Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ސައުވީސްވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
April 8, 2020 7 Mins Read
12 Comments

ޝިމާޔާ ތިރިވެ ރޯން އިން މަންޒަރު ފެނި އެތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ލޮލުންވެސް ކަރުނަ އޮހޮރައިލިއެވެ. ނައިޒަކްމެންވެސް މި މަންޒަރު ބަލަން ފެންކަޅިވެފައި ތިބީއެވެ. ރިޝާނާ ލޮލުން ކަރުނަ އޮހޮރޭ ޙާލު ޝިމާޔާ އާއި އެއްވަރަކަށް ތިރިވެލައި ޝިމާޔާއަށް ހިތްވަރުދެވޭތޯ ބެލިއެވެ. ނަމަވެސް ޝިމާޔާ ދެފަރާތަށް ބޯ ހޫރުވައިފައި ރޮމުން ދިޔައެވެ. ރިޝާނާ ކީ އެއްވެސް އެއްޗެއް ޝިމާޔާ އަޑެއް ނޭހިއެވެ. މި މަންޒަރު ބަލަން ހުރި ޒައިންއަށް ހުރީ ހަމަ ރަނގަޅަށް ރޮވިފައެވެ. ޝިމާޔާ މަސަލަސްކުރަން ކުރާނެ އެއްވެސް ކަމެއް އެތާ ތިބި އެކަކަށްވެސް ނޭނގުނެވެ. ޝިމާޔާ އެހެން އިނދެފައި ކުއްލިއަކަށް ޑޮކްޓަރު ގެ ދެފައިގައި ހިފިއެވެ. ޝިމާޔާގެ މި ޢަމަލުން ޑޮކްޓަރެކޭ އެއްފަދައިން ނައިޒަކްމެންވެސް ސިހުނެވެ. ރިޝާނާ ކުއްލިއަކަށް ތެދުވެ ޒައިން ގައި ފަހަތަށްގޮސް ނިވައިވެލީ ޝިމާޔާ ހަމައިން ނެއްޓީކަމަށް ހީކުރެވުމުންނެވެ. “ޑޮކްޓަރ ޕްލީޒް.. ޕްލީޒް ޑޮކްޓަރ… އަޅުގަނޑުގެ ދޮންބެ ސަލާމަތްކޮށްދީ… ނުބުނާތި ދޮންބެ މަރުވެއްޖެއޭ… އެހެން ނުބުނާތި ޑޮކްޓަރ… ޕްލީޒް…” ރޮމުން ގިސްލަމުން ކަހަލަ ގޮތަކަށް ޝިމާޔާ ބުންޏެވެ. ޑޮކްޓަރު ކުޑަކޮށް ގުދުވެލައި ޝިމާޔާ ކޮޅަށް ނެގިއެވެ. އަދި އޯގާތެރިކަމާއިއެކު ޝިމާޔާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައިދިނެވެ. “ޕޭޝަންޓް މަރެއްނުވޭ. އެކަމު ޕޭޝަންޓުގެ ޙާލު ވަރަށް ސީރިއަސް. އަދި މިއަށްވުރެ ޙާލު ދެރަވެއްޖެއްޔާ ކޯމާއަށް ވައްދަން ޖެހިދާނެ. އެކަމަކު އިރާދަކުރެއްވިއްޔާ ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ފަހަރަކު ދެމީހަކަށް ޕޭޝަންޓް ކައިރިއަށް ވަދެވޭނެ. އެކަމަކު ޕޭޝަންޓަށް އުނދަގޫވާނެފަދަ ގޮތަކަށް ކަމެއް ނުކުރާތި.” ނައިޒަކްމެނާއި ދިމާލަށް ބަލައިލަމުން ޑޮކްޓަރު ބުންޏެވެ. ޑޮކްޓަރު އެބުނި ވާހަކަތަކުންނާއި ދިން ހިތްވަރުން އެންމެންނަށްވެސް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެންމެންނަށްވެސް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ޑޮކްޓަރާއި ނަރުހުންތައް އެތަނުން ދާން ހިނގައިގަތެވެ.

