Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 (32)

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 3, 2020 6 Mins Read
7 Comments

އެއް ހަފްތާ ފަހުން އޮންނަ ކައިވެންނަށް އެންމެންވެސް ފުރިހަމައަށް ތައްޔާރުވަމުން ގެންދިޔައެވެ. ބޭރުގައުމުތަކުގައި އުޅޭ އަހުސަމް އަދި މާއިޒްގެ އެކުވެރި ކުޅުންތެރިން ރާއްޖެ އަންނަމުން ދިޔައެވެ. ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން އެކައިވެންނަށް އަންނަމުން ދިޔައެވެ. އައިރާއާއި ޔާޒްގެ ކައިވެނީގެ ޚަބަރު ނޫހުގައި އަލައިކާ ލިޔުނެވެ. އަހުސަމް އަދި މާއިޒްގެ ސަޕޯޓަރުން އެ ލިޔުން މުޅި ސޯޝަލް މީޑިއާގައި ޝެއާރކޮށް އެދެކުދިންނަށް މަރުހަބާކިއެވެ.

ސޯޝަލް މީޑިއާއިން ފެނުނު ޚަބަރަކުން ޝާރިމްގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އައިރާ އެފަދަ ކަމެއް ކޮށްފާނޭ ޝާރިމްގެ ހިތަކަށް ނާރައެވެ. ޝާރިމް ހީކުރީ އައިރާ އޢނާ ހެދިހާ ގޮތެއް ހެދިގެން އިންނާނެ ކަމަށެވެ. އޭނާގެ ލޯބީގައި އައިރާ ދީވާނާވެފައި ހުރިކަމަށެވެ. ޝާރިމް ވައިބާއިން އައިރާގެ ނަންބަރަށް ގުޅިއެވެ. ނަމަވެސް އޮތީ ބްލޮކްކޮށްލާފައެވެ. ސޯޝަލް މީޑިއާ ހުރިހާ އެކައުންޓަކުންވެސް އައިރާ ހުރީ ޝާރިމް ބްލޮކްކޮށްފައެވެ. ޝާރިމްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަތު ޖެހުނު އެއްޗެއް ވިއްްޔާ ނަގާ ހޫރާލިއެވެ. ފޯނުވެސް ބިންމަތީ ޖެހިޖެހީނުން ފުނޑުފުނޑުކޮށްލިއެވެ. ޝާރިމްގެ ލޯ އަނގުރުގަނޑެއްހާ ރަތެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އަތުގެ ނާރުތައް ފުއްޕާފައި ކަތުރު ކަށިގަނޑު ތެޅެމުން ދިޔައެވެ. މީހާ ހަމައަކަށް އެޅެން ފަސް ވަރަކަށް މިނެޓި ނެގިއެވެ. އޭނާ ބޭނުންވީ އެވަގުތުން އެވަގުތަށް ރާއްޖެދާށެވެ. ބިންމަތީގައި ތަޅައިގެން ގޮއްސައި ފޯނުނަގާ އެ މަސައްކަތް ކުރޭތޯ ބަލަން ފެށިއެވެ. އަމިއްލަ ނަފްސަށް ކުދި ކިޔަމުން ޝާރިމް ކޮޓަރިން ނިކުތީ އޭނާގެ އެކުވެރިޔާ ގޭގައި އުޅޭތޯ ބަލަންށެވެ.

ކައިވެނި އޮތީ ހުކުރު ދުވަހުގެ ރޭގައި ކަމުން ބުރާސްފަތި ދުވަހުގެ ރޭ ރިސޯރޓަށް ދިޔައެވެ. އެ ހަފްތާގައި މެޗެއް ނެތުމުން ޔޫސުފް އަދި އަކްމަލްއަށްވެސް ދެވުނެވެ. އެމިހުންނާ އެކު އަލްޔަސްވެސް ދިޔައެވެ. އަލައިކާ ގާތު އަކްމަލް އަލްޔަސްއާ މެދު ހިތްހަމަޖެހޭކަން އަކްމަލް ހާމަކުރިއެވެ. އިޝްމާވެސް އޭނާވެސް ހިތްހަމަޖެހޭކަން އަލައިކާ ގާތު ބުންޏެވެ. މަންމައާއި ބައްޕަގެ އިތުރަށް އާއިލާގެ ދެންތިބި އެންމެން ވެސް އަލްޔަސްއާއި މެދު ރުހޭކަން އެނގުމުން އަލައިކާ އުފާވިއެވެ. އަލްޔަސްއާއި އޭނާގެ ކައިވެނީގެ ހުވަފެންތައް އަލައިކާއަށް ދެކެވެން ފެށުނެވެ.

