Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-3

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
March 30, 2020 5 Mins Read
6 Comments

ރޭގަނޑު 8 ޖަހައިފިއެވެ. ދުވަހަށް ހަމަޖެހިފައިވާ ހުރިހާ މަސައްކަތެއް ނިމުމުން ރައިހާ ގޮނޑީގައި ލެނގިލަމުން މޯޅިއަކަށް ދެމިލިއެވެ. ވޯކް ޓޭބަލްގައި ހުރި ފައިލްތަކާއި ގަނޑުތައް ތަރުތީބު ކޮށްލުމަށްފަހު ސައިޑް ބޭގް އަތަށް މަހާލަމުން ބޭރަށް ނިކުންނަން އޭނާ ހިނގައިގަތެވެ.

ދެވަނަ ފަންގިފިލާގެ ހޯލްވޭއިން ހިނގާފައި އަައި އިރު މުޅި މާހައުުލުގައި ވަނީ ހަމަހިމޭންކަމެވެ. ހޯލްވޭގެ ދެފަރާތުގައި ބަލިމީހުންގެ ކޮޓަރިތައް ހުރި އިރު ކޮންމެ ކޮޓަރިއެއްގެ ދޮރުކައިރީ ނަންބަރ ބޯޑެއް ހަރުކުރެވިފައިވެއެވެ. ރައިހާ އަށް އިނގުނު ގޮތުގައި އެއީ ބަލިމީހާ ފާހަގަ ކުރުމަށްޓަކައި ކޮންމެ މީހަކަށް ދެވިފައިވާ ހާއްސަ ނަންބަރެކެވެ. ހޯލްވޭގެ މެދަކާ ހަމައަށް ދެވުނުތަނާ ރައިހާއަށް ހުއްޓެން މަޖުބޫރުވީ ކަނާއަތްފަރާތުގަައި ހުރި ރޫމް 501 އިން ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑަށެވެ. އެ އަޑާ ވިދިގެން ފަނޑުފަނޑުކޮށް އިތުރު އަޑެއްވެސް ކޮޓަރިން އަންނަމުން ދިޔައެވެ.

ދެވަނަ ވިސްނުމެއްނެތި ރައިހާ ދުވެފައިގޮސް ކޮޓަރީގެ އޮޓަމެޓިކް ލޮކް އޭނާގެ ކާޑު ބޭނުންކޮށްގެން ހުޅުވާލިއެވެ. ކޮޓަރިއަށް ވަތް އިރު ކޮޓަރީގައި ހުރި ހުރިހާ އެއްޗެއްވަނީ ތަރުތީބެއް ނެތި އެތައްމިތަނަށް އުކާލެވިފައެވެ. ވެއްޓިފައި އޮތް ގޮނޑި ފެނުމުން އެ އިވުނު ބާރު އަޑަކީ ކޮބައިކަން ރައިހާ އަށް ނަގައިގަނެވުނެވެ. ދެން އެއްލި ކަޅިއަކުން ރައިހާ އަށް ފެނުނީ ކޮޓަރީގެ ކަނެއްގައި އިން ޒުވާނެކެވެ. އޭނާގެ ބޯ ފާރުގައި ތަޅަމުން ދިޔައިރު އަނގައިން މަޑު އަޑެއް ބޭރުވަމުން ދިޔައެވެ.

ދުވެފައިގޮސް ރައިހާއަށް އަތް އަޅާލެވުނީ އޭނާގެ ބޮލުގެ ފުރަގަހުގައެވެ. އެ ސިކުންތުގައި ބޯ ގޮސް ފާރުގައި ޖެހުނު ވަގުތު ރައިހާގެ އަތް ފާރާއި ދެމެދު ފިތުނެވެ. ދެލޯ މަރާ ތަގުޅި ކޮށްލެވުނީ އަތަށް ވީ ދިލަ ތަދެއްގެ ސަބަބުންނެވެ. ނަމަވެސް އަތަށްވީ ތަދުވެސް ހަނދާން ނެތިގެން ދިޔައީ ރައިހާ އަށް އެ ޒުވާނާގެ މޫނުފެނުމުންނެވެ.

