ކައިވެނީގެ ހެދުމާއި އެކު ގެއަށް ވަދެވުނު ތަނާ އަހަރެންނަށް ރޮއި ގަނެވުނެވެ. ހިތް މަތީގައި އަތް އަޅައިގެން ގޭގެ ސިޓިންގރޫމުގެ ތަށިމުށިގަނޑު މައްޗަށް އަހަރެން ޖެހިގަތީމެވެ. އަހަރެންގެ ބަދުނަސީބުކަން ހިތަށް އަރާފަ އެވެ. އަހަރެންނަށް ދުނިޔެމަތީގައި ހަމަ އެއްވެސް އުފަލެއް ނެތީބާ އެވެ؟ އަހަރެން ހިތާމަ ކޮށްކޮށް ވަރުބަލި ވެއްޖެ އެވެ. ލޮލުން ކަރުނަ ހުސްވާ ވަރު ވެއްޖެ އެވެ. އަހަރެންގެ ހިތް ރޫޅި ކުދިކުދި ވާއިރު އަހަރެންގެ ހިތާމަތަކުގައި ބައިވެރިވާނެ ހަމަ އެންމެ މީހަކު ވެސް މިދުނިޔެއަކު ނެތެވެ. އަހަރެންގެ އުމުރުން އެންމެ 10 އަހަރުގައި އަހަރެންގެ މައިންބަފައިން ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ. އެދުވަހަށްފަހު އަހަރެން ދިރިއުޅެމުން އައީ އަހަރެންގެ ބޮޑުދައިތަ އާއި އެކުގައެވެ.

ބޮޑުދައިތަގެ ފަރާތުން އަހަރެންނަށް ލިބުނީ ވޭނާއި ކެކުޅުމެވެ. ގެއްލުމާއި ހަލާކެވެ. މައިންބަފައިންގެ ލޯތްބާއި އަޅާލުމާއިއެކު އެކު ދެލޯމަތީގައި އަޅައިގެން ބޮޑުކުރަމުން އައި އަހަރެން، ކުއްލިއަކަށް ބޮޑުދައިތަގެ އަނިޔާވެރިކަމުގެ މުށުގެ ތެރޭގައި ހައްޔަރުވި އެވެ. އެ ހައްޔަރުގައި އަހަރެންނަށް ހާދަ އަނިޔާ އެއް ދިނެވެ. ޖިސްމާނީ އަނިޔާ އާއި ނަފުސާނީ އަނިޔާތަކެވެ. އަދި އެވަރަކުން ނިމުނީ އެއް ނޫންނެވެ. ޖިންސީ އަނިޔާ ވެސް ބޮޑުދައިތަގެ ފަރާތުން އަހަރެންނަށް ލިބުނެވެ. އަންހެންކުއްޖަކަށް ވުރެ އަހަރެން ހޭދަކުރީ އިންސާނަކަށް ބަރުދާސްތުކުރަން ދަތި ދުވަސްތަކެކެވެ.

12 އަހަރު ވަންދެން ބޮޑުދައިތަގެ ފަރާތުން ލިބެމުންދިޔަ ވޭނާއި ކެކުޅުމަށް އަހަރެން ކެތްކުރީމެވެ. ހިތްފަޅައިގެން ދާ ޙާލުގަ އެވެ. މިފަދަ ނިކަމެތި ޙާލެއްގައި އަހަރެން ދުނިޔޭގައި އުޅުނީމެވެ. އެތައްފަހަރަކު އަހަރެން އަމިއްލައަށް މަރުވެދާނަމޭ ވެސް ހިތަށް އެރީމެވެ. އެހެންނަމަވެސް އެކަމުގެ ފާފައިގެ ބޮޑުކަމުން އަހަރެންނަށް ނުކެރުނީ އެވެ. ކުފުރު ޢަމަލެއްގައި ބެދި މި ދުނިޔެއިން ނިމިދާން ބޭނުންނުވީ އެވެ.

އަހަރެންގެ ސިކުނޑި މަޑުމަޑުން އަހަރެންގެ ހިތްދަތި މާޒީގެ ތެރެއަށް ގެނބެމުން ދިޔަ އެވެ.

ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ބާރު ވައިރޯޅިތައް މުޅި ރަށުތެރެއަށް ހަނާ އަޅަމުން ގެންދިޔަ އެވެ. އަހަރެން އާދައިގެމަތިން އިނީ ގޮނޑުދޮށުގެ ރާޅުދޫފަށުގައި އިށީނދެލައިގެންނެވެ. ގޮނޑުދޮށަށް ބީއްސާލާ ބޮޑެތި ރާޅުތަކުން އަހަރެންގެ ހަށިގަނޑު ވަނީ މުޅިން ތެމި ފޯވެފަ އެވެ. އަހަރެން ރާޅުތަކުގެ ގާތުގައި އާދޭސް ކުރީމެވެ. ރާޅާ އެކު އަހަރެން ގޮވައިގެން ދިޔުމަށެވެ. ނޫނީ އަހަރެންގެ މި ހިތްދަތި ދިރިއުޅުން ރާޅާއެކު ބެހިގެން ދިޔުމަށެވެ. އަދި އުފާވެރިކަމުގެ ބިޔަ ބޮޑެތި ރާޅުތަކުން އަހަރެންގެ ޙަޔާތް ރޯޝަންކުރުމަށެވެ.

އަހަރެން ގެއަށް ދާން ހިނގައިގަތީމެވެ. މަޑުމަޑުން ދޮންވެލިގަނޑު ތެރެއިން ފިޔަވަޅު ނަގަމުންނެވެ. އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ކުރިމަތިން ފެނުނު ޒުވާނާގެ ހަރަކާތްތަކުންނެވެ. އެ ޒުވާނާ ވާހަކަދައްކަމުން ގެންދިޔައީ އިޝާރާތުންނެވެ. އެ ޒުވާނާއަކީ މަންމަނެއްކަމުގައި ވިޔަސް މާތް ﷲ ވަނީ އޭނައަށް ވަނީ ވަރަށް ފުރިހަމަ ރީތި ސިފައެއް ދެއްވާފަ އެވެ. އަންހެން ކުދިންގެ ހިތްތައް އެޒުވާނާގެ ފިރިހެންވަންތަ ކަމުން ވެސް ކެކި އުތުރޭނެކަން ކަށަވަރެވެ. އަހަރެންގެ ހިތް އެ ޒުވާނާއަށް އެދެވެން ފެށުނެވެ. ހަަމަ އެންމެ ނަޒަރަކުން އަހަރެންގެ ހިތުގައި ޚާއްޞަ މަޤާމެއް އެ ޒުވާނާއަށް ދެވިއްޖެ އެވެ. އަހަރެންނަށް ދުވަހަކު ވެސް ފިރިހެނެއް ފެނިގެން ނުވާ ފަދަ އިޙުސާސްތަކެއް ކުރެވެން ފެށުނެވެ. އެއީ ކީއްވެ ކަމެއް ޚުދު އަހަރެންނަށްވެސް ނޭނގުނެވެ.

“އައްދޯ..” އަހަރެން ބިންމައްޗަށް ވައްޓާލުމުން ބޭއިޚުތިޔާރުގައި އަހަރެންނަށް ބުނެވުނެވެ.

“ކޮން އައްދޯ އެއް… ކަލޭ މިތާ ޕިކްނިކް ހަދާނެ ކަމެއްނެތް…. ހިނގާ ގެއަށް….” އަހަރެންގެ ބޮޑުދައިތަ އަހަރެން ބިންމަތީ ދަމާފައި ގެންދިޔަ އެވެ. އަހަރެންގެ ނާޒުކު ހަށިގަނޑަށް ހާދަ ތަދެއްވި އެވެ. އެ ހުރިހާ މަންޒަރެއް އެޒުވާނާ ބަލަން ހުރިކަން އަހަރެންނަށް އެނގެ އެވެ. މުޅި އެ ދުވަހުވެސް އަހަރެން ހޭދަކުރީ ރުއިމާއި ހިތާމާގަ އެވެ.

ދުވަސްތައް މިގޮތަށް ފާއިތުވަމުން ދިޔަ އެވެ. ބޮޑުދައިތަގެ އަނިޔާތައް އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ އިތުރުވަމުންނެވެ. އަހަރެންގެ އިއްފަތްތެރި ކަމަކީ އަހަރެންގެ ބޮޑުދައިތަގެ ވިޔަފާރި މުދަލަކަށް ވަނީ ވެފައެވެ. އެތަކެއް ރެއަކު އެތަކެއް ފިރިހެނުންގެ ފަރާތުން އަހަރެންނަށް ޖިންސީ އެތައް އަނިޔާ އެއް ލިބުނެވެ. މިހާރު އަހަރެން ބޭނުން ވަނީ މި އަނިޔާވެރިކަމުން ސަލާމަތް ވާށެވެ. މި ދަންތުރަ އިން އުދުހިގެން ގޮސް މިނިވަން ކަމުގެ އައްސޭރި އަކަށް ދަތުރު ފަށަންށެވެ.

