Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ބާވީސްވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
April 6, 2020 6 Mins Read
5 Comments

އެއް މަސް ފަސް******

ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކޮށް ޒައިންގެ ޕްރޮގްރާމް ނެގުމަށްފަހު މާލެ އެއައީ މިއަދުއެވެ. ރަށްތަކަށް ގޮސް އެ ކުރެވުނު ތަޖުރިބާއަކީ ވަރަށް ފުރިހަމަ ތަޖުރިބާއެކެވެ. ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއޭ މީހުން ކިޔާތީ ޒައިން އަޑުއަހައެވެ. ނަމަވެސް އޭނާ އެކަން އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެއެވެ. އެއީ އޭނާ އުޅެ ބޮޑުވި ރަށުން އެހާ ރީތި ތަންތަން ނުފެންނާތީއެވެ. ނަމަވެސް މިއަދު ޒައިންއަށް އެކަން ޤަބޫލުކުރެވުނެވެ. ޙަޤީޤަތުގައި ވެސް މި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ އެވެ. ޤުދުރަތީ ރީތިކަމުގެ ލާމަސީލު މިސާލެކެވެ.

ޒައިން އެންމެ އަޖައިބުވީ އެމީހުން ގދ އަތޮޅަށް ކުރި ދަތުރުގައި ފެނުނު ރަށެއްގެ ސަބަބުންނެވެ. އެރަށްހާ ރީތި ރަށެއް އަދި މި ރާއްޖޭންވެސް ޒައިން ނުދެކެއެވެ. ގދ ލާބަދުވާ ގައި އޮންނަ ފިނީކާ ކުޅި އާއި ގަނބަނެ ކުޅި އާއި ބޭކަ ކުޅި ޒައިންއަށް ފެނުންވީ އެ ރަށާ މެދު ޒައިންގެ ހިތުގައި އޮތް ލޯބި އިތުރުވި ކަމަކަަށެވެ. އަދި އަވަސް މުސްތަޤުބަލެއްގައި އޭނާގެ އާއިލާ ގޮވައިގެން ގދ ލާބަދުވާ އަށް ދާން ޒައިން ވަނީ ނިންމައިފައެވެ.

“ގެޓް އިންސައިޑް ބްރޯ.” ގޭދޮރުގައި ޓަކި ޖަހާ އަޑު އިވިގެން ޝަމީމް ގޮސް ދޮރުހުޅުވިއިރު ކުރިމަތީގައި ހުރި ޒައިން ފެނިފައި ބުންޏެވެ. “އެއް މަސް ފަހުން އަނެއްކާވެސް ބޭފުޅާ އަހަރެންގެ ލޮލަށް މި ފެނިލީ. ކޮބާ ކޮންކޮން ގޮތްތަކެއްވީ ދެން ރަށްރަށަށް ގޮއްސަ؟” ޒައިން އަތަށް ފިނިފެންފުޅިއެއް ދެމުން ޝަމީމް އެހިއެވެ. ޒައިން އެ ފުޅީގެ މެދާއި ހަމައަށް ފެން ބޮއެފައި ޝަމީމް އަތަށްދިނެވެ. އެހާވެސް ބޮޑަށް ޒައިން ހުރީ ވަރުބަލިވެ ކަރުހިއްކައިގަނެފައެވެ. “ވަރަށް ސަޅި ހަމަ.” ކުރު ޖަވާބަކުން ޒައިން ފުއްދައިލިއެވެ. އަދިވެސް ޒައިން އެއުޅެނީ ދަތުރުކޮށްފައި އައިސް ހަމަޖެހިނުލެވިގެންނެވެ. “ހޫން ހޫން ދެން އިނގެޔޭ ސަޅިވާނެކަން. ސަޅި ކުދިންވެސް ފެންނާނެއެއްނު ހަމަ.” ޒައިން ޝަމީމް އާއި ދިމާލަށް ބަލައިލުމުން ޝަމީމް އެއް ލޯ މަރައިލިއެވެ. ޝަމީމް އެބުނީ ކީކޭކަން ޒައިންއަށް އެވަގުތު ނަގައިގަނެވުނެވެ. ސޯފާގައި އޮތް ކުޝަން ނަގައި ޝަމީމް އާއި ދިމާލަށް އެއްލުމަށްފަހު ޒައިން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ތާޒާވެލުމެއްވެސް ނެތި ޒައިން އެންމެ ފުރަތަމަވެސް އެނދު މައްޗަށް ވެއްޓިޖެހިގަތީއެވެ. ހަށިގަނޑަށް ލިބުނު އަރާމެއްގެ ސަބަބުން ޒައިން ބޭނުންވީ އެވަގުތުކޮޅުވެސް ނިދައިލާށެވެ. ތެދުވެ ގަމީސް ބައިލައި އެނދުމަތީ ބޭއްވުމަށްފަހު އަނެއްކާވެސް އެނދުގައި އޮށޯވެ ޒައިން ދެލޯ މަރައިލިއެވެ. މާގިނައިރުތަކެއް ނުވެ ޒައިން ނިދީގެ ފުންކަނޑަށް ގެނބިގެން ދިޔައެވެ.

