މަޢާފް – ތޭވީސްވަނަ ބައި
“އަދި އެއްފަހަރު ބުނެބަލަ ތި ބުނި އެއްޗެއް.” ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ޒައިން ބުންޏެވެ. ޒައިން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއިއެކު އަންޖަދު ފަހަތަށް ފިޔަވަޅެއް އަޅައެވެ. އޭރު މަގުމަތީގައި ތިބި ގިނަބައެއްގެ ނަޒަރު ވަނީ އެދެމީހުންނަށް ހުއްޓިފައެވެ. “މީ ކައެއާ ބެހޭކަމެއްނޫން. ސޯ ޕްލީޒް.” އަމާންދޭފަދައަކުން ދެއަތް އުފުލައިލަމުން އަންޖަދު ބުންޏެވެ. އޭރުވެސް އަންޖަދުގެ މޫނުމަތިން ނުތަނަވަސްކަމާއި ބިރުގަނެފައިވާ ކަމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ. ޒައިންގެ އެ ނުރައްކާތެރި ނަޒަރުން ސަލާމަތްވާނެގޮތެއް އަންޖަދުއަކަށް ނޭނގުނެވެ. އަންޖަދު ފަހަތަށް ޖެހެމުން ޖެހެމުން ގޮސް މީހެއް ގައިގައި ލައިގަނެފައި އެ މީހަކާއި އެއްކޮށް އަންޖަދުވެސް ވެއްޓުނެވެ. އަންޖަދުގެ ފޯނު އަތުން ދޫވިގޮތަށް ވެއްޓުނީ ޒައިންގެ ފައިބުޑަށެވެ. ހަމަ އެވަގުތު ކޮންމެވެސް ނަމްބަރަކުން އެ ފޯނަށް ގުޅަން ފެށިއެވެ. އަންޖަދު ތެދުވެ ފޯނު ނަގަން އުޅުނު ވަގުތު ޒައިން އަންޖަދު ދުރަށް ކޮށްޕައިލިއެވެ. އަދި ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“އޭ އަންޖް ދެން އަވަސްކުރޭ އިނގޭ. އަހަރެން ޝަމީމް ހިފަހައްޓައިގެން އިންނަތާ ދޮޅުގަޑިއިރު ވަނީ. މީނަ ގަދަހަދާ ވަރުން މައެއަށް ވަރަށް އުނދަގޫ މީނަ ހިފަހައްޓަން. އަވަސްކޮށްގެން އާދޭ އަވަހަށް.” އެމީހަކު ކިޔާނެ އެއްޗެއް ކިޔައިފައި ފޯނު ކަނޑައިލިއެވެ. ދަތްކުނޑިވިކައިލުމަށްފަހު ޒައިން ކަންފަތުން ފޯނު ނަގައި އަންޖަދުއާއި ދިމާލަށް އެއްލިއެވެ. އަންޖަދުއަށް އެހުރިހާއިރުވަންދެން ޒައިންގެ ޙަރަކާތްތަކަށް ބަލަން ހުރެވުނީ ތަންކޮޅެއް ދުރުން ފުލުސް މީހަކު އަންނާތީ ފެނުމުންނެވެ. ޒައިން ކުއްލިއަކަށް އައިސް އަންޖަދު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައި ބާރުކޮށްލިއެވެ. “ބުނޭ. ޝަމީމް ކޮބާ؟” ޒައިންގެ ދެލޮލުން ހީވަނީ އަންޖަދު އަންދާލަން އުޅެފާނެހެންނެވެ. އެ ނުރައްކާތެރި ދެލޯ ފެނުމުން އަންޖަދުގެ ހިތަށްވެސް ބިރުވެރިކަން ވަނެވެ. “ހަހަ. މީ ދެން ބްރޯ އާ ބެހޭކަމެއްނޫނެއްނު. އަހ..” ހަމަޖެހެން މަސައްކަތްކުރަމުން އަންޖަދު ވާހަކަދެއްކޭތޯ ބެލިއެވެ. ނަމަވެސް އަންޖަދު އަށް ވާހަކަދެއްކުން ހުއްޓައިލަން ޖެހުނީ ޒައިން އަތް މުއްކަވައިފައި އަންޖަދުގެ މޫނުމަތީ ޖަހަން ދިމާކުރުމުންނެވެ. “މަޑުކުރޭ މަޑުކުރޭ. މި ބުނަނީ މި ބުނަނީ.” އަވަސްއަވަހަށް އަންޖަދު ބުންޏެވެ. އެއާއިއެކު ޒައިން އޭނާގެ އަތް ތިރިކޮށްލިއެވެ. އަދި ގިރުވާނުގައި ހިފަހައްޓައިފައި އިން އަތް ދޫކޮށްލިއެވެ. މިނެޓްތަކެއް ވަންދެން އަންޖަދު އިސްޖަހައިގެން ހުއްޓެވެ. ޒައިން ހުރީ އަންޖަދު އެއްޗެކޭ ބުނާނެ އިރެއްގެ އިންތިޒާރުގައެވެ. ޖަވާބުދޭން އިސްއުފުލައިލި އަންޖަދުއަށް ޒައިންގެ ފަހަތުން އައި ޒިޔާ ފެނުނެވެ. ޒިޔާ އަށް ބަލައިލުމަށްފަހު ލޮލުން އިޝާރާތެއް ކޮށްލިއެވެ. ޒިޔާއަށް އަންޖަދު އެ ބުނީ ކީކޭކަން އެއްވެސް އުނދަގުލަކާއި ނުލައި ނަގައިގަނެވުނެވެ. ލޮލުކޮޅުން ޒައިންއާއި ދިމާލަށް ބަލައިލުމަށްފަހު އަންޖަދު ދުއްވައިގަތެވެ. އަންޖަދުގެ ފަހަތުން ދުއްވައިގަންނަން އުޅުނު ޒައިން އަށް އެކަން ކާމިޔާބުނުވީ ފަހަތުން މީހަކު އޭނާގެ ގައިގައި ހިފެހެއްޓުމުންނެވެ.
