ނުވާނަން ތަފާތެއް… 18
ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ. ދުލުން ބަސްހުއްޓިފައިވާ ހާލު ދިމްނާއަށް ބަލަން ރުޤިއްޔާއަށް އިނދެވުނެވެ. ދިންމާ ރޮމުން ދިޔައިރު އެއަޑުގައި ހިތްދަތިކަން އެކުލެވިގެންވިއެވެ. މާޔޫސްކަމާއި ހިތްދަތިކަމުގެ އަސަރު އެދެލޮލުގައި ވަނިކޮށްވެސް ފެނުނެވެ. އެއުދާސްކަމުން ރުޤިއްޔާގެ ހިތުގައި ރިއްސާލައިފިއެވެ. ހަމައެއާއެކު ދިމްނާގެ ފަރާތުން ބިރުވެރިކަން ވެސް އޭނައަށް ފެނުނެވެ. އެހުރިހާ ބަދަލެއް އައީ އުސައިދުއާ ގުޅުވައިގެން އޭނަ ސުވާލުކުރަން ފެށުމުންނެވެ. އޭގެ ސަބަބުން ރުޤިއްޔާގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. ނަފުސަށް ބިރުވެރިކަން ސަވާރުވެގެން ދިޔައެވެ. ދިމްނާގެ ހިތްދަތިކަމާއި ގުޅިފައިވަނީ އުސައިދުކަން އޭނައަށް ޔަޤީންކުރެވުނެވެ. އެކަން ޤަބޫލުކުރަން އުނދަގޫވިކަމުގައި ވިޔަސް މެއެވެ. ދިމްނާގެ ވާހަކަތަކުންނާއި، ހިތްތަދިކަމާއި، ކަރުނައިން އޭނައަށް މަންޒަރު ސާފުވެގެން ހިނގައްޖެއެވެ. އެހިތުގައި ނުތަނަވަސްކަން އުފެދިފައިވަނީ އުސައިދުއާއި ދެމެދު ޖެހުނު މައްސަލަތަކުގެ ތަފުސީލު ދިނުމަށް ދިމްނާ ދެކޮޅުހެދުމުންނެވެ. އޭނަގެ ސުވާލުތައް އޮއްބާލާތިއެވެ. ހިމޭންކަން އިހުތިޔާރުކުރާތީއެވެ. އެހުރިހާ ކަމަކީ އޭނައަށް ހަޤީޤަތް އެނގުމުން ލިބިދާނެ ހިތްދަތިކަމަކުން ސަލާމަތްކުރަން ދިމްނާ ކުރަމުން ދިޔަ ކަމެއްކަން ރުޤިއްޔާއަށް ވިސްނުނެވެ. ދަރިފުޅުގެ ނުބައި ވާހަކަތައް އަޑުއެހުމުގެ ހިތްވަރު ލިބޭނީ ކޮން މަޔަކަށް ހެއްޔެވެ؟ އޭނައަށް ވެސް އެއީ ނުހަނު އުނދަގޫ ކަމަކަށް ވާނެއެވެ. ތަފާތު ސުވާލުތައް ހިތުގައި އުފެދި ރުޤިއްޔާގެ ހިތް އިހުނަށްވުރެން ނުތަނަވަސް ވެއްޖެއެވެ. ނަމަވެސް ދިމްނާއަށް އިތުރު އުދާސްކަމާއި ހިތްދަތިކަން ދޭކަށް އޭނަ ބޭނުމެއް ނުވިއެވެ. އުސައިދުގެ ވާހަކަތައް އޭނަ އިތުރަށް ނުދެއްކީ އެހެންވެގެންނެވެ.
”އަހަރެން ވަރަށް ބޮޑަށް ވިސްނާފައި ނިންމި ނިންމުމެއް މިއީ، އަހަންނަށް އިތުރަށް އުސައިދުއާ އެކީގައި ނޫޅެވޭނެ… މަންމާ އަހަންނަށް މަޢާފްކޮށްދީ، މަންމަގެ ހިތުގައި ޖައްސަން އަހަރެން ބޭނުމެއް ނޫން… އަހަންނަށް އިތުރަށް މަޖުބޫރުނުކުރާނެ ކަމަށް އުއްމީދުކުރަން… މިހާރު އަހަންނާ މެދު އެކަންޏެއް ނޫން ވިސްނަން ޖެހިފައި މިވަނީ…” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ދިމްނާ ބުނެލިއެވެ. އަދި އޭނަގެ ބަނޑުގައި އަތުގެ ނުފުށް ޖައްސާލަމުން ރުޤިއްޔާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
ރުޤިއްޔާއަށް ލިބުނީ ހައިރާންކަމެވެ. ފަރުވާތެރިކަމާއެކު ދިމްނާއަށް އޭނަ ބަލާލިއެވެ. ދިމްނާގެ ދެލޮލުން ބަބުޅަމުން ދިޔަ ކަރުނަތަކާއި އެމޫނުން ފާޅުވަމުން އައި ޝުޢޫރުތަކުން ދިމްނާ ބުންނަން އުޅުނު ޖުމްލައިގެ މާނަ ރުޤިއްޔާއަށް ދޭހަވެގެން ދިޔައެވެ. ލިބުނު އުފާވެރިކަމާއެކު އޭނަގެ ތުންފަތް އަރިއަކަށް ދެމިލަން އުޅުނެވެ. ނަމަވެސް ލޯކުރިމަތިން ފެންނަމުން ދިޔަ ހިތްދަތިކަމުގެ މަންޒަރުން، ހިނިތުންވުން ބަދަލުވެގެން ދިޔައީ އުދާސްކަމަށެވެ. ދިމްނާގެ ހިތުގެ ހާލު އޭނައަށް އަންދާޒާ ކުރެވުނު ފަދައެވެ. ދިމްނާ އިން ހާލަތުގައި އެފަދަ ނިންމުމެއް ނިންމާނީ ބޮޑު ސަބަބަކާއި ލައިގެންކަން ރުޤިއްޔާއަށް ވިސްނުނެވެ.
”މަންމާ، އަހަންނަށް އެނގޭ މަންމަ ބުނަން ބޭނުންވަނީ ކީކޭކަން، އަލަތު ދަރިފުޅު ލިބޭއިރު ފިރިމީހާގެ ލޯތްބާއި އޯގާތެރިކަން ބޭނުން ވާނެޔޭ، ބޮޑުވަމުން އަންނައިރު ބައްޕައެއްގެ ލޯބިވެސް ދަރިފުޅަށް ބޭނުން ވާނެޔޭ، އެކަމަކު އުސައިދުގެ ގާތަށް ގޮސްފިނަމަ އަހަންނަށް އުފާވެރިކަމެއް ނުލިބޭނެ، އަހަރުމެންގެ ދެމެދުގައިވާ މައްސަލަތަކަކީ ހައްލުވާނެ މައްސަލަތަކެއް ނޫން… ބައްޕައެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު އަހަރެން އުސައިދުއަށް ދޭނަން، ވަރިއަށްފަހު ހަމަޖެހޭނެ އުސޫލުގެ ދަށުން ދަރިފުޅާ ބައްދަލުކުރުމުގެ ފުރުސަތު ދޭނަން… އަހަންނަކީ ހިތްނުބައި މީހެއް ނޫން… ފަހަރެއްގައިވެސް ދަރިފުޅުގެ ހިތުގައި އޭނަގެ ބައްޕައާ މެދު ނަފުރަތު އުފެދޭ ކަހަލަ ކަމެއް އަހަރެން ނުކުރާނަން، މަންމަމެންނަށް ދަރިފުޅާއި ބައްދަލުކުރުމުގެ ފުރުސަތު ކޮންމެ ވަގުތަކު ދޭނަން… އެކަމަކު އަހަންނަށް އުސައިދުއާ އެކީގައި ނޫޅެވޭނެ، މަންމާ… އަހަންނަށް މަޖުބޫރުނުކުރޭ… އަހަރެން ބޭނުންވަނީ ވަރިވާން… އިތުރު ގޮތެއް އަހަރެން ބޭނުމެއް ނޫން…” ދިމްނާއަށް ގިސްލެވުނެވެ. އޭނަގެ އަޑުގައި ވަނީ ހިތްތަދިކަމެވެ. އާދޭހެވެ.
”ދިމްނާ…” ދިމްނާގެ ކޯތާފަތުން ފައިބަމުން ދިޔަ ކަރުނަތައް ރުޤިއްޔާ ފޮހެލަ ދިނެނެވެ. ދެން އޭނަ ލޯތްބާއެކު ހިފާލީ ދިމްނާގެ އަތުގައެވެ. އެއަށްފަހު ހަށިފުރާ ދޫކޮށްލި ނޭވާއާއެކު ވާހަކަދައްކަން ފެށިއެވެ.
ދިމްނާގެ ހިތްދަތިކަން ފެނި ރުޤިއްޔާއަށް ވެސް އަސަރުކޮށްފައި ވިއެވެ.
