
މިޙަޔާތާ ދުރުނުވޭ (7ވަނަބައި)
“އެއީ ކާކު ކަމެއްވެސް އަހަންނަކަށް ނޭނގެ… އެކަމަކު މާތްﷲ އިރާދަކުރެއްވިއްޔާ ކޮންމެވެސް ގޮތަކުން އަހަރެން އެކުއްޖާ ހޯދާނަން… އަހަރެންގެ ޙަޔާތަށް އެކުއްޖާ ގެންނާނަން….” ނާއިޝް ބުނެލީ ވަރަށް ޔަގީންކަމާއިއެކީގައެވެ.
“އަހަރެންވެސް ބޭނުންވަނީ ދޮންބެއަށް އެކުއްޖާ ލިބެން….” ހިނިތުންވެލަމުން ނަޝާމް ބުނެލިއެވެ.
ޖެހިގެން އައިދުވަހުގެ މެންދުރުގެ ވަގުތެވެ. ގޭގައި އިނދެ އިނދެ ފޫހިވެގެން ނަޝްވާ ހެނދުނު މާލެއައީ އޭނާގެ އެކުވެރި ލުޔޫނާއާއިއެކު ޝޮޕިންގް ކޮށްލުމަށެވެ. ހެނދުނު ދިޔަގޮތަށް މެންދުރުވީއިރުވެސް ދެއެކުވެރިން އެކިފިހާރަތަކަށް ގޮސްހަދަމުން ދިޔައެވެ. އެކި މަޖާ ވާހަކަތައް ދައްކަމުން ގޮސް ގަންނަން ބޭނުންވާ ހުރިހާ އެއްޗެއް ހަމަވުމުން ދެމީހުން މިސްރާބުޖެހީ ވިލިގިލީ ޓާމިނަލްއާއި ދިމާއަށެވެ.
ދެމީހުން ވާހަކައިގައި ތިބެގެން ހިނގައިފައި ދަނިކޮށް ކުއްލިއަކަށް ކުރިމަތިން ސައިކަލެއް ހުރަސްކޮށްލިއެވެ. ނަޝްވާގެ ދެލޯ ބޮޑުވެގެން ދިޔައީ ކުރިމަތީ ހުރަސްކޮށްފައިވާ ސައިކަލްގައި އިން އަޒީމް ފެނުމުންނެވެ. އަތާއި ކަރުގައި އަޅާފައިވާ އެއްޗެހި ގުނާއަދަދު ނުކުރެވޭހާ ގިނައެވެ. ދެއަތުގެވެސް ކޮންމެ އިނގިއްޔެއްގައި އަނގޮޓިއެއް އޮތެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ ކޮނޑާހަމައަށް ދިގުކޮށްފައެވެ. ގަޔަށް ދޫ ކަޅުޓީޝާޓަކާއި އުނަގަނޑަށްވުރެ ތިރީގައި ހުރި ޖިންސްގައި ތަންތަންކޮޅު ކަނޑާފައި ހުއްޓެވެ. ބަލާބެލުމަށް މީންދުވަހަކު ފެންވެރި ވައްތަރެއް ނުޖަހައެވެ. ހިނިތުންވެލައިގެން އިންގޮތުން ކުރިއަށްވުރެ ނުލަފާ ވައްތަރު ޖަހައެވެ. ނަޝްވާ ބިރުންހުރެ ލުޔޫނާގެ އަތުގައި ހިފަހައްޓާލިއެވެ. ލުޔޫނާވެސް ދެލޯ ބޮޑުކޮށްގެން ހުރެ އަޒީމަށް ބަލާލަމުން ދެން ބަލާލީ ނަޝްވާއަށެވެ. އަދި އުނދަގޫގޮތަކަށް ހިންދިރުވާލިއެވެ. އޭނާވެސް ހުރީ ވަރަށް ބިރުގެންފައެވެ.
އަޒީމް ސައިކަލުން ފައިބައިގެން އައިސް ނަޝްވާމެންގެ ކުރިމަތީ މަޑުކޮށްލިއެވެ.
