ހީވޭ ހިތް ބުނާހެން 20
“ނާޒް… ވަޓްސް ރޯންގް؟” ޝަނާޒްގެ ކޮނޑުގައި ހިފާ ދުރު ކޮށްލަމުން ނިހާން އަހާލި އިރު އެ އަޑުގައި ވީ ކަންބޮޑުވުމެވެ.
ޖަވާބެއް ދިނުމެއް ނެތި ޝަނާޒް ދެ އަތުން ނިހާންގެ މޫނުގައި ހިފާ ކައިރި ކޮށްލުމާއެކު ނިހާންގެ ތުންފަތުގައި ބޮސްދިނެވެ.
“ނާޒް…” ނިހާން ދުރު ވެލަމުން އެއްޗެއް ބުނަން އުޅުނު ނަމަވެސް ޝަނާޒް އެ ގޮތެއް ބޭނުމެއް ނުވިއެވެ. އަދިވެސް ބޮޑަށް ކައިރި ވެލަމުން ނިހާންގެ ބަސް ހުއްޓުވިއެވެ.
“ނާޒް… މަންމަ ނިކުމެދާނެ… ހިނގާ މައްޗަށް…” ނޭވާ ކުރުވެފައި ހުރި ނިހާން ބުންޏެވެ. ބޯ ޖަހާލަމުން ޝަނާޒް ތެދުވެ ނިހާންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް މައްޗަށް އެރިއެވެ.
“ނާޒް… ކިހިނެއް—” ކޮޓަރިއަށް ވަދެފައި ޝަނާޒް އުޅޭ ގޮތުން އެއްޗެއް ބުނަން ނިހާން އުޅުނު ނަމަވެސް އެ ފަހަރުވެސް ނިހާންއަކަށް ފުރިހަމައެއް ނުކުރެވުނެވެ.
ޝަނާޒް ފަރާތުން ފެންނަމުން ދިޔަ އެ ސިފަ ނިހާންއަށް ވަރަށް ކަމުދިޔައެވެ. ކޮންމެ ހަރަކާތެއްގައި ޝަނާޒްއާ ފުރިހަމައަށް ބައިވެރި ވަމުން ދިޔަ ނިހާންއަށް ޝަނާޒްގެ ފަރާތުން އެރޭ ތަފާތު ކަމެއް ފާހަގަ ވަމުން ދިޔަ ނަމަވެސް، އަދި އެކަމާ ހިތުގައި ސުވާލު އުފެދުނު ނަމަވެސް، އެ ކަންބޮޑުވުން އެއްފަރާތަކަށް ޖައްސާލަމުން އެ ވަގުތުކޮޅުގެ އުފަލަށް އިސްކަން ދެވުނެވެ.
“ދެން ބުނެބަލަ ވެގެން އުޅޭ ގޮތެއް…” ޝަނާޒްގެ ދަތްދޮޅީގައި ޝަހާދަތް އިނގިލި ޖައްސާލަމުން ނިހާން އެހިއެވެ.
“ކަމެއް ވެގެން އެބަ އުޅޭތަ؟” ނިހާންގެ މޭގައި މޫނު ޖައްސާލަމުން ޝަނާޒް އަހާލިއެވެ.
“ބުނެބަލަ. އަހަންނަށް އެނގޭ ނާޒްގެ ހިތުގަ ކޮންމެސް ބޮޑު ކަމެއް އެބަ އޮތްކަން… ޝެއަރ ނުކުރާނަންތަ؟” ނިހާން އަހާލިއެވެ.
ޝަނާޒް ޖަވާބެއް ނުދީ އޮތެވެ.
“ނާޒް…” ނިހާން އަނެއްކާވެސް ސުވާލު ކޮށްލަން އުޅުނެވެ.
“ވަރަށް ލަސް ވެއްޖެ… ހިނގާ ދެން ދާން…” ތެދުވަމުން ޝަނާޒް ބުންޏެވެ.
އިތުރު އެއްޗެއް ނުބުނެ ނިހާންވެސް ތެދުވެ ތައްޔާރު ވެލިއެވެ.
ނިހާންއާ އެކު ޝަނާޒް އެ ގެއިން ނިކުތް އިރު އެ މަގުގެ އަނެއް ފަރާތުގައި ތިބި ދެ މީހުން ޝަނާޒްއަށް ފާހަގަ ކުރެވުނެވެ. ޝަނާޒް ބަލާލުމާއެކު އެ ތަނުން އެކަކު ޝަނާޒްއާ ދިމާއަށް ހަނާ އަޅާލިއެވެ. ޝަނާޒްގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ، އެއީ ކުރީ ދުވަހު އަސަދު ބުނެގެން އައި ދެ މީހުން ކަން އެނގުމުންނެވެ.
އެރެއަށް ފަހު ނިހާން ފޯން ކުރުމުން ނިހާންގެ ފޯނަށް ޝަނާޒް ޖަވާބެއް ނުދެއެވެ. ދެ ވަނަ ރޭ ނިހާން ޝަނާޒްމެން ގެޔަށް ދިޔައީ ޝަނާޒް އަނެއްކާވެސް ބަލިވީ ކަމަށް ހީކޮށްފައެވެ. ނަމަވެސް ޝަނާޒްގެ މަންމައާ ސުވާލު ކުރުމުން ޝަނާޒް ބަލި ނޫން ކަން އެނގުނެވެ. ޝަނާޒްއާ ބައްދަލު ކުރަން އެދުމުން ފުރަތަމަ ޝަނާޒް ބޭރަކަށް ނުނިކުތެވެ. އެކަމާ ހައިރާންވި ޝަހާމާ ސުވާލު ކުރުމުން ޖަވާބުގައި ޝަނާޒް ބުނީ ނިހާންއާ ބައްދަލު ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ނިހާން ކައިރީ އެހެން ބުނުމަށް އެދުނެވެ.