”ދިމްނާގެ ނިންމުމާ ދެކޮޅަށް މަންމަ ވާހަކައެއް ނުދައްކާނަން، މަންމައަށް އެނގޭ ދަރިފުޅުގެ ތިނިންމުމަކީ އުނދަގޫ ނިންމުމެއްކަން، ވަރަށް ބޮޑަށް ވިސްނާފައި ނޫނީ ދިމްނާ ތިކަހަލަ ނިންނުމެއް ނުނިންމާނެކަން، އުސައިދުގެ ފަރާތުން ދަރިފުޅަށް ލިބުނު ހިތްދަތިކަމަށް މަންމަ މަޢާފަށް އެދެން، ދަރިފުޅު ފަސްޖެހުނުކަމުގައި ވިޔަސް މަންމައަށް އެނގޭ އުސައިދުގެ ފަރާތުން ދަރިފުޅަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިއްޖެކަން، ދަރިފުޅު އެހިތްދަތިކަމަށް ކެތްކުރަމުންދާ ތަން މަންމައަށް އެބަފެނޭ… ދަރިފުޅުގެ ނިންމުމަށް މަންމަ އިހުތިރާމްކުރާނަން، އަދިވެސް އިތުރަށް ވިސްނުމަށްފަހު ދަރިފުޅުގެ ފަހުގެ ނިންމުން މަންމައަށް އަންގާ… އުސައިދުއާއި އިތުރަށް ވާހަކަދައްކައިގެން ހައްލެއް ނުލިބޭނަމަ ސުލްހަވެރިކަމާއެކު ވަކިވުން އެންމެ ރަގަޅުވާނީ، އެއަށްފަހު އެކަކުއަނެކަކަށް މަޢާފްކޮށް ދިރިއުޅުމާއި ކުރިމަތިލުން ރަގަޅުވާނީ، އެއީ ތިދެކުދިންނަށް ލިބެން އުޅޭ ދަރިފުޅަށް ވެސް އެންމެ ރަގަޅު ގޮތް…” ދިމްނާއަށް ބަލާލަމުން ރުޤިއްޔާ ބުނެލިއެވެ.
”އަހަރެން ބޭނުމެއް ނޫން އިތުރަށް އުސައިދުއާއި މަޝްވަރާކުރާކަށް، އަހަރެންގެ ނިންމުން ވާނީ އުސައިދުއަށް އަންގާފައި، ބަލިވެ އިންކަން ވާނީ އަންގާފައި… އަހަންނަށް އިނގޭ ދެމަފިރިން ވަކިވެ ދިއުމަކީ ދަރިފުޅަށް ލިބޭނެ އަނިޔާއެއްކަން، އެކަމަކު މުސްތަގުބަލެއް ނުވާ ކައިވެންޏެއްގައި ދެމިހުރުމަކީ އެންމެނަށް ވެސް ދެވޭނެ އަނިޔާއެއް… އަހަރެން ވަރަށް ވިސްނާފައި ވަރިވާން އެދުނީ… މަންމަ އަހަރެންގެ ނިންމުމަށް އިހުތިރާމްކުރީތީ ހިތަށް ފިނިކަމެއް ލިބިއްޖެ، މިފަދައިން ވާން މަންމަ ބޭނުންނުވާނެކަން އެނގޭ، އެކަމަކު ވެސް މިނޫން އިތުރު ގޮތެއް ނެތް…” ރުޤިއްޔާގެ ގައިގައި ބައްދާލަމުން ދިމްނާ ބުނެލިއެވެ.
އުސައިދުއާއި ބައްދަލުކުރަން ދިމްނާ ވަގުތުން ދެކޮޅު ހެދިއެވެ. އެދެމެދުގައި ޖެހިފައިވަނީ އާދައިގެ މައްސަލައެއް ނޫންކަން ރުޤިއްޔާއަށް ނަގައިގަނެވުނެވެ. އޭނައަށް އިތުރު ހައިރާންކަމެއް ލިބުނީ ދިމްނާ ބަލިވެ އިންކަން އުސައިދުއަށް އެނގި ހުރެ ސިއްރުކުރުމުންނެވެ. އެތައް ދުވަހެއް ވަންދެން އިންކާރުކުރުމަށްފަހު ދިމްނާއާއި ބައްދަލުކުރަން ކުއްލިޔަކަށް އޭނަ ގާތު އެދުނީ އެހެންވެގެންތޯ ރުޤިއްޔާއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. އުސައިދުގެ ވާހަތަކުން ދިމްނާއާއި ގުޅެން ބޭނުންވާކަން އެނގެއެވެ. ނަމަވެސް ދިންމާގެ ހިތްދަތިކަމުން ފޮރުވިފައިވާ ސިއްރުތަކެއް އޭނައަށް ހާމަކޮށްދޭންއުޅޭ ކަހަލައެވެ. އުސައިދުގެ ވަންހަނާ ވެފައިވާ ފަރާތެއް ވާކަން އޭނައަށް ބުނެދޭންއުޅޭ ކަހަލައެވެ. ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން އުސައިދުއާއި ވާހަކަދައްކަން އޭނަ ގަސްދުކުރިއެވެ. ފަހަރެއްގައި އެކައިވެނި ދަމަހައްޓަން އުސައިދު ބޭނުން ވަނީ މައިންބަފައިންގެ އުފަލަށްޓަކައިކަމަށް ވެސް ވެދާނެއެވެ.
*****
ދިމްނާގެ ކޮޓަރިއަށް ރުޤިއްޔާ ދިޔައީއްސުރެން ފެށިގެން ބަރްކާއަށް އެއްތާކު މަޑުން އިދެވޭ ކަމަކަށް ނުވެއެވެ. އިރުއިރުކޮޅާ ސިޑީގެ ހަރުފަތްތަކާ ދިމާއަށް ބަލާލެވެއެވެ. އޭނަގެ ދެލޮލުގައި އުއްމީދުގެ އޮއެވަރެއް ވިއެވެ. ރުޤިއްޔާއާއެކު ދިމްނާ ދާނެ ކަމުގެ ޔަޤީންކަން ހިތުގައި އޮތީތީއެވެ. ނަމަވެސް އޭނަގެ އުއްމީދުތަކާއި ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔައީ އެކަނިމާއެކި ސިޑިން ފައިބައިގެން އައި ރުޤިއްޔާ ފެނުމުންނެވެ. ފަރުވާތެރިކަމާއެކު ރުޤިއްޔާގެ މޫނަށް ބަލާލުމުން އޭނައަށް ފާހަގަކުރެވުނީ އުދާސްކަމެވެ. އެއާއެކު މޭގެތެރޭގައި ހިތް ގެނބުނުފަދަ އިހުސާސެއް ބަރްކާއަށް ކުރެވުނެވެ. އަވަސްއަވަހަށް އޭނަ ހިނގައިގަތީ ރުޤިއްޔާގެ ގާތަށެވެ.
”އެކަނިތަ ދަނީ؟، ކޮބާ ދިމްނާ؟، ރުޤީއާ އެކީ ދާން އެއްޗެހި ޕެކްކުރަން ފެށީމަތަ ތިރިއަށް ތިފޭބީ؟…” ނުތަނަވަސްކަން އެކުލެވިފައިވާ އަޑަކުން ބަރްކާ ސުވާލުކުރިއެވެ. އޭނަގެ ރާގުން ރުޤިއްޔާއާއެކު ދިމްނާ ފޮނުވާލަން ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ރުޤިއްޔާއަށް އަންދާޒާ ކުރެވުނެވެ. އެހިނދު ރުޤިއްޔާގެ ހިތުގައި ބަރްކާއާ މެދު ޝަކުވާތައް އުފަންވެގެން ދިޔައެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅުގެ ނާޒުކު ހާލަތާއި، އުފުލަމުންދާ ހިތާމަތައް ދެނެގަންނަން ބަރްކާ މަސައްކަތްނުކުރާތީއެވެ. އެދަރިފުޅަށް ހިތްވަރުނުދޭތީއެވެ. އެއާ ޚިލާފަށް ބަރްކާގެ ފަރާތުން ފެންނަނީ ދިމްނާގެ ފުށުން މިންޖުވާން މަސައްކަތްކުރާތަނެވެ.
”ބަރްކާ، އަހަންނަށް ފެންނަނީ ދިމްނާގެ ނިންމުމަށް އިހުތިރާމްކުރަން… އޭނަ އުސައިދުއާ ވަކިވާން ބޭނުންވާނަމަ އަހަރުމެންނަށް އިތުރަށް ކުރެވޭނެކަމެއް ނޯންނާނެ…” ފުންނޭވާއެއް ދޫކޮށްލަމުން ރުޤިއްޔާ ބުނެލިއެވެ. އެއީ ކުރިމަތިލާން ޖެހިފައިވާ ހިތި ހަޤީޤަތެވެ.
”އޭނ؟!…” ލިބުނު ހައިރާންކަމާއެކު ބަރްކާއަށް ބުނެވުނީ ދެލޯބޮޑުކޮށްލަމުންނެވެ. އެމޫނުގެ ކުލަ ރަގަޅަށް ވެސް އޮއްސިއްޖެއެވެ.
