” ހޫން އޯކޭ އޯކޭ.. ދެން އަހަރެން ހުންނަންވީ މިތާ ބޭރުގަތަ؟ ހިންގާބަލަ އެތެރެއަށް” ގޭތެރެއަށް ދެމިގަންނަމުން އެ ފިރިހެން މީހާ ބުނެލިއެވެ.
” އޭ އަކޫ މަޑުކޮށްބަލަ އިހަށް” ފަހަތުން ހިގައިގަންމުން ނުހާ ގޮވާލިއެވެ. އަކްރަމްއަކީ ނުހާ އެންމެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. ނުހާގެ ހުރިހާކަމެއް އެންމެ މޮޅަށް ދަންނަ އަދި އެންމެ ބޭނުންވާ ވަގުތު ނުހާއަށް އެހީތެރިކަން ފޯރުކޮށްދެނީވެސް ހަމަ އަކްރަމްއެވެ.
” އަން އަހަރެން މަގުމަތިން ހޮވިއެއްޗެއް.” މާ ބޮޑި ދިއްކޮށްލަމުން އަކްރަމް ބުނެލިއެވެ.
” އައްދެ ދެން ތުއިނުވެ ބުނި ނަމަ ގަތް އެއްޗެކޭ. މިއަދު ކީއްކުރަން މިހާ ހެދުނު ތިއައީ؟ އަހަރެން މަތިން މާ ހަނދާން ވަނީތަ؟” ލާނެތް ފާޑަކަށް ހެމުން ނުހާ އަހާލިއެވެ.
” އާން އަހަންނަށް ރޭގަ ނުވެސް ނިދޭ ނުހާ ނުފެނިގެން.” ހިތުގެ އަޑިން ތެދު ހާމަކުރަމުން އަކްރަމް ދިޔައެވެ. އަކްރަމްގެ ހިތުގައި ނުހާ އަށް ދެވިފައިވަނީ ރައްޓެހި ކަމަށް ވުރެ މާ ގާތް މަގާމެކެވެ. އެއީ ހަމައެކަނި އަކްރަމަށް އިގޭ ސިއްރެކެވެ.
” ދެން ބުނެބަލަ އަކޫ.” ނުހާ ތުން ދަމާލާފައި އަނެއްކާވެސް އެހިއެވެ.
” އޯ މައި ގޯޑް… ނުހާ… މިއަދު މީ ކޮން ދުވަހެއްކަން ހަމަ ހަދާން ނެތީތަ؟ ޝާން އެއްވެސް އެއްޗެއް ނުބުނޭތަ ހެދުނު؟” އަކްރަމް ހައިރާންވެފައި އަހާލިއެވެ.
” އާން ނުބުނޭ.. ކޯންޗެއްތަ ބުނަން އޮތީ މާވަހަކަ ދިގު ނުކޮށް ބުނެބަލަދޯދެން.” ނުހާ ބުނެލިއެވެ.
” މިއަދު މީ ނުހާގެ 37 ވަނަ އުފަން ދުވަހެއް ނުން. ހަބަރުވެސް ބަލާ ނުލަން ދޯ މިއަދު. އާން ބެލިޔަސް މިއަދު މުޅި ހަބަރުގަ އޮތީ ރޭ މަރާލާފައި އޮތް ކުއްޖާގެ ވަހަކަ ވިއްޔާ. ހިންގާ ބޭރަށް ދާން. އެއްއަހަރު މުސްކުޅިވީމަ ޖެހޭނެ ނުން ސެލެބްރޭޓް ކުރަން.” އަކްރަމް ޓީވީން އެހެން ޗެނަލެއް ބަދަލުކޮށްލަމުން ލާނެތް ފާޑަކަށް ބުނެލިއެވެ.
ނުހާ ތުން އަބުރާލާފައި ފަރި ހިނގުމެއްގައި ތައްޔާރު ވުމަށް ކޮޓަރިއާ ދިމާލަށް ހިގައިގަތެވެ. ވިއްސަކަށް މިނިޓް ފަހުން ތައްޔާރުވެގެން ސިޓިންގް ރޫމާ ދިމާލަށް ނުހާ އައެވެ. އަކްރަމް ފަހަތަށް ބަލާލީ ނުހާ އަންނަހެން ހީވެގެންނެވެ. އަކްރަމްގެ ހިތުގައި މަޑު ވިންދެއް ޖަހަމުން ދިޔައެވެ. ހިތާ ހިތުން ނުހާގެ ފަރިކަމަށް ތައުރީފް ކުރެވުނެވެ. ނުހާގެ ދޮންކަމާއި، ހިތިފަތު ބުމަޔާއި، ފިނިފެންމަލެއްފަދަ ފިޔާތޮށި ތުންފަތަކީ އަކްރަމަށް އަބަދުވެސް އެންމެ ކަމުދާ ރީތިކަމެވެ. ކަޅި ޖަހާނުލާ ނުހާއަށް ބަލަހައްޓައިން އަކްރަމަށް ހުރެވުނެވެ.
