Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ފަންސަވީސްވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
April 10, 2020 7 Mins Read
19 Comments

ދެމައިންނަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނައިޒަކްމެންގެ ނަޒަރު ހުއްޓިފައިވަނީ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި ޒައިން އާއި އަސްމާ އާއި ދިމާލަށެވެ. އިރުކޮޅެއްނުވެ އަސްމާގެ ދެލޯ ކަރުނުން ފުރެން ފެށިއެވެ. އަސްމާގެ ދެލޯ ފެންކަޅިވާންފެށިތަން ފެނި ޒައިންގެ ދެލޯވެސް ކަރުނުން ފުރެން ފެށިއެވެ. ޒައިން އޭނާގެ މަންމައަށް ސަރޕްރައިޒް ދޭން އުޅި ސަރޕްރައިޒް މި ލިބުނީ ހަމަ އޭނާއަށެވެ. ހީނުކޮށް ހުއްޓައި މަންމަ އައުމުންނެވެ. އަސްމާއަށް އިންތިޒާރުކުރެވެމުން ދިޔައީ ޒައިން މަންމާއޭ ކިޔައި ގޮވާލާނެ އިރަކަށެވެ. އަނެއްކޮޅުން ޒައިންއަށް އިންތިޒާރުކުރެވެމުން ދިޔައީ އަސްމާ އޭނާއަށް ދަރިފުޅާ އޭ ކިޔައިފައި ގޮވައިލާނެ އިރަކަށެވެ. ހިމޭންވަގުތުކޮޅަކަށްފަހު ޒައިން އޭނާގެ ފެންކަޅިވެފައިވާ ދެލޯ ފުހެލިއެވެ. އަދި މަޑުމަޑުން އަސްމާ އާއި ދިމާލަށް އަންނަން ފެށިއެވެ. ޒައިން އައިސް އަސްމާގެ ކުރިމަތީގައި ހުއްޓުމުން އަސްމާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. މަންމަ ރޯ މަންޒަރު ބަލަން ކެތް ނުވުމުން ޒައިން އަސްމާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލައިދިނެވެ. އަސްމާ ޒައިންގެ އަތުގައި ހިފަހައްޓައިލިއެވެ. އެއާއިއެކު އަސްމާއަށް ކުރެވުނީ މުޅިން ތަފާތު އިޙުސާސެކެވެ. ޒައިންއާއި ދޭތެރޭ އޮތް މައިވަންތަކަމުގެ ލޯބި އިތުރުވެގެން ދިޔައެވެ.

“މަންމާ!” އިސްޖަހައިގެން ހުރި އަސްމާއަށް އިސްއުފުލައިލެވުނީ ޒައިން ވަރަށް ލޯބިން އޭނާއަށް ގޮވައިލުމުންނެވެ. އަސްމާ ޒައިންގެ ބޮލުގައި ފިރުމައިލަން އަތް ހިއްލައިލި ވަގުތު ޒައިން އަސްމާގެ ހަށިގަނޑުގައި ބައްދައިލިއެވެ. އަދި ރޯން ފެށިއެވެ. ދަރިފުޅުގެ މި ކުއްލި ޙަރަކާތުން އަސްމާއަށްވެސް ނުރޮއެ ނުހުރެވުނެވެ. ޒައިންގެ ބޮލުގައި ފިރުމައިލަމުން ހުއްޓާލުމަށް އަސްމާ ބުންޏެވެ. މި މަންޒަރު ފެނި ނައިޒަކްމެންވެސް ތިބީ ފެންކަޅިވެފައެވެ. މި މަންޒަރުން ޝިމާޔާ އާއި ޝަމީމްއަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. ސަބަބަކީ އެމީހުންގެ މައިންބަފައިން ދުނިޔޭގައި ނެތުމުންނެވެ. އެދެބެންގެ މައިންބަފައިން ޝަމީމްގެ ހަމަ ލޮލަށް ފެނިފައި ވިޔަސް ޝިމާޔާ އަކަށް އެ ނަޞީބެއް ނުލިބުނެވެ. ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލައި ގަދަކަމުންވެސް ހިނިތުންވެލީ ޒައިންއަށްޓަކައި އުފާކުރާ ޙާލުގައެވެ.