“އޯ ނަޝް ލޯބީ…. ހާދަ ދުވަހެއް ކޮށްލާފައޭ މިދިމާވީ….” އަޒީމް ނަޝްވާގެ މޫނުގައި ފިރުމާލިއެވެ. ނަޝްވާ ބިރުންހުރިނަމަވެސް އަޒީމްގެ އަތް ފޮޅުވާލަމުން އޭނާއަށް ލޯއަޅާލިއެވެ.
“އައްދޭ… ހާދަ ރުޅިއެއް ތިއައީ…. ތިހާރީތި ކުއްޖަކު މޫނު ބަނަކޮށްލައިގެން ހުރީމަ އެހާ ރީއްޗެއް ނޫން… މިރީތި ތުންފަތުން އަބަދު ހިނިތުންވެލައިގެން ހުރެބަލަ….” ނަޝްވާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އަޒީމް މިހެން ބުނުމުން ނަޝްވާގެ ގާތަށް ވަރަށް ރުޅިއައެވެ.
“ޚަބަރުދާރު… ކަލޭގެ ތިމުޑުދާރު އަތުން މަގޭގައިގަ އިނގިލިކުރިވެސް ޖައްސާނުލާތި..!!!” އަޒީމްއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން މިހެން ބުނިއިރު، ގެންފައިވާ ބިރެއްގެ ސަބަބުންނާއި އައިސްފައިވާ ރުޅީގެ ސަބަބުން ނަޝްވާގެ އަޑުގައި ތުރުތުރުލުމެއް އެކުލެވިފައިވެއެވެ.
“އެހެންތަ…؟؟ މިއަތްލީ.. މިއަތްލީ… ކީއްކުރެވޭނީ…؟؟؟” ނަޝްވާގެ މޫނުގައާއި ކަރުގައި އަތްލަމުން ނުލަފާ ވައްތަރަކަށް ހެވިފައި ހުރެ އަޒީމް ބުނެލިއެވެ. ނަޝްވާ އައިރުޅީގައި އަޒީމްގެ ކަންކަށިމަތީ ބާރު އެތިފަހަރެއް އަޅުވާލިއެވެ. ވީތަދުން އަޒީމް އޭނާގެ ކޯތާފަތުގައި ފިރުމާލިއެވެ. އަދި ދެލޯހަނިކޮށްލަމުން ނަޝްވާއަށް ބަލާލީ ނުރައްކާތެރި ނަޒަރަކުންނެވެ. އެނަޒަރުން އެތަކެއް ނުރައްކާތެރި އިންޒާރުތަކެއް ދެމުންދާކަހަލައެވެ. ލުޔޫނާ ދެލޯބޮޑުކޮށްލަމުން ނަޝްވާގެ އަތުގައި ހިފިއިރު ނަޝްވާއަށް ބިރުން ފަހަތަށް ޖެހިލެވުނެވެ.
“ކަލެއަށް އިނގޭތަ ތި ކުޅެވުނީ ކާކާކަން…. އޭނ….” ބާރުއަޑަކުން ހަޅޭލަވައިގަންނަމުން އަޒީމް އަތްނެގީ ނަޝްވާގެ ކަންކަށިމަތީޖެހުމަށެވެ. ދެކަންފަތުގައި އަތްއަޅަމުން ނަޝްވާ ދެލޯމަރާލީ ބިރުންހުރެއެވެ. ލުޔޫނާވެސް މޫނުމަތީ ދެއަތްއެޅިއެވެ. ނަޝްވާ ހީކުރީ އަޒީމް ޖަހާނެކަމަށެވެ. ނަމަވެސް އޭނާ ނުޖެހުމުން ނަޝްވާ ލޯހުޅުވާ ބަލާލިއެވެ. އަޒީމް ޖަހަން ނަގާފައިވާ އަތުގައި އެހެންމީހަކު ހިފަހައްޓައިގެން ހުރިތަންފެނުމުން ނަޝްވާއަށް އެދިމާ ބަލާލެވުނެވެ.
