Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެންލޯބި

ޚަމްދު ލީލާ – 04

hussain aslam abdulla Level 110 Stories
April 2, 2020 7 Mins Read
1 Comment

ބޭބީ.. ރޫމް ރެޑީތަ؟ ފަސްގަނޑިބައިގަ ލީލާއަންނަ ވާހަކަ ބުނީމެންނު. ހުރިހާ ކަމެއް އޯކޭތަ؟” އަދުރާގެ ބޮލުގައި ފިރުމާލަމުން ސައީރު ބުންޏެވެ.

“އާން ރެޑީ ގަ ހުންނާނީ.. މި މީހުން ގޮވައިގެން ގެސްޓްހައުސްއަށް ވައްޓާލާފަ އެމީހުން ރިސީވްކުރަންދާންވާނެ..”

ތުއި ގޮތަކަށް އަދުރާ ބުންޏެވެ. އެތަނުގައި ތިބި ފަތުރުވެރިންނަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ސައީރު ހިނގައިގަތީ ރަށުގެ ބޮޑުމަގުން ބަނދަރާއި ވީ ކޮޅަށެވެ. ސައީރު ދިއުމުން ފަތުރުވެރިންނާއެކު އަދުރާ ހިނގައިގަތީ ގެސްޓްހައުސްއަށް ދިއުމަށެވެ. އަސުރު ވަގުތު ފަހަނައަޅާއި ގޮސް އިރު އޮއްސުމަށް އިރު ދުނިޔެއާއި އަލްވަދާއު ކިޔަން ކުޑަތަންވަމުންދަނީއެވެ. އަދުރާއާއި އޭނަގެ ފިރިމީހާ ސައީރު ބަނދަރު ސަރަހައްދުގައި މަޑުކޮށްލައިގެން ތިއްބެވެ. އެހިސާބުގައި އެކި އުމުރު ފުރާތަކުގެ މީހުން ހޭލަމޭލަވަމުން ދިޔައެވެ. އަދުރާއާއި ސައީރު އިންތިޒާރުގެ ނިމުން އައީ ފަޅުތެރެއަށް އަންނަ ” ޖާނީ އެކްސްޕްރެސް” ލާންޗު ބަނދަރަށް ވަންނަ ތަން ފެނުމުންނެވެ. ދެމީހުންގެ މޫނުމަތިން އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ލީލާ އާއި ސައީރަކީ މާލޭގައި އެއްކުލާހެއްގައި ކިޔަވަމުން ދިޔަ ދެ ރަޙުމަތްތެރިންނެވެ. ރީތި ބަހުރުވައަކުން ސިފަ ކޮށްލާނަމަ “ބެސްޓް ފްރެންޑުން”ނެވެ.

ދެމީހުންގެ އެކުވެރިކަން ގާތް ރަޙުމަތްތެރިންގެ ގޮތުގައި އުޅޭތާ ހަތްވަރަކަށް އަހަރުވެދާނެއެވެ. ސައީރު ވެސް މާލެ ކިޔަވަން ބަދަލުވީ އުމުރުން ވަރަށް ކުޑައިރުގައެވެ. އެހާ ހިސާބުން ލީލާއާއި ސައީރުގެ ހަޔާތަށް އެކި ގޮތްގޮތުން ވަރަށްވެސް ގާތްމީހަކަށް ބަދަލުވެގެންދިޔައެވެ. ލީލާ އެރަށަށް ޒިޔާރަތް ކުރަނީ ސައީރުގެ ދައުވަތަކަށެވެ. ލާންޗު ބަނދަރަށް ގާތްކޮށްލުމާއެކު އޭގެއިން ދަތުރުކުރި ފަސިންޖަރު އެމީހުންގެ ދަބަސްތަކާއެކު ރަށަށް ފައިބަމުން ދިޔައެވެ. އިރުކޮޅެއް ނުވެ ކަޅުކުލައިގެ ދޯޕައްޓާ ހެދުމެއްލައިގެން ނުކުތީ ލީލާއެވެ. ކަރުގައި އޮތް ރަތްކުލައިގެ ދޯޕައްޓާ ރަނގަޅުކޮށްލަމުން އޭނަގެ ލޯބިވެރިޔާ ޔާސީންގެ އަތުގައި ހިފާލައިގެން ލާންޗުން ފައިބަން ލީލާ އުޅުނެވެ. އެމީހުން ފެނުމާއެކު ސައީރު އުފާވެރި ހިނިތުންވުމެއް އެމީހުންނަށް ހަދިޔާކޮށްލިއެވެ. ފަޅުވެރިޔަކަށް އުޅުނު ޒުވާން ފުރައިގެ ފިރިހެންކުއްޖަކު އެމީހުންގެ ގެނައި ފޮށި އެއްގަމުކުރުމުގައި އެހީތެރިވަމުން ދިޔައެވެ.

“ވަރަށް ކަނޑު ގަދަ ދޯ…” ލީލާ އައިސް ސައީރުގެ ކުރިމަތީގައި މަޑުކޮށްލުމުން ސަލާމްކޮށްލަން އަތްދިއްކޮށްލަމުން ބުންޏެވެ.

