Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނުވާނަން ތަފާތެއް… 23

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
April 3, 2020 13 Mins Read
5 Comments

”ކިހިނެއް ވެގެންތަ މިއުޅެނީ؟…” ބޮޑުކޮޓަރިއަށް އައި ހުސޭނު އަޑު ހަރުކޮށް ބުނެލިއެވެ. ”ކޮންގޮތަކަށްތަ ގިޔާން ވާހަކަ ތި ދައްކަނީ… އެއީ ގިޔާންގެ މަންމައެއް ނޫންތަ؟…”

”އެއީ އަހަރެންގެ މަންމައެއް ނޫން…” ގިޔާން ރައްދުގައި ބުނެލުމުން، ގިޔާންގެ އަތުގައި މަލްސާއަށް ހިފަހައްޓާލެވުނެވެ. ރޮވިފައިވާ ލޮލަކުން ގިޔާންއަށް ބަލާލަމުން އޭނަ ދެފަރާތަށް ބޯހޫރާލީ ހަނުހުރުމަށް އެދޭ ފަދައިންނެވެ. ފުންނޭވާއެއް ދޫކޮށްލި ގިޔާން އިތުރަށް ރުޅި ގަދަވިއެވެ.

”ހުސޭނުގެ ދަރިންނާ ހެދި ލަދުން ބޯފަޅައިގެންދާ ވަރުވޭ، ފިރިހެން ދަރީގެ ނެތް އެއްވެސް ތަރުބިއްޔަތެއް، މަންމަގެ ލަޤަބު ލިބިފައި ހުރި މީހާއާ ދިމާއަށް ވެސް އަވަގުރާނަ ގޮވާލަން ފަހެއް ނުޖެހޭ، ދެން ހުރީ އަންހެންދަރި…. ޗީ… އޭނަގެ ކޮށްގެން އުޅޭ ކަންތަކުގެ ވާހަކަ ނުދެއްކިއްޔާ ކަން ނޭގެ ރަގަޅުވާނީ، މުޅި މާލެއަށް އަހަރުމެން ބަދުނާމު ކޮށްފަ އޭނަ ދޫކުރާނީ…” މަލްސާއާއި ދިމާއަށް އަތް ހޫރާލަން ޖަމީލާ އުޅުނެވެ. ހުޝިޔާރުވެ ހުރި ގިޔާން ޖަމީލާގެ އަތުގައި ހިފެހެއްޓިއެވެ.

”ކަލޭ ކޮންމެ ވައްތަރެއް ޖެއްސިޔަސް ދެނެއް އޭނަ ދިފާއެއް ނުކުރެވޭނެ… ހުރި ގޮތް ބަލާބަލަ، ކަލޭ ހިތުން ކަލޭ ތީ ކުށެއް ނުކުރާ މީހެއް ދޯ، ލަދުކުޑަ އަންހެނާ…” ހަމަލާ ނާކާމިޔާބުވުމުން ޖަމީލާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އޭނަ ހުރީ މަލްސާއާ ދިމާއަށް ލޯއަޅާލައިގެންނެވެ. މުޅިން އައު ޖޯޝެއް ލިބިފައިވާ ކަހަލައެވެ.

މަލްސާ ހުރީ ވާނުވާ ނޭގިފައެވެ. ދޮންމަންމަ އޭނަގެ ބޮލުގައި އަޅުވާ ފަދަ ކަމެއް އޭނަ ނުކުރެއެވެ. ދެން އެފަދަ ދޮގު އިލްޒާމެއް އޭނަގެ ބޮލުގައި އެއަޅުވަނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ އަގު ވެއްޓޭނެހެން ބައްޕައާއި ކޮއްކޮގެ ކުރިމަތީގައި ވާހަކަ އެދައްކަނީ ކީއްވެގެން ހެއްޔެވެ؟ ހިތުގައި އުފެދިގެން އައި ސުވާލުތަކާއެކު ޝަކުވާތައް ފުނި ޖެހުނެވެ. އާއިލަ ބަދުނާމުވާނެ ފަދަ ކަމެއް އޭނަ ނުކުރެއެވެ. ނުވެސް ކުރާނެއެވެ. އަމިއްލަ ނަފުސަށް އަބަދުމެ އެއިތުބާރު އޮންނާނެއެވެ.

”ޖަމީލާ!…” ހުސޭނު ބާރަށް ބުނެލިއެވެ. އެއަޑަށް ޖަމީލާގެ އަމަލުތައް އިތުރަށް ގޯސްވިއެވެ. އޭނައަށް ހީވީ ހުސޭނު އުޅެނީ މަލްސާ ދިފާއުކުރަން ކަމަށެވެ. ވާނީވެސް އެހެންތާއެވެ. އަމިއްލަ ލޭ ކިތަންމެ ކިލަނބު ވިޔަސް ދިފާއުކުރުން އެއީ އިންސާނީ ތަބީއަތުގައި ލައްވާފައިވާ ކަމެއްކަމެކެވެ. ނަމަވެސް ހަޤީޤަތް އެނގުމުން އެފަދައިން ހުސޭނު އަމަލުކުރާނެ ހެއްޔެވެ؟ ހުރިހަމައެކަނި އަންހެންދަރިފުޅު އެއުޅެނީ އިއްފަތްތެރިކަން ނީލަން ކިޔައިގެން ނަހަލާލަށް ބަލިވެފައެވެ. އެހަޤީޤަތާ ކުރިމަތިލާން ހުސޭނަށް ކެރޭނެ ހެއްޔެވެ؟

”ގިޔާ… ހިނގާ ކޮޓަރިއަށް ދާން…” ގިޔާންގެ ރުޅި ކޮންޓްރޯލުން ދޫވެދާނެތީ މަލްސާ އުޅުނީ ގިޔާން ގޮވައިގެން އެތަނުން ދާށެވެ. ދޮންމަންމަ އޭނަގެ ބޮލުގައި އަޅުވާ ތުހުމަތުތަކަށް ރައްދުދޭކަށް އޭނަ ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވީ އެހަޅުތާލުގަނޑުގެ ތެރޭން އޭނަގެ ކޮއްކޮ ސަލާމަތުގެ އައްސޭރިޔަކަށް ގެންދާށެވެ.

”ކޮންތާކަށް ދާނަމޭ ހިތާ ކަލޭ ތިއުޅެނީ، ލާހިކެއް ނޫން ކަލެއަށް ސަލާމަތް ވެވޭކަށް… އިއްފަތްތެރިކަން ނީލަން ކިޔާފަ މުޑުދާރުގޮތްގޮތަށް އުޅެފަ އައިސް މިގެއަށް ވަންނަން ކަލޭ ލަދެއް ނުގަނޭތަ؟…” ޖަމީލާ ބުނެލި ހޮނުގުގުރީގެ ޖުމްލައިގެ ސަބަބުން މާހައުލަށް ވެރިވީ ހިމޭންކަމެވެ. މަލްސާ ހުރީ ޝޮކެއްގެ ތެރޭގައެވެ. އެފަދަ އިލްޒާމެއް އޭނަގެ ބޮލުގައި އަޅުވަފާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ދޮންމަންމަ އޭނަ ދެކެ ނަފުރަތުކުރާކަން އެނގެއެވެ. އެކަމަކު ހަޤީޤަތާ ހިލާފު އެފަދަ މުޑުދާރު އިލްޒާމެއް އޭނަގެ ބޮލުގައި އެޅުވީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ އަގުވައްޓާލަން ހެއްޔެވެ؟ ބަދުނާމުކޮށްލަން ހެއްޔެވެ؟ އެފަދައިން އޭނައާ މެދު ކަންތައް ކުރަން އޭނައަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟

”ބަސްހުއްޓިއްޖެދޯ؟…” މަލްސާއަށް ބަލާލަމުން މަލާމާތުގެ ރާގަކަށް ޖަމީލާ ބުނެލިއެވެ.

ހުސޭނު ކުރިއަށް ޖެހިލިއެވެ. ޖަމީލާގެ ޖުމްލަ ޤަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ. އޭނަ މަލްސާއަށް ބަލާލީ ހިތުގައި އުފެދިފައިވި ސުވާލުތަކުގެ ޖަވާބު އެނގެން ބޭނުންވެފައިވާ ހާލުގައެވެ.

”ހުސޭނު ހައިރާންވާނެކަމެއް ނެތް، އޭނަ ހުރިހާ ގަނޑެއް ގަނެގެން އެހެރީ ހަރާން ދަރިއަކަށް ބަލިވެ، ކޮންފަދަ ހުތުރު އިލްޒާމެއް އަހަރުމެންގެ ބޮލުގައި އެއުޅުވީ، ލަދުން މީހަކަށް މޫނު ދައްކާކަށް ނުކެރޭނެ…” ހަރުވާޅުގެ ޖީބުން ނެގި ޓެސްޓްކިޓް މަލްސާއާއި ދިމާއަށް ހޫރާލަމުން ޖަމީލާ ބުނެލިއެވެ. އިވެމުން ދިޔަ ވިހަގަދަ ޖުމްލަތަކުން މަލްސާ ހުރީ ހުއްޓުންއަރާފައެވެ. ފައިގެ ދަށަށް ވެއްޓުނު ޓެސްޓްކިޓަށް ބަލަން ގަނޑުވެފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ. ލޮލުންފޭބި ކަރުނަތަކާއެކު މަންޒަރު ވަނީ ފުސްވެފައެވެ. ގުދުވެލަމުން މަލްސާ އެޓެސްޓްޓިކް ނެގިއެވެ. އޭރު އޭނަގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ. މޭގައި ވަރުގަދަ ތޫފާނެއް އުފެދި އޭނަގެ މުޅި ވުޖޫދު އެނބުރެމުންދާ ކަމުގެ އިހުސާސް ކުރެވުނެވެ.