“ވީ ގޮތެއް ނުބުނަންޏާ މަންމަ ނުދާނަން ނިހާން ކައިރީ ތިހެން ބުނާކަށް. ޝަނާޒް އަމިއްލައަށް ގޮސް ބުނޭ” ހިތް ހަމަ ނުޖެހިފައި ހުރި ޝަހާމާ ބުންޏެވެ.
އެންމެ ފަހުން ޝަނާޒް ބޭރަށް ނިކުތީ ނިހާން އެ ގޭގައި ހުންނަތާ ގަޑިއަކަށް ވުރެ ގިނަ އިރު ވުމުންނެވެ.
“ކިހިނެއްތަ ވެގެން މި އުޅެނީ ނާޒް؟ އެރޭ އެހީމަވެސް ނާޒް ޖަވާބެއް ނުދިން. ބުނެބަލަ ވެގެން އުޅޭ ގޮތެއް” ނިހާން އެހިއެވެ.
“އަހަރެން ބޭނުމެއް ނޫން ދެން ނިހާންއާ ވާހަކަ ދައްކާކަށް… މި ގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން…” އިސްޖަހައިގެން ހުރެ ޝަނާޒް ބުނެލިއެވެ.
“ކީއްވެ؟” ނިހާންއަށް އެ ސުވާލު ކޮށްލެވުނީ އެއްޗެއް ނުބުނެވި އިރުކޮޅަކު ހުރުމަށް ފަހުއެވެ.
“ހަމަ ބޭނުން ނުވަނީ” ނިހާންއާ ދިމާއަށް ބަލާލަމުން ޝަނާޒް ބުންނެވެ.
“ނާޒް…” ނިހާންއަށް ޝަނާޒްގެ ނަމުން ގޮވާލެވުނެވެ.
ޝަނާޒްގެ އެ ބަސްކޮޅުން ނިހާންގެ ހިތަށް ތަދުވި ވަރު އެ ލޮލުން ޝަނާޒްއަށް ފެނުނެވެ. އިސް ޖަހާލެވުނީ ނިހާންގެ މޫނަށް ބަލަން ހުންނަން އުނދަގޫ ވެގެންނެވެ.
“ނާޒް… އަހަންނަށް އެނގޭ ކަމެއް ނުވެ ނާޒް ތިހެން ނުބުނާނެ ކަން… ބުނެބަލަ އަހަރެން ކައިރީ… ޕްލީޒް…” ޝަނާޒްގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން ބުނެލި އިރު ނިހާންގެ އަޑުގައި ވި އާދޭހުން ޝަނާޒްގެ ލޮލަށް ކަރުނަ އައެވެ.
“ނިހާން ޕްލީޒް… އަހަރެން ބުނީމަ ގަބޫލު ކުރޭ… އަހަރެން ބޭނުމެއް ނޫން ނިހާންއާ މެރީ ކުރާކަށް…” ނިހާންގެ އަތް ފޮޅުވާލާފައި ލޯ މަރާލަމުން ޝަނާޒް ބުނެލިއެވެ.
“ނާޒް…!” ނިހާންއަށް ބުނެވުނެވެ. އެ ވަގުތު ނިހާންއަށް ހީވީ މީހަކު ނިހާންގެ މޭގައި ޖަހާލި ހެންނެވެ. ގަބޫލު ނުކުރެވިފައި ނިހާންއަށް ހުރެވުނެވެ.
“އަޑު އިވިއްޖެއެއްނު؟ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް” ޝަނާޒް އެހެން ބުނެފައި އެތެރެއަށް ވަންނަން އުޅުނެވެ.
“ނޯ! ގަބޫލެއް ނުކުރާނަން. އަހަންނާ މެރީ ކުރަން ނާޒް ބޭނުން ނުވާ ނަމަ އެ ހުރިހާ ކަމެއް އަހަރުމެންގެ މެދުގަ ނުވީސް. ނާޒް އެ ސިފަ އަހަންނަށް ނުފެނުނީސް” ޝަނާޒްގެ އަތުގައި ހިފަހައްޓާފައި ނިހާން ބުންޏެވެ.
ޝަނާޒް ފުން ނޭވައެއް ލިއެވެ. ނިހާންއަށް ޓަކާ އެ ގޮތަށް ކަންތައް ކުރަން ޝަނާޒްއަށް މަޖުބޫރެވެ. އެހެން ވީ އިރު ޝަނާޒް އެހެން ބުނަން ޖެހޭނީ ނިހާންއަށް ގަބޫލު ކުރެވޭ ފަދަ ގޮތަކަށެވެ.
