މަޢާފް – ނަވާރަވަނަ ބައި
ޒައިން ހީކުރި ގޮތާއި ޚިލާފަށް އޭނާ ކޮޓަރި ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ހުރީ ނައިޒަކް އެވެ. ނައިޒަކް ގާތުގައި ހުރި އާރިޝް ފެނުމުން އެއީ މީގެ ކުރިން ދުވަހު އޭނާގެ ތަޅުދަނޑިފަތިން ޖެހުނު މީހާކަން ހަނދާންވިއެވެ. “ކޮބާ ޝައްމު؟ ދޮރު ތަޅުވެސް ނުލާ އެހުރީ.” ޒައިންގެ މޫނުމަތީގައިވި ނުތަނަވަސްކަމުގެ ކުލަވަރު ފާހަގަނުވާ ޙާލު ނައިޒަކް އެހިއެވެ. އެކަމަކު އެކަން ނައިޒަކް ގާތުގައި ހުރި އާރިޝް އަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. “މީ ކުއްލިއަކަށް ހުޅުމާލެ ދާން ޖެހިގެން ޝަމީމް ހުޅުމާލެ ދިޔައީ. މާދަމާ އަންނާނެ.” ވާހަކަދައްކަމުން ދިޔަ ޒައިން މަސައްކަތް ކުރީ ކުރިމަތީގައި ތިބި ދެ ސޫރައަށް ނުބަލައި ވޭތޯއެވެ. “އެހެން. އޭނަ ހޯދަންވެގެން މިއައީ. ދަނީއޭ އިނގޭ. އަންނާނަން ފަހުން.” ނައިޒަކް ވަރަށް ފަރުވާކުޑަ ރާގަކަށް އެހެން ބުނުމަށްފަހު އާރިޝް އާއި އެއްކޮށް އެގެއިން ނުކުތެވެ. ދެބެން ދިޔުމުން ޒައިން އަވަހަށް ގޮސް ދޮރު ތަޅުލިއެވެ. އަދި ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބޭތޯ ސިޓިންގްރޫމުގައި ހުރި އަރާމު ސޯފާގައި ޖައްސައިލިއެވެ.
“ތިއްތިބޭ. ޒައިން ހާދަ ހާސްވެފައޭ ދޯ އެހުރީ އަހަރުން ފެނުނީމަ.” ނައިޒަކް އޭނާއަށް ފާހަގަ ކުރެވުނު ކަންތައް އާރިޝްއާއި ޚިއްޞާ ކުރިއެވެ. އާރިޝްވެސް އެކަމަށް އެއްބަސްވަމުން ބޯޖަހައިލިއެވެ. އަސްލު ޙަޤީޤަތުގައި ޒައިންގެ މޫނުމައްޗަށް އަރައިފައިބަމުން ދިޔަ ކުލަވަރު ނައިޒަކްއަށްވެސް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. އެކަމަކު ޒައިން ކުރިމަތީގައި އެއްވެސް އެއްޗެއް ނޭނގޭކަމަށް ހެދިގެން ހުރީއެވެ. ނައިޒަކް އާއި އާރިޝް ތިބީ އެމީހުންނަށް ކުރެވުނު ކަންތަކާއި މެދު މިއަދު ހިތްހަމަޖެހިފައެވެ. ދެބެންނަށް ޝަމީމް ގެ ގެއަށް ދެވުނީ ޝިމާޔާ އެގެއިން ނުކުތް ތަނުންނެވެ. ދެބެން އަވަހަށް އެގެއަށް ވަދެ ޒައިންގެ ކޮޓަރި ދޮރުކައިރިއަށް ގޮއްސައި ޒައިންއަށް ގޮވަން އުޅުނެވެ. އެކަމަކު އެ ކޮޓަރި ތެރެއިން ޒައިން އެއްޗެއް ކިޔާހެން ހީވެގެން ދެބެންވެސް ދޮރު ކައިރީގައި މަޑުކޮށްލީއެވެ. ދެބެންނަށްވެސް ޒައިން ކީ އެއްޗެހި ވަރަށް ސާފުކޮށް އަޑުއިވުނެވެ. މިހާރު ޒައިން އަށް ޒައިން އަކީ ކާކުކަން އިނގޭނެކަން އެ ދެބެންނަށްވެސް ޔަޤީނެވެ. އެހެންކަމުން ނައިޒަކް އާއި އާރިޝް ނިންމީ ޒައިންގެ ޙަޤީޤަތް އަސްމާ ލައްވައި އާއިލާގައި ތިބި އެހެން ކުދިންނަށް ކިޔައިދޭށެވެ.
