Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – އަށާވީސްވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
April 18, 2020 7 Mins Read
9 Comments

ނިދިފައި އޮތް ޝިމާޔާއަށް ހޭލެވުނީ ކޮޓަރިތެރެއިން ޝަމީމް ވަރަށް ބާރަށް ގޮވާ އަޑު އިވިފައެވެ. ކައިރީގައި އޮތް ފޯނު ނަގައި ގަޑި ބަލައިލިއިރު ފަހެއް ޖަހައި މިނެޓު ވެއްޖެއެވެ. އިރުނާރާތީ ދުނިޔެމަތި އަނދިރިކަމަށް ދައްކައެވެ. އަނެއްކާވެސް ޝަމީމް ގޮވައިލި އަޑަށް ޝިމާޔާ ތެދުވެ ޝަމީމްގެ ކޮޓަރިއަށް ދިޔައެވެ. އޭރު ޝަމީމް އެނދުން ތެދުވަން މަސައްކަތް ކުރަނީއެވެ. ޝިމާޔާ ބަލާކަށްނުހުރެ ޝަމީމް ކައިރިއަށް ގޮސް އެނދުން ތެދުވަން އެހީވެދިނެވެ. “ދޮންބެ ހާދަ ބާރަކަށޭ ތި ގޮވީ. ކީއްވެ ގުޅާނުލީ؟” މި ދަނޑިވަޅުގައި ނުލާހިކު ފަސޭހަގޮތެއް އޮއްވައިވެސް ޝަމީމް އެ ގޮތް ބޭނުންނުކުރުމުން ޝިމާޔާގެ ހިތުގައި ސުވާލު އުފެދުނެވެ. “ފޯނެއް ނެތް.” ފަރުވާކުޑަ ރާގަކަށް ޝަމީމް ބުންޏެވެ. “އެއީ ކީއްވެ؟” ޝަމީމްގެ މޫނުމައްޗަށް އަރައި ފައިބަމުން ދާ ކުލަތަކަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ހުރެ ޝިމާޔާ އެހިއެވެ. އެވަގުތު ޝަމީމްގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުގެ ކުލަވަރުން ކޮންމެވެސް ކަމެއް ޝަމީމް ސިއްރުކުރާކަން ޝިމާޔާއަށް ދޭހަވިއެވެ. ނުތަނަވަސްކަމާއިއެކީ ޝިމާޔާ އާއި ދިމާލަށް ޝަމީމް ބަލަހައްޓައިގެން ހުއްޓެވެ. އަންޖަދު ކުރީ ދުވަހު ދެއްކި ވާހަކަތައް ޝިމާޔާ ކައިރީ ބުނެދޭނެ ގޮތެއް ޝަމީމްއަކަށް ނޭނގުނެވެ. އަންޖަދުގެ ނަން ގަތަސް ޝިމާޔާ ރުޅިއަންނަކަން ޝަމީމްއަށް އިނގެއެވެ. “ފަހުން ކިޔާދޭނަން. ބަންގި ގޮވަން ވަނީނު.” ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ޝަމީމް ބުންޏެވެ. “ވަރަށް ބަލައިގެން އުޅޭތި ދޮންބޭ. ކަމަކު ބޭނުންވެއްޖެއްޔާ ގޮވާތި. އަހަރެން އިންނާނަން ސިޓިންގް ރޫމުގަ.” ޝަމީމް މަޑުމަޑުން ބޯ ޖަހައިލުމުން ޝިމާޔާ ކޮޓަރިން ނުކުތެވެ. މި ވަގުތުގެ ގޮތުން ޝިމާޔާއަށް ސިޓިންގް ރޫމުގައި މަޑުކުރުން ކޮންމެހެންވެސް މަޖުބޫރެވެ. ސަބަބަކީ ސިޓިންގްރޫމުގައި އިނުމުން ޝަމީމް ގޮވައިލިޔަސް އަޑުއިވޭނެތީއެވެ. ޝިމާޔާގެ ކޮޓަރިއާއި ހަމައަށް އެ އަޑު ނުފޯރާނެތީއެވެ.

ނަމާދުކޮށްލައިގެން ޝަމީމް ނުކުތުމުން ޝިމާޔާ ސޯފާއިން ތެދުވިއެވެ. ޝަމީމް އަށް މިހާރު އަމިއްލައަށް ކޮޅަށް ހުރެވެނީ ތަނެއްގައި ހިފަހައްޓައިގެންނެވެ. އަމިއްލައަށް ކޮޅަށް ހުރެވޭވަރުވާނީ އަދި ދުވަސްކޮޅެއް ފަހުން ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. ޝިމާޔާ ގޮސް ޝަމީމް ގެނައިސް ސޯފާގައި ބޭންދިއެވެ. އަދި ބަދިގެއަށް ގޮސް ޝަމީމްއަށް ކޮފީ ތައްޓެއް ހަދައިގެން ގެނައިސްދިނެވެ. ޝަމީމް އަތުޖެހޭ ހިސާބުގައި ޓީވީ ރިމޯޓާއި ޝިމާޔާގެ ފޯނު ބޭއްވުމަށްފަހު ޝިމާޔާ އޭނާގެ ކޮޓަރިއަށް ދިޔައީ ފެންވަރައިގެން ނަމާދުކޮށްލުމުގެ ނިޔަތުގައެވެ.

