“ބޮސް! ފާޑެއްގެ މީހެއް އައިއްސި ބޮސް ކައިރިއަށޯ ކިޔާފަ. ފުއްޕާފަ ހުރި ވައްތަރަކުން ވަރަށް ލަޑާހިތްވެފަ ކުދިންކޮޅު ތިބީ. ކިހިނެތް ހަދަންވީ؟” ކައިރިއަށް އައި ޕާޓޭ ސޮރެއްގެ އަޑަށް ލޯމަތީ ނުފުށުން ބާއްވާފައި އޮތް އަތް ހިއްލާލައިފައި ފާލިހު ބަލައިލީ އެއް ލޮލުންނެވެ.

“ހޫނ… ވައްދާ އޭނަ…” އަމުރު އިއްވައިލުމަށްފަހު ސިގެރޭޓެއް ނަގައި ރޯކޮށްލި ފާލިހު ތެދުވެ ސޯފާގައި ދެފައި ވަށްކޮށްލިއެވެ. އެ ބުނި މީހަކީ ކާކުކަން އޭނާއަށް މާ ރަނގަޅަށްވެސް އިނގެއެވެ. ދޮރުފަތެއް ނެތް ދޮރުކަނީގައި އެލުވާފައި ހުރި ފޮތިގަނޑު ހިއްލައިލާފައި އެތެރެއަށް ވަތް އައިކާންއަށް ފާލިހު ފެނުމާއިއެކު ބައްތިރީސް ދަތް ދިލުވައިލިއެވެ.

“ބުރޯ!!!” އައިކާން ދިޔަގޮތަށް ގޮސް ފާލިހު ގައިގައި ބައްދައިގަތެވެ.

“ހޫނ ހޫނ… މަ މީ އަންހެނެއް ނޫނޭ!” ފާލިހު ހީލާފައި އޭނާގެ އެކުވެރިޔާ ގައިގައި ބައްދާލިއެވެ.

“ކަލޭ އިސްތަށިގަނޑު ހާދަ ސަޅިކޮށްލާފަ ތިހިރީ. ފަރަށް ގޮސް ގޮސްތަ ރަތް ވީ؟” އައިކާން ފާލިހުއާއި ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގައި އިށީންނަމުން ސަމާސާކޮށްލިއެވެ.

“ކަލެއޯ؟ ކަރަށް މާ ޗޭނު ގިނަކޮށްލައިގެން… ބައްޕަތަ ގައިންދެނީ؟” އާންމުގޮތެއްގައި ބަސްމަދު ފާލިހުވެސް އެންމެ ގާތް އެކުވެރިއާގެ ސަމާސާއަށް ވުމުން ބައިވެރި ނުވެ ނީންދެވުނެވެ. ހަބަރު ދޭން ކުރިން އައި ޕާޓޭ މީހާ ވާނުވާ ބަލަން ބޯދިއްކޮށްލިިއިރު ފާލިހު ހިނިތުންވެފައި އިން ތަން ފެނިފައި އާޝޯހުވީ އާދަޔާހިލާފަށެވެ. ނުކުމެފައި ބޭރުގައި ތިބި ގޭންގު ކުދިން ގާތު ‘ބޮސް ހެނީއޭ، ހީފިއޭ’ ކިޔައިގަތުމުން އެއްބަޔަކު ގަބޫލުވެސް ނުކުރިއެވެ. އޭގެން އެކަކުވެސް ފާލިހު ހޭތަން ނުދެކޭވިއްޔާއެވެ.

“ބައްޕަ ނައްޓާލައިފި ކައްވަޅަށް. ރަށުގަ އެކަނިވީ ވަރުން ކަލޭމަތިން މިސްވެގެން މިއައީ.” ފުޅާ ހިނިތުންވުމަށް ފުސްކަމެއް ގެނުވަމުން އައިކާން ބުންޏެވެ.