އައިރާއާއި ޔާޒްގެ ކައިވެނީގެ ކަންތައްތަކުގެ ސަބަބުން އެކަކުވެސް ޔޫސުފްގެ ހާލު ބަލާކަށް ފަހުން ހަނދާނެއް ނުވިއެވެ. އެކަން ޔޫސުފްއަށް ވީ ނަސީބަކަށެވެ. އެކަކުވެސް އެރެއާ ބެހޭ ގޮތުން ފަހަކުން ސުވާލެއް ނުކުރެއެވެ. އޭނާ އައިރާއާއި ޔާޒްގެ ކައިވެނި އޮތުމުން މަޑުކޮށްލައިގެން ހުރީއެވެ. އޭނާއަކީ އެހާ ފަސޭހައިން ބަލި ގަބޫލު ކުރާނެ މީހެއް ނޫނެވެ. އޭނާއަކީވެސް ލޯބިވެވޭނެ ފަދަ މީހެއްކަން ނަވާރްއަށް ސާބިތުކޮށްދޭނެއެވެ. ކުރީގެ އުޅުން ދޫކޮށްލައި ލޯބީގެ އަގު ވަޒަން ކުރަން އެނގޭ މީހެއްކަން ނަވާރްއަށް އަންގައިދޭނެއެވެ. އޭގެ ފަހުގައި ނަވާރް އޭނާއާއެކީ އުޅެން ބޭނުން ނުވެއްޖެނަމަ އެއީ އޭނާގެ ބަދުނަސީބެވެ. ލޮތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫންކަން ޔޫސުފްއަށް އެނގެއެވެ.

ބާލިސް ދަށުގައި އޮތް ފޯނު އެލާމްވާ އަޑަށް އައިރާއަށް ހޭލެވުނެވެ. ކަންނެއް ކަމާއެކު ފޯނުނަގައި އެލާމް ނިއްވާލިއެވެ. ފޯނުގެ ސްކްރީނަށް ބަލާލިތަނުން ތާރީޚު ފެނުމާއެކު އައިރާ ހިތުގެ ތެޅުން އަވަސްވިއެވެ. ތުންފަތުގައި ދަތް އަޅާލަމުން ރަކި ގޮތަކަށް އައިރާ ހިނިތުންވެލިއެވެ.

ފޯނު އެނދު މައްޗަށް އެއްލާލުމަށްފަހު މޫނުގައި ދެއަތް ޔާޒް އަޅާލިއެވެ. އެ ކައިވެނި ކުރާކަށް އެއްގޮތަކަށްވެސް އޭނާގެ ހިތެއް ނޭދެއެވެ. ކައިވެނި ހުއްޓުވަން އެތައް ފަހަރަކުވެސް ހިތަށް އެރިއެވެ. ނަމަވެސް އައިރާގެ އުފާވެރި މޫނު ފެންނަ ކޮންމެ ފަހަރަކު އެ ޚިޔާލު ސިކުނޑިން ނެރެލެވެއެވެ. އެ މައުސޫމް އަންހެން ކުއްޖާއަށް ދެރައެއްދޭކަށް ނުކެރޭނެއެވެ. ައަަައިރާދެކެ އިޝްޤީ ލޮތްބެއް ނުވެވުނަސް ޔާޒް އައިރާދެކެ ލޯބިވެއެވެ. އައިރާއަށް ދެރަގޮތެއް ވާކަށް ނޭދެވެއެވެ. ޝާރިމްއާއެއްކޮށް އައިރާ އުޅުނު ގޮތް އެންމެ ގާތުން ދުށް މިހަކީ އޭނާއެވެ. އައިރާ ޝާރިމްއާ އެއްކޮށް ރަށްޓެހިވެގެން އުޅުނުއިރުވެސް އުޅުނީ ޝާރިމްގެ އަޅެއްހެންނެވެ. ޝާރިމްއާއެކު ޒަވާޖީ ހަޔާތެއް ފަށައިގެން އައިރާ އުޅޭނީ ކިހިނެއްހެއްޔެވެ. ޔާޒް ބޭނުންވީ ޝާރިމްގެ ނުރައްކަލުން އެންމެ ގާތް އެކުވެރިޔާ ސަލާމަތް ކުރާށެވެ. އެކަން ކުރަން އޭނާއަށް ޚިޔާރު ކުރެވުނީ ނުރަނގަޅު މަގެއްކަން ވިސްނުނީ އަދި ކިރިޔާއެވެ.
“އޭ ބްރޯ ހާދަ އެހެން ގޮތަކަށް؟” ޚިޔާލުތަކުން ޔާޒްއަށް ނުކުމެވުނީ ޔޫސުފް އައިސް ވާހަކަ ދެއްކުމުންނެވެ. ޔޫސުފް ހިނިތުންވެލުމުން ބަދަލުގައި ހިނިތުންވާންވެސް ޔާޒްއަށް ނޭންގުނެވެ. “ބްރޯ ހުރިހާ ކަމެއް ރަނގަޅުތަ؟” ޔާޒްގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރުން ޔޫސުފްއަށް އެހުނެވެ. ޔޫސުފް ގާތު ދޮގު ނުހަދަ ތެދައް ވެގެން އުޅޭ ގޮތް ކިޔައިދޭން ޔާޒް ބޭނުންވިއެވެ. ދެފަރާތަށް ބޯ ހޫރާލާފައި ފުން ނޭވައެއް ދޫކޮށްލިއެވެ.

