މަންމަގެ އުޅުން…..” އުސްމާނު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އުސްމާނު އެހެން ބުނުމުން ސަމީރާގެ ތުންފަތަށް ހިނިތުންވުމެއް ދުވެލިއެވެ. ޔަޤިނުންވެސް އުސްމާނަށް ބުނެވުނީ ތެދެއްކަމަށްވެސް ވެދާނެއެވެ. އޭނައަށް ލިބިފައިހުރީ އޭނަގެ މަންމަގެ އުޅުންތާއެވެ. އިތުރު އެއްވެސް އެއްޗެކޭ ނުބުނެ ފެންޑާގެ މޭޒުމަތީގައި ހުރި ކިރުތަށި ތުންޖަހާ އެއްފަހަރާ ދަމާލަމުން އުސްމާނު ނުކުތީ މަދަރުސާއަށް ދިއުމަށެވެ. އޭރު މަދަރުސާގެ ރަނގަބީލުޖެހިއަޑުވެސް އިވުނެވެ.
“ހާލަތު.. ކީއްކުރާނީ.. އާން ދެން އަމާގެ އުޅުން ދަސްވެފައި ހުރި ދަރިއެއް…” ތަވާ މަތީގައި އޮތް ރޮށި ފުށުން ޖަހާލަމުން ސަމީރާއަށް ބުނެލެވުނެވެ.
ހަވީރުގެ މަރިޔާދުގެ ހިތްގައިމު ވަގުތެވެ. މާނާއާއި އުސްމާނު ތިބީ ފެންޑާގައިހުރި މޭޒުކައިރީގައި އިށީންދެލައިގެން މަދަރުސާއިން ދީފައިވާ އެދުވަހުގެ ފިލާވަޅުތައް ހެދުމުގެ މަސައްކަތުގައެވެ. ސަމީރާ އިނީ ގޭތެރޭގައި އެލުވާފައިހުރި އުނދޯލީގައި ގުޑުގުޑާ ބަހައްޓާލައިގެން ދުންބޯށެވެ. އުނދޯލިމަތީގައި ރޭޑިޔޯ ހުޅުވާފައި ހުއްޓެވެ. އޭގެއިން އިވެމުންދިޔައީ ކުރީގެ ހިންދީލަވައެކެވެ. ސަމީރާވެސް އެލަވައާއި އެއްވަރަށް ލަވަ ކިޔާލާ ކިޔާލާ އިނެވެ. އުސްމާނު މަސައްކަތް ނިންމާލަމުން ފޮތްތައް ގަޔާއި ކައިރިކޮށްލަމުން ގޮނޑި ދުރައްޖައްސައިލިއެވެ.
“އަދިވެސް ދޮންތަ ނުނިމޭ ދޯ…” މާނާއަށް ބަލައިލަމުން އުސްމާނު ބުންޏެވެ.
“މިނިމެނީ.. މެތްސް މީ ވަރަށް ބަލާބޮޑު އެއްޗެއް.. ވަރަށް ފޫހިވޭ…” ތުންފަތަށް ވައްތަރުތަކެއް ޖައްސާލަމުން މާނާ ބުންޏެވެ. އުސްމާނު ތެދުވަމުން މާނާގެ ބޮލުގައި ފޮތްބޮޑިން ޖަހައިލިއެވެ.
“މިހާރުވެސް މީއިނީ ބޯގޮވާފަ.. އަނެއްކާ ބޮލަށް އިތުރު ބަރެއް.. މަންމާ ބަލާބަލަ މާނު އުނދަގޫ ކުރަނީ…” އުސްމާނު ކަންތައް ކުރިގޮތުން ޅަ ގޮތަކަށް ދެލޯ ހަދާލަމުން ސަމީރާއަށް ގޮވައިލިއެވެ. އުސްމާނު ސަމާސާގޮތަކަށް ހެވިލާފައި ހުއްޓެވެ.
“ހޫން.. އެއްކަލަ ދެ ބުޅާ ގަނޑު ކޯޅެންފެށީ.. އުސްމާނު.. ދޮންތައަށް އުނދަގޫނުކޮށް ތި ދާތާކަށް އަވަހަށްދާން އުޅޭ…” ދުންގަނޑުގެ ހޮޅީގެ ކޮޅު އަނަގަޔަށްލައި ދަމާލަމުން ސަމީރާ ބުންޏެވެ. މާނާ އާއި އުސްމާނަކީ ވަރަށްވެސް ސިޔާސަ ދެކުދިންނެވެ. އުޅުމުގައި މަޖާ އެކުވެރި ދެކުދިންނެވެ.
