
ނުވާނަން ތަފާތެއް… 17
މުޅިން އައު ދުވަހަކަށް މަރުޚަބާ ކިޔަމުން ފެނުން ތޮޅިލި އިރުގެ ދޯދިތަކުން އުދަރެސް ދޮންކުރަމުން ދިޔަ އެވެ. ފަތިހުގެ ތެތް ފިނިކަން ފަޒާގެ ތެރެއިން ފަނޑުވެ އިރުގެ ހޫނުކަން ދުނިޔެއަށް ސަވާރުވާން ފަށައިފިއެވެ. ކޮޅުކޮޅަށް ދައުރުވަމުން ދިޔަ ވިލާތައް ޖަރީވެފައި ވަނީ އިރުގެ ރަންގު ކުލަތަކެވެ.
ކޮޓަރީގެ ބެލްކަނީގައި ހުރި އުސައިދު ފުލުފުލުގައި ސިނގިރޭޓު ބޮމުން ދިޔައެވެ. އެގޮތުގެ މަތީން ގޮސް އެއްފޮށި ހުސްކޮށްލުމަށްފަހު ދެވަނަ ފޮށި އޭނަ ނެގިއެވެ. ނަމަވެސް މީހާއަށް ހަމަޖެހުމެއް ނުވާ ކަހަލައެވެ. މުޅި ނަފުސުގެ މައްޗަށް ގަދަވެފައިވަނީ ރުޅިވެރިކަމެވެ. އޭގެ ސަބަބުން އޭނަގެ ވިސްނުން ކިލަނބުކުރުވަމުން ދިޔައެވެ. އޭރު ދިމްނާއަ މެދުގައި އެހިތުގައި ރުޅިވެރިކަމުގެ އަލިފާން ރޯވެ އަނދަމުން ދިޔައެވެ. އެހޫނުކަމުން އޭނަގެ އެތެރެހަށި ފިހި ފޮޅުލާން ފަށައިފިއެވެ. މީހާގެ ހަމަޖެހުން ގެއްލިފައިވާ މައިގަނޑު ސަބަބަކީ އެއެވެ. ދިމްނާ ދެއްކި ވާހަކަތައް ހަޖަމުކުރަން އޭނައަށް ވަނީ ދަތި ވެފައެވެ.
”އެހާ ފަސޭހައިން އޭނައަށް އަހަރެންގެ ފުށުން ސަލާމަތްވުމުގެ ފުރުސަތެއް ނުދޭނަން…” އުސައިދު އަޒުމު ކަނޑައެޅިއެވެ. އޭނަގެ ހިތުގައި ދިމްނާގެ މައްޗަށް ކުލުނެއް އަދި ލޯތްބެއް ނުވެއެވެ. އެހިތުގައި ހަމައެކަނި އުފެދުނު ޖަޒުބާތުތައް ގުޅިފައިވީ ޝަހުވަތާއެވެ. ދިމްނާ އެނައާއި ދުރަށް ދިޔަކަމުގައި ވިޔަސް އޭނަގެ އެބޭނުންތައް، ބޭނުން އިރަކު ބޭނުން މީހަކާއެކު ހާސިލު ކުރަން ފައިސާއާއި ބާރު އެބަހުއްޓެވެ. ކަން އެހެން އޮތްއިރުގައި ވެސް އެހުރިހާ ފާހިޝު ކަންތަކުގެ ތެރޭން ވިޔަސް ދިމްނާ އޭނަގެ ގާތުގައި ހުންނަން އުސައިދު ބޭނުމެވެ. އޭނަ ޖެހިހާ ބެރަކަށް ނަށާނެތީއެވެ. އޭނަގެ މުށުތެރޭގައި ޤައިދުކޮށްލެވޭނެތީއެވެ. އޭނަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ޗުއްޕުއޭ ވެސް ބުނަން ނުކެރޭނެތީއެވެ. ހަމައެއާއެކު އޭނަގެ ދިރިއުޅުމުގެ ނުބައި ވައްޓަފާޅިތަކާއި އަނދިރި ފަރާތް ވަންހަނާ ކުރުމުގައި މަދަދުވެރި ވާނެތީއެވެ. ނަމަވެސް މިހާރު އެހުރިހާ މަންޒަރުތަކެއް ބަދަލުވާން ފަށައިފިއެވެ. ދިމްނާ އޭނަ ދޫކޮށް ގޮސްފިއެވެ. މީގެ ކުރިން ނުފެނުނު ހިތްވަރާއި އަޒަމު ރޭގައި އެދެލޮލުން އޭނައަށް ފާހަގަ ކުރެވިއްޖެއެވެ. އޭނަގެ ފުށުން ސަލާމަތްވެވިދާނެ ކަމުގެ އުއްމީދު އެދެލޮލުން އޭނައަށް ފެނިއްޖެއެވެ. އޭނައާ މެދު ޖެހިލުން ނުވާކަން ވެސް މެއެވެ.
އުސައިދުގެ ވަކިތަކުގެ ދަށުން ސަލާމަތްވެ ދިމްނާއަށް އުފާވެރި ދިރިއުޅުމެއްގެ ފުރުސަތު ލިބެން އޭނަ ބޭނުމެއް ނުވިއެވެ. ދިމްނާގެ ކަރުނަތަކާއި، އުދާހާއި، ވޭނުން އޭނައަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ގެނެސްދެއެވެ. އެހިތްހަމަޖެހުމާ ދުރުވާކަށް އޭނަ ބޭނުމެއް ނޫނެވެ. ވަކިން ހާއްސަ ގޮތެއްގައި ރޭގައި އޭނައާއި ދިމާއަށް ދިމްނާ ދެއްކި ވާހަކަތަކުގެ ބަދަލު ހިފަން އެނަ ބޭނުމެވެ. އެކަން ހާސިލުކުރަން ކޮންމެ ފަދަ ކަމެއް ވެސް ކުރަން އޭނަ ފަހެއް ނުޖެހޭނެއެވެ. އޭނަގެ ފުށުން ސަލާމަތްވެ ހަމަޖެހުމުގެ ނޭވާއެއް ލެވިދާނެ ކަމަކަށް ދިމްނާ ހީކުރާނަމަ އެއީ ކުށްހީއެކެވެ.
”ބޭބް، މިތާ ކީއްކުރަނީތަ؟…” ފަހަތުން އިވުނީ ތާރާގެ އަޑެވެ. އެއާއެކު އުސައިދުގެ ބޮލަށް އުނދަގޫ ވެއްޖެއެވެ. އަތުގައި އޮތް ސިނގިރޭޓު ފަޒާގެ ތެރެއަށް ހޫރާލެވުނެވެ. ފަސްއެނބުރި ތާރާއަށް ބަލާލީ ރުޅިވެރިކަމާއެކުގައެވެ. އެކަނި ހުރެ ސައްލާކުރަން ބޭނުންވި ވަގުތަށް ތާރާ ހުރަސް އެޅުމުން އެކަމުގެ ނުރުހުންތެރިކަން އެމޫނުގައި ވިއެވެ.
