މީކާން އެދުވަހު އެނބުރި ގެޔަށްދިޔައީ ނާޒީ އާއި އެކު އިނގިރޭސި އަކުރުތަކަށް ހުންނަ ސައިންތަކާއި އަމިއްލަ ތައާރަފް ދޭނެ ގޮތް ދަސްކޮށް އަދި އޭގެ ޗާރޓެއްވެސް ހިފައިގެންނެވެ. އެތަށްއިރަކު މީކާން އަންނަންދެން ސިޓިންގރޫމްގައި އިށީނދެ އިން މުނާ އިނީ ކަންތަށްބޮޑުވެފައެވެ. މީކާންއަކީ އޮފީހުން އަންނަގޮތަށް ގެއިން ބޭރަށް މަދުފަހަރަކު ދާމީހަކަށްވެފައި ދާއިރުވެސް ދާނީ މުނާ ކައިރި ބުނެފައިކަމުން މިއަދު އޭނާއަށް ނާންގާ އެދިޔަތަނެއް ބަލަން މުނާ ހުރީ ބޭނުންވެފައެވެ. މީކާން ގެ އުމުރުން ސައުވީސް އަހަރުވީއިރުވެސް މުނާގެ އަތްފައި އެދިރިއުޅުމަށް ނުވަދެ ނުދެއެވެ. މީކާން ކުރާ ކޮންމެކަމެއްވެސް އޭނާ ހޯދަންބޭނުންވެއެވެ. ދާ ކޮންމެތަނެއް އިނގެންބޭނުންވެއެވެ. ވާހަކަދައްކާ މީހުންނަކީ ކޮބައިކަން އިނގެންބޭނުންވެއެވެ. އެތެރެއަށް ވަދެގެން އައި މީކާން ފެނި މުނާ ސޯފާއިން ތެދުވީ ހަމަކުއްލިއަކަށެވެ. މީކާން ހައިރާންވެފައި މުނާއަށް ބަލައިލުމަށްފަހު އަތުގައި އޮތް ކުޑަ ޗާރޓު މުށުތެރޭ ފޮރުވާލެވޭތޯ މަސައްކަތްކުރިއެވެ.
“ކޮންތާކުން މީކާން ތިއައީ؟ ކޮންއިރަކު ބޭރަށް ދިޔަމީހެއް ތީ؟ ފޯނުވެސް ނުނަގަމެއްނު..” މުނާ ހިތްހަމަނުޖެހިފައި އެހެން ބުނުމުން މީކާން ހިންދިރުވާލިއެވެ. މަންމަގެ ގޮތް ރަނގަޅަށް އިނގޭތީވެ އޭނާ މިހާރު ކުރަން ފަށާފައިވާ ކަންތަކުގެ ވާހަކަ ބުނަން އޭނާ ފަސްޖެހެއެވެ. މަންމަ އެކަމަށް ހުރަސްއަޅާފާނެތީއެވެ. އެގޮތަށްވެއްޖެނަމަ މީކާންއަށް މަންމަ އިޚްތިޔާރު ކުރަން މަޖުބޫރުވާނެއެވެ. ބަދަލުގައި އެހުރީ ކޮންމެމީހަކަށްވިޔަސް ހެވެވެ.
“މިއައީ ބޮޑުދައްތަ ގެޔަށްގޮއްސާ މަންމާ.. ވަރަށް ދުވަސްވެއްޖެއެއްނު ނުދާތާ.. ބޮޑުދައްތަ ވަރަށް ޝަކުވާކުރި.. ދޮންދައްތަ ގެޔަށްވެސް ނުދާ ވާހަކަ ދޮންދައްތަ ވެސް ކިޔައޭ ބުނި….” މީކާން އެހެން ބުނުމުން މުނާ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނެވެ. މީކާންގެ ބައްޕަ އާއިލާ އަކީ އޭނާ އެހާ ހިތްހަމަޖެހޭބައެއް އުޅޭ އާއިލާއަކަށްނުވުމުން އެދޭތެރޭ ވާ ގުޅުން ދަމަހައްޓާކަށް އޭނާ ނޭދެއެވެ. ހާއްސަކޮށް މީކާންގެ ބައްޕަ ދުނިޔޭގައި ނެތުމުން އިތުރަށް އެމީހުންނަށް ބަލާހަދާކަށް ނުޖެހޭނެކަމަށް އޭނާ ޤަބޫލުކުރެއެވެ.މަންމަގެ މޫނަށް އައި ބަދަލުތަށް މީކާންއަށް ފެނުނެވެ. މަންމަ އެމީހުންދެކެ އެހާ ހިތްހަމައެއްނުޖެހޭކަން އޭނާއަށް އިނގުނަސް އެ ގުޅުންތަށް ވަރުގަދަކުރަން އޭނާ މިއަދު އަޒުމްކަނޑައެޅިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނާގެ ބައްޕަ އާއިލާގައި ތިބި ހަމައެކަނި މެމްބަރުންނެވެ.
“ހުމްމް.. އެކަމް މަންމަ ކައިރި ނުބުނެ ދިޔައީމަ މަންމަ ހާސްވީ…” މުނާ ވާހަކަކުރުކޮށްލާފައި އެހެން ބުނުމުން މީކާން ހީލިއަޑުއިވުނެވެ.
“މީ ދެން ކުޑަކުއްޖެއްވެސް ނޫނެއްނު މަންމާ..” މީކާން މަޖާވެލާފައި އެހެން ބުނުމާއި އެކު މުނާ އަށް ލިބުނީ ސިހުމެކެވެ. މިއީ އެއްއިރެއްގައިވެސް މީކާން އޭނާއާއި ދިމާލަށް ބުނެފައިނުވާ އެއްޗެކެވެ. މީކާން ހީލާފައި ދިޔައިރުވެސް މުނާއަށް އެހުރިގޮތަށް ހުރެވުނެވެ. މީކާންއަށް ބަދަލެއް އައިއްސިކަން ޔަޤީނެވެ. މީކާން އޭނާގެ އަތުން ސަލާމަތްވެގެން ދަނީބާއޭ އޭނާގެ ހިތަށް ދިޔައީ އަރަމުންނެވެ.
ވަގުތުން މުނާ ފޯނު ނަގާ ޑައިލްކޮށްލީ ނަމްބަރަކަށެވެ. އެކޮޅުން ފޯނު ނެގިލެއްވެސް އަވަހެވެ. “މީކާން… މިހާރު ކޮންކަމެއް ކުރަނީ؟ ވަކި ހާއްސަކަމެއް އެބައިންތަ؟” މުނާ އަވަސްއަވަހަށް ސުވާލުކޮށްލިއެވެ.