ޝަމީމް ޓީވީ ބަލަން އިންދައި ޝިމާޔާގެ ފޯނު ދިއްލުނުތަން ފެނުނެވެ. ޑިސްޕްލޭއަށް އަރައިފައި އިން ޒައިންގެ ނަން ފެނި ޝަމީމް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ހަލޯ.” އެކޮޅުން ޒައިން ހެލޯ އޭ ބުނެލި އަޑަށް ޝަމީމް ކަރުތެރެއަށް ބާރުކޮށްލަމުން ހެލޯ އޭ ބުންޏެވެ. ހީވަނީ މުސްކުޅި މީހެއްގެ އަޑެއްހެނެވެ. މިނެޓްތަކެއް ވަންދެން ދެފަރާތުން އެއްވެސް ވާހަކައެއް ނުދައްކައި ތިއްބެވެ. ހިނިގަނޑު ހިފަހައްޓައިގެން އިން ޝަމީމްގެ ހިނިގަނޑު ފަޅައިގެން ދިޔައީ ޒައިން ވާހަކަ ދައްކަނީ ކާކުތޯ އެހުމުންނެވެ. ބަނޑަށް ތަދުވާން ފެށުމުން ޝަމީމްއަށް ހުނުން ކޮންޓްރޯލް ކޮށްލަން ޖެހުނެވެ. “މީ ޝަމީމް.” ސޯފާގައި ރަނގަޅަށް ލެނގިލަމުން ޝަމީމް ބުންޏެވެ. “ހާދަ ކުޅަދާނައޭދޯ މީހުން ކަޑަކުރަން. ހީވީ ހަމަ މުސްކުޅިއަކު ވާހަކަދެއްކިހެން ވިއްޔަ.. ކޮބާތަ ޝިމް؟” ޒައިން ސުވާލުކުރި ވަގުތުވީ ޝިމާޔާ ކޮޓަރިން ނުކުތް ވަގުތަށެވެ. ޝަމީމް ޝިމާޔާ އަތަށް ފޯނު ދިނުމުން ދެބުމަގޮށްޖަހައިލަމުން ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ޒައިންގެ ނަން އަރައިފައި އިނުމުން އަވަސްއަވަހަށް ފޯނު ކަންފަތުގައި ޖައްސައިލަމުން ކިހިނެތްވީތޯ އަހައިލިއެވެ. “ބުނީމެއްނު އެއްދުވަހަކުން ޝިމް ގޮވައިގެން ފަތިހު ހިނގާލަން ދާނަމޭ. އެހެންވެ ހިނގާލަން ދާންވެގެން.” ޝިމާޔާ އެންމެ ރަނގަޅޭ ބުނެ ފޯނު ކަނޑައިލިއެވެ.

“ދޮންބޭ. އޯކޭތަ އަހަރެން ޒައިން އާ އެކީ ހިނގާލަން ދިޔަޔަސް؟” ޝިމާޔާ ޝަމީމް އާއި ސުވާލުކުރީ ނުކެރިފައި ހުރެއެވެ. އޭނާގެ ދިރިއުޅުމުގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން ޝަމީމްއަށް ޝިމާޔާ ތަންތަނަށް ފޮނުވަން އުނދަގޫވާނެހެން ޝިމާޔާއަށް ހީވަނީއެވެ. “ދޭބަލަ. ދޮންބެ ނޫޅެމޭ ނުފޮނުވާކަށް. ޒައިންއާއެކީގައެއްނު ތި ދަނީ. އެހެންވީމަ ރަނގަޅުވާނެ.” ޝަމީމް އެއްވެސް ދެކޮޅުހެދުމެއްނެތި ޝިމާޔާއަށް ދިއުމުގެ ހުއްދަ ދިނެވެ. ޝަމީމް އެހާ ފަސޭހައިން ޝިމާޔާއަށް ޒައިންއާއިއެކީގައި ދިޔުމަށް ހުއްދަދިން ސަބަބަކީ ޒައިންއަކީ ޝަމީމްއަށް އިތުބާރުކުރެވޭ ފަރާތެއް ކަމުގައި ވާތީއެވެ. އަދި ޒައިން ޝިމާޔާއަށް އެއްވެސް ދެރައެއް ނުދޭނެކަން އެއްވެސް ޝައްކެއް ވަސްވާހެއްނެތި ޝަމީމް އަށް ޔަޤީންވާތީއެވެ.

އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެން ޝިމާޔާ ގެއިން ނުކުތެވެ. އޭރު ޒައިން ގޭ ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓެވެ. އިރުނާރާތީ އަދިވެސް ފަޒާތެރޭ ފިނީގެ އަސަރު ހިފައިފައި ހުއްޓެވެ. ދެޒުވާނުންވެސް މިޞްރާބެއްނެތި އެކިއެކި ވާހަކަ ދައްކަމުން މަގުތަކުގައި ހިނގަމުން ދިޔައެވެ. މަގުމަތީގައިވި ހަމަހިމޭންކަން ނަގައިލަނީ ދެޒުވާނުންގެ ހުނުމުގެ އަޑަށެވެ. އިރުއަރަން ކައިރިވުމުން ދެޒުވާނުންވެސް އިރުއަރާ މަންޒަރު ބަލަން ދިޔައެވެ. އިރުގެ އަލި ކަނޑަށް އެޅިފައިވާ ގޮތް ވަރަށް ފުރިހަމައެވެ. ހީވަނީ ކަނޑުގެ ވަކި ހިސާބެއްގައި އޮރެންޖް ކުލަ ޖައްސައިފައިވާހެންނެވެ. ޒައިން އެ މަންޒަރު އޭނާގެ ފޯނުގައި ރައްކާކުރިއެވެ. ޝިމާޔާ ވެސް އޭނާގެ ފޯނަށް އެ ފޮޓޯތައް ފޮނުވައިދިނުމަށް ބުންޏެވެ. ދެ ޒުވާނުން އެތަނުގައި ސެލްފީނަގައި ހެދިއެވެ. ޝިމާޔާގެ ހުއްދައާއިއެކު ޒައިން އޭނާގެ ފޭސްބޫކް ސްޓޯރީއަށް އެ ދެމީހުންނަށް ނެގުނު އެންމެ މަޖާ ފޮޓޯ ލިއެވެ. އެ ފޮޓޯގައި ދެމީހުންވެސް ތިބީ މޫނަށް ވައްތަރު ޖައްސައިގެންނެވެ. ޝިމާޔާ ދެލޯ މަރައި ބާރުކޮށްލައިގެން ދޫނެރެގެން ހުރިއިރު ޒައިން އެއްބުމަ ހިއްލައިލައި އަނގަ ތަންމިނަށް ހުޅުވައިގެން ދޫނެރެގެން ހުއްޓެވެ. އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދެ ޒުވާނުން ވެސް އެމީހެއްގެ ގެއަށް ދާން ހިނގައިގަތެވެ.

ދެމީހުން ނަގައިފައި ހުރި ސެލްފީތަކަށް ބަލައި ހެވަމުން ޒައިން ގެއަށް ވަނެވެ. އޭރު އަސްމާ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރިކަމެއް ޒައިން އަކަށް ނޭނގެއެވެ. “ދަރިފުޅު ކޯއްޗެއް ބަލާފަތަ މާވަރަކަށް ތި ހެނީ؟” ޒައިން ސިހިފައި އަސްމާ އާއި ދިމާލަށް ބަލައިލީ ކުއްލިއަކަށް އަސްމާގެ އަޑުއިވުމުންނެވެ. “މަންމަ އެބަ އިނިންތަ މިތާނގަ؟” ބޮލުގައި އަތްފުނައި އަޅައިލަމުން ޒައިން އެހިއެވެ. އަސްމާ އާނއެކޭ ބުނުމުން ޒައިންވެސް މާބޮޑުކަމަކަށް ނުހަދައި ގޮސް އަސްމާ ގާތުގައި އިށީނެވެ. އަދި ޝިމާޔާ އާއި ޒައިން އާއި ދެމީހުން ނަގައިފައި ހުރި ސެލްފީތައް އަސްމާ އަށް ދެއްކިއެވެ. އަސްމާ ވެސް ޒައިން އާއި ބައިވެރިވެގެން އެ ފޮޓޯތަކަށް ބަލައިފައި ހުނެވެ. “މަންމަ ހީކުރީ ޝިމާޔާ އަކީ މާ މަޑުން ހުންނަ ކުއްޖެއްކަމަށް. އަޅެ އެކުއްޖާވެސް ކުޅަދާނައެއްނު ދޯ.” ހެމުން ހެމުން އަސްމާ ބުންޏެވެ. ދެމައިން ވާހަކަދައްކަން ތިއްބައި މުނީޝާމެން ކޮޓަރިން ނުކުތެވެ. އަންހެންކުދިންތައް ކާކޮޓަރިއަށް ވަނުމުން އަސްމާވެސް އެމީހުނާއެކީ މަސައްކަތްކުރުމަށް ކާކޮޓަރިއަށް ދިޔައެވެ. ނައިޒަކް އައިސް ސޯފާގައި އިށީނދެ ޓީވީ ހުޅުވައިލިއެވެ. އާރިޝް ކޮބައިތޯ އެހުމުން އާރިޝް އޮތީ ނިދައިފައި ކަމަށް ނައިޒަކް ބުންޏެވެ. ޒައިން ވެސް ދެން އިތުރު ވާހަކަތަކެއް ނުދައްކައި ފޯނާ ކުޅެން އިނެވެ.

