ހީވޭ ހިތް ބުނާހެން 16
“ޝަނާގެ ލައިފްގެ ހުރިހާ ކަމެއް ފުރަތަމަ އޭނަޔާ ޝެއަރ ކުރިހެން ތި ހަބަރުވެސް އޭނަޔާ ފުރަތަމަ ޝެއަރ ކުރަން ޖެހުނީ ތީ އޭނަގެ ދަރިއަކަށް ވީމަތަ؟ ތި ހަށިގަނޑުން އޭނައަށް ފުރަތަމަ ދިން ހަދިޔާ މަތިން ހަނދާން ނުނެތިގެންތަ އަހަރެންގެ އަނތްބަކަށް ވެ ހުރެ އަހަންނާ އެކީ ހަމަ އެ ވަގުތު ހޭދަ ކޮށްފަވެސް އަނެއްކާވެސް އޭނަ ކައިރިއަށް ދާން ޖެހުނީ؟ އަހަރެންގެ ފަރާތުން ޝަނާއަށް ނުފުދޭ ވަރަށް އޭނަގެ ފަރާތުން ފުދޭތީތަ؟” އަސަދު އަހާލީ ޝަނާޒްއާ ދިމާއަށް އެނބުރި ހަތަރުކަޅި ހަމަ ކޮށްލަމުންނެވެ.
“ދެން ހެޔޮ! އަސަދު ލަދެއްވެސް ނުގަނޭތަ ތިހާ ހަޑި ކަންތައް އަހަރެންގެ ބޮލުގަ އަޅުވާކަށް؟ އަހަންނާ އަސަދު އިން ފަހުން އަހަރުމެންގެ މެދުގަ ކަމެއް ނުވަނީސް އަހަރެން ބުނިން އަހަންނާ ނިހާންގެ މެދުގަ ވީ ކަންތަކުގެ ވާހަކަ. އަސަދުއަށް އެކަން އެނގުނީމައެއް ނޫން ބުނީކީ… ތިން އަހަރު ކުރިން އަހަރެން ބުނިން އަސަދު ކައިރީ އަހަރެން ބޭނުން ވަނީ ދެން އަސަދުއާ އެކީ ރީތިކޮށް އުޅޭށޭ… އެނގޭތަ ކާކުކަން އަހަންނަށް އެ ނިންމުން ނިންމަން އެހި ވެދިނީ؟ ނިހާން!
ދެން އޭނަ ކީއްކުރަން އަހަރެންގެ ފަހަތުން އުޅެންވީ؟ އަހަރެން އަމިއްލައަށް އަސަދުގެ ކުއްޖަކު ބޭނުން ވެގެން ބުނީވެސް، އެކަމަށް ފުރަތަމަ ފިޔަވަޅު އެޅީވެސް އަހަރެން، ބޭސް ކެއުން ހުއްޓާލީވެސް އަހަރެން އަމިއްލައަށް. އެ ވަރުންވެސް އަސަދުއަށް ނުވިސްނޭތަ؟
އަހަރެން އަސަދުއާ އިން ސަބަބު ނިހާންއަށް އެނގުނު ދުވަހުން ފެށިގެން އަހަރެން ފޯނުން ނިހާންއާ ވާހަކަ ދައްކަން. އެކަމަކު އަސަދުގެ ކުރިމަތީގަ އަހަންނާ ނިހާންގެ މެދުގަ ވީ ކަމެއް ފިޔަވާ އިތުރު ކަމެއް ނުވޭ. މަގުމަތިން ފެނުނަސް ވާހަކައެއް ނުދައްކަން. ދުވަހަކުވެސް އަހަރެން ނިހާންއާ ބައްދަލެއް ނުކުރަން، ފޯނުން ނޫނީ ވާހަކައެއް ނުދައްކަން. އެކަމަކު ބަލާބަލަ އަސަދު އަހަރެންގެ ބޮލުގަ އެޅުވި ކަންތައް!
އަހަރެން މި ދައްކަނީ ތެދު ވާހަކައެއް ކަމުގެ ހެއްކެއް އަހަންނަކަށް ނުދެއްކޭނެ. އަހަރެން ބުނި އެއްޗެއް ގަބޫލު ނުކުރެވެންޏާ އެހެން މީހަކު ބުނެގެންވެސް އަސަދު ގަބޫލެއް ނުކުރާނެ. އަހަރެންގެ ބަނޑުގަ މިއޮތީ އަސަދުގެ ކުއްޖެކޭ އަހަރެން ބުނީމަ އަސަދު ގަބޫލު ނުކުރަންޏާ އިތުރަށް އެ ކަން ސާބިތު ކުރާކަށް އަހަރެން ބޭނުމެއްވެސް ނޫން. އަސަދުއާ އިނދެގެން ހުރެ އަހަރެން އެހެން މީހަކާ އެކީ އެކަހަލަ ގޮތަކަށް އުޅުނު ހެން އަސަދުއަށް ހީވަންޏާ ދެން އެންމެ ރަނގަޅު ވާނީ އަހަރުމެން ވަކި ވުން” ޝަނާޒް އެހާ ދެރަވީ އެހާ ދުވަސް ވީ އިރު އަސަދުއަށް ޝަނާޒް ދަސް ނުވީތީއެވެ. ޝަނާޒްއަށް އިތުބާރު ނުކުރެވުނީތީއެވެ. އެހާ ފަސޭހައިން ޝަނާޒްއާ މެދު އެ ފަދަ ޝައްކެއް ކުރީތީއެވެ.