ަަަހޭލީންސުރެ އަލައިކާ ދިޔައީ އައިރާއާއި ދިމާކުރަމުންނެވެ. އައިރާ ހުންނަނީ ލަދުންގޮސް ހަލާކުވާން ކައިރިވެފައެވެ. އަލައިކާގެ އިތުރަށް އަންޖަލްއާއި އަޝްވާވެސް ދިމާ ކުރިއެވެ.

މާއިޒްއާއި އަހުސަމް އުޅުނީ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި އަވަދިނެތިއެވެ. ދުނިޔޭގެ ނަން މަޝްހޫރު އެތައް ކުޅުންތެރިންނާއި އެމީހުންގެ ދަރިން ހަފްލާގައި ބައިވެރިވުމަށް އައެވެ. އޭގެ ތެރޭގައި މެސީއާއި ރޮނާލްޑޯ އަދި ނޭމާވެސް ހިމެނެއެވެ. އާރާޝްއާއި އަކްމަލްވެސްގެ އިތުރުން އިވާންވެސް މާއިޒްމެންނާއެއްކޮށް އުޅުނެވެ.

އަލައިކާމެންނާ އެއްކޮށް ދީނާ ބޭރަށް ދިއުމުންވެސް ނަވާރް ކޮޓަރީގައި އެކަނި އޮތެވެ. ޔޫސުފް ލޮލަށް ފެންނަ ހިސާބަށް ދާކަށް އޭނާގެ ހިތެއް ނޭދެއެވެ. ޔޫސުފް ފެނިއްޖެނަމަ ހިތް އޭނާގެ ބާރުދަށުން ދޫވެގެން ގޮސްދާނެތީ ނަވާރް ބިރުގަނެއެވެ. ބޭރަށް ނިކުންނަން އެތައް ފަހަރަކު ދީނާ އާދޭސްކުރި ނަމަވެސް ކޮޓަރީ އޮތީ އެހެންވެއެވެ.

އެހެން އެންމެންނާ ވަކިން އަލައިކާއާއި އަލްޔަސް ހިނގާލަން ނުކުތެވެ. ދެ ޒުވާނުން އަތު ގުޅުވައިގެން މީހުން ނެތް ސަރަހައްދުގައި ހިނގަމުން ދިޔައެވެ. ގޮނޑުދޮށަށް ރާޅުބީއްސާ އަޑުން ހިތްތަކަށް ހަމަޖެހުން ގެނެސްދެއެވެ. ތާޒާ ވައި ޖެހެމުން ދިޔައިރު އެތަން ދޫކޮށްފައި ދާން ހިތެއް ނޭދެއެވެ.