”ހާދަ ރުޅި ގަދަވެފައޭ ތިހުރީ، ރޭއްސުރެން ތިހުންނަނީ ތިކަހަލަ ގޮތަކަށް، އަނެއްކާ ކިހިނެއް ވީތަ، އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟…” އުސައިދުގެ ދެލޮލުގައިވި އަލިފާނުގެ ބެލުމަށް ސަމާލުކަން ދިނުމެއް ނެތި ތާރާ ގޮސް ލައްވެގަތީ އުސައިދުގެ މޭގައެވެ. އަދި ހުސްގަޔާ ހުރި އުސައިދުގެ މޭގައި ފިރުމާލަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އުސައިދު އެއަތުގައި ހިފެހެއްޓިއެވެ. އެއަށްފަހު ގެނައި ހަރަކާތާއެކު ތާރާ ދުރަށް ކޮއްޕާލިއެވެ. އުސައިދުގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.
އުސައިދުގެ ފަރާތުން އެފަދަ ކަމެއް ދިމާވެދާނެ ކަމަކަށް ތާރާ އުއްމީދެއް ނުކުރިއެވެ. އުސައިދު ކޮއްޕާލުމުން ހަށިގަނޑު ކޮންޓްރޯލް ނުކުރެވުމުގެ ނަތީޖާއަކަށް އުއްޑުން ބިންމައްޗަށް ވެއްޓިއްޖެއެވެ. އެވަގުތު ތާރާގެ ދުލުން ތޫލި ހަޅޭކެއްގެ އަޑު ވެސް ނިކުތެވެ. ސިހުން ލިބިފައިވި ހާލު ތާރާއަށް ބަލާލެވުނީ އުސައިދު އަށެވެ.
ތާރާއަށް ސަމާލުކަން ދިނުމެއް ނެތި އުސައިދު ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. އެމަންޒަރު ބަލަން ތާރާއަށް ގުންފައި ޖަހައިގެން އިދެވުނީ ލޮލަށް ކަރުނަ ޖަމާވެފައިވާ ހާލުގައެވެ. އުސައިދުއަށް އައިސްފައިވި ބަދަލުތަކުން ތާރާގެ ހިތުގައި ޖެހުނެވެ. އެއީ މުޅިން އެހެން މީހެއްހެން ހީވާ ކަހަލައެވެ. އެހުރިހާ ބަދަލެއް އައީ ރޭގައި އުސައިދު ދިޔަ ތަނެއްގެ ސަބަބުންނެވެ. ހިތުގައި އުތުރިއަރައިގެން އައި ސުވާލުތަކުގެ ޖަވާބު ހޯދަން އޭނަ ބޭނުން ވިއެވެ.
”ރޭގަ ކާކާ ބައްދަލުކުރަންތަ އުސައިދު ދިޔައީ؟… ޖަވާބު ދީބަލަ!…” ކަރުނަތައް ފޮހެލަމުން ކޮޅަށް ތެދުވި ތާރާ ބުނެލިއެވެ.
”އަހަރެން ނުޖެހޭނެ ކަލޭގެ ސުވާލަށް ޖަވާބު ދޭކަށް!، އަނގަމަޑުން ލައިގެން ހުރޭ، މިދެން ބަލާއަކަށް ވެއްޖެޔޭ، ކަލެއާ ހެދި މުޅި ދުވަސް ހަރާބުވެއްޖެ…” އެނދުގައި އޮތް އޭނަގެ ގަމީސް ނަގައި ގަޔަށް ހެޔޮވަރުކޮށްލަމުން އުސައިދު ވާހަކަ ދެއްކިއެވެ. އެއަށްފަހު ބިންމަތީގައި އޮތް ފަޓުލޫނު ނަގައި ފަޔަށް މަހާލިއެވެ. ގަމީހުގެ ގޮށްތައް އަޅުވަމުން ރީތިވާ މެޒުމަތީ އޮތް އޭނަގެ ފޯނާއި ވޮލެޓުގެ އިތުރުން ސައިކަލުގެ ތަޅުދަނޑި ނަގައިގެން ނިކުންނަން ހިނގައިގަތެވެ.
ތާރާއަށް ތެޅިގަނެވުނެވެ. އޭނަ އުސައިދު ކުރިމައްޗަށް އެރިއެވެ. އެފަދައިން އުސައިދު ގޮސްފިނަމަ އުސައިދުގެ ފަރާތުން ލިބޭ ފައިސާއާއި މުއްސަނދިކަމުގެ ލައްޒަތު ގެއްލިދާނެ ކަމުގެ ބިރު އެހިތުގައި އޮތެވެ. އިންސާނާއަކީ މުއްސަނދިކަމުގެ ކުޑަމީސް ލައްޒަތެއް ލިބިއްޖެނަމަ އެކަމަށް ދެވިހިފާ ބައެކެވެ. އިތުރަށް އެކަންތައް ބޭނުންވާ އަމިއްލަ އެދުން ބޮޑު ބައެކެވެ. އެފަދަ ނަސީބަކުން މަހުރޫމުވެ ތިމާގެ އިހުގެ ދިރިއުޅުމަށް ދާން ބޭނުންނުވާ ބައެކެވެ. އެފަދައިން ތާރާ ވެސް އޭނަގެ ކުރީގެ ދިރިއުޅުމަށް ދާކަށް ބޭނުމެއް ނޫނެވެ. އޭނަގެ އިއްޒަތާއި އަބުރު ނީލަން ކިޔައި ވިއްކާލީ ފައިސާއާއި ދުނިޔޭގެ ލައްޒަތެވެ. އެރާހަތު ލިބި އެއިން މަހުރޫމް ވެވޭނީ ކިހިނެއް ހެއްޔެވެ؟
”ދިމްނާގެ ގާތަށް ދޯ ދިޔައީ، ކީއްވެގެންތަ އުސައިދު އޭނަ ވަރިނުކުރަނީ؟، އޭނަ ބޭނުން ވަނީ އެގޮތް ނަމަ އެހަން ހަދާދީބަލަ، ގައިމު އޭނައަށް ވުރެން އަހަރެން ރީތި، އޭނަގެ ކޮންކަމެއް ހުރެގެންތަ އޭނަގެ މަތިން ހަނދާން ނައްތާނުލެވެނީ، އަހަރެން ކޮށްދޭ ކަންތަކަށްވުރެން ވަކި އިތުރު ކޮންކަމެއް އޭނައަށް ކޮށްދެވޭނީ… އުސައިދު!… ތިހެން ނުދޭ، އަހަރެން ވަރަށް ބޮޑަށް ލޯބިވޭ އުސައިދު ދެކެ… އަހަންނާއެކު މަޑުކުރޭ…” އުސައިދުގެ ކުރިމަތީ ތާރާ އާދޭސްކުރަން ފެށިއެވެ. ”އެއަންހެނާ ވަރިކޮށްލާ، އަހަރެން މިހުރީއެއްނު އުސައިދުގެ ގާތުގައި!…”
”މިދެން ކިހާ ބޮޑު ބަލާވެރިކަމެއް، ކަލޭގެ ތި ދޫ ހިމޭނުން ބާއްވާ، އެހެން ނޫނީ ހަނދާނުން ނުފިލާވަރުގެ ބޮޑިއެއް ދީފާނަން، ކަލޭ ކަހަލަ އަގެއް ނެތް ރަންޑިއަކު އަހަރެންގެ އަނބިމީހާއާއި އަޅާ ކިޔަން ކަލޭ ހިތަށް ވެސް އެރުވީ ކިހިނެއް!… ހެހެހެ، ލަދެއް ވެސް ނުގަންނަ އެއްޗެކޭ ދޯ… މީގެ ފަހުން ދިމްނާގެ ނަން ތިދުލުން ކިޔާލިޔަސް ނިމުނީ…” އޭނައާއި ކައިރިވާން ތާރާ މަސައްކަތްކުރުމުން އުސައިދު ރުޅިވެރިކަމާއެކު ތާރާ ދުރަށް ކޮއްޕާލިއެވެ. އަދި ހަޅޭއްލަވައިގަތެވެ.