އަރާމު ނިންޖަކުން ނިދިފައި އޮތް ޒައިންއަށް ހޭލެވުނީ ކޮޓަރި ދޮރުގައި ވަރަށް ބާރަށް ޓަކި ޖަހާ އަޑަށެވެ. ކަންނެތް ކަމާއިއެކު ތެދުވެ ގޮސް ދޮރުހުޅުވިއިރު ކުރިމަތީގައި ހުރީ މުނީޝާއެވެ. “މުނީ!” އާފުރިލަމުން ޒައިން މުނީޝާއަށް ގޮވައިލިއެވެ. “ސާބަސް ބޭބެއަށް. ދެންވެސް ދޭބަލަ ފެންވަރަން. އަޞުރު ނަމާދަށް ބަންގި ގޮވަން ވަނީ މިހާރު. އަދި އައިގޮތަށް އެއްވެސް އެއްޗެއް ނުކައެއްނު ތިއުޅެނީ.” ބޯކަހައިލަމުން ޒައިން ހްމްމް އެކޭ ބުނެ އަނެއްކާވެސް ކޮޓަރިއަށްވަނެވެ. ފޯނު ނަގައި ގަޑި ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އަޞްރު ނަމާދަށް ބަންގި ގޮވަން އަދި ދިހަވަރަކަށް މިނެޓު އެބައިނެވެ. ޒައިން އަވަހަށް ފާޚާނާއަށްވަދެ ފެންވަރައި ވުޟޫކޮށްގެން ނުކުތެވެ. އަލަމާރިން ރީތި ޓީޝާޓަކާއި ޖީންސެއް ނަގައި ލުމަށްފަހު މެންދުރު ނަމާދުކޮށްލިއެވެ. މެންދުރު ނަމާދުކޮށް ނިމުނުތާ އިރުކޮޅެއްނުވެ ޢަޞްރު ނަމާދަށް ބަންގި ގޮވަން ފަށައިފިއެވެ. ޒައިން ކޮޓަރިން ނުކުތީވެސް ޢަޞްރު ނަމާދުކޮށްގެންނެވެ.

ކޮޓަރިން ނުކުތްއިރު މުނީޝާ އާއި ޝިމާޔާ ހަވީރު ސައި ހެދުމައިގެން އުޅެއެވެ. “މުނީ ކޮންއިރަކު އައީ؟” ފުށްގަނޑު މޮޑެން ހުރި މުނީޝާ ކައިރިއަށް ގޮސް ޒައިން އެހިއެވެ. “މެންދުރު ފަހުން އައީ. ޝިމާޔާ ގާތުގަ ބޭބެ ކޮބާހޭ އެހީމަ ބުނީ ނިދާފަ ކަންނޭނގެއޭ. ބޭބެ މެންދުރު ނަމާދުނުކޮށް އުޅޭކަން އިނގިގެން އަހަރެން އެހާވަރަކުން ބޭބެއަށް ގޮވީ.” މުނީޝާ ބުންޏެވެ. ޒައިން އޯ އޭ ބުނެ ބަދިގެ މޭޒުކައިރީ އިށީނެވެ. “ކޮބާ އާރިޝްމެން؟” އާރިޝްމެން ނާންނަކަން ފާހަގަކުރެވިގެން ޒައިން އެހިއެވެ. “ތިއްތިބެމެން ވެއްޖެ ގޭގަ.” ޒައިން އެހެންދޯއޭ ބުނެ ސިޓިންގްރޫމަށް ދިޔައެވެ. ސިޓިންގްރޫމުގައި ޝަމީމް ނެތުމުން ޝަމީމް ވާނީ ކޮޓަރީގައޭ ހިތައި ޒައިން ޝަމީމްގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ކޮޓަރި ދޮރު ތަޅު ނުލައި ހުރުމުން ވަރަށް ފަސޭހައިން ކޮޓަރި ދޮރު ހުޅުވުނެވެ. ނަމަވެސް އަނދިރިކޮށް އޮތް ކޮޓަރި ފެނިފައި ޝަމީމް ކޮޓަރީގައި ނޫޅޭކަން ޒައިން އަށް އެނގުނެވެ.