“ނޫން… މިހާރު އިމާރާތުގެ މަސައްކަތް ނިމި ވިޔަފާރީގެ މަސައްކަތް ކުރިއަށްވުރެ ރަނގަޅަށް ކުރަން ފަށައިފި.. އިތުރުކަމެއް ފާހަގައެއްނުކުރެވޭ..” އެކޮޅުން ވާހަކަދެއްކި ބަރުއަޑު ބުނެލިއެވެ. އެ ޖަވާބަކުން މުނާގެ ހިތަކަށް ހަމަޖެހުމެއްނުލިބުނެވެ.
“ނޫން.. އިތުރު ބަދަލެއް ނޫނީ އައުކަމެއްވިޔަސް..؟” މުނާގެ ސުވާލަށް ޖަވާބުދޭން އެކޮޅުން ގިނައިރުތަކެއް ވިއެވެ.
“އައުކަމެއް ފާހަގައެއްނުކުރެވޭ.. އެކަމް އޮފީހަށް އަލަށް އެސިސްޓެންޓެއް ވަދެފި.. ވާހަކަނުދެއްކޭ ކުއްޖެއް.. އިތުރު ހަމަ އެއްވެސްކަމެއް ނެތް..” އެކޮޅުންލިބުނު ޖަވާބުން ދެންވެސް މުނާއަށް ހިތްހަމަޖެހުމެއްނުލިބުނެވެ. އޭނާ ވަގުތުން ފޯނު ކަނޑާލުމަށްފަހު ސޯފާމައްޗަށް ވެއްޓިގަތެވެ.
“ވާހަކަނުދެއްކޭ ކުއްޖެކޭ؟ އެކުއްޖާއާއި މީކާންއާއި ކޮން ގުޅުމެއް އޮންނާނީ؟ ކޮންމެ ގޮތެއްވިޔަސް މީކާން އަކީ އަމިއްލަ އެދުންބޮޑު މީހެއް.. ހަރުކަށިއުސޫލު ގެންގުޅޭ މީހެއް.. އާދައިގެ އަންހެންކުއްޖަކަށް ނުކުރެވޭ ކަމެއް އެ ނުކުޅެދޭ ކުއްޖާގަނޑަށް ވަކި ކުރެވޭނެތަ؟ އަހަރެން މާ ގަދަޔަށް ކަންތަކާ ވިސްނާތީ ވާކަމެއް ކަންނޭނގެ.. މީކާން އަބަދުވެސް ނަށާނީ އަހަރެންގެ ބެރަށް…” ދަތްކުނޑި ވިކާލާފައި މުނާ އެހެން ބުންޏެއްކަމަކު އޭނާގެ ހިތުގައި އެތަށް ސުވާލުތަކެއް ވަނީ އުފެދިފައެވެ. އޭނާއަށްވުރެ މުހިންމު މީހެއް މީކާންގެ ދިރިއުޅުމަށް އަންނާކަށް އޭނާ ބޭނުމެއްނުވެއެވެ.
…………………………
ހަތަރުދަމު ހޭލާ އޮވެ މީކާންއަށް ކުރެވުނު ހަމައެކަނި ކަމަކީ އެ އަކުރުތަކުގެ ފަހަތުގައިވާ އިޝާރާތްތަށް ދަސްކޮށް އަމިއްލަ އަތުން އެ ހަރަކާތްތަށް ގެނައުމެވެ. އޭނާގެ ތޫނު ސިކުނޑިއަށް އެ އިޝާރާތްތަށް ދަސްވެލިލެއް އަވަހެވެ. އެއާއި ޚިލާފަށް އީރަމް އުޅުނީ އެދުވަހު ގެޔަށްދިޔަގޮތަށް ދޮންމަންމައާއި އެކު ބަލަން ދިޔަ ބައެއް ކޮޓަރިތަކުތެރެއިން ކޮޓަރިއެއް ފައިނަލްކޮށް އެތަނަށް ބަދަލުވުމުގެ ކަންތައްތަކުގައެވެ. ވީހާވެސް އަވަހަށް އޭނާ ބަދަލުވާން ބޭނުންވާއިރު ސާނިހު ހުންނަނީ އޭނާއާއި ދިމާލަށް ކަޅިއެއްލަ އެއްލައެވެ. އެކަން ފާހަގަކުރެވުނަސް އީރަމް އެޔަށް މާބޮޑު ފަރުވާލެއް ނުބަހައްޓަނީ މިގެއިން ސަލާމަތްވުމާއި އެކު ނުބައި ނަޒަރުން ސަލާމަތްވާނެކަން އިނގޭތީއެވެ. އީރަމް އެދުވަހު އޮފީހަށް ދިޔަގޮތަށް ގޮސް ހަމްދާއާއި ބައްދަލުކުރީ ފުޅާ ހިނިތުންވުމަކާއި އެކުގައެވެ. އަދި އެތަށްއިރެންވަންދެން އޮފީހުގައި އިނދެ ނިންމި މަސައްކަތް ދައްކާލުމުން ހަމްދާ ހިނިތުންވެލާ އީރަމްއަށް އެތަށް ޝުކުރުއް އަދާކުރިއެވެ. އީރަމް ހަމްދާ ކައިރި މާމަކޮބައިތޯ އަދި ރަނގަޅުތޯ ސުވާލުކުރުމުން އިއްޔެއަށްވުރެ ރަނގަޅުކަމަށް ބުނެ ނިންމާލިއެވެ.
އެދުވަހުގެ މަސައްކަތްތަށް ނިންމާލުމަށްފަހު ދެމީހުންވެސް ދޮރުމަތިން ވަކިވެގެންދިޔައިރު އީރަމްވެސް މަޑުފިޔަވަޅުތަކެއްގައި ހިނގަންފެށިއެވެ. އީރަމް ނިކުންނަންދެން ކާރުތެރޭ މަޑުކޮށްލައިގެން އިން މީކާން ނިކުމެ އީރަމްއަށް ގޮވާލިއެވެ. އީރަމް ފިޔަވަޅުތަށް ހުއްޓާލާ އެނބުރިލިއިރު ހިނިތުންވުމަކާއިއެކު ކާރު ކައިރި މީކާން ހުއްޓިހުރިގޮތުން އޭނާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. މީކާން ލައިގެން ހުރި ހުދުގަމީސް ކިތަންމެހާވެސް ރީތިވެފައި މީކާންއާއި ގުޅެއެވެ. މީކާން އޭނާއަށް އެ ގޮވި ބޭނުން ހޯދުމުގެ ގޮތުން އީރަމް އަތުން ކިހިނެއްވީތޯ އިޝާރާތްކޮށްލިއެވެ.
