ނޭދެން ވަކިވާކަށް (18)
ރައިސާންއަށް ހުރެވުނީ ހަރަކާތެއްވެސް ކުރަން ނޭނގިފައެވެ. އޭނާ ކުރިމަތީ ހާސްވެފައި އެހުރީ އަނުމް ނޫން އެހެން ކުއްޖެއް ނޫނެވެ. އަނުމްގެ ލޮލަށް ފެންނަކަން އެނގުމުން ﷲއަށް ހަމްދުކުރެވުނެވެ. އަނުމްގެ މޫނު ފެނުމުންވެސް ރައިސާންގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބުނެވެ. އަނުމްގެ ގައި ބައްދާލުމަށްފަހު އޭނާގެ ހިތުގެ އަޑު އިއްވާލަން ބޭނުންވިއެވެ. މި ވީހާދުވަހު ހަބަރުނުވުމުން ޝަކުވާކުރަން ބޭނުންވިއެވެ. އަނުމްއާ އެތަށް ސުވާލެއް ކުރަން ބޭނުންވިއެވެ. ނަމަވެސް ރައިސާންއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.
ރައިސާންގެ ގައިން ފެން ފުހެމުން ދިޔަ އަނުމްގެ ހަރަކާތްތަށް ހުއްޓުނީ އޭނާގެ ނޭފަތުގައި ޖެހުނު ވަހުންނެވެ. އަނުމް މަޑުމަޑުން އިސް އުފުލާލަމުން ރައިސާންއަށް ބަލާލިއެވެ. އެއިރު ރައިސާން ހުރީ އެސްފިޔަ ޖަހާނުލާ އަނުމްއަށް ބަލަހަށްޓައިގެނެވެ. ރައިސާންއާ ހަތަރު ކަޅި ހަމަވުމުން އަނުމް އެ ދެލޮލުގެ ތެރެއަށް ގެބެން މާ ގިނައިރެއް ނުނެގިއެވެ. ދެމީހުންގެ ހުވަފެނީ ސިކުންތުކޮޅު ނިމުނީ އަނުމްގެ ފޯނު ރިންގުވުމުންނެވެ. އަނުމް ރައިސާންއާ ދުރަށްޖެހެން ހަދައިގެން ރައިސާންގެ ފައި މައްޗަށް އެރުނެވެ. އެވަގުތު ރައިސާންގެ އަނގައިން މަޑު އާހެއް ނިކުތެވެ. އަނުމް ވަގުތުން މާފަށް އެދެމުން ފްރިޖުން ގަނޑުފެން ޕެކަޓެއް ނެގިއެވެ. އަނުމްގެ ހިތުން ރައިސާންގެ ގަޔަށް ދިލަނެގީއެވެ.
ހާސްވެފައި ގަނޑުފެން ޕެކެޓް ނެގިއިރު އަނުމްގެ ދެއަތް ތުރުތުރު ލަމުން ދިޔައެވެ. ރައިސާންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ” ހެއި ހެއި…… އެހާ ހާނުވެބަލަ….. އިޓްސް ޖަސްޓް ނޯމަލް ވޯޓާ…. މިފެން ހުނެއްވެސް ނޫނޭ……” ރައިސާން އަނުމްގެ ދެކޮޑުގައި ހިފާލަމުން ބުނެލިއެވެ. ރައިސާންގެ އަޑު ތަފާތުވެފައި އެގަޑީ އަނުމް ހާސްވެފައި ހުރުމުން ރައިސާންގެ އަޑު ވަކިކުރަން އަނުމް ނުކުޅެދުނެވެ. އަނުމްއަށް ސްވިޗު ނުޖެއްސޭކަން ހަދާންވީ އެވަގުތުއެވެ. އޭނާގެ ގަމާރުކަން ހަދާންވުމުން އަނުމް ލަދުގަތެވެ. ނަމަވެސް އެ ފެން ހުނު ނުވީތީ ﷲއަށް ހަމްދުކުރެވުނެވެ. އަނުމް ރައިސާންއާ ދުރަށް ޖެހިލަމުން މާފަށް އެދުނެވެ. ” ވަރަށް ބޮޑަށް ސޮރީ….ޓީޝާޓް އެއްކޮށް ތެމުނީ ދޯ….. އެބަ އަންނަން ޓީޝާޓެއް ހިފައިގެން……” އަނުމް ގަނޑުފެން ޕެކެޓް ފްރިޖަށް ލަމުން ވާހަކަދެއްކިއެވެ. އަދި އީލާފް ކޮޓަރިއަށް ގޮސް ޓީޝާޓެއް ހިފައިގެން އައެވެ. އެއިރު އީލާފް އުޅުނީ ފާހަނާގައެވެ.
