
ޒީން
ޒީން ފަސްވަނަ ބައި
ކީކޭ؟ ނިޔާވީ އޭ؟’
‘އާނ. އޭނާ ކާން ގެންގުޅޭ ބޭހަކުން ރޭގަ އޯވަޑޯޒްވީ.’ ޒީން މަސައްކަތަށް ދިޔުމަށް ގެއިން ނިކުންނަނިކޮށް ނިހާމް ގުޅިއެވެ.
ޒީން ފިނިވިއެވެ. ހިތް ބާރަށް ތެޅެން ފެށިއެވެ.
‘ނޫން. ގަބޫލެއް ނުކުރެވޭ. އިއްޔަވެސް އޭނާ ރަނގަޅު. ޔަގީންތަ ހަމަ؟’
ނަބީލާ ނިޔާވިކަން ގަބޫލުކުރަން ޒީންއަށް އުނދަގޫވިއެވެ.
‘އާނ. އޭނަގެ ދަރިފުޅު،ރިޔާޒް ގުޅާފަ ބުނީ އެ ވާހަކަ.އެހެންވެ ދެ ހަފްތާއަށް ކޮފީ ޝޮޕް ބަންދުކުރަނީއޭ .’
ރިޔާޒް އަކީ ނަބީލާގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. ދެން ތިބެނީ އަންހެން ދަރިންނެވެ. ރިޔާޒްނޫން އެންމެންވެސް އުޅެނީ މީހުންނާ އިނދެގެންނެވެ.
‘އަދިވެސް ގަބޫލުކުރަންދަތި.’
ޒީން މާޔޫސްވެ ދެރަވިއެވެ. ނަބީލާ އަކީ ޒީންއަށް ވަރަށް ރަނގަޅު މީހެކެވެ.
‘ދެން ކޮފީޝޮޕް ހިންގާނީ އޭނާގެ ދަރިފުޅު ރިޔާޒް.’
‘ރިޔާޒް އޭ.؟ ނޫން.’ ޒީން ހަޅޭލަވައި ގަތެވެ.
‘ހަހަހަ.. އަހަރެންނަށް އިނގޭ ތި ވިސްނާ އެއްޗެއް..’
‘ކީއްވެ ރިޔާޒް؟ އޭނަގެ އެހެން ދަރިޔަކު ހަވާލުނުވީ ކީއްވެ؟ އެންމެ ފަހުން ކޮފީ ޝޮޕްއަށް އައި ދުވަހުވެސް އޭނާ އަހަރެންގެ ‘ބަޓް’ ގަ ޖެހީ. ހުރިހާ ކަސްޓަމަރެއް ކުރިމަތީ. ލިލީއަށް އަދި މާ ވަރު ކޮށްލިއެއްނު. އޭނާއަކީ ވަރަށް އެގޮތް ބޮޑު މީހެއް. އޭނަގެ ދަށުން މަސައްކަތް ކުރުން ، އަހަންނަކަށް ނުވާނެ. އެހެން ވަޒީފާއެއް ހޯދަންވީ.’
ޒީން ފޯނު ކަނޑާލިއެވެ.
ގަޑިއިރެއް ފަހެވެ. ޒީން މަސައްކަތް ފެށީ އެހެން ވަޒީފާއެއް ހޯދުމަށެވެ. އިންޓަރނެޓް ބަލައި ޝަރުތު ހަމަވާ ވަޒީފާތަކަށް ސީވީ ފޮނުވިއެވެ. ލިބޭނެ ކަމުގެ އުއްމީދުގައެވެ.
ބޭކަރީއަކުން ވަޒީފާ ލިބުނެެވެ. ނަމަވެސް މުސާރަ ކުޑަވުމުގެ ސަބަބުން އެ ވަޒީފާއަށް އިންކާރު ކުރަން ޖެހުނީއެވެ.
ބޮޑެތި މުސާރަ ލިބޭ ވަޒީފާވެސްހުއްޓެވެ. ނަމަވެސް ޒީން އަށް ޝަރުތު ހަމައެއް ނުވެއެވެ. ޒީން ވަނީ ހަމައެކަނި ހައި ސްކޫލް ނިންމާފައެވެ. ތަޖުރިބާއާއި ކޯސް ހެދިފައި ނެތީއެވެ.