“އެހެންދޯ. ނަސީބެއްނު މިސްވިކަންވެސް.” ބައްޕަ ނިޔާވި ވާހަކައިގެ ތެރެއަށް ވަންނާކަށް ފާލިހު ގަސްތެއް ނުކުރިއެވެ. ހިތާމަވެރި ވާހަކަ ދެއްކުމާއި، މީހުންނަށް ހިތްވަރު ދިނުމުގެ ބަސް ބުނުމަކީ އޭނާ ކޮށް އުޅޭ ކަމެއް ނޫނެވެ. އެއަށް ވުރެ ސަމާސާގެ މަގުން ކުރިއަށް ދިޔުން އޭނާއަށް މާ ކަމުދެއެވެ.

“ކޮބާ، ކަލޭ ބިޓެއް ހޯދާކަށް ނޫޅެންތަ؟” އެތަށް އަހަރެއް ފަހުން ދިމާވި އެންމެ ގާތް އެކުވެރިޔާގެ ހަޔާތް ކުރިއަށްދާ ގޮތަކާއިމެދު ޝައުގުވެރި ވެފައި އައިކާން އަހައިލިއެވެ.

“އަދި ރަނގަޅު ޗިކެއް ނުފެނިގެން މި އުޅެނީ. ބޯ ރަތްކޮށްފަ ހުއްޓަކަސް ބޭނުންވަނީ ހާއްސަ އެންމެ މީހެކޭ.” ފާލިހު ޖަވާބުދިނެވެ. ބޭރުގައި ކަންފަތް ޖަހައިގެން ތިބި ދެ މީހުންނަށް އެ އަޑު އިވިފައި ‘އެހެންވެދޯއޭ ބޮސް މާ ވަރަކުން އަންހެނުން ފަހަތުން ނޫޅެނީ’ އަނެކަކު ކައިރީ ވައި އަޑުން ކިޔައިލިއެވެ.

“އާޗާ! ޞާލިހޭ ދޯ!” އައިކާން ރާގަކަށް ދަމައިލިއެވެ. “މަ އަސްލު މިކޮޅަށް އަންނަން ޖެހުނީ ސައިޑެއް ގެންގުޅޭކަން ބިޓަށް ބަޓުވީމައޭ އިނގޭތަ؟ މުޅި ރަށުގަ ފަލީހަތްކޮށްލީއޭ ޖަހާ… ޓަފު މަންޖެއެއް އެ ބަދީލާ އެއީ… އާހް… ކުއްލިއަކަށް މިސްވެއްޖެ އޭނަ މަތިން….. އޭގެ ފަހުން މަވެސް މި ވިސްނަނީ ޞާލިހުވެވޭތޯ، ކަލޭހެން.” އައިކާން އަނގަތަޅުވައިލިއެވެ. މީނަގެ އަނގަ ހަލުވިކަމަށް ސްކޫލް ދައުރުންސުރެ ބަދަލެއް ނާދެއޭ ފާލިހުގެ ހިތަށްއެރިއެވެ. އެ ގޮތުގައި ބޭކާރު އަނގަތަޅަށް ދެ އެކުވެރިންނަށް ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ.

ކުއްލިއަކަށް އިވުނު ބާރު، ތޫލި ހަޅޭކުގެ އަޑަށް ފާލިހުއާއި އައިކާންގެ ވާހަކަ މެދުކަނޑައިލަން ޖެހުނެވެ. އަޑު އައީ ޖަގަހައިގެ ބޭރުންނެވެ. ވާނުވާ ބަލަން ނުކުތް ފާލިހުގެ ފަހަތުން އައިކާންވެސް ނުކުތެވެ. ބޭރަށް ނުކުތްއިރު ދޮރުމަތީ އިށީންދެގެންކަމެއް ވެއްޓިފައި ކަމެއް ނޭންގޭ އަންހެންކުއްޖާ އިނީ ފުންނާބު އުސް ބޫޓެއް އަތަށް ލައިގެނެވެ. ފާލިހުމެން ދެ މީހުން ނުކުތްތަން ފެނިފައި އަންހެންކުއްޖާ އެ ދިމާއަށް ބަލައިލިއެވެ.

“ކިހިނެތް ވީ މާ ބާރަކަށް ތި ހަޅޭއްލަވަނީ؟” އައިކާން އަހައިލިއެވެ.