“ޒަޔާން….” އަޒީމްގެ އަތުގައި ހިފަހައްޓައިގެން ހުރި ޒަޔާންފެނުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ނަޝްވާއަށް ޒަޔާންގެ ނަންކިޔާލެވުނެވެ. އަދި ހިމާޔަތް ލިބިގަތިމަށްޓަކައި ޒަޔާންގެ ފުރަގަހަށްވަދެ އޭނާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. ލުޔޫނާވެސް މޫނުން އަތްނަގަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ.
“މިދެމެދަށް ވަންނަން ކަލޭތީ ކާކު…؟؟؟” ޒަޔާންގެ އަތް ފޮޅުވާލަމުން ނުރުހުންވެފައި ހުރެ އަޒީމް ބުނެލިއެވެ.
“އަހަރެންމީ ކޮންމެމީހަކަށްވިޔަސް ކަލެއަށް ކީއް….؟؟ ހަނދާން ކުރާތި…!!! މީގެ ފަހުން ނަޝްވާއާއި ދިމާއަށް ބަލާލިޔަސް އަހަރެންގެ ހުރިވަރު ދައްކާލާނަން…” އަޒީމްއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ޒަޔާން އޭނާއަށް އިންޒާރުދިނެވެ. އޭރު މަގުމަތީ ހިނގާއުޅޭމީހުންނާއި ދުއްވާއެއްޗެހީގައި ދާ މީހުންގެ ލޯތައް އެދިމާއަށް އަމާޒުވަމުން ދިޔައެވެ.
“އަހަރެން އަދި އޭނާގެ ގައިގާ އަތްލާނަން…. އަހަރެންގެ ކަންކަށިމައްޗަށް އެރި ހޫނު އެތިފަހަރުގެ ބަދަލު އަހަރެން ހިފާނަން…” ލޯވަށްކޮށްލަމުން މިހެން ބުނެފައި އަޒީމް އޭނާގެ ސައިކަލަށް އަރާ ދުއްވާލިއެވެ.
އަޒީމް ދިޔުމުން ނަޝްވާ ޒަޔާންގެ ގައިން ދޫކޮށްލިއެވެ. އަދި ދުރަށް ޖެހިލާ ޒަޔާނަށް ބަލާލިއެވެ. އޭރު ޒަޔާންވެސް ހުރީ ނަޝްވާއަށް ބަލަހައްޓައިގެންނެވެ.
“ތޭންކްސް…” އިރުކޮޅަކު ޒަޔާނަށް ބަލަން ހުރެފައި ނަޝްވާ ބުނެލިއެވެ. ޒަޔާން ވަކިއެއްޗެކޭ ނުބުނެއެވެ. އޭނާހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެގޮތަށް އެކަނި މަގުމައްޗަށް ނުކުމެ އުޅެނިކޮށް ނަޝްވާއަށް ގޮތެއްވެއްޖާ އޭނާއަށް ވާނެގޮތެއްވެސް ނޭނގެއެވެ.
“ހިނގާ އަހަރެން ޓާމިނަލްއަށް ގެންގޮސްދޭނަން….” މިހެން ބުނެފައި ޒަޔާންގޮސް ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލިއެވެ. ނަޝްވާއާއި ލުޔޫނާ އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހުގޮސް ކާރަށްއެރިއެވެ.
ޓާމިނަލްއަށް ދިޔައިރު ކާރުތެރޭގައިވަނީ ހަމަހިމޭންކަމެވެ. ނަޝްވާ ކުރިމަތީ އިން ލޯގަނޑުން ޒަޔާންއަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.
“ޒަޔާން ކިހިނެއްވެފަ….؟؟؟؟” ޒަޔާން އެހެން އިނުމުން ނަޝްވާއަކަށް ކަމަކު ނުދިޔައެވެ.
“ނަޝް ނުވާނެ މީގެ ފަހުން ގޭމީހަކުނުލާ މާލެ އައިސްގެނެއް….” ޒަޔާން ވާހަކަދެއްކީ ހިތްހަމަ ނުޖެހިފައި އިނދެ ރުންކުރު ގޮތަކަށެވެ. ޒަޔާން އެހެން ވާހަކަ ދެއްކުމުން ނަޝްވާ ކުޑަކޮށް ހައިރާންވިއެވެ.