ސައީރާއި ދާދި ގާތުގައި ހުއްޓިލައިގެން ހުރި އަދުރާ ކަޅި ޖަހައިނުލައި ބަލަމުން ދިޔައީ ޔާސީންނަށެވެ. އެކަން ޚުދު ޔާސީނަށްވެސް ފާހަގަ ކުރެވިގެން އަދުރާއާއި ހަތަރުކަޅި ހަމަކޮށްލަމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“ނޫން.. ކަނޑު މަޑު… ދޯ…” ޔާސީންގެ މޫނަށް ބަލައިލަމުން ލީލާ ޖަވާބުދިނެވެ.

ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިން ލީލާގެ ރީތި އިސްތަށިގަނޑު ވަޔާއި ނަށަމުން ދިޔައެވެ. މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ފޮށި ހިފައިގެން ސައީރު ހިނގައިގަތީ އެމީހުންގެ ގެސްޓުހައުސްއާއި ދިމާލަށެވެ. ލީލާއާއި ސައީރު އޮލަ ވާހަކައެއްގައި ހިނގަމުން ދިޔައެވެ. އެމީހުންގެ ވާހަކަތަށް ދެކެވުން ދިޔައީ ސުކޫލުގައި އުޅުނު ދުވަސްވަރުގެ މަޖާ ވާހަކަތަކެވެ. ޔާސިން ހިނގަމުން ދިޔައިރު އޭނަގެ ނަޒަރު ބަހަމުން ދިޔައީ ރަށުގެ އެކި ތަންތަނަށެވެ. ނަމަވެސް ސައީރުގެ އަތުގައި ހިފައިގެން ހިނގަމުންދިޔަ އަދުރާގެ ބެލުން ހުރީ މުޅިން އެހެން ދިމާލަކަށެވެ. ލޮލުގެ ހިމަކޮޅުން އޭނަ ބަލަމުން ދިޔައީ ޔާސީނަށެވެ. ޔާސީނަކީ މީހުން ހިތްކިޔާކަހަލަ ރީތި ސިފަތަކެއް ލިބިފައި ހުރި ޒުވާނެވެ. ރަށުގެ އެކި ހިސާބުތަކުން ހިނގާލާފައި ދިޔަ ޒުވާން ފުރައިގެން އަންހެން ކުދިންވެސް ޔާސީންގެ އެ ފިރިހެންވަންތަ ހަށިގަނޑަށް ބަލަމުން ދިޔައީ ދުވަހަކުވެސް އެފަދަ ރީތި އެއްޗެއް ދެކިފައިނުވާފަދަ ދަހިވެތި ބެލުންތަކަކުންނެވެ.

“އަދޫ..”

ގެސްޓުހައުސްގެ ދޮރުމަތީގައި މަޑުކޮށްލަމުން އަދުރާއަށް ބަލައިލަމުން ގޮވައިލިއެވެ. އެ ގެސްޓްހައުސްއަކީ ހަތަރުބުރީގެ ތަނަވަސް ތަނެކެވެ. އިމާރާތުގެ ބޭރުގައި މަޑު ފެހިކުލައިން ކުލަލާ ޒީނަތްތެރިކޮށްފައިވާ އެ ތަނަކީ މިހާރު އެރަށުގައި ހުރި ދެވަނައެއްނެތްފަދަ ރީތި ހިތްގައިމު ތަނެވެ. ފާޑުފާޑުގެ މާމެލާމެލީގެ ގަސްތަށް ގެސްޓް ހައުސްގެ ފާރު ކައިރީގައި ހައްދާލާފައި ހުއްޓެވެ.

“ލީލްގެ ރޫމަށް މި ފޮށި ގެންދޭ..” ފޮށި ދިއްކޮށްލަމުން ސައީރު ބުންޏެވެ.

ބޮލުގެ އިސްތަށިގަނޑާއި ކުޅެލަމުން ލީލާއަށް ހިނިތުންވުމެއް ފޮނުވައިލިއެވެ. އަދުރާ ފޮށި ހިފައިގެން ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. ޔާސީންގެ ކޮނޑުގައި އޮތް ދަބަސް ރަނގަޅުކޮށްލަމުން ފުންނޭވާއެއްލިއެވެ. ޔާސީންގެ މޫނުމަތިން ދަތުރު ވަރުބަލިކަން ފެންނަމުން ދިޔައެވެ.

“ލީލާމެންދޭ އެތެރެއަށް.. މަ ވެސް ކުޑަ ކަމަކު ތަނަކަށް ޖެހިލަންވެގެން މިދަނީ.. ކަމަކު ބޭނުންވެއްޖެ ނަމަ މަށަށް ނޫނީ އަދޫއަށް ގުޅާލަންވާނެ. މިހާރު ތި ތީބީ ވަރަށް ޓަޔަރޑްވެފައެއްނު..” ޔާސީނަށް ބަލައިލަމުން ސައީރު ބުންޏެވެ. ލީލާ ބޯ ޖަހައިލިއެވެ.

