Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނުވާނަން ތަފާތެއް… 19

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
April 1, 2020 13 Mins Read
7 Comments

ކޮރިޑޯއިން ހިނގާފައި ދިޔަ ބަރްކާއަށް ވިސްނެމުން ދިޔައީ ދެން ހަދާނެ ގޮތަކާ މެދުގައެވެ. ދިމްނާއާ މެދު ކަންތައްކުރި ގޮތަށް ފަހު ހަމަޖެހިލައިގެން އުސައިދުއަށް އުޅުމުގެ ފުރުސަތު ދޭން އޭނަ ބޭނުމެއް ނުވެއެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅަށް އެފަދަ ބޮޑު އަނިޔާއެއް ދިން މީހަކު އިންސާފުގެ ތިލަފަތުން މިނިވަންވެފައިވާތަން ދެކެން އޭނަގެ މައިލަނގޮޑިއަކަށް ކެތެއް ނުވާނެއެވެ. ބަރްކާގެ ހިތުގައި އޭރު ރުޅިވެރިކަމުގެ ހައިޖާންގަނޑެއް އުފެދިފައި ވިއެވެ. އޭނަގެ އަމިއްލަ އެދުން ކިތަންމެ ބޮޑުވިޔަސް، އަދި މީހުން ވިސްނާއެއްޗަކަށް ކިތަންމެ އަހައްމިއްޔަތުކަން ދެވުނަސް، ދިމްނާ ހިތާމަޔާއި ބިރުވެރިކަމުގެ ތެރޭގައި ވާތަން ދެކެން އޭނަގެ ހިތަށް ކެތެއް ނުކުރެވުނެވެ. މިރޭ ދިމްނާގެ ފަރާތުން ފެނުނު އުދާހާއި ކަރުނަތަކުން އޭނައަށް ވަރަށް ގިނަ ވާހަކަތަކެއް ކިޔައިދީފިއެވެ. އެހިލަހިތުގެ ފަށަލަތައް ފޫއަޅުވާލާފައި ދަރިފުޅުގެ ހިތާމަތައް އޭނަގެ ޖިސްމަށް ފުން ލޮޅުމެއް ގެނުވައިފިއެވެ. އަމިއްލަ ނަފުސު އެތައް ފަހަރަކު ކުށްވެރިކުރެވުނެވެ. ދިމްނާ ރޮމުން އޭނަ ގާތު ދެއްކި ވާހަކަތައް އަޑުނޭހުނީތީއެވެ. ދަރިފުޅަށްވުރެން ބޮޑަށް ހިލޭ މީހަކަށް އިތުބާރުކުރެވުނީތީއެވެ.

”އަހަންނަށް ވަރަށް ބޮޑު ގޯހެއް ހެދިފައި މިއޮތީ، ދިމްނާ އަހަންނާ ވާހަކަދައްކަން ބޭނުން ނުވާނެ ކަންނޭގެ، އެދަރިފުޅުގެ ވާހަކަތައް އަހަންނަށް އަޑުއެހުނުނަމަ، އަހަރެންގެ މިދެއަތުން އެދުވަހު އުސައިދުގެ އަތްމައްޗަށް ދިމްނާ ދޫކޮށްލެވުނީ، އެދުވަހު ދިމްނާގެ ފަރާތުން ފެނުނު ބަދަލާއި އަހަރެން ގާތު ބުނަން އުޅުނު ވާހަކަތަކާއި ޝަކުވާތައް މިހާރު އަހަންނަށް ފެނި އަޑުއިވޭ ކަހަލަ… އޭރު އަހަންނަށް ދަރިފުޅުގެ އުދާސްތައް ނުފެނުނީ އަމިއްލަ އެދުން އިސްކުރެވުނީތީ، މިއަދު އަހަރެން ދެރައެބަވޭ، މަންމައަކަށް ވެހުރެވެސް ދަރިފުޅާ މެދު ކަންތައް މިކުރެވުނީ ބޭއިންސާފުން…” ފިނި ނޭވާއެއް ބަރްކާއަށް ދޫކޮށްލެވުނެވެ.

”އަހަރެން ދިންމާއަށް އިންސާފު ހޯދައިދޭނަން، ވިޔަފާރިއާއި މީހުން ބުނާ އެއްޗަކާ މެދު ވިސްނާނީ ފަހުން، އެހެންނޫނަސް އުސައިދުގެ ނުބައިކަން މީހުންނަށް އަންގާލެވުމުން ދިމްނާގެ ނަން ސާފުވާނެ، އޭރުން މީހުންގެ ހަމްދަރުދީ ލިބޭނެ، އާނ، މިވަނީ ރަގަޅަށް، އޭރުން މީހުން ދިމްނާއޭ ކިޔައިގެން ނުބައި ވާހަކައެއް ނުދައްކާނެ، ދުވަސްކޮޅަކަށް ވައިގަ ހިފާފަ ވަރީގެ ވާހަކަދެއްކުން ވެސް ހުއްޓާލާނެ، އެކަމަކު އާހިރުގައި ރަގަޅުވާނީ ދިމްނާއާއި އަހަރުމެންނަށް……” ބަރްކާ އޭނަގެ ޒަމީރާ މަޝްވަރާކުރިއެވެ. އެއަށްފަހު އޭނައަށް ލިބިފައިވި ފުރުސަތުގެ ބޭނުން ރަގަޅު ގޮތުގައި ހިފަން ގަސްދުކުރިއެވެ.

ދިމްނާގެ ކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލުމާއެކު ބަރްކާއަށް ލިބުނީ ހައިރާންކަމެވެ. އޭނަ ހީކުރީ ދޮރު ހުންނާނީ ތަޅުލާފައި ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ދޮރު ހުރީ ހުޅުވާފައެވެ.

ދޮރުހުޅުވާލަމުން ބަރްކާ އެތެރެއަށް ވަނެވެ. ކޮޓަރިއަށް ވެރިވެފައިވާ ދިނާ ބޮކީގެ ފަނޑު އަލިކަމުގެ ތެރޭން އެނދުގައި އޮތް ދިމްނާ އޭނައަށް ފެނުނެވެ. ދޮރާއި ފުރަގަސް ވާނެހެން އެނބުރިގެން އޮތުމުން ދިމްނާ އޮތީ ނިދީގައިކަމެއް ބަރްކާއަށް ޔަޤީނެއް ނުކުރެވުނެވެ.

”ދަރިފުޅާ، ނިދަނީތަ؟…” ދޮރުލައްޕާލަމުން ބަރްކާ ގޮވާލިއެވެ. އެވަގުތު އޭނަގެ ކަންފަތުގައި ޖެހުނީ ދިމްނާގެ ވޭނީ އާހުގެ އަޑެވެ. އަވަސްއަވަހަށް ދިމްނާގެ ގާތަށް ބަރްކާއަށް ދެވުނެވެ. މަގަތުގައި އިށީންނަމުން ދިމްނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

ގެނައި ކުއްލި ހަރަކާތާއެކު ބަރްކާގެ އަތް ދިމްނާ ފޮޅުވާލިއެވެ. މަންމަގެ އެހީތެރިކަން އޭނައަށް ބޭނުން ނުވެޔޭ ބުނާ ކަހަލައެވެ.

”މަންމައަށް އެނގޭ ދަރިފުޅު ތިހުރީ މަންމަ ދެކެ ހިތްހަމަނުޖެހިފައި ކަން، މަންމައަށް ހަޤީޤަތް އެނގުނުނަމަ ފަހަރެއްގައި ވެސް އުސައިދުގެ ގާތަށް ދިއުމަށް ދަރިފުޅަށް މަޖުބޫރެއް ނުކުރީމުސް، މަންމައާއި މެދު ކޮންމެ ގޮތަކަށް ދެކުނަސް ދަރިފުޅަށް ރައްކާތެރިކަމެއް ނުވާތަނަކަށް ދިއުމަށް މަންމަ ގަދަބާރެއް ބޭނުމެއް ނުކުރާން… ދަރިފުޅު މަންމައަށް ކިޔައިދިންނަމަ އަޑުއެހީމުސް…” ބަރްކާ ވާހަކަދެއްކިއެވެ. ދިމްނާ އޭނަ ކުށްވެރިކުރާނެކަން ކުރިން ވެސް އޭނައަށް އަންދާޒާކޮށްލެވުނެވެ. އޭނަ ދެކެ ހިތްހަމަނުޖެހޭނެކަން ވެސް މެއެވެ. އޭނައަށް ދިމްނާއާ މެދު އަމަލުތައް ބެހެއްޓުނު ގޮތުން ދިމްނާގެ ރުޅިވެރިކަން އޭނައަށް ހައްގެވެ. ނަމަވެސް އޭގެ ސަބަބުން އޭނަ ދެރަވިއެވެ. ހިތުގައި ނުޖެހެޔޭ ބުނެފިނަމަ އެވާނީ ކަނޑައެޅިގެން ދޮގަކަށެވެ.