އަހަރެން އިނީ ގޭ ކައިރީ ގައި ހުރި އުނދޯލި އެއް ގައި އިށީނދެގެންނެވެ. އަހަރެންނަށް ކުއްލިއަކަށް ފެނުނީ އަހަރެންގެ ހިތުގެ ތެރޭގައި ރަސްކަން ކުރަމުން ދާ ޒުވާނާ އަހަރެންގެ ގާތަށް އަންނަ ތަނެވެ. ސީދާ އަހަރެންނާއި ދިމާލަށެވެ. އަހަރެންގެ ހިތް ޖެހިލުން ވެ މޭ ތެޅޭ ގޮތްވި އެވެ. އެ ޒުވާނާ އައި ގޮތަށް އަހަރެންނާއި ސަލާމް ކޮށްލި އެވެ. އަދި އަހަރެންގެ ގާތުގައި އިށީނެވެ.

އެ ޒުވާނާ ވާހަކަ ދައްކަން ފެށި އެވެ. އިޝާރާތުންނެވެ. އަހަރެންނަކަށް ހަމަ އެއް ގޮތަކަށް ވެސް އެ ކިޔާ އެއްޗެއް ފަހުމެއް ނުވިއެވެ. އެހެންކަމުން އެ ޒުވާނާ އަހަރެން ގެ ފޯނު ދިނުމަށް އެދުނެވެ. އަހަރެން ފޯނު ދިނުމާއި އެކު އޭނާގެ ނަމްބަރު އަހަރެންގެ ފޯނުގައި ސޭވް ކޮށްލިއެވެ. އަދި މެސެޖުުން އަހަރެމެން ދެމީހުން ވާހަކަ ދައްކަން ފެށި އެވެ. އެ ޒުވާނާގެ ތަޢާރަފެއް އޭނާ އަހަރެންނަށް ދިނެވެ. މެސެޖުގެ ޒަރިއްޔާއިންނެވެ. އެ ޒުވާނާއަށް ކިޔަނީ ހާފިޒެވެ. އުމުރުން 25 އަހަރެވެ.

ދުވަހަކަށް ފަހު ދުވަހެއް ވޭތުވަމުން ދިޔަ އެވެ. އަހަރެމެން ދެ މީހުންގެ ގުޅުން ދިޔައީ ބަދަހި ވަމުންނެވެ. އަހަރެންގެ ހުރިހާ ވާހަކަ އެއް އަހަރެން ހާފިޒަށް ޙިއްޞާ ކުރީމެވެ. ހާފިޒުގެ ވެސް ވަރަށް ގިނަ ކަންތައްތައް އަހަރެންނަށް ކިޔައި ދިނެވެ. ހާފިޒާއި ދިމާވި ފަހުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވި އެވެ. އޭނާ އާއި ވާހަކަ ދައްކާ ކޮންމެ ވަގުތަކީ އުފާވެރިކަން އަހަރެންގެ މޫނު މައްޗަށް ގެނު ވާ ވަގުތެކެވެ.

މިއަދަކީ އަހަރެންގެ އިންތިޒާރަށް ނިމުން އައި ދުވަހެވެ. އަހަރެން ދެކެމުން އައި ހުވަފެނު ގައި ކުލަ ޖެހުނު ދުވަހެވެ. ހާފިޒު އަހަރެންގެ ކިބައިން ކައިވެއްޏަށް އެދުނެވެ. އަހަރެންނަށް ލިބުނު އުފާ އަހަންނަށް ބަޔާން ކުރަން ވެސް ދަތިވި އެވެ. އަހަރެން ހާފިޒު ދެކެ ވަރަށް ލޯބިވެ އެވެ. ވަރަށް ވަރަށް ލޯބިވެ އެވެ. ހާފިޒަކީ ވާހަކަ ނުދެއްކެ ވޭ، އަޑު ނީވޭ މަންމަނަކަސް އަހަރެންގެ ހިތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހާފިޒަށް ދެވުނީ ވަރަށް މާތް މަތިވެރި ލޯތްބެކެވެ.

