Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ނުރޮއްވާ… (32)

Raina Level 110 Stories
January 1, 2015 8 Mins Read
11 Comments

ރެއަކީ ޒީޝާނާއި ނިހާގެ ކައިވެނީގެ ރެއެވެ. ކައިވެނި ކުރުން އޮތީ އެރޭ އެގޭގައި ކަމަށްވެފައި ޤާޒީ ކައިވެނީގެ އަހުދު ފަށަން ތައްޔާރު ވި ތަނާ މާޔާ އެތަނަށް އައިސް ޒީޝާނަށް ވަރަށް ބާރަށް ގޮވާލިއެވެ. ޒީޝާން ބަލާލި އިރު މާޔާ ހުރިހާލު ފެނުމުން ބޮޑުކަމެއް ވެއްޖެކަމުގައި ޒީޝާންގެ ސިކުނޑީގެ ކަނަކުން އިންޒާރު ދިނެވެ. ކައިވެނި ކުރަން މޭޒުދޮށުގައި ތިބި އެންމެނަށް ބަލާލަމުން ޒީޝާން ތެދުވިއެވެ. އެވަގުތު ނިހާ ޒީޝާންގެ އަތުގައި ހިފަހައްޓާލީ ކައިވެނީގެ މޭޒު ދޫކޮށްނުދާށޭ ބުނާފަދަ ގޮތަކަށެވެ. އެތަން ފެނި މާޔާ ގާތަށް އައީ ރުޅިއެވެ. އަދި ބާރުބާރަށް ގޮސް ނިހާގެ އަތް ޒީޝާންގެ އަތުން ނައްޓުވާލިއިރު އެ ދެލޮލުން އަލިފާންކަނި ބުރަކަހަލައެވެ. މިވަނީ ކީއްކަން ނޭނގިފައި އެންމެން ތިބީއެވެ. މާޔާ އެވަގުތު އެތަނުން ދުރަށް ގެންދިއުމަށް ހިނގައިގަތް ނަސީރާއި ޒާންއަށް ހުއްޓުން އެރީ، މާޔާ ނިހާގެ އެއް އަތުގައި ހިފާ އިން ގޮނޑިން ނަގާ ބަލަބަލަ ހުއްޓާ މާޔާގެ އަތުގެ ހޫނު އެތިފަހަރެއް ނިހާގެ ކޯތާފަތަށް އަރައިން ދިއުމުންނެވެ.

              ދެވަނަ ފަހަރަށްވެސް މާޔާ ހަމަ އެގޮތަށް ކަންތައް ކުރުމުން ޒާން އަވަހަށް ދުވެލާފައި ގޮސް ނިހާއާއި މާޔާ ދުރުކޮށްލިއެވެ. އަދި ވެގެން އުޅެނީ ކިހިނެއްތޯ ސުވާލު ކޮށްލުމުން މާޔާ ފެށީ ރޯށެވެ. އަދި އާދޭސްކުރާފަދަ ގޮތަކަށް ޒީޝާނަށް ބަލާލަމުން ބުނެލިއެވެ. “ދޮންތަ… ސްޓޮޕް ހާ…” އަދި ނިހާ އަށް ބަލާލަމުން އަނެއްކާވެސް ނިހާއާއި ދިމާއަށްދަމުން ބުނެލިއެވެ. “މީ… މީ ހުރިހާވެސް ނުބައަކީ… މިހުރިހާ ކަމެއްވެސް މިވަނީ މި އަންހެނާއާއި ހެދި…” ޒާން އަނެއްކާވެސް މާޔާ ހިފެހެއްޓިއެވެ. ޒީޝާން މާޔާ ގާތަށް ގޮސް މަޑުމަޑުން އެ ކިޔާ އެއްޗެއް ސާފުވާނެހެން ކިޔައި ދިނުމަށް އެދުނެވެ. އެވަގުތު މާޔާގެ އެއްއަތުގައި އޮތް ކެމެރާ ދައްކާލަމުން މާޔާ ބުންޏެވެ. “ދޮންތަ ގޮއްސި ޒީޝާން… ޕްލީޒް ސްޓޮޕް ހާ. އަހަރެން ބޭނުން މާއާފަށްއެދެން. އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން…” އެހެންބުނެ މާޔާ ކެމެރާ ޒީޝާން އަތަށް ދެމުން އޭގައިން ވީޑީއޯ ބަލާލުމަށް ބުންޏެވެ. “މާހީ ކައިވެނީގެ ކަންކަން ވީޑިއޯ ކުރަމުން ގޮސް ކޮންމެވެސް ކަމަކު ދޮންތަ ކޮޓަރިއަށް ދިޔައީ. ގޮސް ހަނދާންނެތި ދޮންތަގެ ޑްރެސިންގ ޓޭބަލް މަތީ ބާއްވާފަ އައީ… އަހަރެން ދިޔައީ ދެންމެ މާހީ ބުނެގެން ތި ބަލާ… ޕްލޭ އިޓް.”

