ދުވަސްތަށް ފާއިތުވެދިޔައީ އެފަދަގޮތަކަށެވެ. ނާޒީ ދިޔައީ އީރަމްގެ އިތުރު ޓެސްޓްތަކެއް ހަދާ ޑޮކްޓަރ ލަފާގެ މަތިން ކުރީގެ އެތަށް ރިޕޯޓުތަކެއްވެސް އެއްކުރަމުންނެވެ. ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ނާޒީ ކުލިނިކުން ޗުއްޓީއެއް ނެގިއެވެ. އަދި އެއާއިލާތެރޭ ފޯރިގަދަކޮށް ރޭވިގެންދާ ކަންތަށްތަކުގައި އޭނާ ގެ ފުރިހަމަ އެއްބާރުލުން ދިޔައީ ދެމުންނެވެ. ދެދުވަހަށްވެފައިވާ ކައިވެންޏަށް ތައްޔާރުވަމުން ދިޔަ އެ ބޮޑު އާއިލާއަށް މީކާންގެ އެހީވެސްދިޔައީ ލިބެމުންނެވެ. އީރަމް ކައިރި އެވާހަކަ ނުބުނެ މީކާން ހުރީ އީރަމް އާއި ނާޒީ ބައްލަދުކުރުވަން ބޭނުންވާތީވެ އެދުވަހުން އޭނާ ކައިރި އެހުމަށެވެ. ނާޒީ ކުއްލިގޮތަކަށް ކްލިނިކަށް ދަމުން އީރަމް ވެސް އެތަނަށް ގެނައީ ޑޮކްޓަރު އެދުނު ރިޕޯޓެއް އީރަމްގެ އަތުގައި އޮތުމުން އޭތި ފޮނުވުމުގެ ގޮތުންނެވެ. ނާޒީ ފެނިފައި އޭނާ އެހާ އުފާވެފައި ހުރިތަން ފެނި އީރަމްވެސް އުފާވިއެވެ. ލަވައިގެ ރާގަކަށް ހުމްމް އަޅުވަމުން މަސައްކަތް ކުރަން އިން ނާޒީ އީރަމްއަށް ބަލައިލިއެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރިއެވެ.
“ނާޒީ އެހާ އުފާވެފައިހުރިތަން ފެނިފައި ވަރަށް އުފާވޭ… އަހަރެންނަށް ނާޒީ ކޮށްދޭ ކަންތައްތަކަށް ޝުކުރުވެރިވާނޭ ގޮތެއްވެސް ނޭނގެ.. އެހާ ގިނަ އަހަރުތަކެއްވަންދެން ހިތްވަރު އެލުވާނުލާ، ވަރުގަދަ އަޒުމަކާއި އެކު އަހަރެންނަށް ތި ފަރުވާކުރަނީ، ނަތީޖާ ފޮނިވާނެކަން ނުވެސް އެނގިހުރެ… އަހަރެންނަށްވުރެ ބޮޑަށް ނާޒީ އަހަރެން ރަނގަޅުވާން ބޭނުންވާކަމާއި އުއްމީދުކުރާކަން އަހަރެންނަށް އިނގޭ..” އީރަމް ގެ އިޝާރާތުން ދޭހަވި ޖުމްލަ ނާޒީ ހިތުން ކިޔާލިއެވެ. އަދި ފުންނޭވައެއްލާފައި އީރަމްގެ ބޮލުގައި ފިރުމާލިއެވެ.
“ކީއްވެ އަހަރެން ހިތްވަރު އެލުވާލަންވީ؟ އަހަރެންނަށް އިނގެޔޭ ތި ހަށިގަނޑުތެރެއިން ނިކުންނަން ބޭނުންވާ އަޑެއް އެބަވާކަން.. އަހަރެންނަށް އެންމެ ފުރަތަމަ އީރަމް ފެނުނުއިރު އީރަމް އިންނަނީ ބުދެއްހެން.. އަމިއްލަ ހިޔާލަށް ގެއްލިފައި އިން ކުޑަކުއްޖެއް… އެކަމް މިއަދު އީރަމް އަކީ އޮފީހަކަށް ދާ، އަމިއްލަ މަސައްކަތުން ދިރިއުޅޭ، އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި ޒުވާނެއް… އަހަރެންގެ ދުޢާ އަކީ އަދި އުއްމީދަކީ މި ޑޮކްޓަރުގެ އެހީގައި އީރަމް ރަނގަޅުވުން.. އަހަރެން އަބަދުވެސް ބުނަމެއްނު އީރަމްއަކީ……”
“އަހަރެންގެ ކޮއްކޮއޭ” އެބައި ފުރިހަމަކޮށްލާފައި އީރަމް ހިނިތުންވެލިއެވެ. ނާޒީވެސް ހޭންފަށާއި އޭނާގެ މަސައްކަތަށް ރުޖޫއަވަމުން އަނެއްކާވެސް ވާހަކަދައްކަންފެށިއެވެ.
“ހަނދާން އެބަހުރިދޯ ހުކުރުދުވަސް.. އިތުރު ބަހަނާއެއް ނޯންނާނެ. އިތުރު ތާކަށް ދިޔުން އީރަމްއަށް މަނާ.. އީރަމް އަކީ އަހަރެންނަށް ވަރަށް ހާއްސަކުއްޖެއް. އެހެންވީމަ އަހަރެންނަށް ހާއްސަދުވަހެއްގައި އީރަމްވެސް ޖެހޭނެ ހުންނަން.. އިނގޭ؟ އީރަމް އަންނައްޗޭ.. ޕްލީސް…” ނާޒީ އޭނާގެ ކައިވެންޏަށް އައުމަށް އެދި އީރަމްއަށް ކާޑެއްވެސް ވަނީ ދީފައެވެ. އެންމެ ފުރަތަމަ ކާޑު ދިންމީހުންގެތެރޭ އީރަމްވެސް ވަނީ ހިމެނިފައެވެ. އީރަމް ބޯޖަހާލިއެވެ. އުމުރުގައިވެސް ބައިވެރިވެވޭ އެންމެ ފުރަތަމަ ބޮޑު ކައިވެނި ޕާޓީއަށް ދާން އެނާ ހުރީ ވަރަށް ހިތްއަވަސްވެފައެވެ.