“ދޮންތަ ނުދަންތަ ވޮލީ ކުޅޭކަށް..” ފަސް އެނބުރި މާނާއަށް ބަލައިލަމުން އުސްމާނު އެއްސެވެ. މާނާ ހިނިތުންވެލިއެވެ.
“ނޫނޭ.. މިކަން ނިންމާލާފައި ދާނަން.. އަޒޫވެސް އަންނާނެ އިރުކޮޅަކުން..” އުސްމާނަށް ކުޑަ ހިނިތުންވުމެއް ފޮނުވާލަމުން މާނާ ބުންޏެވެ. އުސްމާނު އައިކޮޅަށް ދިއުމުގެ ބަދަލުގައި މާނާ އިން ދިމާއަށް ހިނގައިގަތެވެ. ގޮނޑިކައިރީގައި މަޑުޖެހިލަމުން މާނާގެ ކޮނޑަށް އަތް ވައްޓައިލިއެވެ. މާނާ އިސް އުފުލާލަމުން އުސްމާނުގެ ދެލޮލަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އުސްމާނު ހުރިގޮތުން ހީވަނީ ކޮންމެވެސް ވާހަކަ އެއް ބުނަން އުޅުނުހެންނެވެ.
“ކިހިނެއްވީ..؟ މާނު ހާދަ ފާޑަކަށް..” އުސްމާނުގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުން މާނާއަށް ކޮށްލެވުނީ ސުވާލުތަކެވެ. ސަމީރާއަށް ބަލައިލަމުން މާނާގެ މޫނަށް ބަލައިލީ ވާހަކައެއް ބުނަން އުޅޭފަދަ ބެލުމަކުންނެވެ.
“މާނު.. ހާދަ ހާސްވެފަ.. ދޮންތަ ގާތު ނުބުނެވޭވަރުގެ ވާހަކައެއް އޮތީތަ؟” މާނާ ސުވާލުކުރުމުން އުސްމާނު ދެކަކޫ މައްޗަށް ތިރިވިއެވެ.
“ދޮންތަ ގާތު ނުބުނެވޭވަރުގެ ވާހަކައެއް ނުހުންނާނެ.. ދޮންތަ ގާތު މިވާހަކަވެސް ޝެއަރކޮށްލަން ބޭނުންވަނީ.. ވަރަށް ބިރުވެސްގަނޭ..” އުސްމާނު ދައްކަން އުޅުނީ ކޮންމެވެސް ބޮޑު ވާހަކައެކެވެ. އޭނަގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފެންނަމުން ދިޔައެވެ.
“ދެން ބުނެބަލަ ކިހިނެއްތަވީ..؟ ވެގެން އުޅޭގޮތެއް ބުނެބަލަ؟” މާނާ ސުވާލަކަށްފަހު ސުވާލެއް އޮއްސަމުން ދިޔައެވެ. އުސްމާނަށް ވެފައި އިންގޮތުން މާނާ ހާސްވިއެވެ.
“ދޮންތާ؟” އުސްމާނު ބުނަން އުޅުނު ވާހަކައެއް ބުނަން އޭނައަށް އުނދަގޫވަނީއެވެ. ވާހަކައިގެ ބާވަތުން ބުނަންވެސް ޖެހިލުންވަނީކަންނޭންގެއެވެ.
“އުސްމާނު އަދިވެސް ރެޑީނުވޭތަ؟ ހިނގާ ކުޅެންދާން..” ދޮރުމަތީގައި ހުއްޓިލައިގެން ހުރި އެ އުމުރުގެ ފިރިހެންކުއްޖަކު އުސްމާނަށް ގޮވައިލުމުން އުސްމާނާއި މާނާއަށް ބަލައިލެވުނީ މައިދޮރާށި ހުރި ދިމާއަށެވެ. އުސްމާނު ދައްކަން އުޅުނު ވާހަކަ ވެސް ދެއްކޭގޮތެއްނުވިއެވެ.
“އަޖޫ މަޑުކުރޭ.. މި އަންނަނީ ރެޑީވެލައިގެން.. ކޮބާ އަހުސަނާއި އިލްހާމް..؟” އަޖުވަދުގެ ނަމުން ގޮވާލަމުން އުސްމާނު ތެދުވިއެވެ.