“މަންމާ! މަންމާ އަޅުގަނޑަށް މާފްކުރޭ. އަޅުގަނޑަށް މިއޮތް ހުރިހާ ދުވަހު މަންމައާ ދުރުގަ އުޅެވުނީމަ.. ބޮޑުދައިތަ އަކީ މަންމަ ކަމަށް ހީކޮށް އަހަންނަށް މާޒީވި ދުވަސްތަކުގަ ބޮޑުދައިތަ އާ އެކީ އުޅެވުނީ. ސޮރީ މަންމާ! އަޅުގަނޑަށް މާފުކުރޭ.” އަސްމާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ރޮމުން ޒައިން އެތައް ފަހަރަކު އަސްމާގެ ކިބައިން މަޢާފަށް އެދެމުން ދިޔައެވެ. ނޭނގުމެއްގެ ތެރޭގައި ވޭތުވެދިޔަ ދުވަސްތަކު އެހެންބަޔަކާއި އެކީ އުޅެވުނަސް ޒައިންއަށް ހައްތަހާވެސް ހީވަނީ އެއީ އޭނާގެ ކުށުންވީކަމެއް ކަމުގައެވެ. ޒައިން ރަށުގައި އުޅުނު ދުވަސްކޮޅުވެސް ރަށުގެ ވަރަށް ގިނަ މީހުން ޒައިންއަކީ ޙަމީދާގެ ދަރިއެއް ނޫންކަމަށް ބުނަމުން ދިޔައެވެ. އެމީހުން އޭރު ދެއްކި ވާހަކަތައް ޒައިންއަށް ޤަބޫލުކުރެވުނުނަމައޭ މިހާރު ޒައިންގެ ހިތަށް އަރައެވެ. “ހުއްޓާލާ ދަރިފުޅާ! މިކަމުގައި ނެތޭ ދަރިފުޅުގެ އެއްވެސް ކުށެއް. ދަރިފުޅު ބުނެބަލަ. ކޮން ބޮޑުދައިތައެއްގެ ވާހަކައެއްތަ ތި ބުނީ؟” ޒައިން އޭނާގެ ގަޔާއި ދުރުކޮށްލަމުން އަސްމާ އެހިއެވެ. ޒައިން ކުއްލިއަކަށް އެއްކަލަ ސިޓީ މަތިން ހަނދާންވިއެވެ. ރާއްޖެތެރެއަށް އޭނާ ކުރި ދަތުރުތަކުން އޭނާގެ ރަށަށް ދިޔައިރު އާރިފް ވަނީ އޭނާގެ އަތަށް އެ ސިޓީ ދީފައެވެ. ޒައިން ދެން ބެލީ އޭނާގެ ވޮލެޓް ޖީބުގައި އޮތްތޯއެވެ. ނަޞީބަކުން ވޮލެޓް ސަލާމަތުން ޖީބު ތެރޭ އޮތެވެ. ޒައިން ވޮލެޓް ނެގުމަށްފަހު އޭގެން އެ ސިޓީ ކަރުދާސްކޮޅު ނަގައި އަސްމާއަތަށް ދިނެވެ. “ތީތި ކިޔާލާ. ތީގެން އިނގޭނެ މަންމައަށް ހުރިހާ ޙަޤީޤަތެއް.” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ޒައިން ބުންޏެވެ. ވާނުވާގައި ހުރެ އަސްމާ އެ ކަރުދާސްކޮޅުގައި ހިފިއެވެ. އަދި ކަރުދާސްކޮޅު ނިއުޅުވައިލުމަށްފަހު އެ ކިޔަންފެށިއެވެ.

މަގުމަތީ ހިނގަމުން ދިޔަ ޔޫނާގެ މިޞްރާބަކަށް ވެފައިވީ ޕޮލިސް ސްޓޭޝަންއެވެ. އޭނާގެ ދަރިފުޅު އަނެއްކާވެސް ހައްޔަރު ކުރުމުން އެކަމާއި ނުރުހިފައި ހުރެ މަގުމައްޗަށް އެއްވެސް ސަމާލުކަމެއް ނުދީ ޔޫނާ ހިނގަމުން ދިޔައެވެ. ޕޮލިސް ސްޓޭޝަންއަށް ވަދެވުމުން މަގޭ ދަރި ކޮބައިހޭ ކިޔައި މޮޔައަކު ފަދައިން ޔޫނާ ހަޅޭއްލަވަން ފެށިއެވެ. ޖަލުގެ ތޭރިތަކުގެ ތެރޭ ހުރި އަންޖަދު އަށް އޭނާގެ މަންމަ ގޮވަން ފެށި އަޑުއިވުނެވެ. ޖަލުގޮޅި ކައިރީ ހުރި ފުލުސް މީހާ ކައިރީ އޭނާގެ މަންމަ ގެނެސްދިނުމަށް އަންޖަދު ބުންޏެވެ. އެއާއިއެކު އެމީހާ ޔޫނާ ހުރި ދިމާލަށް ހިނގައިގަތެވެ. “ދަރިފުޅު އެބަހުރި. އާދޭ އަހަންނާއެކީ.” ފަރާތްފަރާތަށް އެނބުރެމުން ހަޅޭއްލަވަމުން ދިޔަ ޔޫނާއާއި ދިމާލަށް ފުލުސް މީހާ ބުންޏެވެ. ފުލުސް މީހާއާއި ދިމާލަށް ބަލައި ވައްތަރެއް ޖައްސައިލުމަށްފަހު ޔޫނާ އެމީހާގެ ފަހަތުން ހިނގައިގަތެވެ.