ނުހާއާއި އަކްރަމް ދިޔައީ ހުޅުމާލޭގައި ހުންނަ މަޝްހޫރު ރެސްޓޯރަންޓަކަށް ކާންށެވެ. ދިޔަމަގުމަތީގައި އެތަކެއް ވާހަކަ ތަކެއް ދެމީހުން ދެއްކިއެވެ. މެއިން ކޯސް ކައި ނިންމާލުމަށްފަހު ޑެޒާޓް ގެނެވުނެވެ. ނުހާ ކަމުން ދިޔައިރު އަކްރަމް އިނ ނުހާގެ ފަރި ކަމަށް ގެއްލިފައެވެ. ކާން ނެގި ސަމްސާވެސް އަގަޔާ ދިމާނުވެ ހުއްޓިފައި ހުއްޓެވެ.ކުއްލިއަކަށް ނުހާ ނޭވާ ނުލެވިގެން ތެޅެންފެށިއެވެ. މުޅި މީހާ ގައި އެއްކޮށް ހިރުވަންފެށިއެވެ. އަކްރަމްއަށް ހަދާނެގޮތް ނޭގިގެން އައިސް ނުހާގެ ގައިގާ ހިފަހައްޓަލިއެވެ. އަދި ނުހާ ކާން އިން ތަށިން ރަހަބަލާލިއެވެ.
“ބައްޔެއް.. ޕީނަޓް…. ކަލޭމެނަށް ކިހިނެއްވެފަތަ ތިތެބެނީ. މަ ނުބުނަންތަ ޕީނަޓް ނާޅާށޭ.. ނުހާ އަށް ކަމެއްވެއްޖެޔާ ހޭއަރިވާލާނަން” އަކްރަމް އައިސް ހުރި ރުޅިން އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަނެވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ނުހާ އަކީ ޕީނަޓަށް އެލާޖިކް މީހެކެވެ. ޕީނަޓް ކައިފިނަމަ ނުހާ ގައިން ބިހި ނަގާ ނޭވާ ލުމަށް އުދަގޫ ވެއެވެ. އަކްރަމް ވަގުތުން ނުހާ ގޮވައިގެން ދިޔައީ ހުޅުމަލޭ ހޮސްޕިޓަލަށެވެ.
ނުހާއަށް ހޭވެރިކަންވީ ގަނޑިން ދަންވަރު ބާރަވެސް ޖެހިފަހުންނެވެ. އެނދުގެ އެއްފަރާތެއްގައި ނުހާގެ އަތުގައި ހިފަހައްޓައިގެން މަޑު ނިންޖެއްގައި އަކްރަމް ނިދާފައި އޮތެވެ. އެވަގުތު ނުހާ އަވަސް އަވަހަށް އަކްރަމްގެ އަތުން ނުހާގެ އަތް ދަމައިގަތެވެ. އަކްރަމަށް ހެލެވުނެވެ. އަދި ނިދިފައިވާ ރާގެއްގައި ކަންތައްވީ ގޮތް ކިޔާ ދިނެވެ. އަދި އަކްރަމަށް ކަންތައްތައް ބަލަން ޖެހޭ ވަރަށް ނުބެލުމުން އެކަމާ މައާފަށްވެސް އެދުނެވެ.
ނުހާ ހޮސްޕިޓަލުން ދޫކޮށްލިއިރު 1:30 ވާން ކައިރި ވެއްޖެއެވެ. އަވަސް އަވަހަށް ޓެކްސީ އަކަށް އަރައިގެން ގެއަށް ދިއުމަށް އަކްރަމް އާ އެކު ނައްޓާލިއެވެ. ޓެކްސީ ގޮސް ނުހާމެން ގޭ ކައިރީގައި މަޑުކޮށްލިއެވެ. އޭރު ހިތްހަމަ ނުޖެހިފައި ކުޑަ ދޮރުން ބޭރު ބަލަހައްޓައިގެން ޝާން ހުއްޓެވެ. ނުހާ ޓެކްސީން ފޭބުމުން އަކްރަމްވެސް ނުހާގެ ފަހަތުން ފޭބިއެވެ. އަދި ނުހާގެ ބޮލުގައި ހިފާލުމަށްފަހު އަވަހަށް އެތެރެއަށް ވަންނަން ބުނެލިއެވެ. ނުހާ ހިނިތުންވެލާފައި ގޮސް ގޭތެރެއަށް ވަނެވެ. މި ހުރިހާ މަންޒަރެއްވެސް ޝާންއަށް ފެންނަމުން ދިޔައެވެ.