ގޭދޮރުގައި ޓަކިޖަހާއަޑަށް ރޯން އިން ޝިމާޔާ ގޮސް ދޮރުހުޅުވީ އެއީ ޝަމީމްކަމަށް ހީކުރެވުމުންނެވެ. ނަމަވެސް ކުރިމަތީގައި ހުރީ އާރިޝްއެވެ. “ޝިމާޔާ؟ ކިހިނެތްވެފަ ތިހުރީ؟” ރަތްވެފައިވާ ޝިމާޔާގެ ދެލޯ ފެނި އާރިޝްއަށް އަހައިލެވުނެވެ. ޝިމާޔާ އިސްޖަހައިލަމުން އާރިޝްއަށް އެތެރެއަށް ވަންނަން ތަންދެއްކިއެވެ. އަނެއްކާވެސް އާރިޝް އޭނާ ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. ނަމަވެސް ޝިމާޔާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ވާހަކަ ނުދެއްކި ތަނުގައި އާރިޝްއާއި ދިމާލަށް ބަލައިވެސްނުލިއެވެ. އާރިޝް އެހާ ފަސޭހައިން އެކަން ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. ޝިމާޔާ އެހާވަރަށް ރޯނީ ކޮންމެވެސް ކަމެއް ވެގެންތާއެވެ. “ޝިމާޔާ ބުނެބަލަ ކިހިނެތްތަ ވީ؟” އާރިޝް އަނެއްކާވެސް ސުވާލުކުރިއެވެ. ޝިމާޔާއަށް ރޮވެން އުޅޭހެން ހީވުމުން އޭނާ އުޅުނީ އަވަހަށް ކޮޓަރިއަށް ދާށެވެ. ނަމަވެސް އޭގެ ކުރިން އާރިޝް ޚުޝިޔާރުކަމާއިއެކު ޝިމާޔާގެ އަތުގައި ހިފެހެއްޓިއެވެ. “އަހަރެން މީ ކާކުކަން ޝިމާޔާއަށް ފަހަރުގަ ނޭންގިދާނެ. އަހަރެން ކުރާ ސުވާލަކަށް އެއްވެސް މީހަކު ޖަވާބު ނުދެނީހެއް އަހަރެން އެއްވެސް މީހަކު އެހާ ފަސޭހައިން ދިޔަކަނުދޭނަން. ތިވަރަށް ޝިމާޔާ ރޮއެފަ ހުންނާނީ ކޮންމެވެސް ކަމެއްވެގެން. ޝިމާޔާ ވީގޮތެއް ނުބުނަނީހެއް އަހަރެން ތިއަތަކުން ދުލެއް ނުކުރާނަން.” ރުންކުރު ރާގަކަށް އެހެންނަމަވެސް މަޑުމައިތިރިކަމާއިއެކު އާރިޝް ބުންޏެވެ. ޝިމާޔާއަށް ކެތްވީ އެހިސާބަށެވެ. އަތް ފޮޅުވައިލުމަށްފަހު ހުރިތަނަށް ތިރިވެވުނެވެ. އަޑުން އަޑު ނަގައި ރޮއެގަނެވުނެވެ. މި މަންޒަރު ފެނި އާރިޝް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެތިންފަހަރަކު އެސްފިޔަ ޖަހައިލުމަށްފަހު އާރިޝް ވެސް ޝިމާޔާ ކައިރީ ދެކަކޫމައްޗަށް ތިރިވިއެވެ. އަދި އޭނާގެ އަތުގެ ޙިމާޔަތް ޝިމާޔާއަށް ދެވުނީ ކޮއްކޮއަކަށް ޙިމާޔަތް ދޭ ފަދައިންނެވެ.
ދަމާ ކޫއްތަމުން ކަހަލަ ގޮތަކަށް ޒިޔާ ހޭނެތިފައި އޮތް ޒައިން ގެނެސް ޝަމީމް އޮތް ކޮޓަރިގަނޑު ތެރެއަށް ވެއްދިއެވެ. ތަޅުންގަނޑު މައްޗަށް ޒައިން ވައްޓައިލުމަށްފަހު ޒިޔާ ނިއްކުރިމަތިން ފައިބަމުން ދިޔަ ދާތިކިތައް ފުހެލިއެވެ. އަދި އެ ކޮޓަރިން ނުކުމެ އެތަން ތަޅުލުމަށްފަހު ބޭރަށް ނުކުތެވެ.
ވަރަށް ބާރަށް އެއްޗެއް ޖެހުނު އަޑެއް އިވިގެން ބަންޑުން އޮތް ޝަމީމް ބޯހިއްލައިލައި އެ ދިމާލަށް ބަލައިލިއެވެ. ޝަމީމް އަށް އޭނާގެ މޫނު އަނެއްފަރާތަށް އަނބުރައިލެވުނީވެސް ވަރަށް އުނދަގުލުންނެވެ. ޝަމީމް ކުރިމަތީގައި ބަންޑުން އޮތް މީހާ ފެނި ޝަމީމްގެ ދެބުމަ ގޮށްޖެހުނެވެ. މިއީ އަނެއްކާ ކާކުބާވައެވެ؟ ޒައިން ވަރަށް ޙާލުން އުޅި ތެދުވެ ތަޅުންގަނޑުމަތީގައި އިށީނެވެ. އިށީނދެގެން އިން އިރުވެސް މުޅި ހަށިގަނޑުގައި ވޭން އަޅަމުން ދިޔައެވެ. ނަމަވެސް ކުރިމަތީގައި އޮތީ ކާކުތޯ ބަލައިލައި ހިތުން ޝަމީމް ކެތްކޮށްލައިގެން އިނެވެ. ޝަމީމްއަށް އެމީހެއްގެ ގައިގައި އަތް ޖައްސައިލެވުނީވެސް ވަރަށް މަސައްކަތުންނެވެ. އަތަށް ގެންނަ ކޮންމެ ޙަރަކާތަކާއިއެކު އަތަށް ތަދެއް އަރައެވެ. ޝަމީމްގެ އަތުގެ ހުރިހާ ކަށިތަކެއް ބިނދިފައި ހުރިހެން ހީވާ ކަހަލައެވެ. މަޑުމަޑުން އެމީހެއްގެ ކައިރިއަށް ޖެހިލައި ޝަމީމް އެމީހެއްގެ މޫނު ފެންނާނެގޮތަށް ފުރޮޅައިލިއެވެ. އެއާއިއެކު ހޭނެތިފައި އޮތް ޒައިން ފެނި ޝަމީމްގެ ދެލޯ ބޮޑުވިއެވެ. މިހާރު ޒައިންވެސް މި ކޮޓަރިގަނޑުތެރޭ ހައްޔަރު ވީއެވެ. ދެން މިތާ ހައްޔަރުވާނީ ޝިމާޔާ ނޫންކަމެއްވެސް ނޭނގެއެވެ.
