ހަހުރަޔާ – 01
ހެނދުނުގެ ވަގުތެވެ. ގަޑިން ހަގަޑި ބައިވަނީއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރި ޒުމްރާ ތައްޔާރުވަމުން އެދަނީ ޑިއުޓީއަށް ދާށެވެ. އަތް މަތި އަވަސްކޮށްލާފައި ބޮލުގެ އިސްތަށިގަނޑުގައި ފުނާ އަޅައި ނިންމައިލިއެވެ. ޒުމްރާ އަކީ ހަނގަނޑު ދޮން ކަސްރަތީ ހަށިގަނޑެއްގެ ވެރި ބުރުސޫރަ ރީތި ކުއްޖެކެވެ. ބަލައިބެލުމަށް ފަންސަވީސް އަހަރުވެދާނެއެވެ. މޫނުގައި ފުއްކޮޅެއް ޖަހާލަމުން އޭނަގެ މަޑު ތުންފަތުގައި ފިޔާތޮށިކުލައިގެ ލިޕްސްޓިކް ފަވާލަމުން ފަސް އެނބުރި ބަލައިލިއެވެ. ފަސް އަހަރަށް ދާ އޭނަގެ އަންހެން ދަރިފުޅު ހިޝްމާ އިނީ ކުލަޖައްސާ ފޮތެއް ހިފައިގެން ޓާއިލްސްމަތީގައި އިށިންދެލައިގެން ކުލަ ޖައްސާށެވެ. ކުލަ ފޮށީގައި ހުރި ކުލަތަށް އެކި ދިމާއަށް ތަރުތީބެއްނެތި އުކާލެވިފައި ހުއްޓެވެ. ހިޝްމާ އަކީ ޒުމްރާ އަށާއި ހިޝާމުގެ ހަ އަހަރުވީ ކައިވެންޏަށް ލިބުނު ހަމަ އެކަނި އަންހެންދަރިއެވެ. ޒުމްރާގެ ފިރިމީހާ ހިޝާމަކީ ސަފާރީއެއްގައި މަސައްކަތްކުރާ މީހަކަށްވެފައި ރަށަށް އައިސް އުޅެނީ މަހަކު އެއްދުވަހަށް ނޫނީ ދެދުވަހަކަށެވެ. ދެމަފިރިން ދިރިއުޅެމުން ދިޔައީ ތަނަވަސްކަމާއި އުފަލާއި އަރާމުގައެވެ. އެއްވެސް ކަމަކަށް ދަތިވާނެ ދުވަހެއް އެމީހުންގެ ދިރިއުޅުމަށް ކުރިމަތިވެފައެއް ނުވެއެވެ. ޒުމްރާ އަކީ މަސައްކަތްތެރި ގެވެހި، ދީންވެރި މުދައްރިސެކެވެ. ފިރިމީހާދެކެ އިންތިހާއަށް ލޯބިވާ އަބުރުވެރި، ވަފާތެރި އަންހެނެކެވެ. ކޮޓަރީގެ ފަރުނީޗަރުތަކަށް ނަޒަރެއް ހިނގައިލި ނަމަވެސް އެމީހުންގެ ދިރިއުޅުމުގެ ފަންވަރާއި ސާފުތާހިރުކަމާއި ތަރުތީބުކަން ފެނިގެންދެއެވެ.
ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް އަވަސްބެލުމަކުން ބަލައިލަމުން އެނދާއި ދިމާއަށް ފިޔަވަޅުތަށް ނަގަމުން ގޮސް އެނދުމަތީގައި އޮތް ބުރުގާ ނަގައި ބޮލަށް ހެޔޮވަރުކޮށްލަމުން ކުރިމައްޗަށް ވާގޮތަށް އާދައިގެ ގޮށެއް ޖަހައިލިއެވެ. އެނދުކައިރީގައި އިށިންދެލައިގެން އިން ހިޝްމާގެ ބޮލުގައި ފިރުމާލަމުން ދެކަކޫ ޖަހަމުން އިށީންނެވެ. ހިޝްމާއަކީ އެމީހުންގެ އަލަތު ކައިވެންޏަށް ލިބުނު ހަމަ އެކަނި އަންހެންދަރިއެވެ. ފުއްގަނޑެއް ކަހަލަ ލޯބި ދޮން ކުއްޖެކެވެ. ޒުމްރާގެ ރީތިކަން ހިޝްމާއަށް ލިބިފައި ހުއްޓެވެ. ކޮންމެ މީހަކު ވެސް ހިޝްމާ ފެނިއްޖެ ނަމަ ލޯބިވާފަދަ މައުސޫމުކަމެއް އެކުއްޖާގެ ސިފަތަކުން ފެންނަމުން ދިޔައެވެ.