”ދިމްނާއަކީ ކުޑަކުއްޖެއްނޫން، ދިރިއުޅުމުގެ ކަންތައް އަމިއްލައަށް ނިންމުމުގެ ޤާބިލުކަން ލިބިފައިވޭ، އަހަރެން އުސައިދުއާއި ވާހަކަދައްކާނަން… ބަރްކާ!، އަހަންނަށް ހީވަނީ އަހަރުމެންނަށް ގޯހެއް ހެދިއްޖެހެން، އެކުވެރިކަން އާއިލީ ގުޅުމަށް ބަދަލުކުރުމުގެ ތެރޭން އަހަރުމެންގެ ދަރީންގެ ދިރިއުޅުން ނަގާލެވިއްޖެހެން ހީވަނީ… ކައިވެނީގެ ހުރިހާ ކަމެއް ވެސް އަހަރުމެން ނިންމީ އުސައިދުއާއި މަޝްވަރާކުރުމެއް ނެތި، ހުރިހާކަމެއް ނިމުމަށްފަހު އެދެކުދިންނަށް އެންގީ ވެސް، އެދުވަހުވެސް އުސައިދު ހުރީ ހިތްހަމަނުޖެހިފައި، އެކަމަކު ފަހުން އޭނަ އަހަރުމެން އެދުނު ފަދައިން ދިމްނާއާއި ކައިވެނި ކުރި… އެކަމަކު އެއީ އަހަރުމެންނަށް ހެދުނު ގޯހެއް، ދަރިންނަށް ކަންކަމަށް މަޖުބޫރުކުރަން ނުވާނެކަން މިއަދު ވިސްނިއްޖެ… އެދެކުދިންގެ ދެމެދުގައި ލޯތްބެއް ނުވޭ، ދިމްނާ ނުބުނަން އުޅުނަސް ބޮޑު މައްސަލައެއް އެދެމެދުގައި ޖެހިއްޖެކަން ޔަޤީން… ވަރިވާން ބޭނުން އެވަނީ އެހެންވެ… އަހަރެންގެ ދަރިފުޅުގެ ފަރާތުން ދިމްނާއަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިއްޖެ… އަކަމަށް އަހަރެން މަޢާފަށް އެދެން… އިތުރަށް އެދެމެދުގައި ނުތަނަވަސްކަން އުފެދެން ބޭނުންނުވާނަމަ ދިމްނާގެ ނިންމުމަށް އިހުތިރާމްކުރުން އޮތީ…” ރުޤިއްޔާގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.
”ލޯބި ނުވިއަސް އެކީގައި އުޅެވޭނެ، އެއީ މާކުރީ ޒަމާނުގެ ވިސްނުމެކޭ ލޯބިވާ މިހަކާއެކީގައި އުޅުމަކީ… ރުޤީ ތިހެން ވާހަކަ ދެއްކިޔަސް އަހަންނަކަށް ނުހުރެވޭނެ ދިމްނާ އޭނަގެ ދިރިއުޅުން އަނދަވަޅަކަށް ވައްޓާ މަންޒަރު ބަލާކަށް، މީގެ ސަބަބުން ދެޢާއިލާގެ ދެމެދުގައި ބޮޑު މައްސަލަގަނޑެއް ޖެހުން ނޫންކަމެއް ނުވާނެ، އަހަރެން ބޭނުމެއް ނޫން މީގެ ސަބަބުން ފަލާހުއާއި ނާޒިމުގެ ދެމެދުގައިވާ އެކުވެރިކަން ކިލަނބުވެގެން ދާކަށް، ހަމައެއާއެކު ވިޔަފާރިއަށް އަސަރުކުރާކަށް ވެސް، ނުވީތާކަށް މިކަންތައް ހާމަވެއްޖެއްޔާ މީހުން ހާދަ އެއްޗިއްސެއްކިޔާނެޔޭ، ބޭޑް ޕަބްލިސިޓީ އިސް ނޮޓް ގުޑް!…” ބަރްކާ ހިތްހަމަނުޖެހުމާއެކު ބުނެލިއެވެ. އޭނަގެ ވާހަތަކުން ހަމައެކަނި ވިސްނަމުން ދިޔައީ ވިޔަފާރިޔާއި މެދުގައިކަން ހާމަވެއެވެ. އެކަމާ ރުޤިއްޔާ ރުޅިއައެވެ.
”އަހަރުމެންނަށް މީހުންގެ ދުލުކުރީގައި ނުހިފެހެއްޓޭނެ، އެއީ ވާނެ ކަމެއް ނޫން… ކަމެއް ނުވިޔަސް މީހުން ފާޑުފާޑުގެ ވާހަކަދައްކާނެ، އަހަރުމެންނަށް ހެދުނު އެއްޗެއްގެ ސަބަބުން މިހެންމިވީ….. ވިޔަފާރިއާ މެދު ބަރްކާ ހާސްވާނެ ކަމެއް ނެތް، ފަލާހާއި ނާޒިމުގެ އެކުވެރިކަމަށް އެއްވެސް ބަދަލެއް ނާންނާނެ، ދެޢާއިލާގެ ދެމެދުގައިވާ ގުޅުމަކަށް ވެސް ބަދަލެއް ނާންނާނެ… އެކަމަކު އަހަރެން ބޭނުން ބަރްކާގެ ފަރާތުން ކަމަކަށް އެދެން…” ރުޤިއްޔާ ބުނެލިއެވެ. އެވާހަކަތަކުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ބަރްކާއަށް ގެނެސްދިނެވެ. މިހުރިހާ ދުވަހު އޭނަ ނުތަނަވަސްވެފައި ހުރީ ވިޔަފާރި އަޑިއަޅާލާނެތީއެވެ. ރުޤިއްޔާގެ ވާހަތަކުން ނަފުސަށް ހަމަޖެހުމެއް ގެނެސްދިނެވެ. ނަމަވެސް، މީހުން ފަތުރާނެ ވާހަކަތަކާ މެދު ވިސްނާލެވުމުން ރުޤިއްޔާގެ ވާހަކަތައް ހަޖަމުކުރަން ބަރްކާއަށް ދަތިވިއެވެ.
”ކޮން ކަމެއްތަ؟…” ބަރްކާ ސުވާލުކުރިއެވެ.
”ދިމްނާ އިނީ ބަލިވެ، ދިމްނާއަށް ރަގަޅަށް ބަލާތި، އަހަންނަށް ވަގުތު ވާވަރަކުން އަހަރެން އަންނާނަން… ދިމްނާ ބޭނުމެއް ނުވޭ އުސައިދުއާއި ބައްދަލުކުރާކަށް، އެހެންވީމާ އަހަރެން އުސައިދުއާއި ވާހަކަދައްކާނަން…” ރުޤިއްޔާގެ ޖުމްލައާއެކު ބަރްކާ ހުރީ ދެލޯބޮޑުވެފައެވެ.
”ވަޓް!، ބަލިވެއޭ އިނީ!!!… ދެންވެސް އޭނަ ވަރިވާން އުޅޭއިރު އެކަމަށް އެއްބާރުލުން ދޭންވީތަ!… ތި ކޮންކަހަލަ ވިސްނުމެއް…” ބަރްކާގެ އަޑުގައި ވަނީ ނުރުހުމެވެ. ރުޤިއްޔާގެ ވިސްނުން އޭނައަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. ރުޅިއައީ ދިމްނާގެ ހަރުދަނާކަމެއް ނެތް ނިންމުމަށް ރުޤިއްޔާ އެއްބާރުލުން ދޭތީއެވެ.
”ވަރަށް ބޮޑަށް ވިސްނާފައި ނިންމީ، އުފާވެރިކަމެއް ނުވާ ކައިވެންޏެއް ދަންމަން އަހަރެން އެއްބާރުލުމެއް ނުދޭނަން، އަހަރުމެންގެ ދަރީންނަށް އެކަނިވެނީގައި އުފަލެއް ނުވާކަން ޔަޤީން، ދިމްނާގެ ހިތްދަތިކަމުން އަހަންނަށް އެކަން ސާބިތުކޮށްދީފި، އެދެކުދިންވެސް ވަރަށް ގިނަ ދުވަސްވަންދެން އަހަރުމެންނާ މެދު ވިސްނާފައި އެކައިވެނި ދަމަހައްޓަން މަސައްކަތްކޮށްފި، ދެން އިތުރު އުދާސްކަމެއް ދޭކަށް އަހަރެން ބޭނުމެއް ނޫން… އަހަރެން ގާތު ދިމްނާ ކުރި އާދޭސްތަކަށް އިހުތިރާމްކުރަން އަހަރެން ބޭނުން…” ރުޤިއްޔާ ބުނެލިއެވެ. އޭނަ ބަރްކާއާއި އެތައް ވާހަކައެއް ދެއްކިއެވެ. އެއަށްފަހު އެގެއިން ނިކުންނަށް ހިނގައިގަތީ ބަރްކާގެ ގާތުން މަޢާފަށް އެދިފައެވެ. އަދި ދިމްނާއަށް އަޅާލުމަށް އެދިފައެވެ.