“އަހަރެން ބޭނުން ވަނީ އެހެން މީހަކާ މެރީ ކުރަން. އަހަރެން ނިހާން ދެކެ ލޯތްބެއް ނުވޭ. އެ ރެއަށް ފަހު އަހަރެންގެ ލައިފްއަށް އެހެން މީހަކު އައީ. އެއީ އަހަރެން މެރީ ކުރަން ބޭނުން ވާ މީހަކީ. ގަބޫލު ނުކުރެވެންޏާ އަދި ދުވަސްކޮޅަކު މަޑު ކޮށްލާ، އަހަރެންގެ ކައިވެނީގެ ވާހަކަ ނިހާންއަށް އަޑު އިވޭނެ ކަން ޔަގީން. ދެން އިތުރަށް ސުވާލު ނުކުރާނެ ކަމަށް ހީ ކުރަން. ވަރަށް ދުވަހު ހިތާ ދެކޮޅަށް އުޅެފިން. ދެން ނުވާނެ… އައިމް ސޮރީ!” ނިހާންއާ ހަތަރު ކަޅި ހަމަ ކޮށްގެން ހުރެ އެ ވަރަށް ބުނެފައި ޝަނާޒް އެނބުރުނެވެ. ލޮލުން އޮހިގަތް ކަރުނަ ފޮހުމެއް ނެތި ޝަނާޒް ބާރަށް ހިނގާފައި ގޭ ތެރެއަށް ވަނެވެ.
ޝަނާޒް ދިޔަ ތަން ބަލަން ހުރި ނިހާންއަށް އެއް އަތް ހިއްލާ މޫނު ފޮހެލެވުނީ ލޮލުން ކަރުނަ އައި ކަން އިހުސާސް ވުމުންނެވެ. ކުދިކުދި ވެފައިވީ ހިތާއެކު ނިހާން އެނބުރި ގެޔަށް ދިޔައެވެ. ސިޓިންގް ރޫމްގައި އެއްވެސް މީހަކު ނެތުމުން ނިހާންއަށް މަޑު ނުކޮށް މައްޗަށް އަރާނެ ފުރުސަތު ލިބުނެވެ. ނަމަވެސް ކޮޓަރި ދޮރާ ހަމައަށް ނުދެވެނީސް ނަވާޒް ނިކުތެވެ. ނިހާން ފެނުމާއެކު ކަމެއް ވެއްޖެ ކަން ނަވާޒްއަށް އެނގުނެވެ. ނިހާންގެ ފަހަތުން ނަވާޒް ގޮސް ނިހާންގެ ކޮޓަރިއަށް ވަނެވެ.
“ދޮންބޭ، ކިހިނެއް ވީ؟” ނަވާޒް އަހާލިއެވެ.
“ނާޒް ބޭނުމެއް ނުވޭ އަހަންނާ މެރީ ކުރާކަށް… އޭނަ ލޯބި ވަނީ އެހެން މީހެއް ދެކެ… އެހެން މީހަކާ މެރީ ކުރަން އުޅެނީ…” ނިހާން ބުންޏެވެ.
“ކާކު ބުނީ؟” ގަބޫލު ނުކުރެވިފައި ނަވާޒް އެހިއެވެ.
“ނާޒް ބުނީ…” ނިހާން ޖަވާބު ދިނެވެ.
އެ ވާހަކަ ގަބޫލު ކުރަން ނަވާޒްއަށް ދަތި ވިއެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި ނަވާޒްއަށް ހުރި ތަނުގައި ހުރެވުނެވެ.
ނިހާން މޭގައި އަތް ޖައްސާލަމުން ލޯ މަރާލިއެވެ.
“ހަރޓްސް ސޯ މަޗް…” ވައި އަޑުން ނިހާން ބުނެލި ނަމަވެސް އެ އަޑު ނަވާޒައަށް އިވުނެވެ.
އެއްވެސް އެއްޗެއް ބުނުމެއް ނެތި ނަވާޒް ގޮސް ނިހާން ގައިގައި ބައްދާލިއެވެ.
“ގޯ…” އިރުކޮޅަކު އެހެން ހުރެފައި ނަވާޒްއާ ދުރުވެލަމުން ނިހާން ބުނެލިއެވެ.
ދެންވެސް އެއްޗެއް ނުބުނެ ނަވާޒް އެ ކޮޓަރިން ނިކުންނަން ދިޔައެވެ. ދޮރު ލައްޕާލުމުގެ ކުރިން ނަވާޒް ބަލާލި އިރު ނިހާން އެއް އަތުން ލޯ ފޮހެލި ތަން ފެނުމުން ނަވާޒްގެ ލޯވެސް ފެންކަޅި ވެގެން ދިޔައެވެ.
ޖެހިގެން އައި ދުވަހު ނިހާން ހެނދުނު އޮފީހަށް ދާން ފޭބި އިރު ނަޝީލާ ސައި ހަދައިގެން މޭޒު ކައިރީ އިނެވެ. އޭރު ނަވާޒްއާ ވަސީމްވެސް އެތާ ތިއްބެވެ.
“ނިހާން، ބަލީތަ މިއަދު؟” ނިހާން ފެނުމުން ނަޝީލާ އަހާލިއެވެ.
ދެ ފަރާތަށް ބޯ ހަލުވާލާފައި ނިހާން ގޮނޑިއެއްގައި އިށީނެވެ.
“ނާޒް ކައިރީ ބުނައްޗޭ މިއަދު ހަވީރު ހެދުން ހެޔޮވަރު ކޮށްލަން ދާން ޖެހޭ ވާހަކަ، ނަވާޒް، ނަބާ ކައިރީވެސް ބުނާތި އިނގޭ” ނިހާންއަށް ކޮފީ ގިރައިގެން ގެނެސް ކައިރީގައި ބަހައްޓާފައި ނަޝީލާ ބުންޏެވެ.
“އެ ދުވަހު ދެ ކައިވެންޏެއް ނުކުރެވޭނެ. ނަބާއާ ނަވާގެ ކައިވެނި އެކަނި ކުރެވޭނީ” ނިހާން އެހެން ބުނެފައި ތެދުވެގެން ދިޔަ ގޮތަށް ގޮސް ގެއިން ނިކުތެވެ.