އަނުމް ރައިސާންއަތަށް ކަޅުކުލައިގެ ޓީޝާޓެއް ދިއްކޮށްލިއެވެ. ރައިސާން ފަނޑު ހިނިތުންވުމެއް ދެމުން އެޓީޝާޓް ލިއެވެ. އަދި ފްރިޖުން ފެންފުޅިއެއް ނަގައި ފެންފޮދެއް ބުއެވެ. އަނުމް ފެންޖަގު ހުނުކުރަން ޖެއްސުމަށްފަހު ކާމޭޒުކައިރީ އިށީނެވެ. ރައިސާންވެސް ކާމޭޒުކައިރީ ހުރި ގޮޑިއެއްގައި އިށީނެވެ. އަދި ވަރަށް ނުވާކަމަށް ހަދަމުން އަނުމްއަށް ބަލާލިއެވެ. ރައިސާންގެ ކަޅި އަނުމްއާ ދިމާލަށް ހުރިކަން އަނުމްއަށް ފާހަގަވިއެވެ. ރައިސާންގެ އަސަރުގަދަ ނަޒަރުންރެކެންވެގެން އަނުމް އޭނާގެ ފޯނު ނެގިއެވެ. އަދި ކުރާނެކަމެއް ވިސްނުމަށް ނައުމުން ސްކްރީނުގައި އަތްކާތާލަމުން ސްކްރީނަށް ބަލަންއިނެވެ. ދެމީހުންގެ މެދުގައިވި މަރުގެ ހަމަހިމޭންކަން ނިމުމަކަށް އައީ ރައިސާން ވާހަކަދެއްކުމުންނެވެ. ” އަންނު ކިހިނެއް؟…….” ރައިސާން ރިހުން އެކުލެވިގެންވާ އަޑަކުން އަހާލިއެވެ.
އަނުމް ރައިސާންއަށް ބަލާލީ ހައިރާންކަމާ އެކީއެވެ. ”ކިހިނެއް އެގުނީ އަންނު ކަމެއް ކިޔަނީ… މިބުނީ އަނުމް ދަންނަންތަ؟……” ރައިސާންއަށް ބަލާލަމުން އަނުމް ބުނެލިއެވެ. އަނުމްގެ ސުވާލަށް ޖަވާބުދޭނެ ގޮތެއް ރައިސާންއަކަށް ނޭގުނެވެ. އިރުކޮޅަކު ‘ބްލޭންކް’ ވެފައި ހުރުމަށްފަހު ރައިސާން ވާހަކަ ދެއްކިއެވެ. ”މީ…މީ… އީލާފް ބުނީ އޭ……..އަހަ އީލާފް ނިމުނީތަ….” ރައިސާން ބުނާނެ އެއްޗެއް ނޭނގިގެން އުޅެނިކޮށް އީލާފް އެތަނަށް އައެވެ. އީލާފް އައުމާއެކު އަވަހަށް ދާން ރައިސާން ގޮޑިން ތެދުވިއެވެ. ” އާ ނިމިއްޖެ…. ކިހިނެއް ތި ހެދީ…. ދެންމެ ހުދު މިހާރު ކަޅު…..” އީލާފަށް ރައިސާންގެ ޓީޝާޓު ކުލަބަދަލުވިކަން ފާހަގަވިއެވެ.
