Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ 3

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 28, 2020 8 Mins Read
15 Comments

ކުރީގެ ހަނދާންތަކުން މީކާންގެ ސިކުނޑި ހަލާކުކުރަމުންދިޔައެވެ. ދިމާވި އެންމެ ހާދިސާއެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް މި ލިބުނު ހިތްދަތިކަމުން ސަލާމަތްނުވެވުމީ އޭނާގެ ބަލިކަށިކަމުންކަން އޭނާއަށް ގަބޫލުކުރެވެއެވެ. ލަމްޔާގެ އަނގައިން ނިކުތް ކޮންމެބަހެއް އަދިއަދަށްދާންދެންވެސް އެ ކަންފަތްތެރޭ ގުގުމަމުންދިޔައެވެ. ފުރަތަމަ ނަޒަރުން ވެވުނު ލޯބީގައި މި ލިބުނީ ކިހާ ބޮޑު ނާކާމިޔާބީއެއްހެއްޔެވެ؟ ހިތުގެ ހާލު ނުވެސް އަނގަނިސް އޭނާ އެރަނިކަމަނާ ކައިރިން ދުރުވެވުނީ ހާލަތު ކަންދިމާކުރިގޮތުންނެވެ. މިއަދާއި ޖެހެންދެންވެސް އެ ހިތުގައި ލަމްޔާ ނޫން ފަރާތެއް ނުވާކަން އޭނާއަށް އިނގެނީ އެ ސޫރަ ނޫން ސޫރައެއް ދެކެން ބޭނުންނުވާތީއެވެ. އަދިވެސް ލަމްޔާގެ ހިތުގައި އެނާއާއި ގުޅުންހުރި މީހުންނާއި މެދު ނަފުރަތު އޮންނާނެބާއޭ މީކާންގެ ހިތަށްއަރަމުންދިޔައެވެ.

“ކޮންމެ ގޮތެއްވިޔަސް، މި ދުނިޔެމަތީ އިންސާފު ނުލިބުނަސް، ނާއިންސާފުގެ މައްޗަށް އިންސާފު ބުރަވާނެ ދުވަހެއް ދައްކަވާނެ… އެދުވަހާއި ޖެހެންދެން އަހަރެން އަބަދުވެސް އެ ބަޔަކަށް ނަފުރަތު ކުރާނަން..” ފޯނަށް ބަލަހައްޓައިގެން އިން އީރަމް ގެ ލޮލުގައިވަނީ ކަރުނައެވެ. އެއްވެސް މީހެއްގެ މައްޗަށް ބުރަނުވެ ދިރިއުޅުމުގެ ނައުގައި ހިފާ ކަނޑުމައްޗަށް ނިކުންނަން ބޭނުންވެފައި އިން އީރަމް ބޭނުންވަނީ ވީހާވެސް އަވަހަށް ދެ ހަފްތާ ފާއިތުވެ އޭނާއަށް އެ ވަޒީފާ ކަށަވަރުވުމެވެ. އަޑުއިވުނު ގޮތުގައި އެ ކުންފުންޏަކީ ދާދި ފަހުން ފެށުނު، ނަމަވެސް ވަރަށް ފައިދާކުރަނިވި ރަނގަޅު ވިޔަފާރީއެއް ހިންގާ ބައެކެވެ. އެތަނުގެ ބޮޑުމީހާއަކީ ކިބުރުވެރި އަމިއްލަ އެނދުންބޮޑު މީހެއްކަމުގައި އޭނާއަށް އަޑުއިވިފައިވިއެއްކަމަކު އިންޓަވިއުގައި އޭނާއަށް އެކަންތައްތަކެއް ފާހަގައެއްނުކުރެވުނެވެ. އެހާ ކިބުރުވެރި މީހެއްނަމަ އީރަމްގެ މި ނުކުޅެދޭ ސިފަ އިނގި އެ އޮފީހަށް ވަނަނުވެސް ދޭނޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. އެ މޫނުމަތިންވެސް އެހާ ބޮޑައިސިފަތަކެއް ފާހަގައެއްނުކުރެވެއެވެ.

“ހައި އީރަމް..” ހިޔާލުތަކުން ބޭރުވެވުނު އީރަމްއަށް ކުރިމަތިން ފެނުނީ އޭނާ އެއްވެސް ޖެހިލުމެއް ނެތި ހިތުގައިވާ އިހުސާސްތަށް ބޭރުކުރެވޭ ހަމައެކަނި އިންސާނާއެވެ. އެއީ އޭނާގެ ގާތް އެކުވެރިއަކަށް ނުވިއެއްކަމަކު އޭނާގެ ސްޕީޗްތެރަޕީ ސެޝަންތަށް ކުރިއަށް ގެންދާ މި ޑޮކްޓަރަކީ ނުހަނު ހިތްތިރި އަދި އެހާމެ ހިތްހެޔޮ އިންސާނެކެވެ. ޑޮކްޓަރ ނާޒީ އީރަމް ކައިރިން މައާފަށް އެދުނީ ލަސްވުމާއި ގުޅިގެންނެވެ. އޭރު އީރަމް ފޯނުން ބަލަން އިން ފޮޓޯގަނޑު ނާޒީއަށް ފެނުމާއި އެކު އެއަށް ނަޒަރު ހިންގާލިއެވެ. “މިހުރިހާ އަހަރުވެގެންދިޔައިރުވެސް އީރަމް ނުދައްކާ އީރަމް މަންމަގެ ފޮޓޯއެއް.. އީރަމް ހަމަ އެންމެ ވައްތަރީ އީރަމް މަންމައާއި..” ނާޒީގެ ވާހަކަތަކުން އީރަމް ހިނިއަންނަގޮތްވިއެވެ. އެއީ އޭނާ އެންމެ ކުޑައިރުންސުރެވެސް އަޑުއިވި އެކަމާއި ފަޚުރުވެރިވާ އެއްކަމެވެ. ބޮޑުވެގެން އާއިރުވެސް އެ ވާހަކަތަށް އަޑުއިވުމީ އޭނާއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. ނާޒީއާއި އީރަމްގެ ގުޅުމަކީ އެ ކުލާހުންފެށި އެހިސާބުން ނިމޭ ގުޅުމަކަށްވިއެއްކަމަކު އީރަމްގެ ‘ސެލްފް ކޮންފިޑެންސް’ އިތުރުކޮށް ވަޒީފާގެ މާހައުލަށް ނިކުތުމަށް އެއްބާރުލުންދިން މީހަކީ ނާޒީއެވެ. އެކަމާއި އީރަމް އެތަށް ޝުކުރެއް ނާޒީއަށް ކުރެއެވެ.

