ނުވާނަން ތަފާތެއް… 20
”ބަރްކާ؟، ހާދަ ނޫން ގަޑިއެއްގަ؟، ކަމެއް ވީތަ؟…” ބޮޑުކޮޓަރީގައި ތިބި ފަލާހުގެ ދެމަފިރިންނަށް ބަރްކާ ފެނުމާއެކު ގޮވާލެވުނެވެ. ރުޤިއްޔާ އަވަސްއަވަހަށް ސޯފާއިން ތެދުވިއެވެ. ފަލާހު ވެސް އަތުގައި އޮތް ޓީވީ ރިމޯޓުން ޓީވީ ނިއްވާލަމުން ބަރްކާއަށް ބަލާލިއެވެ. ނުތަންވަޅު ވަގުތެއްގައި ބަރްކާ އައުމުން ދެމަފިރިން ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ.
”ދިމްނާ، ދިމްނާއަށް ކަމެއް ވީތަ؟…” ހަލުވި ފިޔަވަޅުތަކެއްގައި ބަރްކާގެ ގާތަށް ގޮސް ހުއްޓެމުން ރުޤިއްޔާ އެހިއެވެ. އޭނަގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.
”އުސައިދު ކޮބާތަ؟…” ރުޤިއްޔާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ބަރްކާ އެހިއެވެ. އޭނަގެ އަޑުގައި ނުރުހުންތެރިކަން އެކުލެވިފައިވިއެވެ. އެއާއެކު ރުޤިއްޔާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ހިތުގައި ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ. ރޭގަނޑު ނުވައެއްޖަހައި ބޮޑުވިފަހުން ބަރްކާއެއައީ ހަމަ އުސައިދުއާ ބައްދަލުކުރަން ހެއްޔެވެ؟ މަދަމާއަށް ފަސްކޮށްނުލެވޭނެ ފަދަ މުހިންމުކަމެއް ލައިގަތީ ހެއްޔެވެ؟
ހިތުގައިވި ސުވާލުތަކާއެކު ބަރްކާއަށް ރުޤިއްޔާ ބަލާލިއެވެ. ހީވަނީ ކަމަކާ މެދު ބަރްކާ ރުޅިއައިސްފައި ހުރިހެންނެވެ. އޭނަގެ ސުވާލުތަކަށް ބަރްކާ ޖަވާބު ނުދިނުމުން ހިތުގައި ނުތަނަވަސްކަން އުފެދުނެވެ.
”މިގަޑީގަ ތިއައީ ހަމަ އުސައިދުއާ ބައްދަލުކުރަންތަ؟…” ހައިރާންކަމާއެކު ރުޤިއްޔާ އެހިއެވެ. އޭރު ފަލާހުވެސް އައިސް ރުޤިއްޔާގެ ފުރަގަހުން ހުއްޓިއްޖެއެވެ. ދެމަފިރިންގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ.
”އާނ، ދެން އިތުރަށް މިކަންތައް ސިއްރެއް ނުކުރެވޭނެ، މިރޭ އަހަރެން ދާނީ ވަކިކޮޅެއްގައި މިކަންތައް ޖައްސާފައި…” ބަރްކާ ބުނެލިއެވެ. ”ކޮބާތަ އޭނަ؟…”
”ބަރްކާ ތި ބުނަން އެޅޭ އެއްޗެއް ނިކަން އަހަރުމެނަށްވެސް އެނގޭނެހެން ބުނެބަލަ، އުސައިދުއަށް ގޯސްކަމެއް ކުރެވުނީތަ؟…” ބަރްކާގެ އަތުގައި ހިފާލަމުން ރުޤިއްޔާ ބުނެލިއެވެ. އޭނަގެ ހިތުގައި ބިރުވެރިކަން ވިންދުޖަހަން ފެށީ ބަރްކާގެ ރުޅިވެރިކަން އުސައިދުއާ ގުޅުވާލެވުނު ހިސާބުންނެވެ. ހިތުގެ ކަނަކުން އެކަމާ ގުޅިފައިވަނީ ދިމްނާއޭވެސް ބުނެލިއެވެ. އޭނައަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ.
”ގޯސްކަމެއް ކުރެވުނީ ހޭ؟، އޭނަގެ ސަބަބުން އަހަރެންގެ ދަރިފުޅުގެ މުޅި ދިރިއުޅުން އެވަނީ ބަރުބާދުވެފައި، އާއިލާގެ ހަމަޖެހުން ގެއްލިއްޖެ!، އަހަރެން ވަރަށް ބޮޑަށް ވިސްނާފައި މިރޭ މިގެއަށް މިއައީ، ދެން އިތުރަށް އެންމެ ކަމެއްވެސް ސިއްރެއް ނުކުރެވޭނެ، އަހަރުމެންގެ ދެމެދުގައި އޮތް އެކުވެރިކަމަށްޓަކައި އުސައިދުގެ ހަޤީޤަތް ރުޤިއްޔާއާއި ފަލާހަށް އެނގެން ޖެހޭނެ، އެއީ ކޮންކަހަލަ މީހެއްކަން އެނގުމުގެ ހައްގު ތިދެމަފިރިންނަށްވެސް ލިބިގެންވޭ، ފަހަރެއްގައި އަހަރެން ބުނަން މިއުޅެނީ ދޮގެއްކަމުގައި ހީވެދާނެ، އަހަރެންގެ ދަރިފުޅު ދިފާއުކުރަން ދޮގު އިލްޒާމުތަކެއް އަޅުވަނީއޭ ހީވެދާނެ، އެކަމަކު ހެކި ހުރެގެން އުސައިދުގެ ބޮލުގައި އަހަރެން މިހުރިހާ އިލްޒާމެއް މިއަޅުވަނީ!… ދިމްނާއަށް އިންސާފު ލިބެންޖެހޭނެ!، އުސައިދުގެ ސަބަބުން މިއަދު ދިމްނާ އެހެރީ ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި…” ހިތުގައިވާ ހުރިހާ އުދާހެއް ބަރްކާއަށް ބަންޑުންކޮށްލެވުނެވެ. ރުޅީގެ މައްޗަށް ހިތާމައިގެ އަސަރު ވެރިވެގެން ދިއުމުން އޭނަގެ އަޑު ކުރެހިއްޖެއެވެ. އަރުތެރެ ބެދި އިތުރަށް ވާހަކައެއް ނުދެއްކުނެވެ.
ބަރްކާގެ ޖުމްލައިން ރުޤިއްޔާގެ މެޔަށް ފިނިވެގެން ދިޔައެވެ. އިރުކޮޅެއް ވަންދެން ބަސްހުއްޓިފައި ހުރެވުނީ ބަރްކާގެ ވާހަކަތަކާ މެދު ވިސްނާށެވެ. އޭނަގެ ހިތް ނިކަން އަވަހަށް ތެޅެން ފެށައިފިއެވެ. ނަފުސަށް ބިރުވެރިކަން ސަވާރުކުރުވަމުންނެވެ.
”ބަރްކާ…” ނުތަނަވަސްކަމުގެ އަޑަކުން ރުޤިއްޔާއަށް ގޮވާލެވުނެވެ. އެވަގުތު ފަލާހުވެސް ވާހަކަދެއްކިއެވެ. ބަރްކާގެ ވާހަކަތަކުގެ މާނަ ދޭހަނުވެގެންނެވެ.
”ކޮބާ އުސައިދު؟…” ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ބަރްކާ އަނެއްކާވެސް ސުވާލުކުރިއެވެ. އެއީ ގޭތެރޭގައި އަޑުގަދަ ވެގެން އުސައިދު އޭނަގެ ކޮޓަރިން ނިކުތް ވަގުތެވެ. ބަރްކާ ފެނުމާއެކު އޭނަގެ ފައިތިލަ ގަނޑުވެއްޖެއެވެ. މީހާ ހިސާބަކަށް ފިނިވެސް ވެއްޖެއެވެ. ބަރްކާގެ މޫނުން ފެންނަމުން ދިޔަ ޝުއޫރުތަކުން އޭނަގެ މެޔަށް އުނދަގޫވިކަން ގައިމެވެ.
