Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ 6

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 30, 2020 9 Mins Read
8 Comments

އީރަމް އެދުވަހުގެ ކުލާސް ނިންމާލުމަށްފަހު އޭނާ ކުއްޔަށް ހިފައިފާ ހުރި އެޕާޓްމެންޓަށް ދިޔައެވެ. އެއްކޮޓަރިއާއި އާދައިގެ ކުޑަ ސިޓިންރޫމްއަކާއި އެކު ބަދިގެ ހުރިއިރު އެކަކަށް ހިތްހަމަޖެހިލައިގެން އުޅެވޭހާ ރީތިވެފައި ސާފުތާހިރެވެ. އީރަމް ގެޔަށް އާއިރު މޭޒުމަތީ ކޮތަޅެއް ހުރިތަން ފެނި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ދޮންމަންމައާއި ދުރުގައި އުޅޭއިރުވެސް ދޮންމަންމަ، ނަޒީރާ، ނެތްކަމުގެ އިހުސާސެއްނުކުރެވެއެވެ. އީރަމް އޮފީސް ނިންމާގޮތަށް ގެޔަށް ނައިސް ތެރަޕީ ކުލާސްތަކަށް ދާތީ ދޮންމަންމަ ނުހަނު ހިތްހަމަނުޖެހިފައި ހުންނަނީ ކެއުމެއް ބުއިމެއް ނެތި އެގޮތަށް އުޅެނީއޭ ކިޔާފައެވެ. ހަފްތާއަކު ތިންދުވަހު އޮންނަ ތެރަޕީ ކުލާސް ނިންމާފައި އީރަމް ގެޔަށް އަންނައިރު ދޮންމަންމަ ގެ މި ހަދިޔާ އޭނާއާއި ބައްދަލުކުރަނީ ނުހަނު ތާޒާކަންމަތީގައެވެ. އީރަމް އަވަސް ފިޔަވަޅުތަކެއްގައި އެއާއި ދިމާލަށް ގޮސް އެ ހުޅުވާލާ އޭގައިވާ ކާއެއްޗެއްސަށް އިންސާފު ކުރަމުންދިޔައީ ބަނޑުހައިވެފައި އިންލެއް ބޮޑުކަމުންނެވެ. އޭނާގެ ދިރިއުޅުމުގައި މަންމަ ނެތެއްކަމަކު ހަމަ މަންމައެއްފަދައިން ލޯބިވާ މަންމައެއް ލިބުނުކަމީ އެތަކެއްފަހަރު ހެއްދެވިފަރާތަށް ޝުކުރުއަދާކުރާކަމެކެވެ. ހާއްސަކޮށް ޅައުމުރުގައި ބައްޕަ ނިޔާވުމުންވެސް ދޮންމަންމަ އޭނާއަށް ދެމުންދިޔަ ލޯތްބާ އަޅާލުމަށް ކުޑަ ބަދަލެއްވެސް ނާންނާތީ އެކަމާއި އޭނާ އިންތިހާއަށް ޝުކުރުވެރިވެއެވެ.

އީރަމްގެ މަންމަ އަށް ކުރިމަތިވި ހިތްދަތި ހާދިސާގައި ދުނިޔެ އަޅާދިޔައިރު އީރަމްއަށް އެންމެ 14 އަހަރެވެ. އޭނާއެކޭ އެއްވަރަށް ބައްޕަވެސް އެ ހިތާމާގައި ބަލިވެ އެތަށް ދުވަހެއްވަންދެން އުޅެންޖެހުނެވެ. އީރަމްއަށް ލިބުނު ކުއްލި ސިހުމާއި އެކު ހަރަކާތް ހުއްޓި ވާހަކަނުދައްކާ އިންނާތީ ޑޮކްޓަރަށް ދެއްކުމާއި އެކު ބޭރުގައުމަކަށް ދާން ލަފާދެވުނެވެ. ނަމަވެސް އީރަމްގެ ބައްޕަ އަށް އެ ޚަރަދު އުފުލާނެ ގޮތެއް ނެތިގެން އަނެއްކާވެސް އެހެން ޑޮކްޓަރަކަށް ދެއްކިއެވެ. އީރަމްގެ ވާހަކަދެއްކުމަށާއި ހަރަކާތްތަކަށް މިއައީ ކުއްލި ބަދަލަކަށްވެފައި އީރަމް އަކީ ކުރީގައި ނޯރމަލްކުއްޖަކަށްވުމުން އެ ޑޮކްޓަރު ލަފާގެ މަތިން އީރަމް ސްޕީޗްތެރަޕީ އަށް ގެންދެވުނެވެ. އީރަމްގެ ބައްޕައާއި ދޮންމަންމަ ކައިވެނިކުރެވިގެންދިޔައީ އީރަމްއަށްޓަކައެވެ. އެއީ އީރަމްގެ ބައްޕަގެ އާއިލާގެ އެދުމަކަށް ވިއެއްކަމަކު ދޮންމަންމަ ވީ ވަރަށް ހެޔޮލަފާ އަންހެނަކަށެވެ. އީރަމްގެ ހުރިހާ ކަމެއް ކޮށްދީ ހަދަމުން ބައްޕަގެ ބަލިހާލަތަށް ޝިފާ ހޯދައިދޭނެ އެތަށް މަގެއް ހޯދަން މަސައްކަތްކުރީ ދޮންމަންމައެވެ. ނަމަވެސް ބައްޕަވެސް ކުރިމަތިވި ކަޅު އަނދިރިގަނޑުން ސަލާމަތްނުވެވި ދުނިޔެ އަޅާ ދޫކުރީ އީރަމްގެ ދޮންމަންމައަށް އީރަމް ހަވާލުކޮށްފައެވެ. އެދުވަހަށްފަހު އަމިއްލަ ދަރިއެއްފަދައިން އީރަމް ބަލަމުން އޭނާ އާއިރު އީރަމްގެ އެއްވެސް ކަމަކަށް ހުރަސްއެޅުނަކަ އޭނާ ނުދެއެވެ. ސްޕީޗްތެރަޕީގެ ޚަރަދުތަށް އަމިއްލަ ބޮލުގައި އަޅުވައިގެން އެތަށް ދުވަހެއްވަންދެން އޭނާ އުޅުނެވެ. އީރަމް އޮފީސްދާއިރާއިން ކިޔެވުމުގެ މަގުވެސް ދެއްކީ އީރަމްގެ ދޮންމަންމައެވެ.