”ނޫން…” ތާރާއަށް ހަޅޭއްލަވައިގަނެވުނެވެ. އުސައިދުއާއި އޭނަގެ ލޯބި އެފަދަ ހިތި ގޮތަކަށް ނިމިގެން ދާކަށް އޭނަ ބޭނުމެއް ނޫނެވެ. އެއާއެކު ދިމްނާއާ މެދު އެހިތުގައި އުފެދިގެން އައީ ރުޅިވެރިކަމެވެ. އޭނައާއި އުސައިދުގެ އުފާވެރި ހަޔާތަށް ޒަހަރުލީ ދިމްނާ ކަމަށް ތާރާއަށް ޤަބޫލުކުރެވުނެވެ.
”ތިހެން އުސައިދުއަކަށް ނުދެވޭނެ، ގޮސްފިނަމަ އަހަރުމެންގެ ގުޅުން އެންމެނަށް އަންގާނަން، އެހެން ވާކަށް އުސައިދު ބޭނުމެއް ނުވާނެކަން އަހަންނަށް އެނގޭ، އަހަރުމެންގެ ގުޅުން އެހާބޮޑަށް ސިއްރުކޮށްގެން އުޅެނީ ވެސް އެހެންވެއެއްނު، އުސައިދު ޖެހޭނީ އަހަންނާއި ކައިވެނި ކުރަން، ވަރިހަމަ ދެއަންބަށް ވިޔަސް… އެހެންނޫނީ ހުރިހާ ކަމެއް ހާމަކުރާނަން…” ގޮތްހުސްވުމުން ފަހުގެ ހަތިޔާރެއްގެ ގޮތުގައި ތާރާ ގަސްދުކުރީ އުސައިދުއަށް ބިރުދައްކާށެވެ. އޭނައާއި އުސައިދުގެ ދެމެދުގައިވި ގުޅުން ދުނިޔެއަށް އިއުލާންކުރާށެވެ. އޭރުން ކަންތައްވެދާނެ ގޮތަކާ މެދު އުސައިދުއަށް ބިރު ދައްކަން ތާރާ މަސައްކަތްކުރިއެވެ.
”ހެހެހެ، ކަލޭ ހީކުރީ އަހަރެން ބްލެކްމެއިލް ކުރެވިދާނެ ކަމަށްތަ!، ކަލެއަށް އެއްކަމެއް ވެސް ނުކުރެވޭނެ، ކަލޭ ތީ ކާކު!، ކަލޭގެ ވާހަކަ ޤަބޫލުކުރާނީ ވެސް ކާކު!، ކަލޭ ކުރާނެ އެއްވެސް ކަމަކުން އަހަންނަށް ކުޑަމީސް ގެއްލުމެއް ނުލިބޭނެ، އެކަމަކު އަހަރެން ކުރާ އެންމެ ކަމަކުން ކަލޭގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާނަން!… އަމިއްލަ މީހާގެ ފެންވަރު ދަންނާތި!، ކަލޭގެ ޒާތްޒާތުގެ ފޮޓޯތަކައި ވީޑިއޯތައް އަހަރެންގެ އަތުގައި ހުރިކަން އެނގޭތަ؟، އެފޮޓޯތައް ލީކު ވެއްޖެނަމަ ވާނީ ކިހިނެއް!، ކަލޭގެ ޢާއިލާއަށް ވާނީ ކިހިނެއް؟، އެމީހުންނަށް ކަލޭގެ މުޑުދާރުކަން އެނގެން ބޭނުންތަ!… ހެހެހެ، ފައިސާއަށް މީހާގެ ހަށިވިއްކާ އަންހެނުންގެ ފެންވަރޭ ތީ، ހަނދާން ކުރާތި، މީގެ ފަހުން މަށަށް ކަލޭގެ ސޫރަ ފެންނަ ހިސާބަށް ވެސް އައިސްގެން ނުވާނެ!… ދުނިޔެއަށް ބަދުނާމުވާން ނޭދޭނަމަ އެއްޗެއް ވިސްނޭނެކަމަށް ހީކުރަން!!!…”
ތާރާގެ ކަންފަތްމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލަމުން ހަރުކަށިކަމާއެކު އުސައިދު ބުނެލިއެވެ. އޭރު އުސައިދުގެ ހަމަލާގެ ސަބަބުން ތާރާ ހުރީ ބުންވެފައެވެ. ސިހިފައެވެ. އުސައިދުގެ ޖުމްލަ އައިސް އޭނަގެ މޭގެ އެންމެ ފުންމިނަށް ހެރުނެވެ. ވޭނުގެ ބަދަލުގައި މުޅި ޖިސްމަށް ފެތުރިގެން އައީ ބިރުވެރިކަމާއި ސިހުމެވެ. ލޮލުން ކަރުނަ އޮހޮރެމުން ދިޔަ ހާލު އުސައިދު ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރެވުނެވެ. އެއަށްފަހު ބިންމައްޗަށް ތިރިވެވުނީ ފައިގެދަށުގައިވި ބިންގަނޑު ގުޑާހެން ހީވެ ފައިގެ ހުޅުތަކުން ވާގި ދޫވުމާއެކުގައެވެ. ގިސްލެވުނު ހިނދު އުސައިދުގެ ކުރިމަތީގައި އޭނަ ނާކާމިޔާބު ވެއްޖެކަން ޤަބޫލުކުރަން މަޖުބޫރުވެއްޖެއެވެ. ހަމައެއާއެކު އަރާމާއި ލައްޒަތުގެ ދުނިޔެއިން ހޭލަން ވެއްޖެކަމުގެ ހިތި ހާޤީޤަތާ ވެސް ކުރިމަތިލާން މަޖުބޫރުވިއެވެ. ހާދަ ދެރައެވެ.
*****
”ދަރިފުޅާ، ހެނދުނުހެނދުނާ ކޮންތަނަކުންތަ ތިއައީ؟…” ކާކޮޓަރި ކުރިމަތިން ހުރަސްކަނޑާފައި ދިޔަ އުސައިދުއަށް ހުއްޓެވުނީ އޭނަގެ މަންމަ ރުޤިއްޔާގެ އަޑަށެވެ. އެވަގުތު ކާމޭޒު ދޮށުގައި އިން ފަލާހު ވެސް އިސްއުފުލާ އޭނަގެ ދަރިފުޅަށް ބަލާލިއެވެ. މަންމައާއި ބައްޕަގެ ނަޒަރު އޭނައަށް ހުއްޓިފައިވާތަން ފާހަގަ ކުރެވުމާއެކު އުސައިދުއަށް ނުތަނަވަސްކަމާއެކު އިސްތަށިގަނޑުގެ ތެރޭގައި އަތްތިލަ ހިންގާލެވުނެވެ. ދެވަނަ ސިކުންތުގައި ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ކާކޮޓަރިއަށް އޭނަ ވަނެވެ.
