Skip to content
އެސްފިޔަ

ވާނަމޭ އުމުރަށް އެކީ ޖާނާ 7

ފުންވިސްނުންތަކަކުން ބަންޑުންވަމުންދިޔަ ސިކުނޑި ހުއްޓުމަކަށް ނައެވެ. އީރަމް ގެ ފިޔަވަޅުތަށް ލަސްވެފައި ކުރެވެ. ދިޔަމަގުމަތީ އީރަމް މީހެއްގެ ގައިގައި ޖެހި އަރިއަޅާލަންދިޔައެވެ. ނަމަވެސް އޭނާގެ ދެއަތުގައި ހިފާ ދަމައިގަތުމާއި އެކު އެމީހެއްގެ ގައިގާ ގޮސް އޭނާ ލައްވިއެވެ. އީރަމް ވަގުތުން ދުރަށް ޖެހިފައި އެމީހާއާއި ކުރިމަތިލިއެވެ. އީރަމްއާއި އެއްވަރަށް ސިހިފައި ހުރި ނާޒީ ފެނިފައި އީރަމް މައާފަށް އެދުނެވެ. ނާޒީ ކައިރި ބިޔަކޮށް ހުރި ފިރިހެނަކާއި ދިމާ އީރަމް ބަލައިލީ ބޯ ހިއްލާލާފައެވެ.

“އީރަމް… ކިރިޔާއެއްނު.. އަބަދުވެސް ޖެހޭނެ މަގުގެ ކުރިއަށް ބަލަން.. ދެފަރާތަށް ބަލަން…” ނާޒީ އީރަމްގެ ކޮނޑުގައި ޖަހާލިއެވެ. އީރަމް ހިނިތުންވެލާފައި އަނެއްކާވެސް އެ ފިރިހެންމީހާއަށް ބަލައިލިއެވެ.

“އީރަމް… މީ އަހަރެންގެ ވަރަށް އަވަހަށް ވާންއުޅޭ ފިރިމީހާ… އީރަމްއަށް އަދި ޕާޓީއަށް ކިޔާނަމޭ.. މިކަހަލަ ގޮތަކަށް ނޫން މިވާހަކަ ބުނެދޭން އުޅުނީ.. ކޮންމެ ގޮތެއްވިޔަސް އީރަމް އަކީ އަހަރެންގެ ކޮއްކޮވިއްޔަ.. ހަހަހަ” ލަދުގަނެފައި ހުރެ ނާޒީ އެހެން ބުނުމާއި އެކު އީރަމް ދެލޯ ބޮޑުވިއެވެ. ނާޒީ ބޯޖަހާލުމަށްފަހު އީރަމްއަށް އެ ވާހަކަ ޔަޤީންކޮށްދިނެވެ. އީރަމް އަނގަ ހުޅުވިގެންދިޔައެވެ. ނާޒީއާއި މީކާންއާއި ދެމެދު އޭނާ ހީކުރިފަދަ ގުޅުމެއްނުވާކަން އޭނާއަށް ޔަޤީންވިއެވެ. މީހަކާއި އިންނަން ތައްޔާރުވެފައި ހުރި ނާޒީ އެކަހަލަ ގުޅުމެއް އިތުރު މީހަކާއި އެކު ބާއްވަފާނެކަމަކަށް އޭނާ ގަބޫލެއްނުކުރެއެވެ. އެއީ ނާޒީއަކީ ހިތްހެޔޮ ރަނގަޅު މީހެއްކަން އީރަމްއަށް އިނގޭތީއެވެ. އީރަމް އުފަލުން ފޮޅިފައި ނާޒީގެ ގައިގާ އޮޅުލައިގަތުމުން ނާޒީވެސް ހައިރާންވިއެވެ. އީރަމްއަށް މިދެވުނީ ހަމަ އެހާ އުފާވެރިހަބަރެއްހެއްޔެވެ؟ ނާޒީވެސް ހިނިގަނޑެއްޖަހާލާފައި އީރަމްގެ ގައިގާ ބައްދާލިއެވެ.

………………

ގެޔަށް ދިޔަމަގުމަތީ އީރަމްއަށް ވިސްނެމުންދިޔައީ މީކާންއާއި މެދުގައެވެ. މިއަދު މީކާން އޭނާއަށް ރައްދުގައި ކުރި އިޝާރާތެވެ. ނަމަވެސް ސުވާލުއުފެދެނީ މީކާން އަށް ވީގޮތެއް ނޭނގުނީމައެވެ. މީކާން ފަރާތުން އެސުވާލުގެ ޖަވާބު ހޯދަން އީރަމް އަޒުމްކަނޑައެޅިއެވެ.

ކަޅުވިލާގަނޑެއް ބޮލުމައްޗަށް ލައިގެން މާލެ ވަށާ ބުރުޖަހަމުން ދިޔަ މީކާންއަށް ހަމަޖެހުމެއްނުލިބުނެވެ. ޔޫސުފު އެދިން ހިތްދަތި ހަބަރަކީ އޭނާގެ ހިތަށް އެތަށްގޮތަކުން އަނިޔާދިން ހަބަރެކެވެ. ހާއްސަކޮށް ލަމްޔާ އަމިއްލައަށް މަރުވުމީ އޭނާ ހިތާމަތަކުގައި އުޅުނުކަން ކަށަވަރުވާ އެއްކަމެވެ. މީކާން ގޭދޮށުގައި ކާރު ޕާކުކުރުމަށްފަހު އެތެރެއަށް ވަދެގެން ދިޔަތަނާ އައި ފޯނުކޯލަށް ޖަވާބުދިނީ ނާޒީގެ ކޯލަކަށްވުމުންނެވެ. ސޯފާގައި އިން މުނާއަށް އަތުން ހަނާ އަޅާލުމަށްފަހު މީކާން ހަލުވި ހިނގުމެއްގައި ސިޑިން މައްޗަށް އަރަންދިޔައެވެ. ނާޒީ ދިން ހަބަރަކުން މީކާންގެ ދެލޯ ދިޔައީ ތަރިބުރައިގެންނެވެ. ލޯބިވާ ދައްތަގެ ދިރިއުޅުމަށް އުފާވެރިކަން އަބަދުވެސް ލެއްވުމަށް އެދި ހަމަ އެވަގުތު ދުޢާ ކުރެވުނެވެ.