“މަ..މަގޭ ބޫޓު!!! މިއޮއް އަގުބޮޑު ބޫޓު އެ ހަލާކުވީ!” ބަލާބެލުމަށް ވިއްސަކަށް އަހަރުގެ އެ ކުއްޖާ ކަރުނައަޅާފައި ރޯން ފެށިގޮތުން ހީވީ ބޮޑާހާކާ ކުޑަކުއްޖެއްހެނެވެ. ފާޑެއްގެ އަންހެނަކު ތިމާގެ ޖަގަހަ ކުރިމަތީ އަޑުން އަޑުނަގައި ރޯންފެށުމުން ފާލިހުއަށް ހަދާނެ ގޮތެއް ނޭންގި ހިތްއަވަސްވިއެވެ. މީ ދުވަހަކުވެސް އޭނާއަށް ދިމާވި ކަމެއް ނޫނެވެ.

“ދެން މިތާ އިންނަނީތަ؟” ފާލިހު އަހައިލިއެވެ. ރުއިމުގައި އަވަދިވެ އިން އަންހެން ކުއްޖާއަށް ފާލިހުގެ އަޑު އިވޭހެންވެސް ހީނުވިއެވެ.

“މަ ގައިންދެންތަ ބޫޓެއް؟” އައިކާން ބުނި އެތިން ފާލިހުއަށް ހައިރާންވެފައި އޭނާއާއި ދިމާއަށް ބަލައިލެވުނެވެ. އެ ޖުމުލައިން އަންހެން ކުއްޖާގެ ސަމާލުކަން ހޯދިއްޖެއެވެ. ބަދީލާއާއި ދޭތެރޭ ދިމާވި ހާދިސާ އެހާ އަވަހަށް އައިކާން ހަނދާން ނެތުނީ ކަންނޭންގެއެވެ.

“ކަލެއަކަށް ނުގަނެވޭނެ މިހާ އަގުބޮޑު ބޫޓެއް! މީ ލޫއީ ވިޓާން އެއްޗެކޭ!” އަންހެން ކުއްޖާ ވަރަށް ރުޅި އައިސްފައި ބުންޏެވެ. އައިކާން ކަހަލަ ނަކަލީ ޗޭނުތަކެއް އަޅައިގެން، ބާ ޓީޝާޓުގަނޑެއް ލައިގެން ހުރި މީހަކަށް އެ ބޫޓު ގަތް ފިހާރައަށްވެސް ނުވަދެވޭނޭ ބުނާކަހަލައެވެ.

“އެ ކާކު؟ ޔޫރަޕް ގޮލައެއްތަ؟” އެ ބުނި އެއްޗެއް ނޭންގިގެން އައިކާން ފާލިހު ކަންފަތްބުޑުގައި އަހައިލިއެވެ.

“މަ ގައިންދީފާނަން…” އަމިއްލަ އަނގައިން ނުކުތް ޖުމުލަ ޙުދު ފާލިހުއަށްވެސް ނުވިސްނުނެވެ. “މަ ކީއްވެ މި ދައިތައަށް ބޫޓު ގައިންދޭންވީ؟” އޭގެ ސިކުންތެއް ފަހުން މިހެން އެރީވެސް ހަމަ ފާލިހުގެ ހިތަށެވެ.

“ބުނެފީމެންނު މީ ކަލޭމެންކަހަލަ ފަގީރުންނަން ގަނެވޭނެ އެއްޗެއް ނުނޭ!” އަންހެން ކުއްޖާ ފާލިހުއާއި އައިކާންއަށް ބަލައިލި ގޮތުން ހީވީ މީދަލަކަށް ބަލައިލިހެންނެވެ. ކޮޅަށް ތެދުވެފައި، ލައިގެން ހުރި އަގުބޮޑު ވައްތަރުޖަހާ ހެދުން ފޮޅައިލާފައި ހުސްފަޔާ ހިނގަން އުޅުނީ ބޮޑުވާ އިނގިއްޔާއި ފުންނާބު އެކަނި ޖައްސައިގެނެވެ. ހީލްއެއްގެ އެއްކިބައަށް އަރައިގެން ހިނގަން އެއަށްވުރެ މާ އުނދަގޫވާނެތީއެވެ. ކުއްލިއަކަށް ކުރިމަތިން ދިއްވި ދެ ފައިވާން ޖޯޑު ފެނިފައި އޭނާ އިސްއުފުލައިލިއެވެ. ކުރިމަތީ ތިބި އައިކާންއާއި ފާލިހުއަށް، އެ މީހަކު އަރައިގެން ހުރި ފައިވާން ޖޯޑު އަންހެން ކުއްޖާ ކުރިމަތީ ބަހައްޓައިލެވުނީ އެއްފަހަރާއެވެ. ދެ އެކުވެރިންނަށް އެކަކު އަނެކަކަށް ބަލައިލެވުނީ ތީ ކޮންކަމެއްހޭ އަހައިލާ ގޮތަކަށެވެ.