“އާއި މަންމާ…… ސާބަސް ކިރިޔާނުން ދަރި ނުވެއްޓުނީ… ނުނިދަނީތަ؟” ޝާން އަދިރީގައި ހުއްޓާ ފެނުމުން ސިއްސައިގެން ގޮސް ނުހާ ބުނެލިއެވެ. ޝާން ވަރަށް ހިތްހަމަ ނުޖެހިފައި އައިސް ނުހާގެ ދެއަތުގައި ވަރަށް ބާރަށް ހިފާފައި ބުނެލިއެވެ.
“އަހަރެން ބުނީމެއްނުން ނުހާ ކައިރީ ތަންކޮޅެއް ބަލައިގެން އުޅޭށޭ. ކޮންމެ ގޮތަކަށް އުޅުނަސް މީހުންނަށް ނުފެނި އުޅޭށޭ. މިއަދު އަނެއްކާވެސް އަކްރަމާއެކު ކޮންތާކަށް ގޮސްތަ ތިއައީ ބަލާބަލަ ގަޑިން ވީ އިރު. ތީ މީހެއްގެ އަންބެއްކަން ދަނެގެން އުޅެބަލަ. އަހަރެންގެ އަގު ވައްޓަން ނޫޅެ.” ރުޅިވެރި ރާގަކަށް ނުހާ ފޮޅާލަމުން ޝާން ބުނެލިއެވެ.
ނުހާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ކަންތައް ވީ ގޮތެއްވެސް އޮޅުން ނުފިލުވާ އެގޮތަށް ނުހާއާ ދިމާލަށް އެއްޗެހި ކިޔަން ޖެހޭ ސަބަބެއް ނުހާ އަކަށް ނުވިސްނުނެވެ. ދެލޯ ފޮހެލުމަށްފަހު ގޮސް ނުހާގެ ދަރިފުޅު ޒާންގެ ކޮޓަރިއަށް ވަނެވެ. މިއަދަކީ ނުހާގެ އުފަން ދުވަސްކަންވެސް ޝާން ހަނދާންނެތުނީބާ އޭ ހިތަށް އަރަމުން ދިޔައެވެ. ހަދާން ނުހުންނާނެތާ ނުހާގެ އުފަންދުވަސް ކީއްކުރަން ދެމީހުންގެ ކައިވެންޏަށް އަހަރު ފުރޭ ދުވަސް ވެސް ޝާން ހަދާނެއް ނުހުރެއެވެ. ޝާން އަކީ މީގެ ކުރިން ނުހާ އަށް ވަރަށް އަޅާލާ ނުހާ އަބަދުވެސް ހިތްހަމަޖައްސައިގެން އުޅެވޭތޯ ބެލި މީހެކެވެ. ނަމަވެސް ނުހާ ޒާން ވިހެއި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ޝާން އޭނާއަށް ރުހުމުގެ ލޮލަކުން ނުބަލައެވެ. ނުހާއަށް ޔަޤީންވާ ކަމަކީ ޝާންގެ ބަދަލަކީ އޭނާއާއި އޭނާގެ ދަރިފުޅުގެ ސަބަބުން އައި ބަދަލުތަކެއް ނުން ކަމެވެ. އެހެން ރޭތަކެކޭވެސް އެއްގޮތަށް ވިސްނުމާ ފިކުރުގައި އޮތްވާ ނުހާއަށް ނިދިޖެހުނެވެ.
ހަފްތާ ދުވަސް މިގޮތުގައި ހޭދަވެގެން ދިޔައީ ޝާންގެ އެއްވެސް ސަމާލުކަމެއް ނުހާއަށް ނުލިބިއެވެ.
“ހަލޯ.. ޔެސް ޒީ… އާން އަހަރެން ރެޑީ…” ރިންގްވި ފޯނު ކަންފަތުގައި ޖެހުމާއި އެކު ނުހާ ބުނެލިއެވެ.
މި ހަފްތާއެއްކޮށް ނުހާ އުޅެން ޖެހޭނީ ވަރަށް ބިޒީކޮށްނެވެ. އޭނާ ލީޑްރޯލް ކުޅޭ ފިލްމް “ނާމާން” ގެ އެންމެ ފަހުގެ ޝޫޓިންގްތައް މިހަފާތާ ތެރޭ އެއްކޮށް ނިންމަންޖެހެއެވެ. ޝާންވެސް އެކި އެކި މައްސަލަ ތަކުގައި ވަކާލާތުކުރުމުގައި ވަގުތު އެއްކޮށް ހޭދަ ކުރިއެވެ. ދެމަފިރިން ނިދަން ނުން ގޮތަކަށް ބައްދަލު ނުވެއެވެ. ނުހާ ޝާންގެ ކަންތައްތައް ކިތަންމެ އެގެން ބޭނުންވިއެއް ކަމަކު ޝާން މާ ބޮޑަކަށް ނުހާގެ ކަންތައްތަކަށް ނުބަލައެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Varah reethi Masha Allah ? waiting
Maasha allah …. this story is super nice …. curiously waiting for the next part ❤❤