ޔޫނާ އައުމުން އަންޖަދު އިސްދަށަށް ޖަހައިލިއެވެ. ޔޫނާއާއި ދިމާލަށް ބަލަންވެސް އަންޖަދު އަކަށް ނުކެރުނެވެ. އަންޖަދު ހީކުރީ ޔޫނާ ހުންނާނީ އޭނާ ދެކެ ހިތްހަމަނުޖެހިފައިކަމަށެވެ. އެހެނެއްކަމަކު ކުރި އެކޭ އެއްފަދައިން ޔޫނާ ވަރަށް ލޯބިން އަންޖަދުއަށް ގޮވައިލިއެވެ. އިރުކޮޅަކު އަންޖަދު އިސްޖަހައިގެން ހުރުމަށްފަހު އިސްއުފުލައި ޔޫނާއާއި ދިމާލަށް ބަލައިލިއެވެ. އޭރު ޔޫނާގެ ދެލޮލުން ހީވަނީ އަލިފާންކަނި ބުރައިފާނެހެންނެވެ. އެހާ ލޯބިން ގޮވައިލައިފައި މިހާރު މިވީ ކިހިނެތް ހެއްޔެވެ؟ “އަންޖަދު މިހާރު މާރާމާރީ ހިންގާ ހިސާބަށްވެސް ދިޔައީތަ؟ މަންމަގެ ބަސްނާހާ ދަރިއަކަށް ވިޔަސް މަންމަ ހިއެއް ނުކުރަން އަންޖަދު ތިހާ ދަށު ދަރަޖައިގެ ޢަމަލެއް ހިންގަފާނެކަމަކަށް. އަންޖަދު ތިގޮތަށް އުޅުނީމަ ބަދުނާމު ވާނީ ކާކު؟ ބޭޒާރު ވާނީ ކާކު؟ ލަދުގަންނާނީ ކާކު؟ މަންމައެއްނު. އަންޖަދު ބުނެބަލަ ކީއްވެގެންތަ މަންމަ ބުނާ ބަސްނާހަނީ؟ ކީއްވެތަ ދަރިފުޅު ގޯސްކުއްޖަކަށްވީ؟” ރުޅިވެރިކަމާއިއެކީ ވާހަކަދައްކަން ފެށި ނަމަވެސް ފަހު ޖުމުލަތައް ބުނެވުނު ތަނުން ޔޫނާއަށް ރޮވުނެވެ. ޔޫނާ ދެއްކި ވާހަކަތައް އަޑުއަހަން ހުރި އަންޖަދު ހުރީ ރުޅިން ފަޅައިގެން ދާވަރުވެފައެވެ. މަންމައަށް އަދިވެސް ފެންނަނީ އަހަރެން ކުރި ކުށް ހެއްޔެވެ؟ މަންމަ ކުރި ކުށް މަންމައަށް ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ މިކަހަލަ އެއްޗެހިތަކެއް އަންޖަދުގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ. ޔޫނާ ވަނީ އޭނާގެ މާޒީ އެއްކޮށް ކަހަލަ ގޮތަކަށް އަންޖަދުއަށް ކިޔައިދީފައެވެ.

“މަންމައަށް އަދިވެސް ފެންނަނީ އަހަރެން ކުރި ކުށް ދޯ! ދުވަހަކުވެސް މަންމަ ކުރި ކުށް މަންމައަށް ފެނުނުތަ؟ އަސްމާ ދައްތަ އެންމެ ފުރަތަމަ ވިހެއި ދަރިފުޅު ވަގަށްނެގީ މަންމަ އެއްނޫންތަ؟ އެ ދަރިފުޅު ވަގަށް ނަގާފަ މަންމަގެ އެކުވެރިޔާއަށް ދީފަ ފޮނުވާލީވެސް މަންމައެއްނޫންތަ؟ އަސްމާ ދައްތަ އާ ދުރުގަ ހުރެގެންވެސް އެ ދައްތައަށް އެތައް ގޮތަކުންވެސް މަންމަ ޖެއްސުންކުރީމެއްނު. މީ އަދި އަހަރެން ކުރި ކުށަށް ވުރެ މާ ނުބައިކަމެއްނުން. މިހާރު ހުންނާނީ މަންމައަށް މަންމަ ކުރި ކުށް ރަނގަޅަށް ފެނިފަ. ދެންވެސް ވަގުތު ފާއިތު ނުވަނީސް އަސްމާ ދައްތަ ހޯދައިގެން އެ ދައްތަ ކިބައިން މަޢާފަށް އެދޭ. އަދި މަންމަ ތިދާ ދިޔުމުގަ އައިޖީއެމްއެޗަށްވެސް ވަދެލާތި. އެތާ ޝަމީމް އޮންނާނެ. އަހަރެން ބޭނުން އަހަންނަށް ކުރެވުނު ކަންތަކުގެ ސަބަބުން ޝަމީމްގެ ކިބައިން މަޢާފަށް އެދެން. އެކަމަކު އަހަންނަކަށް ނެތް އޭނައާ ހަމައަށް ދެވޭކަށް. އެހެންވީމާ މަންމަ ގޮސް މި ވާހަކަތައް ޝަމީމް ގާތު ބުނެދީ.”. އަންޖަދު އޭނާ ބުނަން ބޭނުންވި ވާހަކަތައް ބުނުމަށްފަހު ޔޫނާއަށް ފުރަގަސްދިނެވެ. “ދަ..” ޔޫނާ އަންޖަދު އަށް ގޮވަން އުޅުނެއްކަމަކު އަންޖަދު އެ ފުރުޞަތެއް ނުދިނެވެ. “އިތުރަށް މަންމަ އަހަންނާ ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ. އަހަރެންދެކެ މަންމަ ލޯބިވަންޏާ އަހަރެން މި ބުނި ކަންތައް މަންމަ ކޮށްދީ. އަހަންނަށްވެސް މި ވިސްނުނީ ވަގުތު ފާއިތުވި ފަހުން.” އަންޖަދު އެހުރިގޮތަށްހުރެ ޔޫނާއާއި ދިމާލަށް ބަލައިވެސްނުލައި ބުންޏެވެ. ޔޫނާއަށް ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެންކަމުން އޭނާ އިތުރަށް އެތަނުގައި ވަގުތު ބޭކާރުކުރަން ނުހަދައި އެތަނުން ނުކުމެގެން ދިޔައީއެވެ.