*****
ރުޤިއްޔާ ނިކުމެގެން ދިޔަ މަންޒަރު ބަލަން ބަރްކާއަށް ހުރެވުނެވެ. ކޮންމެވެސް ވަރަކަށް ރުޤިއްޔާ ދެއްކި ވާހަކަތަކާ މެދުގައި އޭނައަށް ވިސްނުން ހިންގާލެވުނެވެ. ދިމްނާގެ ފަރާތުން ފެނުނު ހިތްދަތިކަމާ މެދުގައި ވެސް ފިކުރު ހިންގާލެވުނެވެ. އިރުކޮޅެއް ވަންދެން ހުރި ފިޔަވަޅުމަތީ ގަނޑުވެފައި އޭނައަށް ހުރެވުނެވެ. އެއަށްފަހު ހަމަހޭވެރިކަން ވެރިވުމުން އޭނަ ހިނގައިގަތީ ދިމްނާގެ ކޮޓަރިއާ ދިމާއަށެވެ. އޭރު މީގެ އިރުކޮޅެއް ކުރިން އޭނަގެ މޫނުމަތިން ފެނުނު ޝުއޫރުތައް ވަނީ ރުޅިވެރިކަމަށް ބަދަލުވެފައެވެ. ރުޤިއްޔާ ދެއްކި ވާހަކަތަކަށް އޭނައަށް ބޯލެނބޭކަށް ނެތެވެ. ދިމްނާގެ ހުޝިޔާރުކަމުން ރުޤިއްޔާގެ ނާޒުކު ހިތާ ކުޅެލިޔަސް އޭނައާ މެދު އެފަދައިން ކަންތައް ނުކުރެވޭނެއެވެ. ދިމްނާގެ ހިތާމަތަކާއި ރުޤިއްޔާ ދެއްކި ވާހަކަތަކަށް ވުރެން ބޮޑަށް ބަރްކާއަށް ވިސްނެމުން ދިޔައީ، ދިމްނާ ބަލިވެ އިނދެ ވަރިއާ ހަމައަށް ގޮސްފިނަމަ މީހުން ދައްކާނެ ވާހަކަތަކާ މެދުގައެވެ. އެހާހިސާބަށް ކަންތައް ގޮސްފިނަމަ ގެއިން ނިކުންނަން ލަދުގަންނަ ހިސާބަށް ކަންތައް ދާނެއެވެ. އެކުވެރިންގެ މެދުގައި އޭނަގެ އަގުވެއްޓިގެން ދާނެއެވެ. ތަރުބިއްޔަތެއް ލިބިފައި ނެތް އަންހެންދަރިއަކު ހުރި ކަމުގެ ލަޤަބު ހަމަހިލާ އޭނަގެ ބޮލުގައި އެޅުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.
*****
ހަލުވި ފިޔަވަޅުތަކެއްގައި ދިޔަ ބަރްކާ ދިމްނާގެ ކޮޓަރީގެ ތަޅުގައި ހިފާ ހުޅުވާލަން އުޅުނެވެ. ނަމަވެސް ހުއްޓުން އެރީ އޭނަގެ ކަންފަތުގައި ޖެހުނު ދިމްނާގެ ގިސްލުމުގެ އަޑުންނެވެ. ހަރަކާތެއްކޮށްލަން ނޭގިފައި ބަރްކާއަށް ހުރެވުނެވެ. އޭރު ދިމްނާ އޭނަ ގާތު ދެއްކި ވާހަކަތައް ކަންފަތުގައި ތަކުރާރުވަމުން ދިޔައެވެ. ހަމައެއާއެކު ރުޤިއްޔާ ދަމުން ބުނި ވާހަކަތައްވެސް މެއެވެ. ވިސްނަން އިރުކޮޅެއް ވަންދެން ބަރްކާއަށް ހުރެވުނެވެ. އެއަށްފަހު ތަޅުން ދޫކޮށްލުމަށްފަހު މުށްކަވާލެވުނެވެ. ހިތްހަމަނުޖެހުމާއެކު އޭނަ އަތަނުން ދާން ހިނގައިގަތެވެ.
*****
ރޭގަނޑުގެ ވަގުތެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އެންމެން ތިބިއިރު އެހެނިހެން ރޭތަކާއި ހިލާފަށް ބަރްކާ އިނީ ހިމޭންވެފައެވެ. ލަސްލަހުން ކަމުން ދިޔައިރު އޭނަގެ ނަޒަރު އިރުއިރުކޮޅާ ދިމްނާއަށް ހުއްޓެއެވެ. އެއަށްފަހު މޭޒުދޮށުގައި ތިބި އަޝްކާންއާއި ނާޒިމަށް ބަލާލައެވެ. ކާމޭޒުދޮށަށް ވެރިވެފައި އޮތް ހިމޭންކަން ފޫއަޅުވާލީ އަޝްކާން އެވެ.
”ބައްޕާ، އަހަރެން ކަމަކު އެދެން ވެފައި އެބަ އޮތް…” ނާޒިމަށް ބަލާލަމުން އަޝްކާން ބުނެލިއެވެ.
”އަވަހަށް ބުނޭ…” ހިނިތުންވުމެއް ބަދަލުކޮށްލަމުން އަޝްކާން ބުނެލިއެވެ.
”މިހާރު މާރކެޓިންގް މެނޭޖާރ ޕޮޒިޝަން ހުސްވެފައެއްނު އޮތީ، ދޮންތަ އެމަޤާމަށް ދިއުން ކިހިނެއް ވާނެ، ދޮންތަ ކިޔަވައިގެން ހުރީ އެރޮނގުންނެއްނު…” އަޝްކާން އޭނަގެ ބައްޕަގެ ލަފަޔަކަށް އެދުނެވެ. މަންމައާ ވާހަކަ ދެއްކުމުން އެދެވޭ ޖަވާބެއް ނުލިބުނެވެ. އެހެންވުމުން ބައްޕައާއި މަޝްވަރާކޮށްލަން އޭނަ ބޭނުން ވީއެވެ.
ނާޒިމު ބަލާލީ ދިމްނާއަށެވެ.
”ތެދެއް؟، ދަރިފުޅު ބުނަނީ ކީކޭ؟، ބައްޕަ ބޭނުން ދަރިފުޅު ގޭގައި ނުހުރެ ކޮންމެވެސް މަސައްކަތެއް ކޮށްލަން… އެހެން މީހަކު ނެގުމަށްވުރެން ބައްޕައަށް މާ ކަމުދާނެ ދަރިފުޅު އެމަޤާމަށް ގޮސްފިއްޔާ…”
ހިނިތުންވުމަކާއެކު ނާޒިމު ބުނެލިއެވެ. އޭރު އަޝްކާން ވެސް އިނީ ދިމްނާއަށް ބަލަންށެވެ. އޭނަ އެވާހަކަ ބައްޕަ ގާތު ދެއްކީވެސް ދޮންތައަށް ބޭރުތުރެއަށް ނިކުމެލާ ސިކުނޑީގެ ހާސްކަމާ ދުރުވެވޭނެ މަގެއް ފަހިކޮށްދެވޭތޯއެވެ. ގޭގައި ހުރެއްޖެނަމަ ދޮންތައަށް ވިސްނޭނީ ބޭކާރު ކަންތަކާއެވެ. މިވަގުތު ދޮންތައަށް ސްޓްރެސްއަކީ ދުޝްމަނެކެވެ. ޚިޔާލުތަކާއި އުދާސްކަމުގެ ތެރޭގައި ދޮންތަ އެކަނިވެރިވާން އަޝްކާން ބޭނުމެއް ނޫނެވެ. މަސައްކަތުގެ ދާއިރާއަށް ނިކުތުމުން ގެއްލިފައިވާ ހިއްވަރު ހޯދަން ވެސް ދޮންތައަށް ފަސޭހަވާނެއެވެ. މީހުންނާ ކުރިމަތިލާން ވެސް މެއެވެ. އުދާސްތަކާ އެކަހެރިވެލަން ހިތްވަރު ލިބޭނެއެވެ.
ހިނިތުންވުމަކާއެކު ދިމްނާ އެއްބަސް ވިއެވެ. ބޭރުތެރެއަށް ނިކުމެލަން އޭނަ ބޭނުމެވެ. ގޭގެ ހަތަރުފާރުތެރޭގައި އިނުމުން ހީވަނީ ޖަލެއްގައި ޤައިދުވެފައިވާ ހެންނެވެ. ނޭވާ ހާސްވެ ފިކުރު ބޮޑުވެއެވެ. އެއިހުސާސްތަކާއި ދުރުވާން ދިމްނާ ބޭނުމެވެ.
ދެން ކާމޭޒުދޮށުގައި ދެކެވެން ފެށުނީ ވިޔަފާރީގެ ވާހަކައެވެ. އެއާއެކު ބަރްކާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ދިމްނާ ދެކެ އައި ރުޅީގައި ކާމޭޒު ދޮށަށް އޭނަ ބޮމެއް ވައްޓާލިއެވެ.
”ބަލިވެއިންކަން އަހަރުމެންނަށް އަންގަން ތި ހުންނަނީ ވިހެއީމަތަ؟…” ބަރްކާ ރުންކުރު ރާގަކަށް ބުނެލިއެވެ.
މުޅި މާހައުލަށް ވެރިވެގެން ދިޔައީ މަރުގެ ހިމޭންކަމެވެ. ހުރިހާ އެންމެންގެ ނަޒަރު ފުރަތަމަ އަމާޒުވީ ބަރްކާއަށެވެ. އެއަށްފަހު ދިމްނާ އަށެވެ.