އެންމެ ފުރަތަމަވެސް ޝަމީމް ކައިރިއަށް ވަނީ ޝިމާޔާ އާއި ޒައިންއެވެ. ނައިޒަކް ފުރަތަމަވެސް ވަންނަން ބޭނުންވިއެވެ. ޝިމާޔާ ޒައިން ވައްދަން ބޭނުންވުމުން ފަހުން ނައިޒަކް ވަންނަން ނިންމީއެވެ. އައި.ސީ.ޔޫ ދޮރުމަތީ ދެކޮޅަށް ހިނގަން ހުރި ނައިޒަކް ހުއްޓުނީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނު ނަގައި ބަލައިލިއިރު ގުޅަނީ އަސްމާއެވެ. “ދަރިފުޅާ ކޮންތާކު ތިއުޅެނީ؟ މެންދުރު އަނބުރާދަނީ މިއޮއް. ކާކަށް ނާންނަމުތަ؟” އަސްމާ ކުރި ސުވާލުތަކަށް ދޭނެ ޖަވާބެއް ނައިޒަކް އަކަށް ނޭނގުނެވެ. ޝަމީމް މިތާ ބާއްވައިފައި އޮތް ވާހަކަ ބުނާކަށް ނައިޒަކް ބޭނުމެއްނުވިއެވެ. “މީ ރައްޓެއްސަކު ހޮސްޕިޓަލުގަ އެޑްމިޓް ކޮށްފަ އޮތީމަ ގޮވާލަން އައިސް މިއުޅެނީ. ދާނަން ގެއަށް އިރުކޮޅަކުން.” ނައިޒަކް އެންމެ ފަހުން އޭނާގެ ހިތަށް އެރި އެއްޗެއް ބުންޏެވެ. މިވަރުން ބުނެގެން މަންމަގެ ސުވާލުތައް ގިނަނުވިއްޔާ ވާ ރަނގަޅެވެ. “އެހެންތަ. އަންނާތި އަވަހަށް. ތިއްތިބެއާ ރިޝޫ ވެސް ނެތް ގެއަކުއެއް.” އަސްމާ ބުންޏެވެ. “އާނ މަންމާ މީ ތިއްތިބެމެން އެބަ ތިއްބޭ މިތާނގަ. އަހަރުމެން ތިން މީހުނޭ މިއުޅެނީ.” އާރިޝް އާއި ރިޝާނާ އަށް އަވަސް ނަޒަރެއްދެމުން ނައިޒަކް ބުންޏެވެ. އަވަހަށް ގެއަށް އަންނާއްޗޭ ބުނަމުން އަސްމާ ފޯނު ކަނޑައިލިއެވެ. ފޯނު ކަންފަތުން ނަގައި ޖީބަށް ލުމަށްފަހު ނައިޒަކް ފުން ނޭވައެއް ދޫކޮށްލިއެވެ. މަންމަގެ ފަރާތުން ގިނަ ސުވާލުތައް ކުރިމަތުނުވިކަން ނަސީބެކެވެ. އެހެންނޫނީ ބުނަން ނުޖެހޭ ވާހަކައެއްވެސް އޭނާއަށް ބުނެވުނީހެވެ.

ޒައިން ގައިގައި ބައްދައިގެން ޝިމާޔާ ރޯން ހުއްޓެވެ. ޒައިންވެސް ޝިމާޔާގެ ގައިގައި އޭނާގެ އަތް ވަށައިލައިގެން ޝިމާޔާ ހިތްފުރޭވަރަށް ރޯލުމުގެ ފުރުޞަތު ދީގެން ހުއްޓެވެ. ޒައިންގެ ނަޒަރު ހުއްޓިފައިވީ އެނދުމަތީގައި ބާއްވާފައި އޮތް ޝަމީމް އާއި ދިމާލަށެވެ. އެކިއެކި މެޝިންތަކުގެ ވާގަނޑުތައް ވަނީ ޝަމީމްގެ މޭމަތީގައި ތަތްކުރެވިފައެވެ. އޭނާގެ މޫނުގައި އޮކްސިޖަން މާސްކެއްވެސް އަޅައިފައި އޮތެވެ. އެނދު ކައިރީ ހުރި މެޝިނުން އިރުއިރުކޮޅާ އެ ކިޔާ އަޑުން ޒައިން އަށް ހީވަނީ ހައްތަހާވެސް އޭނާގެ ހިތު ވިންދު ހުއްޓެން އުޅޭހެންނެވެ. ޝަމީމްގެ ހަށިގަނޑުގައި ޖަހާ ކޮންމެ ވިންދަކާއި އެއްވަރަށް އެ މެޝިނުން އަޑުކިޔަމުން ދެއެވެ. އެ ޙާލުގައިވެސް ޝަމީމް ދިރިއޮތް ކަމަށްޓަކައި ﷲގެ ޙަޟްރަތަށް ޝުކުރު ކުރެވުނެވެ.