              ޒީޝާން ވީޑިއޯ ޕްލޭކޮށްލި އިރު ފެނުނީ ރިހާގެ ކޮޓަރި ތެރެއެވެ. ރިހާ އިނީ ކޮޓަރި ތެރޭ އެނދު މަތީގައި ފައިލް އެއް ހިފައިންނެވެ. އިރު ކޮޅަކު އެ ބަލަން އިނދެފައި ރިހާ ދެން ނުކުތީ އެ ފައިލް ހިފައިން ކޮޓަރިން ބޭރަށެވެ. ކުޑަ އިރުކޮޅެއްފަހުން އެނބުރި ކޮޓްރިއަސް އައިއިރު ރިހާގެ އަތުގައި އެ ފައިލްއެއް ނެތެވެ. ރިހާ ކޮޓަރިއަށް އައިސް ވަނުމާއި އެކުހެން ފަހަތުން އައިސް އެ ކޮޓަރިއަށް ވަދެ ދޮރުލެއްޕީ ކައިވެނި ހެދުމުގައި ހުރި ނިހާއެވެ. ދޮރު ލެއްޕިއަޑަށް ރިހާ އެނބުރި ބަލާލިއެވެ. “ނިހާ؟ މިތާ ކީއްތިކުރަނީ؟” ހައިރާންވެފައި ރިހާ އަހާލިއެވެ. އަދި ގަޑި ބަލާލަމުން އޯގާތެރި ކަމާއިއެކު އިތުރަށް ބުންޏެވެ. “ނިހާ… މިރޭ ވަރަށް ރީތި. އެކަމު މިވަގުތު ނިހާ ހުންނަންވާނީ ތިރީގައެއްނު. އެންމެން ތިބޭނެ އިންތިޒާރުގަ…” ރިހާގެ ވާހަކަ މެދުކަނޑާލީ ނިހާއެވެ. “ހޫމް… އެންމެންވެސް އަހަރެންގެ އިންތިޒާރުގަ… ރިހާ! އަހަރެން މިއަދު މިހުރީ ވަރަށް އުފަލުން. އެނގޭތަ ކީއްވެ ކަން؟” ރިހާ ގާތަށް ޖެހިލަމުން މަލާމާތުގެ ރާގެއްގައި ނިހާ ބުނެލިއެވެ. ” ބިކޮޒް މިއަދު އަހަރެންނަށް އަހަރެން ބޭނުންވި ހުރިހާ އެއްޗެއް ލިބުނީ. އެނގޭތަ އަހަރެން ބޭނުންވީ ކޯޗެއްކަން؟… އަހަރެން ބޭނުންވީ ރިހާގެ ހުރިހާ އުފާތަކެއް. އަހަރެން ބޭނުންވީ ރިހާ ނިކަމެތި ކޮށްލަން. ރިހާ އަށް ކިރިޔާވެސް އުފަލެއް ލިބެން އޮތިއްޔާ އަހަރެން ބެލިން އެ މަގެއް ރިހާއަށް ބަންދު ކުރެވޭތޯ. އެހެން އުޅެނިކޮށް އެނގުނީ ޒީޝާނާއި ރިހާގެ ކައިވެނީގެ ވާހަކަ. އަދި އެ ޒީޝާނާއި އެކީ އުޅޭއިރު ރިހާ އުފަލުން ހުންނަ ވަރު. އަހަރެންނަށް އެ ގޮތް ކަމަކުނުދިޔަ. އެހެންވެ އަހަރެން ޖައްސާލީ ކުޑަކުޑަ އެކްޓެއް. މަންމަ ކުރިމަތީގަ. އަހަރެން ޒީޝާން ދެކެ ލޯބިވެއޭ ބުނެ މަންމަ ކުރިމަތީ ކުޑަކޮށް ރޯލީ… ދެން ކަންތައް ވީ ގޮތް އެނގެއެއްނުދޯ؟” ނުލަފާ ގޮތަކަށް ހީލަމުން ރިހާ ގާތު ނިހާ އަހާލިއެވެ.