އެތައް އިރަކު އާރިޝްގެ މޭމަތީ ބޯ އަޅައިގެން އިނދެ ޝިމާޔާ ރުޔެެވެ. ޝިމާޔާ އާރިޝް އާއި ދުރުވެލުމުން އާރިޝް އޯގާތެރިކަމާއިއެކު ޝިމާޔާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލައިދިނެވެ. “ދެން ބުނެބަ. ކީއްވެގެންތަ މާވަރަކަށް ތި ރޮނީ؟” ޝިމާޔާގެ ރަތްވެފައިވާ މޫނަށް ބަލައިލަމުން އާރިޝް އެހިއެވެ. ޝިމާޔާ އެއްވެސް އެއްޗެކޭ ނުބުނެ އޭނާގެ ޖީންސުގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި އަންޖަދު ފޮނުވައިފައި އިން ވީޑިއޯ މެސެޖު ހުޅުވައިލުމަށްފަހު އާރިޝް އަތަށް ފޯނު ދިނެވެ. ވާނުވާގައި އިނދެ އާރިޝް ފޯނުގައި ހިފައި އެ ވީޑިއޯ ބެލިއެވެ. އާރިޝްއަށް ވީ ހަމަ ޝިމާޔާއަށް ވީފަދަ ގޮތެކެވެ. ޝަމީމްއަށް އަނިޔާކުރާ މަންޒަރު ފެނި އާރިޝްގެ ހިތްވެސް ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.
“އާރިޝް ޕްލީޒް. ދޮންބެ ސަލާމަތް ކޮށްދީ. އަހަންނަކަށް ދެން ކެތެއް ނުވާނެ. ޕްލީޒް އާރިޝް. އަހަރެންގެ ދޮންބެ އަހަންނާ ވަކިވެއްޖެއްޔާ އަހަރެން ވަރަށް އެކަނިވެރިވާނެ. ދޭބަލަ ދޮންބެ ސަލާމަތް ކުރަން. ދޮންބެ މަރުވެދާނެ އެ ޙާލުގަ. މިހާރުވެސް ދިރިހުރިކަމެއް ނޭނގެ.” ރޮވިފައި އިނދެ ޝިމާޔާ އާރިޝްގެ އަތުގައި ހިފައި އާދޭސްކުރިއެވެ. ޝިމާޔާ ރޯ މަންޒަރު ފެނި އާރިޝް އިނީ ހިތްދަތިވެފައެވެ. އަންހެންކުދިން އެހާވަރަށް ރޯ މަންޒަރު ބެލުމަކީ އާރިޝްގެ ހިތަށް އެއްގޮތަކަށްވެސް ކުޅަދާނަކަމެއްނޫނެެވެ. “ޝްޝްޝް.. ހުއްޓާލާ އިނގެ. ކެތްކުރަންވާނެ. ޝިމާޔާ އެއްގޮތަކަށްވެސް ހާސްވާނެކަމެއްނެތް އިނގެ. އަހަރުމެން މިހެން ތިއްބާ ޝިމާޔާ ނުޖެހޭނެ ރޯކަށް. ދެން ހުއްޓާލާ. ރިޝޫ ގާތު ބުނާނަން ޝިމާޔާ ކައިރިއަށް އަންނަން.” އާރިޝް ދިން އެ ހިތްވަރުން ޝިމާޔާއަށް ކުޑަވަރެއްގެ ހަމަޖެހުމެއްގެ ލިބުނެވެ. އާރިޝްގެ އެހީގައި ޝިމާޔާ ތެދުވެ ގޮސް ސޯފާގައި އިށީންދެލިއެވެ. އާރިޝް ޝިމާޔާއާއި ތަންކޮޅެއް ދުރަށް ޖެހިލަމުން އާރިޝް އޭނާގެ ފޯނު ނަގައި ރިޝާނާއަށް ގުޅައިލިއެވެ. ކުރުގޮތަކަށް ކަންތައް ހިނގައިދިޔަގޮތް ރިޝާނާއަށް ކިޔައިދިނުމަށްފަހު އެގެއަށް އައިސްދިނުމަށް އާރިޝް ބުންޏެވެ. ރިޝާނާ މި ދަނީއޭ ބުނުމުން އާރިޝް ފޯނު ކަނޑައިލައިފައި ގޮސް ޝިމާޔާ ގާތުގައި ސޯފާގައި އިށީނީ ރިޝާނާ އަންނާންދެން ޝިމާޔާ ކައިރީ މަޑުކުރަންވެގެނެވެ.
ވަރަށް އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެން ރިޝާނާ ކޮޓަރިން ނުކުތެވެ. ސޯފާ މަތީގައި އޮތް އޭނާގެ އަތްދަބަސް އަޅުވައިލުމަށްފަހު ދާން ހިނގައިގަތެވެ. “ރިޝޫ ކޮންތާކަށް؟” ފަހަތުން އިވުނު އުޝާގެ އަޑަށް ރިޝާނާ ފަސްއެނބުރި ބަލައިލިއެވެ. “ޝިމާޔާ ކައިރިއަށް ދާން މި ދަނީ.” އުޝާ ބަލައިގެން އުޅެއްޗޭ ބުނުމުން ރިޝާނާ ބޯ ޖަހައިލުމަށްފަހު ޝިމާޔާގެ ގެއަށް ދާން ހިނގައިގަތެވެ.