“ހައި.. އަހަރެންނަކީ މީކާން..” މީކާން އޭނާ ހަރަކާތްކުރަމުން ދިޔަ އަތަށް ނަޒަރު ހުއްޓާލައިގެން ހުރެ އުނދަގޫގޮތަކަށް އިޝާރާތްކޮށްލިއެވެ. އޮފީސްތެރޭއާއި ކާރުތެރޭ އިނދެ އެތަކެއްފަހަރު ތަކުރާރުކޮށް ފަރިތަކުރިއެއްކަމަކު އީރަމްގެ ކުރިމަތީ ހުރެ އެކަންކުރުން އޭނާއަށްވީ އުނދަގުލަކަށެވެ. މީކާން އީރަމްއަށް ބަލައިލިއިރު އީރަމްގެ ދެލޯ ހުރީ ބޮޑުވެފައެވެ. އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ފާޅުވެގެންދިޔަތަން މީކާންއަށް ފެނި އެބުނި އެއްޗެއް އީރަމްއަށް ނަގައިގަނެވިއްޖެކަން ޔަޤީންވިއެވެ. އޭނާގެ އަސްލު ބޭނުމަކަށްވީ އީރަމްއަށް އޭނާ ކުރާ އިޝާރާތްތަށް ދޭހަވޭތޯ ބެލުމެވެ.ރައްދުގައި އީރަމް ފަރިތަކަމާއި އެކު އަތަށް ހަރަކާތްތަކެއް ގެނައުމުން މީކާންއަށް އެބުނި އެއްޗެއްގެ މާނަ ނޭނގުނެވެ.
“ތަންކޮޅެއް ލަސްލަހުން…” ބޯކަހާލަމުން މީކާން އެހެން ބުނިހާއިރުން އީރަމްއަށް ހެވުނެވެ. އަދި އަތުގެ ހަރަކާތުން އޭނާވެސް އަމިއްލަ ތައާރަފެއް ދިނީ މީކާންއަށް އިނގިލިތަކަށް އެ އަންނަ ބަދަލުތަށް ދެނެގަންނާނެހާ ލަސްލަހުންނެވެ.
“އަހަރެންނަކީ އީރަމް.” އީރަމް ކުރި ހަރަކާތުގެ މާނަ އެނގުމާއި އެކު މީކާން އުފަލުން ފޮޅުނެވެ. އޭނާގެ މޫނުމައްޗަށް ވެރިވި އުޖާލާކަން ފެނި އީރަމްއަށްވެސް ހިނިތުންވެވުނެވެ. އީރަމް އަތުން ހަނާއަޅާލުމަށްފަހު އަވަސްއަވަހަށް ފަހަތަށް އެނބުރި ހިނގައިގަތީ މީކާންގެ އެ ކުޑަ އިޝާރާތުން އޭނާގެ ހިތުގައިވާ ގޮތް ނޭނގޭ އިހުސާސް ބަންޑުންވާންފެށީހެން ހީވެގެންނެވެ. މީކާން އެކަހަލަ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބައިތޯ އެތަކެއްފަހަރު އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. މީކާންއަކީ މުއްސަނދި އަދި ބާރުގަދަ ވެރިއަކަށްވެފައި އީރަމްއަކީ ނުކުޅެދޭ ބަލި ކުއްޖެކެވެ. އެހާ ބޮޑު ތަފާތެއް ދެމެދުގައިވާއިރު މި ކުރެވެނީ އަނެއްކާ ރަނގަޅުކަމެއްބާއެވެ.
އީރަމް ފުންވިސްނުމެއްގައި ހުއްޓާ އޭނާ އާއި ދާދި ކައިރިން ލާފައި މީކާންގެ ކާރު ދިޔައިރު އޭނާ އިނީ އީރަމްއަށް ބަލަހައްޓައިގެންނެވެ. އީރަމްއަށް މީކާން ކަމުދަނީކަމާއި މެދު އޭނާއަށް ހީވިހީވުން މިއަދު ޔަޤީންކުރެވިގެންދިޔައީ އެހިތަށް ވަމުންދިޔަ ގޮތްތަކުންނެވެ. މީކާން ފެނުމުން އޭނާއަށް ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. ނަމަވެސް މީކާން އެފަދަ ގޮތަކަށް އޭނާއާއި ދޭތެރޭ ނުދެކޭކަމާއި އީރަމްއަށް އޭނާގެ “ޖާގަ” އޮޅިގެންނުވާނޭކަމަށް އަމިއްލަ ނަފްސަށް ބުނެދިނެވެ. ކޮންމެ ގޮތެއްވިޔަސް އީރަމް އާއި މީކާން ހާސްބައި ތަފާތެވެ.
“އޭނާއަށް އިނގުނު އަހަރެން ބުނި އެއްޗެއް.. މިއަދު ކުލާހަށް އެހެންވީމަ ދާނަން. އޯކޭ..” ނާޒީއަށް މެސެޖުކޮށްލާފައި މީކާން ފޯނު ބޭއްވުމަށްފަހު އަނެއްކާވެސް މަގުމައްޗަށް ސަމާލުކަންދިނެވެ. އީރަމްއާއި ދޭތެރޭ ވިސްނެމުންދިޔައީ ދާދިދެންމެއަކު އޭނާއަށް އީރަމްދިން ބޮޑު ހަދިޔާއެއްގެ ސަބަބުންނެވެ. އެމައުނަވީ ހިނިތުންވުމެއްގެ ސަބަބުންނެވެ. އީރަމް އެކަހަލަ ގޮތަކަށް ހިނިތުންވެލިތަން އޭނާ ދެކިފައިނުވިއެއްކަމަކު ފުރަތަމަ ފަހަރަށް އެފެނި އޭގެ މަސްތުގައި ޖެހެވިއްޖެކަން ޔަޤީންވިއެވެ.