ބަދިގެތެރޭ އަވަދިނެތި ޙަރަކާތްތެރިވަމުން ޝިމާޔާ ދިޔައެވެ. އޭނާގެ ދޮންބެއަށް އެންމެ މީރުވާނޭ ގޮތަށް ޗޮކްލެޓް ޕޭންކޭކް ފިހުނެވެ. އަދި ފްރުޓް ސެލެޑްއެއްވެސް ހެދިއެވެ. ދޮންބެ ބަލިކޮށް އުޅޭތީ ދޮންބެ ހިތްހަމަޖައްސައިދެވޭތޯ ކުރިއަށްވުރެ ބޮޑަށް ޝިމާޔާ ބަލައެވެ. އެގޮތުން ގިނަވަގުތު ޝިމާޔާގެ ފޯނު ޝަމީމްގެ އަތުގައި ބާއްވައެވެ. އެއްމަސް ވަންދެން ޝަމީމް އެހެނިހެން މަސައްކަތް ކުރަން ޑޮކްޓަރު ވަނީ މަނާކޮށްފައެވެ. އެހެންކަމުން އެއްވެސް ކަމެއް ނެތި ގޭގައި އިންނަންވުމުން ޝަމީމް ފޫހިވާނެތާއެވެ. ޝިމާޔާގެ ފޯނާއި ކުޅެން ޝަމީމް އިންދައި ޝިމާޔާ ސައި ތައްޔާރުވެއްޖެކަމަށް ބުންޏެވެ. ޝަމީމް ފޯނު ބާއްވައި ކުރިމަތީ ހުރި މޭޒުގައި ހިފަހައްޓަމުން މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ތުވާލިކޮޅަކުން އަތް ހިއްކައިލުމަށްފަހު ޝިމާޔާ ބަދިގެއިން ނުކުމެ ޝަމީމް ކައިރިއަށް ގޮސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ޝަމީމް ބަދިގެއަށް ވައްދައި ކާމޭޒުކައިރީ ޝަމީމް ބޭންދިއެވެ. ކާން ފެށިތަނުން ޝަމީމްގެ އަތުގައި ވަރަށް ބޮޑަށް ރިއްސަން ފެށިއެވެ. އެއީ މީގެ ކުރިން އޭނާއަށް މާބޮޑަށް އޭނާގެ އަތް ޙަރަކާތްކުރެވެމުން ވީގޮތެއްކަން ޝަމީމް އަށް އެނގުނެވެ. ޝަމީމް އުނދަގުލުން ނަމަވެސް ކެވޭތޯ ބެލިއެވެ. ނަމަވެސް އަތުގައި މާ ބޮޑަށް ރިއްސާތީ ޝަމީމް އިހަށް ނުކައި މަޑުކޮށްލީއެވެ.

ކޮޓަރިއަށް ވަދެފައި ނުކުތް ޝިމާޔާ އައިސް ބަދިގެއަށް ވަތް އިރު ޝަމީމް އިންގޮތް ފެނި ހިތުގައި ސުވާލު އުފެދުނެވެ. ޝަމީމް އަކީ އޭނާއަށް އެންމެ މީރު ކާ އެއްޗެހި ހަދައިދީފިއްޔާ ފަސްމިނެޓުން އެ ކައި ހުސް ކޮށްލާ މީހެކެވެ. އެވަރުން ނުފުދިގެން ޝިމާޔާ އަށް ބަހައްޓައިފައި ހުންނަ އެތިކޮޅުވެސް ޝަމީމް ކައި ހުސްކޮށްލާނެއެވެ. “ދޮންބޭ. ކީއްވެ ނުކައި ތީނީ؟ ނުބައީތަ؟” ޝަމީމް ކައިރީ ހުރި ގޮނޑީގައި އިށީންނަމުން ޝިމާޔާ އެހިއެވެ. “އަތުގަ މާ ބޮޑަށް ރިއްސަން ފެށީމަ އެއްވެސް ގޮތެއް ނުހެދިފަ މީނީ.” ކަނާއަތުގައި ފިރުމައިލަމުން ޝަމީމް ބުންޏެވެ. ޝިމާޔާ އުލުން ޕޭންކޭކް ކޮޅެއް ނެގުމަށްފަހު ޝަމީމްއަށް ދިއްކޮށްލިއެވެ. ޝަމީމް ހިނިތުންވެލަމުން އޭތިކޮޅު ކައިލިއެވެ. “ޝިމް އަތުން ކާންދިނީމަ ވަރަށް މީރު އިނގޭ… މިތާ އެހެންކުއްޖަކު އިން ނަމަވެސް ބުނާނެ މިހެން.” ޝަމީމް ގަސްދުގައި އެހެން ބުނީ ޝިމާޔާ ލަދުގަންނަވާލުމުގެ ނިޔަތުގައެވެ. ޝިމާޔާ އިނީ ހަމަ ރަނގަޅަށްވެސް ލަދުގަނެފައެވެ. “ހެހެ.. ދޮންބެ ސަމާސާ ކޮށްލީއޭ.” ޝިމާޔާ އިސް ޖަހައިގެން އިންނަން ފެށުމުން ޝަމީމް ބުންޏެވެ. “ދޮންބޭ. ދޮންބެ ބުނީމެއްނު ދޮންބެ ފޯނެއްނެތޭ. ކިހިނެތްތަވީ؟” ކަމެއް ހަނދާންވާފަދައަކުން ޝިމާޔާ އިސްއުފުލައިލަމުން ޝަމީމް ކައިރީ އެހިއެވެ. “އަމްމް… ސައިބޮއެ ނިންމައިގެން ތި ވާހަކަ ދައްކާނީ ދޯ.” ޝަމީމް ބުންޏެވެ. ޝިމާޔާ ވެސް އިތުރު އެއްޗެކޭ ނުބުނެ ޝަމީމްއަށް ކާންދެމުން ގެންދިޔައެވެ.