“ދޫނީ މަންމި މިދަނީ ސުކޫލަށް ދާން.. ދަރިފުޅު ލަސްނުކޮށް ބުއްތަށި ބޯން ނުކުންނައްޗޭ.. މާމަ އުޅޭނެ ބަދިގެ ފަރާތު… މަންމި ދެން ދަނީ. މަންމިގެ ފުރާނަކޮޅު..” ހިޝްމާގެ ދަތްދޮޅީގައި މަޑުމަޑުން ހިފާލަމުން ކޮލަށް ބޮސްދެމުން ޒުމްރާނުކުތީ ޑިއުޓީއަށް ދާށެވެ. އަތުގައި ބޮޑު ފޮތްބޮނޑިއެއްވެސް އޮތެވެ. ޑީޗަރަކަށްވީތީ ފޮތްތަކަކީ އެފަދަ މީހުންގެ އަތްމަތި ފުރާލާ އެބައިމީހުންގެ ދިރިހުރުންފަދަ އެއްޗެކެވެ. ޒުމްރާއަކީ އެރަށުގެ ސުކޫލުގެ ހީވަގި ޓީޗަރެކެވެ. މަދަރުސާގެ ޓީޗަރެއްގެ ވަޒީފާގައި އުޅޭތާ ފަސްއަހަރުވަނީއެވެ. ހީވަގިކަމާއި މުރާލި ކަމާއެކު ޒުމްރާ އެވަޒީފާ އަދާކުރަމުން ދިޔައީ އެއްވެސް ފޫހިކަމެއްނެތިއެވެ. ބެލެނިވެރިންނާއި ދަރިވަރުންގެ ލޯބި ލިބިފައިވާ ޒުމްރާ އަކީ އެރަށުގެ ރައްޔިތުންވެސް ޤަދަރުކުރާ މަޑުމައިތި ހިތްހެޔޮ ކަނބަލެކެވެ.
“މަންމާ.. އަހަރެން މިދަނީ ސުކޫލަށް.. ހިޝްކޮއަށް ބުއްތަށި ދެއްޗޭ..” ގެއިން ބޭރަށް ނުކުމެ ކަޅުކުލައިގެ ބޫޓަކަށް އަރަމުން ޒުމްރާ ގޮވައިލިއެވެ. ގެއާއި ޖެހިގެން ތަންކޮޅެއް ދުރުގައި ހުރީ ކާކޮޓަރިއާއި ބަދިގެއެވެ ޒުމްރާ އަޑުހަރުކޮށް އޭނަގެ މަންމައަށް ގޮވާލަމުން އަވަސް ހިނގުމެއްގައި ގެއިން ނުކުތީ ސުކޫލުދޮށަށް ދާށެވެ. އެގޭ ދޮރުމަތީގައި ވަރުގަދަ ބަނބުކެޔޮގަހެއް ހެދިފައި ހުއްޓެވެ. ގެއަށް ވަންނަން ހުންނަ ދޮރާށިން ނުކުމެ ދެފަރާތަށް މޫނު ހަރަކާތްކޮށްލަމުން ފަޔަށް ބާރުލާފައި ހިނގައިގަތެވެ. ހެނދުނު ހެނދުނާ މަދަރުސާގެ ޔުނީފޯމުގައި އެކި އުމުރުފުރާގެ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ބާރުބާރަށް ހިނގަމުން ދިޔައީ މަދަރުސާ ދޮށަށް ދާށެވެ. މަގުގެ އެކި ހިސާބުތަކުގައި އަންހެންވެރިން ގޭދޮށު ކުނިކެހުމުގައި އިލޮށިފަތި ހޫރާލާ އުޅުނެވެ.