”މި ކާކުގެ؟… ނޫރާލް؟…” އެލަފުޒުތައް ވީ މަލްސާގެ ހިތުގައެވެ. ޔަޤީނުންވެސް އެއީ އޭނަގެ އެއްޗެއް ނޫނެވެ.

”ތިއޮތީ ކަލޭގެ މުޑުދާރުކަން އަންގައިދޭ ހެކި، އަދި އެބަހުއްޓެއްނު މައުސޫމްކަމަށް ހެދިގެން…” ޖަމީލާ ބުނެލިއެވެ. މަލްސާ ރައްދެއް ނުދިނެވެ. އޭނައަށް ވިސްނެމުން ދިޔައީ ހަމަ އެންމެ ކަމަކާ މެދުގައެވެ. ނޫރާލް އެވެ. ފަހަކަށް އައިސް ނޫރާލްއަށް ބަދަލުތަކެއް އައިސްފިކަން އޭނައަށް ވަނީ ފާހަގަ ކުރެވިފައެވެ. ދެދުވަސް ކުރިން ހަޑުލަނިކޮށް ވެސް ވަނީ ފެނިފައެވެ. ހިތުގައި އުފެދުނު ސުވާލުތައް ކުރުމުން ނޫރާލްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ދުވަސްވަރަކީ މާލޭގައި ހުންގަނޑު ފެތުރެމުން އައި ދުވަސްކޮޅެކެވެ. އޭނަ ހީކުރީ ނޫރާލް ހުންއައީ ކަމަށެވެ.

ކަންތައް ވެގެން ދިޔައީ މަލްސާ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. މަލްސާގެ ހިތް ނެގިނެގިފައި ޖެހުމުން ދިޔައެވެ. ނޫރާލްއާ މެދު އޭނަގެ ހިތް ބިރުގަތެވެ. ތިމާމީހާ ހުރި ހާލަތާ މެދު ވިސްނާނުލެވުނީ އެހެން ވީމައެވެ.

”މަލްސާ!!!…” ހުސޭނަށް ހޭވެރިކަން ވެގެން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ޖަމީލާގެ ވާހަކަތައް ވިސްނައިގަންނަން އޭނައަށް ވަގުތު ނެގިއެވެ. ލޯކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން އޭނަގެ ހިތުގައި ބިރުވެރިކަމާއެކުވެ ރުޅިވެރިކަން ވިންދުޖަހަން ފަށައިފިއެވެ. މީހާގެ ހޭބުއްދިފިލާދާހާ ވެއްޖެއެވެ.

”ހުސޭނު އޭނަ ބޭނުންކަމެއް ކުރުމުގެ ފުރުސަތު ދިނުމުގެ ނަތީޖާ މިފެންނަނީ!… ކީކޭ ދެން ބުނާނީ، ލަދުން ބޯހަލާކު އެބަވޭ… މަށަށް އޭތި ފެނުނީ ފާޚަނާގެ ތެރޭން…” ޖަމީލާ އިތުރަށް މަސްލަހަތު ގޯސްކުރަން އުޅުނެވެ. މަލްސާ ހިމޭނުން ހުރުމުން އޭނަގެ މަޤުސަދު ހާސިލުވަމުން ދިޔަކަން އޭނައަށް އެނގުނެވެ. އެހިނދު ތުންފަތަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ.

”ކީއްވެ ތިހުންނަނީ!، އެއީ ތެދެއްހޭ!… އެހާ ހާލުން ބަލާ ބޮޑުކުރުމުން ތިއީތާ ކަންތައް ކުރަން އެނގުނު ގޮތަކީ، މިއަދު ކަލޭގެ މަންމަ ދުނިޔޭގައި ކެތްކަން އެއީ ނަސީބެއްކަން ނޭގޭ، މިދުވަސް ދެކެން ޖެހުނުނަމަ ކޮންފަދަ ބޮޑު ހިތްދަތިކަމެއް ލިބޭނީ…” ހުސޭން ދަތްކުނޑި ވިކައިގަތެވެ. ހޫނުވަމުން ދިޔަ ލޭގެ ސަބަބުން ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިއްޖެއެވެ.

ގިޔާން ވެސް ހުރީ ޝޮކެއްގައެވެ. ހުސޭންއާ ހިލާފަށް އޭނަ މަލްސާއަށް އިތުބާރުކުރިއެވެ. އެފަދަ ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނައަށް އޮތެވެ. އޭނަގެ ދޮންތައަކީ އެފަދަ ވިޔާނުދާ މީހެއް ނޫނެވެ. ޖަމީލާ އެއުޅެނީ ދޮންތަގެ އަގު ވައްޓާލަން ވެގެންނެވެ. ޖަމީލާގެ ނުބައި ރޭވުންތައް އޭނައަށް ރަގަޅަށް އެބަފެނެއެވެ.

”ބައްޕާ…” ރޮވިފައިވާ އަޑަކުން މަލްސާއަށް ބުނެވުނެވެ. މިކަމުން ސަލާމަތްވާނެ ގޮތެއް މަލްސާއަކަށް ނުފެނުނެވެ. އަމިއްލަ ނަފުސު ދިފާއުކުރުމުން ބަދުނާމުވާނީ ނޫރާލް އެވެ. އޭރުން އިތުރު ހިތާމަތަކެއް ނުނީ ނުލިބޭނެއެވެ. މަލްސާއަށް ގޮތް ހުސްވިއެވެ. ރަގަޅު މަގެއް އޭނައަކަށް ނުފެނުނެވެ.

މަލްސާގެ ހިމޭންކަމުގެ މާނަ ހުސޭނަށް ނެގުނީ ނުބައި ގޮތަކަށެވެ. އޭނައަށް ހީވީ މަލްސާ ހުރިހާކަމަކަށް އިއުތިރާފުވީ ހެންނެވެ. އައި ރުޅީގައި މަލްސާގެ ގަޔަށް އަތް އިސްކުރެވުނެވެ. ދެވަނަ ފަހަރަށް ޖަހަން އުޅުނު ތަނާ އެދެމެދަށް ވަނީ ގިޔާން އެވެ. އެކަމާ އައި ރުޅީގައި ގިޔާންގެ ގައިގައި ހުސޭނު ތަޅައިގަތެވެ. އެމަންޒަރު ފެނުނު މަލްސާއަށް ރޮވިއްޖެއެވެ. އެހަޅުތާލުގެ ތެރެއަށް ވަންނަން ހަދައިގެން އޭނައަށް ވެސް އަނިޔާ ވިއެވެ.

”ދޮންތަ އެކަނިތަ އެކޮޓަރީގަ އުޅެނީ، ކަލޭގެ އަންހެންދަރިވެސް އުޅެނީ އެތާނގަ، ތިހެން އައިސް ދޮންތައަށް ތުހުމަތުގެ އިނގިލި ދިއް ނުކުރެވޭނެ…” ގިޔާން އައި ރުޅީގައި ބުނެލިއެވެ. އޭނަގެ އަތުގައި މަލްސާ ހިފެހެއްޓިއެވެ. އެއީ ގިޔާން ބުނި ޖުމްލައިގެ ތެދުކަން އޭނައަށް ޔަޤީންކުރެވުނު ވަގުތެވެ. ދޮންތަ ހިމޭނުން ހުރީތީ ގިޔާން އިތުރަށް ރުޅިގަދަވިއެވެ. ނޫރާލް ދިފާއުކުރަން އެއިލްޒާމު އަމިއްލަ ބޮލުގައި ދޮންތަ އަޅުވަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ އަބުރު ކަތިލަނީ ކީއްވެގެން ހެއްޔެވެ؟ ނޫރާލް އަކީ އެފަދަ ޤުރުބާނީއެއް ވާން ކާކު ހެއްޔެވެ؟

ޖަމީލާއަށް ގިޔާންގެ ޖުމްލަ އަޑުއިވުމުން ދެލޯ ބޮޑުވެއްޖެއެވެ. ދަތްކުނޑި ވިކާލެވުނީ ރުޅިވެރިކަން ނަފުސުގެ މައްޗަށް އަތްގަދަކޮށްލުމުންނެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެއޭ ބުނާ އުސޫލުން، ނޫރާލް އޭނައަށް ފެނުނީ ހުދުކާފޫރުގެ ސިފައިގައެވެ.

”ހުރި ހަޔާތް ކުޑަކަން ބަލާބަލަ، ކަލޭގެ ދޮންތަގެ މުޑުދާރުކަން ފޮރުވަން އަހަރެންގެ ދަރި ބަދުނާމުކުރަންތަ ތިއުޅެނީ؟…” ގިޔާންގެ ކަންފަތްމަތްމައްޗަށް އަތް ހޫރާލަމުން ޖަމީލާ ބާރުބާރަށް ހަޅޭއްލަވައިގަތެވެ.

ޖަމީލާގެ އަތުގެ ހޫނު ހަމަލާގެ ސަބަބުން މޫނުމަތިން ކުދި ކޮކާތައް ބުރައިގެން ދިޔަހެން ގިޔާންއަށް ހީވިއެވެ. ލޭގެ ރަހަލުމުން ތުންފަތުގައި އަތް ޖައްސާލެވުނު ހިނދު ވަނީ ފަޅައިގެން ގޮސްފައެވެ.