ރަސްރަނި ބަގީޗާގައި ބަހައްޓައިފައި ހުރި ބެންޗުތަކުން ބެންޗެއްގައި ވިސްނުމަކަށް ގެއްލިފައި ޔޫނާ އިނެވެ. އޭނާ އެތާ އިން އިރު އޭނާގެ ވަށައިގެން ބަޔަކު އެ މާޙައުލުގައި ޙަރަކާތްތެރިވަމުން ދިޔަ ކަމެއް ނުދެނަހުއްޓެވެ. އެހާވެސް ބޮޑަށް އޭނާ ވަނީ ވިސްނުމަކަށް ގެއްލިފައެވެ. ޔޫނާއަށް ވިސްނެމުން ދިޔައީ އަންޖަދު ދެއްކި ވާހަކަޔާ މެދުގައެވެ. އަންޖަދު އެ ދެއްކީ މުޅިއަކުން ގޯސް ވާހަކަތަކެއްވެސް ނޫނެވެ. ތިމާ އަށް ތިމާގެ ކުށް ނުފެނުނުއިރު ފެނުނީ އެހެންމީހުންގެ ކުށެވެ. މުސްކުޅިން އެބުނަނީ ވަރަށް ބޮޑު ތެދެކެވެ. ބެދޭމަޅިއެއް އެކަކަށްވެސް ނުފެންނާނެއެވެ. މާނައަކީ އެމީހަކު ކުރާ ގޯސްކަމެއް އެމީހަކަށް ނުފެންނާނެއެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު ޔޫނާ ނިންމީ އަސްމާ ހޯދައިގެން އޭނާއަށް ކުރެވުނު ކުށަށް އަސްމާގެ ކިބައިން މަޢާފަށްއެދޭށެވެ. އެހެނެއްކަމަކު އަސްމާ ޔޫނާއަށް މަޢާފް ކުރާނެކަމުގެ ޔަޤީންކަމެއް ޔޫނާގެއެއްނެތެވެ. ނަމަވެސް މި ދުނިޔޭގައި ހަމަޖެހިގެން އުޅެން ބޭނުންކަމަށްވަންޏާ ޔޫނާއަށް އެނޫންގޮތެއް ނެތެވެ. އަދި އަންޖަދު ބުނި ކަންތައްވެސް ކޮށްދޭން އެބަ ޖެހެއެވެ. އެހެންކަމުން ޔޫނާ ހިނގައިގަތީ އައިޖީއެމް ހޮސްޕިޓަލާއި ދިމާލަށެވެ.