ޒުމްރާ ހިނގަމުން ދިޔަޢީ ހަލުވި ހިނގުމެއްގައެވެ. މަގުމަތީގައި ހުރި ޖޯއްޔެއްގައި މެދު އުމުރުގެ ފިރިހެނަކު ސުންޕާ ގޮތަކަށް ޒުމްރާއަށް ކަޅި ޖަހައި ނުލައި ބަލަން އިނެވެ. ދެލޯ ހަނިކޮށްލައިގެން ނަޒަރު ހުއްޓާލައިގެން އިން އިރު ބެލުމުގައި އާދަޔާ ޚިލާފު ނުބައި ގޮތެއް ހުއްޓެވެ. އޭނަގެ މޫނު މަތިންވެސް ނުލަފާ ސިފަތަކެއް ފެންނަން ހުއްޓެވެ. މޫނުގެ ހަންގަނޑު ކަޅެވެ. ތުންފަތް ކަޅު ދަތްދޮޅީގައި ކޮންމެވެސް ވަރަކަށް އިސްތަށިކޮޅެއް ފަޅާފައި ހުއްޓެވެ. ތުނބުޅިއަކަށް ނުވާ ކަހަލަ ތުނބިޅިއެކޭ ބުނުމަކުން ބޭ އިންސާފަކަށް ނުމެދާނެއެވެ. ދެލޯ ކައިރި ކަޅުވެފައި ނިތްކުރިމަތީގައި ކަޅު ލައްގަނޑެއްވެސް ހުއްޓެވެ. ތުންފަތް ކަޅުވެފައި ކަންހުޅިކައިރިން ނުރަވެފައިވާ އިސްތަށިވެސް ހުއްޓެވެ. އެމީހާ އިނީ ގަދަޔަށް ދުފާ އަނގަ ރަތްކޮށްލައިގެންނެވެ. އަނގައިގެ ދެމިޔަކަނުން ދުފާލައިގެން އިންކަމުގެ ރަތް ސިގުނަލްތައްވެސް ފެންނަން ހުއްޓެވެ.
“ޖާބިރޫ…. އާދޭ ސައިބޯން…” ގޭގެ މައިދޮރާށޮ ބޭރަށް ހުޅުވާލަމުން ބުރުގާ އަޅާއިގެން ހުރި މެދު އުމުރުގެ އަންހެނަކު ބޯ ދިއްކޮށްލަމުން އޭނަގެ ނަމުން ގޮވައިލިއެވެ. ހީވާގޮތުން އެއީ އޭނަގެ އަންހެނުންނެވެ. އަންހެންމީހާ އެހެން ބުނުމަށްފަހު ދޮރުން އެތެރެއަށް ދެމިގަތެވެ. ޝަހާދަތް އިނގިއްޔާއި މެދު އިނގިލި ތުންފަތް މައްޗަށް ހުރަސް ކޮށްލަމުން މަގުމައްޗަށް ހަތްޕުޑު ބުރުވާލަމުން ޖާބިރު ތެދުވިއެވެ. ދެވަނަ ފަހަރަށްވެސް ޒުމްރާއަށް ބަލައިލަމުން ޖާބިރު ގެއަށް ވަންނަން ހިނގައިގަތެވެ.
***
ލަކުޑި ގޮނޑިއެއްގައި އިށިންދެލައިގެން އިން ސަމީރާ އިނީ އަނދަމުންދިޔަ އުނދުނަށް ބަލަހައްޓައިގެންނެވެ. ސަމީރާ އިނީ ދާހިއްލާ ފޯވެފައެވެ. މޫނުގައި ބޮކި ޖަހަމުން ދިޔަ ދާތިކިތަށް ލައިގެން އިން ދިގުހެދުމުގެ އަތްކުރިން އަވަސް އަވަހަށް ފޮހެލައެވެ. ދަރު އުނދުގައި ހުރި ދަރުތައް އަލިފާނުގައި ގަދައަށް އަނދަމުން ދިޔައެވެ. އުނދުނާއި ދިމާލުން އަޅާފައި އޮތް ދުމަށި މަތީގައި ވަޅޯމަސް ދިލަ ޖައްސަން އަތުރާލާފައި ހުއްޓެވެ. ދުމަށީގެ އެއްފަރާތެއްގައި ދަރުތައް ތަރުތީބުން އަތުރާލާފައި ހުއްޓެވެ. ދިވެހި ވަންތަ ބަދިގެއެކެވެ. ބަދިގޭ ފާރުގެ އެކިހިސާބުތަކުން ދިލަޖެހި ކަޅުވެފައި ހުއްޓެވެ. އުނދުނުގެ ދެފަރާތުން ހިކި ބޮންބާއި ނާށިތަށް ފުނި ޖަހާލާފައި ހުއްޓެވެ. ޖެހިގެން ހުރި އުނދުންމަތީގައި ވަރުގަދަ ތެއްޔެއްގައި ރިހާކުރު އެއްޗެއް ބޮކި ޖަހާފައި ކެކެމުން ދިޔައެވެ. އުނދުމަތީގައި އޮތް ދަގަނޑު ތަވާ މަތީގައި އޮތް ރޮށި ފުއްޕާފައި އަލިފާނުގެ ހޫނަށް ފިހެވެމުން ދިޔައެވެ. ކުރިމަތީގައި އޮތް ރޮށިދަމާ ހޮޅިއާއި ރޮށިދަމާއެތި ކުރިމަތީގައި ހުއްޓެވެ. އަތުގައި އޮތް ލަކުޑި ދޭފަތް އަތަށް ރަނގަޅުކޮށްލަމުން ރޮށި ފުށުން ޖަހައިލިއެވެ. އަނެއްކާވެސް ކައިރީގައި ޖެހިގެން ހުރި ޕްލާސްޓިކް ތަށީގެ ތެރެއިން އެއް އަތުން ފުއްގުޅައެއް ނަގަމުން ރޮށިދަމާ އެތިމައްޗަށް ރަނގަޅުކޮށްލިއެވެ. ސަމީރާގެ އަތްމަތި އަވަސްވެސްފައި ހަލުވިއެވެ. ބަދިގެއަށް ނަޒަރު ހިންގާލައިފިނަމަ އެމީހުންނަކީ މަސްވެރި އައިލާއެއްކަން އެނގެއެވެ.