“އަސްލު އިނގެޔެއްނު މީކާންއަށް… އަހަރެމެން ދެމީހުން ދޭތެރޭ ޖެހޭ މައްސަލަ.. އެކަމް މިއަދު ލާހިން އަމިއްލައަށް އަހަރެން ކައިރީ ބައްދަލުކޮށްފައި އިންނަން އެހީ.. އަހަރެން ވަރަށް އުފާވެއްޖެ މީކާން…”

“އަހަރެންވެސް ވަރަށް އުފާވެއްޖެ.. އެހެންވީމަ ދޮންބެއާއި ދޮންނާގެ ކައިވެނި އެކީ އެކައްޗަކަށް ނިންމާލަމާ…” މީކާން ފޯރީގައި ބުނި އެއްޗަކުން ނާޒީވެސް ހަޅޭލަވައިގަތެވެ. އަދި ބާރުބާރަށް އާއެކޭ ބުނަމުންދިޔައެވެ. ސަލީމާ އެއަށްވުރެ ބާރަށް ހަޅޭލަވައިގަނެފައި “ކޮންހަޅޭކެއްހޭ” އެހިއެވެ.

“އޯކޭ އަހަރެން ހަމަ މިގެޔަށްވަނީ އޭނާ އާއި ބައްދަލުކޮށްފައި އައިސް.. އަދި މަންމަމެން ކައިރިވެސްނުބުނަން.. އޯކޭ… މިރޭ ޑިއުޓި އިންނާނެ އެހެންވީމަ ހަވީރު އަންނާތި..” ނާޒީ ފޯނު ކަނޑާލީ މީކާން ބުނި އެއްޗެއް އަޑުއެހުމެއްނެތިއެވެ. މީކާން ފުން ހިނިތުންވުމަކާއި އެކު ފޯނު ކަންފަތާއި ވަކިކުރިއެވެ. ނާޒީ ގެ ދިގު އިންތިޒާރު ނިމިގެންދިޔައީ ހާދަ އުފާވެރިކޮށެވެ. އުމުރުގެ ބޮޑުބައި ނާޒީ ހުސްކޮށްލީ އެންމެ މީހަކަށްޓަކައެވެ. ތިރީސް އަހަރުވާން ކައިރިވެފައި ހުރި ނާޒީ އާއި އޭނާއަށްވުރެ އެއްއަހަރު ދޮށީ އޭނާގެ ބޭބެގެ ކައިވެނި މިފަހަރު ވަރަށް ފޯރިގަދަވާނެކަން ގައިމެވެ. އޭނާގެ ބައްޕަ ފަރާތު އާއިލާއަކީ ވަރަށް ފޯރީގައި ހުރިހާ ކަމެއްވެސް ކުރާ ބަޔަކަށްވުމުން އޭނާ އެ ކައިވެންޏަށް ވަރަށް އިންތިޒާރުކުރެއެވެ. ހާއްސަކޮށް ބޮޑުދައްތަގެ ތިބި ހަމައެކަނި ދެކުދިން އެކީ އެކައްޗަކަށް ކައިވެނި ކުރަންޏާ ބޮޑުދައްތަ ހުންނާނީ ދަނޑިއަށް މުގުރާލަ މުގުރާލަކަން ޔަޤީނެވެ. ނާޒީގެ އިންތިޒާރުގެ ނިމުން ފޮނިވިއެއްކަމަކު އޭނާ ކުރި އިންތިޒާރުގެ ނަތީޖާ މިހާ ހިތިވީ ކީއްވެހެއްޔެވެ؟

“އަހަރެން ހިތްވަރުކޮށްފައި ލަމްޔާއާއި ވާހަކަދައްކާ ހެދިނަމަ އޭނާ ފަހަރެއްގައި ދުނިޔޭގައި ހުރިސްކަންނޭނގެ.. އަހަރެން ފިނޑިއެއްހެން މިގައުމުން ދުރަށް ނުދިޔަނަމަ ލަމްޔާއަށް އެހީވެވުނިސް.. އަހަރެންގެ ސަބަބުން…..”

……………

“ލަމްޔާ…” އީރަމް ފޮޓޯއަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނާގެ ހިތުގައިވީ އެންމެ ނަމެކެވެ. ލަމްޔާ އެނބުރި އޭނާއަށް ލިބޭނެނަމައޭ ކިތަންމެފަހަރަކު ހިތަށްއެރިއެވެ. އެ ހިތާމަވެރި ހާދިސާއަށްފަހު، ދުވަސްތަކެއް ވަންދެން ފުންކަނޑެއްގައި ކެރަވަމުންދިޔަ ލަމްޔާވެސް ހިތްވަރު އެލުވާލާ ފުންކަނޑުތެރެއަށް ގަރަގުވެގެންދިޔައީ އިތުރަށް ކެރަވާނޭ ހިތްވަރު ނެތިގެންކަންނޭނގެއެވެ. ނަމަވެސް ލަމްޔާ ފަދަ ހިތްވަރުގަދަ ކުއްޖަކު އެކަހަލަ ފިޔަވަޅެއް އެޅިތީ އެކަމާއި އީރަމް އިންތިހާއަށް ހިތާމަކުރެއެވެ. ލަމްޔާއަށް ކުރިމަތިވަމުންދިޔަ ހިތާމައިގައި ބައިވެރިވެވުނުނަމައެވެ. ނަމަވެސް އީރަމް ގެ ބަލިހާލަތު ލަމްޔާއަށްވުރެ ދަށެވެ. އަހަރުތަކެއް ކުރިން އަނދާއަޅިއަށް ހަދާލި އޮފީސް އިމާރާތުގައި ނިމިދިޔައީ ހަމައެކަނި އެތަނުގެ މުވައްޒަފުންނެއްނޫނެވެ. އެބައެއްގެ އާއިލާގެ އެތަށް މެމްބަރުންތަކެއްގެ ހަށީގައި ނޭވައި ހުއްޓެއްކަމަކު މަރުވެފައިތިބި މައްޔިތުންނެކޭ ތަފާތެއްނެތެވެ. އެތަށް ބަޔަކު އެ ހާދިސާއިން އަރައިގަނެ ދިރިއުޅުމައިގެން ކުރިއަށް ދިޔައެއްކަމަކު އީރަމްފަދައިން ނަފްސާނީ ބަލިތަކާއި ކުރިމަތި ލަމުންދިޔަ އެތަށް ކުދިންތަކެއް ތިއްބެވެ. އޭގެތެރޭގައި ލަމްޔާވެސް ވިއެވެ. ނަމަވެސް އީރަމްވެސް އެކަނި ހާލަށް ދޫކޮށްލާފައި ލަމްޔާ އަމިއްލަ އަށް މަރުވެދިޔައީ އެތަށް ހިތާމަތަކަކާއި އެކަނިވެރިކަމުގެ ދިރިއުޅުމެއް އަހަރެއްވަންދެން އުޅެފައެވެ.