” ހެހެ… އޭ އީލުގެ ޓީޝާޓްއެކޭ….. އަންނުއަށް އޭނަގެ ގަޔަށް ފެން އެޅުނީމަ ޓީޝާޓް ބަދަލުކުރަން ޖެހުނީ……” ރައިސާންގެ ބަދަލުގައި އަނުމް ވާހަކަދެއްކިއެވެ. އީލާފް ހިނިގަނޑެއް ޖަހާލީ ގޮޑިމަތީ އޮތް ތެތް ޓީޝާޓް ފެނުމުންނެވެ. ”ހަހަހަ…. ސާބަސް ކަލޯ…..ދެން މިހާރު ފެންވެސް ވެރިފައެއްނުން ތިހުރީ…..އަދި ތިދެމީހުން ތައާރަފްވެސް ނުވޭދޯ….. މީ އަހަރެންގެ ލޯންގް ލޮސްޓް ކަޒިންއެއް…..އަނުމް ކިޔަނީ….. ވަރަށް ކިއުޓް ދޯ…..” އީލާފް އަނުމްގެ ކޮލުގައި ހިފާލަމުން ރައިސާންއަށް ދޯދިނެވެ. ރައިސާން ބަދަލުގައި ފަނޑު ހިނިތުންވުމެއް ދިނެވެ. ”ދެން އަންނު މީ ރައިސާން…… ވަރަށް ފަހުން ދިމާވީ އެކަމު މިހާރު ދެން ފްރެންޑްސްދޯ……” އީލާފް ރައިސާންގެ ކޮޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. ”އޭ އެބަ އަންނަން މަ ފޯނު ހިފައިގެން، އެ ނުލައެއް ނުދެވޭނެއްނުން…..” އީލާފް އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
”ރައި…ސާން؟….ރައިސާން؟……” އީލާފް ގޮސް ގެއްލުމުން އަނުމް މަޑުމަޑުން އަހާލިއެވެ. އަނުމް ހުރީ ގަބޫލުކުރަންވެސް ދަތިވެފައެވެ. ހުއްޓުން އަރާފައި ހުރި އަނުމްއާ ކައިރިއަށް ރައިސާން ފިޔަވަޅެއް އަޅާލިއެވެ. އަދި އޭނާގެ ދެއަތުން އަނުމްގެ ކޮނޑުގައި ހިފާލިއެވެ. ”އަންނު….. އަހަ….” ރައިސާން ވާހަކަދައްކަން ފެށިއިރަށް އަނުމް ރައިސާންގެ ދެއަށް ނަށްޓުވާލުމަށްފަހު ފަހަތަށް ޖެހުނެވެ. ބިރެއް ފެނުނުހެން އަނުމް ރައިސާންއަށް ބަލާލިއެވެ. އަނުމް އެއްޗެކޭ ނުބުނެ އަވަހަށް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަނުމް އެއްވެސް އެއްޗެކޭ ނުބުނެ ދިއުމުން ރައިސާންގެ ހިތުގައި ޖެހުނެވެ. މިހާ ދުވަސްވެފައި ބައްދަލުވުމުން އަނުމް ވާހަކަވެސް ނުދެއްކީތީ ދެރަވިއެވެ.
އެލީޝާ ސަދަފް ނިންދަވާފައި ކޮޓަރިން ނިކުތެވެ. އެއިރު ޔުއާން ޓީވީ ކައިރީ ކޮންމެވެސް ޕްރޮގްރާމެއް ބަލަން އިނެވެ. އެލީޝާ ޔުއާން ކައިރީ ސޯފާގައި އިށީންނަމުން ޓީވީއަށް ނަޒަރެއްދިނެވެ. ޔުއާން ހިނިތުންވެލަމުން އެލީޝާގެ އުނަގަނޑުގައި އަތް ވަށާލަމުން އޭނާގެ ގަޔާ ކައިރި ކޮށްލިއެވެ. ”ބޭބީ ނިދީތަ؟….. ” ޔުއާން އެލީޝާގެ ނިތަށް ބޮސްދެމުން އަހާލިއެވެ. ޔުއާންގެ މޫނަށް ބަލާލަމުން އެލީޝާ ހިނިތުންވެލާފައި ބޯޖަހާލިއެވެ. އެވަގުތު އަނާ ކޮޓަރީ ދޮރު ހުޅުވާލި އަޑަށް ދެމީހުންވެސް ފަހަތް ބަލާލިއެވެ. ކޮޓަރިން ނިކުތް އަނާ ހުރީ ހެޑްސެޓް ޖަހާލައިގެނެވެ. އެލީޝާމެން ތިބި ސޯފާޔާ ޖެހިގެން ހުރި ސޯފާގައި އަނާ އިށީނެވެ.