              “ކީއްވެ…؟” ނިހާ އެ ދެއްކި ވާހަކަތައް ޤަބޫލުކުރަން ދަތިވެފަ ހުރި ރިހާއަށް ބުނެވުނީ އެހާވަރަށެވެ. އޭރު ރިހާއަށް ހުރީ ނިހާގެ ވާހަކަތަކުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ނިހާ އެފަދަ ކެއްސެއް ދީފާނެ ކަމަށް ރިހާ ނުވިސްނައެވެ. ވިސްނާނީވެސް ކިހިނެއް ހެއްޔެވެ؟ އެއީ ރިހާއާއި އެއްމާބަނޑު ކުއްޖެކެވެ. އިތުރަށް އެއްޗެއް ބުނުމުގެ ކުރިން ނިހާ ރުޅިއައިސް ހަޅޭއްލަވައިގަތެވެ. “ކީއްވެ ހެއްޔޭ! އޭނ… ހަމަ ނޭނގެނީތަ ރިހާ ނަސީރު؟!” ނިހާ ރުޅިއައިސް ހުރެ އޭނާ އެހެން ކަންތައް ކުރި ސަބަބު ބުނެދިނެވެ. “އަޑުއަހާ! އަހަރެމެން ދެމީހުން މީ އެއްމާބަނޑު ދެމީހުނެއް ނޫންތަ؟ އަހަރެންވެސް މީ ހަމަ ނަސީރުގެ ދަރިއެއްނޫންތަ؟ މި ޢާއިލާގެ ކުއްޖެއް ނޫންތަ؟ އެކަމު ބަލާބަލަ އަހަރެންނަށް އުޅެން ޖެހުނު ގޮތް… ބަލާލަބަލަ ކަލޭ ދިރިއުޅުން ހުރިގޮތް ރިހާ ނަސީރު، ވިސްނާލަބަލަ. އަހަރެން އެ ހަނާގެ އަޅެއްހެން މުޅި ދިރިއުޅުން ހޭދަކުރި އިރު، ކަލޭ އުޅުނީ މި ގޭގަ ރަސްދަރިކަނބަލެއްހެން. ކިހާ ވޭނެއްގަ އަހަރެން އުޅުނީ. އަހަރެންނަށް ރަގަޅު ތަޢުލީމެއް ނުލިބުނު. ކަލެއަށް ލިބޭހެން ރީތި އާ ހެދުމެއް ލާކަށް އަހަރެންނަކަށް ނުލިބޭ. މީރު ކާއެއްޗެއްސާއި ކައިރީގަ ޙިދުމަތް ކޮށްދޭން ތިބޭ ނޯކަރުންނެއް އަހަރެންގެ ނެތް. އެކަމާއި ހުރެ އަހަންނަށް ލިބުނީ އެންމެންގެ މަލާމާތާއި ފުރައްސާރަ…” މަޒީގެ ހަނދާން އާވުމުން ނިހާގެ ލޮލުން ކަރުނަ ހިލި އަޑު ކުރަކިވުމުން އަނެއްކާވެސް ހިތްވަރު ކޮށްލާފައި ނިހާ ވާހަކަ ދެއްކިއެވެ. “ފުރަތަމަ އަހަރެން މިގެއަށް އައިއިރު އަހަރެން އެއްވެސް ވަރަކަށް ރިހާއަށް ހިތްބުރައެއް ނުކުރަން. އެއީ އޭރު އަހަރެންނަކަށް ނޭނގޭ ރިހާ އުޅުނީ ކިހާ އަރާމު، ފަސޭހަ، މުއްސަނދި ދިރިއުޅުމެއްކަމެއް. އެކަމު ގިނަދުވަސްވީ ވަރަކަށް އަހަރެންނަށް ހުރިހާ އެއްޗެއްވެސް އެނގެން ފެށި. ފެންނުނު ރިހާގެ އުފާވެރި ދިރިއުޅުން. އަދި އަހަރެން އެހުރިހާ ދުވަހު އުޅުނު ނިކަމެތިގޮތް ސިފަވެގެންދިޔަ. ކިހާ ބޭއިންސާފު… އެހެންވެ އަހަރެން ނިންމީ އަހަންނަށް ނުލިބުނު އުފަލެއް ކަލެއަށްވެސް ލިބުނަ ނުދިނުމަށް. ވިސްނިއްޖެތަ ރިހާ ނަސީރު؟” ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ރިހާ ގާތު އެހެން އަހާލިއިރު އަނެއްކާވެސް ނިހާގެ އަޑު ބާރުވެގެން ދިޔައެވެ.