“ސޮރީ.. ލަމް.. ލަމް އެކުވެރިއަކަށް އެންމެ ބޭނުންވިއިރު، އަޑުއަހާނޭ މީހަކު އެންމެ ބޭނުންވެފައި އިންއިރު އަހަރެންނަށް ލަމްޔާ ކައިރިއަކު ނުހުރެވުނު.. އެއީ އަހަރެންގެ ބަލިކަށިކަމުން.. އަހަރެންނަށް މާފުކުރޭ ލަމް.. ކުޑަމިނުން އަހަރެން ހުރިނަމަ ލަމްޔާއަށް އެގޮތަށް ކަންކުރާކަށް ނުޖެހުނިސް… ލަމްޔާ އަބަދުވެސް ބުނަމެއްނު އަހަރެންނަކީ ލަމްޔާގެ ހިތްވަރޭ… ހިތްވަރު ދޭންޖެހުނުދުވަހު އަހަރެންނަށް ނުހުރެވުނީތީ ސޮރީ..” އީރަމްގެ ހިތުގައިވި އުދާސްތަށް ކަރުނައިގެ ސިފައިގައި ބާލަމުންދިޔައިރު ރީތި ފްރޭމްއެއްގެ ތެރޭ ފޮރުވާލެވިފައިވާ ލަމްޔާއާއި އީރަމްގެ ފޮޓޯއަށް އޭނާ ނަޒަރު ހުއްޓާލައިގެން އިނެވެ. އޭނާގެ ހަނދާނަށް އެހިތި ދުވަސްތަށް އަންނަކޮންމެފަހަރަކު ކުށްވެރިކުރެވެނީ އެންމެ ފަރާތެކެވެ. އޭނާއާއި ގާތް އެތަށްބައެއްގެ ފުރާނަ ދިޔަ ހަމައެކަނި ސަބަބަކީ އެންމެ މީހެކެވެ. އެހެނަސް އެކަން ސާބިތުކުރާނީ ވަކި ކިހިނެއްހެއްޔެވެ؟ ބާރުވެރިން ވާނީ އަބަދުވެސް ގަދައެވެ. އޭނާގެ މަންމަވެސް ނިމިދިޔައީ އިންސާފުގެ މަގުގައި ހިނގަނިކޮށްނެވެ. އެފަދަ ފިޔަވަޅެއް އީރަމް އަޅާކަށް ބޭނުމެއްނުވެއެވެ.

……………

މީކާންއާއި ވާހަކަދައްކަން ނިންމައިގެން ހުރި އީރަމް އާއި މީކާން އޮފީސް ނިންމާފައި ދިމާވީ ކެބިންތެރެއިންނެވެ. އޮޅުމަކުންވިޔަސް ދެމީހުންނަށް އެއްތަނެއްގައި މަޑުކުރެވުނީ ލިޔެކިޔުންތަކެއް ހަވާލުކޮށްފައި ގެޔަށް ދާން ތައްޔާރުވެ ހުރި އީރަމްއަށް އެތަނަށް ވަދެވުމުންނެވެ. މީކާން އޭރުވެސް ނުދާކަން އެނގުމުން އެ ފުރުސަތުގެ ބޭނުންހިފަން އީރަމް ބޭނުންވިއެވެ. ނަމަވެސް ބުނާނެ އެއްޗެއް ނޭނގުމުން އޭނާ ހަނުހުންނަން މަޖުބޫރުވިއެވެ. އަމިއްލައަށް އިސްނަގައިގެން މީކާންއާއި ވާހަކަދައްކާ އޭނާގެ ‘ޕާރސަނަލް’ ކަމަކާއި މެދު ސުވާލުކުރާނެ ގޮތެއް އީރަމްއަކަށް ނުވިސްނުނެވެ. ފައިލުތަކަށް ނަޒަރު ހުއްޓާލައިގެން އެ އެއްޗެއްސަށް ސަމާލުކަން ދީގެން އިން މީކާން ޝުކުރުއަދާކުރުމުން އީރަމް ހިނގައިގަތެވެ. ދެތިންފަހަރު ފިޔަވަޅުތަށް މަޑުކޮށްލާފައި ވެސް އަނެއްކާވެސް ހިނގައިގަނެވެނީއެވެ. އީރަމްގެ ހަރަކާތްތަށް ބަލަން އިން މީކާން ކަރުކެހިލުމަށްފަހު އީރަމްގެ ނަމުން ގޮވާލިއެވެ.

“އެއްޗެއް ބުނަން ބޭނުންވީތަ؟” އީރަމް އަށް އެސުވާލު ކުރިއެއްކަމަކު އޭގެ ޖަވާބު މީކާންއަށް އިނގެއެވެ. އީރަމް ދެފަރާތަށް ބޯ ހަރަކާތްކޮށްލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. މީކަން ފެނުމުން އަތްފައި ފިނިވެ މީހާގެ ހަރަކާތްތަށް ލަސްވަނީ ކީއްވެހެއްޔެވެ؟ ބުނަން ބޭނުން އެތަށް އެއްޗެއް އޮތެއްކަމަކު އެ ހިއްސާނުކުރެވެނީ ކީއްވެހެއްޔެވެ؟ މީކާންއާއި އޭނާއާއި ދެމެދު މިއޮތީ ކޮންފަދަ ގުޅުމެއްހެއްޔެވެ؟

އަމިއްލަ ނަފްސާއި އެތަށް ހަނގުރާމަތަކެއް ކުރުމަށްފަހު އީރަމް ދެއަތަށް ބަލައިލިއެވެ. އެއަށްފަހު ދެއަތް ހަރަކާތްކޮށްލަމުން އެހިނދު އޭނާގެ ހިތުގައި ވި ޖުމްލަތަށް މީކާންއަށް ހިއްސަކޮށްލީ އޭނާއަށް އެއިން އެއްޗެއް ދޭހަވެދާނެކަމާއި މެދު ޝައްކުވެފައިހުރެއެވެ. ހަރަކާތްތަކަށް ކިތަންމެ ފަރިތަވިއެއްކަމަކު މީކާންއަށް އޭނާ ކުރާ އަވަސް ހަރަކާތްތަކުން އޮޅުންއަރާކަން ފާހަގަކުރެވުނިތީ އީރަމް ލަސްލަހުން އޭނާގެ އަތާއި އިނގިލިތަށް ހަރަކާތްކޮށްލިއެވެ. އެ ބުނި އެއްޗެއް ބުނެފައި އީރަމް ބާރު ދުވެއްޔެއްގައި ކެބިން އިން ނިކުތްއިރު މީކާންއަށް އެ ބުނި އެއްޗަކާއި މެދު ވިސްނަން އިނދެވުނެވެ. އެއްގޮތަކަށްވެސް އޭނާއަކަށް އެއިން ނަގަންވީ މާނަތަކެއް ނޭނގުނެވެ.