”އޮފީހުގެ ކުޑަ ކަމެއް ނިންމާލަން ދިޔައީ…” ފަށުވި ދޮގެއް ހަދަމުން އުސައިދު މޭޒުދޮށުން ގޮނޑިއެއްގައި އިށީނެވެ. އެއާއެކު މޭޒުކައިރީ ހުރި މަސައްކަތުކުއްޖަކު އައިސް އުސައިދުގެ ކުރިމަތީ ތަށްޓެއް ބަހައްޓަމުން މޭޒުމަތީ ހުރި ކާއެއްޗެހިތައް ކައިރިކޮށްލަ ދިނެވެ. އެހުރިހާ އިރު ވަންދެން އެތަނަށް ވެރިވެފައި އޮތް ނުތަނަވަސްކަމުން އުސައިދު އިނީ ހާސްވެފައެވެ. މަންމައާއި ބައްޕައަށް ބަލާލަމުން ހާސްކަން ފޮރުވަން ހިނިތުންވެލިއެވެ. މައިންބަފައިންނަށް އެއްވެސް ކަމަކާ މެދު ޝައްކު ވެދާނެތީ އެކަމުގެ ބިރުވެރިކަން އުސައިދުގެ ހިތުގައި އޮތެވެ.
”ދިމްނާގެ ޚަބަރެއް ވެއްޖެތަ؟… ދަރިފުޅުމެން ދެން ވާހަކަދައްކައިގެން ޖެހުނު މައްސަލަ ހައްލުނުވާނަމަ މަންމަ ބޭނުން ދިމްނާއައި ބައްދަލުކޮށްލަން… ދަރިފުޅު ވެސް މަންމަ ގާތު ވެގެން އުޅޭ ގޮތެއް ހާމައެއް ނުކުރޭ، ދިމްނާ ވެސް އެއްޗެކޭ ނުބުނި، ދެން ކޮންމެވެސް އެއްކޮޅަކުން އެބަޖެހޭ ތިކަމަށް ހައްލެއް ގެންނަން…”
ރުޤިއްޔާއަށް ނީދެވިގެން ބުނެވުނެވެ. ދިމްނާ އެގެއިން ދިޔައީއްސުރެން ފެށިގެން ހުރިހަމައެކަނި ދަރިފުޅުގެ ޒަވާޖީ ހަޔާތަށް ކުރިމަތިވެފައިވާ ހީނަރުކަމަށް ނިމުމެއް ގެނެސްދޭން ރުޤިއްޔާ ބޭނުންވެއެވެ. ދިމްނާ ދިޔަ ފަހުން އުސައިދުގެ މޫނުމަތި މިލައި ހިތާމަވެރިކަން ފާހަގަކުރެވެން އޭނައަށް ފަށައިފިއެވެ. އޭނައަށް މިއަދާ ޖެހެންދެން ވެސް އެދެމެދުގައި ޖެހުނު މައްސަލައިގެ ކުޑަބޮޑުމިން އެނގިފައެއް ނުވެއެވެ. އެކަމެއް ހިނގީ ބޭސްފަރުވާއަށް އޭނަ ރާއްޖޭން ބޭރަށް ދިޔަ ފަހުންނެވެ. ހިތުގައި ސުވާލު އުފެދުނަސް އުސައިދު އެކަމާ ވާހަކަދައްކާކަށް ބޭނުމެއް ނުވެއެވެ. ދިމްނާ އެހާ ކުއްލި ގޮތަކަށް ދިއުމުން އަދިވެސް ރުޤިއްޔާ ވަނީ ހައިރާންކަމާއި ސިހުމެއްގެ ތެރޭގައެވެ. އެހާ ލޯބިން އުޅުނު ދެކުދިންގެ ދެމެދުގައި ޖެހުނީ ކޮންކަހަލަ ކުންޏެއްކަމެއް ވެސް ނޭގޭއެވެ.
ފަލާހު ވެސް ވަނީ އުސައިދުއަށް ވަގުތު ދޭން ބުނެފައެވެ. ވަގުތު ޖެހުމުން ހުރިހާކަމެއް ހާމަކުރާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް މިހާ ދުވަސް ފާއިތު ވީއިރުގައި ވެސް އުސައިދުގެ ފަރާތުން ފެންނަނީ ހަމަހިމޭންކަމެވެ. އޭގެ ސަބަބުން ރުޤިއްޔާގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައްޖެއެވެ. އިތުރަށް މަޑުކޮށްފިނަމަ ދަރިފުޅުގެ ޒަވާޖީ ހަޔާތް ސަލާމަތް ނުކުރެވިދާނެ ކަމުގެ ބިރު އެހިތުގައި ވިންދު ޖަހަން ފަށައިފިއެވެ.
”މަންމާ…”
ފުންނޭވާއެއް ލަމުން އުސައިދު ބުނެލިއެވެ. އެވަގުތު އޭނަގެ ސިކުނޑިއަށް ރަގަޅު ޚިޔާލެއް އަތުވެއްޖެއެވެ. އިތުރު ގޮތެއް އޭނައަށް ނެތީއެވެ. ދިމްނާއަށް ރަގަޅު ފިލާވަޅެއްދީ އޭނަގެ ގާތަށް އަނބުރާ ގެންނަން ލިބުނު ޚިޔާލާއެކު އުސައިދުގެ ތުންފަތުގައި ދުވެލީ މަކަރުވެރިކަމުގެ ހިނިތުންވުމެކެވެ.
*****
”ދޮންތާ…” ދިމްނާގެ ކޮޓަރީގެ ދޮރުގައި ޓަކި ދެމުން އަޝްކާން ގޮވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން ދިމްނާ އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
ދިމްނާއަށް ފަރުވާތެރިކަމާއެކު އަޝްކާން ބަލާލިއެވެ. ދިމްނާގެ ފަރާތުން ހެޔޮބަދަލެއް އޭނައަށް ފެނުނެވެ. އެހެނިހެން ދުވަސްތަކާއި ޚިލާފަށް މިއަދު އެދެލޮލުގައި ރަތްކަމެއް ނުވެއެވެ. އުދާސްކަމެއް ނުވެއެވެ. ހިތްދަތިކަމުގެ އަސަރުތައް މުޅިން ފިލައިގެން ނުދިޔަކަމުގައި ވިޔަސް ހަމަޖެހުމުގެ އަސަރު އެމޫނުގައި ވިއެވެ. އެބަދަލާއި ގުޅިފައިވާ ސަބަބު ކައްޔިސްގެ ފަރާތުން އޭނައަށް ވަނީ އެނގިފައެވެ.