”ކިހިނެއްވީ…..؟ ކޮންކަމަކާ ދެމީހުން މާވަރަކަށް ތިބަލަނީ؟…” އަނާ އޭނާ ޖަހައިގެން ހުރި ހެޑްސެޓް ނައްޓާލަމުން ދެމީހުންނަށް ލޯއަޅާލިއެވެ. އަދި އަތު އޮތް ޑެއިލީ މިލްކް ޕެކެޓް ކަނޑާލިއެވެ. އެއިރުވެސް އެދެމީހުން ތިބީ އަނާއަށް ބަލާށެވެ. އަނާ އިނީ ފިޔާތޮށިކުލައިގެ ހުޑީއަކާ ހަމަ އެކުލައިގެ ޓްރެކްސުއިޓްއެއް ލައިގެނެވެ. އިސްތަށިގަނޑު ވިއްސާލާފައި އޮތްއިރު މަޑު ފިޔާތޮށި ކުލައަކުން ބައެއް އިސްތަށިތަށް ހައިލައިޓް ކޮށްފައި ހުއްޓެވެ. އަނާ ޕެކެޓް ބުއިމުގެ ބަދަލުގައި އޭގެ ހޮޅި އަނގަޔަށްލައިގެން ހަފާލަހަފާލާ އިނެވެ. އިރުކޮޅަކު އަތު އޮތް ފޯނަށް ބަލަން އިނުމަށްފަހު އެލީޝާމެންނަށް ބަލާލިއެވެ. އެއިރުވެސް ދެމީހުން ތިބީ އަނާއަށް ބަލަހަށްޓައިގެނެވެ. ”ހުއް…. ކޯއްޗެއްތަ ތިބަލަނީ…. އަދި އެބަ ތިއްބެއްނުން ދެމީހުން ފާޑަކަށް ގަނޑުވެފަ… ފްރޯޒެންގެ ސީންއެއްތަ މީ؟…..” އަނާ ޕެކެޓް އަގަޔާ ދުރުކޮށްލަމުން އަނެއްކާވެސް އެދެމީހުންނަށް ލޯއަޅާލިއެވެ.
”ރީތިކަމުން ހަމަ ބެލެނީއޭ….ވެއިޓް ކޮންއިރަކު ދޮންތި ބޮލުގަ ކުލަޖެއްސީ…. އެންޑް ވައި އާ ޔޫ ސޯ ޕިންކީ ޓުޑޭ……” އެލީޝާ ހެމުން ވާހަކަދެއްކިއެވެ. ޔުއާން ނުހޭން އަނގަމަތީ އަތް އަޅައިގެން އިނެވެ. ”ހުއް…. މީދެން ހޭވަރު ކަމެއްތަ؟….. މިއަދުގަ ހައިލައިޓް ކުރީ…. ކޮލެޖަށް ނުދާތީ ފޫހިވެގެން……” އަނާ ތުން ދަމާލުމަށްފަހު ކައިރީ އޮތް ބާލިސް އެލީޝާއާ ދިމާލަށް ހޫރާލިއެވެ.މިހާރަކަށް އައިސް މާގިނައިން ކަންކަމާ ވިސްނޭތީ އަނާ ހުންނަނީ ބޮލަށް ތަދުވެފައެވެ. އެހެންވެ ބޯހަމަޖަށްސާލުމުގެ ގޮތުން އިސްތަށިގަނޑު ހައިލަޓްކޮށްލީއެވެ. އަނާ އެއްލި ބާލިސް ހިފަމުން އެލީޝާ ރައްދުގައި އެބާލީހުން އަނާގައި ޖެހިއެވެ. ”ދެން ދެ ކުޑަ ކުދިން ދޯ ތީ…. ޕިލޯ ފައިޓް ކުޅެން…. ސަކަރާތްޖަހަން ހަދައިގެން ސަދަފް ބޭބީ ހޭލަފާނެ…..” ޔުއާން ބާލިސް އަތުލަމުން ޗުސްތަޅުވާލިއެވެ.