”އަހަރެން… އަހަރެން މަސައްކަތްކުރިން ބުނެދޭން، އެކަމަކު… އެކަމަކު މަންމަ އަހަރެންގެ ވާހަކަތައް އަޑު އެހިންތަ؟، ނާހަމެއްނު، ދެން ކޮން ވާހަކައެއްތަ ތި ދައްކަނީ؟…… އަހަންނަށްވުރެ ބޮޑަށް މަންމަ އިތުބާރު ކުރީ އުސައިދުއަކަށްނު!…” ކުރެހިފައިވާ އަޑަކުން ދިމްނާ ބުނެލިއެވެ. މިރޭ ވެދިޔަކަންތަކުން އޭނަގެ ހިތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ހަޤީޤަތް އަބަދު ސިއްރުނުކުރެވޭނެކަން އޭނައަށް އެނގެއެވެ. އެހެނަސް، ބައްޕަގެ ފަރާތުން ފެނުނު ހިތްދަތިކަމުގެ ސަބަބުން އޭނަގެ ހިތަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. އެފަދަ ހިތްދަތިކަމެއް މައިންބަފައިންނަށް ލިބެން ދިމްނާ ބޭނުމެއް ނުވެއެވެ. ވަގުތު ފާއިތު ވެއްޖެއެވެ. އަނދިރި ސިއްރުތައް އެވަނީ ހާމަވެފައެވެ. އެންމެނަށް ފެންނާނެ ހެންނެވެ. އެކަމާ ހުރެ އަޝްކާން ދެކެ ވެސް ދިމްނާ ހުރީ ރުޅިގަދަވެފައެވެ. ވާހަކަދައްކަން ބޭނުން ނުވެފައެވެ.

”އެއީ މަންމައަށް ހެދުނު ގޯހެއް، އެކަން މަންމަ ޤަބޫލުކުރަން، ދިމްނާ!، މަންމައަށް މަޢާފްކޮށްދީ، މަންމަ ފަހަރެއްގައި ވެސް ދަރިފުޅުގެ ހިތުގައި ޖައްސާކަށް ބޭނުމެއް ނޫން، ރުޤިއްޔާ ބުނިހެން އަވަސްއަރުވާލައިގެން ދަރިފުޅުގެ ކައިވެނި ހަމަނުޖެއްސުނުނަމަ މިއަދު މިދުވަސް ދެކެން ނުޖެހުނީސްކަން ނޭނގެ، ދަރިފުޅު ބޭނުންވާނެ ފަދަ ބައިވެރިޔަކު ޚިޔާރުކުރުމުގެ ފުރުސަތު ދެވުނުނަމަ ދެޢާއިލާގެ ދެމެދުގައި މިހާ ބޮޑު ކުންޏެއް ނުޖެހުނީސްކަން ނޭނގެ… މަންމަ މިއަދު މިހިރީ ދަރިފުޅު ބޭނުން ފައިދައިން ކަންތައްކޮށްދޭން ތައްޔާރަށް، އުސައިދުގެ ފަރާތުން ދަރިފުޅު ރައްކާތެރިކޮށްދޭނަން، އިންސާފު ހޯދަން ކުރެވުނު މަސައްކަތެއް ވެސް ކުރާނަން…” ދިމްނާގެ ބޮލުގައި ލޯތްބާއެކު ފިރުމާލަމުން ބަރްކާ ބުނެލިއެވެ. މަންމަގެ އެފަދަ އޯގާތެރި ފިރުމުންތަކަށް ކެތްތެރިކަން ކުޑަވެފައިވި ދިމްނާއަށް އިތުރަށް ރޮވުނެވެ. މައިންވަންތަކަމުގެ ލޯތްބަށް އޭނަ އެދިއެދި ކުރަމުން ދިޔަ އާދޭސްތަކަށް އެންމެފަހުން މަންމަ އެވަނީ އިޖާބަދީފައެވެ. އޭނަގެ ދިރިއުޅުން އަނދަވަޅަކަށް ވެއްޓުނު ފަހުންނެވެ.

”އަހަރެން އެއްވެސް މީހަކު ކުށްވެރިއެއް ނުކުރަން، އަހަރެންގެ ފިނޑިކަމުން މިހެންމިވީ، އޭނަ އަހަރެންގެ ގަޔަށް ފުރަތަމަ އަތްއިސްކުރިދުވަހު އެއްޗެއް ބުނެވުނުނަމަ މިހާލަތަށް ކަންތައް ނުދިޔައީސް، އެކަމަކު އަހަރެން ބިރުގަނެ ފަސްޖެހުނީ… ފިނޑިއަކަށް ވީ…” ގިސްލަމުން ދިމްނާ ބުނެލިއެވެ.

”ތިހެން ނުބުނޭ، ދަރިފުޅު ހިތްވަރުގަދަވީމަ އޭނައާ ވަކިވެގެން އައީ، ވަކިވާން ބޭނުންވީ… މަންމައަށް ކުރިން ވިސްނުނުނަމައޭ ހިތަށް އެބައަރާ، ވެދިޔަ ކަންތައް ބަދަލެއް ނުކުރެވޭނެ، އެކަމަކު މުސްތަޤުބަލާ ހިތްވަރާއެކު ކުރިމަތިލާންވީ، މަންމައަށް ޔަޤީން ދަރިފުޅަށް ވާނެކަން، މަންމަ ހުންނާނަން ދަރިފުޅާއެކީގައި… ރުއިން ހުއްޓާލާފަ މަންމައަށް ކިޔައިދީ، މަންމަ ބޭނުން އެނގެން، ދަރިފުޅު ހިތްދަތިވާނަމަ ހުއްޓާލިޔަސް އެންމެ ރަގަޅު، އެކަމަކު މަންމަ ދެން ހުންނާނީ ދަރިފުޅާ އެކީގައި، ދަރިފުޅުގެ އާއިލާ ގާތުގައި އެބަތިބި، މަންމަ، ބައްޕަ އަދި ޝާން ވެސް އެތިބީ ދަރިފުޅަށް މަދަދުވެރިވާން، ފަހަރެއްގައި ވެސް ތިހިރީ އެކަނިވެރިވެފައޭ ހީނުކުރައްޗޭ، ދަރިފުޅު ދެން ކަންތަކާ މެދު ނުވިސްނާ، މަންމައާއި ބައްޕަ މިކަންތައް ހައްލުކުރާނަން، ދެއާއިލާގެ ދެމެދުގައި އިތުރު މައްސަލައެއް ނުޖެހޭނެހެން ކަންތައް ކުރާނީ… އިރާދަކުރެއްވިއްޔާ ދަރިފުޅަށް އިންސާފު ލިބޭނެ… ދަރިފުޅާ މީ ސިއްރުކުރަންވީ ވަގުތެއް ނޫން…” ލޯތްބާއި އޯގާތެރިކަމާއެކު ބަރްކާ ބުނެލިއެވެ. އޭގެ ސަބަބުން ދިމްނާގެ ހިތަށް އަސަރުކުރިއެވެ. އޭނަ ތެދުވެލަމުން މަންމަގެ ގައިގައި ބައްދާލިއެވެ. ހިތްފުރެން ދެން ރޯލިއެވެ.

ދިމްނާ ހުއްޓުވާކަށް ބަރްކާ ނޫޅުނެވެ. ދިމްނާގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލުމުގެ ފުރުސަތު އޭނަ ދިނެވެ. ހިތްހަމަޖައްސައިދޭން މަޑުމަޑުން ދިމްނާގެ ބުރަކަށީގައި އޭނަ ފިރުމާލި ހިނދު އެދެލޮލުން ކަރުނަ ހިލިއްޖެއެވެ.

ދިމްނާގެ ވާހަތަކާއި، ދިމްނާގެ ހަށިގަނޑުގައިވި ޒަހަމްތަކުގެ ނިޝާންތަކުން އުސައިދުއާއި މެދު ބަރްކާގެ ހިތުގައިވި ނަފުރަތުގެ އަލިފާނުގައި އިތުރަށް ހުޅުރޯވެގެން ދިޔައެވެ. އުސައިދު ކުރި ކަންތަކުގެ ސަޒާ ލިބެން އޭނަ ބޭނުންވިއެވެ. އޭރުން މެނުވީ އޭނަގެ ދަރިފުޅަށް އިންސާފެއް ނުލިބޭނެއެވެ.

”ދަރިފުޅު ދެން އިތުރަށް ހިތާމަ ނުކުރޭ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަގަޅުވާނެ…” ދިމްނާގެ ކޯތާފަތުގައިވި ކަރުނަތައް ފޮހެލަމުން ބަރްކާ ބުންޏެވެ.

”މަންމާ…” ދިމްނާއަށް ގޮވާލެވުނެވެ. ދިމްނާގެ ރާގުން ބުނަން އުޅެނީ ކީކޭކަން އޭނައަށް ނަގައިގަނެވުނެވެ.