“މީނަ އަނެއްކާ މި އަންހެނާއާ ހެދި…” ދެ މީހުންނަށްވެސް ހިތަށްއެރި އެތިން ކުރެވުނީ ހިތި އިހުސާސެކެވެ. އަންހެން ކުއްޖާއާއި ދިމާލަށް ބަލައިލީ ކޮންމެވެސް އެއް ފައިވާނަކަށް އަރާށޭ ބުނާފަދައަކުންނެވެ. ހަތަރު ފައިވާންކިބައަށް ބަލައިލި އަންހެން ކުއްޖާ އަނގަ ޗޭކޮށްލީ، މީ ގެދޮރެއް ނެތް ދެ ފަގީރުންގެ ފައިވާންބާއޭ ހިތާ ކަންނޭންގެއެވެ. އެއް ފަހަރު ފައިވާންތަކަށް، އަނެއްފަހަރު ދެ ފިރިހެނުންނަށް ބަލައިލާފައި ވަރަށް ހައިރާންވެފައި ތައްމިނަށް އަނގަ ހުޅުވައިލިއެވެ.

“އޯ!!! ކަލޭމެން މަށާ އަޅައިގަތީ ދޯ! އޯކޭ އޯކޭ… އަންޑަސްޓޭންޑަބަލް. މަށާ ދެން އަޅައިނުގަންނާނީ ކާކު؟” އޭނާ ވަރަށް ފަހުރުވެރިކަމާއިއެކީ ބުންޏެވެ. އެއަޑަށް ފަހަތުގައި ޖަގަހައިން ބޯ ދިއްކޮށްގެން ތިބި ކުދިންކޮޅުގެ ތެރެއިން އެކަކު އަނގަ ޗޭކޮށްލިއެވެ.

“ކަންމަތީ ފިހާރައިގަ އިންނަ ޝަފިއްތަވެސް މާ ހޮޓު އޭނައަށް ވުރެ.” އެ ސޮރު ކިޔައިލިއެވެ.

“މީނަވެސް ރީއްޗެންނު… ބޮސްއާ ގުޅޭކަންނެ ފާޑަކަށް.” އަނެއް ޒުވާނާ ބުންޏެވެ.

“ނުވާނެ! ބޮސްއާ ހަމަ އެންމެ ގުޅޭނީ އެއްކަލަ ގަރާޖުގަ އުޅޭ މަންޖެ.” އަނެކަކު އޭނާ ދެކޭގޮތް އިއްވައިލިއެވެ. ބޮސްއަށްވުރެ އައިކާން ތަންކޮޅެއް ރީއްޗޭ ހިތަށް އެރުމުން ބޮސް ދައްވާނެބާއޭ ހިތަށްއެރި ނަމަވެސް، ލޯބިވާ ބޮސް މޮޅުވޭތޯ އުންމީދުކޮށްލެވުނު ބައެއްވެސް ތިއްބެވެ. ކޮންމެއަކަސް މި މީހުން ތިބީ ބޮސް ފާލިހުގެ ހަޔާތަށް މި ކުއްޖާ ވަންނާނެތޯ ނޫންތޯ ބަލަން ކެތްމަދުވެފައެވެ. އޭނާ އަރާ ފައިވާނެއްގެ ސަބަބުން އޭގެން އެކަކުގެ ހަޔާތަށްވެސް ވަންނާނެ ކަމަށް ނިންމީ ކޮންކަހަލަ ސިޔާސަތެއްގެ ދަށުން ކަމެއް ނޭންގެއެވެ.