              ނިހާގެ ވާހަކަ އަޑުއަހަން ފެންކަޅިވެ ހުއްޓުން އަރާފައި ހުރި ރިހާ ކުއްލިއަކަށް ހޭންފެށުމުން ނިހާ ހުރީ ހައިރާންވެފައި ބަލަހައްޓައިންނެވެ. ރިހާ މޮޔަވީހޭ ނިހާ މަޑުމަޑުން އަހާލިއެވެ. އެހިސާބުން ހުނުން ހުއްޓާލާފައި ލޮލުގައި ގިނަފެވަ ހުރި ކަރުނަތައް ފޮހެލަމުން ނިހާއާއި ހަތަރުކަޅި ހަމަކޮށްލަމުން ރިހާ ބުނެލިއެވެ. “އާނ… އަހަރެން މުޅި އުމުރު މިހޭދަކުރީ ވަރަށް އުފަލުން. ތެދެއް… އަހަރެން އުޅުނީ އަރާމުގަ. ތަޢުލީމު ލިބުނު. ލާނެ ރީތި ހެދުމާއި ގަހަނާއާއި، މީރު ކާއެއްޗެއްސާއި، މިހެންގޮސް ފައިސާއިން ގަނެވޭނެ އަހަރެން ބޭނުން ކޮންމެ އެއްޗެއް އަހަރެންނަށް ލިބުނު. ލިބިފަ އިތުރުވެސްވި… އެކަމު އެއީއެއްނޫން އަހަރެން ބޭނުންވި އެއްޗަކީ…” އެހިސާބުން އިސަޖަހާލަފައި ދެން އިސްއުފުލާ ނިހާއަށް ބަލާލި އިރު އެ ދެލޮލުގައިވީ ކަރުނައެވެ. “ލޯބި. އަހަރެން ބޭނުންވީ ލޯބި. މަންމަގެ ލޯބި. މަންމައަށް ނިހާ ގެއްލުނު ދުވަހުން ފެށިގެން މަންމަ އަހަރެންނާއި ދިމާއަށް ރުހުމުގެ ލޮލުން ބަލާނުލާކަން އެނގޭތަ… އެވަރުން ނުވެގެން އަހަރެންގެ ބޭބެމެނާއި ކޮއްކޮމެން އަހަރެންނަށް ނަފްރަތުކުރޭ. އަދިއަދަށް ދާންދެންވެސް އަހަރެންނަށް ނޭނގެ އެއީ ކީއްވެކަމެއް. މާހީ ވެސް… މާހީ ވެސް ވަރަށް ފަހަކާއި ޖެހެންދެން ހުރީ އެހެން. އެ މީހުން އަހަރެން އަތުން ކޮންމެވެސް ކަމަކަށް ބޭނުންވުމުން ނޫނީ ނުދަންނާނެ އަހަރެން މީ މިގޭގަ އުޅޭ މީހެއްކަންވެސް… އެހާ ވަރަށް ބާކީވެފަ އަހަރެން ހުރީ މި ޢާއިލާގަ. އެކަމު ނިހާ އައުމުން އަހަރެން ހީކުރީ އަހަރެންނަށް ގެއްލުނު ލޯބި ލިބޭނެކަމަށް. އެކަމު… އެކަމު އެހެނެއް ނުވި. މަންމައަށް ދެންވެސް ފެނުނީ ނިހާ އެކަނި. މަންމަ ނިހާއަށް ލޯބިން ކަންކަން ކޮށްދޭއިރު އަހަރެންގެ ހިތް ރޮއޭ… އެއީ މަންމައަށް އަހަރެން ނުފެންނާތީ… މަންމަ އަހަރެންނަށް އެ ލޯބި ނުދޭތީ…” އެއިރު ރިހާއަށް ހުރި ހަމަ ރަގަޅަށް ވެސް ރޮވިފައެވެ.

              “އަހަރެން ނުބުނަން ނިހާ އުޅުނީ ނިކަމެތި ހާލެއްގައެއް ނޫނޭ. އެކަމު އަހަރެންވެސް އުޅުނީކީ ވަކި އުފަލަކު ނޫން. އެހެންނޫނަސް އެއީ އަހަރެންގެ ކުށަކުން ވީ ކަމެއް ނޫން… އަހަރެން ހަމަ ހައިރާން ވެއްޖެ ނިހާ ތިހާ ދަށު ދަރަޖައަކަށް ވެއްޓުނީތީ…” ލޮލުން ކަރުނަ ފޮހެލާ މީހާ ހަމައަކަށް އެޅުވާލަމުން ރިހާ ކުރިއަށް ގެންދިޔައެވެ. “އަހަރެންނަށް މައްސަލައެއް ނެތް ނިހާ އަހަރެން ގާތުން ބަދަލު ހިފިއަސް. އެކަމު ނިކަން ވިސްނާލަބަލަ ކިތައް މީހުންގެ އިހްސާސްތަކާއި ތޯ ތި ކުޅެވުނީ. ނިކަން ވިސްނާލަބަލަ ކިތައް ދިރިއުޅުމާތޯ ތި ކުޅެވެނީ. ޒީޝާން ދެކެ ލޯބި ނުވާއިރު…” އެ ހުރިހާ އިރު ރިހާ ދެއްކި ވާހަކަ އަޑުއަހަން ހުރި ނިހާ، ރިހާގެ ޖުމްލަ މެދުކަނޑާލިއެވެ. “ޒީޝާން ދެކެ އަހަރެން ލޯބި ނުވިއަސް އެއީ ތި ރިހާގެ މީހަކަށް ވިޔަ ނުދޭނަން… ދެން ތި ދެއްކިހާ ވާހަކަތައް. ހީކުރީތަ އޭގެން އަހަރެންނަށް އަސަރެއް ކުރާނޭ؟ އެ މީހުން ކަލޭ ދެކެ ލޯބި ނުވާތީތަ މުޅި ވިޔަފާރި ކަލޭގެ އަތް މައްޗަށް ދޫ ކޮށްލައިން އެ ތިބެނީ؟ ދެން ހުރޭ ބަލަން ކަލޭގެ ލޮލުގެ ކުރިމަތީގަ ކަލޭގެ ލޯބިވެރިޔާ އަހަރެންގެ މީހަކަށް ހަދާއިރު. އެހެންނޫނަސް މިހާރު ރިހާއަށް މި ކައިވެނި ނު ހުއްޓުވޭނެ…” އެހެން ބުނެ ވިހަ ހިނިތުންވުމެއް ރިހާއަށް ދެމުން ނިހާ އެ ކޮޓަރިން ނުކުމެގެން ދިޔައީ ބޮޑާކަމާއި އެކުއެވެ.