“ލަމް..ލަމްޔާ..” އެތަކެއް ދުވަސްވަންދެން ހަނދާނުން ކަށްސާލެވިފައިވާ އޭނާގެ ޖަލްޕަރީގެ ހަނދާން އާވެގެން ދިޔުމާއި އެކު މީކާންއަށް މަގުގެ އެއްފަޅީގައި ކާރު މަޑުކޮށްލެވުނެވެ. އޭނާގެ ހިތްއޭރު ދިޔައީ އޮބިނޯންނަވަރަށް ތެޅެމުންނެވެ. ލަމްޔާ ގެ ކޮންމެ ހަނދާނަކީ އޭނާއަށް ލޯތްބަށްވުރެ ބޮޑަށް ހިތްދަތިކަން ދޭ ހަނދާންތަކެއްކަން އޭނާއަށް އިނގުނެއްކަމަކު ލަމްޔާ އަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. ވެވުނު ހަމައެކަނި ލޯތްބެވެ. އެ ހިނިތުންވުމާއި އެ ސާދާކަމާއި ރީތި ސިފަތަކަކީ އޭނާ ދަގައްފާނެއްހެން ލަމްޔާގެ ފަހަތުން ދުވަންމަޖުބޫރުކުރި ބާރުތަކެކެވެ. ލަމްޔާގެ މަތިން އޭނާ އެހާފަސޭހައިން ހަނދާން ނައްތާލެވޭނެހެއްޔެވެ؟ ހާއްސަކޮށް ލަމްޔާ ގެ ދިރިއުޅުން ހަލާކަށް ގެނައި ހަމައެކަނި މީހަކީ އޭނާކަމަށްވުމުން އެހާ އަވަހަށް އެކަމުން ސަލާމަތްވެވޭނެހެއްޔެވެ؟
އީރަމްގެ ކޮންމެ އާދައަކުން ލަމްޔާ ސިފަވަނީ އެއީ އަދިވެސް އެހިތުގައި ލަމްޔާ އޮތީމަބާއެވެ؟ އޭނާގެ ދިރިއުޅުމުން ލަމްޔާ ގެއްލިގެން ދިޔައެއްކަމަކު އެދެލޮލުގައިވެސް އަދި އެހިތުގައިވެސް ވަނީ ލަމްޔާގެ ރިވެތި ސޫރަކަން އިނގެނީ އެސޫރަ ދެކިލުމަށްއެދި މަގުމަތިން ހުރަސްކަނޑާލާ ކޮންމެ މޫނަކަށް ނަޒަރު ހުއްޓޭތީއެވެ. އެ ފަރި ހަރަކާތްގެންނަ ކޮންމެ އަންހެނަކަށް ބަލާލެވެނީ އެއީ ލަމްޔާއޭ ހިތްބުނާތީއެވެ. ލަމްޔާ ނެތެއްކަމަކު ލަމްޔާގެ ހަނދާންތަކުން މީކާން ދުރުނުވާއިރު އީރަމްއާއި މެދު މިހާވަރަކަށް މިވިސްނެނީ އީރަމްއާއި ލަމްޔާގެ ބައެއް ސިފަތަށް އެއްގޮތްވީމަހެއްޔެވެ؟ އެ ސާދާ ހިނިތުންވުމާ ރިވެތި މިޒާޖެވެ. ނަމަވެސް ނަމާއި އެއްވަރަށް އެދެމީހުންވެސް ތަފާތެވެ. އެހިތުގައި ގައިދުވެފައިވާ ލަމްޔާގެ ލޯބި ފޮހެވެނީބާއެވެ؟ ވަރުގަދަ ހަށިގަނޑެއް ލިބިފައިހުއްޓެއްކަމަކު މީކާންގެ ހިތުގައި ހިނގަމުންދިޔަ ޖަޒުބާތީ އޮއިވަރު އެ ބިޔަ ހަށިގަނޑަކަށް ހިންދައެއް ނުލެވުނެވެ. ކަރުނައިގެ ސިފައިގައި ބޭރުވަމުންދިޔައިރު މީކާންއަށް ދިޔައީ އެތަށްކަމަކާއި މެދު ހިތާމަކުރެވެމުންނެވެ. ލަމްޔާއަށް ދިމާވި ކޮންމެ ހިތްދަތިކަމަކީ އޭނާގެ ފުށުން ދިމާވިކަމެއްކަމަށް ގަބޫލުކުރެވުމީ އޭނާއަށް މި ހިތްދަތިކަމުން ސަލާމަތްނުވި އެއް ސަބަބެވެ.
ހިތްދަތިކަމުގެ އޮއިވަރުގައި ޖެހިފައި އިން މީކާން އިނީ ހިތާއިވީދިމާލުގައި އަތްއަޅާލައިގެންނެވެ. އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔައީ ވަކިވަރަކަށްނޫނެވެ. ލަމްޔާ އެދުވަހު ބުނި ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމަމުންދިޔައީ އެތަށްބައެއްގެ ރުއިމާއި ހަޅޭކާއި އެކުގައެވެ. މީކާންއަށް ކަންފަތުގައި އަތްއަޅާލެވުނުއިރު ދުނިޔެ އެނބުރޭހެންވެސް ދިޔައީ ހީވަމުންނެވެ. ހުއްޓުމެއްނެތި ލޮލުން އަންނަމުންދިޔަ ކަރުނަތަށް ނުހިފެހެއްޓުނުތާންގާ އޭނާގެ ހަށިގަނޑަށް އަރަމުންދިޔަ ލޮޅުންގަނޑުންވެސް މަތަނުކުރެވުނެވެ. މީކާން ސިއްސައިގެންދިޔައީ ކާރުދޮރު ހުޅުވުނުއަޑަށެވެ. އޭނާ އެދިމާލަށް ނަޒަރު ހިންގާލިއިރުވެސް އެދެލޯ ވަނީ ފުސްވެފައެވެ. ދެފަހަރަކު ލޯހުޅުވާ މަރާލުމާއި އެކު މަންޒަރު ސާފުވެގެންދިޔައެވެ. ކުރިމަތީ ހާސްވެފައި ހުރި ނާޒީ ފެނި އޭނާ އަށް އިތުރަށް ކޮންޓްރޯލްކުރުން ވީ އުނދަގޫކަމަކަށެވެ. ޖެހިގެން އިން ސީޓުގައި އިށީނދެލުމަށްފަހު ނާޒީ މީކާންގެ މޫނުގައި ހިފަހައްޓާލީ ކިހިނެއްވީތޯ ސުވާލުކުރަމުންނެވެ. އެންމެ ލޯބިވާ ކޮއްކޮ އެފަދަ ހާލެއްގައި ހުރިތަން ފެނުނު މީ ފުރަތަމަ ފަހަރުކަމުން ނާޒީއަށް ކުރި އިހުސާސް ބަޔާންކުރަން ވީ އުނދަގޫކަމަކަށެވެ. އޭނާގެ ދެލޯ ފެންކަޅިވެ ހިތަށް ތަދުވެގެންދިޔައެވެ. ކުލިނިކަށް ދިޔަ މަގުމަތީ މީކާންގެ ކާރު ހުއްޓާފައި އޮތްތަން ފެނި އޭނާ އަވަސްއަރުވާލާފައި އައީ މީކާން އެފަދަ ގޮތަކަށް އިންނާނެކަމަށް އުއްމީދުނުކުރާހާލުގައެވެ. އެތަށް ސުވާލުތަކަކުން އޭނާ ބަނދެވުނެއްކަމަކު އޭނާ މަސައްކަތްކުރީ މީކާން ހަމަޔަކަށް އެޅުވޭތޯއެވެ.