އަންހެން ކުއްޖާ ކަނާތު ފައި ފާލިހުގެ ފައިވާނަށް ކޮއްޕައިލިތަން ފެނިފައި ގޭންގު ކުދިންކޮޅު ބޮސްއަށްޓަކައި އުފާ ފާޅުކުރަމުން ތެޅިގަތެވެ. ނަމަވެސް އެ އުފާވެރިކަން އޮޅުންބޮޅުމަކަށް ބަދަލުވީ ނިކަން އަވަހަށެވެ. ވާތު ފައިން އެރީ އައިކާންގެ ފައިވާނަށެވެ.

“މިހާރު އޯކޭއެންނު. މަށާހެދި އެކުވެރިކަން ރޫޅޭނެކަމެއް ނެތް. ތޭންކްސް ފޯ ދަ ސްލިޕާރސް ބައި ދަ ވޭ.” ތުއި ގޮތަކަށް އަތް ވިހުރުވައިލާފައި ދެ ވައްތަރުގެ ދެ ކިބައަށް އަރައިގެން، ދެ ޒުވާނުން ފަސްދީފައި އެ ކުއްޖާ ހިނގައިގަތެވެ. ވީނުވީ ސާފުނުވެފައި ތިބި ފާލިހުއަށާއި އައިކާންއަށް ދެމީހުން ދެމީހުނަށް ބަލައިލެވުނެވެ. ދެތިން ސިކުންތައްފަހު ބަހެއް ބުނުމެއްނެތި އައިކާން ބާކީ އޮތް އޭނާގެ ފައިވާނުގެ ކަނާތު ކިބައަށް އަރައިގެން އަންހެން ކުއްޖާ ދިޔަކޮޅާއި އިދިކޮޅަށް ހިނގައިގަތެވެ. އޭނާ ފަހަތުން ދާން ބޭނުންވެފައި ހުރި ނަމަވެސް ފާލިހުއަށް އެކަން އަންގަން ބޭނުން ނުވީއެވެ. ފާލިހުވެސް އޭނާގެ ވާތުކިބައަށް އަރައިގެން ގޮސް ޖަގަހަ ތެރެއަށް ވަނެވެ. ދެ ޒުވާނުންވެސް އެ ވަގުތުން ފެށިގެން ލަނޑުދަނޑި ކަނޑައެޅީ ބީރައްޓެހި އެ ކުއްޖާގެ ހިތް އަތުލުމަށެވެ.

“އެ މަންޖެ އުޅޭ ތަނެއް ހޯދާ.” ކައިރީގައި ހުރި ގޭންގު ކުއްޖަކަށް އަމުރުކޮށްފައި ފާލިހު ގޮސް ސޯފާގައި ޖައްސައިލިއެވެ.

“ބޮސްގެ ލޯބި ކާމިޔާބު ވާނެކަމަށް ސަތޭކަ.” ފާލިހުއަށް ނީވޭ ވަރަށް އެ ސޮރު ކިޔައިލިއެވެ.

“ނުވާނެކަމަށް ސަތޭކަ.” އެހެން ޒުވާނަކު ވާދަކޮށްލިއެވެ.

“ހަލޯ. އޭ، އަންހެން ކުއްޖަކު އުޅޭތަން ހޯދަދީބަލަ.” އަނެއް ކޮޅުން އައިކާން ފޯނުން މީހަކަށް ގުޅައިލާފައި އެދުނެވެ.

އާ ދުވަހަކަށް އިރުއެރިއިރު އައިކާން ހުރީ އެކުވެރިއެއްގެ ގޭ ކުރިމަތީގައެވެ. ބެލް އަޅައިލުމާއެކު މާ ގިނައިރެއް ނުވެ އެތެރެއިން އެކުވެރިޔާ ދޮރު ހުޅުވައިފިއެވެ.

“ކަލޭ އުޅުނީމެންނު ދޯ ކައްކާފަ ކުނި ކަހާނެ މީހަކު ނުލިބިގެން.” އައިކާން ޔަގީންކޮށްލުމުގެ ގޮތުން އަހައިލިއެވެ.