ހަފްތާއެއް ވަންދެން ބަލާފައި ވަޒީފައެއް ނުލިބުމުން ޒީން ދެރަވިއެވެ. ޒީންގެ މަންމައާއި ކޮއްކޮ ޒީން އަށް ބަރޯސާވާތީއެވެ.
ކޮންމެ ހާލެއްގައިވެސް ޒީންއަށް މި ވަގުތު ވަޒީފާއެއް މުހިއްމެވެ. ގެ ކުލި ދެއްކުމާއި، އެހެނިހެން ޒަރޫރީ ބޭނުންތަކަށް ފައިސާ ބޭނުންވާތީއެވެ.
ވަޒީފާއެއްގެ އުއްމީދުގައި ޒީން އެންމެ ފަހުން ނޫސް ބަލައިލިއެވެ.
މޭޒުމަތީގައި ނޫސް ބާއްވައި ވަޒީފާގެ އިއުލާންތައް ގަލަމުން ފާހަގަ ކުރަމުން ދިޔައިރު ޒީންގެ ކޮއްކޮ ކައިރީގައި އިނެވެ.
‘ދޮންތި. ތީގައި އޮންނަ ހަބަރުގެ ބައި ދީބަލަ.’
‘އެންމެ ރަނގަޅު.’ ޒީން ބަލާވެސް ނުލާ ޖަވާބު ދިނެެވެ.
‘ހާދަ ދެރައޭ.. އޭނަ މެރީކުރީ؟..އަހަރެން ވަރަށް ލޯބިވޭ.. ކީއްވެތަ އަހަރެން ބޮޑު ވަންދެން މަޑު ނުކުރީ؟؟’
ޒީން ހެމުން އޭނާގެ ކޮއްކޮއަށް ބައިލިއެވެ. ޒޫނާ އިނީ ނޫސް ކަރުދާހުން މޫނު ފޮރުވައިގެންނެވެ.
‘ޒޫނާ އަސްލުވެސް މޮޔަ ދޯ..’
ޒޫނާ ހިފައިގެންއިން ނޫސް ކަރުދާހަށް ޒީންގެ ލޯ އަމާޒުވިއެވެ. ޒީންގެ ހިނިގަނޑު ހުއްޓުނެވެ. ޒީންގެ ކުރިމަތީގައި ފެންނަން އޮތީ ނޫހުގެ ބިޒްނަސް ބައިގެ ގަނޑެވެ. ބައިވަރު ބިޒްނަސް މެންގެ ފޮޓޯއެވެ.
އެތަނުން އެކަކު ޒީން ދަންނަ ގޮތެއް ހުއްޓެވެ. އިރުކޮޅަކު ބަލާލުމަށްފަހު ‘ރޯމިއޯ’، ޒީން މަޑުން ބުނެލިއެވެ.
ޒޫނާގެ އަތުން ޒީން އެ ނޫސް ދަމައިގަތެވެ.
‘އޭއި. އަހަރެން އަދި ނުނިމޭ.’ ޒޫނާވެސް ނޫސް ދަމައިގަތެވެ.
ނޫސް ކަރުދާސް ގަނޑު އިރައިގެން ދިޔައެވެ.
‘ބަލަ. ތި ކުރި ކަންތައް.’
އިރައިގެންދިޔަ ގަނޑުގެ ބައިތައް ޒީން މޭޒުމަތީ ރާވައިލިއެވެ.
‘ދޮންތި ގެ މައްސަލައެއް. ދޮންތި ފުރަތަމަ ދަމައިގަތީ.’
‘ރަނގަޅު. ދޮންތިގެ މައްސަލަ. މި ކިޔަން ބޭނުންވެފަ އިންވަރުން އަތުލެވުނީ.’
‘ކީއްވެ؟’ ޒޫނާ އިނގެން ބޭނުންވިއެވެ.
‘ބަލާބަލަ. މިއީ ކޮފީ ޝޮޕްއަށް އައި ކަސްޓަމަރެއް.’ ޒީނާ ގަލަމުން އިޝާރަތްކޮށް ކޮއްކޮ އަށް ދައްކާލިއެވެ.