”ދިމްނާ…” އަތުގައި އޮތް އުލާއި ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލަމުން ނާޒިމު ގޮވާލިއެވެ. ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތުން ހިނިތުންވުމެއް ވެރިވިއެވެ. އޭރު ކަންބޮޑުވުމާއެކު ދިމްނާއަށް ބަލަން އަޝްކާން އިނެވެ. ދެން ވެދާނެ ގޮތަކުން ދޮންތަ ދިފާއުކުރަން ސިކުނޑިއަށް ބާރުލަމުން ދިޔައެވެ. ބަލިވެއިނުމަކީ އުޒުރެއްކަމުގައި ނަގައި އުސައިދުގެ ގާތަށް ދޮންތަ ފޮނުވަން މަންމަ މަސައްކަތްކޮށްފާނެތީ އޭނަ އިނީ ފިކުރުބޮޑުވެފައެވެ.
”އެއީ ތެދެއްތަ ދަރިފުޅާ؟…” އޯގާތެރި އަޑަކުން ނާޒިމު ސުވާލުކުރިއެވެ. އިސްޖަހާލައިގެން އިން ދިމްނާ ލައްބައޭ ބުނެލިއެވެ. އިސްއުފުލާ ބައްޕައަށް ބަލުމުގެ ހިތްވަރެއް ދިމްނާގެ ނެތެވެ. އޭނަ އިނީ ބިރުގެންފައެވެ. ކަންތައްވެދާނެ ގޮތަކާ މެދު ހާސްވެފައެވެ.
ނާޒިމަށް ހިނިތުންވެވުނެވެ. އޭނަ ވަގުތުން ގޮނޑިން ތެދުވިއެވެ. އަދި ދިމްނާގެ ގާތަށް ދިޔައެވެ. އެކަމާ ބަރްކާ ބޮލަށް ތުރާވިއެވެ. އޭނަ ކުއްލިޔަކަށް ގޮނޑިން ތެދުވެ ނުރުހުން ފާޅުކުރިއެވެ.
”ނާޒިމު އެކަމާ އުފާވަނީތަ!، އޭނަ ބޭނުންވަނީ އެހާލުގައި ވެސް ވަރިވާން…” ބަރްކާ އަޑަށް ބާރުލަމުން ބުނެލިއެވެ.
”ބަރްކާ!…” ދިމްނާގެ ގާތަށް ހުއްޓުނު ނާޒިމު ނުރުހުމާއެކު ގޮވާލިއެވެ.
”މިވަރުކަމެއް އަހަރެން ނުދެކެން، އަމިއްލަ ދަރިފުޅު ދިރިއުޅުން ހަލާކުކުރާއިރުގައި ވެސް ނާޒިމު ތިހުންނަނީ ހިތްވަރުދޭން!، ލިބެން އުޅޭ ދަރިފުޅާ މެދު ވިސްނާލުމެއް ނެތި އޭނަ އިސްކުރަނީ އަމިއްލަ އެދުން…” ބަރްކާ ބުނެލިއެވެ.
”ބަރްކާ ހިތްހަމަނުޖެހުނަސް ދިމްނާގެ ނިންމުމަށް އިހްތިރާމްކުރަންޖެހޭނެ…” ދިމްނާގެ ދިފާއުގައި ނާޒިމު ބުނެލިއެވެ. އަބަދު އެމައުޞޫޢުއަށް ބަރްކާ ވާހަކަދައްކާތީ ނާޒިމު ހިތްހަމަނުޖެހުނެވެ. ”ސަބަބެއް ނެތި ދިމްނާ އެފަދަ ނިންމުމެއް ނުނިންމާނެކަން އަހަންނަށް ޔަޤީން… ކީއްތަވާނީ އެއްފަހަރު ވިޔަސް އެދަރިފުޅު އެދޭ ގޮތަކަށް އަހަރުމެން ކަންތައް ކޮށްދީފިއްޔާ…”
”އޭނަ އެހެން ކަންތައް ކުރީމަ ލިބެން އުޅޭ ދަރިފުޅު ބިކަވެ ހާލުގައި ޖެހޭނީ، ބައްޕައެއްގެ ލޯބި ނުލިބި ބޮޑުވާނީ…” ބަރްކާގެ ޖުމްލަ އައިސް ދިމްނާގެ ހިތަށް ހެރުނީ ވިހަގަދަ ދުނި ތީރެއްގެ ސިފައިގައެވެ. މޭގައި ރިއްސާލި ހިނދު އޭނައަށް ރޮވިއްޖެއެވެ.
”މަންމާ، އުސައިދުގެ ގާތަށް އަހަރެން ގޮސްފިނަމަ އަހަރުމެންގެ ދެމައިން އިތުރަށް ބިކަވެ ހާލުގައި ޖެހޭނީ، އެފަދަ މީހެއްގެ ލޯބި އަހަރެންގެ ދަރިފުޅަށް ނުލިބުނަސް އަހަންނަށް ހެޔޮ، އިރާދަކުރެއްވިއްޔާ އުސައިދުގެ ފަޅުކަން މިދަރިފުޅަށް އިހުސާސްވުމުގެ ފުރުސަތެއް އަހަރެން ނުދޭނަން…” ދިމްނާއަށް ރޮވިއްޖެއެވެ. އޭނަ ގޮނޑިން ތެދުވެގެން ބާރުބާރަށް ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ.
އެންމެން ތިބީ ދިމްނާ ނިކުމެގެން ދިޔަ މަންޒަރު ބަލާށެވެ.
”ވަރަށް ދުވަހު މިވާހަކަ ސިއްރުކުރަން މަސައްކަތްކޮށްފިން… އެކަމަކު ދެން އިތުރަށް ސިއްރެއް ނުކުރެވޭނެ…” ދޮންތަގެ ހިތްދަތިކަން ފެނި އަޝްކާންއަށް ބުނެވުނެވެ. އެޖުމްލަ ސިޑިއާ ދިމާއަށް ހިނގަމުން ދިޔަ ދިމްނާއަށް އަޑިއވުމާއެކު ހުއްޓެވުނެވެ. ވަގުތުން އޭނަގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނީތަކެއް ދުވެލިއެވެ. މީހާއަށް ލިބުނު ހާސްކަމާއެކު ފަސްއެނބުރި ބަލާލެވުނެވެ.
ދިމްނާއާއި އަޝްކާންގެ ނަޒަރު ބައްދަލުވެގެން ދިޔައެވެ. ލަސްލަހުން ދިމްނާއަށް ދެފަރާތަށް ބޯހޫރާލެވުނީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އާދޭސްކުރާ ހާލުގައެވެ.
ދިމްނާގެ އެދުމަށް އަޝްކާން ދިނީ ބީރުކަންފަތެކެވެ. އިތުރަށް އެވާހަކަތައް ސިއްރުކުރަން ހަދައިފިނަމަ މަސްލަހަތު ގޯހުންގޯހަށް ދިއުން ނޫންކަމެއް ނުވާނެއެވެ. އުސައިދުގެ ހަޤީޤަތް ޢާއިލާއަށް އެނގެން ޖެހޭނެއެވެ. ދޮންތަގެ ބޮލުގައި މަންމަ އަޅުވަމުންދާ އިލްޒާމުތައް އަޑުއަހަން އޭނައަށް އިތުރަށް ކެތެއް ނުކުރެވޭނެއެވެ.
”ކޮން ސިއްރެއް؟…” އަޝްކާންއަށް ބަލާލަމުން ބަރްކާ ސުވާލުކުރިއެވެ. ދުވެފައި އައި ދިމްނާ އަޝްކާން ހުއްޓުވަން އުޅުނެވެ. ވާނުވާނޭގޭ ހާލު ނާޒިމުއާއި ބަރްކާއަށް ބަލަން ތިބެވުނީއެވެ.
”މަންމައާއި ބައްޕަ ހީކުރާހާ ރަގަޅު މީހެއް ނޫން އުސައިދުއަކީ… އޭނައަކީ ފިރިހެނެކޭ ވެސް ބުނެވޭ ވަރުގެ މީހެއް ނޫން…” އަޝްކާން ބުނެލިއެވެ. އަޝްކާން ހުއްޓުވަންވެގެން، އަޝްކާންގެ އަނގަމަތީ އަތްއަޅަން ދިމްނާ އުޅުނެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ދިމްނާގެ އަތުގައި ހިފަމުން އަޝްކާން ދެފަރާތަށް ބޯހޫރާލިއެވެ.
އަޝްކާންގެ ދެލޮލުގައިވި ކަރުނައިގެ އަސަރު ދިމްނާއަށް ފެނި މީހާ ފިނިވެއްޖެއެވެ.
”ނޫން ދޮންތާ، ދެން މިވާހަކަތައް އިތުރަށް ސިއްރެއް ނުކުރެވޭނެ، މަންމައާއި ބައްޕައަށް ހަޤީޤަތް އެނގެން ޖެހޭ ވަގުތު އައިސްފި!…” އަޝްކާން ބުނެލިއެވެ.
”ޝާން ބުނަން ތިއުޅޭ އެއްޗެއް އަހަރުމެންނަށް ފަހުމު ވާނެހެން ބުނެބަލަ…” ހިތްނުތަނަވަސްވެފައިވާ ރާގެއްގައި ބަރްކާ ބުނިކަމުގައި ވިޔަސް އަޑުގައިވަނީ ރުންކުރުކަމެވެ.