“އާނއެކޭ… މަހަކަށް ދެ ހާހޭ ބުނީމަވެސް ބަންގާޅިއެއްވެސް ނައޭ! މަގޭދެކެ ބިރުންނޯ އެންމެން އުޅެނީ!” އެކުވެރިޔާ ކުސްތަޅައިލިއެވެ.

“މަ ފަސް މަސް ވަންދެން ކަލެއަށް ގެ ސާފުކޮށްފަ ފައިވް ސްޓާރ ފެންވަރަށް ކައްކަދޭނަން. އެޑްވާންސްކޮށް ހުރިހާ ލާރިއެއް ދީބަލަ.” އައިކާން ހުށައެޅިއެވެ.

“ކަލޭއަށް އިނގޭ ކައްކަން؟ އެޑްވާންސްކޮށް… ދިހަ ހާސް؟! އަނެއްކާ ބައްޔެއް ޖެހިގެން ބޭސް ނުކުރެވިގެންތަ ތި އުޅެނީ؟” އެކުވެރިޔާ ހައިރާންވިލެއް ބޮޑުކަމުން، ފުރަތަމަ ހައިރާން ވާންވީ ކޮން ކަމަކާ ކަމެއްވެސް ނޭންގިގެން އުޅުނެވެ.

“ނޫން. އެކަމަކު ވަރަށް އާޖެންޓުކޮށް ބޭނުންވެއްޖެ. ކަލެއަށް އިނގެއެންނު މަ މީ ލާރީގެ ކަންކަމުގަ މަކަރުހަދާ މީހެއް ނޫންކަން. ކަލޭ ނޫން ކާކު ދެން މަގޭ ހުރީ؟” ތިމާގެ ނަޒާހަތްތެރިކަން ސާބިތުކޮށްދޭން މަސައްކަތް ކުރުމަށްފަހު ތިމާގެ ނިކަމެތިކަންވެސް ފާޅުކޮށްލި އައިކާންގެ ވިސްނުން ވަރަށްވެސް ތޫނެވެ.

“އޯކޭ، އޯކޭ. މެންދުރު ފަހުން އާދޭ ބަލާ. މާދަމާއިން ފެށިގެން އަންނާތި ކައްކާ ކުނިކަހަން.” އެކުވެރިޔާ އެއްބަސްވި ވުމުން ދައްކުވައިދިނީ އޭނާގެ މުއްސަނދި ކަމެވެ. ‘އެންމެ ދިހަ ހާސް’ އެއީ މާ ބޮޑު އެއްޗެއް ނޫނޭ ބުނާކަަހަލައެވެ.

ބިޔަ ހަވޭލީގެ ދޮރޯށި ކުރިމަތީ ދެކޮޅަށް ހިނގަ ހިނގާ ހުރި ފާލިހު ހުރީ އެތެރެއަށް ވަންނަން ޖެހިލުންވެފައެވެ. އުފަން ބައްޕައާއި ދިމާލަށް އެއްޗެހި ގޮވާފައި އެގެއިން ނުކުތްތާ ދެ އަހަރު ވެއްޖެވިއްޔާއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ބެލްޖަހަން އަތް ދިއްކޮށްލިތަނާ އަމިއްލައަކަށް ދޮރޯށި ހުޅުވިއްޖެއެވެ. އެތެރެއިން ނުކުތް ބީ.އެމް.ޑަބްލިއު ފެނިފައި ހުރިހާ ހިތްވަރެއް އެލިގެން އައިކޮޅަށް އެނބުރުންތަނާ ކާރުން ބަރުގޮނު އަޅައިލިއެވެ. ކާރުގައި އިން ބައްޕައަށް އޭނާ ފެނުނީއެވެ. ދެން އަނބުރާ ދިއުމެއް ނެތެވެ. ކާރު އައިސް ކައިރީ ހުއްޓައިލުމުން ފާލިހު ހަށިގަނޑު ސީދާކޮށްލިއެވެ. ކާރުގެ ކުރީ ކުޑަދޮރު ތިރިއަށް ކަހައިލާފައި ބަލައިލި ބައްޕަ އެއްބުމަ ހިއްލައިލިއެވެ.