އީރަމް އޭނާ މީގެ އަހަރުތަކެއްކުރިން ދަސްކުރި ސައިންލޭންގްއޭޖުގެ އެހީގައި ނާޒީއަށް އޭނާގެ ވަޒީފާއާއި ބެހޭގޮތުން ލިބުނު ހަބަރު ބުނެދިނެވެ. އެކަމާއި ނާޒީ އުފާ ފާޅުކުރިއެވެ. އީރަމް ވާހަކަނުދެއްކިއެއްކަމަކު ކުރިއާއި ބަލާފައި ވާހަކަތަށް ހިއްސާކުރުމުގެ ބައި ވަރަށް ރަނގަޅެވެ. އީރަމް އަށް ވާހަކަދެއްކޭނަމަ އަނގަގަދަކުއްޖަކަށްވާނޭކަމަށް ނާޒީ އެތަކެއްފަހަރު ބުނެދެއެވެ. މީގެ އަހަރުތަކެއް ކުރިން އޭނާގެ ޓްރެއިނިންގެ ދުވަސްކޮޅު އީރަމްއާއި ދިމާވިއިރު އީރަމްވެގެންދިޔައީ އޭނާއަށް ލިބުނު އެންމެ ފުރަތަމަ ޕޭޝެންޓަށެވެ. އޭގެ ފަހުން ނުވަ އަހަރުވެގެންދިޔައިރު އީރަމްއަށްވަނީ އެދެވޭ ރަނގަޅު ބަދަލުތަކެއް އައިއްސައެވެ. ނެގިމަޑުވެ، މީހަކާއި ކުރިމަތިލާން ބޭނުންނުވާ އީރަމް އަށް ނާޒީ ފަރުވާދެމުންދިޔައިރު އޭނާގެ އުޅުމަށް އައި އެންމެ ބޮޑު އެއްބަދަލަކީ އޭނާގެ އިހުސާސްތަށް ބަސްތަކެއްގެ ގޮތުގައި އަނގައިން ނުނެރުނެއްކަމަކު އެކަންތައް ހިއްސާކުރާ ގޮތެވެ. އަމިއްލަ ނަފްސަށް އޮތް އިރުބާރު އަލުން ހޯދާ މީހުންނައި ކުރިމަތިލާން ދަސްވެ އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމަށް ދަސްވެގެންދިޔުމެވެ. އެއީ އީރަމްއަށް ލިބުނު އެންމެބޮޑު އެއްކުރިއެރުންކަމުގައި ނާޒީ ބުނެއެވެ. އުމުރުގައި ހައަހަރުގެ ތަފާތު އެދޭތެރޭ ވިއެއްކަމަކު ނާޒީ އީރަމްއާއި މެދު ގާތްގޮތެއް ބަހައްޓައެވެ. އަބަދުވެސް އޭނާ ދެކެނީ އީރަމް އަކީ ކޮއްކޮއެއް ކަމުގައި ބުނެހަދައެވެ.

“ވަރަށް ގިނައަހަރު ފާއިތުވެ ހިނގައްޖެ. އެކަމް އަޅުގަނޑު ގަބޫލުކުރާގޮތުގައި ޑރ ނާޒީގެ ސަބަބުން އަޅުގަނޑުގަށް އަމިއްލަ ފައިމަތީ ކޮއްޅަށް ހުންނާނެ ހިތްވަރުލިބުނީ.. އަނގަ ބަންދުވެފައިވިއެއްކަމަކު އަތާއި ފައި މަސައްކަތްކުރެވޭނެކަން ގަބޫލުކުރެވުނީވެސް ނާޒީއާއި ހެދި..” އިޝާރާތުން އީރަމް އަނެއްކާވެސް ނާޒީގެ ތައުރީފެއްކޮށްލިއެވެ. ނާޒީ ހިނިގަނޑެއްޖަހާލާފައި އެއަށްޖަވާބުދާރީވިއެވެ. “ދެންވީ ވާހަކަދެއްކޭތޯއޭ ބަލަން… އީރަމް އާއި އެކު އައި އެތަށް ބަޔަކު މިހާރު ތެރަޕީ ހުއްޓާލައިފި، ދެންވީ އީރަމް ރަނގަޅުވާން..” ސެޝަންއަށް ތައްޔާރުވެލުމުގެ ގޮތުން ނާޒީ އެހެން ބުނުމަށްފަހު ހިނިތުންވެލިއެވެ. އީރަމްވެސް ބޯޖަހާލިއެވެ.

…………………

ރެސްޓޯރެންޓެއްގެ މޭޒުދޮށުގައި ގަޑިބަލަބަލާ އިން މީކާންގެ މޫނުމަތިން ފެންނަނީ ނުރުހުމެވެ. ގަޑިއަށް ފަރުވާނުބަހައްޓާ މީހުންނަކީ އޭނާ އެންމެ ނަފުރަތު ކުރާބައެވެ. އެގޮތުގައި އިތުރު ވަގުތުތަކެއް ހޭދަވެގެން ދިޔައެވެ. އޭނާ އެވަގުތު ކުރުކުރުމުގެ ގޮތުން ބޯނޭ އެއްޗެއް ގެނެސް އެވެސް ހުސްކުރެވިއްޖެއެވެ. އެކަމާ ރުޅިގަދަވެގެން އެއްޗެހި ގޮވަގޮވާ އިންދާ ކުރިމަތީ އިން ގޮނޑިއަށް ދަބަހެއް ވައްޓާލުމަށްފަހު އިށީނދެ އިން ނާޒީ ފެނި މީކާން އިނގިލިތަށް މުއްކަވާލިއެވެ. އޭނާ ރުޅިގަދަވާނެވަރު އިހުސާސްވުމާއި އެކު ނާޒީ ވަގުތުން މައާފަށް އެދުނެވެ. އަދި ކްލިނިކްގައި އިތުރު މަސައްކަތަކަށް މަޑުކުރަންޖެހުމުން ލަސްވީކަމަށް ބުނެދިނެވެ. “މައްސަލައެއްނެތް.. މިއީ އަލަކަށްނޫނެއްނު..” ނުރުހުންވެފައި ހުރެ މީކާން އެހެން ބުނުމުން ނާޒީ ހިނިގަނޑެއްޖަހާލިއެވެ. އާދަޔާ ޚިލާފަށް ނާޒީގެ މޫނުމަތިން އުފާވެރިކަން ފެންނާތީ އެކަމާ މީކާން ސުވާލުއުފެދުނެވެ. ކެއުމަށް އިންސާފުކުރަމުންދިޔައިރު ދެމީހުން ދޭތެރޭ ދެކެވިގެންދިޔައީ  ކައިވެންޏާއި ބެހޭ ވާހަކަތަކެކެވެ. އެވާހަކަތަށް ފަޅާލާފައި މީކާން ސުވާލުކުރީ ނާޒީގެ މޫޑަށް އައިސްފައިވާ ބަދަލާއި ބެހޭގޮތުންނެވެ. “އެހެންޏާ ނުފެނޭ ތިހާ އުފާވެފައި ހުންނަތަނެއް.. ކިހިނެއްވީތަ؟ މާ މޮޅުކަމެއް ކުރެވުނީތަ؟ ލާހިން އެނބުރި އައީތަ؟” މީކާން ގެ ސުވާލުން ނާޒީ ތުން އަނބުރާލީ ލާހިންގެ ވާހަކައައުމުންނެވެ. ނަމަވެސް އެކަން ސިކުނޑިން ފޮހެލަމުން އޭނާގެ ސެޝަންތަކުގައި މިއަދު ދިމާވި ކަންތަށްތަކުގެ ވާހަކަތަށް ހިއްސާކުރިއެވެ. އެތަނުން އެންމެ ހާއްސަ އެއްކަމަކަށްވީ އީރަމްގެ ވާހަކައެވެ.