“އެކީއްވެ…؟؟؟ އަހަރެން އަންނަ ކޮންމެފަހަރަކު ކިހިނެއް ގޭމީހަކު ގޮވައިގެން އަންނާނީ…؟؟؟” ނަޝްވާ މިހެން ބުނީ ހަމަޖެހިލައިގެން އިނދެއެވެ. ނަޝްވާ މިހެން ބުނުމުން ޒަޔާންގެ ރުޅި އިތުރަށް ގަދަވިއެވެ.
“ދެންމެ ވީކަންތައް އެހާ އަވަހަށް ހަނދާން ނެތުނީތަ…؟؟؟ ކޮންމެ ފަހަރަކު އަހަރެން ނޫނީ އެހެންމީހަކު ނާންނާނެ ނަޝް ސަލާމަތް ކުރާކަށް… ނަޝް ތީ ނުވިސްނޭ ވަރުގެ ކުޑަކުއްޖެއްތަ…؟؟؟” ޒަޔާން ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. ނަޝްވާއާއި ލުޔޫނާ އެކަކު އަނެކަކަށް ބަލާލިއެވެ.
“ޒަޔާން ނަޝްއަށް އަމުރުކުރާއިރު ހީވަނީ ޒަޔާންއަކީ ނަޝްގެ ބޯއިފުރެންޑްހެން….” ހިނިގަނޑެއް ޖަހާލަމުން ލުޔޫނާ މިހެން ބުނުމުން ޒަޔާނަށް ބަލާލެވުނީ ލޯގަނޑުން ފެންނަން އިން ނަޝްވާއަށެވެ. އޭރު ނަޝްވާވެސް އިނީ ޒަޔާނަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވި ވަގުތު ޒަޔާން އަވަސް އަވަހަށް މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ.
ތެދެކެވެ. ނަޝްވާއަށް އަމުރުކުރަން ޒަޔާނަށް އޮތީ ކޮން ހައްގެއް ހެއްޔެވެ. އޭނާ މާ ބޮޑަށް ހާސްވީއެވެ. ދަމުންއެންމެފަހުވަގުތު އަޒީމް ބުނި ޖުމްލައިގެ ސަބަބުން ނަޝްވާއަށް ބޮޑުކަމަކާ ކުރިމަތިލާންޖެހިދާނެތީ ބިރުގަތީއެވެ.
“ކީއްވެ އެއްޗެކޭ ނުބުނީ…؟؟؟” ޒަޔާން އެއްޗެކޭ ނުބުނެ އިނުމުން ލާނެއް ގޮތަކަށް ލުޔޫނާ އަހާލިއެވެ. ޒަޔާން ފުންނޭވާއެއް ދޫކޮށްލިއެވެ.
“އަހަރެން މިކުރަނީ އަމުރެއް ނޫނޭ… އަހަރެން މިބަލަނީ ނަޝްއަށް ވިސްނާދެވޭތޯ…. ނަޝާމްގެ ކޮއްކޮއަށް ވީތީ ނަޝްއަށް ދެރަގޮތެއްވާކަށް އަހަރެން ނޭދެން… އަޑުއެހިންތަ ދަމުން އެމީހާ ބުނިޖުމްލަ…. އޭނަ ނަޝްއަށް ގޮތެއް ހަދާފިއްޔާއޯ…..” ނަޝާމް ވާހަކަ ދެއްކީ ވިސްނާދޭ ރާގަކަށެވެ.
“ތެދެއް ތިބުނީ… އެއަޒީމްގަނޑު ދަމުން އެހެން ބުނީމަ އަހަރެންވެސް ވަރަށް ބިރުގަން… ނަޝް ވަރަށް ބަލައިގެން ދެން އުޅެން ޖެހޭނީ….” ނަޝްވާގެ އަތުގައި ހިފާލަމުން ލުޔޫނާ މިހެން ބުނުމުން ނަޝްވާ ބޯޖަހާލިއެވެ.