”ކަލޭގެ ދަރި ކުރިކަންތައް ފޮރުވަން ތިއުޅެނީ ދޮންތަ ބަދުނާމުކުރަން، ދޮންތައަށް ތުހުމަތުގެ އިނގިލި ދިއްކުރާނަމަ ކަލޭގެ ދަރިއަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރެވޭނެ…. ކަލެއަށް ބުނެވޭނެތަ އެއީ އޭނަގެ އެއްޗެއް ނޫނޭ…” ގިޔާންގެ ޖުމްލައިން ޖަމީލާގެ ދޫބަންދުވިއެވެ. މޫނުގެ ކުލަވަރު އޮއްސުނެވެ. މީހާއަށް ލިބިފައިވި ޖޯޝު ގެއްލިއްޖެއެވެ. މެޔަށް ފޭދުނީ ބިރުވެރިކަމުގެ އަސަރެވެ.

ބޮލަށް އެނބުރުން އެރުމާއެކު ހުސޭނަށް ސޯފާއަށް ތިރިވެވުނެވެ. އެމަންޒަރު ފެނި މަލްސާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ހުއްޓެވުނީ ބައްޕަގެ ފަރާތުން ފެނުނު ނަފުރަތުންނެވެ.

”ހަބަރުދާރު…” ރުޅިވެރިކަމާއެކު މަލްސާއާ ދިމާއަށް އަތް އުފުލާލަމުން ދުރުގައި ހުރުމަށް ހުސޭނު އަމުރުކުރިއެވެ.

ބައްޕަގެ ރުޅިވެރިކަން ފެނި މަލްސާއަށް ރޮވުނީއެވެ. އޭނައަށް ގިސްލެވުނު ހިނދު މައިދޮރު ހުޅުވާލި އަޑު ކަންފަތުގައި ޖެހުމުން ފަސްއެނބުރި ބަލާލެވުނެވެ. ދޮރުކުރިމަތީ ހުރީ ނޫރާލް އެވެ.

ފަހަރަކު މީހެއްގެ މޫނަށް ނޫރާލް ނަޒަރު ހިންގާލިއެވެ. އޭނައަށް މަލްސާގެ އަތުގައި އޮތް ޓެސްޓްކިޓް ފެނުމާއެކު މުޅި މީހާ ފިނިވެގެން ދިޔައެވެ. ނިއުޅެމުން ދިޔަ މަންޒަރުތަކުގެ ތަފުސީލު އޭނައަށް ލިބުނު ކަހަލައެވެ.

”އެހެރީ އޭނަ، ނިކަން އަހާބަލަ އޭނަ ކައިރިން، ކޮންމެހެން ދޮންތަގެ ބޮލުގައި ދޮގު ތުހުމަތުއަޅުވަން އުޅޭނެކަމެއް ނެތް…” ގިޔާން ބުނެލިއެވެ.

”ގިޔާން…” މަލްސާއަށް ގޮވާލެވުނެވެ. އެއަށްފަހު ދެފަރާތަށް އޭނަ ބޯހޫރާލިއެވެ.

”ދޮންތަ ތިހެން ހިމޭނުން ހުރީމަ ވަކި ރަގަޅެއް އެބަވޭތަ، ބައްޕަ އެހެރީ މި އަންހެނާގެ ދޮގު ވާހަކަތައް ޤަބޫލުކޮށްގެން، މިއަދު އޭނަ އެއުޅެނީ މަންމަ ނިކަމެތި ކުރި ފަދައިން ދޮންތަ ނިކަމެތި ކުރަން… އެހެނެއް ނުވާނެ، ލާހިކެއް ނޫން އެހެން ހަދާކަށް… އަހަރެން އެފުރުސަތެއް ނުދޭނަން…” ގިޔާން ރުންކުރުވިއެވެ.

”ހުރި ހަޔާތްކުޑަކަން ބަލާބަލަ، ކަލޭ ތިއުޅެނީ މަގޭ ދަރި ބަދުނާމުކޮށްފަ ކަލޭގެ ދޮންތަ ރަގަޅު މީހަކަށް ހެދޭނެކަމަށްތަ، ނުވާނެ، މަގޭ ދަރިއަށް މަ އިތުބާރުކުރަން، އޭނަ އެފަދަ ކަމެއް ނުކުރާނެ، އެކަމަކު ކަލޭގެ ދޮންތަ، އޭނަ އެފަދަ ކަމެއް ކުރަން ފަހެއް ނުޖެހޭނެ…” ބޮޑު ޒުވާބެއް އުފެދި އެންމެފަހުން ޖެހިގެން ހުރި އެޕާރޓްމެންޓާއި މަތީ ފަންގިފިލާގެ މީހުންތައް ގޭދޮށަށް އެއްވާން ފެށިއެވެ.

ޖަމީލާއާއި ގިޔާން ހޫނު ޒުވާބެއް ކުރިއެވެ. ހުސޭން އިނީ ސޯފާގައެވެ. އިސްތިރިކޮށްގެންނެވެ. ގިޔާން މައިތިރިކުރެވޭތޯ މަލްސާ އުޅުނެވެ. އެކަމުގެ ތެރޭން އަނެއްކާ ވެސް މަލްސާގެ ބޮލުގައި ޖަމީލާ ހިފައިގަތެވެ. ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ނޫރާލްއަށް ރޮއިގަނެވުނެވެ. އޭނައަށް ކެތްނުކުރެވުނީއެވެ. ބިރުވެރިކަން އޭނަ ވަށާލައި ހާސްކުރުވިއެވެ.

”އެއީ މަލްސާގެ އެއްޗެއް ނޫން، އެއީ އަހަރެންގެ އެއްޗެއް، މަލްސާއެއް ނޫން ބަލިވެ އިނީކީއެއް…” ނޫރާލް އެއްބަސްވިއެވެ. ސަލާމަތްނުވެވޭނެކަން އެނގޭތީއެވެ. އެކަމަށް ހައްލެއް ހޯދަން އޭނަ ވަރަށް މަސައްކަތްކޮށްފިއެވެ. މިއަދު ހަތަރުދަމު އޭނަ އުޅުނީ އެކަމާއެވެ. އެހެނަސް، ކާމިޔާބެއް ނުލިބުނެވެ. ބަނޑުގައި އޮތް ދަރިފުޅު އެބޯޓްކުރަން އޭނަ މަސައްކަތްކުރިއެއް ކަމަކު ކުރިއެރުން ލިބޭ ގޮތެއް ނުވިއެވެ. ބޭނުންވާވަރަށް އޭނަގެ އަތުގައި ފައިސާ ނެތީއެވެ. ފަހު ވަގުތު އެކުވެރިން ވެސް އޭނައަށް ކެހި ދިނީއެވެ. މަދަދުވެރިވާނެ މީހަކު ނުވިއެވެ. ބިކަވެ ތިމާގެ ނިކަމެތިކަން އިހުސާސްކުރެވިއްޖެއެވެ. މިއަދު އޭނައަށް މަޖުބޫރު ވެފައިވަނީ ހަޤީޤަތާ ކުރިމަތިލާށެވެ. އޭނަ ނިންމައިގެން ހުރީ އާއިލާގެ މީހުންނާ ފަހުފަހަރަށް ބައްދަލުކޮށްލުމަށްފަހު ގިނައަދަދަކަށް ބޭސްކައިގެން އަމިއްލައަށް މަރުވާށެވެ. ކިތަންމެ ޖާހިލުކޮށް އުޅެވުނަސް މަންމައަށް ދެރައެއް ލިބެން އޭނަ ބޭނުންނުވާތީއެވެ. ނަމަވެސް ލޯކުރިމަތިން ތަމްސީލުވަމުން ދިޔައީ އެކަންތަކެވެ. އޭނަގެ ހިތްވަރު މުޅިން އެލުނީއެވެ.

ޖަމީލާއަށް ހީވީ އޭނަގެ ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. އޭނަ އަރިއަޅާލަން އުޅުނު ވަގުތު މަލްސާ އޭނަގެ ގައިގައި ހިފަހައްޓާލަން އުޅުމުން އެއަތް ފޮޅުވާލެވުނެވެ. ޖަމީލާގެ މޫނުމަތިން މިހާރު ފެންނަނީ ބިރުވެރިކަމެވެ.

”ކީ…ކޭ؟…” ޖަމީލާގެ އަޑު ތުރުތުރުއަޅައެވެ. ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލެވުނު ކަހަލައެވެ.

”އާނ މަންމާ… އަހަރެން މި އިނީ ބަލިވެ…” ރޮމުންރޮމުން ނޫރާލް ބުނެލިއެވެ. ކުރިން އޭނަގެ ފަރާތުން ފެންނަ ބޮޑާކަމާއި، ކިބުރުވެރިކަން މިހާރަކު ނެތެވެ. ދިރިއުޅުމުގެ މައިދާނުގައި ނާކާމިޔާބުވުމުން ތިމާގެ ނިކަމެތިކަން ރަގަޅަށްވެސް އިހުސާސްކުރެވުނީއެވެ. އެޅެވުނު ވިޔާނުދާ ގޮތްތައް ސިފަކުރެވި އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔަ އެވެ.