އީރަމް ފަހަތުން ދުއްވައިގަތަސް އޭނާ އަތުނުވާނޭކަން އެނގިހުރެ މިފަހަރުވެސް މީކާން އެހީ ހޯދުމަށް ފޯނުން ގުޅާލީ ނާޒީއަށެވެ. ނަމަވެސް ނާޒީގެ ފޯނު ބިޒީވުމާއި ގުޅިގެން އޭނާ ވީޑިއޯއެއް ތައްޔާރުކުރުމަށްފަހު އެ ފޮނުވީ އޭނާއަށް ފާހަގަކުރެވުނު ހަރަކާތްތަށް އެވީޑިއޯގައި ދައްކާލަމުންނެވެ. އީރަމް ބުނެފައި އެދިޔައީ ފުދޭވަރަކަށް ދިގު ޖުމްލައެކެވެ. އޭނާއަށް އީރަމް ކުރި ގިނަ ހަރަކާތްތަކެއް ހަނދާނަކުވެސް ނެތެވެ. އޭނާ އޮފީހުގައި އިނުމުގެ ބޭނުމަކަށްވީ އީރަމް އުޅޭތީއެވެ. އީރަމް ދިޔުމުން އެތާ އިނުމުގެ ފައިދާއެއް ނެތީތީ އޭނާވެސް އޮފީހުން ނިކުމެގެން ދިޔައީ މީހުން އެތަނުން ނިކުމެއްޖެކަން ޔަޤިންކޮށް ތަޅުލާފައެވެ. މީކާން ނިކުތްއިރު ހަމަ އެމަގުގައި އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި އީރަމް ފެނި ތަންކޮޅެއް ރަނގަޅަށް އީރަމްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލެވުނެވެ. އީރަމް އާއި ޖެހިގެންހުރި ފިރިހެނަކު ދިޔައީ އީރަމްއާއި ވާހަކަދެއްކޭތޯ މަސައްކަތްކުރަމުންނެވެ. ނަމަވެސް އީރަމް އެއަތް ފޮޅާލާފައި ދުރަށް ހިނގައިގަންނަ ކޮންމެފަހަރަކު އީރަމްއެކޭ އެއްވަރަށް އެމީހާވެސް ދެއެވެ.

މީކާން އެދެމީހުން ކުރާ ކަންތަށްތަކަށް ފާރަލަމުން އެމީހުންގެ ފަހަތުން ހިނގަމުންދިޔައެވެ. އީރަމް ގޮށްމުއްކަވާލައިގެން ހުރެ ހިނގަމުންދިޔައިރު އޭނާއާއި ނުހަނު ކައިރިން އެ ފިރިހެންމީހާ ހިނގަމުންދިޔައެވެ. ބަލާބެލުމަށް އީރަމް ހުރީ ރުޅިއައިއްސައެވެ. އަދި އެ ފިރިހެންމީހާ ދެކެ ނުރުހުންވެހުރެ ދުރުދުރަށް ހިނގަމުންދިޔުމުން މީކާންއަށް އެމީހަކީ އީރަމް އަށް ކޮންމެވެސް ގޯނާއެއް ކުރަމުންދާ މީހެއްކަން ވަގުތުން ޔަޤީންވިއެވެ.

“އީރަމް..” މީކާން ގެ އަޑަށް އީރަމް ފަސްއެނބުރުނެވެ. އެމީހާވެސް އޭނާއެކޭ އެއްވަރަށް ފަސްއެނބުރި މީކާންއާއި ކުރިމަތިލިއެވެ. މީކާން ހިނިތުންވުމެއް ދިނުމަށްފަހު އީރަމް ކައިރިއަށް ހިނގައިގަތެވެ.

“ހިނގާ ދާން އަހަރެންނާއި އެކު… ކާރަށް އަރަން ހިނގާ..” އެމީހާގެ ކުރިމަތިން ހުރަސްކަނޑާލާފައި މީކާން ހުއްޓުނީ އީރަމްއާއި ނުހަނު ގާތުގައެވެ. އެއަށްފަހު އީރަމްގެ އަތުގައި ހިފަހައްޓާލައިގެން ކާރާއި ދިމަލަށް ހިނގައިގަތެވެ. ހައިރާންވެފައި ހުރި އީރަމްއަށް މީކާންގެ އަތަށް ފުންނަޒަރެއް ދެވުނެވެ. އެވަގުތު އިހުސާސްކުރެވުނު ރައްކާތެރިކަން އަބަދުވެސް ލިބުމަށް އެދެވުނެވެ.

“އެއީ ކާކު.؟” ކާރުގެ ދޮރުހުޅުވާލާފައި މީކާން ބަލައިލީ އަދިވެސް އެދެމީހުންނަށް ނަޒަރު ހުއްޓާލައިގެން ހުރި އެ ފިރިހެންމީހާއަށެވެ. އީރަމް އެތެރެއަށް ވަނުމުން މީކާން އަނެއްފަރާތުން ދޮރުހުޅުވާ އެތެރެއަށް ވަދެ އީރަމްއަށް ނަޒަރު ހުއްޓާލިއެވެ.

“އޭނާ ކީކޭތަ އެކީ؟ ބުނެބަލަ ކާކު އެއީ؟” އީރަމް އިސްޖަހާލައިގެން އިނުމުން މީކާން އަނެއްކާވެސް ސުވާލުކުރިއެވެ. އީރަމް ފުންނޭވައެއް ދޫކޮށްލިއެވެ.

“ދޮންބޭބެ…” އީރަމް ދެއްކި ހަރަކާތުން މާނަދޭހަނުވުމުން އީރަމް އެބަހުގައި ހިމެނޭ އަކުރުތަށް ދައްކާލިއެވެ. މީކާންގެ އަނގައިން ދޮންބޭބެގެ ނަން ނިކުތުމުން އީރަމް ބޯޖަހާލިއެވެ.

“އޯކޭ.. އޭނާ އީރަމްއަށް އުނދަގޫކުރަނީތަ؟” މީކާން ގެ ސުވާލާއި އެކު އީރަމް ބޯޖަހާލިއެވެ. އިތުރު ސުވާލެއް ކުރުމުގެ ބޭނުމެއް ނެތެވެ. އެމީހާގެ ފަރާތުން އީރަމްއަށް އެއްވެސް ގޯނާއެއް ވާކަށް މީކާން ނޭދެއެވެ. އޭނާ ކާރު ދުއްވާލިއިރުވެސް ސާނިހު މަގުމަތީ އެ ކާރަށް ބަލަހައްޓައިގެން ހުއްޓެވެ. ކާރު މަޑުކޮށްލީ އީރަމްގެ ގޭދޮށުގައެވެ. އީރަމް އަވަސްއަރުވާލާފައި ދާން އުޅުނެއްކަމަކު މީކާން އީރަމްއަށް ގޮވާ އޭނާ ހުއްޓުވިއެވެ.