………………………
“އީރަމް މިރޭ ފްރީތަ؟ އަހަރެންނާއި އެކު ބޭރަށްދާން..” މީކާން ވާހަކަދެއްކީ އީރަމްއަށްޓަކައި އޭނާ ގަނެފައިވާ ހެދުމަށް ނަޒަރު ހުއްޓާލައިގެންހުރެއެވެ. އެހެދުމަކީ ޕާޓީގެ ކުލައާއި ގުޅުވާލައިގެން އެތަށް ހާސް ހެދުންތަކުތެރެއިން އޭނާ އީރަމްއަށްޓަކައި ހާއްސަކުރި ހެދުމެކެވެ. އޭނާ ހުރީ އީރަމް އަށް ސަޕްރައިޒެއް ދޭންވެގެންކަމުން އެވާހަކަތަށް ހިއްސާނުކޮށް ފުރަތަމަ ބޭނުންވީ އީރަމްއެރޭ އޭނާއާއި އެކު ބޭރަށް ދެވޭތޯ ބެލުމެވެ. އީރަމް ދާނޭ އިތުރު ތަނެއް ނޯންނާނެކަން މީކާންއަށް ހީކުރެވުނެވެ. މީކާންގެ މެސެޖުކިޔާލި އީރަމް އިންތިހާއަށް ދެރަވިއެވެ. މީކާން އޭނާއާއި ބޭރަށްދާން އެހި މީ އެންމެ ފުރަތަމަ ދުވަހެވެ. ނަމަވެސް އޭނާއަށް މިވަނީ ނޫނެކޭ ބުނަން މަޖުބޫރުވެފައެވެ. ކިތަންމެ ބޭނުންވިއެއްކަމަކު ނާޒީއަށް ދެރަދީފައި މީކާންއާއި އެކު ދާކަށް އެނާގެ ހިތް އެއްބަހެއްނުވިއެވެ. ދެލޯމަރާލާފައި އޭނާ ޖަވާބު ލިޔެލިއެވެ. އަދި ޕާޓީއިން އައިއްސާ މީކާންއާއިހުރިހާ ވާހަކައެއް ހިއްސާކުރަން ނިންމިއެވެ. މިވަގުތު އޭނާ ހުރީ ފިހާރައެއް ތެރޭކަމުން މިގަޑިގައި މީކާންއަށް މެސެޖުނުކުރެވޭނެތީއާއި އެކުގައެވެ.
“ނޫން.. މިރޭ އެބައޮތް އަޅުގަނޑަށް ވަރަށް ހާއްސަމީހެއްގެ ވަރަށް ހާއްސަކަމެއް.. ސޮރީ.. އަޅުގަނޑު މިގަޑީގައި ވަރަށް ބިޒީ..މިރޭ ފަހުން ފްރީވެފައި ކިޔާދޭނަން…” އީރަމްގެ މެސެޖު ކިޔާފައި މީކާން ހިތްހަމަނުޖެހުނެވެ. އަދި ދެރަވިސްވިއެވެ. އެހާ އުއްމީދުކޮށްގެން އޭނާ އެހެން އެހީކީ އީރަމް ގެ ޖަވާބު އެގޮތަށް ލިބިދާނެކަމަށްނޫނެވެ. އޭނާ އީރަމްއަށްޓަކައި ގަނެދިން ހެދުންވެސް މިވީ ބޭކާރެވެ. އެހާ އުއްމީދުތަކަކާއި އެކު އީރަމްއަށް ރޭވިކަންތަށް މިދިޔައީ ފެނަށްވެގެންނެވެ. އޭނާގެ ދިރިއުޅުމުގައި އޭނާއަށް އެންމެ ހާއްސަ އެއްމީހާއާއި އީރަމް ބައްދަލުކުރުވަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. އެކަމަށް ނާޒީވެސް ހުރީ ވަރަށް ބޭނުންވެފައިކަން އޭނާއަށް އިނގެއެވެ. ނަމަވެސް އީރަމްގެ ޖަވާބާއި އެކު މީކާންގެ ހިތުގައި ޖެހި އެނދުމައްޗަށް ވެއްޓިގަނެވުނެވެ. އީރަމްއަށް މީކާންއަށްވުރެ ހާއްސަމީހަކު ހުރީހެއްޔެވެ؟ އެއީ ކާކުހެއްޔެވެ؟ މީގެ ކުރިއަކުން އޭނާއަކަށް އީރަމްގެ ދިރިއުޅުމުގައި ހާއްސަމީހަކު ހުރިކަމެއް ނޭނގެއެވެ. މީކާން ހީކުރީ އީރަމްގެ ދިރިއުޅުމުގައި އޭނާއަށް ހާއްސަމީހަކީ މީކާންކަމަށެވެ. އީރަމްއަށް ޖަވާބުދޭންވެސް އޭނާ ފޫހިވިއެވެ.
“އީރަމްއަށް އެހެންވީމަ އަހަރެން ހާއްސަނުވީތާ!. އަހަރެން އެހާވަރަކުން ހެދުމެއްގަނެފައި އީރަމްއަށް ސަޕްރައިޒެއް ދޭން ރޭވީއިރު އީރަމް މިއޮތީ އެހެން ކަމެއް ރާވާފައި.. މިއީ އަހަރެންގެ ކުށް.. އީރަމް އެ ހާއްސަމީހާގަނޑަކާއި އެކު ބުނި ހާއްސަކަމެއް ކުރާކަށް ނުޖެހުނީހެއްނު އަހަރެން ކުރީބައިގައި އީރަމް ކައިރި މިރޭ ބޭރަށް ދާން ބުނިނަމަހީއެއް.. ކޮންމެ ގޮތެއްވިޔަސް އެއީ އީރަމްގެ ދިރިއުޅުން.. އީރަމްއަށް ހާއްސަމީހަކު ދޫކޮށްލާކަށް އަހަރެންނަކަށް ނުބުނެވޭނެ.. އަދި އެމީހަކީ އީރަމް އަހަރެންނާއި ބައްދަލުކުރުމަށް ނޫނެކޭ ބުނާވަރުގެ ހާއްސަމީހަކު ވީމާ ވަކިން ނުކެރޭނެ.. ދެން އީރަމް ފްރީވީމަ ބުނެދޭނެތާ އެ މީހަކާ ކުރިކަމަކާއި ހުރިހާ އެއްޗެއް.. އަހަރެން ނުޖެހޭނެ އީރަމް ދެކެ ރުޅިއަންނާކަށެއް.. މިއީ އަހަރެން އީރަމް ކައިރި ނާހާ ލަސްކުރީމަ ވީގޮތް… އެހެންނޫނަސް އަހަރެން މިހުރިހާ ކަމަކާއި ވިސްނާ ރުޅިއައިސް ދެރަވާކަށް، އަހަރެންނާއި އީރަމް ހިއްސާކުރަނީކީ އެހާ ޑީޕް ގުޅުމެއްނޫން…” ފުންނޭވައަކާއި އެކު މީކާން ވާހަކަދެއްކީ އަމިއްލަ ނަފްސާއެވެ. އީރަމްދެކެ ކިތަންމެ ހިތްހަމަނުޖެހުނަސް އޭނާ އަމިއްލަ ކުށް ގަބޫލުކުރިއެވެ. ނަމަވެސް އީރަމްއަށް އޭނާއަށްވުރެ ހާއްސަމީހެއް ހުރީތީ އެކަމާއި ވަރަށް ޝަކުވާކުރެވުނެވެ. އެހާ މަސައްކަތެއްކޮށްފައި އެތަކެއްފަހަރު އެހެދުންލީމާ އީރަމް ހުންނާނެގޮތާއި ނާޒީއާއި ބައްދަލުވުމުން ނާޒިއަށް ވާނެގޮތް ސިފަކުރެވިފައިވަނިކޮށް މިލިބުނު ހަބަރާއި އެކު އޭނާ އިތުރުކަމެއް ކުރަން ފޫހިވިއެވެ. ސިކުނޑީގައި އެތަށް ކަމެއް ރޭވިފައިވުމުން އެ ހުރިހާ ކަމެއް ސިކުނޑިން ފޮހެލާ ސިކުނޑިއަށް އަރާމެއް ދިނުމުގެ ގޮތުން އޭނާ ނިދަންޖައްސާލިއެވެ.