‘ހާދަ ރީއްޗޭ..ދޮންތީ، އަހަރެންވެސް ބޮޑުވީމަ ކޮފީ ޝޮޕްއެއްގަ މަސައްކަތް ކުރަން އަހަންނަށް ހަނދާން ކޮށްދެއްޗެ.’ ޒޫނާ ހީލިއެވެ.
ޒީން އެ އާރޓިކަލް ކިޔަން މަސައްކަތް ކުރިއެވެ.
‘ޔާ ﷲ. އެއީ ބިޒްނަސް މޭންއެއް. ބޮޑު ބިލިއަނަރެއް. އެންމެ ބޮޑު އެއް ވިޔަފާރީ ކުރާ އާއިލާ.’
‘ބިލިއަނަރެކޭ؟؟ އަހަރެންގެ ރާޖާ.. ދޮންތިގެ ބަދަލުގަ އަހަރެން ދަންތަ ކޮފީ ޝޮޕްއަށް؟’
‘ޒޫނާ.ސަމާސާ ނުކޮށްބަލަ. މީގެ ހަފްތާއެއް ކުރިން މި މީހާ އަހަރެންނަށް ވަޒީފާއެއްގެ ފުރުސަތު ދިން. ހަމައެކަނި އޭނައަށް ކޮންމެ ދުވަހެއްގެ ކޮފީ ތައްޔާރު ކޮށްދެން. އޭނަ ބުނީ ކޮފީ ޝޮޕުން ލިބޭ މުސާރައިގެ ތިންގުނަ ދޭނަމޭ.’
‘ އަސްލުތަ؟’ ޒޫނާގެ ދެލޯ ބޮޑުވިއެވެ. ‘ހަމައެކަނީ ކޮފީ ހަދަން؟ ކޮންމެ ދުވަހަކު ބޮޑު ހަމެއްގެ ކޮފީ ބޯންތަ އެ އުޅެނީ؟’
ޒީން ކަޅި އަނބުރާލިއެވެ. ‘އަހަރެން އެ އަށް އިންކާރުކުރީ.’
‘އަސްލު؟ އަހަރެން ހީކުރީ އެކަމު ދޮންތިއަށް ވިސްނޭ ކަމަށް.’
ޒޫނާއާއި ދިމަ ޒީން ބަލައިލިއެވެ.
‘އަހަރެންނަކަށް ނޭނގެ އެއީ ބޮޑު ބިލިއަނަރެއް ކަމެއް. އަހަރެން ހީކުރީ އޭނާ ސަމާސާއަކަށް ބުނި އެއްޗެއް ކަމަށް. އޭނަ ވަރަށް ބޮޑާ. އަހަރެންނާ ދިމާޔަށް ހާދަ ހިމައޭ ވެސް ބުނި. އެހެންނޫނަސް ނަބީލާ ނިޔާވާނެކަމަށް ހިޔެއްނުކުރަން.’
‘ އާނ. އެކަކުވެސް ހިޔެއް ނުކުރޭ.. އޭނަ ދޮންތިއާ ދިމާ ކުރީ؟ ހާދަ ގޯހޭ..’
‘އާނ. ވަރަށް.’
‘ އެކަމު އޭނަ ދޮންތިއަށް ވަޒީފާގެ ފުރުސަތު ދިނީ.. އެހެންވެ އެހާ ގޯހެއްވެސް ނޫން ކަންނޭނގެ..’
ޒީން ޖަވާބެއް ނުދީ ނޫހަށް ބަލަން ފެއްޓިއެވެ.
‘ދޮންތީ. ތިހެން ވަޒީފާއެއް ހޯދަން ނޫޅެ އޭނަ ކައިރިއަށް ދާންވީނުން. އެ އޮފާރ އަދިވެސް އޮވެދާނެ. ނަސީބު ބަލާލަމާ. ވިސްނާލަބަ.. މުސާރައިގެ ޓްރިޕަލް. ސަޅިއެއްނު.. އަތުން ދޫވިޔަ ނުދެއްޗެ.’