ވަސީމްއާ ނަޝީލާ ހައިރާން ވެފައި ނިހާން ދިޔަ ތަން ބަލަން ތިއްބެވެ.
“ނިހާންއާ ނާޒްއާ މައްސަލައެއް ޖެހުނީތަ؟” ނަޝީލާ ސުވާލު ކުރީ ނަވާޒްއާއެވެ.
“ރޭގަ ދޮންބެ އައިސް ނާޒް އެހެން މީހަކާ އިންނަން އުޅޭ ވާހަކަ ބުނި…” ނަވާޒް ބުންޏެވެ.
“އެއީ ކީއްވެ؟” ނަޝީލާ އެހިއެވެ.
“ނޭނގެ މަންމާ… ދެ ދުވަސް ވެއްޖެ ދޮންބެ ނާޒްއާ ނުގުޅިގެން އުޅޭތާ. ރޭގަ ނާޒްމެން ގެޔަށް ގޮއްސަ އައިސް ބުނީ އެހެން…” ނަވާޒް ބުންޏެވެ.
“އެހެން އެއްޗެއް ނުބުނޭތަ؟” ވަސީމް އަހާލިއެވެ.
“ނުބުނޭ… މަންމާ، އަހަންނަށް ހީވަނީ މި ކައިވެނީގެ ކަންތައް އިހަށް ހުއްޓާލަން ވީ ހެން… އަހަރެން ނަބާއާ ވާހަކަ ދައްކާލާނަން…” ނަވާޒް މަޑުމަޑުން ބުންޏެވެ.
“އޭރުންނޯ؟” ނަޝީލާ އަހާލިއެވެ.
“ނަބާއާ ވާހަކަ ދައްކާލާފަ ތަންކޮޅެއް ފަސް ކޮށްލާނީ… ދޮންބެއަށް ދުވަސްކޮޅެއް ބޭނުން ވާނެ ހަމަ ޖެހިލަން… އޭރުން ދެން…” ނަވާޒް ބުންޏެވެ.
“މި ވަގުތަށް ތީ އެންމެ ރަނގަޅު ގޮތަކީ” ނަވާޒްގެ ނިންމުމަށް ވަސީމް ތާއީދު ކުރިއެވެ.
އެ ދުވަހު ނިހާން އެއްގޮތަކަށްވެސް ގެޔަކަށް ނާދެއެވެ. ނަޝީލާ ގުޅުމުން ފޯނަށް ޖަވާބެއްވެސް ނުދެއެވެ. ނަވާޒްގެ ކޯލަކަށްވެސް ނިހާން ޖަވާބެއް ނުދެއެވެ. އެރޭ ނިހާން ގެޔަށް އައީ ނުވައެއް ޖަހްނ އުޅެނިކޮށެވެ. ނިހާން ފެނުމާ އެކު ކާން އައުމަށް ނަޝީލާ ބުނުމުން ބަނޑުހައި ނުވާ ކަމަށް ބުނެފައި މަޑުވެސް ކޮށްނުލާ ނިހާން ކޮޓަރިއަށް ދިޔައީއެވެ.
ނިހާންއަށް ބަތް މޮޑެގެން ޖޫސް ތައްޓަކާ އެކު ތަބަކެއް ހިފައިގެން ނަޝީލާ މައްޗަށް އަރާ ނިހާންގެ ކޮޓަރިއަށް ވަން އިރު އޮފީހަށް ދާން ލީ އެއްޗެއްސާ އެކު ނިހާން އެނދުގައި އޮތެވެ.
ނަޝީލާ ތަބައް ބަހައްޓާފައި ނިހާން ކައިރީ އިށީނެވެ.
“ދަރިފުޅާ…” ނަޝީލާ ގޮވާލިއެވެ.
ނިހާން ޖަވާބެއް ނުދީ އޮތެވެ.
ނިހާން ލޯމަތީ ހުރަސް ކޮށްގެން އޮތް އަތުގައި ނަޝީލާ އަތް ޖައްސާލުމާއެކު ނިހާން ލޯ މަރާލުމުން ލޮލުގެ އެއް ފަރާތުން ފައިބައިގެން އައި ކަރުނަ ނަޝީލާއަށް ފެނުނެވެ. ދަރިފުޅުގެ ލޮލުން ކަރުނަ އައި ތަން ފެނުމުން ނަޝީލާގެ ލޮލުންވެސް ކަރުނަ އައެވެ.
“ނިހާން…” ނިހާންގެ އަތުގައި ހިފާ ދުރަށް ޖައްސާލަމުން ނަޝީލާ ދެ އަތުން ނިހާންގެ މޫނު ފޮހެދިނެވެ.
“ތެދުވޭ އެއްޗެއް ކާލަން. މަންމައަށް އެނގޭ ކާ ހިތެއް ނުވާނެ ކަން، އެކަމަކު ކުޑަކޮށް ކާލެވޭތޯ ބަލަން ވާނެ… ތެދުވޭ…” ނަޝީލާ ބުނުމުން ނިހާން ތެދުވިއެވެ. ނަޝީލާ ތަބައް ކައިރި ކޮށްލުމުން ނިހާން ބޯލީ ހަމަ އެކަނި ޖޫސް ތައްޓެވެ.
“ދެން މަންމައަށް ކިޔާ ދީބަލަ، ކިހިނެއް ވި؟” ނަޝީލާ އަހާލީ ނިހާން ޖޫސްތަށި ބޯލާފައި ތަށި ދިނުމުންނެވެ.