“ދަރިފުޅާ އުސްމާން.. އަދިވެސް ނުނިމޭ.. މިހާރު ގަޑި ޖެހެނީ.. އެންމެ ފަހަރަކުވެސް ރަނގަބީލު ޖެހީމަ ނޫނީ ގެއިން ނުކުމޭ ވަރުނުވާނެ.. މިހާރު ސައިތަށި ހިހޫވެ ފެނައްވެއްޖެ.. ކޮންމެ ދުވަހަކުވެސް ތިވަރު ނުވަނީސް ދަރިފުޅަށް ތައްޔާރުވެވޭ ކަމަށްނުވޭ… ތުއްތަވެސް ގެއިން ނުކުމެގެން ދިޔަ ފަހުން ކޮން އިރެއް.. ގޭ ބުޑުގަ މަދަރުސާ ހުއްޓަސް ތިދެން ފުކެއް ބޮޑުވަރު…” ބަދިގޭގައި އިނދެފައި ސަމީރާ ހަޅޭއްލަވައިގަތީ އޭނަގެ ހަގު ފިރިހެންދަރި އުސްމާނާއި ދިމާއަށެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު ވަގުތުގައި އެގެއިން އިވޭ އަޑެކެވެ. އުސްމާނަކީ ސަމީރާ އާއި އަބްދުﷲއަށް ލިބިފައިވާ ދެކުދިންގެ ތެރެއިން ހަގު ދަރިއެވެ. ދެން ހުންނާނީ އެމީހުންގެ އަންހެންދަރި މާނާއެވެ. އުސްމާނު ކިޔަވަމުން ދަނީ އެރަށު ސުކޫލުގެ ގްރޭޑް ހަތެއްގައެވެ. މާނާ ކިޔަވަމުން ދަނީ ގްރޭޑް ނުވައެއްގައެވެ. ސަމީރާގެ ފިރިމީހާ އަބްދުﷲއަކީ ހީވާގި މަސްވެރިއެވެ. ދުވާލުދާ ހަތަރުދަމު އޭނަ އުޅޭނީ ދަކައައްވާއި ވެހޭ ވާރޭގެ ތެރޭގައި ކަނޑުމަތީގައެވެ.
“އޯތް މަންމާ… މި ނުކުންނަނީ…” ބަރު އަޑަކުން ފިރިހެން ކުއްޖަކު ގޮވައިލި އަޑުއިވުނެވެ. ހުދުކުލައިގެ ޔުނީފޯމެއްލައިގެން ބެގީ ޖަހަމުން ދަބަސް ކޮނޑުގައި އަޅުވަމުން ކޮޓަރިން ނުކުތީ އުމުރުން ސާދަ އަހަރުގެ ފިރިހެން ކުއްޖެވެ. ޅަނދޮޅު މޫނެކެވެ. ފަޅަން ފަށާފައިވާ ކަޅު ކުދި ލޯލިތަކެއް އޭނަގެ މަތިމަހުގައި ހުއްޓެވެ. މޫނުގެ ހަންގަނޑު އޮމާންވެފައި ތާޒާކަމެއް އޭނަގެ މޫނުމަތިން ފެންނަން ހުއްޓެވެ. ކަޅުކަން ގަދަ ވަރުގަދަ ބުމައެކެވެ. ހެދިހުރި ރީތި ހަށިގަނޑެކެވެ. ތުންފަތް ބޮޑު ހިތްހެޔޮ ކަމެއް އެ ނާޒުކު މޫނުމަތިން ފެންނަން ހުއްޓެވެ. ލައިގެން ހުރި ހުދުކުލައިގެ ފަޓުލޫނު ރަނގަޅުކޮށްލަމުން ކޮޓަރީގެ ފާރުގައި ލައްކޮށްލާފައި ހުރި ބޫޓާއި ދިމާއަށް ގުދުވެލަމުން ފަޔަށް ބޫޓު ހެޔޮވަރުކޮށްލިއެވެ. އޭނަގެ ޔުނީފޯމަށް ބަލައިލުމުން އޭނައަކީ އެރަށުގެ ޕްރިފެކްޓެއްކަން ފަހުމްވާނެއެވެ.