ސިޓިންގްރޫމުގައި އިން ރިޝާނާއަށް ފަސްއެނބުރި ބަލައިލެވުނީ ގޭދޮރުން ބަޔަކު އެތެރެއަށް ވަތްހެން ހީވެގެންނެވެ. އޭރު ނައިޒަކް އާއި އާރިޝް ވާހަކަތަކެއް ދައްކަމުން ސޯފާތަކާއި ދިމާލަށް އަންނަނީއެވެ. “ތިއްތިބެމެން ހާދަ ފިލަފިލައިގެން ތިއުޅެނީ. މިޝަންއެއްގަތަ ތިއުޅެނީ؟ އަހަރުމެން ގާތުގަވެސް ބުނެލައިގެން އުޅޭނެނަމަ ރަނގަޅޭ.” ސޯފާގައި އިށީން އާރިޝްއަށް ބަލައިލަމުން ރިޝާނާ ބުންޏެވެ. ރިޝާނާ ދެއްކި ވާހަކައަށް ސަމާލުކަމެއް ނުދީ އާރިޝް ލޮލުގެ ހިމަކޮޅުން ނައިޒަކްއަށް ބަލައިލިއެވެ. ނައިޒަކް މަޑުމަޑުން ބޯޖަހައިލުމަށްފަހު ސިޑިބަރިއާއި ދިމާލަށް ހިނގައިގަތެވެ. ރިޝާނާ އިނީ ވާނުވާ އެއް ނޭނގިފައެވެ. މާ ސިއްރު ސިއްރުން ފިލަފިލައިގެން މިމީހުން ކުރަން މިއުޅެނީ ކޮންކަމެއްބާވައެވެ؟
ކޮޓަރިތެރޭގައި އޮލަވާހަކަތަކެއް ދައްކަން ތިބި މުނީޝާމެންނަށް ދޮރުމަތީ ހުރި ނައިޒަކް ފެނި ވާހަކަ ދެއްކުން ހުއްޓައިލަން ޖެހުނެވެ. ސީރިއަސް ކަން ވެރިވެފައިވާ ނައިޒަކްގެ މޫނުފެނި މުނީޝާ އާއި އުޝާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ކިހިނެތްވީތޯ އަހައިލެވުނެވެ. ވަރަށް އަވަހަށް ތިރިއަށް އައިސްދޭށޭ ނައިޒަކް ބުނި ގޮތުން ދެމީހުންގެ މޫނުމައްޗަށް ކަންބޮޑުވުމުގެ އަސަރުތައް ފާޅުވިއެވެ. ކިހިނެތްވީބާއޭ ހިތައި ދެމީހުންވެސް ކޮޓަރިން ނުކުމެ ސިޓިންގްރޫމަށް ދާން ހިނގައިގަތެވެ.