“ނޭނގެ ވީ ގޮތެއް… ނާޒް ބުނީ… އަހަރެން ދެކެ ލޯތްބެއް ނުވެޔޭ… އެހެން މީހަކާ ކައިވެނި ކުރާށޭ އުޅެނީ…” ނިހާން ބުންޏެވެ.
“މަންމައަށް އެނގޭ ނިހާން ވަރަށް ދެރަ ވާނެ ކަން، އެކަމަކު ނާޒް ބޭނުން ނުވަންޏާ ނިހާންއަށް އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެ. ވީ ކަންތައް ހަނދާން ނައްތާލަން މަސައްކަތް ކުރޭ” ނިހާންގެ ބޮލުގައި ފިރުމާލާފައި ނަޝީލާ ތެދުވިއެވެ.
ނިހާންއާ ޝަނާޒް ވަކި ވި ކަން ގޭ އެހެން މީހުންނަށް އެނގުނީ އެރެއެވެ. ނަބާހާއަށް އެ ވާހަކަ ގަބޫލު ކުރަން ދަތި ވިއެވެ. ހަމަ އެރޭ ގެޔަށް ގޮސް ނަބާހާ ޝަނާޒްއަށް ގުޅިއެވެ. އެތައް ފަހަރަކު ގުޅުމުންވެސް ޝަނާޒް އެ ފޯނަށް ޖަވާބެއް ނުދިނެވެ.
ނިހާން ކޮންމެ ދުވަހަކުވެސް އޮފީހަށް ދެއެވެ. ނަމަވެސް ގެއަށް އައިސްފައި އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ކާން އައުމަށް ދެކޮޅު ހަދައެވެ. ނަޝީލާ ކާ އެއްޗެހި ގެންދިޔަޔަސް ނިހާން ނުކައެވެ. އެ ގޮތުގައި ތިން ދުވަސް ދިޔަ ފަހުން ނިހާން ކާން ތިރިއަށް އައީ ނިހާން ބަލާ ވަސީމް ދިޔުމުންނެވެ. ކާމޭޒު ދޮށުގައި ވަސީމްއާ ނަވާޒްއާ އަޔާޒްއާ އާހިލްއާ އެކު ކާން އިން ނަމަވެސް ނިހާން އެއްވެސް ވާހަކައެއް ނުދައްކައެވެ. ތައްޓަށް އަޅައިގެން އިން ބަތްކޮޅު ހާވާލަ ހާވާލާ އިނދެފައި ވަސީމް ގޮވާލުމުން އިސް އުފުލާ ބަލާލާފައި ބަނޑުހައި ނުވާ ކަމަށް ބުނެފައި ނިހާން ތަށި ދުރަށް ޖައްސާލާފައި ތެދުވެގެން ދިޔައީއެވެ.
ނަޝީލާ ޝަނާޒްއަށް ގުޅި އެރެއެވެ.
ނަބާހާގެ ފޯނަށް ޖަވާބު ނުދިން ނަމަވެސް ނަޝީލާ ގުޅުމުން ޝަނާޒް ފޯން ނެގިއެވެ.
“ނާޒް… ވީ ގޮތެއް މަންމަ ކައިރީ ބުނެދެވިދާނެތަ؟” ޝަނާޒް ފޯން ނެގުމުން ނަޝީލާ އެދުނެވެ.
“ނިހާންއަށް އެނގޭނެ” ޝަނާޒް ބުންޏެވެ.
“ނިހާންއަށް އެނގެނީ ނާޒް އޭނަ ކައިރީ ބުނި އެއްޗެއް. މަންމައަށް ގަބޫލެއް ނުކުރެވޭ އެއީ ތެދެއް ކަމަކަށް. މަންމައަށް ގަބޫލެއް ނުކުރެވޭ ނާޒް ނިހާން ދެކެ ލޯބި ނުވާ ކަމަކަށް” ނަޝީލާ ބުންޏެވެ.
“އަހަރެން ބުނާ އެއްޗަކުން ނޫނީ ކުރާ ކަމަކުން ނިހާން މަންމަ ދެރަވުން އެއީ ދުވަހަކުވެސް އަހަރެން ބޭނުން ވި ގޮތެއް ނޫން. އެކަމަކު ކަންތައް މި ވީ އެހެން. ވަރަށް ބޮޑަށް ސޮރީ މިހެން ބުނަން ޖެހޭތީވެސް… އެކަމަކުވެސް އެހެން ގޮތެއް ނެތް. އަހަރެން ލޯތްބެއް ނުވޭ ނިހާން ދެކެއެއް. އަހަރެން ހީކުރީ ނިހާންއާ އެކީ އުޅެވިދާނެ ކަމަށް، ލޯބި ވެވިދާނެ ކަމަށް… އެކަމަކު ނުވެވުނު… އަހަރެން ލޯބި ވަނީ އެހެން މީހެއް ދެކެ… އެހެން މީހަކާ ކައިވެނި ކުރަން މި އުޅެނީ…
އަހަންނަށް އެނގޭ އަހަންނަކީ ނިހާންގެ އަދި ނިހާން މަންމަގެ ކުށްވެރިއެއް ކަން. އަހަރެން ކަންތައް ކުރި ގޮތުން އަހަންނަށް މާފެއް ނުކުރެވޭނެ ކަން… އެކަމަކުވެސް މާފަށް އެދެން… އަހަންނަށް ހިތް ބުރަ ނުކުރަން އެދެން…
މި ފަހަރު ނިހާން މަންމަ ގުޅީމަ ފޯން ނެގިޔަސް ދެން ނުނަގާނަން… ދެން ބާއްވަނީ” ޝަނާޒް ފޯން ކަނޑާލުމާއެކު މޫނުގައި ބާލީސް އަޅާލީ ރޯ އަޑު އެހެން މީހަކަށް އިވުން ބޭނުން ނުވާތީއެވެ.