އިވާން ކާންބަލާއައުމާއެކު ނުގޮސް ހުންނާކަށް ނަވާރްއަކަށް ނުކެރުނެވެ. އިވާންއާއި އެއްކޮށް ކާތަނަށް ދިޔައިރު އެތަން ފުރިފައި އޮތީ ދުނިޔޭގެ މަޝްހޫރު ތަރިންނާއި އެމީހުންގެ އާއިލާއިންނެވެ. އަލައިކާއާ އެއްކޮށް ދުވަސްކޮޅަކަށް ނަމަވެސް އުޅެވިފައި ވާތީ ބައެއް މީހުން ވަކި ކުރަން ނަވާރްއަށް އިނގުނެވެ.
ބުފޭއިން ކާއެއްޗިހި އަޅައިގެން ނަވާރް ފަހަތަށް އެނބުރުނު ގަޑީގައި ކުރިމަތީ ހުރި ޒުވާނާ ގައިގައި ޖެހިފައި ތަށީގައި ހުރި ކާއެއްޗިިހިގެ އެއްބައި އެ ޒުވާނާ ގަޔަށް އެޅުނެވެ. “އައި އޭމް ސޯ ސޮރީ” އެ ޒުވާނާ ލައިގެން ހުދު ކުލައިގެ ޓީޝާޓްގައި ކާއެއްޗިހިގެ ކުލަ ޖެހިފައި ހުރިތަން ފެނުމުން ނަވާރް މޭޒު މަތީ ތަށި ބަހައްޓައިފައި ޓިޝުލަކާ ފެންފުޅިއެެއް ހިފައިގެން އައިސް ޓީޝާޓް ދޮވެދިނެވެ.
“ތޭންކްސް. އައި އޭމް ޑޭވިޑް ލުކާ!” އެ ޒުވާނާ ނަން ބުނުމާއެކު ނަވާރްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ރަނގަޅަށް ބަލާލެވުނެވެ. “އޯ މައި ގޯޑް ޔޫ އާރ” ނަވާރް އަނގަމަތީ އަތް އަޅާލިއެވެ. އަލައިކާއާއި ދީނާގެ ފަރާތުން އެއީ ކާކުކަން ނަވާރްއަށް ވަނީ އިނގިފައެވެ. އެއީ މިހާރު ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިން ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި ކުރީގެ ތަރި ނޭމާގެ ދޮށީ ދަރިފުޅެވެ. މޮޮޅު ފުޓުބޯޅަ ކުޅުންތެރިއެއްގެ އިތުރަށް ޑޭވިޑްއަކީ ދުނިޔޭގެ އެންމެ ރީތި ދިހަ ފިރިހެނުން ތެރެއިން އެކަކެވެ.
“ހައި އައި އެމް ނަވާރް” ދުރުގައި ހުރި މޭޒުގައި އިން ޔޫސުފްގެ ލޯ އެދެމީހުންނަށް ހުއްޓިފައި ހުރިކަން އިނގި ނަވާރް ޑޭވިޑްއާއި ވާހަކަ އަޅުވާލިއެވެ. ޑޭވިޑްވެސް އެކުވެރިކަމާއެކު ނަވާރްއާއި ވާހަކަ ދެއްކިއެވެ. ނަވާރްއާ އެއްކޮށް ސެލްފީއެއްވެސް ނެގިއެވެ.

ޔޫސުފްގެ ހިތް ހަސަދައިން ރޯވަމުން ދިޔައެވެ. ނަވާރް ގާތް ކަމާއެކު ޑޭވިޑްއާއި ވާހަކަ ދައްކަމުން ދާތީއެވެ. ހީވާނީ ދުވަސްވީ ދެއެކުވެރިން ބައްދަލުވެގެން އުޅޭހެންނެވެ. ޔޫސުފް މޫނަށް ޖައްސަމުން ދިޔަ ވައްތަރު ފެނި ޖެހިގެން ހުރި ގޮނޑީގައި އިން އަލްޔަސް ކިހިނެއްވީތޯ އަހާލިއެވެ. ޔޫސުފް ލޮލުގެ އިޝާރާތުން ޑޭވިޑްއާއި ނަވާރް ދައްކާލިއެވެ. “އޭ ބްރޯ އެއީ ޑޭވިޑް ލުކާތަ؟ ޑޫޑް އެއީ މަގޭ ފޭވަރިޓުން ތެރެއިން އެކަކު. އެބަ އަންނަން އޭނާއާއެކީ ސެލްފީއެއް ނަގާފަ!” ކާން ހުރި ތަށިތަށް ދޫކޮށްފައި އަލްޔަސްވެސް ދިއުމުން ޔޫސުފްގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. އަނގަޔަށް ގޮތެއް ހަދާފައި ކެވޭތޯ ބެލިއެވެ.