“އެމީހުން އެތިބަ އަންނަނީ.. ދޭ އަވަހަށް ބޫޓު ހިފައިގެން ނައްޓާލަން.. މިހާރުވެސް ލަސްވޭ..” އަޖުވަދު މަގަށް މޫނު އަނބުރާލަމުން ބުންޏެވެ. އުސްމާނު އަވަސް އަވަހަށް ފޮތްތަށް ހިފައިގެން ހިނގައިގަތީ ފުޓުބޯޅަ ކުލެން ދާށެވެ. އެއީ އެމީހުންގެ ކޮންމެ ދުވަހެއްގެ އާދައެވެ. ހަވީރުވަގުތު އެމީހުން ފުޓުބޯޅަކުޅެން ގޮސް އުޅުމަކީ ދުވަހުގެ އެއްބައެވެ. މަދަރުސާގެ މަސައްކަތް ނިންމާލުމަށްފަހު ހިތްހަމަ ޖައްސާލުމަށް އެ އުމުރުގެ ކުދިން ހަވީރުގަޑީގައި ކުޅެން ގޮސް އުޅުމަކީ އާދައެކެވެ.
“މަންމާ މާނު މިދަނީ ކުޅެން..” ފުޓުބޯޅަ ކުޅެން ދިއުމަށްޓަކައި ތައްޔާރުވެގެން ނުކުންނަމުން އުސްމާނު ބުންޏެވެ. ކޮންމެ ތަނަކަށް ދިޔަކަމުގައި ވިއަސް ސަމީރާގާތު ބުނެލާފައި ނޫނީ އެކުދިން ބޭރަކަށް ނުދެއެވެ. އޭނަގެ ކަނާއަތުގައި ފުޓުބޯޅަކުޅެންދިއުމަށް އަރާ ބޫޓުވެސް އޮތެވެ.
“ހަނދާންކޮށް ބަންގި ގޮވުމުގެ ކުރިން ގެއަށް އަންނަންވާނެ.. ދޭ އަވަހަށް..” އުނދޯލި ހެއްލާލަމުން ސަމީރާ ވަރަށް އޯގާތެރި ކަމާއެކު ޖަވާބު ދިނެވެ.
“ދޮންތާ.. ހަމަޖެހިލައިގެން އެވާހަކަ ކިޔައިދޭނަން..” މާނާއާއި ގާތްވެލަމުން އުސްމާނު ބުންޏެވެ. އަޖުވަދާއެކު އުސްމާނު ހިނގައިގަތީ ކުޅެން ދާށެވެ. އޭރު އެމީހުންގެ ދެރަހުމަތްތެރިން އެހިސާބަށް އަރައި ހަމަވަނީއެވެ.
“މާނު.. މިއަދު ވާނެ ރަނގަޅު މެޗެއް ކުޅެން.. އެއްކަލަ މާދިންވެސް ވަރަށް ފުއްޕާފަ ހުންނަނީ މާނުގެ ކުޅުން ގަދަކަމުން.. މިއަދުވެސް މަގޭ ކައިރީގައި ބުންޏޭ މާނު ކުޅެނީ ގެރި ކުޅުމެކޭ.. އަދި އޭނަ ހިތުން އޭނަ ކުޅެނީ މެސީގެ ކުޅުން.. ހަރާންފަދަ ފައިގަ ބޯޅަ ލައްވާނުލާ…” އެމީހުންގެ ތެރޭގައި އެކަކު އަނެކަކާއި ޖެހިއްޖެނަމަ މުޅިންވެސް ދެކެވޭނީ އެފަދަ ވާހަކަތަކެވެ. އެ އުމުރުގެ ކުދިން އަބަދުވެސް ތިބޭނީ ކުޅުމުގައިވެސް ވާދަވެރިވެފައެވެ. ކޮންމެވެސް މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ސަޕޯޓުކޮށް އެމީހުންގެ ހިނގާމަގުން ހިނގުމަށް އެކުދިން އަބަދުވެސް މަސައްކަތް ކުރެއެވެ. އުސްމާނަކީވެސް ފުޓުބޯޅައަށް މަރުދޭ ކުއްޖެކެވެ. އޭނަ އެންމެ ގަޔާވާ ކުޅުންތެރިއަކީވެސް މެސީއެވެ.