އެއީ މިއަދު ހަވީރު ރައިހާގެ ޝައުޤުވެރިކަން އަތުލި ޒުވާނާއެވެ. ރައިހާ އަށް ލިބުނު ހައިރާންކަން ހާސްކަމަށް ބަދަލުވީ އޭނާގެ އަނގައިންނާއި ނޭފަތުން ފައިބަމުން ދިޔަ ލޭތަށް ފެނުމުންނެވެ. ތުންފަތް ހިކިގެންގޮސް ކަނޑަކަނޑައިގެން ގޮސްފައިވާ އިރު ދެލޯ ވަނީ މެރިފައެވެ.

ވަރަށް މަސައްކަތުން އަތުލަފިކޮށްގެން ޒުވާނާ ާފާރާއި ދުރުކުރުމަށްފަހު ދުވެފައިގޮސް ފާރުގައި ހަރުކުރެވިފައިވާ އެމަރޖެންސީ ސްވިޗް ޖައްސާލިއެވެ. މިނެޓެއް ނުވެ ކޮޓަރިތެރެއަށް ދުވެފަައި ސެކިއުރިޓީ ދެ މުވައްޒަފުން އައެވެ. އެމީހުންނަށް ވީގޮތް ކިޔައިދިނުމަށްފަހު ޒުވާނާ ފަރުވާދޭބަޔަށް އަވަހަށް ގެންދިޔުމަށް ރައިހާ އެދުނެވެ.

އެ ދެމުވައްޒަފުން ޒުވާނާ އަތުލަފި ކުރުމަށް މަސައްކަތް ކުރަމުން ދިޔައިރު ރައިހާ އެމީހުންނަށް އެހީވުމަށް އެޅި ފިޔަވަޅު މަޑުޖެހުނީ ކޮޓަރީގެ ދޮރާވީ ފަރާތުން އުސްކަށީގެ އަޑު އިވުމުންނެވެ.

ފަހަތް ބަލާލި އިރު ކޮޓަރިއަށް ވަދެގެން އަންނަނީ ޒުވާން އަންހެނެކެވެ. ހުދު ބްލޮއުޒް އަކާއެކު ކަޅުކުލައިގެ ޕެންސިލް ސްކާޓެއް ލައިގެން ހުރި އިރު ކަންފަތުގެ ފޫޅާ ހަމައަށް އަރާ އިސްތަށިގަނޑުގައި ވަނީ މަޑު މުށި ކުލައެއް ޖައްސާފައެވެ. ލޮލުގައި އައިލައިނާގެ އިތުރުން މަސްކަރާ ބޭނުން ކުރެވިފައިވާ އިރު ތުންފަތުގައި ވަނީ ގަދަ ރަތް ކުލަ ޖައްސާފައެވެ. ބަލާމެލުމަށް ބޮޑަށް ވައްތަރީ ރާއްޖެއިން ބޭރު އަންހެނަކާއެވެ. ނަމަވެސް އޭނާގެ ކަރުގައި އަޅާފައިވާ ފާހުގައި ސައިކޭޓްރިސްޓް ޑރ. މިޝަލީ ފާއިޒް ލިޔެފައިވުމުން އެއީ ދިވެހި ރައްޔިތެއްކަން ރައިހާ އަށް ނަގައިގަނެވުނެވެ.

“ޕޭޝަންޓް ގެންދޭ ތެރަޕީ ރޫމް އަށް.” ދެ ސެކިއުރިޓީ މުވައްޒަފުންނަށް އޭނާ އެންގިއެވެ.

“ހާލަތު ރަނގަޅު ވަންދެން ފަރުވާދޭ ޑިޕާޓްމެންޓަށް ގެންދިޔުން މާ ބުއްދިވެރިވާނެ ކަމަށް އަޅުގަނޑަށް ފެނޭ.” ޒުވާނާގެ ހާލަތާ މެދު ކަންބޮޑު ވާހާލު ރައިހާ ބުންޏެވެ.

” ހީ އިޒް މައި ޕޭޝަންޓް!” އަކުރުތަކަށް ބާރުލަމުން ރައިހާ އާއި ހަތަރު ކަޅި ހަމަކޮށް މިޝަލީ ޖަވާބު ދިނެވެ.
“ޕޭޝަންޓް ގެ ނޭފަތުންނާއި އަނގައިން ލޭ އައުމަކީ އާދައިގެ ކަމެއް ނޫން. ވަޓް އިޒް ހީ ޑައިގްނޯޒްޑް ވިތް؟” ރައިހާ ދޫދޭން ބޭނުން ނުވާ ކަހަލައެވެ.