ޒައިން އޮފީހަށް ދާން ނުކުތް މަގުމަތީ ޔޫނާ އާއި ދިމާވިއެވެ. “ދައްތާ! ކީއްކޮށްލަނީ؟” ޔޫނާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޒައިން އެހިއެވެ. “ޒައިންގެ މަންމަ އާ ބައްދަލުކޮށްލަން މި ދަނީ. މަންމަ އެބަ އުޅޭތަ ގޭގަ؟” ޒައިން އާނ އެކޭ ބުނުމުން ޔޫނާ ހިނިތުންވެލުމަށްފަހު ދާން ހިނގައިގަތެވެ. ޒައިން މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރީ ޖިއާން އަންނަންދެނެވެ. މާ ގިނަ އިރަކު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ނޫކުލައިގެ ސައިކަލެއްގައި މަގުގެ ކޮޅުން ޖިއާން އަންނަތަން ފެނުނެވެ. ޖިއާން ޒައިން ކުރިމަތީގައި މަޑުކޮށްލުމުން ޒައިން ޖިއާންގެ ސައިކަލު ފަހަތަށް އެރިއެވެ. ދެ ޒުވާނުން އޮފީހަށް ދިޔައީ އޮލަ ވާހަކަތަކެއް ދައްކަމުންނެވެ.

“އޭނާ އެކަމަކު ހާދަހާ ގޯހޭ. މީހުނަށް އަނިޔާ ކުރާއިރު މީހުންގެ މުދަލަށް ވެސް ގެއްލުން ދޭން ޖެހޭތަ؟” ޝަމީމް ކުރީދުވަހު އަންޖަދު ދެއްކި ވާހަކަތައް ޝިމާޔާއަށް ކިޔައިދިނުމުން ޝިމާޔާ އިނީ ރުޅިން ފަޅައިގެން ދާވަރުވެފައެވެ. “އަހަރެންވެސް ވަކި ދުލެއް ނުކުރާނަމޭ. ހުރެބަލަ ނިކަން އޭނަގެ އެއްޗެއް ގެންގޮސް އަންދާލާނަން. އެނގިދާނެއްނު ދެރަވާނެވަރެއް.” ރުޅިއައިސް ރަތްވެފައި ހުރުމުން ޝިމާޔާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ. ޝިމާޔާގެ ބަސްމަގު ހުރިގޮތުން ޝަމީމް ހިތްހަމަނުޖެހުނެވެ. “މީހަކަށް ކުށެއް ކުރެވުމުން އޭގެ މާނައެއްނޫން ބަދަލުހިފާށެކޭ. އެއީ އަހަރުމެން އިންސާނުން ކޮށްގެން ވާނެކަމެއްނޫން.” ޝަމީމް ހިތްހަމަނުޖެހިފައި ހުރި ވަރުން ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށޭ. “އެކަމަކު..” ޝިމާޔާ ބުނަން އުޅުނު ޖުމުލަ މެދުކަނޑާލަން ޖެހުނީ ޝަމީމް އަތުގެ އިޝާރާތުން ހުއްޓާލުމަށް ބުނުމުންނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިގެން ވާހަކަދެއްކޭތޯ ބެލިއެވެ.

“ޝިމް އެބަޖެހޭ ކަންނޭނގެ ތި ގޮތްގަނޑު ދޫކޮށްލަން. ދޮންބެ އަށް އިނގޭ ދޮންބެގެ އެއްޗަކަށް މީހަކު ގެއްލުމެއް ދީފިއްޔާ ޝިމް ވެސް ރުޅިއަންނާނެކަން. އެކަމަކު ތި ރުޅި ކޮންޓްރޯލް ކުރަން ޝިމް ދަސްކުރަން އެބަޖެހޭ. އަންޖަދު އެދުވަހު ވަރަށް ރީތިކޮށް ދޮންބެ އާ ވާހަކަދެއްކީވެސް. ވަރަށް ރީތިކޮށް ބުނި ތިމަންނައަށް މާފުކޮށްދޭށޭ. އަންޖަދު އަށް ކުރެވުނު ކުށް އޭނާއަށް އިހުސާސްނުކުރެވެންޏާ އޭނަ އެހާ ރީތިކޮށް ދޮންބެއަކާ ވާހަކައެއް ނުދައްކާނެ ދޯ. ކޮންމެ މީހަކަށްވެސް ހަމަޖެހިގެން ދިރިއުޅެވޭނީ އެކަކު އަނެކަކަށް މާފުކޮށްގެން. އެހެންމަ ޝިމްގެ ހިތުގަ ތިއޮތް ބަދަލުހިފުމުގެ ރޫޙު ކަނޑުވާލާފަ ހެޔޮހިތުން އޭނައަށް މާފުކުރޭ.” ޝަމީމް އެ ހުރިހާ ވާހަކައެއް ޝިމާޔާ އާއި ދެއްކީ ޝިމާޔާއަށް ވިސްނައިދޭންވެގެންނެވެ. ވަކި ޝަމީމް އަށް ލިބޭނެ މޮޅަކަށް ބަލައިފައެއްނޫނެވެ. އަންޖަދު ކުރި ކުށަށް ޝިމާޔާ ބަދަލު ހިފައިފިނަމަ އަނެއްކާވެސް ކަންތައްތައް ދާނީ ގޯހުން ގޯހަށްކަން ޝަމީމް އަށް ވަރަށް ރަނގަޅަށް އެނގެއެވެ. “އެކަކު އަނެކަކަށް މާފުކުރުމަކީ އިސްލާމްދީނުގަ އަންގަވާފަ އޮތް ކަމެއް. އެއީ ވަރަށް ރީތި އާދައެއް.” ޝިމާޔާ އެއްޗެކޭ ނުބުނެ އިނުމުން ޝަމީމް އަނެއްކާވެސް ބުންޏެވެ. ޝިމާޔާ ހިނިތުންވެލުމަށްފަހު އޭނާގެ ފޯނު ހިފައިގެން ކޮޓަރިއަށް ދިޔައެވެ. ޝިމާޔާ ހިނިތުންވެލިގޮތުން ޝަމީމް ދިން ނަޞޭޙަތް ޝިމާޔާ އަޑު އަހައިފިކަން ޝަމީމްއަށް އެނގުނެވެ.