“ކާކު ތީ؟” ބައްޕަ ނޭންގޭ ކަމަށް ހަދައިލި ގޮތުން ފާލިހު ހައްތަހާ ކަޑަވިއެވެ.

“ބައްޕާ… ދިހަ ހާސް ރުފިޔާ ދީބަލަ…” ފާލިހު ހިންދިރުވާލާފައި ބުނެލިއެވެ.

“ގެއަށް އަންނަން ޖެހޭނެ. އެއްކޮށް މޫވް އިން ވާން ޖެހޭނެ.” ބައްޕަ ޝަރުތު ކަނޑައެޅިލެއް ނިކަން އަވަހެވެ. ފާލިހު ބޯ ޖަހައިލިއެވެ. ފާލިހުއަށްވެސް ދިހަ ހާސް ރުފިޔާ ލިބުނީއެވެ.

އޭގެ އެއް މަސް ފަހެވެ. ލޫއި ވިޓާން ކޮތަޅެއް ހިފައިގެން ހިނގާފައި ދިޔަ ފާލިހު ހުރީ ހިތް އަވަސްވެފައެވެ.

“ޒާރާޔޯ ކިޔަނީ. މީހަކާވެސް ނީންދޭ. ރައްޓެހިވެސް ނުވޭ.” އަންހެން ކުއްޖާގެ މައުލޫމާތު ހޯދި ފަރާތުން ބުނި ބަސްތައް ފާލިހުގެ ސިކުނޑީގައި ތަކުރާރު ވަމުންދިޔައެވެ. ގެއާއި އަރާ ހަމަވިތަނާ އަނެއް ކޮޅުން އައިސް ހުއްޓުނީ އައިކާންއެވެ. އޭނާވެސް ހުރީ ލޫއީ ވިޓާން ކޮތަޅެއް ހިފައިގެނެވެ. ދެ މީހުންނަށް ދެމީހުންގެ އަތުގައިވާ ކޮތަޅު ފެނިފައި މޭގައި ރުޅިގަނޑު ކެކިގަތެވެ. ދޮރުގައި ޓަކިތަޅައިގަތީ ދެ މީހުން އެއްފަހަރާއެވެ. އެ ދެމެދުގައި އޮތް ވާދަވެރިކަމުން، އަލިފާން ރޯވާވަރު ވެފައި ހުއްޓައި އެތެރެއިން ދޮރު ހުޅުވައިލިއެވެ. ދެ ޒުވާނުން އެ ދިމާއަށް ބަލައިލިއިރު ދޮރުމަތީ ހުރީ ވަރަށް ރީތި ފިރިހެނެކެވެ. އައިކާންމެން ފެނިފައި އެ މީހާގެ ދެލޯ ބޮޑުވިއެވެ.

“ޒާރާ… އެބައުޅޭތަ؟” އައިކާން އަހައިލިއެވެ. އޭނާއާއި ފާލިހުގެވެސް ހިތުގައިވީ އެއް ސުވާލެކެވެ. މީ އަނެއްކާ ކާކުބާއެވެ؟

“އާ…އަމް…އާ..” ރީތި ފިރިހެން މީހާ ނިއްކުރިން އޮއްދާ ފޮހެލާފައި ކިޔާނެ އެއްޗެއް ނޭންގިގެން އުޅުނެވެ. “މަ މީ ޒާރާ…” އެ މީހާ ބުނި އެތިން ފާލިހުއާއި އައިކާންގެ ބޮލުގައި ޖެހުނީ ބޮޑު ސުވާލު މާކެކެވެ.