އެއްކޮށް ނުލެއްޕި ހުރި ދޮރު ކައިރީ ހުރި ޝަހާމާ އެތެރެއަށް ވަން އިރު ޝަނާޒް ރޯ އަޑު އިވެއެވެ. ޝަނާޒް އެ ގޮތަށް ކަންތައް ކުރަން ވީ ކީއްވެ ބާއޭ ހިތަށް އެރި ނަމަވެސް ޝަހާމާއަށް އެ ސުވާލުގެ ޖަވާބެއް ނުލިބެއެވެ. ޝަނާޒް ކައިރީ އެހުމުން ޖަވާބެއް ނުދިނެވެ. ޝަނާޒްގެ ޚިޔާލު ބަދަލު ކުރާނެ ގޮތެއް ޝަހާމާއަކަށް ނުވިސްނުނެވެ.
“ޝަނާޒް… ކޮން ކަމެއް ދިމާ ވެގެންތަ ތި އުޅެނީ؟ މަންމަ ކައިރީވެސް ނުބުނާ ވަރުގެ ކަމެއްތަ؟ ނިހާންއާ ވަކި ވާން ބޭނުން ނުވާ އިރު ކީއްވެތަ ތިހެން ތި ހަދަނީ؟” ޝަނާޒް ކައިރީ އިށީނދެ ޝަނާޒްގެ ބުރަކަށީގައި ފިރުމަމުން ޝަހާމާ ސުވާލު ކުރިއެވެ.
“މަންމަ އިހަށް އަހަންނާ އެއްވެސް ސުވާލެއް ނުކުރޭ… ފަހުން ބުނާނަން… މިހާރު އަހަންނަށް ޖަވާބެއް ނުދެވޭނެ… ޕްލީޒް މަންމާ…” ޝަހާމާގެ އުނގުގައި ބޯ އަޅާލަމުން ޝަނާޒް ބުންޏެވެ.
އަސަދު ދިން ދިހަ ދުވަސް ހަމަ ވުމުން އަސަދު ޝަނާޒްއަށް ގުޅިއެވެ. ނަމަވެސް ޝަނާޒް އެ ކޯލަށް ޖަވާބެއް ނުދިނެވެ. އެ ކޯލަށް ޝަނާޒް ޖަވާބު ނުދިން ނަމަވެސް ޝަނާޒްގެ ޖަވާބަކީ ކޮބާ ކަން އަސަދުއަށް އެނގެއެވެ.
ދިހަ ދުވަސް ފަހުން ޝަނާޒްއާ އަސަދުގެ ކައިވެނި ކުރެވުނެވެ. އެ ކައިވެނީގެ ވާހަކަ ނޭނގޭ އެކަކުވެސް އެ ހިސާބުގައިވެސް ނޫޅެއެވެ. އެ ކައިވެންޏަށް ރުހުން ދިން ނަމަވެސް ޝަނާޒްގެ މަންމައާ ބައްޕައާ ތިބީ ހައިރާން ވެފައެވެ. ކައިވެންޏަށް ރަން ކިޔަން އޮތް ރޭގެ ކުރީރޭ، މަންމައާ ބައްޕަ ގާތު، ޝަނާޒް ކައިވެނި ކުރަން ބޭނުން ވަނީ އަސަދުއާ ކަމަށް ބުނުމުން އެ ދެމަފިރިންނަށްވެސް ލިބުނީ ސިހުމެކެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކޮށް ޝަނާޒް ބޭނުން ވާ ގޮތަށް ކަންތައް ކޮށްދިނީ ޝަނާޒް އުފަލުގައި ހުރުމަށް އެދޭތީއެވެ.
ޝަނާޒްއަކީ ރާބިޔާ ނުހަނު ރުހޭ ކުއްޖަކަށް ވީތީ އެ ކައިވެންޏާ މެދު ރާބިޔާ ހުރީ ވަރަށް އުފަލުންނެވެ. ދޮށީ ދަރިފުޅުގެ ކައިވެނީގެ އުފަލުގައި އަސަދު ބޭނުން ވި ފަދަ ކުލަ ގަދަ ޕާޓީއެއް ރާބިޔާއާ ހުޒާމް ބާއްވައިދިނެވެ. ކައިވެނީގެ ހުރިހާ ކަމެއް އަސަދު ބޭނުން ވާ ގޮތަކަށް ކުރަން ދޫކޮށްލައިގެން ހުރި ނަމަވެސް ހަނީމޫނަކަށް ދިޔުމުގެ ވާހަކަ ރާބިޔާ ބުނުމުން ޝަނާޒް ދެކޮޅު ހެދިއެވެ.
އެ ޚަބަރު އިވުމުން ނިހާންއަށް ގަބޫލު ކުރަން ދަތިވިއެވެ. ޝަނާޒް ނިހާން ދޫކޮށްލީ އަސަދުއަށް ޓަކާ ހެއްޔެވެ؟ ޝަނާޒްއާ އަސަދުގެ އެކުވެރިކަމުގެ ފަހަތުގައި އޮތީ ލޯބި ހެއްޔެވެ؟ އެ ގުޅުމުން ނިހާންއަށް އަބަދުވެސް އުނދަގޫ ވަމުން ދިޔައީ އެހެން ވެގެން ހެއްޔެވެ؟
ކުރިން ދެރަވި ނަމަވެސް އެ ދުވަހގެ ފަހުން ނިހާންގެ ހިތުގައި ޝަނާޒްއާ މެދު އޮތީ ރުޅިއެވެ. ޝަނާޒްގެ ނަން ހިތުން ފޮހެލަން ނިހާން މަސައްކަތް ކުރަން ފެށީ ޝަނާޒްގެ ކައިވެންޏަށް ފަހުއެވެ.