‘މިހާރު ހިޔެއްނުވޭ..’
‘ކީއްވެ؟’
‘އހަރެން އޭނައަށް ނޫނެކޭ ބުނީމޭ.،
‘ލިބޭތޯ މަސައްކަތް ކޮށްލުން ގޯހެއްނޫން. ދޮންތި އަބަދުވެސް ބުނަމެއްނު އަހަރެން ކައިރީ. ކާމިޔާބު ވާނީ މަސައްކަތްކޮށްގެންނޭ. ކާމިޔާބު ވަންދެން މަސައްކަތް ކުރާށޭ. ކީއްވެތަ ހާސްވަނީ؟’
‘ނޭނގެ. އޭނައަށް މަސައްކަތްކޮށްދިނުން އެހާ ރަނގަޅުހެން ހީ ނުވަނީ. އޭނަ ފެނިފަ އުނދަގޫ ގޮތެއްވޭ. ބުނެދޭކަށް ނޭނގެ.’
‘ޒޫނާއަށް އިނގެޔޭ އެ ވާ ގޮތް.. އެ އަށް ކިޔަނީ އަޅައިގަތުން.’ ޒޫނާ ހޭން ފެށިއެވެ.
‘ނޫން. އެހެންނެއް ނޫން’
‘ހަމަ އެހެން އެ ވަނީ. އޮޅުވާނުލާ.. އޭނަ ނުލާހިކު ރީތި.’
‘ދެން ހުއްޓާލަބަ ޒޫނާ.’
‘ދެން ނުބުނައްޗެ ދޮންތި އަދިވެސް ލޯބިވަނީ ޖައިޝަމް ދެކެއޭ. ނޫންތަ؟’
‘ނޭނގެ.’ ޒީން ކުރު ޖަވާބަކުން ނިންމާލިއެވެ.
އޭގެ އަނެއް ދުވަހެވެ. ޒީން އިންޓަރވިއުއަކަށް ދިޔައެވެ. ކަންދިމާވި ގޮތުން ޒީން ނުހޮވުނެވެ. އެ މީހުން އެ ވޒީފާއަށް ބޭނުންވަނީ ތަޖުރިބާހުރި ކުއްޖެކެވެ.
ޒީން ހިނގަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ބޮޑު އިމާރާތެކެވެ. އުގޭލު އޮފީހެއެވެ. ޒީންގެ ނަސީބު ހުރިގޮތެއް ބަލައިލަން ޒީން ބޭނުންވިއެވެ. ޒީން ހުރީ ވަޒީފާއަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.
އޮފީހުގެ ބޭރުގައި ހުރި ގާރޑެއް ކައިރީ، އެ އޮފީހުގެ ވެރި މީހާގެ ދަރިފުޅާ ބައްދަލުވާނީ ކޮންތާކުންތޯ ޒީން ސުވާލުކޮށްލިއެވެ.
ރޯމިއޯގެ އަސްލު ނަން ހޯދަން ޒީންވެސް ހަނދާން ނެތުނީއެވެ.
‘ޕްރެޒިޑެންޓް؟ ބޮޑު ބޮސް؟’ ގާރޑް އަހާލިއެވެ.
‘އާނ. އެއީ ދޯ މި ތަނުގެ ވެރި މީހާގެ ދަރިފުޅު؟’
‘އާނ. ރިސެޕްޝަންއަށް ގޮސް ބުނެލާ ބޮޑު ބޮސްއާ ބައްދަލުކުރަން އެޕޮއިންޓްމެންޓްއެއް އެބައޮތޭ.’
‘ސޮރީ. ބޮސް ބުނުއްވީ ބޮސްއާ ބައްދަލުކުރަން މިއަދަށް އެޕޮއިންޓްމެންޓްއެއް ހައްދާފައެއް ނެތޭ.’ ސެކްރެޓަރީ ބުނެލިއެވެ.
‘އެކަމަކު އޭނައަށް އިނގޭނެ އަހަރެން ފެނުނީމަ. ކޮފީ ޝޮޕްގެ ޒީން އައިސް އެބަހުއްޓޭ ބުނެބަލަ. އޭނަ ދިން ވަޒީފާގެ ފުރުސަތު ގަބޫލުކުރި ވާހަކަވެސް.’