“ކަމޯން.. މައިންޑް ޔޯރ އޯން ބިޒްނަސް. އަހަރެންގެ ޕޭޝަންޓް އާ ބެހޭ އެއްވެސް މަޢުލޫމާތެއް އެހެންމީހަކާއި ހިއްސާ ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް. ހާސް ވާން ޖެހޭ ކަމެއް މިތާ އޮތްކަމަކަށް ވެސް އަހަންނަކަށް ނުފެނޭ.. ޕްލަސް ހީ އިޒް ފައިން..” ރައިހާ އަށް ރައްދު ދިނުމަށްފަހު މިޝަލީ ހިނގައިގަތެވެ.

“ޔޫ ނޯ ހީ އިޒް ނޮޓް” މިޝަލީ ދޮރާ ހިސާބަށް ދެވުނުތަނާ އޭނާ އަަށް އަޑު އިވޭ ވަރަށް ރައިހާ ބުންޏެވެ. މިޝަލީގެ ފިޔަވަޅުތަކަށް މަޑު ޖެހުމެއް އައި ނަމަވެސް މަޑު ނުކޮށް އޭނާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
******************************************

ފެންވަރައިގެން ފާހާނާއިން ނިކުން އިރު ރައިހާގެ އަތުގައި ވީ ރިހުން އިތުރުވެފައިވިއެވެ. މާލެ އިން އައި އިރު ގެނައި ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ކޮފީ ޓޭބަލް ގައި ބަހައްޓާލަމުން އަތަށް ނަޒަރެއް ދިނެވެ. އޭރު އަތުގެ ނުފުށުގެ އެކި ތަންތަން ކޮޅު ވަނީ މެށިގެންގޮސް ލޭހިލިފައެވެ.

އަތުގައި ބޭސް އެޅުމަށް ފަހު އެނދުގައި އޮށޯވެލި ނަމަވެސް ރައިހާ އަށް ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރާލުމުންވެސް ފެންނަނީ އެ ޒުވާނާގެ ތަސްވީރެވެ. މިއަދު ހަވީރާއި ރޭގަނޑުގެ ވަގުތުގައި ކަން ހިނގައިދިޔަގޮތް ސިކުނޑީގައި ތަމްސީލު ވަމުން ދިޔައެވެ. އެ ޒުވާނާގެ ހާލު ހުރިގޮތެއް ނޭނގޭ އިރު އޭނާ އާއި ހަވާލުވެގެން ހުރި ޑޮކްޓަރު އަމަލުކުރިގޮތުން ހައްތަހާއި ބޮޑަށް ރައިހާގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ.
އެފަދަ ހިޔާލުތަކެއްގައި އެނދުގައި ފުރުޅި ފުރުޅި އޮތް ރައިހާ އަށް ނިދުނީ މެންދަމުން އަލިވި ފަހުންނެވެ.
*****************************************

ހެނދުނު ގަޑީގައި ކުރިއަށް ގެންދެވުނު ޔޯގާ ސެޝަން ނިންމާލުމަށްފަހު ރައިހާ މިސްރާބު ޖެހީ މަރުކަޒުގެ ކެންޓީނަށެވެ. މަސްހުންޏާއި ރޮށީގެ އިތުރުން ބިސް ގަނޑެއް ޓްރޭ އަަަކަށް ލައިގެން އައިސް ހުސް މޭޒެއްގައި އިށީނދެ ކެއުމަށް އިންސާފު ކުރަން ފެށިއެވެ.

ކުއްލިއަކަށް ރައިހާ ސިއްސައިގެން ދިޔައީ ފަޔަށް އެއްޗެއް ވެރުމުންނެވެ.
” އޫޕްސް.. އައިމް ސޯ ސޮރީ” ކައިރީގައި ހުއްޓިލި މިޝަލީ ރައިހާގެ ފަޔަށް ވެރިފައި ހުރި ބޭކެޑްް ބީންސް އަށް ނަޒަރެއް ދެމުން ކުށްވެރި އެއްހެން މަޢާފަށް އެދުނެވެ.
” އިޓްސް ފައިން..” އެއީ އެވަރު ކަމަކަށް ނަހަދާ ރައިހާ ޓިޝޫ އަކުން ފައި ފޮހެލުމަށްފަހު ބޭރަށް ހިނގައިގަތީ ފައި ދޮންނާށެވެ. ރައިހާ އަށް ނޭނގުނު ކަމަކީ އޭނާ ފުރަގަހަށް އެނބުރި ހިނގައިގަތުމުން މަލާމާތުގެ ހިނިތުންވުމެއް މިޝަލީ ރައިހާ އަށް ރައްދު ކުރިކަމެވެ.