އީރަމް ފަދަ ނުކުޅެދޭ ކުއްޖަކު މީހަކަށް ހަދައިދޭން ހިތްވަރު ދިން މީހަކީ އީރަމްގެ ދޮންމަންމައެވެ. އެއަށްފަހު ނާޒީއެވެ. އެދެމީހުންނަކީވެސް އީރަމްގެ ދިރިއުޅުމަށް ވަރަށް ހާއްސަ ދެމީހުންކަން އޭނާ ގަބޫލުކުރެއެވެ. ދޮންމަންމަގެ ދިރިއުޅުމުން އޭނާ ދުރަށްޖެހިލީވެސް ދޮންމަންމަ ފަށަންއުޅޭ އައު ހަޔާތަށް އޭނާގެ ބަދުނަސީބުވެރިކަމުގެ ހިޔަނި އެޅުނަ ނުދޭށެވެ. އީރަމް ދެފައިމައްޗަށް ކޮއްޅަށް ބަހައްޓައިދިން ދޮންމަންމައަށްޓަކައި އޭނާ ހުރީ ޖާނާއި މާލުންވެސް ގުރުބާންވާށެވެ. ހަމައެފަދައިން ނާޒީއަށްޓަކައި އީރަމްގެ ކޮންމެ އުފަލެއް ޤުރުބާންކުރަންޖެހުނަސް އޭނާ ހުރީ ކުރާށެވެ. މީކާން އަކީ އޭނާއަށް ތަފާތު އިހުސާސެއް ކޮށްދިން ރީތި ޒުވާނަކަށްވިއެއްކަމަކު އޭނާ އެ އިހުސާސްތަކާއި މީކާންއާއި ދުރަށްދުވަނީވެސް ނާޒީއަށްޓަކައެވެ.

………………………

އެރެއެވެ. އީރަމް ބޭރަށް ނިކުމެލީ އޭނާއަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށްޓަކައެވެ. ފިހާރައަށް ވަނުމާއިއެކު އޭނާ އެކޭ އެއްފަދައިން އެތަށްބަޔަކު އެތަނުތެރޭ އެމީހަކު ބޭނުންވާ އެދުމެއް ފުރިހަމަކުރުމަށް އުޅެމުންދިޔައެވެ. ބައިބޯވެފައިވާ އެ ފިހާރަތެރެއަށް އޭނާ ވަދެފައި ކުޑަ ވަށިގަނޑެއް ނެގިއެވެ. ރީތިވަރަކަށް އައްސާލެވިފައިވާ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން އީރަމް އެތެރެއަށް ދެމިގަތެވެ. އަދި ބޭނުންވާ ސާމާނުތަށް ހުރި ތަންތަނުން ނަގައިގެން ވަށިގަނޑަށް އަޅަމުންދިޔައެވެ. ހުސްވެފައި ހުރި ބައެއް ކާބޯތަކެއްޗާއި ރީތިވުމަށް ބޭނުންވާ ބައެއް ސާމާނުން ވަށިގަނޑު ފުރާލިއެވެ. އީރަމް ލަސްފިޔަވަޅުތަކެއްގައި ހިނގަމުންދިޔައިރު އޭނާގެ ކުރިމަތީ ދާދި ކައިރި ބޮޑީ ސްޕްރޭތަކަކަށް ނަޒަރު ހުއްޓާލައިގެން ހުރި މީކާން ފެނުނެވެ. ކްރީމް ކުލައިގެ ސޯއްޓަކައި ނޫ ޓީޝާޓެއް ލައިގެން ހުރި އިރު މީކާންގެ ހަށިގަނޑުގެ ވަރުގަދަކަން ދިޔައީ ހާމަވަމުންނެވެ. ޖީބަށް އަތްޖަހާލައިގެން ހުރިއިރު އޭނާ ދިޔައީ އެއްފުޅިއަށްފަހު އަނެއްފުޅިއެއް ނަގާ ބޮޑު ރިސާރޗެއްކުރަމުންނެވެ. ނުރަސްމީކޮށް ހުއްޓަސް މީކާން ސްމާރޓުވެފައި ބަލާލަން ހިތްގައިމެވެ.

މީހަކު މާވަރަކަށް ބަލާހެންހީވެގެން މީކާން އޭނާގެ ކަނާތްފަރާތަށް ނަޒަރެއް ދިނެވެ. އެވަގުތު އޭނާއަށް އީރަމްފެނި ސިހޭގޮތްވިއެވެ. އީރަމްވެސް މީކާން ބަލާލުމުން ސިހިފައި ހިނިތުންވުމެއް ދެމުން އެތަނުތެރޭ ހިނގަމުން އެތާ ހުރި ސާމާނުތަކަށް ބަލަންފެށީ މީކާން އަށް އޭނާ ބަލަންހުރިކަން ޝައްކުވިޔަ ނުދިނުމަށެވެ. މީކާންވެސް އޭނާ ކުރަން ހުރި ކަންތަށް ކުރިއަށް ގެންދިޔައެވެ. އަދި ފޯނުނަގާ ނަމްބަރަކަށް ޑައިލްކޮށްލަމުން ކަންފަތުގައި ޖެހިއެވެ.

“ދޮންދައްތަ ބޭނުންވާ ސެންޓެއް ނެތް މިތާކު… ކޮންނަމެއްތަ ކިޔަނީ އަދިއެއްފަހަރު ބުނެބަލަ…” މީކާން އެހެން ބުނެފައި ވަށައިގެން ހުރިހާ ސެންޓްފުޅިތަކަށް ބަލައިލިއެވެ. ނަމަވެސް އޭނާ އަކަށް އެބުނާ ސެންޓުފުޅިއެއްނުފެނުނެވެ. އޭނާ ހުރީ މިރޭ ދޮންދައްތަމެން ގެޔަށް ދާން ނިންމައިގެންނެވެ. އަދި ދާއިރު ދޮންދައްތައަށް އެންމެ ކަމުދާ ސެންޓުފުޅިއެއް ހަދިޔާއަށް ގެންދަން ނިންމައިގެން ހުރެ އެކަމުގެ އެހީއަކަށް އެދި އޭނާގެ ދެބެންގެދެދަރި ބޭބެއަކަށް ގުޅާ މައުލޫމާތު އެއްކުރިއެވެ.

“މިއަށްވުރެ ރަނގަޅުވީސްދޯ ހަމަ ސެންޓު ފިހާރައަކަށް ވަދެވުނުނަމަ.. މިތަނުގައި ދެން ހުރޭތަ ބޭނުންވާހާ ސެންޓެއް..” މީކާން ޝަކުވާކޮށްލާފައި ފޯނު ބޭއްވިއެވެ. ދޮންދައްތަ ސެންޓު އަބަދުވެސް ގަންނަނީ މިތަނުންކަން އެނގުމާއި އެކު މީކާން ފޫހިވިއެވެ. އޭނާ އަކީ މިކަހަލަ ފިހާރަތަކަށް ވަންނަ ހިތްވާ މީހެއްނޫނެވެ. ހާއްސަކޮށް މިހާ ބައިބޯވެފައިވާ ފިހާރަތަކަކީ އޭނާ އެންމެ ދުރުދުރުން އުޅޭ ފިހާރަތަކެވެ. ނަމަވެސް ގިނަދުވަސްތަކެއް ވަންދެން ނުފެނި އުޅެވުނުކަމަށްޓަކައި މައާފަށް އެދި އެކަން ފޫބައްދާލަން މިކަހަލަ ކަމެއްކުރަންއެބަޖެހޭވިއްޔާއެވެ.