އާރިޝްގެ އިންތިޒާރަށް ނިމުމެއް އައީ ގޭދޮރުގައި ޓަކިދޭ އަޑު އިވުމުންނެވެ. ދޮރު ހުޅުވައިފައި އާރިޝް ފުރަތަމަ ރިޝާނާ އަތުގައި ހިފައިގެން ކުޑަކޮށް ދޮރާއި ނިވައިވެލިއެވެ. “ރިޝޫ މިގަޑީ ޝިމާޔާއާ އެހާ ގިނައިން ސަމާސަކުރަން ނަހަދައްޗޭ އިނގެ. އޭނަ ވަރަށް މޫޑް ގޯސްކޮށް އިނީ. ރިޝޫއަށްވެސް އިނގެއެއްނު ވީގޮތް ދޯ. އަދި ހިއެއްނުވޭ ޝިމާޔާ އެއްޗެއް ކޭހެންވެސް. އޭނައަށް ރަނގަޅަށް ބަލާތި އިނގެ ރިޝޫ. ތިއްތިބެ މިދަނީ ޝަމީމް ހޯދަން.” އާރިޝް ދެއްކި ވާހަކަތަކަށް އެއްބަސްވަމުން ރިޝާނާ ގޭތެރެއަށްވަނެވެ. އަދި ދޮރު ތަޅުލުމަށްފަހު އައިސް ޝިމާޔާ ގާތުގައި ސޯފާގައި އިށީނެވެ. “ޝިމާޔާ. ހިނގާ އަހަންނާއެކީ ސައިބޯންދާން. އަދި އެއްޗެއް ނުކައެއްނު ތީނީ.” އަތްދަބަސް ނަގައި މޭޒުމަތީގައި ބޭއްވުމަށްފަހު ޝިމާޔާގެ އަތުގައި ހިފައިލަމުން ރިޝާނާ ބުންޏެވެ. “ސައެއްނުބޯނަން އަހަންނެއް. ރިޝާނާ ދޭ ސައިބޯން.” ނޭފަތް އެތެރެއަށް ދަމައިލަމުން ޝިމާޔާ ބުންޏެވެ. “ނޫން ޝިމާޔާ ޕްލީޒް ހިނގާ އަހަންނާއެކީ. ތިހެން ނުކައި އިންނާކަށް ނުވާނެ. ކޮންމެވެސްވަރަކަށް ވާނެ ކާން.” ވިސްނައިދޭފަދަ ގޮތަކަށް ރިޝާނާ ބުންޏެވެ. “އަހަންނެއް ނުކާނަމޭ ބުނެފީމެއްނު!” ރިޝާނާގެ އަތް ފޮޅުވައިލައިފައި ޝިމާޔާ ސޯފާއިން ތެދުވިއެވެ. ޝިމާޔާގެ މި ޢަމަލުންވެސް ރިޝާނާ ސިހިގެނެއް ނުދެއެވެ. އެއީ ޝިމާޔާ މާބޮޑަށް ދެރަވެފައި ހުރުމުން ވީގޮތެއްކަން ރިޝާނާއަށް އެނގޭތީއެވެ. ރިޝާނާ ތެދުވެ ގޮސް ޝިމާޔާ ގައިގައި ބައްދައިލިއެވެ. ކަރުނަތައް ހިފަހައްޓައިގެން ހުރި ޝިމާޔާއަށް ރޮއެގަންނަމުން ރިޝާނާގެ ކޮނޑުގައި ބޯ އަޅައިލެވުނެވެ. ރިޝާނާ މަޑުމަޑުން ޝިމާޔާގެ ބޮލުގައި ފިރުމައިލިއެވެ. “އަހަރެން.. އަހަރެން ނުކާނަން.. ދޮންބެވެސް ހުންނާނީ ނުކައި.. އިއްޔެ ހެނދުނު ބޭރަށް ނުކުތް މީހާ އެއީ.. މިހާރު އެހުރީ މީހެއްގެ އަތްދަށުގަ އަނދިރި ކޮޓަރިގަނޑެއްގެ ތެރޭގަ ބަންދުވެފަ.. ރިޝާނާ އަހަރެން ކިހިނެތް މިވަރުން ކެތްކުރާނީ؟.. އަހަރެން.. އަހަރެންނަށް އުނދަގޫވާނެ ދޮންބެއާނުލައި އުޅެން.. ދޮންބެއަށް މިހެން މިވީވެސް ހަމަ އަހަރެންގެ ސަބަބުން.. ރިޝާނާ އަހަރެން މަރުވެދާނެ މިހެން ހިތާމަކޮށްކޮށް..” ރޮމުން ގިސްލެވެމުން ޝިމާޔާ ރިޝާނާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ވާހަކަދައްކަމުން ދިޔައެވެ. ޝިމާޔާގެ ވާހަކަތައް އަޑުއަހަން ހުރި ރިޝާނާގެލޮލުންވެސް ކަރުނަ ނީރައިލިއެވެ. “ދެން ހުއްޓާލާ.” ޝިމާޔާގެ ބޮލުގައި ފިރުމައިލަމުން ރިޝާނާ އަށް ބުނެވުނީ ހަމައެކަނި އެހާވަރަށެވެ.