”ދަރިފުޅެ ދެން އިތުރަށް ސިއްރުކުރަން އުޅޭނަމަ އުސައިދުއަށް ހީވާނީ އޭނައަށް ކުރިއެރުން ލިބެނީހެން، މަންމަމެންގެ ވިސްނުމާ ލައްކަ ދުވަހު އޭނައަށް ކުޅެވިއްޖެ، އެނގޭ ރުޤިއްޔާއަށް އުސައިދުގެ ހަޤީޤަތް އެނގުމުން ޝޮކެއް ލިބޭނެކަން، އެކަމަކު އެނގިގެން މެނުވީ ހައްލެއް ނުލިބޭނެ… ސިއްރުކުރަން އުޅެފިނަމަ އުސައިދުގެ ފަރާތުން އިތުރު ކުއްޖަކަށް ތިފަދަ އަނިޔާއެއް ނުލިބޭނެކަން އެނގެނީ ކިހިނެއް… ދަރިފުޅު ފިކުރުބޮޑުނުވޭ، ފިކުރުބޮޑުވުމުން ދަރިފުޅަށް އިތުރު ހާސްކަމެއް ނޫނީ ނުލިބޭނެ، މިވަގުތު އެފަދަ އިހުސާސްތަކާއި ދުރުވާންޖެހޭނެ، އޭރުން ތިދެމައިން ދުޅަހެޔޮ ސިއްހަތެއްގައި ތިބޭނީ…” ބަރްކާ ބުނެލިއެވެ. އެތައް އިރެއް ވަންދެން ދިމްނާއާއި ވާހަކަދައްކަން އިނުމަށް ފަހު ކޮޓަރިން ދާން ބަރްކާ ނިންމީ ދަންވަރުވީމައެވެ. ދިމްނާ ގާތު ނިދުމަށް ބުނެލަމުން އޭނަ ހިނިތުންވެލިއެވެ. އަދި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ހުރިހާއިރެއް ވަންދެން ހިފަހައްޓައިގެން ހުރި ކަރުނަތައް އެސްފިޔަތައް ފޫއަޅުވާލާފައި ފައިބައިގަތީ ކޮޓަރިން ނިކުމެވުނު ތަނާއެވެ. ރުއިމުގެ އަޑު ބޭރުވެދާނެތީ ބަރްކާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. އަދި ކޮޓަރީގެ ދޮރަށް ލެނގިލަމުން ފުންނޭވާތަކެއް ދޫކުރަން މަސައްކަތްކުރިއެވެ. އޭރު މޭގެތެރޭގައި ހިތް ފިތިބާރުވަމުން ދިޔަ ކަމުގެ އިހުސާސް ބަރްކާއަށް ކުރެވުނެވެ. ދިމްނާގެ ވާހަތަކުންނާއި، އެޖިސްމުގައިވި އަނިޔާގެ ނިޝާންތަކުން އޭނައަށް ރޮވެނީއެވެ. ޝައިތާނެއްގެ އަތްމައްޗަށް ދަރިފުޅު ދޫކޮށްލެވުނުކަމުގެ ހިތިކަން އޭނަގެ އަރުބުޑުގައި ރަގަޅަށް ލައިފިއެވެ. ދަރިފުޅުގެ ދިރިއުޅުން އެވަނީ ބަރުބާދުވެފައެވެ.

*****

އާދީއްތަ ދުވަހުގެ ހެދުނެވެ. އަޝްކާން އޭނަގެ ކަސްރަތުތައް ނިންމާލުމަށްފަހު ޖިމުން ގެއަށް އައިއިރު ހުރީ ހަތެއް ޖަހާފައެވެ. ފެންވަރާ ތާޒާވެލައިގެން އޭނަ އަވަސްވެގަތީ އޮފީހަށް ދާން ތައްޔާރުވާށެވެ. އަލަމާރިން ނެގި ހުދުކުލައިގެ ގަމީސް ބައިމަތިފުޅާ ހަށިގަނޑަށް މަހާލަމުން ކަޅުކުލައިގެ ފަޓޫލޫނެއް ލިއެވެ. އެއަށްފަހު ބެގީޖަހަމުން ގަމީހާއި ގުޅޭނެހެން ކަޅުކުލައިގެ ޓައީއެއް ކަރަށް މަހާލިއެވެ. ރީތިވާ މޭޒުކައިރިއަށް ހުއްޓިލަމުން އިސްތަށިގަނޑު ރީތިކޮށްލަމުން އަތުގައި ގަޑިވެސް އަޅުވާލިއެވެ. އަދި ގަޑިއަށް ދިން އަވަސް ނަޒަރާއެކު ގަޔަށް ސެންޓް ބުރުވާލަމުން، ކާރުގެ ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ވަކިހިސާބަކަށް ގޮސްފައި އަނެއްކާވެސް އައިސް މޫނުބަލާލޯގަނޑުން އަޝްކާން އޭނަގެ ސޫރައަށް އަވަސް ނަޒަރެއް ދިނެވެ. އެއްފަހު އެއްމިޔަކަނިން ހިނިތުންވެލަމުން ނިކުންނަން ހިނގައިގަތެވެ.

*****

ސިޑިއާ ދިމާއަށް ހިނގަމުން ދިޔަ އަޝްކާންއަށް ހުއްޓެވުނީ ކޮޓަރިން ނިކުތް ދިމްނާ ފެނުމުންނެވެ. ދިމްނާ އަދިވެސް އޭނައާއި ވާހަކައެއް ނުދައްކައެވެ. ހަޤީޤަތް ހާމަކުރުމުން އެކަމާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް އެދެމެދުގައިވާ ދުރުކަމަށް ނިމުމެއް ގެންނަން އަޝްކާން ބޭނުމެވެ. ހުރިހާ ކަމެއް އޭނަ ހާމަކުރީ ދޮންތައަށް ރަގަޅު ގޮތް ވުމަށް އެދޭތީއެވެ.

”އަދިވެސް ހިތްހަމަނުޖެހިފަތަ؟…” ދިމްނާއާއި އަރާހަމަކުރަމުން އަޝްކާން އެހިއެވެ. ދިމްނާ އަޝްކާންއަށް ބަލާލިއެވެ. އަޝްކާން މާވަރަކަށް ސެންޓު ބުރުވާލައިގެން ހުރުމުން އޭނައަށް ނޭފަތަށް ގޮތެއް ހަދާލެވުނެވެ.

”ނުބައިވަސް ދުވަނީތަ؟، ދެންމެ ފެންވަރައިގެން މިއައީ…” ލިބުނު ހައިރާންކަމާއެކު އަޝްކާން އޭނަގެ އަތް ހިއްލާލުމަށްފަހު، ނޭފަތް ގަމީހާ ކައިރިކޮށްލަމުން ވަސްބަލާލިއެވެ. އަޝްކާންއަށް ބަލަން ހުރި ދިމްނާއަށް ތަފާތުކަމެއް ލޮލުގައި އަޅައިގަތެވެ.

”އެނގެޔޭ އެކަން، ތިހާ ވަރަށް ސެންޓް ނުޖެހިޔަސް ވާނެއެއްނު…” ދިމްނާ ހިނިތުންވުމަކާއެކު ބުނެލިއެވެ. ”ދޮންތަ ނެތީން ޝާން ދެކެ ރުޅި އައިސްފައެއް، މިއަދު އެނގިއްޖެ ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަސް ދުނި އުމުރަށް އެކަން ސިއްރެއް ނުކުރެވޭނެކަން… މަންމައާއި ބައްޕައަށް ކުއްލި ޝޮކެއް ވެސް ލިބިފައި އެތިބީ، އެކަމަކު މިކަމުން އެންމެނަށް އަރައިގަނެވޭނެ… އިންޝާﷲ…” ދިމްނާގެ ޖުމްލައިން އަޝްކާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދޮންތަ ހަމަޖެހިފައިވާތަން ފެނި އޭނަ އުފާވިއެވެ.

”ދޮންތަގެ ވާހަކަ އިހަށް ބާއްވަބަލަ، ދޮންތައަށް މިދެތިން ދުވަހު ޝާންގެ ފަރާތުން ކަމެއް ފާހަގަ ވެއްޖެޔޭ، އޮފީހަށް މިހާރު ދާއިރު ވަރުގެ ކޮޅަށް ނަލަހެދިގެން ތިދަނީ، އަނެއްކާ އެންމެ ދުވަހަކަށް ވާނެ ވަރަށް ސެންޓް ބުރުވައިގެން ދަނީ، ކޮންމެ ދުވަހަކު އިސްތަށިގަނޑު ހުންނަނީ ވަކި ގޮތަކަށް، ވަޓް ހެޕެންޑް؟…” ހަށަން ބަނދެލަމުން ދިމްނާ ބުނެލިއެވެ. ދިމްނާގެ ސުވާލާއެކު އަޝްކާން ރަކިވެއްޖެއެވެ.

”ހެހެހެ، ކަމުދާ ކުއްޖަކު އެންމެފަހުން ފެނުނީތަ؟، ދޮންތައަށް ކިޔައި ނުދޭނަންތަ؟…” ދިމްނާއަށް ހެވުނެވެ. އަޝްކާން އުޅޭ ގޮތަކުންނެވެ. ހީވަނީ ސާދަފަނަރަ އަހަރުގެ އަންހެންކުއްޖަކު ހެން ވިއްޔާއެވެ. އެވަރަށް އަޝްކާން ރަކިވެދާނެއެކޭ އޭނަ ހިޔެއް ނުކުރެއެވެ.

”ކަމުދާ ކުއްޖަކު އެބަހުރި، އެކަމަކު އެކުއްޖާ ދެކޭ ގޮތެއް ނޭގޭ… ވަރަށް އޮޑް ކުއްޖެއް އެއީ…” އަޝްކާން އޭނަގެ ފުއްކިބައިގައި އަތްހިންގާލަމުން ބުނެލިއެވެ.