ދިމްނާއަށް ބަލާލަމުން އަޝްކާން ހިނިތުންވެލިއެވެ. އަދި އެތެރެއަށް ވަނުމުގެ ހުއްދައަކަށް އެދުނެވެ. ދިމްނާ ވެސް އޭނަގެ ކޮއްކޮއާއި ހިނިތުންވުމެއް ބަދަލުކުރަމުން ކޮޓަރީގެ ދޮރު ބޮޑުކޮށް ހުޅުވާލީ އަޝްކާންއަށް ވަދެވޭނެ ހެންނެވެ.
”ދޮންތާ…” ފުންނޭވާއެއް ދޫކޮށްލަމުން އަޝްކާން ގޮވާލިއެވެ. އަދި ދިމްނާއާއި ކުރިމަތިލިއެވެ. އެދެލޮލުގައި ކަންބޮޑުވުން ވިއެވެ. އެކަން ފާހަގަ ކުރެވުނު ދިމްނާ ހިނިތުންވެލިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ.
”ހީވަނީ ޝާންއަށް އެނގިއްޖެހެން، ދޮންތަ ބުނުމުގެ ކުރިން ކިޔާ ބެނެފި ދޯ…” ދިމްނާ އެހިއެވެ. އެސުވާލަށް ޖަވާބުދެމުން އަޝްކާން ބޯޖަހާލިއެވެ.
”ރޭގަ ކޮފީއަކުން ބައްދަލުވެގެން އެވާހަކަ ބުނީ، ދެން ރޭގަ ލަހުން ގެއަށް އާދެވުނީމަ ހެނދުނު ދޮންތައާ ވާހަކަދައްކާލަން މަޑުކޮށްލީ…” އަޝްކާން ބުންޏެވެ. ”އާރ ޔޫ ޝުއާރ އެބައުޓް އިޓް؟…”
”އައި ވޯސް ނެވާރ ސޯ ޝުއާރ އެބައުޓް އެނީތިންގް އިން މައި ލައިފް…” އަޝްކާންގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދިނީ ދިމްނާގެ ހިނިތުންވުމުންނެވެ. ލިބެން އުޅޭ ދަރިފުޅާއި ދޮންތަގެ އުއްމީދު ގުޅިފައިވާތަން ފެނި ހަމަޖެހުމުގެ ނޭވާއެއް އަޝްކާންއަށް ދޫކޮށްލެވުނެވެ. އޭނަ އެނގެން ބޭނުންވި ކަމަކީ އެއީ އެވެ. ދޮންތަގެ ފަރާތުން ފެނުނު އުއްމީދުގެ ކުލަވަރުތަކުން އަޝްކާންގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. ދުޢާ ކުރެވުނީ ދިގުދެމިގެންވާ އުފާވެރިކަމެއް ދޮންތައަށް ނަސީބު ކުރެއްވުމަށެވެ. އަދި ދޮންތަގެ އުފާވެރިކަމަށް ބަދުނަސީބުގެ ހިޔަނި ނޭޅުމަށެވެ. ހިތާމަތައް ދުރުކޮށްދެއްވުމަށް އެދިއެވެ.
ދިމްނާގެ ގައިގައި ބައްދާލަމުން އަޝްކާން ހިނިތުންވެލިއެވެ. ހަޤީޤަތުގައި ވެސް ދޮންތަގެ ފަރާތުން ފެންނަމުން ދިޔަ އުފާވެރިކަމުގެ ސަބަބުން އަޝްކާން ހުރީ ހިތްހަމަޖެހިފައެވެ. ހަޔާތުގައި ކުރިމަތިވި ހިތްދަތިދުވަސްތަކާއި ހިތްވަރާއެކު ކުރިމަތިލައި މުސްތަޤުބަލާ މެދު ދޮންތަ ދެކެމުން ދިޔަ އުއްމީދުތަކާ މެދުގައި ވެސް އޭނަ އުފާކުރިއެވެ.
”މަންމަމެންނަށް…” ދިމްނާއާއި ދުރަށް ޖެހިލަމުން އަޝްކާން ބުނަން އުޅުނެވެ. ފަރުވާތެރިކަމާއެކު ދޮންތަގެ މޫނަށް އަޝްކާން ބަލާލިއެވެ.
”ދޮންތަ ބުނާނީ… ހުރިހާކަމެއް ދާނީ ރަގަޅުވަމުން، އަދި މަންމައަށް ވިސްނޭނެ، މިވަގުތު ބައްޕައާއި ޝާން އަހަންނާއެކު ތިބީތީ ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިއްޖެ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމަކާ ކުރިމަތިލާނަން، ކެރޭ މީހަކަށް ވާނަން، އޭރުން އުސައިދުއަށް ވެސް އެއްޗެއް ވިންނޭނީ، އަހަރެން އުސައިދު ދެކެ ކިތަންމެ ރުޅިއަޔަސް އުސައިދުގެ މަންމައާއި ބައްޕައަށް ދެރައެއް ލިބޭކަށް ނޭދެން…” ދިމްނާ ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. ހީވީ އޭނަގެ ނަފުސު ހުރިހާ ކަމަކަށް ތައްޔާރުކޮށްލި ހެންނެވެ. އަދިވެސް ގިނަ ކަންތައްތަކާއި ކުރިމަތިލާން އެބަޖެހެއެވެ. ސާބިތުކަމާއެކު ފައިތިލަ ސާބިތުކޮށްގެން މެނުވީ އޭނައަށް ކުރިއެރުމެއް ނުލިބޭނެއެވެ. ބަނޑުގައިވާ ދަރިފުޅަށްޓަކައި ހުރިހާ ކަމަކާ ކުރިމަތިލާން އޭނަ ބޭނުމެވެ. ހިތްދަތިކަމާއި މާޔޫސްކަމުގެ ސަބަބުން ދިރިއުޅުން އަޑިއަޅާލައި ދަރިފުޅަށް ގެއްލުމެއް ލިބޭކަށް އޭނަ ނޭދެއެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އަމިއްލަ ނަފުސަށް ދުވަހަކު މަޢާފް ކުރެވޭނެ ހެނެއް ހިޔެއް ނުވެއެވެ.
*****
މެންދުރުގެ ވަގުތެވެ. ބަރްކާ އިނީ ބޮޑުކޮޓަރީގައެވެ. ޓީވީ ހުޅުވާލާފައިވިއެއްކަމަކު އޭނަގެ ސަމާލުކަން ދެވިފައިވަނީ އަތުގައި އޮތް ފޯނަށެވެ. އެއިން މާ މުހިންމު އެއްޗެއް ފެންނަ ކަހަލައެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިންދާ ބަރްކާއަށް ސިހުމެއް ލިބުނީ ސަލާމް ގޮވާލި އަޑަށެވެ. ފޯނުގެ ސްކްރީނާއި ވަކިކޮށްލި ނަޒަރު ގޮސް ގޭގެ މައިދޮރަށް ހުއްޓުމާއެކު ފުރަތަމަ ބަރްކާއަށް ލިބުނީ ހައިރާންކަމެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މޫނުމަތި އުޖާލާވެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަވަސްއަވަހަށް އޭނަ ސޯފާއިން ތެދުވެއްޖެއެވެ. އަދި ސަލާމް ބަލައިގަންނަމުން ރުޤިއްޔާ ގާތު އެތެރެއަށް ވަނުމަށް ބުނެލިއެވެ. ރުޤިއްޔާ ފެނުމުން އުއްމީދުގެ އޮއެވަރެއް ބަރްކާގެ މޫނުމަތިން ފާޅުވެއްޖެއެވެ.