“މީކާން… ބަލާ.. މީ ދޮންނާއެއްނު މީކާންގެ.. ހަމަޖެހިލާ.. މިހިރީއޭ މީކާން ކައިރި… އިޓްސް އޯކޭ…” މީކާންގެ ބޮލުގައި ފިރުމަމުން ދިޔަ ނާޒީ ދެތުންފަތް ފިއްތާ ބާރުކޮށްލީ މީކާންގެ ކުރިމަތީ ބަލިކަށިނުވުމަށެވެ. މީކާން އަށް ދިމާވި ހާދިސާގައި އޭނާއަށް އަސަރުކުރި މައިގަނޑު ސަބަބު ފޮރުވިފައިވިއެއްކަމަކު އޭނާ ކުރިމަތިލަމުން އަންނަ އަނދިރިދުވަސްތަކަކީ ނާޒީއަށް ނޭނގޭ އެއްޗެއް ނޫނެވެ. ނިދުމަށްޓަކައި މީކާން ބޭސްކެއުމާއި ސްޓްރެސްވުމާއި ގުޅިގެން އޭނާއަށް ލިބޭ އެޓޭކްތަކަކީ ނާޒީއަށް ނޭނގޭ ކަންތައްތަކެއްނޫނެވެ.
“ދޮންނާ… އަހަރެންނާއި ހެދި…. ލަމްޔާ..” މީކާންގެ އަނގައިން ޖުމްލައިގެ އެއްބައި ނިކުތެއްކަމަކު ދެން އޮތްބައި ފުރިހަމަކުރުމުގެ ބަދަލުގައި އޭނާ ދެއަތުން މޫނުފޮރުވާލައިގެން އިރުކޮޅަކު އިނެވެ. އިތުރު ސުވާލެއް ނުވަތަ ވާހަކައެއްވެސް ދެއްކުމެއްނެތި މީކާން ކައިރީ ނާޒީ އެތަށްއިރެއްވަންދެން އިނެވެ. މީކާން ހަމަޔަކަށް އެޅެން އެތަށްއިރެއް ނެގިއެވެ. ކުލިނިކަށް ދާންވެފައި އިން ނާޒީ އެކަންވެސް މަޑުޖައްސާލާފައި މީކާން ކައިރި އިނީ މިގަޑީ އޭނާއަށް އެންމެ މުހިންމުވާނީ މީކާން ކަން އެނގިހުރެއެވެ.
“މީކާން…!” ހަމަހިމޭންކަން ފޫދުއްވާލަމުން ނާޒީ ގޮވާލިއެވެ. މީކާން ދެތިންފަހަރު ކެއްސާލުމަށްފަހު ކަރުކެހިލާފައި ކާރު ދުއްވާލީ ހަމަކުއްލިއަކަށެވެ. ނާޒީއާއި ދިމާ ނުބަލަން އޭނާ މަސައްކަތްކުރަމުން ދިޔައިރު ނާޒީ އިތުރަށް އޭނާއާއި ސުވާލުކުރަން ނުހެދީ މީކާން އަމިއްލައަށް ހުރިހާ ވާހަކައެއް ކިޔައިދޭނެ އިރަކުން މެނުވީ އޭނާ އެވާހަކަތަށް ހޯދަން ބޭނުންނުވާތީއެވެ. މީކާންގެ ކާރު މަޑުކޮށްލީ ނާޒީގެ ކުލިނިކް ހުންނަ ގޯޅި ކުރިމައްޗަށެވެ. ނާޒީ ހިނިތުންވެލުމަށްފަހު މީކާންގެ އަތުގައި ހިފަހައްޓާލިއެވެ.
“މީކާން.. ދޮންނާ އަބަދުވެސް މިހުރީ މީކާން އަޑުއިވޭހާ ހިސާބުގައި.. ކޮންމެ ވާހަކައެއް ދައްކަންބޭނުންވިޔަސް މެސެޖަކުންވިޔަސް ހަބަރެއްވެލާތި.. އަހަރެން އަބަދުވެސް މީކާންއަށް ސަޕޯޓްކުރާނަން..” ކާރުން ފޭބުމުގެ ކުރިން ނާޒީ އެހެން ބުނުމުން މީކާން ނާޒީއާއި ދިމާލަށް ބަލައިލިއެވެ. މިގަޑީ ކިތަންމެ ރީއްޗަކަށް އިނެއްކަމަކު އެމޫނުމަތިން އެކަނިވެސް މީކާން ދެންމެއަކު އެ ތަހައްމަލު ކުރީ އާދައިގެ ކަމެއްނޫންކަން ނާޒީއަށް އިނގެއެވެ.
މީކާންގެ ކާރު ހުރަސްކަނޑާލި ތަން ބަލަން ހުރި އީރަމްއަށް ދެން ބަލައިލެވުނީ ހަމަ އެކާރުން ނިކުމެ ކުލިނިކްތެރެއަށް ވަދެވަދެ ހުރި ނާޒީއަށެވެ. ނާޒީ މީކާންއަށް ބަލަހައްޓައިގެން ހުރިގޮތާއި މީކާން ނާޒީއަށް ބަލައިލިގޮތް ސާފުކޮށް އީރަމްއަށް ފެނުނެވެ. ހަމައެއާއި އެކު ނާޒީ މީކާންގެ އަތުގައި ހިފަހައްޓާލުމަށްފަހު އެއްޗެއް ބުނެފައި ދިން މައުނަވީ ހިނިތުންވުން އީރަމްއަށް ނުހަނު ގާތުން ފެނުނެވެ. އީރަމްއަށް ފެނުނު މަންޒަރުން ނަގަންވީ މާނަ ސިކުނޑި ބުނެދިނެވެ. މީކާންގެ ދިރިއުޅުމުގައި އިތުރު ބައިވެރިއެއް ހުރިކަން ހިތަށްއެރުމާއި އެކު އީރަމްގެ ހަނދާނަށް އައީ މިއަދު މީކާން ކުރި ކަންތައްތަކެވެ.
” ކޮންމެ ގޮތެއްވިޔަސް އަހަރެންނަކީ މީކާންސަރ ގެ މުވައްޒިފެއް.. މީކާން ސަރ ބޭނުންވީ ކަންނޭނގެ އަހަރެންނާއި އެއަށްވުރެ ރަނގަޅަށް ވާހަކަދައްކާ ކަންތަށް އޮޅުންފިލުވަން.. ކާކަށް އަބަދު ވަގުތުލިބޭނީ އަހަރެން ލިޔެލިޔެފައި ދޭ އެއްޗެއް ކިޔަން.. އެހެންނޫނަސް މީކާންސަރ ކީއްކުރަން އަހަރެންނަށްޓަކައި އެ ކަމެއްކުރަންވީ.. އަހަރެންގެ މޮޔަކަން..” އީރަމް ހިނިތުންވެލިއެވެ. ނަމަވެސް އެދެލޮލާއި ހަމައަށް އެ މައުނަވީ ހިނިތުންވުމުގެ އަސަރެއް ނުކުރިއެވެ. އެދެލޮލުން ކަރުނަހިލޭގޮތްވީ ކީއްވެކަން ޚުދު އޭނާއަށްވެސް ނޭނގުމީ އެތަށް ސުވާލުތަކެއް އަނެއްކާވެސް ހިތާއި ކުރަންޖެހުނު އެއްސަބަބެވެ. އީރަމް ހަމައަކަށް އެޅިލުމަށްފަހު ކުލިނިކްތެރެއަށް ވަދެގެން ދިޔައީ ހަފްތާއަކު ތިންދުވަހަށް ބަހާލައިގެން ކުރިއަށްދާ ސްޕީޗްތެރަޕީގައި ބައިވެރިވުމަށެވެ.