ޒައިންގެ ގައިން ދުރުވެލުމަށްފަހު ޝިމާޔާ ގޮސް ޝަމީމް ބާއްވައިފައި އޮތް އެނދު ކައިރީ އިށީނެވެ. ޝަމީމްގެ ދެލޯ މެރިފައި އޮތްގޮތުން ހީވަނީ ދެންމެ ދެންމެ ލޯ ހުޅުވައިލައިފާނެހެންނެވެ. ޒައިން ތަންކޮޅެއް ދުރުގައި ބަހައްޓައިފައި ހުރި ގޮނޑިއެއްގައި އިށީންދެލައި ޝިމާޔާގެ ޙަރަކާތްތަކަށް ބަލަން އިނެވެ. ޝިމާޔާ މަޑުމަޑުން ޝަމީމްގެ އަތުގައި ހިފަހައްޓައިލިއެވެ. އަދި އެ އަތް ގެނެސް ޝިމާޔާގެ ކޯތާފަތުގައި ޖައްސައިލިއެވެ. “އައިމް ސޮރީ ދޮންބޭ.. މީ ހަމަ އަހަރެންގެ ސަބަބުން ދޮންބެއަށް ވީގޮތް… އަހަންނަށް ކުރިން އަންޖަދުމެނާއެކީ ނޫޅެވުނުނަމަ މިއަދު ދޮންބެ މިތާ އިންނާކަށް ނުޖެހޭނެ… ދޮންބެ ޕްލީޒް ދެން ތި ދެލޯ ހުޅުވާލަބަލަ… ދޮންބޭ.. ދޮންބެ އަހަރެން ދޫކޮށްލާފަ ނުދައްޗޭ.. އަހަރެން ދޫކޮށްލާފަ ނުދައްޗޭ ދޮންބޭ.. ޕްލީޒް.. އަހަރެން ދޫކޮށްލާފަ ނުދައްޗޭ..” ޝިމާޔާ ރޮމުން އެތައްފަހަރަކު އެހެން ކިޔަމުން ދިޔައެވެ. ޝިމާޔާގެ ލޮލުން ފައިބައި ހޫނު ކަރުނަތައް ޝަމީމްގެ އަތުގައި ރޮނގެއްހެން ކޭއްތެމުން ދިޔައެވެ. ނަމަވެސް އެކަމުގެ އެއްވެސް އިޙުސާސެއް ޝަމީމްއަކަށް ނުކުރާނެތާއެވެ. “ޝިމް. ދެން ހިނގާ ދާން. އާރިޝްމެންވެސް ވަންނަން ބޭނުންވާނެ. އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއްނުވާނެ. އަވަހަށް ހިނގާ ދާން.” ޝިމާޔާގެ އަތުގައި ހިފައި ގޮނޑިން ނަގަމުން ޒައިން ބުންޏެވެ. ޝިމާޔާ އޭނާގެ އަމިއްލަ ބާރުގައި އެއްވެސް ކަމެއް ކުރަން ނުކުޅެދިފައިވާ ކަހަލައެވެ. ޒައިންއަށް ޝިމާޔާ ގޮވައިގެން އެތަނުން ނުކުމެވުނީވެސް ޝިމާޔާގެ ގައިގައި ހިފަހައްޓައިގެންނެވެ.

“ހިނގާ ދާން އެއްޗެއް ކާން.” ޒައިންމެން ނުކުތުމުން އާރިޝް ބުންޏެވެ. ނައިޒަކްމެން އެކަމަށް އެއްބަސްވީއިރު ޝިމާޔާ އެކަމަށް އިންކާރުކުރިއެވެ. އެހެންނަމަވެސް ޝިމާޔާ ގަދަކަމުން ގެންދަން އެމީހުން ބޭނުންވިއެވެ. “ޝިމާޔާ ދެން ތިހެން ހަދަން ހެޔޮނުވާނެއްނު އެކަމަކު. ޝިމާޔާގެ ދޮންބެއަށްޓަކާ ހިނގާބަލަ ކާން ދާން. ފަހަރުގަ ހަމަ ޝިމާޔާ އަންނަންވާއިރަށް ޝިމާޔާގެ ދޮންބެ ހޭއަރާފަވެސް އޮވެދާނެއްނު. އަނެއްކާ ޝިމާޔާ ކައިގެން ހުރިކަން އިނގުނީމަ ދޮންބެ ކިހާ އުފާވާނެ. ޝިމާޔާ ތިގޮތަށް އެއްޗެއް ނުކައި ހުރެފަ ދެން ދޮންބެގެ ކުރިމައްޗަށް އެރީމަ ދޮންބެ އަނެއްކާ އެކަމާ ވިސްނާ ފިކުރުކޮށް އަނެއްކާވެސް ބަލިވާނީ.” ނައިޒަކް ޝިމާޔާ ގާތަށް އައިސް ވިސްނައިދޭފަދައަކުން ވާހަކަ ދެއްކިއެވެ. ނައިޒަކްގެ އެ ވާހަކަތަކުން ޝިމާޔާއަށް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ. މިފަހަރު ޝިމާޔާއަށް އެކަމާ ދެކޮޅުހަދާކަށް ނުކެރުނެވެ. ނައިޒަކްމެނާއި އެއްކޮށް ކާން ދާން ޝިމާޔާ އެއްބަސްވިއެވެ. ޒައިން އެތަނުގައި މަޑުކުރާނަންކަމަށް ބުނުމުން ނައިޒަކްމެން ހިނގައިގަތީ އައިޖީއެމްއެޗާއި މާ ދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓަކާއި ދިމާލަށެވެ. ނައިޒަކްމެން ދިޔުމުން ޒައިން ހޮސްޕިޓަލުގައި ހުރި ކެންޓީނުން ފިނި ބުއިމެއް ނަގައިގެން އައިސް ރޫމަށްވަނެވެ. އަދި ދުރުގައި ހުރި ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން އެ ފުޅި ބޯން ފެށިއެވެ.