މީކާން ފަރާތްފަރާތަށް އެނބުރެނިކޮށް އޭނާއާއި ދިމާ ބަލަހައްޓައިގެން ހުރި އީރަމް ފެނުނެވެ. އީރަމް އެއްޗެއް ބުނަން ބޭނުންވާހެން ހީވެގެން މީކާން ނިއްއަރުވާލިއެވެ. އީރަމް އަތުން ކޯޗެއްހޭ އެހުމުން މީކާން ބޯކަހާލިއެވެ. އީރަމްގެ ރީތިކަމަށް ތައުރީފުކޮށްލެވުނުއިރު އޭނާގެ މޭގެތެރޭ އޮތް ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ.

“އޯސަމް ކިޔާ ސެންޓެއް ހުރޭތަ؟؟” މީކާން ގެ ސުވާލުން އީރަމް ހިނިއަންނަގޮތްވިއެވެ. މީކާން އެހާ ވަރަކުން އެ ސެންޓެއް އެ ހޯދަނީ ފިރިހެނުންގެ ސެންޓުތަކުތެރޭންކަން އެނގި އީރަމްއަށް އިތުރަށް ހެވޭގޮތްވިއެވެ. އީރަމް ހޭންފެށުމުން މީކާން ލަދުގަންނަގޮތްވިއެވެ. ނަމަވެސް އެ ފަރި ހިނިތުންވުމުގެ ޖާދޫގައި ޖެހޭކަށް މާ ގިނަވަގުތެއްނުނެގިއެވެ. ކަޅިޖަހާލުމެއްނެތި އޭނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އީރަމް މީކާންއަށް އެއްޗެއް އިނގޭތޯ ބަލާލުމުގެ ނިޔަތުގައި އިޝާރާތުން އެއްޗެއް ބުނެލިއެވެ. މީކާން އީރަމްގެއަތަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނާ ދިޔައީ އެ ގެންނަ ކޮންމެ ބަދަލުތަކަކަށް ސަމާލުކަންދެމުންނެވެ.

“ބަލަނީ ފިރިހެން……..” މީކާން އަށް އީރަމް ދެން ކުރި ހަރަކާތްތަކެއްގެ މާނައެއް ނޭނގުނެވެ. ނަމަވެސް އީރަމް ފުރަތަމަ ބުނި ބަސްތަށް އެނގި އޭނާ ފަސްއެނބުރި ސެންޓުތަކާއި ދިމާ ބަލައިލިއެވެ.

“ފިރިހެން ސެންޓުތަށްދޯ މީ…” ނިތުގައި އަތްޖަހާލަމުން މީކާން އެހެންބުނެވުނެވެ. އެތަކެއް ފަހަރު އަމިއްލަ މޮޔަކަމާއި މެދު ޝަކުވާކުރެވުނެވެ. އީރަމް އިޝާރާތުން އެބުނި އެއްޗެއްގެ މާނަ ރަނގަޅަށް ދޭހަވެގެންދިޔުމާއި އެކު އަނެއްކާވެސް އީރަމްއަށް ބަލައިލިއެވެ.

“ކޮބާ ދެން އަންހެން؟” މީކާންގެ ސުވާލަށް އީރަމް ޖަވާބުދިނުމުގެ ގޮތުން އޭނާގެ އިނގިލިތަކުން ވަކިން ހުރި ސެންޓުތަކެއް ދައްކާލިއެވެ. އެތާ މަތީގައި އަންހެން ސެންޓު ބޮޑުއަކުރުން ޖަހާފައި އިން ބޯޑެއްވެސް އިނެވެ. މީކާން ލަދުން ވިރޭހިސާބަށް ދިޔައެވެ. އަނެއްކާވެސް އަމިއްލަ މޮޔަކަމާއި މެދު ކުސްތަޅުވާލަމުން އޭނާ އެތަނަށް ގޮސް އޭނާ ބޭނުންވާ ސެންޓެއް ނެގިއެވެ.

“މިހާރު މި ނަގައިގެން ދާހާ އިރުވެއްޖެ..” މީކާންގެ ޝަކުވާއިން އަނެއްކާވެސް އީރަމްއަށް ހެވުނެވެ.

“ކޯޗެއް ގަންނަން ތިއައީ؟” މީކާން އެހެން އަހާފައި އީރަމްގެ ވަށިގަނޑަށް ބަލައިލިއެވެ. ”

އޯހް.. ކާއެއްޗެއްސާއި ދެން……..” ކެއުމުގެ ސާމާނުތެރެއިން ފެނުނު އިތުރު އެއްޗަކަށް މީކާންގެ ނަޒަރު ހުއްޓުނެވެ. އޭނާ ވަގުތުން އަނެއްފަޅިއަށް އެނބުރިގަތީ އެ އެއްޗެއްގެ ނަން އަނގައިން ނުނިކުތްކަން ނަސީބެކޭ ހިތަށްއަރާފައެވެ. މީކާންއަށްވުރެ ބޮޑަށް ލަދުގަތީ އީރަމްއެވެ.