”ކަލޭ ހީކުރީ ކަލޭގެ ނުބައިކަން ދުނިއުމުރަށް ފޮރުވޭނެ ކަމަށްތަ؟، މާ ހިތްހެޔޮ މީހަކަށް ވެގެން އުޅުނީ ކަލޭގެ ނުބައިކަން ސިއްރުކުރަންތަ؟… ކޮން ހައިސިއްޔަތަކުންތަ ދިމްނާގެ ގަޔަށް ކަލޭ އަތް އިސްކުރީ، އޭނ، ދިމްނާގެ ފިރިމީހާއަށް ކަލޭ ވިޔަކަސް ނުޖެހޭނެ އަތްއިސްކޮށް އަނިޔާކުރާކަށް… ކަލޭ ތީ އިންސާނުންގެ ގިންތީގައި ގުނާލެވޭނެ މީހެއްނޫން، ރަހުމެއް ހަމްދަރުދީއެއް ނެތި ދިމްނާއަށް ކަލޭ އަނިޔާ ކުރީ ދިމްނާގެ ކޮން ކުށެއް އޮވެގެން!…” އުސައިދު ފެނުމުން ބަރްކާއައި ރުޅީގައި ބާރުބާރަށް ހިނގާފައި ގޮސް އޭނަގެ އަތުގެ ހޫނު ހަމަލާއެއް އުސައިދު މޫނަށް އަމާޒުކޮށްލިއެވެ. ވާނުވާ ނޭގިފައި ތިބި ފަލާހުގެ ދެމަފިރިންނަށް ފެނުނު މަންޒަރާއި އިވުނު ވާހަކަތަކުން ތިބީ ހުއްޓުން އަރާފައެވެ. ރުޤިއްޔާއަށް އޭނަގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. އޭނަގެ ހިތުގައި އޮތް ބިރުވެރިކަން ލޯކުރިމަތިން ހަޤީޤަތަކަށް ބަދަލުވެގެން ދިޔަތަން ފެނި މުޅި މީހާއަށް ސިހުން ގެނުވައިފިއެވެ. ދިމްނާގެ ހިތަމާތަކާއި މޮޅިވެރިކަން ހަމަ ލޮލަށް ފެނިފައިވުމުންނާއި އުސައިދުއާއި ވާހަކަދެއްކި ދުވަހު ފެނުނު ނުތަނަވަސްކަމުން، ބަރްކާގެ ވާހަކަތަކަށް އޭނައަށް އިތުބާރުކުރެވުނެވެ. ހިތުގައި ކިތަންމެ ވޭނެއްއެޅިއެއްކަމަކު އެވެ. ދިމްނާ އޭނައަށް މާވަރަކުން ސިއްރުކުރަން އުޅުނު ކަމަކީ އެއީ ހެއްޔެވެ؟
ރުޤިއްޔާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.
އުސައިދު ހުރީ ސިހުމެއްގެ ތެރޭގައެވެ. ކަންކަށިމައްޗަށް އަމާޒުވި ހޫނު ހަމަލާގެ އަސަރު އިހުސާސެއް ވެސް ނުކުރެވުނެވެ. އޭނަގެ އަނދިރިފަރާތް ބަރްކާއަށް އެނގުމުން ލިބުނު ނުތަނަވަސްކަމާއެކު ނިތުން ދަލުގެ އަސަރު ފާޅުވެއްޖެއެވެ. މަންމައާއި ބައްޕަ އެތާނގައި ތިބުމުން އިތުރު ހާސްކަމެއް އޭނައަށް ލިބުނެވެ. ވާހަކަ އޮޅުވާލައި ތިމާގެ މައުސޫމްކަން ދައްކަން އަވަސްއަވަހަށް ރޭވުމެއް ރާވާލަން އޭނަ އުޅުނެވެ. ނަމަވެސް، އުސައިދުއަށް ނޭގުނީ ބަރްކާ ހުރީ އެހުރިހާކަމަކަށް ހުޝިޔާރުވެ ސަމާލުވެގެން ކަމެވެ.
”މަންމާ…” އުސައިދު ފުންނޭވާއެއްލަމުން ބުނެލިއެވެ.
”ކަލޭގެ ތިމުޑުދާރު ދުލުން މަށާ ދިމާއަށް މަންމާއޭ ނުކިޔާތި، އެލަފުޒަށް ވެސް ލިބޭނެ ހުތުރެއް އެއީ…” ރުޅިވެރިކަމާއެކު ބަރްކާ ބުނެލިއެވެ. އެއާއެކު އުސައިދު ހާސްވިއެވެ. އޭނަ ހުރީ މިފަދަ ކަމަކަށް ތައްޔާރުވެގެންނެއް ނޫނެވެ. މީހާ ބިރުވެރިކަމުގެ ކަނޑެއްގައި ގެނބެން އުޅޭ ފަދަ އިހުސާސްތަކެއް ކުރެވެން ފެށުނެވެ. އިތުރަށް ފިނިވާން ފެށީ މަންމައާއި ބައްޕަގެ ދެލޮލުން ފެންނަމުން ދިޔަ ސުވާލުތަކުންނެވެ. އެސުވާލުތައް އޮއްބާލެވޭނެ ގޮތެއް ހޯދަން އުސައިދު މަސައްކަތްކުރިއެވެ.
”ބަރްކާ!، ކިހިނެއްވެގެންތަ ތިއުޅެނީ؟…” އެންމެފަހުން ފަލާހުއަށް ބުނެވުނެވެ. އޭނަ ގޮސް ބަރްކާ ގާތަށް ހުއްޓިއްޖެއެވެ. ރުޤިއްޔާ ހުރީ ދުރުގައި މަންޒަރު ބަލަންށެވެ. އޭނަގެ ސަމާލުކަން މުޅިން ދެވިފައިވަނީ އުސައިދުއަށެވެ. އުސައިދުގެ ހާސްކަމާއި އެދެލޮލުގައިވި ބިރުވެރިކަމުން ރުޤިއްޔާއަށް ވާހަކަތަކެއް ކިޔައިދޭ ކަހަލައެވެ. ސަލާމަތުގެ އައްސޭރިއަކަށް ދާން އުސައިދު ދޮގުހަދަން ވިސްނަމުން ދިޔަކަން ވެސް އޭނައަށް ފާހަކުރެވުނެވެ. އެހުރިހާ ކަމަކީ އުސައިދުގެ ބޮލުގައި ބަރްކާ އަޅުވަމުން ދިޔަ ތުހުމަތުތަކަށް ބާރު ދިން ކަންތައްތަކެކެވެ. ރުޤިއްޔާއަށް ރޮވުނީ އެހެންވެއެވެ. އުސައިދުގެ ހަޤީޤަތް އޭނައަށް ފެންނަމުން ދިޔައީތީއެވެ. ފުރާނަފަދަ ލޯބިވާ ދަރިފުޅުގެ އައިބުތައް ނިއުޅެން ފެށުމުންނެވެ. މަޑު އާހެއްގެ އަޑު ރުޤިއްޔާގެ ދުލުން ނިކުތެވެ. އޭނައަށް މޭގައި ފިރުމާލެވުނީ އަޅަމުން ދިޔަ ވޭނުގެ ސަބަބުންނެވެ.
”ތިބުނާ އެއްޗެއް އަހަންނަކަށް ނޭގޭ…” މޫނުގައި ފިރުމާލަމުން އުސައިދު ބުންޏެވެ. އޭނަގެ އަތުގައި މަޑު ތުރުތުރުލުމެއް އުފެދިވާކަން ރޭކާލުމުން، ވަގުތުން އަތް ގެންގޮސް ފުރަގަހަށް ލިއެވެ. އެފަދަ ކަންތަކުން އޭނަ ހާސްވެފައި ހުރިކަން ބަރްކާއަށް އެނގިދާނެތީއެވެ.
”ނޭގޭނެ، ދުވަހަކު ނޭގޭނެ، އަހަރުމެން އެންމެނަށް އޮޅުވާލައިގެންނު ތިހުރީ، އެކަމަކު ކަލޭގެ ނުބައިކަން ސާބިތުކުރެވޭނެ ވަރުގެ ހެކި އަހަރެންގެ އަތުގައި އެބަހުރި، އަހަރެން މިއަދު މިއައީ ދިމްނާގެ މެޑިކަލް އެގްޒަމިނޭޝަން ހައްދާފައި، އެލިޔުންތައް ވެސް އަހަރެންގެ އަތުގައި އެބަހުރި، ފުލުހަށް ދިއުމުގެ ކުރިން ކަލޭގެ ނުބައިކަން އެނގިއްޖެކަން ހާމަކުރަން މިއައީވެސް… ތީ ކޮންކަހަލ މީހެއްތަ؟، ބުނޭ… ކީއްވެގެން ދިމްނާއަށް އެފަދަ ބޮޑު އަނިޔާތަކެއް ދިނީ… އަހަރެން ހާދަ ވަރަކަށް އިތުބާރު ކުރީމޭ…” އުސައިދުގެ ގަމީހުގައި ބަރްކާ ހިފިއެވެ. އަދި އަތުގެ ތެރެއަށް ގަމީސް ބޮޑިކޮށްލަމުން ވާހަކަދެއްކިއެވެ. އޭނައަށް ރަގަޅަށް ވެސް ރޮވިއްޖެއެވެ. އޭނަގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ މިއަދު ޑޮކްޓަރަށް ދެއްކުމުން އެނގުނު އިތުރު ކަންތައްތަކުންނެވެ. ހިތްފަޅައިގެން ނުދިޔައީވެސް ކިރިޔާއެވެ. އަދިވެސް ދިމްނާގެ ފައިގެ ފަލަމަސްގަނޑުގައި ހުރި ސިނގިރޭޓުގެ ނިޝާންތައް ފެންނަ ކަހަލައެވެ. އެހާގިނަ ދުވަސްތަކެއް ވަންދެން ދިމްނާ އުޅުނު ހިތްދަތިކަމާއި ބިރުވެރިކަން ސިފަކުރެވި އޭނަގެ މައިލަގޮނޑިއަށް ކެތްނުކުރެވުނީއެވެ. ދަރިފުޅަށް އިންސާފު ހޯދައިދޭން ބޭނުންވީއެވެ. އޭނަގެ ހުންނަ ޒީލަގަދަކަމާއި، ގޮތް ދޫނުކުރުމާއި، ބޮޑަކަމުގެ އަސަރުތަކުގެ މައްޗަށް މައިވަންތަކަމުގެ ކުލުނު ފުރަތަމަ ފަހަރަށް ކުރިހޯދީވެސް އެސަބަބާ ހުރެއެވެ.