”ހާދަ ގިނަ ދުވަހެއް ފަހުންނޭ ރުޤީއާ ބައްދަލު މިވީ، ކިހިނެއްތަ ހާލު އަހުވާލު، ކުރީ ދުވަހަކު އަހަރެން އުސައިދުއަށް ގުޅީމަ އެނގުނީ އޭރު ޑޮކްޓަރަށް ދައްކަން ބޭރަށް ދިޔަ ގޮތަށް ރާއްޖެ ނާންނަކަން، މިހާރު ހާލު ކިހިނެއްތަ؟…” އުފާވެރި ހިނިތުންވުމަކާއެކު ބަރްކާ ބުނެލިއެވެ. އޭނައަށް ކުރިމަރިވެފައިވާ ދިމްނާގެ މުސީބާތުން ސަލާމަތްކޮށްދޭން އައި މަދަދުވެރިއެއްގެ ގޮތުގައި އޭނައަށް ރުޤިއްޔާ ސިފަކުރެވުނެވެ. އޭނައަށް ވުރެން ބޮޑަށް އަބަދުވެސް ރުޤިއްޔާއާއި ދިމްނާގެ ދެމެދުގައި ހާއްސަ ގުޅުމެއް އޮތްކަން އޭނައަށް ފާހަގަކުރެވުނެވެ. އެކަމާ އޭނަގެ ހިތުގައި އެއްއިރެއްގައި ހަސަދަވެރިކަން ވެސް އުފެދުނެވެ. ނަމަވެސް އެއީ މިހާރު މުހިންމުކަމެއް ނޫނެވެ. އެއަށްވުރެން ބޮޑު މުސީބާތަކާ ކުރިމަތިލާން އޭނައަށް ވަނީ ޖެހިފައެވެ.
”އިރާދަކުރެއްވިއްޔާ ރަގަޅު… ބަރްކާ ކިހިނެއްތަ؟…” އޯގާތެރި ހިނިތުންވުމަކާއެކު ރުޤިއްޔާ ބުނެލިއެވެ.
”ރަގަޅެއް ނޫން، ދިމްނާއާއި އުސައިދުގެ ކަންތަކުގަތަ ރުޤީ ތިއައީ، އަހަރެން ހާދަ ވަރަކަށް ދިމްނާއަށް ވިސްނައިދޭން މަސައްކަތްކޮށްފީމޭ، ކުރީ ދުވަހަކު އުސައިދު އައީމަ ވެސް ރުޅިމޫނު ހަދައިގެން ހުރީ، އެކީގަ ދާކަށް އެއްބަހެއް ނުވި… ނަސޭހަތްދީދީ ވެސް ގޮތްދޫކުރާކަށް ނޫޅުނު، ނިކަން ބޯހަރުވެގެން އުޅެނީ، ބުނާ އެއްވެސް އެއްޗެއް އަޑެއް ނާހާ، އޭނަ ބޭނުންވަނީ ވަރިވާން… އެކަމާ ހުރެވެސް އަހަރެންގެ ބޯފަޅައިގެން ދާން ކައިރިވެއްޖެ!…”
ހިތްހަމަނުޖެހުމުގެ ރާގަކަށް ބަރްކާ ބުނެލިއެވެ. ދިމްނާގެ ނަން ދުލުން ކިޔަން ޖެހުނަސް އޭނަ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެރުޅިވެރިކަން އޭނަގެ ބަހާއި އަމަލުން ސިއްރެއް ނުވެއެވެ.
”އެންމެ ރަގަޅުތަ އަހަރެން ދިމްނާއާ ބައްދަލުކޮށްލިޔަސް؟…” ބަރްކާގެ ވާހަކަތަކާ މެދު ފިކުރު ހިންގަމުން ރުޤިއްޔާ ބުނެލިއެވެ. ކޮންމެވެސް ކަމެއް ދިމްނާއަށް ވެއްޖެކަން ނަގައިގަންނަން ރުޤިއްޔާއަށް އުނދަގުލެއް ނުވިއެވެ. ދިމްނާއާއި އުސައިދުގެ ދެމެދުގައި ޖެހުނު މައްސަލައެއް ވިއްޔާ ޖެހުނީ އޭނަ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރިތަނާއެވެ. އޭރުވެސް ދިމްނާގެ ފަރާތުން މާޔޫސްކަން އޭނައަށް ފާހަގަކުރެވުނެވެ. ނަމަވެސް ސުވާލުކުރާނެ ފުރުސަތު ނުލިބި ފުރައިގެން ދާން ޖެހުނީއެވެ. އުސައިދުއާއި ދިމްނާގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅުނުކަން އޭނައަށް އެނގުނީ ރާއްޖޭން ބޭރުގައި ހުއްޓާއެވެ. އެއާއެކު ދިމްނާއަށް ގުޅަން އޭނަ މަސައްކަތް ކުރިއެވެ. އެހެނަސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ރާއްޖެ އާދެވުމާއެކު ދިމްނާއާއި ބައްދަލުކުރަން އޭނަ ބޭނުން ވިއެވެ. އެޚިޔާލާ އުސައިދު ދެކޮޅު ހެދުމުން އޭނަ ގަސްދުކުރީ ދެމަފަރިން ވާހަކަދައްކައިގެން ހުރިހާ ކަމެއް ހައްލުކުރެވޭނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. އެތައް ދުވަހެއް ފާއިތުވެގެން ދިޔަ އިރުގައިވެސް ކާމިޔާބެއް ނުލިބުނު ތާނގައި ހުރިހާކަމެއް ދަނީ ގޯހުން ގޯހަށެވެ. ހުރިހާކަމެއް ބޮއްސުންލައިގެން ދިއުމުން އުސައިދު ވަނީ އެންމެފަހުން އޭނަގެ މަދަދަށް އެދިފައެވެ.
*****
ނަމާދުން ފޭބި ދިމްނާއަށް ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލެވުނީ ޓަކިދޭ އަޑަށެވެ. އަތުގައި އޮތް މުސައްލަ ގެންގޮސް ރީތިވާ މޭޒުމަތީ ބާއްވަމުން އޭނަ އަވަސްވެގަތީ ދޮރުހުޅުވުމަށެވެ. އެއާއެކު އޭނައަށް ހައިރާންކަން ލިބުނީ ދޮރުކުރިމަތީ ހުރި ރުޤިއްޔާ ފެނުމުންނެވެ.
ދިމްނާއަށް ދޮރުގެ ތަޅު ދޫކޮށްލެވުނެވެ. ހުއްޓުން އަރާފައި އޭނައަށް ބަލަން ހުރެވުނީއެވެ.