ކަރުދާސްކޮޅުގައިވި ލިޔުންކޮޅު ކިޔައި ނިމުނުއިރު އަސްމާ އިނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ފުރަތަމަ ކޮޅު ރުޅިއައިސްފައި އިނެއްކަމަކު ފަހުން ލިޔެފައި ހުރި ލިޔުންތައް ކިޔައިލެވުމުން އަސްމާ ހިތުގައި ޖެހުނީއެވެ. ޙަމީދާ އޭނާގެ ދަރިފުޅު އަތުލިއެއްކަމަކު އެ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީ މަންމައެއްގެ ލޯބި ދީގެން އެ ދަރިފުޅު ބަލައި ބޮޑުކޮށްދިނީތީ އަސްމާ އުފާވިއެވެ. ނަމަވެސް ހިތުގައި ޖެހި ދެރަވީ ފެށުނީއްސުރެވެސް ޙަމީދާ އޭނާއަށް ނަފްރަތުކުރާތީއެވެ. އެ ލިޔުމުގައި ހެޔޮހިތުން އޭނާއަށް މަޢާފް ކޮށްދިނުމަށް ބުނެފައިވިއެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު އަސްމާ ޒައިން ގާތަށް ދިޔައެވެ. “ދަރިފުޅާ! މަންމަ ބޭނުން ހަމީދާ ދައްތައާ ބައްދަލުކޮށްލަން.” ޙަމީދާ މި ދުނިޔޭގައި ނެތްކަން ނޭނގޭ ޙާލު އަސްމާ ބުންޏެވެ. ޒައިންއަށް އިސްޖަހައިލެވުނެވެ. އަދި އަސްމާއަށް ފުރަގަސްދެމުން ދެލޯ މަރައިލިއެވެ. “މަންމާ. ބޮޑުދައިތަ ނެތް ދުނިޔެއަކު. މި އަހަރު ކުރީކޮޅު ބޮޑުދައިތަ މި ދުނިޔެއާއި ވަކިވެއްޖެ.” ޒައިން އެއްވެސް ވާހަކައެއް ސިއްރު ކުރާކަށް ބޭނުމެއްނުވިއެވެ. ކަށީގައި ނެތް ހިތްވަރު ލައިގެންވެސް އެވާހަކަ އަސްމާ ގާތުގައި ބުނި ސަބަބަކީވެސް އެއީ އެވެ. “ﷲ އިރާދަކުރެއްވިއްޔާ ދެން މަންމަ އާ ދައްތަ ބައްދަލުވާނީ ޖަންނަތުން. މަންމަ ހެޔޮހިތުން މަންމަގެ ލޯބިވާ ދައްތަ އަށް މާފްކޮށްފިން. މަންމަ ބޭނުމެއްނޫން ދައްތަ ދުނިޔޭގަ ހުއްޓަސް ނެތަސް ދައްތައާ ދޭތެރޭގަ އެއްވެސް ހިތްބުރަކަމެއް ބާއްވާކަށް. ހުރިހާ ޝުކުރެއް ޙައްޤުވަނީ ދައްތައަށް.. އެއީ ދަރިފުޅަށް މަންމައެއްގެ ލޯބި ދީގެން ދަރިފުޅު ބަލާބޮޑުކޮށްދިނީމަ. އަދި ދުލުން ކިޔައިނުދިންކަމުގަވިޔަސް އެހެން ގޮތަކަށް ދަރިފުޅަށް ދަރިފުޅުގެ ޙަޤީޤަތް އެނގޭނެގޮތެއް ހެދީމަ. މަންމަ މިއަދު ދައްތައަށްޓަކާ ފަޚުރުވެރިވަން. ދަރިފުޅަށް ޓަކައި ވެސް ފަޚުރުވެރިވަން. މަންމަގެ ހުރިހާ ދަރިންނަށްޓަކައި މަންމަ ފަޚުރުވެރިވަން.” އަސްމާގެ އެ އަސަރުން ފުރިގެންވީ ވާހަކަތަކުން ޒައިންގެ އިތުރަށް ނައިޒަކްމެންގެ ލޮލުންވެސް ކަރުނަ އޮހޮރައިލިއެވެ. ޒައިން، އާރިޝް، ނައިޒަކް އަދި ރިޝާނާ އަސްމާ ގައިގައި ބައްދައިލިއެވެ. އަދި މަންމަ ދެކެ ވަރަށް ލޯބިވާ ކަމަށް ހަތަރުކުދިން އެއް އަޑަކުން ބުންޏެވެ. އެ އާއިއެކު މަންޒަރު ބަލަން ތިބި ޝިމާޔާ މެނަށް ކުޑަކޮށް ހެވުނެވެ.

އިރުކޮޅެއްނުވެ ޑޮކްޓަރު ރޫމަށް ވަނެވެ. ޝަމީމް އާއި ކުޑަކޮށް ވާހަކަ ދައްކައިލުމަށްފަހު ޝަމީމްގެ ޙަވާލުގައި ހުރީ ކާކުތޯ ޑޮކްޓަރު ސުވާލުކޮށްލިއެވެ. “އަޅުގަނޑު.” ނައިޒަކް ކުރިއަށް ޖެހިލައި މޭގައި އަތް ޖައްސައިލަމުން ބުންޏެވެ. ޑޮކްޓަރު ނައިޒަކް އާއި އެކީ ރޫމުން ބޭރަށް ނުކުތެވެ. “ކުރިންވެސް އަޅުގަނޑު ބުނި ފަދައިން ޕޭޝަންޓްގެ އެތެރެ ހަށީގަ ކޮންމެވެސް މައްސަލަ ތަކެއް ހުރި. ޕޭޝަންޓްގެ އަތާއި ފައިގެ ކަށިތަކަށް ކޮންމެވެސްވަރަކަށް ގެއްލުންތަކެއް ލިބިފަ ހުރީ. އެހެންވީމަ ޖެހޭނީ ހަމަ ކުޑަކުޑަ އޮޕަރޭޝަނެއް ކޮށްލަން. ސޯ މިކޮޅުން ދޭ ފޯމެއް ފުރައިލީމަ ވީހާވެސް އަވަހަކަށް ޕޭޝަންޓްގެ އޮޕަރޭޝަން ކަންތައް ކުރިއަށް ދާނެ.” ޑޮކްޓަރު ދެއްކި ވާހަކަތައް ނައިޒަކް ކަނުލައި އަޑުއެހިއެވެ. ޑޮކްޓަރު ފުރަތަމަ ޝަމީމްގެ އެތެރެ ހަށީގައި މައްސަލަތަކެއް ހުއްޓޭ ބުނުމުން ނައިޒަކް ބިރުގަންނަގޮތްވިއެވެ. ނަމަވެސް ކޮށްލަން ޖެހޭނީ ކުޑަކުޑަ އޮޕަރޭޝަނެއްކަމުން ނައިޒަކްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ނައިޒަކް ދެން އަވަސްވެގަތީ ޑޮކްޓަރު އެބުނާ ފޯމެއް ފުރާށެވެ.