ޖަމީލާ ކުރިއަށް ފިޔަވަޅެއް އަޅާލަން އުޅުނެވެ. އޭގެ ކުރިން އޭނަގެ ހެޔަށް ގޮތްތަކެއް ވެއްޖެއެވެ. މޭގައި ތޫނު ރިހުމެއް އުފެދުނުކަން އިހުސާސްވިއެވެ. އެރިހުން ވާއަތުން އިހުސާސްކުރެވި ދަތްތޮޅިއާހަމައަށް ފޯރިކަންވެސް އިހުސާސްވިއެވެ. ރިހުންގަނޑު ގަދަވެގެން ދިއުމާއެކު ހެޔަށް ގޮތްތަކެއްވެ މީހާ ބިންމައްޗަށް ވެއްޓިއްޖެއެވެ.

”މަންމާ…” ނޫރާލްއަށް ހޭރިގަނެވުނެވެ. ގިޔާންއާއި މަލްސާ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް އެންމެނަށް ދެވުނީ ޚަބަރުހުސްވެފައި އޮތް ޖަމީލާ ގަތަށެވެ.

މަންމަ ގާތަށް ދާން އުޅުނު ނޫރާލްއަށް ހުއްޓެވުނީ ހުސޭން އޭނައަށް ދިން ނަޒަރުންނެވެ. އެނަޒަރުން އޭނަ ކުށްވެރިކުރާ ކަހަލައެވެ.

ކުށްވެރިކަމުގެ އިހުސާސްތަކުން ފައިތިލައިގައި ކަސްތޮޅު އުޅުމާއެކު ނުރާލްގެ ދެފައި ބިންމަތީގައި ތަތްލައިފިއެވެ. ރޮމުން ދިޔަ ހާލު އޭނައަށް ތިރިވެވުނީ ބިންމައްޗަށެވެ. މުޅި މާހައުލުގައި ހަރުލާފައިވީ ނޫރާލްގެ ވޭނީ ގިސްލުންތަކުގެ އަޑެވެ.

”ގިޔާ، ގުޅާބަލަ އެމްބިއުލާންސަށް…” ކުއްލި އެހީ ދިނުމުގެ ކުޑަ ކޯހެއް ފުރިހަމަކޮށްފައިވުމުން އެފަދަ ހާލަތެއްގައި ކަންތައް ކުރަން ޖެހޭނެ ގޮތް މަލްސާއަށް ވަނީ އެނގިފައެވެ. އޭނަ އެންމެ މިނެޓެއް ވެސް ބޭކާރުކޮށްލުމެއް ނެތި އެމްބިއުލާންސް އަންނަންދެން ޖަމީލާއަށް ސިއްހީ އެހީދިނުމުގައި އަވަސްވެގަތެވެ. މަލްސާ އޭރު ހުރީ ދާހިތްލާ ފޯވެފައެވެ. އަތްތިލަ ދިޔައީ ތުރުތުރުއަޅަމުންނެވެ.

******

ހޮސްޕިޓަލަށް ގެންދެވުނު ޖަމީލާ ފުރަތަމަ ވެއްދީ އެމަރޖެންސީ ރޫމަށެވެ. އެތަނުން ކުއްލި ފަރުވާ ދިނުމަށްފަހު ދެން ބަދަލުކުރެވުނީ އައި.ސީ.ޔޫ އަށެވެ. އޭރުވެސް ޖަމީލާގެ ހާލަތުގެ ފުރިހަމަ ތަފުސީލެއް ނުލިބެއެވެ. ނަރުހުން ބުނަމުން ދިޔަ ހުރިހާ ކަމެއް ކުރުމުގައި އުޅުނީ މަލްސާއެވެ. މަލްސާއަށް އެހީވުމުގައި ހުސޭނު ވެސް އުޅެއެވެ.

ގިޔާންއާއި ނޫރާލް ތިބީ އައި.ސީ.ޔޫއާއި ތަންކޮޅެއް ދުރުގައި ހުރި ގޮނޑިބަރިތަކެއްގައެވެ. ގިސްލަގިސްލާފައި ނޫރާލް ރޮމުން ދިޔައެވެ. އެއަޑަށް ގިޔާން އިރުއިރުކޮޅާ ބަލާލައެވެ. ކިތަންމެ ވަރަކަށް ނަފުރަތު ކުރިޔަސް އެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އޭނަގެ ހިތަށް އަސަރުކުރިއެވެ. ތިމާގެ ދުޝްމަނަކަށް ވެސް މިފަދަ ހާލަތެއް ކުރިމަތިވާން ގިޔާން ބޭނުމެއް ނޫނެވެ. ޖަމީލާ ފަދައިން އޭނަގެ ހިތް އެހާ ނުބައެއް ނޫނެވެ. ދެފަހަރެއްގެ މަތިން ނޫރާލްއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަދޭން ގިޔާން ހިތަށް އެރިއެވެ. އެކަމަށް ހުރަހަކަށްވީ ކުރިން އެދެމެދުގައި އޮތް ނަފުރަތުގެ ގުޅުމެވެ. އެކަމާ ހުރެ ނޫރާލްއަށް އޭނަގެ އެހީ ބޭނުންނުވެދާނެއޭ ގިޔާންގެ ހިތަށް އެރިއެވެ.

*****

ދެގަޑިއެއްހާ އިރު ފަހެވެ. ޑޮކްޓަރުންގެ ފަރާތުން ލިބުނީ އުއްމީދީ ޖަވާބެކެވެ. ނުރައްކަލުގެ ހާލަތުން ޖަމީލާ ސަލާމަތްވެފައިވާ ކަމެވެ. ނަމަވެސް އިތުރަށް އެއްޗެކޭ ބުނަން އެނގޭނީ ހޭއެރުމުންކަމަށާއި އެއަށްފަހު އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭނެ ކަމަށް ވެސް އިރުޝާދު ދިނެވެ.

ޑޮކްޓަރުންގެ ޖަވާބު އަޑުއިވުމުން މާތްﷲއަށް ހަމްދުކުރެވުނެވެ. ދެރަގޮތެއް މެދުވެރި ނުކުރެއްވީތީއެވެ. އައި.ސީ.ޔޫގެ ބޭރުގައި ހުރި މަލްސާއަށް ބަލާލެވުނީ ދުރުގައި ގޮނޑިބަރީގައި އިން ނޫރާލްއަށެވެ. އެކަން ފާހަގަވި ހުސޭން ހިތްހަމަނުޖެހުނެވެ.

”އޭނަ ކައިރީ ބުނޭ މިތަނުން ދާށޭ… އޭނައާ ހެދި މިހުރިހާ ކަމެއް މިވީ…” ނުރުހުމުގެ ރާގަކަށް ހުސޭނު ބުނެލިއެވެ. އޭނަ ހުރީ ނޫރާލް ދެކެ ރުޅި އައިސްފައެވެ. ހަޤީޤަތް އެނގުމުން ނޫރާލްއާ ވާހަކަދައްކާކަކަށް އޭނަ ބޭނުމެއް ނުވިއެވެ. ޖަމީލާއަށް ހާޓްއެޓޭކެއް ޖެހުނީ ނޫރާލްގެ ސަބަބުންނެވެ. އާއިލާ ބަދުނާމަށް ހުށަހެޅުނީ ވެސް ނޫރާލްގެ ސަބަބުންނެވެ. ގޭތެރޭގެ ހަމަޖެހުން ގެއްލި މަލްސާގެ ބޮލުގައި ދޮގު ތުހުމަތުތައް އެޅުނީ ވެސް ނޫރާލްގެ ސަބަބުންނެވެ. އޭނަގެ މަޢާފް ދުވަހަކު ނޫރާލްއަށް ނުލިބޭނެއެވެ.

”ބައްޕާ، ތިހެން ނުބުނެބަލަ، ނޫރާލް ދެރަވާނެއެއްނު…” މަލްސާ ވިސްނައިދޭން އުޅުނެވެ. ނޫރާލްއަށް އެހީތެރިކަން ބޭނުންވާނެވަރު އޭނައަށް އެބަފެނެއެވެ. އެފަދަ ދަނޑިވަޅެއްގައި ނޫރާލް ހިތުގައި ޖެހޭ ވާހަކަ ދައްކައިފިނަމަ ދެރަގޮތެއް މެދުވެރިވެދާނެއެވެ. ނޫރާލް އެހުރީ ވަރަށް ނާޒުކު ފަތްތަރެއްގައެވެ.

”ވަރިހަމަ، އޭނަގެ ސަބަބުން މިކަމެއް މި ލައިގަތީ، ހިތުހުރި ގޮތަކަށް އުޅުނުއިރު މިފަދަ ދުވަހެއް ދެކެން ޖެހިދާނެއޭ ހިތަކަށް ނޭރި…” ހުސޭން ހަށަން ބަނދެލިއެވެ.

”ބައްޕާ، އަހަންނަށް ދެރަ ގޮތެއް ވެއްޖެނަމަ ބައްޕަ ހަމަ ތިހެންތަ ވާހަކަ ދައްކާނީ؟….” މަލްސާ ހިތްހަމަނުޖެހުމުގެ ރާގަކަށް ބުނެލިއެވެ. އެތާނގައި އިތުރަށް މަޑުކުރުމެއްނެތި އޭނަ ހިނގައިގަތީ ނޫރާލް ގާތަށް ދިއުމަށެވެ. ނޫރާލް މަސަލަސްކުރަން މުހިންމު ކަމަކަށް ފެނުނީތީއެވެ.