…………
ހެދުމާއި ގުޅުވާލައިގެން ގަނެފައިވާ ކަންފަތުމުދި ދެ ކަންފަތުގައި ހަރުކޮށްލިއެވެ. ކަންފަތުގައި ހަރުކޮށްލުމާއި އެކު ތިރިއަށް އެލުނީ ރީތި ކުދި މާތަކެކެވެ. އަބަދުވެސް އައްސާލެވިފައިވާ އިސްތަށިގަނޑު މިއަދު ދޫކޮށްލެވިފައިވާ އިރު އެ އިސްތަށިގަނޑު ފަންކަމާއި ނަލަކަން ދިޔައީ ހާމަވަމުންނެވެ. ހެދުމުގެ މަތީ ބައި ވަނީ ރީތިގޮތަކަށް އަތުހުޅާއި ހަމައަށް ލޭސްފޮތިގަނޑަކުން ޑިޒައިންކުރެވިފައެވެ. މޫނުމަތީގައިވާ އޮމާންކަން އިތުރުވެގެންދިޔައީ ހަމުކުލައާއި އެއްގޮތް ފުށް މޫނުގައި ހާކާލުމުންނެވެ. ގަދަ ލިޕްސްޓިކަކުން ތުންފަތް ކުލަގަދަކޮށްލުމަށްފަހު ދެތިންފަހަރު އަނގަހުޅުވާލާ ލައްޕާލިއެވެ. އެއަށްފަހު އަމިއްލަ ހަށިގަނޑަށް އޭނާ ނަޒަރު ހުއްޓާލިއެވެ ރީތިނުވާތާ ގަރުނެއްވެއްޖެދޯއެވެ؟ އަމިއްލަ ސޫރައަށް ބަލައިނުލާތާ އަހަރުތަކެއް ވެއްޖެއެވެ. ލޯގަނޑުން ފެންނަމުންދިޔަ ކުރު އަދި ލޫޅާފަތި ހަށިގަނޑު ފޮރުވާލެވިފައިވާ ހެދުން އީރަމްއާއި ވަރަށް ގުޅެއެވެ. ބުރުގައި ނޭޅިއެއްކަމަކު އޭނާ ލާހިތްވަނީ ކަރުކުޑަ އަތުކުރިއާއި ހަމައަށް އަތް ފޮރުވޭ ހެދުންތަކެވެ. ނަތީޖާއަށް ވެގެންދިޔައީ އޭނާގެ އަތުގައި ކަކުލާއި ހަމައަށް ހުންނަ އަތްދިގު ހެދުންތަކާއި ގަމިހުން އަލަމާރި ފުރިފައިވުމެކެވެ. އޮފީހަށް ދާއިރުވެސް އޭނާ ލަނީ ގަމިހެވެ. ހެދުމަކީ އޭނާގެ އަލަމާރީގައި ހުންނަ އެއްޗަކަށްވިޔަސް ވަކި ހާއްސަ ދުވަސްދުވަހު ނޫނީ އޭނާ ހެދުމެއްނުލާނެއެވެ. ޕާޓީއަށް ހެދުން ގަތްއިރުވެސް އޭނާ ބެލީ އޭނާ ކަނޑައަޅާފައިވާ މިންތަކާއި އަދި ހަމަތަކާއި ގުޅޭ ހެދުމެއް ލިބޭތޯއެވެ.
ވީހާވެސް ބޮޑަށް އައުރަ ނިވާކުރެވޭ ރީތި ޕީޗުކުލައިގެ ދިގުހެދުމެއްގައި އީރަމް ހުރިއިރު، ލިޕްސްޓިކާއި ޖެހި ފުށުގެ އިތުރަށް އެއްވެސް އެއްޗެއް ހާކާފައި ނެތް އޮމާން މޫނުމަތި ދިޔައީ ވިދާ ބަބުޅަމުންނެވެ. ބަލާލަން ރީތިވެފައި އަމީރާއިންގެ ޝާހީކަން ދިޔައީ ފެންނަމުންނެވެ. ސާދާ ކަމާއި އީރަމްގެ ރީތިކަން ދިޔައީ ހާމަވަމުންނެވެ. ކަންފަތް ކައިރިން އެލިފައިވާ މާތަކުން އޭނާގެ ރީތިކަން ފުރިހަމަކޮށްދެއެވެ. އީރަމް ހިތްހަމަޖެހޭވަރަށް ރީތިވެވިއްޖެކަން އެނގިފައި ފުންނޭވައެއް ދޫކޮށްލެވުނެވެ. އޭނާ އެހާ ރީތިވެފައި ހުރިތަން މީކާންއަށް ފެނުމުން ވާނީ ކިހިނެއްބާއެވެ؟ އެހެން ހިތާ އީރަމް އޭނާގެ ފޯނުން ފޮޓޯއެއް ނަގާލުމަށްފަހު މީކާންއަށް ފޮނުވާލިއެވެ. ފާރުގައި އަޅުވާލެވިފައިވާ ގަޑިއަށް ނަޒަރު ގޮސް ހުއްޓުނުއިރު ގަޑިޖެހެނީއެވެ. އަވަސްއަރުވާލާފައި އޭނާ މިއަދު ގަތް ހަދިޔާ ޕެކް ހިފައިގެން ބޭރަށް ނިކުތީ ހެދުމާއި ގުޅުވާލައިގެން ގަތް ހައިހީލްއަށް އެރުމަށްފަހުއެވެ. އުސްފައިވާނުގައި ހިނގަން ނޭނގޭ އީރަމްއަށް އެއަށް އަރަން މަޖުބޫރުވީ ހެދުމުގެ ދިގުކަމުންނެވެ. އަދި ޕާޓީއާއި ގުޅުވައިގެން ކުރެވުނު ވިޔަފާރީތަށް އޭނާއާއި އެކު ކުރި ދޮންމަންމަގެ އެދުމަކަށް އެކަންވީތީވެސްމެއެވެ.