“ޝިމް ކޮބާ ދޮންބެ؟” ބަދިގެ ދޮރުމަތީގައި ހުއްޓިލަމުން ޒައިން އެހިއެވެ. “ނޭނގެ. ބޭރަށް ދިޔައީ ކަންނޭނގެ. ގުޅާލަބަލަ.” މަސްހުނިގަނޑު މޮޑެން ހުރެ ޝިމާޔާ ބުންޏެވެ. ޒައިން ކޮޓަރިއަށްވަދެ އޭނާގެ ފޯނު ނަގައި ޝަމީމްގެ ނަމްބަރަށް ގުޅައިލިއެވެ. ޝަމީމްގެ ފޯނު ނިއްވައިލައިފައި ކަމަށް ބުނުމުން ޒައިން ފޯނު ބާއްވައިފައި ސިޓިންގްރޫމަށް ނުކުތެވެ. ޝަމީމްގެ ފޯނު ނިވިފައި އޮތުމުގެ ފަހަތުގައި ވަރަށް ބޮޑު ސަބަބެއްވާކަމެއް ޒައިން އަކަށް ރޭކައެއް ނުލައެވެ.

މާލޭގައި ހުރި ފަޅު ގެއެއްގެ ތެރެއިން މީހަކު ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އެއަށްފަހު އިވުނީ އެއްޗަކުން ޖެހި އަޑެވެ. ހީވާގޮތުން އެއީ އެމީހެއްގެ ގައިގައި ދަނޑިބުރިއަކުން ޖެހިއަޑެވެ. އެއާއިއެކު އަނެއްކާވެސް އިވުނީ އެމީހެއްގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއަޑާއިއެކު މީހަކު ވަރަށް ބާރަށް ހީގަތްއަޑުވެސް އިވުނެވެ. “ކަލޭ މަށަށް ދިން އަނިޔާގެ ބަދަލުމީ. އެދުވަހު ކޮށްލެވުނުވަރު އަދި ކުޑައީ.” އިވުނީ އަންޖަދުގެ އަޑެވެ. ފުލުހުން އޭނާ ބަންދުކޮށްފައި ބެހެއްޓީ އެއް މަސް ވަންދެނެވެ. އެއަށްފަހު އަންޖަދު އަށް ނަޞޭޙަތް ދިނުމަށްފަހު ދޫކޮށްލިއެވެ. ނަމަވެސް ފުލުހުން ދިން އެއްވެސް ނަޞޭޙަތެއް އަންޖަދު އަޑުއެހިހެނެއް ހިޔެއް ނުވެއެވެ. އަދިވެސް އެ އުޅެނީ މީހުނަށް ނުޙައްޤުން އަނިޔާކުރުމުގައެވެ.