“މާލޭގައި ހުރި ފަޅު ގެއެއްގެ ތެރެއިން ބަޔަކު މާރާމާރީ ހިންގައި ޒުވާނަކު ޒަޚަމްކޮށްލައިފި. އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުން މިހާރު އެ ޒުވާނާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭންފަށާފަ. އަދި މާރާމާރީ ހިންގި މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފަ.” ޓީވީ އިން އަންނަމުން ދިޔަ މެންދުރުގެ ޚަބަރު ބަލަން އަސްމާ އާއި މުނީޝާ އަދި އުޝާ ސިޓިންގްރޫމުގައި ތިއްބެވެ. އެމީހުން އެ ޚަބަރަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެމީހުން ތިބީ ޚަބަރު ނިމުމުން ދެން އަންނަ ޕްރޮގްރާމް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

ރޫމުތެރޭ ހުރި ޑަސްބިނަށް އެ ފުޅި ލުމަށްފަހު އަނެއްކާވެސް ޒައިން އެ ގޮނޑީގައި އިށީނެވެ. ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދަ އަކުން ޒައިން ގޮނޑިން ތެދުވިއެވެ. ފަޓްލޫނުގެ ޖީބުގައި އަތްޖައްސައިލެވުނީ އޭނާގެ ފޯނު ނެތްކަން ހަނދާންވުމުންނެވެ. ފޯނު އޮންނާނީ އެ ގޭގައިކަން ހަނދާންވުމުން ޒައިންއަށް އޭނާގެ ނިއްކުރިމަތީ ކުޑަކޮށް ޖަހައިލެވުނެވެ. މިއަދު މިވީ ކަންތަކުން އޭނާއަށް ޑިއުޓީއަށްވެސް މި ނުދެވުނީއެވެ. ޒައިން އެގޮތަށް ގޮނޑީގައި އިށީނދެގެން އިންދައި ޝަމީމްގެ އަތުގެ އިނގިލިތައް ޙަރަކާތް ކޮށްލިތަން ފެނުނެވެ. ޒައިން ޝަމީމް އާއި ތަންކޮޅެއް ކައިރިއަށް ގޮސް ވަރަށް ރަނގަޅަށް އެއަތަށް ބަލައިލިއެވެ. މިފަހަރު ޝަމީމްގެ އަތް ޙަރަކާތްކުރަން ފެށިއެވެ. މަޑުމަޑުން މޫނު އަނެއްފަރާތަށް އަނބުރައިލުމަށްފަހު ޝަމީމް އޭނާގެ ބޮލުގައި އަތް ޖައްސައިލިއެވެ. ޝަމީމް ހޭ އެރީކަން އެނގުމުން ޒައިން އަވަހަށް އައި.ސީ.ޔޫ އިން ނުކުމެ ޑޮކްޓަރު ހޯދައިގެން ޑޮކްޓަރު ގޮވައިގެން އެތަނަށް އައެވެ. ޑޮކްޓަރު ބޭރުގައި މަޑުކުރަން ބުނުމުން ޒައިން އެތާ ބޭރުގައި މަޑުކުރިއެވެ. އިރުކޮޅެއްނުވެ ތިން ނަރުހުން އައިސް އައި.ސީ.ޔޫ އަށް ވަނެވެ. ޒައިން ބޭނުންވީ އެ ޚަބަރު ނައިޒަކްމެނަށް ދޭށެވެ. ނަމަވެސް އަތުގައި ފޯނު ނެތުމުގެ ސަބަބުން ޒައިންއަށް ޖެހުނީ ނައިޒަކްމެން އަންނަންދެން މަޑުކުރާށެވެ.