ނައިޒަކް މުނީޝާ މެން ގޮވައިގެން ސިޓިންގްރޫމަށް ނުކުތުމުން އާރިޝް އެމީހުން ގާތުގައި އެތާ މަޑުކުރުމަށް ބުނުމަށްފަހު ސިޑިއަށް އަރަން ދިޔައެވެ. “ޒެކް. ކިހިނެތްވެގެންތަ މިއުޅެނީ؟ ހާދަ ހާސްވެފަ؟” ވާނުވާ އެއް ނޭނގިފައި ހުރި މުނީޝާ ނައިޒަކް ކައިރިން އެހިއެވެ. “ތުއްތާ. މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް ކިޔައިދޭންވެގެން. އަހަންނާ ތިއްތިބެއާ ދެމީހުން ކިޔައިދީގެން ފަހަރެއްގަ ތުއްތަމެނަށް ގަބޫލުކުރަން އުނދަގޫވެދާނެތީ މަންމަ ލައްވާ މި ވާހަކަތައް ކިޔާދޭންވެގެން މިއުޅެނީ. ތިއްތިބެ އަންނާނެ މަންމަ ގޮވައިގެން އިރުކޮޅަކުން.” ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލައިލަމުން ނައިޒަކް ބުންޏެވެ. އެތާ ތިބި ކޮންމެ މީހަކު ވެސް ތިބީ ޖަވާބު ނޭނގޭ ސުވާލުތަކެއްގެ ތެރޭ ނުތަނަވަސްވެފައެވެ. ނައިޒަކް ފިޔަވައެވެ. ނައިޒަކް އެބުނާ ބޮޑު ވާހަކައަކީ އެމީހުންގެ ދިރިއުޅުމަށް ޒަލްޒަލާއެއް އަތުވެދާނެ ފަދަ ވާހަކައަކަށް ނުވޭތޯ މުނީޝާ އަށް އެވަގުތު ވެސް ދުޢާކުރެވުނެވެ. ނައިޒަކްގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިއަސްކަމުން މުނީޝާ މެން ތިބީ ނުތަނަވަސްވެފައެވެ. ހިތް ނެގިނެގިފައި ޖެހެނީއެވެ. ބައެއްފަހަރު ސިކުނޑި އެނބުރެން އުޅޭކަހަަލަ އިޙުސާސެއްވެސް ކުރެވެއެވެ.
“މަންމާ ޕްލީޒް. އަހަންނަށްޓަކައި. އަހަރުމެންގެ މި ލޯބި ލޯބި އާއިލާއަށްޓަކައި ހިނގާ ތިރިއަށް ގޮއްސަ ހުރިހާ ވާހަކައެއް ކިޔައިދޭން.” އާރިޝް މަސައްކަތްކުރަމުން ދިޔައީ އަސްމާއަށް ވިސްނައިދެވޭތޯއެވެ. އޭނާ އެކޮޓަރިއަށްވަދެ އެހެން ކިޔާތާ ފަސްމިނެޓު ވެއްޖެއެވެ. އަދިވެސް އަސްމާ އެ އިންތަނުން ގުޑިލާންވެސް ޚިޔާލެއް ނުކުރެއެވެ. “ދަރިފުޅަށް ހުރިހާ ކަމެއް އިނގެއެއްނު. އެހެންވީމަ ދަރިފުޅު ގޮއްސަ ކިޔައިދީ. މަންމަގެ ނެތް ދެން އެކުދިން ކުރިމައްޗަށް އަރައި އެ ހުރިހާ ވާހަކައެއް ކިޔައިދޭނެހާ ހިތްވަރެއް. ފަހަރުގައި މަންމަ ތި ކުދިންނާ ދުރަށްވެސް ދާން ޖެހިދާނެ.” އަސްމާ އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް އާރިޝް އަށް ހައްތަހާވެސް ހީވަމުން ދިޔައީ އަސްމާ ބަހަނާ ދައްކަނީ ކަމަށެވެ. “އެކަމަކު މަންމާ. ދެން ތި ވާހަކަތައް ސިއްރުކޮށްގެން ހުރެ އޭނަ މިގެއަށް ގެނެއްސަ މީ އަހަރުމެންގެ ބޭބެއޭ ބުނީމަ މުނީޝާމެނަށް އުނދަގޫވާނެ ދޯ ގަބޫލުކުރަން. އަޅުގަނޑަށްވެސް އެނގޭ މަންމަ ޒައިން ބޭނުންވާނެކަން. ޒައިން ބޭނުންކަމަށްވަންޏާ މަންމަ ހިނގާ ތިރިއަށް. ގޮއްސަ ހުރިހާ ވާހަކައެއް ކިޔައިދީ މުނީޝާމެނަށް. އެހެންނޫނީ ފަހުން މާ ގޯސް ވެދާނެ. މަންމާ ހެޔޮނުވާނެ ހިނގާ ދާން.” އާރިޝް މިފަހަރު އަސްމާގެ ފައިބުޑަށް ވެއްޓި އާދޭސްކުރިއެވެ. އާރިޝްގެ މި ޢަމަލުން އަސްމާ ސިހުންވިއެވެ. އޭނާ ވެސް އޭނާގެ ދަރިން ދެރަކުރާކަށް ބޭނުމެއް ނޫނެވެ. އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު އަސްމާ މަޑުމަޑުން އާރިޝްގެ ބޮލުގައި އަތްޖައްސައިލިއެވެ. “މަންމަ ދާނަން ދަރިފުޅާ. ހިނގާ އަވަހަށް.” އެންމެ ފަހުން މަންމަ ދާން އެއްބަސްވުމުން އާރިޝް ތެދުވެ އަސްމާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަސްމާ އެނދުން ތެދުވެ އާރިޝް ގައިގައި ބައްދައިލުމަށްފަހު އާރިޝްއާއިއެކީ ސިޓިންގްރޫމަށް ނުކުތެވެ.