              ނިހާ ނުކުމެގެން ދިއުމުން ރިހާ މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ލައްޕާ ތަންޑުއެޅުވިއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ކޮޓަރީގެ މެދަށް ވާ ކަހަލަ ގޮތަގަށް ހުއްޓި ވަށައިން ނަޒަރު ހިންގާލީ އެ ކޮޓަރީގައިވާ ހުރިހާ އެއްޗެއްވެސް ރިހާއަށް މަލާމާތް ކުރާހެން ހީވުމުންނެވެ. އެއާއި އެކު ރިހާގެ ހިޔާލަށް އައީ ނިހާ ދެންމެ ދެއްކި ވާހަކަތަކެވެ. އަދި އުމުރުގަ މިހާތަނަށް ނަސީމާ ރިހާއާއި މެދު ކަންކޮށްފަ ހުރި ގޮތެވެ. ކަންފަތުގައި ނިހާގެ ވިހަ ބަސްތައް ގުގުމަން ފެށުމުން ރިހާ ދެ ކަންފަތުގައި އަތްއެޅިއިރު ހުރީ ދެ ލޯ މަރާ ތަގުޅިކޮށްގެނެވެ. އެހެން ހުރެފަ ދެން ފެނުނީ ވަރަށް ބާރަށް ހަޅޭލަވައިގެންފައި ގޮސް ޑްރެސިންގ ޓޭބަލް މަތީ ހުރި ހުރިހާ އެއްޗެއް އަތުން ޖަހާ ބުރުވާލިތަނެވެ. އެއާއި އެކު ކެމެރާވެސް ވެއްޓި ޖެހުނީ ތަޅުން މަތީ އަލާފައި އޮތް މަޑު ކާޕެޓް މައްޗަށެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ނުލިބި އޮތުމުން އަދިވެސް ރިހާގެ ހަރަކާތްތައް އޭގަ އިތުރަށް ރެކޯޑް ކުރެވެމުން ދިޔައީއެވެ.ރޮމުން ގިސްލަމުން އެނދުގަ ހުރި ބާލީސް ތަކާއި ސައިޑް ޓޭބަލް މަތީ ހުރި ފޮތްތަކަށް ދާންދެން އަތު ޖެހުނު އެއްޗެއް އެތަން މިތަނަށް އުކަމުން ދިޔައިރު ރިހާ ހީވަނީ މޮޔަވެފަ ހުރިހެންނެވެ. އެންމެ ފަހުން މުށިގަނޑުމައްޗަށް ތިރިވީ ހިތްހަމަޖެހޭވަރު ވުމުން ކަމެއް ނޫނީ ވަރުބަލިވެގެން ކަމެއް ނޭނގެއެވެ. އެއިރު އެ ކޮޓަރިތެރެއަށް ހީވަނީ ތޫފާނެއް އައިސް އޮތް ހެނެވެ. މުޅި ކޮޓަރީގެ ތަރުތީބުވަނީ ގެއްލިފައެވެ.

              އިރުކޮޅަކުން ދެ ލޯ ފުހެލަމުން ތެދުވެ ކޮޓަރި ތެރެއަށް ބަލާލަމުން ރިހާ ހިނގައިގަތީ ތަންކޮޅެއް ދުރުގައި ވެއްޓިފަ އޮތް ފޮތަކާއި ދިމާއަށެވެ. ބަލާލުމެއް ނެތި ފިޔަވަޅު އެޅުނު ގޮތަކުން ރިހާގެ ފައިތިލައަށް ހެރުނީ ލޯގަނޑު ނޫނީ އެތަނުން ބިއްލޫރި ވާސް އެއް ތަޅައިން ދިޔަ އިރު ކޮޓަރިއަށް ބުރައިގެން ދިޔަ މުށީގެ އެތިކޮޅެކެވެ. ވީ ތަދުން ރިހާގެ އަނގައިން ކުޑަ އާހެއް ނުކުތް ނަމަވެސް ހެރުނު ބިއްލޫރި ކޮޅު ނައްޓާލަމުން ގޮސް ފޮތް ނަގާ އެތާ ކައިރިން ގަލަމެއްވެސް ހޯދާލައިން ގޮސް ޑްރެސިން ޓޭބަލް ކައިރީ އިށީނދެ ފެށީ ކޮންމެވެސް އެއްޗެއް ލިޔާށެވެ. ލިޔެނިމުމުން އެ ގަނޑު ކަނޑާލާފައި ފަތްޖަހަމުން ގޮސް ރިހާ ނުކުތީ ކޮޓަރިން ބޭރަށެވެ. އިރު ކޮޅަކުން ކޮޓަރިއަށް އިއިސް ވަތްގޮތަށް ވަރަށް ބަލައިން ހިނގާފައި ދިޔައީ ރިހާގެ ކްލޮޒެޓާއި ދިމާއަށެވެ. ގޮސް ހެދުމެއްނަގައިން ވަނީ ފާޚާނައަށެވެ.