………………….
ފާއިތުވެގެންދާ ކޮންމެ ދުވަހެއްގައިވެސް އީރަމް އާއި މީކާން މަސައްކަތްކުރަމުންދިޔައީ އެކަކު އަނެކަކުގެ ކުރިމައްޗަށް ނާރާވޭތޯ ބެލުމަށެވެ. ސަބަބެއްނެތިއެއްނޫނެވެ. އީރަމް ފެނުމާއި އެކު މީކާންއަށް އައިސްދާނެ ބަދަލުތަކާއި މެދު މީކާން ބިރުގަންނަނީއެވެ. އޭނާގެ ސިކުނޑި ހަނދާން އައު ކޮށްދޭ މަންޒަރުތަކުން ވީހާވެސް ދުރަށް ދުވަން އޭނާ ބޭނުންވެއެވެ. އީރަމްއަށް މީކާން ފެންނަ ކޮންމެފަހަރކު ހިތުގައި ރިއްސާލަނީ އެޔެއްމިއެއް ބަލާފައެއްނޫނެވެ. އީރަމްއަށް މިފަދަ އިހުސާސްތަށް ކުރަންޖެހުނު ސަބަބެއް އޭނާއަކަށް ނޭނގުނެވެ. އޭނާ މީކާން އާއި މެދު އެހާ ވަރުގަދަ އިހުސާސްތަކެއް އުފެދިފައި ނުވާކަން އީރަމްއަށް އިނގެއެވެ. އެއިން ދުވަހެކެވެ. އީރަމް އަވަސް ފިޔަވަޅުތަކެއްގައި ފައިލު ހިފައިގެން ބާރުބާރަށް ހިނގަމުންދިޔައީ ފަހަތުން މީކާން އަންނަނީހެން ހީވެގެންނެވެ. މީކާން ކެބިންއަށް ވަނުމުގެ ކުރިން އޭނާ އަވަހަށް ފައިލު ބާއްވާފައި އެތަނުން ނިކުންނަން ބޭނުންވެއެވެ. ފަޔަށް ނުލެވޭހާވަރުގެ ބޮޑެތި ފިޔަވަޅުތަށް އަޅަމުން ދިޔަ އީރަމް ކެބިންގެ ދޮރުގައި ލައްގަނެފައި ފަސްއެނބުރި އަދި އެއްފަހަރު ބަލާލިއެވެ. އެއަށްފަހު ދޮރުގައި ލެނގިގަނެގެން ހުރެ ކޮށްޕާލަމުން އެތެރެއަށް ވަނީ ބޭރަށް ނިކުންނަން ދޮރުހުޅުވަން ތައްޔާރުވި މީކާންއާއި އެކުގައެވެ. އެފަދަ ކަމަކަށް ތައްޔާރުނުވެ ހުރި މީކާން އަރިއަޅާލިއެވެ. ނަމަވެސް އީރަމް މީކާންގެ އަތުގައި ހިފަހައްޓާލިކަން ނަސީބެވެ.
ލިބުނު ސިހުންތެރޭގައި ދެމީހުންނަށްވެސް އިރުކޮޅަކު އެހެން ތިބެވުނެވެ. ދުރުމިނުގައި އެހާ ގާތްކަމެއް ނެތްކަމަކު އެދެމީހުން އެކަކު އަނެކަކަށް ނަޒަރު ހުއްޓާލައިގެން ތިބީ ފިލްމެއްގެ މަންޒަރެއްފަދައިންނެވެ. މީކާން ހަމަޖެހިލުމުގެ ގޮތުންދެފައި މައްޗަށް ރީތިކޮށް ކޮށްޅަން ހުރެ ހަށިގަނޑު ސީދާކޮށްލިއެވެ. އީރަމްވެސް އަވަސްއަވަހަށް މީކާންގެ އަތުން ދޫކޮށްލުމަށްފަހު މައާފަށް އެދުމުގެ ގޮތުން އިސްޖަހާލިއެވެ. އެންމެ ރަނގަޅުކަމަށް މީކާން ބުނިއަޑަށް އީރަމް މީކާންއަށް އަވަސް ނަޒަރެއް ދީފައި ފައިލު ދިއްކޮށްލިއެވެ. އޭގައި މީކާންއަށް ރަނގަޅަށް ނުވެސްހިފެނިސް އަވަސްއަރުވާލާފައި އީރަމް ނިކުމެގެންދިޔައީއެވެ. މީކާން ގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފައިލު ހިފައިގެން އޭނާ ގޮނޑީގައި އިށީނުމަށްފަހު އެ ހުޅުވާލިއެވެ. އޭނާ ބޭރަށް ދާންއުޅުނު ބޭނުން ފުދުމުން ހިތްހަމަޖެހިލައިގެން އިނދެފައި ވާތްފަރާތަށްވީ ކަބަޑު ހުޅުވާލީ އޭގައި ގެންގުޅޭ ކުންފުނީގެ ތައްގަނޑު ނެގުމުގެ ގޮތުންނެވެ. ނަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ އެހެން އެއްޗެކެވެ.