“އަހަރެން ޓްރެއިނިން ދުވަސްކޮޅު ދިމާވި ޕޭޝެންޓެއް އުޅޭނެ.. އޭނާ އަދިވެސް އަހަރެން ކައިރިއަށް އާދޭ ފަރުވާއަށް.. މިހާރު އެކަމެއްކުރާތާ އަހަރުތަކެއްވެއްޖެ.. އޭރު އޭނާ އަކީ ކުޑަކުއްޖެއް.. އެކަމް މިއަދު އޭނާ ވާހަކަދެއްކިގޮތުން އަހަރެންނަށް އިހުސާސްވީ އޭނާ ބޮޑުވެފައިވާ މިންވަރު.. މިބުނީ އަހަރެންނަށް ފެނުނު އޭނާ ގެ ގްރޯތު… އޭނާ އެހާ ކުޑައިރުންފަށައިގެން ބޮޑު އަންހެނަކަށްވެގެން ދިޔައިރު ކަޑައްތު ކުރި ކަންތައްތައް… އޭނާއަށް އަންނަ ބަދަލުތަށް.. ހަތް އަހަރު ވެގެންދިޔައިރު އޭނާގެ އަސްލު ފަރުވާއަށް މާ ބޮޑު ބަދަލުތަކެއް ނުގެނެވުނަސް އޭނާ އަމިއްލަ ނަފްސަށްކުރާ އިތުބާރު އަހަރެންނަށް އަނބުރާ ހޯދައިދެވުނުކަމީ އަހަރެން އެކަމަށް ހަމްދުކުރާކަމެއް.. އަހަރެންގެ ޒަރިއްޔާއިންވިޔަސް މާތް ﷲ އެ ކުއްޖާފުޅަށް ހާދަ ގިނަ ރަނގަޅުކަންތައްތައް މެދުވެރިކުރައްވައިފިއޭ.. އޭނާގެ ފުރަތަމަ ތިން އަހަރު އަހަރެންނާއި އެކު ހޭދަކުރީ ކިހިނެއްކަން ހަމަ އަހަރެންނަށްދޯ އިނގޭނީ.. ހަތަރުކަޅި ހަމައެއްނުކުރާނެ، މުއާމަލާތްކުރަން ކުޑަ އިޝާރާތެއްވެސް ނުކުރާނެ.. ޑޯލްއެއް ހެން ހަމަ ހުންނާނީ.. އެކަމް މިއަދު އެކުއްޖާ އަހަރެންނަށް ބުނެދިން އޭނާ އަށް އަހަރެން ހާއްސަވާވަރު.. އަހަރެން ކުރާ މަސައްކަތުގެ އަގުވަޒަންކޮށްދިން.. މިކުރެވެނީ ކިހާ ރަނގަޅުކަމެއްކަން އިހުސާސްކޮށްދިން.. އޭނާއަށް ހީވެދާނެ އަހަރެންނޭ އޭނާއަށް އެހީވީއޭ އޭނާގެ ހުއްޓިފައިވާ ދިރިއުޅުމަށް މޫވްމެންޓްސް ގެންނަން އެކަމް އޭނާ އަހަރެންނަށް ދަސްކޮށްދިނީ އަދި އެހީވެދިނީ އަހަރެންގެ ދިރިއުޅުމުގައި މިކުރެވޭ ކަމަކީ ކިހާވަރެއްގެކަމެއްކަމާއި އަހަރެންނަކީ ކިހާވަރެއްގެ މީހެއްކަން އަންގައިދޭން.. ޝީ އިޒް ވެރީ ސްޕެޝަލް.. އޭނާ އަށް ވާހަކަދެއްކޭނެ ދުވަހަކަށް އަހަރެންވެސް އިންތިޒާރުކުރަން..”

ނާޒީ ދައްކަމުން ދިޔަ ވާހަކައަކަށް މީކާން މާ ބޮޑު ސަމާލުކަމެއް ދިންހެނެއްހިއެއްނުވެއެވެ. އެހާ ޖޯޝާއި ފޯރީގައި އޭނާ ވާހަކަދައްކާ ނިންމީ އޭނާއަށް ލިބިފައިވާ އުފާވެރިކަމެއްގެ ބޮޑުކަމުންނެވެ. ނަމަވެސް މީކާންގެ މޫނުމަތިން ފެނުނު އަސަރުތަކުން ނާޒީ ތުން އަނބުރާލާފައި މީކާންގެ ގައިގާ ބޮނޑިއެއްއަޅާލިއެވެ. މީކާން ފުންނޭވައެއް ލާފައި ނާޒީއާއި ދިމާލަށް އޫދިއްކޮށްލިއެވެ.
“ތިބުނީ އޭނާ ޑޯލްއެއްހެން އިންނަވާހަކަ، ވާހަކަދައްކަން ކުޑަ އިޝާރާތެއްވެސް ނުކުރާވާހަކަ، ވާހަކަދެއްކޭނެ ދުވަހަކަށް އިންތިޒާރުކުރާވަހަކަ، ދެން ކިހިނެއްއޭނާ ތިހުރިހާ ވާހަކަތަކެއް ނާޒީ ކައިރިބުނީ؟”

“ސުބުހާނައްﷲ.. މީކާން.. ކޮއްކޯ.. ސައިންލޭންގްއޭޖް ކިޔާ އެއްޗެއްވެސް ހުރެޔޭ… އޭނާ ކުޑައިރު ހަމައެކަނި މިއުޓެއްނޫންވީކީ، އޭނާއަށް އަޑުއެހުމުގެ މައްސަލަތަށްވެސް ޖެހުނު.. އަހަރެންނަށް އޭނާ އަޑުއެހުމުގެ މައްސަލަ ހުންނަކަން އެނގުމާއި އެކު އޭނާއަށް ސައިންލޭންގްއޭޖު ދަސްކޮށްދޭން މަސައްކަތްކުރިން.. ފުރަތަމަ ދުވަސްކޮޅު އޭނާ ބަލާނެ އަހަރެން ކުރާ ކަންތައް.. ފަހުން އަންޑަސްޓޭންޑްވެސް ވީ އެކަމް އޭނާގެ ފަރާތުން އަހަރެންނަށް އެދެވޭ ޖަވާބެއް ލިބެންފެށީ އެކަމެއް ކުރާތާ ތިން އަހަރުފަހުން.. ވިސްނާލާ.. އޭނާ އަހަރެން ދައްކާ ވާހަކަތަކަކަށް ޖަވާބެއް ދެވުނީ އެހާ ގިނަ ދުވަސްފަހުން.”