”މަންމަ މިހާރު ރަގަޅު، ނޫރާލް ގެއަށް ދާންވީއެއްނު… އަހަރެން މަޑުކުރާނަން…” ނޫރާލްގެ ގާތުގައި އިށީންނަމުން މަލްސާ ބުންޏެވެ. ނޫރާލްގެ ރުއިމުގެ އަޑުން އޭނަގެ ހިތަށް އަސަރުކުރިއެވެ. ކުރެވުނު ކަންތަކާ މެދު ނޫރާލް ވަނީ ދެރަވެފައިކަން އޭނައަށް އެނގުނެވެ. ހިތުގައި އެތައް ސުވާލެއް އުފެދިފައި ވިއެއްކަމަކު އެއީ އެންމެ ރަގަޅު ވަގުތު ނޫންކަން އޭނައަށް އެނގުނެވެ. ސުވާލުތައް އޮއްބާލީ އެހެންވެއެވެ. މިވަގުތު ނޫރާލްއަށް ބޭނުންވަނީ މަދަދުވެރިޔެކެވެ. އެދެމެދުގައި ގާތް ގުޅުމެއް ނެތަސް އެހީތެރިކަމުގެ އަތެއް މަލްސާ ދިއްކޮށްލިއެވެ.

”އަހަންނަށް އެނގޭ ނޫރާލް ތިނީ ވަރަށް ބޮޑަށް ދެރަވެފައިކަން، ވެދިޔަ ކަންތައް އެކަކަށް ވެސް ބަދަލެއް ނުކުރެވޭނެ، ހިތްވަރާއެކު ކުރިއަށް ދިއުން އޮތީ… ދެން ހުއްޓާލާ… މަންމަ ރަނގަޅޭ…” ނޫރާލްގެ ކަރުނަތައް މަލްސާ ފޮހެލަދިނެވެ. އޭނަ މިއަދު އިން ހާލަތާ މެދު ނޫރާލްއަށް ފުންކޮށް ވިސްނާލެވުނެވެ. އޭނަ އެންމެ ރުޅިއައި އަދި އެންމެ ނަފުރަތު ކުރި ފަރާތް ނޫން އިތުރު މީހަކު އޭނައަށް މަދަދުވެރިވާކަށް ނެތެވެ. އޭނަ މަލްސާއާ މެދުގައި ކަންތައް ކުރީ ހާދަ އިހާނެތިކޮށެވެ. އަބަދު ބެލީ މަލްސާގެ ހިތުގައި ޖައްސާލެވޭތޯއެވެ. ދެރަކޮށްލެވޭތޯއެވެ. އެކަންތަކުން އޭނަގެ ހިތަށް ފިނިކަން ލިބުނެވެ. އެހިތުގައި މަލްސާއާ މެދު ހަސަދަވެރިކަން އުފެދުނީ ހަމަ އެންމެ ސަބަބަކާ ހުރެއެވެ. މަލްސާގެ ރީތިކަން ފެނި އޭނައަށް އެކަން ޤަބޫލުކުރަން ދަތިވީއެވެ. އެކަމާ ހުރެ އެކުވެރިކަމަށް މަލްސާ ފުރަތަމަ ދިއްކޮށްލި އަތުގައި ހިފުމުގެ ބަދަލުގައި އޭނަ ކުރީ މަލާމާތެވެ. ޖެއްސުމެވެ. އަބަދު ބެލީ ބިކަކޮށްލެވޭތޯއެވެ. އެވިހަ ދުލުން މަލްސާގެ ހިތް މަރާލެވޭތޯއެވެ. މިއަދު އޭނަ ނިކަމެތިވި ދުވަހު، މާޒީގެ އެއްވެސް ކަމަކާ މެދު ހިތުގައި ބުރަހެލިކަމެއް ނެތި އޭނަގެ ކަރުނަތައް ފޮހެލަދޭން ގާތުގައި އެއިނީ މަލްސާއެވެ. ހިތާމަތައް ލުއިކޮށްދޭން އެއިނީ ވެސް ހަމަ މަލްސާއެވެ.

ނޫރާލްއަށް އިތުރަށް ރޮވުނީއެވެ. އޭނައަށް މާޒީގައި ކުރެވުނު ކަންތައްތައް ތަސައްވަރުކުރެވުނެވެ. އޭނަގެ ހިތްނުބައިކަން ވިސްނުނެވެ.

”ނޫރާލް… އަހަރެން ހުންނާނަން މަދަދުވެރިވާން، ނޫރާލް ބޭނުން ވަގުތަކު ކިޔާ ދިނަސް އަހަރެން ހުންނާނަން އަޑުއަހަން… އަހަރެން ދުރުކޮށް ނުލާތި…” ނޫރާލްގެ ގައިގައި ބައްދާލަމުން މަލްސާ ބުންޏެވެ. އެފަދަ ހިތްހެޔޮކަމަކަށް ނޫރާލް އިނީ ބޭނުންވެފައެވެ. ހިތުގައި ޖެހި އިތުރަށް ރޮވުނީ އެހެންވެއެވެ. އޭނަ ހަމައަކަށް އެޅުނީ އެތައް އިރެއް ވަންދެން ރިއުމަށް ފަހުގައެވެ.

”ގިޔާ، ނޫރާލް ގޮވައިގެން ދޭ ގެއަށް… ރޭގަނޑު ކާއެއްޗެއް ނެތްނަމަ ގެ ކައިރީ ހުރި ހޮޓަލުން ކާއެއްޗެއް ގަނެގެން ކައިގެން ނިދާނީ…” ނޫރާލް ހަމައަކަށް އެޅުމުން ނޫރާލްއާ ދުރަށް މަލްސާ ޖެހިލިއެވެ. އަދި ގިޔާންއަށް ބަލާލިއެވެ. އެއަށްފަހު އޭނަގެ އަތްދަބަހުން ފައްސަތޭކަ ރުފިޔާ ނަގަމުން ގިޔާންގެ އަތަށް ދިނެވެ.

”ތުންފަތް ކިހިނެއްތަ، ތަދުވޭތަ؟…” ގިޔާންގެ ތުންފަތުން ފަޅައިގެން ގޮސް ހުރިތަން ފެނުމުން މަލްސާއަށް ބުނެލެވުނެވެ.

”ރަގަޅު…” ގިޔާން ކުރު ޖަވާބެއް ދެމުން ގޮނޑިން ތެދުވިއެވެ. އަދި މަލްސާ ދިއްކޮށްލި ރުފިޔާގެ ނޫޓުގައި ހިފިއެވެ.

”ގެއަށް ގޮސް އައިސް ކޮޅެއް އަޅާތި، ދޮންތަގެ ކަބަޑުގަ އޮތްނާނެ ތުންފަތުގަލާ ބޭސްއުރައެއް، އައިސްއަޅައިގެން އެބޭސް ލައްޗޭ، ދެން އަވަހަށް ދޭ ނޫރާލްއާއެކު ގެއަށް… ދޮންތަ ފަހުން ގުޅާނަން…” ނޫރާލް ކޮޅަށް ނަގަމުން މަލްސާ ބުނެލިއެވެ. އެއަށްފަހު ގިޔާންގެ ފަހަތުން މަލްސާ ހިނގައިގަތީ ނޫރާލް ގޮވައިގެންނެވެ.

”ބައްޕާ އަހަރެން އެބަ އަންނަން އިރުކޮޅަކުން…” ދިއުމުގެ ކުރިން ހުސޭން ގާތު މަލްސާ ބުނެލިއެވެ.

*****

މަގުން ޓެކްސީއެއް ހުއްޓުވައި ޓެކްސީއަށް ގިޔާންއާއި ނޫރާލް އަރަންދެން ބޭރުގައި މަޑުކޮށްލައިގެން މަލްސާ ހުއްޓުނެވެ. ޓެކްސީ ދުއްވާލުމުން އޭނައަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ނިތްކުރީގައި ހިފަހައްޓާލެވުނެވެ. އޭނަގެ ބޮލުގައި މިހާރު އެބަ ރިއްސައެވެ. ވިސްނަންޖެހޭ ކަންތަކުގެ ބުރަކަމުންނެވެ. އެއްކޮޅުން ދޮންމަންމައެވެ. އަނެއްކޮޅުން ނޫރާލް އެވެ. ނޫރާލްކޮށްފާނެ ކަމަކާމެދު ހިތްބިރުގަންނަވަރު ބޮޑުކަމުން ރަގަޅަށް ނޫރާލްއަށް ބެލުމަށް ބުނެ ގިޔާންއަށް އޭނަ މެސެޖުކުރިއެވެ. އިރުކޮޅެއް ފަހުން އާނއެކޭ ބުނެ ގިޔާން މެސެޖަށް ރައްދުވުމެވެ. ވިސްނަން ހުރެފައި މަލްސާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.

******

”މަލްސާތަ އެއީ؟…” ކައްޔިސްގެ ސައިކަލު ހަލާކުވެގެން އޭނަގެ އެދުމަށް އޭނަ ބަލާ ހޮސްޕިޓަލް ދޮށަށް އައި އަޝްކާންއަށް މަލްސާ ފެނުނުހެން ހީވުމުން ކާރަށް އަރަން އުޅުނު ކައްޔިސް ގާތު އަހާލެވުނެވެ. އެއާއެކު އަޝްކާން އިޝަރާތްކުރި ދިމާއަށް ކައްޔިސް ބަލާލިއެވެ. ހީވީ ރަގަޅަށެވެ. ފުރަގަހުން ފެނުނެއްކަމަކު އެއީ މަލްސާއެވެ.

”އަހަރެން އެބަ އަންނަން…” ކާރުން ފައިބަމުން އަޝްކާން ބުނެލިއެވެ. އޭރު އަޝްކާންގެ ކާރުގެ ފަހަތުގައި އޮތް ކާރަށް ލަސްވެގެން ބަރުގޮނު އަޅައެވެ.

”ދެން ކާރޯ؟…” ކައްޔިސް އެހިއެވެ.