”ޑޯންޓް ސްޓްރެސް ޔޯރ ސެލްފް… ހުރިހާކަމެއް ދާނީ ރަގަޅަށް، ފުރަތަމަ ދެމީހުން ދަސްވުމުން އިތުރު ފިޔަވަޅެއް އަޅަން ފަސޭހަ ވާނީ… ދޮންތަ ބޭނުން ޝާންއަށް ތިވަރު ކޮށްލި ކުއްޖާ ދެކެން، ޝީ މަސްޓް ބީ ސްޕެޝަލް ޓު މޭކް މައި ބްރަދާރ ކްރޭޒީ…” އަޝްކާންއާއި ދިމާކޮށްލަމުން ދިމްނާ ބުނެލިއެވެ. އެއަށްފަހު ދެމީހުން އެކީގައި ސިޑިން ފައިބަން ފެށިއެވެ.

*****

އަޝްކާން އަންނާނެ އިރެއްގެ އިންތިޒާރުގައި ވަގުތު ގުނަމުން ދިޔަ މަލްސާގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައީ ލިފްޓް ހުޅުވުނު އަޑު ކަންފަތުގައި ޖެހުމުންނެވެ. އަވަސްއަވަހަށް ގޮނޑިން ތެދުވެލަމުން އެދިމާއަށް އޭނަ ބަލާލިއެވެ. އޭރު އަޝްކާން ލިފްޓުން ނިކުންނަނީއެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވުމާއެކު މަލްސާއަށް ހީވި އޭނަގެ ވުޖޫދުވެސް އިރުކޮޅަކަށް ހުއްޓުނުހެންނެވެ. މީހާ ފިނިވެއްޖެއެވެ. ނޭވާ ކުރުވެއްޖެއެވެ. ހިތުގެ ތެޅުން އަވަސް ވެއްޖެއެވެ. މޮޔައަކު ފަދައިން ހިނިތުން ވެވިއްޖެއެވެ. އޭނައަށް ހަމަހޭވެރިކަން ވިއިރު އަޝްކާން އައިސް އޭނައާއި އަރާހަމަކުރަނީއެވެ. ވަގުތުން މަލްސާ ރަކިވާ ގޮތްވިއެވެ. މޫނުގެ ކުލަ ބަދަލުވެގެން ދިޔަ ތަން އަޝްކާންއަށް ފެނުނު ބާވައޭ ހިތަށް އެރުމުން މެޔަށް ފިނިވެއްޖެއެވެ.

”ގުޑް މޯރނިންގް…” މަލްސާއަށް ވުރެ ކުރިން ދުވަހުގެ ތަހުނިޔާ އަރިސްކުރީ އަޝްކާންއެވެ. އެމޫނުގައިވި ހިނިތުންވުން ފެނި މަލްސާއަށް ބޭއިހްތިޔާރުގައި ހިނިތުންވެވިއްޖެއެވެ. އަދި ދުވަހުގެ ތަހުނިޔާ އަޝްކާންއަށް ވެސް އަރިސްކޮށްލިއެވެ.

ދެން އެދެމެދަށް ވެރިވެގެން އައީ ހިމޭންކަމެވެ. އިސްވެ ބުނާނެ އެއްޗެއް ނޭގުމުން އަޝްކާން ކަރުކެހިލަމުން ހިނގައިގަތީ އޭނަގެ ކެބިންއަށެވެ. ކެބިންއަށް ވަނުމުގެ ކުރިން ދުވަހުގެ ޝެޑިއުލް އޭނައަށް ގެނެސް ދިނުމަށް މަލްސާ ގާތު އެދުނެވެ. މަލްސާ ލައްބައޭ ބުނެލަމުން ބޯޖަހާލިއެވެ.

”އޯހް މައި ގޯޑް، ކިރިޔާ ފެއިންޓް ނުވީ…” މަލްސާ އޭނަގެ ނިއްކުރީގައި ފުއްޓަކިއެއް ޖަހާލަމުން ބުނެލިއެވެ. އޭނަގެ ހިތާއި ނަފުސުގެ މައްޗަށް އަޝްކާން ފެނުމުން ބާރެއް ނުފޯރުވެއެވެ. މުޅިން ނުފެންނަ އިހުސާސްތަކުން އޭނަގެ ނަފުސު ހަލަބޮލިކޮށްލައެވެ. ގިނަފަހަރު ކުރެވޭނުކުރެވޭ ކަމެއް ވެސް ނޭގެއެވެ. މިހާވަރުން ދަންޏާ އޭނައާ މެދު އަޝްކާން ރުޅި އައިސްދާނެޔޭ މަލްސާގެ ހިތަށް އެރިއެވެ. އޭރުން ވަޒީފާއިން ވަކިކޮށްފާނެއެވެ. އެދުވަހަކުން އަޝްކާން ދުށުމުގެ ނަސީބު އޭނައަށް ގެއްލިގެން ދާނެކަން ގައިމެވެ.

”އޯހ… އައި މަސްޓް ބީ ކްރޭޒީ… ބޭސްއަޅައިދިން ދުވަސް ހަނދާނުން ފިލާ ގޮތެއް ނުވި، އެދުވަސް އަބަދުމެ ފެންނަ ކަހަލަ… އަހަރެންގެ އަތުގައި އަޝްކާން ހިފި މަންޒަރު ސިކުނޑިން ފިލުވައެއް ނުލެވޭ، އައި ތިންކް އައެމް ގޮއިންގް ކްރޭޒީ…” މަލްސާއަށް ބުނެވުނެވެ. އިރުކޮޅެއް ވަންދެން އަމިއްލަ ނަފުސާ ވާހަކަދައްކާ ކޫސަނި ހަރަކާތްތަކެއްގެންނަން މަލްސާއަށް ހުރެވުނެވެ. އޭނައަށް ނޭގުނީ އެމަންޒަރު ކެބިންގެ ތެރެއިން އަޝްކާން ބަލަމުން ދިޔަ ކަމެވެ. އޭރު އަޝްކާންއަށް ވެސް ހެވިއްޖެއެވެ. ދެފަރާތަށް ބޯހޫރާލެވުނީ މަލްސާ މޫނަށާއި ހަށިގަނޑަށް ގެންނަމުން ދިޔަ ހަރަކާތްތައް ފެނިފައެވެ. އޭނަ ބްލައިންޑާރސް ތަކާ ދުރަށް ހިނގައިގަތީ މަލްސާ އަންނަތަން ފެނުމުންނެވެ. އަވަސްއަވަހަށް ދާން ހަދައިގެން އެތާ ހުރި ސޯފާ މޭޒުގައި އަޅައިގެންފައި ނުވެއްޓުނީ ކިރިޔާއެވެ. އެވަގުތު މޭޒުގެ ކަން ކަކުކުލުގެ ހުޅުގައި ޖެހުމުން ވީތަދާއެކު ހަޅޭއްލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. އެއީ މަލްސާ އައިސް ކެބިންއަށް ވަން ވަގުތެވެ.

”ތި އައީ ދޯ…” އެއްވެސްކަމެއް ނުވާ ކަމަށް ހެދެމުން އަޝްކާން ބުނެލިއެވެ. އަދި އަރުތެރޭން ބޭރުވާން އުޅުނު ހަޅޭކުގެ އަޑު ދިރުވާލަމުން އޭނަ ފުންނޭވާއެއް ލިއެވެ. ކަކުލުގައި އުފެދުނު ތަދުން ލޮލުން ކަރުނަ ހިލޭވަރު ވިއެވެ. އިހުސާސްތައް ވަންހަނާކުރަން ހިނިތުންވެލަމުން އޭނަ ވަގުތުން ސޯފާގައި އިށީނެވެ. ވަރަށް ނޫންކަމަށް ހެދެމުން ކަކުލުގައި ފިރުމާލަމުން ވަމުން ދިޔަ ވޭން ތަހައްމަލުކުރަން މަސައްކަތްކުރިއެވެ.

އަޝްކާންއަށް ބަލަން މަލްސާއަށް ހުރެވުނީއެވެ. ކުއްލިއަކަށް އެވީ ގޮތެއް ނޭގުމުންނެވެ. އޭނަ އަތުގައި އޮތް އައިޕެޑް މޭގައި ޖައްސާލަމުން ގޮސް އަޝްކާންގެ ގާތަށް ހުއްޓުނެވެ.

”އާރ ޔޫ އޯކޭ؟…” ކަންބޮޑުވުމުގެ ރާގަކަށް މަލްސާ ސުވާލުކުރިއެވެ.

”ނެވާރ ބީން ބެޓާރ…” އިހުނަށްވުރެ ބޮޑަށް ހިނިތުންވެލަމުން އަޝްކާން ބުންޏެވެ.

”އެކަމަކު ހީވަނީ ފަޔަށް ތަދެއް އަރައިގެން ހުޅޭހެން…” މަލްސާ ބުނެލިއެވެ.

އަޝްކާން އޭނަގެ ކަކުލުގައި ފިރުމަމުން ދިޔަ އަތް ދުރުކޮށްލަމާއެކު ގެނެސް މޭގައި ހުރަސްކޮށް ހަށަން ބަނދެލިއެވެ.

”ނޫން، ހަމަ ރަގަޅު…ކިހިނެއްތަ މިއަދުގެ ތާވަލު އޮތީ؟…” މަލްސާ ގާތު އަޝްކާން އެހިއެވެ. އަޝްކާންއަށް ބަލަން ހުރި މަލްސާ ދުވަހުގެ ތާވަލު ކިޔާ ދޭން ފެށިއެވެ.