މީކާންގެ ސަމާލުކަން އެކަމަށް ލިބުމުން ނާޒީ އިތުރަށް ވާހަކަކުރިއަށް ގެންދިޔައެވެ.

“ދެން މިހާރު އަޑުއިވޭތަ؟ ދެން ވާހަކަ ނުދައްކަނީ ކީއްވެ؟ ކުރިން އޭނާ އަކީ ރަނގަޅު ކުއްޖަކީތަ؟ ދެން ކޮބާ އޭނާއަށް ދިމާވި މައްސަލައަކީ؟” މީކާން އެހިއެވެ.

“މިހާރު ބަރާބަރަށް އަޑުއިވޭނެ.. އެކަމް އަދިވެސް ވާހަކަނުދެއްކޭ… އަސްލު އެކުއްޖާއަކީ ކުރިން ނޯރމަލް ކުއްޖެއް.. ވަރަށް ބްރައިޓް ކުއްޖެއް.. އެދުވަސްކޮޅު ދިމާވި ވަރަށް ހިތާމަވެރި ހާދިސާއަކާއި ގުޅިގެން އޭނާ ގެ ސިކުނޑިއަށް އެކަމުން އަސަރުކުރީކަމަށްވަނީ..ދެން އެހިސާބުން އަހަރެމެންގެ ކުލިނިކަށް އޭނާ ގެންނަންފެށީ.. އަހަރެން ކައިރިއަށް އާއިރު ސުކޫލުވެސް ނުނިމޭ..  ދެން އަހަރެމެން ބެލި ބެލުމުން، އޭނާގެ ސިކުނޑި ރެފިއުސްކުރޭ އޭނާގެ ގުނަވަންތައް މަސައްކަތްކުރުވަން.. ސެންސް އޯރގަންސްތަށް ކޮންޓްރޯލްކުރަން އޭނާއަށް ވީ އުނދަގޫކަމަކަށް.. އެއީ ލިބުނު ޝޮކްގެ ސަބަބުން ސިކުނޑިއަށް ކުރި ނޭދެވޭ އަސަރު… ރިޕޯޓުތަށް ބެލިއިރު އޭނާ އެ ޝޮކްގައި ހޭނެތިފައި އޮތް ހަފްތާއެއްވަންދެން.. ކޯމާއަކަށް ނުގޮސް ކިރިޔާ އޮތީ…އޭނާ ބޭނުންވޭ ވާހަކަދައްކަން… އެކަމް އޭނާގެ ސިކުނޑި އެކަމަށް ހުރަސްއަޅަނީ… އެހާ ގިނަދުވަސް އެ ނަގަނީ އަސްލު އޭނާ މަސައްކަތްކުރަން ބޭނުންވިޔަސް އޭނާގެ ސިކުނޑީ ހުރަސްއަޅާތީ.. އޭނާ ލައްވާ ކަންތައްތަށް ގަދަކަމުންކުރުވަން އުޅެފިނަމަ އޭނާ އެއަށްވުރެ ބޮޑަށް ނުކުޅެދޭ ކުއްޖަކަށްވުމާއި ވަރަށް ގާތް.. ސޯ އަހަރެން ހަމަ ގޮއިން ވިދް ދަ ފްލޯ…”

“ތިހުރިހާ ކަންތައްތައް އަހަރެންގެ ބޮލަކަށް ނުވަދޭ.. ތިހުރިހާ ވާހަކައެއް ދެއްކިޔަސް އަހަރެންނަކަށް ނޭނގެ ޖަވާބެއް ދޭނެގޮތެއް.. ކުރެވޭނީ މޮޔަ ސުވާލުތަކެއް.. އެކަމް އަހަރެންނަކަށް ނޭނގެ ތިކަހަލަ ކަންތައްތައް ވާކަމެއް…. އެކަމުވެސް ދެން އޯކޭ… އެކުއްޖާއަށް އަވަސް ޝީފާއަކަށް އެދެން.. ދެން ކިޔާބަލަ ވެޑިންގެ ވާހަކަތަށް..”

ނާޒީ ދައްކަމުން ދިޔަ ވާހަކަތަށް މީކާންއަކަށް ނަގައެއްނުގަނެވުނެވެ. އެކަންތައްތަށް ހޯދާބެލުމާއި އެ މައުލޫމާތުތަށް ސިކުނޑިއަށް ވެއްދުމަކީ އުނދަގޫކަމެކެވެ. ވިޔަފާރިއާއި ގުޅޭ ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނާއަށް ހެވެވެ. ނަމަވެސް އެފަދަ “ޑީޕް ސައިކޮލޮޖީ” އެއްޗެހި އޭނާގެ ދުރުވިސްނޭ ސިކުނޑިއަށް ނަގައިގަތުމަކީ އުނދަގޫކަމެކެވެ. ނާޒީ ޖަހާލީ ހިނިގަނޑެކެވެ. “ބަލަ މީކާންވެސް ތީ ކިރިޔަ ކިރިޔާ ސްޕީޗްތެރަޕީއަށް ގެންނަންނުޖެހި ހުރި ކުއްޖެއް.. އަހަރެން އަދިވެސް ހަނދާންވޭ މީކާން ކިހާ ދުވަހެއްވަންދެން މަންމަމެންނާއި އަނގައިން ނުބުނެ ހުރެފައި ވާހަކަދެއްކީ.. އެއީ ވާހަކަނުދެއްކޭތީކީ ނޫނޭ ދޯ ހުރީ؟ ނުދައްކަންވެގެން ހުރީ… އަދިވެސް އަހަރެމެންނަށްވެސް ނޭނގެ ސީދާ ސީދާ ވީގޮތެއް…” ސިއްރު ހޯދުމުގެ ނިޔަތުގައި ނާޒީ ވާހަކަ ކުރިއަށް ގެންދިޔައެއްކަމަކު މީކާން އެވާހަކަ މެދުކަނޑުވާލިއެވެ. އަދި ކުރިންވެސް ދެކެވެމުންދިޔަ ކައިވެނީގެ ވާހަކަ ފެށިއެވެ.