………………
ޖީބުގައި އޮތް ފޯނަށް މެސެޖެއް އައިކަން އެނގުނެއްކަމަކު މީކާން ދިޔައީ ކުރިއަށް ދިޔަ ކައިވެނީގެ ފޮޓޯ ތަށް ނެގުމުގެ ފޯރީގައި ޖެހިފައެވެ. ދެ ކައިވެނި ޖެހިޖެހިގެން ކުރެވޭތީވެ އޭނާ ދިޔައީ ގެންގުޅޭ ކެމެރާއިން އެ ހުރިހާ އެންމެންނާއި، ކައިވެނި ކުރަން ތިބި ޖޯޑުގެ ފޮޓޯތަށް ނަގަމުންނެވެ. އާއިލާ އެންމެންނާއި ދަޢުވަތު އެރުވުނު މީހުން ޕާޓީއާއި ގުޅުވާލައިގެން ލެވިފައިވާ ހެދުންތަކުން ޕާޓީގެ ހާއްސަކަން ދިޔައީ އިތުރުވެގެންނެވެ. މުޅިންވެސް ފެންނަނީ ޕީޗްކުލައިން ޖަރީވެފައި ތިބި އަންހެނުންނާއި ފިރިހެންނުނެވެ. ކުޑަކުދިންނާއި މެދުއުމުރުގެ މީހުންނެވެ. މީކާން ހުދު ގަމިހެއްގައި ހުރިއިރު އޭނާ ހުރީ އަޅިކުލައިގެ ކޯޓުފަޓުލޫނަކާއި އެކު އެތެރެއިން ޕީޗްކުލައިގެ ޓައީއެއް އަޅުވާލައިގެންނެވެ. އާއިލާގައި ތިބި ފިރިހެނުން ޖެހުނީ އެގޮތަށް ހެދުން އަޅާށެވެ. އަންހެންވެރިން އެދުނުގޮތަކަށް އެމީހުން ކަންތަށްކުރީ ޕާޓީއަށް ހާއްސަ ވާ ދެ ޖޯޑު އުފާކޮށްލުމުގެ ނިޔަތުގައެވެ. ނާޒީ އާއި ނާޒީގެ ދޮންބެގެ ކައިވެނި ކުރެވިގެންދިޔައިރު ބައެއް މީހުންނަށް ނާޒީގެ ކައިވެނީގެ ވާހަކަވެގެންދިޔައީ ހައިރާންކުރަނިވި ހަބަރަކަށެވެ.
ދެކައިވެނިވެސް ނިމިގެންދިޔުމާއި އެކު ފޮޓޯ ޝޫޓު ކުރިއަށްދިޔައެވެ. އާއިލާ މެމްބަރުން ފަހަރަކު މީހަކު އައިސް ފޮޓޯ ނަގަމުންދިޔައިރު އެންމެން އެކީ އެކައްޗަކަށްވެސް ނަގަމުންދިޔައެވެ. ފޮޓޯނަގަން ހާއްސަ މީހަކު ގެނެއްސާ ހުއްޓެއްކަމަކު މީކާން ދިޔައީ އޭނާގެ ހަނދާނަކަށް ތަސްވީރުތަށް ނަގަމުންނެވެ. ކުރާނީވެސް ވަކި ކީއްހެއްޔެވެ؟ އޭނާ ޕާޓީތެރޭ ކުރަން ބޭނުންވި އަދި ރޭވި އެއްވެސް ކަމެއް ނުކުރެވުނެވެ. މިހާރު އީރަމް އުޅޭނީ ކީއްކުރަންބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.
“މީކް. އާދޭ..” ނާޒީ ގޮވާލި އަޑަށްމީކާން އޭނާ ކައިރިއަށް ގޮސް ފޮޓޯއެއްނަގާލިއެވެ.
“ކޮންގްރޭޓްސް ދޮންނާ!! ވަރަށް ވަރަށް ބާއްޖަވެރި އުފާވެރި ކައިވެންޏަކަށް އެދެން… ދެން މާ އަވަހަށް އަންނަންތިދަނީ ހަނީމޫންއިން.. ވަރަށް ސަކަރާތް..” މީކާން ފޫކުލި އަނބުރާލިއެވެ. ނާޒީ ހިނިގަނޑެއްޖަހާލާފައި މީކާންގެގައިގާ ބައްދާލިއެވެ. އޭނާ ކަޑައްތު ކުރި ހުރިހާ ހިތާމަތަކެއްގަޔާއި އުފަލުގައި ފުރިހަމައަށް ބައިވެރިވި ކޮއްކޮއަށްޓަކައި ހެޔޮދުޢާ ކުރެވުނެވެ. ޝުކުރުކުރެވުނެވެ.
“ނާޒީ އަމިއްލަ ފިރިމީހާއަށްވުރެ ބޮޑަށް ލޯބިވޭ ކްލިނިކް ދެކެ..” ލާހިން އެހެން ބުނުމާއި އެކު މީކާން ހިނިގަނޑެއް ޖަހާލާފައި ލާހިންއަށް ‘ޓަޗެއް’ ދިނެވެ. އެޔަށްފަހު ނާޒިގެ ދޮންބެމެންނަށް މަރުހަބާ ކިޔުމަށްފަހު އެމީހުންނާއި އެކުވެސް ފޮޓޯނެގިއެވެ. ދެންތިބި މީހުންނަށް ވަގުތުދެމުން ދުރަށްޖެހިފައި އަނެއްކާވެސް މީކާން ފޮޓޯނެގުމައިގެން ކުރިއަށްދިޔައެވެ.
މަޑުމައިތިރި މިއުޒިކްގެ އަޑާއި އެކު ކެއުމުގެ ފޯރި ފެށިގެންދިޔައެވެ. ނުދަންނަ އެތަށް ބަޔަކު އެ ޕާޓީ ތެރޭ ހޭލަމޭލި ވެގެން އުޅޭއިރު ދެ ޖޯޑަށް މަރުހަބާ ކިޔުމަށްފަހު ފޮޓޯއަށް ތައްޔާރުވާކޮންމެ ބައެއްގެ ފޮޓޯ މީކާން ދިޔައީ ނަގަމުންނެވެ. ކެމެރާތެރޭ ގައިދުކޮށްލާ ކޮންމެ ތަސްވީރަކަށް މީކާން ބަލާލާއިރު ލޮލުގައި އެންމެފުރަތަމަވެސް އަޅައިގަންނަނީ ނާޒީ ދެމުންދާ ފުޅާ ހިނިތުންވުމެވެ. އެކަމާއި ވެގެން އޭނާއަށްވެސް ހިނިތުންވުމެއްދެވެއެވެ.
ޕާޓީ ހޯލުތެރެއަށް ވަދެގެން އައި އީރަމް އަށް ފަރާތްފަރާތަށް ބަލާލެވުނެވެ. ނުދަންނަ ބައެއްގެ ތެރެއަށް އާދެވުމުން ހިތުގައި ނުތަވަސްކަން އުފެދުނެވެ. އަތްފައި ފިނިވެ ފަހަތަށް ފިޔަވަޅެއް އެޅުނެވެ. އެއްވެ އުޅޭ މީހުން ފެނި އޭނާގެ ހިތްއަވަސްވާކަމީ ސަލާމަތްނުވެވުނު ބައްޔެކެވެ. އެ ހިތި ހަނދާންތަށް ގުޅިފައިވަނީ އެއްވެފައިވާ މީހުންނާއި އެކުގައެވެ. އެ އެންމެންގެ ރުއިމާ އާދޭސްތަކާއި އެކުގައެވެ. ނަމަވެސް އީރަމްގެ ބަރުވެފައިވާ ދެފަޔަށް ބާރުލާފައި ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެދުވަހާ ޚިލާފަށް މިއަދު މިފެންނަނީ އުފާވެރި މަންޒަރުތަކެކެވެ. އެއްވެފައި ތިބި މީހުންގެ ދުލުން ނިކުންނަނީ އުފާވެރި ވާހަކަތަކެވެ. މޫނުމަތީ ބަބުޅަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އިވެމުންދިޔަ ލުއިލުއި މިއުޒިކާއި އެކު އޭނާއަށް ބަލާލެވެނީ ހީހީފައި ވާހަކަދައްކަން އެއްވެ ތިބޭ މީހުންތަކަށެވެ. މާ ދުރުން ނާޒީމެން ފެނި އީރަމް އެދިމާލަށް ލަސްފިޔަވަޅުތަކެއްގައި ހިނގަމުންދިޔައެވެ.