“ކީކޭ؟ ޝައްމު..” އާރިޝް ގެއަށް އައިސް ނައިޒަކްއަށް އެ ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ނައިޒަކްއަށް ހުރެވުނު ތަންވެސް ނޭނގުނު ކަހަލައެވެ. “ޒެކް ހަމަޖެހޭ. އަހަރުން ދެމީހުންވެގެން ޝަމީމް ހޯދާނީ. އަހަންނަށް އެ ވީޑިއޯ އިން ފެނުނު ޝަމީމް އޮތް ކޮޓަރި. އެކޮޓަރިއަކީ ފަޅުގެއެއްގަ ހުންނަ ކޮޓަރިގަނޑެއް. މި ގެއާ ވަރަށް ދުރުވާނެ އެތަން. އެކަމަކުވެސް މިނޫން ގޮތެއް ނެތް އަހަރުމެންނަކަށް. ކޮންމެހެންނަކުންވެސް ޝަމީމް ސަލާމަތްކުރަންޖެހޭ އެބަ. އެހެންނޫނީ އޭނާގެ ދުވަސް ގޮސްދާނެ. ޝިމާޔާގެ ޙާލުވެސް ވަކި ރަނގަޅެއްނޫން.” ވާހަކަދައްކަމުން ދިޔަ އާރިޝް ހުރީ ވަރަށް ހާސްވެފައެވެ. “ތިއްތިބޭ. ތިބުނީނު ތިއްތިބެއަށް އެނގެޔޭ އެ ގެ. އެހެންމަ ހިނގާ އަވަހަށް ދާން. އަހަރެން އަންނާނަން ސައިކަލު ތަޅުދަނޑި ހިފައިގެން.” ނައިޒަކް އެހެންބުނެ އޭނާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އާރިޝް ބޭރަށް ނުކުމެ ގޯތިތެރޭގައި މަޑުކުރީ ނައިޒަކް ނުކުންނަންދެނެވެ.
“ޒައިން އޭތް. ކުއްހު ކުއްހު…. ޒައިން!” ޝަމީމްއަށް އެއްގޮތަކަށްވެސް އެއްޗެކޭ ބުނެވޭވަރެއް ނުވިއެވެ. ކަރުތެރެއިން ނަގައިގަތް ދިލަތަދެއްގެ ސަބަބުން ޝަމީމް ކެއްސަން ފެށިއެވެ. މުޅި އެ ކޮޓަރިތެރޭ ހަރުލައިފައިވަނީ ޝަމީމްގެ ކެއްސުމުގެ އަޑެވެ. ކެއްސަމުން ދިޔަ ޝަމީމްއަށް ޒައިންގެ ފަޓްލޫނު ޖީބުގައި އޮތް ފޯނު ދިއްލުނުތަން ފެނުނެވެ. ނަސީބަކުން އެވަގުތު ޝަމީމްގެ ކެއްސުންގަނޑު ހިނދިއްޖެއެވެ. މޭގައި ފިރުމައިލުމަށްފަހު ޝަމީމް ޒައިންގެ ފޯނު ނެގިއެވެ. ޝަމީމް އެ ކޮޓަރިއަށް ވެއްދިގޮތަށް އޭނާގެ ފޯނަށް ވީގޮތްވެސް ނޭނގުނެވެ. ޒައިންގެ ފޯނު ހުޅުވައި ބަލައިލިއިރު އޮފީސް ނަމްބަރަކުން ވަރަށް ގިނަ ފަހަރަށް ގުޅައިފައި ހުއްޓެވެ. ކުއްލިއަކަށް ޝަމީމް ހާސްވާންފެށީ ކޮޓަރީގެ ބޭރުން ފިޔަވަޅުތަކެއްގެ އަޑުއިވިފައެވެ. ޝަމީމް އަވަސް އަވަހަށް ފޯނު ސައިލެންޓަށް ލައި ވައިބްރޭޓްވެސް އޮފް ކޮށްލުމަށްފަހު އޭނާގެ ޖީންސުގެ ޖީބަށް ލިއެވެ. އަދި ހަށިގަނޑުގައި އަޅާ ވޭނަކަށް ނުބަލައި އަވަސްއަވަހަށް އޭނާ ކުރިން އޮތްގޮތަށް ބަންޑުން އޮށޯތެވެ.
ކޮޓަރިތެރެއަށް ވަތް އަންޖަދު އަށް ހޭނެތިފައި އޮތް ޒައިންއާއި ޝަމީމް ފެނި އަނެއްކާވެސް ދޮރުލައްޕައި ތަޅުލުމަށްފަހު ބޭރަށް ނުކުތެވެ. ބޭރަށް ނުކުތް އަންޖަދުއަށް ނޭނގުނުކަމަކީ ޝަމީމް ހޭއަރައިފައި އޮތްކަމެވެ. އަދި އެއީ ޝަމީމް ޖެއްސި ކުޑަކުޑަ އެކްޓެއްކަންވެސް އަންޖަދުއަށް ރޭކައިނުލައެވެ.
ކޮޓަރިއަށް އެއްވެސް މީހަކު ނުވަންނަކަން ޔަޤީންވުމުން ޝަމީމް އަނެއްކާވެސް މަޑުމަޑުން ތެދުވެ އިށީނެވެ. އޭރު އެއްވެސް ފަރުވާލެއްނެތި އޮށޯވެވުމުގެ ސަބަބުން ޝަމީމްގެ ހަށިގަނޑުގައި ވަރަށް ގަދަޔަށް ވޭން އަޅަމުން ދިޔައެވެ. ކެތް ނުކުރެވޭ ހިސާބަށް ދިޔުމުން ޝަމީމް އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު އަނެއްކާވެސް ތަޅުންގަނޑުމަތީ އޮށޯތެވެ. ފޯނު ހުޅުވައި އޭގެން ނައިޒަކްގެ ނަމްބަރު ހޯދުމަށްފަހު ޝަމީމް އެ ނަމްބަރަށް ގުޅައިލިއެވެ.