”ދޮންތައަށް އޭނަ އަނިޔާކުރަނީ…” ފުންނޭވާއެއް ދޫކޮށްލަމުން އަޝްކާން ބުނެލިއެވެ. އެޖުމްލައާއެކު ދިމްނާގެ މޫނު ހުދުވެގެން ދިޔައެވެ. ބިރުންގޮސް އޭނައަށް ވަކިވަކީން މަންމައާއި ބައްޕަގެ މޫނަށް ބަލާލެވުނެވެ. ސިހުމުގެ އަސަރު އޭނައަށް ފެނުނެވެ.
”ކީކޭ؟…” ބަރްކާގެ ހިތް މޭގެ ތެރޭގައި ގެނބުނުފަދަ އިހުސާސެއް އޭނައަށް ކުރެވުނެވެ. މީހާ ހުރީ ހުއްޓުން އަރާފައެވެ.
”އެއީ ތެދެއްތަ؟…” ނާޒިމުގެ ސުވާލު އަމާޒުވީ ދިމްނާއާއެވެ. ދިމްނާ އިސްދަށަށް ޖަހާލެވުނީ ލޮލުން ކަރުނަ ފައިބަމުން ދިޔަ ހާލުގައެވެ. ބައްޕައާއި ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތެވެ.
”ދިމްނާ!، ބައްޕަ ކުރާ ސުވާލަށް ޖަވާބު ދީ!، އެއީ ތެދެއްހޭ!!!…” ނާޒިމު ލަފުސުތަކަށް ބާރުލަމުން ބުނެލިއެވެ. ގޭތެރޭގައި އަޑުގަދަވެގެން މަސައްކަތު މީހުންވެސް ޚަބަރުބަލަން އައިސް ތިއްބެވެ. ބަރްކާއަށް އެކަން ފާހަގަވުމުން އަތުގެ އިޝާރާތުން އެމީހުން ގާތު އެތަނުން ދިއުމަށް އަމުރުކުރިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ނާޒިމު ގާތަށް ހުއްޓުނެވެ.
”ދިމްނާ!!!…” ނާޒިމު އަނެއްކާ ވެސް ގޮވާލިއެވެ. އޭރު ނާޒިމު ރުޅި ފިނިކުރެވޭތޯ ބަރްކާ އުޅެއެވެ. އަޝްކާން ވެސް މެއެވެ. އެފަދައިން ވާނެކަން އަޝްކާންއަށް އޮތީ ލަފާކުރެވިފައެވެ. ދެރަވިޔަސް އެނޫން އިތުރު ގޮތެއް އޭނައަކަށް ނުފެނުނެވެ. ކިތަންމެ ހިތިވިޔަސް ހަޤީޤަތާ ކުރިމަތިލާން ޖެހޭނެއެވެ. ކިތަންމެ ހުޝިޔާރުވެ މޮޅުވިޔަސް ދުނިއުމުރަށް އެއްވެސްކަމެއް ސިއްރެއް ނުކުރެވޭނެއެވެ. ކޮންމެވެސް އެއްދުވަހަކުން ހުރިހާ ކަމަކާ ކުރިމަތިލާން ޖެހޭނެއެވެ.
ދިމްނާ ލަސްލަހުން ބޯޖަހާލިއެވެ. އެއާއެކު ނާޒިމަށް ހީވީ އޭނަގެ ފިއިތިލަދަށުން ބިންގަނޑަށް ލޮޅުން އައިހެންނެވެ. ވެއްޓެން އުޅުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. އެފަދަ ކަމަކަށް ހުޝިޔާރުވެ ހުރި އަޝްކާން، ނާޒިމުގެ ގައިގައި ހިފެހެއްޓިއެވެ. އަދި އަވަސްއަވަހަށް ބަރްކާ ކައިރިކޮށްލަ ދިން ގޮނޑީގައި ބޭންދިއެވެ.
”ބައްޕާ…” ދިމްނާއަށް ރޮއިގަނެވުނެވެ.
”ކީހާ ދުވަހެއް ވެއްޖެ؟…” ހިތްދަތިކަން އެކުލެވިގެންވާ އަޑަކުން ނާޒިމު ސުވާލުކުރިއެވެ. އެސުވާލަށް ދިމްނާ ޖަވާބެއް ނުދިނެވެ.
ބަރްކާ ވެސް ހުރީ ސިހުމެއްގެ ތެރޭގައެވެ. އޭނަގެ ހިތަށް އަސަރުނުކުރެޔޭ ބުނެފިނަމަ ވާނީ ދޮގަކަށެވެ. ހިލަހިތެއް އޮތަސް ދަރިފުޅުގެ ހިތާމަތައް އެދަނޑިވަޅުގައި ބަރްކާއަށް އިހުސާސް ކުރެވިއްޖެއެވެ. ހަމައެއާއެކު އުސައިދު އެގެއަށް އައި ދުވަހު ދިމްނާގެ ފަރާތުން ފެނުނު ބަދަލުތަކާއި ޖެހިލުންވުން އޭނަގެ ރާޑަރަށް އަރައިފިއެވެ. ހިސާބަކަށް އަމިއްލަ ނަފުސު އޭނައަށް ކުށްވެރިކުރެވުނެވެ.
”ބައްޕާ އަހަންނަށް މަޢާފްކުރޭ…” ރޮމުންރޮމުން ދިމްނާ އާދޭސްކުރިއެވެ. މައިންބަފައިންގެ ހިތަށް ކުރަމުން ދިޔަ އަސަރުތައް ދިންމާއަށް އިހުސާސްކުރެވެމުން ދިޔައެވެ. އޭނައަށް ރޮވެނީ އެހެންވެއެވެ.
”ދަރިފުޅެއް ނޫން މަޢާފަށް އެދެންވީކީއެއް، ބައްޕަ ދަރިފުޅު ގާތުން މާޢާފަށް އެދެންވީ… ބައްޕަމެންގެ އެދުމަކަށްނު ދަރިފުޅު އުސައިދުއާއި ކައިވެނި ކުރީ… އެއްފަހަރުވެސް ދަރިފުޅު ބޭނުންވާ ގޮތެއް އަހައެއް ނުލެވުނު، އެދުވަހު ދަރިފުޅުގެ ޚިޔާލެއް ހޯދުނުނަމަ މިހެން ނުވީސްކަން ނޭގެ…” ދިމްނާ އުޅުނު ބިރުވެރި އަދި ހިތްދަތި ދިރިއުޅުން ތަސައްވަރުކުރެވުމުން ނާޒިމުގެ ލޮލުން ކަރުނަ ހިލުނެވެ. މުށްކަވާލެވުނީ އެހިތުގައި އުސައިދުއާ މެދު އުފެދިގެން އައި ރުޅިވެރިކަމުގެ ސަބަބުންނެވެ.
”މިކަން ޖެހޭނެ ރިޕޯޓްކުރަން… އެހާ ފަސޭހައިން މިކަންތައް ދިއުމުގެ ފުރުސަތެއް ބައްޕަ ނުދޭނަން، ދަރިފުޅަށް އިންސާފު ހޯދައިދޭނަން…” ނާޒިމު ގޮނޑިން ތެދުވާން އުޅުމުން އެކަމަށް ހުރަސް އެޅީ ދިމްނާއެވެ. ދެޢާއިލާ ދެމެދުގައި ބޮޑު މައްސަލަގަނޑެއް ހިލިގެން ހިނގައިދާނެތީއެވެ. ދެއެކުވެރިންގެ ދެމެދުގައި އޮތް އެކުވެރިކަން ނަފުރަތަށް ބަދަލުވެގެން ހިނގައިދާނެތީއެވެ. މިހުރިހާ ދުވަހު އުސައިދުގެ ފަރާތުން ލިބުނު އަނިޔާތަކަށް އޭނަ ކެތްކުރަމުން ދިޔައީ އެސަބުބުތަކާ ހުރެއެވެ. އެއީ އޭނަގެ ބަލިފައިކަން ދެނެގަނެ އުސައިދު ކުރަމުން ދިޔަ ނުބައިކަންތަކަށް އިތުރު ހިތްވަރެއް ލިބުނީ އޭގެ ސަބަބުންނެވެ. އޭނައަށް އުސައިދުގެ ފަރާތުން ލިބުނު އަނިޔާތައް އެހެން މީހުންނަށް ކިޔައިދޭން ވެސް އޭނަ ލަދުގަނެއެވެ. ޖިންސީ ގޮތުންނާއި ނަފުސާނީ ގޮތުން އެތައް ވޭނެއް އުސައިދުގެ ފަރާތުން އޭނައަށް ލިބިފައި ވެއެވެ. ކެތްނުކުރެވޭ ހިސާބަށް ދިއުމުން އަމިއްލަ ސަލާމަތަށްޓަކައި ހިމާޔަތުގެ އައްސޭރިއަކަށް އަންނަން މަޖުބޫރުވީއެވެ.