……………………

ހާސްވެފައި ހުރި މުނާ ހުރީ ދެކޮޅަށް ހިނގާލަހިނގާލައެވެ. މިހުރިހާތަށްދުވަހު އޭނާ ކުރަމުން އަންނަ މަސައްކަތަށް ހުއްޓުމެއް އަންނަނީހެން އޭނާއަށް ހީވަމުންދިޔައެވެ. އެކަން ފަޅާއަރައިފިނަމަ ދިރިހުއްޓާ އޭނާ ވަޅުލަވެސްފާނެއެވެ. ދާހިއްލާ ފޯވެފައި ހުރި މުނާގެ ފޯނަށް އައި ފޯނުކޯލާއި އެކު އޭނާގެ ނިތުގައި ގިނަވެފައިވާ ރޫތަށް ފިލައިގެންދިޔައެވެ. އަދި ހިތްހަމަޖެހުމުގެ ނޭވަޔަކާއި އެކު އޭނާ ފޯނު ބޭއްވިއެވެ. “އަހަރެން ކުރާ މަސައްކަތަށް ހުރަހެއް އަޅައިފިއްޔާ ދެވަނަފަހަރަށް އެކަން ތަކުރާރުކުރާކަށް ދުނިޔެއަކު ނުހުންނާނެ…ކުރިންވެސް އެންމެ މީހަކު މަރާލަން 25 މީހުން ތިބި އޮފީހަށް އަނދާ އަޅިއަށް ހަދާލިން… މިއަދު އަދި މީ އެންމެ މީހެއްނު…. ހަހަހަހަ”

………..

އޮފީހަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުންދިޔަ އީރަމްއާއި ހަމްދާ ދިމާވީ އޮފީސް ދޮރުމަތިންނެވެ. އެކަކު އަނެކަކަށް މައުނަވީ ހިނިތުންވުމެއްދެމުން ދެމީހުން އެކުއެކީހެން އޮފީސްތެރެއަށް ވަނެވެ. ފުރަތަމަ ފަންގިފިލާ ދޫކޮށް ދެވަނަ ފަންގިފިލާއަށް އެރުމަށްފަހު ހަމްދާ އީރަމްއަށް އޮފީހުގައި އޭނާއަށް ހާއްސަކުރެވިފައިވާ ކަންތައްތަށް ކިޔައިދިނެވެ. އަދި މިއަދު އޮފީހުގެ ރަސްމިގަޑީ ނިމުމަށްފަހު އޭނާއާއި އެކު މަޑުކުރުމަށް އެދުނީ އޮފީހުގެ އެހެން މުވައްޒަފުންނާއި އެކު އެތަނަށް ގެންނަ ބަދަލުތަށް ގެނައުމުގައި އެހީވުމަށެވެ. “މިހާރު މަތީ ބައި ގާތްގަނޑަކަށް ރެޑީވެއްޖެ… އަހަރެމެންގެ އިތުރަށް ވަރަށް ގިނަމީހުން ތިބޭނެ އެހީވާން… ސަރ ބުނީ އަހަރެން ކައިރި މިހުރިހާ ކަމެއް މެނޭޖްކުރަން އަދި އީރަމްގެ އެހީ މިކަމުގައި ނަގަން..” ހަމްދާ އެހެން ބުނުމާއި އެކު އީރަމް ބޯޖަހާލީ އޭނާގެ އެހީލިބޭނެކަމަށް އެއްބަސްވަމުންނެވެ. އީރަމް އިށީނދެ އިނީ ހަމްދާއާއި އެކުގައެވެ. އޭނާ ކުރާ މަސައްކަތްތަށް ދެއްކުމަށްފަހު އީރަމްއާއި އެކަންތައް ހަވާލުކުރުމުން ޖެހިލުމެއްނެތި އީރަމްގެ މަސައްކަތްތަށް ފެށިގެންދިޔައެވެ. ލިޔެކިޔުމުގެ ހުރިހާ މަސައްކަތެއް ނުހަނު ހަލުވިކަމާއި އެކު އޭނާ ކުރަމުންދިޔައިރު އޭނާ ކީބޯޑުގައި އިނގިލިތަށް ގެންގުޅޭލެއް ފަރިތަކަމުން ހަމްދާވެސް އެކަމާއި މެދު ހައިރާންވިއެވެ.

ބްރޭކް ގަޑި ލިބުމާއި އެކު ބައެއް މުވައްޒަފުންނާއި އީރަމް ތައާރަފުކުރެވުނެވެ. އީރަމްގެ ފަރާތުން ބަހެއް ނުލިބުނެއްކަމަކު އީރަމްއާއި އެމީހުން ބައްދަލުކުރެވުނީތީ އެކަމާއި އުފާކުރާކަމަށް އެ އެންމެންވެސް ބުނަމުންދިޔައެވެ. ކައިރި ހުރި ކެފޭއަކުން އެންމެންގެ ނާސްތާގަޑި ނިންމާލުމަށްފަހު މަސައްކަތަށް ރުޖޫއަވެގެންދިޔައެވެ. މީކާންގެ އެދުމަށް ހަމްދާ އެކެބިންއަށް ވަތްއިރު އީރަމް އަވަދިނެތި އިނީ މަސައްކަތަށް ބުރަވެއެވެ. “ކިހިނެއްވަނީ އީ.. އީރަމް ދޯ.. ރަނގަޅުތަ؟ އުނދަގޫތަ އެކީ މަސައްކަތްކުރަން؟؟” މީކާން އެހެން އެހުމާއި އެކު އުއްމީދުކުރި ޖަވާބާއި މުޅިން ތަފާތު ޖަވާބެއް އިވިގެންދިޔައެވެ. “ނޫން ސަރ. އޭނާ ވަރަށް ފަރިތަ ހުރިހާ މަސައްކަތަކަށް.. އޭނާއަށް ކޮންމެވެސް ވަރަކަށް ނަގައިނުގަނެވުނު  ޑޮކިއުމެންޓްރީ އެއްޗެހި ހުރި އަޅުގަނޑު ކިޔައިދިނުމުން އޭނާ ވަރަށް ރަނގަޅަށް އޭގެ މަސައްކަތްކުރި… އެއްވެސް އުނދަގުލެއް ނޫން މަސައްކަތްކުރާކަށް.. އަޅުގަނޑު ފުރަތަމަ ހީކުރީ އަޅުގަނޑު އެކަނި އަނގަގަދަވެގެން ވާހަކަދެއްކީމަ އީރަމް ދެރަވެދާނޭ.. އެކަމް އީރަމް ޖަވާބުދޭ، ލިޔުމުން އަޅުގަނޑަށް އަންގަން ބޭނުންވާ އެއްޗެއް އަންގާ.. އޭނާ ވަރަށް ބަރާބަރު މަސައްކަތަށް.. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ..” ހަމްދާ ހުރީ އީރަމްފަދަ ބައިވެރިއެއް ލިބުމުން ވަރަށް އުފާވެފައެވެ. އޭނާގެ ކޮނޑުގައި އެޅުވިފައިވާ އެތަށް ބަރުތަކެއް ދެމީހުންނަށް ބަހާލެވިގެން ކުރެވޭތީ އޭނާ އެކަމާއި ވަރަށް ހިތްހަމަޖެހުނެވެ. އަދި އީރަމްގެ ތަޖުރިބާއާއި އޭނާގެ ވިސްނުން އެ މަސައްކަތަށް ބަރާބަރުކަމަށް އޭނާއަށް ފާހަގަކުރެވުނެވެ.