މިއީ ލަދުގަންނަވަރު ކަމަކަށްނުވިޔަސް މީކާން އަށް އޮޅިގެން އެދެވުނު ނަޒަރުން އީރަމް ލަދުގަތީ މީކާންއަށް ވީގޮތް ފެނިފައެވެ. މީކާން ހަރު ފިޔަވަޅުތަކެއްގައި އެތަނުން ނިކުމެގެން ދިޔުމުން އީރަމްއަށް ހެވުނެވެ. މީކާން އާއި ނާޒީއާއި އެހާ ވަރުގަދަ ގުޅުމެއް އޮންނައިރު މަހުންމަހަށް މި ކުރިމަތި ވާ ދުވަސްތަކުގެ ވާހަކަ އިނގޭނެކަން ޔަޤީނެވެ. މީކާން އެހާ ލަދުގަންނަވަރުގެ ކަމެއް ވެއްޖެހެއްޔެވެ؟ އީރަމް ހިނިއައިއްސާ ހުރެ ކައުންޓަރު ދޮށުގައި އޮތް ދިގު ލައިންތަކުން ލައިންއަކަށް އެރިއެވެ. އޭރު ޖެހިގެން ހުރި ލައިންގައި ކެތްމަދުވެފައި މީކާން ހުއްޓެވެ. ހުރިގޮތުންނާއި ގަޑިބަލަމުންދިޔަ ގޮތުންވެސް އޭނާގެ ކެތްތެރިކަން ކޮޅުންލާންފަށައިފިކަން އީރަމްއަށް އިނގުނެވެ. އީރަމް ބަލަހައްޓައިގެން ހުރުމުން މީކާންވެސް ބަލައިލިއެވެ. އީރަމް އަތުގެ އިޝާރާތުން މީކާން ކައިރި ވާހަކައެއް ބުނެލިއެވެ. ނަމަވެސް މީކާންއަށް އޭގެ މާނައެއް ނޭނގުނެވެ. އޭނާގެ އިނގިލިތަކުން އަދި އެއްފަހަރު ރިޕީޓު ކުރުމަށް އެދުމުން އީރަމް ގެ އަނގައިން “ވާއު” އޭ ނިކުތީ މީކާން އަށް އެ ޖުމްލަ ބޭނުންކުރަން އެނގުމުންނެވެ. އީރަމް ހިނިއައިއްސާހުރެ އަނެއްކާވެސް ހަމަ އެ އިޝާރާތް ތަންކޮޅެއް ލަސްލަހުން ކޮށްލިއެވެ. މީކާންއަށް އިނގިލިން އިޝާރާތްކުރުމަށްފަހު ދެއަތުގެ އިނގިލިތަކުން ގޮތެއް ހަދާލިއެވެ. ދެންވެސް މީކާންއަށް ނޭނގުމުން އެހެން ގޮތަކަށް އިޝާރާތްކުރުމުން މިފަހަރުވެސް މީކާންއަކަށް ނޭނގުނެވެ.

ހައިރާންވެ ސުވާލުމާކެއްގެ ތެރޭގައި މީކާން ހުރިތަން ފެނި އީރަމް ހީލާފައި އޭނާ ބުނަން ބޭނުންވާއެއްޗެއްގެ އަކުރުތަށް މީކާންއަށް ދައްކާލީ އިނގިލިތަކުންނެވެ. ނާޒީ ބުނިގޮތުންނަމަ އެބުނި ޖުމްލައެއްނުވަތަ ބަހެއް ނޭނގިއްޖެނަމަ އެ ބަސްތަކުގައި ހުންނަ އަކުރުތަށް ބުނެދިނުމުން އެ އަކުރުތަށް އެއްކޮށްލައިގެން އަންނަ ބަސް ދެނެގަންނަން ފަސޭހަވާނެއެވެ. މީކާންއަށް އަށް އީރަމް ކުރި ހަރަކާތްތަކުން އެބުނެދެނީ އަކުރުތަކެއްކަން އެނގުނީ އެ އަކުރުތަކުގައިވާ އިޝާރާތްތަށް އޭނާ ހިތުދަސްވެފައި ހުރުމުންނެވެ. އީރަމް ލަސްލަހުން މިފަހަރު ހަރަކާތްކޮށްލުމުން މީކާން އެ އިޝާރާތްކުރާ އަކުރު މަޑުމަޑުން ކިޔަމުންދިޔައެވެ.

“އެސް ޓީ ޔޫ ޕީ ޑީ.. އަހަރެންނަކީ، ސްޓޫ… ސްޓޫޕިޑް އެކޭ..” މީކާންއަށް އީރަމް ބުނި އެއްޗެއް އެނގެން އިރުކޮޅެއްނެގިއެވެ. އޭނާ ދެލޯ ބޮޑުކޮށްލާފައި އީރަމްއަށް ބަލައިލުމުން އީރަމް ހޭންފަށާފައި ނިއްއަރުވާލިއެވެ. އީރަމްގެ ބޭނުމަކަށްވީ މީކާންއަށް އަކުރުތަށް އިނގޭވަރު ބަލާލުމެވެ. މީކާން ތުންފިއްތާލާފައި އީރަމް ކައިރީ ބެލުމަށްއެދުނެވެ. އެދެމީހުން ވަށައިގެން މީހުން އުޅޭކަންވެސް އެމީހުންނަކަށް ނޭނގެއެވެ. އެ އެންމެންގެތެރެއިންވެސް އެދެމީހުންނަށް ހަމައެކަނި ފެންނަނީ އެދެމީހުންނެވެ. ކައިރީ ތިބި މީހުންތަށްވެސް އެމީހުން އެކުރާ ކަންތަށްތަކަށް ހައިރާންވެފައި ބަލަހައްޓައިގެން ތިއްބެވެ. އެދޭތެރޭ އެދެކެވޭ ވާހަކައެއް އިތުރުބަޔަކަށް ނޭނގުނެވެ. މީކާން ދަތްކުނޑި ވިކާލުމަށްފަހު ދެތިންފަހަރު އަތަށް ނަޒަރު ދިއްކޮށްލާފައި އަކުރުތަށް ހަނދާނަށް ގެނައެވެ. އަމިއްލަ ނަފްސަށް ޔަޤީންވާ އިނގިލިތަކާއި ކުޅެލުމަށްފަހު އީރަމްއަށް ބަލައިލިއެވެ. އީރަމް ހުރީ މީކާން އެހާ ވަރުކޮށްލާފައި ބުނަން އެއުޅޭ އެއްޗެއްގެ މާނަ ހޯދަންބޭނުންވެފައެވެ. ލަސްލަހުން އިނގިލިތަކަށް ބަލަމުން މީކާން އޭނާ ބޭނުންވާ ބަސްތަކުގެ އަކުރުތަށް އިނގިލިތަކުގެ އެހީގާއި ދައްކާލިއެވެ.

“އިޑިއަޓް…” އީރަމްއަށް ހެވުނެވެ. އޭނާ މީކާން އާއި ދިމާ ބަލައިލުމަށްފަހު އިޝާރާތެއްކޮށްލިއެވެ. މީކާންއަށް އެއީ ކޯޗެއްކަމެއް ނޭނގުނެވެ. އީރަމް ވަގުތުން މީކާން އާއި ނަޒަރު ވަކިކޮށްލީ އިތުރަށް ނުބުނެދޭނަމޭ ބުނާކަހަލަގޮތަކަށެވެ. އީރަމް ލާރި ދައްކާ ވަގުތު ޖެހުނުއިރު މީކާން ނިކުމެގެން ދަނީއެވެ. ދަމުންވެސް އޭނާ ދިޔައީ އީރަމްއަށް ލޯއަޅާލާފައެވެ. ކޮތަޅުތަށް ހިފައިގެން ފިހާރައިން ނިކުތް އީރަމް ސިހުނީ ނުހަނު ކައިރިން ކާރެއް ބަރުގަނު އަޅުވާލިއަޑަށެވެ. އީރަމް ބަލައިލިއިރު މީކާން ކާރުތެރޭ އިނދެ އޭނާކައިރި އައުމަށް ގޮވަނީއެވެ.