ހިތް ނުތަނަވަސް ވެފައި ހުރެ ޔޫނާ ހޮސްޕިޓަލް ތެރެއަށްވަނެވެ. ރިސެޕްޝަން ކައިރިއަށް ގޮސް އެތާ ހުރި ކުއްޖެއް ކައިރިން އޮޅުންފިލުވައިގެން ޝަމީމް ބާއްވާފައި އޮތް ރޫމު ހޯދިއެވެ. ޔޫނާ ރޫމަށް ވަދެފައި އެނދުގައި ބާއްވާފައި އޮތް ޝަމީމް ކައިރިއަށް ދިޔައެވެ. އޭރު އަސްމާމެން ތަންކޮޅެއް ދުރުގައި އޮލަ ވާހަކަތަކެއް ދައްކަން ތިބުމުގެ ސަބަބުން ރޫމަށް މީހަކު ވަތްކަންވެސް އެމީހުނަކަށް ނޭނގުނެވެ. ކުއްލިއަކަށް އައިސް އޭނާ ކައިރީ ހުއްޓުނު ނުދަންނަ މީހާ ފެނި ޝަމީމްއަށް އޮވެވުނީ ބީރައްޓެހި ގޮތަކަށް އެމީހާއަށް ބަލަހައްޓައިގެންނެވެ. “ތީތަ ޝަމީމްއަކީ؟” ޔޫނާ ހަމަޖެހެން މަސައްކަތްކުރަމުން ޝަމީމް ކައިރީ އެހިއެވެ. “ލައްބަ މީ ޝަމީމް އަކީ. ކިހިނެތްތޯވީ؟” ޝަމީމް އަދަބުވެރިކަމާއެކީ އެ މީހާއާއި ވާހަކަދެއްކީ އެއީ ޝަމީމް ނުދަންނަ މީހެއްކަމަށްވާތީއެވެ. “މީ އަންޖަދުގެ މަންމަ. އަހަރެން ޝަމީމް ކައިރިއަށް މިއައީ އަންޖަދު ބުނެގެން. އަންޖަދުގެ ފަރާތުން ޝަމީމްގެ ކިބައިން މާފަށް އެދެންވެގެން.” ޔޫނާ އެ ބުނި ވާހަކަތައް ޤަބޫލުކުރަން ޝަމީމްއަށް އުނދަގޫވިއެވެ. ހަރު ހިތެއްގެ ވެރިއަކު އޭނާގެ ކިބައިން މަޢާފަށް އެދޭނެކަމަކީ ނުވާނެކަމެއްކަމުގައި ޝަމީމްއަށް ހީކުރެވުނެވެ. ޙަޤީޤަތް ފޮރުވަން ނޫޅި ޝަމީމްވެސް ތެދުތެދަށް ޔޫނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭންފެށިއެވެ. “އަސްލު ޙަޤީޤަތަށް ބުނަންޏާ އަޅުގަނޑު ބޭނުމެއްވެސް ނޫން އަންޖަދު އަށް މާފުކުރާކަށް. އެއީ އަޅުގަނޑުގެ ކޮއްކޮ އާ އެތައް ގޮތަކުން އޭނާ ބެހިފައިވާތީ. އަޅުގަނޑަށް މި ޙާލު ވެސް އޭނާ ޖެއްސީ އަޅުގަނޑުގެ ކޮއްކޮ އޭނާއަށް ފޮރުވައިގެން ގެންގުޅޭތީ. ކޮންމެގޮތެއްވިޔަސް ދައްތައަށްޓަކާ އަޅުގަނޑު ދައްތަގެ ދަރިފުޅަށް މާފުކޮށްފާނަން.” ޝަމީމް ބުންޏެވެ. ޝަމީމް ޔޫނާގެ ދަރިފުޅަށް މަޢާފްކުރުމުން ޔޫނާ ޝަމީމް އަށް ޝުކުރު އަދާކުރިއެވެ. “ދިއުމުގެ ކުރިން އަދި އެއް ވާހަކަ އަހާލަން ބޭނުން. ޝަމީމް އަށް އިނގޭތަ އަސްމާ ކިޔާ މީހަކު؟” ޔޫނާ އެ ސުވާލުކުރުމުން ޝަމީމް ބަލައިިލީ ދުރުގައި ހުރި އަސްމާއަށެވެ. އޭރުވެސް އެމީހުން އޮލަ ވާހަކަތަކެއް ދައްކަ ދައްކައިފައި ހެނީއެވެ. ޔޫނާ އަވަހަށް އެތަނުން ފޮނުވައިލަން ބޭނުންވުމުން ޝަމީމް އަސްމާ ކިޔާ މީހަކު ނުދަންނަކަމަށް ބުންޏެވެ. ޔޫނާ އަދި އެއްފަހަރު ޝަމީމްއަށް ޝުކުރުއަދާކުރުމަށްފަހު އެ ރޫމުން ނުކުތެވެ.