ދެދުވަސްތެރޭ އޮފީހުގެ މަރާމަތުގެ މަސައްކަތަށް ނިމި ކެބިންތަށް އެކި ބައިބަޔަށް ބަހާލެވުނުއިރު މުވައްޒަފުންތަށް އަވަދިނެތި އުޅުނީ އެކަންކަމުގައި އެހީވެދޭށެވެ. މީކާން ބޭނުންވީ ރަނގަޅު މަރާމަތުކުރާ ގުރޫޕެއްގެނެސް ޑިޒައިނަރުންތަކަކާއި ގުޅިގެން މި މަސައްކަތުގެ ބުރަ މުވައްޒަފުންނަށް ނުޖައްސާ ނިންމާލާށެވެ. ނަމަވެސް މީކާންގެ ދަށުންމަސައްކަތް ކުރާ އެންމެންވެސް ބޭނުންވީ އެ މަސައްކަތުގައި އެމީހުންވެސް ބައިވެރިވެ ދެ ހަފްތާތެރޭގައި އެ މަސައްކަތް ނިންމާލެވޭތޯއެވެ. އީރަމްވެސް އެމީހުންގެ ތެރޭގައި އަވަދިނެތި އުޅެމުންދިޔައިރު އެމީހުން ބުނާ ކޮންމެ ބުނުމަކަށް ބޯޖަހާލައިގެން އެ ކަންކުރަނީ ނުހަނު ގަދަ ހިތްވަރަކާއި އެކުގައެވެ. ރަސްމީގަޑި ނިންމާފައި ބުރޭކެއްނެގުމަށްފަހު ކުރެވެމުންދިޔަ ބުރަމަސައްކަތުގައި މީކާންވެސް އެންމެފަހުން ބައިވެރިވާންޖެހުނެވެ. ތިރީ ފްލޯރގައި އޮތް ބޮޑު ހުސްޖާގައިގައި ބައެއް މުވައްޒަފުންގެ ކެބިންނާއި ރިސެޕްޝަންގެ އިތުރަށް ކޭންޓީންހެދުމުގެ މަސައްކަތް ތަންތަން އިމާރާތްކޮށް ރާނާ ގުރޫޕަކު ދިޔައީ ކުރަމުންނެވެ. އޮފީސް މުވައްޒަފުންގެ ޑިޒައިންތަކާއި ޚިޔާލުތަކާއި އެއްގޮތަށް އެމީހުން ދިޔައީ މަސައްކަްކުރަމުންނެވެ. ނިމެމުންދިޔަ ހިތްގައިމު އޮފީހުގެ ރީތިކަމާއި މެދު މުވައްޒަފުންގެ ތައުރީފުތަށް އެކަކު އަނެކަކަށާއި މަރާމާތުގެ މަސައްކަތްކުރަމުންދިޔަ މަސައްކަތްތެރިންނަށް އޮއްސަމުންދިޔައެވެ.

އުނދަގޫ އަދި ވަރުބަލި ދެ ހަފްތާއަށްފަހު އީރަމްއަށް އޭނާގެ ވަޒީފާ ކަށަވަރުވެގެންދިޔައިރު އޮފީހުގެ އިމާރާތުގެ މަސައްކަތްތަށް ވަނީ ނިމިފައެވެ. ނަމަވެސް އެންމެ ތިރީ ފަންގިފިލާގައި އަދިވެސް ނުނިމިހުރި ކުދި ކުދިމަސައްކަތްތަށް އެކަމަށް ހާއްސަމީހުން ދިޔައީ ކުރަމުންނެވެ. ކޭންޓީންފިޔަވާ އެހެން ހުރިހާތަނަކަށް ވަދެނިކުމެވޭހާ ރީތިކޮށް އަދި ތަރުތީބުކޮށް ހުރިއިރު ބަލާލާ ކޮންމެ ދިމާލަކުންވެސް ލިބެނީ ހިތްހަމަޖެހުމެވެ. އެކަމާއި އެންމެ އުފާކުރަނީ މީކާންއާއި އެއްވަރަށް އެތަނުގައި މަސައްކަތްކުރަމުންދިޔަ ބައެއް އިސްވެރިންނެވެ. ފުރަތަމަ ދުވަހު ބޭއްވުނު ޖަލްސާތެރޭގައި މީކާން ފަށްފަށުން ޝުކުރުއަދާކުރީ އޭނާގެ މުވައްޒަފުންނަށެވެ. މީކާންގެ މިސޫރައަކީ ގިނަމީހުންނަށް އައު ސޫރައަކަށްވުމުން ހައިރާންވެފައި ތިބެވުނީ އެ ޝުކުރުބަލައިގަންނާނެ ގޮތެއްވެސް ނޭނގިފައެވެ. “ހުރިހާ މުވައްޒަފުންވެސް ކުރި މިންނެއް މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން… މިހާ މަދުދުވަސްކޮޅެއްގައި މި މަސައްކަތް ނިމުމުގެ އަސްލަކީ ތިބޭފުޅުންގެ ހިތްވަރު.. އިރާދަކުރެއްވިއްޔާ މި ފެށޭ ޕްރޮޖެކްޓްގެ ފައިދާއިން ބޯނަސް ކޮންމެ މުވައްޒަފަކަށްވެސް ހޯދައިދޭނަން… ޝުކުރިއްޔާ” ޝުކުރުގެ ލިސްޓާއި އެކު ދެކެވުނު ބޯނަސްގެ ވާހަކައިން މުވައްޒަފުންގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ފެނި މީކާންއަށްވެސް ހިތްހަމަޖެހުންލިބުނެވެ. ހާއްސަކޮށް ހަމްދާ ކައިރި އިށީނދެ އިން އީރަމްއަށް ވީގޮތް ފެނި އޭނާއަށް ބުނަންނޭނގޭ އުފާވެރިކަމެއް ލިބުނެވެ. ކިތަންމެ ގިނަބައެއްގެ ތެރޭންވެސް އެންމެ ފުރަތަމަ އީރަމްއަށް ކަޅިއެއްލޭކަން މީކާންއަށް ފާހަގަވާންފެށިތާ އަދި މިވީ އެންމެ ހަދުވަހެވެ. އޭނާ ޤަބޫލުކުރާގޮތުގައި އެކަން އެގޮތަށް އެވަނީ އީރަމް އެހެންމީހުންނާއި ތަފާތުވީމައެވެ. އެހެންމީހުން ނެރޭ އިހުސާސްތަށް އީރަމްއަށް ނެރެން އުނދަގޫވާނޭ ހިތާ އެކަން އޭނާ ކުރާގޮތްތަށް ބަލަން ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންކަމެވެ.