އަލްޔަސް ގޮސް ޑޭވިޑް ލުކާއަށް އޭނާގެ އަމިއްލަ ތައާރަފެއް ދިނެވެ. އަދި ޑޭވިޑްއަކީ އޭނާއަށް އެންމެ ކަމުދާ އެއް ކުޅުންތެރިޔާ ކަމަށްވެސް ބުންޏެވެ. ދެމީހުން އެއްކޮށް ސެލްފީއެއް ނަގާފައި އަލްޔަސް އޭނާގެ ސޯޝަލް މިޑިއާ އެކައުންޓްތަކަށް އެސެލްފީ ލިއެވެ.

ޔާޒްއާއި އައިރާ އެކަކު އަނެކަކަށް ނުދައްކަން އަލައިކާއާއި އަންޖަލް އައިރާ ގާތު ވިއްދައިގެން ތިއްބެވެ. އައިރާ ދާހާ ތާކަށް ފަހަތުން ކޮންމެސް އެކަކު އަބަދުވެސް ދެއެވެ.

ޔާޒް ފަހަތުން އެކަކު ނެތް ކަމުގައި ވިއަސް ޔާޒް ބެލީ އައިރާ ނުފެނި އުޅެވޭތޯއެވެ. ގިނަ ވަގުތު އޭނާ ހޭދަކުރީވެސް ކޮޓަރި ތެރޭގައެވެ. މާއިޒްއާއި ނަވްޔާ ދެމީހުން އައިސް ކައިވެންޏާ ބެހޭ ގޮތުން ބޮޑު ފިލާވަޅެއް އޭނާއަށް ނަގައިދިނެވެ. ޔާޒް އަނގައިންވެސް ނުބުނެ އެހުރިހާ ވަގުތު އިސްޖަހައިގެން ހުއްޓެވެ. މާއިޒް އަދި ނަވްޔާ ހިކުރީ އެއީ ޔާޒް ލަދުން އިން ގޮތެއް ކަމަށެވެ.

ލޯގަނޑު ކުރިމަތީ އިން ގޮނޑީގައި އިށީންދެގެން އިން އައިރާ ހީވަނީ ސާދަ ވިލޭރޭގެ ހަނދުހެންނެވެ. ހުދު ކުލައިގެ ބޮޑު ކައިވެނި ހެދުމުގައި އައިރާ ހިވަނީ ރާނީއެއް ހެންނެވެ. ލުއި ގޮތަކަށް މޭކަޕް ކޮށްފައި ހުރުމުން އައިރާގެ އަސްލު ސޫރަ ނުގެއްލެއެވެ. އައިރާ ތައްޔާރުކޮށްދިނުމުގައި ނަވްޔާ އިސްރާ މާނީ އަދި އިޝްމާވެސް ބައިވެރިވިއެވެ. އިސްރާއާއި ނަވްޔާ ބުރުގާ އަޅުވަދިން އިރު މާނީއާއި އިޝްމާ މޭކްޕްކޮށްދިނެވެ. އަށްގަޑި ބައިގައި ކައިވެނި ކުރެވެން އޮތް އިރު އަށެއް ޖެހިއިރު އައިރާ ތައްޔާރުކޮށްދީފިއެވެ.
ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން ހުރި އިސްރާގެ ދެލޯ ކަރުނައިން ފުރެމުން ދިޔައެވެ. އޭނާގެ ދަރިފުޅު ފުރާ ފުރިހަމަވެ އަމިއްލަ ދިރިއުޅުމެއް ފަށަން އެދަނީ ތައްޔާރުވަމުންނެވެ. އެދަރިފުޅަށާ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް އެދި ދުޢާ ކުރެވުނެވެ. “އަހަރުމެންގެ ތެރެއިން އެންމެ ފުރަތަމަ މެރީ ކުރީ އިސްރާއާއި އަހުސަމް އެންޑް މިހާރު އައިރާ އެ މެރީ ކުރަނީ އެންމެ އަވަހަށް ކިހާ ލޯބި” ކުރީގެ ހަނދާނެއް އާކޮށްލަމުން މާނީ ބުނެލިއެވެ. އިޝްމާއާއި ނަވްޔާވެސް އެއީ ތެދެކޭ ކިޔައި އިސްރާއާއި ދިމާކޮށްލިއެވެ. އަހުސަމް ކުއްލިއަކަށް ހުރެފައި ކައިވެނިކޮށް ނިންމާލީއޭ ކިޔައިގެންެނެވެ.