“ދަރިފުޅުމެން އެންމެންވެސް މިތާ އެބަ ތިބީމު ދޯ.” ވަކިން ހުރި ސޯފާއެއްގައި އިށީންނަމުން އަސްމާ ބުންޏެވެ. ނިކަން ހަމަޖެހޭގޮތް ދައްކައިގެން އިނަކަސް އޭނާ އަކަށް ހަމައެއްނުޖެހެވެއެވެ. ނޭވަޔަށް އުނދަގޫކުރާހެން ހީވެގެން ފުންކޮށް ނޭވާ ލަމުން ދިޔައެވެ. “މަންމާ. ޒެކް ބުނި ވަރަށް ބޮޑު ވާހަކައެއް އެބަ އޮތޯ އަހަރުމެނަށް ކިޔައިދޭންވެފަ. ކޮންވާހަކައެއްތަ އެއީ؟” އަސްމާގެ މޫނަށް ރަނގަޅަށް ބަލައިލަމުން މުނީޝާ އަހައިލިއެވެ. އެވަގުތު އަސްމާގެ މޫނަށް އެރި ކުލަވަރު ފެނި މުނީޝާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އުޝާ އާއި ރިޝާނާވެސް ތިބީ އެފަދަ ޙާލެއްގައެވެ. އަސްމާއަށް ނައިޒަކް ގާތުގައި ހުއްޓި ހުރި އާރިޝްއަށް ބަލައިލެވުނެވެ. އާރިޝް ހިނިތުންވެލަމުން ބޯޖަހައިލުމާއެކު އަސްމާ ވެސް ހިނިތުންވެލައިފައި މުނީޝާމެނަށް ބަލައިލިއެވެ. “ދަރިފުޅުމެން މަންމައަށް މާފްކޮށްދެއްޗޭ. މަންމައަށް ތިކުދިންނަށް ވަރަށް ބޮޑުކަމެއް ސިއްރުކުރެވިފަ އެބައޮތް.. މަންމައަށް.. މަން.. މަންމައަށް އެންމެ ފުރަތަމަ ލިބުނު ދަރިއަކީ އާ.. އާރ.. ރިޝް އެއް ނޫން..” އަސްމާގެ ދުލުން އެ ނުކުތް ޖުމުލައިން ހީވީ މުޅި އެ ސިޓިންގްރޫމުގައި އެއްކޮށް ބޮމެއް ގޮއްވައިލި ހެނެވެ. ނައިޒަކްއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އާރިޝް އަނެއްފަރާތަށް މޫނު އަނބުރައިލަމުން އޭނާގެ ލޮލުން ވެއްޓެން އުޅުނު ކަރުނަތިކި ފުހެލިއެވެ. މުނީޝާ މެނަށް ދެލޯ ބޮޑުކޮށްލައިގެން އަސްމާ އާއި ދިމާލަށް ބަލަން އިނދެވުނީއެވެ.