“ކަލޭ ހަދާނެގޮތެއް މަށަށް ހެދިޔަސް ޝިމްއަށް ހިތުހުރިހައި ގޮތެއް ކަލެއަކަށް ނުހެދޭނެ.” އަނގައިން ފައިބަމުން ދިޔަ ލޭތައް ބުރުއްސައިލުމަށްފަހު އުނދަގޫގޮތަކަށް ޝަމީމް ބުންޏެވެ. އަންޖަދު އައިރުޅިން ޝަމީމްގެ މޭމަތީގައި އޭނާގެ ފައިން ޖެހިއެވެ. ޝަމީމް ތަޅުންގަނޑުމައްޗަށް ވެއްޓުމާއިއެކު އޭނާގެ ބޯ ޖެހުނު ގޮތަކުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މަޑުމަޑުން މަންޒަރުތައް ނުސާފުވެ އެއްކޮށް އަނދިރިވިއެވެ. ހީވާގޮތުން ޝަމީމްގެ ޚަބަރު ހުސްވީއެވެ. އަންޖަދު އެތަނުން ނުކުމެގެން ދިޔައީ ޝަމީމްގެ މޫނުމަތީ އޭނާގެ ފައިން ޖަހައިފައެވެ.

އަންޖަދު އަދިވެސް އެ ހުންނަނީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް ޝިމާޔާ ޙާޞިލްކުރަން ފައިވިއްދައިލައިގެންނެވެ. ޝަމީމް ދިރިހުއްޓައި އެކަން ކުރަން އަންޖަދުއަށް އުނދަގޫވާނެކަން އިނގޭތީ އަންޖަދު އެ މަސައްކަތްކުރަނީ ޝަމީމްގެ ދުވަސް ދުއްވާލާށެވެ. ސޯޓުގެ ޖީބުގައި އޮތް ޝަމީމްގެ ފޯނު ނަގައި އެ ހުޅުވައި ބަލައިލިއިރު ޒައިން އާއި ޝިމާޔާގެ މިސްޑްކޯލްތަކެއް ހުއްޓެވެ. އެއަށް ފަރުވާލެއްނެތި އަންޖަދު އަނެއްކާވެސް ޝަމީމްގެ ފޯނު އޮފް ކޮށްލިއެވެ. އަދި ޖެޓީކައިރިއަށް ގޮސް ކަނޑާއި ދިމާލަށް އެ ފޯނު ހޫރައިލިއެވެ. ތަންކޮޅެއް ދުރުން ދުއްވަމުން ދިޔަ ލޯންޗެއްގައި އެ ފޯނުޖެހި ކަނޑުތެރެއަށް ފޯނު ވެއްޓުނެވެ. ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ އަންޖަދު އޭނާ ދިރިއުޅޭ ގެއާއި ދިމާލަށް ދާން މިޞްރާބު ޖެހިއެވެ.

މެންދަމުގެ ވަގުތެވެ. އެސްފިޔަ ޖަހައިލުމަށްފަހު ޝަމީމް ދެލޯ ހުޅުވައިލިއެވެ. އެއާއިއެކު ބޮލަށް އެރި ތަދެއްގެ ސަބަބުން އަނެއްކާވެސް ދެލޯ މަރައިލިއެވެ. އިރުކޮޅެއްނުވެ ޝަމީމްގެ މޭގައި ރިއްސަން ފެށިއެވެ. ނޭފަތުގެ މުދުންމަތީގައިވެސް ރިއްސަން ފެށިއެވެ. އެހެން ގޮސް ޝަމީމްގެ މުޅި ހަށިގަނޑުގައި ވޭން އަޅަން ފެށިއެވެ. ޝަމީމްއަށް ތެދުވެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ކަރުހިއްކައިގަނެފައި އޮތް ޝަމީމް ބޭނުންވީ ފެންފޮދެއް އަރުތެރެއިން އެތެރެ ކުރާށެވެ. ނަމަވެސް ފެންފޮދެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ކާއެތިކޮޅެއް އޭނާއަށް ލިބޭނެ ގޮތެއްވެސް ނެތެވެ. އަންޖަދު އޭނާއަށްދިން ރަޙުމުކުޑަ އަނިޔާތަކެއްގެ ސަބަބުން ޝަމީމް އެއޮތީ އެއޮތްތަނުން ހިރިނުލެވިފައެވެ. ﷲ އަށް ވަކީލުކޮށްގެން ކެތްތެރިވެގެން އެތާ އޮތުން ނޫންގޮތެއް ޝަމީމްއަކަށް ނެތެވެ.