ކައި ނިމިގެން ބިލު ދެއްކުމަށްފަހު ހަތަރު ޒުވާނުން ރެސްޓޯރެންޓުން ނުކުތެވެ. މިހާރު ޝިމާޔާ ކުރިއަށްވުރެ ހަމަޖެހިފައި ހުރިކަމަށް ދައްކައެވެ. ހަށިގަނޑުގައި ވަރު ޖެހި މީހާ ހަމައަކަށް އެޅިފައި ހުއްޓެވެ. އެމީހުން ރެސްޓޯރެންޓުގައި ތިބެފައިވެސް ޝިމާޔާގެ އެދުމުގެ މަތިން އެތައްފަހަރަކު ޒައިންގެ ނަމްބަރަށް ގުޅިއެވެ. ނަމަވެސް ގުޅައި ގުޅައި އެމީހުންގެ ފޯނުން ޗާޖުކޮޅު ހުސްވިއިރުވެސް ޒައިން ފޯނު ނުނެގިއެވެ. އެކަމާ ޝިމާޔާ ހުރީ ކުޑަކޮށް ހިތްހަމަނުޖެހި ދެރަވެސް ވެފައެވެ. ހަތަރު ޒުވާނުން އަވަހަށް ހިނގައިގަތީ އައިޖީއެމް ހޮސްޕިޓަލަށް ދާށެވެ.

ހޮސްޕިޓަލަށް ވަތްތަނުން އަނެއްކާވެސް އަސްމާ ގުޅަން ފެށިއެވެ. މިފަހަރު ގުޅީ އާރިޝްއަށެވެ. ފޯނު ނެގުމާއި އެކީ އެންމެ ފުރަތަމަވެސް އަސްމާ ޝަކުވާކުރަން ފެށިއެވެ. ގެއަށް ނާދެވި ލަސްވަނީ ކީއްވެގެންތޯ އަހައި ސުވާލުކުރިއެވެ. އާރިޝް ވަރަށް އަވަހަށް ދާނަމޭ ބުނެ ފޯނު ކަނޑައިލިއެވެ. އަދި މުނީޝާ އަށް ގުޅިއެވެ. މުނީޝާ އަށް ވެގެން އުޅޭގޮތް ކިޔައި ދިނުމުން މަންމަ ގާތުގައި އެ ވާހަކަތައް ނުބުނީ ކީއްވެގެންތޯ މުނީޝާ އެހިއެވެ. އެއީ ހޮސްޕިޓަލުގައި ޒައިން ހުރުމުން ކަމަށް އާރިޝް ބުންޏެވެ. މުނީޝާ އޯކޭ އޭ ބުނެ ފޯނު ކަނޑައިލިއެވެ. ތަންކޮޅެއް ދުރުން ނައިޒަކްމެން އަންނަތަން ފެނުމުން ޒައިން ދުވެފައި ކަހަލަ ގޮތަކަށް އެމީހުން ކައިރިއަށް ދިޔައެވެ. ޒައިން އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތު ޝިމާޔާ ޒައިން ކުރިމައްޗަށް އެރިއެވެ. “ހަމަ އެހާވަރަށް ގުޅީމަވެސް ފޯނު ނަގާކަށް ނޭނގޭތަ؟” ހިތްހަމަނުޖެހިފައިވި ރާގެއްގައި ޝިމާޔާ ބުންޏެވެ. “އަހަރެންގެ ފޯނު ވާނީ އެ ގެގަނޑުގަ. އެހެންވީމަ ކިތަންމެ ބަޔަކު ގުޅިޔަކަސް ނޭނގޭނެއްނު. މަށަށް ޔަގީން މިހާރު އޮފީހުންވެސް ގުޅާފަ ހުންނާނެކަން…. އެ ވާހަކަ ދެން ބާއްވަމާ. ޝިމް ދެން ނުރޮއްޗޭ އިނގޭ. ޝިމްގެ ދޮންބެ ހޭއަރައިފި.” ޒައިން ދިން ޚަބަރު ން ޝިމާޔާގެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަން ފެށިއެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ޝިމާޔާ އުޅުނީ އައި.ސީ.ޔޫ އަށް ވަންނާށެވެ. އެހެންނަމަވެސް އެތާ ޑޮކްޓަރުން އެބަ އުޅޭ ކަމާއި އަދި އެތަނަށް ނުވަދެވޭނެކަމަށް ޒައިން ބުނުމުން ޝިމާޔާ މަޑުކުރިއެވެ. ޑޮކްޓަރުން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ޝިމާޔާމެން ބޭރުގައި މަޑުކޮށްގެން ތިއްބެވެ.