”އެހެންވީމަ މެންދުރަށް އެއްވެސް ކަމެއް ނެތް ދޯ؟…”

އަޝްކާން ވަރަށް ނޭގޭ ކަމަށް ހެދެމުން ބުނެލިއެވެ. ހަޤީޤަތުގައި އެހާވަރުން މަލްސާ އެތަނަށް ގެނައީ ވެސް ދުލުކުރިއަށް ގެންނަން އުނދަގޫވެފައިވި ވާހަކަ ބުނަންށެވެ. ކޮންމެހެން ދުވަހުގެ ތާވަލު އޮޅުން ފިލުވާކަށް ނޫނެވެ. ދުވަސް ނިމިގެން ދާއިރު އަނެއްދުވަހުގެ މީޓިންގްތަކުގެ ހުރިހާ ޝެޑިއުލްއެއް މެއިލްގެ ޒަރިއްޔާއިން އޭނައަށް ލިބެއެވެ. ނަމަވެސް ނޭގޭކަމަށް ހެދިގެން އުޅުނީ މަލްސާއާއި ވާހަކަދައްކަން ބަހަނާއެއް ހޯދަން ވެގެންނެވެ. އެދެމެދުގައި އިތުރު އެއްވެސް ވާހަކައެއް ނުދެކެވޭތީއެވެ. އެކަމާ ހުރެވެސް އަޝްކާން ނުތަނަވަސްވެއެވެ. އެދެމެދުގައި އޮތް ގުޅުން ބަދަހިވާން އޭނަ ބޭނުމެވެ. ވިވިއަންއާއި އޭނައާ ދެމެދު އޮތް ފަދަ ވަޒީފާގެ ގުޅުމެއް މަލްސާއާ ދެމެދުގައި އޮތްނަން އޭނަ ބޭނުމެއް ނުވެއެވެ. އެކަމާ މެދު އޭނަ ވަރަށް ވިސްނިއެވެ. ކުއްލިޔަކަށް އޭނައަށް އެފަދަ ބަދަލެއް އައީތީއެވެ. ދެ މަސް ދުވަހުގެ ތެރޭގައި ތަފާތު ނަޒަރަކުން މަލްސާ މެދުގައި ދެކެވެން ވަނީ ފަށާފައެވެ. ނޭގި އޭނަގެ ހިތް އަތުން ދޫވެއްޖެކަން ގައިމެވެ. މަލްސާ ފެނުމުން އޭނަ އުފާވެއެވެ. އެހިނިތުންވުން ދެކިލަން ހިތް އެދެއެވެ. އެރީތި އަޑު އަހަން ބޭނުންވެއެވެ. މިހުރިހާ ބަދަލަކީ އޭނައަށް މުޅިން އަލަށް އިހުސާސްކުރެވެމުން ދިޔަ ކަންތައްތަކެވެ. ބައެއްފަހަރު އެއިހުސާސްތައް ކޮންޓްރޯލްކުރަން އޭނަ ބޭނުންވެއެވެ. އޭނައާއި މަލްސާއާއި ދެމެދު އޮތް ނާޒުކު ގުޅުމުގެ ސަބަބުންނެވެ. އޭނަ މަލްސާއާ މެދު ދެކެމުން އައި ނަޒަރުން މަލްސާ އޭނައާ މެދު ނުދެކިފާނެތީއެވެ. އެދެމެދުގައި އޮތް ފަރަގުތަކާ މެދު ވެސް ވިސްނުން ހިންގާލެވުނެވެ. އެހެނަސް، އޭނަގެ ނުސިޔާނު ހިތަށް ވިސްނައިދިނުމުގައި އޭނަ ވަނީ ނާކާމިޔާބުވެފައެވެ. އެހުރިހާ އިހުސާސްތަކުގެ މައްޗަށް ގަދަވެފައިވަނީ ހިތުގެ ޖަޒުބާތުތަކެވެ.

”ލައްބަ…” އަދިވެސް އެއްފަހަރު އައިޕެޑަށް ނަޒަރެއް ދެމުން މަލްސާ ބުނެލިއެވެ.

”ޑޫ ޔޫ ހޭވް އެނީ ލަންޗް ޕްލޭންސް؟…” އަޝްކާން ސުވާލުކުރިއެވެ. އޭނަ ކުރާ ސުވާލުތަކާއި އަމަލުތަކުން ޑޭޓް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައިނުވާކަން އެނގެއެވެ.

”ސޮރީ؟…” އަޝްކާންގެ ސުވާލުން މަލްސާއަށް ލިބުނީ ހައިރާންކަމެވެ. ދޭނެ ޖަވާބެއް އޭނައަކަށް ނޭގުނެވެ.

”ނެތިއްޔާ، އަހަންނާ އެކު ލަންޗަށް ދެވިދާނެތަ؟…” އަޝްކާން ދިޔައީ ސީދާ އޭނަގެ މައުޟޫޢުއަށެވެ. ދެލޯބޮޑުކޮށްގެން މަލްސާއަށް ބަލަން ހުރެވުނީ ބަސްހުއްޓިފައެވެ. މަލްސާއަށް އައި ބަދަލުތަކުން އޭނައަށް ހެދުނީ ގޯހެއް ބާވައޭ އަޝްކަންގެ ހިތަށް އެރިއެވެ. އެސުވާލު ކުރަން ޖެހޭނީ އިތުރު ގޮތަކަށް ބާވައޭ ވެސް އޭނަގެ ހިތަށް އެރިއެވެ. ޑޭޓް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައި ނެތުމުން އަޝްކާން ހާސްވިއެވެ. މަލްސާގެ ޖަވާބު އައިސްފާނެ ގޮތަކާ މެދުގައެވެ. ހަމައެއާއެކު އޭނައާ މެދު މަލްސާ ހީކޮށްފާނެ އެއްޗެކާ މެދުގައެވެ.

”ލަންޗް؟…” ހުއްޓުން އަރާފައި ހުރި މަލްސާއަށް ބުނެވުނެވެ. އޭނަ ހުރީ އަދިވެސް ޤަބޫލުކުރަން ދަތިވެފައެވެ. މިއީ ހުވަފެނެއް ބާވައޭ ވެސް އޭނަގެ ހިތަށް އެރިއެވެ. ނޫނީ އަޝްކާންގެ ޖުމްލައިގެ މާނަ އޭނައަށް ގެނެމުން ދިޔައީ ގޯސްކޮށްބާވައޭ ހިތާ ސުވާލުކުރެވުނެވެ.

”ހޫމްމްމް…” ބެނެވުނު އެއްޗެއް އަނބުރާ ނުގެންދެވޭނެތީ އަޝްކާން އޭނަގެ ބޯޖަހާލިއެވެ. އޭނަގެ ނަޒަރު ވަނީ މަލްސާއަށް ހުއްޓިފައެވެ. މަލްސާ އޭނަގެ އަތުގައި އޮތް އައިޕެޑު މެޔާލާ ބޮޑިކޮށްލަމުން ފުންނޭވާއެއް ދޫކޮށްލުމާއެކު، އަޝްކާންގެ ހުށަހެޅުން ޤަބޫލުކުރިއެވެ.

”އެއްގަޑި ބައި، އަހަރެން ރިޒަވޭޝަން ހައްދާނަން…” ލިބުނު އުފާވެރިކަމާއެކު އަޝްކާންއަށް ބުނެވުނެވެ. ދެވަނަ ސިކުންތުގައި ތުންފަތުގައި ދަތްއަޅާލެވުނެވެ.

*****

މޭޒު ދޮށުގައި އިން މަލްސާއަށް ވިސްނެމުން ދިޔައީ ދެންމެ ހިނގާދިޔަ ކަންތަކާ މެދުގައެވެ. އޭގެ މާނަ ނަގަންވީ ކިހިނެއްކަމެއް އޭނައަކަށް ނޭގެއެވެ. ކޮންމެހެން ވިޔަސް އޭނަ ހުރީ އުފަލުންނެވެ. މަސައްކަތުގެ މާހައުލުން ބޭރުން އަޝްކާންއާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބުމުންނެވެ. ގަޑީގެ ސިކުންތުކަށްޓަށް ބަލަމުން އިންތިޒާރުގައި ވަގުތު ގުނަން ފެށުނެވެ.

*****

ވަގުތު ފާއިތުވަމުން ގޮސް އެކެއް ޖެހީއެވެ. މިވަގުތަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ނިންމަމުން އަޝްކާން ކެބިން އިން ނިކުތެވެ. އޭރު ހާސްކަމުގެ އަސަރު އޭނަގެ ހިތުގައި ވިންދުޖަހަމުން ދިޔައެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު އޭނަ ގޮސް ހުއްޓުނީ މަލްސާގެ މޭޒު ކައިރިއަށެވެ. މަލްސާގެ ސަމާލުކަން އޭނަ ކުރަން އިން މަސައްކަތަށް ދެވިފައިވުމުން ގާތުގައި އަޝްކާން ހުރި ކަމެއް ނޭގެއެވެ. ނަމަވެސް އަޝްކާންގެ ސެންޓްވަސް ނޭފަތުގައި ޖެހުމާއެކު އިސްއުފުލާ ބަލާލެވުނެވެ.

ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާމެހިގެންދިޔައެވެ. ބަސްމޮށުންތެރިކަމަކަށް ބޭނުންނުވާ ސުކޫތެއް ފާއިތުވެގެން ދިޔައެވެ. ދެހިތުގައި އެއް އޮއެވަރެއް އެއް ވިންދެއް އުފައްދާލަމުންނެވެ. އަޝްކާންގެ ތޫނުފިލި ދެލޮލުގެ ބާރުން އެންމެ ފުރަތަމަ ނަޒަރު ވަކިކޮށްލަން މަޖުބޫރުވީ މަލްސާއަށެވެ. އިތުރަށް އެދެލޮލުގެ ތެރެއަށް ގެއްލިއްޖެނަމަ އަޝްކާން ހީކޮށްފާނެ އެއްޗެއްގެ ބިރު އެހިތުގައި ހީވުމުންނެވެ.

މަލްސާ އޭނަގެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ގޮނޑިން ތެދުވުނެވެ. އަޝްކާން ވެސް އޭނަގެ އަތުކުރީ އޮތް ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. ދެޒުވާނުން އެކީގައި ކުރިއަށް ހިނގައިގަތް ވަގުތު ލިފްޓްގެ ދޮރު ހުޅިވިގެން ދިޔަ މަންޒަރު ފެނުނެވެ. އެއަށްފަހު ލިފްޓުން ނިކުތް ތަން ފެނުނީ ކައްޔިސް އެވެ. ކައްޔިސް އޭނަގެ ފިޔަވަޅުތައް މަޑު ޖައްސާލަމުން މަލްސާއާއި އަޝްކާންއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އޭނަގެ އެތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

”ހާދަ ލޯބިން އުޅޭ ކުދިންކޮޅެއް، ކޮންތާކަށް ދާން ތިއުޅެނީ؟…” ސަމާސާ ރާގަކަށް ކައްޔިސް ސުވާލުކުރިއެވެ.

ކައްޔިސް ފެނުމުން މިފަހަރު އަޝްކާންގެ ފަރާތުން ފެނުނީ ފޫހިކަމެވެ. އެކަން ފާހަގަ ކުރެވުނު ކައްޔިސްގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އަޝްކާންއަށް އުނދަގުލެއްކޮށްލަން އޭނަގެ ހިތަށް އެރިއެވެ.

”ލަންޗް ގަޑީގަ ބޭރަށް ތިދަނީ އަނެއްކާ ކާން ވެގެންތަ؟، އެހެންވިއްޔާ އަހަރެން ވެސް ގެންދެބަލަ، ހޮސްޕިޓަލުން ލަންޗް ބްރޭކް ލިބުނު އިރަށް މިއައީ ޝާންއާއެކީ ކާން ދާން، އައި މިސްޑް ޔޫ މައި ޑިއާރ…” އަޝްކާން ގާތަށް ހުއްޓުނު ކައްޔިސް، އަޝްކާންގެ ކޮނޑަށް އަތްވައްޓާލިއެވެ. އެކަމާ ނުރުހުނު އަޝްކާން ކައްޔިސްގެ އަތް ދުރަށް ލިއެވެ.

”އަހަރެން ނޫނިއްޔާ ނެތީތަ އެހެން މީހަކު؟…” އަޝްކާން އެހިއެވެ. އޭރު އަޝްކާން އާއި ކައްޔިސް ކޯޅެމުން ދިޔަ މަންޒަރު ފެނި މަލްސާއަށް މަޖާވިއެވެ. އެއީ އޭނައަށް އާކަމެއް ނޫނެވެ. ފާއިތުވި ދުވަސްތަކުގައި ކައްޔިސްގެ ސަކަ މިޖާޒު އޭނައަށް ވަނީ ދަސްވެފައެވެ. އަޝްކާންއަކީ އަބަދުމެ މަޑުމައިތިރިކަމަށް ލޯބިކުރާ ޒުވާނެކެވެ. އެއާ ހިލާފަށް ކައްޔިސް އަކީ ހަލަނި އަދި އެހާމެ މަޖާ ޒުވާނެކެވެ. ދެޒުވާނުންގެ މިޒާޖު އެހާ ތަފާތުއވީއިރު ގާތް ރަހުމަތްތެރިންނަށް ވީ ކިހިނެއްބާވައޭ މަލްސާގެ ހިތަށް އެރިއެވެ.

”ހޫމްމްމް، ޔޫ އާރ މައި ވަން އެންޑް އޮންލީ ކަން އެނގެއެއްނު، ޝާން ނޫނިއްޔާ އަހަރެންގެ އިތުރު މީހަކު ނުހުރޭ…” އަޑަށް މޮޅިވެރިކަން ގެންނަމުން ކައްޔިސް ބުނެލުމާއެކު، ކައްޔިސްގެ ކޮނޑުގައި އަޝްކާން ބޮނޑިއެއް އަޅާލިއެވެ.

މަލްސާއަށް ނުހީ ނުހުރެވުނެވެ.

”މާޝާﷲ، ހާދަ ލޯބި ހިނިތުންވުމެކޭ…” މަލްސާއަށް ބަލާލަމުން ކައްޔިސް ބުނެލިއެވެ. އެޖުމްލައިގެ ސަބަބުން ކައްޔިސްއަށް އަޝްކާން ދިން ނަޒަރުން ކައްޔިސްއަށް ހެވުނެވެ. ވަގުތުން އަމާން ދިނުމުގެ ގޮތުން ދުރަށް ޖެހިލިއެވެ.

”ކޮބާ ކޮންތާކަށް ދަނީ…” އަޝްކާންއާއި މަލްސާގެ ފަހަތުން ހިނގައިގަންނަމުން ކައްޔިސް ބުނެލިއެވެ.

*****

ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތު މޭޒު ދޮށަށް ވެރިވެފައިވީ ހިމޭންކަމެވެ. އަޝްކާން އިނީ ހިތްހަމަނުޖެހިފައިކަން ކައްޔިސްއަށް އެނގުނެވެ. މަލްސާ ވެސް އިނީ ހިމޭންވެފައެވެ. އެދެމެދުގައި އޮތް ގުޅުން ވިސްނުމާއެކު ކައްޔިސް ގާތަށް އައީ ނުލަފާ ހިންޏެކެވެ.

”ހާދަ ހިމޭންވެފަ ތިތިބެނީ، އަހަރެން ތިއްބަސް ވާހަކަ ދައްކަބަލަ، ޖަސްޓް ތިންކް އައެމް އިންވިޒިބްލް…” އަޝްކާންއާއި މަލްސާއަށް ބަލާލަމުން ކައްޔިސް ބުނެލިއެވެ.

އިންޒާރުގެ ނަޒަރެއް ދެމުން މޭޒުދަށުން ކައްޔިސްގެ ފައިގައި ބޫޓުން އަޝްކާން ޖެހިއެވެ. ވީތަދުން ފާޑަކަށް ކައްޔިސްއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް މަލްސާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންކަމާއެކު އޭނަ ކައްޔިސްއަށް ބަލާލިއެވެ.

އަޝްކާން ނުހޭންވެގެން ތުންފަތުގައި ދަތްއަޅާލިއެވެ. ނުދަންނަކަމަށް ހެދެމުން ވާއަތްތިލަ ގެނެސް ތުންފަތް ނިވާކޮށްލީ ލާނެއް ހިނިތުންވުން ސިއްރުކުރާށެވެ.

”ނޯށަށްއެރީ…” ކެއްސަމުން މޭގައި ފިރުމާލަމުން ކައްޔިސް ބުނެލިއެވެ.

”އެހެންތަ، ފެންފޮދެއް ބޯލާ…” މޭޒުމަތީ ހުރި ފެންޖަގުން ތައްޓަކަށް ފެންއަޅަމުން ކައްޔިސްއަށް ދިއްކޮށްލަން މަލްސާ އުޅުނެވެ. މަލްސާ ދިއްކުރި ތަށީގައި ކައްޔިސްއަށް ވުރެ ކުރީން ހިފީ އަޝްކާން އެވެ. އޭނައަށް ފެންތަށީގައި ހިފެހެއްޓުނީ މަލްސާގެ އަތާއެކުގައެވެ.

އަޝްކާންގެ އަތުގެ ބީހުމާއެކު މަލްސާގެ މޭ ފިނިވިއެވެ. މާހައުލު އޭސީކޮށްފައި ހުއްޓެއްކަމަކު އޭނައަށް ހޫނުވާން ފެށިއެވެ. ނޭވާއަށް ވެސް އުނދަގޫވިއެވެ.

މަލްސާއަށް އަވަސްއަވަހަށް އަތް ދަމައިގަނެވުނެވެ. އުނގުތެރެއަށް އަތްތިލަ ގެންނަމުން ޖޯޑުކޮށްލެވުނު ހިނދު އަތްތިލަ ތުރުތުރުއަޅާއެވެ.

އަޝްކާން ވެސް އަވަސްއަވަހަށް ތުނބުގައި ފެންތަށި ޖައްސާލަމުން ކޯވަރެއް ބޯލިއެވެ.

”ހައު ރޫޑް…” މާހައުލުގެ ނުތަނަވަސްކަން ކަނޑުވާލަމުން ކައްޔިސް ބުނެލިއެވެ. އޭނައަށް މަލްސާއާއި އަޝްކާންގެ އައުކަން ފާހަގަކުރެވި ނުހީ އިދެވެނީ ހަމަ ކިރިޔާއެވެ. އެހާވަރުން ދަންޏާ ވާނީ ކިހިނެއްބާވައޭ ކައްޔިސްގެ ހިތަށް އެރިއެވެ.