“އީރަމްގެ ފޮތް..” މީކާން އެ ފޮތް ނަގާ ދެފަރާތަށް ބަލައިލިއެވެ. މީ އެދުވަހު އީރަމް އިންޓަވިއު އަށް އައިއްސާ ބާއްވާފައި ދިޔަ ފޮތްކަން ހަނދާނަށް އައުމުން އޭނާ އެ ހުޅުވާލީ އެތެރޭގައި ލިޔެފައި ހުންނާނެ އެއްޗެއް އިނގެން ބޭނުންވެގެންނެވެ. ކޮންމެ ގަނޑެއްގައިވެސް ވަނީ އޭނާ ދައްކަން ބޭނުންވާ ވާހަކަތަށް ލިޔެފައެވެ. ކުރީގައި މަސައްކަތް ކުރި އޮފީހާއި ބެހޭ ބައެއް މައުލޫމާތުތަކާއި އިންޓަވިއުއަށް އައިދުވަހު އީރަމް ލިޔެފައި ހުރި އެއްޗެހިވެސް އެ ފޮތުގައި ހުއްޓެވެ. އީރަމް ގެ ހިތްވަރުގަދަކަން މީކާންއަށް އިހުސާސްވުމާއި އެކު އަމިއްލަ ނަފްސަށް ހިނިތުންވުމެއްދެވުނެވެ. މަސައްކަތުގެ މައިދާނުގައި އޭނާ ކެރިގެން ހުރިހާ މަސައްކަތެއް ކުރަމުންދާތަން ފެނި އެކަމާ އުފާކުރެވުނެވެ. ފަޚުރުވެރިވެވުނެވެ. އެއަށްފަހު އަތުގެ އިނގިލިތަކަށް ހަރަކާތްތަކެއް ގެންނަމުން އިއްޔެ ނާޒީއާއި އެކު ދަސްކުރި ބައެއް ކުރު ޖުމްލަތަށް ހަނދާންއާކޮށްލިއެވެ. އީރަމްއާއި ދުރަށް ކިތަންމެ ދުވިއެއްކަމަކު އޭނާ އާދަވެގެން ކޮންމެދުވަހަކު ނާޒީ ކައިރިއަށް ގޮސް ސައިންލޭންގްއޭޖް ދަސްކުރެއެވެ. ނާޒީ އެގަޑީގައި އޭނާއަށް ކުރި ތައުރީފު ހަނދާންވެގެން ދިޔުމާއި އެކު އޭނާއަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
“މީކާން ތިހާ އަވަހަށް ދަސްކުރަންޏާ މާ ގިނަދުވަހެއް ނުނަގާނެ. ވަރަށް ރަނގަޅު..” ނާޒީގެ ބަސްތަށް މީކާންއަށް އިތުރަށް މަސައްކަތްކުރުމަށް އަޒުމް ވަރުގަދަކުރެވުނެވެ. އަދި ކުރިން ދަސްކުރި ބައެއްތަކެތި ހަނދާނަށް ގެނެސް އޭގެ މާނަތަށް ހޯދަންފެށިއެވެ.
……………………….
“އީރަމްގެ މަސައްކަތް ރަނގަޅުތަ؟ ވަޒީފާ އަދާ ކުރާތަނާއި އެތަނުގެ މީހުން ރަނގަޅުތަ؟” ނާޒީ އީރަމްއާއި އެސުވާލުކުރީ މީގެ ދުވަސްގަނޑެއްކުރިން އީރަމް އައު އޮފީހަކުން ވަޒީފާ ލިބުނު ވާހަކަ ބުނި ހަނދާންވެގެންނެވެ. އީރަމް ފަނޑު ހިނިތުންވުމެއް ދިނުމަށްފަހު ޖަވާބުގައި ރަނގަޅުކަމަށް ބުންޏެވެ.
“އީރަމް… ކިހިނެއްވެފައި މިހާރު އިންނަނީ… މިހާރު އެހާ ވާހަކަވެސް ހިއްސާއެއްނުކުރޭ.. ރަނގަޅަށް ބޭސްކަންތަ އެބަ؟ ކަމެއް ގޯހީތަ؟” އީރަމްގެ އާދަތަކަށް އައިސްފައިވާ ބަދަލުތަށް ފާހަގަކޮށް ނާޒީ އެސުވާލުކުރުމުން އީރަމް ދެފަރާތަށް ބޯ ހަރަކާތްކޮށްލިއެވެ. އޭނާ ކިތަންމެ ބޭނުންނުވިޔަސް ނާޒީ ފެނުމާއި އެކު ސިފަވެގެންދަނީ މީކާންއާއި ނާޒީގެ ފަރާތުން ފެނުނު ކުޑަކުޑަ ހަރަކާތެވެ. ނާޒީއަށް ކިތަންމެ އިތުބާރުކުރިއެއްކަމަކު އޭނާގެ ހިތަށް އެމަންޒަރު ސިފަކުރެވިގެންދާ ކޮންމެފަހަރަކު ހިތުގައި ރިއްސާލައެވެ.
“އޮފީހުގައި މާ ރީތި މީހަކު އުޅެނީތަ؟ ބުނެބަލަ ބުނެބަލަ.. އަހަރެން އަބަދުވެސް އަޑުއަހަމެއްނު އީރަމް ދައްކާ ވާހަކަ؟” މަޖަލަކަށް ހަދައިގެންވެސް ނާޒީ ބޭނުންވީ އީރަމް ހިތުގައި ފޮރުވިފައިވާ އެއްޗެއް ދެނެގަންނާށެވެ. އީރަމްގެ ސަޕޯޓު އޭނާއަށް ނުލިބޭހާ ހިނދަކު އީރަމް ރަނގަޅުނުކުރެވޭނެކަން އޭނާއަށް އިނގެއެވެ. އީރަމްގެ މޫނުމައްޗަށް އައި ބަދަލާއި އެކު ނާޒީގެ ދެލޯ ބޮޑުވެގެންދިޔައެވެ. އޭނާ އުއްމީދުނުކުރާ ރައްދެއް އީރަމްގެ ފަރާތުން ލިބުމުން ހައިރާންވެފައި އީރަމްގެ އަތުގައި ހިފަހައްޓާލިއެވެ.
“ސީރިއަސްކޮށް..؟؟؟” ނާޒީ އެސުވާލުކުރުމާއި އެކު އީރަމް ވަގުތުން އިސްޖަހާލިއެވެ. ކިތަންމެ ބޭނުންވިޔަސް ނާޒީފަދަ މޮޅު ޑޮކްޓަރަކަށް އޭނާގެ އިހުސާސްތަކެއް ފޮރުވައެއްނުލެވޭނެއެވެ.