ދަނީއޭ ބުނަމުން ސައީރު ހިނގައިގަތެވެ. ލީލާގެ އަތުގައި ހިފައިގެން ގެސްޓުހައުސްގެ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ގެސްޓު ހައުސްގެ ދޮރުން އެތެރެއަށް ވަދެގެން ދިޔައިރު ދެމީހުންގެ ހިތަށް ފިނިކަމެއް އިހްސާސްކުރެވުނެވެ. ތަނުގެ ޒީނަތްތެރިކަން އެހާމެ ފުރިހަމައެވެ. ތަފާތު ވައްތަރުގެ މާމެލާމެލީގެ ގަސްތަކުން މުޅި އެތަނަށްވަނީ ތާޒާކަމާއި އާރޯކަމެއް ގެނެސްދީފައެވެ. ވަންނައިރު ދެފަރާތުގައި ހައްދާފައިވާ މާގަސްތަކުގެ އިތުރުން މަސްފެންގަނޑަކާއި އަރާމުކޮށްލުމަށާއި ނާސްތާކޮށްލުމަށް ތިބޭނެ ތަނަކާއި ހިތްފަސޭހަކޮށްލުމަށް އެލުވާލާފައިވާ ޖޯލިފަތިތަކާއި އެކަނިވެރިކަން ފިލުވާލުމަށް އެތައް މަންޒަރެއް ފެންނަމުން ދިޔައެވެ. ފަތުރުވެރިންގެ ހިތްތަށް އަތުލައިގަންނަ އެތައްކަމެއް އެތަނުގެ ބޭރުންވެސް ފެންނަމުން ދިޔައެވެ. ގެސްޓު ހައުސްގެ އެތެރެއަށް ވަނުމުންވެސް ތަނުގެ ޒީނަތްތެރިކަމާއި ތަނަވަސްކަން ފެންނަމުން ދިޔައެވެ. ކާން ހައްސަކުރެވިފައިވާ ތަނަކާއި ހިތްފަސޭހަކޮށްލުމަށް ގަދަ ފެހިކުލައިގެ ސޯފާ ސެޓަކާއި ޓީވީ ބަލަން ވަރުގަދަ ބޮޑު ޓީވީއެއް އެތަނުގައި ހުއްޓެވެ. ފާރުގެ ޒީނަތްތެރިކަމަށްވެސް ތަފާތު ވައްތަރުގެ ކުރެހުންތަށް ހަރުކޮށްލާފައި ހުއްޓެވެ. ރިސެޕްޝަންގެ ގޮތުގައި ބޭނުން ކުރުމަށް ހުރި ކައުންޓަރުގެ ޑިޒައިންވެސް ތައްޔާރުކޮށްފައިވަނީ އެންމެ ޒަމާނީ ދިވެހިވަންތަ ފެންވަރަކަށެވެ.

އެކި ޤައުމުތަކުގެ ގަޑިވެސް ކައުންޓަރާއި ދިމާލުން ހަރުކޮށްފައި ހުއްޓެވެ. ގަޑިތަށްވެސް ހުރީ ފަތުރުވެރިންގެ ލޯތަކަށް އަޅައިގަންނާނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައެވެ. އެކި ހިސާބުތަކުގައި ތަފާތު ވައްތަރުގެ ގަސްޕޮޓުތަކުން އެތަނުގެ ރީތިކަމާއި ތަރުތީބުކަން ފެނި ހައިރާން ކުރުވާފަދަ ޗާލޫކަމެއް ފެންނަމުން ދިޔައެވެ. ލީލާއާއި ޔާސިން މަޑުކޮށްލައިގެން ތިބީއެވެ. އަދުރާ ފެނޭތޯ ދެމީހުންވެސް އިންތިޒާރުކޮށްލައިގެން ތިއްބެވެ. އަދުރާ ފެނުމުން ލީލާ ހިނިތުންވެލިއެވެ. އޭރުވެސް އަދުރާގެ ނަޒަރު ހުއްޓިފައިވަނީ ޔާސީންނަށެވެ. ޔާސީން އަރައިގެން ހުރި ބޫޓުން ފެށިގެން ބޮލުގެ ފަންއިސްތަށިގަނޑާއި ހަމައަށް އޭނަގެ ކަޅި ހޫރެމުން ދިޔައެވެ. އެބެލުމުގައި އާދަޔާ ޚިލާފުކަމެއް ހުއްޓެވެ. މަސްތީ އެ ބެލުމުގައި ވަހުޝީކަމެއް އެކުލެވިފައިވެއެވެ. ކޮންމެވެސް ނުބައި ވަސްވާސްތަކެއް އޭނަގެ ހިތުގައި ބާނިލަމުން ދިޔަކަހަލައެވެ. އެހެނަސް ޔާސީންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތްކަން އޭނަ ހުރިގޮތުންވެސް މޭރުންވާނެއެވެ. “ހިނގާ ރޫމު ދައްކާލާނަން. މިހާރު ތބޭނީ ވަރަށް ވަރުބަލިވެފައެއްނު.. ފްރެޝްވެލައިގެން ރެސްޓުކޮށްލަންވާނެ… ޑިނަރ ތައްޔާރުވާނެ 8 ގަ.. ..” ސިޑިއާއި ދިމާއަށް ފިޔަވަޅުތަށް ނަގަމުން އަދުރާ ވާހަކަ ދައްކަމުން ދިޔައެވެ.