              ފެންވަރާ ތާޒާ ވެލައިން ނުކުމެ އަނެއްކާވެސް ކްލޮޒެޓް ހުޅުވާލާފައި މިފަހަރު ނެގީ ކުރިން ރިހާ ޕެކް ކޮށްފަ ހުރި ފޮއްޓެކެވެ. އަދި އިތުރު ކުޑަ ދަބަހެއް ނަގާ އަލަމާރި ތެރެއިން އިތުރު ދެތިން ހެނދުމާއި އަދިވެސް އިތުރު އެއްޗެހި އަޅާ ބަންދުކޮށްލިއެވެ. އަދި އެނދުމަތީގައި އޮތް އަތް ދަބަސް ނަގާ އެތެރެ ޗެކް ކޮށްލާފައި ކޮނޑުގަ އަޅުވާލިއެވެ. އެއަށްފަހު އަލަމާރި ތެރެއިން ކަކުލާއި ހަމައަށް އަންނަ ވަރުގެ ދިގު ކަޅުކުލައިގެ ކޯޓަކާއި ކަލުކުލައިގެ ކާފް ބޫޓެއްނެގިއެވެ. ބޫޓަށް އެރުމުގެ ކުރިން ރިހާގެ ފައިން ޒަހަމް ވެފައި އިންތަނުގައި ކުޑަ ގޮތަކަށް ބޭސް އަޅާލިއެވެ. އެއަށް ފަހު ބޫޓަށް އަރާ ކޯޓުލައިގެން ފޮއްޓާއި ދަބަސް ދެއަތުން ހިފައިން ގޮސް އެ ކޮޓަރިން ނުކުތެވެ.

              އެހިސާބުން މާޔާ އެކިޔާ އެއްޗެއް ޒީޝާނަށް ވިސްނެންފެށީއެވެ. ރުޅިވެރިކަމާއި އެކު ޒީޝާން ބަލާލީ ނިހާއަށެވެ. އެގޮތަށް އޭނާގެ ކަންތައް ފަޅާއެރުމުން ނިހާއަށް ހަދާނެ އިތުރުގޮތެއް ނޭނގުމުން ކުރިހާވެސް ކަމަކީ އިސްޖަހާލުމެވެ. ޒީޝާން މާޔާ އަތަށް ކެމެރާ ދެމުން ޒީޝާން މިސްރާބު ޖެހީ ދޮރާއި ދިމާއަށެވެ. ޒީޝާނާއި އެކު ޒާން ވެސް ހިނގައިގަތެވެ.

“ޒީޝާން” ޒީޝާން ހުއްޓުނީ ނަސީރު ޒީޝާނަށް ގޮވާލި އަޑު އިވުމުންނެވެ. ޒީޝާން އެނބުރި ބަލާލާފައި ނަސީރު ގާތު ބުނީ އެއްވެސް ވަރަކަށް ހާސްނުވުމަށެވެ. ނަސީރަށް އެނާގެ ދަރިފުޅު އަނބުރާ ގެނެސްދޭނެ ކަމަށް ބުނެ ޒީޝާން އަނެއްކާވެސް ދާން ހިނގައިގަތެވެ. “ރިހާ އަނބުރާ ގެންނާކަށް އަހަރެން ބޭނުމެއް ނޫން ޒީޝާން. ރިހާ ނުހުއްޓުވާ.” ނަސީރު އެހެން ބުނުމާއި އެކު ޒީޝާން ހީވީ ހުރިތަނަށް ގަނޑުވިހެނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. ރިހާ ދެކެ ނަސީރު އެހާ ލޯބިވާ އިރު ރިހާ ހުއްޓުވުން މަނާކުރުމުން ޒީޝާން ހުރީ އެއީ ކީއްވެކަން އޮޅުން ފިލުވަން ބޭނުންވެފައެވެ. އެކަން ޒީޝާން ނަސީރާއި ދިމާއަށް ބަލާލި ގޮތުން ނަސީރު ދެނެގަތެވެ. “އަހަރެން ބޭނުމެއް ނޫން ޒީޝާން، ރިހާ ހުއްޓުވާކަށް. ރިހާ ދިޔަދީ! އެއީ ރިހާ ބެނުންވާ ގޮތް.” ނަސީރު އޭނާގެ ފޯނަށް ދާދި ދެންމެ އަކު އައި މެސެޖް ދައްކާލަމުން ބުންޏެވެ. ޒީޝާން ފޯނުގައި ހިފާ ބަލާލިއިރު އެއީ ރިހާގެ މެސެޖެކެވެ. އެ މެސެޖްގައި ވަނީ ރިހާ ވަރަށް ދުރަށް ދާ ވާހަކައެވެ. އަދި އެއްވެސް މީހަކު ރިހާ ހޯދަން ނޫޅުމަށް އެ މެސެޖްގައި އޮތެވެ. މެސެޖް ކިޔާފަވެސް ޒީޝާން ބޭނުންވީ ރިހާ ހުއްޓުވަން ދާށެވެ. ރިހާ ބޭނުންހާ ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ޒީޝާން ރިހާއަށް ދިނެވެ. ނަމަވެސް މިހާރު ވާވަރު ވެއްޖެއެވެ. އިތުރަށް ރިހާ ބޭނުންހާ ގޮތެއް ހެދުމަށް ޒީޝާން ފުރުސަތު ދީގެން ހުންނާކަށް ޒީޝާން ބޭނުމެއް ނޫނެވެ. އެއީވެސް އަބަދަށްޓަކައި އެންމެން ދޫކޮށް ރިހާ ދާއިރުއެވެ. ޒީޝާން ދޫކޮށްލާފައި ދާއިރުއެވެ. “އަންކަލް… ސޮރީ. މިފަހަރު އަހަރެން ބޭނުން ރިހާ ހުއްޓުވަން. އައިމް ސޮރީ.” އެހެންބުނެ ޒީޝާން ދާން އުޅުމުން ނަސީރު ބުންނެވެ. “ޒީޝާން ހީކުރަނީ އަހަރެން ރިހާ ހުއްޓުވަން ބޭނުން ނުވަނީ ކަމަށްތަ؟ ޒީޝާނަށް ވުރެ ބޮޑަށް އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު އަހަރެން ގާތު ހުންނަން. އެކަމު އެއަށްވުރެ ބޮޑަށް އަހަރެން ބޭނުން ރިހާ އުފަލުގަ ހުންނަން. އުފަލުގަ ނުހުއްޓަސް އެންމެ ކުޑަމިނުން ހަމަޖެހިލައިން ދިރިއުޅެން. އެކަމު މިތާ… މިގޭގަ ހުރެގެން ރިހާއަށް އެ އުފަލެއް، އެ ހަމަޖެހުމެއް ނުލިބޭނެ. އެހެންވެ އަހަރެން މިބުނަނީ ރިހާ ދާން ދޫކޮށްލާށޭ.”