”އެތެރެއަށް ވަންނަން ނުބުނާނަންތަ؟…” ދިމްނާގެ މޫނަށް ބަލާލަމުން ފަނޑު ހިނިތުންވުމެއް ބައްދަލުކޮށްލުމާއެކު ރުޤިއްޔާ ބުނެލިއެވެ. ސިއްރުކުރަން އުޅުނުކަމުގައި ވިޔަސް އެލޮލުން އުދާސްކަން އޭނައަށް ފެނުނެވެ. މިފަހަރު ހަޤީޤަތް ހޯދައިގެން މެނުވީ ނުދާން ރުޤިއްޔާ ގަސްދުކުރިއެވެ. އޭރު އޭނަގެ ހިތުގައި ނުތަނަވަސްކަން ވިއެވެ.
ރުޤިއްޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ދިމްނާ ކުރިއަށް ވުރެން ބޮޑަށް ދޮރު ހުޅުވާލިއެވެ. އަދި އެއްފަރާތަކަށް ޖެހިލީ އެތެރެއަށް ވަންނަން ތަން ދެއްކުމުގެ ގޮތުންނެވެ. އެއިޝާރާތާއެކު ރުޤިއްޔާ ކޮޓަރިއަށް ވަނެވެ.
ކޮޓަރީގެ ދޮރު ލައްޕަމުން، ކޮޓަރީގެ މެދާ ހިސާބުގައި ހުއްޓި ހުރި ރުޤިއްޔާއަށް ދިމްނާ ބަލާލިއެވެ. ރުޤިއްޔާ އެއައީ އުސައިދު ފޮނުވައިގެންކަން ދިމްނާއަށް ނަގައިގަނެވުނެވެ. އުސައިދުގެ މަކަރުވެރި އަދި ހީލަތްތެރި ރޭވުންތަކުން ކުރިއެރުމެއް ނުލިބުމުން މިފަހަރު ބޭނުން އެކުރީ ތަފާތު އުކުޅެކެވެ. ނަމަވެސް ދެން އިތުރު މީހަކަށް އޭނަގެ ނިންމުން ބަދަލެއް ނުކުރެވޭނެއެވެ.
ދިމްނާ ދެރަވީ ރުޤިއްޔާގެ ހުށަހެޅުންތަކަށް އިންކާރުކުރަން ޖެހޭނެތީއެވެ. މަންމައެއްގެ ލޯބި އޭނައަށް ލިބުނީ ރުޤިއްޔާގެ ފަރާތުންނެވެ. އުސައިދުގެ ފަރާތުން ލިބެމުން ދިޔަ ހިތްދަތިކަން ސިއްރުކުރަން އޭނަ އެންމެ ބޮޑަށް ބޭނުންވީ ރުޤިއްޔައާ މެދު ވިސްނާލާފައެވެ. އުފަން ދަރިފުޅުގެ ޖައްބާރުކަން އެމަންމައަށް އެނގުމުން ލިބިދާނެ ހިތްދަތިކަމާ މެދު ވިސްނާލާފައެވެ. އެމަންމަގެ ބަލިހާލަތު ހުރި ގޮތުންވެ. ހިތުގައި މިޔައެޅި ވޭން ބަރުދާސްތުކުރަން ދަތިވި ހިނދުގައި ވެސް ހިނިތުންވެގެން ހުރީ އެމަންމައަށް ޝައްކެއް ވިޔަނުދިނުމުގެ ބޭނުމުގައެވެ. ދެރައީ އެއިން އެއްވެސް ކަމެއް އުސައިދުއަށް ނުފެނުނީތީއެވެ. އުސައިދުގެ ހަޤީޤަތް އެނގުމުން މައިންބަފައިންނަށް ލިބިދާނެ ހިތްދަތިކަމާމެދު ވިސްނާނުލީތީއެވެ. ކިތަންމެ ދަތި ނިންމުމަކަށް ވިޔަސް އުސައިދުއާ ދުރަން ދާން ދިމްނާއަށް މަޖުބޫރުކުރުވީ ބަދަލުވުމެއް ނެތް އުސައިދުގެ ނުލަފާ ތަބީއަތެވެ. އަމިއްލަ ނަފުސާ މެދު ފުރަތަމަ ފަހަރަށް ވިސްނަން ދިމްނާއަށް މަޖުބޫރުވި ސަބަބަކީ ވެސް އެއީއެވެ. އެކަމުން އުސައިދުގެ މައިންބަފައިންނަށް ކުއްލި ސިހުމެއް ލިބޭނެކަން އޭނައަށް އެނގުނެވެ. މިހުރިހާ ދުވަހު ރުޤިއްޔާއާއި ބައްދަލުކުރަން އޭނަ ދެކޮޅު ހަދަމުން ދިޔައީ އެމަންމައާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތުމުންނެވެ.
”މަންމާ، އިށީންނަން ވީނު؟…” ސޯފާއަށް އިޝާރާތް ކުރަމުން ދިމްނާ ބުނެލިއެވެ. އޭނަ ހުރީ އުނދަގޫވެފައެވެ. ރުޤިއްޔާގެ ފަރާތުން ކުރިމަތިވާނެ ސުވާލުތައް ދުރާލާ ލަފާކުރެވޭތީއެވެ. އެސުވާލުތަކަށް ދޭނެ ޖަވާބެއް އޭނައަކަށް ނުވިސްނުނެވެ.
ދިމްނާ އެދުނު ފަދައިން ރުޤިއްޔާ ސޯފާގައި އިށީނެވެ. އަދި ދުރުގައި ހުރި ދިމްނާއަށް ބަލާލިއެވެ. އޭނައާއި ހަތަރުކަޅި ހަމަކުރަން ދިމްނާއަށް އުނދަގޫވެފައިވާކަން އޭނައަށް ފާހަގަކުރެވުނެވެ.
”އާދެބަލަ މަންމަ ކައިރިއަށް…” ރުޤިއްޔާ ބުނެލިއެވެ. އެއާއެކު ދިމްނާ ބަލާލިއެވެ. އެހުށަހެޅުމާއި ދެކޮޅު ހަދާކަށް އޭނައަށް ނުކެރުނެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް ސޯފާގައި އިށީނެވެ. ނަމަވެސް އޭނަ އިށީނީ ވަރަށް ދުރުގައެވެ. އެދެމެދުގައިވާ ދާއިރާ ހަނިކޮށްލީ ރުޤިއްޔާއެވެ. އެއާއެކު ދިމްނާއަށް ނުތަނަވަސްކަން ލިބިގެން ދިޔަ ތަން ރުޤިއްޔާއަށް ފެނުނެވެ. އެހުރިހާ ކަމަކަމުން އޭނައަށް ވާހަކަތަކެއް ބުނެދޭން އުޅޭކަން ރުޤިއްޔާއަށް ނަގައިގަނެވުނެވެ. އެވަގުތު އޭނަގެ ހިތުގައި ސުވާލެއް އުފެދުނެވެ. އެވާހަކަތައް އަޑުއަހަން އޭނަ ތައްޔާރު ތޯއެވެ. އެހިނދު ހިތުގައި ބިރުވެރިކަމުގެ ރާޅުބާނީތަކެއް ދުވެލިއެވެ. އިތުރު ނުތަނަވަސްކަމެއް ލިބުނެވެ.