ތައްޔާރުވެ ނިމިގެން ޔާޒް ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ނަފްސަށް ބަލާލިއެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި ޔާޒް ފެންނަނީ ނުހަނު ރަސްމީކޮށެވެ. އެ ރެއަށްޓަކައި އޭނާ ވަނީ ތުނބުލިއާއި އިސްތަށިގަނޑު އެއްވަރަކަށް ކޮށާފައެވެ. ވަގުތު ކައިރިވަމުން ދިޔަވަރަކަށް ޔާޒްގެ މެއަށް ނުބައި ގޮތެއް ވަމުން ދިޔައެވެ. އަދިވެސް ކައިވެނި ހުއްޓުވަން ވަގުތު އެބައޮތް ކަމަށް ސިކުނޑި ތަކުރާރުކޮށް ވިސްނައިދެމުން ދިޔައެވެ.

އެއްކޮށް ދިގުކޮށް ހުރި ކަޅު ހެދުމަކާއެކު ފެހި ކުލައިގެ ޝޯލެއް އަޅައިގެން ނަވާރް ތައްޔާރުވިއެވެ. ދީނާ ތައްޔާރުވެގެން ނިކުތުމާއެކު ނަވާރް އިނީ އެކަންޏެވެ. ތައްޔާރުވެ ހަމަޖެހިލައިގެން ނުކުންނަން އުޅެނިކޮށް ދޮރުގައި ޓަކި ޖެހިއެވެ. އެއްވެސް ވިސްނުމެއް ފިކުރެއް ނެތި ނަަވާރް ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީ ހުއްޓިލައިގެން ހުރި ޔޫސުފް ފެނި ނަވާރްގެ ހިތް ތެޅިލިއެވެ. މަޑު ފެހި ކުލައިގެ އަތްދިގު ގަމީހާއި ކަޅު ކުލައިގެ ސްކިނީ ޖިންސް ޔޫސުފްއާއި ވަރަށް ގުޅެއެވެ. ކުޑަކޮށް ދިގުވެފައި އޮތް އިސްތަށިގަނޑު އޮތީ ޖެލްލައި ތަތްކޮށްފައެވެ.
“އިވާންބޭބެ ބުނީ ނަވާރް ކޮބާތޯ ބަލާލާށޯ. މެރީ ކުރާ ގަޑި ޖެހެނީ އެހެންވެގެން.” ޔޫސުފް އަޅަ އަޅައި ގަންނަމުން ބުންޏެވެ. ނަވާރް ވަކި އެއްޗެެއް ބުނުމެއް ނެތި އެރޭގައި އަރަން ހުރި ފައިވާނަށް އަރައިގެން ނިކުތެވެ. ޔޫސުފް ހިނގައިގަތުމާއެކު ނަވާރްވެސް ފަހަތުން ހިނގައިގަތެވެ.