ދެވަނަ ވިސްނުމަކަށް ނުގޮސް ޝިމާޔާ އަންޖަދުގެ ނަމްބަރަށް ގުޅިއެވެ. ރިންގް ހުސްވިއިރުވެސް އަންޖަދު ފޯނެއް ނުނެގިއެވެ. ޝިމާޔާ އޭނާގެ ފޯނު ކައިރީގައި ބާއްވައިފައި ޝަމީމް ދެއްކި ވާހަކަ އާ ދޭތެރޭ ވިސްނައިލިއެވެ. އެގޮތުގައި ވިސްނަން އިރުކޮޅަކު އޮއްވައި ޝިމާޔާގެ ފޯނު ރިންގްވާން ފެށުމުން ޝިމާޔާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ ގުޅަނީ ކާކުތޯ ބެލުމެއް ނެތިއެވެ. އެކޮޅުން އަންޖަދުގެ އަޑު އިވުމުން ޝިމާޔާއަށް އެނދުން ތެދުވެވުނެވެ. މިފަހަރު އަންޖަދުގެ އަޑުގައި ތަފާތު އަސަރެއް އެކުލެވިގެންވާކަން ޝިމާޔާއަށް ފާހަގަވިއެވެ. “އަންޖް. އަހަންނަށް އިނގޭ އަންޖް ދޮންބެއާ ވާހަކަދެއްކިކަން. އަންޖް ދެއްކި ހުރިހާ ވާހަކައެއްވެސް ދޮންބެ އަހަންނަށް ކިޔައިދިން. އަހަރެން އަސްލު ވަރަށް ދެރަވޭ އަންޖް ދޮންބެގެ ފޯނަށް އެހެން ހެދީމަ. އެކަމަކުވެސް އަންޖް ވަރަށް ރީތިކޮށް ދޮންބެގެ ކިބައިން އަންޖްއަށް ކުރެވުނު ކަންތަކަށް މާފަށް އެދުނީމެއްނު. ދޮންބެ އެދުވަހު އެއްވެސް އެއްޗެކޭ ނުބުންޏަސް އަސްލު ދޮންބެ އަންޖްއަށް މާފުކުރި. އަހަރެންވެސް އަންޖްއަށް މާފުކޮށްފިން.. ނަމަނަމަ ދެން އެކަހަލަ އެއްވެސް ކަމެއް ނުކުރައްޗޭ.” ޝިމާޔާ ބެލީ ވީހާވެސް ރީތިކޮށް އަންޖަދު އާއި ވާހަކަދެއްކޭތޯއެވެ. “ތެންކްޔޫ ޝިމާ. ހީވެސް ނުކުރަން އަހަރެން ދެކެ ތިހާ ރުޅިއައިއްސަ އިން މީހަކު ހެޔޮހިތުން މާފުކޮށްފާނެކަމަކަށް. ޝިމާ ވެސް ދެން ގޯސް މަގަކުން ނުހިނގާތި. އަބަދުވެސް ދޮންބެ ބުނާ ބަސްއަހައިގެން އުޅެންވާނީ އިނގޭ.” ޝިމާޔާ އޭނާއަށް މަޢާފް ކުރުމުން އަންޖަދު ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ދެޒުވާނުންވެސް މިނެޓްތަކެއް ވަންދެން ވާހަކަދައްކަން ތިއްބެވެ. ޝަމީމް ގޮވަން ފެށުމުން ޝިމާޔާ ފޯނު ކަނޑައިލުމަށްފަހު ކޮޓަރިން ނުކުތެވެ.