“ހޯ.. އޭނަ ހިތުން މެސީ.. އޭނަ މެސީއަށް ސަޕޯޓުކުރަން ފެށީވެސް މަ މެސީއަށް ސަޕޯޓުކުރަން ފެށިފަހުން.. ކުރިން ރޮނާލްޑޯ ވަރެއް ނެތް.. މީހަކު ކުރާހާ ކަމެއް އޭނަ ކުރާނެ.. އެހެންނު ވާނީވެސް.. އަތުގައި ފައިސާ އޮތީމަ ފޮނިވެސް ކެނޑޭނެތާ؟’ ހިނިގަނޑެއް ޖަހާލަމުން އުސްމާނު ބުންޏެވެ. ވާހަކައިގައި ތިބެ އެމީހުންނަށް ފުޓުބޯޅަ ދަނޑާއި ހަމައަށް ދެވުނުއިރުވެސް ނޭންގުނެވެ.
ދަނޑުމަތީގައި އެކި އުމުރުފުރާތަކުގެ ޒުވާނުން ކުޅުމުގައި މަސްއޫލުވަމުން ދިޔައެވެ. ރަށުގެ އަތިރިމަތީގައި ހުންނަ ދަނޑު ވަށައިގެން ތަފާތު ވައްތަރުގެ ރުއްގަސްތަކުން ފެހިކަމެއް ގެނުވައިދެއެވެ. އަތިރިމަތީގައި އެކި ހިސާބުތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހަވީރުގެ ހިތްގައިމު ވަގުތު ހިތްއުފާކުރަމުން ދިޔައެވެ. އެއްބަޔަކު އިލޮށިމަށަން ވެސް ތިއްބެވެ. އަނެއް ބަޔަކު މިދިލި މަދު ފެޅުމުގައި އަތްމަތި އަވަސްއަރުވާލައިގެން އުޅުނެވެ. އެމީހުންވެސް ގޮސް ބޫޓަށް އަރައި ހަމަޖެހިލައިގެން ދަނޑަށް ކުޅެން އެރިއެވެ.
ކުޅެ ނިންމާލުމަށްފަހު އެކި ކުދިން ގެއަށް ދަމުން ގޮސް އުސްމާނު އެކަނިވިއެވެ. އުސްމާނުވެސް ހިނގަމުން ދިޔައީ ގެއަށް ދިއުމަށެވެ. އޭނަ ހިނގަމުންދިޔައީ ރަށުގެ ބަނދަރު މަގުން ގެއާއި ދިމާއަށެވެ. އޭރު އިރުވެސް އޮއްސެން ކައިރިވަނީއެވެ. ހިނގަމުން ދިޔަ އުސްމާނު މަޑުޖެހުނީ މީހަކު އޭނަގެ ފަސްފަހަތުން ހިނގަމުން އަންނަ ކަމުގެ އިހްސާސްތަކެއް ކުރުވައިގެންނެވެ. ހުރި ފިޔަވަޅުމަތީގައި މަޑުޖެހިލަމުން ލޮލުގެ ކަޅި ދެފަރާތަށް ހިންގައިލިއެވެ. މީހަކު އާދޭތޯ ބަލާފަދަ ގޮތަކަށް މަޑުކޮށްލީވެސް އެމީހަކު އަންނާނެކަމަށް ހީކޮށްގެންނެވެ. ނަމަވެސް މީހެއްގެ ހިލަމެއް ނުވުމުން އަނެއްކާވެސް ހިނގައިގަތެވެ. ފަސްއެނބުރި ބަލައިނުލީ އެއީ ބަލަން ބޭނުންނުވެގެންނޫނެވެ. މަންމަމެން ބުނެއުޅޭކަމެއް ހިތަށް ވަނުމުންނެވެ. އޭނަގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. ކުރިއަށްވުރެއް ބާރަށް ހިނގައިގަތެވެ. އަނެއްކާވެސް އުސްމާނު މަޑުޖެހުނެވެ. ފަހަތުން މީހަކު އަންނަކަމުގެ އިހްސާސްކުރުވިއެވެ.