ނިދިފައި އޮތް ޝިމާޔާއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގްވާން ފެށި އަޑަށެވެ. ކަންނެތް ކަމާއިއެކު ދެލޯ ހުޅުވައިލަމުން ޝިމާޔާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ އެ ގުޅަނީ ކާކުތޯ ވެސް ބަލައިނުލައެވެ. “ޝިމާ ބޭބީ.” ކަންފަތުގައި ޖެހުނު އަޑުގެ ސަބަބުން ޝިމާޔާއަށް ލުއްކެއް ޖަހައި އެނދުން ތެދުވެވުނެވެ. ޝިމާޔާގެ ނިދި އެކީ ފިލައިގެން ދިޔަކަހަލައެވެ. ދުވަހެއްގެ ކޮޅުންވެސް ދެން އަންޖަދުގެ އަޑު ޝިމާޔާއަށް ނީވޭނެކަމަށް ޝިމާޔާއަށް ހީކުރެވިފައިވިއެވެ. ނަމަވެސް ކުރެވުނީ ކުށްހީއެއްކަން މިރޭ ޝިމާޔާއަށް އެނގިއްޖެއެވެ. އެއްވެސް އެއްޗެކޭ ބުނުމެއްނެތި ޝިމާޔާ ފޯނު ކަނޑައިލިއެވެ. އަންޖަދު އާއި ވާހަކަދައްކަން ބޭނުންނުވާ އިރު އަންޖަދުގެ އަޑު އަހާކަށް އެއްގޮތަކަށްވެސް ޝިމާޔާ ބޭނުމެއްނޫނެވެ. އިސްތަށިގަނޑުތެރެއަށް އަތުގެ އިނގިލިތައް މަހައިލަމުން ސޯފާގައި އިށީންދެވުނީ ދުވަހަކުވެސް މިދުވަހާ ކުރިމަތިލާން ޖެހިދާނެކަމަށް އެއްގޮތަކަށްވެސް ހީކުރެވިފައި ނުވުމުންނެވެ.

ފޯނަށް ނޮޓިފިކޭޝަނެއް އައި އަޑުއިވުމުން ޝިމާޔާ ފޯނަށް ބަލައިލިއެވެ. މި ގަޑީގައި އަންޖަދުގެ ފަރާތުން ނޫނީ މެސެޖެއް ނާންނާނެކަން ޝިމާޔާއަށް އިނގޭތީ އޭނާ އެއިންގޮތަށް އިނެވެ. ފޯނުގައި އަތްލާންވެސް ބޭނުންނުވެފައި ޝިމާޔާ އިނެވެ. ޝަމީމް އަދިވެސް ގެއަށް ނާންނަކަން ހަނދާންވުމުން ޝިމާޔާ ސޯފާއިން ތެދުވީ އެއީ ފަހަރުގައި ޝަމީމްގެ މެސެޖަކަށް ވެދާނެކަމަށް ހީވުމުންނެވެ. ޝަމީމް މިއަދު ހެނދުނު ބޭރަށް ދިޔަގޮތަށް ގެއަށް ނާންނާތީ ޝިމާޔާމެން ނިންމައިގެން އެ ތިބީ ޝަމީމް ހުޅުމާލޭގައި މާ ބިޒީކޮށް އުޅެނީކަމަށެވެ. ފޯނު ނަގައި ބަލައިލިއިރު އަންޖަދުގެ ފަރާތުން ވީޑިއޯ މެސެޖެއް އައިއްސައި އިނެވެ. ދެބުމަ ގޮށްޖަހައިގެން ހުރެ ޝިމާޔާ އެ ވީޑިއޯ މެސެޖު ހުޅުވައިލިއެވެ. ޕްލޭވަމުން ދިޔަ ވީޑިއޯއިން ފެންނަމުން ދިޔަ މަންޒަރުތަކުން ޝިމާޔާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަން ފެށިއެވެ. އިތުރަށް އެ ވީޑިއޯ ބަލަން ނުކެރުމުން ޝިމާޔާ ފޯނު ލޮކްކޮށްލައިފައި އެނދުމައްޗަށް އެއްލައިލިއެވެ.