“ހުމްމްމް މިއަދު އަހަރެންގެ ކުޑަކުޑަ އީރަމް ބޮޑުވީތަ؟ އީރަމް ހަނދާންވޭތަ މިކޮޅަށް އީރަމް އާއިރު އީރަމް ހާދަކުޑައޭ.. މިހާރު ބަލާބަލަ އައިއްސާ ހުރިތަފާތުތަށް.. އީރަމް އެއްކޮށް ބޮޑުވެއްޖެ ހަމަ.. އަދި މިއަދު ތި ލިބުނު ހަބަރުން ޔަޤީންވެސްވެއްޖެ.. ދެން ބުނެބަލަ.. ކާކުތައެއީ؟ މާ ރީތީތަ ނޫނީ ކަމުދާންފެށީތަ؟’
“ނޫން… އެކަމު އޭނާގެ ދިރިއުޅުމުގައި އެހެން މީހަކު އެބަހުރި ކަންނޭނގެ… އެހެންވީމަ…” އީރަމް އަތުގެ އިޝާރާތުން ބުނި އެއްޗަކުން ނާޒީ ތުންއޫކޮށްލިއެވެ. އެއިތުރު ފަރާތަކީ ނާޒީކަން އަންގާކަށް އީރަމް ބޭނުމެއްނުވެއެވެ. ނާޒީ އަކީ ދޮންމަންމަ ފިޔަވާ އީރަމްއަށް ހެޔޮއެދޭ ހަމައެކަނި ފަރާތެވެ. އީރަމްގެ ސަބަބުން ނާޒީގެ ދިރިއުޅުމަށް ހުރަހެއްއެޅިގެން ނުވާނޭކަން އޭނާ ގަބޫލުކުރެއެވެ. ނާޒީ އީރަމްއަށް ހިތްވަރުދިނުމުގެ ގޮތުން ކޮނޑުގައި ފިރުމާލިއެވެ. އެވާހަކަ އިތުރަށް ނުދެއްކުމަށް މިހަފްތާތެރޭ ކުލިނިކްގައި ކުރިއަށް ގެންދާނެ ބައެއް ކަންތަށްތަކުގެ ވާހަކަހިއްސާކުރިއެވެ. އަދި އީރަމްވެސް އޭގައި ބައިވެރިވާންޖެހޭކަމަށް އެދުނެވެ.
“އިންޑިއާއިން ޑޮކްޓަރެއް ވަރަށް އަވަހަށް އެބައާދޭ… އޭނާ މި ކުލިނިކްއަށް ފަރުވާ ހޯދަން އަންނަ ހުރިހާ ބަލިމީހުންގެ ޓެސްޓްތަކެއް ހަދާ ސުވާލުތަކެއް ކޮށް، ބައިވަރު ސްކޭންތަށް ހަދާ ފަރުވާ ރަނގަޅުކުރެވޭނެ ގޮތްތަށް ބުނެދީ ހަދާނެ… އީރަމްޖެހޭނެ އެ ޑޮކްޓަރަށް ފުލް ސަޕޯޓް ދޭން.. ފަހަރެއްގައި އޭނާ ބޭނުންވެދާނެ އީރަމްގެ ބޮލުގެ އެމްއާރއައި ސްކޭން ބަލަން… އެހެންވީމަ އަލުން ވާނެ އެކަންވެސް ކުރަން އިނގޭ…” ނާޒީގެ ވާހަކަތަށް ކަނުލާ އަޑުއަހަން އިން އީރަމްއަށް އެމްއާރއައި ގެ ވާހަކަ އަޑުއިވުމާއި އެކު މޫނަށް ގޮތެއް ހަދާލިއެވެ. މީގެ އަހަރެއްހާ ދުވަސްކުރިންވެސް އޭނާ ވަނީ އެ ސުކޭނެއް ހަދާފައެވެ. އެކަހަލަ ސްކޭންތަކަކީ އޭނާ އެއްގޮތަކަށްވެސް ކުރާ ހިތްވާ ކަންތަށްތަކެއްނޫނެވެ. ނަމަވެސް އޭނާ ރަނގަޅުވާން ބޭނުންނަމަ އެކުރަންބުނާ ކޮންމެކަމެއްވެސް ކުރަންޖެހޭނެއެވެ. ނާޒީ އަށް އީރަމްގެހިތަށް އަރަމުން އަންނާނެ އެއްޗެހި އިނގި ހިނިއަންނަގޮތްވިއެވެ.
“އީރަމް އަށް އެހާ އުނދަގުލެއްނުވެދާނެ އެ ޑޮކްޓަރާއި ކުރިމަތިލާން.. އެއީ އީރަމްއަށް ތިހެންވީ އުމުރުގެ ވަކި ހިސާބަކުންނު… އީރަމްއަށް އިނގެޔެއްނު ބަސްތަކާއި އަކުރުތަކާއި އެ އަޑުތަށް ނެރޭނެގޮތް.. އީރަމްގެ ސިކުނޑިއަށްވެސް އިނގޭ ބަސްތަށް ކިޔާނެ ގޮތާއި އަނގަޔަށް ހަދަންވީގޮތާ ނެރެންވީ އަޑާއި.. އެހުރިހާ އެއްޗެއް އިނގޭ.. އެކަމް އެކަމަށް ސިކުނޑި އެއްބާރުލުންނުދެނީ.. މި އަންނަ ޑޮކްޓަރަކީ ވަރަށް ތަޖުރިބާހުރި މޮޅު ޑޮކްޓަރެއް.. އިރާދަކުރެއްވިއްޔާ ކޮންމެވެސް ހައްލެއް މި ޑޮކްޓަރަށް ހޯދައިދެވިދާނެ..” ނާޒީގެ ހިތްވަރުގަދަ ބަސްތަކުން އީރަމްއަށް ލިބުނީ އުއްމީދެކެވެ. އެތަކެއްފަހަރު ރާއްޖޭގައި ކުރެވެން ނެތް ފަރުވާއަށް ބޭރުގައުމަށް ދާން ޑޮކްޓަރުން ބުންޏެއްކަމަކު މާލީހާލަތު ހުރިގޮތުން އެކަމަށް ކުރިއެރުން ނުލިބި އެކަމަށް ޝިފާއެއްވެސް ނުލިބުނެވެ. އެކަމާއި ވެގެން ސްޕީޗްތެރަޕީ އަށް އީރަމް ގެންނަން އޭނާގެ ބައްޕަ ނިންމީ ކޮންމެވެސް ހައްލެއް އެކަމަށް އައިސްދާނެކަމަށެވެ. އީރަމްފަދަ އެތަށް ބަޔަކު ރާއްޖޭގައި ލިބެން ނެތް އެ ފަރުވާ ހޯދުމަށް ބޭރުގައުމުތަކަށް ގޮސްފައިވެއެވެ. އަދި ރަނގަޅު ވެގެން އައިސްފައިވެސް އެބަތިއްބެވެ. އީރަމްވެސް އުއްމީދުކުރަނީ އެކަހަލަ ދުވަހެއް އޭނާއަށްވެސް ދައްކަވާތޯއެވެ.
ނުނިމޭ
5 Comments!
Comments are closed.
Goodmorning guys! Have a great day and let me know what you think about the story? and Guess what’s gonna happen next? Take care. Be safe 🙂
so far good. if i guess whats gonna happen next it might be a spoiler.
Soo good….I just don’t have words to describe how amazing this story is…and day by day its becoming interesting….and ryn u know what, irdk how many times now I have read u r all stories…idk why,,but I never get bored when I read u r stories…keep going gurl….lysm???❤️❤️
V reethi. ???Yeap you are right Zan it might be a spoiler. ????
Varah reethi ? Masha Allah