”ކިޔާ ދޭ، އަހަރެން ފަހުން ގުޅާނަން… މިގަޑީގަ މަލްސާ ކީއްވެގެންތަ ހޮސްޕިޓަލަށް އައިސްގެން އުޅެނީ، އަހަރެން ތަންކޮޅެއް ކުރިން ގުޅީމަ ފޯނެއް ވެސް ނުނެގި، މެސެޖްކުރީމަ ޖަވާބެއް ވެސް ނުލިބުނު، އަނެއްކާ ބޮޑު ކަމެއް ވީތަ؟…” ކައްޔިސްއަށް ބަލާލަމުން އަޝްކާން ބުންޏެވެ.

ކައްޔިސްގެ ޖަވާބަކަށް މަޑުކުރުމެއް ނެތި އަޝްކާން ކުރިއަށް ހިނގައިގަތެވެ.

އަޝްކާންއަށް ބަލާލި ކައްޔިސް ދެފަރާތަށް ބޯހޫރާލިއެވެ. އަވަސްއަވަހަށް ކާރަށް އެރީ އެހެނިހެން ދުއްވާއެއްޗެހި ބަރުގޮނު އަޅާވަރުންނެވެ. އޭރު ޓްރެފިކް ފުލުސް ވެސް އެތަނަށް އައިސްފިއެވެ.

”މިދަނީ… މިދަނީ…” ކަޔިސް ކާރު ދުއްވާލަމުން ބުންޏެވެ.

*****

”މަލްސާ!…” ކުއްލިޔަކަށް އިވުނީ އަޝްކާންގެ އަޑެވެ. ސިހިފައި މަލްސާއަށް ފަސްއެނބުރި ބަލާލެވުނެވެ. ދުވެފައި އައިސް އޭނައާއި އަރާހަމަކުރި އަޝްކާން ފެނި މަލްސާއަށް ލިބުނީ ހައިރާންކަމެވެ.

”އަޝްކާން؟…” މަލްސާއަށް ބުނެވުނެވެ.

”މިގަޑީގަ މިތާ ކީއްކުރަނީތަ؟… އަހަރެން ގުޅީމަ ފޯނަށް ޖަވާބު ނުދިނީ ކީއްވެތަ؟… ބަލިވެތަ ތިއުޅެނީ؟… ޑޮކްޓަރަށް ދައްކަންތަ އައިސްގެން ތިއުޅެނީ؟… އެކަނިތަ އައިސްގެ ތިއުޅެނީ؟…” ކަންބޮޑުވުމުގެ ރާގަކަށް އެތައް ސުވާލެއް އަޝްކާންއަށް ކުރެވުނެވެ. އެސުވާލުތަކަށް ޖަވާބު ދޭން ނޭގިފައި މަލްސާއަށް ބަލަން ހުރީއެވެ. ވެގެން އުޅޭ ގޮތެއް ހާމަކުރަން އޭނަ ފަސްޖެހުނެވެ. ވާހަކައިގެ ގޮތުންނެވެ. އަޝްކާން ހީކޮށްފާނެ އެއްޗަކާ މެދު އޭނަ ބިރުގަތެވެ. ޖެހިލުންވިއެވެ.

”އަތަށް ކިހިނެއްވަތަ ތިހުރީ؟…” މަލްސާގެ އަތުން ކަނޑައިގެން ގޮސް ލޭހަރުވެފައި ހުރި ނިޝާންތައް ފާހަގަކުރެވުމުން އަޝްކާންއަށް ބުނެވުނެވެ. މަލްސާއަށް އޭނަގެ އަތަށް ބަލާލެވުނެވެ. ކަނޑައިގެން ގޮސްފައި ހުރިކަން އޭނައަށް ރޭކާލީ ދެނެވެ. އެއީ ދޮންމަންމައާ ދެމެދު ހިނގި ހަމަނުޖެހުމުގެ ތެރޭން ލިބުނު ޒަހަމްތަކެވެ. އެކަމުގެ އިހުސާސް ނުކުރެވުނީ ކުރިމަތިވި ހާދިސާގެ ސަބަބުންނެވެ.

މީހުން ބަލަމުން ދިޔަކަން ފާހަގަކުރެވުމުން މަލްސާ ގޮވައިގެން އަޝްކާން ދިޔައީ ހޮސްޕިޓަލާއި ކައިރީގައި ހުރި ޕާކަށެވެ. ދިޔަ މަގުމަތީގައި ބޭސްފިހާރައަކަށް ވަދެ ފާރު ސާފުކުރާނެ ބޭހަކާއި، ބޭސްމަލަން ކޮޅެއް ގަތެވެ.

*****

ވަގުތުގެ ގޮތުން ޕާކުގައި ތިބީ ވަރަށް މަދު ބަޔެކެވެ. މަލްސާ ގޮވައިގެން ގޮސް އަޝްކާން އިށީނީ މީހުންނާ އެންމެ އެކަހެރިކޮށް ހުރި ހިލަ ގޮނޑީގައެވެ. އެތާނގައި މަލްސާ ބައިންދަމުން އަތުގައި އޮތް ކޮތަޅުން ފާރުގަނޑު ސާފުކުރާ ބޭސް ނެގިއެވެ. އަދި މަލްސާގެ ކުރިމަތީގައި ކުޑަކަކޫޖަހަމުން، މަލްސާގެ އަތުގައި ހިފުމުގެ ހުއްދައަކަށް އޭނަ އެދުނެވެ.

”އެންމެ ރަގަޅުތަ މިތަން ސާފުކޮށްލިޔަސް…” އަޝްކާން ބުނެލިއެވެ. މަލްސާގެ މޫނުން ކަންބޮޑުވުމާއި ހިތްދަތިކަން ފެނި އެހިތުގައި ވަނީ ރިހުން އުފެދިފައެވެ.

މަލްސާ މަޑުމަޑުން ބޯޖަހާލިއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ އަޝްކާންއާށެވެ. އަޝްކާންގެ ކޮންމެ ހަރަކާތަކުން އޭނައަށް ފެންނަނީ ލޯތްބެވެ. އޭނައަށް ތަދުގެ އަސަރު އިހުސާސް ކުރެވިދާނެތީ އަޝްކާން އުޅުނީ ނިކަން ބަލައިގެންނެވެ. މަޑުމަޑުން ފުމެމުން ވަކިއެޅިފައި ހުރި ތަންތަން އަޝްކާން ސާފުކުރަމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ. އޭގެ ސަބަބުން މަލްސާ ޖަޒުބާތީ ވިއެވެ.

”ތަދު ވޭތަ؟…” މަލްސާ ގާތު އަޝްކާން އެހިއެވެ. ”ކިހިނެއްތަ މިހެން ވީ، ހީވަނީ ކޮންމެވެސް މީހަކު ވަކި އެޅީހެން… އަނެއްކާ…”

ހިތަށް ވެރިވި ޚިޔާލެއްގެ ސަބަބުން ހިތް މޭގެތެރޭގައި ގެނބުނު ފަދަ އިހުސާސެއް އަޝްކާންއަށް ކުރެވުނެވެ. ކަންބޮޑުވުމާއެކު މަލްސާއަށް އޭނަ ބަލާލިއެވެ.

”މަލްސާ…” އޯގާތެރިއަޑަކުން އަޝްކާން ގޮވާލިއެވެ. އޭނަ މަލްސާގެ އަތުގައި މަލަން އަޅުވަމުން ގާތުގައި އިށީނެވެ. އަދި މަލްސާގެ އަތުގައި ހިފަހައްޓާލިއެވެ.

”އަހަންނަށް ކިޔައެއް ނުދޭނަންތަ، އަހަރެން ވަރަށް ބިރުއެބަގަނޭ، މީހެއްގެ ފަރާތުން ކަމެއް ދިމާވީތަ؟…” ތެޅިތެޅި އޮތް ހިތަކާއެކު އަޝްކާން އެހިއެވެ. އަޝްކާންގެ ފަރާތުން ފެނުނު ގާތްކަމާއި ލޯބިން މަލްސާގެ ލޮލުން ކަރުނަ ނީރާލިއެވެ. ޖަޒުބާތުގެ އޮއެވަރުގައި ހިތް ބެހިގެން ދިޔައެވެ.

”ޕަލީޒް، އަހަރެން ބިރުއެބަގަނޭ، މީހެއްގެ ފަރާތުން އަނިޔާއެއް ކުރިމަތިވީތަ؟… މަލްސާ، ޕްލީޒް ޓެލް މީ، އޭރުންނެއްނު އަހަންނަށް އެހީވެވެނީ…” މަލްސާގެ ކޯތާފަތުން ފޭބި ކަރުނަތައް ފޮހެލަލަމުން އަޝްކާން ބުނެލިއެވެ.

އަޝްކާންގެ އަތުގައި މަލްސާއަށް ހިފަހައްޓާލެވުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ނަފުސު ތައްޔާރުކޮށްލިއެވެ. އެކަންތައް ސިއްރުކޮށްގެން އެހެން ގޮތަކުން އަޝްކާންގެ ކަންފަތާ ހަމައަށް ފޯރާކަށް އޭނަ ބޭނުމެއް ނޫނެވެ.

ޖެހިލުންވުމާއެކުގައި ވެސް މަލްސާ ކަންތައް ވެދިޔަ ގޮތް ކިޔައިދިނެވެ. ހަދިސާގެ ކުރު ތަފުސީލެއް އޭނަ ދިނެވެ. އެވާހަކަތައް އަޑުއިވުމުން އޭނަގެ ޢާއިލާއާ މެދު އަޝްކާން ދެކެފާނެ ގޮތަކާ މެދު މަލްސާ ފިކުރުބޮޑުވިއެވެ.