“އާދޭ ގެންގޮސްދޭނަން..” މީކާން އެހާ ރީއްޗަށް އެހުމުން އިންކާރުކުރަން ބޭނުންވެފައި ހުރި އީރަމްއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އޭނާ އިށީނުމުން މީކާން ކާރުދުއްވާލީ އީރަމް އެދުވަހު އޮފީހުން ލައިދިން ގެޔާއި ދިމާލަށެވެ. އީރަމް އަށް އެކަން އެނގި ވަގުތުން ހުއްޓުވުމަށްފަހު އޭނާ ދާންވީ އެޑްރެސް ފޯނުގައި ލިޔެލަދިނެވެ.

“ހުމްމް.. ދެން ބުނެބަލަ އޭރު އެކުރި އިޝާރާތުގެ މާނަ.. އަހަރެން މީ އެހާ ޕްރޯ މީހެއްވެސް ނޫނޭ އެހާ އަވަސްއަވަހަށް އަހަރެންނަށް ހަރަކާތްތަކެއް ކޮށްގެން އެބުނި އެއްޗެއް އިނގެން..” މީކާން އެހެން ބުނުމުން އީރަމް ދެވަނަ ފަހަރަށްވެސް އެ ހެދި އެއްޗެއް ހެދިއެވެ. ނަމަވެސް މީކާންއަށް މިފަހަރުވެސް ނޭނގުނެވެ.

“ދެން އެހެންވިއްޔާ ސްޕެލް ކޮށްދީ…” މީކާންގެ އެދުމަށް އީރަމް ދެފަރާތަށް ބޯހަރަކާތްކުރިއެވެ. މީކާންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދީގެން އިން އީރަމް ހަމަހިލާ އެކަމެއް ނުކޮށްދިނެވެ. އެންމެފަހުން މީކާން ހަތިޔާރު ތިރިކޮށްލީ ނާޒީކައިރިން އޭގެ މާނަ ހޯދުމުގެ ގޮތުންނެވެ.

އީރަމް އުޅޭ ތަނުގެ އިމާރާތުގެ ބޭރަށް ކާރު މަޑުކޮށްލުމުން އީރަމް ނިކުތެވެ. ކޮތަޅުތަށް ދިއްކޮށްދިން މީކާން އަތުގެ އިޝާރާތުން ދަނީކަމަށް ބުނުމުން އީރަމް ބޯޖަހާލާފައި އެތެރެއަށް ވަނެވެ. އީރަމް ލޮލުމަތިން ގެއްލެންދެން މީކާން އިނުމަށްފަހު ކާރު ދުއްވާލިއެވެ. ނަމަވެސް އެއްޗެއް ހަނދާންވެގެން ކާރު ޕާކުކުރުމަށްފަހު ނާޒީ އަށް ގުޅާލިއެވެ. ފޭސްޓައިމް އޮންކުރުމަށްފަހު އޭނާ ކުރާ އިޝާރާތުގެ މާނަ ބުނެދިނުމަށް އެދުނެވެ. ބޮޑު ބިސްކޯދުގަނޑެއް އަނގަޔަތެރެއަށް ލައިގެން އިން ނާޒީ ހުމްމް އަޅުވާލިއެވެ. މީކާން ވަރަށް ރަނގަޅަށް އީރަމް ކުރި ހަރަކާތް ހަނދާންކޮށްލުމަށްފަހު ހަމަ އެ ހަރަކާތް ނާޒީއަށް ދައްކާލިއެވެ. ނާޒީގެ އަނގަޔަތެރޭ އޮތް ބިސްކޯދުގަނޑު އަނގައިން ބޭރުވެގެން ދިޔައިރު ކޮށިއަރައިގެން ދިޔަދިޔާނުން ފޯނުވެސް އޭނާ އަތުން ވެއްޓުނެވެ. މީކާން ކެތްމަދުވެފައި އިނދެ ނާޒީއަށް ގޮވަމުން އަވަސްކުރުމަށްއެދުނެވެ. ފެންކޯވަރެއް ބޯލުމަށްފަހު ނާޒީ ހަމަޖެހިލިއެވެ. އެއަށްފަހު އަދިއެއްފަހަރު އެ ކުރި ހަރަކާތްކުރުމަށް އެދުނެވެ. ނާޒީ ހިނިތުންވުމަކާއި އެކު މީކާންއާއި ވާހަކަދެއްކިއެވެ.

“އެކުއްޖާ މީކާން ކައިރި ބުނި އެއްޗެއްތަ ތީ؟” ނާޒީ އެހެން އެހުމާއި އެކު މީކާން ބޯޖަހާލިއެވެ. އަދި އަވަހަށް ބުނެދިނުމަށް އެދުނެވެ.

“މީކާން އަށް އިނގިލިދިއްކޮށްފައި ހެދިއްޔާ އެބުނީ މީކާން އަކީ ވަރަށް ކްލާސީ، އެލިގަންޓް މީހެކޭ، ނޫނީ ވަރަށް ރީތި ސްމާރޓު މީހެކޭ… ރީތިކަމާއި ގުޅުން ހުރި ބައެއް ބަސްތަކަށް ތި އިޝާރާތް އިންނާނީ… އެހެންވީމަ އެކުއްޖާ އެބުނީ މީކާން ރީތިވާހަކައެއްނު، ކްލާސީ ވާހަކައެއްނު..” ނާޒީ އެހެން ބުނުމާއި އެކު މީކާން އަށް ހެވުނެވެ. އަދި އިތުރު އެއްޗެއް ބުނުމަކާއި ނުލާ ފޯނު ކަނޑާލުމަށްފަހު އެކަމުގެ އުފާ ފާޅުކުރަމުންދިޔައީ މީހަކު ލޯބިވާވަހަކަ ބުނެގެން އުފާކުރާހާ ވަރަށެވެ.

“އަހަރެންވެސް ޖެހޭނެތާ ޖަވާބެއް ދޭން..” މީކާން އެހެން ބުނުމަށްފަހު ކާރު ދުއްވާލީ ކުރިންވެސް ދާން ރޭވިފައިވާ ގެ ކަމުގައިވާ އޭނާގެ ދޮންދައްތަމެން ގެޔަށެވެ. އީރަމްއާއި އެކު ހޭދަކޮށްލެވޭ ވަގުތު އިތުރުވާން އޭނާ ބޭނުންވެފައެވެ. އެވަގުތުތަކުގައި އޭނާ އަމިއްލަ ނަފްސުމަތިން ހަނދާންނެތެއެވެ. ބޮލުމަތީވާ ކަލު ވިލާގަނޑުމަތިން ހަނދާންނެތެއެވެ.