އޮފީހުގެ މަސައްކަތްތަށް އަސްލުހާލަތަށް ބަދަލުވެގެންދިޔައިރު އީރަމްއާއި ހަމްދާވެސް އެދެމީހުންނަށް ހާއްސަކުރެވިފައިވާ ކުޑަކުޑަ ކެބިންގައި ދިޔައީ މަސައްކަތްކުރަމުންނެވެ. އެކެބިން އިންނަނީ ތިންވަނަ ފަންގިފިލާގައި މީކާންގެ ކެބިންއާއި ޖެހިގެންނެވެ. “ދެން ކޭންޓީން ހުޅުވީމަ ވަރަށް ފަސޭހަވާނެ. ދެދުވަސްތެރޭ ހުޅުވޭނެކަންނޭނގެ…. އޭރުންނުޖެހޭނެ ގޮސް ކެފޭތަކުގައި ތޮށްޖެހިފައި ތިބޭކަށް.. ދޯ އީރަމް..؟” ހަމްދާ ގެ ވާހަކަހުރިގޮތުން އީރަމް ހީލާފައި ބޯޖަހާލިއެވެ. ދެ ހަފްތާ ތެރޭގައި އޭނާ ކުރަމުންދިޔަ މަސައްކަތްތަށް ފެނި މުވައްޒަފުންތަށް އެކަމާ ވަރަށް ހިތްހަމަޖެހުނެވެ. ހާއްސަކޮށް މެނޭޖަރު ޝާހު ވަނީ އީރަމްއާއި ވަކިން ބައްދަލުކޮށް އޭނާގެ މަސައްކަތަށް އެތަށް ތައުރީފެއްކޮށްފައެވެ. ހަމްދާ ނިކަން އަވަހަށް އަންނާނަމޭ ކިޔާފައި ކެބިން އިން ނިކުމެގެން ދިޔުމާއި އެކު ފޯނު ރިންގުވާންފެށިއެވެ. ނުނަގަންހުރެފައިވެސް އީރަމް ފޯނު ނަގާ ކަންފަތުގައި ޖަހާލުމާއި އެކު އިވުނީ މީކާންގެ ހިތްގައިމު އަޑުން ހަލޯ ކިޔާއަޑެވެ. އީރަމް ޖަވާބުދޭނޭ ގޮތެއް ނޭނގިހުރެފައި ފޯނުގައި ދެތިންފަހަރު ޖަހާލީ މީކާންއަށް އެއީ އޭނާކަން އެންގުމަށެވެ.

“އަމްމް.. އީރަމް؟” މީކާންގެ ފިރިހެންވަންތަ އަޑުން އީރަމްގެ ނަން އިވުމާއި އެކު އޭނާގެ ގައިން ހީބިހި ނަގައިގެންދިޔަފަދައެވެ. އެފަދަގޮތަކަށް މީކާން އަދި ދުވަހަކުވެސް އީރަމްއާއި ވާހަކަދައްކާފައި ނުވާއިރު އޭނާއަށް މިއައި ބަދަލުގެ އަސްލަކީ ކޮބައިތޯ އަމިއްލަ ހިތާއި ސުވާލުކުރެވެމުންދިޔައެވެ. މީކާން ފެނިފައި ހިތްހުއްޓޭ ގޮތާއި ނޭވައި ކުރުވާގޮތަކީ އާންމުކޮށްވެސް އިންސާނުންނަށް ރީތިމީހުންފެނި ވާކަމަކީބާއެވެ؟ މިފަދަ އިހުސާސެއް އޭނާ މީގެ އަހަރުތަކެއް ކުރިންވެސް ކުރެވުނެވެ. ނަމަވެސް ވަކިކޮޅެއްގައި އެ ނުޖެހ، އެތަށް އަހަރުތަކެއްފަހުން އަނެއްކާވެސް މިކަން މެދުވެރިވުމުން އީރަމް ހުރީ ސުވާލުތަކެއްގެތެރޭ ތާށިވެފައެވެ. “ޕްރޮޖެކްޓް ފައިލް ނިމިފައި އޮތިއްޔާ ގެނެސްދީބަ..” މީކާން ބުނި އެއްޗެއް ފުރިހަމަނުވަނިސް އީރަމް ފޯނު ބާއްވައިފިއެވެ. އޭނާގެ އިރުކޮޅަކު އެގޮތުގައި އިންނަންޖެހުނީ އޭނާގެ އަވަސްވެފައިވާ ހަށިގަނޑާއި ހިތް ހަމަޖެހިލަންދެންނެވެ. އޭނާ ބަލާ  ފިލްމުތަކުގައިވެސް މިކަހަލަ ގޮތްގޮތްވެއެވެ. އަނެއްކާ އޭނާއަށް މީކާން ކަމުދަނީބާއެވެ؟ ފިލްމުތަކުގައި އެދައްކަނީ ހަމަ ހަޤީޤަތަށްވެސް ހިނގާ ކަންތަށްތައްބާއެވެ؟

އީރަމް އަވަސްވެގަތީ މީކާން އެދުނު ޕްރޮޖެކްޓް ފައިލް ނިންމާލެވޭތޯއެވެ. އެ މަސައްކަތުގެ ބާކީ އިނީ ކުޑަތަންކޮޅަކަށްވުމުން އީރަމްގެ އިނގިލިތަކުގެ ހަރަކާތްތަށް އަވަސްކޮށްލިއެވެ. އީރަމްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރި މީކާން ކައިރިއަށް ހިނިއަންނަގޮތްވިއެވެ. އޭނާ ފޯނު ބާއްވާފައި އީރަމްމެންގެ ކެބިންއަށް ލޯ ދިއްކޮށްލީ އޭނާ ކުރާނުކުރާ ބަލާލަންވެގެންނެވެ. އީރަމްއަށް އޭނާ ނުފެނުނެއްކަމަކު އީރަމް ކުރާ ހުރިހާ ކަމެއް އޭނާއަށް ދިޔައީ ފެންނަމުންނެވެ. އީރަމް އިރުގަނޑަކު ފޯނުގައި ހިފަހައްޓައިގެން އިންތަން އޭނާއަށް ފެނި އެއިން ނަގާންވީ މާނަ ދޭހަނުކޮށް ފުރަތަމަވެސް އީރަމްއަށްކޮށްލީ މަލާމާތެވެ. އީރަމްގެ މަސައްކަތް ނިމި އޭނާ ލިޔުނު އެއްޗެއް ޕްރިންޓުކުރަން ތެދުވުމާއި އެކު މީކާންވެސް އެތަނުން ދުރަށް ދިޔައެވެ. އަދި ކެބިންގެ ގޮނޑީގައި އިށީނދެލީ އީރަމް އަންނާނެ އިރަކަށެވެ.