އަހަރެން ހާފިޒާއި އެކު ހާފިޒުގެ ރަށަށް ބަދަލުވީމެވެ. ބޮޑުދައިތަގެ ނުރުހުމުގައި ފިލައިގެންނެވެ. ކޮންމެ ފަދަ ގޮތަކުން ނަމަވެސް އަހަރެން ބޭނުން ވީ ބޮޑުދައިތަގެ އަނިޔާއިން މިންޖުވާންށެވެ. އިރާދަފުޅުން އަހަރެންނަށް އެކަން ކާމިޔާބު ކުރެވެއްޖެއެވެ. ﷲއަށް ޝުކުރުވެރިވަމެވެ.

ހަވީރުގެ ފިނިފިނި ވައިރޯޅި ވ.ފެލިދޫގެ ރައްޔިތުންނާއި ވަކިވެގެން ދިޔައީ މުޅި ރަށަށް އުފާވެރިކަން ގެނުވަމުންނެވެ. އަހަރެންނާއި ހާފިޒުގެ ކުރެވެން އުޅޭ ކައިވެންޏަށް އުޑު މަތީގައި ފެތުރެމުން ދިޔަ ރަން ރީނދުލުން ފުރިހަމަ ވެފައިވާ ވިލާތައް ވެސް މަރުޚަބާ ކިޔަމުން ދިޔަ އެވެ. ހާފިޒުގެ ގެ ތަފާތު ކުލަތަކުން ދިއްލާ ޖަރީކޮށްފި އެވެ. ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ކައިވެނީގެ ޙަފުލާ ގެ ތައްޔާރީ ތަކުގައި ބައިވެރި ވަމުން ދިޔަ އެވެ. މުޅި ރަށުގެ މީހުން ވެސް ހާފިޒުގެ އާއިލާ އަށް ވަރަށް ޤަދަރު ކުރެއެވެ. އަހަރެންނަށް ވެސް ވަރަށް ރަނގަޅެވެ. ހާފިޒުގެ އާއިލާ އަކީ ހަމަ ނަމޫނާ އާއިލާ އެކެވެ. އަހަރެންދެކެ ވަރަށް ލޯބިވާނެވެ.

ކައިވެނީގެ ހެދުމުގައި އަހަރެން ޒީނަތްތެރި ކޮށްފި އެވެ. މިހާރު އަހަރެންގެ ހިތް ހީވަނީ އުފަލުން އުދުހި ގެން ގޮސް ދާނެހެންނެވެ. އަހަރެން ވަރަށް އުފާވެފައި ހުރެ، މަޑު މަޑުން ކައިވެނީގެ މަޖިލީހަށް ހާޒިރުވީމެވެ. އޭރު ހާފިޒެއް އެތާކު ނެތެވެ.

” ކޮބާ ހާފިޒު…؟ ހާދަ ލަހޭ… ” ޤާޟީ ސުވާލުކުރި އެވެ.

” މަޑު ކުރޭ… އެބަ އަންނަން ހާފިޒު ގޮވައިގެން…” ހާފިޒުގެ މަންމަ ހިނގައިގަތީ ހާފިޒުގެ ކޮޓަރި އާއި ދިމާލަށެވެ.

” މަގޭ ދަރިފުޅާ… ހާފިޒު… “

ކޮޓަރި ތެރެއިން ވަރަށް ބާރަށް ރޮމުން ހާފިޒުގެ މަންމަ ގޮވާލި އަޑު އިވުނެވެ. އަހަރެންނަށް ކުއްލިއަކަށް ދުއްވައި ގަނެ ވުނީ ހާފިޒުގެ ކޮޓަރި އާއި ދިމާލަށެވެ. ފެނުނު މަންޒަރުން އަހަރެންނަށް ހީވީ މީހަކު އަހަރެންގެ ހިތް މަތީގައި މަރުތޭލަ އަކުން ތަޅައި އަހަރެންގެ ހިތް ފިސް ކޮށްލި ހެންނެވެ. ހާފިޒު އޮތީ ކޮޓަރި ތެރެއަށް ވެއްޓިފަ އެވެ.