ކުއްލިއަކަށް ޝަމީމްގެ ވިންދު އަވަސްވާން ފެށުމުން ނަރުހުންވެސް އެމީހުންގެ ޙަރަކާތްތައް އަވަސްކުރަން ފެށިއެވެ. ޝަމީމް އުނދަގުލެއްވެގެން އުޅޭ ފަދައަކުން ދެފަރާތަށް ފުރޮޅެން ފެށިއެވެ. އަދިވެސް ޝަމީމްގެ ހަށިގަނޑުގައި އަޅާ ވޭން ކުޑަނުވާކަން ޝަމީމް އުޅޭ ގޮތުން އެނގެއެވެ. ޝަމީމްގެ ފުރާނަ ސަލާމަތްކުރަން އެމީހުނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ. މިނެޓްތަކެއްގެ މަސައްކަތަށްފަހު ނަރުހުންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ޝަމީމްގެ ވިންދު ނޯމަލް ރޭޓަށް ދިޔައީމައެވެ. ޝަމީމްގެ ހަށިގަނޑުން ޒަޚަމްވެފައި ހުރި ބައެއް ސަރަޙައްދުތަކަށް ފަރުވާކުރަން ޑޮކްޓަރު ފެށިއެވެ. ޑޮކްޓަރަށް އެހީވުމުގައި ނަރުހުން އުޅުނެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ކުޑަވާކަމުގެ އިޙްސާސްވުމުން ޝަމީމް އަށް ހަމަޖެހެވުނެވެ. ޑޮކްޓަރު ފަރުވާ ކުރަމުން ދިޔަ ގަޑީ ޝަމީމް އާއި އެތައް ސުވާލުތަކެއް ކުރިއެވެ. އުނދަގުލުން ނަމަވެސް ޝަމީމް އެ ސުވާލުތަކަށް ޖަވާބުދިނެވެ.

ގަޑިއިރެއް ފަހުން ޑޮކްޓަރުން އައި.ސީ.ޔޫ އިން ނުކުތެވެ. ޝިމާޔާ ގޮސް ޑޮކްޓަރު ގާތުގައި ހުއްޓުނެވެ. އަދި ދޮންބެ ރަނގަޅުތޯ ސުވާލުކުރިއެވެ. “އަލްޙަމްދުލިއްﷲ ހީ އިޒް ފައިން. އެކަމަކު އެހާ ރަނގަޅެއް ވެސް ނޫން. މިބުނީ ޕޭޝަންޓްގެ ޙާލު ސީރިއަސް ވާހަކައެއް ނޫން. އެކަމަކު އަދި ދުވަސްކޮޅަކަށް ޕޭޝަންޓް އެބަޖެހޭ ހޮސްޕިޓަލުގަ ބާއްވަން. ޕޭޝަންޓްގެ ހަށިގަނޑުން ބޭރުގަ ނެތް އެހާބޮޑު މައްސަލަތަކެއް. އެކަމަކު އެތެރެ ހަށީގަ މައްސަލަތަކެއް ހުރިކަމަށް ބެލެވޭތީ ކޮންމެހެންވެސް މަޖުބޫރު ދުވަސްކޮޅަކަށް މިތަނުގައި ޕޭޝަންޓް ބާއްވަން. އެހެންވީމަ ޕްރައިވެޓް ރޫމެއް ހަމަޖައްސާ އަވަހަށް. މިކޮޅުން ދޭ ފޯމެއް ފުރީމަ ތިން ދުވަސް ފަހުން ޕޭޝަންޓް އޮޕަރޭޝަން ކުރަން ވައްދާނަން. ޝުކުރިއްޔާ.” ޑޮކްޓަރު އޭނާ ބުނަން ބޭނުންވި ވާހަކަތައް ބުނުމަށްފަހު އެތަނުން ދިޔައީ އެހެން ބަލި މީހަކުވެސް ބަލަން ޖެހިފައި ވުމުގެ ސަބަބުންނެވެ. “އަލްޙަމްދުލިއްﷲ. އަހަރެން ރޫމެއް ހަމަޖައްސާނަން. އަދި އޭނަގެ އޮޕަރޭޝަން ކަންތަކާއި އަހަރެން ހަވާލުވާނީ.” ނައިޒަކް އަމިއްލައަށް އެ ހުރިހާ ކަމަކާއި ޙަވާލުވިއެވެ. ޢާއިލާ މީހެއް ނޫނެއްކަމަކު އެކުވެރިއަކަށްވެސް ޚިދުމަތްކުރުމަކީ ނައިޒަކްއަށް މާ ބޮޑުކަމެއް ނޫނެވެ. އެ ތަނަވަސްކަން ނައިޒަކް އަތުގައި ހުރިހާހިނދަކު ގާތް އެކުވެރި އެއް ނޫނަސް ކޮންމެ މީހަކަށް ޚިދުމަތްކުރުމަކީ ނައިޒަކްއަށް ބޮޑު ކަމެއްނޫނެވެ.