ތަޅުން އަޅާފައިވާ ފެންޑާ ތެރޭގައި ހިނގާލާފައި ގޮސް ބަގިގޭ ދޮރުމަތީގައި ހުއްޓިލަމުން އުސްމާނު ހިނިތުންވެލިއެވެ. ތެޔޮލައިން ތަތްކޮށްފައި އޮތް އޭނަގެ އިސްތަށިކޮޅު ރަނގަޅުކޮށްލަމުން ތުނބުން ފުމެލިއެވެ. އޭނަގެ މިޒާޖުގައި ސަކަ ގޮތެއް ހުއްޓެވެ. އެ އަޑު ޖެހުމުން ދެލޯ އަޅައިލަމުން ސަމީރާ ބަލައިލިއެވެ.
“ސާބަސް އުސްމާން.. އަދިވެސް ހުރީ.. އެ ބުއްތަށި ބޮއިގެން އަވަހަށް ދާން އުޅޭ.. ގަޑީގައި ވަގުތުކޮޅެއް އޮތަސް ނުނިކުންނާތި.. ތަންކޮޅެއް އަވަހަށް ތައްޔާރުވެލައިގެން ނުކުމެ ވަގުތު އޮއްވާ ބިސްކޯދެއް އެއްޗެއް ކާލައިގެން ހަމަޖެހިލައިގެން ދެވޭ ވަރުކޮށްބަލަ.. މަށަށް މިހުރީ ފިސާރި ދަރިއެއްލިބިފަ.. ގައިމު މަގޭ މަންމަ ވެސް ބުނާނެ މައިންބަފައިންގެ އުޅުމޭ ދަރިންނަށް ލިބިފަ ހުންނާނީ.. މަގޭ ފިރިމީހާއަކީ ނުލާހިކު މުރާލި މީހެއް.. ފަތިސްނަމާދު ބަންގި ގޮވުމުގެ ކުރިން ތަންމަތިން ތެދުވެ ނަމާދަށްދޭ.. މަހަށް ދާން ނުކުންނާނެ އަހަރެންނަށް ވުރެއް ކުރިން.. އޭނަ އަމިއްލައަށް ސައި ހަދާ ހުރިހާކަމެއްވެސް އޭނައަށް ކުރެވޭ.. އެކަމަކު މި އުސްމާނަށް ލިބިފަ މިހުރީ ކާކުގެ އުޅުމެއް ކަމެއްވެސް މަށަކަށް ނޭންގޭ..” ސަމީރާ ހުއްޓާނުލައި ބޮލިރަވައެއް ތަޅުވާހެން ތަޅުވަމުން ދިޔައެވެ.
“މަންމަގެ އުޅުން…..” އުސްމާނު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އުސްމާނު އެހެން ބުނުމުން ސަމީރާގެ ތުންފަތަށް ހިނިތުންވުމެއް ދުވެލިއެވެ. ޔަޤިނުންވެސް އުސްމާނަށް ބުނެވުނީ ތެދެއްކަމަށްވެސް ވެދާނެއެވެ. އޭނައަށް ލިބިފައިހުރީ އޭނަގެ މަންމަގެ އުޅުންތާއެވެ. އިތުރު އެއްވެސް އެއްޗެކޭ ނުބުނެ ފެންޑާ މޭޒުމަތީގައި ހުރި ކިރުތަށި ތުންޖަހާ އެއްފަހަރާ ދަމާލަމުން އުސްމާނު ނުކުތީ މަދަރުސާއަށް ދިއުމަށެވެ. އޭރު މަދަރުސާގެ ރަނގަބީލުޖެހިއަޑުވެސް އިވުނެވެ.
“ހާލަތު.. ކީއްކުރާނީ.. އާންދެން އަމާގެ އުޅުން ދަސްވެފައި ހުރި ދަރިއެއް…” ތަވާ މަތީގައި އޮތް ރޮށި ފުށުން ޖަހާލަމުން ސަމީރާއަށް ބުނެލެވުނެވެ.
(ނުނިމޭ)
One Comment
Comments are closed.
Mi vaahaka mi first dhw..anyway kyp it up….vaahaka heeveyy v reethi vaanehen…waiting 4 the next part