ސިއްރެއް 3
ެ. ޔަނާލާއި އަތާއި އަތް ޖަހާލަމުން އުޝާ ދިޔައީ ސާރގެ އޮފީހަށެވެ.
އުޝާ ގޮސް އެރީ ކުޑަ ލިފްޓަކަށެވެ. ލިފްޓް ހުޅުވުމުން އޭނާ ގޮސް ވަނީ ކުރިމަތީގައި ހުރި ބޮޑު ބިއްލޫރި ދޮރު ހުޅުވުމުންނެވެ. “އައްސަލާމު އަލައިކުމް ސާރ.” އެ އަޑަށް މޫނު މަތީ އަތް އަޅާލައިގެން އިން ޝާފިއު ސިހިފައި ބަލާލިއެވެ. އަދި އިށީނުމަށް އަތުން އިޝާރާތް ކޮށްލިއެވެ. ޝާފިއު ފުން ނޭވާއެއް ދޫ ކޮށްލިއެވެ. “އުޝާ. މިހާރު މިތާ މިހިރަ ގިނަ ކުދިންގެ ތެރެއިން އެންމެ ގިނަ ޓްރެއިނިންގް ލިބިފައި ހުންނާނީ އުޝާއަށް.” ޝާފިއު ދައްކަން މިފެށި ވާހަކައަކުން އުޝާއަށް ނިތްކުރި އަށް ރޫ ގިނަކޮށްލެވުނެވެ. ޝާފިއު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އެހެންވީމާ ސާރ މިކޭސް އުޝާއަށް ހަވާލުކުރާކަށް ޖެހިލުމެއް ނުވޭ. އެކަމަކު މިކޭސްއާއި ހަވާލުވާން އުޝާ ބޭނުން ނުވާނަމަ މި ކޭސް ނުނެގިއަސް އެންމެ ރަގަޅު. އުޝާ ބޭނންވާ ހުރިހާ މައުލޫމާތެއް މި ފައިލގައި ހުންނާނެ. އިތުރު އެއްޗިހި ސާރ އުޝާގެ ޓެބަށް ފޮނުވާލާނަން. މިވަގުތަށް ދެން ގޮސްލިއަސް އެންމެ ރަގަޅު.”ހިތްހެޔޮކަމާއި ހަމްދަރުދީ އެކުލެވޭ ލުއި ހިނިތުންވުމަކާއިއެކު ޝާފިއު އޭނާގެ ކުރިމަތީ ބޭއްވީ ބޯފައިލެކެވެ. އުޝާވެސް ރައްދުގައި ހިނިތުންވެލަމުން ފައިލު ހިފައިގެން ދިޔަ ބާރުމިނުގައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އިޝާނާއި މިހުރާނާއި ޔަނާލް ވެސް ތިބީ ހައިރާންވެފައެވެ. ނަމަވެސް އެކަކުވެސް އުޝާ އަށް އުނދަގޫ ކުރާކަށް ނޫޅުނެވެ.
އުޝާ ދިޔަގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. އަވަހަށް ފައިލު ހުޅުވާލިއެވެ. ފުރަތަމަ ގަޑުގައި އިނީ ސާޅީހުގެ އަހަރުތަށް ގުނަމުންދާ އަންހެނަކާއި ފިރިހެނެއްގެ ފޮޓޯއެކެވެ. އެ ދެ ފޮޓޯގެ ތިރީގައި އާނިޔާ އަބޫބަކުރު އަދި ޔާސިރު އިބްރާހީމް ރަޝީދު މިދެނަން ޖަހާލާފައި އިނެވެ. މަންމައާއި ބައްޕަގެ ފޮޓޯގައި އުޝާ މަޑުމަޑުން ފިރުމާލިއެވެ. އެއާއެކު އަނެއްކާވެސް މާޒީގެ ހިތި ހަނދާންތައް އޭނާ ވަށާލިއެވެ.
…………………………………………………………………………………………………….