“ނިކަން ކެރެންޏާއި ކުރިމައްޗަށް އަރާބަލަ…” އަޑުނެތްތަނަށް އުސްމާނު ހަޅޭއްލަވައިގަތެވެ. އެހެނަސް ފަސްއެނބުރިބެލުމުގެ ޝައުޤުވެރިކަމެއްނެތެވެ. ބިރުން ހުރެވެސް އުސްމާނު ބެލީ އެކަމާއި ކުރިމަތީލާށެވެ. ކުޑަވަގުތުކޮޅަކު އެހެން ހުރުމަށްފަހު ހިނގައިގަތީ އެއްވެސް މީހެއްގެ ހިލަމެއް ނުވުމުންނެވެ. ގޯޅި އަޅަން އުޅުނު ވަގުތު އުސްމާނު ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ހުއްޓިލައިގެން ހުރީ މެދު އުމުރުގެ އަންހެނެކެ. އޭނަ ހުރީވެސް ބަރޯއެއް ހިފައިގެންނެވެ. އޭގެތެރޭގައި ލަކުޑި ދަރާއި ފަންތޮށީގެ އިތުރުން އުނބުތައްވެސް ހުއްޓެވެ. އެމީހާ ފެނުމުން އުސްމާނު ސިއްސައިގެން ދިޔައީ ކީއްވެކަމެއް ޚުދު އޭނައަށްވެސް ނުވިސްނުނެވެ.
“އުސްމާނު.. ކިހިނެއް ތިހެދީ.. ހާދަ ބިރުން ހުރިހެން ހީވެޔޭ…” އެ އަންހެންމީހާ އުސްމާނަށް ބަލައިލަމުން ސުވާލުކުރިއެވެ.
“ކަމެއްނުވޭ.. އަވަސް އަރުވާލައިގެން ގެއަށް ދާންއުޅެވުނީ.. އެހެންވެ ސިހުނީ…” މޫނުގައި އަތް އުނގުޅާލަމުން އުސްމާނު ބުންޏެވެ. ބިރުން ހުރިވަރުން އުސްމާނު ހުރީ ކޮންމެވެސްވަރަކަށް ދާހިއްލާފައެވެ.
“ސައީދާއްތަ ކޮންތާކުން ތި އަންނަނީ؟” ހަމަޖެހޭގޮތް ދައްކަމުން އުސްމާނު ކޮށްލީ ސުވާލެކެވެ.
“މިއަންނަނީ ވަލު ހިނގާލާފަ.. ދަރުކޮޅެއް ނެތީގެން ދަރުކޮޅެއް ހޯދާލައިގެން.. މިދުވަސްކޮޅު މަސްވެރިކަންވެސް ރަނގަޅު ދުވަސްކޮޅެއްނު…” ސައީދާ ފާޑަކަށް ބަލައިލަމުން ބުންޏެވެ. ސައީދާ ބަލަމުން ދިޔައީ ވަރަށް އާދަޔާޙިލާފު ބެލުމަކުންނެވެ. އެބެލުމުގައި ސުންޕާގޮތެއް ހުއްޓެވެ. އަޅާއިގެން ހުރި ބުރުގާ ރަނގަޅުކޮށްލަމުން ސައީދާ ހިނގައިގަތެވެ. އުސްމާނުވެސް އަވަސް ފިޔަވަޅުތަކެއް ނަގަމުން ހިނގައިގަތެވެ. އުސްމާނު ހިނގައިގަތުމުން ސައީދާ ފަސްއެނބުރި ބަލައިލިއެވެ. ދެލޯ ހަނިކޮށްލަމުން ހަސަދަވެރި ބެލުމަކުން އުސްމާނާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އޭނަ ހިނގައިގަތީވެސް އުސްމާނު ލޮލުކޮޅަށް ގެއްލުމުންނެވެ.