”ޔާންބެ އަކަށް ނޭނގޭނެ…..ޕިލޯ ފައިޓް ކުޅެން ވަކި އުމުރެއް ނޯންނާނެ…. ބައިދަވޭ… ތިމީހުން ކީކޭތަ މިއަދުގަ ކީ… އަޑު އަހާކަށް ނޫން އެކަމު އަންގިޔެއް ހޯދަން ނިކުމެ އުޅެނިކޮށް އަޑު އިވުނީ…..ސަދަފް ބޭބެއަކަށް ވަނީދޯ….. ކޮންގްރާ ޔޫ ޓޫ….” އަނާ އެލީޝާގައި ބައްދާލަމުން މަރުހަބާ ކިޔެވެ. ” އަދި މިއުޅެނީ މާދަން އެންމެކައިރީ ބުނަންވެގެން އެކަމު ދޮންތިއަށް އިގުނީނުން…..” އެލީޝާ ފުޅާ ހިނިތުންވުމެއް ދެމުން ޔުއާންގެ އަތުގައި ހިފާލިއެވެ. އެ ދެމީހުންވެސް ތިބީ ނުހަނު އުފާވެފައެވެ. ”އެކަމު…. ކީއްވެ ޔާންބެ ބުނީ އައެމް ގޮނަ ބީ އަ ޑޭޑް އޭ…. ޔާންބެ އަކީ ސަދަފްގެ ބައްޕައެއްނުން… އެންޑް ޔޫ އާ އަ ޑޭޑް… ބަޓް…..” އަނާ ވިސްނަމުން ވާހަކަދެއްކިއެވެ. މިއަދު ހަތަރުދަމު އަނާ އެކަމާ ވިސްނިއެވެ. ސަދަފް އޭ އެޑޮޕްޓް ކޮށްފައި ހުރި ކުއްޖެކޭވެސް ހިތަށް އެރިއެވެ.
އަނާގެ ސުވާލުން އެލީޝާ ޔުއާންއަށް ބަލާލިއެވެ. ޔުއާން ހިނިތުންވެލުމަށްފަހު ބޯޖަހާލީ ވަގުތު ޖެހުނީކަން އެންގުމަށެވެ. މިއޮށް ހުރިހާ ދުވަހު އަނާއަށް އެ ހާދިސާ ސިއްރުކޮށްފައި އޮތީ އަނާގެ ބައްޔަށް ބަލާފައެވެ. ނަމަވެސް މިހާރު އެވާހަކަ އަނާއަށް ކިޔާދެން ދެމީހުންވެސް ނިންމިއެވެ. ވީހާވެސް ކުރުގޮތަކަށް އަނާއަށް އެލީޝާ އެ ވާހަކަތަށް ކިޔާދިނެވެ. ލޯންޗު ބަންޑުޖަހާލި ދުވަހާއި ކާރުތެރޭ ހިނގި ހާދިސާ އަދި ސަދަފްގެ ބައްޕަގެ މަރުގެ ވާހަކަވެސް ކިޔާދިނެވެ. ހުރިހާ ވާހަކައެއް އެނގުމުން އަނާގެ ދެ ލޯ ކަރުނުން ފުރުނެވެ. އެލީޝާގައި ބައްދާލުމަށްފަހު އެދުވަހު ކައިރީ ނުހުރެވުނީތީ މައާފަށް އެދުނެވެ.
ކުރިމަތިން ފެންނަމުން ދިޔަ އެއްބަނޑު އެއްބަފާވަންތަކަމުގެ ލޯބި އިހްސާސްވުމުން ޔުއާން ފެންކަޅިވިއެވެ. އެއްބަނޑު އެއްބަފާ ކޮއްކޮއެއް ހުރެ ކޮއްކޮ ލޮލަށް ނުފެންނާތީ ޝަކުވާކޮށްލެވުނެވެ. އެވަގުތު ޔުއާން ސްޓީވެން މަތިން ހަނދާންވިއެވެ. ކުޑައިރު ސްޓީވެންއާއެކީ އުޅުން މަޖާ ދުވަސްތަށް ލޯކުރިމަތިން ސިފަވަމުން ދިޔައެވެ. ސްކޫލުން އައިސް ޓީވީ ރިމޯޓާމެދު އަރާރުންވާ ހަދާންވުމުން ޔުއާންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ޔުއާން ކައިރީ އޮތް ދެބާލީސް ނެގުމަށްފަހު އެލީޝާ އަދި އަނާއާ ދިމާލަށް ހޫރުވާލިއެވެ. ބޭނުންވީ އެ ހިތާމަވެރި ވަގުތުކޮޅު އުފާވެރި ވަގުތުކޮޅަކަށް ހެދުމަށެވެ. ޔުއާންއަށް ހިނިތުންވެވުނީ އެލީޝާމެން ބާލީސްތަށް އުކަންފެށީމައެވެ. ސިޓިންރޫމްގައި ތިން މީހުންގެ ހުނުމުގެ އަޑު ގުގުމަންފެށިއެވެ.