ނަޝާމްއިނީ އޮފީހުގައި އެއްޗެއް ޓައިޕްކުރާށެވެ. އެވަގުތު އެތަނަށް ވަދެގެން އައީ އިޖާޒެވެ. އޭނާގެ އަތުގައި ފައިލެއްވެސް އޮތެވެ.
“އޭ ނަޝާމް… ކޮބާތަ ޒަޔާން…؟؟؟” ނަޝާމްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން އިޖާޒު އަހާލިއެވެ.
“އެބަ އަންނަމޭ ކިޔާފަ ދިޔައީ ބޭރަށް….” މަސައްކަތް ނިންމާލުމަށްފަހު ގޮނޑީގައި ލެނގިލަމުން ނަޝާމް ބުނެލިއެވެ.
“އަހަރެމެންގެ ޕްލޭން ކާމިޔާބުވާ ގޮތެއް ނުވިދޯ….” އިޖާޒު ބުނެލިއެވެ.
“ހޫމް އެ ޕްލޭން ކާމިޔާބެއް ނުވި… އެކަމަކު އިޖާ ބަސްޓްކޮށްލެވިއްޖެ… ހާދަ ވަގު ވަގުންނޭ ދޯ އިޖާވެސް އުޅުނީ… އެވަރަކުން އެދަތުރުގެ ޚިޔާލު ދިނީވެސް އަމިއްލަ ފައިދާއަކަށް ދޯ….” ނަޝާމް އިޖާޒާއި ދިމާކޮށްލިއެވެ.
“މުޅިއަކުން އެހެނެއްނޫން…..” ހިނިގަނޑެއް ޖަހާލަމުން އިޖާޒު ބުނެލިއެވެ.
“ދެން ކިހިނެއްތަ ހަދަން ތި ވިސްނަނީ…؟؟؟ އަހަންނަކަށް ހިޔެއް ނުވެ ތިވަރުންދަންޏާ ނަޝާމަށް ލިމް ކާމިޔާބު ކުރެވިދާނެހެން…”
“ތީ އިޖާއަށް ހީވާގޮތް… އަހަރެން ލިމް ކާމިޔާބުކުރާނަން… ބައެއް އަންހެންކުދިން ކާމިޔާބުކުރެވޭނީ ވަރަށް އުދަގުލުން… ދެން އޮތީ ޕްލޭން ބީ… މާތް ﷲ އިރާދަކުރެއްވިއްޔާ މިފަހަރުގެ ޕްލޭން ކާމިޔާބުވާނެ…” ގޮނޑިން ތެދުވަމުން ނަޝާމް ބުނެލިއެވެ.
“ކޮންތާކަށް ތިދަނީ…؟؟؟” ނަޝާމް ހިނގައިގަތުމުން އިޖާޒު އަހާލިއެވެ.
“އަންނާނަން ލިމް ކޮބައިތޯ ބަލާލާފަ…” މިހެން ބުނެފައި ނަޝާމް ދިޔުމުން އިޖާޒު ދެފަރާތަށް ބޯހޫރާލިއެވެ.
ނަޝާމް ލިމްޝާމެންގެ ކެބިންއަށް ދިޔައިރު ލިމްޝާ އިނީ ގޮނޑިގައި ލެނގިލައިގެން ދެލޯމަރާލައިގެންނެވެ.
“ލިމް ކިހިނެއްވެފަ ތިއިނީ…؟؟؟” ލިމްޝާގާތު ހުއްޓިލަމުން ނަޝާމް އަހާލިއެވެ. ލިމްޝާ ދެލޯ ހުޅުވާލަމުން ހިނިތުންވެލިއެވެ. އަދި ގޮނޑީގައި ހަމަޖެހިލިއެވެ.
“ކަމެއް ނުވެ…. ކަމަކުތަ…؟؟؟”
“އަތް ކިހިނެއް މިހާރު….؟؟؟” ނަޝާމް މިހެން އެހުމުން ރަނގަޅޭ ބުނެ ލިމްޝާ އޭނާގެ އަތް ދައްކާލިއެވެ.