”ދިމްނާ އެހަދަނީ ދޮގު… އޭނަ އަހަރެން ގާތުން ވަރިވާންވެގެން އަހަރެން ނުބައި މީހަކަށް އެހަދަނީ…” ބައްޕަގެ ނަޒަރު އޭނައަށް ހުއްޓުމުން އުސައިދު ބުންޏެވެ.
ބަރްކާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އުސައިދުގެ ގަމީހުން ދޫކޮށްލަމުން އޭނައަށް ރޮވުނެވެ. އުސައިދުގެ ޖާހިލުކަމާއި ޖައްބާރުކަން ސިފަކުރެވުމުންނެވެ.
”ކަލޭ ދެން އިތުރަށް ބޭޒާރުވާން ބޭނުންނުވާނަމަ ތި ދޫ ހިމޭނުން ބާއްވާ، ދިމްނާގެ ހިތްހެޔޮކަމުން ކަލޭ އެހާ ވަރަށް އަނިޔާ ކުރިއިރު ވެސް މިކަންތައް ސިއްރުކޮށް ހިމޭނުން ނިންމަން އުޅުނީ، އެއީ ހަމަ ކަލޭގެ މައިންބަފައިންނަށް ލިބިދާނެ ހިތްދަތިކަމަކާ މެދު ވިސްނާފައި، އެކަމަކު ކަލޭ އެންމެ ފަހަރަކު ވެސް ކަލޭގެ މައިންބަފައިންނާ މެދު ވިސްނާލިންތަ؟، ކަލޭގެ ނުބައިކަމުން އެމީހުންނަށް ލިބިދާނެ ހިތްދަތިކަމަކާ މެދު ވިސްނާލިންތަ؟، ނޫން، އަދިވެސް ތިއުޅެނީ ކަލޭގެ ކުށެއް ނެތްކަން ދައްކަން، ދިމްނާ ބަދުނާމުކުރަން!…” ބަރްކާ ހަޅޭއްލަވައިގަތެވެ.
”އުސައިދު!، ދޮގު ނަހަދާ ބުނޭ، ބަރްކާ އެދައްކަނީ ތެދުވާހަކަތަކެއްތަ؟…” ހަރުކަށިކަމާއެކު ފަލާހު ސުވާލުކުރިއެވެ. އުސައިދުއާ މެދު އޭނަގެ ހިތުގައި ޝައްކު އުފެދެން ފެށިއެވެ.
”ދޮގު…” ބައްޕައާއި ހަތަރުކަޅި ހަމަކުރަން ނުކެރޭ ހާލު އުސައިދު ބުނެލިއެވެ.
”ބައްޕައާ ހަތަރުކަޅި ހަމަކޮށްފަ ބުނޭ…” ބަރްކާ އެއްޗެކޭ ބުނަން އުޅުނު ވަގުތު އެތް އުފުއްލާލަމުން އެކަމަށް ފަލާހު މަނާކުރިއެވެ. އެއީ އޭނައަށް ލިބުނު ހިތްވަރެއްކަމުގައި އުސައިދު ދެކުނެވެ. ބައްޕަ އޭނަގެ ވާހަކަތައް ޤަބޫލުކޮށްފާނެކަމުގެ އުއްމީދު ހިތުގައި އާލާވެގެން ދިޔައެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ.
”އެއީ ދޮގު ތުހުމަތުތަކެއް…” ބައްޕައަށް ބަލާލަމުން އުސައިދު ބުނެލިއެވެ. އާރެއްބާރެއް ނެތް ނިކަމެތިންގެ މައްޗަށް އަތްގަދަކޮށް ތިމާގެ ބާރު ދައްކަން މަސައްކަތްކުރިޔަސް އުސައިދު އޭނަގެ މައިންބަފައިން ދެކެ ޖެހިލުން ވެއެވެ. އޭނަގެ އަނދިރިފަރާތް އެމީހުންނަށް ސިއްރުކުރަން ބޭނުންވެއެވެ. އެހެންނޫންނަމަ އޭނަގެ މުއްސަނދި ދިރިއުޅުން ގެއްލިގެން ހިނގައިދާނެއެވެ. މަގުމަތި ވެދާނެއެވެ.
”ފަލާހަށް އަހަރެންގެ ވާހަކަތައް ޤަބޫލު ނުކުރެވެންޏާ މިއޮތީ ދިމްނާގެ މެޑިކަލް އެގްޒެމިނޭޝަންއާއި ސައިކަލޮޖިކަލް އެވެލުއޭޝަން…” އަތްދަބަހުގެ ތެރޭން ލިޔެކިޔުންތަކެއް ނަގަމުން ބަރްކާ ބުނެލިއެވެ. އޭނަ ދިއްކޮށްލި ލިޔުންތަކުގައި ފަލާހަށްވުރެ ކުރިން އައިސް ހިފީ ރުޤިއްޔާއެވެ.
”މަންމާ…” ލިޔުންތަކަށް ސަމާލުކަން ދީގެން ހުރި ރުޤިއްޔާއަށް ބަލާލަމުން އުސައިދުއަށް ގޮވާލެވުނެވެ. އޭނަގެ ބިރުވެރިކަން ހަޤީޤަތަކަށް ބަދަލުވާން ފެށިތަން އޭނައަށް ފެންނަން ފެށިއެވެ. އެހާވަރުން އޭނަގެ ވަކިތަކުގެ ތެރެއަށް ދިމްނާ ގެންނަން މަސައްކަތްކުރީ މިހެން ކަންތައްވެދާނެކަމުގެ ބިރު އެހިތުގައި އޮތީތީއެވެ. ނަމަވެސް ދިމްނާގެ ފިނޑިކަމުން މިފަދަ ފިޔަވަޅެއް އަޅަން ފަސްޖެހޭނެކަން ޔަޤީންކުރެވި އޭނައަށް ދޫދެވުނީއެވެ. އަޝްކާންއަށް ހަޤީޤަތް އެނގުމުން ދުރާލާ ފިޔަވަޅު އެޅުނުނަމައޭ އޭނަގެ ހިތަށް އެރިއެވެ. ދިމްނާގެ އާދޭސްތަކާއި މަޖުބޫރީ ހާލަތުގެ ސަބަބުން އަޝްކާންގެ ދުލުގައި ހިފެހެއްޓިދާނެކަމަކަށް އޭނައަށް ހީކުރެވުނީއެވެ. އެއީ އޭނައަށް ހެދުނު އެންމެ ބޮޑު ގޯހެވެ. އޭނަ ކުރި ހުރިހާ ނުބައިކަމެއް އައިސް އޭނައާއި ފައިތިލަ ސާބިތުކޮށްފިކަމުގެ ހިތިކަން ކަރު ބުޑަށް ފޭދެން ފެށިއެވެ. ސަލާމަތެއް ނެތްކަން އެނގޭއިރު ވެސް ދޮގު ހަދަން އޭނަ މަސައްކަތްކުރިއެވެ.
ރުޤިއްޔާގެ އަތުގައި ހުރި ގަނޑުތައް ބިންމައްޗަށް ވެއްޓުނެވެ. ކަންބޮޑުވުމާއެކު ފަލާހު ލޯބިވާ އަނބިމީހާއަށް ގޮވާލިއެވެ. ކަރުނުން ފުސްވެފައިވާ ދެލޮލުން ފަލާހަށް ރުޤިއްޔާ ބަލާލިއެވެ. ހިތްތަދިކަން ނޫން އެހެން އެއްޗެއް އެދެލޮލުގައި ނުވެއެވެ. ފަލާހުގެ ދެމަފިރިންނަށް ވަމުން ދިޔަ ގޮތް ފެނި ބަރްކާ ވެސް ދެރަވިއެވެ. މި ނޫން އިތުރު ހައްލެއް ނެތެވެ. ހަޤީޤަތް ސިއްރުކުރަން ފޮނި ވާހަކަތަކެއް ދައްކައިގެން ދިމްނާއަށް އިތުރު އަނިޔާއެއް ނޫނީ ނުދެވޭނެއެވެ. އުސައިދުއަށް ހައްޤު އަދަބު ލިބިގެން މެނުވީ ދިމްނާއަށް ރައްކާތެރިކަން އިހުސާސެއް ނުކުރެވޭނެއެވެ.
ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އުސައިދުއަށް ރުޤިއްޔާ ބަލާލިއެވެ. އަދި އުސައިދުގެ މޫނުގައި ޖެހިއެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިޔަސް ލޯބިވާ ދަރިފުޅު އެވަނީ އިންސާނިއްޔަތުގެ ހުރިހާ އިމެއް ފަހަނައަޅައި ގޮސްފައެވެ. ހިތާމައަކީ ސަލާމަތްނުކުރެވޭނެ ހިސާބަށް އުސައިދު ގޮސްފައި ވީތީއެވެ. އެހަޤީޤަތް ރުޤިއްޔާގެ ލޯކުރިމަތިން އެބަ ފެނެއެވެ.
”މަންމާ…” އުސައިދުއަށް އޭނަގެ މޫނުގައި ފިރުމާލެވުނެވެ.
”ހަބަރުދާރު…” އުސައިދުއާއި ދިމާއަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން ރުޤިއްޔާއަށް ހަޅޭއްލަވައިގަނެވުނެވެ.
”އަހަރުމެން ދިން ލޯބީގެ އަގު ވަޒަންކުރަން އެނގުނު ގޮތަކީ މިއީތަ؟… އުސައިދުއަށް ހެވާއި ނުބައި ބުނެދިނުމުގައި އަހަރުމެންނަށް ހެދުނު ގޯހަކީ ކޮބާތަ؟، އިސްލާމްދީނުގެ ރަގަޅު އާދަތައް އަހަރުމެން ދަސްކޮށް ދިނުމުން އެއާދަތަކުގައި ނުހިފުނީ ކީއްވެ؟… އިންސާނިއްޔަތު ވަންތަކަން ތިހިތުގައި ނެތީ ކީއްވެ… އޭނ، ކީއްވެ ކުށެއްނެތް އަންހެންކުއްޖެއްގެ މައްޗަށް ތިމާގެ ބާރު އިސްކުރީ… އުސައިދު ކައިވެންޏާ މެދު ހިތްހަމަނުޖެހޭނަމަ މަންމަ ގާތު ނުބުނީ ކީއްވެ؟، އޭރުން އުސައިދު ބޭނުން ކުއްޖަކާ ގުޅުމުގެ ފުރުސަތު ދިނީމުސް، އެކަމަކު އުސައިދު އަހަރުމެން ދެކެ އައި ރުޅިވެރިކަން ދިމްނާއަށް އަމާޒުކުރީ ކީއްވެ؟… ފިރިހެނަކަށްވެހުރެ އަންހެއްކުއްޖެއްގެ ގަޔަށް އަތް އިސްކުރީ ކީއްވެ… ތަރުބިއްޔަތު ކުރުމުގައި އަހަންނަށް ހެދުނީ ކޮން ގޯހެއްތަ؟…” ރޮމުންރޮމުން ރުޤިއްޔާ ބުނެލިއެވެ. އޭނަގެ މޭތެރެ ހީވަނީ ތޮރުފެމުންދާ ހެންނެވެ. ބަޔާން ކުރަން ދަތި ވޭނެއް އަޅަމުން ދިޔަ އެވެ.
”މަންމާ…” އުސައިދު މޮޅިވެރިކަމުގެ އަޑަކުން ބުނެލިއެވެ. މަންމަގެ ކަރުނަތަކުން އޭނަގެ ހިތަށް އަސަރުކުރިއެވެ.
”ބަރްކާ ބުނިހެން ދިމްނާއަށް އިންސާފު ލިބެންޖެހޭނެ… މިހެން ބުނަން އަހަރެންގެ ހިތަށް ކެތްނުވިޔަސް އިތުރު ގޮތެއް ނެތް، އުސައިދު ކުރީ ކުށެއް، އެކުށަށް އަދަބު ލިބެންޖެހޭނެ…” ރުޤިއްޔާ ބުނެލިއެވެ.
އުސައިދު ބިރުގަތެވެ. ހާސްވިއެވެ. ކަންބޮޑުވިއެވެ. ސަލާމަތްވެވޭނެ އިތުރު ގޮތެއް ނެތުމުން މަންމަގެ ފައިބުޑަށް ތިރިވެ އާދޭސްކުރަން ފެށިއެވެ. ނޭގިނަމަވެސް އެއީ އޭނައަށް ހުރިހާ ކަމަކަށް ވެވުނު އިއުތިރާފެކެވެ.
ފަލާހު ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އުސައިދުއާ ދިމާއަށް އޭނަ ދާން އުޅުމުން އެކަން ހުއްޓުވީ ރުޤިއްޔާ އެވެ. ބޮޑު ކޯޅުން ގަނޑަކަށް ހިނގައިދާނެތީއެވެ.
”ފުލުހަށް ގުޅާ…” ރޮވިފައިވާ އަޑަކުން ރުޤިއްޔާ ބުނެލިއެވެ. އަދި ފުންނޭވާތަކެއްދޫކޮށްލިއެވެ.
”މަންމާ، އަހަންނަށް މަޢާފްކުރޭ، ދެން އެކަހަލަކަމެއް ތަކުރާރެއް ނުކުރާނަން، އަހަރެން މީ މަންމަގެ ހުރި ހަމައެކަނި ދަރިއެއްނު… ތިހެން ހެދީމަ ރަގަޅެއް ނުވާނެ، އަހަރެން މަންމަ ބުނާ ގޮތަށް ހަދާނަމޭ… އަހަންނަށް ވިސްނިއްޖެޔޭ…” މޭފުއްޕާލާފައި އުޅުނު އުސައިދު ހުރީ ހަމަބިމަށް އާދެވިފައެވެ. ދުނިޔެއަށް އޭނަ ބޭޒާރުވެދާނެތީ އޭނަ ގަތީ އަމަށަކު ބިރެއް ނޫނެވެ. މައިބަފައިންގެ ލޯބި ހަތިޔާރަކަށް ހަދައިގެން ސަލާމަތްވާން އޭނަ މަސައްކަތްކުރިއެވެ.
”ގުޅާ…” ފަލާހަށް ބަލާލަމުން ރުޤިއްޔާ އެދުނެވެ. ފަލާހު އޭނަގެ ފޯނު ނެގިއެވެ.
”ބައްޕާ!، ނޫން، ތިހެން ހެދީމައި ވިޔަފާރިއަށް ވާނީ ކިހިނެއް؟، މީހުން ދައްކާ ވާހަކަތައް ހުއްޓުވާނީ ކިހިނެއް؟… ދިމްނާ، ދިމްނާ އިނީ ބަލިވެކަން އިނގޭތަ؟… އެދަރިފުޅަށް ވެދާނެ ގޮތަކާމެދު ވިސްނާލަބަލަ…” އުސައިދު އާދޭސްކުރިއެވެ. އޭނަގެ ދަރިފުޅު ހުރި ހާލަތު ފެނި ރުޤިއްޔާއަށް ރޮވުނެއްކަމަކަކު، އެއާދޭސްތަކަށް އޭނަ އިޖާބައެއް ނުދިނެވެ.
”އެއީ އުސައިދުގެ ދަރިއެއް ނޫންތަ؟، އެދަރިފުޅާ މެދު އެންމެ ފަހަރަކު އުސައިދު ވިސްނާލިންތަ؟، މިއަދު އުސައިދު ތި އާދޭސްކުރާ ފަދައިން ދިމްނާ ކިތައް ފަހަރު އުސައިދުގެ ގާތުގައި އާދޭސްކުރިތަ، އެއަޑު އުސައިދުއަށް އިވުނުތަ؟…” ބަރްކާ ބުނެލިއެވެ. އޭނަގެ ރުޅި ފިނިވާ ގޮތެއް ނުވިއެވެ.
”މަންމާ!… އަހަރެން ދިމްނާގެ ގާތުންވެސް މަޢާފަށް އެދޭނަމޭ…” ދެއަތްޖޯޑުކުރަމުން ރުޤިއްޔާގެ ކުރިމައްޗަށް ތިރިވަމުން އުސައިދު ބުނެލިއެވެ. އެމަންޒަރު ފެނި ރުޤިއްޔާ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ދަރިންވެސް އިން ފަހަނައަޅައި ދިއުމުން ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ. އެހެންނޫނީ ކުރެވުނު ކަންތަކުގެ ކުޑަބޮޑުމިން ރޭކާނުލާނެއެވެ. ހިތާމައަކީ ކުރިން އެފަދަ ފިޔަވަޅެއް ނޭޅުނީތީއެވެ. އެޅުނުނަމަ މިދުވަސް ދެކެން ނުޖެހުނީސްކަން ގައިމެވެ.