ނިހާންއެކޭ އެއް ފަދައިން އެ ގޭ މީހުންނަށްވެސް އެ ކަން ވީ ގަބޫލު ކުރަން އުނދަގޫ ވި ކަމަކަށެވެ. އެހެން ނަމަވެސް އެކަކުވެސް އެ ވާހަކައެއް ނުދައްކައެވެ.
ކައިވެންޏަށް ފަހު ޝަނާޒް އަސަދުމެން ގެޔަށް ބަދަލު ވިއެވެ. ގޭގެ ޓެރެސްގައި އޮތް ޕާޓީއަށް ފަހު އަސަދުއަށް ވުރެ ކުރިން ކޮޓަރިއަށް އައީ ޝަނާޒްއެވެ. ވަރުބަލިވެފައި ހުރުމުގެ އިތުރުން އެރޭ ޝަނާޒްގެ ހިތަށް ތަދުވަމުން ދިޔައީ އެ ކައިވެނީގެ ވާހަކަ އަޑު އިވުމުން ނިހާންއަށް ވާނެ ގޮތް ހިތަށް އަރާފައެވެ. ފެން ވަރައިގެން ނިކުމެ ޝަނާޒް އެނދުގައި އޮށޯވެ ލޯ މަރާލިއެވެ. އޭރުވެސް އަސަދު ކޮޓަރިއަކަށް ނާދެއެވެ.
ލޯ މަރައިގެން އޮތް ނަމަވެސް ޝަނާޒްއަކަށް ނުނިދުނެވެ. ނިހާން މަތިން ހަނދާން ވެފައި ރޮވެނީއެވެ. ކުރިއަށް އޮތް ދިރިއުޅުން ހޭދަ ކުރަން ޖެހޭނެ ގޮތް ހިތަށް އެރުމުންވެސް ޝަނާޒްއަށް ރޮވެއެވެ.
އެކެއް ޖަހަން އުޅެނިކޮށް ކޮޓަރިއަށް ވަން އަސަދުއަށް ޝަނާޒް ރޮނީ ކަން އެނގުމުން އިރުކޮޅަކު ބަލަން ހުރެފައި އަސަދު ގޮސް ޝަނާޒް އޮތް ފަރާތުން އެނދުގައި އިށީނދެ ޝަނާޒްގެ ބުރަކަށީގައި އަތް ޖައްސާލިއެވެ. އެއާއެކު ޝަނާޒް ފުންމައިގެން ތެދުވިއެވެ.
“ޝަނާ ރޮނީތަ؟” އަސަދު އަހާލިއެވެ.
“އަސަދުއަށް ކޮން ކަމެއް؟” ދެ އަތުން މޫނު ފޮހެލަމުން ޝަނާޒް ބުންޏެވެ.
“ޝަނާ…” އަސަދު އެއްޗެއް ބުނަން އުޅުނު ނަމަވެސް ޝަނާޒް ވާހަކަ ދައްކަން ފެށިއެވެ.
“އަސަދު ބޭނުން ވި ގޮތަށް އަހަރެން މިހިރީ ނިހާން ދޫކޮށްލާފަ އައިސް އަސަދުއާ އިނދެގެން. އެކަމަކު އިތުރަށް އަސަދު ބޭނުން ވާ ގޮތަކަށް އެއްވެސް ކަމެއް ނުވާނެ. އަހަރެން ގައިގަ އަތް ލާން ނޫޅޭތި! ހީ ނުކުރާތި އިނދެވުނަސް އަހަރެންގެ ފަރާތުން އެއްވެސް ކަމެއް އަސަދުއަށް ވާނެ ކަމަށް…” އެހެން ބުނެފައި އެނދުން ބާލީހެއް ނަގައިގެން ގޮސް ޝަނާޒް ސޯފާގައި އޮށޯތެވެ.
ފުރަތަމަ ހައިރާން ވެފައި ޝަނާޒްއާ ދިމާއަށް ބަލަން ހުރި އަސަދު ހިނިއައިސްފައި ދެ ފަރާތަށް ބޯ ހަލުވާލާފައި ފެން ވަރައިގެން ނިކުމެ އެނދުގައި އޮށޯތެވެ. ޝަނާޒް އެ ދެއްކި ވާހަކަ އެއްވެސް ވަރަކަށް ސީރިއަސްކޮށެއް އަސަދު ނުނަގައެވެ. ކޮންމެވެސް ދުވަހަކުން ޝަނާޒްގެ ހިތް، އަދި އޭގެ ކުރިން އެ ހަށިގަނޑު ހާސިލް ކުރުމުގެ އަޒުމް ހިތުގައި ވަރުގަދަ ކޮށްލަމުން އަސަދު ލޯ މަރާލިއެވެ.