ކެއުމުގެ މޫޑް ކެނޑުމާއެކު ރައިހާ ފައިދޮވެގެން ހިނގައިގަތީ އޭނާގެ ކެބިން އާއި ދިމާއަށެވެ. ލައިގެން ހުރި ހެދުމަށް ކާ އެއްޗެއް ނޭޅުނު ކަމަށްޓަކައި ހިތާއި ހިތުން ޝުކުރުކުރިއެވެ.

ހޯލްވޭއިން ހިނގާފައިދިޔަ ރައިހާގެ ފިޔަވަޅުތައް މަޑުޖެހުނީ ރޭގެ ހާދިސާ ހިނގާ ދިޔަ ކޮޓަރިއާއި އަރާ ހަމަވުމުންނެވެ. ކޮޓަރި ކުރިމަތީގައި ހުއްޓިގެން ހުރެ ދޮރުގައި އަތުގެ އިނގިލި ކުރިތައް ހިންގާލި އިރު އޭނާގެ ސިކުނޑީގައިވަނީ ކޯއްޗެއްކަމެއް ނޭނގެއެވެ.

ކުއްލިއަކަށް ދޮރާ ދުރަށް ޖެހިލުމަށްފަހު ހަރު ހިނގުމުގައި ރައިހާ ހިނގައިގަތީ އޭނާގެ ކެބިން އާއި ދިމާއަށެވެ.

ކެބިން އަށް ވަދެ ދޮރުޖެހުމަށްފަހު ގޮނޑީގައި ހަމަޖެހިލަމުން ކޮމްޕިއުޓަރަށް ނަޒަރެއް ދިނެވެ. އިރުކޮޅަކު ވިސްނުމެއްގައި އިނުމަށްފަހު އަވަސް ހަރަކާތާއި އެކު ކީބޯޑުގައި ޓައިޕް ކޮށްލުމަށްފަހު ބަލިމީހުންނާއި ބެހޭ މަޢުލޫމާތު ތަކަށް އެކްސެސް ވެލިއެވެ. ސަރޗް ގޮޅީގައި ޕޭޝަންޓް ނަންބަރ 501 ޖަހާލުމާއެކު ޒުވާނާގެ މަޢުލާމާތުތައް ކޮމްޕިއުޓަރުގެ ސްކްރީނަށް އެރިއެވެ.

ޒުވާނާގެ ނަމުގައި މުހައްމަދު ކައިލް ފަޔާޒް ލިޔެފައި ވާއިރު ރަށުގެ ގޮތުގައި ޖަހާފައިވަނީ ރ.ދުވާފަރެވެ. ރައިހާގެ އެންމެ ބޮޑު ސަމާލުކަމެއް ދެވުނީ ޒުވާނާގެ ބަލި ހާލަތަށެވެ. ފޯބިއާ އެއްގެ ގޮތުގައި އޮމްބްރޮ ފޯބިއާ ކަނޑައަޅާފައި ވާއިރު
ޕެނިކް ޑިސްއޯޑަރ އަދި މޫޑް ޑިސްއޯޑަރގެ އިތުރުން ސްކިޓްސި ފްރީނިއާ އަށް ޑައިގްނޯޒްޑް ކުރެވިފައިވުމުން ރައިހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ނަމަވެސް ރައިހާ އަށް ނުތަނަވަސް ކަން ލިބިގެން ދިޔައީ ބަލިމީހާގެ ޓްރީޓްމެންޓްގެ އެއްވެސް މަޢުލޫމާތެއް ހިއްސާ ކޮށްފައިނުވުމުންނެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގާ ކަމުގައި ރައިހާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. ހިނދު ކޮޅަކަށް ވިސްނުމެއްގައި އިނދެފައި ރައިހާ ހިނގައިގަތީ ނިޝާގެ ކެބިން އާއި ދިމާއަށެވެ.

ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަދެގެން އައި ރައިހާ ފެނުމުން ނިޝާ ހިނިތުންވުމެއް ރައްދުކުރިއެވެ. “ކަމަކުތޯ ތިއައީ؟” އިށީންނަން ކައިރީގައި ހުރި ގޮނޑި ދައްކަމުން ރައިހާ އެއްސެވެ. ” އަޅުގަނޑު ބަލާ ޕޭޝަންޓްސް ފިޔަވާ އިތުރު މީހެއްގެ ޓްރީޓްމެންޓާއި ބެހޭ މައުލޫމާތު ލިބޭނެ ގޮތެއް އޮންނާނެތަ؟” ޖެހިލުންވެފައި އިނދެމެވެސް ރައިހާ އައި ބޭނުން ހާމަކުރިއެވެ.

“ބައްލަވާ ޕޭޝަންޓްސް ފިޔަވާ އިތުރު ފަރާތެއްގެ މަޢުލޫމާތު ހޯދަން ތަންކޮޅެއް ދަތިވާނެ. ސަބަބަކީ އެ މަޢުލޫމާތު ހުންނާނީ އެ ބަލިމީހެއް ބައްލަވާ ޑޮކްޓަރެއްގެ އަތުގައި .. ޑޮކްޓަރު ބޭނުމިއްޔާ އެ މަޢުލޫމާތު ހާމަކުރައްވާނީ.. އެކަމަކު ސަބަބާއެކު ސިޓީ އަކުން މެނޭޖަރ އަށް ހުށަ އަޅައިފިނަމަ އެ މަޢުލޫމާތެއް ލިބޭނެހެން ހީވަނީ.. ނުވަތަ އެ ބަލިމީހެއްގެ ޑޮކްޓަރަކާއި ވާހަކަދައްކައިގެން މަޢުލޫމާތު ސާފު ކުރެވިދާނެ… ކިހިނެއް ވީތޯ އަނެއްކާ.. އެއްވެސް މައްސަލައެއް އުޅެނީތޯ؟”

ނިޝާގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ރައިހާ ވިސްނާލިއެވެ. އެއްވެސް ހެއްކެއްގެ މައްޗަށް ބުރަވެނޫނީ އެއްވެސް ވާހަކައެއް ދައްކާކަށް ރައިހާ ބޭނުމެއް ނުވިއެވެ. ކުރެވޭ ޝައްކު ތަކަކީ ބައެއް ފަހަރު ކުށްހީ އަކަށްވެސް ބަދަލުވެދާނެ ކަމެއްކަން އޭނާ ދަނެއެވެ.

“ނޫން.. އެއްވެސް ކަމެއް ވީކީ ނުން. ހަމަ ހާލު ބޮޑު ބަލިމީހަކާއި ދިމާވީމަ ޝައުގުވެރިކަން އުފެދުނީ..” ލިބިފައިވާ ހާސްކަން ފިލުވާުލުމަށް މަސައްކަތް ކުރަމުން ރައިހާ ބުންޏެވެ.

ކެބިން އިން ނިކުމެގެން އައި ރައިހާގެ މޫނުމަތިން ފާޅުވަނީ މާޔޫސް ކަމެވެ. އެއްވެސް ހެއްކެއް ނެތި މަޢުލޫމާތު ހޯދަން ފާތުމް ކައިރި އަހާކަށް އޭނާ އަކަށް ނުކެެރޭނެ އެވެ. އަދި އަމުދުން މިޝަލީގެ ކައިރީ އެހުމަކީ އަލިފާނަށް ތެޔޮ އެޅުން ފަދަ ކަމެއް ކަމުގައި ރައިހާ ދުށްޓެވެ. ނަމަވެސް ހިތުގައި އުފެދިފައިވާ ޝައްކުތަކަކާއި ދުރުވާނެ ގޮތެއްވެސް ރައިހާ އަކަށް ނުފެނުނެވެ.
******************************************