”މަޢާފަށް އެދުމުން ހުރިހާކަމެއް ރަގަޅުވޭތަ؟… އުސައިދުގެ ފަރާތުން ލިބުނު ޖިސްމާނީ އަދި ނަފުސާނީ އަނިޔާތައް ދިމްނާއަށް ނުލިބޭކަމަށް ހެދޭނަތަ؟… ދިމްނާގެ ހަޔާތުން ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ގެނެސްދެވޭނެތަ؟…” ބަރްކާގެ ޖުމްލައިން އުސައިދުގެ ދުލުގައި ތަޅެއްލެވުނެވެ. ގޮތްހުސްވެ ކަރުއެލުވާލެވުނެވެ. މިހާރު އުސައިދު އެހުރި ހާލަތް ފެނި ކޮންމެ މީހަކަށް ވެސް ޝޮކެއް ލިބޭނެއެވެ. ނާކާމިޔާބުވެ މީހާ އެވަނީ ބަލިކަށިވެފައެވެ. ތިމާގެ ނިމުން ޤަބޫލުކުރަން ދަތިވެފައެވެ.
ފުލުހުން އައިސް އެންމެފަހުން އުސައިދު ހައްޔަރުކުރިއެވެ. އޭރުވެސް ގަދަހަދަމުން ހަޅޭއްލަވަމުން އޭނަ ދިޔަ އެވެ. އެމަންޒަރު ނުބަލަން ރުޤިއްޔާ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ތަހުޤީޤަތް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ބަރްކާއަށް ފުލުހުންނާއެކު ދާން ޖެހުނެވެ. އެމީހުންނާއެކު ފަލާހު ވެސް ދިޔައެވެ.
”އިނގޭ މިއީ އުނދަގޫ ނިންމުމަކަށް ވާނެކަން، އެކަމަކު މިނޫން އިތުރު ގޮތެއް ނެތް، ނޭގިނަމަވެސް ރުޤީއަށް ދެރައެއް ދެވިއްޖެނަމަ އަހަރެން މަޢާފަށް އެދެން…” ދިއުމުގެ ކުރިން ބަރްކާ ބުނެލިއެވެ. އަދި ރުޤިއްޔާގެ ގައިގައި ބައްދާލިއެވެ. މިފަދަ ދުވަހެއް ދެކެން ޖެހިދާނެ ކަމަކަށް އެކަކުވެސް ހިޔެއް ނުކުރެއެވެ. ނަމަވެސް ހަޤީޤަތަށް ފިލަން ދުވޭކަށް ނެތެވެ.
”އުސައިދުގެ ފަރާތުން އަހަރެން މަޢާފަށް އެދެން، ހުރިހާ ދެރައެއް ލިބުނީ ދިމްނާއަށް، އެދުވަހު އަހަރެންގެ ގާތުގައި ހުރިހާ ވާހަކައެއް ކިޔައިދޭން ދިމްނާ ފަސްޖެހުނީ މިދުވަސް ދެކެން ބޭނުންނުވީތީ، އެދަރިފުޅު ވަރަށް ގިނަ ދުވަސް ވަންދެން ކެތްކޮށްފި، އަހަރެންނަށް އެހިތްދަތިކަން ތަސައްވަރެއް ނުކުރެވޭނެ، ހިތާމައަކީ އެހުރިހާ ކަމަކާ ގުޅިފައިވަނީ އުސައިދުއަށް ވީތީ… އަހަރެން މަޢާފަށް އެދެން ވެދިޔަ ހުރިހާ ކަމަކަށް!…” ރުޤިއްޔާ ރޮމުން ބުނެލިއެވެ.
ފުލުހުންގެ ވެހިކަލުގެ ތެރޭގައި ވެސް އުސައިދު އަޑުގަދަކުރަމުން ދިޔައެވެ. ކޯޓުއަމުރަކާ ނުލާ އޭނަ ހައްޔަރު ނުކުރެވޭނެކަމަށާއި، އެންމެފަހުން ފުލުހުންނަށް ވެސް އިންޒާރުދީ އަމުރަށް ނުކިޔަމަންތެރިވެ ފުލުހެއްގެ ގަޔަށް އަތްވެސް އިސްކޮށްފިއެވެ. އެންމެފަހުން އެކަންތައް ހޫނުވެ އުސައިދުގެ އަތުގައި ބިޑިއަޅުވަން ޖެހުނެވެ. ދެންވެސް މައިތިރިވީކީއެއް ނޫނެވެ. އަވަގުރާނަ ގޮވައި ހީވަނީ ހޭބުއްދިފިލާ ދިޔައީ ހެންނެވެ. އެމަންޒަރުތައް ފެނި ފަލާހުގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދުރުގައި މަންޒަރު ބަލަން ހުރި ރުޤިއްޔާއަށް ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ.
*****
ޖެހިގެން އައި ދުވަހު ކޮންމެވެސް އެއްގޮތަކަށް މީޑިއާއާ ހަމައަށް ޚަބަރު ގޮސްގެން މުޅި ދުވަސް ނިމެންދެން ގެނެސްދިނީ އުސައިދުގެ ވާހަތަކެވެ. އެޚަބަރު ތާރާއަށް ފެނުމުން އުސައިދުގެ ފަރާތުން ބަދަލު ހިފަން ރަގަޅު ފުރުސަތެއް ކަމުގައި ފެނިގެން، އުސައިދުގެ ފަރާތުން އޭނައަށް ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބުނު ކަމުގެ ރިޕޯޓް ކުރިއެވެ. އޭގެ ސަބަބުން މަސްލަހަތު އިތުރަށް ގޯސްވިއެވެ. ފަލާހުގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ރުޤިއްޔާ އިތުރު ޝޮކެއް ލިބުނެވެ.
*****
ހުރިހާ މައްސަލައެއް ނިއުޅެމުން ދިޔައިރު ދިމްނާ ހުރީ މާޔޫސްކަމެއްގެ ތެރޭގައެވެ. އުސައިދުގެ ސަބަބުން އޭނަގެ މައިންބަފައިންނަށް ލިބެމުން ދިޔަ ހިތާމަތަކާ މެދު ވިސްނިފައެވެ. އެމޮޅުވެރިކަމުގެ ތެރޭގައި ވަނިކޮށް ދިމްނާއާއި ބައްދަލުކުރަން ރުޤިއްޔާ އައެވެ. އައިސް ދިމްނާއާ އެތައް ވާހަކައެއް ދެއްކިއެވެ. މަޢާފަށް އެދުނެވެ. އަދި ނަސޭހަތްތައް ދިނެވެ. ހިތްވަރާއެކު ދިރިއުޅުމާ ކުރިމަތިލުމަށް އެދުނެވެ. އޭނައާ މެދު ވިސްނައި ހިތާމަނުކުރުމަށް ބުންޏެވެ. މިދުވަސް ދުށުމަށް ތަޤުދީރުގައި ލިޔެވިފައިވުމުން ބަދަލެއް ނުކުރެވޭނެ ވާހަކަވެސް ބުންޏެވެ. ހަމައެއާއެކު އުސައިދުގެ ހުރިހާ ހަޤީޤަތެއް އެނގިއްޖެކަމަށްވެސް ބުނެލިއެވެ.
ރުޤިއްޔާއާއި ވާހަކަ ދައްކާލެވުމުން ދިމްނާގެ ހިތަށް ލުޔެއް ލިބުނެވެ. ކަންބޮޑުވުން ފިލައި ދިޔައެވެ. އެހެނަސް، އެހިތުގައި މާޔޫސްކަން ވިއެވެ. އުސައިދުގެ ސަބަބުން ލިބުނު ހިތްދަތިކަން އެދެލޮލުން ފެންނަމުން ދިޔައެވެ. އެބިރުވެރި ހަނދާންތަކާއި ދުރުވާން އޭނައަށް ވަގުތު ބޭނުން ވާނެއެވެ.
*****
އުސައިދު ފުރަތަމަކޮޅު އޭނަގެ ބޮލުގައި އެޅުނު ތުހުމަތުތަކަށް އިންކާރު ކުރިއެވެ. އެއީ ދޮގުކަމަށް ބުނެ ހެދިއެވެ.