”ނޫން ބައްޕާ، މިހާ ހިސާބުން މިކަންތައް ނިންމާލަދީ، އަހަރެން ބޭނުމެއް ނޫން އިތުރު މައްސަލަތައް ޖެހޭކަށް، މިހާރު އަހަރެން މިހިރީ ބައްޕަމެން ގާތުގައެއްނު، ރައްކާތެރިކަން އިހުސާސްކުރެވޭ، އެކަމަކު އިތުރަށް މިކަންތައް ކޮޅެއްގައި ޖައްސަން އުޅެފިނަމަ ދެޢާއިލާގެ ދެމެދުގައި މައްސަލަ ޖެހޭނީ، ބައްޕާ… އާދޭސްކޮށްފައި ބުނަން، މިހާހިސާބުން މިކަންތައް ނިންމާލަދީ، އަހަރެން ބޭނުމެއް ނޫން ރުޤިއްޔާ މަންމައަށް އުސައިދުގެ ހަޤީޤަތް އެނގޭކަން… ޕްލީޒް…” ދިމްނާ އާދޭސްކުރަމުން ބިންމައްޗަށް ތިރިވިއެވެ. އެންމެފަހުން ނާޒިމުގެ ފައިގައި ވެސް ހިފައިފިއެވެ. މަންޒަރު ބަލަން ހުރި ބަރްކާއަށް ރޮވިއްޖެއެވެ. ކެތްނުކުރެވޭ ވަރުވުމުން ދިންމާ ކޮޅަށް ނެގިއެވެ. އަދި ދަރިފުޅުގެ ގައިގައި ބައްދާލިއެވެ.
”ޝާން، ދޮންތަ ގޮވައިގެން ކޮޓަރިއަށް ދޭ، މަންމަ އިރުކޮޅަކުން އެބަދަން…” ބަރްކާ އެދުނެވެ. އަޝްކާން އޭނަގެ މަންމަ އެދުނު ފަދައިން ދިމްނާ ގޮވައިގެން ދާން ހިނގައިގަތެވެ. އޭރު ވެސް ދިމްނާ ދިޔައީ ރޮމުންނެވެ.
*****
އުސައިދު ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ރުޤިއްޔާ އިނީ ބޮޑުކޮޓަރީގައެވެ. ވަގުތު ގުނަމުން ގޮސް ރޭގަނޑު އެގާރަ ޖަހައި ދިޔައިރުވެސް އުސައިދުގެ ޚަބަރެއް ނުވިއެވެ. އެންމެފަހުން ފޯނު ނަގައި ގުޅަން އުޅެނިކޮށް ފެނުނީ ގޭގެ ޕޯޓިކޯއަށް އުސައިދުގެ ކާރު މަޑުކޮށްލިތަނެވެ. އޭގެ އިރުކޮޅެއްފަހުން އުސައިދު އެތެރެއަށް ވަންތަން ފެނުމާއެކު ރުޤިއްޔާ ގޮވާލިއެވެ. މަންމަގެ އަޑަށް އުސައިދުއަށް ލިބުނީ ހައިރާންކަމެވެ. އެގަޑީގައި މަންމަ ހޭލާހުރުމުން ހިތުގައި ސުވާލު އުފެދުނެވެ.
ރުޤިއްޔާ އަތުގެ އިޝާރާތުން އުސައިދު ގާތު ބުނެލީ އޭނަ ގާތު ސޯފާގައި އިށީނުމަށެވެ.
ބޮލުގެ ފުއްކިބައިގައި އަތް ހިންގާލަމުން އުސައިދު ގޮސް ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނެވެ. އަދި މަންމަގެ މޫނަށް ބަލާލިއެވެ. މިއަދު ދިމްނާއާއި ބައްދަލުކުރަން މަންމަ ދިޔަކަން އޭނަ ހަނދާންވީ ދެނެވެ. އެބައްދަލުވުން ދިޔައީ ކިހިނެއްކަން އޮޅުން ފިލުވަން އޭނަ ހަނދާން ނެތުނީ އޮފީހުގެ ކުޑަކަމެއްގައި އުޅެން ޖެހުމުގެ ސަބަބުންނެވެ. އެކަމަށް ފިކުރު ހިންގާލެވުމުން ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. މަންމައާއި ދިންމާ ހިއްސާކުރީ ކޮން ވާހަކައެއްތޯ ހިތާހިތާ ސުވާލުކުރެވުނެވެ. އަދި މަންމަ ގާތު ދިމްނާއާއި ބައްދަލުކުރަން ދިއުމަށް އެދުނު އެދުމަކީ އޭނައަށް ހެދުނު ގޯހެއް ބާވައޭ ވެސް ހިތަށް އެރިއެވެ. މަންމަގެ މޫނުން އޭނައަށް ފެނުނީ ދޭހަކުރަން އުނދަގޫ ޖަޒުބާތުތަކެކެވެ.
”މަންމަ މިކުރާ ސުވާލުތަކަށް ތެދުތެދަށް ޖަވާބު ދެއްޗޭ…” އުސައިދުއަށް ބަލަން އިދެ ރުޤިއްޔާ ބުނެލިއެވެ. އޭނަ އިނީ އުސައިދުއަށް އަންނަ ބަދަލުތަކަށް ސަމާލުވެގެންނެވެ.
”ކޮންކަހަލަ ސުވާލެއްތަ؟…” ނުތަނަވަސްކަމުގެ ހިނިގަނޑެއް ޖަހާލަމުން އުސައިދު ބުނެލިއެވެ. ”މަންމަ މިއަދު ދިޔައީމެއްނު ދިމްނާއާއި ބައްދަލުކުރަން، ކިހިނެއްތަ އެކަންތައް ދިޔައީ؟…”
”ރަގަޅަށް ދިޔައީ…” ރުޤިއްޔާ ބުނެލިއެވެ.
”އަހަރެން ގާތަށް އަންނަން ދިމްނާ އެއްބަސްވެއްޖެތަ؟…” އުސައިދުގެ ތުންފަތަށް ސިއްރުވެރި ހިނިތުންވުމެއް ވެރިވިއެވެ. އެހިނިތުންވުން ރުޤިއްޔާއަށް ފެނުނެވެ.
”ކީއްވެ ތިހެން ތިއެހީ؟، ދިމްނާ ނާންނާނެ ކަހަލަ ކަމެއް ކުރެވިފައި އޮތީތަ؟…” ރުޤިއްޔާ އެހިއެވެ.
”ނޫން، ނުކުރަން، މަންމަ އަހަން އުޅުނީ ކޮން ސުވާލެއްތަ؟…” ނުތަނަވަސްކަމާއެކު ވާހަކަ ބަދަލުކޮށްލަން އުސައިދު މަސައްކަތްކުރިއެވެ.
”ދަރިފުޅާ ދިމްނާއާ ދެމެދު ޖެހުނީ ކޮން މައްސަލައެއްތަ؟، ކީއްވެގެންތަ ދިމްނާ ދިޔައީ؟، އަދި ވަރިވާން ބޭނުންވަނީ؟…” ރުޤިއްޔާ ބުނެލިއެވެ. އޭރުވެސް އޭނަގެ ނަޒަރު އުސައިދުއާއި ވައްކެއް ނުވެއެވެ. އުސައިދުގެ ނިތުގައިވި ދަލުގެ އަސަރު ވެސް އޭނައަށް ފާހަގަ ކުރެވުނެވެ. ކަމަކާ ހާސްވެފައި އިންކަން އޭނައަށް ނަގައިގަނެވުނެވެ. އެއާއެކު އިތުރު ނުތަނަވަސްކަމެއް ރުޤިއްޔާއަށް ލިބުނެވެ. އޭނަގެ ހިތުގައިވި ޝައްކުތައް ޔަޤީނަށް ބަދަލުވެދާނެތީ އެކަމުގެ ބިރުވެރިކަން ހިތުގައި ވެއެވެ.
”ނޭގޭ އަހަންނަށް، ނުލާހިކު ލޯބިން އަހަރެން އޭނަ ގެންގުޅުނީ، މަންމައަށް ވެސް ފެންނާނެ…” ކުއްލިޔަކަށް އުސައިދުގެ ރާގު ބަދަލުވެއްޖެއެވެ. ނުރުހުންވެއްޖެކަން ގައިމެވެ.
”އާނ، މަންމައަށް ފެނުނޭ، އެކަމަކު މަންމައަށް ނުފެންނަ ހިސާބުގައި ވެސް އުޅުނީ އެހެންތަ؟… ލޯބިންތަ؟…” ރުޤިއްޔާގެ ސުވާލުތަކުން އުސައިދުގެ ހިތުގައި ބިރުވެރިކަމުގެ ވިންދުޖަހާލިއެވެ. ދިމްނާ އެއްޗެކޭ ބުނީ ބާވައޭ އޭނަގެ ހިތަށް އެރިއެވެ. މަންމަގެ ސުވާލުތައް ހުރީ އެފަދަ ކަމަކަށް ބާރުދޭ ގޮތަކަށެވެ.
”އާނ، އެހެން އުޅުނީ، ދެން ތި ކޮންކަހަލަ ސުވާލެއްތަ؟… އޭނަ މަންމަ ގާތު އެއްޗެކޭ ބުނީތަ؟…” ހިތްހަމަނުޖެހުމުގެ ރާގަކަށް އުސައިދުއަށް ބުނެވުނެވެ. އެކަން އޭނައަށް ރޭކާލުމާއެކު ހަށިފުރާ ނޭވާއެއްދޫކޮށްލިއެވެ. ހީވީ ނަފުސު ހަމައަކަށް އަޅުވަން އުޅުނުހެންނެވެ.