“ލީލާ ނައިސްގެން ސައީ ހީވަނީ މޮޔަވެގެން އުޅުނުހެން.. އަބަދުވެސް ދައްކާނެ ލީލާގެ ރަނގަޅުވާހަކަ.. ނަސީބެއްނު ދިމާވިކަން ދޯ..” ލީލާގެ ހިތްހެޔޮކަމުގެ ވާހަކަތަށް ދައްކަމުންގޮސް ކޮޓަރިއާއި ހަމައަށްދެވުނެވެ. ލީލާ އެއްވެސް ޖަވާބެއް ނުދެއެވެ. ރިތިގޮތަކަށް ހެވިލާފައި ހުރީއެވެ. އިމާރާތުގެ ތިންވަނަ ފަންގިފިލާއަށް ދެވުމުން ކޮޓަރީގެ ދޮރުމަތީގައި މަޑުޖެހުނެވެ.

“މީ ރޫމް… އަން ކީވެސް.. ކަމަކު ބޭނުންވެއްޖެ ނަމަ ގުޅާލަން ވާނެ.. ރިސެޕްޝަންގަ އިންނަ ކުއްޖާވެސް މިއަދު ބަލިވެގެން ނާދޭ.. އެކަމަކު މިރޭ އޭނަ ވެސް އަންނާނަމޭ ބުނި. ބަޓް ކަމަކު ބޭނުންވެގެން ނުބުނެ ނުހުންނާތި.. އެހެން ނޫނީ ސައީ އަހަރެން ނޮޅާ ކުދިކޮށްލާނެ.. ލީލާއަށް ވަރަށް އޯގާތެރިވެ އެހީވުމަށް ސައީ ބުނެފަ އޮތީ.. ސައީގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް މަވެސް ވެވުނު ގޮތަކުން ހެލްޕްވެ ހެޕީކުރަން ޖެހޭނެ ދޯ..” އެހުރިހާ ވާހަކަ ތަކެއް އަދުރާގެ ދުލުން ބޭރުވަމުން ދިޔައިރުވެސް އިރުއިރުކޮޅާ ޔާސީނަށް ކަޅިއެއް އެއްލައެވެ.

“ތޭންކްސް…” ތަޅުދަނޑީގައި ހިފަމުން ބޯ ޖަހާލަމުން ލީލާ ބުންޏެވެ. މާގިނަ ވާހަކަތަކެއް ދައްކާނެ ހިތްވަރެއް ލީލާގެ ހަށިގަނޑަކުނެތެވެ. ކަނޑުދަތުރެއްކޮށްފައި އައިސް ކޮންމެ މީހަކުވެސް ބޭނުންވާނީ އަރާމުކޮށްލާށެވެ. ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން އެމީހުންތިބީ އެވަގުތަކަށް އިންތިޒާރުކޮށްލައިގެންނެވެ. އަދުރާ އަކީ އަނގަ ގަދަ އަންހެނެއް ނަމަވެސް ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. ޔާސީނަކީ މަޑުމައިތިރި ބަސްމަދު މީހެއްކަމުން އޭނަގެ މޫނުމަތިން ހިނިތުންވުން ފިޔަވައި ދުލުންވެސް ބަހެއް ބޭރުކޮށްނުލައެވެ. އަދުރާ ދިއުމުން ލީލާ ފުންހުވާސްއެއް ބޭރުކޮށްލިއެވެ. އެވަގުތު ދެމީހުންވެސް އެއްފަހަރާ ހީންގަތެވެ. ހީވަނީ ބޮލުން ބައެއް އުނިވެގެން ދިޔަހެންނެވެ. އެމީހުންގެ އަމަލުތަކުން ހީވީ އަދުރާގެ އަނގައިން ސަލާމަތް ނުވެފައި ތިބިހެންނެވެ. ޔާސީން ބޯހުރާލިއެވެ. ހެމުން ހެމުން ލީލާގެ އަތުގައި އޮތް ތަޅުދަނޑި ދޮރުގެ ތަޅަށް ޖަހަމުން ދޮރު ހުޅުވައިލިއެވެ. ކޮޓަރިއަކީ މުއްސަނދި ބޮޑު ރީތިތަނެކެވެ. ކިންގް ސައިޒުގެ އެނދުގެ އިތުރުން ބޮޑު ސޯފާ ސެޓަކާއި ކޮޓަރިއެއްގައި ހުންނާނެ ހުރިހާ ސާމާނެއް އެތަނުގައި ހުއްޓެވެ. ކޮފީ ބޮވޭނެ ހުރިހާ ވަސީލަތްތަކެއް ހުއްޓެވެ. ކުޑަ ކުޑަ މިނީބާއެއްގެ އިތުރުން ބޭރު ފެންނަ ގޮތަށް ހުރި ކުޑަ ބެލްކަންޏެއްވެސް ހުއްޓެވެ. ފަތުރުވެރިންނަށް ހާއްސަ އެތަނަކީ ކުރެހުންތެރިންނާއި އަތްތެރި މަސައްކަތްކުރާ މީހުންގެ މޮޅު ހުނަރު ފެންނަން ހުރި ދިވެހި ފަރުމާކުރުންތަކެއް ފެނިގެންދާ ފެންވަރުގެ ތަނެކެވެ.