ތަހުގީގުކުރިއަށް ދިޔަ ވަރަކަށް އުސައިދު ފަސްއަޅާ ފޮރުވަން އުޅުނު އެތައް ހަޤީޤަތެއް ކުރިމަތިވެ ރަގަޅު ދަންމަޅިއެއް ކަރުގައި ވާން ވިއެވެ. އަނިޔާގެ އިތުރުން، ބިރުދެއްކުމާއި، ޖިންސީ ގޯނާގެ އެތައް މައްސަލައެއް ފެންމަތިވިއެވެ. އުސައިދުގެ ބާރުކެނޑުމުން ހުރިހާ އެންމެން އެމީހެއްގެ ހައްގު ހޯދަން މަސައްކަތްކުރިއެވެ. އެހުރިހާ ކަމަކާއެކު ފަހާލު ހައްތާހާ ރުޅިގަދަ ވިއެވެ. އުސައިދު ބާކީކުރިއެވެ. ދަރިއެއްގެ ލަޤަބުވެސް ދޭކަށް ބޭނުމެއް ނުވިއެވެ. ވިޔަފާރިންވެސް ވަކިކުރިއެވެ. ހަމައެއާއެކު އުސްއިދުގެ ފަރާތުން ރުޤިއްޔާއަށް ލިބެމުން ދިޔަ ހިތާމަތައް ފެނި ވަކިން ބޮޑަށް އުސައިދު ދެކެ ހިތްހަމަނުޖެހުނެވެ.
*****
ތިން މަސްދުވަސް ވަންދެން ހުރިހާ ކަމެއް ދެމިގެން ދިޔައެވެ. ކޮންމެދުވަހަކު ޚަބަރުގެ ސުރުހީތަކަށް އުސައިދުގެ ނަން އަރަމުން ދިޔައެވެ. އޭގެ ސަބަބުން ފަލާހުގެ ވިޔަފާރިއަށް ގެއްލުންތަކެއް ވިއެވެ. އެންމެފަހުން ކުންފުނީގެ ހިއްސާގެ ބޮޑުބައެއް ނާޒިމަށް ވިއްކާލަމުން ފަލާހުގެ ދެމަފިރިން ރާއްޖެ ދޫކޮށް މެލޭޝިޔާއަށް ބަދަލުވިއެވެ. ދިއުމުގެ ކުރިން ދިމްނާއާއި ބައްދަލުކުރަން އެދެމަފިރިން އައެވެ. އަލްވަދާއު ކިއުމުގެ ކުރިން ދެއާއިލާގެ ދެމެދުގައިވާ މައްސަލަތަކަށް ނިމުމެއް ގެނެސް ހިތް ސާފުކުރިއެވެ.
*****
އުސައިދުގެ މައްޗަށް ފަސް އަހަރުދުވަހުގެ ހުކުމެއް އިއްވުނެވެ. މައްސަލަތައް ބަލައި ނިމުނުއިރު ދިމްނާ ވަރިކުރަން ޖެހުނެވެ. އަދި ޖަލުގެ ތޭރިތަކުގެ ތެރޭގައި އުސައިދު ހައްޔަރުވިއެވެ. ކުރެވުނު ކަންތަކާ މެދު އޭނަ ހުރީ ދެރަވެފައެވެ. އެހެނަސް، ބަހާއި އަމަލުން އެކަމެއް ނުދެއްކިއެވެ.
*****
އުދަރެސް މަތިން ފެންނަނީ ވިއްސާރަ ވިލާތަކެވެ. ހެނދުނުއްސުރެ ދުނިޔެ ބަނަކުރުމަށްފަހު ވާރޭ ކަނީގެ ހަމަލާތައް އަމާޒުވާން ފެށީ މެންދުރަށެވެ. މޭޒު ދޮށުގައި މަސައްކަތް ކުރަން އިން މަލްސާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ވާރޭގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އެއަޑު ކަންފަތާ ހަމައަށް އެފޯރީ ވަރަށް ގިނަ ދުވަސްފަހުންނެވެ. ކުރަމުން ދިޔަ މަސައްކަތް މަޑުޖައްސާލަމުން މަލްސާ ގޮސް ހުއްޓުނީ އިސްކޮޅުގެ ދިގުމިން ހުރި ކުޑަދޮރު ކައިރިއަށެވެ. ކުޑަދޮރުން ބަލާއިރު މާލޭގެ މަލަމަތި ފެނެއެވެ. ވާރޭގެ ހަމަލާތަކުގެ ސަބަބުން ކުޑަދޮރު ދިޔައީ ފުސްވަމުންނެވެ. ހަމައެއާއެކު ތެތްފިނިކަން ވެސް ދިޔައީ ހަރުލަމުންނެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަތަނާ މަލްސާ ސިއްސައިގެން ދިޔައީ ދާދި ކައިރިން މީހަކު ކަރުކެހިލި އަޑަށެވެ. ފަސްއެނބުރި ބަލާލިއިރު ދެޖީބަށް އަތްޖަހާލައިގެން ހުރީ އަޝްކާންއެވެ. އެތުންފަތުގައި ރީތި ހިނިތުންވުމެއް ވިއެވެ.
”ބިރުގަތީތަ؟…” މަލްސާ އަށް އޭނަގެ ހިތާއިވީ ފަޅީގައި އަތްޖައްސާލެވުމުން އަޝްކާން ސުވާލުކުރިއެވެ. އެތުންފަތުގައިވި ހިނިތުންވުން ފިލައި ކަންބޮޑުވުމަށް ބަދަލުވެއްޖެއެވެ.
”ނޫން…” މަލްސާ ހިނިތުންވެލިއެވެ. އޭނަގެ ހިތުގެ މައްޗަށް ބާރުފޯރުވަން އުނދަގޫވެފައިވީ އަޝްކާންއާއި އޭނައާ ދެމެދުގައިވި ދާއިރާގެ ހަނިކަމުންނެވެ. އެކަން އަޝްކާންއަށް ރޭކާލާ ހެނެއް ހިޔެއް ނުވެއެވެ.
މަލްސާގެ ނޭވާ ކުރުވަމުން ދިޔައެވެ.
ފާއިތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި މަލްސާއާއި އަޝްކާންގެ ގުޅުން ވަނީ ބަދަހިވެފައެވެ. އެދެމެދުގައިވާ ދުރުކަން ގާތްކަމަށް ބަދަލުވެއްޖެއެވެ. އެކަމަށް ދުވަސްތައް ނެގިއެވެ. އެދެމެދަށް ވެރިވާ ހިމޭންކަމުންނެވެ. ދެޒުވާނުންގެ ވެސް ތަޒުރިބާތައް ނެތުމުންނެވެ. ނަމަވެސް ކައްޔިސްގެ މަޝްވަރާތަކުގެ ދަށުން އަޝްކާން އިސްނެގިއެވެ. އެދުވަސްކޮޅު ކައްޔިސް އޭނައާ ދިމާކުރިވަރު އަދިވެސް އަޝްކާންގެ ހަނދާ އެބަހުއްޓެވެ. ކައްޔިސްގެ ނަސޭހަތުގެ ދަށުން އަމަލުކުރުމުން ގޮސް މަލްސާގެ ހިތް ދެނެގަންނަން ފަސޭހަވިއެވެ. އޭގެ ސަބަބުން، ދެހިތުގައި ވިންދުޖަހަމުން ދިޔަ އިހުސާސްތައް ދެނެގަންނަން އުނދަގޫކަމަކަށް ނުވިއެވެ. އަދިވެސް އެދެމެދުގައި ކުޑަ ދުރުކަމެއް ވިއެވެ. އެކަމަށް ނިމުން ގެންނަން އަޝްކާން ބޭނުން ވެއެވެ. އޭނަގެ ހިތުގެ ހާލު މަލްސާއަށް އަންގަންވެސް މެއެވެ.
”މިރޭ އަހަންނާއެކު ކެއުމަކަށް ދެވިދާނެތަ؟…” އަޝްކާން އެހިއެވެ.
”މިރޭ؟…” މަލްސާ ވިސްނާލިއެވެ.
”ކަމެއް އޮތީތަ؟…” އަޝްކާންއަށް ބުނެވުނެވެ. ”އެހެންވިއްޔާ އެހެން ރެއެއްގައި ވެސް ދެވިދާނެ…”
”ނޫން، ކަމެއް ނެތް…” މަލްސާ އަވަސްއަވަހަށް ބުނެލިއެވެ.
”ޔަޤީންތަ؟…” އަޝްކާން ބުންޏެވެ.
”ހޫމްމްމް…” މަލްސާ ބޯޖަހާލިއެވެ. އަޝްކާންގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވެގެން ދިޔަތަން މަލްސާއަށް ފެނުނެވެ. އެހިނިތުންވުންތަކުން އެބަދުމެ އޭނަގެ ޖިސްމަށް ފިނިކަން ގެނެސްދެއެވެ.
”އެހެންވިއްޔާ މިރޭ އަށްގަޑި ބަޔަށް އަހަރެން ދާނަން މަލްސާ ބަލާ… ގޮސް އަހަރެން ގުޅާނަން…” އަޝްކާން ބުނެލިއެވެ.
”ނޫން… އޭރުން ގޭ މީހަކަށް ފެނިދާނެ، ގެއަށް ވަންނަ ގޯޅި ކައިރީ ހުންނަ ފިހާރަ ކައިރީ އަހަރެން ހުންނާނަން މަޑުކޮށްގެން… ކުރީ ދުވަހަކުވެސް އަޝްކާން އަހަރެން ގެއަށް ލާން ދިއުމުން މަންމަ ސުވާލުކުރި…” މަލްސާ އަވަސްއަވަހަށް ބުނެލިއެވެ.