ހޭލަމޭލިވެ އުޅެމުންދިޔަ މީހުންނަށް ތަންދެމުން ފިޔަވަޅުތަށް ލަސްކުރަމުން އީރަމް އެތަނުގައި މަޑުކޮށްލިއެވެ. އެހެންބަޔަކާއި ނާޒީ ވާހަކަދައްކަން ހުރިތަން ފެނި އޭނާ މަޑުކޮށްލާފައި މާހައުލަށް ފުން ނަޒަރެއްދިނެވެ. އޭނާވެސް ކައިވެނި ކުރަން ބޭނުންވަނީ މިހާ ޝާހީކޮށެވެ. އެހާ ކުލަގަދަކޮށެވެ. އެއްއިރެއްގައި ސިންދްރެއްލާ ފަދަ ޑިޒްނީ ޕްރިންސަސްތަށް ފަދައިން ބޮޑެތި ހެދުންލައިގެން އުޅުމުގެ ހުވަފެން ދެކިފައިވީތީ އެކަން ފުރިހަމަކުރެވޭނީ މިފަދަ ބޮޑެތި ކައިވެންޏެއް ކުރެވޭއިރަކުންކަން އޭނާއަށް އިނގުނެވެ. ނާޒީއަށް އީރަމް ފެނުމާއި އެކު އަތުގެ އިޝާރާތުން އައުމަށްއެދުނެވެ. ތަނެއްގެ މަހަރާނީއެއްހެން ހީވަމުންދިޔަ ނާޒީ ލައިގެން ހުރީ ބޮޑު ފުއްޕި ހެދުމެކެވެ. އެއާއި ގުޅިގެން ކޮށްފައިވާ މޭކަޕުގައި އޭނާ ޖެހީ ޝާހީ ގޮތްގަނޑެކެވެ. އީރަމް ލަސްފިޔަވަޅުތަކެއްގައި ނާޒީއާއި އަރާ ހަމަވެފައި ނާޒީގެ ގައިގާ ބައްދާލަމުން މަރުހަބާ ކިއެވެ. އަދި އޭނާ ގެނައި ހަދިޔާ ދިއްކޮށްފައި ލާހިންއަށްވެސް ހިނިތުންވުމެއްދިނެވެ.
“އަޅޭ.. އީރަމް.. ހާދަ ރީއްޗޭ.. މާޝާ ﷲ…ކުޑަ ކުޑަ ޕަރީއެއްހެން ހަމަ… ހިނގާ ފޮޓޯއެއް ނަގާލަން…” ނާޒީ އެހެން ބުނެފައި ބަލައިލީ މީކާންއަށެވެ. މީކާން އޭރު ފަސްއެނބުރި ދޮންދައްތައާއި ވާހަކަދައްކަން ހުރުމުން ތަންކޮޅެއް ބާރަށް “މީކް” އޭ ކިޔާފައި ނާޒީ ގޮވާލިއެވެ.
މީކާން ނާޒީމެންނާއި ދިމާލަށް އެނބުރުމާއި އެކު އީރަމްއަށް ވެސް ލިބުނީ ހައިރާންކަމެކެވެ. މީކާންއަށްވެސް ވީއެވަރެވެ. ނާޒީ ނުހަނު ގާތްކޮށްގެން އެހުރީ އޭނާ މި ޕާޓީ އަށް ގެންނަން ކެތްމަދުވެގެން އުޅުނު ފަތްމިންޏެވެ. އެދެމީހުންވެސް އެދެމީހުންނަށް ނަޒަރު ހުއްޓާލައިގެން ތިބިގޮތުން ނާޒީ ހައިރާންވެފައި އެދެމީހުންގެ ނަމުން ގޮވާލިއެވެ. މީކާން އީރަމްގެ ފައިންފަށައިގެން އިސްތަށިގަނޑާއި ހަމައަށް ބަލާލިއެވެ. ދުލަށް ނުގެނެވުނެއްކަމަކު ހިތް ފުރިގެން ބަންޑުންވާވަރަށް ތައުރީފުކޮށްލެވުނެވެ. އީރަމްވެސް މީކާން ގެ ހައިބަތު ފުޅާ ހަށިގަނޑު ފޮރުވާލެވިފައިވާ ޝާހީ އަންނައުނަށް ތައުރީފުކުރިއިރު އެމޫނުމަތިން ފެންނަމުންދިޔަ ތާޒާކަމާއި ފިރިހެންވަންތަކާއި މެދު އަންތަރީސްވެ ހުރެވުނެވެ. މީކާން އެކަހަލަ ގޮތަކަށް މިތަނުން ފެންނާނެކަމުގެ އުއްމީދެއް އޭނާ ނުކުރެއެވެ.
“އީރަމް….” މީކާންގެ ދުލުން އީރަމްގެ ނަން ނިކުތުމާއި އެކު ނާޒީ ބަލައިލީ އީރަމްއަށެވެ. މީކާން ހަރުފިޔަވަޅުތަކެއްގައި އައިސް އީރަމް ކައިރި ހުއްޓުނުއިރު އޭނާގެ ހިތްދިޔައީ އޮބިނޯންނަވަރަށް ތެޅެމުންނެވެ. މީކާން އަންނަތަން ފެނި އީރަމްއަށްވެސް ވިއެވަރެވެ.
“މީތަ އީރަމް މިއަދު އަހަރެން ކައިރި ބުނި އެ ހާއްސަމީހާގަނޑަކީ އަދި ހާއްސަކަމަކީ؟؟” މީކާން އަތުން ނާޒީ ދައްކާލާފައި އެހެން ބުނުމުން އީރަމް ދެލޯބޮޑުކޮށްލާފައި ބޯޖަހާލިއެވެ.
“ހާއްސަމީހާގަނޑޭ؟؟ މީކާން.. އީރަމް.. ތިދެމީހުން….” ނާޒީ އަށް ލިބުނު ހައިރާންކަމުގެ ސަބަބުން ސިކުނޑި މަސައްކަތްކުރާލެއް ލަސްވިއެވެ. އީރަމްއާއި މީކާން އެކަކު އަނެކަކު ދަންނަކަމެއް އޭނާއަކަށް ނޭނގެއެވެ. މީކާން އީރަމްގެ އަތުގައި ހިފާ އޭނާއާއި ކައިރިކޮށްލީ ނާޒީއަށް އެއްޗެއް އެންގުމުގެ ގޮތުންނެވެ. ނާޒީގެ އަނގަ ހުޅުވުނީ ވަކިވަރަކަށްނޫނެވެ. މިހުރިހާ ދުވަހު މީކާން ދައްކަމުންދިޔައީ އީރަމްގެ ވާހަކަހެއްޔެވެ؟ ނާޒީ އީރަމްއަށް ބަލައިލުމުން އީރަމް ދުލުގައި ދަތްއަޅާލިއެވެ. މިދެމީހުންވެސް އޭނާ ކައިރި އެދައްކަމުންދިޔައީ އެދެމީހުންގެ ވާހަކައެވެ. އެ ވާހަކަ ހަޖަމްކުރާނޭ ގޮތެއް ނޭނގިފައި ހުރި ނާޒީގެ ފޮޓޮއެއް މީކާން ނެގިއެވެ. ނާޒީ އަނގައިން އަޑެއް ލައްވާލާފައި އީރަމްގެ އަތުގައި ހިފާ ދަމައިގަތީ ނާޒީކައިރިއަށެވެ.