މުނީޝާމެން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އިންގޮތުން އަސްމާއަށް އުނދަގޫވެގެން އިސްޖަހައިލެވުނެވެ. ތުންފަތުގައި ދަތް އަޅައިލެވުނީ ދެން ވާނެ ގޮތަކާއި ދޭތެރޭ ވިސްނައިލަމުންނެވެ. ނަމަވެސް ކަށީގައި ނެތް ހިތްވަރު ލައިފައި އަނެއްކާވެސް މުނީޝާމެންނާ ކުރިމަތިލިއެވެ. “މަ.. މަންމައަށް.. އެންމެ ފުރަތަމަ ލިބުނީ.. ޒް.. ޒަ. ޒައިން.” އާގަންނަމުންވެސް އަސްމާ އެ ވާހަކަ ބުންޏެވެ. މުނީޝާ އަށް ކޮޅަށް ތެދުވެވުނެވެ. އަސްމާ އުނދަގުލުން ނަމަވެސް އެ ބުނި ދެ ޖުމުލައިގެ މާނަ މުނީޝާ އަށް ނެގުނީ އެންމެ ނުބައި ގޮތަށެވެ. “އައްޗީޑި. މަންމަ ކިހިނަކުން ކާކުގެ ފަރާތުން ހޯދި ދަރިއެއްތަ އެއީ. ހަޑި ދޯ. އަހަރެން ހިއެއް ނުކުރަން މަންމަ އެކަހަލަ ހަޑި މުޑުދާރު ޢަމަލެއް ހިންގަފާނެކަމަކަށް.” މުނީޝާ ގެ ދުލުން އެ ނުކުތް ވިހަ ޖުމުލަތަކުން އަސްމާގެ ހަށިގަނޑު ތެރޭގައި ވަންޏާ ވާ ހުރިހާ ލެޔެއް ކެކިގަތް ކަހަލައެވެ. އެ ދިޔަ ބާރުމިނުގައި ގޮސް މުނީޝާ ގެ ތުންފަތް މަތީގައި ޖެހިއެވެ. ހުރިހާ ކަމެއްގެ ޙަޤީޤަތް އެނގޭ ދެމީހުންވެސް ތިބީ މުނީޝާ އެމީހުންގެ މަންމައާއި ދިމާލަށް އެފަދަ ބަހުރުވައަކުން ވާހަކަ ދެއްކުމުން ޙައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ދުވަހެއްގެ ކޮޅުންވެސް ދަރިއެއްގެ ގައިގައި އެފަދަ ގޮތަކަށް ޖަހައިފައި ނުވުމުން އަސްމާއަށް ރޮއެގަނެވުނެވެ. އޭނާ އެންމެ ބޮޑަށް ދެރަވީ ވާހަކައިގެ އެއްބައި އަޑުއަހައިފައި މުނީޝާ އެގޮތަށް ވާހަކަދެއްކުމުންނެވެ. އެތާ ހުންނަން ކެތްނުވެގެން އަސްމާ ދުވެފައި ގޮސް ކޮޓަރިއަށްވަނެވެ. ފައިގައި ކިތަންމެ ވަރަކަށް ރިއްސިޔަސް އެއަކަށް އެއްވެސް ފަރުވާލެއް ނުދީ އަސްމާ އަށް ދެވުނު އެންމެ ބާރަކަށް ދުވެފައި ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕައި ތަޅުލިއެވެ.
ޙައިރާންވެފައި ހުރި އާރިޝްއަށް ހަމަހޭވެރިކަމެއް ލިބުނީ އެވަގުތު އެވެ. މުނީޝާ އަތުގައި ހިފައިގެން އޭނާ ގޮވައިގެން ގޭގެ ގޯތި ތެރެއަށް ނުކުތެވެ. އުޝާމެންވެސް ތިބީ މުނީޝާ އެފަދަ ގޮތަކަށް އަސްމާ އާއި ވާހަކަދެއްކުމުން ޙައިރާންވެ އަދި އެހައިމެ ދެރަވެސް ވެފައެވެ. އަސްމާ ރޯން ފެށި ގޮތުންނާއި އެ ލޮލުން ފެނުނު ވޭނާއި ރިހުމުގެ އަސަރުން އަސްމާގެ އެއްވެސް ކުށެއްނެތްކަންވެސް އުޝާމެންނަށް ވިސްނުނެވެ. އާރިޝް ހަދާނެ އެއްޗަކަށް ނުބަލައި ނައިޒަކްމެން އަސްމާގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ. އަދި ދޮރުގައި ޓަކި ޖަހަމުން އަސްމާ އެ ކޮޓަރި ދޮރު ހުޅުވާތޯ އެކި އެކި ވާހަކަދައްކަމުން ދިޔައެވެ.