”ދެން ކީކޭތަ ބުނީ؟…” އަޝްކާން އެނގެން ބޭނުންވީ މަލްސާ ދިން ޖަވާބެވެ. ކޮންމެއަކަސް އޭނަ ޝައުޤުވެރިވެއްޖެއެވެ. މަލްސާއަށް ބަލާލަމުން އޭނަ ބުމަ އަރުވާލިއެވެ.
”އެކުވެރިޔެކޭ ބުނީ…”
މަލްސާ ބުނެލިއެވެ. އެޖަވާބުން އަޝްކާންއަށް އުދާސްކަން ލިބުނެވެ. އޭނަ މިރޭ މަލްސާއާއި ބައްދަލުކުރަން ނިންމީ ހިތުގެ ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. އެކުވެރިކަމަށް ވުރެން ބޮޑަށް އެދެމެދުގައި ވާން އޭނަ ބޭނުންވަނީ ލޯތްބެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް، އަދި ފާޅުނުކުރިކަމުގައި ވިޔަސް، މަލްސާގެ ފަރާތުން އޭނަ ދެކެ ގަޔާވާކަމުގެ ސިފަތައް އޭނައަށް ވަނީ ފެނިފައެވެ. އެއީ އަޝްކާންއަށް ގެނެސްދިން ހަމަޖެހުމެކެވެ. ހިތުގެ ހާލު ބަޔާންކޮށްދޭން ލިބުނު ހިތްވަރެކެވެ. އެދެމެދުގައިވާ ފަރަގުތަކުގެ ސަބަބުން އޭނަގެ ލޯބި ޤަބޫލުކުރުމުގައި މަލްސާ ފަސްޖެހިދާނެކަމުގެ ބިރު އޭނަގެ ހިތުގައި އޮތެވެ. އެހެންކަމުން އޭނައާއެކުވުމަށް މަލްސާއަށް އުނދަގޫ ނުވާނެހެން ކަންތައް ކުރުމަށް އަޝްކާން ހަނދާނުގައި ބެހެއްޓިއެވެ.
”އޯކޭ، އެހެންވުމުން މިރޭ ޑިނާރ އިސް ފައިސަލައިސްޑް…” އަޝްކާން ބުނެލިއެވެ. މަލްސާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.
*****
”ރޭޝް އައެމް ސޮރީ، އެކަމަކު މިރޭ ދެތް ދެވޭކަށް، ވަރަށް ބޮޑު ކަމެއް ލައިގަނެގެން މިއުޅެނީ؟….” އަޝްކާން ދިއުމާއެކު މަލްސާ އަވަސްއަވަހަށް އޭނަގެ ފޯނު ނަގައި ރޭޝަމްއަށް ގުޅިއެވެ. މިރޭ ދެއެކުވެރިން ވަނީ ބައްދަލުވާން ގަޑި ކިޔާފައެވެ. ރޭޝަމްގެ ފިރިމީހާގެ އުފަންދުވަސް އަންނާތީ ކުޑަ ފާޓީއެއް ބާއްވަން މަޝްވަރާކުރާށެވެ. މިހާރު، އަޝްކާންއަށް އާނ ބަސް ދެވިފައިވުމުން މަލްސާއަށް ޖެހުނީ ރޭޝަމްއަށް ނޫނެކޭ ބުނާށެވެ.
”މަލްސާ!، އާރ ޔޫ ޑިޗިންގް މީ؟…” ތޫލި އަޑަކާއެކު ރޭޝަމް ބުންޏެވެ.
”ސޮރީ، ހަމަ ކުއްލިޔަކަށް ކަމެއް ދިމާވީއޭ…” މަލްސާ މަޢާފަށް އެދުނެވެ.
”ހޫނނނ، އަބަދު ކުއްލިޔަކަށް ކަންތައް ދިމާވާނީ، ޔާގީނޭ ސިއްރުން ތަނަކަށް ދަނީކަން، އަނެއްކާ އަޝްކާން ތަނަކަށްދާން ދަޢުވަތު ދިނީތަ؟…” ރޭޝަމްއަށް ޝައްކުވިއެވެ. މަލްސާ ވަނީ އޭނައާއި އަޝްކާންއާ ދެމެދު އުފެދެމުން އައި ގުޅުމުގެ ވާހަކަ ބުނެދީފައެވެ.
”ދެން ފަހުން ބުނާނަން، މާދަމާއަކީ އަނެއްކާ ހުކުރު ދުވަސް، ދާނަން މެންދުރަށް ގިޔާ ގޮވައިގެން، އޭރަށް މެންދުރަށް ފިހާރަ ހުޅުވީމަ ދާނީ ޝޮޕިންގްއަށް، ގިޔާ ހުންނާނެ އެއްޗެހި އުފުއްލަން…” މަލްސާ އަވަސްއަވަހަށް ފޯނު ކަނޑާލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން މިރެއަށް ތައްޔަރުވާނެ ގޮތަކާ މެދު ވިސްނަން ފެށިއެވެ.
*****
ހަވީރެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ މިހާރު ވަނީ ހުއްޓާލާފައެވެ. އޭރުވެސް އުދަރެސްމަތިން ވިއްސާރައިގެ އަސަރު ފިލައިގެން ނުދެއެވެ. ޖެހެމުން ދިޔަ ރޯޅިތަކަށް ވެސް ބަދަލެއް ނާދެއެވެ.
ބަރްކާ އިނީ އޭނަގެ ޒަމާންވީ އެކުވެރިޔާ ނަތާޝާއާއެކު ކޮފީހައުސް އެއްގައެވެ. ދެވަނަ ފަންގިފިލާގައި ހުރި އެކަހެރި މޭޒެއްގައި ތިބިއިރު ޖެހެމުން އަންނަ ފިނި ރޯޅިތަކުގެ އަސަރުކުރަމުން ދިޔައެވެ.
ނަތާޝާއާއި ބަރްކާގެ އެކުވެރިކަން ބަދަހިވެގެން އައީ ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެންނެވެ. ދިރިއުޅުމުގައި ދިމާވި އެތަކެއް އިމްތިހާނުތަކުގައި އެކަކަކު އަނެކަކަށް މަދަދުވެރިވެފައި ވެއެވެ. މީގެ ދެއަހަރު ކުރިން އެކްސިޑެންޓެއްގައި ނަތާޝާގެ ފިރިމީހާ ނިޔާވި ފަހުން ވިޔަފާރީގެ ގިނަ ކަންތައްތަކުގެ ބޮންތީގައި އުޅެނީ ނަތާޝާ އެވެ. ދޮށީ ފިރިހެންދަރިފުޅު ކައްޔިސްގެ އެއްވެސް ޝައުޤުވެރިކަމެއް ވިޔަފާރީގެ ދާއިރާއަކަށް ނެތެވެ. ނަމަވެސް މަދުމަދުން ވިޔަސް އެކިކަންކަމުގައި ކައްޔިސްގެ މަދަދުވެރިކަން ލިބެއެވެ. ވިޔަފާރިއާ ހަވާލުވާން ކައްޔިސްގެ މައްޗަށް ނަތާޝާ ޕްރެޝަރެއް ނުކުރެއެވެ. ދަރިންނަށް މަޖުބޫރުކުރުމަކީ ނަތާޝާގެ އުސޫލެއް ނޫނެވެ. ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ދަރިންނަށް ދިނީ ދަރިންދެކެ ވާލޯތްބެއްގެ ސަބަބުންނެވެ. އެދަރިންގެ ހިތުގައި ޒައްރެއްގެ މިންވަރުގެ ނުރުހުމެއްވެސް އުފެދެން އޭނަ ބޭނުންނުވާތީއެވެ. ފިރިމީހާ ނިޔާވުމަށްފަހު ދަރިންނަކީ އޭނަގެ ދުނިޔެއެވެ. އެދަރިންގެ އުފަލަށްޓަކައި އޭނަ ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެއެވެ.
”މިހާރު ދިމްނާ ކިހިނެއްތަ؟، އެވަރު ކަމެއް ހިނގިއިރު ވެސް ބަރްކާ އަހަންނަށް އަންގާ ނުލާ، އަހަންނަށް ޝޮކެއް ލިބުނީ އެވާހަކަތައް އަޑުއިވުމުން، އެލީގެ ގާތަށް ގޮސްފަ ހުއްޓާ އެކަމެއް ހިނގީ ވެސް… އެމަންޖެގެ ގްރެޖުއޭޝަން ކަންތައް ހަމައަކަށް އަޅުވާލާފައި އަދިރިޔާ ރާއްޖެ އާދެވޭވަރު މިވީ…” އާވިއަރަމުން ދިޔަ ކޮފީމަގަށް ތުންބުން ފުމެލަމުން ނަތާޝާ ބުނެލިއެވެ.