މާ ގިނައިރުތަކެއްނުވެ ދޮރުގައި ޓަކިޖަހާލާފައި އެވަނީ އީރަމްއެވެ. އީރަމް މީކާންއާއި ދިމާ ނުބަލަން މަސައްކަތްކުރަމުން ލިޔެކިޔުންތަށް އަޅައިގެން އައި ފައިލު މީކާންގެ މޭޒުމަތީ ބޭއްވުމަށްފަހު ބާރުބާރަށް ހިނގައިގަންނަން އުޅުނެވެ. “އީރަމް…” މީކާން ގެ އަޑުން އީރަމްގެ ނަން އަޑުއިވުމާއި އެކު އޭނާގެ ދެފައި ހަރުދަގަނޑުވީފަދައެވެ. އޭނާ ފަސްއެނބުރި މީކާން އާއި ކުރިމަތިލީއިރު މީކާން އިނީ އޭނާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ފިރިހެންވަންތަ މޫނުގައިވާ އެ ކަތި ނަޒަރުން އީރަމް ލަދުގަންނުވާލައިފިއެވެ. ގޮތްނޭނގޭ ލަދުވެތިކަމުގެ ރާޅުބާނީތަށް އެ ހަށިގަނޑުގައި އުފެދެންފެށުމާއި އެކު އީރަމް ފުންނޭވާތަކެއް ލާންފެށިއެވެ. “އޮފީހުގައި ކިރިޔާ ކަމެއްދިމާވިޔަސް ފަސްނުޖެހި ބުނަންވާނެ.. އަހަރެން މައްސަލައެއްނެތް ކަރުދާސްކޮޅެއްގައި ލިޔެފައި ބޭއްވިޔަސް..” މީކާން ގެ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން ބޯޖަހާލުމަށްފަހު އީރަމް ހިނގައިގަތެވެ.

ރަސްމީގަޑީ ނިމުމަކަށް އާއިރުވެސް ހަމްދާ އާއި އީރަމްގެ މަސައްކަތްތަކަށް ނިމުމެއްނައެވެ. މަހުގެ ނިމޭކޮޅުވުމާއި އެކު މިވީ ދުވަހުގައި އުޅެންޖެހުނުގޮތުން ނުނިމި ހުރި އެތަށް އޮފީހާއި ގުޅޭ ލިޔެކިޔުންތަށް ނިންމޭތޯ އެމީހުން ދިޔައީ މަސައްކަތްކުރަމުންނެވެ. ދޮންމަންމަ އަށް މެސެޖެއްކޮށްލަން ފޯނު ބަލާލިއިރު ޗާރޖުހުސްވެގެން ނިވިފައިވުމުން ހަމްދާގެ ފޯނުން އޭނާ ދޮންމަންމައަށް މެސެޖެއްކޮށްލީ މިއަދު ލަސްވާނެކަމުގައި ބުނަމުންނެވެ. މިއަދު އޭނާ ދޮންމަންމައާއި އެކު ކޮޓަރިބަލަން ދާން ރާވާފައިވުމުން އެކަން ލަސްކޮށްލުމަށް އެދުނެވެ. މަހުނިމޭކޮޅަށް އެގެއިން ނިކުންނަން ވިއްދާފައި ހުރި އީރަމް ހުއްޓުވަން ދޮންމަންމަ ނަޒީރާ ކިތަންމެ ބޭނުންވިޔަސް އީރަމްގެ ނިންމުމަކަށް އޭނާ ދެކޮޅެއްނުހަދާނެއެވެ. ނަމަވެސް އަބަދުވެސް އީރަމްއަށް ހަނދާންކޮށްދެމުންދިޔައީ އޭނާގެ ގޭގެދޮރު އީރަމްއަށްޓަކައި އަބަދުވެސް ހުޅުވިފައި ހުންނާނެކަމެވެ.

ނުނިމޭ

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ނުވާނަން ތަފާތެއް… 13

Next

ހިތުގެ އުދާހުން ދުރުވާނެބާ! – ތިންވަނަ ބައި

Next
March 28, 2020

ހިތުގެ އުދާހުން ދުރުވާނެބާ! – ތިންވަނަ ބައި

Previews
March 28, 2020

ނުވާނަން ތަފާތެއް… 13

15 Comments!

  1. Ryn says:
    March 28, 2020 at 1:13 pm

    Hello and good afternoon! I have finished the story and as the story goes on, you will know the answers of so many questions. Stay safe at home and keep reading. Next part will be uploaded tomorrow. Thankyou so much <3 Take care

  2. Shamra says:
    March 28, 2020 at 2:54 pm

    Me first dho hehehe .my heart is melting. Hama buneveynee infinity wow ey. I love your stories. Varah reethi mi ep ves. Curiously waiting for the next part.???????????????????

    1. Ryn says:
      March 28, 2020 at 4:21 pm

      Thankyou so much ❤️ Take care

  3. Shamra says:
    March 28, 2020 at 2:57 pm

    Me first dho hehehe. My heart is melting. Hama buneveynee infinity wow ey. I love your stories. You are one of my favourite author. varah reethi mi ep ves. Curiously waiting for the next part.??????????????????

  4. Shaa says:
    March 28, 2020 at 3:34 pm

    Wow it’s beautiful as usual and also heart touching…so meekan and eeram have feelings for each other..so cute..and ryn…u make me speechless everytime with your hardwork….u really have the talent… curiously waiting to find all the answers…ly❤️❤️

    1. Ryn says:
      March 28, 2020 at 4:21 pm

      Thankyou so much
      Take care ❤️

  5. Yan♥️ says:
    March 28, 2020 at 4:44 pm

    Varah reethi Masha Allah

    1. Ryn says:
      March 28, 2020 at 7:09 pm

      Thankyou 🙂

  6. magnumm says:
    March 28, 2020 at 6:05 pm

    my heart is still not melted???but it still is beating so hard u knw??its bcuz i juss wanna knw the truths hidden in this lovely stryyy???hehe…u n ur stry r very very different…I like it?????n also remind ngeyy…plx make meh melt my heart by reading the next episode???btw much lavss ❤❤❤❤❤

    1. Ryn says:
      March 28, 2020 at 7:09 pm

      Hahahah thankyou magnumm… Much love

  7. ? princess ? says:
    March 28, 2020 at 8:59 pm

    Masha Allah Hama habeys . Varah reethi curiously waiting for the next part ???????????

    1. Ryn says:
      March 28, 2020 at 9:17 pm

      Thankyou. In sha Allah tomorrow.
      Take care

  8. ? princess ? says:
    March 28, 2020 at 9:52 pm

    You 2
    Bless u

  9. Liyaa says:
    March 29, 2020 at 8:23 am

    V v reethi vaahaka ?❤️?

  10. Kylie says:
    March 29, 2020 at 10:16 am

    Maasha allah v reethi mi part vx???….. Ur one of my favorite author ryn.☺️☺️☺️….. All The stories of yours is just amazing..???…… Specially Haadha loabinney and thi loehbahtakaa???…Can’t wait fr nxt part.???… LYSM sis???…..

Comments are closed.


All Right Reserved!