“އީރަމް އަހަރެން ކައިރި މިހުރިހާދުވަހު ދެއްކީ މީކާންގެ ވާހަކަތަ؟ އެކަމް…. އީރަމް؟؟؟ އަހަރެނ….”
“އީރަމް ދެއްކީ އަހަރެންގެ ވާހަކައޭ؟”
“މީކާން… އަހަރެން ކައިރީ ކީއްވެތަ ނަން ނުބުނީ؟ އެކަމް މީކާން ބުނި އަހަރެން ކައިރި އެކުއްޖާއަކަށް ނާދެވޭ.. ވަރަށް ހާއްސަމީހެއްގެ ހާއްސަކަމެ……. އޯހްހްހްހް.”
“ހުމްމްމް.. އެ ހާއްސަ މީހަކީ ދޮންނާއޭ.. އަހަރެންނަކަށް ވެސް ނޭންގޭ އީރަމް އެބުނި ހާއްސަމީހާގަނޑަކީ ތީކަމެއް.. އީރަމްމްމް ކީއްވެތަ ނުބުނީ؟؟؟”
މީކާންއާއި ނާޒީ ދައްކަމުންދިޔަ ވާހަކަތަކަށް ހައިރާންވެފައި އީރަމް އަޑުއަހަން ހުރެވުނީއެވެ. އެދެމީހުންގެ ވާހަކަހުއްޓުވާފައި އީރަމް ފަށައިގަންނަން ބޭނުންވެފައި ހުއްޓަސް މިފަހަރުވެސް އަމިއްލަ ނުކުޅެދުންތެރިކަން ހަނދާންވެ ހިތުގައި ޖެހުނެވެ. އެ ތިންމީހުންވެސް ތިބީ ވަރުގަދަ އޮޅުންގަނޑެއްގެތެރޭގައެވެ. އެއިން ނެރެން ނާޒީގެ ސިކުނޑި މަސައްކަތްކުރަން ފެށިއެވެ. އަދި އެދެމީހުންނާއިވެސް ވާހަކަދައްކަންފެށިއެވެ.
“އޯކޭ.. އެހެންވީމަ އީރަމްއަށް ކަމުގޮސްގެން އަހަރެންކައިރީ އެވަރަކަށް ވާހަކަދައްކާ ކުއްޖަކީ މީކާން… މީކާން އަހަރެން ކައިރި އެވަރަކުން ނަންނުބުނެ ސައިންލޭންގްއޭޖް ދަސްކޮށް ފޮނި ދައްކަމުންދިޔައީ އީރަމްއަށް.. އަދި މިހުރިހާ ދުވަސްވީއިރު ދެމީހުންވެސް ދައްކަމުންދިޔައީ ހަމަ ތިދެމީހުންގެ ވާހަކަ.. އަހަރެން އެވަރަކުން މީކާންއަށް ސައިންލޭންގްއޭޖް މި ދަސްކޮށްދެވުނީ އަހަރެންގެ ޕޭޝެންޓަކަށް ތުއިދެކެން.. މީކާން… އީރަމް… މީ ކޮންކަހަލަ ކޯއިންސިޑެންސެއްތަ؟” ނާޒީ ވާހަކަދައްކަންފެށީ ނިކަން ބާރަށެވެ. މީކާން ނިތުގައި އަތްޖަހާލާފައި އީރަމްއަށް ބަލާލިއިރު އީރަމްއަށްވެސް ހުރެވުނީ ހިނިއައިއްސާ މީކާންއަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިން ލަދުވެތިކަން ދިޔައީ ފާޅުވަމުންނެވެ. މީކާން ކުރިމަތީ ނާޒީ އޭނާގެ ވާހަކަބުނުމުން ހިތްއަވަސްވިއެވެ. އިތުރު ވާހަކަދެން ދައްކާނީ ފަހުންކަމަށްބުނެ އީރަމްގެ ފޮޓޯއެއް ނާޒީމެންނާއި އެކު ނެގުމަށްފަހު، މީކާން އެތަނުން ދުރަށް ދެމިގަތީ އީރަމްގެ އަތުގައި ހިފަހައްޓައިގެންހުރެއެވެ.
“އަނހަ އަނހަ.. މީ ކޮންކަމެއް.. މީކާން މީކާން….” މީކާން ގެ ފިޔަވަޅުތަށް ހުއްޓުނީ އޭނާގެ ބޮޑުދައްތައާއި ދޮންދައްތަގެ އަޑަށެވެ. މީކާން އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން ނިކަން ހަލުވިކޮށް ދާތީވެ އެމީހުން ހުއްޓުވީ އެހާއްސަ ކުއްޖާއާއި ބައްދަލުކުރަންވެގެންނެވެ. ނާޒީގެ ފަރާތުން އިއްޔެ އެނގުނުގޮތުގައި މީކާންގެ ހާއްސަކުއްޖާ މިއަދު ޕާޓީއަށް އޭނާ ގެނެސް ބައްދަލުކުރުވާނޭ ބުންޏެވެ. ނަމަވެސް އެހާ ވަގުވަގަށް ފިލައިގެން ދާތީ އެމީހުން ވަގުތުން މީކާން ހުއްޓުވިއެވެ.
“އޯނޯ….” މީކާން އެހެން ބުނެފައި އެމީހުންނާއި ކުރިމަތިލިއެވެ. އީރަމް ކުރިމަތިން ފެންނަމުންދިޔަ ބީރައްޓެހި ދެމީހުންނަށް ނަޒަރު ހުއްޓާލައިގެން ހުރީ ފަރި ހިނިތުންވުމަކާއި އެކުގައެވެ.
“މާ އަވަސްއަރުވާފައި ކޮންތާކަށް ތިދަނީ؟ މީ ކޮންކުއްޖެއްތަ؟” ނާޒީ އެވާހަކަ ބުނިކަން ސިއްރުކުރުމުގެ ގޮތުން ދެމީހުންވެސް ވަރުގަދަ ރޭވުމަކައިގެން ކުރިއަށްދިޔައީ މީކާންގެ ހާއްސަކުއްޖާ އެނގެން ބޭނުންވެފައި ތިބުމުންނެވެ. ސަލީމާ ނުހުނު ލޯތްބާއި އެކު އީރަމްގެ ބޮލުގައި ފިރުމާލުމުން އީރަމްގެ ހިނިތުންވުން ފުޅާވެގެންދިޔައެވެ.
“ހާދަ ލޯބި ކުއްޖެކޭ.. މާޝާ ﷲ.. ކޮންނަމެއް ކިޔަނީ؟” ސަލީމާގެ ސުވާލުން އީރަމް ގެ ނަޒަރު ހުއްޓުނީ މީކާންއަށެވެ. އޭނާ ކިތަންމެ ޖަވާބު ދޭންބޭނުންވެފައި ހުއްޓަސް ދެވޭނެހެއްޔެވެ؟
މީކާން ދެފަރާތަށް ބޯހަރަކާތްކޮށްލާފައި ހިފަހައްޓައިގެން ހުރި އީރަމްގެ އަތަށް ފިތާލިއެވެ.