”ދޮންމަންމައަކީ ނުބައި މީހެއް ނޫން، ހާލަތުގެ ސަބަބުން އެހެން އެވީ، ނޫރާލް ވެސް ވަރަށް ބޮޑަށް ދެރަވެފައި ހުރީ، އަޝްކާން، އަހަރެން ކުރިންވެސް ބުނިން ދޯ އަހަރެންގެ ޢާއިލާއަކީ ފުރިހަމަ ޢާއިލާއެއް ނޫނޭ… އައެމް ސޮރީ އިފް އައި ހޭވް ލެޓް ޔޫ ޑައުން…” މަލްސާއަށް ރޮވިއްޖެއެވެ. އެއީ ބަލަން އަޝްކާންއަށް ކެތްވާނެ މަންޒަރެއް ނޫނެވެ. އޭނަ މަލްސާގެ ހަށިގަނޑުގައި ދެއަތުން ވަށާލަމުން ގާތަށް ގެނައެވެ. އަދި އެމޭގެ ތެރޭގައި މަލްސާ ފޮރުވާލިއެވެ.

”ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެން މަލްސާ ދެކެ ވާ ލޯތްބެއް ބަދަލެއް ނުވާނެ… އައެމް ސޮރީ ޔޫ އާރ ގޮއިންގް ތްރޫ ދިސް… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަގަޅުވާނެ… އެހީއެއް ބޭނުންނުވާނަމަ އަހަރެން ގާތު ބުނައްޗޭ، އަހަންނަށް ވެވުނު ކޮންމެ ގޮތަކުން މަލްސާއަށް އެހީވެދޭނަން…” ފުން ނޭވާއެއް ދޫކޮށްލަމުން އަޝްކާން ބުންޏެވެ.

އަޝްކާންގެ މޭގައި މަލްސާ އިތުރަށް ލައްވެލިއެވެ. އޭނަގެ ރުއިން ހުއްޓުމަކަށް އަތުވެއްޖެއެވެ. އަޝްކާންގެ ލޯބިން ހިތުގެ ޒަހަމްތައް ފަސޭހަކޮށްދީފިއެވެ.

”މަލް ކަންތައް ވި ގޮތް އަހައްޗޭ، އެއީ މީހަކު ދިން ލަނޑެއްނަމަ އިންސާފު ލިބެން ޖެހޭނެ…” އަޝްކާން ބުންޏެވެ.

”މިވަގުތަކު ނޫން، ނޫރާލްއަށް ވަގުތު ބޭނުންވާނެ…” މަލްސާ ބުނެލިއެވެ. ނޫރާލްއަށް މަޖުބޫރުކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އަމިއްލައަށް ފެނިގެން ހަޤީޤަތް ހާމަކުރާނެ ދުވަހަކަށް އޭނަ އިންތިޒާރުކުރާނެއެވެ.

އަޝްކާންއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުން މަލްސާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެކޮނޑުގައި ބޯއަޅައިގެން އިން އިރު ހަމަޖެހުމުގެ އަސަރު އެމޫނުގައި ވިއެވެ.

”ހަފްތާއަކަށް ޗުއްޓީ ނަގާ، އޭރުން ދޯ މަންމައަށް އެހީވެވެން ގާތުގައި ހުރެވޭނީ…” ގުޅިލާމެހިފައިވި އޭނައާއި މަލްސާގެ އަތުގެ އިނގިލިތަކަށް ބަލާލަމުން އަޝްކާން ބުނެލިއެވެ.

އަޝްކާންގެ އޯގާތެރިކަމަށް މަލްސާ ޝުކުރުވެރި ވިއެވެ.

*****

ޖެހިގެން އައި ދުވަހު މެންދުރަށް ޖަމީލާ ހޭއެރިއެއްކަމަކު، ދީފައިވި ގިނަ ބޭސްތަކުގެ ސަބަބުން އޭނައަށް އަނެއްކާ ވެސް ނިދުނީއެވެ. ލޯމެރުމުގެ ކުރިން ގާތުގައި އިން މަލްސާ ޖަމީލާއަށް ފެނުނެވެ. ނިދިބަރުވަމުން ގޮސް ދެލޯ މެރެންދެން އޭނައަށް ބަލަން އޮވެވުނީ މަލްސާއަށެވެ. އޭނަ ލޯހުޅުވާލުމުން މަލްސާގެ މޫނުން އުފާވެރިކަން ފެނުނުހެން އޭނައަށް ހީވިއެވެ.

*****

ޖަމީލާ ހޭއެރުމުން ހެދި ހުރިހާ ޓެސްޓްތަކުގެ ނަތީޖާ ރަގަޅެވެ. އެހެންވުމުން އައި.ސީ.ޔޫގައި ހަތަރު ދުވަސް ބޭއްވުމަށްފަހު ވޯޑަށް ބަދަލުކުރެވުނެވެ. މީހުން ގިނަ ތަނެއްގައި ޖަމީލާ އޮތްނަން ބޭނުންނުވަނެތީ މަލްސާ ބޭނުންވީ ޕްރައިވެޓް ރޫމްއަކަށް ބަދަލުކުރާށެވެ. އަޝްކާންގެ އެހީއާއެކު އެކަން ވަރަށް ފަސޭހައިން ކުރެވުނެވެ.

*****

ޖަމީލާގެ ގާތުގައި ގިނަ ވަގުތު އިންނަނީ މަލްސާއެވެ. އޮފީހުން އައިސް ހުސޭނު ވެސް ހޮސްޕިޓަލަށް އާދެއެވެ. މަލްސާއަށް ނުހުރެވޭ ގަޑިއެއްގައި އަންނަނީ ގިޔާން އެވެ. ގިޔާން އައިސިއްޔާ ޖަމީލާ އޮތްނާނީ މޫނުހަދައިގެންނެވެ. އެއްދުވަހު މެންދުރު ކާން ދޭން އުޅުމުން ވެސް ތުންއަނބުރާލައި ބޮޑާ ހޭކީއެވެ. މަލްސާގެ ކުރިމަތީގައި ވެސް އެސިފަތައް ޖަމީލާ ދެއްކިއެވެ. ނަމަވެސް މަލްސާގެ ގޮތްދޫނުކުރުމުގެ މިޒާޖުގެ ސަބަބުން ޖެހުނީ އެންމެފަހުން ބަލި ޤަބޫލުކުރާށެވެ. މިއަދާޖެހެންދެން ވެސް މަލްސާއާއި އޭނަ ވާހަކައެއް ނުދައްކައެވެ. ކިތަންމެ އިރަކު ގާތުގައި އިނަސް މެއެވެ.

”ކާން ބޭނުންނުވާނަމަ ނުކާ ހުރޭ، އެކަމަކު ގަޑި ޖެހުނީމަ ބޭސްކާން ޖެހޭނީ ހެޔޮ އެއްޗެއް ނުކާ އޮތަސް، އެހެން ނޫނީ ގެންނާނީ ނަރުސްކުއްޖާ…” ހަށަންބަނދެލަމުން ގިޔާން ބުނެލިއެވެ.

އެންމެފަހުން ބަނޑުހައިވެގެން ގޮސް ހާންތިވާން ކައިރިވުމުން ޖަމީލާއަށް ޖެހުނީ ގިޔާން ތައްޔާރުކޮށްދިން ކާއެއްޗެހި ކާށެވެ. އެވަގުތު ގިޔާންގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި ގިޔާންއާ ދިމާއަށް ޖަމީލާ ކަޅިއަޅާލިއެވެ. ޖަމީލާގެ އެސިފަ ނަކަލުކުރަމުން ޖަމީލާއާ ދިމާއަށް ވެސް ގިޔާން ކަޅިއަޅާލިއެވެ. އޭނަ ހިތުގައި މިހާރު ޖަމީލާއާ މެދުގައި ރުޅިވެރިކަމެއް ނުވެއެވެ. ފުރަތަމަކޮޅު ހޮސްޕިޓަލަށް ނާންނަން އޭނަ އުޅުނެވެ. ބޮޑާ އޭހިކެއެވެ. އެކަމަކު، ދޮންތަގެ ނަސޭހަތުގައި ކޮޅުފައިންޖަހަން ނުކެރުނެވެ. ދޮންމަންމަ އޮތް ހާލަތުގެ ސަބަބުން ފަހުގެ ފުރުސަތެއް ދޭން އޭނަ ވަނީ ނިންމާފައެވެ. ކިތަންމެ ނުބައި މީހަކަސް އެފަދަ ހާލަތަކަށް ދިއުމުން އެކަނިވެރިކޮށްލާކަށް ގިޔާން ބޭނުމެއް ނުވިއެވެ.

*****

މަލްސާއަށް އާދެވުނު އިރު ޖަމީލާއަށް އޮތީ ނިދިފައެވެ. ގިޔާން އިނީ ޓީވީ ބަލާށެވެ. ދޮރުހުޅުވުނު އަޑަށް ގިޔާން ބަލާލިއެވެ.

”ދެންމެ ބޭސްކައިގެން އެނިދީ…” ގިޔާން ބުނެލިއެވެ.