މެންދުރުގަޑީގައި ބޭއްވުނު ކޮންސަލްޓޭޝަން ގަޑިތައް ނިންމާލުމަށްފަހު މަރުކަޒުގައި ހުންނަ މިސްކިތުން އަސުރު ނަމާދު ކޮށްލެވުނު އިރު ގަޑިން ހަތަރެއް ޖަހަނީއެވެ. ބަނޑު ހައިވެފައި ހުރިނަމަވެސް ކެއުމުގެ ބަދަލުގައި ރައިހާ ބޭނުންވީ ކޮފީއެއް ބޯލާށެވެ. ކެންޓީނަށް ވަދެ ކޮފީއެއް ގިރައިގެން އައިސް ރައިހާ ހަމަޖެހިލީ ހުސް ބިމުގައި ހުރި ބެންޗެއްގައެވެ. އޭރު މަރުކަޒުގެ ސްޓާފުން ބަލިމީހުން ގޮވައިގެން ހުސް ބިމަށް ނިކުންނަނީއެވެ. ބޭއިޚްތިޔާރުގައި ނަމަވެސް ރައިހާގެ ލޯ ދަތުރުކުރަމުން ދިޔައީ ކައިލް ފެނޭތޯއެވެ.

އެގޮތުގައި ފަސްވަރަކަށް މިނެޓް ހޭދަވި އިރު މުޅި ހުސްބިން ވަނީ ތޮށްޖެހިފައެވެ. އެކިމީހުން އެކި ކުޅިވަރު ކުޅެމުން ދިޔައިރު އެމީހުން ބެލެހެއްޓުމުގައި މަރުކަޒުގެ ސްޓާފުން ހަރަކާތްތެރި ވަމުން ދިޔައެވެ. ނަމަވެސް ރައިހާ އަށް ކައިލްގެ އެއްވެސް އިޝާރާތެއް ނުވިއެވެ.

ގެނައި ކޮފީ ހުސްވުމާއެކު އެތަނުގައި އިތުރަށް މަޑު ކުރާކަށް ރައިހާ ގަސްތެއް ނުކުރިއެވެ. ކޮފީ ހުސްކުރި ތަށި ޑަސްޓްބިން އަށް އެއްލާލުމަށްފަހު އޭނާ ހިނގައިގަތީ ކެބިން ހުންނަ އިމާރާތުގެ ތެރެއަށެވެ.

ރައިހާގެ ކެބިން ހުންނަނީ ދެވަނަ ފަންގިފިލާގައި ކަމުން ލިފްޓުގެ ބަދަލުގައި ޚިޔާރުކުރީ ސިޑިއެވެ. ސިޑިން އަރައިގެން އައިސް ހޯލްވޭއާއި ހިސާބުން ރައިހާ އަށް ހުއްޓެން މަޖުބޫރުވީ އޭނާ އަށް ފެނުނު މަންޒަރަކުންނެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ނުވާނަން ތަފާތެއް… 15

Next

ޚަމްދު ލީލާ – 03

Next
March 30, 2020

ޚަމްދު ލީލާ – 03

Previews
March 30, 2020

ނުވާނަން ތަފާތެއް… 15

6 Comments!

  1. Wonder says:
    March 30, 2020 at 3:19 pm

    hellow readers. here is the 4th part of the story.. enjoy reading..have a safe day.❤

  2. Ainaa says:
    March 30, 2020 at 3:35 pm

    wow vvvv rythi story thankolheh avaha up kohla dhybaa but story v rythi ☺❤❤❤

    1. Wonder says:
      March 30, 2020 at 6:46 pm

      Thank u Ainaa. v ufaavejje story kamudhiyaeema..v try kuraanan veehaaves avhakah next part up kohdheveythw.. hope u’ll wait?❤

  3. princess says:
    March 30, 2020 at 4:04 pm

    maasha allah story v reethi….

    1. Wonder says:
      March 30, 2020 at 6:47 pm

      Thank u princess.. Vaahaka kamudhiyaeema v ufaavejje?❤

  4. Dhonthy says:
    March 30, 2020 at 7:13 pm

    Eyh haadha reethi vaahaka ekey Maasha Allah. ?????? Aslu es mi vaahaka v kamugosfi dhonthi au. Story nimendhen genesdhechchey inge wonder❤️❤️❤️? V reethi mi vaahaka. Vvvvvv reethi. Waiting for the next part ?❤️ Avahah upload kollachche next part inge wonder ❤️❤️❤️❤️?❤️❤️❤️❤️

Comments are closed.


All Right Reserved!