‘ހިޔެއްނުވޭ. މިތާ ގަވާއިދެއް އޮވޭ. ބައްދަލު ކުރަން ބޭނުންނަމަ އެޕޮއިންޓްމެންޓް ހަދަން ޖެހޭނީ.’ ރިސެޕްޝަންގަ އިން ކުއްޖާ ބުނެލިއެވެ.
‘އަހަރެން ބޭނުންވަނީ އެންމެ ފަސް މިނެޓް. ޕްލީޒް. އެހީވެދީ.’
‘މައާފްކުރޭ. މި ފޯރމް ފުރިހަމަ ކޮށްލާ. ދެ ހަފްތާ ތެރޭވެސް ބައްދަލުވަން ފުރުސަތު ލިބިއްޖެނަމަ ތީނަގެ ނަސީބު ރަނގަޅީ. ބޮސް ވަރަށް ބިޒީ މިދުވަސްކޮޅު. ގިނައިން އުޅެނީ ރާއްޖެއިން ބޭރުގަ.’
‘ފްލީޒް. ވަރަށް މުހިންމު ކަމަކު. މަރާ ހަނގުރާމަ ކުރުން ކަހަލަ ކަމެއް. އަހަރެން، އާއިލާގެ ހުރިހާ ޒިންމާއެއް ނަގަނީ. ބައްޕަ ވަނީ ފުއްޕާގެ ކެންސަރު ޖެހި މަރުވެފަ. މަންމަ ހިތުގެ ބައްޔަށް ފަރުވާކުރޭ. އަހަރެންގެ ވަޒީފާ ގެއްލިއްޖެ. މަންމަގެ ބޭސް ހުއްޓުނީމަ ކިހިނެއް ވާނީ؟ އަހަރެން މި ވަޒީފާ ވަރަށް ބޭނުން.’ ރިސެޕްޝަނުގައިން ކުއްޖާ ކައިރީ ޒީން އާދޭސް ކުރިއެވެ.
‘އަސްލުތަ؟ އަހަރެންގެ ފިރިމީހާވެސް އަހަރެއް ކުރިން ކެންސަރު ޖެހި މަރުވީ. އަހަރެންނަށް އިހްސާސްވޭ ތިކަން.’ ފެންކަޅިވެފައި ހުރެ އޭނާ ބުނެލިއެވެ.
‘އާންމުކޮށް އަހަރެން ކުރާ ކަމެއްނޫން. އެކަމު މި ފަހަރު އެހީވެދޭނަން ބޮސްއާ ބައްދަލުކޮށްދެވޭތޯ.އަހަރެންގެ އާއިލާ ކުއްޖެއް ބޮސްގެ އެސިސްޓެންޓްއަކަށް ހުންނާނީ. އޭނަ ކައިރީ އެބަ ބުނެލަން.’
‘ޝުކުރިއްޔާ. ވަރަށް ބޮޑަށް ޝުކުރިއްޔާ.’ ޒީން ވަރަށް އުފާވިއެވެ.
ވިހި ވަރަކަށް މިނެޓް ފަހެވެ.
ޒީން ހުރީ އެސިސްޓެންޓް ކުރިމަތީއެވެ. އޭނާ ޒީން އަށް ރަނގަޅަށް ބަލައިލިއެވެ. ބޮލުން ފެށިގެން ފަޔަށެވެ. ދެ ތިން ފަހަރަކު އެހެން ބަލައިލިއެވެ.
‘ބޮސް ބުނުއްވީ އެއްވެސް ޒީންއެއް ނުދަންނަމޭ. އަދި އެއްވެސް ވަޒީފާއެއްވެސް ނުދެމޭ. ކޮފީ ޝޮޕް ތަކަށް ގޮސް ނުހަދަމޭ.’
‘އަސްލު؟ އެކަމް މީގެ އެއް ހަފްތާ ކުރިން އެ އޮފާރ ހުށަހެޅީ. އަހަރެން ފެނުނީމަ ހަނދާންވެދާނެ.’ ޒީން ހިތްނުތަނަސްވިއެވެ.