”އެބަ އަންނަން ވޮޝްރޫމަށް ގޮސްލާފައި…” މަލްސާ އަވަސްއަވަހަށް ގޮނޑިން ތެދުވިއެވެ. އެއަށްފަހު އޭނަ މިސްރާބުޖެހީ ފާޚަނާއާއި ދިމާއަށެވެ.

މަލްސާ ގޮސް އޮބާލަންދެން އަޝްކާންއަށް ބަލަން އިދެވުނެވެ.

”ޑޫޑް، ޔޫ އާރ ސޯ އިން ލަވް ވިތް ހާރ…” ކައްޔިސް ހުނުމަކާއެކު ބުނެލިއެވެ. ސިހިފައި އަޝްކާންއަށް ބަލާލެވުނެވެ.

”ސޮރީ އިނގޭ ތި ދެމީހުންގެ ދެމެދަށް ވަދެވުނީމަ، އަހަރެން ދެން ދަނީ، އެހެންނޫނީ ޝާން އަހަންނާ ވާހަކަދެއްކުން ހުއްޓާލަފާނެހެން ހީވަނީ، ކޮންމެއަކަސް އަހަރެން ވަރަށް އުފާވެއްޖެ، އެންމެފަހުން ޝާންއަށް ކަމުދާ ކަހަލަ ކުއްޖެއް ފެނުނީތާ، ގުޑް ލަކް، ތި ދެމީހުން ވަރަށް ގުޅޭ!…” ކައްޔިސް ދާން ތެދުވަމުން ބުނެލިއެވެ.

”ކިޔާ…” އަޝްކާންއަށް ގޮވާލެވުނެވެ. ”ޑޫ ޔޫ ތިންކް ޝީ ލައިކްސް މީ؟…”

ކައްޔިސް ހިނިގަނޑެއް ޖަހާލިއެވެ. އެކަމާ ނުރުހުނު އަޝްކާން ލޯހަނިކޮށްލިއެވެ.

”މައި ސްވީޓްހާރޓް، މަލްސާ ރިޖެކްޓް ކުރިޔަސް އަހަރެން މިހުރީނު…” އަޝްކާންގެ ކޮލުގައި ހިފާލަމުން ކައްޔިސް ބުނެލިއެވެ.

”ކިޔާ…” ކައްޔިސްގެ އަތް ފޮޅުވާލަމުން އަޝްކާން ބުނެލިއެވެ. ”އައެމް ސީރިޔަސް، ޑޫ ޔޫ ތިންކް ޝީ ލައިކްސް މީ؟…”

”ފަރުވާތެރިކަމާއެކު މަލްސާއަށް ބަލާލަބަލަ، އޭރުން އަޝްކާންގެ ހިތުގައިވާ ސުވާލުގެ ޖަވާބު ލިބޭނެ… ހާސްނުވޭ… ތި ދެމީހުންނަށް ކާމިޔާބު ވާނީ… ދެން އަހަރެން ދަނީ… ގުޑް ލަކް…” ކައްޔިސް ބުނެލިއެވެ. އެއަށްފަހު އޭނަ އަވަސްވެގަތީ އެތަނުން ދާށެވެ.

ކައްޔިސް ދިއުމާއެކު ޚިޔާލުތަކުގެ ތެރެއަށް އަޝްކާން ގެއްލުނެވެ. އެހެން އިންނަތާ އިރުކޮޅެއް ފަހުން މަލްސާ އަތުވެއްޖެއެވެ. މަލްސާގެ ހިލަންވި އަޝްކާން ހިނިތުންވުމަކާއެކު މަލްސާއަށް ބަލާލިއެވެ. މަލްސާ ވެސް ހިނިތުންވުމަކާއެކު ގޮނޑީގައި އިށީނެވެ.

ވަށައިގެން ހޯދާލީ މަލްސާ، ކައްޔިސް ނެތުމުން ސުވާލުކޮށްލިއެވެ.

”ގަޑި ޖެހޭތީ ދިޔައީ…” އަޝްކާން ކުރު ޖަވާބެއް ދިނެވެ.

”އެހެންތަ؟…” މަލްސާ ގޮނޑީގައި އިށީނެވެ. ލަސްލަހުން ކަމުން ދިޔައިރު އަޝްކާންގެ ނަޒަރުތައް ހުއްޓެމުން ދިޔަކަން މަލްސާއަށް ފާހަގަކުރެވުނެވެ. އެތުންފަތަށް ވެރިވާ ހިނިތުންވުން ވެސް ލޮލުގައި އަޅައިގަތެވެ. އޭގެ ސަބަބުން މަލްސާގެ ހިތަށް އުއްމީދެއް ގެނެސްދިނެވެ.

ލަސްލަހުން ވިޔަސް މަލްސާއާއި އަޝްކާންގެ ގުޅުން ބަދަހިވިއެވެ. ކެއުން ނިމުނުއިރު އިހުނަށް ވުރެން އެކަކު އަނެކަކު ދަސްވެއްޖެކަން ގައިމެވެ. ފަރުވާތެރިކަމާއެކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަން އަޝްކާން ގަސްދުކުރިއެވެ. އޭރުން މަލްސާގެ ހިތުގައި އޭނައާ މެދު ވަނީ ކީކޭކަން އެނގޭނެއެވެ.

އެދުވަހު އޮފީސް ނިމުމުން މަލްސާ ގެއަށް ގެންގޮސް ދިނީ ވެސް އަޝްކާން އެވެ. އެކަމާ ވެސް މަލްސާގެ ހިތުގައި ތަފާތު ޖަޒުބާތެއް އުފެދުނެވެ. މަލްސާއަށް އަޝްކާންގެ ފަރާތުން ތަފާތުތަކެއް ފެންނަން ފަށައިފިއެވެ. ނޭގުނީ އޭގެ މާނަ ނަގަންވީ ކިހިނެއްކަމެވެ. ނުބައި މާނައެއް ނެގިއްޖެނަމަ ކަންތައް ވެދާނެ ގޮތަކާ މެދު އޭނަގެ ހިތަށް ހާސްކަން ވެރިވިއެވެ.

*****

ޓީވީން ދައްކަމުން ދިޔަ ޚަބަރު ބަލަން އިން ޖަމީލާގެ ދެލޯ މުދިމަށް އަރައިގެން ދިޔައީ ކުއްލި ޚަބަރެއްގެ ގޮތުގައި ދައްކަން ފެށި ޚަބަރެއްގެ ސަބަބުންނެވެ. އޭނައަށް ސޯފާއިން ވެސް ތެދުވެވިއްޖެއެވެ. އަތުގައި އޮތް ރިމޯޓަށް ބާރުކޮށްލަމުން ޓީވީއާ ކައިރިއަށް ޖެހިލެވުނީ ޚަބަރު ޔަޤީންކުރާށެވެ. މޮޅިވެރިކަމާއި އުދާސްކަން އޭނަގެ ހިތަށް ވެރިވެގެން ދިޔައީ ދެނެވެ. ލޮލުން ކަރުނަ ނުހިލުނީ ކިރިޔާއެވެ.

ހިތާމައިގެ ކޮޅެއް ނެތެވެ. ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުގެ ދަށުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝުއައިބު އެވަނީ ހިމެނިފައެވެ. ހަ މީހުންގެ ގްރޫޕުގެ ފޮޓޯ އެވަނީ އާންމުކޮށްފައެވެ. ނުވީތާކަށް އެމީހުން އަތުލައިގަނެފައިވާ ގޭގެ ތެރޭން އަށާރަ އަހަރު ނުފުރޭ ކުޑަ އަންހެންކުއްޖަކަށް މަޖުބޫރުކޮށްގެން ހަށިވިއްކުމުގެ ނެޓްވޯކެއް ހިންގަމުން ދިޔަކަން ވެސް ފަޅާއަރާފައިވާކަމަށާއި، އެކަން ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމުގެ މައުލޫމާތު އޮތެވެ. އެތައް ހެއްކެއް ހުރިކަމަށާއި އިތުރު މައުލޫމަތު ފުލުހުންގެ ނިއުސް ބްރީފިންގްގައި ގެނެސްދެވޭނެ ވާހަކަ ހިއްސާކޮށްފައި ވިއެވެ. މިއީ މީގެ ހަފްތާއެއް ކުރިން ހިންގި އޮޕަރޭޝަނެއްކަމުގެ މައުލޫމާތު ވެސް އާންމުކޮށްފައި ވިއެވެ.

”މިހެންވެ ދޯ ޝުއައިބުއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވީ، ނޫން… އަހަރެންގެ ލާރިގަނޑު…” އަތުގެ ތެރޭން ފައިސާ ބޮޑި ގޮސްފިކަމުގެ ހިތިރަހަ ލުމާއެކު ޖަމީލާއަށް ހަމަ ރޮވިއްޖެއެވެ. ހިތްދަތިކަމުގެ ތެރޭގައި ވަނިކޮށް ސިއްސައިގެން ދިޔައީ މައިދޮރު ހުޅުވުނު އަޑަށެވެ. ޖަމީލާ އަވަސްއަވަހަށް ޓީވީ ނިއްވާލިއެވެ. އަދި ދޮރާއިދިމާއަށް ބަލާލި ހިނދު އެތެރެއަށް ވަން މަލްސާ ފެނި ވީފޫއްސެއްގެ ބޮޑުކަމުން ތުންއަނބުރާލާފައި ހިނގައިގަތީ އޭނަގެ ކޮޓަރިއާ ދިމާއަށެވެ.