“އޭރު އެބުނި އެއްޗެއްގެ މާނަ ބުނެދީފަ ދޭ..” މީކާން ގެ ތުންފަތްމަތީ ކުޅެލި ހިނިތުންވުމާއި އެކު އީރަމްއަށް ލިބުނީ އުފާވެރިކަމެކެވެ. މީކާންއަށް ނަޒަރު ހުއްޓާލައިގެން ހުރެ އެ ކުރި ހަރަކާތްކުރާނެ ހިތްވަރެއް އީރަމްއަކަށް ނުލިބުނެވެ. ލަދުގަނެ އިސްޖެހެންފެށުނެވެ. މީކާން އީރަމްއަށް ދިއްކޮށްލީ އޭނާގެ ފޯނެވެ. ފޯނުގެ ނޯޓު ބައި ހުޅުވާލާފައި ވާއިރު އޭނާ އެދުނީ އޭގައި ލިޔަން ބޭނުންވާ އެއްޗެއް ލިޔުމަށެވެ. އީރަމް ފޯނުގައި ހިފަހައްޓާފައި އެތަކެއް ފަހަރު އެކަމާއި މެދު ވިސްނިއެވެ. އޭނާއަށް މިކުރެވެނީ ރަނގަޅުކަމެއްކަން އެއްފަހަރުވެސް ވިސްނާލެވުނުހެއްޔެވެ؟ އީރަމް ފޯނު ބާއްވާފައި ކާރުން ބާރުބާރަށް ނިކުމެގެން ދިޔައީ ފޯނުގައި އެއްޗެއް ލިޔެފައެވެ. މީކާން އެ ނަގައި ރަނގަޅަށް ކިޔާލިއެވެ.

“އަޅުގަނޑަށް އިއްޔެ ސަރ ހުރިގޮތް ފެނިފައި ކަންބޮޑުވެގެން އެކަމާއި މެދު އިތުރަށް ސުވާލުކުރަން ބޭނުންވި އެކަމް ކުރާކަށް ނުއެއްކެރުނު…އަޅުގަނޑު އެގަޑީގައި ދަމުން ބުނީ، އަޅުގަނޑު ބޭނުމެއްނޫން ސަރ ކަންތަށްބޮޑުވެފައި ހުންނަތަން ދެކޭކަށް.. މީކާން ސަރ އަޅުގަނޑަށް ވަރަށް މުހިންމު. އެ ގަޑީ އެހެން ބުނެވުނީ ކީއްވަކަމެއް ނޭނގުނަސް، އަޅގަނޑު އޭރު ބުނީ ދޮގުވާހަކައެއްނޫން.. އެހެންބުނާހިތްވީ މީކާން ސަރ އެހާ ދެރަވެފައި ހުރިތަން އިއްޔެ ފެނުނީމަ…” އީރަމް ލިޔެފައިވާ އެއްޗެއް ކިޔާލި މީކާންގެ ތުންފަތްމަތީ ކުޅެލީ ރީތި ހިނިތުންވުމެކެވެ. ލަދުގަނެފައި އިންފަދަ ގޮތަކަށް އޭނާ އީރަމް ދިޔަ ދިމާލަށް ބަލައިލިއެވެ. އީރަމްވެސް ފަސްއެނބުރި މީކާންއަށް ބަލައިލީ އެވަގުތުގައެވެ. ރައްދުގައި ދެމީހުންވެސް ބަދަލުކޮށްލި ހިނިތުންވުމުން ދެމީހުންގެ ހިތުގައި ޓަތްކެއްޖަހާލިއެވެ. ގުޅުމެއްގެ ފެށުމަށް އެ ހިނިތުންވުންވެދާނެބާއެވެ.

…………………..

“ނޭނގެ.. އޭނާ ވަރަށް ރީތި.. ލޯބިވެވެނީއެއްނޫން.. އެހާ އަވަހަށް މީހަކަށް ލޯބިވެވިދާނެތަ؟ ބައެއްފަހަރު އޭނާއަށް ބަލާލާއިރު ހީވަނީ އެތަށް ބައެއްގެ ތެރޭ ހުއްޓަސް އޭނާ އަކީ އެކަނިވެރިއެކޭ… އަނދިރިގަނޑެއްތެރޭ އުޅެމުންއަންނަ ސިއްރުވެރިއެކޭ.. އެހެންވެ ވަރަށް އޭނާއަށް ކެއަރ ކުރަން ބޭނުންވޭ…. އޭނާއަށްޓަކައި އަހަރެން އެބަހުރީމޭ ބުނާހިތްވޭ..” އީރަމްގެ ހިތުގައިވާ އެއްޗެއް ހިއްސާކުރީ ކުރިމަތީ އިން ނާޒީއާއެވެ. ނާޒީގެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާއަށް އުފާވެރިކަމާ ހިތްހަމަޖެހުމެވެ. އީރަމް އެހާ ލަދުގަނެފައި އިނދެ ކުރަމުން ދިޔަ ކޮންމެ ހަރަކާތަކުން ފެންނަމުންދިޔައީ އޭނާއަށް ވަމުންދިޔަ ގޮތްތަކެވެ. އަނގައިން ނުބުންޏެއްކަމަކު އީރަމްގެ އެގަޑީގައި ކުރަމުންދިޔަ އިހުސާސްތަށް ނުލާހިކު ރީއްޗަށް ނާޒީއަށް އެބަފެނެއެވެ. ފޮރުވަމުންދިޔަ ލޯބި ދިޔައީ ސާފުކޮށް ނާޒީއަށް ފެންނަމުންނެވެ.

“ދެން އެއީ ކާކުތަ ބުނެބަލަ…. އަހަރެން ހަމަ ކެތްމަދުވަނީ އީރަމް…. އޭނާ ހިތުގައި އޮތް އެއްޗެއް އިނގޭތަ؟؟؟” ނާޒީ އީރަމްގެ ދެއަތުގައި ހިފާ ތަޅުވާލަމުން އެހެން ބުނިއިރު އޭނާގެ އަޑުގައި ހުރި ފޯރި އީރަމްއަށް އިހުސާސްވިއެވެ. ނާޒީއާއި މީކާން ހިއްސާ ކުރާ ގުޅުން ނޭނގުނެއްކަމަކު އެދެމީހުންނަކީ ގާތްބައެއްކަން އީރަމްއަށް އިނގެއެވެ. ނަމަވެސް ނަން ހާމަކުރަން އޭނާ ބޭނުންނުވީ ހުދު އޭނާއަށްވެސް ޔަޤީންނުވާ އެތަށްކަންތައް ތަކެއް އޮތުމުންނެވެ. ހާއްސަކޮށް އަމިއްލަ ބަލިކަށިކަމާއި ނުކުޅެދޭކަމީ މީކާން އޭނާގެ ގުޅުމަށް ހުރަސްއެޅޭނޭ އެއް ސަބަބުކަމަށް އޭނާ ދެކެއެވެ.