ފަތިސް ނަމާދަށް ބަންގި ގޮވީ ޝިމާޔާ ސޯފާގައި ރޯން އިންދައެވެ. ކޮޓަރީގައި އޭސީގެ ފިނި ހަރުލައިފައި ހުއްޓެއްކަމަކު ޝިމާޔާވަނީ އެއްކޮށް ދާހިތްލައިފައެވެ. އޭނާގެ ދޮންބެ އަށް އަނިޔާ ކުރާ މަންޒަރު ޝިމާޔާއަށް އެ ފެނުނީ ވީޑިއޯއެއްގެ ޒަރީޢާއިންނެވެ. ހަމަ ލޮލަށް އެ މަންޒަރު ފެނުނުނަމަ އެފަކީރަށް ކިހާވަރެއްވާނެހެއްޔެވެ؟ ބަންގީގެ އަޑު ކެނޑުމުން ޝިމާޔާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު ފާޚާނާއަށްވަދެ ރީތިކޮށް ފެންވަރައި ވުޟޫކޮށްގެން ނުކުމެ ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިންމައިގެން ދެއަތް އުފުލައި ﷲ ގެ ޙަޟްރަތަށް ދުޢާ ކުރުމުގައި އެތައް އިރަކު ޝިމާޔާ އިނެވެ.

ނަމާދުކޮށްގެން ނުކުތް ޒައިން އޭނާގެ ގަމީހަކާއި ފަޓްލޫނެއް ހިފައިގެން ސިޓިންގްރޫމަށް ނުކުތެވެ. އިސްތިރި މޭޒުމަތީ އެ އެއްޗެހި ބެހެއްޓުމަށްފަހު ޒައިން ޝިމާޔާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ކޮޓަރި ދޮރުގައި ޓަކި ޖަހަން އަތް ހިއްލައިލި ވަގުތު އެތެރެއިން ޝިމާޔާގެ ގިސްލުމުގެ އަޑު އިވުނުހެން ހީވެގެން ޒައިން އަތް ތިރިކޮށްލިއެވެ. ދޮރުގައި ކަންފަތް ޖައްސައިލީ އެކަން ޔަޤީންކުރުމުގެ ގޮތުންނެވެ. މިފަހަރު ޝިމާޔާގެ ގިސްލުމުގެ އަޑު ޒައިންއަށް ވަރަށް ސާފުކޮށް އިވުނެވެ. ޝިމާޔާއަށް ވީގޮތެއް ބަލައިލުމަށްޓަކައި ޒައިން ދޮރު ހުޅުވަން އުޅުނެވެ. ނަމަވެސް ތަޅުލައިފައި ހުރުމުގެ ސަބަބުން ދޮރުގައި ޓަކި ޖަހައިލުމަށްފަހު ޝިމާޔާއަށް ގޮވައިލިއެވެ.

ޒައިން ގޮވާ އަޑު އިވިގެން ޝިމާޔާ އަވަސްއަވަހަށް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. އަޗި ނަމާދުކުރަން ބޭނުންވާ އެއްޗެހި ބައިލައި އަލަމާރިތެރެއަށް ލުމަށްފަހު ފާޚާނާއަށްވަދެ މޫނު ދޮވެލިއެވެ. ރަނގަޅަށް މޫނުދޮވެ މޫނު ހިއްކައިލުމަށްފަހު ޝިމާޔާ ކޮޓަރިން ނުކުތެވެ.