“އެ ދުވަހު ރައްޓެހިންތަކެއް ޖެއްސި ޑެއާރއެއް އެއީ… އަންހެނަކަށް ވެގެން އެ ގޭންގުގެ ބޮޑު މީހާ ކުރިމަތީ އެކްޓެއް ޖެއްސުން…” އެ މީހާ ފާޅުކޮށްލިއެވެ. “މަގޭ ބޫޓު!!!” ތެދުވެރިކަން ފާޅުކުރުމަށްޓަކައި އެ ޖުމުލަ ކީއިރު ނެރުނު އަންހެން އަޑުން ފާލިހުއާއި އައިކާން ދިޔައީ އެއްލިގެނެވެ. އެއީ ހަމަ އެ ދެމީހުންނަށް ހިތާވެވުނު ޒާރާގެ އަޑެވެ.

“ސޮރީ އިނގޭ… ހަހަހަ… އާނ، ފައިވާން… އަން، މިއޮތީ. ދޮރު ބުޑުން ދެ ވައްތަރުގެ ދެ ފައިވާން ކިބަ ނަގައި ފާލިހުމެން ކުރިމަތީ ބަހައްޓާފައި ހީލަމުން އެ މީހާ ދޮރު ލައްޕައި ތަޅުލިއެވެ. ދެ ޒުވާނުންނަށް ތިބެވުނީ ޖެހި ބުދެއްހެނެވެ. މީ ކޮންފަދަ ކަމެއްހެއްޔެވެ؟

“މީގެ ބަދަލުގަ މަ ޖެހުނީ ބައްޕަ ކައިރިއަށް އަލުން ދާން.” އަދިވެސް ފާޑަކަށް ގަބުއަރާފައި ހުރެ އަތުގައި އޮތް ކޮތަޅަށް އިށާރާތް ކުރަމުން ފާލިހު ބުންޏެވެ.

“މަ ޖެހުނީ ފަސް މަސް ވަންދެން ރައްޓެއްސެއްގެ ގެ ސާފުކޮށްފަ އޭނައަށް ކައްކަދޭން…” އައިކާން ބުންޏެވެ.

ހޭވެރިކަމެއްވުމުން ދެ ޒުވާނުންގެ ގާތަށް އައި އަމަށަކު ރުޅިއެއް ނޫނެވެ. ހަށީގައި ހުރި ބާރެއްލާފައި ދޮރުގައި ތަޅައިގަތީ ދުލަށް އައިހާ ނުބައި އެއްޗެއް ގޮވަމުންނެވެ. ދެ މީހުންވެސް ތިބީ އެ ފިރިހެން މީހާގެ ދުވަސް ދުއްވާލަން ތައްޔާރަށެވެ.

“ގެނޭ ސަތޭކަ…” ދުރުގައި ކުޅިބަލަން ތިބި ފާލިހު ގޭންގު ކުދިންގެ ތެރެއިން އެކަކު އަތް ދިއްކޮށްލިއެވެ. އަނެކަކު މޭގައި އަތް އަޅާފައި ވަރަށް ހިތާމައާއިއެކު އޭނާގެ އަތަށް ސަތޭކަ ރުފިޔާ ލައިދިނެވެ.

ގޭތެރޭގައި ހުރި ފިރިހެން މީހާއަށް ދޮރުގަ ތަޅާ އަޑުފައްގަނޑާއި، ގޮވި ނުބައި އެއްޗެހި އިވުނު ނަމަވެސް، ދޮރު ހުޅުވުމުގެ ގަސްތެއް ނުގެންގުޅެއެވެ. އަތުގައި އޮތް އެމެރިކާއަށް ދާ ފްލައިޓުގެ ޓިކެޓަށް ބަލައިލާފައި ފޮށި ހިފައިގެން ކުޑަދޮރުން ދެމިގަތްއިރު އޭނާ ހުރީ ފާޑަކަށް ބިރުން ދަތްކުނޑި ވިކިފައެވެ.

“ބެސްޓް ވެކޭޝަން އެވާރ… ހަހަހަ…” އަމިއްލަ ނަފްސަށް ވިސްނައިދޭކަހަލަ ގޮތަކަށް ކިޔައިލާފައި، އަސަރެއް ނެތް ނަކަލީ ހިނިގަނޑެއް ޖަހައިލަމުން އޭނާ ދުއްވައިގަތީ ދުވަހަކުވެސް އުފަން ބިމަށް އަނބުރާ ނައުމަށް ވައުދުވެގެންނެވެ.

 

(ނިމުނީ)

30