“ނޭނގެ އޭނާގެ ހިތުގައި އޮތް އެއްޗެއް.. އެކަމް އޭނާ ހިނިތުންވެލި…..” އީރަމް އަތް ތިރިކޮށްލުމަށްފަހު ލޯމަރާލީ މީކާންގެ އެ ހިނިތުންވުން ސިފަކޮށްލުމަށްޓަކައެވެ. އީރަމްއަށް މީކާން ހާއްސަކަން ބުނެދިނުމުން މީކާންގެ ތުންފަތްމަތީ ވި ހިނިތުންވުމުން އޭނާއަށް އެކަމުން އެއްވެސް އިއުތިޒާރެއްނެތްކަން އީރަމްއަށް ހާމަވިއެވެ. އެ ހިނިތުންވުމުން އީރަމްއަށް އެތަށް ޖަވާބުތަކެއް ލިބުނުފަދައެވެ.

އީރަމްއާއި ނާޒީ ހޭދަކުރަމުންދިޔަ މަޖާ ވަގުތު ނިމުމަކަށްއައީ ޓަކިޖަހާލިއަޑަށެވެ. އެތެރެއަށް ވަދެގެން އައީ ނަރުހެކެވެ. ނާޒީ ނިއްއަރުވާލުމުން އޭނާ އެދުނީ އީރަމްގެ އެމްއާރއައި އަށް ތައްޔާރުވެލުމަށެވެ. ހޮނިހިރު ދުވަހު އީރަމް އެހާވަރަކުން ތައްޔާރުކޮށްގެން ކުލިނިކަށް ގެނައީ އެބޭނުމުގައެވެ. ވަރަށް އަވަހަށް އަންނަން އުޅޭ ޑޮކްޓަރަށް ބައެއް ބަލިމީހުންގެ ރިޕޯޓުތަށް ފޮނުވުމުން އޭނާ އެމްއާރއައި ސްކޭންއަށް އެދުނު ބައެއް މީހުންގެތެރޭ އީރަމްވެސްވަނީ ހިމެނިފައެވެ. އީރަމް ހުރީ އެކަމަށް ވަރަށް ތައްޔާރުވެގެންނެވެ. އެނބުރި ކުރީގެ އެ މަޖާ އަނގަގަދަ އީރަމްއަށް ވާން އޭނާ ބޭނުންވެއެވެ. މީކާންގެ ނަން ގޮވާލާ ހިތްވެއެވެ. މީކާން ކައިރި އޭނާގެ ހިތަށްއަރާ އެއްޗެއް ވަގުތުން ވަގުތަށް ބުނާހިތްވެއެވެ. އަތަކުންނެއްނޫނެވެ. އޭނާގެ އަމިއްލަ އަނގައިން އަމިއްލަ އަޑުންނެވެ. އީރަމް ތައްޔާރުވެފައި ހުރިވަރު ފެނި ނާޒީ އަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. ކުރިއަށްވުރެ ބޮޑަށް އީރަމް ރަނގަޅުވާން މަސައްކަތްކުރާވަރު އޭނާ ކުރާ ކޮންމެ ހަރަކާތަކުންވެސް ދިޔައީ ފެންނަމުންނެވެ. ފަހަރުގައި އީރަމް އަށް ދިރިއުޅެން މި ލިބުނު އައު އުއްމީދަކީ އީރަމް އަށް އެހާ ކަމުގޮސްގެން އުޅޭ ފިރިހެނެއްގެ ސަބަބުން ލިބުނު އުއްމީދަކަށްވެދާނެއެވެ.

……………………………..

“އެހާ ހިތްދަތި ދިރިއުޅުމެއް ލަމްޔާއަށް ދީފައި އަހަރެންނަށް މިހެން އުފަލުގައި އުޅެން ހައްޤުތަށް.. އަހަރެންނަށް އިނގޭ އެއްޗަކީ އަހަރެންގެ އުޅުމަށް ބޮޑު ބަދަލުތަކެއް އައިއްސިކަން އަދި އެއާއި ގުޅިފައިވަނީ އީރަމްކަން… ލަމްޔާ ފިޔަވާ އިތުރު މީހަކާއި މެދު ނުވެސްވިސްނަން… އަހަރެން ހީކުރީ އަހަރެންގެ ފަރާތުން އެހެންމީހަކަށް އުފާވެރިކަމެއް ލިބެންފަށައިފިނަމަ އެމީހެއްގެ ދިރިއުޅުން ހަލާކުވެދާނޭ… އެކަމް، އަހަރެން ބޭނުންވޭ އީރަމްއަށް އުފާވެރިކަން ދޭން… އަހަރެންނަކަށް ނޭނގެ މި އިހުސާސްތަކެއްގެ އަސްލެއް.. އެކަމް އެހެން މީހަކަށްޓަކައި ނުވެސްކޮށްދޭ ކަންތައްތައް އީރަމްއަށްކުރެވިއްޖެ.. އަހަރެން ހަނދާނެއްނުވޭ ނާޒީ ނޫންމީހަކު ކާރަށް އެރުވި ހަނދާނެއް.. އީރަމްއަށް ފަސޭހައަށް.. އީރަމް ދައްކާ ވާހަކަދެނެގަންނާނެ އެކަކަށްވުމަށްޓަކައި ސައިންލޭންގްއޭޖް ދަސްކުރަން ނިންމި ދުވަހު އަހަރެންނަށްވެސް ހައިރާންކަން ލިބުނު… އަހަރެންނަށް މި ލިބޭ ހިތްހަމަޖެހުން ހައްޤުތަ..؟ ލަމްޔާ ކުރިމަތިލަމުން ދާނޭ ހިތްދަތިދުވަސްތަށް އެނގިހުރެ އަހަރެންނަށް ލަމްޔާއާއި ދުރަށް ދެވުމަކީ އަހަރެންގެ ކުށެއް… ލަމްޔާ ދެކެ އަހަރެންވީ ހަޤީޤީ ލޯބި.. އެކަމް އަހަރެންގެ އިންތިޒާރު ކިހާ ހިތި.. ލަމްޔާ ގެ ހަބަރެއް ކުރިން ހޯދެވުނުނަމަ.. އަހަރެންނަށް އަދިވެސް ގަބޫލެއްނުކުރެވޭ.. އަހަރެންގެ ލަމްޔާ.. މި ދުނިޔެ ދޫކޮށްފިކަން…..”