އޭގެ ފަހުން ހަފްތާއެއް ދިޔައީ އެގޮތުގައެވެ. ޝަނާޒް ނިދަނީ ސޯފާގައެވެ. އަސަދު އެނދުގައެވެ. ގޭތެރޭގެ މަސައްކަތުގައި ޝަނާޒް ރާބިޔާއަށް އެހީ ވެއެވެ. އަސަދުއަށް ކާން ހެދުމާ، އެއްޗެހި ދޮވެ އިސްތިރި ކުރުން ފަދަ ހުރިހާ ކަމެއް ޝަނާޒް ބަރާބަރަށް ކުރެއެވެ. އެ ނޫން ގޮތަކަށް އަސަދުއަށް އެއްވެސް ކަމެއް ކޮށްދޭކަށް ޝަނާޒް ބޭނުމެއް ނުވެއެވެ. ޝަނާޒް ކުރަން ބޭނުން ނޫން ކަމެއް ފަދަ ކަމުން ކުރުވާކަށް އަސަދުވެސް މަސައްކަތެއް ނުކުރެއެވެ.
ޝަނާޒްއާ އަސަދުގެ ކައިވެނީގެ ޚަބަރު ނިހާންއަށާ އެ ގޭ މީހުންނަށް އިވޭނެ ކަން ޝަނާޒްއަށް އެނގެއެވެ. އެހެން ހިތަށް އެރުމުންވެސް ޝަނާޒް ދެރަވެއެވެ. ނަމަވެސް އެއްވެސް މީހަކަށް، ކަންތައް ވީ ގޮތް ކިޔާދޭކަށް ޝަޏާޒް ނޫޅެއެވެ.
ޝަނާޒްއާ ކައިވެނި ކުރި ދުވަހުން ފެށިގެން މަސްތުވާ އެއްޗެއްސާ ދުރު ވާން އަސަދު މަސައްކަތް ކުރެއެވެ. ނަމަވެސް ޝަނާޒްގެ ފަރާތުން ފެންނަމުން ދިޔަ ނަފްރަތުން އަސަދުއަށް އެކަން ކުރަން އުނދަގޫ ވަނީއެވެ. މަހެއްހާ ދުވަސް ފަހުން އެ މަސައްކަތްވެސް އަސަދު ހުއްޓާލިއެވެ.
ރައްޓެހިންނާ އެކު އަސަދު ރިސޯޓަކަށް ދިޔައީ ޝަނާޒް ކައިރީ ބުނެފައެވެ. އަނެއް ދުވަހު ހަވީރު އަންނަ ގޮތަށް ދާން އޮތް އެ ދަތުރުގައި ބައިވެރި ވުމަށް ޝަނާޒް ގާތު އެދުމުން ޝަނާޒް ވަގުތުން ދެކޮޅު ހެދިއެވެ. އިތުރަށް އެއްޗެއް ނުބުނެ އަސަދު އެކަނި ދިޔައީ، އިތުރު ކަމަކަށް ޝަނާޒްއަށް މަޖުބޫރު ކުރަން ބޭނުން ނުވާތީއެވެ.
އެރޭ އަސަދު ނެތުމުން ޝަނާޒް ނިދަން އޮތީ އެނދުގައެވެ. ކޮންމެ ރެއަކު ސޯފާގައި ނިދި ނަމަވެސް އެއީ ޝަނާޒްއަށް ފަސޭހަ ގޮތެއް ނޫނެވެ. އެހެން ކަމުން އަސަދު ނެތް ރޭގައި އަރާމުކޮށް ނިދާލުމަށް ޝަނާޒް ފުރުސަތުގެ ބޭނުން ކުރިއެވެ.
ތިނެއް ޖަހަން އުޅެނިކޮށް ކޮޓަރިއަށް ވަން އަސަދުއަށް އެނދާ ދިމާއަށް ބަލަން ހުރެވުނީ، އެނދުގައި ޝަނާޒް އޮތުމުންނެވެ. އިރުކޮޅަކު އެހެން ހުރެފައި ފެން ވަރައިގެން އައިސް އަސަދު އެނދުގައި އޮށޯވެ ޝަނާޒްގެ މޫނަށް ބަލަން ނުނިދިފައި އޮތެވެ. ނިދީގައި އަސަދުގެ މޭމައްޗަށް ޝަނާޒް އަތް އެއްލުމުން އަސަދު އެ އަތުގައި ހިފާލަމުން ކައިރި ވެލާފައި ޝަނާޒް ގައިގައި ބައްދާލިއެވެ.
ފިނި ރެއެއް ކަމުން ހީ ކަރުވާފައި އޮތް ޝަނާޒްއަށް އެ ހޫނަށް މަރުޙަބާ ކިޔުނެވެ. އަސަދުގެ އަތުތެރޭ ޝަނާޒް ބޮނޑިވެލިއެވެ.
ނުނިމޭ
13 Comments!
Comments are closed.
Salaam all, mi bai ves kamudhaane kamah hykuran, kiyaalaafa comment kohlahchey.
Bajjaveri hukuru dhuvahah, adhi ufaaveri hafthaa bandh akah edhen.
N everybody be safe, wash ur hands, pray, and take care of urselves n ur family n friends, ❤️❤️?
Nice and When is the next part?
Thank u Umny, next part on Sunday
Mi vaahaka varah.reethi ..adhives viyas in nukiyaa baeh kiyaalaakah nulibey?
Thank u Ibsha, viyas ah new part fonuvyma e myhun up kuraany, n reyga eba in New part up koffa
Kobaa next part
Next part Sunday ga, thank u someone
Varah varah reethi….whn nxt…. waiting for the nxt part..
Thank u Kairaa, next part on Sunday
Varah Varah reethi??????
maa sha Allah❤❤❤❤❤❤❤ waiting waiting ?????
❤❤❤❤❤ly sis❤❤❤❤
Thank u yanaa
VVV reethi mi part ves..waiting 4 the next part….
Thank u Saaz