“ދޮންބޭ. ހިނގާ މިއަދު ހަވީރު ހިނގާލަން ދާން.” ޝަމީމް ކައިރީގައި އިށީންނަމުން ޝިމާޔާ ބުންޏެވެ. “ދޮންބެއަށް ވަރަށް އުނދަގުވާނެ އަދި. ޒައިން އާ އެކީ މިއަދު ދިޔައިމެއްނު ހިނގާލަން… ޝިމް. އެއްކަލަ މޮނޮޕޮލީ އެބޮތްތަ ޝިމްގެ ކޮޓަރީގަ؟” ޝަމީމް ކަމެއް ހަނދާންވީ ފަދައަކުން ޝިމާޔާ ކައިރީ އެހިއެވެ. ޝަމީމް އެ ސުވާލު ކޮށްލުމާއިއެކު ކުރިން ޝަމީމް އާއި ޝިމާޔާ މޮނޮޕޮލީ ކުޅުނު ހަނދާންވިއެވެ. ޝިމާޔާ ތެދުވެ އޭނާގެ ކޮޓަރިއަށް ދިޔައީ މޮނޮޕޮލީ ހޯދާށެވެ. މިނެޓްތަކެއް ފަހުން ޝިމާޔާ މޮނޮޕޮލީ ހިފައިގެން ނުކުތެވެ. “އެބަހުރި ހުރިހާ އެއްޗެއް ހަމަޔަށް.” ސޯފާ ކުރިމަތީގައި ހުރި މޭޒުމަތީ އެ ފޮށި ބަހައްޓަމުން ޝިމާޔާ ބުންޏެވެ. ދެބެންވެސް ވާދަވެރިކަމާއިއެކު ގޭމް ފެށިއެވެ. ގޭމް ކުޅެމުން ދިޔަ ވަރަކަށް ދެބެންގެ އަޑު ގަދަ ވަމުން ދިޔައެވެ. ގޭމް ކުޅުމުގައި ޝަމީމް ބައެއްފަހަރު މަކަރު ހަދާތީ ޝިމާޔާ ހަޅޭއްލަވައެވެ. މި ކަމާ ޝަމީމް އިންނާނީ ނުހަނު މަޖާ ވެފައެވެ. އޭނާގެ ކޮއްކޮ ރުޅި އަރުވައިލެވޭ ކޮންމެ ފަހަރަކު ޝަމީމް އަށް އެކަން ވަނީ މަޖާކަމަކަށެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް އަހަރު ނިމެން އެއްމަހަށް ވެއްޖެއެވެ. ޒައިން އޭނާގެ ފޮށިތަންމަތި ތައްޔާރުކުރަމުން ދިޔައީ މޭޝިއާއަށް ދިޔުމަށްޓަކައެވެ. މެލޭޝިޔާގައި ދިވެހިން ތަކެއް ބައިވެރިވާ ޝޯ އެއް ޕްރެޒެންޓް ކުރަން ހަމަޖެހިފައިވީ ޒައިންއަށެވެ. ހުރިހާ އެއްޗެއް ބަންދުކޮށް ނިމުމުން ޒައިން ފޮށި ހިފައިގެން ކޮޓަރިން ނުކުތެވެ. އޭރު އާރިޝްމެން ޒައިންގެ އިންތިޒާރުގައި ގޭދޮރުމަތީ މަޑުކޮށްގެން ތިއްބެވެ. “ދަރިފުޅާ. ވަރަށް ބަލައިގެން އުޅެއްޗޭ އިނގޭ. މަންމައަށް ގުޅާތި އެ ކޮޅަށް ދެވުނީމަ.” ޒައިން އައިސް އެމީހުނާއި އަރައި ހަމަވުމުން އަސްމާ ޒައިންގެ ބޮލުގައި ފިރުމައިލަމުން ބުންޏެވެ. ޒައިން ބޯ ޖަހައިލުމަށްފަހު އޭނާގެ ދެލޯ އަވިން ސަލާމަތްކުރުމަށްޓަކައި އަވިއައިނު އަޅައިލިއެވެ. “ބޭބޭ. ވަރަށް ބަލައިގެން އުޅޭތި. އަންހެން ކުދިން ވަރަށް ދުވާނެ ބޭބެ ފަހަތުން.” ޒައިން އައިނު އެޅީމައި ފެންނަލެއް ރީތިކަމުން އުޝާ ޒައިން ގާތުގައި ބުންޏެވެ. “ހްމްމް ބަލައިގެނޭ އުޅޭނީ. މި ކޮޅަށް އަންނައިރު އަންނާނަން އަންހެން ކުއްޖެއް ގޮވައިގެން.” ޒައިންވެސް ވަކި ދެރަނުވާންވެގެން އުޝާ ބުނީ ވާހަކައަށް ރައްދު ދިނެވެ. އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ‘ވަޓް’ އޭ ބުނެވުނީ ޒައިން އެބުނި ވާހަކަ އެމީހުންނަށް ސީރިއަސްކޮށް ނެގުނީމައެވެ. “ހާދަ ސީރިއަސްވީ. މަޖަލަކަށޭ މިބުނީ. އެކަމަކު ހަމަ އަސްލަށްވެސް އުޝާ އަށް ހާއްސަކޮށް ކުއްޖަކު ގޮވައިގެން އަންނާނީ.” މިފަހަރު ވެސް ޒައިން އުޝާ އަށް ޖެއްސުމަށް ބުންޏެވެ. އުޝާ ދިޔަގޮތަށް ގޮސް ޒައިންގެ ކަންފަތުގައި ހިފިއެވެ. “ދެން ތި ސަކަރާތް ގަނޑު ހުއްޓާލާފަ ހިނގާ ބޭބެ ފުރުވަން ދާން. ގަޑިޖެހިދާނެ.” ނައިޒަކް ބުންޏެވެ. އުޝާ ޒައިން އާއި ދިމާލަށް ވައްތަރެއް ޖައްސައިލުމަށްފަހު ނައިޒަކް އާއި އެކީ ކާރަށް އެރިއެވެ. އާރިޝް އާއި ރިޝާނާ ސައިކަލުގައި ހުޅުލޭއަށް ދިޔައިރު ނައިޒަކްމެން ހުޅުލޭއަށް ދިޔައީ އެމީހުންގެ ކާރުގައެވެ.