އަލަށް އައި ފިރިހެން ކުއްޖާވީ ވަރަށް އެކުވެރި މަޖާ ކުއްޖެކެވެ. މުޅި ކްލާހުންވެސް އޭނާއާއި ވާހަކަ ނުދައްކަނީ އަހަރެން އެކަނި ތޯއްޗެކެވެ. މަ އޭނައާއި ވާހަކަ ދައްކާކަށް މަސައްކަތެއްވެސް ނުކުރަމެވެ. ފަހުން ދޮންބެއާއެކު ގެއަށް ދާން ނުކުތްއިރު އަލަށް ކުއްޖަކު ކްލާހަށް ވަތްކަންވެސް ހަނދާނެއް ނެތެވެ. ދެ މީހުން އެކަކު އަނެކަކާއި ސަކަރާތް ޖަހަމުން ގޮސް ގެއަށް ވަތްއިރު ބައްޕަ އެކުވެރި ޝާފިއުބޭ ބައްޕަ އާއިއެކު ސިޓިންރޫމުގައި އިނެވެ. އަހަރެމެން ފެނުމުން އައިސް ދޮންބެ ބުރަކަށީގައި ފިރުމާލަމުން އަހަރެންގެ ބޮލުގައި ވެސް ފިރުމާލިއެވެ. އަބަދުވެސް ޝާފިއުބެ އަހަރެމެން ދެކެ ވަރަށް ލޯބިވެއެވެ. މަންމަ ބަދިގެއިން ބޯ ދިއްކޮށްލަމުން އަހަރެމެން ގާތު ފެންވަރައިގެން ނަމާދުކޮށްގެން ކާން އައުމަށް ބުނެލިއެވެ. އަހަރެން އަވަސް އަރުވާލައިގެން ތިރިއަށް ދިޔައިރު މަންމަގެ ހަމައެކަނި ހުރި އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ދައްތަ އާއި އޭނާގެ ފިރިމީހާވެސް އިނެވެ. އެއީ އަހަރެންގެ ދޮންތަ އާއި ދޮންތަބެއެވެ. އަހަރެން ފެނުމުން ދޮންތަ އައިސް އަހަރެން ގައިގައި ބައްދާލިއެވެ. ދޮންތަބެ ވެސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ދޮންބެވެސް ކޮޓަރިން ނުކުމުގެން ތިރިއަށް ފޭބީއެވެ. ދޮންތަގެ ޔަނާލް އާއި އޭނާގެ އެއްމާބަނޑު ބޭބެ މިހުރާން ފެނުމުން މަށާއި ދޮންބެއާއި ދުވެފައި ގޮސް އެންމެން ގައިގައި އޮޅުލައިގަތީއެވެ. މަންމަ މެނާއި ޝާފިއުބޭ ވެސް ތިބީ ހިނިއައިސްފައެވެ. ވާނީ ވެސް އެހެނެއްނޫން ހެއްޔެވެ. އެއްކޮށް ބޮޑެތިވީ ބަޔަކު ދެ ސްކޫލަކަށް ދާން ޖެހުމުން ދިމާވަނީވެސް ހާލަކުން ފަހަރަކުއެވެ. އެންމެން އެއްކޮށް ކައިގެން ތަށިތަށް ނެގުމުން ބައްޕަ ބުނެލިއެވެ. “ދަރިފުޅުމެން ގާތު ދައްކަން އެބަޖެހޭ ވަރަށް ބޮޑު ވާހަކައެއް. ނަމަވެސް މިއީ ސިއްރެއް ކަން ދަންނަންވާނެ.” ބައްޕަ މާ ސީރިއަސް ވެފައި ހުރުމުން އަހަރެން ހައިރާންވިއެވެ. ނުވީތާކަށް އެބުނީ ބޮޑު ސިއްރެއްގެ ވާހަކައެވެ. ބައްޕަ އޭރު ދެއްކި ވާހަކަތަކުގެ ތެރެއިން އަހަރެން ހަނދާން ހުރީ ބައްޕައާއި މަންމައާއި ދޮންތައާއި ދޮންތަބެއަކީވެސް ރާއްޖޭގެ އެފްބީއައި އޭޖެންސީއަށް މަސައްކަތް ކުރާ ބައެއް ކަމާއި އެމީހުންގެ އެދުމަކީ އަހަންނާއި ދޮންބެއާއި ޔަނާލް އާއި މިހުރާންވެސް އޭޖެންސީއަށް ވަނުމަށް ޓްރެއިނިންގް ތަކެއް ހެދުމަށްކަމާއި މިކަމަށް އެއްވެސް ކުއްޖަކަށް މަޖުބޫރު ނުކުރާނެ ކަމަށާއި މިއީ އެ ކުއްޖެއްގެ އަމިއްލަ ނިންމުމެއް ކަމެވެ. ބައްޕަމެން އަހަރެމެން ވިސްނާލާން ވަގުތު ކޮޅެއް ދޭން ބުނި ނަމަވެސް އެ ވަގުތުން ވަގުތަށް އެންމެން އެއްބަސް ވެއްޖެއެވެ. ދެން ކޮންޓްރެކްޓެއްގައި ސޮއި ކުރުމުގެ ކުރިން ލައި ޑިޓެކްޓަރ ޓެސްޓެއް ހެދި ހަނދާވެސްވެއެވެ.
އޭގެ ފަހުން އަހަރެން އުޅެން ޖެހުނީ ހާލެއްގައެވެ. ސްކޫލް ނިންމާ ގޮތައް ޓްރެއިނިންގްއަށް ދާން ޖެހެއެވެ. ނަމަވެސް ‘ކިޔަވަން’ ޖެހެއެވެ. ޓްރެއިނިންގް ނިމުނީ ބަރާބަރު ފަސް އަހަރު ތެރޭގައެވެ. ނަމަވެސް އަހަންނަށް ހީވީ އެއް ގަރުނު ފާއިތު ވެގެން ދިޔަ ހެންނެވެ. ނުވީތާކަށް ޓްރެއިނިންގް ހަދަން ދާން ޖެހެނީ މީހުންނަށް ޝައްކެއްވެސް ނުވާނޭ ގޮތަށް ލޯންޗެއްގައި ކައިރި ރިސޯޓަކަށެވެ.
2 Comments!
Comments are closed.
Varah rythi.
waiting for the next part.?
Иice?