ބަގީޗާ ތެރެއަށް މުނީޝާ ގޮވައިގެން ނުކުމެފައި އާރިޝް މުނީޝާގެ އަތަށް ދަމައިގަނެފައި ދޫކޮށްލިއެވެ. އަތަށް ވީތަދުން މުނީޝާގެ އަނގައިން އާހެއްގެ އަޑު ނުކުތެވެ. މުނީޝާ އެއްޗެކޭ ބުނަންވެގެން އަނގަ ހުޅުވައިލި ވަގުތު އާރިޝް އަތުގެ އިޝާރާތުން ހުއްޓުމަށް ބުންޏެވެ. “ނުބުނާތި އެއްވެސް އެއްޗެކޭ. މަޑުން ހުރޭ… މުނީޝާ އަކަށް ނުޖެހޭ ދޯ އެގޮތަށް މަންމައާ ވާހަކަދައްކާކަށް. މަންމަ ބުނަން އެ އުޅުނު ބޮޑު ވާހަކައިން އެންމެ ދެ ޖުމުލަ، އެންމެ ދެ ޖުމުލަ ބުނިއިރު ނުޖެހެއެއްނު އަމިއްލައަށް ހުރިހާ ކަމެއް ނިންމާލާކަށް. ރަނގަޅަށް އެ ދައްކާ ވާހަކައެއް އަޑުއަހަން މަޑުމަޑުން އިނިއްޔާ ކީއްތަވީ؟ މިއަދު މުނީޝާ ތި ކަންތައް ކުރި ގޮތުން މަންމަ ރޯނެ ވަރު ނޭނގެނީތަ؟ އޭނ.. ކުޑަމިނުން މުނީޝާ އަށް ތި ކުރެވުނު ކަމެއް އިނގޭތަ؟ ކުށެއް ނެތް އެ މައުސޫމް މަންމަގެ ބޮލުގަ ބޮޑުވެގެންވާ ނުބައި ޢިލްޒާމެއް ތި އެޅުވީ. އަހަރެން އެއްގޮތަކަށްވެސް ހިއެއް ނުކުރަން މުނީޝާ އަށް މަންމައާ ދިމާލަށް އެވަރުގެ އެއްޗެއް ބުނަން ކެރޭނެ ކަމަކަށް. ކަންކަމުގަ އެއެއް މިއެއް ބަލާނުލާ އަމިއްލައަށް ގޮތް ނުނިންމަބަލަ. މަންމަ އެ ބުނި ޒައިން އަކީ ހަމަ އަހަރުމެންގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ހަމަ އަހަރުމެންގެ މަންމަ އާ ބައްޕަގެ ފަރާތުން ލިބުނު ދަރިއެއް ޙަލާލުގޮތުގަ. އެކަމަކު އެ ބޭބެ ގެއްލުނީ. ތިރީސް ހަތަރު އަހަރު ފަހުން ބޭބެ އަހަރުމެންގެ ލޮލަށް މި ފެނުނީ. ބޭބެ ގެ ޙަޤީޤަތް މި އެނގުނީ. ދެން މުނީޝާ ތިކަހަލަ ފާޑަށް މަންމައާއި ދިމާލަށް އެއްޗެހި ގޮވައިގަތީމަ މަންމަގެ ހިތަށް ކެތްވާނެތަ؟ ބުނެބަލަ ނިކަން.” އާރިޝް އަށް އިތުރަށް ކެތް ނުވެގެން މުނީޝާ އަށް ފުރަގަސް ދިނެވެ. މީ އާރިޝް އެއްގޮތަކަށްވެސް ބޭނުންވާ ގޮތެއް ނޫނެވެ. ކޮއްކޮއަކާ ދިމާލަށް މިގޮތަށް އެއްޗެހި ގޮވުމަކީ އާރިޝް ހަމަ ހިލާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް ޙާލަތުގެ ގޮތުން ކޮއްކޮއާއި ދިމާލަށް އެއްޗެހިގޮވަން މަޖުބޫރުވީއެވެ.