ޝަމީމް ބާއްވަން ޕްރައިވެޓް ރޫމެއް ހަމަޖެހި އެ ރޫމަށް ޝަމީމް ބަދަލުކުރެވުނެވެ. ޝަމީމް އެ ރޫމަށް ބަދަލުކުރެވުމުން ނައިޒަކް ދިޔައީ ޝަމީމްއަށް ކާއެއްޗެހި ގަނެދޭށެވެ. މިވަގުތު ޝަމީމްއަށް ތެޔޮ އެކުލެވޭ ބާވަތުގެ ކާއެއްޗެހި ކެއުމުން ރަނގަޅު ނުވާނެކަން އިނގޭތީ ނައިޒަކް ފިހާރައަކަށްވަދެ ފެހި މޭބިސްކަދުރާއި ދެތިން އަނބަކާއި އަދިވެސް މޭވާގެ އެހެނިހެން ބާވަތްތައް ގަނެގެން ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލުގެ ކެންޓީނުން ފިނި ފެން ފުޅިއެއް ހިފައިގެން ޒައިން ރޫމަށްވަނެވެ. އެންމެ ފުރަތަމަވެސް ޝަމީމް އެ ފެންފުޅި ބޮއެ ހުސްކޮށްލީއެވެ. ނައިޒަކް މޭވާ ކޮތަޅު ގެނެސް ސައިޑް ޓޭބަލް މަތީގައި ބެހެއްޓުމުން ޝިމާޔާ އޭގެން މޭބިސްކަދުރު ނެގިއެވެ. ޝިމާޔާ ފަހަރަކު މޭބިސްކަދުރެއް ޝަމީމްއަށް ދެމުން ދިޔައެވެ. ޝަމީމް ވަރަށް މީރުކޮށް އެ މޭބިސްކަދުރު ކައިލިއެވެ. މޭބިސްކަދުރު ހުސްވުމުން އަދި މޭބިސްކަދުރުކޮޅެއް ގެނައިސްދިނުމަށް ޝަމީމް ބުންޏެވެ. ނަމަވެސް އެ ވަގުތު ބަންގި ގޮވަން ފެށުމުން ފިހާރަތައް ބަންދުކުރާނެކަން އިނގޭތީ ނައިޒަކް ބުނީ ޢަޞްރު ފަހުން ގެނެސްދޭނެކަމުގައެވެ.

ޢަޞްރުން ތިރިވިއިރުވެސް ނައިޒަކްމެން ގެއަށް ނައުމުން އަސްމާ ކަންބޮޑުވާން ފެށިއެވެ. އަސްމާ އާދައިގެ ގޮތަކަށް ރީތިވެލައިގެން އައި.ޖީ.އެމް.އެޗް އަށް ދާން ހިނގައިގަތެވެ. މުނީޝާ މެން އެވަގުތު ކޮޓަރީގައި އެޅޭތީ އަސްމާ އެމީހުން ގާތުގައި ނުބުނެ ދިޔައީއެވެ. މަގުމަތީ ހިނގަމުން ދިޔައިރުވެސް އަސްމާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ހައްތަހާވެސް ހީވަނީ ނައިޒަކްމެނަށް ބޮޑު ކަމެއް ވެގެން އުޅޭހެންނެވެ. މާޒީގައި ކަންތައް ވެފައި ހުރިގޮތުން އަސްމާއަށް އަބަދުވެސް އެހެން ހީވާނެއެވެ. އޭނާގެ ދަރިއަކު ގެއިން ބޭރަށް ނުކުމެ އެހާ ގިނައިރުވަންޏާ އަސްމާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެން ފަށައެވެ. މީ ހަމައެކަނި އަސްމާއަށް ވާނެގޮތެއް ނޫންކަން ޔަޤީނެވެ. ކޮންމެ މައަކަށްވެސް އެމީހެއްގެ ދަރިއަކު ނުފެނި ގިނައިރުވަންޏާ މިކަހަލަ ގޮތްތަކެއް ވާނެކަން އެއީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ.

ހޮސްޕިޓަލާއި ހަމައަށް ދެވުމުން އަސްމާ ހޮސްޕިޓަލު ދޮރުމަތީގައި މަޑުކޮށްލިއެވެ. އަދި ފޯނު ނަގައި އާރިޝްއަށް ގުޅަން އުޅުނެވެ. ނަމަވެސް ފަހަތުން މަންމާ އޭ ކިޔައިފައި އާރިޝް ގޮވައިލުމުން އަސްމާ ފޯނު ބާއްވާފައި ފަސްއެނބުރި ބަލައިލިއެވެ. އޭރު އާރިޝް އަސްމާ އާއި ދިމާލަށް އަންނަނީއެވެ. “އަޅުގަނޑަށް އޭރުވެސް އިނގެޔޭ މަންމަ އަންނާނެކަން. ބޭނުންތަ ޝަމީމް ކައިރިއަށް ދާން؟ އެބައޮތް ރޫމުގަ ބާއްވާފަ. ޒެކްމެންވެސް އެބަ ތިބި އެތާނގަ.” އާރިޝް އަސްމާ ގާތުގައި ދާން ބުނެވުނީ އެ ރޫމުގައި ޒައިން އިންކަން ހަނދާންނެތިފައި ހުރެއެވެ. “ޝަމީމްއަށް އެއްޗެއް ހޯދަދޭންވެގެން ނުކުތް ގަޑީ އަހަންނަށް ފެނުނީ މަންމަ އެތާ ދޮރުމައްޗަށް ފާޅުވިތަން.” ސަމާސާ ރާގެއްގައި އާރިޝް ބުންޏެވެ. އަސްމާ އަށް އެ ވަގުތުކޮޅު ނުހީއެއް ނުހުރެވުނެވެ. މިހާރު އަނެއްކާވެސް އާރިޝްގެ މަޖާ، ލާނެތް މިޒާޖު ފެންނަން ފަށައިފިއެވެ.