ބާރުބާރަށް ހިނގަމުން އުސްމާނު ދިޔައީ ބިރުވެރި ވަސްވާސްތަކާއި ޙިޔާލުތަކާއެކުގައެވެ. ގެއާއި ހިސާބަށް ދެވުމުނުން ހިނގުން މަޑުކޮށްލިއެވެ. ދެކޮޅު ހޯދާބަލާލަލަމުން ހަށިފުރާ ނޭވާއެއްލަމުން ގެއާއި ދިމާއަށް ހިނގައިގަތެވެ. ގެއަށް ވަންނަން ދޮރުމަތީގައި މަޑުޖެހެވުނީ އަނެއްކާވެސް މީހެއް ހުރިކަން އިހްސާސްކުރެވިގެންނެވެ. މަޑުމަޑުން ލަސްފިޔަވަޅުތަކެއް ނަގަމުން ގެއަށް ވަންނަ މައޮދޮރާށިކައިރީގައި މަޑުޖެހުނެވެ. އޭރުވެސް މީހެއް އުޅޭ ކަމުގެ އިހްސާސްތަކެއް ކުރުވިއެވެ. ގެއަށް ވަންނަން ހުންނަ ދޮރުހުޅުވާލަން އަތް ހަރަކާތްކޮށްލި ވަގުތު ގޮތްނޭންގޭ ހޫނު ވައިރޯޅިއެއް ފައިގައި ބީހުނުހެން ހީކުރެވުނެވެ. ހަށިގަނޑުގައި ހުރި ކުދިލޯލިތަށްވެސް ކޮޅަށް ޖެހުނެވެ. ހިތްވެސް ތެޅިގަތްގަތީނުން ހީވީ ހަށިގަނޑު ފަޅާފައި ނުކުތްހެންނެވެ. ފަސްއެނބުރި ބެލުމެއްނެތި ދޮރުގެ ތަޅުގައި ހިފާލަމުން އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. އޭރު މަޣްރިބު ނަމާދު ބަންގިވެސް ގޮވަނީއެވެ. ތެޅެމުން ފޮޅެމުން ގެއަށް ވަދެވުނުއިރު އުސްމާނުގެ ބައްޕަ އަބްދުﷲވެސް ގިފިލިން ނުކުންނަނީއެވެ.
“ދަރިފުޅާ.. ހާދަ އަވަސް އަރުވާލައިގެން…” އުސްމާނު ތެޅެމުން ފޮޅެމުން ގެއަށް ވަތްތަން ފެނިގެން އަބްދުﷲވެސް ކޮށްލީ ސުވާލެކެވެ.
“އާން. ބަންގިވެސް ގޮވަނީއެންނު.. އެހެންވެ ނަމާދަށްދާން ތައްޔާރުވެލަން ވެގެން.. ބައްޕަވެސް މަހުން ތި އައީ ދޯ.. ކޮބާ މަންމަ…” ވަރަށް ހާސްވެފައި ހުރެ އުސްމާނު ވާހަކަދެއްކިއެވެ. އަބްދުﷲވެސް މުންޑު ރަނގަޅުކޮށްލަމުން ތުވާލިގަނޑު ކޮނޑުމައްޗަށް ލައިގެން ހުއްޓިލައިގެން ހުރީ އުސްމާނު އުޅުނުގޮތުންނެވެ.
“ބައްޕަވެސް ދެންމެ މިއައީ.. މަންމަ ވެއްޖެ ބަދިގޭގަ.. ކޮބާ ދޮންތަ؟” ބޯހިއްކަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން އަބްދުﷲ އެއްސެވެ.
“މާނާ އެދިޔައީ މިސްކިތަށް.. އަދި ކިރިޔާ ދޯ އުސްމާނަށް ގެއަށް އާދެވުނީ.. ދެންވެސް ތިހެން ނުހުރެ ފެންވަރައިގެން މިސްކިތަށް ދާން އުޅޭ..” އަބްދުﷲގެ ސުވާލަށް ޖަވާބުދިނީ ބަދިގެ ދޮރުމަތީގައި ހުއްޓިލައިގެން ހުރި ސަމީރާއެވެ. ސަމީރާ ހުރީ ހެދުމުގެ އެއްބައި އަރުވަޖަހައިގެންނެވެ. ހީވަނީ ބަދިގޭ މަސައްކަތުގައި ބުރަކޮށްލައިގެން އުޅެފައި ނުކުތްހެންނެވެ.
“މަންމަ ބުނަން ދޯ ބަންގި ގޮވުމުގެ ކުރިން އަވަހަށް އަންނަންވާނެޔޭ.. ކޮންމެ ދުވަހަކުވެސް އުސްމާނު ތި ހަދަނީ ތިހެން…” ސަމީރާ ޗުކުޗުކު ތަޅުވަން ފެށިއެވެ. އުސްމާނުވެސް ބޯކަހަމުން ގޮސް ގިފިއްޔަށް ވަނެވެ. އެއީ ކޮންމެދުވަހަކުވެސް ސަމީރާގެ އާދައެކެވެ. އުސްމާނުގެ އުޅުން ހުންނަގޮތުން އެކަންތައް އިސްލާހުކުރުމަށް އަބަދުމެ ނަސޭހަތްދީ އުޅޭ އުކުޅުތަކެވެ.