“އަހަރެން ވަރަށް ދެރަވި އަހަންނާހެދި ލިމްއަށް ތިހެންވީމަ… އަސްލު އަހަރެން އެގޮތަށް ކަންތައް ކޮށްގެން ނުވާނެ ދޯ…. ސޮރީ….”
“ހޫމް… ތިކަން އެނގިހުރެއެއްނު އިއްޔެ އެހެންހެދީ…”
“ދެން އެހެނެއް ނުވާނެ…” މިހެން ބުނެފައި ނަޝާމް އެތަނުން ދިޔައީއެވެ. ލިމްޝާ ހުރީ ކުޑަކޮށް ހައިރާންވެފައެވެ. މިޔަދު އެހާވަރަށް ނަޝާމް ވާހަކަ ނުދެއްކުމުންނެވެ. ހަމައެކަނި ލިމްޝާގެ ހާލު ބަލާލާފައި ދިޔައީތީއެވެ. އެހެންނޫނީ ނަޝާމް މަސައްކަތް ކުރާނީ ވީހާވެސް ގިނައިން ލިމްޝާއާއި ވާހަކަ ދެއްކޭތޯއެވެ.
އެކެބިންއިން ނަޝާމް ނުކުތްވަގުތަކީ ޒަޔާންއައިސް އޮފީހަށް ވަންވަގުތެވެ. ޒަޔާންގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ.
“ބޭފުޅާ… ކޮންކަމަކާ މާ މޫޑީވެފަ….؟؟؟” ޒަޔާން ނަޝާމްއާއި އަރާ ހަމަވުމުން ނަޝާމްއަހާލިއެވެ. ޒަޔާން މިޔަދު ހިނގާދިޔަ ހާދިސާ ނަޝާމަށް ކިޔާދިނެވެ. ނަޝާމް ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ.
“ދެން ކޮބާ ނަޝްކޮ މިހާރު…؟؟” ދެލޯ ބޮޑުކޮށްލަމުން ނަޝާމް އަހާލިއެވެ.
“އަހަރެން މިއައީ ޓާމިނަލްއަށް ލާފައި… ނަޝާމް އޭނަ އެކަނި އެގޮތަށް ތަންތަނަށް ދިޔަ ނުދެއްޗޭ…” ޒަޔާން މިހެން ބުނުމުން ނަޝާމް ބޯޖަހާލިއެވެ.
އެރޭގެ ރޭގަނޑުގެ ވަގުތެވެ. ނަޝްވާ ހުރީ ލޯގަނޑުކުރިމަތީ ބޮލުގައި ފުނާއަޅާށެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެންއައީ ލުޔޫނާއެވެ.
“ހޫމް.. ތިވަރަށް ތިއްތި ނުވިޔަސް ކަމަނާ ރީއްޗޭ… ކޮންތާކަށް ދާންތަ މާވަރަކަށް ތިއްތިވަނީތި….” އެނދުގައި އިށީންނަމުން ލުޔޫނާ ނަޝްވާއާއި ދިމާކޮށްލިއެވެ.
“ތާކަށް ދާކަށް ނޫޅެމޭ… ތަނަކަށް ނުދިޔަސް ރީތިވެވިދާނެއްނު…” ލުޔޫނާގެ ގާތުގައި އިށީންނަމުން ނަޝްވާ ބުނެލިއެވެ.
“ހޫމް ދެން ވާނީވެސް ތިހެންވިއްޔަ… ތިއްތިދެއްކެން ބޭނުންވާ މީހާ މިގެއަށް އާދޭވިއްޔަ…” ހިނިގަނޑެއް ޖަހާލަމުން ލުޔޫނާ ބުނެލިއެވެ.
“ދެން ލުޔޫ ތިހާ ބާރަށް ނުކިޔަބަލަ… މަންމަމެނަށް އަޑު އިވިދާނެ….” ލުޔޫނާގެ ކޮނޑުގައި ޖަހާލަމުން ނަޝްވާ ބުނެލީ ލުޔޫނާއަށް ލޯއަޅާލަމުންނެވެ.