“މީ އީރަމް.. ބޮޑުދައްތާ.. ދޮންދައްތާ. އަހަރެން އެބަ އަންނަން އިނގޭ.. އީރަމް މިއަށްވުރެ ރަނގަޅަށް ތައާރަފު ކޮށްދޭނަން، އެކަމް އެބަ އަންނަން..” މީކާން އެހެން ބުނެފައި އެމީހުންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ހިނގައިގަތެވެ.
“ސަލީމާ، ހިތަކަށް އެއްޗެއް ނާރާތަ އެސޮރު ފެނުނީމައެއް؟” ސަމީމާގެ ސުވާލު އަމާޒުވީ މީކާން ދިޔަ ދިމާލަށް ގެއްލިފައި ހުރި ސަލީމާއަށެވެ. ސަލީމާގެ ހިތުގައިވާ އެއްޗެއް އެނގޭނީ ހަމައެކަނި ސަލީމާއަށެވެ. ސަލީމާގެ އަނގައިން ނިކުތީ ފުންނޭވައެކެވެ.
“ދޮންތާ.. އަހަރެންގެ ހިތުގައި ބައިވަރު އެއްޗެހި އޮވޭ… އަމާނާތަށް ހިޔާނާތްތެރިވި ބަޔަކު ދުނިޔޭގައި އުޅުނުކަމާއި، އެ އަމާނާތަށް ނޭނގިއަދި އެނގިހުރެވެސް އެދެވޭ އަނިޔާތަކާއި… ދޮންތައަށް ރަނގަޅަށް އިނގޭނެ، އެންމެ ކުޑައިރުންސުރެވެސް މީކާން ގޭގައި ބަންދުކޮށްގެން އެ ގެންގުޅުނީ ގުރައެއްފަދައިން…. ކީކޭ ބުނީ އެދުވަހު؟ ނުބައިމަގަކަށް ދަރިފުޅު އެޅިދާނެއަތީއެއްނު؟ އެކަމު ގޯސް މަގުކޮށަމުން ހިނގާމީހެއްގެ ފަހަތުންދޯ ދެންހުންނަ މީހާވެސް ހިނގާނީ؟ ބޮޑު މީހާ ދައްކާ މަގަކުންނެއްނޫންތަ ކުޑަކުއްޖާ ހިނގާނީ؟ ގޭތެރޭ އެމަގު ދައްކާ މީހަކީ ރަނގަޅުމީހެއްކަމެއް ނޫނީ ނުބައިމީހެއްކަމެއް ކިހިނެއްއިނގޭނީ؟ އަހަރެންގެ ނާޒީއާއި ނިޒާމުއަށް ރަނގަޅު މަގު ދައްކަން ގެންގުޅުނީކީ ގެއިން ނުނެރި ބޭރުގެ މާހައުލު ނުދައްކައެއްނޫން.. މިހެން އެއްޗެއް ކިޔެންވެއްޖެއްޔާ ހަމަ ކިޔޭނީ ދޮންތާ.. އަހަރެން ބޭނުމެއްނޫން ސިއްރުތަށް ކޮނެވި ގުޅުންތަކަށް ބުރޫއަރާކަށް… ސަލީމްވެސް މިދުނިޔެއަކު ނެތް….” ފެންކަޅިވެފައިހުރި ސަލީމާގެ ބަހަށް ސަމީމާ އެއްބަސްވިއެވެ.
…………………..
މީކާން ދިޔަ ބާރުމިނުގައި އީރަމްއަށް ހިނގަންވީ އުނދަގޫކަމަކަށެވެ. ހާއްސަކޮށް އަރައިގެން ހުރެވުނު ފައިވާނުގެ ސަބަބުންނެވެ. ނަމަވެސް މީކާންއެކޭ އެއްހަމަޔަކަށް ހިނގަން އޭނާ މަސައްކަތްކުރިއެވެ. ދަތިގޮތަކަށް މީހުންތަކުތެރެއިން ލާފައި މީކާން އޭނާގެ ކުރިން ހިނގަމުންދިޔަ މަންޒަރު އީރަމްއަށް ސިފަވީ ފިލްމީ ގޮތަކަށެވެ. އީރަމްއަށް މީކާން ކިތަންމެ ހާއްސަވިއެއްކަމަކު މީކާންގެ ހިތުގައި އޮތީ ކޯޗެއްކަމާއި މެދު އީރަމްގެ ހިތުގައި ސުވާލުއުފެދެއެވެ. މީކާން ކައިރިން ސުވާލުކުރަން ބޭނުންވިޔަސް އޭނާ އަށް ލިބިދާނޭ ޖަވާބަކާއި،ެދު ނުތަވަސްވަނީއެވެ. އީރަމްގެ ހިތުގައި މިކާންގެ ނަންފެވިގެންދިޔަކަން ޔަޤީންވިއެއްކަމަކު އެހިތުގައި އެހެން އޮވެދާނެކަމާއި މެދު އީރަމްއަށް ޝައްކެވެ. މީކާން އެދިޔަގޮތަށް ގޮސް މަޑުކޮށްލީ އެންމެންނާއި އެކަހެރި ހިސާބެއްގައި ޓެރެސްމަތީގައެވެ. ތިރީގައި ހިނގަމުންދިޔަ ޕާޓީގެ ކަންތައް ނުހަނު ރީއްޗަށް ފެންނަމުންދިޔައިރު އެލުވާލެވިފައިވާ ބޮކިތަކުގެ އަލި ވަނީ ޓެރެސްއަށްވެސް އެޅިފައެވެ. އެ ފަނޑުއަލީގައި އީރަމް ފެންނަނީ ނުހުނު ހިތްގައިމުގޮތަކަށެވެ.
މީކާން އީރަމްގެ އަތުން ދޫކޮށްލީ އެހިސާބަށް އައިސް މަޑުކޮށްލާފައެވެ. އެއަށްފަހު އީރަމްގެ މޫނަށް ފުންނަޒަރެއް ދިނެވެ. އިސްތަށިގަނޑުގެ ބޯކަމާއި ރީތިކަން އީރަމް އެ ދައްކާލީ އަލަށްކަމަކުން އޭނާގެ ތައުރީފު މިފަހަރު އަތުލީ އީރަމްގެ އިސްތަށިގަނޑެވެ. އެއަށްފަހު އީރަމްއާއި ގުޅޭ ރީތި އަންނައުނަށާއި އީރަމްގެ ސާދާކަން ހާމަވަމުންދިޔަ މޫނަށެވެ. އާދައިގެ ލުއި ރީތިވުމެއްގައި ހުއްޓެއްކަމަކު އީރަމްހާ ރީތި ކުއްޖެއް މިދުނިޔެއަކު ނެތޭ އެހިނދު މީކާންގެ ހިތަށްއެރިއެވެ. މީކާން ދެމުންދިޔަ ފުން ނަޒަރުން ލަދުން ވިރިވިރި ހުރި އީރަމް އިސްޖަހާލިއެވެ.