*****

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތު އެހެނިހެން ރޭތަކާ ހިލާފަށް ޖަމީލާ ފެންނަނީ ނެގިމަޑުވެފައި އިން ތަނެވެ. ޝުއައިބުއަށް ކުރިމަތިވި ކަންތަކުގެ ސަބަބުން އޭނަ ވަރަށް ބޮޑަށް މާޔޫސް ވިއެވެ. ޝުއައިބުއަކީ އޭނަގެ އޭ.ޓީ.އެމް އެވެ. ކަންތައް އެވީ ގޮތުން ދެން ޝުއައިބުގެ އަތުން އެންމެ ފައިސާ ފޮއްޗެއްވެސް ނުލިބޭނެކަމުގެ ހިތި ހަޤީޤަތާ ހުރެ ޖަމީލާގެ ހިތުގައި ރިއްސަމުން ދިޔައެވެ. އޭނަ ހުރީ ޝުއައިބުއަށް މަލްސާ ވިއްކާލައިގެން ރަގަޅު ފައިދާއެއް ހޯދާށެވެ. ގިޔާންގެ ސަބަބުން އެކަން ހާސިލުނުވެ ނާކާމިޔާބީތަކާ ކުރިމަތިލުމަށްފަހު، ޝުއައިބުއަށް އެވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ދުވަސްތައް ހޭދަކުރަން ޖެހިފައެވެ. ހާދަ ދެރައެވެ.

”ޖަމީލާ… ޝުއައިބު ހައްޔަރުކުރި ވާހަކަ އަޑުއެހިންތަ؟…” ކުއްލިއަކަށް ހުސޭނު ކުރި ސުވާލަކުން ޖަމީލާ ކޮށިއަރާ ގޮތްވިއެވެ. އަރުތެރޭގައި ތާށިވި ކާއެތިކޮޅު ފެންފޮދަކުން ދިރުވަން މަސައްކަތްކުރަމުން އޭނަ ހުސޭނަށް ބަލާލިއެވެ.

”އޭނަ އަކީ މަސްތުވާތެކި ވިއްކަމުން ދިޔަ މީހެއްގެ ބޮޑެއްގެ ދަށުން މަސައްކަތްކުރަމުން ދިޔަ މީހެއް، އޭނަ އެހިންގާ ކުންފުންޏަކީ ވެސް އޭގެ މައްޗަށް އުފައްދާފައިވާ ކުންފުންޏެއް، މިހުރިހާ ދުވަހު އޭނަ އުޅުނީ ވަރަށް ހިތްހެޔޮމީހަކަށް ވެގެން، އެކަމަކު އޭނައާއި ގާތްކޮށް އުޅޭ މީހަކު އޭނައަށް މަކަރުހެދީމަ ފުލުހުންނަށް ހުރިހާކަމެއް ފަޅާއެރީ… އެވަރުގެ މީހަކު މިގެއަށް ޖަމީލާ ވައްދައިގެން އުޅުނީ އަހަރެންގެ ދަރިފުޅާ ކައިވެނިކުރުވަން، ނަސީބެއް އޭނަ ހައްޔަރުކުރިކަން، ދެން މަލްސާއަށް އޭނަގެ އުނދަގުލެއް ނުޖެހޭނެތާ، އަހަރެން ﷲއަށް ހަމްދުކުރަން މަލްސާއަށް އޭނަގެ ފުށުން ދާއިމީ ހައްލެއް ލިބުނު ކަމަށްޓަކާ، ދުޢާއަކީ އޭނަ ދުވަހަކު ޖަލުން މިނިވަންނުވުން..” ހުސޭނުގެ އަޑުގައި ވަނީ ނުރުހުމެވެ. ތަށްޓައް އެޅި ކާއެއްޗެހި ނުނިމެނީސް އޭނަ މޭޒު ދޫކޮށް ހިނގައްޖެއެވެ.

ގިޔާންއާއި މަލްސާއަށް އެކަކު އަނެކަށް ބަލާލެވުނެވެ.

”ކޮބާ ހީވޭ ކަމެއްހެން… ހަމަ ރަގަޅަށް އެވީ…” ގިޔާން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެހިނދު ޖަމީލާގެ އަލިފާނުގެ ބެލުން ގިޔާންއަށް އަމާޒުވިއެވެ.

”ގިޔާ ދޭބަލަ ކޮޓަރިއަށް…” ޖަމީލާއާއި ގިޔާން ހޫނު ޒުވާބަކަށް ގޮސްފާނެތީ މަލްސާ އުޅުނީ އަވަސްއަވަހަށް ގިޔާން އެތަނުން ފޮނުވާލާށެވެ. ޝުއައިބުގެ ހަޤީޤަތް އެނގުމުން މަލްސާގެ ހިތުގައި ބިރުވެރިކަމުގެ ވިންދުޖެހިއެވެ. އެވަރުގެ ނުލަފާ މީހެއްގެ ފަރާތުން އޭނަ ސަލާމަތްކުރެއްވީތީ ﷲއަށް ހަމްދުކުރެވުނެވެ.

”ދެން ދޭ އޭނަގެ ފަހަތުން ޖަލަށް…” ދަމުންދަމުން ގިޔާން ބުނެލި ޖުމްލައާއެކު ޖަމީލާ ހަޅޭއްލަވައިގަތެވެ. ގިޔާން ގާތަށް އައީ ނުލަފާ ހިންޏެކެވެ. މަންޒަރު ބަލަން ހުރި މަލްސާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

”ކަލޭ ވަރަށް އުފާވެއްޖެ ދޯ، ހުއް… މަށަށް ރަގަޅީ ކަލެއަށް ދުވަހު އުފަލެއް ނުލިބުނިއްޔާ…” ޖަމީލާ ތުންއަނބުރާލާފައި ދިޔައެވެ.

ޖަމީލާ ބުނި ޖުމްލަ މަލްސާ ހިތާހަމައަށް ދިއުމުގެ ފުރުސަތު ނުލިބުނެވެ. މަންމަ ނިޔާވުމަށްފަހު ބައްޕަގެ ގާތަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވި ހިސާބުން ފެށިގެން އަބަދު ޖަމީލާގެ ފަރާތުން ހިތްމަރުވާ ފަދަ ކަންތަކާއި ކުރިމަތިލާން ޖެހެއެވެ. ފުރަތަމަކޮޅު ދެރަވެ ރޮވުނެވެ. އެކަމާ ގިޔާން ރުޅިގަދެވެގެން ދޮންމަންމައާ ޒުވާބު ނުކުރާ ދުވަހެއް ނުދެއެވެ. އެއިން ކޮންމެ ފަހަރަކު ޖަމީލާގެ ތުހުމަތުގެ އިނގިލި ދިއްކުރަނީ ދުނިޔެއަޅާފައިގޮސްފައިވާ މަންމަ ދިން ތަރުބިއްޔަތަށެވެ. އެއީ ނިމުމެއްނުވާ ކޯޅުންގަނޑެކެވެ. މިހާރު އެކަމަށް އާދަވެއްޖެއެވެ. ސަމާލުކަމެއް ނުދެއެވެ. އެއީ ދޮންމަންމަގެ ތަބީއަތެވެ. ބަދަލެއް ނުކުރެވޭނެއެވެ.

ކޮންމެއަކަސް މަލްސާ ހިތްހަމަޖެހުނެވެ. ޝުއައިބުގެ މުސީބާތުން އޭނައާއި އާއިލާ ސަލާމަތްވީތީއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ 8

Next

ކޫރު 3/4

Next
April 2, 2020

ކޫރު 3/4

Previews
April 1, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 8

7 Comments!

  1. Imkko says:
    April 1, 2020 at 6:56 pm

    Maasha allah … mi baives v v v v reethi … n omg malsa and ashkaan finally eba gulhey dhw … soooo excited for them …. n i hope dhimna ah ves rangalhu partner e libeyne kamah ….. haadha heeveye kayyas and dhimna hen …. but curiously waiting for the next part … love this story ❤❤❤❤❤

  2. Liyaa says:
    April 1, 2020 at 7:57 pm

    Vaahaka v v reethi

  3. Yan♥️ says:
    April 1, 2020 at 8:27 pm

    Yeah I also think kayis and dhimna mi baives hama ehaa reethi Masha Allah curious to know what will happen next
    Be safe and stay home

  4. Lysh says:
    April 1, 2020 at 8:33 pm

    Masha Allah..varah reethi..waiting for the next part

  5. Zeelove says:
    April 1, 2020 at 10:42 pm

    V reethi vaahaka foohi nuvekiyaalan dhen medhunukendeythyve v fahhka

  6. Ailee says:
    April 2, 2020 at 7:12 am

    Esfiya ga ves liyaanan dho?

  7. Fidha says:
    April 2, 2020 at 7:17 am

    ?Whn nxt prt

Comments are closed.


All Right Reserved!