“އަހަންނަށް ހީވަނީ މިޔަދު ޒަޔާންގެ ރާގުހުރިގޮތުން އޭނަވެސް ނަޝްއާއި ގަޔާވާހެން…. އަމުރުކޮށްލިގޮތުން ހީވަނީ ނަޝްގެ ފިރިމީހާހެން…” ލުޔޫނާ އަނެއްކާވެސް ހިނިގަނޑެއް ޖަހާލިއެވެ. ނަޝްވާ އެއްޗެއް ބުނަން އަނގަ ހުޅުވާލިވަގުތު މީހަކު ދޮރުގައި ޓަކިޖަހާލިއެވެ. ނަޝްވާއާއި ލުޔޫނާ ދޮރާ ދިމާއަށް ބަލާލިއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށްވަނީ ނަޝާމެވެ.
“ނަޝްކޯ… ޒަޔާން ބުނި މިޔަދު ޕާޓޭއެއް ނަޝްކޮއާއި ދިމާކޮށްލައިގެން އުޅުން ވާހަކަ… ކީއްވެ އޭނަ ނަޝްކޮއާއި ދިމާކޮށްލީ…. ނަޝްކޮ ދަންނަ މީހެއްތަ އެއީ..؟؟؟” ޑުރެސިންގް ޓޭބަލްކައރީގައި ހުރި ގޮނޑީގައި އިށީންނަމުން ނަޝާމް ވާހަކަ ދެއްކިއެވެ. ނަޝްވާ ބަލާލީ ލުޔޫނާއަށެވެ.
“އޭނައަށް ކިޔަނީ އަޒީމް… ބޮޑުޕާޓޭއެއް… ސުކޫލްދައުރުއްސުރެ ނަޝްއާއި އަޅާގެންފަ ހުންނަނީ…” އަނގަޔަށް ގޮތެއް ހަދާލަމުން ލުޔޫނާ ބުނެލިއެވެ.
“އެހެންތަ…؟؟ އެހެންވީއިރު ތިމީހަކަށް ވަރަށް ސަމާލުވާން ޖެހޭނެ…. ނަޝްކޮ އެކަނި ބޭރަށް ނުދައްޗޭ…” ނަޝްވާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“ތުއްތޫ….” ނަޝާމް ދާން ހިނގައިގަތުމުން ނަޝްވާ ގޮވާލިއެވެ. ނަޝާމް ފަސްއެނބުރި ބަލާލިއެވެ.
“މިވާހަކަ މަންމަމެންނަށް ނާންގައްޗޭ…. މަންމައަށް އެނގިއްޖާ މަންމަ ވަރަށް ކަންތައް ބޮޑުވާނެ….” ނަޝާމް ހިނިތުންވެލަމުން ބޯޖަހާލުމަށްފަހު ނުކުމެގެން ދިޔައީއެވެ.
ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެވެ. އޮފީސް ބަންދުދުވަހެއްކަމުން ނަޝާމް ދިޔައީ ޒަޔާންމެން ގެއަށެވެ.
“މީދެން ކޮންގަޑިއެއް ބަނޑުދަމަން….” ޒަޔާންގެ ކޮޓަރިއަށް ވަން ނަޝާމް އެނދުމަތީގައި އޮތް ޒަޔާން ފެނުމުން ބުނެލިއެވެ.
“ބަނޑުދެމޭނީ ކައިގެންނު…. އަދި ނުވެސްކަމޭ…” އެނދުމަތިން ތެދުވަމުން ޒަޔާން ބުނެލިއެވެ. “އެހެންތަ..؟؟ އެހެންވީއިރު މާރަނގަޅަކަށްނު މިވީ… މަންމަ މިޔަދު ގުޅާފަ ބުނެފި އަންނަމުން ޒަޔާން ގޮވައިގެން އަންނާށޭ ކާން…އެހެންވެ އަހަރެން މިއައީ ޒަޔާން ބަލާ….”