”އެހެންތަ، ދެން ގިޔާ ދިޔަޔަސް އެންމެ ރަގަޅު… ނޫރާލް އެކަނިކޮށްނުލައްޗޭ…” މަލްސާ ބުނެލިއެވެ. ނޫރާލްގެ އަޑު އިވުމުން ނިދިޖެހިފައި އޮތް ޖަމީލާއަށް ސަމާލުވެލެވުނެވެ. ރުޅިއައިސްފައި ވިއެއްކަމަކު ދަރިފުޅުގެ ހާލު އެނގެން އޭނަ ބޭނުން ވިއެވެ. ހޮސްޕިޓަލުގައި ބޭއްވީއްސުރެން ނޫރާލް ދުށުމުގެ ނަސީބެއް އޭނައަކަށް ނުލިބެއެވެ. ނޫރާލް ކުރިކަންތަކުން ކިތަންމެ ރުޅިގަދަ ވިޔަސް ކަންބޮޑުވުން އެހިތުގައި ނުވެޔޭ ބުނެފިނަމަ އެވާނީ ކަނޑައެޅިގެން ދޮގަކަށެވެ.

”އޯކޭ…” ގިޔާން ދާން ތެދުވެލިއެވެ.

ގިޔާން ދިއުމުން ކޮޓަރި ތެރެ ތަރުތީބުކުރަން މަލްސާ އުޅުނެއެވެ. އެކަމުގައި އެޅެނިކޮށް ސިއްސައިގެން ދިޔައީ ޖަމީލާ ގޮވާލި އަޑަށެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލަމުން އޭނަ އަވަސްއަވަހަށް ޖަމީލާގެ ގާތަށް އައެވެ.

”މޭގައި ރިއްސަނީތަ؟… ނަރުހަކަށް ގޮވަން ވީތަ؟…” ކަންބޮޑުވުމުގެ ރާގަކަށް މަލްސާއަށް ބުނެވުނެވެ. ފާއިތުވި ދުވަސްތަކުގައި މަލްސާގެ ހިތްހެޔޮކަން ޖަމީލާއަށް ވަނީ ފެނިފައެވެ. ރުންކުރު ކަމާއެކު މަލްސާއާ މެދު އަމަލު ބެހެއްޓިޔަސް މަލްސާ ފެންނަނީ ހިނިތުންވުމަކާއެކު އޭނައަށް މަދަދުވެރިވާތަނެވެ. އޭނަ މަލްސާއާ މެދު އަމަލު ކުރި އިހާނެތި ގޮތުގެ ހަނދާން އެކުއްޖާފުޅު ނެތް ކަހަލައެވެ. އަމިއްލަ މަންމައަށް އެހީވާނެހެން އޭނަގެ ކަންތައް ފުރިހަމަކޮށްދެއެވެ. އެކަންތަކުން ޖަމީލާގެ ޖައްބާރު ހިތަށް އަސަރުކުރިއެވެ. އެހިލަހިތް ރޫރޫއަޅާލައި އިންސާނިއްޔަތު ވަންތަކަމާއި ކުލުނު ފުރަތަމަ ފަހަރަށް ވިންދު ޖަހާލައިފިއެވެ. ދުލުން ބުނަން ނުކެރެނީ މަލްސާއާއި ގިޔާންއާ މެދު އޭނައަށް ކަންތައްކުރެވުނު ގޮތް ހަނދާންވެފައެވެ. މިއަދު އޭނަ އޮތް ހާލަތުގައި މަލްސާ ވިނަމަ އޭނަ ކަންތައް ކުރާނީ ދިމާ އިދިކޮޅަކަށެވެ. އިސްކުރީހީ ރުޅިވެރިކަމެވެ. ނަމަވެސް މަލްސާ ހާދަ ތަފާތެވެ. އެފަދަ ހިތްހެޔޮފަރާތަކާ މެދު އަމަލު ބެހެއްޓުނު ގޮތުން ޖަމީލާއަށް ރޮވުނެވެ. މަލްސާއަށް ދެރަ ދޭން އޭނަ ހާދަ ވަރަކަށް ވިސްނިއެވެ. އިއްފަތްރެރިކަން ނީލަން ކިޔައި ޝުއައިބު ފަދަ ޖާހިލެއްގެ ވަކިތަކުގެ ދަށަށް ދޫކޮށްލަން އުޅުނެވެ. ދޮގު އިލްޒާމުތައް އަޅުވަނި ބަދުނާމުކުރަން އުޅުނެވެ. މިއަދު ބާޒީ އެނބުރިގެން ދިޔަ ހިނދު އޭނަގެ ނުބައިކަމާއި ރުޅިވެރިކަން މަލްސާ ހަނދާން ނައްތާލައިފިއެވެ. ޝަކުވާތަކާއި އުދާސްތައް ފިލުވާލައި އެހެރީ އޭނަގެ ގާތުގައެވެ. މަދަދުވެރިވާށެވެ.

”އަހަންނަށް މަޢާފްކުރާނަންތަ؟…” ޖަމީލާ އެހިއެވެ. މަލްސާ ހުރީ ބަސްހުއްޓިފައެވެ. އެޖުމްލަ އޭނައަށް އަޑުއިވުނީ ރަގަޅަށް ބާވައޭ އޭނަގެ ހިތަށް އެރިއެވެ.

”އަހަރެން އަބަދު މަސައްކަތްކުރީ މަލްސާ ހިތުގައި ޖައްސަން، އަހަރެންގެ މިދެއަތުން މަލްސާގެ މަންމަ ނިކަމެތިކޮށް ބިކަކޮށްލީ، މަންމަ މަރުވުމަށްފަހު އަހަރެންގެ ގާތަށް ތިދެކުދީން ގޮވައިގެން ހުސޭނު އައުމުން އަހަރެން ވަރަށް ރުޅިގަދަވި، ހިތަށް އެރީ ޝަރީފާ ތިދެކުދިން ފޮނުވީ އަހަރެންގެ ގާތުން ބަދަލު ހިފަންށޭ، އެހެން ހިތަށް އަރާ ތި ދެކުދިންނާ މެދު އިހާ ނެތިކޮށް ކަންތައް ކުރެވުނީ، އަހަންނަށް މަޢާފްކުރޭ، އެތައް އަހަރުތަކެއް ބޭކާރުވެ ދިޔަ ފަހުން މިއަދު އިހުސާސްމިވީ މަލްސާގެ ހިތުގެ ސާފުކަން، އަހަންނަށް ދެރައެއް ދޭން ތިދެކުދިން ބޭނުންނުވާކަން، މަލްސާއަށް ދެރައާއި ނިކަމެތިކަން ދޭން ހަދައިގެން މިއަދު މިހެން ކަންތައް މިވީ… އަހަރެން މިއަދު ލަދު ގަނޭ ކުރެވުނު ކަންތަކާ މެދުގައި، މަލްސާ އަހަންނަށް މަޢާފް ކުރާނަންތަ؟…” ރޮވިފައިވާ އަޑަކުން ޖަމީލާ ބުނެލިއެވެ. ހަޓްއެޓޭކަށް ފަހު އޭނަގެ މުޅި ދިރިއުޅުން ބަދަލުވެއްޖެކަން ޖަމީލާއަށް އިހުސާސް ކުރެވިއްޖެއެވެ. ހަތުރުންކަމަށް ދެކުނު މީހުންނަކީ އޭނަ ނިކަމެތިވެ އާރާއިބާރު ކެނޑުނު ދުވަހު ގާތުގައި ތިބި މީހުންވެ. އޭނަގެ ކަންތައް ބަލައި ހަމައަކަށް އަޅުވައިދިން މީހުންނެވެ. އޭނަގެ ދެލޯ ހުޅުވިއްޖެއެވެ. ވަގުތު ފާއިތު ނުވަނީސް ވިސްނުނުކަމަށްޓަކައި ﷲއަށް ހަމްދުކުރެވުނެވެ.

”މަޢާފްކޮށްފިން…” ޖަޒުބާތުގައި ބެހިގެން ދިޔަ މަލްސާއަށް ރޮވުނެވެ.

”ދެން މީގެ ފަހުން ކިޔާނީ މަންމަ، އަހަރެން ބޭނުން މަލްސާއަދި ގިޔާންގެ މަންމައަށް ވާން، ތިދެކުދިންނާ މެދު ކަންތައްކުރެވުނު ގޮތް އިސްލާހުކުރަން… ޝަރީފާގެ ފަރާތުން ތިދެކުދިންނަށް ލިބިފައިވަނީ ވަރަށް ރަގަޅު ތަރުބިއްޔަތެއް…” ހިނިތުންވުމަކާއެކު ޖަމީލާ ބުނެލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ލޯ ފޮހެލާދޭށެ މަގޭޭ 1

Next

ވާނަމޭ އުމުރަށް އެކީ ޖާނާ 11

Next
April 3, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 11

Previews
April 3, 2020

ލޯ ފޮހެލާދޭށެ މަގޭޭ 1

5 Comments!

  1. sama says:
    April 3, 2020 at 12:06 pm

    Wow varah furihama
    v ufaavey aslu medhukendumehnethi vaahaka up kodheythee
    hama v furihama

  2. Yan♥️ says:
    April 3, 2020 at 12:18 pm

    Haadha emotional ey Varaah reethi Masha Allah

  3. Imkko says:
    April 3, 2020 at 1:56 pm

    Maasha allah …. mi baives v furihama …. hama rovijje …. im so happy that madu madun kan kan rangalhu vamun dhaathee … curiously waiting for the next part … ly ❤❤❤❤

  4. Shai says:
    April 3, 2020 at 2:12 pm

    Varah asarugadha mi part ves

  5. Thiththa Faa says:
    April 3, 2020 at 9:55 pm

    ❤️

Comments are closed.


All Right Reserved!