އަސަދު އެއްޗެއް ބުނޭތޯ މަޑު ނުކޮށް ޝަނާޒް ކޮޓަރިން ނިކުމެގެން ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލި ގޮތަށް އަތުގައި އޮތް ފޯނާ ޕްރެގްނެންސީ ޓެސްޓް ކިޓް އެއްލާފައި އެނދުމައްޗަށް އަރާ ރޯން ފެށިއެވެ.
އައިސްފައި ހުރި ރުޅީގައި އަސަދު އެ ވަގުތު ޝަނާޒް ހުއްޓުވާކަށް ނޫޅެއެވެ. އަލުން އެނދަށް އަރާ އޮށޯވެ ލޯ މަރާލިއެވެ. ނަމަވެސް ފަތިސް ވީ އިރުވެސް އަސަދުއަކަށް ނުނިދުނެވެ.
ފަތިސް ވުމުން އަސަދު ނަމާދަށް ގޮސްފައި އައި އިރުވެސް ޝަނާޒް ކޮޓަރިއަކަށް ނާދެއެވެ. ދެންވެސް އަޅާނުލާ އަސަދު އޮށޯތީ ނިދޭތޯއެވެ. ނަމަވެސް ހިތާ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުތަކާ އެކު އަސަދުއަކަށް ނުނިދުނެވެ. އަށެއް ޖަހަން ދެން އެހެން އޮވެފައި ތެދުވެ ފެން ވަރައިގެން އަސަދު ކާމޭޒު ދޮށުގައި އިށީނީ އަބަދުވެސް ޝަނާޒް ގެނެސްދޭ ކޮފީތަށީގެ އިންތިޒާރުގައެވެ.
ރާބިޔާ އައިސް އަސަދުގެ ކުރިމަތީ ކޮފީ މަގު ބެހެއްޓުމުން މަންމަގެ މޫނަށް ބަލާލާފައި އަސަދު ކޮފީތަށިން ރަހަ ބަލާލިއެވެ.
“ޝަނާ މިއަދު ބަލީތަ؟” ރާބިޔާ އަހާލީ، ބަލި ވެގެން ނޫނީ ޝަނާޒް ހެނދުނު ސައި ހަދަން ނުނިކުންނަ ދުވަހެއް ނުދާތީއެވެ.
މަންމަގެ ސުވާލަށް ދޭނެ ޖަވާބަކާ މެދު ވިސްނަން އަސަދު އިންދާ ކުރިމަތީ ހުރި ކޮޓަރީގެ ދޮރު ހުޅުވާލާފައި ޝަނާޒް ނިކުތެވެ. ދެ މީހުންނަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީއެވެ.
ރޮއެރޮއެ ދުޅަވެ ރަތް ވެފައި ހުރި މޫނާ ލޯ ފެނުމުން ޝަނާޒްވެސް ރޭ ހޭދަ ކުރި ގޮތް އަސަދުއަށް އެނގުނެވެ. އެ ލޮލުން އެ ވަގުތު ކަރުނަ ހިކިފައި ވީ ނަމަވެސް އަސަދު ފެނުމާއެކު ޝަނާޒްއަށް ނުހިފެހެއްޓިގެން އަނެއްކާވެސް ރޮވުނެވެ. އެއް އަތް އަނަގަމަތީ ޖައްސާލަމުން ޝަނާޒް އަނެއްކާވެސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
“އަސަދު، ކިހިނެއް ވީ؟” ޝަނާޒްއަށް ވީ ގޮތުން ރާބިޔާ ކަންބޮޑުވެފައި އަސަދުއާ ސުވާލު ކޮށްލިއެވެ.
ރާބިޔާއަށް ޖަވާބެއް ނުދީ ކޮފީތަށި ދުރުކޮށްލާފައި އަސަދު ތެދުވި ގޮތަށް ގެއިން ނިކުމެގެން ދިޔައެވެ.
އެ ދުވަހު އަސަދުއަށް ޝަނާޒްގެ ޚިޔާލު ކުރުން ނޫން ކަމެއް ނުކުރެވުނެވެ. ޝާނާޒްއާ ދިމާއަށް ބުނެވުނު އެއްޗެހި ހަނދާން ވުމުން ޝަނާޒް ދެރަ ވާނެ ވަރު ހިތަށް އަރާ އަސަދުގެ ހިތަށް އުނދަގޫ ވަނީއެވެ. ޝަނާޒްއާ މެދު އެ ފަދަ ޝާއްކެއް ކުރެވުނީތީ ދެރަ ވަނީއެވެ. ޝަނާޒް އެރޭ ދެއްކި ވާހަކައާ މެދު ވިސްނި ވަރަކަށް، އަސަދުއަށް ހީވި ފަދަ ގޮތަކަށް ޝަނާޒް ނޫޅޭނެ ކަމާމެދު ހިތުގައި އޮތް ޔަގީން ކަން އިތުރު ވަމުން ދިޔައެވެ.