“ސޮރީ. ތަންކޮޅެއް ލަހުން ހޭލެވުނީ. ހަމަ ދެންމެ މި ނަމާދުކޮށް ނިމުނީ.” އިސްޖަހައިގެން ހުރެ ޝިމާޔާ ބުންޏެވެ. ދޮގު ހަދަން ޖެހުމުގެ ސަބަބުން ޝިމާޔާއަށް ވާހަކަދެއްކުނީވެސް އުނދަގޫ ގޮތަކަށެވެ. ޒައިންއާއި ދިމާލަށް ބަލައިވެސްނުލައި ޝިމާޔާ ގޮސް ޒައިންގެ އަންނައުނު އިސްތިރިކުރަން ފެށިއެވެ. “ލަހުން ހޭލެވުނީމަތަ މާވަރަކަށް ރުއީ؟” ޝިމާޔާގެ ޙަރަކާތްތަކަށް ބަލަން ހުރެ ޒައިން އެހިއެވެ. ޒައިންގެ އެ ސުވާލުން ޝިމާޔާއަށް އޭނާގެ ޙަރަކާތްތައް މަޑުޖައްސައިލެވުނެވެ. ދެފަހަރަކު އެސްފިޔަ ޖަހައިލުމަށްފަހު އަނެއްކާވެސް އިސްތިރިކުރަން ފެށިއެވެ. ޝިމާޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޒައިންވެސް ހިމޭންކަން އިޚްތިޔާރުކޮށްގެން ސޯފާގައި އިށީނެވެ. އިސްތިރިކޮށް ނިމޭންދެންވެސް ޒައިން އިނީ ޝިމާޔާގެ ޙަރަކާތްތަކަށް ފަރުވާތެރިކަމާއިއެކު ބަލާށެވެ. ޝިމާޔާގެ އަތް ތުރުތުރު އަޅާކަން ޒައިންއަށް ފާހަގަވިއެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ ޒައިން އިނީ ޝިމާޔާ އެއްޗެއް ބުނަންދެނެވެ. އިސްތިރިކޮށް ނިމުމުން ޝިމާޔާ ޒައިންގެ އެއްޗެހި ޒައިން އަތަށް ދިނުމަށްފަހު އަނެއްކާވެސް ކޮޓަރިއަށް ދިޔައެވެ. ޝިމާޔާގެ ޢަމަލުތައް މިއަދު ހުރިގޮތުން ޒައިންގެ ހިތުގައި އެތަކެއް ސުވާލު އުފެދުނެވެ. ޝިމާޔާ ހަނުހުންނަނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ކަމެއް ގޯސްވީބާއެވެ؟ މި ހުރިހާ ކަމަކާ ވިސްނަން ނުހަދައި ޒައިންވެސް އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ކޮޓަރިއަށް ވަތް ޝިމާޔާ ހުރިތަނަށް ތިރިވިއެވެ. އެއާއިއެކު ޝިމާޔާގެ ބަޑިފަޅައިގެން ދިޔައެވެ. ޒައިން އާއި އެ ވާހަކަތައް ޚިއްޞާ ކުރަން ޝިމާޔާ ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ޒައިންގެ މޫޑު ޚަރާބުވާން ޝިމާޔާ އެއްގޮތަކަށްވެސް ނޭދޭތީ ޝިމާޔާ އެ ވާހަކަ ނުބުނީއެވެ. މިވަގުތު ޒައިން ގާތުގައި އެ ވާހަކަތައް ބުނެފިނަމަ ޒައިން ޑިއުޓީ އަށް ގޮއްސައި ވެސް އެނޫން ކަމަކާއި ދޭތެރޭ ޒައިންއަކަށް ނުވިސްނޭނެކަން ޝިމާޔާއަށް އެނގެއެވެ. އެހެންނަމަވެސް ޝިމާޔާއަށް އެވާހަކަތައް ސިއްރުކޮށްގެނެއް ނުހުރެވޭނެއެވެ. މިހާރުވެސް އޭނާގެ ދޮންބެ އެ މަރަށް ތެޅެނީއެވެ. ޝިމާޔާ ތެދުވެ އެނދުމަތީގައި އޮތް އޭނާގެ ފޯނު ނަގައި ކޮންޓެކްޓް ލިސްޓު ބަލައިލިއެވެ. ނަޞީބަކުން ނައިޒަކްގެ ނަމްބަރު ސޭވްކޮށްފައި އެބަ އިނެވެ. ފަހުން ނައިޒަކްއަށް އެ ހުރިހާ ވާހަކައެއް ކިޔައިދޭނީއޭ ހިތައި ޝިމާޔާ ފޯނު ބޭއްވުމަށްފަހު މޫނު ފުހެލިއެވެ. އަދި އަވަހަށް ބަދިގެއަށްގޮސް ޒައިންއަށް ސައިހަދައިދޭން އުޅުނެވެ.