………………………

އަނެއްދުވަހު އޮފީހަށް ގޮސް އީރަމް އާއި ބައްދަލުކުރަން ކެތްމަދުވެފައި ހުރި މީކާން އިރުއިރުކޮޅާ ކުރަން އިން މަސައްކަތް ދޫކޮށްލާފައި ދޮރާއި ދިމާލަށް ނަޒަރު ދިއްކޮށްލެވެއެވެ. ލިބިފައިވާ ކުޑަ އުފާވެރިކަމެއްގެ ސަބަބުން ލަމްޔާގެ ހިތިހަނދާންތަކުން އޭނާ ދުރުވެވިފައި ވިއެއްކަމަކު އެ ހަނދާންތަކަކީ އޭނާއަށް އުނދަގޫކުރާނެ އެއްޗެކެވެ. އަދި އެއެއްޗެއްގެ ސަބަބުން އޭނާ ދެވަނަ ފަހަރަށްވެސް އީރަމް އާއި ދުރުވުން ވަރަށް ގާތެވެ. މީކާން ގޮނޑިން ތެދުވެލުމަށްފަހު ބިއްލޫރިގަނޑާއި ކައިރިވެލިއެވެ. އޭނާގެ ކޮނޑާއި ހަމައަށް ހުންނަ ފްރޮސްޓެޑް ގްލާސް ގެ މަތީ ބައި އޮންނަނީ ހާމައަށެވެ. އެހިސާބުން އީރަމްމެން ކެބިން ސާފުކޮށް އޭނާއަށް ފެނެއެވެ. ހަމްދާ ކެބިންގައި ނެތުމުން މީކާން އެ ލިބުނު ފުރުސަތުގެ ބޭނުންހިފައި މަސައްކަތަށް ގެއްލިފައި އިން އީރަމްގެ ސަމާލުކަން ދަމައިގަތުމުގެ ބޭނުމުގައި ބިއްލޫރިގަނޑުގައި މަޑުމަޑުން ޖަހާލިއެވެ. އީރަމް އިސްއުފުލާ އަޑުއައި ދިމާލަށް ބަލައިލިއިރު މީކާން ފެނި އޭނާ ދެލޯ ބޮޑުވެގެންދިޔައެވެ. ވަށައިގެން މުޅި ކެބިންއަށް ބަލާލުމަށްފަހު އޭނާ މީކާންއަށް ބަލައިލުމުން މީކާން ހިނިތުންވިއެވެ.

އަތުގެ އިޝާރާތުން އީރަމް އަށް އެއްޗެއް ބުނެދިނުމަށްފަހު ހަމަ އެ ބާރުމިނުގައި އެތަނުން ދުރަށް ދިޔައެވެ. އަދި ގޮނޑީގައި އިށީނުމަށްފަހު މަސައްކަތަށް ރުޖޫއަވީ އީރަމްއަށް ވާނެގޮތް ބަލާލަން ބޭނުންވިޔަސް އެތާ ހުންނަން ނުކެރިގެންނެވެ. އަންހެނަކަށްވުރެ އަވަހަށް ލަދުގަނެޔޭ ކިޔާ މީކާން އަމިއްލަ ނަފްސަށް މަލާމާތްކޮށްލިއެވެ. ހައިރާންވެފައި އިން އީރަމް ދެތިންފަހަރު ކަޅިޖަހާލިއެވެ.

“އަހަރެންނަށް ހަމަ ހީވި އެއްޗެއްތައެއީ؟ ސަރ އެބުނީ އަހަރެން ރީއްޗޭ… އެކަމް.. ސަރ އަށް އިނގުނީތަ އަހަރެން ބުނި އެއްޗެއްގެ މާނަ… އޭގެ ޖަވާބު އެދިނީ އެގޮތަށް.. އޯ ނޯ… ނާޒީ…” އީރަމްގެ ހިތަށް އުފާވެރިކަމުގެ ހިޔަނި އެޅުމުގެ ކުރިން ހިތާމައިގެ ސާލު އެޅި އެހިތް ފޮރުވާލިއެވެ. މީކާން އެކަހަލަ އެއްޗެއް ބުނާނޭކަމަކަށް އޭނާ އުއްމީދެއްނުކުރެއެވެ. މަޖާވެފައި އެކަހަލަ ބަސްތަށް ބުންޏެއްކަމަކު އީރަމްއަށް އެފަދަ ރައްދެއް ދޭން މީކާންއަށް ހިތްވަރުދިނީ ހުދު އީރަމްއެވެ. ނާޒީ އަށް ދެރައެއްލިބޭނޭ އެއްވެސް ކަމެއްކުރާކަށް އީރަމް ބޭނުންނުވާއިރު ރޭގައި އެކުރެވުނީ ވަރަށް ގޯސްކަމެއްކަން އޭނާގެ ހިތަށް އެރިއެވެ. އެކުޑަކުޑަ ހަރަކާތުން އެކަނިވިޔަސް ގުޅުމެއް ނިމިގެން ދާކަށް ގިނައިރެއްނުނަގާނެވެ. އީރަމްގެ ދެލޯ ފެންކަޅިވިއެވެ.

އުފަލުން ފޮޅިފައި އިން މީކާން ސިހުނީ ދޮރުހުޅުވާފައި އެތެރެއަށް ވަތް ފިރިހެނަކު ފެނިފައެވެ. އޮފީހުގެ އިސް މަޤާމު އަދާކުރަމުން އަންނަ ޔޫސުފް އަކީ ވިޔަފާރި ކަންކަމުގައި އޭނާ ވަރަށް އިތުބާރުކުރާމީހެކެވެ. ހާއްސަކޮށް އެއް ‘ފީލްޑް’ އެއްގައި މަސައްކަތްކުރާ އެހެން ވާދަވެރި ކުންފުނީގެ އައު ޕްރޮޖެކްޓްތަކުގެ މައުލޫމާތުތަކާއި އެމީހުން ވިޔަފާރީތަކަށް ގެންނަ ބަދަލުތަކާއި ގުޅުވާލައިގެން މީކާންގެ ވިޔަފާރިއަށް ގެންނާނެ ބަދަލުތަކާއި ޕްރޮޖެކްޓްގެ މަސައްކަތް ކުރަނީ ޔޫސުފްއެވެ. އޭނާ އަކީ ކުޅަދާނަ މީހެކެވެ. ޔޫސުފު އެއައީ ބޮޑު ހަބަރެއް ހިފައިގެންނޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. “ކިހިނެއްވީ ޔޫސުފް..” ނުލާހިކު ހިތްހަމަޖެހިފައި އިނދެ މީކާން ވާހަކަދައްކާތަން ފެނި ޔޫސުފްވެސް ހައިރާންވިއެވެ. އެހާ ހަމަޖެހިފައި މީކާން އިންނަތަން ވަރަށް މަދުންނޫނީ ނުފެނެއެވެ. ނަމަވެސް މިހާރަކަށްއައިސް މީކާންގެ މޫޑު ރަނގަޅުވެފައި ހުންނަތަން ފެނުން މިވަނީ އާންމުކަމަކަށްވެފައެވެ.