“ސީން ނިދާނީ އެނދުގަ އިނގޭ.. އަހަރެން ނިދާނީ ސޯފާގަ..” އެތެރެއަށް ނަޒަރު ހިންގާލަމުން ލީލާ ބުންޏެވެ. ދެމީހުން އެއްތަނެއްގައި ތިބެން ޖެހުނު ނަމަވެސް ލީލާއަކީ އޭނަގެ ގޮތުގައި އުޅެން ބޭނުންވާ މީހެކެވެ. ކައިވެނީގެ ބޭރުން އެއްވެސް ފާޚީޝް އަމަލެއް ކުރާކަށް ލީލާ ބޭނުމެއްނޫނެވެ. ޔާސީނާއި ރައްޓެހިވީވެސް އެހުރިހާ ކަމަކަށް ރުހި ޤަބޫލުވެގެންނެވެ. ކައިވެނި ނުކޮށް ދެމީހުން އުޅެމުން ދަނީ ލީލާއަށް ޔާސީން ހަރުދަނާ މީހަކަށް ވާނެކަމުގެ އުއްމީދުކޮށްގެންނެވެ. ޔާސީންއަކީ ކިޔަވައިގެން ހުރި މީހެއްނޫނެވެ. ލީލާގެ އެދުމުގެ މަތިން ޔާސީން އައިޓީގެ ކޯހެއް ހަދަމުން ދަނީވެސް ލީލާގެ ހަރަދުގައެވެ. ހަރުދަނާ ޒިންމާދާރުމީހަކަށް ހެދުމަށްޓަކައެވެ. މައްސަލައެއްނެތް..” ޔާސީން ދިނީ ކުރު ޖަވާބެކެވެ. ލީލާގެ ކޮލުގައި ފިރުމާލަމުން ޔާސީންގެ ފައިތިލަ އަޅަމުން ދިޔައީ ބެލްކަންޏާއި ދިމާއަށެވެ.

“މި އަންނަނީ ފެގެއް ބޯލައިގެން..” ޔާސީން ބުންޏެވެ. ލީލާއަށް ފުރަގަސްދެވުމުން ދެބުމަ ގޮށްޖަހައިލިއެވެ. ތުންފަތަށް ވައްތަރުތަކެއް ޖައްސަމުން ދިޔައިރު ޖީބުން ސިނގިރޭޓްފޮށިވެސް ނެގިއެވެ. ހީވަނީ ލީލާ ބުނި އެއްޗަކުން ހިތްހަމަ ނުޖެހުނީހެންނެވެ. ލީލާ ހިނގައިގަތީ ހެދުންއަޅާފައިވާ ފޮއްޓާއި ދިމާއަށެވެ. ތާޒާވެލައި ފެންވަރާލުމަށެވެ. މަޣްރިބު ނަމާދުކުރަންވެސް ޖެހޭތީ ލީލާ ބޭނުންވީ ވީހާވެސް އަވަހަކަށް ނަމާދުވެސް ކުރާށެވެ. ލީލާއަކީ ނަމާދަށް ކަމޭހިތައި އަޅުކަމަށް ލޯބިކުރާ އަންހެން ކުއްޖެކެވެ. ލީލާ ފެންވަރާލައިގެން ނުކުމެ މަޣްރިބު ނަމާދާއި އިޝާ ނަމާދުކޮށް ނިމުނުއިރުވެސް ޔާސީން ހުރީ ބެލްކަނީގައި ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ބޯލަބޯލައެވެ. އޭނަގެ އުޅުމުން ކަމަކާއިދޭތެރޭ ހިތްހަމަ ނުޖެހިފައި ހުރިކަން އެނގޭނެއެވެ. ލޯގަނޑުކުރިމަތީގައި ހުރެ ރީތިވެލައިގެން ގަޔަށް ސެންޓުކޮޅެއް ބުރުވާލުމަށްފަހު ބެލްކަންޏާއި ދިމާއަށް ހިނގައިގަތެވެ. ދޮރުގެ ފޮތިގަނޑު އެއްފަރާތްކޮށްލަމުން އަތުގައި އޮތް ގަނޑިއަށް ބަލައިލިއެވެ. ގަޑިން އަށެއް ޖަހަނީއެވެ.