އެދުވަހު ހެނދުނުގެ ސައި ބޯން ޖެހުނީ ޒައިން އެކަންޏެވެ. ޝިމާޔާ ކައިރީ އާދޭސްކޮށްގެންވެސް ޝިމާޔާ ކާއެތިކޮޅެއް އަނގައަކަށް ނުލިއެވެ. ކުޑަމިނުން ފެންފޮދެއްހާ މިންވަރުވެސް އަރުން އެތެރެނުކުރިއެވެ. ސައިނުބުއިތަނުގައި ވީގޮތެއްވެސް ޝިމާޔާއެއް ނުކިޔައިދިނެވެ. އެންމެ ފަހުން ޚަތިޔާރު ބަހައްޓަން ޖެހުނީ ޒައިންއަށެވެ.

މަގުމަތީ ޒައިން ހިނގަމުން ދިޔައިރުވެސް ވިސްނެމުން ދިޔައީ ޝިމާޔާ އާއި ދޭތެރޭގައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު ޝިމާޔާ އެއުޅުނު ގޮތަކުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޒައިންއަށް ޔަޤީންވިއެވެ. ނަމަވެސް މައްސަލައަކީ ޝިމާޔާ އެ ވެގެން އުޅޭގޮތެއް ޒައިން ގާތުގައި ނުބުނާތީއެވެ. “އޭ ބްރޯ މަމިދަނީ ފަސްވަރަކަށް މިނެޓުތެރޭގަ ތި ދިމާލަށް. މަ ދާންވާއިރަށް ކައެ ޝަމީމް ހިފަހައްޓާތި.” ޒައިންގެ ފަހަތުން އައި އަންޖަދު އެ ބުނި ޖުމުލަ ޒައިންގެ ކަންފަތާއި ހަމައަށްވެސް ފޯރިއެވެ. ޒައިން ކުއްލިއަކަށް އެ ހުރިތާ ހުއްޓުނެވެ. ފަހަތުން އައި އަންޖަދު ޒައިންގެ ގައިގައި ޖެހުނެވެ. “ތަންކޮޅެއް ބަލައިން އުޅެބަލަ.” ބިންމައްޗަށް ވެއްޓުނު ފޯނު ނަގަމުން އަންޖަދު ބުންޏެވެ. ކުރިމަތީގައި އަންޖަދު އާއި ދިމާލަށް ދެބުމަގޮށްޖަހައިގެން ބަލަން ހުރި މީހާ ފެނި އަންޖަދު އަށް ފަހަތަށް ޖެހެވުނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

މާޒީގެ ހަދާން

Next

ތީ އޭ އުފަލަކީ…(3)

Next
April 6, 2020

ތީ އޭ އުފަލަކީ…(3)

Previews
April 6, 2020

މާޒީގެ ހަދާން

5 Comments!

  1. Dhonthy says:
    April 6, 2020 at 8:08 am

    Salaam hurihaa kiyuntherin ❤️❤️❤️❤️❤️ Miothee vaahakaige baaveesvana bai upload vefa. Mi bai meenee dhonthi enme hiyhamajeheyvarah liyefa. Dhn faharuga readers au mi bai kuruvumakee ekasheegenvaakameiy. Hehe. Everyone stay safe at home and follow the guidelines given by WHO and HPA. Enjoy reading and leave a comment. Love you all❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️????????????

  2. Shifoo says:
    April 6, 2020 at 2:46 pm

    Varah reethi mashaalaah one of my favourite author

    1. Dhonthy says:
      April 7, 2020 at 6:09 am

      Awww thank you so much dear. Awww vvvv ufaavejje

  3. King sindbad says:
    April 9, 2020 at 11:47 pm

    kiyaava.ehchisge beynu hifan ingey kuhjehkamah mi balany…hehe…mibuny laabadhuvaa ge vaahak iyega inyma..btw varah reethi mibaivess

    1. Dhonthy says:
      April 12, 2020 at 10:15 pm

      Alhe v bodah sorry. Hama dhenme mi comment fenunee. ☹️ Anyways thank you so much King Sindbad. Yes brother/sister dhonthi abadhu es masakkaiy kuran kiyavaa echcheheege beynun Kuran. Because it will benefit for me as well as the society. Hehe. Thank you so much King Sindbad

Comments are closed.


All Right Reserved!