“އެހެންތަ… ނަޝާމްގެ މަންމަ ދައުވަތު ދީފިއްޔާ ކޮންމެހެންވެސް ދާންވާނެ… މަޑުކޮށްލައްޗޭ…. އަހަރެން އަންނާނަން ފާޚާނާއަށް ވަދެލާފަ…” މިހެން ބުނެފައި ޒަޔާންވަނީ ފާޚާނާއަށެވެ. ނަޝާމް އެނދުމަތީ އިށީންނަމުން ބާލީހެއް ނަގާ އުނގަށްލިޔެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅާގަތީ ބާލީސްދަށުގައި ނުފުށަށް އޮތް ފޮޓޯ ގަނޑެކެވެ. ނަޝާމް އެފޮޓޯގަނޑުނެގިއެވެ.
“މެރުނަސް ދެލޯ… ފެންނަނީ އޭ ކަލާ… ހީވޭ ގާތުގައި ވާހެން ކަލާ….” ނަޝާމް އެފޮޓޯގަނޑުގައިވާ އިބާރާތްކޮޅު ކިޔާލިއެވެ.
“އޫމް…އަހަންނަށް ނޭނގި މީނަވެސް މިއުޅެނީ ކުއްޖަކާ ހިތާވެގެންތާ…” އެލިޔުންކޮޅު ކިޔާލުމަށްފަހު ނަޝާމްގެ ހިތަށް އެރިއެވެ.
އެއަށްފަހު ފޮޓޯގައިވާ ކުއްޖާ ބަލާލުމުގެ ބޭނުމުގައި އަނެއް ފުށަށް ޖަހާލިއެވެ. ނަޝާމަށް ލިބުނު ސިހުމާއިއެކު ކޮޅަށް ތެދުވެވުނީ ފޮޓޯގަނޑުގައިވާ ނަޝްވާ ފެނުމުންނެވެ. އެވަގުތު ޒަޔާން ފާހާނައިން ނުކުތެވެ. ނަޝާމް އަތުގައިވާ ފޮޓޯ ފުރަގަހަށް ލިއެވެ.
“ކިހިނެއްވެފަ ކޮޅަށް ތިހުރީ…؟؟؟ މާބޮޑަށް ބަނޑުހައިވީތަ…؟؟” މަޖާވެފައި ހުރެ ޒަޔާން އަހާލިއެވެ.
“ޒަޔާން މީކޮންކަމެއް….؟؟؟” ނަޝާމް އަތުގައި އޮތް ފޮޓޯގަނޑު ޒަޔާނަށް ދައްކާލަމުން އަހާލިއިރު އޭނާގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ.
ނުނިމޭ
19 Comments!
Comments are closed.
Sorry friends mi part thankolheh kurukoh mi liyevuny
V bxykoh ulhemun mi upp kohly
oww kiyaakan libuni dhww
omg alhe nasham rulhiii ae tha??? ehn nahadhahche.. v v reethi mi baiiii vesssss..
Thanks ummi 🙂
Thanks. Gud
Mi vany kihineh tha? Mihaaru olhen fashaifi………..
Mibai varah reethi maashaa allah
Thanks fary and athoo 🙂
Athoo next part ga olhun filaane. eyrun engeyne aslu evy goi..
Zayaan thalhuvaalan kahneyge e ulheny….. V reethi story….
Eem dhn lim aa nashaam aa dhuru nukohlachey ingey..hope to see another part vv soon.. avaha up kodhechey ingey..
Thanks jiji
Elsa, v balaanan nashaam aa lim aa dhurunukoh veytho. 🙂
Nasham fake jassany zayan hahdhalan…hama yaqeen…eyga dh alhe rulhi anna varuge kameh eba oi tha??…masha allah,story is awesome….kyp going on da same way!
Thanks maee..
varah reethi mivaahaka.. anehbayah inthixaaru kureveny hama.. alhe avahah dhigukoh up kohdhehchey dhen faharaku…
Thanks falak
v salhi…waiting 4 d next part……..
Thanks Reesh 🙂