“އީރަމް ކީއްވެ ނުބުނީ ނާޒީގެ ވާހަކަ؟ ނާޒީ އަކީ އަހަރެންގެ ކަޒިންއެއް.. އެކަމް އެއަށްވުރެ މާ ގާތްވާނެ… އަހަރެން މިހުރިހާދުވަހު ސައިންލޭންގްއޭޖް މިދަސްކުރަނީ ނާޒީ ކައިރިން.. އެވަރުނުވެގެން ނާޒީ ކައިރި އީރަމް އާއި ބައްދަލުކުރުވާނަމޭ ކިޔާ އެތަށް ފޮނިތަކެއް ކަނޑާފައި މިއަދު އީރަމް ނޫނެކޭ ބުނީމަ އަހަރެން ވަރަށް ދެރަވެފައި ނާޒީކައިރިވެސް އެވާހަކަ ބުނިން.. އަހަރެންނަކަށް ނޭނގޭނެއެއްނު އީރަމް އެބުނި ހާއްސަމީހަކީ ނާޒީ ކަމެއް..”
“ސޮރީ… އިނގޭ ނާޒީއާއި މީކާންގެ ކޮންމެވެސް ގުޅުމެއް ވާކަން.. އެކަމް މިއަދު އުޅެންޖެހުނު ގޮތުން އެވާހަކަ ނުބުނެވުނީ.. ހީކުރީ ގެޔަށް އައިއްސަ ބުނާނީއޭ… ނޭނގޭނެއެއްނު މީތަނުން ފެންނާނެކަމެއް…” ލަސްލަހުން ކޮށްލި ހަރަކާތުގެ މާނަ މީކާންއަށް ނަގައިގަންނަން އިރުކޮޅެއްނެގިއެވެ. އެއާއި އެކު މީކާން ހިނިތުންވުމެއްދިނެވެ. އޭނާ އީރަމްއަށް ގަނެދިން ހެދުމަށްވުރެ އެތަށް ގުނަ ރީތި ހެދުމެއްލައިގެން ހުރި ނަލަ ޕަރީއަށް އަނެއްކާވެސް ތައުރީފުކޮށްލިއެވެ. މިފަހަރު އޭނާގެ ތައުރީފް އީރަމްއަށްވެސް އިއްވާލިއެވެ.
“މާ ޝާ ﷲ.. އީރަމް ވަރަށް ރީތި މިއަދު.. ހަމަ އަސްލުވެސް ވަރަށް ރީތި… ދެން ބުނެބަލަ ނާޒީ ކައިރި އަހަރެންގެ ކޮން ވާހަކަތަކެއް ދައްކަނީ؟ ނާޒީ އޭރު ބުނި އަހަރެން ކަމުދާ ވާހަކަ އީރަމް ކީ ވާހަކަ.. ނާޒީ ކައިރިވެސް ނުބުނަންތަ އަހަރެންގެ ނަމެއް…؟” އީރަމް އެއްބަސްވެފައި ދުލުގައި ދަތްއަޅާލިއެވެ. އީރަމްގެ ހިތުގައި އޭނާއަށްޓަކައި އެއްޗެއް ވާކަން އެނގި މީކާންއަށް އުފާވެރިކަން ލިބުނެވެ. އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ނާޒީއަށް އިރުއިރުކޮޅާ އެދިމާ އެނބުރެވެއެވެ. ބޮލުގައި އެނބުރެމުންދިޔައީ އެދެމީހުން އެދެމީހުންނޭ ކިޔައިގެން ދެއްކި ވާހަކަތަކެވެ. އެކަމާއި އޭނާ ހިނިއަންނަވަރުން އެތާ ހުންނަންވެސް ވީ އުނދަގޫކަމަކަށެވެ. ނަމަވެސް އޭނާ ހުރީ އީރަމްއަށްވުރެ ބޮޑަށް މީކާންއާއި ވާހަކަދައްކަން ބޭނުންވެފައެވެ. އީރަމްގެ ވާހަކަތަކެވެ.
އީރަމްގެހިތުގައިވާ އެއްޗެއް މީކާންއަށް އެނގިގެންދިޔުމުން އިތުރަށް އީރަމް އެކަން ސިއްރުކުރާކަށް ނޭދެއެވެ. އޭނާ ދުލުގައި ބަސްތައް ތާށިވެފައި ހުއްޓެއްކަމަކު ހިތުގައިވާ އިހުސާސްތައް އެހިތުގައި ބާއްވާކަށް ނޭދެއެވެ. އެހެންކަމުން ނުހަނު ގާތުން ފެންނަމުންދިޔަ ރީތި ޒުވާނާގެ އަތުގައި އީރަމް ހިފަހައްޓާލިއެވެ. އެއްޗެއް ބުނަން ބޭނުންވެފައި ހުރި އީރަމްއަށް ނަޒަރު ހުއްޓާލި މީކާންގެ ހިތްދިޔައީ ތެޅިގަނެގެންނެވެ. އެދެލޮލުން އެކަނިވެސް އޭނާ ބުނަން އުޅޭ އެއްޗެއް އެނގިގެންދިޔައެވެ. ނުހަނު ސާފުކޮށް އީރަމްގެ އިހުސާސްތަށް އެބޮޑުދެލޮލުން ދިޔައީ ފެންނަމުންނެވެ. ހައިރާންވެފައި އެދެލޮލަށް ބަލަހައްޓައިގެން މީކާންއަށް ހުރެވުނީ އެހެންވެއެވެ. އީރަމް ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަތުގައި އޮތް ފޯނުނަގާ އެއްޗެއް ޓައިޕްކުރަންފެށިއެވެ. އޭނާ ކުރާ ހަރަކާތްތަކުން މީކާންއަށް އެއްޗެއް ދޭހަނުވެދާނެކަމުގެ ބިރުއޮވެގެންނެވެ.
ނުނިމޭ
9 Comments!
Comments are closed.
Salaaaam!! What do you think about the story? Meekaan aai Eeram ge character kamudheytha? I am very much inlove with them tbh! Let’s see what happens next dhw. Love you all! Suggest me some good vrh fahuge stories, if you have any saved document. SEEENDD MEE. Another whole week of rest and boredom but lets co-operate and help everyone to be safe. 🙂
Owwwn Ryn thank u igey hedhunu up nukohdhevidhaane ey kiyaafa hedhunu up kohdhinee thee… Thank u so much … Luv u so much… U are the best .. varah salhi mi part ves #stayhome #becareful … Luv u … Whn next ??❤️
Thankyou afu! aslu vrh avahah up kohly vx hendhunu fahun nukurevi Dhaanethy
Thankyou afu
Take care ❤️
Next part tomorrow in sha Allah
Maasha allah …. mi baives hama v habeys ….. yehhhhhh meekaan and eeraam eba gulheythaa …. soo excited for them …. love this story … luv ya ❤❤❤❤❤❤❤
Thankyou so much imkko ❤️
Varah reethi Masha Allah meekaan and eeram gulhey
Thankyou yan ☺️❤️
V salhi .rynn hama best
AYE HEY TAETAE ?❤️
Thankyou ☺️