ކައިވެނި ކުރެވޭ މޭޒު ދޮށުގައި ޔާޒް އިށީންދެގެން އިން އިރު ތެދުވެގެން ދާން އެތައް ފަހަރަކު ހިތަށް އެރިއެވެ. ގަދަކަމުން މޫނު މައްޗަށް ހިނިތުންވުމެއް ވެރި ކުރުވައިގެން ހުއްޓެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ޔާޒް ފުންކޮށް ނޭވާ ލަމުން ގެންދިޔައެވެ. އެހެން ހުއްޓާ އަލްޔަސް އޭނާ އަތުގައި ކޮށްޓާލާއިފައި އަތުން އިޝާރާތްކޮށްލިއެވެ. އަލްޔަސް އިޝާރާތް ކުރި ދިމާއަށް ބަލާލި ޔާޒްއަށް ކަޅި ޖަހަންވެސް ހަނދާންނެތުނެވެ.
އިސްރާއާއި އަހުސަމްއާ އެއްކޮށް ލަސް ހިނގުމެއްގައި އައިރާ އަންނަމުން ދިޔައެވެ. ހުދު ކުލައިގެ ކައިވެނި ހެދުމުގައި އައިރާ ފެންނަމުން ދިޔާއި ޕަރީއެއް ހެންނެވެ. އެފަދަ ރީތިކަމެއް މީގެ ކުރިން ޔާޒްއެއް ނުދެކެއެވެ. އައިރާ ފެނި ޔާޒްގެ ހިތް ވީއްލިގެން ދާން އުޅުނުހެން ހީވިއެވެ. އައިރާ އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީނުމުންވެސް އެހެން ދިމާއަކަށް ބަލަން ނެޭންގިފައި ޔާޒްއަށް ހުރެވުނެވެ.
އެތަނަށް އައިންސުރެ ޔާޒްގެ ލޯ އޭނާއާއި އަމާޒުވެފައި ހުރިކަން އެނގޭތީވެ އިސްއުފުލާލަންވެސް ނުކެރިފައި އައިރާ އިނެވެ. އޭނާގެ ހިތް ނޭންގޭ ބާރު މިނެއްގައި ތެޅެމުން ދިޔައެވެ. ނޭންގޭ ސަބަބަކާ ހުރެ އައިރާގެ ހިތް ބިރު ގަންނަމުން ދިޔައެވެ. ބޭނުން ނުވިއަސް ޝާރިމް މަތިން އައިރާ އެވަގުތު ހަނދާންވިއެވެ. އައިރާ ޝާރިމްއާ ރަށްޓެހިވި ފުރަތަމަ ދުވަހުން ސުރެ އޭނާގެ ކައިވެނީގެ ހުވަފެންތައް ދެކެން ފެށިއެވެ. ދެމީހުން އެކުގައި އެތައް ކަމެއް ރޭވިއެވެ. މިއަދު އައިރާ އެހެރީ ކައިވެނި ކުރަން އައިހެވެ. ތަފާތަކީ ޝާރިމްގެ ބަދަލުގައި އެ ގޮނޑިީގައި އެއިނީ ޔާޒްކަމެވެ.
އައިރާ ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ކޮތާފަތް މައްޗަށް ފައިބައިގެން ދިޔައީ ޔާޒްގެ އަޑުން އަނބި ޤަބޫލުކޮށްފީމޭ ބުނި އަޑު އިވުމުންނެވެ. އުފާވެރި ކަމުގެ ކަރުނަ ކަމެއް ހިތާމައިގެ ކަރުނަކަމެއް އައިރާއަކަށް ނޭންގުނެވެ.
ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ފާޙަނާ – 1

Next

މިނަން ތިހިތުން ފިލުވާލަނީހޭ…10

Next
February 3, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…10

Previews
February 3, 2020

ފާޙަނާ – 1

7 Comments!

  1. Rimy says:
    February 3, 2020 at 11:50 am

    When is next part????

  2. Kairaa says:
    February 3, 2020 at 12:34 pm

    Woww…varah reethi…whn nxt…waiting….

  3. Meekkomee says:
    February 3, 2020 at 12:49 pm

    Woww varah Reethi mi art ves ……..whn is nxt…….. waiting for the next part ?? ly??❤️❤️❤️

  4. Yanaa says:
    February 4, 2020 at 9:35 pm

    Varah furihama…❤❤❤Maa sha Allah???..Waiting for the next part

  5. ☠️ says:
    February 8, 2020 at 10:54 am

    Dheyyyynnnnnn aneh part up kohdheeeeeeeba pleaseeeeeeee❤️❤️??????

  6. Anonymous says:
    February 9, 2020 at 7:42 am

    Aley story Ehaaa lass vaneekeehvetha??Thihen hedheema storyah onna shauguverikan gehleni. Please don’t do that. Ehaa lass nukohbala. This very nice story and you are very talented write. So hope story will aplod soon.???

  7. Xoy says:
    February 9, 2020 at 9:36 pm

    KEEVVE STORY UPLOAD NUKURANEE?? NUVAA NAMAVES INTHIZAARUGA THIBEY KIYUN THERINNAH AGAALAANAMAVES OK DHO. THIHEN HEDHEEMA FOOHI VAANE KIYAA MEEHUN VES. ATLEAT COMMENT AKUN UP VAANR DHUVAS NOONEE NUVAANE VAAHAKA BUNELAAHAA BUSY EH NUVAAN KANNEYGE EHVES MEEHEH

Comments are closed.


All Right Reserved!