“އަދިވެސް.. ތިހާ ވަރަށް ތި ނުބޮއި ބަލަ…” ބެލްކަންޏަށް ނުކުންނަމުން ލީލާ ބުންޏެވެ. ޔާސީން ގާތުގައި މަޑުޖެހިލަމުން އަތުގެ މުލައްދަނޑީގައި ހިފަމުން ކޮނޑުގައި ބޯއަޅާއިލިއެވެ. ޔާސީންގެ މޫނަށް ގެނައި ކުލަވަރުތަށް ލީލާއަށް ވަންހަނާވަމުން ދިޔަ ނަމަވެސް އޭނަގެ ހަށިގަނޑުގައި ރުންކުރުވަމުން ދިޔަ ބާނިތަކުން ލީލާއަށްޓަކައި، ލޯތްބާއި ކުލުނެއް ނެތްކަން ފަހުމްވިއެވެ.

“ކަމަކާ ހިތްހަމަ ނުޖެހިފަތަ؟” ކޮނޑުމަތިން ބޯހިއްލާލަމުން ލީލާ އަނެއްކާވެސް އެއްސެވެ. “ކަމެއް ނުވޭ.. ވަރަށް އަރާމު ރަށެއް ދޯ…” އުދަރެސްމައްޗަށް ނަޒަރު ހިންގާލަމުން ޔާސީން ބުންޏެވެ. ލީލާވެސް ނަޒަރު ހިންގައިލިއެވެ. ރަށަކީ ހިތްފަސޭހަ އަމާން ރަށެކެވެ. އެ ހިސާބަކީ އަތިރިމައްޗާއި ކައިރި ހިސާބެއްކަމުން ޤުދުރަތުގެ ފުރިހަމަ ކަން ފެނި ހިތަށް ފިނިކަމެއް ގެނުވައިދެއެވެ. ކޮޓަރިއާއި ދިމާއަށް ލީލާގެ މޫނު ހަރަކާތްކޮށްލީ އޭނަގެ ފޯނު ރިންގުވާންފެށުމުންނެވެ. އޭނަގެ ފޯނު އޮތީ އެނދުމަތީގައެވެ. ލީލާ ހިނގައިގަތެވެ. ފޯނު ބަލައިލިއެވެ. ގުޅަނީ އަސީރެވެ. ފޯނު ކަންފަތުގައި ޖައއްސާލަމުން “ހަލޯ” އޭ ބުނެލިއެވެ. އޭރު ޔާސީންވެސް ކޮޓަރިއަށް ވަންނަނީއެވެ. “މިދަނީ…” ފޯނު އެނދުމަތީގައި ބާއްވަމުން ލީލާ ބަލައިލީ ޔާސީންއަށެވެ. “ޑިނަރ ރެޑީވެފަ ހުރީ.. ކައިގެން މަ ބޭނުން ނިދާލަން.. ވަރަށް ވަރުބަލި.. ހިނގާ ކާންދާން..” ޔާސީނާއި ގާތްވެލަމުން ލީލާ ބުންޏެވެ. ޔާސީން ބޯޖަހައިލިއެވެ. ދެމީހުން ތައްޔާރުވެލައިގެން ތިރިއަށް ދެވުނު އިރު ރޭގަނޑުގެ ކެއުން ހުރީ ތައްޔާރަށެވެ. އަދުރާ އާއި ސައީރު ތިބީ ސޯފާގައި އެމީހުންގެ އިންތިޒާރުގައެވެ.

“އަވަހަށް ކާން ހިނގާ.. ވަރަށް ހައިވެފަ މިހާރު ތިބޭނީ..” އެމީހުން ތިރިއަށް ފޭބުމުން ސޯފާއިން ތެދުވަމުން ސައީރު ބުންޏެވެ. ހަތަރު މީހުން އެކުގައި ކާމޭޒާއި ދިމާއަށް މިސްރާބުޖެހިއެވެ. މޭޒުމަތީގައި ފިހެފައި އޮތް ރަތްމަހަކާއި ބޯކިރާއި ބަތްވެސް ހުއްޓެވެ. ކޮށާފައިހުރި ފިޔާގެ އިތުރުން ލޮނު މިރުހާއި ލުބޯވެސް ތައްޓެއްގައި ހުއްޓެވެ. ރޭގަނޑުގެ ކެއުމަށް ހުރީ ދިވެހި ކެއުންގަނޑެއް ތައްޔާރުކޮށްލާފައެވެ. މޭޒަށް ބަލައިލަމުން ލީލާއަށް ލިބުނީ އުފާވެރިކަމެވެ. ހީވަނީ ދުވަސްގަނޑަކަށްފަހު މީރު ކެއުމެއް ކެއުމުގެ ފުރުސަތު ލިބިގެން ދިޔަހެންނެވެ. ކުޅު ދިޔާވާ ކަހަލަ މީރު ކެއުމެކެވެ.