ނުވައެއް ޖަހަން އުޅެނިކޮށް ކޮފީތައްޓަކާ އެކު ބިސްގަނޑެއް އަޅައިގެން ތަބަކަކަށް ލައިގެން ރާބިޔާ ޝަނާޒް އޮތް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން ޚަބަރެއް ނުވުމުން ރާބިޔާ ޝަނާޒްގެ ނަމުން ގޮވާލިއެވެ.
ޝަނާޒް އައިސް ދޮރު ހުޅުވާލާފައި ރާބިޔާ އެތެރެއަށް ވަނުމުން ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުތެވެ. އޭރު ކޮޓަރީގައި ހުރި ކުޑަ މޭޒުމަތީ ތަބައް ބަހައްޓާފައި އެނދުގައި ރާބިޔާ އިނެވެ.
“ދެ ކުދިން މައްސަލައެއް ޖެހުނީތަ؟” ޝަނާޒް އައިސް ސޯފާގައި އިށީނުމުން ރާބިޔާ އަހާލިއެވެ.
ޝަނާޒް ޖަވާބެއް ނުދީ އިނެވެ. އަސަދުގެ ޝަކުވާއެއް ކުރަން ބޭނުން ނުވާތީއާ، ޖެހިގެން އުޅޭ މައްސަލައިގެ ގޮތުން އެ ވާހަކަ އެއްވެސް މީހަކާ ހިއްސާ ކުރާކަށް ޝަނާޒް ބޭނުމެއް ނޫނެވެ.
“މަންމަ ކައިރީ ބުނަން ބޭނުން ނުވަންޏާ އަޅާނުލާ. އެކަމަކު އެއްޗެއް ކައިގެން ހުންނަން ވާނީ” ރާބިޔާ ބުންޏެވެ.
ޝަނާޒް މަގު ނަގައިގެން އޭގައި ހުރީ ކޯޗެއް ތޯ ނުބަލާ އަނގަޔާ ކައިރިކޮށްލިއެވެ. ކޮފީގެ ވަސް ޖެހުމާއެކު މޭ ނުބައި ކޮށްލި ގޮތަށް ޝަނާޒް އޯކަށް ދެމުނެވެ. މަގު ބަހައްޓާފައި ބާރަށް ގޮސް ފާހާނާއަށް ވަދެވުމާއެކު ޝަނާޒްއަށް ހޮޑު ލެވުނެވެ.
“ޝަނާ…!” ޝަނާޒްއަށް ވީ ގޮތުން ކަންބޮޑުވެފައި ރާބިޔާ ޝަނާޒްގެ ފަހަތުން ދިޔައެވެ.
“ކިހިނެއް ވީ؟ ބަލިވެތަ ތި އުޅެނީ؟” ޝަނާޒް ކޯ ދޮވެލައިގެން ނިކުތުމުން ރާބިޔާ އަހާލިއެވެ.
ޝަނާޒް ދެ ފަރާތަށް ބޯ ހަލުވާލިއެވެ.
“ދެން ކީއްވެ ހޮޑު ލެވުނީ؟” ރާބިޔާ ކޮޓަރީގައި ހުރި ފުޅިން ތައްޓަކަށް ފެން އަޅާފައި ޝަނާޒްއަށް ދިނެވެ.
ދެންވެސް ޝަނާޒް ޖަވާބެއް ނުދީ އިނެވެ.
“ޝަނާ ބަނޑުބޮޑީތަ؟” ކުއްލިއަކަށް އެހެން ހިތަށް އެރުމާއެކު ރާބިޔާ އުފަލުން އަހާލިއެވެ.
ޝަނާޒް ބޯ ޖަހާލިއެވެ. އެއާއެކު އަނެއްކާވެސް ރޮވުނީ ޝަނާޒްގެ ބޮލުގައި އަސަދު އެޅުވި ކަންތައް މަތިން ހަނދާން ވެފައެވެ.
“އެހެންވެތަ އަސަދު ރުޅި އައީ؟ އަސަދު ކުއްޖަކު ބޭނުން ނުވަނީތަ؟” ކައިރިއަށް އައިސް ޝަނާޒްގެ ބުރަކަށީގައި ފިރުމަމުން ރާބިޔާ އަހާލިއެވެ.
“ޕްލީޒް މަންމާ… ތި ސުވާލު ނުކުރޭ… އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް…” ރޮމުން ޝަނާޒް އެދުނެވެ.
“އެކަމަކު…” ރާބިޔާ އިތުރަށް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ޝަނާޒް އެ ފުރުސަތެއް ނުދިނެވެ.
“ޕްލީޒް މަންމާ. އަސަދު ކައިރީވެސް އެ ވާހަކަ ނުދައްކާތި… އަހަރެން ބޭނުމީ އިރުކޮޅަކަށް އޮށޯވެލަން…” ޝަނާޒް އެދުނެވެ.