އެއޮތް ހުރިހާ އިރު އިސްޖަހައިގެން އިން މުނީޝާ އިސް އުފުލައި އާރިޝް އާއި ދިމާލަށް ބަލައިލިއެވެ. އޭނާއަށް ކަންތައް މި ކުރެވުނީ އަދި ރަނގަޅަކަށް ނޫންކަން މުނީޝާ އަށް ވިސްނުނެވެ. އަސްމާ އަކީ އެކަހަލަ ވިޔާނުދާ ކަމެއް ކުރާނެ މީހެއް ކަމަކަށް ޚުދު މުނީޝަގެ ޟަމީރު ވެސް ޤަބޫލެއްނުކުރެއެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ މަންމަ ވާހަކަ ދައްކައި ނިމެންދެން އޭނާއަށް މަޑުން ނުހުރެވުނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ހުރެފައި މަންމައާއި ދިމާލަށް އެއްޗެހި ގޮވައިގަނެވުނީ ކީއްވެގެން ހެއްޔެވެ؟ މުނީޝާ އަށް މިއަދު ކުރެވުނު ކަންތަކާ މެދު ދެރަވިއެވެ. އެއްވެސް ކުށެއްނެތް އޭނާގެ މައުސޫމް މަންމަގެ ހިތް ފުނޑު ފުނޑު ކޮށްލެވުނީއެވެ. އާރިޝް އެހުރީ އަދިވެސް އޭނާ ދެކެ ރުޅިއައިއްސައޭ ހިތަށް އެރުމުން މުނީޝާގެ ލޮލުން ކަރުނަ ނީރާލިއެވެ. މަޑުމަޑުން ހިނގައިލައިފައި ގޮސް ފަހަތުން އާރިޝްގެ ގައިގައި ބައްދައިގަނެވުނެވެ.
“ސޮރީ ތިއްތިބޭ. އައިމް ސޮރީ. ވިސްނާނުލާ މަންމައާ ދިމާލަށް އެއްޗެހި ކިޔުނީ އަހަންނަށް. ދެން ނޭނގެ މަންމަ އަހަންނާ ވާހަކަ ދައްކާނެ ކަމެއްވެސް. އައިމް ސޮރީ. އަހަރެން ވަރަށް ގޯސް ދޯ.” ރޮމުން ގިސްލެވެމުން ކަހަލަ ގޮތަކަށް މުނީޝާ ވާހަކަދެއްކިއެވެ. މުނީޝާ އަށް ކުރެވުނު ކުށް އިޙުސާސްވެއްޖެކަން އާރިޝްއަށް އެނގުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން އާރިޝް މުނީޝާއާއިވީ ފަރާތަށް އެނބުރެމުން މުނީޝަގެ ބޮލުގައި ފިރުމައިލިއެވެ. “އެހެން ނުބުނޭ މުނީ. މުނީއަށް ނޭނގި ކުރެވުނު ކަމެއްނު ދޯ. މަންމަ ގާތަށް ގޮއްސަ ރީތިކޮށް ވާހަކަދެއްކީމަ ރަނގަޅުވާނެ. ދެން ކަންކަމުގެ އެފުށް މިފުށް ބަލައިނުލައި އަމިއްލަ އަށް ކަންކަން ނުނިންމައްޗޭ. އެހެންނޫނީ ފަހުން އަދި މިއަށްވުރެވެސް މާ ބޮޑެތި މައްސަލަތަކެއް ޖެހިދާނެ.” މުނީޝާގެ ބޮލުގައި ފިރުމައިލަމުން އާރިޝް ވަރަށް ލޯބިން ވާހަކަދެއްކިއެވެ. މިހާރު އާރިޝްގެ މޫނަށް ބަލައިލުމުން އޭނާއަކީ މީގެ މިނެޓްތަކެއް ކުރިން ރުޅި އައިސްފައި ހުރި މީހެއްހެނެއް ހިޔެއް ނުވެއެވެ.
