި ޖިދާއާ އުޝާމްއާ ދޭތެރޭ ގުޅުމެއް އޮންނަނީއެވެ. އެހެންކަމުން ޖިދާ ލަސަމްއާ ދުރުވާން ބޭނުންވަނީއެވެ. އިތުރަށް ލަސަމް ދައްކާ ބޭކަރުވާހަކަތައް އަޑުއަހާކަށް ޖިދާބޭނުމެއް ނުވިއެވެ. ޖިދާ ފޯނުކަނޑާ ލުމުންވެސް ލަސަމް އެތައް ފަހަރަކު ގުޅިއެވެ. އެރޭ ލަސަމް އުނދަގޫ މާ ބޮޑުވެގެން އެންމެފަހުން ލަސަމްގެ ނަންބަރުވެސް ބްލޮކް ކޮށްލައިފިއެވެ. ހިތާ ދެކޮޅަށްވެސް ލަސަމްއާ ދުރުވާން ބޭނުންނަމަ ޖިދާ އެކަން ކުރަން މަޖުބޫރެވެ.
ކަރުނަ އޮއްސުމުގައި އެހެންއޮއްވާ އަނެއްކާވެސް ފޯނު ރިންގުވާން ފަށައިފިއެވެ. ބަލާލިއިރު ގުޅަނީ އުޝާމްއެވެ. މިރޭ ދެން އިތުރު މީހަކާ ވާހަކަ ދައްކާނެ މޫޑެއް ނެތުމުން އުޝާމް ދެފަހަރަކު ގުޅުމުންވެސް ޖިދާ ފޯނެއް ނުނަގައެވެ. އޭގެފަހުން އެރޭ އުޝާމްވެސް ނުގުޅައެވެ. ފަތިހު ނަމާދަށް ޖިދާ ހޭލިއިރު ކޮންމެވެސްވަރަކަށް ދެލޮލަށް ތަދުވެއެވެ. ރޭގައެހާ ވަރަށް ރޮވުމުން ލޮލުން ދިލަވެސް ނަގައެވެ. ފާޚާނާއަށްވަދެ ފެންވަރައިލައިގެން ނުކުމެ ނަމާދުކޮށްލެވުމުން ޖިދާގެ ހިތައް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އާދައިގެ މަތިން މިއަދުވެސް ފަތިސްނަމާދުކޮށްގެން ޖިދާ ނުކުތީ ބޭރަށެވެ. ހިނގަމުންގޮސް އެހެންދުވަހުވެސް ރަސްފަންނުގައި އިށީދެލައިގެން ހުންނަ ގޮނޑިއާ ހަމައަށް އާދެވިއްޖެއެވެ. އިރުއަރަން ކައިރިވެފައި ހުއްޓާ ޖިދާކައިރީގައި ހުރި ގޮނޑީގައި މީހަކު އިށީން ހެން ހީވެގެން ބަލައިލިއެވެ. “އުޝާމް މިގަޑީގަ ކޮންކަމެއް؟.. ދުވަން ގޮސްފަތަ؟..” އުޝާމް އަށް ބާލުމުން އުޝާމް އެއައީ ދުވަން ގޮސްފައިކަން އެނގެއެވެ. “އާނ!.. ރޭގަ ގުޅީމާ ފޯނެއްވެސް ނުނަގަމެއްނޫ.. މާއަވަހަށް ނިދުނީތަ؟..” ރޭގަ ޖިދާ ފޯނު ނުނަގާތީ ވީގޮތެއް އޮޅުންފައްލައިލަންވެގެން އުޝާމް އަހާލިއެވެ. ޖިދާގެ ޙަޔާތުގައި ލަސަމްއާއެއްކޮށް ހިނގާދިޔަ ފަހުބާބުތައް އުޝާމްއަށް ކިޔައިދިނެވެ. ޖިދާގެ ވާހަކަތަކުން އުޝާމްހިތް އުޖާލާވެގެން ދިޔއެވެ. ޖިދާއަށް ނޭނގުނު ނަމަވެސް ޖިދާގެ ވާހަކަތަކުން އުޝާމްއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ޖިދާއަށް ހިތްވަރުދިނުމުގެ ގޮތުން އުޝާމް ވަރަށް ގިނަވާހަކަތައް ދެއްކިއެވެ. އުޝާމްގެ ވާހަކަތަކުން ޖިދާއަށް ނޭނގިނަމަވެސް ހިތައް ތަސައްލީއެއް ލިބެއެވެ.
7 މަސް ފަސް
4 Comments!
Comments are closed.
masha allah kudhu…..varah reethi and cant wait for next part 🙂
Tanx thithaa??
V reethi mi part vx
Kon dhuvahakun tha next part kudhoo
Thanx. Mint??