ރާބިޔާ އެއްބަސް ވެފައި ތަބައް ހިފައިގެން ނިކުމެ ދޮރު ލައްޕާލިއެވެ.
ޝަނާޒް އޮށޯވެ ލޯ މަރާލި ނަމަވެސް ޝަނާޒްއަކަށް ނުނިދުނެވެ. ރޭގެ ކަންތައް ހަނދާން ވުމުން އަނެއްކާވެސް ރޮވުނީއެވެ. މޫނުގައި ބާލީސް ޖައްސައިގެން އިރުކޮޅަކު އޮވެފައި ޝަނާޒް ތެދުވިއެވެ.
ހަގީގަތުގައިވެސް އަސަދު ގަބޫލު ކުރަނީ އެ ގޮތަށް ހެއްޔެވެ؟ ޝަނާޒް ބަނޑުބޮޑު ކަން އަސަދުއަށް ވުރެން ކުރިން ނިހާން ކައިރީ ބުނެވުނީތީ، ޝަނާޒް އެފަދަ ގޮތަކަށް އުޅެފާނެޔޭ އަސަދު ހީކުރީ ހެއްޔެވެ؟ ނިހާންއާ ޝަނާޒްގެ މެދުގައި ކުރީގައި އޮތް ގުޅުން އަދިވެސް އޮތްހެން އަސަދުއަށް ހީވަނީ ހެއްޔެވެ؟
އެ ހުރިހާ ދުވަހު ޝަނާޒްއާ އަސަދު އެކުގައި އުޅެފައިވެސް އެ ފަދަ ހަޑި ކަމެއް ޝަނާޒްގެ ބޮލުގައި އަސަދު އެޅުވި ކަމަށް ގަބޫލު ކުރަން އަދިވެސް ޝަނާޒްއަށް އުނދަގުލެވެ. އެކުގައި ލޯބިން ހޭދަ ކުރި ތިން އަހަރަށް ފަހުވެސް ޝަނާޒްއާ ބެހޭ ގޮތުން އެ ފަދަ އެއްޗެއް ބުނަން އަސަދުއަށް ކެރުނީތީ ޝަނާޒް ހައިރާން ވިއެވެ.
ނަމަވެސް އަސަދުއާ ވަކި ވާކަށް ޝަނާޒް ބޭނުމެއް ނޫނެވެ. މިހާރު، މި ވަގުތު އަސަދު އަޔަސް ޝަނާޒް އަސަދުއަށް މާފު ކުރާނެއެވެ #. ރޭ އަސަދު އެ ކީ ހުރިހާ އެއްޗަކަށް ފަހުވެސް އަސަދު މާފަށް ނޭދުނަސް ޝަނާޒް އަސަދުއަށް މާފު ކުރާނެއެވެ.
ސަބަބަކީ މިއަދު އަސަދުއާ އެކީ އުޅެން ޝަނާޒް ބޭނުން ވާ ކަމެވެ. ނިހާންއަށް ޓަކާ ޝަނާޒްގެ ހިތުގައި ވީ ފަދަ ފުން ލޯތްބެއް ނޫން ނަމަވެސް އަސަދު ދެކެ ޝަނާޒް ލޯބި ވާތީއެވެ. ފާއިތު ވީ ހަތް އަހަރު ތެރޭ ޝަނާޒް ދެކެ އަސަދު ވީ ލޯބި ޝަނާޒްއަށް އެނގޭތީއެވެ. ނިހާން ދެކެ ޝަނާޒް ލޯބި ވުމުގެ މާ ކުރިން، ނިހާންއަށް ޝަނާޒް ފެނުމުގެވެސް މާ ކުރިން ޝަނާޒް ދެކެ އަސަދު ލޯބި ވާތީއެވެ.
ޝަނާޒްގެ ހިތުގައި އަސަދުއަށް ޓަކާ ޚާއްސަ މަގާމެއް އުފެދެން ފެށީ އެ ކައިވެންޏަށް ދުވަސްތަކެއް ވީ ފަހުންނެވެ. ޝަނާޒްގެ ފިރިމީހާގެ އުޅުމަކީ އެއްވެސް މީހަކު ރުހޭނެ އުޅުމެއް ނޫން ކަން އެނގޭ އިރުވެސް އަސަދުއަށް ފުރުސަތެއް ދިނީ، ޝަނާޒް ދެކެ އަސަދު ވާ ލޯބި އިހުސާސް ކުރެވުމުންނެވެ. ނިހާންގެ ލޯބި ހިތުގެ ކަނެއްގައި ފޮރުވާލަމުން އަސަދު ދެކެ ލޯބި ވާން މަސައްކަތް ކުރެވެން ފެށުނީ، ޝަނާޒްއާ ވަކިވުމަށް ވުރެ ދުނިޔެއާ ވަކިވުން އަސަދުއަށް ފަސޭހަ ކަން އެނގުމުންނެވެ.