”އެއްވެސް އެއްޗެއް ނުބުނޭ، ދަރިފުޅަށް ކިހިނެއް ވީތަ؟…” ހައިރާންކަމާއެކު ރުޤިއްޔާ ސުވާލުކުރިއެވެ.
”ކަމެއް ނުވޭ، އަހަރެން ދިޔަޔަސް އެންމެ ރަގަޅުތަ؟…” އުސައިދު ހުއްދައަށް އެދުނެވެ.
”އަދި މަންމަ އަހަން ބޭނުންވި ސުވާލު އޮތީއެއްނު…” ރުޤިއްޔާ ބުންޏެވެ. ”ދަރިފުޅު ދުވަހަކު ދިމްނާގެ ހިތުގައި ޖެއްސިންތަ؟، އަތް އިސްކުރިންތަ؟، ނޫނީ ދިމްނާއަށް ބޭވަފާތެރިވިންތަ؟… މަންމައަށް އެނގޭ ދަރިފުޅު ދިމްނާއާއި ކައިވެނި ކުރީ މަންމަމެންގެ ސަބަބުންކަން، ދަރިފުޅު އެކައިވެންޏާ މެދު ނުރުހުނުކަން ވެސް، އެކަމަކު ކައިވެންޏަށް ފަހު މަންމަމެން ހީކުރީ ދަރިފުޅު ދިމްނާދެކެ ގަޔާވާ ކަމަށް، އެކަމަކު އެހެނެއް ނުވިދޯ؟، ދަރިފުޅު ދިމްނާ ދެކެ ރުޅި އަންނަނީތަ؟… މަންމަމެންނަށް ގޯސްކޮށް ކުރެވުނު ކަމެއްތަ އެއީ؟…”
”މަންމާ ދެން ތީ ކޮންކަހަލަ ވާހަކަތަކެއްތަ؟، އަހަރެން ވަރަށް ބޮޑަށް ވަރުބަލިވެފަ މިހިރީ، ދިޔަޔަސް އެންމެ ރަގަޅުތަ؟…” ކުއްލިޔަކަށް އުސައިދު ސޯފާގޮނޑިން ތެދުވެއްޖެއެވެ.
އުސައިދުއަށް ރުޤިއްޔާ ބަލާލިއެވެ.
”އެންމެ ރަގަޅު…” އުސައިދު ދިއުމުގެ ހުއްދަ ރުޤިއްޔާ ދިނެވެ. ކުޑައިރުއްސުރެން ފެށިގެން އުސައިދުގެ ކިބައިގައި ސިނގުރުޅިގަނޑެއް ހުރެއެވެ. ބޭނުންނުވާ ގޮތަކަށް ކަމެއް ކޮށްފިނަމަ އެރުޅިގަނޑު ހިލިގެން ދިޔައެވެ. ނަމަވެސް ފުރާވަރަށް އެރުމުން އެރުޅިގަނޑުގެ ރޯޅިތައް މަޑުޖެހުނެވެ. ރުޤިއްޔާ ހީކުރީ އެހާ ހިސާބުން އެކަންތައް ނިމުނީ ކަމަށެވެ. ނަމަވެސް އޭނަގެ ހިތް މިރޭ ބިރުގަނެއްޖެއެވެ. ދިމްނާއަށް އުސައިދުގެ ފަރާތުން ލިބުނު ހިތްދަތިކަމުގެ އަސްލާ ގުޅިފައިވާ ކަންތަކާ މެދު އެކި ގޮތްގޮތަށް ވިސްނުން ހިންގި ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ.
*****
”ނާޒިމު…”
ނިދަން ތައްޔާރުވަމުން ދިޔަ ބަރްކާ އެނދުގައި އޮތް ނާޒިމަށް ގޮވާލިއެވެ. އަދި މޫނުގައި ހާކާލި ކްރީމުން ހަންގަނޑު ތާޒާކޮށްލަމުން ފަސްއެނބުރި ނާޒިމަށް ބަލާލިއެވެ. ނާޒިމު މިވަގުތަށް ހަމައަކަށް އެޅިފައިވަނީ އޭނަ އެތައް ވާހަކައެއް ދައްކައިގެންނެވެ. ރުޅީގެ މައްޗަށް ބުރަވެ ކުރާ ކަންތަކުން ފަހުން ހިތާމަކުރަން ޖެހިދާނެކަމަކަށް ތަކުރާރުކޮށް ނަސޭހަތްދީގެންނެވެ. ދިމްނާއަށް އިންސާފު ހޯދައިދޭން އޭނަ ވެސް ބޭނުންވާކަން ތަކުރާރުކޮށް ބުންޏެވެ. ރުޅި ފިނިކޮށް އެކަމާމެދު ވިސްނަން ނާޒިމަށް ބަރްކާ ލަފާދިނެވެ.
”ހޫމްމްމް…” އިރުކޮޅެއް ފަހުން ނާޒިމު ބުނެލި އަޑު އިވުނެވެ. ނާޒިމު އޮތީ ބަރްކާއަށް ފުރަގަސް ދީގެން އެނދުގެ އަނެއް ފަރާތަށް އެނބުރިއެވެ.
”އަހަރެން އެބަ އަންނަން ދިމްނާ ގާތަށް ގޮސްފައި…” ބަރްކާ ބުނެލިއެވެ.
”ކީއްކުރަން؟، އަދިވެސް އެއްޗެހި ކިޔަންތަ ބޭނުންވަނީ…” ނުރުހުމާއެކު ނާޒިމު ބުނެލިއެވެ.
”ނާޒިމު!، އެއީ ނާޒިމުގެ ދަރިއެއް ފަދައިން އަހަރެންގެ ވެސް ދަރިއެކޭ، އެދަރިފުޅަށް ލިބޭ ހިތާމަތަކާ މެދު އަހަރެން ދެރަވެޔޭ… އެދަރިފުޅަށް އިންސާފުލިބެން އަހަރެން ބޭނުންވެޔޭ…” ބަރްކާ ބުނެލިއެވެ. ހަޤީޤަތުގައި ވެސް ބަރްކާ ހުރީ އުދާސްވެފައެވެ. ދިމްނާއާ ދިމާއަށް ބުނެވުނު ބަދު ބަސްތަކުންނެވެ. ފަހަރެއްގައިވެސް އެދަރިފުޅު އެފަދަ ވޭނެއް ބަރުދާސްތުކުރަމުން ދިޔަ ކަމެއް އޭނައަށް ނޭގެއެވެ. ނަމަވެސް ހަޤީޤަތް އެނގުމުން އޭނައަށް ވަނީ ސިހުން ލިބިފައެވެ. އެހިލަ ހިތަށް ލޮޅުން ގެނުވާފައެވެ.
”ކުރިން ތިކަން އެނގުނުނަމަ ދޯ…” ނާޒިމު ބުނެލިއެވެ.
”އަހަންނަށް ހެދުނީ ގޯހެއްކަން ޤަބޫލުކުރަމޭ… ދިމްނާ ދެއްކި ވާހަކަތައް އަޑުއެހުނު ނަމައޭ ހިތަށް އެބައަރާ، މިހާރު އަހަންނަށް އެނގިއްޖެ، އެދަރިފުޅާއެކު އަހަރެން ހުންނާނަން، ނާޒިމު ތިހެން ވާހަކަދެއްކީމަ އަހަރެންގެ ހިތުގައި ޖެހޭކަމެއް ނެގޭތަ… މިޢާއިލާ ބިނާ ކުރަން އަހަރެން ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެއްޖެއިން، އެކަން ނާޒިމު ހަނދާން ނައްތާލީތަ؟…” އުދާސްކަމުގެ ރާގަކަށް ބަރްކާ ބުނެލިއެވެ. އަދި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
ބަރްކާ ނިކުމެގެން ދިޔަ މަންޒަރު ބަލަން ނާޒިމު އޮތެވެ. ބަރްކާއާއި ވާހަކަދެއްކުނު ގޮތުން އޭނަގެ ހިތަށް މާޔޫސްކަން ވެރިވެއްޖެއެވެ. މީހާއަށް ލިބިފައިވާ ނުތަނަވަސްކަމުން ދުލުން ބުނެވޭ ބަސްތަކަށް ސަމާލުކަމެއް ނުދެވެއެވެ. އަދިވެސް މޭގެ ތެރޭގައި އުފެދިފައިވާ ހައިޖާންގަނޑަށް ފަސޭހައެއް ނުލިބެއެވެ. އެކަމާ ހުރެ މީހާގެ ހަމަޖެހުން ގެއްލިޖެއެވެ. އިރުއިރުކޮޅާ ވިސްނެނީ ދިމްނާއާ މެދުގައެވެ. އެދަރިފުޅުގެ ހިތްދަތިކަމާ މެދުގައެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނު އަދަދެއް ނޭގެއެވެ. ދިމްނާއާއި އުސައިދުގެ ކައިވެންޏަށް ދެކޮޅު ހެދުނު ނަމައޭ ހިތަށް އެރި އަދަދެއް ނޭގެއެވެ.
(ނުނިމޭ)
3 Comments!
Comments are closed.
Varah reethi Masha Allah next part tomorrow Gatha up kurany ?
Varah reethi
Maasha allah …. mi part v v v v reeethi …. one of the best stories ive readed so far …. mi story ge komme ba e ves v salhi … keep it up … curiously waiting for the next part ❤❤❤❤❤❤