ކޮޓަރިއަށް ވަންގޮތަށް އަނުމްއަށް ނިދުނީއެވެ. އަނުމްއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. އަނުމް ފޯނު ނެގުމުގެ ބަދަލުގައި ފާހާނާއަށް ވަދުނީ މޫނު ދޮވެލާށެވެ. އަނުމް ފާހާނާއިން ނިކުންއިރުވެސް ފޯނު ރިންގުވަމުން ދިޔައެވެ. އަނުމް ފޯނު ނަގަމުން ކޮޓަރިން ނިކުތެވެ. ”އަންނު….. މާހިރުބެ މިހާރު ގުޅާތާ ކޮން އިރެއް….. ކޮބާ ހާލު ރަގަޅުތަ؟…..” މާހިރު އިނީ ވީޑިއޯ ކޯލް ކޮށްގެނެވެ. އަނުމް ހިނިތުންވެލާފައި ރަގަޅުކަމަށް ބުންނެލިއެވެ. މާހިރުއާ ވާހަކަދައްކަމުން އަނުމް ސޯފާގައި އިށީނެވެ. މާހިރު އީލާފްގެ ހާލުވެސް އޮޅުން ފިލުވިއެވެ. އައިމިނަގެ ވާހަކަވެސް އެހިއެވެ. އަނުމް ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ބުނިއެވެ. އަދި މާހިރުއާ އެކި ވާހަކަދައްކަމުން ދިޔައެވެ. މާހިރުގެ މިޒާޖުހުންނަގޮތުން އަނުމްވެސް ހީހީފައި މާހިރުއާ ވާހަކަދައްކަމުން ދިޔައެވެ. އަނުމް އައިމިނަ ކައިރިއަށް އައި ފަހުން އަބަދުވެސް އެމީހުންގެ ހަބަރު މާހިރުއަށް ދެއެވެ. ބައެއް ފަހަރު ގުޅައިގެން އުޅޭއިރު ރިއާވެސް ވާހަކަދައްކާނެއެވެ. އަނުމް އީލާފްގެ ފޮޓޯ މާހިރުމެންނަށް ފޮނުވިއެވެ. މާހިރު އަދި ރިއާވެސް އީލާފް ފެނުމުން އުފާވިއެވެ. ޔުއާންއާ ވައްތަރުގޮތެއް ހުންނަކަމަށްވެސް ބުނިއެވެ.
އޮލަވާހަކައިގައި އިން މާހިރު ހުއްޓުން އެރިއެވެ. މާހިރު ފޯނުގެ ސްކްރީނަށް ބަލަން އިނުމުން އަނުމް އޭނާގެ ފަހަތް ބަލާލިއެވެ. ފަހަތުގައި ހުރި އައިމިނަ ފެނުމުން އަނުމް އަތުއޮތް ފޯނު އަތުން ދޫނުވީ ކިރިޔާއެވެ.
10 Comments!
Comments are closed.
Mi part vrh reethi???
Ly shiff ???
Varah reethi Masha Allah ?
V reethi ❤…..when next part ..plxx avahah up kohdheeba ….cant wait to read next ??
V reethi..waiting for the next part
pls next part avahah neri bala foohivesvey &mi vaahaka varah salhi
story kobaaa
Kobaa next??
Konirakun next part
mi vaahaka mihaaru up nukurany tha….next part ah inthixaaru kuraathaa kondhuvaheh….konirakun tha next part kiyaalan libeyny….
Alhey….adhives mi vaahaka up eh nukurey..konirakuntha? Vaahaka huttaaleetha anehkaa…mi story kiyaalaahithun mi hunnany up kuraane kamuge unmeedhuga…wots da issue dear…?? Story up kureven nethiyaa angaalaba ..plxx…