އަހަރުތަކެއް ވަންދެން އެކުގައި އުޅުނު އިރު، ދުވަހަކުވެސް އަސަދު ބާރަށް ޝަނާޒްއާ ދިމާއަށް އެއްޗެއް ނުބުނެއެވެ. ޝަނާޒް ނުރުހޭ ބަހެއް ނުބުނެއެވެ. ޝަނާޒް ނުރުހޭ ކަމެއް ނުކުރެއެވެ. ވާހަކަ ދައްކާ ގޮތުން ފެށިގެން ލައި އުޅުނު ހެދުންވެސް އަސަދު ބަދަލު ކުރީ ޝަނާޒް ރުހޭ ގޮތަށެވެ. ވީ އިރު، އެ ހުރިހާ ކަމަކަށް ފަހު މިއަދު އަސަދު ރުޅި އައިސްގެން ޝަނާޒްއާ ދިމާއަށް ބުނި އެއްޗަކުން އަސަދުއާ ވަކިވާން ޝަނާޒް ނިންމައިގެން ނުވާނެއެވެ. އޭރު ދެރަވެ ހިތަށް ކުރި އަސަރުން ވަކި ވުން އެއީ އެންމެ ރަނގަޅު ގޮތޭ ބުނެވުނު ނަމަވެސް ޝަނާޒް އަސަދުއާ ވަތްކެއް ނުވާނެއެވެ.
އެހެން އިން އިރު ހަތް އަހަރު ކުރިން ކަންތައް ވީ ގޮތް ޝަނާޒްގެ ހަނދާނަށް އަންނަމުން ދިޔައެވެ.
****
އެއީ ހުކުރު ދުވަހެކެވެ. ހުކުރުން އައިސް ނަވާޒްއާ އެކު ނިހާން ގެއަށް ނުވަދެ ބޭރުގައި މަޑުކޮށްލީ ދެ މީހުން ސައިކަލުގައި އައި އިރު ޖެހިގެން އޮތް މަގުން އައި ދެ އަންހެން ކުދިން ފެނުމުންނެވެ. އެ ކުދިން އަންނާނީ އެ މަގަށް ކަން އެނގޭތީއެވެ.
ދެތިން މިނަޓް ތެރޭ ޝަނާޒްއާ ޝަބާ އެ މަގަށް އަޅާލިތަން ފެނުނެވެ. ނިހާންމެން ފެނުމުން ޝަނާޒް ރަކި ގޮތަކަށް ހިނިތުން ވެލިއެވެ. ނިހާންވެސް ޝަނާޒްއަށް ހިނިތުންވުމަކުން ޖަވާބު ދީފައި، އެ ދެކުދިން ‘ބްލޫހިލް’ ގެއަށް ވަންނަން ދެން ބަލަން ހުރެފައި ނަވާޒްގެ ކޮނޑުގައި އަތް އަޅުވާލަމުން ގެއަށް ވަނެވެ.
“ދޮންބެ ކަމެއް ސެޓް ކުރަންތަ ތި އުޅެނީ؟” ނިހާންގެ ހަރަކާތްތަކަށް ފަރުވާވެ ބަލަން ހުރި ނަވާޒް ހިނިއައިސްފައި ނިހާންއާ ދިމާ ކޮށްލިއެވެ.
“ޝަޓްއަޕް!” ނަވާޒް ކުރި ސުވާލަށް ޖަވާބެއް ނުދީ ނަވާޒްގެ ބުރަކަށީގައި ޖަހާލާފައި ނިހާން ކުރިން ގޮސް ގޭތެރެއަށް ވަނެވެ.
‘ބްލޫހިލް’ ގެއާ، އެ ނަން ނޭނގޭ އަންހެން ކުއްޖާއާ އޮންނަނީ ކޮން ގުޅުމެއް ބާއޭ ހިތަށް އަރާ ކޮންމެ ފަހަރަކު ނިހާންގެ ހިތް ނުތަނަވަސް ވެގެންދެއެވެ. އެގޭ ދެ ފިރިހެން ކުދިން ތެރޭން ކުއްޖަކާ އެ އަންހެން ކުއްޖާއާ ގުޅުމެއް އޮންނަ ނަމަ އެ ގޮތަށް ނިހާންއަށް އެ އަންހެން ކުއްޖާ ނުބަލާނެ ކަން ޔަގީނެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އެ ކުއްޖާއާ މެދު ޚިޔަލު ކުރެވުން އިތުރު ވަމުން ދިޔުން ވެގެން ދިޔައީ ނޭނގޭ ބިރުވެރި ކަމެއް ނިހާންގެ ހިތަށް ވެރިވަމުން އައި ކަމަކަށެވެ.
ބްލޫހިލްގޭ މީހުންނާ، އެވަރގްރީން ގޭ މީހުންގެ މެދުގައި އޮންނަ ރުޅިވެރި ކަމަކީ ނިހާން ހަނދާން ހުންނަން ފެށީއްސުރެވެސް އޮންނަ ކަމެކެވެ. ރާބިޔާގެ އާއިލާއަކީ މުއްސަނދި އާއިލާއެކެވެ. އެންމެ ދެ ކުދިން ތިބޭ އެ އާއިލާގައި ދެން ހުންނަނީ ރާބިޔާގެ ކޮއްކޮ ރުޝްދާއެވެ. ހަމަ އެހެން ހުޒާމްއަކީވެސް މުއްސަނދި އާއިލާއެއްގެ ހަތަރު ފިރިހެން ކުދިން ތެރެއިން އެކަކެވެ.