މީކާންގެ އަތުގައި އޮތް ރުމަލަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާގެ ލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. ދެލޯ މަރައިގެން އިންއިރު އޭނާއަށް ސިފަވަމުންދިޔައީ އެތަށް އަންހެންކުދީންގެ ތެރެއިން އުޖާލާކަމާއި އުފާވެރިކަމުގެ ރީތި ކުލަވަރުތަކުން ދިއްލާލެވިފައިވާ ލަމްޔާގެ މޫނެވެ. ލަމްޔާގެ އުފާވެރި ދިރިއުޅުމަށް އަނދިރިކަން ވެރިވީ މީކާންގެ ސަބަބުންނެވެ. ލަމްޔާ މި ދުނިޔޭގައި ނެތްކަމީ އޭނާގެ ހިތަށް އެތަށް އަނިޔާއެއް ދޭ ދުވަހެއްގެ ކޮޅުންވެސް ރަނގަޅުވާނޭކަމަށް ގަބޫލުނުކުރެވޭ ބޮޑު ޒަހަމެކެވެ. ރުމާލުގައި އަތް ހާކާލި މީކާންއަށް މިއީ ލަމްޔާ އޭނާއަށް ހަދިޔާކޮށްފައި ދިޔަ ފަހު ހަނދާންކަމުގައި އޭނާ ގަބޫލުކުރެއެވެ. އެ ރުމާލުގެ ބަދަލަށް އޭނާގެ ހިތް ލަމްޔާއަށް ދެވުނުއިރު އޭނާ ކައިރި ލޯބިވާވަރު ބުނެވެސްނުލެވުނެވެ. އެހުރިހާ ކަމެއް މެދުވެރިވީ އޭނާގެ ފިނޑިކަމުންކަމަށް މީކާން ގަބޫލުކުރެއެވެ. އޭނާ ފިނޑިނުވެ ލަމްޔާ އާއި ވާހަކަދައްކަން މަސައްކަތްކޮށް އޭނާއަށް އެކުވެރިކަމުގެ ގޮތުންވިޔަސް، ލަމްޔާގެ ދިރިއުޅުމަށް ވެހެމުންދިޔަ ބޯވާރޭގައި ހިޔާވަހިކަމެއް ދެވުނުނަމައެވެ.

އެހެންރޭތަކެކޭ އެއްގޮތަށް މީކާން މިރޭވެސް ލަމްޔާގެ ނަން ދުލުން އެތަކެއް ފަހަރު ގެނެސްފައި މައާފަށް އެދުނެވެ. އޭނާއަށް އުފަލުގައި އުޅެން ހައްޤުނުވިޔަސް އޭނާ އުފާވާންބޭނުންކަމުގައި ބުންޏެވެ. އެކަނިވެރިކަމާއި އެކަހެރިކަމާއި އަމިއްލަ އިހުސާސްތަކާއި ދުރުން ރޮބޮޓެއްހެން އޭނާއަށް އުޅެވިއްޖެއެވެ. ހިތަށް ލިބޭ ހިތްހަމަޖެހުން ހިތާހިތުން ގަބޫލުކުރަން ބޭނުންވަނީ ކުށްވެރިއަކަށްނުވެހުރެއެވެ. ނަމަވެސް މިހުރިހާ ދުވަހު އެގޮތަށް އުޅެން އާދަވެފައިހުރި މީކާންއަށް އެކަން ކުރަން ފަސޭހަވެދާނެބާއެވެ؟ އޭނާއަށް އެހާ ބޮޑު ބަދަލުތަކެއްމިއައީ ހަމައެކަނި އީރަމްގެ ސަބަބުންހެއްޔެވެ؟ އަނގައިން ބުނުމަކާއި ނުލާ އީރަމް އޭނާއާއި އެތަށް ވާހަކަތަކެއް ހިއްސާކުރެއެވެ. އޭނާއާއި އީރަމްއާއި ދެމެދު ކޮންމެވެސް ގުޅުމެއް އެބައޮތެވެ. ނޯންނަމަ އީރަމް ފަދަ ކުއްޖަކާއި މެދު މިހާރު މިއުފެދިގެން އުޅޭ ތަފާތު އިހުސާސްތަށް މީކާންގެ ހަރުހިތް ބަލައެއްނުގަތީހެވެ.

…………………..

ގޮށްމުއްކަވާލައިގެން އިން މުނާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. މިވަގުތުން މިވަގުތަށް އެތަށް ކަމެއްކުރަން ބޭނުންވެފައި އިން މުނާ ދިޔައީ އަމިއްލަ ނަފްސް ކޮންޓްރޯލްކުރަމުންނެވެ.

“އަހަރެންނަށް އިނގޭ މުނާ ބޭނުންވާކަން އަހަރެން މަރާލަން…. އެކަމް އިނގޭނެ އަހަރެން މަރާލިޔަސް މުނާ އަށް މިކަމުން ސަލާމަތެއްނުލިބޭނެކަން.. އަހަރެން ބޭނުންވި ހެކި އެކުއްޖާއަށް ފޮނުވައިފިން… އަހަރެން ދެން މަރާލިޔަސް މުނާ ސަލާމަތެއްނުވެވޭނެ…” ވަހީދުގެ މޫނުމަތީ ވަނީ ކާމިޔާބުކަމާއި އެކު ކަމެއް ހާސިލްކުރެވުނުކަމުގެ އުފާވެރިކަމެވެ. އެއާއި ޚިލާފަށް މުނާގެ ރުޅިގަނޑުން ސަލާމަތްނުވެވި މީހާ ދިޔައީ ތުރުތުރުއަޅަމުންނެވެ. ވަހީދުގެ މޫނުމަތީ ހިފާ ނޭވައި ހާސްކޮށްލަން ހިތަން އެރިއެއްކަމަކު މުނާ ބަލައިލީ ވަށައިގެން ތިބި މީހުންނަށެވެ. އެހާ ބައިބޯ ރެސްޓޯރެންޓަކަށް އޭނާ ގެނައުމުގެ ބޭނުމަކީ މިއީކަން ވަގުތުން ރޭކާލިއެވެ. ފޯނުގައި ހުރެ އެތަށް އިންޒާރުތަކެއް ދިނުމުން މުނާއަށް ކެތްނުކުރެވިގެން އެ ބުނި ތާކަށް އާދެވުނީ ވަހީދުގެ ސޫރަ ފެންނާނެކަމަކަށް ނޫނެވެ. ނަމަވެސް ވަހީދުއަކީ އޭނާ ބިރުގަންނަންޖެހޭނެ އެކަކެވެ.

“ކަލޭ ހީނުކުރާތި އަހަރެން އެހާ ފަސޭހައިން ބަލިގަބޫލުކުރާނޭ.. މި މުޅިމާލޭގައި އަތުފުނާ އަޅައިގެން ކަލޭ ތި އެއްޗެއް ފޮނިވި އަންހެންކުއްޖަކު ހޯދާނަން.. އޭރަށް އެކުއްޖާއާއި އެކު ކަލޭވެސް ވާނީ މަރު..” މުނާ ގޮނޑި ފަހަތަށް ޖައްސާފައި ތެދުވީ ހަމަކުއްލިއަކަށެވެ. ވަހީދުގެ މޫނުމަތި ވި ހިނިތުންވުމަށް ކުޑަވެސް ބަދަލެއްނައުމުން މުނާގެ ހިތްބިރުގަތެވެ.