ސައިކަލު ދުއްވަން އިން ނައިޒަކްގެ ޖީންސުގެ ޖީބުން ފޯނު ރިންގްވާކަން އިޙުސާސްކުރެވުމުން ފޯނުނަގައި ފަހަތުގައި އިން އާރިޝްއަށް ފޯނު ދިއްކޮށްލިއެވެ. “ތިއްތިބޭ. ވާހަކަދައްކަބަލަ ފޯނު ނަގާފަ. މިގަޑީ މަށަށް އުނދަގޫވާނެ ފޯނު ނަގައިގެން ވާހަކަދައްކަން.” ނައިޒަކް އެހެން ބުނުމުން އާރިޝް އެ ފޯނުގައި ހިފައި ގުޅަނީ ކާކުތޯ ބަލައިލިއެވެ. ފޯނުގެ ޑިސްޕްލޭއަށް އަރައިފައި އިން ޒައިންގެ ނަން ފެނި އާރިޝް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ހަލޯ.” ފޯނު ކަންފަތުގައި ޖެހުމާއި އެއްކޮށް އާރިޝްގެ ކަންފަތުގައި ޖެހުނީ ޝަމީމްގެ ކުރެހިފައިވި އަޑެވެ. “ޝަމީމް. ކިހިނެތް ބޭބެގެ ފޯނުން ތި ގުޅީ؟” އާރިޝްގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ. “އާރިޝް. ޒައިން މިއޮތީ އަހަރެން ކައިރީގަ މިތާ ހޭނެތިފަ. އަހަރެން ހޭއެރިއިރު ފެނުނީ ޒައިން މިތާ އޮއްވާ. އަހަރެންގެ ފޯނަށް ވީނުވީއެއް ނޭނގިގެން އަހަންނަށް ކުރިން ތިމީހުނަށް ނުގުޅުނީ. ޒައިންގެ ފޯނު ލިބުނީމަ އަހަރެން މި ގުޅީ. ކޮބާތަ ޝިމް؟” ޝަމީމް އޭނާ ސަލާމަތްކުރަން ބުނުމުގެ ބަދަލުގައިވެސް އެހީ ޝިމާޔާ ކޮބައިތޯއެވެ. މި ދުނިޔެމަތީގައި އޭނާއަށް ކޮންމެ ފަދަ އަނިޔާއެއް ލިބުނަސް އޭނާގެ ދެލޯފަދަ ކޮއްކޮ މި ދުނިޔޭގައި އުޅޭ ނުލަފާމީހުންގެ ވަކިތަކުން ސަލާމަތްކުރަން ބޭނުމެވެ. “ޝިމާޔާ އެބައިން ގޭގަ. ރިޝާނާ އޭނަ ގާތުގަ އެބައިން. ދެން މަޑުކޮށްބަލަ. ބޭބެއަށް ކިހިނެތްތަ ތިތަނަށް ދާން ޖެހުނީ؟” ޒައިން އެތަނުގައި ހޭނެތިފައި އޮތޭ ބުނުމުން އާރިޝްގެ ހިތުގައި ސުވާލަކަށް ފަހު ސުވާލެއް އުފެދެމުން ދިޔައެވެ. “އަހަންނަކަށް ނޭނގެއޭ. މީނަ މިއޮތީ އޮފީހަށް ދާން ލާ ގަމީހުގަ. ދެން އާރިޝް ތަންކޮޅެއް އަވަހަށް އައިސްދީބަލަ. އަހަރެންގެ ހޭ ހުސް… އާ….” ޝަމީމް ވާހަކަދައްކައި ނުނިމެނީސް ދެން އިވުނީ ޝަމީމް ހަޅޭއްލަވައިގަތް އަޑެވެ. ޝަމީމް ގައިގައި އެއްޗަކުން ޖެހިއަޑުވެސް ވަރަށް ސާފުކޮށް އާރިޝްއަށް އިވުނެވެ. އިރުކޮޅެއް ނުވެ ފޯނު ކެނޑުނެވެ. ނައިޒަކް ކައިރީ ތަންކޮޅެއް ބާރަށް ދުއްވަން ބުނުމަށްފަހު އާރިޝް ހަދާނެ ގޮތަކާއި ދޭތެރޭ ވިސްނައިލިއެވެ.
“ކަލޭގެ ކަންތައް ހާދަ ބޮޑު ވެއްޖެއޭ ދޯ. ނަސީބެއްނު މިވަގުތު މަށަށް މިތަނަށް އާދެވުނުކަން. ދެން ލާހިކެއް ނޫން ސަލާމަތްވާން ކަލެއަކަށް. ހުރެބަލަ ނިކަން ރަނގަޅުގޮތެއް ހަދާލާނަމޭ މިފަހަރު.” ޒައިންގެ ފޯނު ދުރަށް ހޫރައިލަމުން އެ ކޮޓަރިގަނޑުތެރޭ ހުރި ބާ މޭޒުމަތީގައި އޮތް ތޫނުވަޅި އަންޖަދު ނެގިއެވެ. އަދި އެ ހިފައިގެން މަޑުމަޑުން ޝަމީމްއާއި ދިމާލަށް އަންނަން ފެށިއެވެ. ހިތް ބިރުން ވިރޭ ޙާލުގައި ޝަމީމް އިނީ އެތަނުން ގުޑިނުލެވިފައެވެ. ހަށިގަނޑުގައި އަޅާ ވޭނެއްގެ ސަބަބުން އޭނާއަށް ކޮޅަށް ނުހުރެވޭނެކަން އިނގެއެވެ. އަންޖަދު އައިސް ވަޅީގެ ކޮޅު ޝަމީމްގެ ކަރުގައި ޖައްސައިލިއެވެ. ޝަމީމް އިނީ ދެލޯ މަރައި ބާރުކޮށްގެންނެވެ. މޭގެތެރޭ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ހިތުވިންދު ހުއްޓެން އުޅުނުހެން ހީވިއެވެ.