ރާބިޔާގެ ކޮއްކޮގެ ކައިވެނި ކުރެވެން އުޅުނީ ހުޒާމްގެ ކޮއްކޮ ހާނިމްއާ އެވެ. އެ ކައިވެނި ކުރެވެން ވަރަށް ކައިރި ވެފައި ވަނިކޮށް ނަޝީލާގެ ކޮއްކޮ ނަޒީދުއާ އެކީ ރުޝްދާ ފިލައިގެން ދިޔައީ އެކަކަށްވެސް ނޭނގިއެވެ. ދެ ދުވަސް ފަހުން ރާބިޔާއަށް ގުޅާފައި، ހާނިމްއާ ކައިވެނި ކުރަން ބޭނުން ނުވާ ކަމާ، ނަޒީދުއާ ކައިވެނި ކުރަން އުޅޭ ވާހަކަ ރުޝްދާ ބުނުމުން ރާބިޔާ އައި ރުޅީގައި ނަޝީލާމެން ގެޔަށް ވަދެ ވަރަށް ހުތުރުކޮށް އެއްޗެހި ކިޔާ ޒުވާބު ކުރިއެވެ. ރުޝްދާގެ ބޮލަށް އެރިގެން މުޅި އާއިލާއާ ރުޝްދާ ވަކި ކުރުވީ ނަޒީދުއޭ ބުނެ ނަޝީލާގެ މުޅި އާއިލާއަށް އެއްޗެހި ކިޔެވެ.
ދާ ތަނެއް ނުބުނެ ނަޒީދު ދިޔަ ނަމަވެސް ނަޝީލާ ކަންބޮޑު ނުވީ ނަޒީދުއަކީ އަކީ އަބަދު ނަޝީލާ ކައިރީގައި ހުންނަ މީހަކަށް ނުވާތީއެވެ. ނަމަވެސް ރާބިޔާ އައިސް އެއްޗެހި ކިޔުމުން ނަޒީދު ކުރި ކަންތައް އެނގުމުން ނަޝީލާވެސް ހުރި ހަމަ އެކަނި ކޮއްކޮ ދެކެ އައީ ރުޅީއެވެ. ފޯނު ކޮށްފައި އެއްޗެހި ކިޔާފައި ދުވަހަކުވެސް ދެން ގުޅުމެއް ބާއްވަން ބޭނުން ނުވާ ކަމަށް ނަޝީލާ ބުނީ، ނަޒީދު ކަންތައް ކުރީ ގޯސްކޮށް ކަމަށް ނަޝީލާ ގަބޫލު ކުރާތީއެވެ. އެހެން މީހަކާ ކައިވެނި ކުރަން ތައްޔާރުވެފައި އިން އަންހެން ކުއްޖަކު ގޮވައިގެން، ގޭ މީހުންނަށް ނާންގާ އެ ގޮތަށް ދިޔުމަކީ ނަޒީދު ކުރި ވަރަށް ގޯސް ކަމެއް ކަމުގައި ބުނަމުންނެވެ.
ނަޒީދުއާ ރުޝްދާ ކައިވެނި ކުރީ އޭގެ ހަފްތާއެއް ފަހުންނެވެ. ކައިވެންޏަށް ފަހުން އެ ދެމަފިރިން ދިރިއުޅެމުން ދިޔައީ ރާއްޖެތެރޭ ރަށެއްގައެވެ. ދެ އާއިލާއިންވެސް އެ ކައިވެންޏާ ނުރުހުމުން އާއިލާއާ ވަކިން އުޅެން ނިންމާފައެވެ. ހަމަސް ފަހުން ރުޝްދާ ބަލިވެ އިން ކަން އެނގުމުން ރާބިޔާއަށް ގުޅާފައި އެ ޚަބަރު ދިނުމުން ރާބިޔާ އެދުނީ، ވިހަން ދެން މާލެއަށް އައިސް ރާބިޔާ ކައިރީ ރުޝްދާގެ ދެމަފިރިންވެސް ތިބުމަށެވެ. ރުޝްދާއާ ކައިވެނި ކުރި ފަހުން އެ ދުވަހު ފުރަތަމަ ފަހަރަށް ނަޒީދު، ނަޝީލާއަށް ގުޅިއެވެ. ދަރިއަކު ލިބެން އުޅޭ ވާހަކަ ބުނުމުން ނަޝީލާ ކޮއްކޮއަށް މާފުކުރިއެވެ. ރުޝްދާ އެދޭ ގޮތަކަށް ކަންތައް ކޮށްދިނުމަށް ބުނެ ނަސޭޙަތް ދިނެވެ. ނަމަވެސް ނަޒީދުއާ ރުޝްދާ މާލެއަށް އައުމަށް ފެށި ދަތުރު ވީ އެ ދެމަފރިންގެ ފަހު ދަތުރަށެވެ. ދިމާވި ހާދިސާގައި ރުޝްދާއާ ނަޒީދުވެސް ނިޔާވީއެވެ.