ގެއަށްދިޔަ މަގުމަތީވެސް ޔޫނާ ވިސްނަމުން ދިޔައީ އަސްމާ އާއި ބައްދަލުކުރަން ހަދާނެގޮތަކާއި މެދުއެވެ. ކުއްލިއަކަށް ޔޫނާގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައެވެ. ޔޫނާ ނިންމީ ޒައިން އާއި ބައްދަލުކުރުމަށްފަހު ޒައިންގެ ޙާޟިރުގައި އަސްމާ އާއި ބައްދަލުކުރާށެވެ. ސަބަބަކީ އެ ދެމައިންނަށްވެސް ޔޫނާ މަޢާފަށް އެދެން ޖެހޭތީއެވެ.

“ޝިމް. އައިސްބަލަ.” ދުރުގައި ހުރި ޝިމާޔާއަށް ގޮވައިލަމުން ޝަމީމް ބުންޏެވެ. ޝިމާޔާ އައުމުން ޝަމީމް ކައިރީ އެނދުގައި އިށީނުމަށް ޝަމީމް ބުންޏެވެ. ޝިމާޔާ އެނދުގައި އިށީނުމާއިއެކު ޝަމީމް ޝިމާޔާގެ އަތްތިލައިގައި ހިފަހައްޓައިލިއެވެ. “ޝިމް. ދާންވީނު ގެއަށް ޒައިން އާ އެއްކޮށް. މިހާރު އިރުއޮއްސެން ވަނީއެއްނު.” ޝަމީމް ވަރަށް ލޯބިން ޝިމާޔާ އާއި ވާހަކަދެއްކިއެވެ. ޝަމީމް އެގޮތަށް ވާހަކަދެއްކީ ޝިމާޔާ އެކަމަށް އިންކާރުކޮށްފާނެތީއެވެ. “ދޮންބޭ. އަހަންނަށް ވަރަށް އުނދަގޫ ވާނެ ދޮންބެ ހޮސްޕިޓަލުގަ އޮއްވާ ދޮންބެއާ ދުރުގަ ހުންނަން.” ޝިމާޔާ ނުސީދާކޮށް އެކަމަށް އިންކާރު ކުރީ ފާޅުގައި އެކަމަށް އިންކާރު ކުރަން ނުކެރުމުންނެވެ. “ޝިމް. ދޮންބެއަކަށް އިރާދަކުރެއްވިއްޔާ ނުވާނެއޭ ގޮތެއް. މިހާރު އެހާވަރަށް ގައިގަވެސް ނުރިއްސާ. އަތާ ފައިގަ ކުޑަކޮށް ރިއްސާ. އޭރު ހޮސްޕިޓަލަށް އައި ގޮތަށް ތިއުޅެނީ. މިއަދު ފެންނުވަރާ ކަންނޭނގެ ތިއުޅެނީ.. އަންހެންކުދިން ވާނެ އަބަދުވެސް ވަރަށް ރީތިކޮށް ފެންވަރައިގެން ހުންނަން. އޭރުން ސަޅި ބިޓުންވެސް ލިބޭނީ.” ސީރިއަސްކަމާއިއެކު ވާހަކަ ފެއްޓިއެއްކަމަކު ޝަމީމް ވާހަކަ ނިންމައިލީ ސަމާސާ ރާގެއްގައެވެ. ޝަމީމް އެންމެ ފަހުން ބުނި ދެ ޖުމުލައިގެ ސަބަބުން ޝިމާޔާ ލަދުން އިސް ޖަހައިލިއެވެ. “އޯން. ލުކް މައި ބޭބީ ސިސްޓަރ އިސް ބްލަޝިން.” ޝިމާޔާގެ ނޭފަތުގައި ކުޑަކޮށް ހިފައިލަމުން މިފަހަރުވެސް ޝަމީމް ޝިމާޔާ އާއި ދިމާކޮށްލިއެވެ. “ދެން ދޮންބޭ. ދިމާ ނުކުރާނެ އިނގޭ.” ޝަމީމް އާއި ދިމާލަށް ދެލޯ އަޅައިލަމުން ޝިމާޔާ ބުންޏެވެ. އެއާއެކު ޝަމީމް ހޭންފެށިއެވެ. ޝަމީމް ހޭންފެށުމާއިއެކު ޝިމާޔާ އަށްވެސް ހެވުނެވެ.