”އިރާދަކުރެއްވިއްޔާ ހަމަ ރަގަޅު، އެހާ ދުރުގައި ނަޝް ހުރީމަ އުނދަގޫ ނުކުރަންވެގެން ނުބުނީ، އެކަމަކު މީޑިއާތަކުގައި ވައިލްޑްފަޔާރހެން ފެތުރިގެން ދިޔައީ، މިހާރު ހުރިހާކަމެއް ހަމައަކަށް އެޅިއްޖެ…” ބަރްކާ ބުނެލިއެވެ. ”އެލީ ކިހިނެއްތަ މިހާރު؟… މިހާރު ކިޔެވުން ވެސް ނިމި ޑޮކްޓަރަކަށް އެވީ، ކޮން ދުވަހަކުންތަ ދެން ރާއްޖެ އަންނަނީ؟…”
ބަރްކާގެ ހިތުގައި އެލީންއާ މެދު ޝައުޤުވެރިކަން އުފެދިފައި ވިއެވެ. އަޝްކާންގެ ބައިވެރިޔަކަށް ހޮވަން އޭނައަށް ކަމުދާ ހަމައެކަނި އަންހެންކުއްޖަކަށް ފެނުނީ އެލީން އެވެ. ކުޑައިރުއްސުރެން ފެށިގެން އެލީންއާއި އަޝްކާން އުޅުނީ ނުހަނު އެކުއެކީގައެވެ. އެހެންވުމުން އެކުވެރިކަމަށް ވަގުތު ދީފިނަމަ ލޯތްބަށް ބަދަލުވެދާނެކަމުގެ އުއްމީދު ބަރްކާގެ ހިތުގައި އޮތެވެ.
”އަހަންނާއެކު ރާއްޖެ އަންނާށޭ ބުނިން، އެކަމަކު އެކޮޅުގަ ކުޑަ ކަމެއް ނިންމަން ޖެހޭތީއޭ ކިޔާފަ ނައިސް މަޑުކުރީ… އަންނަ ހަފްތާގެ ހޯމައިގަ އަންނާނަމޭ ބުނި، އެކަމަކު ބުނި ޝާންއާ ކިޔާ ކައިރީގަ ނުބުނާށޯ، ސަޕްރައިޒެއް ދޭންށޯ ބޭނުމީ…” ހުނުމަކާއެކު ނަތާޝާ ބުނެލިއެވެ.
”އެހެންތަ؟… މިހާރު އެލީ ވެސް އެހުރީ ކައިވެނި ކުރާ އުމުރަށް ގޮސްފަ، އެކަމާ ނަޝް ނުވިސްނަންތަ؟…” ބަރްކާ ދުރުދުރުން އޭނަގެ ވާހަކަ ފަށަން އުޅުނެވެ. އެވާހަކައިގެ މިސްރާބު ވަގުތުން ނަތާޝާއަށް ވިސްނައިގަނެވިއްޖެއެވެ. އެކީގައި އެހާ ދުވަހު އުޅުމުން ބަރްކާގެ ވިސްނުން ހުންނަ ގޮތް ނިކަން ރަގަޅަށް އޭނައަށް ވަނީ ދަސްވެފައެވެ. ބަރްކާގެ ފަރާތުން އޭނަ ހިތްހަމަނުޖެހޭ ކިތަންމެ ކަމެއް ފާހަގަ ވިޔަސް އެކަންތައް ނުފެންނަ ކަމަށް ހަދަނީ ޒަމާންވީ އެކުވެރިކަމުގެ ހައްގުގައެވެ. އޭނަގެ ހުރި ހަމައެކަނި ގާތް އެކުވެރިޔާއަކީ ބަރްކާ އެވެ. ފިރިމީހާ ނިޔާވުމުން ލިބުނު ހިތާމަތަކުގައި އޭނަގެ އެންމެ ގާތުގައި މަދަދުވެރިވާން ހުރީ ބަރްކާއެވެ. ބަރްކާގެ އުނި ސިފަތަކާއެކުގައި ވެސް ބަރްކާއަކީ ހިތްހެޔޮ މީހެކެވެ. އެކަން އޭނަ ދުވަހަކު ހަނދާން ނައްތާނުލައެވެ.
”ކައިވެނި ދޯ… އެލީ ބޭނުންމީހަކާއި ކައިވެނިކުރުމުގެ އިހުތިޔާރު އަހަރެން ވާނީ ދީފައި، ދުވަސް ނެގިޔަސް އަހަންނަށް މައްސަލައެއް ނެތް، އެކުދިން ބޭނުންވާ މީހަކާއި ކައިވެނި ކުރުމުގެ ފުރުސަތު ދޭންވާނެތާ؟، މަޖުބޫރުކުރުމަކީ ރަގަޅުކަމެއް ވެސް ނޫން…” ނަތާޝާ ބުންޏެވެ.
”އެހެންތަ؟… ނަޝް ހިތްހަމަނުޖެހޭ މީހަކަށް އޯކޭއޭތަ ތިބުނީ، މިސާލަކަށް ތަންކޮޅެއް ދަށް ސޯޝަލް ސްޓެޓަސްއަކުން އަންނަ މީހަކަސް؟…” ބަރްކާ އެހިއެވެ. ނަތާޝާގެ ވާހަކަދެއްކުމުގެ މޭރުން އޭނައަށް ކަމަކު ނުދިޔައެވެ. ނަތާޝާއާ ހިލާފަށް ދަރިންގެ ހުރިހާ ކަމެއްގެ މައްޗަށް ގަދަ ބަސް ބުނަން ބަރްކާ ބޭނުންވެއެވެ. ހަލާކުގެ ތެރެއަށް ދިރިއުޅުން ނުދާނީ އޭރުންނެވެ. ދިމްނާއަށް ދިމާވި ގޮތުން އަދިވެސް ރަގަޅު ފިލާވަޅެއް ބަރްކާއަކަށް ނުލިބެއެވެ.
”ތީ ދެން އިހުޒަމާނުގެ ވިސްނުމެއްނު، މިހާރު ތި ސޯޝަލް ސްޓެޓަސްއަކީ ބޭކާރު އެއްޗެއް، ހަމަ ކޮންމެ މީހަކާ އިންނަންވީ، އަހަރެންގެ މައްސަލައެއް ނެތް، ކިޔާ އަދި އެލީ އުފަލުގައި ވަނިކޮށް އަހަރެން ހިތްހަމަޖެހޭނެ، މި މުއްސަނދިކަން ދުނިއުމުރަކަށް ދެމިގެން ނުދާނެއެއްނު، މަރުވުމުން އެނިމުނީދޯ… ބަރްކާ ވެސް ދެން އެހާ ބޮޑަށް ނުވިސްނާ… ޝާން ވެސް އޭނައަށް ކަމުދާ ކުއްޖަކު ގެންނާނެއެއްނު، އިރާދަކުރެއްވިއްޔާ އަދި ދިމްނާގެ ދިރިއުޅުން އާރާސްތުވެގެން ދާނެ… އެކުދިންނަށް ވަގުތު ދޭންވީ ހަމަ…” ކޮފީފޮދެއް ބޯލަމުން ނަތާޝާ ބުނެލިއެވެ.
”އާނ…” އެއްބަސްވުމުގެ ގޮތުން ބަރްކާ ބުންޏެވެ. އެއީ ހިތުގެ އަޑިން ބަރްކާ ބުނި އެއްޗެއް ނޫނެވެ. އޭނަ ހިތާހިތުން ވިސްނާލިއެވެ. އެލީން އައުމުން މަގެއް ފެނޭތޯ މަސައްކަތްކުރާނީއެވެ. އަޝްކާން ކައިވެނި ކުރާނީ އޭނައަށް ފެންނަ އަދި ކަމުދާ ކުއްޖަކާއެވެ. އެހެންނުވެއްޖެނަމަ މަޖުބޫރުކޮށްގެން ވިޔަސް އޭނަގެ މަގުސަދު އޭނަ ހާސިލުކުރާނެއެވެ.
(ނުނިމޭ)
5 Comments!
Comments are closed.
Miadhuves meege next part fenaane kamah unmeedhu kuran……
Adhi dhimnaa ah ehen v ma ves barkaa akah nuvisney dho. V v reethi mi part ves.
Varah reethi Masha Allah
Ego bodu miheh mi barkaa aki! V fuhivei. Usaidu ah vaanvi gothah evi. Enmefahun dimna ah justice libijje. Malsa n ashkan ah barkaa ge undagoo jehenehen hivani ?
Maasha allah … mi baives v kamudhey …. alhe barka ah adhives nuvisney dho … so sad … i hope ashakaan and malsa gulheyne kamah … love this story … waiting for the next part ❤❤❤❤