އެކަންވެސް ރާބިޔާ އެޅުވީ ނަޒީދުގެ ބޮލުގައެވެ. ނަޒީދުއާ ކައިވެނި ނުކުރި ނަމަ ރުޝްދާ މިއަދު ހުރީހީ ގަދަވެ ސަލާމަތުން ރާބިޔާ ކައިރީގައި ކަމަށް ބުނެ، ނަޒީދު ލައްވާ އެ ކަން ކުރުވީ ނަޝީލާއޭ ބުނެ އެއްޗެހި ކިޔެވެ.
އެ ދެ އާއިލާގެ މެދުގައި އެ ކަންތަކަށް ފަހު އެއްވެސް ގުޅުމެއް ނޯވެއެވެ. ރާބިޔާގެ ކަމަކަށް އޮންނަނީ ކިރިޔާ ކަމެއް ދިމާ ވިޔަސް ނަޝީލާއާ ދިމާއަށް އެއްޗެހި ކިޔުމެވެ. ނަޝިލާގެ އާހިލްއާ، ރާބިޔާގެ އިޔާދު ސްކޫލްގައި އުޅުނު އިރު ދިމާވި މައްސަލައެއްގައި ދެ ކުދިންގެ މެދުގައި މައްސަލައެއް ޖެހުމުންވެސް ރާބިޔާ ނަޝީލާމެން ގެޔަށް ވަދެ އެއްޗެހި ކިޔެވެ.
ނުބެލޭ ވަރަށް ދަރިން ހޯދުމުން ކުދިންނަށް އެއްވެސް ރަނގަޅު އާދައެއް ދަސް ނުވާނެ ކަމަށާ، ކުދިން އުޅޭނީ އުޅޭނެ ގޮތަކަށް ކަމަށާ، އިޔާދު ގައިގައި ތަޅައިގަތީ އާހިލް ކަމަށް ބުނެ، ދެވަނަ ފަހަރަށް އެ ފަދަ ކަމެއް ދިމާ ވެއްޖެ ނަމަ މައްސަލަ ޖައްސާނެ ކަމަށް ރާބިޔާ ބުންޏެވެ.
ރާބިޔާގެ އެ ފަދަ އެއްވެސް ވާހަކައަކަށް ނަޝީލާ ޖަވާބެއް ނުދެއެވެ. ކުދިން ބޮޑެތި ވެގެން އައި އިރު ހިސާބުގަނޑުގައި ކުޅޭ ކުޅިވަރުތަކުގައިވެސް އަދި ސްކޫލުގައިވެސް ރާބިޔާގެ ކުދިންނާ ދުރުން އުޅުމަށް ނަޝީލާ ކުދިންނަށް ނަސޭޙަތް ދިނެވެ.
އެ ދެމެދުގައި އަހަރުތަކެއް ވަންދެން އޮތް ރުޅިވެރި ކަމުގައި ފުރަތަމަ ފަހަރަށް ނަޝީލާ، ރާބިޔާއަށް ރައްދުގައި އެއްޗެއް ބުނީ މީހުންގެ ތެރޭ ރާބިޔާ ނަވާޒްއާ ދިމާއަށް އެއްޗެހި ކިޔުމުންނެވެ.
އަވައްޓެރި ގެއަކުން ވައްކަން ކުރި މައްސަލައެއްގައި ފުލުހުން އައިސް ސުވާލު ކުރަން ފެށުމުން ރާބިޔާ އެކަން އެޅުވީ ނަވާޒްގެ ބޮލުގައެވެ. އެކަން ހިނގި ރޭ، އެ ގެއަށް ނަވާޒް ވަންތަން ފެނުނު ކަމަށް ރާބިޔާ ބުންޏެވެ.
އެކަމާ ނަވާޒް ދެކޮޅެއް ނަހަދައެވެ. އެ ގެއަކީ ނަވާޒްގެ ވަރަށް ގާތް އެކުވެރިއެއްގެ ގެއަށް ވާތީ އެއީ އަބަދުވެސް ނަވާޒް ގޮސް އުޅޭ ގެއެކެވެ. ނަޝީލާވެސް އެ ކަމަށް އެއްބަސް ވިއެވެ. ނަމަވެސް ނަވާޒް ވައްކަން ނުކުރާނެ ކަމަށް ނަޝިލާ ބުނި ނަމަވެސް އެ ތުހުމަތުގައި ފުލުހުން ނަވާޒް ގެންދިޔައެވެ.
އެ ދުވަހު ރާބިޔާ ބުނި ބަސްތއް ނަޝީލާ ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ.