“ކުރިންދުވަހަކު ސަރ ބުނީމެއްނު ކުއްޖެއް ހޯދަން….” ޔޫސުފު ހަނދާނަށް ގެނެސްދިން ވާހަކައަކުން މީކާން ގެ ހިނިތުންވުން ފަނޑުވެގެންދިޔައެވެ. ސީރިއަސް ކަމާއި އެކު ޔޫސުފް ބުނި އެއްޗަކަށް ބޮލުގެ އިޝާރާތުން ޖަވާބުދިނެވެ.

“މީގެ އަހަރުތަކެއްކުރިން އޭނާ ނިޔާވެއްޖެ.. އަމިއްލައަށް މަރުވީކަމަށް..” ޔޫސުފު އިތުރަށް ފުރިހަމަނުކުރެވުނީ މީކާންއަށް އައި ކުއްލި ބަދަލު ފެނިފައެވެ. މީކާން ވަގުތުން އަތުގެ އިޝާރާތުން ޔޫސުފް ކައިރި ދިއުމަށް އެދުނެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައިރު ދެލޮލަށް ޖަމާވި ކަރުނަތަށް ގައިދުކޮށްލަން ވީ އުނދަގޫކަމަކަށެވެ. ޔޫސުފު ދޮރު ލައްޕާލި އަޑާއި އެކު މީކާންއަށް އަމިއްލަ މޭޒުމަތީ ކޮށްމުއްކަވާފައި ޖެހުނެވެ.

“ލަމްޔާ…..” މީކާން ގެ އަނގައިން އެ ނަން ނިކުތީ ހިތްދަތިގޮތަކަށެވެ. އޭނާގެ އަޑު ތުރުތުރު އަޅަމުންދިޔައިރު ލަމްޔާ އަމިއްލައަށް މަރުވެ ދިޔަ ހަބަރު ވީ އޭނާއަށް ގަބޫލުކުރަން އުނދަގޫވި ހަބަރަކަށެވެ. އޭނާގެ ބޮލުގައި އެ ޖުމްލަތަށް ތަކުރާރުކޮށް އިވެމުންދިޔުމާއި އެކު ބޮލުގައި ހިފަހައްޓާލެވުނެވެ. ހަމަޖެހިލަން ބޭނުންވެފައި އިން މީކާން އޮފީހުގެ އެކި ދިމާދިމާލަށް ކަޅިއެއްލަމުންދިޔައެވެ. ލޮލުގައި އަޅައިގަންނަ ކޮންމެ އެއްޗެއްގެ ނަން އަނގައިން ކިޔޭތޯ ބަލަމުންދިޔައީ އޭނާގެ ސިކުނޑި އަމިއްލަ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ ގޮތުންނެވެ. އެގޮތުގައި އެތަށް އިރަކު މީކާންއަށް އިނދެވުނެވެ. އޭނާގެ ލަސްލަހުން އަސްލުހާލަތަށް ބަދަލުވެގެން ދިޔައެއްކަމަކު ދެލޮލުގައިވާ ކަރުނަތަށް ދިޔައީ ގިނަވަމުންނެވެ.

މީކާން ކޮއްޅަށް ތެދުވެލުމަށްފަހު ބިއްލޫރިގަނޑާއި ކައިރިވެލީ އީރަމްގެ މޫނުދެކިލުމަށްޓަކައެވެ. އެ ހާސްކަމުގެ ކުޑަ ވަގުތުކޮޅުތެރޭގައި އޭނާއަށް އީރަމްގެ ސޫރަފެނުނުކަމުން އޭނާ ހުރީ ހައިރާންވެފައެވެ. މީކާން ބަލާލިއިރު އީރަމް އެއްދިމާލަކަށް ގެއްލިފައި އިންތަން ފާހަގަކުރެވުނެވެ. ފުންވިސްނުމެއްގައި އީރަމް އިންއިރު އޭނާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތަށް މީކާންއަކަށް ސިއްރެއްނުވިއެވެ. އަމިއްލަ ނަފްސާއިމެދު ވިސްނާލުމެއްނެތި މީކާން ބިއްލޫރިގަނޑުގައި ޖަހާލުމުން އީރަމް އޭނާއާއި ވީ ފަޅިއަށް އެނބުރެލިއެވެ. މީކާން ގެ މޫނުމަތިން ފެނުނު ކުލަވަރުން އީރަމްގެ ސުވާލުތަށް ވީ އިތުރަށް ގިނައެވެ. ރީތިވަރަކަށް ހުރި އިސްތަށިގަނޑު ހޭވިފައިހުރިއިރު ދެންމެ އޭނާއަށް ފެނުނު މީކާންއާއި ހާސްބައި ތަފާތެވެ. އީރަމް ގޮނޑިން ތެދުވެލުމަށްފަހު ބިއްލޫރިގަނޑާއި ކައިރިވެލިއެވެ. އިސްކޮޅުން ކުރުކޮށް ހުރި އީރަމް އަށް މީކާން ބަލަންޖެހުނީ އިސްތިރިކޮށްލައިގެން ހުރެއެވެ. އީރަމް ކިހިނެއްވީތޯ ސުވާލުކުރީ އަތުގެ އިޝާރާތުންނެވެ. މީކާންއަށް ވަރަށް ބޮޑު ކަމެއް ވެއްޖެކަން އީރަމްއަށް ޔަޤީންވިއެވެ. މީކާން ދެކޮޅަށް ބޯހަރަކާތްކޮށްލާފައި އީރަމް ކައިރި ކިހިނެއްވީތޯ އެހިއެވެ. އީރަމް ދެކޮޅަށް ބޯހަރަކާތްކޮށްލާފައި ހިނިތުންވެލިއެވެ. މީކާންގެ އެންމެ ބަލާލުމަކުން އީރަމްއަށް އެދިމާލަށް ހިނގައިގަނެވުނުކަމާއި މެދު ޝަކުވާކުރެވުނެވެ. އީރަމް މީކާންއަށް ފަސްއެނބުރުނެވެ. އަދި މަސައްކަތަށް ރުޖޫއަވީ މީކާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ހިނިތުންވެލާފައެވެ.

……………………….

ބުރަ މަސައްކަތަކަށްފަހު އެންމެންނަށްވުރެ ލަހުން މަސައްކަތް ނިންމާލާފައި ހަމްދާއާއި އެކު އީރަމް ނިކުތެވެ. އޭރުވެސް މީކާންގެ ކާރު އޮތުމުން މީކާން ގެޔަށް ނުދާކަން އީރަމްއަށް އިނގުނެވެ. މީކާން ކައިރި ވީގޮތެއް އޮޅުންފިލުވަން ކިތަންމެ ބޭނުންވެފައި ހުއްޓެއްކަމަކު އީރަމް ލަސް ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތެވެ.