              “ސަރ.” ނަސީރުގެ ވާހަކަ ނިންމާލިތަނާހެން އެގޭގައި އުޅޭ ޑްރައިވަރެއް ކަމަށްވާ ހަސަން އައިސް ނަސީރަށް ގޮވާލިއެވެ. ނަސީރު އެދިމާލަށް ބަލާލުމުން ހަސަން ދިއްކޮށްލީ ފޯނެކެވެ. “މީ ރިހާ މެޑަމްގެ ފޯނު. މެޑަމް ދަމުން ބުނީ މި ފޯނު ސަރ އާއި ހަވާލު ކުރުމަށް. އެއީ މީގެ ގަޑިއެއްހާ އިރު ކުރި. އަޅުގަނޑު ކުރިން ހަނދާން ނެތުނީ ގެނެސްދޭން. މާޢާފްކުރައްވާ.” ހަސަން އެހެން ބުނުމުން ޒީޝާންގެ ސުވާލު ފައްޗެއް ހަސަނަށް އަމާޒުވެގެން ދިޔައެވެ. ރިހާ ދިޔަތަނެއް އެނގޭތޯއާއި ދިޔައީ ކޮންތާކަށްތޯ ޒީޝާން ސުވާލުކޮށްލިއެވެ. ހަސަން ބުނީ ރިހާ ފޮށިތައް ހިފައިން ތިރިއަށް ފައިބާފައި އެދުނީ ބަނދަރަށް ގެންގޮސްދިނުމަށް ކަމަށެވެ. ބަނދަރަށް ދިޔައިރު ކޮމްޕެނީ ލޯންޗު އޮތީ ތައްޔާރަށްކަމަށާއި ވަގުތުން ރިހާ ފުރައިގެން ދިޔައީ އެއާޕޯޓަށްކަމަށް ހަސަން އިތުރަށް ބުންޏެވެ. ނަސީތު ދެން އެންމެ ރަގަޅޭ ބުނެ ހަސަން އެވަގުތު އެތަނުން ފޮނުވާލިއެވެ. ޒީޝާން މާޔޫސްވިއެވެ. މިހާރު ރިހާ ރާއްޖެ ދޫކޮށް ނުދާކަމެއްވެސް ނޭނގެއެވެ.

¶¶¶¶¶¶¶¶¶¶¶¶¶¶¶¶

 