ދެތިންފަހަރަކު އެސްފިޔަ ޖަހައިލުމަށްފަހު ޒައިން ދެލޯ ހުޅުވައިލިއެވެ. އެ އަނދިރި ކޮޓަރިގަނޑު ތެރެއަށް ޒައިންގެ ދެލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ. މީހަކު މާ އަވަސްއަވަހަށް ނޭވާލާއަޑު އިވިގެން ޒައިން އެ އޮތްތަނުން ތެދުވިއެވެ. ނަޞީބަކުން ޒައިންއަށް މާބޮޑު ވަރުތަކެއް ނުވެއެވެ. ސަބަބަކީ އަންޖަދުމެންގެ އަމާޒުފަތްގަނޑަކަށް ވެފައިވަނީ ޝަމީމް ކަމަށް ވާތީއެވެ. ޝަމީމްގެ ބަދަލުގައި އެއީ ޒައިން ނަމަ މިވަގުތު ޒައިން އޮންނާނީ ހަމަ ޝަމީމް އޮތް ޙާލުގައެވެ. ފެނުނު މަންޒަރަކުން ޒައިންގެ ދެލޯ ބޮޑުވިއެވެ. ޝަމީމް ދެލޯ މަރައި ބާރުކޮށްގެން ވައި އަޑުން ޝަހާދަތް ކިޔަމުން ދިޔައިރު އަންޖަދު ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އެ ވަޅީގެ ކޮޅު ޝަމީމްގެ ކަރުގައި ޖައްސައިގެން އިނެވެ. ވަގުތު ފާއިތު ނުވަނީސް ހޭ އެރުމުން ޒައިން ﷲގެ ކިބަފުޅަށް ޝުކުރު ކުރިއެވެ. އެއެއް މިއެއް ބަލައިނުލައި ޒައިން އައިބާރު އަންޖަދު ދުރަށް ކޮށްޕައިލިއެވެ. އަންޖަދު ވެއްޓުނު ގޮތަކުން އޭނާގެ އަތުން ވަޅި ދޫވެ އޭނާގެ މޭމައްޗަށް އެ ވަޅި ވެއްޓުނެވެ. އަންޖަދު އެވަގުތު ބިރުވެސް ގަތެވެ. އެވަޅީގެ ކޮޅު އަންޖަދުގެ މޭމަތީގައި ޖެހިފައި ވެއްޓުނީއެވެ. އަންޖަދު އަށް ފުންނޭވައެއް ދޫކޮށްލެވުނީ އޭނާއަށް އެ ވަޅިން އެއްވެސް ގެއްލުމެއް ނުވުމުންނެވެ. އަންޖަދު އެ ވަޅިނަގަން އުޅުނު ވަގުތު ޒައިން ދުވެފައި އައިސް އެ ވަޅި ނެގިއެވެ. ހަމަ އެވަގުތެވެ. ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް ޖަހާ އަޑު އިވުނެވެ. ބޭރުން ނައިޒަކް އާއި އާރިޝް ގޮވާއަޑު އިވުމުން ނުތަނަވަސްވެފައި ހުރި ޒައިން އަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަންޖަދު އައިސް ޒައިންގެ ގައިގައި ހިފަހައްޓައި ވަޅި އަތުލަން އުޅުނެވެ. ނަމަވެސް ޒައިން އެއަށްވުރެ މާ ވަރުގަދަވެފައި ޚުޝިޔާރެވެ. ޒައިންގެ ފައިން އަންޖަދުގެ ފައިގައި ޖަހައި އަނެއްކާވެސް އަންޖަދު ދުރަށް ކޮށްޕައިލިއެވެ. މިފަހަރު އަންޖަދު ފާރުގައި ޖެހިފައި ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. ޒައިން ދުވެފައިގޮސް އެ ވަޅި ތަޅުވަޅަށް ލެއްވުމަށްފަހު އެގޮތްމިގޮތަށް އަނބުރައިގެން އުޅި ދޮރު ހުޅުވިއެވެ.
އެތެރެއަށް ވަތް ނައިޒަކް ދުއްވައިފައި ގޮސް ޝަމީމް ގާތުގައި އިށީނެވެ. އޭރު ދެލޯމެރި ގޮތަށް ޝަހާދަތް ކިޔަން އިން ޝަމީމްއަށް ދެލޯ ހުޅުވައިލެވުނީ ނައިޒަކްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. ޝަމީމް އިން ޙާލު ފެނި ނައިޒަކް ދެރަވިއެވެ. ލޭގެ އަސަރެއް ފެންނަން ނެތަސް އެ ހަށިގަނޑުގައި ހަކަތަ ހުރިހެނެއް ހިޔެއްނުވެއެވެ. ނައިޒަކް އަނެއްކާވެސް އެތަނުން ނުކުމެ އޭނާގެ ސައިކަލު މަޑިދަށުގައި އޮތް ފެންފުޅިއެއް ހިފައިގެން އައެވެ. އަދި އެ ގެނެސް ޝަމީމްއަށް ބޯންދިނެވެ. ޝަމީމް އެ ފެންފުޅި ހުސްވާންދެން ފެންބުޔެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ދެ ދުވަސް ވާންދެން ޝަމީމް އެއިނީ ފެންފޮދެއްވެސް ނުބޮއެ އެވެ. އާރިޝް އާއި ޒައިންވެސް ޝަމީމް ކައިރިއަށް ދިޔައެވެ. ދުރުގައި ވެއްޓިފައި އޮތް އަންޖަދު މަޑުމަޑުން ތެދުވެ އެތަނުން ފިލަން އުޅުނެވެ. އަންޖަދު އެމީހުނާއި ދިމާލަށް ބަލައިވެސްނުލައި ދާތަން ފެނުމުން އާރިޝް އާއި ނައިޒަކްގެ ގާތަށް ހިނި އައެވެ. އަންޖަދު ސަލާމަތްނުވާނެކަން ވަރަށް ރަނގަޅަށް އެ ދެމީހުންނަށް އިނގެއެވެ. އެމީހުން އެގެއަށް އަންނަމުން އައީ ފުލުހުންގެ ބަޔަކާއި އެކީގައެވެ. ކޮންމެއަކަސް އާރިޝް އާއި ނައިޒަކްގެ ރޭވުން ވަރަށް ރަނގަޅަށް ކާމިޔާބު ކުރެވުނެވެ.
ކޮޓަރިން ނުކުތް އަންޖަދުއަށް ހުރިތަނުގައި ހުއްޓެވުނީ ފުލުހުންގެ ބަޔަކު ކުރިމަތީގައި ތިބުމުންނެވެ. ދެން ސަލާމަތެއް ނުވާނެކަން އިނގުމުން އަންޖަދު އިސްދަށަށް ޖަހައިލިއެވެ. ފުލުހުން އައިސް އަންޖަދު ގެންދަން އުޅުމުން މިފަހަރު އަންޖަދު ގަދަނުދައްކާ އެމީހުނާއި އެކީ ޕޮލިސް ސްޓޭޝަނަށް ދިޔައެވެ.