ޝަމީމްގެ އޮޕަރޭޝަން ކަންތައް ހަމަޖެއްސުމަށްފަހު ނައިޒަކް ރޫމަށް ދާން ހިނގައިގަތެވެ. ރޫމަށް ނުވަދެވެނީސް ހޮސްޕިޓަލް ތެރެއަށް ވަތް ފުލުހުން ފެނި ނައިޒަކް ހުއްޓުން އެރިއެވެ. އެމީހުނާއެކީ އަންޖަދުވެސް ހުރުމުން އެއީ ޝަމީމްއަށް އަނިޔާ ކުރި މީހާކަން ނައިޒަކްއަށް ނަގައިގަނެވުނެވެ. އަންޖަދު ގޮވައިގެން ފުލުހުންގެ ބަޔަކު ހޮސްޕިޓަލަށް އައުމުން ނައިޒަކްގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

އަބަދުވެސް މިހިތުގާ ވެޔޭ 3

Next

ވާނަމޭ އުމުރަށް އެކީ ޖާނާ 19

Next
April 10, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 19

Previews
April 10, 2020

އަބަދުވެސް މިހިތުގާ ވެޔޭ 3

19 Comments!

  1. Zidhan (Liyaa Kujjaa) says:
    April 10, 2020 at 2:41 am

    Nice one ♥️

    1. Dhonthy says:
      April 10, 2020 at 8:03 am

      Thanks a lot zidhan. (Liyaa Kujjaa) ?

  2. sama says:
    April 10, 2020 at 6:04 am

    Masha allah
    vvvvvv reethi mi part ves
    when next part

    1. Dhonthy says:
      April 10, 2020 at 8:05 am

      Awww thank you so much sama. Next part Insha Allah tomorrow. Faharuga lasves vedhaane. Ekm try kuraananan maadhamaa upload kolleveythw

  3. King sindbad says:
    April 10, 2020 at 6:10 am

    salhi mi partves

    1. Dhonthy says:
      April 10, 2020 at 8:06 am

      Thank you so much King sindbad

  4. Meekkomee says:
    April 10, 2020 at 6:25 am

    Dhonthyy……mi part ves varah Reethi ???? Masha Allah ?? whn is next…. curiously waiting for it ??? luv yeahhhh ❤️❤️❤️❤️ stay home ❤️ be safe ❤️❤️❤️??❤️ miss yeahhh??ttyl ✌️✌️✌️?

    1. Dhonthy says:
      April 10, 2020 at 8:08 am

      Awww thank you so much Meekko??? Next part Insha Allah Tomorrow dear. Yes dear! Keep waiting curiously. Haha?? love you too Meekko❤️❤️❤️❤️????? Yh me too. I also miss you a lot meekko. ❤️❤️❤️????

  5. Haii says:
    April 10, 2020 at 7:45 am

    ❤❤❤❤❤❤❤❤❤❤❤❤

    1. Dhonthy says:
      April 10, 2020 at 8:09 am

      Awwwwn thank you dear ??❤️?❤️❤️?❤️

  6. Dhonthy says:
    April 10, 2020 at 8:02 am

    Salaam all readers. Miothee mi vaahakaige fansavees vana bai upload vefa. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Well, Everyone stay home and stay safe. Enjoy reading and leave a comment. Love you all ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??

  7. Hamoo✍ says:
    April 10, 2020 at 12:19 pm

    V reethi

    1. Dhonthy says:
      April 10, 2020 at 5:56 pm

      Thank you so much Hamoo. Hamooge story es v reethi Maasha Allah❤️

  8. Kylie says:
    April 10, 2020 at 1:52 pm

    Maasha allah V reethi mi part vxx.???.. Can’t wait fr nxt part..??. Ly sisoo…???

    1. Dhonthy says:
      April 10, 2020 at 5:58 pm

      Awlhey Kylie haadha dhuvahakah fahu ey Kylie ge comment eiy mi fenunee. I’m kinda surprised. Awww thank you so much dear. Hehe. Next part Insha Allah tomorrow or on Monday. Love you too sis ❤️❤️❤️❤️❤️❤️❤️???❤️❤️

  9. Reesh says:
    April 11, 2020 at 10:06 am

    V reethi mi part vex ❣️
    Waiting ♥️?

    1. Dhonthy says:
      April 11, 2020 at 6:21 pm

      Thank you so much Reesh. Yes dear keep waiting. I’ve already submitted twenty sixth episode. So let’s wait publish vandhen. ❤️❤️❤️❤️??❤️?❤️

  10. Ishu says:
    April 12, 2020 at 10:29 am

    Happy birthday dhnthsss… vv reethi ingey mi bai ves❣??❣ srspy waitin for next❤

    1. Dhonthy says:
      April 12, 2020 at 5:39 pm

      Dear tomorrow is my b day. Anyways thank you ishu. Mihaaru next part kiyaaleveyne dear. ❤️❤️❤️❤️❤️

Comments are closed.


All Right Reserved!