2 އަހަރެއްހާ ދުވަސް ފަސް…

              މެލޭޝިޔާގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގެ މީހުން ދިރިއުޅޭ ހިސާބަށްވުރެ ތަންކޮޅެއް ދުރުގައި ހުރި ބޮޑު ގެއެކެވެ. ބަލާލުމުންވެސް ގޭގެ ވެރިންގެ ޙައިބަތު ރަމްޒުކޮށްދެއެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ގޭގެ ޕޯޓިކޯއަށް މަޑުކޮށްލި ކަޅުކުލައިގެ ކާރުން ފޭބި ޒުވާނާ އަތުކުރީގައި އޮތް އަގުބޮޑު ގަޑިއަށް ބަލާލަމުން އަތުގައި އޮތް ބްރީފްކޭސް ހިފައިން ގޭތެރެއަށް މިސްރާބު ޖެހީ ހަލުވިކަމާއި އެކުއެވެ. ގޭތެރެއަށް ވަންނަތަނުން ފުރަތަމަވެސް ޖެހޭ ބޮޑު ހޯލު ހުރަސްކޮށްލާފަ ސިޑިން އަރައިގެން ދިޔައީ އެވަގުތު ސިޓިން ރޫމްގެ ސޯފާގައި އިށީނދެލައިން ތިބި ޢާއިލާ މެންބަރުން އޭނާ ފެނުމުން ގޮވާލުމުންވެސް އަޅާނުލައެވެ. ސިޑިން އަރައިން ދެތިން ކޮޓަރި ހުރަސް ކޮށްލާފައި ގޮސް ކޮޓަރިއެއްގެ ދޮރު މައްޗަށް މަޑުކޮށްލަމުން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އަދި ޑްރެސިން ޓެބަލް ކުރިމަތީ އެ ޒުވާނާއަށް ފުރަގަސްވާ ގޮތަށް އިށީނދެލައިން ރަތް ކުލައިގެ އަތްދިގު މެކްސީއެއްގައި ރީތިވާން އިން އަންހެން ކުއްޖާއަށް އެ ޒުވާނާ ފުންނަޒަރެއް ދިނެވެ. އަދި މަޑުމަޑުން އެ އަންހެންކުއްޖާއާއި ދިމާލަށް ހިނގައިގަތެވެ. ލޯގަނޑުން އެ ޒުވާނާ އަންނަތަން ފެނިގެން ލޯގަނޑު ކުރިމަތީ އިން ރިހާގެ ތުންފަތަށް ވެރިވެގެން ދިޔައީ ފުން ހިނިތުންވުމެކެވެ. އެ ޒުވާނާ އައިސް ރިހާގެ ފުރަގަހުގައި ހުއްޓި ރިހާއާއި އެއްހަމައަކަށް ގުދުވެލަމުން އަތުގައި އޮތް ރަންމުތުގެ ހާރު ރިހާގެ ކަރުގައި އަޅުވާލަދިނެވެ. އަދި ރިހާގެ ކޮނޑުގައި ބޮސް ދިނެވެ. “މިޝަލް.” ރިހާ މަޑުމަޑުން އެ ޒުވާނާގެ ނަން ކިޔާލިއެވެ. ލޯގަނޑުން ރިހާގެ ސޫރައަށް ބަލާލަމުން މިޝަލް ހިނިތުންވެލަމުން ރިހާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ހެޕީ އެނިވާސަރީ ބޭބީ!” އެއާއި އެކު ރިހާގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.

===(ނުނިމޭ)===

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Raina

Level 110 Stories

Other Articles

Previous

އުމުރަށް އެކީގައި ވާނަމޭ…

Next

މިޙަޔާތާ ދުރުނުވޭ (4ވަނަބައި)

Next
January 4, 2015

މިޙަޔާތާ ދުރުނުވޭ (4ވަނަބައި)

Previews
January 1, 2015

އުމުރަށް އެކީގައި ވާނަމޭ…

11 Comments!

  1. ummi says:
    January 1, 2015 at 10:49 pm

    owww salhiii alhe next part avahah up kohdhybaaa plxxxxxx..v v v reeethi mi bai vesssss

  2. Shadhi says:
    January 1, 2015 at 10:57 pm

    🙁

  3. shooty says:
    January 1, 2015 at 11:21 pm

    Alheyy rainnnn 🙁 kyh thikury?? Sooo sad…. Ekm story hama vv nice 🙂

  4. Nina says:
    January 2, 2015 at 12:15 am

    vaahaka varah reethi, Umeedh kuran anehbai avahah upload kohdheyne kamah 🙂

  5. minte says:
    January 2, 2015 at 9:30 am

    Rain dhen faharakun avahah up koh dhechey
    Please rain I can’t wait

  6. YGB says:
    January 2, 2015 at 10:08 am

    Raina dhen mi story up kohdheyne dhuvas bunedhybala pls! Story varah reethi.

  7. Flower says:
    January 2, 2015 at 2:48 pm

    wow wat a twist………..aneh part avahah up kohdheyn vaane

  8. fan says:
    January 4, 2015 at 6:43 pm

    Koba koba rain? Story kiyaahithun miulheny. Avhah up kohba :*

  9. look says:
    January 6, 2015 at 8:30 pm

    Heenukuraa Kahala gotheh mivee. Ekamakuves thigenai badhal v kamugosfi look ah. Vakah queries vejje. Kondhuvahakuntha Nxt part Rai.
    Pls pls avas.

  10. athoo .. says:
    January 7, 2015 at 12:36 pm

    Happy new year, rain!

  11. flower says:
    January 7, 2015 at 1:34 pm

    kon irakun tha next part…..plz plz plz be fast

Comments are closed.

Next Episodeހިތް ނުރޮއްވާ… (33)←


All Right Reserved!