‘ވެދާނެ. ހާސްނުވޭ. އަހަރެން ތީނަ ބޮސްއާ ބައްދަލުކުރުވާނަން. މިތާ މަޑުކުރާތި.’ އެސިސްޓެންޓް ޒީންއަށް އިށީންނަންވީ ތަން ދެއްކިއެވެ.
ހަ ގަޑިއިރުވީއިރުވެސް ޒީން އިނީ އެ އޮފީހުގައި އޭނާގެ އިންތިޒާރުގައެވެ. އެ ތަނުގެ އެއަރ ކޮންޑިޝަންގެ ފިނިކަމުން ޒީން ކައިރިއަށް ނިދި އަންނަ ގޮތްވެސް ވިއެވެ. ސޯފާވެސް ވަރަށް އަރާމެވެ. ފާރުގައި ބޮޑު ޓީވީ އަކާއި މޭޒުގައި ބިޒިނަސް މެގަޒިންތަކެއް ހުއްޓެވެ. ކޮފީ މެޝިނަކާއި، ކޭކާއި ޕޭސްޓްރީޒްއިން ފުރިފައި ހުރި ފްރިޖެއް އެއްފަރާތެއްގައި ހުއްޓެވެ.
ޒީން އާފުރެލިއެވެ. އަދި ގަޑި ބަލައިލިއެވެ. އެއިރު ގަޑިން ފަހެއް ޖެހީއެވެ. ޒީން އައިނު ނަގާފައި ލޯ އުނގުޅާލިއެވެ. ފްރިޖުގައި ހުރި ކޭކުތައް ރަހަބަލައި ބަނޑުވެސް ހުރީ ފުރިފައެވެ. ސެކްރެޓަރީގެ އަޑު އިވޭހެން ހީވުމިން ޒީން ތެދުވެ މޯޅިއަކަށް ދެމިލިއެވެ.
‘ޒީން، ބޮސް އާ މިހާރު ބައްދަލުކޮށްލެވޭނެ.’
ޒީން ގެ ހެދުމާއި ބޮލުގެ ‘ވިގް’ ރަނގަޅު ކޮށްލުމަށްފަހު ، ދަބަސް ހިފައިގެން ސެކްރެޓަރީއާއި އެކު ހިނގައިގަތެވެ.
‘ބައްދަލުކުރަން އައި ސަބަބު ވަރަށް އަވަހަށް ބުނެ ނިންމާލައްޗެ. ބޮސް އޭނަގެ އާއިލާއާއި އެކު ބޭރަށް ދާން އެ އުޅެނީ.’
‘އެންމެ ރަނގަޅު.’
‘ހަނދާން ބަހައްޓާތި. ފަސް މިނެޓް ލިބޭނީ.’
‘ވަރަށް ބޮޑަށް ޝުކުރިއްޔާ.’
ޒީން އެތެރެއަށް ވަނެވެ. މޭޒުގެ ފަހަތުގައި ހުރި ގޮނޑި އެނބުރުނެވެ. އެ ގޮނޑީގައި އިނީ ރީތި މީހެކެވެ. ޒީންގެ ރޯމިއޯއާއި ވަރަށް ވައްތަރެވެ. ނަމަވެސް ރޯމިއޯއަށްވުރެ އުމުރުން ދޮށީ މީހެކެވެ. ޒީން އަށް ހުއްޓުން އެރި ކަހަލައެވެ. ޒީން އަށް ބައްދަލުކުރެވުނީ ޒީން ބައްދަލުކުރަން ބޭނުންވި މީހަކާ ނޫނެވެ.
‘އައްސަލާމް އަލައިކުމް. ޒީން؟’
ޒީން އަށް މި ބައްދަލުކުރެވުނީ އެ ރޯމިއޯގެ ބައްޕައާއިއެވެ.
‘އޫމްމް.. އާ.. އައްސަލާމް އަލައިކުމް.’ ޒީންގެ ފައި ތުރުތުރުއަޅަން ފެށިއެވެ. ޒީން ހުރީ ހާސްވެފައެވެ.