***
“މީތިކޮޅު ކާލަބަލަ.. އެހެން ނޫނީ ބައްޕި ކައިރީގަ ބުނާނަނަށް ހިޝްކޮއަށް އެއްވެސް އެއްޗެއް ނުގެންނައްޗޭ…” ޒުމްރާ އިނީ އިޝްމާއަށް ކާންދިނުމުގައެވެ. ހިޝްމާ ނުކާންވެގެން ބޮޑާ ހާކަމުން ދިޔައެވެ. ޒުމްރާގެ މަންމަ ޒަމީރާ އުޅުނީ ސިންކުތެރޭގައި ހުރި ތަށިތަށް ދޮންނާށެވެ.
“ދަރިފުޅާ.. ތިހާވަރުން ނޫޅެބަލަ. އެމަންޖެ ހަވީރުވީފަހުން ޕެކެޓެއްވެސް ބުއީ…” ޒުމްރާއަށް ބަލަހައްޓާއިގެން ހުރެ ޒަމީރާ ބުންޏެވެ.
“މާމާ… މަންމި އުޅޭނީ ހިޝްކޮ ފެޓުކޮށްލަން.. ބަލާބަލަ މިހާރުވެސް ހިޝްކޮ…” ވަރަށް މައުސޫމު ގޮތަކަށް ހިޝްމާ ވާހަކަ ދެއްކިއެވެ. ގޮނޑިން ފައިބަމުން ހިޝްމާގޮސް ޒަމީރާގެ ގައިގައި އޮޅުލައިގަތެވެ. “ހިޝްކޮ ލޯބިވަނީ މާމަ ދެކެ…” ބޮޑާ ހާކަމުން ޒުމްރާއަށް ބަލައިލަމުން ހިޝްމާ ބުންޏެވެ. ޒަމީރާ ހެވިލާފައި ހިޝްމާއަށް ބަލައިލިއެވެ.
“ދަރިފުޅު ދެންދޭ ފެންވަރާލައިގެން ނަމާދުކޮށްލަން.. މަންމަ ދާނަން މިކަން ކޮށްލާފަ ހިޝްކޮ ގައިދޮއްވާލަން..” ޒަމީރާ މަސައްކަތާއިގެން އަވަސްވެގަތެވެ. ހިޝްމާ އޭރުވެސް ހުރީ ޒަމީރާ ލައިގެން ހުރި ދިގުހެދުން އޭނަގެ ގައި ފޮރުވާލައިގެން އޮޅުލައިގަނެގެންނެވެ.
“މަންމާ.. މިތަށިވެސް ދޮވެލައްޗޭ.. ހިޝްކޮ އަށް މި ފެންފޮދުވެސް ދެއްޗޭ” ހިޝްމާއަށް ކާންދޭންވެގެން ގެންގުޅުނު ބަތްކާށި ބަހައްޓަމުން ޒުމްރާ ގޮނޑިން ތެދުވިއެވެ. ޒުމުރާ ގޮނޑިން ތެދުވެގެން ގޮސް ސިންކު ކައިރީގައި މަޑުޖެހިލަމުން އިސްކޫރުން އަތްދޮވެލައިގެން ހިޝްމާއަށް ބަލައިލިއެވެ.
“މާމަގެ ރަންދޫނި މާމަ ކައިރީގައި ބަސްއަހައިގެން ހުންނާތި.. މާމަ އެއްކޮށް ނަމާދު ކުރައްޗޭ.. ޤުރުއާން ކިޔަވައިގެން މާމަ ކައިރީގައި ނިދާލާ.. މާމަ ކިޔައިދޭނެ ވާހަކަ ވެސް…” ހިޝްމާގެ ބޮލުގައި ފިރުމާލަމުން ޒުމްރާ ބުންޏެވެ. “މަންމާ. އެމަންޖެ ބާއްވާ މަންމަ ކައިރީގަ.. އަހަރެން ކުޑަ މަސައްކަތެއް އޮތީމަ.. އަށެއް ޖަހާއިރު ސުކޫލުގަ އޮތް މީޓިންއަކަށްވެސް ދާންޖެހޭ…” ޒަމީރާގެ މޫނަށް ބަލައިލަމުން ޒުމްރާ ބުންޏެވެ. ކާ ކޮޓަރިން ނުކުންނަމުން ހިޝްމާއަށް ބަލައިލަމުން “ފްލައިން ކިސް” އެއް ފޮނުވައިލީ ހިޝްމާ ބަލަހައްޓައިގެން ހުރުމުންނެވެ.. ހިޝްމާ ވަރަށް ލޯބިން އެ “ފްލައިން ކިސް” އަތުން ހިފާލަމުން މޭގައި ޖައްސައިލިއެވެ.