“އަހަރެން މިކަން މިކޮށްދެނީ އެތަށްބަޔަކަށް އިންސާފު ހޯދައިދޭން.. މިކަމަށް ދިހައެއް ކީއްކުރަން ވިހި އަހަރު ފުރިގެންދިޔަޔަސް ނާއިންސާފުގެ މައްޗަށް އިންސާފު ލިބޭނެ ދުވަހެއް އަންނާނެ.. މުނާގެ ސަބަބުން އަހަރެންގެ އެތަށް އެއްޗެއް ގެއްލިއްޖެ މިއަދު އަހަރެން ދުނިޔެއާއި ވަކިވާންޖެހުނަސް މައްސަލައެއްނެތް.. ދާނީ ވަރަށް ހިތްހަމަޖެހިގެން.. އެއީ އަހަރެން ނެތަސް އަހަރެންނަށް ޔަޤީން މުނާއަށް ކުރެވުނު ކަމުގެ ހައްޤުއަދަބު ލިބޭނެކަން..” ވަހީދުގެ ފަހުބަސްތަށް މުނާއަށް އިވިގެންދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. ބާރު ހިނގުމެއްގައި އޭނާ އެތަނުން ނިކުމެގެން ދިޔައިރު ދިޔައީ ފޯނުން ނަމްބަރަކަށް ޑައިލްކުރަމުންނެވެ.

“ހަލޯ… މުނާއަށް ގުޅަން އުޅެނިކޮށް ތި ގުޅީ… މީކާން ހޯދަން އުޅުނު ލަމްޔާ…..”

“ނޫން ޔޫސުފް.. ތި ބޭކާރު ވާހަކަ ދައްކާކަށް ވަގުތެއްނެތް… މިވަގުތުން މިވަގުތަށް މީކާން ދޫކޮށްލާފައި ވަހީދު އަށް ފާރަލުމުގެ މަސައްކަތްކުރޭ.. ވަހީދުއަކީ އަހަރެމެންނަށް ވަރަށް ނުރައްކާތެރި މީހެއް.. އަހަރެންނަށް ހެޔޮ ސަތޭކަ މީހުން ގޮވައިގެން ކުރިޔަސް އެކަމް އެ ވަހީދުގެ ކަންތަށް އަހަރެންނަށް ބަލައިދީ… އަހަރެން މިހާރު މިއުޅެނީ އިންޑިއާއަށް ފުރަން.. މިގަޑީގައި އަހަރެން މިތާ ހުރުން ރަނގަޅެއްނޫން.. އަހަރެން ނެތްތާންގާ ޔޫސުފު އަހަރެންގެ ހުރިހާ ކަމެއް ބަލައިދީ..” މުނާ ނިކަން އަވަސްއަވަހަށް ވާހަކަދެއްކުމުން ޔޫސުފު އެކަމަށް އެއްބަސްވިއެވެ. ދެންވެސް ޔޫސުފު ދައްކަން އުޅުނު ވާހަކަ ހުއްޓުވާފައި މުނާ އޭނާގެ ރޭވުންތަށް ބުނެދިނެވެ. އަދި ވަހީދު ދެއްކި ވާހަކަތަށް ކިޔައިދިނެވެ.

……………………

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Ryn

    Have a great day!! Love you all! Keep waiting and thankyou for reading 🙂

  2. Alaaya

    ?❤️??☺️☺️☺️???Heyy this part is nice too.. Mashaa Allah.. Dhen vaanee kihineh baa????? I’m curious….. Love you too.. Be safe.. Tc..

    1. Ryn
      Alaaya

      Thankyou and let’s see dhw. Take care keep waiting ❤️

  3. Shaa

    Awwn..soo loabi…ryn Darla thank you ehaa avahah up kohdheythy..❤️?and yess finally eeram get to know that there is nothing between meek and naazy….but I don’t think that lamyaa is dead because I have this feeling, the moment when eeram and meek accept their feelings for each other and relationship akah dhaa hisaabun lamyaa will be back and she will confess her love for meek and because meekan’s first love is her so for some reason he will let go of eeram…mee shaa ah heevaa goiyy ingey…anything may happen…but plz in the end eeram and meek together kurahchey…lysm..❤️❤️?????

    1. Ryn
      Shaa

      WOW GOOD JOB SHAA but let’s see if it goes like that. But I love eeram and meekaan and I ship them ❤️ Thankyou darling keep waiting ☺️

  4. Yan♥️

    Varah reethi please misuvaalah javaabudhyba eeram aai lamyaa aky siblings tha?

    1. Ryn
      Yan♥️

      Thankyou so much ❤️ And Nope they are not ?

  5. Afu

    Varah salhi igey mivaahaka …. Mi part ves …. Next tomorrow dhww … #stayhome #takecrae … Luv u ❤️

    1. Ryn
      Afu

      Thankyou! Yes tomorrow next part. Take care and stay safe!!

  6. Afu

    Wlc … Owwn ur so cute and awesome … Thanks

    1. Ryn
      Afu

      Hahaha! You too, Thankyou! Have a great day 🙂

  7. Please

    Surprise eh dheeba anekkaa mirey ves ryn.mihaaru hama kiyaa hithun nuhurevey. Maadhamaa thankolheh avahah up kolladhehche please

    1. Megan
      Please

      Plxx ryn

    2. Ryn
      Megan

      @megan, Dhen faharakun dhw surprise eh. 🙂 Take care

    3. Ryn
      Please

      Alhey I will give surprises ekamu mireaku noon dhw! Thankyou so much. Keep waiting 🙂

  8. malsamalkkomal

    Wow.varah reethi nge mi part vx.Ibaaraai therikamaai sifakohdheefa hunnalheh hama varah furihama. Ryn ah ithurah kurierumah edhen.
    Whn next? Curiously waiting. Avahah up kohlla dhehchy ryn. Be safe, take care♥

    1. Afu
      malsamalkkomal

      Next part tomorrow ga yo maloo

    2. Ryn
      malsamalkkomal

      Thankyou so much Mal. Vrh ufaavehje comment kiyaalevunyma. Ummeedhukurany hurihaa readers ah vx ufaaveri dhuvasthakakah abadhuvx. Next part maadhamaa up kohladheynan in sha Allah. Take care <3

  9. Afu

    Yaa Mal ebunee thedheh afu ge faraathunves Ryn ah ithuru kurierumakah edhn .. yaa n madhamaa ves avahah up kohdhehchey … Luv u Ryn ….. U aslu varah molhu vaahaka liyan hama superb igey … Kaamiyaabee ah edhn …. LYSM

    1. Ryn
      Afu

      Thankyou so much Afu! Love you too and Once again thankyou for being so sweet. Vrh ufaavehje comment kiyaalaafa. Goodnight ! 🙂

  10. ? princess ?

    Wow varah reethi Hama habeys ??? aneh ghothah bunaane ehcheh neyngifa meedhee. Hama best ey bunaanee????

Comments are closed.