ހާފިޒަށް ގޮވަމުން އަހަރެންގެ ބަޑި ފަޅައިގެން ދިޔަ އެވެ. ވަގުތުން ހާފިޒު ހޮސްޕިޓަލަށް ގެންދެވުނެވެ.

” ހާޓް އެޓޭކެއް… ހާފިޒުގެ ފުރާނަ އެއް ނެތް….”

ޑޮކްޓަރު އެހެން ބުނުމާއި އެކު އަހަރެންނަށް ވީ ގޮތެއް ވެސް ޚުދު އަހަރެންނަކަށް ވެސް ނޭނގުނެވެ. އަހަރެންނަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. އަޑުން އަޑު ނަގައި އަހަރެން ރުއީމެވެ. އަހަރެންގެ މުޅި ގައި ތުރު ތުރު އަޅަމުން ދިޔަ އެވެ. ނޭފަތުން އެއްވެސް ހިފެހެއްޓުމެއް ނެތި ފެން ފައިބަމުން ދެއެވެ. އެ ފެންތައް ކަރުނަ އާއި އެކުވެ އަހަރެންގެ ދަތްދޮޅިން ތިކި ތިކި ޖަހަމުން ދިޔަ އެވެ. އަހަރެން މުޅި ދުނިޔެއަށް އެކަނިވީ އެވެ. އަހަރެންގެ ފުރާނަ ފަދައިން ލޯބިވި އަހަރެންގެ ލޯބިވެރިޔާ އަހަރެންނާއި ވަކިވެގެން ދިޔައީ ހީވެސް ނުކޮށް ހުއްޓަ އެވެ. އަދި އެހާމެ އަވަހަށެވެ. ހާފިޒުގެ ކަށުކަމާއި ކެމީގެ ކަންތައް ނިމެން ދެން ވެސް އަހަރެން ހާފިޒުގެ ގާތުގައި ހުރީމެވެ. އަހަރެންނަށް މިހާ ބޮޑު ހިތާމަ އަކަށް ކެތްކުރެވޭނެ ބާއެވެ؟
ފުން ޙިޔާލުގެ ތެރެއިން އަހަރެންގެ ސިކުނޑި ކައްސުވާލީ ހާފިޒުގެ މަންމަ “ދަރިފުޅާ” އޭ ކިޔައި، އަހަރެންގެ ގައިގައި ބައްދާލުމުންނެވެ. އަހަރެންނަށް ވެސް “މަންމާ” އޭ ކިޔައި ހާފިޒުގެ މަންމަގެ ގައިގައި ވަރަށް ބާރަށް ބައްދާލެވުނެވެ. މުޅި ތަނުން އިވެމުން ދިޔައީ ރުއިމާއި ގިސްލުމުގެ އަޑެވެ.

މިއަދު އަހަރެންނަށް އަހަރެންގެ ހިތް ހިމޭން ވާން އުޅޭ ހެން ހީވާ ކަހަލަ އެވެ. ހިތް ހުއްޓި މަރު ވެދާނެހެން ވެސް ހީވެ އެވެ. އަހަރެންނާއި ހާފިޒު ވަކިވެގެން ދިޔަސް، އެ ހަނދާންތައް އަހަރެންނާއި އެކު ތާއަބަދު ވާނެއެވެ. އަހަރެންގެ ހިތް ހިމޭން ވިޔަސް އެ ހަނދާންތައް އަހަރެންގެ ހިތުގެ ތެރޭގައި ހިމޭން ވެވިގެން ނުދާނެކަން ޔަޤީންނެވެ.

ނިމުނީ

92

4 Comments

  1. Meekkomee

    November 17, 2019 at 4:50 pm

    Wooww 😍😍😍😍😍 Varah emotional 😭😭😭 varah varah reethi ingyy mi story😭😭😭😭luv this story so much ❤️❤️❤️❤️😘😘😘😘😭😭😭

  2. Reader mee

    November 17, 2019 at 11:26 pm

    👍

  3. Yanaa

    November 18, 2019 at 1:25 pm

    Varah emotional😣😣
    Mi story varah reethi maa sha Allah.😍😍

  4. RASH🌸

    July 10, 2020 at 5:45 pm

    Vv rythi MI vaahaka… RASH ah mivaahaka dhevana faharu vx kiyaalevunu♥️♥️ ehaavx reethi MI vaahaka
    Maasha Allah. Thank you zel Ehaa reethi vaahaka eh genesdhineema ☺️😍😍

Comments are closed.