“ޝިމާޔާ ދެން ހުއްޓާލަބަލަ. އަހަންނަށް ވަރަށް އުނދަގޫވޭ ޝިމާޔާ އެއްޗެއް ނުކައި ތިހެން ރޯން އޮންނާތީ.” ރިޝާނާގެ އުނގުގައި ބޯ އަޅައިލައިގެން އޮވެ ރޮމުން ދިޔަ ޝިމާޔާގެ ބޮލުގައި ފިރުމައިލަމުން ރިޝާނާ ބުންޏެވެ. ވޭތުވެދިޔަ ވަގުތު ތަކުގައި ވެސް ޝިމާޔާ ހުއްޓުވަން ރިޝާނާ އެތައް ގޮތަކުން މަސައްކަތް ކުރިއެވެ. އެތައް ނަޞޭޙަތެއް ދިނެވެ. ނަމަވެސް ޝިމާޔާއަށް ލިބިފައިވާ ބަރުދާސްތު ނުކުރެވޭ ހިތްދަތިކަމެއްގެ ސަބަބުން ރިޝާނާ ދެއްކި ވާހަކަތައް ޝިމާޔާގެ ކަންފަތާއި ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. އަތްދަބަސް ތެރޭގައި އޮތް ރިޝާނާގެ ފޯނު ރިންގުވާ އަޑަށް ޝިމާޔާ ތެދުވެ ސޯފާގައި ރަނގަޅަށް އިށީންދެލިއެވެ. ރިޝާނާ ފޯނު ނަގައި ބަލައިލިއިރު ގުޅަނީ އާރިޝްއެވެ. “ކީކޭ ތިއްތިބޭ!” ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން ރިޝާނާ ބުންޏެވެ. “ރިޝޫ. އާދޭ ޝިމާޔާ ގޮވައިގެން އައިޖީއެމްއެޗަށް. ޝަމީމް މިތާ ބާއްވައިގެން މިއުޅެނީ. އަހަރުމެން މިތިބީ އައިސީޔޫ ދޮރުމަތީގަ. އާދޭ އަވަހަށް ޝިމާޔާ ގޮވައިގެން.” ރިޝާނާ ހްމްމް އެކޭ ބުނެ ފޯނު ކަނޑައިލިއެވެ. އަދި ޝިމާޔާއަށް ބަލައިލަމުން އޭނާގެ އަތްތިލައިގައި ހިފަހައްޓައިލިއެވެ. “ޝިމާޔާ. ދެން ތި ރުއިން ހުއްޓާލާފަ ތަންކޮޅެއް ރީތިވެލައިގެން ހިނގާ ދާން ހޮސްޕިޓަލަށް. ޝިމާޔާގެ ދޮންބެ އެބަ އޮތް އެތާ ބާއްވާފަ.” ޝިމާޔާ އެއްޗެކޭ ނުބުންޏަސް އޭނާގެ ހިތް އުފަލުން ނަށައިލިއެވެ. ޝިމާޔާ ކޮޓަރިއަށް ދިޔުމުން ރިޝާނާ ސޯފައިގައި އިށީނދެ ހަމަޖެހިލިއެވެ. ޝަމީމް ސަލާމަތްވިކަމަށްޓަކައި ރިޝާނާގެ ހިތްވެސް އުފަލުން ނަށައިލިއެވެ.
އައި.ސީ.ޔޫ އިން ޑޮކްޓަރުންނާއި ނަރުހުން ނުކުތުމުން ނައިޒަކްމެން ޑޮކްޓަރު ގާތަށް ދިޔައެވެ. އެވަގުތަކީ ރިޝާނާ އާއި ޝިމާޔާއާއި ދެމީހުންވެސް ދުވެފައި އެތަނަށް އައި ވަގުތެވެ. “ޑޮކްޓަރ. ވެއަރ އިސް ހީ؟ އިސް ހީ އޯކޭ؟” ޑޮކްޓަރު ކުރިމައްޗަށް އަރައި ޝިމާޔާ ސުވާލުކުރިއެވެ. ޑޮކްޓަރު އެއްޗެކޭ ނުބުނެ އިސްޖަހައިލި ގޮތުން ޝިމާޔާގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. ހުރިތަނަށް ތިރިވެފައި ރޮއެގަނެވުނީ އޭނާގެ ދޮންބެ މި ދުނިޔެއަށް އަލްވަދާޢު ކީއޭ އޭނާގެ ހިތް ބުނުމުންނެވެ.
– ނުނިމޭ –
6 Comments!
Comments are closed.
Alhey shameem maraaa nulaaathi ingey dhonthy…Btw mi part ves varah varah reethi.❤❤❤❤❤❤❤❤
maa sha Allah❤❤❤❤❤❤❤❤
curiously waiting waiting❤❤❤❤
❤❤❤love you dhonthy ❤❤❤
Shameem faharuga maru es vedhaane. Noonee marunuve salaamaiy vedhaane. Hehe. Hingaa balamaa dhw Shammu au vaagotheiy. And thank you so much Yanaa dear❤️❤️❤️❤️???? Yes dear! Keep waiting curiously. Haha. Love you too Yanaa??????
Salaam readers. Miothee theyveesvana bai upload vefa Alhamdhulillah. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. And cover photo ga eyndha kujjakee Shimaayaa inge. Because mi part ga hunnaanee shimaayaage gina baithakeiy himanaafa. So what’s your thought about shameem? Shameem maruvejjeyyaa v dheravaane dhw. So let’s see what’s gonna happen next. Enjoy reading and leave a comment. Eeryome stay home. Stay safe. Love you all. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
And dear readers. I’ve done a little mistake in the fourth paragraph. Proof read kuri iruga es ethankolhu alhainugane eynee. ‘Zain varah haalun ulhi thalhungandu matheega isheeney’ mi jumlaiga zain ge badhaluga innaanee Shameem. Sorry for this little mistake.
!!!Hei dhonthy
Mi part vx hama vrh vrh salhi
Waiting fr nxt …
Naira ge fan ehtha dhonthy akiii …
Just asking inge
HEHEHE
Ly
?❤
Hii quiiin?. Thank you so much dear. Mihaaru next part kiyaaleveyne inge dear. Yh Naira ge v bodu fan eh miee. Anehhen bunangnaa star plus ge fan eiy. Hehe. Love you too ❤️❤️❤️❤️❤️❤️