ރޫމުގެ ދޮރު ހުޅުވުނު އަޑަށް އެންމެންވެސް އެ ދިމާ ބަލައިލިއެވެ. އެންމެންގެ ދެލޯ ބޮޑުވީ ޒައިން އެތާ ހުއްޓައި އަސްމާ އައުމުންނެވެ. އާރިޝްއަށް އެކަން ރޭކައިލުމުން މޫނަށް ވައްތަރެއް ޖައްސައިލަމުން ނިއްކުރިމަތީގައި އަތުން ޖަހައިލެވުނެވެ. “އަސްމާ ދައްތާ. އާދޭ.” ޝިމާޔާ އަސްމާ ގާތު ބުންޏެވެ. މި އަޑު ދުރުގައި ހުރި ޒައިންއަށް އިވުނެވެ. ފަސްއެނބުރި ބަލައިލެވުނީ ހަމަ އަސްލަށްވެސް އަސްމާ އައީތޯ ބަލައިލުމުގެ ބޭނުމުގައެވެ. އަސްމާ އާއި ދިމާލަށް މީހަކު ބަލަހައްޓައިގެން ހުރިހެން ހީވެގެން އަސްމާ އެމީހަކު ހުރި ދިމާލަށް ބަލައިލިއެވެ. ކުރިމަތިން ފެނުނު ސޫރައަކުން އަސްމާއަށް އޭނާގެ އަނގަމަތީ އަތްއަޅައިލެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

އިމްތިހާން 2

Next

ކަޅު ހިޔަނި

Next
April 9, 2020

ކަޅު ހިޔަނި

Previews
April 8, 2020

އިމްތިހާން 2

12 Comments!

  1. lihaa says:
    April 8, 2020 at 11:48 pm

    Libunytha laptop aa dhen ane hurihaa echche

    1. Dhonthy says:
      April 9, 2020 at 6:38 am

      Sorry. I think you are commenting to the wrong story.

  2. Meekkomee says:
    April 9, 2020 at 12:25 am

    Dhonthyy…….. Story is awesome ??? varah Varah Reethi ??? Masha Allah ??? whn is next part ? curiously waiting for it ??? luv yeahhhh ❤️❤️❤️ varah miss ingyyy??stay home… Don’t forget to wash your hands ?????????✌️✌️???❤️❤️❤️

    1. Dhonthy says:
      April 9, 2020 at 6:43 am

      Awlhey Meekkooo❤️❤️❤️❤️ V gina dhuvas kollaafa meekkoge comment eiy milibunee. I was kinda surprised comment fenuneema es. Awwww thank you so much Meekko. Next part iraadhakurevviyyaa maadhamaa noonee Sunday ga Insha Allah. Yes dear keep waiting curiously ??????? Love you too dear. ❤️❤️❤️❤️❤️❤️❤️❤️Yes dhonthi es vvvv miss vey. ????????????? Once again thank you so much Meekko.. ❤️❤️❤️❤️

  3. Dhonthy says:
    April 9, 2020 at 5:27 am

    Salaam all readers. Here is the twenty fourth episode of Ma’aaf. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Cover ga eynee Shameem and Shimaayaa. Dhn if there is any mistake, please let me know. Proof read nukoh upload koffa meenee. Everyone stay home and stay safe. Enjoy reading and leave a comment. Love you all. ❤️❤️❤️❤️❤️❤️❤️❤️❤️

  4. Liyaa says:
    April 9, 2020 at 8:04 am

    Nice

    1. Dhonthy says:
      April 10, 2020 at 7:56 am

      Thank you Liyaa

  5. Reesh says:
    April 9, 2020 at 5:41 pm

    Curiously waiting for next part ♥️

    1. Dhonthy says:
      April 10, 2020 at 7:57 am

      Mihaaru next Part kiyaaleveyne dear ❤️❤️ Anyways thank you

  6. lihaa says:
    April 9, 2020 at 11:22 pm

    Vara reeti mivaahaka ? awesome ??

    1. Dhonthy says:
      April 10, 2020 at 7:58 am

      Ahaha. Thank you lihaa

  7. lihaa says:
    April 10, 2020 at 2:58 pm

    Your welcome ?

Comments are closed.

Next Episodeމަޢާފް – ފަންސަވީސްވަނަ ބައި←


All Right Reserved!