“އީރަމް..” އީރަމް ސިހުނީ މީކާން ގޮވާލިއަޑަށެވެ. މީކާން އޭނާ ކައިރި ކާރަށް އެރުމަށް ބުނުމުން އީރަމް ދެފަރާތަށް ބޯހަރަކާތްކޮށްލިއެވެ. އަދި އަނެއްކާވެސް ހިނގައިގަތެވެ. މީކާން އީރަމްގެ ފަހަތުން ހިނގައިގަތީ އީރަމް އަށް ވީގޮތެއް އޮޅުންފިލުވުމަށްޓަކައެވެ. ރޭގައި އެހާ މަޖާވެފައި އުޅެއުޅެފައި މިއަދު މިވީ ކީއްބާއެވެ؟ އީރަމްގެ ލަސްފިޔަވަޅުތަކާއި އެއްވަރުކޮށްލަމުން މީކާން ވާހަކަދައްކަންފެށިއެވެ.

“އަހަރެންނަށް އިނގޭ މިހެން އީރަމް ފަހަތުން ނުޖެހޭނެކަން ދާކަށް.. އެކަމް އަހަރެން ބުނިންދޯ ކަމެއް ވެއްޖެއްޔާ އަހަރެން ކައިރި ބުނާށޭ.. މިއަދު އީރަމް އިންގޮތުން އަހަރެންނަށް އިނގޭ ކަމެއްވީކަން.. އޮފީހުގައި މީހަކު އެއްޗެއް ބުނީދޯ؟ އަހަރެން ކައިރި ދޮގު ނުހަދަ ބުނައްޗޭ..” މީކާން ކުރީގެ ވާހަކައެއް ހަނދާންކޮށްލަމުން އީރަމްއާއި ސުވާލުކޮށްލިއެވެ. އީރަމް ވަގުތުން ދެފަރާތަށް ބޯހަރަކާތްކޮށްލިއެވެ. މީކާންގެ އޮފީހުގައި އުޅޭ ހުރިހާ މުވައްޒަފުންނަކީވެސް އޭނާއަށް ވަރަށް އިޚުތިރާމްކުރާ ރަނގަޅު އެކުވެރިންތަކެކެވެ. ކުރީގައި އޭނާ އޮފީހުގައި އުޅުނު މީހުންނާއި ވަރަށް ތަފާތު އީރަމްއާއި މެދު ވިސްނާ ބައެކެވެ. އީރަމްގެ ޖަވާބާއި އެކު މީކާން ފިޔަވަޅުތަށް ހުއްޓާލިއެވެ. އެއާއި އެކު އީރަމް ފަސްއެނބުރި މީކާންއާއި ކުރިމަތިލިއެވެ.

“އަހަރެންނަށް ޖަވާބު ލިބިއްޖެ.. އެހެންވެ މިދަނީ…” މީކާން އެހެން ބުނެފައި ފަސްއެނބުރި ހިނގައިގަތެވެ. މީކާން އޭނާ ކައިރިއަށް އެއައީ އެހެން އަހަން އެކަނިހެއްޔެވެ؟ ދެން މީކާންއަށްވެފައި ހުރީ ކީއްހެއްޔެވެ؟ މީކާން ހުއްޓުވަން އީރަމް ކިތަންމެ ބޭނުންވިޔަސް އޭނާވެސް މީކާންއަށް ފަސްއެނބުރި ހިނގައިގަތެވެ. މީކާންގެ ހާލަތު ގޯސްވެފައި ހުރި ވަރު އީރަމްއަށް ރީއްޗަށް ފެންނަމުންދިޔައެއްކަމަކު އޭނާ ހިތްހަމަޖައްސުވައިދިނުމަކީ އޭނާގެ ޒިންމާއެއްނޫނެވެ. ކިތަންމެ ބޭނުންވިޔަސް އެކަން އޭނާ ކުރާނީ ވަކި ކޮން ހައްޤަކުންހެއްޔެވެ؟

ނުނިމޭ

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަނދިރިފަރާތް 40

Next

ނުވާނަން ތަފާތެއް… 16

Next
March 31, 2020

ނުވާނަން ތަފާތެއް… 16

Previews
March 30, 2020

އަނދިރިފަރާތް 40

8 Comments!

  1. Ryn says:
    March 30, 2020 at 10:11 pm

    Salaam and surprise. I was thinking to make a surprise post. and THIS PART IS PROBABLY VERY SURPRISING TOO, AS YOU SEE, LAMYA IS DEADDD!!! Meekan ah move on kureveynetha? Eeram aai meekan gulheynetha? 😛
    Anyways, let me know your opinions. Thankyou <3 🙂 Goodnight TC and I will be replying to comments. Next part tomorrow morning In Sha Allah.

  2. Alaaya says:
    March 30, 2020 at 10:46 pm

    Ohh..God..hama balabalaa Mi inee ryn up kuraane namaey hithaa.. Wow.. Mi part ves hama habeys… Curiously Waiting for seeing what’s happening next… Good nyt.. Be safe..LY..

    1. Ryn says:
      March 30, 2020 at 10:58 pm

      Hahahah Thankyou. I will be doing these kind of surprise posts without giving you all any notice. Hope you liked it. Thankyou. Goodnight and Love you too 🙂

  3. Yan♥️ says:
    March 30, 2020 at 10:47 pm

    Varah reethi ehenvejeyaa lamyaa aa eeram aa ehvx gulhumeh nehdho eeram aa meekaan aa gulheynyvx eeram ah meekaan aai naazeyge hagygah igunymaehnu.
    Thankolheh Avas koh naazee aai meekaan ge hagygah eeram ah dhahkabaa
    #be safe and TC

    1. Ryn says:
      March 30, 2020 at 10:58 pm

      Lets see dhw gulhumeh veythoa or nuveythoa. And thankyou
      Take acre 🙂

  4. Liyaa says:
    March 30, 2020 at 11:04 pm

    V reethi vaahaka ?❤️?

  5. Yanaa says:
    March 30, 2020 at 11:15 pm

    but Lamya eii Eeram hen Yanaa ah heevanii..???nd meekaan nd Eeram gulheyne hen heevanii Nazee eii meekaan dhontha kan inguneema…?? btw mi part varah varah varah reethi ❤❤❤
    maa sha allah????waiting waiting waiting for the next part.❤❤❤❤❤❤❤

  6. Megan says:
    March 31, 2020 at 11:08 am

    Btw kithha parts inanee mi story ga….. Waiting for next love u

Comments are closed.


All Right Reserved!