“މިއަދު އެކަކު އެ ގެންދިޔައީ ވައްކަން ކޮށްގެން، މާދަމާ އަނެކަކު ގެންދާނެ ތަޅައިގަނެގެން، އަނެއް ދުވަހު ގެންދާނީ ތަނެއްގަ ރޯ ކޯށްލައިގެން ކަންނޭނގެ. ނުބެލޭ ވަރަށް ދަރިން ހޯދީމަ ވާނީ ތިހެން” އެއްވެފައި ތިބި މީހުންތަކު ތެރޭ ހުރެ، އެންމެންނަށް އަޑު އިވޭ ވަރަށް ނަޝީލާގެ ކުދިންގެ ބޮލުގައި ކަންތައް އަޅުވަމުން ދިޔަ އިރު އަމިއްލަ ދަރިފުޅު އުޅޭ ގޮތް ރާބިޔާ ހަނދާން ނެތް ކަހަލައެވެ.
“ނުބުނެ ތި ދޫކޮށްލީ އަމިއްލަ ދަރިފުޅު ކުރާ ކަންތައް ވީމަތަ؟ އެއީ ކުށެއް ނޫން ދޯ؟ އަހަރެންގެ އެއްވެސް ކުއްޖަކު މި ވީހާ ތަނަށް ތި ބުނި ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. ރާބިޔާ ބަލަން ހުންނާތި މަގޭ ނަވާޒް ކުށެއް ނެތް ކަން ސާބިތު ވެގެން ގެންނަ އިރު. މަގޭ ދަރިން ގިނައީ. އެކަމަކު މަގޭ ދަރިންނޭ ކިޔާފަ އެއްވެސް އަޑެއް މި ވީހާ ތަނަށް އިވުނުތަ؟ މިއަދުވެސް ނަވާޒްގެ ބޮލުގަ އެ ކަންތައް އެޅުވީ ރާބިޔާ. އެކަމަކު ރާބިޔާ ހަނދާނެއް ނެތް އަމިއްލަ ދޮށީ ދަރިފުޅު ކުރާ ކަންތަކެއް. މި ހިސާބުގަ ނުހުންނާނެ އަސަދު މަސްތުވާ އެއްޗެހި ބޭނުން ކުރާކަން ނޭނގޭ މީހަކު. އެ ވާހަކަ ދައްކަން ވީނު އަޑު ގަދަ ކޮށްފަ. އެހެން މީހުންގެ ދަރިންނޭ ކިޔައިގެން ވާހަކަ ނުދައްކާ އެންމެ ދެ ދަރިން ތިބި އިރު އެ ކުދިން އުޅޭ ގޮތް ބަލަން ރާބިޔާ އުޅުނިއްޔާ މާ ރަނގަޅު ވާނެހެން އަހަންނަށް ހީ ވަނީ” ދުވަހަކުވެސް މީހެއްގެ ދަރިއަކާ ދިމާއަށް އެއްޗެއް ނުބުނާ ނަޝީލާ އެ ދުވަހު އެންމެން ތެރޭ ރާބިޔާއަށް ބުންޏެވެ.
ނަޝީލާގެ ވާހަކައަށް ޖަވާބެއް ނުދީ ރާބިޔާ ގެއަށް ވަނެވެ. ހަމަ އެރޭ ނަވާޒް ގެޔަށް ގެނައީ ކުށެއް ނެތް ކަން ސާބިތު ވެގެންނެވެ.
އެ އަންހެން ކުއްޖާގެ ނަން ނިހާންއަށް އެނގުނީ މަހެއްހާ ދުވަސް ފަހުންނެވެ. ނަބާހާ ގޮވައިގެން ނަވާޒް ގެޔަށް އައީ އިރު އޮއްސެން އުޅެނިކޮށެވެ. އޮފީހުން ނިހާންވެސް އައީ އެ ވަގުތުއެވެ. ހަމަ އެ ވަގުތު ބްލޫހިލްގޭ ދޮރު ހުޅުވާލާފައި ދެ އަންހެން ކުދިން ނިކުތެވެ. ނިހާންގެ ސަމާލުކަން އެ ކުދިންނަށް ހުއްޓުމާއެކު ނަވާޒް އެ މަންޒަރު ނަބާހާއަށް ދައްކާލިއެވެ.
“ޝަނާޒް…” އެ ކުދިންނާ ދިމާއަށް ބަލާލި ނަބާހާއަށް ބުނެވުނެވެ.
ނުނިމޭ
13 Comments!
Comments are closed.
Salaam all, here’s part 16, part 17 on Thursday, tc ❤️❤️❤️
Vrh vrh reethi
Kiyaahithun kiyan huhtaa
Nimihje
Anehbaiga vaane gothakaa dheythery vrh visnihje
Waiting for the next
Thank u nuhaam, aneh baiga vaa goiy engeyne Thursday ga, ehaa varah nuvisnaathi inge ?
Varah reethi mi part vx….whn nxt….waiting…
Thank u Kairaa, 17 on Thursday
v v v reethi mi bai ves….
masha allah…
when the next part..
Thank u shaanee, 17 on Thursday
Varah reethi????maa sha Allah??? waiting for the next part❤❤❤❤
Thank u Yanaa ❤️❤️
It’s a beautiful story Maasha Allah. ❤️?❤️?❤️?
Thank u nooYas, ❤️
Meege hurihaa part eh kiyamun midhanee hadiyey bunaane hama enme part eh ves nei waiting to next part
Thank u so much Evil queen, so happy that u think so. ❤️