ޒައިން ކުރިމަތިލައިގެން އުޅޭ ވަޒީފާގެ ބަސްދީގަތުމަށް ދާން ގުޅީ މިއަދުއެވެ. ޒައިންގެ މޫޑު ޚަރާބުވެފައި ހުރި ނަމަވެސް މި ފަހި ފުރުޞަތު އޭނާ ގެއްލުވައިލާކަށް ބޭނުމެއްނޫނެވެ. އަމިއްލަ ވީޑިއޯތައް ހަދައިގެން ޔޫޓިއުބަށާއި ފޭސްބޫކް އަދި އެހެނިހެން މީސްމީޑިއާގެ އެކި ވަޞީލަތްތަކަށް އެ ވީޑިއޯތައް ޚިއްޞާ ކުރުމުން ޒައިން އަކީ މަޝްހޫރުވި ޒުވާނެކެވެ. ޓީވީ މޯލްޑިވްސް ގެ ޕްރެޒެންޓަރަކަށް ވާން އޭނާއަށް ފުރުޞަތު ލިބުނީވެސް މިކަމުގެ ސަބަބުންނެވެ. ޙަމީދާގެ ކަންތަކާ ވިސްނަން ނުހަދައި ޒައިން ބަސްދީގަތުމަށް ތައްޔާރުވަމުން ދިޔައެވެ. ކުރީ ދުވަހު ގަތް ގަމީހާއި ފަޓްލޫނު ޝިމާޔާ ގެނައިސްގެން އިސްތިރި ކުރުވައި ހެދިއެވެ. ޝިމާޔާ އެދުވަހުގެ މެންދުރުގެ ކެއުން ތައްޔާރުކުރުމަށްފަހު ކެއީ ޒައިން އާއި އެކުއެވެ. ކާން ތިބިއިރުވެސް ދެމީހުންގެ ވާހަކަ ހުހެއް ނުވެއެވެ. ހީވަނީ މުސްކުޅިވާންވާއިރަށް ދައްކަން ޖެހޭ ވާހަކަތައް ހުސްކުރަން އުޅޭހެންނެވެ. އެކަމަކު އެއީ ނުވާނެ ކަމެއްތާއެވެ. މުސްކުޅިވިޔަސް ދައްކާނެ ވާހަކަ ހުންނާނެތާއެވެ. “ޒައިން. ގުޑް ލަކް..” ޒައިން ގެއިން ނުކުންނަން ހިނގައިގަތުމުން ޝިމާޔާ ބުންޏެވެ. ޒައިން ހިނިތުންވެލަމުން ބޯ ޖަހައިލުމަށްފަހު ގެއިން ނުކުތެވެ. ޝިމާޔާ ތަށިތައް ނަގައި ބަދިގެތެރެ ސާފުކޮށްލަމަށްފަހު ގޭ ދޮރު ތަޅުލައިފައި ހިނގައިގަތީ ހިތާ ހިތުން ޒައިންއަށް ކާމިޔާބު މިންވަރު ކުރެއްވުމަށް އެދި ވެރި އިލާހު ޙަޟްރަތަށް ދުޢާކުރަމުންނެވެ.
– ނުނިމޭ –
5 Comments!
Comments are closed.
Yay me first dhw.. Mi part vs vrh salhi.. N whn is nxt part..
Yayyyyy dear you are first. Congratulations. Thank you so much dear. Next part Insha Allah Sunday noonee eyge kurin. Seedhaa upload vaane dhuvaheh bunan v undhagoo. Once again thank you so much. ❤️❤️?❤️❤️
Salaam all readers. Miothee vaahakaige navaaravana bai upload vefa. I submitted this episode hama ashaaravana bai upload vi dhuvahuge anehdhuvahu. But publish mivee thankolheiy fahun dhw. Readers buneba dhn zain au vaanee kihineiyhen heevanee? Anyways enjoy reading and leave a comment. Everyone stay safe at home and be clean always. Love you all ❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️
Love you too dhonthy, when is next part
Curiously waiting??
Ow dear next part Insha Allah Sunday noonee eyge es kurin inge. Yes dear keep waiting curiously. Hehe. ❤️❤️?❤️❤️