‘އިށީންދެލާ.’ އޭނާ ގޮޑީގައި ބުރަކަށި ޖައްސާލުމަށްފަހު ޒީން އަށް ބަލައިލިއެވެ. ބޮލުން ފެށިގެން ފަޔަށެވެ.
މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި ޒީން އިށީންދެލިއެވެ.
‘ކޮން ކަމަކު؟’ އޭނާ ގަޑިއަށް ބަލައިލިއެވެ.
ޒީން ކަރުކެހިލުމަށްފަހު ވާހަކަ ދައްކަން ފެއްޓިއެވެ.
‘މައާފް ކުރައްވާ.އަޅުގަނޑު އެދުނީ ސަރ ގެ ދަރިފުޅާ ބައްދަލުކުރަން. އޮޅުމަކުން..’
‘ކީކޭޭ؟ އާހިލްގެ އޮފީސްބައި ހުންނާނީ މަތީ ފްލޯގަ.’ އޭނާ ހިތްހަމަ ނުޖެހުނުކަަން މޫނުމަތިން އެނގެއެވެ.
ޒީން އަށް ރޯމިއޭގެ އަސްލު ނަމަކީ އާހިލްކަން އެނގުނެވެ.
‘ކާކު ދެން މި ފްލޯ ދެއްކީ؟’
ޒީން ހާސްވެ ބިރު ގަތެވެ.
‘އަސްލު އަޅުގަނޑުގެ ކުށެއް. އަޅުގަނޑު މި ވަގުތު ގޮސްލީ. ޝުކުރިއްޔާ.’
‘އެންމެ ރަނގަޅު.’
ޒީން އަވަސް އަވަހަށް އެނބުރެލިއެވެ. އޮފީހުން ބޭރަށް ނިކުތުމަށް ބާރަށް ހިނގައިގަތެވެ.
އަވަސް ކުރުމެގެ ތެރެއިން ފައި އޮޅިގެން ޒީން ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.
‘ތަނަކަށް ތަދުވިތަ؟’ އޭނާ އަހާލިއެވެ.
‘ނޫން. އަޅުގަނޑު ރަނގަޅު.’ ޒީން ވަރަށް ލަދުގަތެވެ.
ޒީން ކަކޫ މައްޗަށް އިށީންދެ އައިނު ހޯދަން ފެށިއެވެ. ކަޅު ކުލައިގެ ކާރޕެޓެއް އަޅާފައި އޮތުމާއެކު ޒީން އަށް ސާފުކޮށް ނުފެންނާތީ އައިނު ހޯދަން ޒީންއަށް އުނދަގޫވިއެވެ.
ދޮރު ހުޅުވައިލާ އަޑު ޒީން އަށް އިވުނެވެ. ޒީން އެ ދިމާއަށް ބަލައިލިއެވެ. ދެން އިވުނީ އެއްޗެއް ތަޅައިގެންދާ އަޑެވެ.
‘މިއީ ކޯއްޗެއް؟’ އެ މީހަކު ވަރަށް ރުޅި އަޑަކުން ބުނެލިއެވެ. އެއީ ޒީން ދަންނަރޯމިއޯގެ އަޑުހެން ޒީންއަށް ހީވިއެވެ.
‘އޫމްމް… ތިއީ އަޅުގަނޑުގެ އެއްޗެއް.’ ޒީން އޭނައާއި ދިމަ ބަލައިލިއެވެ. އޭރުވެސް ޒީން އިނީ ތަޅުންގަނޑުގައި އަތާއި ކަކޫ ވިއްދައިގެންނެވެ.
ފުސްކޮށްނަމަވެސް، އޭނާ ޒީން ކައިރިއަށް ގުދުވެލިތަން ފެނުނެވެ. އެއީ ޒީން ބައްދަލުކުރަން ބޭނުންވި މީހާއެވެ. އާހިލްއެވެ.
‘ޒީން. މިތާ ކީއްކުރަނީ؟’
ޒީންއަށް ހިތްހަމަޖެހިލެވުނެވެ. އޭނާ ޒީން މަތިން ހަނދާން ހުރީތީއެވެ.
“އަލްހަމްދުލިﷲ” ޒީން ހިނިތުންވެލިއެވެ.