“ވަރަށް ފުރިހަމަ.. ކުޅު ދިޔާވެއްޖެ…”

ޔާސީންއަށްވެސް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. ރޭގަނޑުގެ ނާސްތާ ކުރުމަށް އެންމެން މޭޒުކައިރީގައި އިށީނެވެ. ކެއުމަށް އިންސާފުކުރަމުން ދިޔައިރު ލީލާއާއި ސައީރު އަނގަ ހުއްޓާނުލާ އެމީހުންގެ ހަޔާތުގެ ދުވަސްތަކުގެ ވާހަކަތައް ހިއްސާކުރަމުން ދިޔައެވެ. އަދުރާގެ ނަޒަރު ހުއްޓިފައިވަނީ ހަމަ ޔާސީންއަށެވެ. ވަރަށް ނޫންގޮތަކަށް ދޭތެރެއަކުން ޔާސީންވެސް އަދުރާއަށް ބަލައިލަމުން ހިނިތުންވެލައެވެ. އަދުރާގެ މަޤުސަދަކީ ކޮބައިކަމެއް ނޭންގުނަސް އޭނަގެ ހިތުގައި ޔާސީންއަށް ހާއްސަކަމެއް ދެވިފައިވާކަން އޭނަގެ ބެލުންތަކާއި އަމަލުން ދިޔައީ ފެންނަމުންނެވެ.

“ފަތިހު ހޭލަންވާނެ. ގެސްޓުން ގޮވައިގެން ސްނޯކްލިންއަށް ދާން.. ވަރަށް މަޖާވަނެ.. ރެޑީވެގެން ތިބޭތި..” ރޭގަނޑުގެ ނާސްތާ ނިންމާލުމަށްފަހު ގެސްޓު ހައުސްގެ ދޮރުމަތީގައި ވާހަކަ ދައްކާލުމަށް މަޑުކޮށްލައިގެން ހުރެ ސައީރު ބުންޏެވެ.

“އަހަރެމެން ދެން ދަނީ…” ސައީރުގެ އަތުގައި ހިފާލަމުން އަދުރާ ބުންޏެވެ. އެމީހުން ހިނގައިގަތީ ގެއަށް ދިއުމަށެވެ. އެމީހުން ގެއަށް ދިއުމުން ޔާސީންނާއި ލީލާ ދިޔައީ ކޮޓަރިއަށެވެ. ފާހަނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ލީލާ ޖައްސާލީ ސޯފައި ނިދާނުލަމަށެވެ. ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށެވެ. ފަތިހު ފަތިސްނަމާދުކޮށްލައިގެން ސައީރު ބުނިހެން ލީލާ ހުރީ ސްނޯކުލިންއަށްދާން ބޭނުންވެފައެވެ. ޖައްސާލިތަނާ ލީލާއަށް ނިދުނީއެވެ. ޔާސީން ފެންވަރާލައިގެން ނުކުތްއިރު ލީލާއޮތީ އަރާމު ނިންޖަކުން ނިދާލާފައެވެ. އަނދެގެން ހުރި ތުވާލި ރަނގަޅުކޮށްލަމުން ހިނގައިގަތީ އޭނަގެ ދަބަސް ބަހައްޓާފައި ހުރި ދިމާއަށެވެ. ދަބަސް ހުރީ އެނދުމަތީގައެވެ. ދަބަހުގެ ޒިބު ކަހާލުމަށްފަހު އޭގެތެރެއިން ކުރު ސޯޓުކޮޅެއް ނެގިއެވެ. ސޯޓު ލައިގެން ތުވާލި ގެންގޮސް ބެލްކަނީގެ ދަގަނޑުމަތީގައި ފަތުރައިލިއެވެ. ކޮޓަރިއަށް ވަދެ އެނދުގައި ޖައްސައިލީ ނިދޭނެކަމުގެ އުއްމީދުވެސް ހިތުގައި އޮވެގެންނެވެ. ނަމަވެސް ނިދިންވަނީ މަޚުރޫމުވެފައެވެ. ކޮންމެވެސް ކަމެއް އޭނައަށް އުނދަގޫކުރަނީއެވެ. އެނދުގައި އޮވެ ފުރޮޅި ފުރޮޅި އޮވެފައި ތެދުވިއެވެ. އެއްގޮތަކަށްވެސް ނިދޭގޮތެއްނުވިއެވެ. ލީލާ އޮތީ ގަދަ ނިދީގައެވެ. ފޯނަށް ބަލައިލީ ގަޑިން ވީވަރެއް ބަލައިލިއެވެ. ގަޑިން ދިހައެއް ޖަހަނީއެވެ.