***
އަބުދުﷲ އިނީ އުނދޯލީގައެވެ. އަތުގައި ހަތިމެއްވެސް އޮތެވެ. ދެނަމާދު ދޭތެރޭ ޔާސީން ސޫރަތް ކިޔަވާލުމަކީ އޭނަގެ އާދައެކެވެ. ސަމީރާ އަވަދިނެތި ބަދިގެތެރޭގައި މަސައްކަތުގައި އުޅެމުންދިޔައެވެ. އުސްމާނު އޮތީ އޭނަގެ ކޮޓަރީގައެވެ. ލަކުނޑި އެދެއްގައި އޮށޯވެލައިގެން އިސްލާމްފޮތް ހުޅުވާލައިގެން ފިލާވަޅު ދަސްކުރާށެވެ. އެކޮޓަރިއަކީ ވަރަށް އާދައިގެ ކޮޓަރިއެކެވެ. ކޮޓަރީގެ އެއްކަނެއްގައި ލަކުޑި އަލަމާރިއަކާއި ކިޔަވާ ފޮތްތައް ބަހައްޓާފައި ހުރި ލަކުޑި މޭޒަކާއި ގޮނޑިއެއް ހުއްޓެވެ. ވަރަށް ތަރުތީބު ސާފުތާހިރު ކޮޓަރިއެކެވެ. އެ އައިލާއަކީ މުއްސަނދި އައިލާއެއްކަމުގައިނުވިއަސް، އެމީހުންނަކީ ހަލާލު މަސައްކަތްކޮށްގެން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މެދުފަންތީގެ އައިލާއެކެވެ. ގޭތެރެއަށާއި ގެންގުޅޭ ތަކެއްޗަށް ނަޒަރު ހިންގައިލިނަމަވެސް އެކަންތައް އެހުރީ ފެންނާށެވެ.
އުސްމާނު އޮތީ ފޮތަށް ގެއްލި ހުސްވެފައެވެ. ފޮތް މޫނުމަތިން ހުރަސްކޮށްލަމުން ދޮރާއި ދިމާއަށް ބަލައިލީ ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ. ބާލީސްމަތީގައި ފޮތް ބާއްވަމުން އުސްމާނު ހިނގައިގަތީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. ލަސްފިޔަވަޅުތަކެއް އަޅަމުންގޮސް ދޮރުގެ ތަޅު އަނބުރާލަމުން ދޮރުހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ އޭނަގެ ދޮންތަ މާނާއެވެ.
“ސާބަސް ދޮންތާ.. ދޮރުގައި ޓަކި ނުޖެހިއަސް ވަދެވޭނެޔޭ…” ދޮރު ހުޅުވާލަމުން އުސްމާނު ބުންޏެވެ. “ކަމަކުތަ؟” ކަމެއް ހަނދާނުން ކައްސާލައިގެން ހުރިކަން އޭނައަށް ނޭންގުނެވެ. އެހެނަސް މާނާ އެތަނަށް އައީ ވާހަކައެއް އޮޅުން ފިލުވާށެވެ.
“ކަމަކު ނޫނަސް.. މާނު މިއަދު ބުނަން އުޅުނު ވާހަކަ ކޮބާ؟” އެތެރެއަށް ވަންނަމުން މާނާ ހަނދާންކޮށްދިނެވެ. އުސްމާނު ހައިރާންވެފައި މާނާއަށް ބަލަހައްޓައިގެން ދޮރުމަތީގައި ހުރީއެވެ. އުސްމާނު މޫނަށް ގެނައި ބަދަލަކުން ހީވަނީ ހަނދާންނެތިފައި ހުރީހެންނެވެ/
“ސާބަސް މާނޫ.. ތި ދޮރުލައްޕާފައި އާދެބަލަ. މިހާ އަވަހަށް ހަނދާން ނެތުނީ..” މާނާ އަޑުހަރުކޮށް އުސްމާނަށް ގޮވައިލިއެވެ.
(ނުނިމޭ)
One Comment
Comments are closed.
Niceeeeeeeeeeee konirakuntha next part waiting for next part ???love you