ޗެކިން ކަންތައް ނިންމައިލުމަށްފަހު ޒައިންމެން އެއާޕޯޓުގައި ހަދައިފައި ހުރި ރެސްޓޯރެންޓަށް ވަނީ އެއްޗެއް ކައިލުމުގެ ނިޔަތުގައެވެ. ޒައިންމެން ކައި ނިމުނުތަނުން ބޯޑިންއަށް ގޮވައިފިއެވެ. ނައިޒަކްމެން ގައިގައި ބައްދައިލައި އަތުން ހަނާ އަލައިލުމަށްފަހު ޒައިން ބޯޑިންއަށް ވަންނަން ދިޔައެވެ. ނަޞީބަކުން ފްލައިޓް ޑިލޭ ނުވެ އަވަހަށް ފްލައިޓަށް އަރަން އަންގައިފިއެވެ. ފުރާ މީހުންތައް ފަހަތުން ގޮސް ޒައިން ފްލައިޓަށް އެރިއެވެ. ސީޓުގައި އިށީންދެ ހަމަޖެހިލުމަށްފަހު ޒައިން ދަތުރު ދުޢާ ކިޔައިލިއެވެ. އަދި ކަމަރު އެޅިއެވެ. ފަނަރަވަރަކަށް މިނެޓް ފަހުން ފްލައިޓް ނައްޓައިލަން ތައްޔާރުވިއެވެ.

ޒައިން އިން ފްލައިޓް މައްޗަށް އަރާންދެން ނައިޒަކްމެން ތިބީ ބަލަހައްޓައިގެންނެވެ. އުޑުމަތި ބަނަކޮށްލައިފައި އޮތުމުގެ ސަބަބުން އަސްމާ ހުރީ ވަރަށް ބިރުންނެވެ. ނަމަވެސް ﷲ މަތިން ހަނދުމަކޮށްލުމުން ކޮންމެވެސް ވަރަކަށް ހިތުގައިވި ބިރުވެރިކަން ފިލިއެވެ. އަސްމާ އޭނާގެ އެންމެ ލޯބިވާ ދޮށީ ދަރިފުޅަށް އެއްވެސް ދެރަގޮތެއް މިންވަރު ނުކުރެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރާ ޙާލު ނައިޒަކްމެނާއިއެކީ މާލެ ދިޔުމަށް ޓަކައި ކާރަށް އެރިއެވެ.

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

އަބަދުވެސް މިހިތުގާ ވެޔޭ (5)

Next

ސިއްރެއް 12

Next
April 18, 2020

ސިއްރެއް 12

Previews
April 18, 2020

އަބަދުވެސް މިހިތުގާ ވެޔޭ (5)

9 Comments!

  1. Meekkomee says:
    April 18, 2020 at 1:08 am

    Awwn.. dhonthyy…… story is awesome…… Varah varah salhi ????…. Masha Allah… whn is next…… curiously waiting for it….. stay home…be safe….. Miss yeahhh……ttyl ✌️✌️✌️✌️??❤️❤️

    1. Dhonthy says:
      April 18, 2020 at 4:02 pm

      Awwww Meekkooo❤️❤️❤️? Thank you so much Meekko. Next part Insha Allah soon dear. Keep waiting inge dear. You too stay safe at home. And I miss you more Meekko. Ye ttyl Insha Allah ❤️?❤️?❤️?❤️?❤️?❤️❤️??

  2. Dhonthy says:
    April 18, 2020 at 6:26 am

    Salaam all readers. Miothee vaahakaige ashaavees vana bai upload vefa. Alhamdhulillah. Unmeedhukuran hurihaa kiyuntherinnau es mibai kamudhaane kamau. So, mihaaru story nimumakaa hama au dhanee mi. Everyone stay safe. Stay home. Enjoy reading and leave a comment. Love you all ❤️❤️❤️❤️❤️❤️❤️❤️?

  3. Shaakko says:
    April 18, 2020 at 11:57 am

    Dhonthsss again a very beautiful part..?????❤ V reethi sifa kurunthah?? waiting for next?

    1. Dhonthy says:
      May 7, 2020 at 8:47 pm

      Ow dear vvvv bodau sorry. Maa lahunney comment thah mi fenunee. I think comment thah pending ga indhefa miadhu kanneynge comment thah publish mivee dhw. Anyways thank you so much shaakko?????❤️

  4. samra says:
    April 18, 2020 at 10:20 pm

    Oh.. its so nice… dhen kihinehbaa vaany dhw.. next prt ah v inthixaaru kurevey

    1. Dhonthy says:
      May 7, 2020 at 8:49 pm

      Sorry v bodau. V lahun dhw mi reply dhevunee. ???? Anyways v bodau thank you samra ?????❤️

  5. Quiiin? says:
    April 20, 2020 at 12:05 pm

    !!!Hey dhonthy
    Mi part vc vrh salhi ma sha allah ..
    Waiting fr nxt
    Stay home
    Stay safe
    ?❤

    1. Dhonthy says:
      May 7, 2020 at 8:51 pm

      Hey quiiin. Thank you so much quiiin ?????❤️ Stay safe at home dear. ❤️❤️❤️??

Comments are closed.


All Right Reserved!