އެންމެ ފަހުން ސިނގިރޭޓް ފޮއްޓާއި ލައިޓަރު ހިފައިގެން ކޮޓަރިން ނުކުތީ ފޫހިވެ މޫޑު ހަރާބުވާން ފެށުމުންނެވެ. ސިޑިން ފައިބައިގެން ތިރިއަށް ދެވުނުއިރު ރިސެޕްޝަންގައި ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު ކޮންޕިއުޓަރަށް ގެއްލިފައި އިނެވެ. ޔާސީން ފެނުމުން އެކުއްޖާ ކޮޅަށް ތެދުވީ އިޚްތިރާމް އަދާކުރާށެވެ. އެކުއްޖާއަކީ އެތަނުގައި މަސައްކަތްކުރާ މުއައްޒަފެކެވެ. އަދުރާ ބުނިހެން އެކުއްޖާ ބަލިވެގެން އެދުވަހު ޑިއުޓީއަށް ނާންނަ ވާހަކަ ބުނިމަތިން ޔާސީންގެ ހަނދާނަށް އައެވެ. ޔާސީން ގެ މިސްރާބުހުރީ ގެސްޓުހައުސްއަށް ވަންނަން ހުންނަ މައިދޮރާށި ހުރި ދިމާއަށެވެ. ޔާސިން އެކުއްޖާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ޔާސީން އެއްވެސް އެއްޗެކޭ ނުބުނެ ހުރިގޮތަށް ނުކުތީ ބޭރަށެވެ. ބޭރަށް ނުކުމެ އެތަނުގައި ހުރި މޭޒެއް ކައިރިއަށް މިސްރާބުޖެހިއެވެ. ސިނގިރޭޓްފޮށި މޭޒުމަތީގައި ބާއްވަމުން ސިނގިރޭޓެއް ނަގައި ރޯކޮށްލަމުން ދުންތަށް ފޮނުވާލަމުން ގޮނޑީގައި ޖައްސައިލިއެވެ. އިރުކޮޅެއްނުވެ އަދުރާ ވަދެގެން އަންނަ މަންޒަރު އޭނަގެ ލޮލުގައި އަޅައިގަތެވެ. އަދުރާއަށް އޭނަ ނުފެނުނީކަންނޭންގެއެވެ. އޭނަ ގޮސްވަނީ އެތެރެއަށެވެ. ރިސެޕްޝަނުގައި އިންނަ ކުއްޖާއަށް އެރޭގެ މަސައްކަތްތައް ކިޔައިދެމުން ދިޔައިރު ޔާސީންއަށް އެވާހަކަތަށް ވަރަށް ސާފުކޮށް އިވެމުންދިޔައެވެ. އަދުރާ ނުކުމެގެން ފައިވާނަށް އަރަން އުޅުނު ވަގުތު ޔާސީން ކަރުކެހިލިއެވެ. އެކަނިވެރިކަން ފިލުވާލުމަށް އަދުރާގެ އެހީއަކަށް އިޝާރާތެއް ދިންކަހަލައެވެ.

“ޔާސީން.. ނުނިދަންތަ؟”

ބޭރު އަލިކުރަން ދިއްލާފައިވާ ފެހިލުކައިގެ ބޮކީގެ އަލިކަމުގެ ތެރެއިން ޔާސީން އިންދާ ފެނުމުން އަދުރާ އެދިމާއަށް ބަލައިލަމުން ބުންޏެވެ. ޔާސީން އެގޮތަށް އެކަނި އިންތަން ފެނުމުން އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެސް ދުވެލިއެވެ. މޭޒުކައިރީގައި މަޑުޖެހިލަމުން ވަރަށް ފަރުވާތެރިކަމާއެކު ޔާސިންގެ ހަށިގަނޑު “ސްކޭން”ކޮށްލެވުނެވެ. ޔާސީންގެ މަތިހަށީގައި އަންނައުނެއް ނެތުމުން އަދުރާއަށް ތުންފަތްވެސް ހަފާލެވުނެވެ. ހީވަނީ އެ ހަށިގަނޑުގެ މީރުކަން އެތެރެހައްޓަށް ރާހަތުކުރެވިގެން ދިޔަހެންނެވެ. “އިށިންދެބަލަ ވާހަކަ ދައްކާލަން..” އިސްވެ ޔާސީން ބުންޏެވެ. ޔާސީންއަކީ ކުރިން އެގޮތަށް ވާހަކަ ދެއްކި މީހެއްނޫންނެވެ. އެކަމާއި އަދުރާވެސް ހައިރާންވިއެވެ. ޔާސީންއަކީ މަޑުމައިތިރި ބަސްމަދު މީހެއްކަން އޭނަގެ ފުރަތަމަ ފެނިލުމުންވެސް އަދުރާއަށްވަނީ ޔަޤީންކުރެވިފައެވެ. ޔާސީން އެހެން ބުނުމުން އަދުރާ އިށީންނެވެ. ގޮނޑީގައި އިށީންނަމުން ފައި ދަމާލި ވަގުތު ޔާސިންގެ ފައިގައި އަދުރާގެ ފައި ބީހިގެން ދިޔައެވެ.

(ނުނިމޭ)

Share Article

Follow Me Written By

hussain aslam abdulla

Level 110 Stories

Other Articles

Previous

ހަހުރަޔާ – 04

Next

ސިއްރެއް 7

Next
April 2, 2020

ސިއްރެއް 7

Previews
April 2, 2020

ހަހުރަޔާ – 04

One Comment

  1. Yan♥️ says:
    April 2, 2020 at 1:21 pm

    Varah reethi Masha Allah

Comments are closed.


All Right Reserved!