”މަންމައަށް ހުރިހާ އެއްޗެއް ކިޔާ ދީބަލަ، މަންމަ އަޑުއަހާނަމޭ، މަންމައަށް އެނގޭ އެފަދަ ބޮޑު ނިންމުމެއް ދިމްނާ ނިންމާނީ ކޮންމެވެސް ބޮޑު ކަމެއް ދިމާވެގެންކަން، މަންމަ ބޭނުމީ ދަރިފުޅާއި އުސައިދާ ދެމެދު ޖެހިފައިވާ މައްސަލަތައް ހައްލުކޮށްދޭން، ތި ދެކުދިން އުފަލުގައި އުޅޭތަން ދެކެން މަންމަ ބޭނުމީ…” ދިމްނާގެ އަތުގައި ހިފާލަމުން ރުޤިއްޔާ ބުނެލިއެވެ. އިސްތިރިކޮށްލައިގެން އިން ދިމްނާގެ ލޮލުން ފޭބި ކަރުނަ ތިކިތައް ރުޤިއްޔާގެ އަތްތިލައަށް ފޭބުމާއެކު އޭނަގެ މެޔަށް ފިނިވެގެން ދިޔައެވެ.
”ދިމްނާ…” ރުޤިއްޔާއަށް ގޮވާލެވުނެވެ. ދެލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަކާއެކު ދިމްނާއަށް އިސްއުފުލާލެވުނެވެ. ރުޤިއްޔާގެ ކުރިމަތީގައި އޭނަގެ އިހުސާސްތައް ކޮންޓްރޯލް ކުރަން ދިމްނާއަށް އުނދަގޫވިއެވެ. ރުއިން ހުއްޓާލަން ބޭނުން ވިޔަސް އެކަމެއް ނުކުރެވުނެވެ.
ދިމްނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ރުޤިއްޔާގެ ހިތުގައި ރިއްސާލިއެވެ. ދިމްނާގެ ހިތްދަތިކަން އޭނައަށް އިހުސާސްކުރެވެން ފެށުނެވެ. އިތުރަށް އެމޭގައި ރިއްސާލީ އެހިތްދަތިކަމާ ގުޅިފައިވަނީ އުސައިދުކަން ޔަޤީންކުރެވުނީތީއެވެ.
”ދިމްނާ، ރުއިން ހުއްޓާލާފަ މަންމައަށް ކިޔައިދީ، އަޑުއަހަން ކިތަންމެ އުނދަގޫ ވާހަކައެއްކަމުގައި ވިޔަސް މަންމަ އަޑުއަހާނަން، ބޮޑުކަމެއް ދިމާވެގެން ނޫނީ ވަރިވާން ދިމްނާ ނޭދޭނެކަން މަންމައަށް އެނގޭ…” ދިމްނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ރުޤިއްޔާ ބުނެލިއެވެ.
”ދަރިފުޅަށް އުސައިދު ބޭވަފާވެރިވީތަ؟، ނޫނީ ދަރިފުޅު ހިތުގައި ޖެހޭ ފަދަ ކަމެއް ކުރީތަ؟… ނޫނީ ދަރިފުޅަށް އެކަށީގެންވާ ވަރަށް ވަގުތު ނުދެނީތަ؟…” ދިމްނާއާއި ނަޒަރު ވަކިކުރުމެއްނެތި ރުޤިއްޔާ ސުވާލުކުރިއެވެ. ދިމްނާ ތުންފިއްތާލިއެވެ. ރުޤިއްޔާގެ ކުރިމަތީގައި އުސައިދު ބަދުނާމުކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ. ހަމައެއާއެކު އެވާހަކަތަކުގެ ސަބަބުން ރުޤިއްޔާއަށް ވެދާނެ ގޮތަކާ މެދުގައި ވެސް އޭނަ ފިކުރުބޮޑުވިއެވެ. ދަރިފުޅުގެ ނުބައިނުލަފާކަން ނަގައިގަންނަން ރުޤިއްޔާއަށް ނުހަނު އުނދަގޫވާނެއެވެ.
”އެހެންނޫނީ، ދަރިފުޅަށް އުސައިދު އަނިޔާ ކުރަނީތަ؟…” ވަރަށް އުނދަގުލާއެކު ރުޤިއްޔާއަށް އަހާލެވުނެވެ. އެފަދަ ސުވާލެއް ކުރަން ޖެހުމުން ލަދުވެތިކަން އެހިތް ވަށާލިއެވެ. ދިމްނާގެ ހަމަހިމޭންކަމާއި، ހިތްދަތިކަމާއި، ކަރުނަތައް އިޝަރާތްކުރަނީ މުޅިންވެސް އެކަހަލަ ކަންތައްތަކަށެވެ.
ދިމްނާ ޚިޔާރުކުރީ ހިމޭންކަމެވެ. އޭރު އޭނައަށް ގިސްލެވިއްޖެއެވެ. އެކަރުނަތަކުން ރުޤިއްޔާއަށް ކަމެއް ދޭހަވެގެން ދިޔައެވެ. އުސައިދުގެ ފަރާތުން ދިމްނާއަށް ބޮޑު ހިތްދަތިކަމެއް ލިބިއްޖެކަމެވެ. އޭނައާ މެދު ވިސްނާފައި އެމަސައްކަތްކުރަނީ އެކަންތައް ސިއްރުކުރާށެވެ. ނަމަވެސް ހަޤީޤަތް އެނގެން އޭނަ ބޭނުމެވެ. ދިމްނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭނީ އޭރުންނެވެ.
”މަންމާ، އަހަންނަށް މަޢާފްކޮށްދީ، އަހަރެން ވަރަށް ބޮޑަށް ވިސްނާފައި ނިންމި ނިންމުމެއް އެއީ، އަހަންނަށް ކީއްވެގެންކަމެއް ކިޔައެއް ނުދެވޭނެ، އަހަރެން މަންމަ ގާތު އެދޭނީ ހަމަ އެންމެ ކަމަކަށް، އަހަރެންގެ ނިންމުމަށް އިހުތިރާމުކޮށްދީ، މަންމަގެ ފަރާތުން އަހަންނަށް ލިބުނު ލޯތްބާއި އޯގާތެރިކަން ދުވަހަކު ހަނދާނެއް ނުނެތޭނެ، އެކަމަކު، އަހަންނަށް އުސައިދުގެ ގާތަށް އެނބުރި ދިއުމަށް މަޖުބޫރުނުކުރޭ، އެއަށްވުރެން މަރުވެ ދިއުން ވެސް އަހަންނަށް މާ ފަސޭހަ ވާނެ…”
ގިސްލެވިފައިވާ އަޑަކުން ދިމްނާ ވާހަކަ ދެއްކިއެވެ.
(ނުނިމޭ)
5 Comments!
Comments are closed.
Will upload 2 episodes per day from now onward. 1 in the morning and 1 in the evening time, In Sha Allah. Thank You for all the feedback. Stay safe and healthy!
mutha you are the best .sun ga gnesdhydhy hurefa keehinehve change vy.
Thank you so much muthaa? u r the one of the best writer.
Varah reethi Masha Allah
#stayhome
#besafe
Maasha allah … v reethi mi baives … n yehhh dhn 2 eps dhw fennaanee …. this story is very interesting dear …. keep your good work up❤❤❤❤❤❤